ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ"އަށް 5 ބޭފުޅުން ހަމަޖައްސަވައި އެ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ޕްރެޒިޑެންޓް އެކްޝަން ކޮމިޓީއަށް ޢައްޔަނުކުރެއްވި ފަސް ބޭފުޅުންނަކީ، މައްޗަންގޯޅި ޑާޗާ ޢަލީ ހާޝިމާއި، މައްޗަންގޯޅި މާދެލި މަޙްމޫދް ރާޟީއާއި، މައްޗަންގޯޅި ކޮށީގޭ ޖުވައިރިޔާ ސަޢީދާއި، ވ. ސިނަމާލެ 4 05-02 އަލްއުސްތާޛާ މަރްޔަމް ރިފްނާއާއި، ގަލޮޅު ކްރީމްގޭ ޒުރުވަތު ޢަބްދުލް މާޖިދުއެވެ.   

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ކޮމިޓީގެ ލަފާ އެމަނިކުފާނު ބޭނުންފުޅުވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ އެކިއެކި މައްސަލަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއަށް ފޮނުއްވާ މައްސަލަތައް ދިރާސާކުރުމާއި އެ މައްސަލަތަކާމެދު އަޅަންވީ ފިޔަވަޅުތަކާއި، އެ މައްސަލަތަކާމެދު ޢަމަލުކުރަން ފެންނަގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާއި، ނިމިދިޔަ ސަރުކާރުގައި ސިޔާސީ ސަބަބަކަށްޓައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާބެހޭ ކަންކަން ނިންމުމުގައްޔާއި، ސަރުކާރަށް ކުރިމަތިވާ މި ނޫންވެސް އެހެނިހެން ކަންތައްތަކުގައި މި ކޮމިޓީގެ ލަފާ ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.