ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ މުވައްޒަފުންނަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި މިންނަތް މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހާ މުވައްޒަފުންނަށާއި، މި ޞިނާޢަތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ އަރިސްކުރަމެވެ. އަދި މި ޞިނާޢަތު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަށާއި، ފަތުރުވެރިކަމާ ގުޅޭ އެންމެހާ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ ހީވާގި ހިންގުންތެރިންނަށް ޝުކުރު ދަންނަވައި ތަހުނިޔާ އަރިސްކުރަމެވެ.

 

ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމުޢިއްޔާއިން އެހެން އަހަރުތަކެކޭ އެއްފަދައިން، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ [ޓޫރިޒަމް އެންޑް ދި ޑިޖިޓަލް ޓްރާންސްފޮމޭޝަން] އަށް ބަލާއިރު، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ޓެކްނޮލޮޖީ އަށް މިއައި ބަދަލާއެކީ ފަތުރުވެރިކަންވެސް މިވަނީ ފުޅާވެ ކުރިއަރާފައިކަމެވެ.

 

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު ޙިއްޞާއެއް އަދާކުރާ ޞިނާޢަތަކީ ފަތުރުވެރިކަމުގެ ޞިނާޢަތު ކަމަށްވާއިރު، މި ޞިނާޢަތު ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި މި ސަރުކާރުން މިވޭތުވެދިޔަ ފަސް އަހަރު ދުވަހު ކުރި މަސައްކަތްތަކުގެ ނަތީޖާއާ ދޭތެރޭ އަޅުގަނޑު ވަރަށްބޮޑަށް ހިތްހަމަޖެހެއެވެ. މިގޮތުން ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 35 އައު ރިޒޯޓް، 7 ހޮޓެލް، އަދި 495 ގެސްޓްހައުސް ވަނީ ހުޅުވިފައެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 4 ޑޮމެސްޓިކް އެއަރޕޯޓް ހުޅުވިފައިވާ ކަމާއި، އަދި 6 ޑޮމެސްޓިކް އެއަރޕޯޓުގެ މަސައްކަތް މިހާރު ކުރެވެމުންދާކަންވެސް އަޅުގަނޑު އުފަލާއެކު ފާހަގަކުރަމެވެ. އެހެންކަމުން، މިކަންކަމަކީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެކެވެ.

 

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ލިބޭ ކޮންމެ ކުރިއެރުމަކީ މި ޤައުމަށާއި ރައްޔިތުންނަށް ލިބޭ ކުރިއެރުމެކެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އަތޮޅުތަކަށް ފުޅާވެ، ވަޒީފާތައް އިތުރުވަމުން ދިޔުމަކީ، ރަށްރަށުގެ ތަނަވަސްކަމަށާއި، ޢާއިލާތަކުގެ ތަނަވަސްކަމަށް، އެކަމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެކެވެ. އެހެންކަމުން، ފަތުރުވެރިކަން ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމަކީ ޤައުމުގެ ކުރިއެރުމަށްވެސް ލިބޭ އިތުރު ބާރެކެވެ.

 

ހަލުވި ދުވެއްޔެއްގައި ފައްސިޔަށް ދިވެހި ފަތުރުވެރިކަން ދަތުރުކުރަމުން ކުރިއަށްދާއިރު، މި ޞިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ދިވެހި އެންމެހާ ރައްޔިތުން އެކުގައި މަސައްކަތްކޮށް، ރާއްޖޭގައި ޞުލްޙަމަސަލަސްކަން ދެމެހެއްޓިގެންނެވެ. އެހެންކަމުން، މި ޢަޒުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު މިއަދު އިލްތިމާސް ކުރަމެވެ.

 

މާތްﷲ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް އިތުރު ތަރައްޤީއާއި ކުރިއެރުން މިންވަރު ކުރައްވާށިއެވެ! ރާއްޖެއަށް ފާގަތިކަމާއި އުޖާލާ މުސްތަޤްބަލެއް މިންވަރު ކުރައްވާށިއެވެ! އާމީން.