بســم اللّـه الرّحمـن الرّحيــم

 

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން. 

 

 މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އެމިރޭޓްސްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑޮކްޓަރ ޙުސައިން ނިޔާޒް، ދިވެހި އެމްބަސީގެ އިސް ބޭފުޅުން،މިޤައުމުގެ އެކި އެމިރޭޓްތަކުގައި ދިރިއުޅުއްވާ ލޮބުވެތި ދިވެހި ރައްޔިތުން، ހާޒިރުވެ ތިއްބެވި އެންމެހައި ބޭފުޅުން؛

 

السّلام عليــكم ورحـمــة اللّـه وبـركاتـه.

 

 މިޤައުމަށް އަޅުގަނޑު ކުރާ މިދަތުރުގައި، ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތެއް ލިބުނުކަމީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ހަމައެހެންމެ، އަޅުގަނޑާ ބައްދަލުކޮށްލުމަށް، ދުރު ތަންތަނުން ދަތުރުކުރައްވާފައި، ތިޔަބޭފުޅުން ވަޑައިގަތްކަމަށްޓަކައި، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

 

އަޅުގަނޑަށް އެނގިފައި އޮތް ގޮތުންނަމަ، ބޭރު ޤައުމުތަކުގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހިންނާ އަޅައިބަލާއިރު، އެމިރޭޓްސްގައި ދިރިއުޅުއްވާ ދިވެހީންނަކީ ވަރަށް ތަފާތު ބޭފުޅުންތަކެއް. އަދި އެހާމެ ޚާއްޞަ ބޭފުޅުންތަކެއްވެސްމެ.

 

އެންމެ ގިނައިން ދިވެހިން ބޭރު ޤައުމުތަކަށް ގޮސް އުޅެނީ، ބޭސްފަރުވާގެ ކަންކަމަށާއި، ދަރީންނަށް ތަޢުލީމު ހޯދައިދިނުމަށް. އަދި ވިޔަފާރިއާ ގުޅޭ އެކި ކަންކަމުގައި. މިއާ ޚިލާފަށް ތިބޭފުޅުންގެ ތެރޭގައި ގިނައިން ތިއްބެވީ، ތަފާތު ފަންނީ ދާއިރާތަކުގައި މި ޤައުމުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންނާއި އެބޭފުޅުންގެ ޢާއިލާތައް.

 

ތިޔަބޭފުޅުންގެ ތެރޭގައި އޭވިއޭޝަން ދާއިރާގެ ތަފާތު ހުނަރުވެރިން އެބަތިއްބެވި. އޭގެ ތެރޭގައި އިއްތިހާދު އެއަރވޭޒް، ފުލައި ދުބާއީ އަދި އެމިރޭޓްސް ފަދަ ނަން މަޝްހޫރު އެއަރލައިންތަކުގައި މަސައްކަތް ކުރައްވާ ޕައިލެޓުން އެބަ ތިއްބެވި. އެއަރ ކްރާފްޓް އިންޖިނޭރުންނާއި މެކޭނިކުންވެސް އެބަތިއްބެވި.

 

އެމިރޭޓްސްގައި ދިވެހީން ވަޒީފާ އަދާކުރާ އެހެން ދާއިރާތަކަށް ބަލާއިރު، މުދާ އެކްސްޕޯޓް ކުރާ މީހުން އެބަތިބި. ޓަގުބޯޓުފަހަރުގައި މަސައްކަތް ކުރާ މަދު ބަޔަކުވެސް އެބަ ތިއްބެވި. ރިޒޯޓް ވަޒީފާތަކުގަޔާއި، ޓީޗަރުންނާއި، ފައިވްސްޓަރ ހޮޓާތަކުގައި މަސައްކަތް ކުރާ ދިވެހީންވެސް އެބަތިއްބެވި. މިއިން އެނގެނީ، ރަނގަޅު ތަޢުލީމާއި ތަމްރީނު ހޯދައިގެން، ނުކުންނަ ދިވެހީންނަށްވެސް، ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ވަޒީފާތައް ލިބުމުގެ ފުރުޞަތު އެބައޮތްކަން. އެކަމަށްޓަކައި ބޭނުންވަނީ ކެރުމާއި ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރުން.

 

އަޅުގަނޑު މި މަޤާމާ ޙަވާލުވިއިރު، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެފައި. ޚާރިޖީ ގުޅުންތައް އޮތީ ހީނަރުވެފައި. އެހީތެރި ބައެއް ޖަމާޢަތްތަކާ ގުޅުން ކެނޑި، ބައެއް ޤައުމުތަކާއެކު އޮތް ރަޙްމަތްތެރިކަންވެސް އޮތީ ގެއްލިފައި.

 

އަޅުގަނޑުމެންނަކީ ރަޙްމަތްތެރީންނާ މޫނު ކަނޑާނެ ބައެއް ނޫން. ޤާނޫނީ ހަމަތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ހަމަޔާއި އިންޞާފަށް ބޯލަނބާ ކޮންމެ ޤައުމަކާއެކު، މި ސަރުކާރުން ގުޅުން ދަމަހައްޓާނެ. އެފަދަ ޤައުމުތަކުން ރާއްޖެއާމެދުވެސް ދެކެނީ އެކުވެރި ޤައުމެއްގެ ގޮތުގައި. 

 

އެމިރޭޓްސް ސަރުކާރުންވެސް ރާއްޖެއާމެދު ދެކެނީ، ވަރަށް ގާތް އެއްބަނޑުއެއްބަފާ ޤައުމެއްގެ ގޮތުގައި. މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ދިވެހީންނަށް 30 ދުވަހުގެ އޮންއެރައިވަލް ވިސާ ހަމަޖައްސަވައިދެއްވިކަމީ، އެކަމުގެ ހެތްކެއް. ޤަލްފުގެ އެހެން ޤައުމުތަކުންވެސް އެ ލުއިފަސޭހަކަން ލިބޭތޯ ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. 

 

އެމިރޭޓްސްގެ މި ދީލަތި އެހީއަށްޓަކައި، ހުރިހާ ދިވެހީންގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި، އެމިރޭޓްސްގެ ރައީސް ޝައިޚް ޚަލީފާ ބިން ޒާޔިދު އާލް ނަހްޔާން އަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަދި އެމިރޭޓްސް ސަރުކާރުގެ ހުރިހާ ވެރީންނަށްވެސް މި ފުރުޞަތުގައި ޝުކުރު ދަންނަވަން.

 

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް މިހާރަށްވުރެވެސް ފުޅާވެ، އެ ގުޅުމުގެ ތެރެއިން ދިވެހީންނަށް ލިބޭ މަންފާތައް އިތުރުވަމުން ދިޔުން. ތިޔަބޭފުޅުން މި ޤައުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރެއްވުން. ރާއްޖެ ތަރައްޤީކޮށް ކުރިއެރުމުގައި، ސަރުކާރުން ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި ތައުފީޤު ދެއްވާށި! އާމީން.

 

        والسّلام عليــكم ورحـمــة اللّـه وبـركاتـه.