بســم اللّـه الرّحمـن الرّحيــم

 

ވަޑައިގެން ތިއްބެވި ހުރިހާ ނޫސްވެރިން. ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

މީޑިއާއާ ބައްދަލުކޮށްލަން މި ފުރުޞަތު ލިބުނީތީ، އަޅުގަނޑު މިއަދު ވަރަށް އުފާކުރަން. އަދި މިއޮފީހަށް ތިޔަބޭފުޅުން ވަޑައިގެންނެވީތީ، ވަރަށް ބޮޑަށް ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

 

އަޅުގަނޑު މި ހަފުތާގައި އިންޑިއާއަށް ކުރި ދަތުރުގެ ތެރޭގައި ހިނގައިދިޔަ މުހިއްމު ކަންތައްތައް، ތިޔަބޭފުޅުން މެދުވެރިކޮށް، ރައްޔިތުންނާ މިވަގުތު ހިއްސާކޮށްލާނަން.

 

އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު އިންޑިއާއަށް ދިޔައީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދަޢުވަތަކަށް. އަޅުގަނޑުގެ މި ދަތުރުގައި، އިންޑިއާގެ އެންމެ އިސްވެރިންނާ ބައްދަލުކޮށް، ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުން، އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރެވުނު.

 

އިންޑިއާގެ ރައީސާއި، ބޮޑުވަޒީރާއި، ނައިބު ރައީސް އަދި އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއެކު، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއްގައި، އަޅުގަނޑު އެބޭފުޅުންނާ މަޝްވަރާ ކުރިން. މި މަޝްވަރާތަކުގައި، ދިވެހިންނަށް އިތުރު ލުއިފަސޭހަތައް ލިބޭނެ ކަންތައްތަކަށް، އަޅުގަނޑުމެންވާނީ އެއްބަސްވެފައި. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތު، އިންޑިއާގެ ކުންފުނިތަކާވެސް ހިއްސާ ކުރެވުނު.

 

މި ދަތުރުގެ އެންމެ ބޮޑު ކާމިޔާބީއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، ވޭތުވެދިޔަ އަހަރުތަކުގައި ހީނަރުވެފައި އޮތް، އަޅުގަނޑުމެންގެ ދެޤައުމުގެ، ޒަމާންވީ ރަޙްމަތްތެރި ގުޅުން، އަލުން ބަދަހިވުން. މީގެއިތުރުން ވަކިވަކި ދާއިރާތަކާ ގުޅޭގޮތުން، ހަތަރު ކަމެއްގައި އަޅުގަނޑުމެން ދެ ޤައުމުން ވާނީ އެއްބަސްވެފައި. އެގޮތުން އަޅުގަނޑުމެން ދެ ޤައުމުން މިހާރު ވާނީ ވިސާގެ ލުއިފަސޭހަތަކެއް ގެނައުމަށް އެއްބަސްވެފައި. އޭގެތެރޭގައި:

 

  • ވިޔަފާރިއާއި ޓޫރިޒަމް އަދި ބޭސްފަރުވާގެ ދަތުރުތަކަށް، 6 މަސް ދުވަހުގެ މުއްދަތުގެ ތެރެއިން 90 ދުވަހު، ވިސާއާ ނުލައި ދަތުރުކުރުން ހިމެނޭ. އަދި ވަޒީފާގެ ބޭނުމަށް ފިޔަވައި އިންޑިއާއަށް ކުރާ ދަތުރުތަކަށް ހިލޭ ވިސާ ޖަހައިދިނުން. އޭގެތެރޭގައި
    މި ހިމެނެނީ، ޓޫރިޒަމް
    ، މެޑިކަލް، ސްޓޫޑަންޓް އަދި ވިޔަފާރީގެ ދަތުރުތައް.

 

  • ޓޫރިސްޓް ވިސާގައި އިންޑިއާގައި ހުއްޓައި، ކުއްލި ޞިއްޙީ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެނބުރި ރާއްޖެ ނައިސް، މެޑިކަލް ވިސާއަށް ފަސޭހައިން ބަދަލުވެސްކުރެވޭނެ.

 

  • މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ، 18 އަހަރުން ދަށުގެ ދަރިންނަށާއި، އަނބިންނާއި ފިރިންނާއި އަދި މައިންބަފައިންނަށްވެސް މަލްޓިޕްލް އެންޓްރީ ވިސާ ލިބޭނެ.

 

މީގެ އިތުރުން ދިވެހި ކިޔަވާކުދިންނަށް، އެކި ދާއިރާތަކުން މަތީ ތަޢުލީމުގެ އެއްހާސް ފުރުޞަތު، އިންޑިއާއިން ވަނީ ހިލޭ ހަމަޖައްސައިދީފައި. އަދި އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ޞިނާޢަތާއި، ދަނޑުވެރިކަމާއި އަދި ސަޤާފީ ކަންކަމުގައި، އިތުރަށް ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކުރެވުނު.

 

އަޅުގަނޑު މިމަޤާމާ ޙަވާލުވިއިރު، ޤައުމުގެ މާލީ ޙާލަތު އޮތީ ވަރަށް ގޯސްކޮށް. އެކަން ޙައްލުކުރުމުގެ ގޮތުން، އިންޑިއާއިން ވަނީ، 1.4 ބިލިއަން ޑޮލަރުގެ މާލީ އެހީ، ރާއްޖެއަށް ދިނުމަށް އެއްބަސްވެފައި. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭން މިއަދު ބޭނުންވަނީ މިއީ އިތުރަށް ޤައުމު ދަރަނިވެރިކުރުވާނެ ކަމެއް ނޫންކަމުގައި.

 

މި އެހީގެ ތަފްޞީލު، ކޮންމެވެސްވަރަކަށް މިވަގުތު އަޅުގަނޑު ތިޔަބޭފުޅުންނަށް ކިޔާލަދޭނަން.

 

މީގެތެރެއިން 200 މިލިއަން ޑޮލަރަކީ، ބަޖެޓް ސަޕޯޓަށް އިންޑިއާއިން ދޭ ފައިސާ. އަދި މި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭއެހީ. އަނެއް 150 މިލިއަން ޑޮލަރަކީ، އިންޑިއާއިން އަޅުގަނޑުމެންގެ ޓީބިލަށް ކުރާ އިންވެސްޓްމަންޓް.

 

އެނގިވަޑައިގަންނަވާނެ، މިހާރު ނިމިދިޔަ ސަރުކާރުން ޓީބިލް ވިއްކާފައި ހުރީ ވަރަށްބޮޑު އިންޓްރެސްޓް ރޭޓްގައި. ފަސް ޕަސެންޓް، ހަ ޕަސެންޓް، އަށް ޕަސެންޓްގެ ރޭޓްގައި. އެހެންނަމަވެސް، އިންޑިއާއާއި އަޅުގަނޑުމެންނާ އެކީގައި މި ވެވުނު އެއްބަސްވުމުގެ ދަށުން ބޮންޑާއި ޓީބިލަށް ނަގާނީ 1.5 ޕަސެންޓް.

 

މީގެއިތުރުން، ރާއްޖޭގެ ހީނަރުވެފައި އޮތް ރިޒަރވް ހަރުދަނާ ކުރުމަށް، 400 މިލިއަން ޑޮލަރުގެ ޢަދަދަކަށް އަޅުގަނޑުމެން ވާނީ އިންޑިއާއާއެކު، ކަރަންސީ ސްވޮޕެއް ހެދުމަށް އެއްބަސްވެފައި. ކަރަންސީ ސްވޮޕަކީ، އަޅުގަނޑުމެންގެ އަތުގައި ހުރި ދިވެހި ރުފިޔާ ދީފައި، އެމެރިކާ ޑޮލަރު ހޯދުން. އޭގެ ސަބަބުން އަޅުގަނޑުމެންގެ ފޮރިން ކަރަންސީ ރިޒަރވް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ. ބޭނުންވާ ބޭރު ފައިސާ ދަތިނުވެ ލިބިގެންދާނެ.

 

ހަމައެއާއެކު، ރާއްޖެއިން އިޚްތިޔާރުކުރާ، ރައްޔިތުންނަށް ފައިދާކުރަނިވި ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، އިންޑިއާއިން ވަނީ 800 މިލިއަން ޑޮލަރާ ހަމައަށް، ލައިން އޮފް ކްރެޑިޓެއް ހުޅުވައިދީފައި. މީގެ މާނައަކީ އަޅުގަނޑުމެން ގަނޑުކޮށް 800 މިލިއަން ޑޮލަރު ނަގައި، ދަރަނިވެރިވާ ވާހަކައެއް ނޫން.

 

އޭގެ ބަދަލުގައި، ސަރުކާރުން ކަނޑައަޅާ ތަރައްޤީގެ މަޝްރޫޢެއް ހުށަހެޅުމުން، އެ މަޝްރޫޢަކަށް ބޭނުންވާ ފައިސާ، ލޯނުގެ ގޮތުގައި އިންޑިއާއިން ދޭނެ. މިގޮތަށް ނަގާ ލޯނަކީ ވަރަށް ކޮންސެޝަނަލް ޓަރމްސްގައި ނަގާ ލޯނެއް. މިގޮތަށް ލޯނު ނަގައިގެން ހިންގާ މަޝްރޫޢުތަކަށް، ކޮންޓްރެކްޓަރުން ނަގާއިރުގައި، ދިވެހި ޕާޓްނަރެއް ހުރުން، ކޮންމެހެން ލާޒިމުކަމަށްވެސް، އަޅުގަނޑުމެން ވާނީ އެއްބަސްވެފައި.

 

މިފުރުޞަތުގައި، އަޅުގަނޑު ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަމާއެކު ދަންނަވަން ބޭނުންވަނީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލިދާނެފަދަ އެއްވެސް ކަމަކަށް، އަޅުގަނޑުމެން އެއްބަސްވެފައި ނޯންނާނެ ވާހަކަ. ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ހަދަން، ނުވަތަ ބޭރުގެ ސިފައިންގެ ފައުޖްތައް ބައިތިއްބަން، މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކުގައި، އެއްވެސްވަރެއްގެ ޙަޤީޤަތެއް ނެތްކަން މިއަދުވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން.

 

ޓެރަރިޒަމާއި، ބޯޑަރ ސެކިއުރިޓީ އަދި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތް ކުރުމުގެ ކަންކަމުގައި، އަޅުގަނޑުމެން ދެ ޤައުމު އަބަދުވެސް، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވަމުން ގެންދާނެ.

 

ދެން އޮތީ އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕްޓަރުގެ ވާހަކަ. ދެ ހެލިކޮޕްޓަރު ބޭނުންކުރާނީ ސަރޗް އެން ރެސްކިޔު ކަންކަމަށާއި، ޞިއްޙީ އަދި އެނޫންވެސް އިމަރޖެންސީތަކުގައި. ހެލިކޮޕްޓަރު ރާއްޖޭގައި އުދުއްސާނީ އިންޑިއާގެ ޕައިލެޓުން ކަމަށްވިޔަސް، އެމީހުން ހެލިކޮޕްޓަރު އުދުއްސާނީ، ކޮން ބޭނުމަކު، ކޮން ތަނެއްގައި ކަމާއި، ގަޑިވެސް ކަނޑައަޅާނީ އަޅުގަނޑުމެން، ދިވެހި ސަރުކާރުން.

 

މި ހެލިކޮޕްޓަރުތައް ގެނެސްފައިވަނީ، މިއަދަކު ނޫން. ފުރަތަމަ އެ ގެނެސްފައިވަނީ، ރައީސް ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރު، އިންޑިއާއާއެކު ޤާއިމުކުރި އެއްބަސްވުމެއްގެ ދަށުން. އޭގެފަހުން ރައީސް ވަޙީދުވެސް އަދި ރައީސް ޔާމީންވެސް ވަނީ ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން އާކުރައްވާފައި. އެހެންވީމާ، މިއީ އަޅުގަނޑުމެން އަލަށް ކުރާ ކަމެއްނޫން.

 

މި ދެ ހެލިކޮޕްޓަރު ބޭނުންކޮށްގެން، މިދިޔަ އަހަރު އެކަނިވެސް، އެކިއެކި ހާދިސާތަކުގައި 100 އަށްވުރެ ގިނަ ދިވެހިންގެ ފުރާނަ ވަނީ ސަލާމަތްކޮށްފައި. މި ދެ ހެލިކޮޕްޓަރު އުދުހުމުގެ ހުރިހާ ޚަރަދެއް ކުރާނީ އިންޑިއާ ސަރުކާރުން.

 

މި ދެންނެވި ކަންކަމަށް ބަލާއިރު، އަޅުގަނޑުގެ މި ދަތުރުގެ ސަބަބުން، އަޅުގަނޑުމެން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެއްޖެ. އަޅުގަނޑުމެންގެ ކިޔަވާ ކުދިންނާއި ބެލެނިވެރިންނަށް ވިސާގެ ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ހަމަޖެހިއްޖެ. އަދި ރާއްޖޭގެ އެކިއެކި ޞިނާޢަތްތަކުގެ ތަރައްޤީއަށް ރަނގަޅު ކުރިއެރުންތަކެއްވެސް ލިބިއްޖެ.

 

ނިންމާލަމުންވެސް، އިންޑިއާގެ މި ދީލަތި އެހީތަކަށްޓަކައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އެޤައުމުގެ އިސް ވެރީންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

 

       والسّلام عليــكم ورحـمــة اللّـه وبـركاتـه.

 

ސުވާލެއް އޮވެއްޖިއްޔާ އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރްޞަތު އަރުވަން.

 

މުރުޝިދު ޢަބްދުލްޙަކީމް - ރާއްޖެ ޓީ.ވީ:

 

އަޅުގަނޑުގެ ދެތިން ސުވާލެއް އެބައޮތް. ފުރަތަމަ އިންޑިއާއިން ވެދޭ އެހީތަކާ ގުޅުވައިގެން، މަނިކުފާނު ތިޔަ ފާހަގަކުރެއްވިހެން ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެބަ ގުޅުވާ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާފަދަ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެފަދަ ކަމަކާ ގުޅުވައޭ، މި އެހީތައް ލިބެނީ. ޙަޤީޤަތުގައި މަނިކުފާނު ކޮންގޮތަކަށްތޯ، މިފަދަ ބޮޑެތި އެހީތައް މި ލިބޭ ސަބަބެއް ކަމަށް ދެކެވަޑައިގަންނަވަނީ؟ ކޮބައިތޯ ޙަޤީޤީ މީގެ ސަބަބެއް ކަމަށް ސަރުކާރުން ދެކެނީ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

އަޅުގަނޑު ފަށަމުންވެސް ދެންނެވި ފަދައިން، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުންވާފަދަ، ބުރޫއަރާފަދަ އެއްވެސް ކަމެއް، މި ސަރުކާރަކުން ނުކުރާނެ. އަދި އަޅުގަނޑުގެ މި ދަތުރުގައި ވެވުނު އެއްވެސް އެއްބަސްވުމެއްގައި، އެކަހަލަ އެއްވެސް ކަމެއް ނޯންނާނެ.

އެނގިވަޑައިގަންނަވާނެ، އިންޑިއާއަކީ އަބަދުވެސް ދިވެހިންނާ ވަރަށްގާތް ގުޅުމެއް ބާއްވާ، ދިވެހި ރައްޔިތުންނަށް ހެޔޮއެދޭ ބައެއް. ރާއްޖޭގެ ޙާލަތު އޮތްގޮތް އިންޑިއާއަށް އެނގޭ. އަޅުގަނޑު ދެކޭގޮތުގައި، އިންޑިއާ އިން މި ދޭން އެއްބަސްވެފައިވާ އެހީގެ އެއްބަސްވުމަކީ، މި ދެންނެވި ސަބަބުތަކަށްޓަކައި ރާއްޖެއަށް ހެޔޮއެދޭ ޤައުމެއްގެ ގޮތުން، ދިވެހިންނަށް ހެޔޮގޮތްތައް އެދޭ ބައެއްގެ ގޮތުން ނިންމި ނިންމުމެއް.

 

މުރުޝިދު ޢަބްދުލްޙަކީމް - ރާއްޖެ ޓީ.ވީ:

 

އަނެއް ސުވާލެއްގެ ގޮތުން، ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތަކެއް، މަނިކުފާނު ވަނީ އިޢުލާނު ކުރައްވާފައި. މިހާތަނަށް އައިއިރުގައި، މި ޓާގެޓަށް ނުވަތަ މި އަމާޒަށް ވާސިލުވެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟ އަދި އޭރު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ސަތޭކަ ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ކޮށް ނިންމޭނެތޯ؟

އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބުނު، މި އަހަރުގެ ބާކީ މި އޮތް ދުވަސްތަކަށްވެސް މުސާރަދިނުމުގައިވެސް، ފައިސާގެ ދަތިތަކެއް ބަޖެޓުގައި ހުރިކަމުގެ ވާހަކަތައް. މިހާރު އިންޑިއާ އިން މި ލިބުނު އެހީތެރިކަމާއެއްކޮށް، އޭގެ ދަތިކަން ފިލައިގެންދާނެތޯ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

އާދެ، ސަތޭކަ ދުވަހުގެ އެޖެންޑާ، އަޅުގަނޑުމެން އަމާޒު ހިފާފައި އޮތްގޮތަށް، އިރާދަކުރެއްވިއްޔާ މިހާރު ކުރިއަށް އެބަދޭ. އަޅުގަނޑުގެ ވަރަށްބޮޑު ޔަޤީންކަން އެބައޮތް. އިރާދަކުރެއްވިއްޔާ، ސަތޭކަ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމުމަށް ނިންމާފައި އޮތް 161 ކަންތައް، ހަމަ އެގޮތަށް ކުރެވިގެންދާނެކަމަށް.

 

މުރްޝިދު ޢަބްދުލްޙަކީމް – ރާއްޖެ ޓީ.ވީ:

 

ބަޖެޓުގެ ތާށިކަން، އިންޑިއާގެ އެހީއާއެކު ހަމަޖެހިގެންދާނެތޯ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

ވަރަށްބޮޑު ހިތްހަމަޖެހުމެއް އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ޓްރާންސިޝަން ޕީރިއަޑްގެ ތެރޭގައި، އަޅުގަނޑާ އެމް.އެމް.އޭ.ގެ ގަވަރނަރ އެއްދުވަހު ބައްދަލުކުރެއްވި. ކޮށްފައި ވިދާޅުވީ، އޭރުގެ ފައިނޭންޝަލް ސްޓޭޓަސް ހުރިގޮތް. އެދުވަހު ވިދާޅުވީ، މިހާރު އެއޮތްގޮތަށް ކަންތައް އޮވެއްޖިއްޔާ، ނޮވެންބަރު މަސް ނިމޭއިރު، ޑިސެންބަރަށް އެޅޭއިރުގައި، ބޭނުންކުރެވޭ ޔޫޒަބްލް ރިޒަރވް ހުންނާނީ ފަނަރަ، ނޫނީވިއްޔާ ވިހި މިލިއަން ޑޮލަރުގައޭ. އޭގެ ހަފްތާއެއް ފަހުން އަޅުގަނޑާ އަނެއްކާ ބައްދަލުކުރެއްވި. ކޮށްފައި ވިދާޅުވީ، މިހާރު އެއަށްވުރެ ތަންކޮޅެއް ރަނގަޅަށޭ ފެންނަނީ. އެއީ އައި.ޖީ.އެމް.އެޗް ބިލްޑިންގ، އެ އަޅާ ފަރާތްތަކަށް ދޭން އެއްބަސްވެފައި އޮތް، ޑޮލަރުން ދޭން އެއްބަސްވެފައި އޮތް ފައިސާ، ދިވެހި ރުފިޔާއިން ދިނަސް އެންމެ ރަނގަޅު ކަމަށް، އައި.ޖީ.އެމް.އެޗް އަޅާ ފަރާތުން އެބަ ބުނެއޭ. އެހެންވެއްޖިއްޔާ ޔޫޒަބްލް ރިޒަރވް ހުންނާނެއޭ، ހަތްދިހަ ފަހެއް، ނޫނީވިއްޔާ ނުވަދިހަ މިލިއަން ޑޮލަރުގައި. މިއީ އެ އޮތްގޮތް.

 

އެކަމަކު އަޅުގަނޑުމެންނަށް މި ވެވުނު އެއްބަސްވުމުގެ ދަށުން މި ލިބޭ ބަޖެޓް ސަޕޯޓާ އެކީގައި، ކުރިއަށް އޮތް ހަތަރު ފަސް  މަސް، އަޅުގަނޑު ހިތުން އެއްވެސް ދައްޗެއްނެތި ކުރިއަށް ގެންދެވޭނެ. ދެން އޮންނާނީ، މި އަންނަ އަހަރު ބަޖެޓް ތަންފީޒު ކުރަން ފެށީމާ، ލިބޭ އާމްދަނީއާ އެކީގައި ކުރިއަށް ދިޔުން. އަޅުގަނޑަކަށް ނުފެނޭ އިރާދަކުރެއްވިއްޔާ، މާބޮޑު ހުރަހެއް، ދެން ކުރިމަތިވާނެހެނެއް، މާބޮޑު އިޤްތިޞާދީ ދަތިތަކެއް ދުނިޔެއަށް ކުރިމަތިވެގެން ނޫނީ.

 

އަޙްމަދު ޙަމްދޫން – މިހާރު ނޫސް:

 

އަޅުގަނޑުގެ ދެ ސުވާލު އެބައޮތް. ފުރަތަމަ ސުވާލަކީ، އިންޑިއާ އިން މި ދިން އެހީގެ ތެރޭގައި، އަށްސަތޭކަ މިލިއަން ޑޮލަރުގެ ވާހަކަ ތިޔަ ވިދާޅުވެ ފާހަގަކުރެއްވީ. ޗައިނާއިން ވަރަށްބޮޑެތި ލޯނުތަކެއް ނަގާފައި އެބައޮތް. އެއަރޕޯޓް ޕްރޮޖެކްޓާއި އަދި އެހެން ކަންކަމަށް. މި އަށްސަތޭކަ މިލިއަން ޑޮލަރުގެ ތެރެއިން އެއްވެސްވަރެއް ބޭނުންކޮށްގެން އެ ލޯނު އަނބުރާ ދެއްކުމުގައި، ވަރަށް ކުޑަކުޑަ ޕަސެންޓެއްގައި އިންޑިއާ އިން މި ދިނީ. ތިޔަ ވިދާޅުވިގޮތަށް، ޗައިނާގެ އިންޓްރެސްޓް ރޭޓް ވަރަށްމަތީގައި އުޅެނީ.

އެހެންވީމާ، އެކަން  ފޫބެއްދުމަށްޓަކައި އިންޓްރެސްޓް ރޭޓާ، މި ހުރިހާ ކަމަކަށް ބަލާފައި، މީގެތެރެއިން އެއްވެސްވަރެއް، މިސާލަކަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހެދި ބުރަ މަސައްކަތަށް، އެ ލޯނު އަނބުރާ ދެއްކުމަށް ބޭނުންކުރައްވާނަންތޯ؟ ފުރަތަމަ ސުވާލަކީ. 

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

ޗައިނާއިން ނަގާފައި އޮތް ލޯނުގެ އަދަދު، ތިޔަ ވިދާޅުވާހެން އެބައުޅޭ ގާތްގަނޑަކަށް 1.4 ބިލިއަނާ ގާތްކުރޭ. އޭގެތެރޭގައި އެބަހުރި، ކޮންސެޝަނަލް ލޯނުވެސް ޗައިނާއިންވެސް ދީފައި. އެކަމަކު އަޅުގަނޑު މި ދެންނެވީ އިންޑިއާ އިން މި ދިންވަރުގެ ކުޑަ އިންޓްރެސްޓް ރޭޓަކު ނޫން. އެއަށްވުރެ ތަންކޮޅެއް ބޮޑުކޮށް ހުރީ. އަދި އޭގެއިތުރުން އެބަހުރި، ސޮވްރިންގ ގެރެންޓީގެ ދަށުން ނަގާފައި ހުރި ވަރަށް ބޮޑެތި އިންޓްރެސްޓް ރޭޓްގައި ހުރި ރަށްތަކެއް. އެހެންނަމަވެސް، އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް މި ދޭ ލޯނުގެ އެހީގެ ދަށުން ކޮންމެހެން އެހެން ލޯނުތައް އަދާކުރުމެއް ނޫން އަޅުގަނޑުމެންގެ މަޤްޞަދަކީ. އަޅުގަނޑުމެން ޗައިނާ ސަރުކާރާ އެކީގައި ވާހަކަ ދައްކަމުން އެބަދަން. އެބޭފުޅުން ތިއްބެވީ އަޅުގަނޑުމެންނާ އެކީގައި މަޝްވަރާކޮށް، މިހާރުވެސް ދޫކޮށްފައި ހުރި ލޯނުތަކާއި އަދި އެމް.އޯ.ޔޫ.ތައް، އަންޑަރސްޓޭންޑިންގ އަށް އާދެވިފައި ހުރި ކަންތައްތަކުގައިވެސް، އެކީގައި މަސައްކަތް ކޮށްގެން އެއަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަށް. އަޅުގަނޑަކަށް ނުފެނޭ، ޗައިނާއާ އެކީގައި މިއޮތް ގުޅުމަށް މީގެ ސަބަބުން ހުރަސްއެޅޭތަނެއްވެސް. އަދި ޗައިނާ އިން ރާއްޖޭގައި މި ފަށާފައި ހުރި މަސައްކަތްތަކަށްވެސް ބުރުލެއް އަންނާނެ ކަމަކަށެއް.

 

އަޙްމަދު ޙަމްދޫން – މިހާރު ނޫސް:

 

އިންޑިއާ ގައި މަނިކުފާނުގެ ދަތުރުފުޅުގައި، ވަރަށް ބައިވަރު ބިޒްނަސްމަނުންނާއި، ވިޔަފާރިވެރިންނާ ބައްދަލުކުރެއްވި. އެ ޤައުމުގެ ހަމަ އެންމެ ނަން ހިނގާ ކުންފުނިތަކުގެ ވެރިން ތިއްބެވި. މައިގަނޑު ގޮތެއްގައި ކޮންކަމަކަށްތޯ އެބޭފުޅުން ހުށަހެޅުއްވީ، ރާއްޖޭގައި އިންވެސްޓް ކުރުމަށްޓަކައި. އެއާއެކު އަޅުގަނޑުމެންނަށް ފެނުނު، ރައީސް ނަޝީދުގެ ސަރުކާރުގައި އެންމެ ބޮޑަށް މީހުންނަށް ފާޑުތައް އަމާޒުވީ، އަދި ޖީ.އެމް.އާރު.ގެ ބައެއް އިސް މީހުންވެސް އެތަނުގައި ތިއްބެވި. އަޅުގަނޑުމެންނަށް އަޑުއިވުނު، އިތުރު އެއަރޕޯޓެއް އެމީހުންނަށް ދޭ ވާހަކަވެސް. މި ދެންނެވީ، ސޯޝަލް މީޑިއާގެ ތެރޭގައި. ޖީ.އެމް.އާރު. މީހުންނާއެކު. ނޫނީވިއްޔާ އެހެން އެއްވެސް ބަޔަކާ އެކަހަލަ ވާހަކައެއް ދެކެވުނުތޯ؟ ކޮބައިތޯ އިންޑިއާ މީހުންގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ކޮންކަމަކަށްތޯ އިންވެސްޓް ކުރުމަށް އެމީހުން ބޭނުންވަނީ؟ 

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

ތިޔަ ވިދާޅުވާހެން ވަރަށްގިނަ ތަފާތު ދާއިރާތަކުގެ ވިޔަފާރިވެރިންނާ އަޅުގަނޑުމެންނަށް ބައްދަލުކުރެވުނު. ރާއްޖޭގައި ހުރި ފުރްޞަތުތަކުގެ ވާހަކަ އަޅުގަނޑުމެން އެބޭފުޅުންނާ ޙިއްޞާކުރިން. އޭގައި ތިއްބެވި ސޯލަރ އެނަރޖީގެ ބޭފުޅުން. ތިއްބެވި ކޮންސްޓްރަކްޝަން ދާއިރާގެ ބޭފުޅުން. މުދާ އެކްސްޕޯޓްކުރާ ބޭފުޅުން ތިއްބެވި. އިންފްރާސްޓްރަކްޗަރގެ ބޭފުޅުން ތިއްބެވި. އެހެންވީމާ، މީގެތެރޭގައި އަދި އިންޑިއާގެ ވިޔަފާރިވެރިންގެ ތެރެއިން، ކުންފުނިތަކުން މިވެނި ކަމެއްގައޭ ވަކި އިންވެސްޓް ކުރާނީ، ކަނޑައެޅިގެނެއް ނުބުނެ. އަޅުގަނޑުމެން ހަމަ މިކޮޅުގައި ހުރި ފުރްޞަތުތައް ހާމަކުރީ.

ދެން އޮންނާނީ ޕްރައިވެޓް ސެކްޓަރގައިވެސް ވިޔަފާރިވެރިންނާއި ވިޔަފާރިވެރިންނާ ގުޅިގެން ކުރަންހުރި ކަންތައްތައް. ސަރުކާރާ އެކީގައި ކުރަންހުރި ކަންތައްތަކާ ބެހޭގޮތުން ތަފްޞީލަށް ދިޔުން. މި ދެންނެވިހެން ރާއްޖޭގައި ކުރާ އިންފްރާސްޓްރަކްޗަރ މަސައްކަތްތަކުގައި، ކޮންމެވެސް ދިވެހި ކުންފުންޏެއްގެ ޕާޓްނަރޝިޕަކާ އެކީގައި ރާއްޖެއަށް އާދެވޭނީ. ސަރުކާރުން މި ހިންގާ ކަންތައްތަކުގައި، ނަރުދަމާ، ބޯފެން، ބަނދަރުތައް ހެދުން، މަގުތައް ހެދުން، އެއަރޕޯޓްތައް ހެދުން. މިހިރީ ވާހަކަ ދެކެވިފައި ހުރި ކަންތައްތައް. އެއްވެސް ހާލެއްގައި މުޅި ޕްރޮޖެކްޓް އެކީގައި ބޭރުގެ ބަޔަކަށް ދިނުމެއް ނެތް، އަޅުގަނޑުމެންގެ ވިސްނުމަކުއެއް. ޚާއްޞަކޮށް، މެގަ ޕްރޮޖެކްޓްތަކެއް ހުރެދާނެ. އަދި އެއަކާ ދޭތެރެއަކު އަޅުގަނޑުމެން ނުދައްކަން. މި ދެންނެވި އެއްވެސް ކަމެއްގައި، ބޭރުގެ، އިންޑިއާގެ ކުންފުންޏަކަށް ވަކިން އައިސް މަސައްކަތެއް ކުރުމެއްނޫން. މީގައި ބަޔަކާ އެކީގައި ގެންދަނީ.

 

ޢަލީ ސުލައިމާން – ވީ.ޓީ.ވީ:

 

އިންޑިއާއާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރެއްވިންތޯ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

ނުވަން އެއްވެސް އެއްބަސްވުމެއް.

ޖީ.އެމް.އާރުވެސް އެ ބައްދަލުވުމަށް އައިސް ތިބީ ހަމަ އިންޑިއާގެ ކުންފުންޏެއްގެ ހައިސިއްޔަތުން. އެއްވެސްކަހަލަ އެއްބަސްވުމެއް ޖީ.އެމް.އާރާއެކީވެސް އަޅުގަނޑުމެން ވެފައެއް އަދިއެއް ނޯންނާނެ.

 

ޢަލީ ސުލައިމާން – ވީ.ޓީ.ވީ:

 

އަޅުގަނޑުގެ ސުވާލަކީ، އެންމެ ބޮޑަށް ރައްޔިތުންގެ ތެރޭގައި މި ކަންބޮޑުވުން އުފެދޭ ކަމަކީ، ޤައުމީ ސަލާމަތަށް އޮތް ނުރައްކާތަކެއްގެ ވާހަކަ، ކޮންމެ ސަރުކާރެއްގައިވެސް ދެކެވެމުންދާ ވާހަކަތަކެކޭ. މިތަނަށް ބޭރު ސިފައިން އަންނަ ވާހަކަ. ނުވަތަ ބޭރު އަސްކަރިއްޔާއެއްގެ ބޭސްއެއް ހަދާ ވާހަކަ. ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރުވެސް ދެކެވުނު، ޗައިނާއަށް ރާއްޖޭގެ ބައެއް ރަށްރަށް، އަސްކަރީ ބޭނުމަށް ދީފައި އޮތްކަމަށް. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްވެސް ކުރި. މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން މިވީ އެއްމަސް ދުވަހުގެ ތެރޭގައި، އެއްވެސް އިރަކު، އެއްވެސް ސަރުކާރަކުން ދިވެހިރާއްޖޭގެ އެއްވެސް ރަށެއް، އެއްވެސް ޤައުމަކަށް ދިން އެއްވެސް އެއްބަސްވުމެއް އެބޭފުޅުންގެ އޮތްތޯ؟ 

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

ނޫން. ނޯންނާނެ. އެއްވެސް ޤައުމަކާ އެކީގައި، އެއްވެސް ބަޔަކާ އެކީގައި، އަސްކަރީ ބޭނުމަށް ރާއްޖޭގެ ބިމުން ކައިވަތެއްވެސް ދޭކަށް އަޅުގަނޑުމެން އެއްބަސްވެފައެއް ނޯންނާނެ. އެކަން އޮންނާނީ އެގޮތަށް. އަޅުގަނޑުމެންގެ ސަރުކާރަކުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭފަދަ އެއްވެސް ކަމަކަށް، އެއްވެސް ބަޔަކާއެކީގައި ކުރެވިފައި އޮތް އެއްބަސްވުމެއް ނޯންނާނެ.

 

ޢަލީ ސުލައިމާން - ވީ.ޓީ.ވީ:

 

އެއްވެސް ސަރުކާރަކުން މީގެކުރިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވޭތޯ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

މިހާރު ބައެއް އެގްރީމަންޓްތަކުގެ ތަފްޞީލު އަޅުގަނޑުމެންނަކަށް ނޭނގެ. ޚާއްޞަކޮށް، ރައީސް ޔާމީން ޗައިނާއަށް ވަޑައިގެން ކުރެއްވި ބޮޑު އެގްރީމަންޓް. އޭގެ ތަފްޞީލުތަކެއް އަޅުގަނޑުމެންނަކަށް ނޭނގެ. އެ އެގްރީމަންޓް އަޅުގަނޑުމެން މި ހޯދަނީ. އޭގައި ހުރި ތަފްޞީލުތައް އެނގުނީމާ އަޅުގަނޑުމެންނަށް އެނގޭނީ. އަޅުގަނޑު ގަބޫލުކުރާހިތެއްނުވޭ، ރައީސް ޔާމީންގެ ސަރުކާރަކުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭފަދަ އެއްބަސްވުމެއް، އެއްވެސް ބަޔަކާއެކީގައި ހަދާފައި އޮންނާނެ ކަމަށް.

 

ޢަބްދުﷲ މުޢާޒް – ޕީ.އެސް.އެމް ނިއުސް:

 

އަޅުގަނޑުވެސް ދެ ސުވާލެއް މަނިކުފާނަށް އަމާޒުކޮށްލާނަން.

އެގޮތުން، މި ދަތުރުފުޅުގައި މި ފާހަގަކުރި 1.4 ބިލިއަން ޑޮލަރޒްގެ ކްރެޑިޓް ފެސިލިޓީޒްގެ ވާހަކަ. ދެން ވަރަށްކުޑަ އިންޓްރެސްޓް ރޭޓެއްގައި ދީފައިވާކަން ސަރުކާރުން ފާހަގަކުރެއްވި. 1.5 ޕަސެންޓްގައި.

ކޮންމެގޮތެއްވިޔަސް މިއީވެސް ހަމަ އަލުން ދައްކަންޖެހޭނެ ބައެއްގެ ގޮތުގައިކަންނޭނގެ، އިންޓްރެސްޓް ރޭޓްގައި ދީފައި ހުރިކަމުގައިވިޔަސް. ކުޑަ އިންޓްރެސްޓް ރޭޓެއް ކަމުގައިވީނަމަވެސް. ދެން ފަންސާސް މިލިއަން ޑޮލަރު، އެއީ ހިލޭ އެހީ ކަމުގައިވީނަމަވެސް.

ކުރީގެ ސަރުކާރުގެ ދަރަނީގެ ވާހަކަ ބޮޑުކަމަށް މި ދެކެވެނީ. ވަރަށްބޮޑު ދަރަންޏެއް ރާއްޖޭގައި ދައްކަން އެބައޮތް ކަމަށް. އެހެންކަމަށްވާއިރުގައި، ކޮބައިތޯއޭ ސަރުކާރުން މި ދަރަނިތައް އަދާކުރުމަށްޓަކައި މިހާރު ނިންމާފައިވާ ގޮތަކީ؟ ނުވަތަ ދަރަނިތައް ފޫބެއްދުމަށްޓަކައި ނުވަތަ ޑިޕެންޑްވުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ކޮބައިތޯއޭ، އެހާ ބޮޑެތި ދަރަނިތަކެއް ހުރިއިރު. ފުރަތަމަ ސުވާލަކީ.

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

އާދެ، ފުރަތަމަ ކަމަކަށް، އިންޑިއާ އިން މި ދޭ 1.4 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް އެހީ، ނޫނީވިއްޔާ ލޯނުގެ ވާހަކަ ދައްކާއިރު، އޭގެތެރެއިން އަޅުގަނޑު މި ދެންނެވިހެން ފުރަތަމަ ބައިގައި މި އަންނަނީ ހިލޭ އެހީ. ފަންސާސް މިލިއަން ޑޮލަރު. އަދި އޭގެއިތުރަށް ފަންސަވީސް މިލިއަން ޑޮލަރެއް އެބައުޅޭ. ފޮރިން މިނިސްޓްރީގެ ބަޖެޓް. މިހާރު އެ ލިބިފައި އޮތީ. އެ ފަންސަވީސް މިލިއަނަށްފަހު ދެން އިތުރަށް ފަންސާސް މިލިއަން ޑޮލަރެއް، ކުރިއަށް އޮތް މަސްތެރޭގައި، މި އަންނަނީ. ދެން އޮންނާނީ ސަތޭކަ ފަންސާސް މިލިއަން. އެއީ ބޮންޑް. ބޮންޑް މި ވިއްކަނީ 1.5 ޕަސެންޓްގައި އިނގޭތޯ. އިންޓްރެސްޓް ރޭޓެއްގައި. ދެން މި އިތުރަށް މި އަންނަނީ ހަތަރުސަތޭކަ މިލިއަން ޑޮލަރެއް. އެއީ ކަރަންސީ ސްވޮޕް. އެއީ އަޅުގަނޑުމެންނަށް ފޮރިން ކަރަންސީ ދަތިވެއްޖިއްޔާ، އަތުގައި ހުރި ދިވެހި ރުފިޔާ ބަހައްޓާފައި ނަގާ ޑޮލަރުގެ ވާހަކަ މި ދައްކަނީ. އެއަކުން އަޅުގަނޑަކަށް ހިއެއްނުވޭ، މައްސަލައެއް އޮތްހެނެއް.

ދެން އޮތީ ދެން މިއުޅޭ އަށްސަތޭކަ މިލިއަން ޑޮލަރު. މިއީ އަޅުގަނޑުމެން ބޭނުންވެގެން، މިވެނި ކަމަކަށް ސަތޭކަ މިލިއަން ޑޮލަރު ދޭށޭ. ނޫނީވިއްޔާ ދުއިސައްތަ މިލިއަން ޑޮލަރު ދޭށޭ ބުނީމާ ދޭން އޯޕަންކޮށްފައި އޮތް ކްރެޑިޓް ލައިނެއް އިނގޭތޯ.

އެހެންވީމާ، އަޅުގަނޑުމެން ނަގާ ލޯނު ނަގާނީ، ބަޖެޓަށް ބުރަނުވާގޮތަށް، އެ ދެއްކޭނެގޮތަށް އިންތިޒާމުކޮށްގެން. މިގޮތަށް މި ލޯނުގެ ބޭނުންކޮށްގެން އަޅުގަނޑުމެން މަސައްކަތް ފެށީމާ، އެނގިވަޑައިގަންނަވާނެ ދައުލަތުގެ އާމްދަނީ. މިހާރު ނަވާރަ ބިލިއަނަށް އެބައަރާ އިނގޭތޯ. ނަވާރަ ބިލިއަން ރުފިޔާއަށް އެބައަރާ. ދެން ރިކަރެންޓް ޚަރަދާއި، ލޯނު ރިޕެއަރމަންޓާ އެކީގައި މި އަރަނީ ފަނަރަ ބިލިއަންވަރު މި އަރަނީ.

އެހެންވީމާ، ބާކީ އުޅޭނެ ތިން ބިލިއަން މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން ރަނގަޅަށް ބަޖެޓް ގެންދެވިއްޖިއްޔާ. ދެން ހުންނާނީ، އެއީ އަޅުގަނޑު ހިތުން ލޯނު ދައްކާ ކަންތައް ކުރަން އަޅުގަނޑުމެންނަށް ބޭނުންކުރެވޭނެ. ދެން އޭގެއިތުރުން، ޗައިނާއާ އެކީގައި ވާހަކަ ދައްކައިގެން މިހިރީ ލޯނުތަކުގެ މުއްދަތު އިތުރުކުރުން، ނޫނީވިއްޔާ އިންޓްރެސްޓް ރޭޓް ދަށްކުރުން. މިހިރީ ކުރެވޭނެ ކަންތައްތައް.

ދެން އޮންނާނީ ދައުލަތަށް ވަންނަ އާމްދަނީ އިތުރުކުރުން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ، ސަތޭކަ ފަންސާސް ރަށާއި ފަޅާ ކުއްޔަށްދީފައި އޮތް ވާހަކަ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އޭގެތެރެއިން ގިނަ ރަށްތަކެއް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މާކެޓަށް ނެރެވޭތޯ. އެއަށް ބޭނުންވާ ފައިސާ ހޯދޭތޯ. އޭގެ ސަބަބުން ރާއްޖެއަށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ.

ހަމައެއާއެކީގައި ކުރަންޖެހޭ ދެކަމެއް އެބައޮތް. ރަށްތައް ނެރޭއިރުގައި. އެއަރޕޯޓް އެބަޖެހޭ ތަރައްޤީވާން. ރަންވޭ އަދި ހަމައެކަނި އަޅައިގެން ނެތް އެކަންވާކަށެއް. ޓަރމިނަލް އެބަޖެހޭ. ރާއްޖެއަށް އެތެރެވާންޖެހޭނެ، ގާތްގަނޑަކަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ދެ މިލިއަން، 2.5 މިލިއަން ޕެސެންޖަރސް ހޭންޑްލް ކުރެވޭވަރުގެ ތަނަކަށް އެތަން ބަދަލުކުރަންޖެހޭނެ. އެހެންނޫނިއްޔާ ރިޒޯޓްތައް އަދި ހެދިޔަސް، ނެތް އަދި އެއިން އާމްދަނީއެއް ލިބޭކަށް.

ހަމައެއާއެކީގައި، ކޮމާޝަލް ޕޯޓް އެބަޖެހޭ ބަދަލުކުރަން. މިހާރު މާލޭގައި މި އޮތް ބަނދަރަކަށް، އިތުރަށް ސަތޭކަ ރިޒޯޓް ހަދައިގެން މަސައްކަތް ފަށައިފިއްޔާ، އެތަނަށް ބޭނުންވާ ކާބޯތަކެތި ގެނެސް އެތެރެކުރެވޭނެ ގޮތެއްނެތް.

އެހެންވީމާ، އެކަތިއަނެކައްޗާ ގޮސް ލާމެހި ގުޅިފައި މިއޮތީ. އެހެންވީމާ، މި ހުރިހާ ކަމަކަށް ވިސްނައިގެން އަޅުގަނޑުމެން ކުރިއަށް މިގެންދަނީ.

އެހެންވީމާ، އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑުމެންގެ މި ޕްލޭނާ އެއްގޮތަށް ރަނގަޅަށް ކުރިއަށް ގެންދެވިއްޖިއްޔާ މާބޮޑު އުނދަގޫތަކެއް އޮތްކަމަކަށް.

 

ޢަބްދުﷲ މުޢާޒް – ޕީ.އެސް.އެމް ނިއުސް:

 

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ދިވެހިންނަށް ވަރަށްބޮޑެތި ލުއިފަސޭހަތަކެއް ވިސާގައި ހަމަޖެހިގެން މިދިޔައީ. ޚާއްޞަގޮތެއްގައި، ކިޔެވުމަށްދާ ކުދިންނަށާއި، އަދި ބޭސްފަރުވާއަށްދާ ދިވެހިންނަށް ވަރަށްބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދިޔައީ. މަނިކުފާނު ދިވެހިންނާ ބައްދަލުކުރެއްވިއިރުވެސް ފާހަގަކުރެއްވި. މިއީ ބޮޑަށް ރާއްޖެއަށް އިންޑިއާއިން ވެދިން ހަމްދަރުދީގެ ގޮތުގައި.

އަޅުގަނޑުގެ ސުވާލަކީ، ރާއްޖެއަށް މިހާ ބޮޑެތި ލުއިތަކެއް އިންޑިއާ އިން ދިންއިރުގައި، އިންޑިއާ އަށް ރާއްޖެއިން އެއްވެސް ކަމަކަށް ލުއިދީފައިވާނެތޯއޭ؟ މި ދެންނެވީ އަޅުގަނޑަށް މީގެކުރިން އަޑުއިވިގެންދިޔަ، އިންޑިއާގެ ބައެއް މަސައްކަތްތެރިންނަށް ވިސާ ލިބުމުގައި ހުރި ދަތިތަކާއި، އަދި އެނޫންވެސް ބައެއް ކަންކަން. އިންޑިއާ އަށް އެއްވެސް ކަމަކަށް މި ރާއްޖެއިން ލުއި ދިނުމުގައި އެއްބަސްވެފައިވާނެތޯ، ނުވަތަ އެ ޤައުމަށް ރާއްޖޭގެ ފަރާތުން ކޮށްދެވުނު އެއްވެސް ކަމެއް، ނޫނީ އެއްބަސްވެވުނު އެއްބަސްވުމެއް އެބައޮތްތޯ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

މިހާރު އިންޑިއާ ރައްޔިތަކަށްވީތީ، ރާއްޖެއަކަށް މަސައްކަތަކު ނާދެވޭ. އެ އަޅުގަނޑުމެން ދޫކޮށްލާނަން އިނގޭތޯ. ވިސާ. އެހެންވީމާ، ރާއްޖޭގައި އެ މަސައްކަތްކުރާ ކުންފުނިތަކަށް، އިންޑިއާ އިން މަސައްކަތްކުރާ މީހުންނާއި، ޕްރޮފެޝަނަލުން، ޑޮކްޓަރުން، ޓީޗަރުން، އަދިވެސް އެކައުންޓެންޓުން. މިހެންގޮސް މި ދާއިރާތަކަށް ބޭނުންވާ މީހުންނަށް އައުމުގެ ފުރްޞަތުގެ ދައްޗެއް ނޯންނާނެ އިނގޭތޯ. އެހެން ޤައުމުތަކެކޭ އެއްގޮތަށް އެކަން ހުޅުވިގެންދާނެ. އެއީ އަޅުގަނޑުމެން އިންޑިއާއާ އެކީގައި ވީ އެއްބަސްވުމަކީ؟

 

މުޢާވިޔަތު އަންވަރު - ސަން އޮންލައިން:

 

ރައީސްގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. ހަތަރު އެއްބަސްވުމެއްގައި އިންޑިއާއާއެކު ސޮއިކުރެވުނު ވާހަކަ. ދިވެހިންނަށް ވަރަށްގިނަ ލުއިފަސޭހަތަކެއް ކުރިމަތިވާނެ ކަމަށް ރައީސް ފާހަގަކުރައްވައިފި. އަޅުގަނޑުގެ ސުވާލަކީ، ރާއްޖެއިން އިންޑިއާ އަށް ކޮށްދޭނެ އެއްވެސް ކަންތައްތަކެއް ހިމަނާފައިވާނެތޯ މި ހަތަރު އެއްބަސްވުމުގެ ތެރޭގައި؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

ނޯންނާނެ އިނގޭތޯ. މި ދެންނެވި ވިސާގެ ލުއިފަސޭހަ ލިބިގެންދާނެ. އެނޫން އެއްވެސް ކަމެއް ނޯންނާނެ.

 

ނާޒިމް ޙަސަން - އަވަސް އޮންލައިން:

 

މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަމާޒުވާ ފާޑުކިޔުމެއް މިއީ. ޤާނޫނާ ޚިލާފަށް ބައެއް ކަންކަން ހިނގަމުންދާ ކަމަށް. އޭގެތެރޭގައި، އާ ހޯމް މިނިސްޓަރަކަށް ޢިމްރާން ޢަބްދުﷲ ޢައްޔަނު ކުރުމާއި، ހޯރަ އިއްބެ ދޫކޮށްލުމާއި، ރިޔާސީ ދެ ކޮމިޝަނަށް ބާރުތައް ދިނުމުގައިވެސް ޤާނޫނުއަސާސީއާ ޚިލާފަށް ބާރުތައްދޭކަމަށް، ފާޑުކިޔާ މީހުން އެބަ ބުނޭ. ދެން އެކަމުގައި އެއްވެސް ޤާނޫނާ ޚިލާފު ކަމެއް ހިމެނޭނެ ކަމަށް މަނިކުފާނު ގަބޫލުފުޅު ކުރައްވަންތޯ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

ނޫން. ތިޔަ ވިދާޅުވި އެއްވެސް ކަމެއްގައި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ހިމެނިފައެއް ނޯންނާނެ. ފުރަތަމަ ކަމަކަށް، ޢިމްރާނުގެ އެޕޮއިންޓްމަންޓް. އޭގައި ޤާނޫނީ ވަކީލުން ދެގޮތަށް ލަފާދެއްވި އަޅުގަނޑަށް އިނގޭތޯ. ހަމަ އެޕޮއިންޓް ކޮށްފައި، މަޖިލީހުން ރުހުން ދޭހާ ހިސާބަށް ހުރެވިދާނެ ކަމާއި، ވަޒީރެއްގެ މަސައްކަތާ ހަވާލުވެވެނީ، ސުޕްރީމް ކޯޓުގެ ޙުކުމެއްގައި އޮންނަގޮތުން، މަޖިލީހުން އެޕްރޫވްވީމަ، އެހިސާބަށް ހުރެވިދާނެއޭ. އަނެއްގޮތަށް ލަފާދެއްވި ވަކީލުންވެސް އުޅުއްވި.

އެހެންވީމާ، އަޅުގަނޑުމެން ނިންމީ، އޭގައި އެންމެ މަޞްލަޙަތު ރަނގަޅު ގޮތަށް، އަލުން ރީ-އެޕޮއިންޓް ކުރަން. އެއީ އެކަން ދިޔަގޮތަކީ.

ދެވަނަ ކަމަކަށް ކޮމިޝަންތަކުގެ ވާހަކަ. ކޮމިޝަންތަކަށް ބާރުދިނުމަށްޓަކައި، ދެ ޤާނޫނެއް އަޅުގަނޑުމެން ހުށަހެޅީ މަޖިލީހަށް. އެ ދެ ޤާނޫނު، މަޖިލިސް ޗުއްޓީއަށް ދިޔައިރަކު ފާހެއްނުވި. ވަރަށްދެރަ ކަމެއް އެއީ. އަޅުގަނޑުމެންގެ ކޯލިޝަންގެ މެޖޯރިޓީ، މަޖިލީހުގައި އޮވެ. އެއީ 46 މެންބަރުން އަޅުގަނޑުމެންގެ ކޯލިޝަންގައި އެބަތިބި މިހާރު. ތިބެ، 43 މެންބަރުން އެތަނަށް ހާޒިރުނުވެވޭގޮތް، ކޮންމެވެސް ސަބަބަކާހުރެ ވެގެންދިޔުމަކީ ދެރަކަމެއް، ހިތާމަކުރާ ކަމެއް.

އަޅުގަނޑު ހަމަ ކޯލިޝަންގެ ހުރިހާ ބޭފުޅުންނަށް މިއަދުވެސް އިލްތިމާސްކޮށް ދަންނަވަން ބޭނުންވަނީ، މިކަންތައްތައް ކުރުމުގައި، ފުރިހަމަ އެއްބާރުލުން، އެހީތެރިކަން އަޅުގަނޑުމެންނަށް ބޭނުންވެޔޭ. ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ މިކަހަލަ ކަންތައްތަކުގައި، ވަކިވަކިންވެސް، ޖުމްލަކޮށްވެސް، ހުރިހާ ބޭފުޅުން، ޕާޓީތަކުގެ ހުރިހާ ބޭފުޅުންވެސް މިކަމުގައި އެހީތެރިވެދެއްވާށޭ.

ދެން ހޯރަ އިއްބެ ދޫކޮށްލުމުގެ މައްސަލައިގައިވެސް. ޤާނޫނީ މައްސަލައެއް އެއަކު ނެތް އިނގޭތޯ. އެހެންނަމަވެސް، އަޅުގަނޑަށް އެނގޭ، އަޅުގަނޑު މި ދޭ،  މި ސުވާލު ޖަވާބު އެއީ އެންމެ ގަބޫލު ނޫން ޖަވާބަކަށްވާނެ ތިޔަބޭފުޅުންގެ ކުރިމަތީގައި އިނގޭތޯ. އެހެންނަމަވެސް، އެކަން ހިނގައިދިޔަގޮތަކީ، ހޯރަ އިއްބެގެ ކުށް އެއީ ބޮޑު ކުށެއް. ހަމަ ވަރަށްބޮޑު ކުށެއް. އަދި މިނިވަންކޮށް މިވަގުތު ހުއްޓަސް، އަޅުގަނޑުމެން އެކަން ބަލަމުން ދާނަން އިނގޭތޯ. އަދި އެ އޮންނަ ދަފްތަރެއް އޮވޭ. އެކަހަލަ ކުށްކުރާ މީހުންގެ ދަފްތަރެއްގައި ނަން ހިމެނި، ވަކި ދުވަހެއް ވާންދެން އަޅުގަނޑުމެން މޮނިޓަރ ކުރަންޖެހޭ. އެކަން ކުރާނަން. ހޯރަ އިއްބެގެ ޢާއިލާއިން ވަރަށް ބޮޑަށް އެދުނު، މިނިވަން ކުރުމަށް އިނގޭތޯ. ދެން އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން ބެލީ، މީގެކުރިން މިތަނުގައި އެކަމުގައި ކަން ކޮށްފައި އޮތްގޮތް. ބެލިއިރުގައި އެބައޮތް، ކްލެމެންސީ ބޯޑުން އެ ކުށް ލުއިކުރުމަށް ދީފައި އޮތް ލަފައެއް. ގޭ ބަންދަށް ބަދަލުކޮށް، އަދި ވަކި ދުވަހެއްވީމާ ދޫކޮށްލާގޮތަށް އޮތް ލަފައެއް. އެއަށް ބޮޑަށް ބުރަވެ، އަޅުގަނޑުމެން އެކަން ކުރީ. އެހެންނަމަވެސް، އަޅުގަނޑަށް އެނގޭ، އޭގައި ވަރަށް ބޮޑެތި ނުރުހުންތައް އެބަހުރިކަން ފާޅުކޮށްފައި.

އެހެންވީމާ، އެއީ އެކަން އޮތްގޮތަކީ އިނގޭތޯ. ޤާނޫނީ ހުރަހެއް ނެތް އެއަކު އިނގޭތޯ. އެހެންނަމަވެސް، މި ދެންނެވިހެން މުޖުތަމަޢުގައި އެބައޮތް ވަރަށް ބޮޑެތި ކަންބޮޑުވުންތައް. އަޅުގަނޑު އޮންނާނީ އެކަން ބަލާފައި.

 

ފާޠިމަތު ރިފާތު – ޗެނަލް ތަރޓީން:

 

އަޅުގަނޑުގެ ސުވާލަކީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ތަފާތު ބޮޑެތި ލޯނުތަކެއް ނަންގަވައިގެން ރާއްޖެ ތަރައްޤީކުރާ މަޝްރޫޢުތަކަށް، މަނިކުފާނުމެން އޭރު އިދިކޮޅުގައި ތިއްބަވައިގެން، ވަރަށް ބޮޑަށް ފާޑުވިދާޅުވި. ލޯނަށް ވަރަށް ބޮޑަށް އިންކާރު ކުރެއްވި މަނިކުފާނުވެސް. މިވަގުތު މަނިކުފާނު ގަބޫލުފުޅު ކުރައްވަންތޯ، ބޭރު ޤައުމުތަކުން ލޯނު ނަންގަވައިގެން ނޫނީ ދިވެހިރާއްޖޭގެ މަޝްރޫޢުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް.

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

ލޯނު ނެގުމަކަށް އަޅުގަނޑު އެއްވެސްއިރެއްގައި އިދިކޮޅެއް ނަހަދަން އިނގޭތޯ. އަޅުގަނޑުމެން އޭރުވެސް ދެއްކި ވާހަކަޔަކީ، ބޮޑެތި އިންޓްރެސްޓް ރޭޓްތަކުގައި، ނުދެއްކޭވަރުގެ ބޮޑެތި އަދަދުތައް ނަގަމުންގެންދާ ވާހަކަ. މިސާލަކަށް، ހަ ޕަސެންޓް، އަށް ޕަސެންޓްގެ ރޭޓްގައި ނަގާފައި، ފަސް އަހަރުން، ދިހަ އަހަރުން އެ ދައްކަން ޖެހުނީމާ، އެއީ ބަޖެޓަށް ކުރާ ބޮޑު ބުރައެއް.

އަޅުގަނޑުމެން އިންޑިއާއާ އެކީގައި މިވީ އެއްބަސްވުންތަކުގައި އެހެނެއް ނޫން ހުންނާނީ އިނގޭތޯ. އިންޓްރެސްޓް ރޭޓް ވަރަށްކުޑަވާނެ. ދައްކަންޖެހޭ މުއްދަތު ވަރަށްބޮޑުތަން ދިގުދެމިގެންދާނެ. އަދި ގްރޭސް ޕީރިއަޑްވެސް، ހަމަ ފުދޭވަރެއްގެ މުއްދަތެއް ލިބިގެންދާނެ.

އެހެންވީމާ، ލޯނު ނެގުމެއްނޫން މީގެ މައްސަލައަކީ އިނގޭތޯ. ބަޖެޓަށް ބުރަނުވާގޮތަށް، ލިބޭ އާމްދަނީން އެ ދެއްކޭގޮތަށް އިންޓްރެސްޓް ލުއިކޮށް އެކަން ކުރުން.

ދެން ހަމަ އޭގެއިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައި ދެއްވާފައި އެހުރި، އެންމެބޮޑު ގޮންޖެހުމަކީ، އުނދަގުލަކީ އެ ދެއްވާފައި އޮތް ސޮވްރިންގ ގެރެންޓީ. އެވެސް މި ބޮލުގައި އެޅެނީ، އެންމެފަހުން އައިސް ދައުލަތުގައި. ރައްޔިތުންގެ ބޮލުގައި މި އެޅެނީ. އެހުރީ ވަރަށް ބޮޑެތި ރޭޓްތަކުގައި ލިބިފައި. އެހެންވީމާ، އޭގެ ތަފްޞީލުތައް، އޭގެ ޑީޓެއިލަށް ގޮސް ހޯދީމާ، ދެން އެނގޭނީ ކިހާ އަދަދެއްކަންވެސް. ފެންނަން ހުރި އަދަދުތަކުގެ ތެރޭގައި، 3.6 އާއި 4 ބިލިއަނާ ހިސާބަށް މިހާރުވެސް އެބަދޭ.

އަނެއްކާ އޭގެތެރެއިން ބައެއް ޕްރޮޖެކްޓްތައް އެހުރީ، ބައެއް މީހުން އަތުން ފައިސާ ނަގާފައި، ހުއްޓިފައި. އެ މީސްމީހުން އަޅުގަނޑުމެންނާ ހިސާބަށް އެބައާދޭ. ބައެއް ހައުސިންގ ޕްރޮޖެކްޓްތަކުގެ. އެޑްވާންސަށް ލާރި ނަގާފައި، ކުންފުނީގެ އޯނަރު ވީތަނެއް ނޭނގެ. ހަމަ އޭގެ ފައުންޑޭޝަން އެކަނި އަޅާލާފައި ހުރި ތަންތަން އެބަހުރި ހުޅުމާލޭގައި. ކިހިނެއްތޯ މިކަން ޙައްލުކުރާނީ؟ އެންމެފަހުން އެ ލޯނު، ސޮވްރިންގ ގެރެންޓީގެ ދަށުން ނަގާފައި އޮތް ލޯނު ނުދެއްކީމާ، ދައުލަތުގެ ބޮލުގައި މި އެޅިގެންދަނީ. އެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. ހަމަ ޕޭޕަރ ކުންފުނިތަކެއްގެ ދަށަށް އެބަހުރި ސޮވްރިންގ ގެރެންޓީ ދީފައި. ހައުސިންގ ސްކީމްތައް އަޅަންވެގެން. އިޢުލާނުކޮށް، އޭގެ ހޯދާ ނުފެނި އެބަ އުޅެންޖެހޭ މެނެޖިންގ ޑައިރެކްޓަރާއި ޗެއަރމަނާ. އެއީ އަޅުގަނޑުމެން އޭރުވެސް ދެއްކި ވާހަކަ.

 

މިއުސަމް ޢައްބާސް - ސީ.އެން.އެމް. ނިއުސް:

 

ދެންމެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި، ޗައިނާގެ ބޮޑު އެއްބަސްވުމެއްގެ ވާހަކަ. ޗައިނާއާއެކު ރައީސް ޔާމީންގެ ދައުރުގައި ގިނަ އެއްބަސްވުންތަކެއް ވަނީ ހަދާފައި. އެހެންވީމާ، އޭގެތެރެއިން ބޮޑު އެއްބަސްވުމަކީ ކޮބައިތޯ، އަޅުގަނޑުމެންނަށް ސާފުކޮށްދެއްވިދާނެތޯ؟

ދެން އޭގެއިތުރަށް އަޅުގަނޑުގެ އަދި އެހެން ސުވާލެއްވެސް އެބައޮތް. އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލަ، މި ސަރުކާރުން ބަލަމުންގެންދާނެ ވާހަކަ ބުނެފައި އޮތީ. އެހެންވީމާ، އެ މައްސަލަ ބައްލަވާފައި، ތިޔަބޭފުޅުން ސަތޭކަ ފަންސާސް ރަށެއް، ފަޅެއްގެ ވާހަކަ މި ދައްކަނީ. އޭގެތެރެއިން ގަވާއިދާ ޚިލާފަށް ކޮރަޕްޝަންގެ ދަށުން ދޫކުރެވިފައިވާ ފަޅުތަކާމެދު ސަރުކާރުން ގެންގުޅުއްވާނީ ކޮން އުޞޫލެއްތޯ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

އަޅުގަނޑު ބޮޑު އެގްރީމަންޓްގެ ވާހަކަ މި ދެންނެވީ، ރައީސް ޔާމީން ބެއިޖިންގގައި ސޮއިކުރެއްވި އެގްރީމެންޓްގެ ވާހަކަ އިނގޭތޯ. އެހެންވީމާ، އެ އެގްރީމަންޓް އަޅުގަނޑު ޖެހޭނީ ހޯދަން. އަޅުގަނޑު އަދި ނުދެކެން.

ދެން އޮތީ އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލަ. އެމް.އެމް.ޕީ.އާރު.ސީ.ގެ ދަށުން ދޫކޮށްފައި ހުރި ރަށްތަކުގެ ތަފްޞީލު، އަދިކިރިޔާ އަޅުގަނޑުމެންނާ ހިސާބަށް، މި އަދަދު ކިރިޔާ މި އެނގުނީ އިނގޭތޯ.

ދެން ބަލަން މިޖެހެނީ، އެ ރަށްތައް ދޫކޮށްފައި ހުރީ ކިހިނެއްތޯ. އެވެސް އަދި ހަމަ ހޯދަން މިޖެހެނީ. އެއީ އެއް ރަށް އެބަހުރި، ތިން ހަތަރު މީހުންނަށް ދީފައި. އެހެންވެސް އެބަހުރި. އަނެއްކާ އެއް ނަމުގައި ދެ ރަށް ދީފައިވެސް އެބަހުރި. އެއް ނަންކިޔާ ދެ ރަށް. އެކަހަލަ ކިތަންމެ ކިތަންމެ އޮޅުންބޮޅުންތަކެއް އޭގައި އެބަހުރި. އެހެންވީމާ، ވަރަށް އުނދަގޫ ކަމެއް.

އެހެންވެގެން އަޅުގަނޑުމެން ދެ ކޮމިޝަނެއް ހަދައިގެން، ބާރުތަކެއްދީގެން އެކަން ކުރަން މިއުޅުނީ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ މިއީ އަޅުގަނޑު ކުރާނެ ކަމެކޭ. މިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. އެއީ ދައުލަތަށް ގެއްލިފައި ހުރި ފައިސާ ހޯދުމަށްޓަކައި އަޅުގަނޑުމެން ނުފުރޮޅާނެ އެއްވެސް ގާކޮޅެއް ނޯންނާނެ. އެއީކީ ވަކި މީހަކަށް، ވަކި ބަޔަކަށް ބަލައިގެން އަޅުގަނޑުމެން ކުރާ ކަމެއްނޫން.

އެހެންވީމާ، ރައްޔިތުންގެ މަޖިލީހުން މިވަގުތު އެއަށް ޤާނޫނު ފާސްނުކުރިޔަސް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިހާރު އެ އޮތް ކޮމިޝަންތަކުގެ ތެރެއިންނާއި، ފުލުސް އޮފީސް މެދުވެރިކޮށާއި، އެންޓި-ކޮރަޕްޝަން މެދުވެރިކޮށް އެކަން ބަލަމުން ގެންދާނަން.

 

ޝަހްބާން ފަހުމީ - ސަންގު ޓީ.ވީ:

 

އެބައޮތް ތިން ސުވާލެއް. ފުރަތަމަ ސުވާލަކީ، އެއްވެސް ޙާލަތެއް މެދުވެރިވެގެން، ދިވެހިރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓް، ޖީ.އެމް.އާރަށްވެސް އަދި އެހެން ޤައުމަކަށްވެސް ދެއްވަފާނަންތޯއޭ؟ ޕީ.ޕީ.އެމް. އިން ހަމަ ވަރަށް ބޮޑަށް ތުހުމަތުކުރޭ، މަނިކުފާނުގެ ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ޖީ.އެމް.އާރަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް.

ދެވަނަ ސުވާލަކީ، ދަރުމަވަންތަ ހޮސްޕިޓަލް، އިންޑިއާގެ ކުންފުންޏަކަށް ދިނުމަށް މަސައްކަތް ކުރަމުންދާ ވާހަކަ. މިއީ ކިހާވަރެއްގެ ޙަޤީޤަތެއްތޯ؟

ދެން ތިންވަނަ ސުވާލަކީ، މަނިކުފާނު ރިޔާސީ ދެ ކޮމިޝަން އުފެއްދެވިއިރުގައި، ކީއްވެގެންތޯއޭ، 1 ޖަނަވަރީ 2012 އިން ފެށިގެން މައްސަލަތައް ބަލާގޮތަށް ތާރީޚުތައް ކަނޑައެޅުއްވީ؟ އޭގެކުރިން ހިނގާފައި ހުރި މަރުގެ މައްސަލަތަކާއި، އަދި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމުގެ ކަންކަން، ކީއްވެގެންތޯއޭ ނުކުރެއްވީ؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

ޖީ.އެމް.އާރު، ބޭރު ބަޔަކަށް ދިނުން، ކުއްޔަށް ދިނުން، ނޫނީވިއްޔާ ދަރުމަވަންތަ ހޮސްޕިޓަލް ކުއްޔަށް ދިނުމާ ބެހޭގޮތުން އެއްވެސް ވާހަކައެއް، އެއްވެސް ބަޔަކާ އަޅުގަނޑުމެން މިހާތަނަށް ދައްކާފައެއް ނޯންނާނެ އިނގޭތޯ.

އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭފަދަ އެއްވެސް ކަމެއް، އެއްވެސް ބަޔަކާއެކު އަޅުގަނޑުމެން ނުހިންގާނަން އިނގޭތޯ. އެއީ އެކަން އޮތްގޮތަކީ.

ދެން ކޮންމެވެސް ތާރީޚެއް ޖަހަންޖެހޭ ދޮގެއްތޯ، ކަމެއް ފަށްޓާއިރުގައި. ޤާނޫނުލްޢުޤޫބާތުގައިވެސް އޮވޭހެން އަޅުގަނޑަށް ހީވަނީ، ވަކި މުއްދަތެއްވީމާ، އޭގެކުރިން ކޮށްފައި ހުރި ކަންތައްތައް، ނުބެލޭ ތާރީޚެއް އޮވޭ. އެހެންވީމާ، އެ ހުރިހާ އެއްޗަކަށް ރިޢާޔަތްކޮށްފައި، އަޅުގަނޑުމެން ތާރީޚެއް ޖަހައިގެން ކުރިއަށް މިގެންދަނީ. އޭގެ މާނަޔަކީ ކޮންމެހެން އަޅުގަނޑުމެން މިއުޅެނީ ވަކި މީހަކު، ނޫނީވިއްޔާ ވަކި ބައެއްގެ ފަހަތުން ދާކަށްނޫން އިނގޭތޯ. އަޅުގަނޑަށް ހީވަނީ ބައެއް ބޭފުޅުންނަށް އެހެން ހީވަނީހެން. އެހެނެއްނޫން އެކަން އޮތީކީ އިނގޭތޯ. އެއަށްވުރެ މާ ސާފުކޮށް އަޅުގަނޑުމެން މިކަން ކުރިއަށް ގެންދާނީ.

 

މުރްޝިދު ޢަބްދުލްޙަކީމް  - ރާއްޖެ ޓީ.ވީ:

 

އަޅުގަނޑުގެ ސުވާލަކީ، ދެންމެ މަނިކުފާނު ފާހަގަކުރެއްވި، ރިޔާސީ ކޮމިޝަނަށް ބާރުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލާ ގުޅޭގޮތުން. އެއާ ގުޅޭގޮތުން އަޅުގަނޑުގެ ސުވާލަކީ، ކޯލިޝަންގެ ބާރު މަޖިލީހުގައި އަދި އޮތުމާއެކީ، މަނިކުފާނުގެ ވިސްނުންފުޅު އެބަހުރިތޯ ޕާޓީތަކާ ގުޅިގެން ޖަލްސާއެއް ބާއްވައިގެން ބިލް ފާސްކުރުމަށް؟

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު:

 

އަޅުގަނޑުގެ ޔަޤީންކަން އެބައޮތް ކޯލިޝަނާ ދޭތެރޭގައި އިނގޭތޯ. ކޯލިޝަންގެ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބޭނެ. އެކަމަކު ކޮންމެހެން މަޖިލީހުގެ ޗުއްޓީތެރޭގައި ޚާއްޞަ ޖަލްސާއެއް ބާއްވައިގެން، އެކަން ކުރުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް. އެކަމަކު އަޅުގަނޑަށް މި މަސައްކަތް ކުރިއަށް ގެންދެވޭނެ.

އިރާދަކުރެއްވިއްޔާ މާދަމާ އަޅުގަނޑުމެން އަނެއްކާވެސް ހުރިހާ ލީޑަރުންގެ ބައްދަލުވުމެއް ބާއްވަން މި ތައްޔާރުވަނީ. އޭގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދާނެގޮތާއި، ދެންހުރި ކަންތައްތަކާ ބެހޭގޮތުން ހުރިހާ ޕާޓީތަކެއްގެ ލީޑަރުންނާ އެކީގައި މަޝްވަރާ ކުރެވޭނެ. އެއަށްފަހު، އޭގެ މަޢުލޫމާތުތައް އަޅުގަނޑު ތިޔަބޭފުޅުންނާ ޙިއްޞާކުރާނަން. އިރާދަކުރެއްވިއްޔާ، މި ސަރުކާރު ދެމިއޮންނާނީ، ކޯލިޝަން ސަރުކާރެއްގެ ގޮތުގައި. ރައްޔިތުން އަޅުގަނޑު އިންތިޚާބުކުރި ގޮތް، އަޅުގަނޑަށް ވަރަށްސާފު.

އެހެންވީމާ، އެގޮތުގެ މަތީގައި، އަޅުގަނޑު ދެމިހުންނާނީ.

 

ވަރަށް ބޮޑަށް ޝުކުރިއްޔާ!

____________________________