بســم اللّـه الرّحمـن الرّحيــم

 

اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، ދައުލަތުގެ ވަޒީރުން، މާލޭ ސިޓީގެ މޭޔަރ، ޑަބްލިޔޫ.އެޗް.އޯ. ރެޕްރެޒެންޓެޓިވް ޑޮކްޓަރ އަރްވިންދް މާތުރް، މިނިވަން މުއައްސަސާތަކުގެ އިސްވެރިން، އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން، އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

 

    السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

އަޅުގަނޑުމެންގެ ޅަފަތުގައި ދުވާލުގެ ހޫނުކަން ރަށުތެރެއަށް ފެތުރިގެން އަންނައިރު، އެންމެ ފުރަތަމަ ފެންނަނީ، ގޭދޮރުމައްޗާއި މަގުމަތި ކުނިކަހައި ސާފުކުރާ މަންޒަރު. މިއަދު އަޅުގަނޑުމެންވެސް ދުވަހުގެ މަސައްކަތާ މި ކުރިމަތިލަނީ، މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތްތަކާ ކަމުގައިވާތީ، އެ ރީތި އާދަ އަލުން އަށަގެންނެވުމުގެ ހެޔޮ ފާލެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން.

 

ރާއްޖެ މަޝްހޫރުވެފައިވަނީ ސާފުތާހިރުކަމަށް ލޯބިކުރާ، ގޮތްހުރި ބަޔަކު ދިރިއުޅޭ ޖަޒީރާތަކެއްގެ ގޮތުގައި. ތަރައްޤީގައި އަޅުގަނޑުމެން ކިތަންމެ ކުރިއަށްދިޔަޔަސް، މި ރާއްޖެއިން ދުވަހަކުވެސް ޖަޒީރާވަންތަ ސިފަ ގެއްލިގެނެއް ނުދާނެ. ޖަޒީރާވަންތަ ސިފަ ދެމެހެއްޓޭނީ، އަޅުގަނޑުމެންގެ މި ޗާލު ވެށި ސާފުތާހިރުކޮށް ބަލަހައްޓައިގެން.

 

މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަން މި ނިންމީވެސް، މި ރާއްޖޭގެ ހިތްގައިމުކަމާއި ނަލަކަން، އެގޮތުގައި ދަމަހައްޓައިގެން މެނުވީ، ރާއްޖޭގެ ޤުދުރަތީ މުއްސަނދި ކަމުގެ ނަފާ، ހެޔޮގޮތުގައި ނުލިބޭނެކަމަށް ގަބޫލުކުރެވޭތީ.

 

ރާއްޖެ ސާފުކުރުމަށް ސަރުކާރުން މިއަދު މި ފެށި މަސައްކަތަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ އެއްބާރުލެއްވުން ދެއްވުމަށް އަޅުގަނޑު އެދެން.

 

ކުނި ނައްތާލުމަކީ، މި ރާއްޖޭގެ ކޮންމެ ރަށަކަށްމެ ދިމާވެފައިވާ ވަރަށްބޮޑު އިޖުތިމާޢީ މައްސަލައެއް. އެފަދަ ކޮންމެ މައްސަލައެއްގެ ޙައްލު ފެށެނީ، ފަރުދުންގެ ކިބައިން ކަމުގައިވާތީ، މިކަމުގައިވެސް ފަރުދީ ޒިންމާގެ ދައުރު ވަރަށްބޮޑު. ގޮނޑުދޮށްތަކާއި، ކަނޑުފަޅުތަކާއި ފަރުތަކަށް ކުނި ބޭރުވަމުންދަނީ، ރަށުތެރޭގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތައިލެވޭ ނިޒާމުތަކެއް އެކަށައެޅިފައި ނެތުމުން. ކޮންމެ ރަށަކަށް މިފަދަ ނިޒާމަކަށް ބޭނުންވާކަން އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުމެންގެ އަމާޒަކީވެސް އެއީ.

 

ވެރިރަށް މާލޭގައި އުފެދޭ ކުނީގެވެސް ވަރަށްބޮޑު އިންސައްތަޔަކީ، އަޅުގަނޑުމެންގެ އަތްތަކުން މަގުތަކަށް އަޅާ ކުނި. ޤުދުރަތީގޮތުން އުފެދޭ ކުންޏަށްވުރެ ގިނައިން މަގުތަކުން ފެންނަނީ އެކިބާވަތުގެ ހުސް ޕެކެޓްތަކާއި، ޕްލާސްޓިކް ފުޅިއާއި ކޮތަޅުފަދަ ތަކެތި.

 

މިއަދު އަޅުގަނޑުމެން މި ހިންގާ ހަރަކާތް، ޕްލާސްޓިކްގެ އުފެއްދުންތަކާ ނުލައި އިންތިޒާމު ކުރެވޭއިރު، އަޅުގަނޑުމެންގެ އަމިއްލަ ކަމަކަށް ސިންގަލް-ޔޫސް ޕްލާސްޓިކާ ނުލައި އިންތިޒާމު ނުކުރެވެންވީ ކީއްވެގެންތޯ؟ ކުނި މެނޭޖް ކުރުމުގެ އެންމެކުރު މަގަކީ، ކުންޏަކީ ކޮންމެހެން އުފެދެންޖެހިގެން ނޫނީ ނުއުފެދޭ އެއްޗެއް ކަމުގައި ހެދުން. ކުނި އުފެދޭ މިންވަރު މަދުކުރުން. އަދި ތިމާވެށްޓާ ރަޙްމަތްތެރި ގޮތެއްގައި ކުނި ނައްތައިލެވޭނެ އިންތިޒާމުތައް ހަމަޖެއްސުން. ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ އަމާޒަކީ މިއީ.

 

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، މި ރާއްޖޭގެ ފަރުތަކުގެ ނިޒާމަކީ، ދުނިޔޭގެ ހަތްވަނައަށް އެންމެބޮޑު ފަރުގެ ނިޒާމު. މިއީ ކަނޑުގެ އެތައް ދިރުންތަކެއްގެ ގެދޮރުވެސްމެ.

 

އަޅުގަނޑުމެން މިއަދު މި ފަށަނީ، އަންނަން އޮތް ޖީލުތަކަށް މިމުއްސަނދި ވެށި ފުރިހަމަކަމާއެކު ފޯރުކޮށްދިނުމުގެ މުހިއްމު މަސައްކަތް. ތިމާވެށީގެ ނުރައްކާތަކުން މި ދުނިޔެ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި، ޖަޒީރާ ޤައުމެއްގެ ލީޑަރެއްގެ ގޮތުގައި، މި ރާއްޖެއަށް ދެމިއޮވެވޭނީވެސް ސާފުތާހިރުކަންމަތީ މި ރާއްޖެ ބާއްވައިގެން.

 

އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހުން މި އެދެނީ، މި ރާއްޖެ ސާފުތާހިރު ހިތްގައިމު ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް އަޅުގަނޑުމެން އެންމެން އެކުގައި ފަށަމާ ހިނގާށޭ. އަޅުގަނޑުމެންގެ ކިބައިގައި ކުރިއްސުރެ ހުރި ސާފުތާހިރުކަމުގެ ސިފަ، އަލުން އަށަގަންނަމާ ހިނގާށޭ.

 

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ސާފުތާހިރުކަމަށް ލޯބިކުރާ، އަދި އެކަމަށް ގަދައަޅައި މަސައްކަތްކުރާ ބައެއް ކަމުގައި ލެއްވުން. މި ރާއްޖޭގެ ޗާލުކަމާއި ހިތްގައިމުކަން، ތާއަބަދަށް އެގޮތުގައި ލައްވަވައި، މި ރާއްޖޭގެ ޖަޒީރާވަންތަކަން ދިރުވައި އާލާކުރުމަށްޓަކައި މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި! އާމީން.

 

          والسّلام عليــكم ورحـمــة اللّـه وبـركاتـه.