بســم اللّـه الرّحمـن الرّحيــم

 

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

            ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، ހުރަވީ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު، އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު، މިއަދުގެ ޝަރަފުވެރިން ކަމުގައިވާ ރާއްޖޭގެ ލޮބުވެތި ކިޔަވާކުދިން، ހާޒިރުވެ ތިއްބެވި އެންމެހާ ބޭފުޅުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

        މިއަދުގެ މި އުފާވެރި ޙަފްލާގައި އެއްޗެއް ދެންނެވުމުގެ ކުރިން، މިއަދު މި ފެށުނު ދިރާސީ އައު އަހަރުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ކިޔަވާ ކުދީންނަށާއި، މުދައްރިސުންނަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، ދުވަހުގެ ހެޔޮއެދުމާއި މަރުޙަބާ އާއި ތަހުނިޔާ އަރިސްކުރަން.

ހަމައެހެންމެ، މިހާ ފެންވަރު ރަނގަޅު ސްކޫލެއް، ހުޅުމާލޭގައި އިމާރާތް ކޮށްދެއްވީތީ، އެޗް.ޑީ.ސީ. އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. މި ސްކޫލް އިމާރާތް ކުރުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވައި، މި ދުވަހަށް ސްކޫލް ނިންމައިދެއްވި ކަމަށްޓަކައި، އިމާރާތް ކުރުމުގެ ބުރަ މަސައްކަތް އުފުއްލެވި އަމިން ކޮންސްޓްރަކްޝަނާއި، އެ ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރުވެސް ދަންނަވަން.

މިއީ، ހުޅުމާލޭގެ މުސްތަޤްބަލް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް. އަދި ހުޅުމާލެއަށް ހިޖްރަކުރަން ބޭނުންވާ ޢާއިލާތަކަށް ލިބޭ އަގުހުރި ވަސީލަތެއްވެސްމެ.

ހުރަވީ ސްކޫލް، އެ ރަސްކަލަކަށް ނިސްބަތްވާ، ދޮން ބަންޑާރައިން ފަދައިން، ދިވެހި ޤައުމަށް މުހިންމު ޚިދުމަތްތަކެއް ކުރާނޭ، ޒުވާން ޖީލެއް އުފައްދައިދޭނެ މުއައްސަސާއަކަށް، މި ސްކޫލް ވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. ސަރުކާރުގެ މައިގަނޑު އަމާޒަކީވެސް، ރަނގަޅު ތަޢުލީމާއި ތަމްރީން ދީގެން، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން. އެކަން ހާސިލު ކުރެވޭނީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީވެސް، ޞައްޙަ އިސްލާމީ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ، ޚުލްޤު ހެޔޮ ދަރިވަރަކަށް ހެދިގެން. ކާމިޔާބުކަމާއެކުގައި، ދިރިއުޅުމަށް ބޭނުންވާ، ފުރިހަމަ ޞިއްޙަތާއި، ހުނަރާއި ޢިލްމު ލިބިފައި ހުރި ކުއްޖަކަށް ހެދިގެން.

ހުރަވީ ސްކޫލަކީ، ރާއްޖޭގެ އެހެން ސްކޫލްތަކާ ވަރަށް ގިނަ ގޮތްގޮތުން ތަފާތު ސްކޫލެއް. މި ސްކޫލް ފަރުމާކޮށްފައިވަނީ، ވަށައިޖެހޭ ތައުލީމީ ނިޒާމަކަށް ވަރަށް އެކަށޭނަ ގޮތަކަށް. ވަސީލަތްތަކުގެ ގޮތުންނާއި، ޖާގައިގެ ގޮތުން މިއީ، އެއްދަންފަޅިއަށް ކިޔަވައިދެވޭ ގޮތަށް، ޖަޒީރާ ސްކޫލެއް ހިންގުމަށް ފައްކާކުރެވިފައިވާ އިމާރާތެއް.

މިއަދު މި ފެށުނު ދިރާސީ އަހަރުގައި، ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް ޖުމްލަ ހަތްދިހަ ހާސް ތިރީސް ފަސް ދަރިވަރުން ތަޢުލީމު ހާސިލު ކުރަމުންދާނެ. އެކުދީންގެ ކިޔެވުމުގެ ކަންތައް ފުރިހަމަކުރުމަށް މިއަހަރުގެ ބަޖެޓުން، ތަޢުލީމީ ދާއިރާއަށް ވަނީ، 8.98 އިންސައްތަ ކަނޑައެޅިފައި. އެއީ ގާތްގަނޑަކަށް 2.7 ބިލިއަން ރުފިޔާ.

މިއަހަރުގެ ކިޔެވުން ފެށުނުއިރު، ސަރުކާރުގެ 213 ސްކޫލް އެބަހުރި. އޭގެ ތެރެއިން 134 ސްކޫލެއް، މި ސްކޫލް ހިމެނޭގޮތަށް، މިހާރުވަނީ އެއް ދަންފަޅިއަށް ބަދަލުކުރެވިފައި. ދެން ހުރި 79 ސްކޫލްވެސް، އެ ތަންތަނުގެ ޙާލަތު ދެނެގަތުމަށްފަހު، ވަކި މުއްދަތެއްގެ ތެރޭގައި، އެއް ދަންފަޅިއަށް އިރާދަކުރެއްވިއްޔާ ބަދަލުކުރެވޭނެ.

މިއަދު މި ހުޅުވިގެންދާ ސްކޫލްގައި ކިޔަވައިދޭނީ، ހުސް ދިވެހި ޓީޗަރުންކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން. އަޅުގަނޑުމެން މި ބޭނުންވާ ޖަޒީރާ ސްކޫލްގެ ނިޒާމަށް މުޅިން ބަދަލުވުމަށްޓަކައި، މިދާއިރާގައި ބިދޭސީން މަދުކޮށް، ދިވެހިން އިތުރުކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް.

ސަރުކާރު ސްކޫލްތަކުގައި މިދިޔަ އަހަރު ކިޔަވައިދިން ދިވެހި ޓީޗަރުންގެ ޢަދަދު ވަނީ، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، ދެ ޕަސެންޓް އިތުރުވެފައި. އަދި ބިދޭސީ ޓީޗަރުންގެ އަދަދު ވަނީ، 16 ޕަސެންޓް ދަށްވެފައި. މިއަހަރު ނުވަހާސް އަށްސަތޭކައަށްވުރެ ގިނަ ޓީޗަރުން ކިޔަވައިދޭއިރު، މި ފަރަޤު މިއަށްވުރެވެސް ބޮޑުވެގެންދާނެ.

އޭގެ އިތުރުން، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، މިއަހަރު ދަސްވެނިވާ ހަސަތޭކައަށްވުރެ ގިނަ މުދައްރިސުންގެ ސަބަބުން، ތަޢުލީމީ ދާއިރާގައި ދިވެހި ޓީޗަރުންގެ ޙިއްޞާ ބޮޑުވާނެ. މިއީ ތަޢުލީމީ ދާއިރާގައި، ޒުވާނުން އިތުރުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ލިބޭނެ، އިތުރު ބާރަކަށް ވެގެންދާނެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި، މިއަދު ކުރަން ޖެހިފައި އޮތް އެންމެ މުހިންމު މަސައްކަތަކީ، މީހުން ބިނާކުރުން. އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް އިތުރުކުރުން. މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރާނެ، އެންމެ މުހިންމު، އެންމެ ބޮޑު މަސައްކަތަކީވެސް މިއީ.

އަޅުގަނޑުމެން ވަޢުދުވީ ފަދައިން، ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމުގެ މަސައްކަތް، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަންނަނީ ކުރަމުން. ތަޢުލީމީ ސިޔާސަތުތައް މުރާޖަޢާކޮށް، ދަރިވަރުންނަށް ހުޅުވައިދެވެން ހުރި ދޮރުތައް މި އަންނަނީ ހުޅުވައިދެމުން.

އަޅުގަނޑުމެން ގާތުގައި ރައްޔިތުން ކުރި އެއް ޝަކުވާއަކީ، މަތީ ތައުލީމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ، އެކަމަށް އުފުލަންޖެހޭ ތަކުލީފްތައް ގިނަވުން. މަތީ ތަޢުލީމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ބޮޑުކަމުގެ ޝަކުވާވެސް، އަޅުގަނޑުމެން ވަރަށްގާތުން އަޑުއެހީމު.

މި ޝަކުވާތައް އަޑުއެހުމަށްފަހު، މި ސަރުކާރުން މަތީ ތަޢުލީމުގެ ސިޔާސަތު އެކުލަވައިލިން. އެއީ ރާއްޖޭގައި ބެޗްލަރޒް ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުން. އޭގެ އިތުރުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ، މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް މިހާރު ވަނީ ކުޑަކޮށްފައި.

މަތީ ތަޢުލީމު ހާސިލުކުރުމަށް ނަގާ ލޯނު، އަނބުރާ ދައްކަންޖެހޭ މުއްދަތު ކުރުވުމަކީވެސް، ބޮޑު ޚަރަދުތަކެއް ކޮށްގެން ކިޔަވާ ދަރިވަރުންނަށް ކުރިމަތިވާ، ވަރަށް ބޮޑު ގޮންޖެހުމެއް. އެކަމަށް މި ސަރުކާރުން ހޯދައިދިން ޙައްލަކީ، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު، ކުރިއަށްވުރެ ފަންސަވީސް އިންސައްތަ އިތުރުކުރުން.

ހަމައެއާއެކު، މަތީ ސާނަވީ އިމްތިޙާނުގައި، އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ސްކޮލަރޝިޕް، އޯ.އީ.ސީ.ޑީ ޤައުމުތަކުގެ އުނިވަރސިޓީތަކުން ހޯދޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައި. މިއީ މި ސަރުކާރުގެ ފުރަތަމަ ތިރީސް ދުވަހުގެ ތެރޭގައި ކުރަން ކަނޑައެޅި ކަންކަމުގެ ތެރެއިން، ހާސިލުކުރެވުނު ވަރަށް މުހިންމު ކާމިޔާބެއް.

މިއަދު އަޅުގަނޑުމެންނަށް ހާސިލުކުރެވޭ އަނެއް ކާމިޔާބަކީ، ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ކަނޑައެޅި ސިޔާސަތު، މިއަދު ތަންފީޒުވާކަން. ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު، މާލެއާއި އެކި ރަށްރަށުގެ 25 ސްކޫލެއްގައި، ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން މިއަދު ވަނީ ފެށިފައި.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވަނީ ވަރަށް މުހިންމު ސަބަބަކަށްޓަކައި. ދިރާސާތަކުން ދައްކާގޮތުން، ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ނާސްތާ. ހެނދުނު ސައި ނުބޮއެ، ހުސްބަނޑާ ސްކޫލަށް ދާކުދިން ގިނަކަން، ޓީޗަރުން އަޅުގަނޑުމެންނާ ޙިއްޞާކުރި.

އެކަމުގެ ސަބަބުން ކުދިންގެ އުނގެނުމަށް ހުރަސްއަޅާ ކަމަށާއި، ހެނދުނުގެ ނާސްތާއިން ސްކޫލް ފެށުމުން، ކުދީންގެ ސިކުނޑި އުނގެނުމަށް މާބޮޑަށް ތައްޔާރުވާނެ ކަމަށްވެސް އެކިއެކި ދާއިރާތަކުން ފާހަގަކުރި. އެހެންކަމުން، މި ޕްރޮގްރާމް ފެށުމަކީ އަޅުގަނޑު ދެކޭގޮތުގައި ކުދިންގެ އުނގެނުމަށާއި، ހެދިބޮޑުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް.

މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައެޅި ކަންކަން، އެކަށީގެންވާ ގޮތެއްގައި ފުރިހަމަވަމުންދާކަމީ، ރަނގަޅު ދުވެލީގައި، ސީދާ މިސްރާބަށް، ސަރުކާރު ދަތުރުކުރާ ކަމުގެ ހެތްކެއް. ކުރިއަށް އޮތް ދުވަސްތަކުގައި، މާތް ﷲގެ ވާގިފުޅާއެކު، ސަރުކާރުގެ މަސައްކަތްތައް ހަލުވިވެ، ރައްޔިތުންގެ އުންމީދުތައް ފުރިހަމަވަމުންދާނެ.

އެކި ކަންކަން ހާސިލުކުރުމަށް ސަރުކާރުން ވަގުތު ތާވަލެއް އެކުލަވައިލީ، އަޅުގަނޑުމެންގެ ވަޢުދުތައް ވީހާ އަވަހަކަށް ފުއްދައިދީ، ނަތީޖާ ހާސިލުކުރުމުގެ ބޭނުމުގައި. މިއީ ރައްޔިތުން ގެނައި ސަރުކާރަކަށްވާތީ، އަޅުގަނޑުމެން ވެރިކަން މި ކުރަނީ، ހުރިހާ ކަމެއް ރައްޔިތުންނާ ޙިއްޞާކޮށް، ކަންކަން ހާމަކުރަމުން.

މި ހިތްގައިމު ސްކޫލް ރަސްމީކޮށް ހުޅުވައިދިނުމުގެ އުފާ ލިބިގަންނަމުން، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް އަޅުގަނޑު މިއަދު ބުނެލަން ބޭނުންވާ ދެތިން ވާހަކައެއް އެބައޮތް. ތިޔަ ކުދީން އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ތިޔަ ކުދީންނަކީ މި ޤައުމުގެ ކުރިމަގުގެ ލީޑަރުންކަން. ތިޔައީ މި ޤައުމުގެ އެންމެ އަގުބޮޑު ރައުސްމާލުވެސްމެ.

ޤައުމުގެ މިޞްރާބު ސީދާކުރާނެ ލީޑަރުން ކަމުގައި ތިޔަ ކުދީންނަށް ވެވޭނީ، ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ނުރަނގަޅު ގޮތް ދޫކޮށްލައި، ރަނގަޅު ގޮތުގައި ހިފައިގެން. ސްކޫލް މަރުޙަލާގައިވެސް އަމިއްލަ ފައިދާއަށްވުރެ ބޮޑަށް އާންމު މަޞްލަޙަތަށް އިސްކަން ދީގެން. ހަމަޔާއި އިންޞާފަށް ލޯބިކޮށް، ތަފާތު ވިސްނުމުގެ ކުދީންނާއެކު އުޅެން ދަސްކޮށްގެން.

ދިމާވާ ކޮންމެ ކަމެއްވެސް ޙައްލު ކުރަންވާނީ، ޞުލްޙަވެރިކަމާއެކު ކަމަށާއި، އެއް ކުއްޖަކު އަނެއް ކުއްޖަކަށް، އިޙްތިރާމު ކުރުމަކީ، ވަރަށް މުހިންމު ކަމެއްކަން އަޅުގަނޑު ފާހަގަކުރަން. އެކުވެރީންނާވެސް އަދި ޓީޗަރުންނާމެދުވެސް ޢަމަލުކުރަންވާނީ އޯގާތެރިކަމާއެކު.

ތަޢުލީމީ މަރުޙަލާގައި ތިޔަ ކުދީންނަށް ލިބޭ އެންމެ ބޮޑު ހަކަތައަކަށް ވާނީ، މައިންބަފައިންގެ ހެޔޮ ނަސޭހަތާއި، ޓީޗަރުންގެ ފުރިހަމަ އިރުޝާދު. ސްކޫލްގެ އެހެން ދަރިވަރުންނަކީ، ޢާއިލާގެ މެމްބަރުން ކަމުގައި ބަލައިގަނެ، އެކުދީންނަށް އެހީތެރިވެދީ، ގުޅުން ދެމެހެއްޓުމަކީ، މަދުރަސީ ޙަޔާތުން ހޯދަންޖެހޭ އެންމެ މުހިންމު ތަރުބިއްޔަތު.

ތަޢުލީމީ ޙަޔާތުގެ މި މަރުޙަލާގައި، ތިޔަކުދިން އަމާޒު ހިފަންވީ، ހަމައެކަނި ތަޢުލީމީ އަރުތަތަކެއް ހާސިލުކުރާކަށް ނޫން. ތިޔަ ކުދިން މިއަދު އުނގެނޭ ޢިލްމުގެ ބޭނުން، މާދަމާ ހިފޭނީވެސް، އަދި ދިރިއުޅުމުގެ އައްސޭރިތަކަށް ފޯރާނީވެސް، ސަލާމަތް ޞިއްޙަތެއްގައި ތިބެގެން. ހަށިގަނޑުގެ ހެދިބޮޑުވުމާ އެއްވަރަށް، ބުއްދިވެސް ތަރައްޤީވެގެން.

ސްކޫލުން ބޭރުގައިވެސް ޢިލްމު އުނގެނުމަށް ލޯބިކުރަންވާނެ. ފޮތް ކިޔުމާއި ދިރާސާކުރަން ދަސްކުރަންވާނެ. ޓީޗަރުންނާ ގިނަގިނައިން ސުވާލުކޮށް، ކަންކަން އޮޅުންފިލުވުމަކީ، ތަޢުލީމީ ޙަޔާތުގެ އެންމެ މުހިންމު އެއް ކަންތައް.

ތަޢުލީމީ މަރުޙަލާގައި ތިޔަ ކުދީން ހާސިލުކުރާ، އެންމެ އަގުބޮޑު މެޑެލް ކަމުގައި ހަދަންވާނީ، ރިވެތި އަދަބުތަކާއި އިސްލާމީ އަޚްލާޤު. ތިޔަ ކުދީންގެ ފޭރާން ކަމުގައި ހަދަންވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަން. އެއީ ތިޔަ ކުދީންގެ ދިރިއުޅުން އުޖާލާކޮށްދޭނެ ކަންތައްތަކެއް.

އަޅުގަނޑު މިއަދު ރާއްޖޭގެ ހުރިހާ މުދައްރިސުންގެ އަރިހުންވެސް އެދޭ ވަރަށްބޮޑު އެދުމެއް އެބައޮތް. އެއީ ދަރިވަރުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމާއެކު، އެ ޙައްޤުތަކާ އެކުގައިވާ ޒިންމާތައް، އެކުދީންނަށް ދަސްކޮށްދެވޭނެ މާޙައުލެއް ޤާއިމުކޮށްދެއްވުން.

          އުނގެނުމަކީ އެންމެން އެކުގައި ކުރާ ކަމަކަށް އަޅުގަނޑުމެން ހަދަންވާނެ. އެއީ ވަކި ޢުމުރެއްގެ، ވަކި ޖިންސެއްގެ، ވަކި މިންތިއެއްގެ މެދުގައި ހިނގާ ކަމެއްނޫން. ޢިލްމާއި، ހުނަރާއި، އުނގެނުން އެންމެ ފުންމިނުގައި ކަށަވަރު ކުރެވޭނީ، އެންމެން އެކުގައި މުޖްތަމަޢުގެ ހުރިހާ އެންމެން، ޢުމުރުން ދުވަސްވީ މީހުންނާއި، އަންހެނުންނާއި ފިރިހެނުންނާއި، އެކި ޤައުމުތަކުގެ މީހުންގެ ބައިވެރިވުމާއެކު. ކިޔަވައިދިނުމާއި އުނގެނުމުގެ މާޙައުލު މިގޮތަށް ބައްޓަންކުރުމުން، ހަމްދަރުދީވާން އެނގޭ، އެކަކު އަނެކަކަށް އިޙްތިރާމު ކުރަން އެނގޭ ޖީލެއް ބިނާކޮށްދެވޭނެ.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ކިޔަވާ ކުދީންނަކީ، އެ ކުދީން އުނގެނޭ ޢިލްމުން، މި ރާއްޖެ ތަރައްޤީކޮށް، ކުރިއަރުވާނެ ހެޔޮލަފާ ބަޔަކު ކަމުގައި ލެއްވުން. ޢިލްމު އުނގެނުމަށް ލޯބިކުރާ، އަދި ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބަޔަކު ކަމުގައި ލެއްވުން. މި ފެށުނު އައު އަހަރަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއް ކަމުގައި ލައްވާށި! އާމީން.

 

          والسّلام عليــكم ورحـمــة اللّـه وبـركاتـه.