بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެ ތެރެއިން އެންމެ މަތިވެރި، އެންމެ ތަނަވަސް ނިޢުމަތް ކަމުގައިވާ އިސްލާމްދީނުގެ ހިދާޔަތުން އަޅުގަނޑުމެންގެ ހިތްތައް އުޖާލާ ކުރެއްވި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އެއްކައުވަންތަކަމުގެ ނޫރުން އިންސާނިއްޔަތަށް އަލިކަން ގެނެސްދެއްވި ދަންމަރެއްގެ ގޮތުގައި ދެ ދުނިޔެއަށް ކައު ކުރެއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.

 

އެއަށްފަހު، ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މި އުފާވެރި އަދި ފަޚުރުވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްެތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި އިސްލާމްދީނުގެ ހިދާޔަތު ގަބޫލުފުޅު ކުރައްވައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ކަނޑައެޅުއްވި އޭރުގެ މަހާރަދުން، އައްސުލްޠާން މުޙައްމަދު ބްނި ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި މާތްﷲގެ ޙަޟްރަތަށް ދުޢާ ދަންނަވަމެވެ.

 

ދިވެހި ދައުލަތުން ރަސްމީގޮތުގައި އިސްލާމްދީން ގަބޫލުކުރީއްސުރެ، ވެއަތުވެދިޔަ 892 އަހަރުގެ ދިގު ތާރީޚުގައި، އެ މަތިވެރި ނިޢުމަތް ދިވެހީންގެ ތެރެއިން ފިލައި ނުގޮސް އޮތުމަކީ، އަޅުގަނޑުމެންނަށް މާތްﷲ ދެއްވެވި އެންމެ މަތިވެރި ނިޢުމަތްކަމާމެދަކު ޝައްކެއްނެތެވެ. އެ މަތިވެރި ނިޢުމަތުގައި އަޅުގަނޑުމެން ލެހެއްޓެވި ކަމަށްޓަކައި، ތާއަބަދު އަޅުގަނޑުމެން އެކަލާނގެ ޙަޟްރަތަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މަތިވެރި ދީނީ ވާޖިބެކެވެ.

 

ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާންތައް އައުކުރާ މި މުނާސަބަތުގައި، އަޅުގަނޑުމެންގެ ހިތްމައްޗަށް އެންމެ ފުރަތަމަވެސް ގެންނަންޖެހޭ ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަސާސަކީ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ޢަޤީދާގެ އެއްބައިވަންތަކަން ކަމެވެ. އަޅުގަނޑުމެންނާ ކުރިމަތިވާ ބޭރުގެ ލާދީނީ އޮއިވަރުތަކުން، މި ރާއްޖެ ޙިމާޔަތްކޮށް ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނައަކީ އަޅުގަނޑުމެންގެ ޢަޤީދާގެ ސާބިތުކަމާއި ހަރުދަނާކަމެވެ.

 

މިފަދަ އުފާވެރި މުނާސަބަތެއް ފާހަގަކުރާހިނދު، އަޅުގަނޑުމެންގެ ހިތްތަކުގައި އިސްލާމްދީނުގެ ސާފު ޢަޤީދާ ހަރުލެއްވުމުގެ މުހިންމުކަމާމެދު ފުންކޮށް ވިސްނަންޖެހެއެވެ. ލާދިނީ ފިކުރުތައް އަޅުގަނޑުމެންގެ ޒުވާން ހިތްތަކަށް ނުފޫޒު ފޯރުވަމުންދާ ފަދައިން، ދީނުގެ ހަރުކަށި ފިކުރުތަކުގެ ސަބަބުންވެސް އަޅުގަނޑުމެންގެ އެތައް ޒުވާނުންނެއް މަގުއޮޅެމުންދާކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ. އިސްލާމްދީނުގެ ނަމުގައި ފަތުރަމުންދާ ނުރަނގަޅު މަޢުލޫމާތުގެ ސަބަބުން، އެތައް ދިވެހީންނެއް މަގުއޮޅި، ލޯބިވާ ޢާއިލާތަކާ ވަކިވެ، މި ދުނިޔެ ދޫކުރަމުންދާކަމީ، އަޅުގަނޑުމެން ނުހަނު ހިތާމަކުރާ ކަމެކެވެ.

 

އިސްލާމްދީނުގެ ސާފު ޢަޤީދާއިން ބޭރުވެގެންދަނީވެސް އަދި ދީނީގޮތުން ހައްދުފަހަނައަޅައި، ލާއިންސާނީ ހަރުކަށި ޢަމަލުތަކަށް އަރައިގަންނަނީވެސް އިސްލާމްދީނުގެ ލުއިފަސޭހަކަމާއި، އިސްލާމްދީނުގައިވާ ރަޙްމާއި އޯގާތެރިކަމާއި، ހަމްދަރުދީގެ މަތިވެރި އުސޫލުތަކާއި ހަމަތައް ނޭނގޭތީއެވެ. އެހެންކަމުން، މިއަދުގެ މުނާސަބަތުގައި، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ތަރުބަވީ މުއައްސަސާތަކާއި މުދައްރިސުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، އަޅުގަނޑުމެންގެ ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދިނުމަށެވެ. ދެދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން އޮތީ އެގޮތުގައި ކަމަށްވާތީއެވެ.

 

اللّـه سبحـانـه وتعـالى އިސްލާމްދީނަށް ތާއަބަދުމެ ނަޞްރާއި ކާމިޔާބީ މިންވަރު ކުރައްވާށިއެވެ! އަޅުގަނޑުމެންނަކީ އެއްކައުވަންތަކަމުގެ ޢަޤީދާގައި ފައިތިލަ ސާބިތުވެގެންވާ ބަޔަކު ކަމުގައި ތާއަބަދަށް ލަހައްޓަވާށިއެވެ! ދިވެހީންގެ މެދުގައި މިއޮތް ދީނީ އެއްބައިވަންތަކަމާއި ޢަޤީދާގެ ސާބިތުކަން ފުރިހަމަގޮތުގައި ލަހައްޓަވައި، މި ރާއްޖެއަށް ފާގަތިކަމާއި ހަމަޖެހުމާއި އަމާންކަމާއި ޞުލްޙަމަސަލަސްކަން މިންވަރުކުރައްވާށިއެވެ! އާމީން.