ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްޤީ ކުރުމަށްޓަކައި، އެ ދާއިރާއަށް އެކި ރޮނގުތަކުން ތަމްރީން ލިބިފައިވާ މީހުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ހެނދުނު ފޯރ ސީޒަންސް ރިޒޯޓްގައި އޮތް އެ ރިޒޯޓްގެ "އެޕްރެންޓިސްޝިޕް ކްލާސް އޮފް 2009" ގެ ދަސްވެނިމުން ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ފޯރ ސީޒަންސް އިން މިހިންގާ ޕްރޮގްރާމަކީ، ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި، މިއީ ދިވެހި ޓޫރިޒަމް ދާއިރާއަށް ކުރެވޭ ވަރަށް އަގުހުރި ޚިދުމަތެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިސަރުކާރުގެ ތަޢްލީމީ ސިޔާސަތުގެ ދަށުން މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގެވުމުގައި، ސަރުކާރާއި ބައިވެރިވެވަޑައިގެންދެއްވުމަށް ރައީސް ނަޝީދު، ފޯރ ސީޒަންސަށް ދަޢުވަތު އެރުވިއެވެ.
ޓޫރިޒަމް ދާއިރާގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމުގެ މައްޗަށް ބައްލަވާލައްވަމުން، މިފަދަ ތަމްރީން ޕްރޮގްރާމްތަކުގައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރެއްވުމަށާއި، މިކަމުގައި އަންހެނުންނަށް ހިތްވަރު ދެއްވުމަށް ރިޒޯޓްތައް ހިންގަވާ ފަރާތްތަކަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ޚާއްޞަކޮށް ޓޫރިޒަމް ދާއިރާގައި މަސައްކަތްތެރިންނާއި ރިޒޯޓްތައް ހިންގަވާ ފަރާތްތަކާ ދެމެދު ޖެހޭ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން، މިމައްސަލަތައް ހައްލުކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި ލިބޭ އާމްދަނީ އިތުރުކުރުމަށް އޮތް އެންމެ މުހިންމު އަދި އެންމެ ރަނގަޅު ޙައްލަކީ، ތަޢްލީމާއި ތަމްރީނު ހޯދުން ކަމުގައި ވިދާޅުވިއެވެ.

ފޯރ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، 2001 ވަނަ އަހަރު ފެށްޓެވި ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ އެއްއަހަރު ދުވަހަށް ހިންގާ ޕްރޮގްރާމެކެވެ. މިއަދު މިބޭއްވެވި ދަސްވެނިމުމުގެ ޙަފްލާގައި، 18 ދަރިވަރަކު ސެޓްފިކެޓް ޙާޞިލު ކޮށްފައިވެއެވެ. މި ދަރިވަރުންނަށް ސެޓްފިކެޓް ދެއްވީ، ރައީސް މުޙަންމަދު ނަޝީދެވެ.