بســم اللّـه الرّحمـن الرّحيــم

 

اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

 

ފުރަތަމަ ކަމަކަށް، އަޅުގަނޑުމެން ދެންމެ މި ރަށަށް އައުމުން، މި ރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް އެ ވިދާޅުވި ފުރިހަމަ މަރުޙަބާއަށްޓަކައި އިޚްލާޞްތެރިކަމާއެކުގައި، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ ފަރާތުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

 

އާދެ، ދިއްފުށީ ކައުންސިލްގެ މެންބަރުން، އަލިފުޅު ތުއްތު ފައުންޑޭޝަންގެ ރައީސް ޙުސައިން ޢަފީފް، އަދި ފައުންޑޭޝަންގެ ހުރިހާ އިސްވެރިން، ދިއްފުށީގެ އެންމެހައި ރައްޔިތުންނާއި، މި ބައްދަލުވުމަށް ޙާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން، އަދި ސަރުކާރުގެ ވަޒީރުންނާއި، އެހެނިހެން ބޭފުޅުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

ކ. ދިއްފުށީގައި މިއަދު މި ބޭއްވޭ ރަސްމިއްޔާތަކީ، މި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވި، ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ބޭއްވޭ ރަސްމިއްޔާތެއް. މި ޚިދްމަތް ރަސްމީކޮށް ހުޅުވުމުގެ ޝަރަފު އަޅުގަނޑަށް ލިބިގެން ދިޔުމަކީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އެކަމަށްޓަކައި އަޅުގަނޑަށް މި ފުރުޞަތު ދެއްވީތީ، ޢަލިފުޅު ތުއްތު ފައުންޑޭޝަންގެ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.

 

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށްފަހުގައި، އަޅުގަނޑު ރާއްޖޭގެ ރަށަކަށް ކުރާ ފުރަތަމަ ދަތުރު، މި ރަށަށް މި ކުރެވުނީ. އަދި ތިޔަބޭފުޅުންނަށް ބޭނުންވެފައިވާ އަސާސީ ޚިދުމަތެއް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން، އިއްތިފާޤުން ނަމަވެސް ދިމާވި ދިމާވުމަކީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އެނގިވަޑައިގަންނަވާނެ، ދެންމެ އަސްލަމް އެ ވިދާޅުވިފަދައިން، އަޅުގަނޑުމެން ރާއްޖޭގެ ވެރިކަމަށް އައީ، ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމުގެ ވަޢުދާ އެކުގައި. އެގޮތުން، މިއަދު މި ހުޅުވޭ، މަސައްކަތަކީ، ދެވޭ ޚިދުމަތަކީ، އޭގެ އެއްބައި.

 

ދިއްފުށީގައި މި ޤާއިމުކުރެވުނު ފެނާއި ނަރުދަމާގެ ނިޒާމަކީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ޢަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން އިސްނަންގަވައިގެން، މުޖުތަމަޢުގެ ލާބައާއި މަންފާއަށް ކުރަމުން އަންނަ އެތައް މަސައްކަތެއްގެ ތެރެއިން ކުރެވުނު އެއްކަންތައް. މި މަޝްރޫޢަށް އެ ފައުންޑޭޝަންގެ ފަރާތުން ގާތްގަނޑަކަށް ފަސްދޮޅަސް އެއް މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އަޅުގަނޑަށް އެނގޭ. 9 މާރިޗު 2017 ގައި މި މަސައްކަތާ ހަވާލުވުމަށްފަހުގައި، މި މަޝްރޫޢަށް ބޭނުންވާ ތަކެތި ގެނައުމާއި، ކުރެހުމާއި، ޑިޒައިން ކުރުމާ، މި ހުރިހާ ކަމަކަށް މިވަނީ ގާތްގަނޑަކަށް އެންމެ ވިހި މަސްދުވަސް ހޭދަކޮށްފައި. މިކަމަށްޓަކައި މިހާ އަވަހަށް މި މަޝްރޫޢު ނިންމައިދެއްވި ކަމަށްޓަކައި، މި މަޝްރޫޢު ހިންގަވައިދެއްވި އައިޓެކް މޯލްޑިވްސްއަށާއި، އެ ކުންފުނީގެ އިސްވެރިންނަށް ޝުކުރު ދަންނަވަން.

 

ޢަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ހިންގާފައިވާ ކަންތައްތަކުގެ ތެރޭގައި، ފާއިތުވި އަށާރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، އޯ ލެވެލްއިން ފާސްވި އެތައް ކުދިންނަކަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ވަނީ ދެއްވާފައި. އަދި 2009 ވަނަ އަހަރުން ފެށިގެން، ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވެދެއްވި ފަދައިން، ހަތަރުސަތޭކައަށްވުރެ ގިނަ މަޝްރޫޢު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވޭ. މީގެތެރޭގައި މިސްކިތް އެޅުމާއި، ސްކޫލްތައް ޑިޖިޓަލައިޒް ކުރުމާއި، ތިމާވެށްޓާއި އަދި މިނޫންވެސް އެކިއެކި ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއް، އެ ފައުންޑޭޝަނުން ވަނީ މިހާތަނަށް ކޮށްދީފައި.

 

ޢަލިފުޅު ތުއްތު ފައުންޑޭޝަނަކީ، ރައްޔިތުންނަށް ބޭނުންވާ މިފަދަ އެތައް ކަންތައްތަކެއް ކުރުމުގައި، އިޖުތިމާޢީ ޒިންމާ އަދާކުރުމުގައި ހަރަކާތްތެރިވާ ލާމަސީލު ޖަމާޢަތެއް. އެކަމަށްޓަކައި ފައުންޑޭޝަންގެ ހުރިހާ ބޭފުޅުންނަށް އިޚްލާސްތެރިކަމާއެކު، އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

 

ސާފު ބޯފެނާއި ނަރުދަމާ ނިޒާމަކީ، ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޚިދުމަތެއް. އަދި އެއީ، އަޅުގަނޑުމެންގެ ވެރިކަމުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ވަޢުދުވެފައިވާ ކަމެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ލިބިގެންދާނެ.

 

މިއަދު ރާއްޖޭގެ ޙާލަތަކީ، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، ފެނުގެ ޚިދުމަތް ލިބެނީ އެންމެ ތިރީސް ހަތަރު ރަށަށް. އަދި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވިފައިވަނީ އެންމެ ފަސްދޮޅަސް ހަރަށުގައި.

 

ރާއްޖެއަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު، ރައްޔިތުންނަށް ލިބެންޖެހޭ މިފަދަ އަސާސީ ޚިދުމަތްތައް ލިބޭލެއް މަދުކަން، އަޅުގަނޑު ފާހަގަކުރަން. އެއީ އެކަން ވެގެންވާނެގޮތް ނޫންކަންވެސް، އަޅުގަނޑު މި ފުރްޞަތުގައި ތިޔަބޭފުޅުންނަށް ދަންނަވަން.  

 

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވީ ވަޢުދުތައް ފުއްދައިދިނުމުގެ ގޮތުން، ކުރިއަށް އޮތް 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާ ޖުމްލަ ސަތޭކަ ދެ މިލިއަން ޑޮލަރު ޚަރަދުކޮށްގެން، ހަތްދިހަ ދެ ރަށުގެ ނަރުދަމާއާއި، ފަންސާސް ހަ ރަށުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހިމެނިފައިވާނެ. އަދި އަޅުގަނޑުގެ އަމާޒަކީ، އަޅުގަނޑުމެންގެ ވެރިކަމުގެ ތިން އަހަރު ނިމޭއިރުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަސައްކަތް ފެށުން. އިރާދަކުރެއްވިއްޔާ، މިކަންތައްތައް ކުރެވިގެންދާނެ.

 

މިކަން ކުރުމުގައި، އަމިއްލަ ވިޔަފާރިވެރިންގެ އެހީތެރިކަންވެސް އަޅުގަނޑުމެން ބޭނުންވޭ. އަދި ވިޔަފާރިވެރިން ތިއްބެވީ މިކަންތައްތަކުގައި އެހީތެރިވާން ތައްޔާރަށްކަންވެސް އަޅުގަނޑަށް ގަބޫލުކުރެވޭ.

 

ވިޔަފާރިވެރިން، މިފަދަ އިޖުތިމާޢީ ކަންކަން ފޯރުކޮށްދޭން ތައްޔާރަށް ތިބިއިރުގައި، ސަރުކާރުން އަދާކުރަންޖެހޭ ޒިންމާއެއް އޮތްކަންވެސް އަޅުގަނޑު ގަބޫލުކުރަން. ވިޔަފާރިވެރިންނަށް ފަސޭހަ ވިޔަފާރީގެ މާޙައުލެއް ސަރުކާރުން ޤާއިމުކޮށްދޭންޖެހޭ. އިންވެސްޓަރުންގެ އިންވެސްޓްމަންޓްތަކަށް ޤާނޫނީ ފުރިހަމަ ރައްކާތެރިކަން ލިބިދޭންވެސް އެބަޖެހޭ. އަޅުގަނޑު މިއަދު ވިޔަފާރިވެރިންނަށް ޔަޤީންކޮށް މި އަރުވަނީ، އަޅުގަނޑުމެންގެ ސަރުކާރުން މިތިބީ އެކަންތައްތައް ކޮށްދޭން ތައްޔާރަށް ކަމުގައި.

 

ދިއްފުށީގައި މިއަދު ޤާއިމުކޮށްފައި މިވާ ނަރުދަމާއާއި ފެނުގެ ނިޒާމުގެ ސަބަބުން ދިއްފުށީގެ ރައްޔިތުންނަށް ނުހަނު ފަސޭހަތައް ލިބިގެންދާނެކަމީ  ޝައްކެއްއޮތްކަމެއް ނޫން.  އަދި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހިފައި ހުރި އިތުރު ކަންތައްތަކަށް، މީގެ ސަބަބުން މަގުފަހިވެގެންދާނެ. ޢުމްރާނީ ތަރައްޤީ ނުވަތަ ބޭސިކް އިންފްރާސްޓްރަކްޗަރ ލިބެން ފެށުމުން، ތަރައްޤީގެ އެހެން ކަންކަން، މިސާލަކަށް، ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން އަދި އިޤްތިޞާދީ އެހެން ކަންކަން، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އިތުރަށް ތަރައްޤީވުމަށް ފުރްޞަތު ލިބިގެންދާނެ.

 

ރިޔާސީ ކެމްޕޭނުގައިވެސް އަޅުގަނޑަށް މިރަށަށް އާދެވުނު. އަދި މިރަށުގެ ރައްޔިތުންގެ ފަރާތުން ކަންބޮޑުވާ އެތައް ކަމެއް އަޅުގަނޑަށް ހުށަހެޅި. އަދި މިރަށަށް މި ސަރުކާރުން ކޮށްދޭނެކަމަށް އަޅުގަނޑުމެން ވާނެ ވަޢުދުތަކެއްވެސްވެފައި. ބިންހިއްކުމާއި، ޞިއްޙީ މަރުކަޒު، ލެބޯރެޓަރީއަކާއެކު އަޕްގްރޭޑް ކުރުމާއި، ރަނގަޅު ފުޓްބޯޅަ ދަނޑެއް އެޅުމާއި، ގެދޮރު ބިނާކުރުމަށް ލުއި ފަސޭހައިން ލޯނު ލިބޭނެގޮތް ހަދައިދިނުންފަދަ ކަންތައްތަކަކީ، މިރަށުގެ ރައްޔިތުންވެސް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުންވެސް، އަޅުގަނޑު ކުރި ދަތުރުތަކުގައި ހުށަހަޅާފައި ހުރި ކަންތައްތައް. އެގޮތުން، މިރަށުގެ ޞިއްޙީ މަރުކަޒު، ލެބޯރެޓަރީއަކާއެކު ތަރައްޤީކުރުމާއި، ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ޤާއިމުކުރުމަށް، ކުރިއަށް އޮތް 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން، އަޅުގަނޑު މި ފުރްޞަތުގައި ތިޔަބޭފުޅުންނަށް ދަންނަވަން. އަދި ގެދޮރު އެޅުމަށް ބޭނުންވާ ލުއިލޯނު ލިބޭނެގޮތް ހެދުމަށްޓަކައި SME ބޭންކް ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކުގައި ކުރިޔަށްދާ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވާލަން.

 

އަޅުގަނޑުމެން މި އެދެނީ، ދިވެހި ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން. ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ތަރައްޤީ ކުރެވި، ޖަޒީރާ ރާއްޖެއެއް ބިނާކުރުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އެއްމަސްދުވަހުގެ ތެރޭގައި، ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރެވި، އެ ޤާނޫނު އިޞްލާޙު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ހުށަހަޅާނަން. އަދި މިހާރު ޢަމަލުކުރަމުންދާ ލާމަރުކަޒީ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ތެރެއިން، ސިޓީ ކައުންސިލްތަކަށް ދޫކޮށްލެވެންހުރި ބާރުތައް، އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި، އަޅުގަނޑުމެން ދޫކޮށްލާނަން. އެގޮތުން، މާލޭސިޓީއާއި، އައްޑޫސިޓީއާއި، ފުވައްމުލައް ސިޓީއަށް ގިނަގުނަ ބާރުތަކެއް، ކުރިއަށް މި ފެށޭ މަސައްކަތު ހަފްތާގެ ތެރޭގައި ލިބިގެންދާނެ. އަޅުގަނޑުގެ އަމާޒަކީ ކައުންސިލްތައް ބާރުވެރިކުރުވައި، ރައްޔިތުންނާ ގާތުން ވެރިކަން ހިންގުން. މިކަން ކުރެވޭނީ، ކުރިންވެސް ދެންނެވި ފަދައިން، މިހާރު މިއޮތް ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރެވިގެން.

 

ފާއިތުވި އެއް ހަފްތާގެ ތެރޭގައި، ރާއްޖޭގެ ކަންކަން ހިނގާފައިވާގޮތް އަޅުގަނޑުމެންނަށް މި އަންނަނީ ސާފުވަމުން. ސަރުކާރުގެ ވެރިންނާއި، މުއައްސަސާތަކާ އަޅުގަނޑު މިދަނީ ބައްދަލުކުރަމުން. ރާއްޖޭގެ މާލީ ޙާލަތުވެސް ދެނެގަނެ، ބަދަލުކުރަންޖެހޭ ކަންކަން ގިނަކަން އަޅުގަނޑަށް ވަނީ ފާހަގަކުރެވިފައި. ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތަކާއި މުއްސަނދިކަން، ދިވެހި މުޖުތަމަޢުގެ ތަރައްޤީއަށާއި، ރައްޔިތުންގެ މަންފާއަށް ރަނގަޅު ގޮތުގައި ބޭނުންކުރުމަކީ، އަޅުގަނޑުމެންގެ އެންމެ މުހިންމު ވާޖިބު.

 

އަޅުގަނޑުމެންގެ ސަރުކާރުގެ މިވީ ދެ ހަފްތާގެ ތެރޭގައި، ބައެއް ކަންތައްތައް، އަޅުގަނޑުމެން ވެފައިވާ ވަޢުދުތަކުގެ ބައެއް ކަންތައްތައް މިހާރުވަނީ ކުރަން ފަށާފައި. އެގޮތުން، ގޮތް ނޭނގޭގޮތަށް މަރާލެވިފައިވާ މީހުންނާއި، ގެއްލުވާލެވިފައިވާ މީހުންގެ، އެ ކަންތައްތައް ހިނގައިދިޔަގޮތުގެ ޙަޤީޤަތް ދެނެގަނެ، މަޢުލޫމާތުތައް އެއްކޮށް ހާމަކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް އެބަދޭ. އަދި ވައްކަމާއި، ކޮރަޕްޝަންގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދަނީ މިހާރު ފަށައިގެން ކުރިއަށް ގެންދަމުން. އަދި އެގޮތުން ރާއްޖޭގެ މާލީ ޙާލަތު އޮތްގޮތް، ކުރިއަށް އޮތް ހަފްތާއިން ފެށިގެން، ކޮންމެ ހަފްތާއަކު އެއްފަހަރު، ފިނޭންސް މިނިސްޓްރީން ރައްޔިތުންނަށް ހާމަކުރަމުން ގެންދާނެ.

 

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރުގައި، ރާއްޖޭގެ ފަޅުތަކާއި ރަށްތަކުގެ ތެރެއިން ކުއްޔަށް ދެވި، އަދި ވިއްކާލެވިފައިވަނީ، ކިތައް ރަށްކަމެއް، ކިތައް ފަޅުކަމެއް، އަޅުގަނޑުމެންނަށް އޮތީ ނޭނގުމުގެ ތެރޭގައި. އެހެންނަމަވެސް، މިވޭތުވެދިޔަ ހަފްތާ ނިމެމުން ދަނިކޮށް، ޓޫރިޒަމް މިނިސްޓްރީން މިހާރުވާނީ އޭގެ ތަފްޞީލުތައް، ރައްޔިތުންނަށް ހާމަކޮށްފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ވެރިކަން، ވެގެންދާނީ ރައްޔިތުންނާ ކައިރިން، ރައްޔިތުންނަށް ހާމަކަންބޮޑުކޮށް ކުރެވޭ ވެރިކަމަކަށް. އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ކުރުމުގައި، އަޅުގަނޑުމެން ދެމިތިބޭނެ ވާހަކަ، މި ފުރްޞަތުގައި ތިޔަބޭފުޅުންނަށް ދަންނަވާލަން.

 

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، މި މަޝްރޫޢު މިހާ ފުރިހަމައަށް ކޮށްދެއްވި ކަމަށްޓަކައި އައިޓެކް މޯލްޑިވްސްގެ ވެރިންނަށްވެސް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.

 

އެނގިވަޑައިގަންނަވާނެ، މި ރަށުގައި މި އޮތް އާބާދީއަކީ ގާތްގަނޑަކަށް އެއްހާސް ތިންސަތޭކަ މީހުންގެ އާބާދީއެއް. އެހެންނަމަވެސް، އައިޓެކް މޯލްޑިވްސްގެ ފަރާތުން އެ ވިދާޅުވީ، ނަރުދަމާއާއި ފެނުގެ މަޝްރޫޢު ޑިޒައިން ކުރެވިފައި މިއޮތީ، ދެހާސް ހަތްސަތޭކަ މީހުން މިތަނުގައި ދިރިއުޅެންވިޔަސް، އެ ޚިދުމަތް ލިބޭގޮތަށޭ. ޢަފީފް ވިދާޅުވެއްޖެ، އެކަން އަވަސްކުރުމަށް. ރައްޔިތުން ޓޫރިސްޓުން މިތަނަށް ގެނެސްގެން ނަމަވެސް، އެ އަދަދު ފުރިހަމަކުރުމަށް. އަޅުގަނޑު ހިތުން، އެ ފުރިހަމަވާއިރަށް ޢަފީފް އަނެއްކާވެސް އެ ޚިދުމަތް ބޭނުންވާވަރަށް، މި މަޝްރޫޢު، ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރަށް މި ރަށަށް ދެއްވަން އެ އިންނެވީ ތައްޔާރަށް. 

 

ވަރަށް ބޮޑަށް ޝުކުރިއްޔާ!

 

ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު، ޢަލިފުޅު ތުއްތު ފައުންޑޭޝަންގެ އިސްވެރިންނަށާއި، މަޝްރޫޢުގައި ޢަމަލީގޮތުން މަސައްކަތް ކޮށްދެއްވި އެންމެހައި ބޭފުޅުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.

 

އަޅުގަނޑުގެ ދުޢާއަކީ، ދިއްފުއްޓަށާއި މުޅި ރާއްޖެއަށް އަބަދުވެސް ފާގަތިކަން މިންވަރުކުރެއްވުން.

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.