ދައުރު ނޫހުގައި 6 ސެޕްޓެމްބަރު 2026 ގައި އަހުމަދު ނާއިފް ލިޔެފައިވާ "ބުހުތާނު ދޮގެއް: އާމްދަނީގެ %40 މާރުކުރުވަނީ ޓޫރިޒަމާ މަޝްވަރާކޮށްފައި ކަމަށް ބުނުން" ސުރުޚީގެ ޚަބަރުގައި އެވާ ވާހަކަތަކަކީ އަދި ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފްއާމެދު ކުރައްވާފައި އެއޮތް ތުހުމަތަކީ "ރޯބުހުތާނު ދޮގެއް" ކަމުގައި ދަންނަވަމެވެ. އެ ޚަބަރުގައި ކުރައްވާފައިވާ ތުހުމަތަކީ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން އިއްޔެ މީޑިއާއާ ކުރި މުޢާމަލާތުގައި ދެއްކި ވާހަކައިގެ ތެރެއިން، ރިސޯޓްތަކުގެ އާމްދަނީގެ %40 ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރީ، ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކާ މަޝްވަރާކޮށް ދިރާސާކޮށްފައި ކަމަށް ބުނި ބުނުމަކީ ދޮގެއް ކަމަށާއި އަދި "ސަރުކާރުގެ ނިންމުމަކީ ސަޕްރައިޒެއް" ކަމަށެވެ.
ޤާނޫނު ނަންބަރު 2024/32، ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ތަސްދީޤުކުރެއްވުމާއެކު، ޤާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފައެވެ. އަދި ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. ޤާނޫނަށް އައި މިބަދަލާއި އަދި ޖުމުލަގޮތެއްގައި މާލިއްޔަތާގުޅޭގޮތުން މި ގެނެވުނު އިޞްލާޙުތައް އެއް ފަހަރަށްވުރެ ގިނަ ފަހަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާ މަޝްވަރާކުރެވިފައިވެއެވެ. އަދި މަޓީގެ އެކި ވެރިންނާއި ވަކިވަކިންވެސް މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން ބޭއްވުނު އެންމެ ފަހު ބައްދަލުވުމަކީ ފާއިތުވި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު، މަޓީއަށް ދައުވަތުދެވިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސަރުކާރުގެ އިސްވެރިން ވަނީ މަޓީގެ ވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާނާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، ޙަސަން ޒަރީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދާއި ބަންޑާރަނައިބު، އަލްއުސްތާޛު އަޙްމަދު އުޝާމާއި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު، އަޙްމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަޓީން މި ބައްދަލުކުރެއްވުމުގައި ޖުމުލަ 6 ބޭފުޅުން ބައިވެރިވެވަޑައިގަތްއިރު، އެންމެ އިސްބޭފުޅުންގެ ގޮތުގައި ތިއްބެވީ މަޓީގެ ވައިސް ޗެއަރމަނާއި ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްކަން ފާހަގަކުރަމެވެ. އަދި 24 އޮގަސްޓް 2026 ގައި މަޓީން ނެރުނު ޕްރެސް ރިލީޒުންވެސް މި މަޝްވަރާ ބައްދަލުކުރެއްވުމުގައި މަޓީގެ އިސްބޭފުޅުން ބައިވެރިވެފައިވާކަން ހާމަވެއެވެ.
ވީމާ، މަޓީއާ މަޝްވަރާކޮށްފައި ނުވާކަމަށް އެ ވިދާޅުވާ ވިދާޅުވުމަކީ ދޮގެކެވެ. މަޓީއަށް އެކަން ކުއްލި ހައިރާން ކަމަކަށްވީކަމަށް ބުނާ ބުނުމަކީވެސް ދޮގެކެވެ. ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން ހެއްދެވީ "ބުހުތާނު ދޮގެއް" ކަމަށް ވިދާޅުވެފައިވާ ވާހަކައަކީ "ރޯބުހުތާނު ދޮގެއް" ކަމުގައި ދަންނަވަމެވެ.
ބައެއް މީޑިއާތަކަށް މިކަން ސާފުވެފައި ނުވާތީ، ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދަންނަވާލަމެވެ.