އެމިރޭޓްސްގައި ގިނަ އަދަދެއްގެ ދިވެހި ފަންނުވެރިން ވަޒީފާ އަދާކުރާ ކުރުމުން ދައްކުވައިދެނީ، ރަނގަޅު ތަޢުލީމާއި ތަމްރީނު ހޯދައިގެން ނުކުންނަ ދިވެހީންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ވަޒީފާތައް ލިބުމުގެ ފުރުޞަތު އޮތްކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫ.އޭ.އީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅެމުންދާ ދިވެހިންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އޭވިއޭޝަން ދާއިރާގެ އެކިއެކި ވަޒީފާތަކުގެ އިތުރުން މުދާ އެކްސްޕޯޓް ކުރުމުގައާއި، ރިޒޯޓް ވަޒީފާތަކުގައާއި، ތައުލީމީ ދާއިރާގައާއި، ފައިވްސްޓާރ ހޮޓާތަކުގައި ވަޒީފާއަދާކުރާ ގިނަ އަދަދެއްގެ ދިވެހިން ޔޫ.އޭ.އީ ގައި ދިރިއުޅެމުން ގެންދާކަން ފާހަގަ ކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މިފަދަ ވަޒީފާތަކުގައި ހަރަކާތްތެރި ވުމަށްޓަކައި ބޭނުންވަނީ ކެރުމާއި ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިއިރު، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެފައި ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ ޤާނޫނީ ހަމަތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ހަމަޔާއި އިންޞާފަށް ބޯލަނބާ ކޮންމެ ޤައުމަކާއެކު ގުޅުން ދެމެހެއްޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، އެމިރޭޓްސް ސަރުކާރުން ރާއްޖެއާމެދު ދެކެނީ، ވަރަށް ގާތް އެއްބަނޑުއެއްބަފާ ޤައުމެއްގެ ގޮތުގައި ކަމުގައި ބަޔާން ކުރައްވައި، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ދިވެހީންނަށް 30 ދުވަހުގެ އޮންއެރައިވަލް ވިސާ ހަމަޖައްސަވައިދެއްވިކަމީ، އެކަމުގެ ހެތްކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤަލްފުގެ އެހެން ޤައުމުތަކުންވެސް އެ ލުއިފަސޭހަކަން ލިބޭތޯ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ޔޫ.އޭ.އީގެ ވަލީއަހުދު އަދި ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒާޔިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، "ޒާޔިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެޤައުމަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅެކެވެ.