بســم اللّـه الرّحمـن الرّحيــم

 

اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

 

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ހިންގެވުމާ ޙަވާލުވެ ހުންނެވި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު، މިނިސްޓަރ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާ، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެހެން ވަޒީރުން، އަދި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސްވެރިން، ދައުލަތުގެ ވަޒީރުން، މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން، އެޗް.ޑީ.ސީ.ގެ އިސް ވެރިން. ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

 

 السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

މި ހިތްގައިމު ވަގުތުގައި، އަޅުގަނޑުމެން މިފަށާ ޕްރޮގްރާމަކީ، ރާއްޖެއަށް ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ޕްރޮގްރާމެއް. މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަކީ، މި ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ މުހިންމު އެއް ކަންތައް.

މިއީ ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަންތަކުގެ ތެރެއިން، ފުރަތަމަ 30 ދުވަހުގެ ތެރޭގައި ތަންފީޒު ކުރެވޭ ދެވަނަ ކަންތައް. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ގަސް އިންދަން ފެށުމުގެ ތައްޔާރީތައް އެންވަޔަރަންމަންޓް މިނިސްޓްރީން މިހާރު އެ ގެންދަވަނީ ކުރައްވަމުން.

މި ޕްރޮގްރާމް އަޅުގަނޑުމެން މި ފަށަނީ، ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ އަދަދަކަށް ރުއްގަސް ކެނޑުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައި. އެކަން ޙައްލުކުރުމުގެ މަސައްކަތް، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދަނީ ކުރަމުން. ރުއްގަސް ކެނޑުމާއި، އުފުރުމާއި،  އެއްރަށުން އަނެއް ރަށަށް ގެންދިޔުމާބެހޭ ގަވާއިދު އިޞްލާޙުކޮށް، ތަންފީޒު ކުރުމަށްޓަކައި މިހާރު އޮތީ އޭ.ޖީ އޮފީހުގެ މަރުޙަލާގައި.

ގަސް ކެނޑުމާއި، ރަށްތައް ހަނަފަސްކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެވޭނީ، ތިމާވެށްޓާ ބެހޭ ޤާނޫނުތައް ފުރިހަމައަށް ތަންފީޒު ކުރެވިގެން. ތިމާވެށީގެ ޙިމާޔަތުގައި އުފައްދާފައި ހުރި މުއައްސަސާތައް، މިހާރަށްވުރެ ބާރުވެރިކުރުވައި، މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ދެވިގެން.

އީ.އައި.އޭ ހެދުމުގެ ޒިންމާތައް، ޓޫރިޒަމް މިނިސްޓްރީން ވަކިކޮށް، ތިމާވެށްޓާ ބެހޭ މިނިސްޓްރީއަށް ވަރަށް އަވަހަށް ބަދަލުކުރެވޭނެ.

އެކަމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް، މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައި. މިއީ މިހާރަށްވުރެ މިނިވަން އަދި ޒިންމާދާރު ގޮތެއްގައި އީ.އައި.އޭ.ގެ  ދިރާސާތައް ހެދުމަށްޓަކައި ވަރަށް މުހިންމު ބަދަލެއް ކަމަށް އަޅުގަނޑު ދެކެން.

އެއް ރަށް ފެހި ކުރުމަށްޓަކައި، އަނެއް ރަށް ހަނަފަސްކޮށްލުމަކީ، އަޅުގަނޑުމެން ޤަބޫލުކުރާ ހަމައެއްނޫން. މިއަދު ހުޅުމާލޭގައި މި އިންދާ 100 ރުކާއި، 150 ގަހަކީ، އެއްވެސް ރަށަކުން ނަގައިގެން ގެނައި ރުއްގަހެއް ނޫން. މިއަދު މި އިންދަނީ، ހުޅުމާލޭ ނާސަރީގައި މުޑުވައްކޮށް ހައްދާފައިވާ ރުއްގަސް.

ތަރައްޤީއާއި ކުރިއެރުން ގެންނަންވާނީ، ޤުދުރަތީ ގޮތުން މި ވެށީގައި ލައްވާފައިވާ، ވަޒަންހަމަކަން ނުގެއްލޭނެފަދަ ގޮތަކަށް. އަޅުގަނޑުމެންނަކީ ތަރައްޤީއަށްޓަކައި މި ރާއްޖޭގެ ޤުދުރަތީ ވެށި ޤުރްބާންކުރާނެ ބައެއްނޫން. މި ސަރުކާރުގެކުރެއްވިއްޔާ މި ރާއްޖެއަށް  ތަރައްޤީ، ރައްޔިތުންނާ ބައްދަލުކުރާނީ ތިމާވެށްޓާ އެއްކީލިވާ ގޮތުގައި.

މިވެށްޓަކީ، އިންސާނުންގެ ދެމިހުރުމަށްޓަކައި ލައްވަވާފައިވާ، ވަށައިޖެހިފައިވާ ނިޒާމެއް. މި ވެށީގެ ކޮންމެ ނިޒާމެއް، ސީދާގޮތުންނާއި ނުސީދާގޮތުން ގުޅިފައިވަނީ އިންސާނުންނާ. ފެންނަ ފަށުގައި ފެހިކުލަ ގަދަ ގަސް ހުރުމަކީ، ސިކުނޑީގެ ވަރުބަލިކަން ފިލުވައިލަދޭ ފަރުވާއެއް. ލޮލުގެ ފެނުން ދަމަހައްޓައިދޭ މުހިންމު ވަސީލަތެއް. އަޅުގަނޑުމެން ނޭވާލާ ވައި ސާފުކޮށްދެނީ ގަސްގަހާގެހި.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ތިމާވެށްޓާ ގުޅޭ އިތުރު އެތައް ޙަރަކާތެއް ހިންގޭނެ. ކޮންމެ އަތޮޅަކުންވެސް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް، އެއް ރަށާއި އެއް ފަރު ޙިމާޔަތް ކުރެވޭނެ. އެއީ އެ އަތޮޅެއްގައި އޮންނަ، ޤުދުރަތީ ގޮތުން އެންމެ މުއްސަނދި ރަށް، ނުވަތަ އެންމެ މުއްސަނދި ފަރު ކަމުގައި އަޅުގަނޑުމެން ހަދާނަން.

މަޞްނޫޢީ ގޮތުން ރަށެއް އުފައްދާއިރު، އެންމެ މުހިންމު ކަމަކީ، އެ ރަށެއްގެ ގޮނޑުދޮށާއި ފަސްގަނޑު ޙިމާޔަތް ކުރުން. ހުޅުމާލޭގެ އިރުމަތީ ފަރާތު ހޭޅިފަށުގައި މިއަދު މި އިންދާ 250 ރުއްގަހުގެ ސަބަބުން، މިއަވަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރެވި، މި އަވަށުގައި ވަޒަންވެރިވާ މީހުންގެ ޞިއްޙަތަށް އެތައް ފައިދާއެއް ލިބޭނެ.

އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މި ގޮވައިލަނީ، ކޮންމެ ބޭފުޅަކުވެސް، އެ ބޭފުޅެއްގެ ގޯތީގައި އެންމެ ގަހެއްވިޔަސް އިންދެވުމަށް. ވަކިން ޚާއްސަކޮށް، ކާބޯތަކެތި އަޅާ ގަސްގަހާއި، ކެއުމަށް ބޭނުންކުރާ ފަތްޕިލާވެލި ލިބޭފަދަ ގަސްތައް ގިނަކުރެއްވުމަށް. އެއީ އަޅުގަނޑުމެންގެ ޚަރަދުތައްވެސް ކުޑަކުރެވޭނެ ކަމެއް.

އަޅުގަނޑުމެން މި އެދޭފަދަ ޖަޒީރާވަންތަ ތަޞައްވުރެއް ޙާޞިލުކުރެވޭނީ، ދެމެހެއްޓެނިވި ގޮތުގައި މި ޕްރޮގްރާމް ހިންގައިގެން. އަޅުގަނޑުމެންގެ ރަށްރަށުގެ ފެހިކަން ދެމެހެއްޓުމުގެ މަސައްކަތް ދާއިމީގޮތެއްގައި ކޮށްގެން. މިއީ ތަރައްޤީގެ ކޮންމެ ފިޔަވަޅަކާއެކު އަޅުގަނޑުމެންގެ ހަނދާނުގައި ހަރުލަންޖެހޭ ކަމެއް.

އަޅުގަނޑުމެންނަށް މާތް ﷲ ދެއްވާފައިވާ އެންމެ މަތިވެރި އެއް ނިޢުމަތަކީ، ނޭވާލުމަށްޓަކައި، ކަނޑުން އަރައިގެން އަންނަ ތާޒާ، ސާފު ވައިރޯޅިތަކެއް ދެއްވާފައިވުން. އެ ވައިގެ ސާފުކަން ދަމަހައްޓައިދެނީ، މި ޖަޒީރާތަކުގައިވާ ގަސްގަހާގެހި. މި ޖަޒީރާތަކުގެ ފަސްގަނޑު ހިފަހައްޓައިދެނީ ގަސްގަހާގެހި. މި މަތިވެރި ނިޢުމަތް، ފުރިހަމަގޮތުގައި، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް.

މާތް ﷲގެ ވާގިފުޅާއެކު މިއަދު އަޅުގަނޑުމެން މި ފަށާ މަސައްކަތަކީ، ކާމިޔާބު މަސައްކަތެއް ކަމުގައި މާތް ﷲ މިންވަރު ކުރައްވާށި! އަޅުގަނޑުމެންގެ ވަށައިގެން މިވާ ވެށި، އޭގެ ފުރިހަމަގޮތުގައި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ހެޔޮ ތައުފީޤު، މާތް ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން

 

          والسّلام عليــكم ورحـمــة اللّـه وبـركاتـه.