ޕާރލޭ ފޯ ދަ އޯޝަންގެ ސީ.އީ.އޯ އަދި އެކުންފުނީގެ ބާނީ މިސްޓަރ ސައިރިލް ގަޓްޗް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސައިރިލް ގަޓްޗް ވަނީ ޕާރލޭ ފޯ ދަ އޯޝަންގެ ތަޢާރަފެއްއަރުވައި، އެކުންފުނީގެ މަސައްކަތްތައް ހިއްސާކުރައްވައި އެކުންފުނިން ދުނިޔޭގެ ކަނޑުތަކަށް ހުރި ނުރައްކާތަކަށް ބަލަމުންދާގޮތް ހުށަހަޅުއްވައިފައެވެ.

ސައިރިލް ގަޓްޗް ވަނީ އޭނާ ދިވެހިރާއްޖެއާ މެދު އުންމީދުކުރައްވާ ގޮތް ހާމަކުރައްވާފައެވެ. އެގޮތުން ރާއްޖެއަކީ ބައިނަލްއަޤުވާމީ މަޝްރަހުގައި މޫސުމަށް އަންނަ ބަދަލުތައްފަދަ ކަންތައްތަކުން ދިމާވާ ގޮންޖެހުންތަކުން ރައްކާތެރިވުމަށް ކުދި ޤައުމުތައް ކުރިއެރުވުމަށް ބާރަކަށް ވެވިދާނެފަދަ ޤާބިލުކަންހުރި ޤައުމެއްކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ބައްދަލުކޮށްލެއްވުމުގައި ސައިރިލް ގަޓްޗް ވަނީ އެބޭފުޅުންގެ މައިގަނޑު މަޤްޞަދުކަމުގައިވާ ޕްލާސްޓިކުން ކަނޑުތައް ރައްކާތެރިކުރުމުގެ ސިޔާސަތު ކަމުގައިވާ 'އެއަރ ސްޓްރެޓަޖީ' އާއިބެހޭ ތަފްޞީލު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވައިފައެވެ..

މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ޕަރލޭ އިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވައި ކަނޑުތައް ރައްކާތެރިކުރުމަށް އިސްނަންގަވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.