بســم اللّـه الرّحمـن الرّحيــم

      

ނިޢުމަތްތަކުގެވެރި اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލައްވާށި! އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 

ފޭދޫގެ، މަރަދޫ، މަރަދޫފޭދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

އާދެ، އެންމެ ހިތްފަސޭހަ ވަގުތެއްވެސް ނޫން މިއީ. ހުކުރުދުވަހުގެ މިހާ ހެނދުނު، އެހެންނަމަވެސް، އަޅުގަނޑުގެ އިންތިޒާރުގައި، އަޅުގަނޑުމެންގެ ޓީމުގެ އިންތިޒާރުގައި، ތިޔަ ހުރިހާ ބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންނާ ބައްދަލުކޮށްލެއްވިކަމީ، އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެއް. އަޅުގަނޑުމެންގެ ހިތްތަކާއި އަދި އަޅުގަނޑުމެންގެ އުއްމީދު އާރޯވެގެން، ތާޒާވެގެންދާކަމެއް.

 

އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑު އައިސް ތިޔަބޭފުޅުންނާ މިއަދު، މި ހެނދުނުގެ ވަގުތުގައި، އައްޑޫސިޓީއަށް މިކުރާ ދަތުރުގައި، ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ރައްޔިތުންނާ މި ބައްދަލުކޮށްލީ ޝައްކެއްވެސްނެތްގޮތުގައި، މި ތިން ރަށަށް، ބޮޑެތި، ބޭނުންވެފައިހުރި ބޮޑެތި ކަންތަތްތަކެއް ނިމިގެންދާތީ.

 

ފުރަތަމަ، ވާހަކަ ފަށްޓަމާ ހިންގަވާ ފޭދޫން. ފޭދޫގައި އަޅުގަނޑުމެން ޖަލްސާކުރާތީއާއެކީ އަޅުގަނޑު ފޭދޫން ވާހަކަ ފަށްޓާނަން. ފޭދޫގައި ޒަމާނުއްސުރެ، ދެންމެ ފޭދޫގެ މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އައި.ބީ. ވިދާޅުވިފަދައިން، ޒަމާނުއްސުރެ ދަތިވެފައި އޮތް ކަމަކީ، ފޭދޫގައި ބިން ނެތިގެން، ބިން ފުރިފައި އޮތީމާ، ބިމުގެ ދަތިކަން ޙައްލުވެގެންދިޔުން. ބިމުގެ މުއްސަނދިކަން ރަށަށް ލިބިގެންދިޔުން. ﷲގެ ރަޙްމަތާއެކީ، ދުވަސްތަކަކަށްފަހު، ފޭދޫގެ ރައްޔިތުންގެ އެ އުއްމީދު މިހާރު މިވަނީ ހާސިލުކުރެވިފައި. ހަމައެއާއެކީ ފޭދޫގެވެސް، މަރަދޫގެވެސް، މަރަދޫފޭދޫގައިވެސް އެންމެބޮޑު މައްސަލައަކަށް ވެގެން މި ދިޔައީ، ހަމަ ތަޣައްޔަރުވެފައި އޮތް ފެން ފަށަލައިގެ މައްސަލަ. ބޯފެންވެސް، އަދި ބަދިގޭގައި ބޭނުންކުރާ ފެންވެސް، ފާޚާނާގައި ބޭނުންކުރާ ފެންވެސް، ހުރިހާ ފެނަކީވެސް ހަމަ ޙަޤީޤަތުގައިވެސް މިހާބޮޑަށް މުޑުދާރުވެފައި، ތަޣައްޔަރުވެފައި އޮތް ފެން. އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ، މިކަންކަން ފުދިގެންދާއިރު، އަޅުގަނޑުމެން ނިޢުމަތްތަކަށް ޝުކުރު އަދާކުރަން ޖެހޭކަން. އަޅުގަނޑުމެން ދުނިޔޭގައި ތިބެގެން މަސައްކަތްކުރަނީ މިކަހަލަ ކަންކަން ހާސިލުކުރަން. މިކަހަލަ ކަންކަން ހާސިލުކުރުމަކީ ފަސޭހަކަމެއް ނޫން. ހާސިލުކުރެވެނީ ދަތި އުނދަގުލުގައި، ގިނަ ދުވަސްތަކެއް ހިތްދަތިކަމާއި އުނދަގުލުގައި، މި އުނދަގޫތައް ބަރުދާސްތު ކޮށްގެން.

 

މިއަދު މިތާ ތިއްބެވި ބޭފުޅުންނަށް މި ފަސޭހަ ލިބިގެންދިޔައިމާ، ތިޔަބޭފުޅުންގެ ޚިޔާލުފުޅުގައި، އިއްޔެއާއި އިހަށްދުވަސް ހަނދާންނެތިގެން ދިޔުމަކީ، އިންސާނީ ނިކަމެތިކަމެއް. މިތާތިބި ހަމަ ހުރިހާ އެންމެންނަކީ، ކުދިބޮޑު އެންމެންނަކީ، މިކަންކަން އެނގޭ މީހުން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންނަށް މިކަމަކީ ދީނުގައި އަންގަވާފައި އޮންނަ ކަމަކަށްވާތީ އެކަންޏެއްނޫން. އަޅުގަނޑުމެންނަށް މިހެން ލިބޭ ކޮންމެ ކުރިއެރުމަކީ، އެ ކުރިއެރުމެއްގެ މަތީގައި އަޅުގަނޑުމެން ދެމިތިބޭހާ ހިނދަކު، އޭގެ ކުރީގެ ކަންތައްތައް ހުރި ގޮތުގެމަތިން، ހަނދާންކުރަންޖެހޭ، ހަނދާން، ޚިޔާލަށް އަބަދުވެސް ގެންނަންޖެހޭ ކަންކަން. ފޭދޫގެ ބިން ހިއްކައި ނިމުނީ. އަދި ފޭދޫ، މަރަދޫ، މަރަދޫފޭދޫގައި ފެނުގެ ނިޒާމުވެސް ނިމިގެން މި ދިޔައީ. އިފްތިތާޙު ކުރެވެނީ. ފޭދޫގެ ނަރުދަމާގެ ނިޒާމު މިހާރު މިއޮތީ ދާދި ނިމޭ ހިސާބުގައި. އަދި ހަމައެހެންމެ، އަޅުގަނޑަށް ކަށަވަރުވެގެން މިދަނީ، މަރަދޫ، މަރަދޫފޭދޫ، ހަމަ ނަރުދަމާ ނިޒާމުވެސް މިއަހަރު ހުސްވުމުގެ ކުރިން، ނިމިގެން އެދަނީ. މަސައްކަތް އެއޮއް ހިނގަނީ.

 

އެހެންވީމާ މި ރަށްރަށަށް އެންމެ ދަތިވެފައި ހުރި ކަންކަން، ޙަޤީޤަތުގައި ފުދިގެން މިދަނީ. މި މަޝްރޫޢުތަކަށް ބަލައިފިކަމަށްވަންޏާ، މިއީ ފަސްސަތޭކަ އެތައް މިލިއަން ރުފިޔާއެއްގެ ވާހަކަ މި ދައްކަނީ. އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވެނީ، ކަންތައްތަކެއް، ރައްޔިތުން ބޭނުންފުޅުވާ ކަންތައްތަކެއް، މި ތަންތަނަށް ވެއްޖެކަން. މިއީ ވަކިވަކި ރަށްރަށުގައި ހުރި މަޝްރޫޢުތަކުގެ ވާހަކަ މި ދައްކަނީ. ޝައްކެއްވެސްނެތްގޮތުގައި، ފޭދޫ، މަރަދޫ، މަރަދޫފޭދޫ، މިތަންތަނަށް ފެނާއި ނަރުދަމާގެ ނިޒާމާއި އަދި ފޭދޫ ބިންބޮޑުވެގެން ދިޔައިމާ، މިއަންނަ ކުރިއެރުމަކީ މި ތަންތަނުގައި ދިރިއުޅުއްވާ ހަމަ ކޮންމެ ރައްޔިތަކަށް އޭގެ އުފާ ހާސިލުކުރަން އެނގިވަޑައިގަންނަވާނެ ކަންކަމަށްވާނެ. ދެން މިކަންކަން އަޅުގަނޑުމެން ހަނދާނުގެ މައްޗަށް ގެންނައިރު، މުޅި ޤައުމަށް ދިމާވާ ކަންތައްތަކަށް ވިސްނަމާ ހިންގަވާ!

 

އައްޑުއަތޮޅަކީ ވެދާނެ، ދުރުގައި އޮތް އަތޮޅެއްކަމަށް. އެކަމަކު އައްޑުއަތޮޅަކީ، މުޅި ދިވެހިރާއްޖޭގެ ރަށްތަކަށް، އަތޮޅުތަކަށް ބަލާކަމަށްވަންޏާ، މާލެ ނަގާފައި އޮތް އެންމެ މުހިންމު އަތޮޅު. އެއީ އަޅުގަނޑުމެން ހުރިހާ އެންމެންވެސް ގަބޫލުކުރާ ކަމެއް. އެހެންވީމާ، އައްޑުއަތޮޅަށް މިލިބޭ ކަންކަމުގައި، އައްޑުއަތޮޅުގެ ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުން ބައިވެރިވާންޖެހޭނެ. ހިތަދޫގައިވެސް އަޅުގަނޑު މި ވާހަކަ، މިނޫން މޭރުމުންވެސް، އެހެންނަމަވެސް، ދޭހަވާވަރަށް އަޅުގަނޑު ދެއްކީމު. ކަންކަން ލިބިގަންނަން ބޭނުންވާއިރު، ކަންކަން ލިބޭއިރު، އަޅުގަނޑުމެން އެބަޖެހޭ އެކަންކަން ހޯދަން މަސައްކަތްކުރަން. މި ތަންތަނަށް ސިޓީއެއްގެ ދަރަޖަ ދިނުން ފިޔަވައި، ސިޓީއަކަށް ހެދުމަށްޓަކައި، މީހުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ކުރެވުނީ ކޮންކަމެއްތޯ؟ ކަމެއް ކުރެވިފައެއް ނެތޭ.

 

އަޅުގަނޑު މުޅި އައްޑޫސިޓީއަށް މީގެ ކުރީގައި ފަސްއަހަރުގައި ހޭދަކުރެއްވި ފައިސާގެ ވާހަކަ ދެންނެވިން. އެއީ އެއްގޮތަކަށްވެސް އަޅުގަނޑުގެ ސަރުކާރުން މިތަންތަނަށް ފައިސާ ހޭދަކުރެވިގެން އެ ވާހަކަ ދެއްކުމުގެ ބޭނުމަކުނޫން. ހަމަ ތަފާތު ދެންނެވުމުގެ ގޮތުން. ކަމެއް ކުރާނަމޭ ބުނެފައި، ކަމެއްގެ މަޤްޞަދު ހާސިލްކުރަން މަސައްކަތް ކުރެވިފައިހުރި މިންވަރު، އެބޭބޭފުޅުންނަށް ދަންނަވަން. އަދި ހަމައެހެންމެ، އައްޑޫސިޓީގައި ހުރެގެން ފޭދޫގައި މި ވާހަކަ ދެއްކިޔަސް، ހިތަދޫގައި މި ވާހަކަ ދެއްކިޔަސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިތަންތަނަށް އައި ތަރައްޤީ، އަގުވަޒަން ކުރެއްވުމުގެ ގޮތުން ތިޔަބޭފުޅުންނަށް ފަސޭހަފުޅުވާނެއޭ، ފައިސާގެ އަދަދެއް ބުނިއްޔާ.

 

އެހެންނޫނީ، މީގެކުރިއަކުން، ރަށްވެހި ތަރައްޤީ ފޮތް ނެރުމުގެ ކުރިއަކުންނެއް، އަޅުގަނޑުމެންނަކަށް ނޭނގޭ، އެކި ސަރުކާރުން އެކި ރަށްރަށަށް ހިންގާފައި ހުރީ ކޮން މަޝްރޫޢުތަކެއް ކަމެއް. މިއަދު އެހެންނަމަވެސް، މިފޮތަށް އެކްސެސް ލިބޭ، ނޫނީވިއްޔާ މި ފޮތުގެ ޕޭޖަށް އެކްސެސް ލިބޭ ހަމަ ކޮންމެ މީހަކަށް، ކޮންމެ ތާކު ހުރެގެން ބަލައިލައިގެން އެބަ އެނގޭ، ހއ.އިން ތުރާކުނާ ހަމައިން، އައްޑުއަތޮޅުގެ އެންމެބޮޑު ރަށް، ހިތަދޫއާ ހަމައިގައި އައިސްފައި ހުރި ތަރައްޤީގެ މަޝްރޫޢުތަކާއި، ހިންގާފައި ހުރި ދުވަސްވަރާއި އަދި އެކަމަށް ހިނގާފައި ހުރި ފައިސާ. އެހެންވީމާ ސިޓީއެކޭ ބުނީމާ ސިޓީއަކަށްވީ. އެހެންނަމަވެސް، ސިޓީއަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުމުގައި، ކުރީގެ ސަރުކާރުވަނީ ނުކުޅެދިފައި. އެއީ ޙަޤީޤަތް.

 

އެހެންވީމާ، ދެންވެސް އިތުރަށް ބޭނުންވާ ކަންކަން ހޯދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް މިކަންކަން ގެންނަން އެބަޖެހޭ. އަޅުގަނޑު މިހުރީ ބަލަން. މި މަހުގެ ތޭވީސްވަނަ ދުވަހު މި ނަގާ ވޯޓުގައި، ނަތީޖާ ދައްކަވާއިރު، އައްޑޫ ރައްޔިތުން ކިހާވަރަކަށް މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާތޯ. އަޅުގަނޑު ޔަޤީންކުރަން، އިރާދަކުރެއްވިއްޔާ އައްޑުއަތޮޅުން ބޮޑު ތާއީދު އަޅުގަނޑަށް ލިބޭނެ. އެހެންނަމަވެސް، މި ތާއީދު ހޯދުމަށް، އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭނެ. އަޅުގަނޑު ބަލަން މިހުރީ ހަމަ ޙަޤީޤަތުގައިވެސް، އަޅުގަނޑަށް އައްޑުއަތޮޅުގެ ރައްޔިތުން، ޚާއްޞަކޮށް، ހިތަދޫގެ ރައްޔިތުން ފުރުޞަތު ދެއްވާތޯ. ހިތަދޫއާއި މީދޫއާ ބްރިޖަކުން ގުޅާލަން ފުރުޞަތު ދެއްވާތޯ އަޅުގަނޑު މިހުރީ ބަލަން. ހިތަދޫއާއި މީދޫއާ ބްރިޖަކުން ގުޅުނީމާ ޝައްކެއްވެސްނެތް، އައްޑޫގެ ހުރިހާ ރަށްރަށެއް، އެއްގަމު މަގުން އެއްބަރަކަށް ވެގެންދިޔައީ. އެކަމަކު މީގެ މައިގަނޑު ބެނިފިޝަރީޒަކީ، ނޫނީ އެންމެ ސީދާ މަންފާ ލިބޭ ބަޔަކަށް މިތިބީ، މީދޫއާއި ހިތަދޫ. ޚާއްޞަކޮށް ހިތަދޫއަކީ ބޮޑު ރަށަކަށްވާތީ ހިތަދޫ. އެހެންވީމާ ހިތަދޫ އެބަޖެހޭނޫންތޯ، މި ބްރިޖު ހާސިލުކުރުމަށްޓަކައިވެސް މަސައްކަތްކުރަން. އެ ފުރުޞަތު ހިތަދޫއިން އަޅުގަނޑަށް ދެއްވިއްޔާ އަޅުގަނޑަށް އެ މަސައްކަތް ކުރެވޭނީ. އެ ފުރުޞަތު ހިތަދޫން އަޅުގަނޑަށް އެބަ ދެއްވަންޖެހޭ. 

 

އަދ އެ ފުރުޞަތު ހިތަދޫން އަޅުގަނޑަށް ހޯދައިދިނުމަށްޓަކައި މިހާ ފޯރިގަދަ، ޕީ.ޕީ.އެމް.އަށް ތާއީދުކުރާ، އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރަށް، އަޅުގަނޑަށް ތާއީދުކުރައްވާ މިހާގިނަ ބޭފުޅުން ފޭދޫގައި ތިއްބެވީމައާއެކީ އަޅުގަނޑު ދަންނަވާނަން. އައްޑުއަތޮޅަކީ، އެއް އަތޮޅެއް. އައްޑުއަތޮޅަކީ އެއް ފެމިލީއެއް. އެއް ނަސްލެއްގެ ބައެއް. އެހެންވީމާ، އަޅުގަނޑަކަށް ނުފެނޭ، ފޭދޫގައި މިއޮތް ފޯރިގަދަ ޓީމު ހަމައެކަނި ފޭދޫގައި ތިބޭކަށް. ކީއްވެގެންތޯ އަޅުގަނޑުމެންނަށް ހިތަދޫއަށް ނުދެވެނީ؟ އަޅުގަނޑުމެންނަށް ހިތަދޫއަށް އެބަ ދެވެންޖެހޭ. ހިތަދޫއަށް ގޮސްފައި، ހިތަދޫގައި ހަމަ ޑޯރ ޓު ޑޯރ އަޅުގަނޑުމެން އެބަ ޖައްސަންޖެހޭ. ހިތަދޫގައި އަޅުގަނޑުމެންގެ ރައްޓެހިންނާ ވާހަކަ ދައްކަން އެބަޖެހޭ. ހަމަ ޓީމުތައް ހަދައިގެން މިއަދުން ފެށިގެން، މިއަދު ހަވީރުން ފެށިގެން، އެބަ މި މަސައްކަތް ފޭދޫން އިސްވެ، މިކަން ކުރަން އެބަޖެހޭ.

 

އެއީ، ޙަޤީޤަތުގައި ފޭދޫގައި މިއޮތީ އަޅުގަނޑުމެންގެ ޕާޓީދެކެ ވަރަށް ލޯބިވާ ރައްޔިތެއް. އަދި އަޅުގަނޑުމެންގެ ތަރައްޤީއާއި، އަޅުގަނޑުމެން މިކުރާ މަސައްކަތަށް، ވަރަށް ފޯރިއާއި ވަރަށް ޖޯޝާއެކީ ބަލައިގަންނަ ރައްޔިތެއް ފޭދޫގައި މިއޮތީ. އެހެންވީމާ، ފޭދޫގައިވެސް ބައިބައިވުމަށް ޖާގަނުދެއްވާ! ފޭދޫގައިވެސް ބައިބައިވުމަށް ޖާގަނުދެއްވާ! އަޅުގަނޑު އަޑުއަހާކަށް ނެތީމު، ވަކި ބޭފުޅަކު މިތާ އިސްކޮށް މަސައްކަތް ކުރައްވާއިރު، މިއީ އެންމެ ކުރީޒަމާނުގައި ކުޑަކާފު، ބޮޑުކާފު ޖެހި ޒަމާނުގައި، ކަތީބަކުދެކެ ރުޅިއަންނާތީ، އެ ކަތީބަށް ކުރިއެރުމެއް ލިބިދާނެތީ އެކަން ކުރިޔަނުދޭން، ކަތީބު ފެއިލްކޮށްލަން ރަސްގެޖަހާ އުސޫލުން، މި އިންތިޚާބުގައި އެކަން ކުރައްވައިގެން ނުވާނެ. މިހާރު އެކަން މާޒީވެ ހިނގައްޖެ. މިހާރު މިކުރަނީ ޤައުމަށްޓަކައި ކުރާ މަސައްކަތެއް. މިހާރު މިކުރަނީ މުޅި އަތޮޅަށްޓަކައި ކުރާ މަސައްކަތެއް. އެހެންވީމާ މިތަނުގައި، ފޭދޫގައިވެސް ވަކި ބަޔަކު އިސްކޮށް މި މަސައްކަތުގައި އުޅޭތީ، ރައީސް ޔާމީނަށް ތާއީދުކުރަމޭ، އެހެންނަމަވެސް، މި މަސައްކަތުގައި ވަކިބަޔަކު އުޅޭތީ ތިމަންނާމެން  ތަންކޮޅެއް ދުރުގައި ތިބެނިއްޔޭ ބުނާނެ ޖާގައެއް ނެތް. އެކަން ނުކުރައްވާ! އެއީ ގޯހެއް.

 

އަޅުގަނޑަށް ތާއީދުކުރާ މީހުން، އަދި އެމް.ޑީ.ޕީ. ވެރިކަމަށް ގެންނަން ބޭނުންނުވާ ހުރިހާ އެންމެންނަށް، ވަކިވަކިންވެސް މި މަސައްކަތް ކުރެވޭނެ. ފަރުދުންގެ ގޮތުގައި ކުރުމުގެ އިތުރަށް، ޖަމާޢަތެއްގެ ގޮތުގައި ކުރެވޭނެ. އެހެންވީމާ ފޭދޫގައިވެސް ހަމަ ހުރިހާ ރައްޔިތުން މަސައްކަތްކޮށްދެއްވަންވީ، އަޅުގަނޑު ހޮވަން. ފޭދޫން ދޮގެއްތޯ ތިޔަ ވިދާޅުވަނީ، މިހާ ޒަމާންވެއްޖެޔޭ މިތާ ބިމުގެ ދަތިކަން އޮތީމާ، މި އިޙްސާސް ތިމަންނާމެން ކުރާތާ. މިހާ ޒަމާންވެއްޖެޔޭ ނަޖިސް ފެނުން ތަޣައްޔަރުވެފައި ހުރި ފެނުން، ތިމަންނާމެން ފެންވަރާތާ. މިއަދު މިއޮތީ  ހުރިހާ ކަމެއް ހަމަޖެހިފައި. ދެން ކީއްވެގެންތޯ، ފޭދޫގެ އެހެން ދިމާއަކަށް ވޯޓެއް ދާންވީ؟ އަޅުގަނޑަކަށް ނުވިސްނޭ.

 

ހަމަ އެހެންވީމާ އަޅުގަނޑު މި ދަންނަވާލަނީ، ހިތަދޫގައިވެސް މިކަން ހިނގަންވާނީ މިހެންނޭ. ހިތަދޫގައި އަޅުގަނޑު ދަންނަވާލިން. އައްޑޫސިޓީގައި އަޅުގަނޑު ދަންނަވާލިން، ރައީސް ނަޝީދަށް، ނޫނީ އެމް.ޑީ.ޕީ.އަށް އެ އޮންނަ ޝައުޤުވެރިކަން އޮންނާތީ، އަޅުގަނޑު ހަމަ ހައިރާންވެއޭ. އާންމުކޮށް އަޅުގަނޑުމެން ހުރިހާކަމެއް މި ވިސްނަނީ ބުއްދީގެ މިންގަނޑުން. އަދި އާންމުކޮށް އަޅުގަނޑުމެން ކަންކަން ނިންމާއިރު، އަޅުގަނޑުމެން އިންސާފަށް ލޯބިކުރަމު. އިންސާފަށް ލޯބިކުރަން ބޭނުންވާތީ، ހުރިހާ އެންމެންގެ މައްޗަށް އެއްވަރަށް ހިނގާ ޤާނޫނުތައްވެސް މި ހަދަނީ. އެހެންނޫނިއްޔަކާ އިންސާފެއް ނޯންނާނެ. ބުއްދީގެ ބޭނުންކުރަނީ އެ ސަބަބަށްޓަކައި. ވަކި މީހުންނަށް ވަކިގޮތް ހަދައިދޭ ކަމަށްވަންޏާ، މުޅި ތަނުގެ ރައްޔިތުން، އެ ތަރައްޤީންވެސް ބީވެގެން އެދަނީ. އަންނަ ކުރިއެރުމުންވެސް ބީވެގެން އެދަނީ.

 

އެހެންވީމާ، އަޅުގަނޑު މިއަދު ފޭދޫގައި މި ދަންނަވަނީ، ފޭދޫގައި މިތާ މިއޮތް ފޯރިގަދަ ރައްޔިތުން، ހަމަ ގުރޫޕް ހަދައިގެން އަޅުގަނޑަށް މަސައްކަތް ކޮށްދެއްވާށޭ ހިތަދޫއަށް ވަޑައިގެން. ހިތަދޫގައި އެބަޖެހޭ، މި ބޫސްޓް ނެރެން. ހިތަދޫގައި އެބަޖެހޭ، މި ވެކްސިން ޖަހަން. އެއީ އައްޑުއަތޮޅަށް އަންނަން އޮތް ތަރައްޤީއަކުން، ވަކި ދާއިރާއެއްގެ ބަޔަކު ތަރައްޤީން އެހެން މީހުން މަޙްރޫމްކުރަން ޖާގަދީގެން ނުވާނެ. ހުރިހާ އެންމެން އެބަޖެހޭ މި މަސައްކަތް ކުރަން.

 

ދެންމެ، އައި.ބީ. ވާހަކަ ފަށްޓަވަމުން އެވިދާޅުވި ވާހަކައަށް އަޅުގަނޑު ޖެހިލާނަން. މިހާރު ރަށްރަށުގައި، ދާއިރާތަކުގެ ޢުމްރާނީ ތަރައްޤީގެ ވާހަކަ، ރައްޔިތުންނަށް ބޭނުންވެފައިހުރި އަސާސީ ޚިދުމަތްތަކުގެ ވާހަކަ، ޝައްކެއްވެސްނެތް، ހުރިހާ ދާއިރާއަކަށް މިކަން ބޭނުންވާނެ. އެކަމަކު އައްޑުއަތޮޅަށްވުރެ ވަކިން މުނާސަބު ކޮންތަނެއްތޯ އޮތީ، އަޅުގަނޑުމެންގެ މިނިވަންކަމާބެހޭ ވާހަކަ ދައްކަން.  ކޮންތަނެއްތޯ އޮތީ މިނިވަންކަމުގެ ވާހަކަ ދައްކަން. އަޅުގަނޑުމެން މިއަދު މި ތިބީ އެކަންކަމާ ދޭތެރޭގައި، ޣާފިލުވެފައިތޯ؟ 1965 އަޅުގަނޑުމެންނާ ބައްދަލުކުރި ނޫންތޯ؟ އޭގެކުރިން ކަންކަން ހިނގައިދިޔައީ ކިހިނެއްތޯ؟ މިތަނުގައި ދޮގެއްތޯ، ބޭރުގެ އިސްތިޢުމާރީ ބާރެއް ވަޒަންވެރިވެގެން ތިބީ. ހަމަ އޭގެ ސަބަބުން ދޮގެއްތޯ، ގަމުން އުފުރާލައިގެން ފޭދޫ، ފުރިފައި އޮތް ރަށަކަށްވެސް މީހުންވެސް ގެންނަންޖެހުނީ. އެހެންވީމާ، ކީއްވެގެންތޯ އަޅުގަނޑުމެން މިކަންކަމާ ދޭތެރޭގައި ޚިޔާލު ނުކުރަނީ؟ ރަށްރަށަށް އަންނަ ތަރައްޤީއަކީ، ޝައްކެއްވެސްނެތްގޮތުގައި، ބޭނުންވާނެ ކަންކަން. އެކަމަކު މި ފިލާވަޅުތައް އަޅުގަނޑުމެން އެބަ ނަގަންޖެހޭ. މުޅި ޤައުމަށް ބޭނުންވާ ކަންކަން، މުޅި ޤައުމު ކުރިއަށްދިޔުމަށްޓަކައި ބޭނުންވާ ކަންކަން، މުޅި ޤައުމަށް ނަޞްރު ލިބެންވީ ކީއްވެގެންކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. އިސްތިޢުމާރީ ބާރެއްގެ ދަށުގައި އަޅުގަނޑުމެން ތިބޭކަމަށްވަންޏާ، އޭގެތެރޭގައި ފައިސާވެސް ހިމެނޭގޮތަށް، އަޅުވެތިވެގެން ތިބޭކަމަށްވަންޏާ، ދުވަހަކުވެސް މި ތަރައްޤީ އަޅުގަނޑުމެންގެ ރައްޔިތުން ބޭނުންވާގޮތަކަށް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ.

 

އަޅުގަނޑު ހަމަ މިސާލެއްވެސް ދަންނަވާލާނަން. ޝާހިދު އެ ވާހަކަ ދެއްކެވި. ޝާޑު ވާހަކަ ދެއްކެވި. އެމް.ޑީ.ޕީ. ސަރުކާރުގައި އެންމެ ވަރުގަދަޔަށް ވިދާޅުވީ ކޮންވާހަކައެއްތޯ؟ އެމް.ޑީ.ޕީ. ސަރުކާރުގައި އެންމެ ވަރުގަދަޔަށް ވިދާޅުވަމުން ގެންދިޔަ ވާހަކައަކީ، އައްޑުއަތޮޅުގައި، ޚާއްޞަކޮށް ހިތަދޫގައި، ތިމަންނާމެން އެއޮތީ ގެސްޓްހައުސްތައް ހަދަން ހުޅުވާލާފައޭ. ކޮންމެހެންނެއް ޤާނޫނެއްގެ ދަށުން، ނިޒާމެއްގެ ދަށުން، އިންތިޒާމުވެގެން، ޓޫރިޒަމް އެތަންތަނަށް ދާކަށް ނުޖެހެއޭ. ކޮންމެ މީހެއްގެ ގޭގެ ސިޓިންގރޫމް ދޭށޭ. ދުވަހު ރެންޓަށް ސިޓިންގރޫމްވެސް ދޭށޭ. ވަރަށް ފޯރީގައި އެމީހުން މަސައްކަތް ފަށައިގަތް. އެކަމަކު ދާދި އަވަހަށް ވެރިކަން ބަދަލުވެގެން ދިޔައިމާ، އަޅުގަނޑުމެން ބުނީ ހޯހޯއޭ، އަދި ތިޔަގޮތަކަށް ތިޔަކަމެއް ނުވާނެއޭ. އަޅުގަނޑަށް ގެނެސްދޭށޭ، އެމީހުން ފާޚާނާ ކުރީމާ، އެމީހުންގެ ނަޖިސްދާނީ ކޮންތަނަކަށްތޯ. މިކަން އަޅުގަނޑަށް ބަލައިދޭށޭ. ސާފުބޯފެން އެބަހުރިތޯ ބަލައިދޭށޭ. އެތަނުގައި މާރާމާރީ އޮތް މިންވަރު އަޅުގަނޑަށް ބަލައިދޭށޭ. ޓޫރިސްޓުން ރާއްޖެ އަންނަނީ ހަމައެކަނި އައްޑުއަތޮޅަކަށް ނޫން. އެހެންނަމަވެސް، އެންމެ ރަށަކުން ދިމާވާ ހިތްދަތި ހާދިސާއިން، އަޅުގަނޑެއް ބޭނުމެއްނޫނޭ، މުޅި ޤައުމީ ޓޫރިޒަމް ސިނާޢަތު ހަލާކުވެގެންދާކަށެއް. އެހެންވީމާ، ޝާހިދު އެ ދެއްކެވި ވާހަކައަށްވުރެ ވަކި ރަނގަޅަކަށް މި ވާހަކަ ދެއްކޭނެ ގޮތެއް ނޯންނާނެ. މިއިން ކޮންމެ ކަމެއްގައި، ޓޫރިޒަމް ފަށައި، މިކަންކަން ކުރާކަމަށްވަންޏާ، ގެސްޓްހައުސް ކީއްކުރަންތޯ، މީހެއްގެ ގޭގެ ކޮޓަރިއެއް ނިދަން ކުއްޔަށް ދިންކަމުގައިވީނަމަވެސް، މި ހުރިހާކަމަކީ އަސާސީ ކަންކަން.

 

އެހެންވީމާ ސިޓީއެކޭ ކިޔާފައި، ގެޒެޓްކޮށްފައި، އައްޑޫސިޓީގެ ނަން ޖެހުމަކުން، ކަން ފުދިގެންދިޔައީކީނޫން. ކީއްވެގެންތޯ އޭރު އެ ވިދާޅުވިގޮތަށް، ގެސްޓްހައުސްތައް އުފެދިގެން ނުދިޔައީ؟ ކީއްވެގެންތޯ ގޭގޭގެ ސިޓިންގރޫމް ކުއްޔަށް ނުދެވުނީ؟ އެ ނުދެވުނު ސަބަބަކީ، ޓޫރިސްޓުން އައިސް މިތާ ހޭދަކުރާއިރު، އެމީހުންނަށް އެމީހުން މިތާއުޅޭނެ އެކަށީގެންވާ ވެށްޓެއް ނެތީމާ. ދެން ޓޫރިސްޓުންގެ ބޭނުމަށްތޯ، އަޅުގަނޑުމެން ރަށްރަށުގެ ނަރުދަމާ ހަދައިދެންޖެހެނީ؟ މިއީ ބޯދާ ވިސްނުމެއް. ކޮބައިތޯ އަޅުގަނޑުމެން ރައްޔިތުންގެ ޙައްޤު؟ އަޅުގަނޑުމެންގެ ރައްޔިތުންނަށް މިކަހަލަ ކަންކަން، ބޭނުންވާ ކަންކަން އޭރު ތިއްބެވި ވެރިންނަށް އެނގިވަޑައިނުގެންފައި، ރަށްރަށަށް ޓޫރިސްޓުން ގެންނަންވީމާ އެކަނިތޯ، އެ ރަށްރަށުގެ ރައްޔިތުންނަށް ދެވަނަ ޗާންސެއް ދިނުމުގެގޮތުން، ފުރަތަމަ ޓޫރިސްޓުންނަށް މި ފުރުޞަތުދެނީ. ނަރުދަމާ އަޅަނީ. އެކަމަކު، އެކަމެއްވެސް ނުކުރެވުނު. ފެނުގެ ނިޒާމް ދޭންވީ، ބައިވޯޓާ ހަދައިގެން މަސައްކަތްކުރި. ބައިވޯޓާ ގެނައީ ކޮންބައެއްތޯ؟ ރައީސް ނަޝީދާ ކިހާ ތިމާގެ ބައެއްތޯ އޭގައި އުޅުނީ؟ ޠާރިޤު ވަރަށް ރަނގަޅަށް، ވަރަށް ސާފުކޮށް މިކަން ހިނގައިދިޔަގޮތް ވިދާޅުވި. އެ މަސައްކަތް ފެށްޓުނު. އައްޑޫސިޓީގެ ކޮންމެވެސް ހިސާބެއްގައި، ޑިސްޓްރިބިއުޝަން ނެޓްވަރކަށް އެތިކޮޅެއްވެސް އެޅިކަންނޭނގެ. އެކަމަކު މައިގަނޑުގޮތެއްގައި ހުރީ އާރޯ ދެތިން ޕްލާންޓާއި، ފެން ރައްކާކުރާނެ ދެތިން ތާނގީ ހަދާފައި. ފަނަރަ މިލިއަން ޑޮލަރު އެ ހިސާބުން ދިޔައީ. އެ ހިސާބުން މަސައްކަތް ހުއްޓާލާފައި، އެމީހުންގެ އާންމު އުސޫލުން ފިލައިގެންދާފަދައިން، ފިލައިގެންދިޔައީ. ދެން ކޮންބައެއްތޯ އެކަންކަން ފުއްދައިދޭންޖެހުނީ؟

 

މިރަށުގައި ވެރިކަމެއް މިއޮންނަނީ 1965އަކީ އަޅުގަނޑުމެންނަށް ފުރިހަމަ މިނިވަންކަން ލިބުނު. އެހެންނަމަވެސް، އެހިސާބުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ލިބިގެން، ރައްޔިތުން، ރައްޔިތުން ނިކަމެތިވެފައި ތިބި ކަންކަމުން، އަޅުވެތިވެފައި ތިބި ކަންކަމުން، ރައްޔިތުން ސަލާމަތްވީމާ، ރައްޔިތުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން ލިބެނީ. އެހެންނޫނީވިއްޔާ ރައްޔިތުންނަކަށް މިނިވަންކަމެއް ނުލިބޭ. މިނިވަންކަމަކީ ހަމަ މި އައްޑޫސިޓީ ގޮތަށް، ސިޓީގެ ދަރަޖަދީފައި، ފޮތެއްގައި ޖަހަލާފައި އޮންނަ މަފްހޫމެއް ނޫން. އެއްގޮތަކަށްވެސް އެކަހަލަ ކަމެއް ނޫން. އެއަށްވުރެ މާ ވަރުގަދަ ކަމެއް އެއީ. ތިޔަބޭފުޅުން އަޑުއައްސަވާނެ، ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވާ ބޭބޭފުޅުން ވިދާޅުވާނެ، މިނިވަންކަމެއްގެ އަގު ވަޒަންކުރަން އެނގޭނީ، މިނިވަންކަން ބީވެގެން ދިޔައިމައޭ. ނިޢުމަތެއްގެ އަގު ވަޒަންކުރަން އެނގޭނީ، އެ ނިޢުމަތެއް އަޅުގަނޑުމެންނަށް ލިބިފައި، އެ ނިޢުމަތަކުން އަޅުގަނޑުމެން މަޙުރޫމްވެގެން ދިޔައިމާ. ދެން ވިސްނޭނީ، ކިހާވަރެއްގެ ކަމެއް، އަތުން ބީވެގެން މިދިޔައީ. ކީއްކުރަންތޯ ތަޢުލީމު މި އުނގަންނައިދެނީ ކުދިންނަށް؟ ކުދިންނަށް ތަޢުލީމު އުނގަންނައިދެނީ ހަމައެކަނި އައި.ސީ.ޓީ ޕާކް ހަދާކަށެއް ނޫނޭ. އެއަށްވުރެ މާ އަސާސީ ކަންކަމަށް އެކުދިންގެ ލޯ އެބަ ހުޅުވެންޖެހޭ. މިއަދުގެ ޒުވާނުންނަށްވެސް އަޅުގަނޑު މިދަންނަވަނީ މި ވާހަކަ. ޒުވާނުން، ޒުވާނުންގެ ގޮތުގައި ތިބެގެން، ޒުވާނުންނަށް ބޭނުންވާ ތަރައްޤީއާއި ފުޓްސަލް ދަނޑުތަކާއި، މިކަންކަން ކުރާއިރު، ޒުވާނުންނަށް އެންމެ މުހިންމު އެއްޗަކީ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ލިބިގެންދިޔުން.

 

އަޅުގަނޑުމެންގެ މި ރާއްޖޭގައި، އަޅުގަނޑުމެންގެ މިނިވަންކަންނެތި، ބޭރުގެ ފަރާތްތަކުގެ ނުފޫޒު އައިސްފައި، އަޅުގަނޑުމެންނަކީ މިއިން ކޮންމެ ރަށެއްގެ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވާންވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ވަޒީފާތަކުގައިވެސް، އަޅުގަނޑުމެންގެ ގޭގެ ދޮރުގައި ނޮކްކުރާނީ، ފުރަތަމަ މިތާ އުޅޭ ބޭރު މީހާއަކަށް ވަޒީފާދީފައި. އޭގެފަހުން ވަޒީފާއެއް ބާކީ އޮތިއްޔާ. ރައީސް ޔާމީން ކީއްކުރަންތޯ، މި ހުރިހާ ހޭދައެއްކޮށްގެން، ރާއްޖެ މި އޮތް ހިސާބުން އުފުލައިލަން މަސައްކަތް މި ކުރަނީ؟ އެއީ ދިވެހި ޒުވާނުންނަށް ވަޒީފާ ހޯދައިދޭން. ދިވެހި ޒުވާނުންނަށް ނުފުދިފައިހުރި ކަންކަން ފުއްދައިދޭން. ފޭދޫގައިވެސް އަޅުގަނޑަށް އެނގޭ، ޒުވާނުން ބޭނުންވާކަން. މިހެން ދަންނަވާއިރު މަޝްރޫޢުތަކުގެ ވާހަކަ މި ދަންނަވަނީ. އަޅުގަނޑަށް އެނގޭ، ފޭދޫގެ ޒުވާނުން ބޭނުންވާކަން، މިހާރު އެއޮތް ޓައިލް ދަނޑު ނަގާފައި، ބޮޑު ޓަރފް ދަނޑެއް އަޅަން. ރައީސް ޔާމީން ކީކޭތޯ ބުނާނީ. މިހާރުވެސް މިދަނީ ޓައިލް ދަނޑުތަކުން ޓައިލް ނައްޓަމުން. އަދި އެތަންތަނުގައި ޓަރފް ދަނޑު އަޅަމުން. އެހެންވީމާ، ފޭދޫގައި ބޮޑު ޓަރފް ދަނޑެއް އަޅައިދިނުމަކީ އަޅުގަނޑަކަށް އުނދަގޫ ކަމެއްނޫން. މިއީ ވަރަށް ފަސޭހަ ކަންތައް. ބައި ބިލިއަން ރުފިޔާ، ފަސްސަތޭކަ އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން އަސާސީ ޚިދުމަތް ފެނާއި ނަރުދަމާއާ ނިމިގެންދާއިރު، ޓަރްފް ދަނޑެއް އަޅައިދިނުމަކީ އަޅުގަނޑަށް އުނދަގޫވާނެ ކަމެއްކަމަށް ކީއްކުރަންތޯ ވިސްނަންވީ. އެއީކީ އުނދަގޫކަމެއް ނޫން. އެކަމަކު އެކަންވެސް އަޅުގަނޑަށް ކުރެވޭނީ، ހިތަދޫ، މީދޫއާ ދޭތެރޭގައި ބްރިޖުވެސް އަޅުގަނޑަށް އަޅައިދެވޭނީ، އަޅުގަނޑަށް އެފުރުޞަތު ލިބިގެން.

 

އެހެންވީމާ މިކަންކަން ކުރަން ފޭދޫގެ ރައްޔިތުންނަށްވެސް، މުޅި އައްޑުއަތޮޅުގެ ރައްޔިތުންނަށް އަޅުގަނޑު މި ދަންނަވާލަނީ. އަޅުގަނޑުމެންގެ އިދިކޮޅުގައި މި ތިއްބެވި ބޭފުޅުން ކޮންވާހަކަތަކެއްތޯ. އަޅުގަނޑު ދެންނެވިން، އެބޭފުޅުންގެ ތަޢުލީމީ ސިޔާސަތުގައި ހުރި ދޯހަޅިކަން. ދެއުޅިއެއްނުވާ ތަޢުލީމީ ސިޔާސަތެއްގެ ވާހަކަ ދެއްކެވި. ހަމަ ޞިއްޙީ ނިޒާމު އޮތީ އެކަހަލަ ގޮތަކަށް. އަޅުގަނޑުގެ ވާހަކަކޮޅުގައި މިއަދު މިތަނުގެ ޞިއްޙީ ނިޒާމުގެ ވާހަކައެއް ދައްކާލާނަން.

 

އެމީހުންނަށް އެންމެ އުނދަގޫވާކަމަކީ، ދަރުމަވަންތަ ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލެއްގެ ސިފައިގައި، ފަންސަވީސް ބުރީގެ ޢިމާރާތެއް އެޅި، އަދި އެތަނުގައި، ރާއްޖޭގައި ނޫނީވިއްޔާ މި ސަރަޙައްދުގައި ލިބޭ އެންމެ ވަރުގަދަ ތަޙުލީލީ ނިޒާމް، ޑައިގްނޯސިސް ސެންޓަރެއް ހެދިގެންދާ ވާހަކަ ދެއްކީމާ، އެމީހުންނަށް އުނދަގޫވެގެންދަނީ. އެކަމަކު އައްޑުއަތޮޅުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އައްޑުއަތޮޅަކީ އާބާދީ ބޮޑުތަނެއް. މާލޭގައި އެކަނިތޯ، އެމް.އާރު.އައި މެޝިނެއް ހުންނަންޖެހެނީ؟ މާލޭގައި އެކަނިތޯ ޑައިގްނޯސިސް ސެންޓަރެއް ހުންނަންޖެހޭނީ؟ އަޅުގަނޑުމެން މިއަދު މިތަނުގައި ނޫނެކޭ ބުނަނީ. އެކަމަކު މި ހުރިހާކަމެއް ތަޙައްމަލުކޮށްގެން މި ތިބެނީ. އެމް.ޑީ.ޕީ.އަށް ވެރިކަން ލިބުނު. ސަރުކާރެއް ހިންގި. ކޮންކަމެއްތޯ މިތާކުރީ؟ ޞިއްޙީ ދާއިރާއަށް ކުރީ ކޮންކަމެއްތޯ؟

 

އަޅުގަނޑު ރިޔާސީ އިންތިޚާބަށް ނުކުމެގެން، އަޅުގަނޑު ރާއްޖޭގެ އެކި ހިސާބަށް ދަތުރުކުރިއިރު، އެކި ތަންތަނަށް ދަތުރު ކުރިއިރު، ބޮޑެތި ބައެއް ރަށްރަށުން އަޅުގަނޑު ދުށީމޭ އިނގޭތޯ. މިއި އަޅުގަނޑު ހަމަ ދަންނަވާ މިސާލެއް. ހަމައެކަނި ބޭސް ނުލިބެނީކީ ނޫނޭ. ބޭސް ނުލިބެނީ އެކަންޏެއްނޫން އިނގޭތޯ. ޞިއްޙީ މަރުކަޒުތަކުގެ ކުޑަދޮރުތަކުގައި، ލައްވާލާނެ ބިއްލޫރިކޮޅެއް ނެތިގެން ހުންނަނީ ފުލައިވުޑް ފިލާޖަހާފައި. ދުނިޔޭގެ އަލިކަމުންނާއި، ޖައްވުގެ ވައިގެ ތާޒާކަމުން، މަޙްރޫމްކޮށްލާފައި. މިއީ ޞިއްޙީ ދާއިރާ އޭރު އޮތް ހާލު. މިހާރު މި ނަގައި ކޮޅަށްޖެހީ ފަންސަވީސް ބުރީގެ ޢިމާރާތެއްގެ ގޮތުގައި. މިހާރު މި ދައްކަނީ، މާލޭގައި ހަދާވަރުގެ ޑައިގްނޯސިސް ފެސިލިޓީ، ހަމަ އިރާދަކުރެއްވިއްޔާ އައްޑުއަތޮޅުގައި ހިތަދޫގައި ހަދާ، ކޮންވެންޝަން ސެންޓަރު ބަދަލުވެގެން އެދާ، ހިތަދޫގައި އެ ހަދާ މަލްޓި-ޕަރޕަސް ނޫނީ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލަށް އަޅުގަނޑުމެން ގެންނާނަމޭ. އަޅުގަނޑުގެ ވިސްނުމުގައި، މާލެއަކަށް އެކަންޏެއްނޫން މި ތަރައްޤީ އަންނަންޖެހެނީ. މިތާ މިއޮތީ ބޮޑު އާބާދީއެއް. މިކަން މިތަނުގައި، އައްޑޫ ހިތަދޫގައި އަޅުގަނޑު ކުރާނަން. ހަމަ އެހެންމެ ކުޅުދުއްފުށީގައި ކުރާނަން. ތިނަދޫގައި ކުރާނަން. އަދިވެސް ބޮޑެތި ރަށްރަށުގައި ކުރާނަން. އަޅުގަނޑު މިކުރާ މަސައްކަތަކީ، ބޮޑެތި ރަށްރަށަކީ ސިޓީތަކަށް ހަދަން ކުރާ މަސައްކަތް. އަދި އެތަންތަނަކީ ޢުމްރާނީ ވަސީލަތްތަކާއެކީ، ރައްޔިތުންނަށް އުޅެން ފަސޭހަ ތަންތަނަށް ހަދަން ކުރާ މަސައްކަތް.

 

އެހެންވެގެން ހުޅުދޫމީދޫގައިވެސް އަޅުގަނޑު ދެންނެވީ، އަޅުގަނޑަކަށް ނުވިސްނެއޭ، އެތަނުގައި ހަތަރު ފުރޮޅު އެއްޗެހި ދުއްވާ މީހުންނަކަށް، އެމީހުންގެ ފީދައްކާކަށް އައްޑޫ ހިތަދޫއަށް އަންނަންޖެހޭ ސަބަބެއް، އަޅުގަނޑަކަށް ނުވިސްނޭ. ކަނޑު ހުރަސްކުރަން އަންނަންޖެހޭ ސަބަބެއް ނުވިސްނޭ. ދެން ކަނޑެއް ހުރަހެއްނުކުރާނެ ދޮގެއްތޯ؟ ދެން އަންނާނީ ބުރިޖް މަތިން. އެކަމަކު ކީއްކުރަންތޯ ބުރިޖް މަތިން އައިސްފައިވެސް އައްޑޫހިތަދޫގައި އެކަން ކުރަންވީ؟ ކީއްވެގެންތޯ ހުޅުމީދޫގައި އެކަން ނުކުރެވެންވީ؟ މި ހުންނަނީ ވަރަށް އާދައިގެ ކަންކަން ނޫންތޯ؟ އެކަމަކު މި ފުރުޞަތެއް އަޅުގަނޑަކަށް ރައްޔިތުންނެއް ނުދެއްވާ. އައްޑޫ ހިތަދޫއަކުން އަޅުގަނޑަށް ދެއްވީ މަޖިލީސް މެންބަރެއްގެ ގޮނޑިއެއް ނޯންނާނެ. އެހެންވީމާ، އެކަންކަމަށް ރައްޔިތުން ސަމާލުވެވަޑައިގަންނަވާ! ރައީސް ޔާމީނާއެކީ މަސައްކަތްކުރާ ޓީމެއް ލިބުނީމާ، ރައީސް ޔާމީނަށް މަސައްކަތް ކުރެވޭނީ. މިތަނުގެ މިނިވަންކަމާއި އިސްތިޤްލާލު ދިފާޢުކުރަން އަޅުގަނޑާއެކީ މަސައްކަތްކުރާ ޓީމުގެ ހިތްވަރު ހުންނަންޖެހޭ. ފަންވަރު ހުންނަންޖެހޭ. އަޅުގަނޑަށް އިތުބާރު ކުރަންޖެހޭ. އެ ކެޕޭސިޓީގައި އަޅުގަނޑުމެންނާއެކީ، އިޚްލާޞްތެރިކަމާއެކީ މަސައްކަތްކުރަންޏާ އަޅުގަނޑުމެންނަށް ނަތީޖާ ދެއްކޭނީ. އަޅުގަނޑުގެ އޮޑިން ފުންމާލައިގެން އެންމެ މުހިންމު މުއައްސަސާގެ މަސައްކަތްކުރަން ތިބި ތޭރަ، ސާދަ މެންބަރުން ދިޔައިމާ، އަޅުގަނޑަކަށް ފަސޭހައެއް ނޫން. އަދި އެމީހުން އޮޑިން ފުންމާލަން ނަސޭހަތްދިން މީހުންނާ ދޭތެރޭގައި، އަޅުގަނޑުގެ ހިތުގައި ހަމަ އެއްވެސް ކުލުނެއް ނެތް. އެއީ އަޅުގަނޑުމެންގެ ޕާޓީއަށް ގެނައި އެންމެ ނިކަމެތިކަން. އެއީ އެންމެ ނިކަމެތިކަން.

 

މިއަދު އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ނުލިބިގެން މިއުޅެނީ ކީއްވެގެންތޯ؟ ކުރީގައި އަޅުގަނޑުމެންގެ އަތުގައި އޮތް ސުޕަރ މެޖޯރިޓީ. އަޅުގަނޑުމެންނަށް ޤާނޫނުތަކަށް ގެންނަން ބޭނުންވާ އިޞްލާޙުތައް ގެނެވުނު. އަސާސީއަށް ގެންނަން ބޭނުންވާ ބަދަލު އަޅުގަނޑުމެންނަށް ގެނެވުނު. އެކަމަކު މިއަދު އަޅުގަނޑުމެންނަކަށް ނެތެއް ނޫންތޯ އެވާހަކަ އެހެން ދެއްކޭކަށް. މިއަދު އަނެއްކާވެސް ރައީސް ނަޝީދު ޓްވީޓް ކުރައްވާފައި ވިދާޅުވާނީ، ތިމަންނާއަށް ގަބޫލުކުރެވޭ ގޮތުގައި، މިތަނުގެ އިލެކްޝަން ފްރޯޑްވާނެއޭ. ވަގަށް ވޯޓުގެ ވައްކަން ކުރާނެއޭ. ވިޔާނުދާ ކަންކަން ހިނގާނެއޭ. މިވާހަކަ އަބަދު ދައްކާނީ އިންތިޚާބެއް ކުރިމަތިވެއްޖިއްޔާ. އަބަދުއަބަދު މިވާހަކަ ދައްކަދައްކާ ތިބޭނެ. އެއީ ކޮންމެވެސް ދޮން ކުދިންކޮޅެއް އައިސް، ދިވެހިރާއްޖެއާ ދޭތެރޭގައި ފިޔަވަޅު އަޅާފާނެތީ. ފިޔަވަޅު އެޅީމާ އަޅުގަނޑުމެންނަށް އުނދަގޫވާނެ. އެކަމަކު ފިޔަވަޅުއެޅީމާ ގަބޫލުނުކުރައްވާތި، އައްޑޫ ހިތަދޫގައި ނޫނީ އެހެންވެސް ރަށެއްގައި ތިބި އެމް.ޑީ.ޕީ. މީހުންނާ ދޭތެރޭގައި ވަކި ފިޔަވަޅު ނާޅާނެއޭ. އެ އަޅާ ފިޔަވަޅަކީ އާންމު ފިޔަވަޅެއް. ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި މީހުން ފަހަރެއްގައި އެ ޤައުމުތަކަށް ދިޔުން މަނާވެދާނެ. އެއީ މައްސަލައަކަށްވާނެ. އެހެންނަމަވެސް، އެނޫން ތަންތަނަށްވެސް އަޅުގަނޑުމެން ދަތުރުކުރާނެ ދޮގެއްތޯ؟ އެކަމަކު އެކަން ވެދާނެތީއޭ ކިޔާފައެއް، އަޅުގަނޑުމެންގެ ޤައުމުގެ ހުރިހާ ކަމެއް އަޅުގަނޑު ވިއްކާލާކަށް ނެތީމު. އެއަކަށް ތާއީދުކުރާކަށް އަޅުގަނޑު ނެތީމު. ޖާގަދޭކަށް ނުވެސް ނެތީމު.

 

އެހެންވީމާ، އައްޑުއަތޮޅުގައި ހުރެގެން، އަޅުގަނޑުމެން ދައްކަންވީ މިނިވަންކަން، އެއީ ކިހިނެއް ރައްޔިތުން ހޯދާފައި އޮތް މިނިވަންކަން. ކީއްވެގެންތޯ ރައީސް ނާޞިރުގެ ނަންފުޅުވެސް މިއޮއްހާ ދުވަހު ނުގެނެވި މިދިޔައީ. އެއީ އަޅުގަނޑުމެންގެ މިނިވަންކަމުގެ ބާނީ ދޮގެއްތޯ؟ އަޅުގަނޑުމެންގެ މިނިވަންކަމުގެ ޖިހާދު ކުރެއްވި ބަޠަލު އެއީ. ވަރުގަދަ ޤުރުބާނީތަކެއް ވެގެން އެދިޔައީ. ވަރުގަދަ ޤުރުބާނީތަކަކަށްފަހު، ދިވެހިރާއްޖެ ނަގާ ރާއްޖެއެއްގެ ސިފަ ދިވެހިރާއްޖެއަށް ޖެއްސި. އޭގެފަހުން އދ.ގެ ގޮނޑިއެއް ލިބުނީ. އޭގެފަހުން ރާއްޖޭގެ މީހުންގޮސް، ރާއްޖޭގެ އެކި ފެންވަރުގެ މީހުންގޮސް ރާއްޖޭގެ ވާހަކަ އދ. ގައިވެސް ދައްކަން ފުރުޞަތުވެސް ލިބުނީ. ފުރަތަމަ މިނިވަންކަން. މިހާރު މި ދައްކަނީ، އެތަކެއް އަހަރު ކުރިން ހޯދި މިނިވަންކަމާ ތޮޅޭ ވާހަކަ. ދާޚިލީ ކަންކަމަށް ބޭރުގެ މީހުންގެ އަތްބޭނުން ބޮޑުވާ ވާހަކަ. ކޮންމެ ކަމެއްގައި ބޭރުގެ މީހުންގެ ނުފޫޒުގައި އަޅުގަނޑުމެން ތިބެންޖެހޭ ވާހަކަ. އަޅުގަނޑުމެން އަބަދު ތިބެންވީ މިގޮތަށް އިސްތިޢުމާރީ ބާރަކަށް ސަޖިދަ ޖަހައިގެންތޯ؟ ނޫނެކޭ ވިދާޅުވަންޏާ، ތިޔަ މަސައްކަތް ކޮށްދެއްވާ ހިތަދޫގައި. ނޫނެކޭ ވިދާޅުވަންޏާ ތިޔަ މަސައްކަތް މިތަނުގައި ކުރައްވާ. އަޅުގަނޑުމެންނާ ވާދަވެރި ފަރާތްތައް އޮތީ މިކަންކަން މިގޮތަށް ކުރަން. މިހާރުވެސް އެދަނީ އެކަން ކުރަމުން. އަޅުގަނޑުމެންނަށް އުނދަގޫވޭ. ކުރީގައި ހަމަ މިދާއިރާތަކުން، އުފެއްދި ދަރިން ދޮގެއްތޯ އަޅުގަނޑުމެންނަށް އެންމެބޮޑަށް ކިޔައިދިނީ އޭރު ރައީސް ނަޝީދަށް ތާއީދުހޯދަން މަސައްކަތް ކުރެއްވި ކުރެއްވުމުގެ ތެރޭގައި، އެބޭފުޅުން އިނގިރޭސިވިލާތުގެ އެކި ފައްޅިފައްޅިންނާއި ނަޞާރާ ފާދިރީންގެ އަތުން ލާރި ހޯދައިގެން، އެ ވާހަކަ އަބަދު އޭރު ދެއްކި. އިމާދު ޞާލިޙުވެސް އެ ވާހަކަ ދެއްކި. ޙަސަން ސަޢީދުވެސް އެ ވާހަކަ ދެއްކި. ޖަމީލުވެސް އެ ވާހަކަ ދެއްކި. އަމީން، މަލީޙުވެސް އެ ވާހަކަ ދެއްކި. އެކަމަކު މިއަދު އެއީކީ މައްސަލައެއްނޫން، އެއިން އެއްވެސް ބޭފުޅަކަށް.

 

ކޮބައިތޯ މި މީހުންގެ ޤައުމީ ލޯތްބަކީ؟ މި މީހުންގެ ޤައުމީ ލޯތްބަކީ ހަމައެކަނި މިމީހުންގެ އުނަގަނޑުގައި އަޅާ ކަމަރެއްގެ އަގުބޮޑުވުންތޯ؟ މިއީ ވިސްނަވާ، މިކަންކަމާ ދޭތެރޭގައި. އެއަށްވުރެ ޤައުމަށް ހެޔޮއެދޭ ރައްޔިތެއް، ޤައުމުގައި ތިބެގެން ނޫނީވިއްޔާ އަޅުގަނޑުމެންގެ ހާލަތު އަޅުގަނޑުމެންނަކަށް ބަދަލެއްނުކުރެވޭނެ. ކީއްވެގެންތޯ، މި ސަރަޙައްދުގައި އޮންނައިރު އަޅުގަނޑުމެންނަކީ، ދެވަނަ ތިންވަނަ ދަރަޖައިގެ މީހުންނަށްވާންވީ؟ ފުޓްބޯޅަ ކުޅުނަސް މިހާރު އަޅުގަނޑުމެން ފައިނަލްގައި މިއުޅެނީ. ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ އަޅުގަނޑުމެން ފައިނަލުން ޖާގަ ހޯދައިފިން. އަޅުގަނޑުމެންގެ އެކިއެކި ސިޔާސަތުތައް ތަންފީޛުކުރަން ބޭނުންވާ ޤައުމުތައް، ކައިރީގައި އެބަހުރި. އަޅުގަނޑުމެންގެ ނަސީބަކީ މިއީ ކުޑަ ޖަޒީރާ ޤައުމަކަށްވާތީ. އެ ނަސީބާއެކީ އަޅުގަނޑުމެން ވިސްނަންޖެހެނީ، ރައްޔިތުންނަށް ކަންކަން ކޮށްދޭން، ރައްޔިތުންނަށް ހެޔޮއެދޭ މީހަކު ހުރީމާ މިކަންކަން މިވަނީ. އެހެންނޫނީވިއްޔަކާ ބައި ބިލިއަން ރުފިޔާ، ފަސްސަތޭކަ އެތައް މިލިއަން ރުފިޔާއެއް، މިއޮއްހާ ދުވަސް މިދިޔައީ، މިތަނަކަށް ހޭދައެއްނުވޭ. ކީއްވެގެންތޯ މިއަދު މިތަންތަނަށް އައީ؟

 

އެކަމަކު މިއަދު މިކަންކަން އައިމާ، މިރަށުގެ ރައްޔިތުންވެސް، ހިތަދޫގެ ރައްޔިތުންވެސް މިއީ ތިމަންނާމެންނަށް ލިބުނު އެއްޗެކޭ، ދެން އިތުރުކަމެއް ބޭނުމެއް ނުވާނެއޭ ހީފުޅުކުރައްވަންޏާ އެ ހަދަނީ ގޯހެއް. އެއަށްވުރެ ބޮޑު ގޯހެއް ނުހެދޭނެ. ތަރައްޤީ ލިބިއްޖެ ކަމަށްވަންޏާ އަނެއްކާވެސް ދެންޖެހޭނީ ތަރައްޤީގެ މަގުގައި އިތުރު ފިޔަވަޅުތަކެއް އަޅަން.

 

ޞިއްޙީ ދާއިރާގެ ވާހަކަ ދައްކަމުން، ގޯޅި އަޅަމުން، އެކި ކަފި ފަޅަމުން މިހިސާބަށް މި ދިޔައީ. އެކަމަކު ޞިއްޙީ ދާއިރާގައި އެބޭބޭފުޅުން އެދައްކަވާ ވާހަކަ، ޞިއްޙީ ޚިދުމަތްދޭނެ ވާހަކަ. އަޅުގަނޑު ހަމަ ހައިރާންވޭ އިނގޭތޯ. ކީއްވެގެންބާއޭ އަޅުގަނޑު ހިތަށްއަރާ، އަޅުގަނޑުގެ މެނިފެސްޓޯގައި ހުރި ބައެއް ވާހަކަވާހަކަ މި ދައްކަނީ؟ އަޅުގަނޑު މިއީ އެންމެ ފުރަތަމަ، މިދިޔަ އަޅުގަނޑުމެންގެ ރިޔާސީ ކެމްޕޭނުގައި، އެންމެ ވަރުގަދަޔަށް ޓެލެމެޑިސިންގެ ވާހަކަ ދެއްކި މީހާ. އަދި ޓެލެމެޑިސިންގެ ޒަރީޢާއިން، ނެޓްވަރކްގެ ތެރެއިން، ރާއްޖޭގައި ހުރި ހުރިހާ ޞިއްޙީ މަރުކަޒުތައް ގުޅާލާނެ ވާހަކަ ދައްކަމުން ދިޔައީ އަޅުގަނޑު. އަދި އަޅުގަނޑު ދައްކަމުން މިގެންދަނީ، އައި.ޖީ.އެމް.އެޗް.ގެ ޑައިގްނޯސިސް ސިސްޓަމްގައި އަޅުގަނޑުމެން މި ޤާއިމުކުރާ ނެޓްވަރކްގެ ތެރެއިން، އަޅުގަނޑުމެންގެ ސަރަޙައްދުގައި ހުރި ހުރިހާ ސަރަޙައްދީ ހަސްފަތާލުތައް ގުޅުވައިދޭނަމޭ. އޭގެ މަންފާ ބައިވަރު. އެކަންކަން ހޯދުމަށްޓަކައި އަޅުގަނޑުމެން އައި.ސީ.ޓީގެ ވާހަކަވެސް އެހާ ބާރަށް، ހަމައެކަނި އިންޓަރނެޓްގެ ޚަރަދު ކުޑަކުރާކަށްނޫން. ނޫނީ ހަމައެކަނި އެޕްސް ޑިވެލޮޕްކުރާ ކުދިންނަކަށް ނޫން. މި ފަސޭހަކަން ލިބިގެންދިޔައިމާ، އަޅުގަނޑުމެން ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއްގެ، ހުރިހާ ޕަބްލިކް ސަރވިސްއަކަށް އެކްސެސް ކުރަން، ސޯޝަލް ވެލްފެއަރއަށް އެކްސެސް ކުރަން، ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންކަން ކުރަން. ކީއްކުރަންތޯ ކޮންމެ ފަހަރަކު މިތާ ސުޕެޝަލިސްޓް ޑޮކްޓަރެއް ކޮންމެ ކަމެއްގައި ހުންނަންވީ؟ ނެތިދާ ހާލަތުގައި، އަޅުގަނޑުމެން މިދަންނަވާ ނެޓްވަރކްގެ ތެރެއިން، ރާއްޖޭގައި ލިބެންހުރި، އެންމެމޮޅު ކޮންސަލްޓެންސީ ޚިދުމަތް، މިތާ ހުންނަ ޑޮކްޓަރަކަށް ލިބިގެންދާނެ. އެހެންވެގެން އަޅުގަނޑުމެން ނެޓްވަރކެއް ގުޅާ ވާހަކަ މި ދައްކަނީ. ޓެލެމެޑިސިންގެ ވާހަކަ މި ދައްކަނީ. އަޅުގަނޑު މިވާހަކަ ދައްކާތާ އެތައް ދުވަހެއް. މިހާރު އެބޭފުޅުންގެ މެނިފެސްޓޯގައި މިއިން ޖާގަ ހޯއްދަވައިފި.

 

އަޅުގަނޑު ދެއްކިން، ށ. އަތޮޅު ބިލެތްފަހީގައި އެއަރޕޯޓެއް އަޅާނެ ވާހަކަ. މިހާރު އެބޭފުޅުންގެ މެނިފެސްޓޯގައިވެސް އެކަންވެސް އެބައޮތް. އެކަމަކު އެއަކަށް އެމީހުން ސިމެންތިކޮޅެއް ބޭނުމެއްނުކުރާނެ. އެއަކަށް އެމީހުން ކޮންކްރީޓެއްވެސް ބޭނުމެއްނުކުރާނެ. އެއީ އެމީހުން ބޭނުންކުރަން މަނާ އެ. ކޮންކްރީޓަކީ އެއީ ތަރައްޤީ ނޫންތޯ. އެކަމެއް ނުކުރާނެ. އެހެންވީމާ، ބިލެތްފަހީގެ ރައްޔިތުންވެސް އެބަ ޚިޔާލަށް ގެންނަންޖެހޭ، މިތަނުގައި އެއަރޕޯޓް، ދެން އެމީހުން ހަދާނީ ކޯއްޗަކުންބާވައޭ. އެހެންވީމާ، އެކަންކަމާ ދޭތެރޭގައި ވިސްނަންވާނެ ދޮގެއްތޯ. ކުޅުދުއްފުށީގައި އެއަރޕޯޓް ހަމަ އެ ސަރަޙައްދުގައި އަޅުގަނޑު ހަދާ ނިންމީ. މިހާރު އެބޭފުޅުން އެބަ ވިދާޅުވޭ، ކުޅުދުއްފުށީގައި ތިމަންނާމެން ރީނދޫ ކުލައިގެ ރަންވޭއެއް ހަދައިދޭނަމޭ. މިކަހަލަ ވާހަކަ ދޮގެއްތޯ މި ދައްކަނީ؟

 

އަޅުގަނޑުމެން ޞިއްޙީ ދާއިރާގެ ވާހަކަ ދައްކާއިރު، މިތާ މި އިންނެވީ ދޮގެއްތޯ، ޑޮކްޓަރ ޙަބީބްވެސް. އަޅުގަނޑުމެން ޞިއްޙީ ދާއިރާގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ޞިއްޙީ ދާއިރާގައި، ހަމަ އެތައްކަމެއް އަޅުގަނޑުމެން އެޗީވް ކޮށްފިން. ހާސިލުކޮށްފިން. އެހިސާބަށް އެމް.ޑީ.ޕީ. ވަޑައިގެން، އެކަންކަން މާލޭގައި، ނޫނީވިއްޔާ ރާއްޖޭގެ ބޮޑެތި ރަށްރަށުގައި ކޮށްފައިހުރި މިންވަރަށް، އެހެން ރަށްރަށުގައި އެހިސާބަށް އެކަންކަން ކުރައްވަން އެބޭފުޅުން މިހާތަނަށް ދެއްކެވި މަސައްކަތުގެ ސްޕީޑުން ވެއްޖިއްޔާ އަޅުގަނޑަށް ހީވަނީ، ފަންސާސް އަހަރު ނަގާނެހެން. އެހެންވީމާ، ކީއްކުރަންތޯ، އެ ތަރައްޤީއަށް އަޅުގަނޑުމެން މަޑުކުރަންވީ؟ މިއަދު އަޅުގަނޑުމެން ޞިއްޙީ ދާއިރާގައި މި ދައްކަނީ ކޮން ވާހަކައެއްތޯ؟ މިއަދު އަޅުގަނޑުމެން ޞިއްޙީ ދާއިރާގައި މި ދައްކާ ވާހަކައަކީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ދަރުމަވަންތަ ހޮސްޕިޓަލްގައި އޯގަން ޓްރާންސްޕްލާންޓް ކުރާނަމޭ. އެކި ގުނަވަންތައް ބަދަލުކުރާނަމޭ. އެވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ކިޑްނީ ބަދަލުކުރާ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އަލަށް ދޮގެއްތޯ، ދިވެހިރާއްޖޭގައި ކަރޑިއެކް ލެބެއް ހެދިގެން މިދަނީ. އަލަށް ދޮގެއްތޯ؟ ކިތައް މީހުން އޭގެ ފަރުވާ ހޯދައިފިތޯ؟ އެ ކެތްލެބް އަޅުގަނޑުމެން ޤާއިމުކުރީމާ ދޮގެއްތޯ، އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ، ރާއްޖޭގެ އެކި ހިސާބުގައި ހިތުގެ ފަރުވާ ބޭނުންވާ މީހުންގެ އަދަދު. އެހެންނޫނީވިއްޔާ ހިތުގައި، ފަރުވާ ބޭނުންވާ މީހުން ހަމަ ހިތުގައި ޖެހިޖެހި ތިބެނީ. ޢާއިލާތައް ގިސްލަނީ. އެކަމަކު މިއަދު އެ ކެތްލެބް ހެދީމާ އެބަ އެނގޭ، ލައިފް ސޭވިންގ މަސައްކަތެއްކަން، ރައީސް ޔާމީނުގެ ފަރާތުން ލިބިގެން މި ދިޔައީ. މިއަދު އެތަނުގެ ތިއޭޓަރ ބުކްކޮށްފައި އެހުރީ، ދުވަހަކުވެސް އަޅުގަނޑުމެންނަށް ނުފުރޭވަރަށް. ﷲގެ ރަޙްމަތުން އިރާދަކުރެއްވިއްޔާ މިއަދު ނުޖެހޭ ދޮގެއްތޯ، ސްޓެންޓެއް ލައްވާކަށް، އެންޖިއޯޕްލާސްޓެއް ހަދާކަށް، ރާއްޖެއިން ބޭރު އެކި ކަރަކަރައަށްދާކަށް. މިއަދު މާލޭގައި އެކަން ކުރެވޭ ދޮގެއްތޯ؟

 

އެހެންވީމާ، ދެން އަޅުގަނޑުމެން މި ދައްކަނީ، ޞިއްޙީ ދާއިރާވެސް އިތުރު މަރުޙަލާއަކަށް އިތުރު ފަށަލައަކަށް، ކުރިއަށް ގެންދާ ވާހަކަ. އަޅުގަނޑު މި ދައްކަނީ، ދަރުމަވަންތަ ހޮސްޕިޓަލް ނިމިގެންދާއިރު، ހަމައެކަނި ތަޙުލީލީ އިންތިޒާމުތަކެއް ނޫން، ޑައިގްނޯސްޓިކް ފެސިލިޓީއެއް އެކަންޏެއްނޫން. ހަމަ އެތަނުގައި ސުޕަރޝަލައިޒްޑް ޑިޕާޓްމަންޓްތަކެއް ހުންނަ ވާހަކަ. ރާއްޖެއިން އަޅުގަނޑުމެންނަށް ނުލިބޭ ކަންކަމު، އަޅުގަނޑުމެން ހަމަ ސިންގަޕޫރުންވެސް ނޫނީ އެއަށްވުރެ ބޭރުންވެސް އަޅުގަނޑުމެން ސުޕަރޝަލައިޒްޑް ޑިޕާރޓްމަންޓްތައް ގެންނަ ވާހަކަ މި ދައްކަނީ. ޚާއްޞަކޮށް މިހާރު ކުރަންޖެހޭ ކަމަކީ، ސިކުނޑިއަށް، ބޮލަށް ފަރުވާދޭ، މުހިންމު ޑިޕާޓްމަންޓްތައް ހަދަންޖެހެނީ ކޮންމެ ތަނެއްގައިވެސް.

 

އަޅުގަނޑު ދޮގެއްތޯ، އެންމެ ފުރަތަމަ އިޢުލާނުކުރީ އެއީ އަޅުގަނޑަށް ފެނޭ އަޅުގަނޑު ދާއިރު، ކަނބަލުންގެ ޖޯޝާއި ފޯރި އަޅުގަނޑަށް އެބަފެނޭ. އަޅުގަނޑުމެން ރާއްޖޭގައި، ކުރިންވެސް ދަރިމައިވަންތަކަމުގެ ޞިއްޙަތާއި، ކުޑަކުދިން ލިބުނީމާ ކުޑަކުދިންނަށް އެ ދިމާވާ މައްސަލަތަކުގައި، ރާއްޖޭގައި ހޮސްޕިޓަލުގައި އައި.ޖީ.އެމް.އެޗް.ގައިވެސް ހަމަ ނިއޮނޭޓަލް ސަރވިސް ހުންނަކަން އަޅުގަނޑަށް އެބަ އެނގޭވެސްމެ. އެކަމަކު އެ ޚިދުމަތް ލިބިގެންދާއިރު، ވިހެއުމުގެ ތެރޭގައި ކުޑަކުދިންނަށް ދިމާވާ މައްސަލަތަކުގައި، ކުޑަކުދިން އެތައް ދުވަހަކު އެބަ ހޭދަކުރަންޖެހޭ އެކުދިން ފަރުވާ ހޯދަން. އަޅުގަނޑުމެންގެ ތެރޭގައި ދުވަސްނުފުރާ ވިހާ މައިން މަދެއްނޫން. އަދި ހަމައެހެންމެ، އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން ކުޑަކުދިން އެބަޖެހޭ، މެޗްއަރ ކުރަން، އެކި އޯގަންތައް މެޗްއަރ ކުރުމާއި، އަދި އެކުދިން ވިހެއުމަށްފަހުވެސް އެތައް ދުވަހަކު ހޮސްޕިޓަލުގައި ނިއޮނޭޓަލް ސެންޓަރެއް އެބަ ބަލަހައްޓަންޖެހޭ. އޭގެފަހުން، ބައްޕައާއި މަންމައާ އެކުއްޖާ ގޮވައިގެން ބޭރަށްވެސް މިދަނީ. ބޭރަށް މިދެންނެވީ، ގެޔަށްވެސް މިދަނީ.

 

އެހެންވީމާ، އަޅުގަނޑަށް އެނގޭ، މި ޚިދުމަތް އެބަހުރިކަން އަސާސީ ފެންވަރެއްގައި. އެކަމަކު އަޅުގަނޑު ދޮގެއްތޯ، ފުރަތަމަފަހަރަށް އިޢުލާނުކުރީ ދަރިމައިވަންތަކަމަށް ޚާއްޞަކުރާ، އަންހެނުންގެ ބަލިތަކަށް ޚާއްޞަކުރާ، އަދި ކުޑަކުދިންނާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަކުރާ، ސްޕެޝަލައިޒްޑް ހޮސްޕިޓަލެއް ރާއްޖޭގައި ހަދައިދޭނަމޭ. އަޅުގަނޑުމެންނަކަށް މިކަންކަމެއް ނުވާނެ، ކޮންމެ ސަރަޙައްދީ ބޮޑު ހޮސްޕިޓަލެއްގައި، ކޮންމެވެސްވަރެއްގެ ޑިޕާޓްމަންޓެއް ހެދިދާނެ. އެކަމަކު މިކަމަށް ޚާއްޞަ ސްޕެޝަލައިޒްޑް ހޮސްޕިޓަލެއް ހަދާކަމަށްވަންޏާ، އޭގެ މާނައަކީ، ދަރިމައިވަންތަ އަދި ކުޑަކުދިންގެ ހުރިހާ ބަލިތަކަށް، އެއީ ދަރިމައިވުމުގެ ކުރިންނާއި، އަދި ކުއްޖާ ވިހެއުމަށްފަހު، ޕޯސްޓްނޭޓަލް އެތައް ފަރުވާއެއް ދޭނެ ސްޕެޝަލައިޒްޑް ހޮސްޕިޓަލްގެ ވާހަކަ މި ދައްކަނީ.

 

އެހެންވީމާ ދެން ކީއްވެގެންތޯ، ކަނބަލުން އަޅުގަނޑަށް ނޫން މީހަކަށް ވޯޓު ދެއްވަންވީ؟ ނުޖެހޭ ދޮގެއްތޯ ވޯޓު ދެއްވާކަށް؟ މިއީ ޞިއްޙީ ދާއިރާއަށް އަޅުގަނޑުމެންކުރާ އުއްމީދު. މި އުއްމީދު ކީއްވެގެންތޯ ޞިއްޙީ ދައިރާއަށް ނާންނަންވީ؟ މި އުއްމީދު ކީއްވެގެންތޯ ތަޢުލީމީ ދާއިރާއަށް ނާންނަންވީ؟ މި އުއްމީދު ކީއްވެގެންތޯ ޒުވާނުންނާ ހަމައަށް ނުދާންވީ؟ މި އުއްމީދު ހުރިހާ ދާއިރާއަކަށް މި އަންނަނީ ކީއްވެގެންތޯ؟ މި އުއްމީދު ހުރިހާ ދާއިރާއަކަށް މި އަންނަ ސަބަބަކީ، ގާދޫކޮލު ހުރަސްކޮށްލާފައި، ބްރިޖެއް އެތާ އެޅުނީމާ. އެހެންވީމާ، އެހިސާބަށް އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ ތަންފީޒީ ބާރު އުފުލިގެންދިޔައިމާ، ދެން އަޅުގަނޑުމެންނަށް މިއިން ކޮންމެ ދާއިރާއަކަށް، މި ދާއިރާ ހުރި ހިސާބުން، އަޅުގަނޑުމެން އެބަޖެހޭ މިއަށްވުރެ މައްޗަށް ގެންދަން. މިއީ ރައްޔިތުންގެ ކުރިއެރުމަކީ. މިކަންކަން ކުރެވުނީމާ، މިއާއެކީ ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ، ރަށްރަށަށް ބޭނުންވާ ހުރިހާކަމެއް ފުދިގެންދާން އެބަޖެހޭ، އެތަނުގައި ގެސްޓްހައުސް ހެދުމުގެ ކުރިން. ރަށްރަށަށް ބޭނުންވާ އަސާސީ ހުރިހާ ކަމެއް ފުދިގެން އެބަދާންޖެހޭ. ފެނާއި ނަރުދަމާ މިތަނަށް މާ މުހިންމު، މިތަނުގައި ވަޒީފާ ފުރަތަމަ ހޯދުމަށްވުރެ. ވަޒީފާއަކީ އެއާއެކީ އަންނަންޖެހޭ ކަންކަން. މި ހުރިހާ ކަންކަމެއް އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ބޮޑެތި ރަށްރަށުގައި ކޮށް މި ނިމެނީ ދޮގެއްތޯ.

 

ދެން އަޅުގަނޑުމެން މިދައްކަނީ ކަރަންޓް ބިލުތައް ކުޑަކުރާ ވާހަކަ. ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި މިހާރު، ބޮޑެތި ރަށްރަށުގައި އިއާދަކުރަނިވި ހަކަތައިން، އެބަލިބޭ ތިރީސް ޕަސެންޓް. އަޅުގަނޑުމެން އެބަ ހޯދަން. އެކަމަކު އަޅުގަނޑުމެން އެއަދަދު ޖައްސަން މި ބޭނުންވަނީ އަޅުގަނޑުމެންގެ ފަސް އަހަރެއްގެ ތެރޭގައި. ﷲގެ ރަޙްމަތާއެކީ، އެ އަދަދު އަޅުގަނޑުމެން ޖައްސާނަމޭ މި ބުނަނީ ފަންސާސް ޕަސެންޓަށް. އެއީ ބޮޑު ޓާގެޓެއް. އެއީ ހާސިލުކުރަން ފަސޭހަ ޓާގެޓެއް ނޫން. އެކަމަކު އެއީ އަޅުގަނޑު އަބަދުވެސް އުއްމީދުކުރާ ގޮތް. އެހެންވީމާ، އަޅުގަނޑުމެން އެކަން ކޮށްފިކަމަށްވަންޏާ، ކަރަންޓް ބިލުތައް، ނޫނީވިއްޔާ ފެން ބިލްތައްވެސް އަޅުގަނޑުމެންނަށް ކުޑަވެގެން މި އަންނަނީ.

 

އެހެންވީމާ މިކަންކަން ކުރާއިރު މިއީ، މުހިންމު ކަންކަން. މިކަންކަން ވެގެން، ދެން އަޅުގަނޑުމެން އާމްދަނީ ހޯދުމުގެ އިތުރު މަސައްކަތްތަކުގެ ޖާގަ ފުޅާވެގެން މިދަނީ. އެންމެ ފަސޭހަކަމަކަށް ވެދާނެ، މިތަނުގައި އައިސް ފެކްޓްރީއެއް އެޅުން. އެއީ ވެދާނެ އެންމެ ފަސޭހަކަމަކަށް. އެކަމަކު މުވައްޒަފުން ހޯދައިގެން މަސައްކަތް ކޮށްގެން، އަދި ދުނިޔޭގެ ބާޒާރުގައި އެ ވިއްކާ އެއްޗެއް ކޮމްޕީޓް ކުރުމަކީ، އެއީ އެހާ ފަސޭހަކަމެއް ނޫން. އަޅުގަނޑުމެންނަށް ބަންދުކުރާ މަހަށާއި، ފޮނުވާ މަހަށް، މި ޖެހިގެން މި އުޅެނީ ކޮންކަމެއްތޯ؟ މިވެރިން ބޭރުގައި ތިބެގެން ދިވެހިރާއްޖެ ބަދުނާމުކޮށް މި ދައްކާ ވާހަކައިގެ ސަބަބުން އަޅުގަނޑުމެންނަށް މިހުރިހާ އުނދަގުލެއް މިވަނީ. މަރަދޫގެ ރައްޔިތުން އަޑުއައްސަވާ މިކަން. މަސް ވިއްކުމުގައި ދިމާވާ ހުރިހާ މައްސަލައެއް ދިމާވެގެން މިއުޅެނީ މި ސަބަބާހެދި. ހަމަ މިކަމާ ހެދި މިހުރިހާ ކަމެއް ދިމާވެގެން މިއުޅެނީ. ކީއްވެގެންތޯ ސިޔާސީ ވިސްނުމުގައި އެމީހުން ފިކުރު ތަފާތުވީމާ، ރައްޔިތުން ކައިރީގައި އައިސް އާދޭސްކޮށްގެން ވޯޓު ހޯދުމުގެ ބަދަލުގައި، ބޭރުގެ މީހުން ކައިރިއަށް ގޮސް ރައްޔިތުންނަށް ދަތިކުރަން ފިޔަވަޅުއަޅަން ގޮވަނީ ކީއްވެގެންތޯ؟ އެކަމަކު މިވެސްނުވޭ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނާކަށް. މިނިވަންކަން ގެއްލިގެންދާއިރު، އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާކަށް ބޭނުމެއްނުވޭ. ދީން އޮޔާލާދާއިރު އަޅުގަނޑުމެން އެކަންކަމާ ދޭތެރޭގައި ވިސްނާކަށް ބޭނުމެއްނުވޭ. ދެން ކޮންކަމަކާތޯ ވިސްނަންވީ؟ ރައްޔިތުން ފުނޑާލީ ދޮގެއްތޯ؟ މާލޭގައިވެސް، ރާއްޖޭގެ އެއްވެސް ރަށެއްގައި، އަންހެން ބޭފުޅަކަށް ދިހައެއް ޖެހުމުގެ ފަހުން ހޭންޑްބޭގް ހިފައިގެން މަގުމަތީގައި އެކަނި ހިނގާލަން ނުކެރޭ. މިއީ އަޅުގަނޑުމެންގެ ނާމާންކަން އޭރު އޮތްވަރު. މިއީ އަޅުގަނޑުމެންގެ ރައްޔިތުންގެ މަޞްލަޙަތަށް އޭރު ލޯބިކުރިވަރު. މިއަދު ކީއްވެގެންތޯ މިކަން ހަނދާންނެތިގެން މިއުޅެނީ؟ މިއަދު ކީއްވެގެންތޯ، ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކުރިކަން ހަނދާންނެތިގެން މިއުޅެނީ؟ މިއަދު ކީއްވެގެންތޯ، އޭރު އެބޭފުޅުންނަށް ކޯޓުތައް ހުރިކަން އެބޭފުޅުންނަށް ނޭނގޭކަން، މިއަދު ކީއްވެގެންތޯ، އަޅުގަނޑުމެން ހަނދާންނެތިގެން މިއުޅެނީ؟ މިއަދު މިދައްކަނީ ހުރިހާތަނަކަށް ނުފޫޒުފޯރުވާ ވާހަކަ. ކޮންބައެއްތޯ ނުފޫޒު ފޯރުވީ؟

 

އެންމެފަހު ދުވަސްވަރު، އެންމެ ވަރުގަދަޔަށް، ކަންކަން ހިނގަމުންދިޔައިރު، އެމް.ޑީ.ޕީ. ސަރުކާރުގައި، ފުލުހުންގެ މުއައްސަސާ ހިންގީ ފުލުހުންގެ ޕޮލިސް ކޮމިޝަނަރތޯ؟ ނޫނީވިއްޔާ އެބޭފުޅުން ފޮނުވި ސިޔާސީ މީހެއްތޯ؟ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްތޯ އެތާއިނީ ކަންކަން ނިންމަން؟ މިހިރީ އަޅުގަނޑުމެންގެ މުއައްސަސާތަކަށް އެމީހުން އަތްބާނާފައި ހުރިވަރު. ފެބުރުވަރީ ހަތްވަނަ ދުވަހު ކަމެއް ހިނގައިދިޔައީ. ފެބުރުވަރީ އަށްވަނަ ދުވަހު އޮތީ ކޮންކަމެއްތޯ ކުރަން ނިންމާފައި؟ ހުރިހާ ފަނޑިޔާރުން ގެޔަށް ފޮނުވާލަން. ނޫން ހުޅުޖެހި. އެއީ ހިނގަން ނިންމާފައި އޮތްކަމެއް ނޫން. އެކަން ތަންފީޒުކުރީ. ހުރިހާ ފަނޑިޔާރުން ގެޔަށް ފޮނުވާލާފައި އެމީހުން، ބޭނުންބަޔަކަށް ޢަދުލު އިންސާފުގެ ދާއިރާ ހަވާލުކުރަން ނިންމާފައި އޮތީ؟ މިއީ މި މީހުން ކަންތައް ކޮށްފައި ހުރި ގޮތަކީ.

 

އެހެންވީމާ، ދެންވެސް މި ތަންތަނަށް އެ ބޭފުޅުން ވަޑައިގެން، އެކިއެކި ވާހަކަ ދައްކަވާއިރު، އަޅުގަނޑުމެން ޚިޔާލަށް ގެންނަންވީ، އަޅުގަނޑުމެން މި ހުރިހާ ތަރައްޤީއަކަށްވުރެ އަސާސީ ކަމެއް އެބައޮތޭ. އަޅުގަނޑުމެންގެ ޤައުމަށް އެންމެ މުހިންމު ކަންކަމުގެ ތެރޭގައި، މިއޮތީ އަޅުގަނޑުމެންގެ ދީނާއި، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޞްލަޙަތާއި ސަލާމަތާ. ހަމައެއާއެކީ، މިއޮތީ މިނިވަންކަން މިގޮތުގައި އަޅުގަނޑުމެން ދަމަހައްޓަންވާނެ. މިއަށްވުރެ މުހިންމު ކަންކަމެއް ނުހުންނާނެ. މިކަންކަން ނިންމާފައި މިކަންކަމާއެކީ އަޅުގަނޑުމެން ވިސްނާނީ، ދެންވެސް ފޭދޫއަށް، ނޫނީވިއްޔާ މީދޫއަށް، ނޫނީވިއްޔާ ހުޅުދޫމީދޫއަށްވެސް ބޭނުންވާ ކަންތައްތަކުގެ ވާހަކަ.

 

މިކަހަލަ ޤައުމީ ވާހަކަ ދައްކާކަށް، އެމް.ޑީ.ޕީ. ބޭފުޅުންނެއް އެ ވާހަކައެއް ނުދައްކާނެ. އިދިކޮޅު ބޭފުޅުންނެއް އެ ވާހަކައެއް ނުދައްކާ. ކިތައް ދުވަހު މަސައްކަތްކޮށްގެން، ކިތައް ދުވަހު ގޮންޖަހައިގެންތޯ، އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދުލުން ނެރެވުނީ، އަޅުގަނޑު މިދަންނަވާ ވާހަކަ. ތިމަންނާވެސް އިސްލާމްދީން ނޫން ދީނަކަށް ޖާގައެއް ނުދޭނަމޭ. މާތްކަލާކޯ! ރާއްޖެއަކު ނޫޅެޔޭ އެހެންބަޔަކު، އިސްލާމްދީން ނޫން ދީނަކަށް ޖާގަދޭން ބޭނުންވާ ބަޔަކު ނޫޅޭ. އެބޭފުޅުން އެތިބީ އެ ހުވަފެނުގައި. އެކަމަކު މުޅި ރާއްޖޭގެ ރައްޔިތުން، އެކަމުގައި ތިބިއިރުވެސް އެހާވަރަށް އަޅުގަނޑުމެން، އެހާވަރަށް އަޅުގަނޑުމެން އެބޭފުޅުންނާ ޖަދަލުކުރީމާ، އިހަށްދުވަހު ވިދާޅުވެއްޖެ، އާނ! ތިމަންނާގެ ރާއްޖޭގައި، ތިމަންނާގެ ސަރުކާރެއްގައިވެސް އިސްލާމްދީން ނޫން ދީނަކަށް ޖާގައެއް ނުލިބެއޭ. މިއީތޯ ކޮމިޓްމެންޓް އޮންނަންވާވަރު. ދެން ކީއްވެގެންތޯ، ރައްޔިތުން މިކަންކަމާ ދޭތެރޭގައި ނުވިސްނަންވީ؟ ރައްޔިތުން ވިސްނާވަޑައިގެންފައި، ރައްޔިތުން އަޅުގަނޑާ އިސްތިޤްބާލު ކުރައްވާއިރު، ހަނދުމަފުޅު ކުރައްވާ! މިތަންތަނަށް އަންނަނީ ތަރައްޤީއެއް އެކަންޏެއް ނޫން. މުޅި ރާއްޖެ ސަލާމަތުން އޮތުން، މުޅި ރާއްޖޭގައި އަމަން ޤާއިމުވެފައި އޮތުން، މުޅި ރާއްޖޭގެ އެންމެން ގަބޫލުކުރާ އުސޫލުތަކެއް އޮތުން، މުޅި ރާއްޖޭގެ ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަންކަމެއް ފުދިގެންދިޔުން، މިކަންކަން މާ މުހިންމު ދޮގެއްތޯ؟

 

މިއަދު ޒުވާނުންނަކީ އުޅޭ ބައެއްކަން، އެމް.ޑީ.ޕީ. މީހުންނަށް އެބަ އެނގޭ. ތިމަންނާގެ ސަރުކާރަކީ ޒުވާނުންގެ ސަރުކާރަކަށް ވާނެއޭ ވިދާޅުވީ. އެކަމަކު ދެން އެނޫން ޗޮއިސްއެއްވެސް ނެތް ދޮގެއްތޯ؟ މިއަދު ޒުވާނުން ގަބޫލުކުރޭ، އެނޫން އެހެންގޮތަކަށް އެކަން ނުދާނެކަން. އެއީ ރައީސް ޔާމީނަކީ، ޒުވާނުން ރައީސް ޔާމީންގެ ތަރައްޤީގެ މަޝްރޫޢުތަކުގައި، ޗާޓުގައި އެންމެ ކުރީގައި ޖެހި މީހުން. ހުރިހާ މަޝްރޫޢެއްގެ އެންމެ ފުރަތަމަ މަންފާ ލިބޭ ބަޔަކީ ޒުވާނުން. ޒުވާނުންނަށް ވަޒީފާތައް ހުޅުވިގެން މިދަނީ. ޒުވާނުންނަށް ކުޅިވަރުގެ ކަންތައްތައް ކުރުމަށް، ކަންތައްތައް ފުރިހަމަވެގެން މިދަނީ. އެކަމަކު އެއާއެކީ ޞިއްޙީ ދާއިރާއަށް މި އަންނަ ކުރިއެރުމަކީ، ހަމަ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި އިސްރަށްވެހިން ތިބިކަން އަޅުގަނޑުގެ ޚިޔާލަށްވެސް އަންނާތީ. އެހެންވީމާ، ވަކި ބައެއްނޫން، ވަކި ގިންތިއެއްނޫން، އަޅުގަނޑުމެންގެ ތަރައްޤީގެ ވިސްނުމަށް މިހުރީ. ހުރިހާ އެންމެން މިތިބީ އެއްކޮށް. ހުރިހާ އެންމެންނަށް، ކޮންމެ ބަޔަކަށްވެސް، ބޭނުންވާ ކޮންމެ ގިންތިއަކަށްވެސް ބޭނުންވާ ކަންތައްތަކެއް އަޅުގަނޑުމެންގެ ތެރޭގައި މިހުރީ.

 

އެހެންވީމާ، އަޅުގަނޑު ހަމަ މިއަދުވެސް ހަމަ ދަންނަވާނީ، ފޭދޫގައި ދަންނަވާނީ، ވަކި މީހަކަށް ވިސްނައިގެން، ވަކި މީހަކު ކަމެއްގައި އުޅޭތީ، އެކަމާ ރުޅިއައިސްގެން ކުރީ ޒަމާނުގައި ކަންކަން ކުރި އުސޫލުން ކަންކަން ނުކުރައްވާށޭ. އެހެން ހައްދަވައިފިއްޔާ، އެއީ މުޅި ރާއްޖެއަށް ލިބޭ ނިކަމެތިކަމެއް. މިއަދުވެސް އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާނީ، އެއް ނަންބަރަށް ވޯޓުދޭން މަސައްކަތްކުރާ ކޮންމެ މީހަކު، އޭނާ މަސައްކަތް ކުރުމުގެ ފުރުޞަތު އޮންނާނެއޭ. އޭނާއަށް ހިތްވަރު ދެއްވާ! އޭނާއަށް ހިތްވަރު ދެއްވާ، އޭނާ ލައްވާ އެކަން ކުރުވަން. އަދި ހަމަ އެގޮތަށް އަޅުގަނޑު ފޭދޫގައިވެސް ދަންނަވާލަން ބޭނުންވަނީ، ފޭދޫގައި މި ތިއްބެވި ލޮބުވެތި ރައްޔިތުން، އަޅުގަނޑުމެންގެ ޕާޓީއަށް ތާއީދުކުރައްވާ ރައްޔިތުން، ހަމަ ގުރޫޕް ގުރޫޕަށް، ތިޔަބޭފުޅުންގެ އަޚުންނާއި އުޚުތުންނާ ވާހަކަދައްކަން ހިތަދޫއަށް ވަޑައިގަންނަވާ. އެތާ ވަގުތު ހޭދަކުރައްވާ. އެމީހުންގެ ވިސްނުން ބަދަލުކުރައްވާ. އެއޮގޮތަކަށްވެސް އެއީ ވަކި ވިސްނުމެއްގައި ހަރުލާ ތިބި ބައެއް ނޫން. އެކަމަކު އެ މަސައްކަތް އަޅުގަނޑުމެން އެބަޖެހޭ އިތުރަށް ކުރަން. ހަމަ ހިތަދޫގައިވެސް، ވަކި ބަޔަކު އިސްވެ މި މަސައްކަތް ކުރާތީ، ދެން ތިބި އެހެން މީހުން މިކަން ނުކޮށް ހުއްޓާލަންވީކީ ނޫން. އެހެންވެއްޖިއްޔާ އަޅުގަނޑުމެންނަކަށް މިއަކުން ވާނެ ފައިދާއެއް ނޯންނާނެ.

 

އެންމެންނަށް ލިބޭ ކުރިއެރުމަކީ، ހުރިހާ އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ކުރިއެރުން. ޤައުމަށް ނިކަމެތިކަމެއް އައިމާ، އެއީކީ އަޅުގަނޑަށް ލިބޭ ނިކަމެތިކަމެއް ނޫން. އެ ނިކަމެތިކަމުގައި، އަޅުގަނޑުމެންގެ ޤައުމުގެ ނާ، ފެތިގެންދާ ކަމަށްވަންޏާ، ހުރިހާ ފަޅުވެރިން ފެތޭނެކަން ހަނދާން ކުރައްވާ! އެހެންވީމާ، އެއަށް ކީއްކުރަންތޯ ޖާގަދޭންވީ؟ އެއަކަށް ޖާގަދޭކަން ނުޖެހޭނެ. އަޅުގަނޑުމެން ކުރާ މަސައްކަތެއްގެ މައްޗަށް ﷲ ގެ ރަޙްމަތާއި ބަރަކާތް މިންވަރު ކުރައްވަނީ. އެހެންވީމާ، މަސައްކަތް ނުކޮށްތިބެ، ވަކި ބަޔަކު ކުރާ މަސައްކަތުން ތިމަންނާމެންނަށް މިކަން ހާސިލުވާނެއޭ ހީކުރުން އެއީ، ތޭވީސްވަނަ ދުވަހު ލާ ވޯޓުގައި އެންމެ ނުބައި ހީ. އެންމެ ކުށްހީއަކީ އެއީ. މިއީ ކޮންމެ މީހެއްގެ، ފަރުދީ، ޢާއިލީ ޒިންމާއެއްކަމަށް ވިސްނަވާ. ޤައުމީ ޒިންމާއެއްކަމަށް ވިސްނަވާ. މި މަސައްކަތުގައި ހަމަ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވާނީ، އޭނާގެ ވޯޓުގެ އިތުރުން، އެތައް ވޯޓެއް ހޯދައިދިނުމަށް. އެއީ ޤައުމުގެ ހަމަޖެހުން. އެއީ ދީނަށް އަޅުގަނޑުމެންދޭ ބާރު. ގަދަފަދަކަން. އެއީ އަޅުގަނޑުމެން އަމާން ތަނެއްގެ ގޮތުގައި ދިވެހިރާއްޖެ ބާއްވަން ބޭނުންވާ ކަންތައް. ހަމަ އެއީ، ދިވެހިރާއްޖެއަކީ މި ސަރަޙައްދުގެވެސް އެއްވަނަ ޤައުމުގެ ގޮތަށް، ރައީސް ޔާމީން ކުރަން މި ބޭނުންވާ އުއްމީދުގައި، ހުވަފެނުގައި ކުލަޖައްސައިދިނުމަށް ލިބޭ ފުރުޞަތު. ރައީސް ޔާމިނަކީ އެކަނި މަސައްކަތްކުރާ މީހަކަށް ނަހައްދަވާ. އަޅުގަނޑަށް މަސައްކަތް ކުރެވޭނީ، އަޅުގަނޑަށް ތިޔަބޭފުޅުން ހިތްވަރު ދެއްވީމާ. މިކުރާ ހުރިހާ މަސއްކަތެއްގެ މަންފާ، ބެނެފިޓް ލިބިގެން ދަނީ ތިޔަބޭފުޅުންނަށް. މި ހުރިހާ ކަމެއްގެ ފަސޭހަ ލިބިގެންދަނީ ތިޔަބޭފުޅުންނަށް. ދެން ކީއްކުރަންތޯ އަޅުގަނޑު މިކުރާ ޖިހާދަކީ އަޅުގަނޑު އެކަނި ކުރާ ޖިހާދަކަށް ވާންވީ؟ އެހެން ނަހައްދަވާ! އަޅުގަނޑު ވަރުބަލިވާނެ. އަޅުގަނޑަކީ އިންސާނެއް. އެހެންވީމާ، އަޅުގަނޑު އެކަނި ނުކުރައްވާ! މި މަސައްކަތުގައި ތިޔަ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންދެއްވާ! ތޭވީސްވަނަ ދުވަހު، ކުރިއަށް މިއޮތް ދިހަވަރަކަށް ދުވަހުގައި، ލައްވާ ވޯޓަކީ އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ ދަންނަވަން، އެއްވަނަ ނަންބަރު ކެންޑިޑޭޓަށް، އަޅުގަނޑަށް ދެއްވާ ވޯޓަކަށް ހައްދަވާ. އެއީ ޤައުމަށް ދެއްވާ ވޯޓެއް. އެއީ ތިޔަބޭފުޅުންގެ ކުރިއެރުމަށް ދެއްވާ ވޯޓަކަށް ހައްދަވާ.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާއިރުވެސް، އަޅުގަނޑު އެދެނީ، ފޭދޫގައި މިއޮތް ޓީމު، މިއޮތް ބަދަހި ވަރުގަދަ ޓީމު، ފޭދޫގެ މަސައްކަތުގެ އިތުރަށް، ތިޔަބޭފުޅުންގެ ރައްޓެހިން، ރާއްޖޭގެ ހުރިހާ ދިމާއެއްގައި ތިބޭނެ. ޚާއްސަކޮށް، މާލޭގައި ތިބޭނެ. މާލޭގައި ތިބޭނެ. ހުޅުދޫގެ ރައްޔިތުންގެ ބޮޑުބައެއް މާލޭގައި ތިބޭނެ. މި މަސައްކަތް ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ރައްޓެހިންނާ ގުޅިގެން ކުރެވޭނެ. ހަމައެކަނި ރައީސް ޔާމީން އައި.ސީ.ޓީ. ޕާކް ހެދިމާއެއްނޫން، އެ މީހުންނަށް އިންޓަރނެޓުން ވާހަކަ ދެއްކޭނީ. ޗެޓް ކުރެވޭނެ މިހާރުވެސް. ފޯނުކުރެވޭނެ މިހާރުވެސް. އެސް.އެމް.އެސް.އިން މިހާރުވެސް ވާހަކަ ދެއްކޭނެ. ހަމަގައިމުވެސް، މާލޭގައި ހުންނަ ބޯއިފްރެންޑާއި ގަރލްފްރެންޑް މިތާ ހުރެގެން ވާހަކަދައްކާ އެބަ. އެހެންވީމާ، ކީއްވެގެން ވޯޓެއް ހޯދަން މަސައްކަތް ނުކޮށްދޭންވީ؟

 

އެހެންވީމާ، ހަމަ އެގޮތަށް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. މި ފޯރިގަދަ ޓީމު، މިއަދު ހަވީރުން ފެށިގެން، ހިތަދޫއަށް ވަޑައިގަންނަވާ މަސައްކަތް ކޮށްދެއްވަން. މިއީ އަޅުގަނޑުމެން އެންމެންގެ މަސައްކަތް. އައްޑުއަތޮޅަކީ، ޙަޤީޤަތުގައިވެސް ދިވެހިރާއްޖޭގައި އޮތް އެންމެ ވަރުގަދަ އަތޮޅަށް ހެދުމުގެ ފުރުޞަތުގެ ބޭނުން ހިއްޕަވާ! ފުރުޞަތު ނަގައިނުލައްވާ!

 

ވަރަށްބޮޑަށް ޝުކުރިއްޔާ.

 

އިރާދަކުރެއްވިއްޔާ މާތްﷲ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ބަރަކާތް މިންވަރު ކުރައްވާށި!

 

والسّــلام عليــكم ورحـمــة اللّـه وبـركاتـه.