بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

ތިނަދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން.

 

އަޅުގަނޑު މިއަދު އެންމެ ހިތްގައިމު ގަޑިއަކު ނޫން މި ރަށަށް މިއައީ. ހޫނުގަދަ ގަޑިއެއް. އެހެންނަމަވެސް، ތިޔަ އެންމެ ބޭފުޅުން އަޅުގަނޑުގެ އިސްތިޤްބާލުގައި ތިއްބެވި ތިއްބެވުމުން އަޅުގަނޑަށް އެނގިގެން މިދަނީ، ތިނަދޫގެ ލޮބުވެތި ރައްޔިތުންނާއި އަޅުގަނޑާ ދޭތެރޭގައި އޮތް ގާތްކަން. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

އަދި ހިޖުރީ އާ އަހަރުގެ ތަހުނިޔާ، ތިޔަ އެންމެ ބޭފުޅުންނަށް ދަންނަވަމުން، އަޅުގަނޑު ދަންނަވާނަން. އަޅުގަނޑުމެންގެ ޝަރަފުގައި، އަޅުގަނޑުމެންގެ އިންތިޒާރުގައި ތިޔަބޭފުޅުން މިހާ ފުރިހަމައަށް މި ރަށް ޒީނަތްތެރި ކުރައްވައި، މިހިސާބުގަނޑު ޚާއްޞަކޮށް ޒީނަތްތެރިކޮށްދެއްވާފައި މިވަނީ އަޅުގަނޑުމެންގެ ޖަގަހަތަކާއި، އަޅުގަނޑުމެންގެ ސިޔާސީ މަސައްކަތްކުރާ ހުރިހާ ޒުވާނުންނާއި، ކަނބަލުންނާއި އަދިވެސް އެހެން ބޭފުޅުން ހަމަ އެކީއެކުގައި މަސައްކަތް ކުރައްވައިގެން. ތިޔަބޭފުޅުންގެ ވިސްނުމުގައި ތިޔައޮތީ މި މަހުގެ 23 ވަނަ ދުވަހު މި ލާ ވޯޓަކީ، 1  ވަނަ ނަންބަރު ކެންޑިޑޭޓަށް، އަޅުގަނޑަށްލާ ވޯޓެއް ކަމުގައި ހައްދަވައިދެއްވުމަށް.

 

އެކަމަށްޓަކައި ތިޔަ އުފުއްލެވި ބުރައަށް، މިހާ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން ދަންނަވާފައި މިރަށަށް މިއައީ. އެހެންނަމަވެސް، މިރަށަކީ އެއްގޮތަކަށްވެސް އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި ނާރައި ދޫކޮށްލެވޭނެ ރަށަކަށްނުވާނެ. އަޅުގަނޑު މީގެކުރިންވެސް މިރަށުގައި އައިސްފައި ހަމަ މިކަހަލަ ވާހަކަތަކެއް، މި ރަށުގެ ރައްޔިތުންނާ ދޭތެރޭގައި އޮތް އަޅުގަނޑުގެ ހިތުގެ ހަމަ އެންމެ އިޚްލާޞްތެރި ޝުޢޫރުތައް ހާމަކުރީމު. ތަފާތަކަށްވަނީ، އޭރު ރައްޔިތުންގެ މަޖިލީހުގައި މި ރަށުން ހިމެނުނު ދެ މެންބަރުންނަކީވެސް އަޅުގަނޑުމެންގެ ޕާޓީގައި، އަޅުގަނޑުމެންގެ މަސައްކަތުގައި، އަދި ޕީ.ޕީ.އެމް އިން މުޅި ރާއްޖެއަށް، ޚާއްޞަކޮށް، ތިނަދޫއަށް މި ގެންނަ ތަރައްޤީގައި ބައިވެރިވެވަޑައިގަންނަވާ ދެބޭފުޅުންނަށް ވެގެންދިޔަކަން.

 

މިއަދު މިތާ ތިއްބެވި ބޭފުޅުންނަށާއި، މި އަޑު އައްސަވަމުން ގެންދަވާ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ޚާއްޞަކޮށް، ސިޔާސީ ލީޑަރުން ކަމުގައި ލޭބަލް ޖައްސަވައިގެން އުޅުއްވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އެ ވާހަކައަށް ޖެހިލަންވާނީ އެހެންނަމަވެސް، ތިނަދޫގައި އަޅުގަނޑު އައިސް ތިޔަބޭފުޅުންނާ އެކީގައި މިކުރަނީ ކީއްކަން ތިޔަބޭފުޅުންނަށް ދަންނަވާލާފައި ދޮގެއްތޯ.

 

ވަކިވަކި މަޝްރޫޢުތަކުގެ ނަން ދަންނަވާނެ ކަމެއްނެތް. މިހިރީ މަޝްރޫޢުތައް. މަގުހެދުން. އިސްލާމީ މަރުކަޒު. ދެން މިހެންގޮސް އެތައް މަޝްރޫޢެއް. ހަތް މަޝްރޫޢު ހުޅުވުމުގެ އުފަލުގައި ތިޔަބޭފުޅުންނާއެކީ ބައިވެރިވުމަށް އަޅުގަނޑު ކުރާ ޒިޔާރަތެއް، މި ޒިޔާރަތަކީ.

 

ތިނަދޫއަށް މީގެކުރީގައި އަޅުގަނޑު ކުރި ދަތުރުގައި، އަޅުގަނޑު ދެންނެވިން، އިރާދަކުރެއްވިއްޔާ ތިނަދޫ ދެވަނަފަހަރު އާބާދުވެގެން މި ދާ ދިޔުމުގެ ތެރޭގައި، ތިނަދޫގެ ޙަޔާތުގައި ފަންސާސް ވަނަ އަހަރުވާ ދުވަހު އަޅުގަނޑު އަންނާނަމޭ. އަޅުގަނޑު އެ ހަނދާން އެބަހުރި. ހަމަ ނިހާން ދެންމެ އެކަން އެ ކުރެއްވި ގޮތަށް، އެ ހަނދާން އަޅުގަނޑު އެބަހުރި. އެހެންނަމަވެސް، އަޅުގަނޑު ތިނަދޫގަޔާއި، އަދި އަޅުގަނޑުގެ ވާހަކަ އަޑުއައްސަވަމުން ގެންދަވާ ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ ކަންކަމުގެ ޙާލަތު ބަދަލުވެގެންދާގޮތާ ދޭތެރޭގައި އަޅުގަނޑުމެންގެ ޚިޔާލަށް އެއްޗެއް ގެންނަމާތޯއޭ.

 

ތިނަދޫއަކީ ވަރަށް މުނާސަބު ރަށެއް، މި ރަށުގައި ހުރެގެން މި ވާހަކަ ދައްކަން. އެއީ ތިނަދުއަކީ ވަރަށް ހިތްދަތިކަން އިޙްސާސްކޮށްފައި އޮންނަ ރަށެއް. އެއްފަހަރަށްވުރެ ގިނަފަހަރު. އެހެންވީމާ، ތިނަދޫގެ ރައްޔިތުންނަށްވުރެ ބޮޑަށް އަޅުގަނޑު މި ދައްކާ ވާހަކަ، ކުލުނާއި، ހަމްދަރުދީއާއި، އިޙްސާންތެރިކަމާއެކީ ގަބޫލުކުރާނަމަ، ގަބޫލުކުރަން އެނގޭނެ ރައްޔިތެއް، ދިވެހިރާއްޖޭގެ އެހެން ރަށަކު ނޫޅޭނެ. އެހެންވީމާ، އެކަމަށްޓަކައި ތިނަދޫގެ ރައްޔިތުންގެ އަރިހުގައި ހުރެގެން، އަޅުގަނޑު ހަމަ އިޙްސާންތެރިކަން އަޅުގަނޑުގެ ހިތުގައި އޮތީމަޔާއި، އަދި އަޅުގަނޑުމެންގެ ޕާޓީއާއި، އަޅުގަނޑުމެން މިކުރާ ސިޔާސީ މަސައްކަތުގައި، ކަން ހިނގައިދިޔަގޮތުގެ ވާހަކަ ދަންނަވާލަން ބޭނުންވަނީ، ތިނަދޫގެ ޖަލްސާގައި ދިވެހި ހުރިހާ ރައްޔިތުން ހެކިވާ ގޮތުގެ މަތިން.

 

ސިޔާސީ މަސައްކަތް ކުރަން މިހާރު އަޅުގަނޑުމެންނަށް ދަސްވެފައި އޮންނަނީ ޕާޓީ އުފައްދައިގެން. ޕާޓީއަށް މި އަމާޒުކޮށް މަސައްކަތް މި ކުރަނީ ދެތިން ކަމެއްގެ މައްޗަށް. އެއީ ރާއްޖޭގެ ރައްޔިތުން ދެތިން ހަތަރު ބޮޑެތި ކަމެއް އޮންނާނެ، ބަހާތަކެއް އޮންނާނެ، އަޅުގަނޑުމެން އެއްގޮތަކަށްވެސް އެކަންކަމާ ދުރަށްނުދާނެ. އެއީ ޤައުމިއްޔަތާއި، ދީނާއި، ޤައުމީ ސިފަތަކާއި، ޞުލްޙަމަސަލަސްކަން. މިއީ އަޅުގަނޑުމެން އެކަންކަމަކާ ދުރަށްނުދާނެ ކަންކަން. ދެވަނަ ކަމެއްގެ ގޮތުގައި އޮވެދާނެ، ރަށްރަށުގެ ތަރައްޤީއާއި، މީހުންނަށް އަންނަ ތަރައްޤީއާއި، ތަނަވަސްކަމާއި، ރަށުން ބިން ހިއްކުމާ، މިކަހަލަ ކަންތައްތައް. ތިންވަނަ ކަމަކަށް އޮވެދާނެކަންނޭނގެ، ޢާންމު މަޞްލަޙަތާއި، އެކި ގިންތިތަކަށް ލިބެންޖެހޭ ސަލާމަތްތެރިކަމާއި، އަދި މިނޫންވެސް ކުރިއެރުމާ، މިކަހަލަ އެތައް ކަމެއް އޮވެދާނެކަންނޭނގެ. ހަތަރުވަނަ ކަމެއްގެ ގޮތުގައި އޮވެދާނެކަންނޭނގެ. އެއީވެސް ރާއްޖެއާ ދޭތެރޭގައި ހެޔޮލަފާ ވިސްނުމަކުން ވިސްނާ ބަޔަކު ނޫނީވިއްޔާ ނުވިސްނާނެ ކަމެއްވީމާ، އަޅުގަނޑު މި ދެންނެވީ އޮވެދާނެކަންނޭނގެޔޭ. އެ ސުވާލު އަޅުގަނޑު ކުރަމު، އެހެން ސިޔާސީ ލީޑަރުންނާ.

 

ދުނިޔޭގެ މި ބޮޑު ޢާއިލާގެ ތެރޭގައި އަޅުގަނޑުމެން އުޅޭއިރު، އަޅުގަނޑުމެންގެ ރަށަކީ ޝައްކެއްވެސްނެތްގޮތުގައި، ބޮޑުސިންގާ ކަނޑެއްގެ ތެރޭގައި ރުކުރުވައިލެވިފައި އޮތް ކުދިކުދި ރަށްތަކެއް ހިމެނޭ ޖަޒީރާ ޤައުމެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ ދުނިޔޭގެ އެހެން ޤައުމުތަކާ ފައިހަމަކޮށް މަސައްކަތް ކުރެވޭތޯ މަސައްކަތްކުރާ ބައެއް. އަޅުގަނޑުމެންނަށް ދަތިވާ މައްސަލަތައް، ބައިނަލްއަޤްވާމީ ސަމާލުކަމަށް އެބަ ގެންނަމު. އަޅުގަނޑުމެންނަށް ދަތިވާ ކަންކަމާއި، އަޅުގަނޑުމެންނަށް ނުރައްކާތެރިވާ ކަންކަމާއި، އަޅުގަނޑުމެންނަށް ގެއްލިގެންދާ ޙައްޤުތަކާއި، އިތުރަށް ހޯދަން ބޭނުންވާނެ ކަންކަމުގެ ވާހަކަ، ދުނިޔޭގެ ސަމާލުކަމަށް އަޅުގަނޑުމެން ގެންނަނީ، އެންމެ ބޮޑެތި ޤައުމުތަކުގެވެސް ލީޑަރުން ހިމެނިވަޑައިގަންނަވާ ޖަލްސާތަކުގައި. މި ޖަލްސާތަކުގައި، އެމެރިކާގެ ރައީސް، ޗައިނާގެ ރައީސް، ރަޝިޔާގެ ރައީސް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު. މިހެންގޮސް ޔޫރަޕްގެ ހުރިހާ ޤައުމުތަކެއްގެ ހެޑް އޮފް ސްޓޭޓުން. އޭޝިއާ ބައްރުގެ މި ހިމެނޭ ހުރިހާ ޤައުމެއްގެ ވެރިންވެސް ހިމެނޭގޮތަށް. އަދި އޭގެތެރޭގައި، ކުދިކުދި ޖަޒީރާ ޤައުމުތަކުގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖެއާއި، އަދި މިހެންވެސް ހުރި، ޕެސިފިކްގައި މިހިރަ ކުދިކުދި ޤައުމުތަކާއި، އެޓްލާންޓިކްގައި މިހިރަ، ކެރީބިއަންގައި މިހިރަ ޤައުމުތަކާ، މިކަހަލަ ހުރިހާ ޤައުމުތަކެއްވެސް ހިމެނޭ.

 

އެކަމަކު ހުރިހާ އެންމެންނަށްވެސް އެއްބަސްވެވޭ އެކައްޗަކީ، މިއިން ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ދައުލަތުގެ، އެބޭފުޅެއްގެ ރައްޔިތަކަށް އުނދަގޫވާ، ކަންތައް ބޮޑުވާ ކަންކަން ހުށަހެޅުމުގެ ފުރްޞަތު އެބަ ލިބޭ. ފަހަރުގައި ވެދާނެކަންނޭނގެ، އެކި ބޭފުޅުންނަށް އެކި ވަގުތު، އެކި ބޭފުޅުންގެ ވާހަކަފުޅަށް ސަމާލުކަން، އެކިމީހުން ދެނީ އެކި މިންވަރަށް ކަމަށްވެދާނެ. އެކަމަކު ޝައްކެއްވެސްނެތްގޮތުގައި، ދުނިޔޭގެ މުޖުތަމަޢުގެ ކުރިމައްޗަށް މި މައްސަލަތައް ގެނައުމުގެ ޙައްޤު އެބަލިބޭ، ވަގުތު އެބަލިބޭ، ފުރްޞަތު ލިބިގެން އެބަދޭ.

 

އެހެންވީމާ، ދުނިޔޭގެ ޢާއިލާގެ ތެރޭގައި އަޅުގަނޑުމެންނަކީ ޝަރަފުވެރިކަމާއި، ކަރާމާތާއަކީ އުޅެން އެނގެންޖެހޭ، އުޅެންޖެހޭ ބައެއް ކަމުގައި އެބަވާންޖެހޭ. މިއަދުގެ ޙާލަތު. އަޅުގަނޑުމެން މިކަންކަން ކުރަން މަސައްކަތްކޮށްފީމު. ދުނިޔޭގެ ސަމާލުކަމަށް ދިވެހިރާއްޖެއަށް، ޚާއްޞަކޮށް، ކަނޑުގެ ރާޅު އުފުލެމުންދިޔުމާއި، އަދި ކްލައިމެޓަށް އަންނަ އުނދަގޫތަކުން، ނޫނީވިއްޔާ ނުރައްކާތަކުން ދިވެހިރާއްޖެ ކަހަލަ ބިންގަނޑު ތިރި، ފަސްގަނޑު ތިރި ޤައުމަކަށް އަންނަ ނުރައްކާތަކުގެ ވާހަކަ ދައްކައިފީމު. ނަތީޖާއަކަށް ވެގެންދިޔައީ، ކުދި ޖަޒީރާ ޤައުމުތަކުގެ މި ޝަކުވާ އުފުލާ ގްރޫޕްގެ، އެއޯސިސް ގްރޫޕްގެ ރިޔާސަތު އަޅުގަނޑުމެންނާ ހަވާލުކުރުން. ވިދިވިދިގެން ދެ ދައުރު އަޅުގަނޑުމެން ރިޔާސަތު ހަވާލުވެގެން މިގެންދަނީ.

 

ކުދި ޤައުމުތަކުން އިތުބާރުކުރޭ، ދިވެހިރާއްޖެއަށް އެ ހުރިހާ ޤައުމުތަކަށް ފައިދާހުރި މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް. އަދި ހަމައެހެންމެ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމުޢިއްޔާގެ، ހިއުމަން ރައިޓްސް ކޮމިޝަންގެ ދެ ދައުރު އަޅުގަނޑުމެން އެބަ މެންބަރުކަން އަދާކުރަމު. މިކަންކަމެއް އިދިކޮޅު ލީޑަރުން ހަނދާނަކު ނުހުރޭ. މިކަންކަން ހަނދާން ނުހުންނަ ވާހަކަ މި ދަންނަވާ ސަބަބަކީ، މިއަދުވެސް އެންމެ ވަރުގަދައަށް އުފުލާ އަޑަކީ، އިދިކޮޅުން އެންމެ ގިނައިން ދައްކާ ވާހަކައަކީ، ދިވެހިރާއްޖޭގެ އަނިޔާވެރިކަމުގެ ވާހަކަ. އަނިޔާވެރިކަން ޢާންމުވެފައި ދިވެހިރާއްޖޭގައި އޮވެއްޖެ ކަމަށްވަންޏާ، ނޫނީ އަނިޔާވެރިކަން ދިވެހިރާއްޖޭގައި އޮތްނަމަ، ހިއުމަން ރައިޓްސް ކޮމިޝަންގެ، ބައިނަލްއަޤްވާމީ ހިއުމަން ރައިޓްސް ކޮމިޝަންގެ ކައުންސިލްގެ މެންބަރުކަން، ވިދިވިދިގެން ދެ ދައުރު، ދިވެހިރާއްޖެއަށް ޖާގަ ލިބޭނީ ކިހިނެއްތޯ؟ އެހެންވީމާ، ބުއްދި ހުރެގެން، މީހުންނަށް ވިސްނޭވަރަށް މިކަހަލަ ވާހަކަ ދައްކާ ކަމަށްވަންޏާ، އެބޭފުޅުންނަކަށް މިކަހަލަ ވާހަކައެއް ނުދެއްކެވޭނެ. އެބޭފުޅުންނަށް މިކަހަލަ ވާހަކައެއް ނުދެއްކެވޭނެ.

 

ދެން ދުނިޔޭގެ ސަފުގައި ދިވެހިރާއްޖެ ހިމެނެން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެން މި ދޭތެރެއިން މަސައްކަތް ކުރީމު. އަޅުގަނޑުމެންނަށް ނާކާމިޔާބުވެގެންދިޔައީ. އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރިން، އޭޝިއާގެ މި ބައްރުން. އަޅުގަނޑުމެންނާއެކީ ވާދަކުރީ ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަށްވުރެ ވަރުގަދަ، ރިސޯސް ވަރުގަދަ، އާބާދީ ބޮޑު އިންޑޮނީޝިއާ. އިންޑޮނީޝިއާގެ ކުރިމަތީގައި ދިވެހިރާއްޖެއަކީ ހަމަ ކުޑަކުޑަ ޖަޒީރާ ޤައުމެއް. އަޅުގަނޑުމެން މަސައްކަތް ކުރަމު. އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެން ބޭނުންވާ ކަންކަން، ދިވެހި ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން، ދުނިޔޭގެ ސަމާލުކަމަށް ގެންނަން. އ.ދ.ގެ ސަމާލުކަމަށް ގެންނައިރު، އ.ދ.ގެ ޢާންމު މަޖިލީހުގައި ދައްކާ ވާހަކަތަކަށްވުރެ، ޖަލްސާގައި ދައްކާ ވާހަކައަށްވުރެ، ޝައްކެއްވެސްނެތްގޮތުގައި، އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ތިބެގެން، އަޅުގަނޑުމެންނަށް ކުރެވޭނެ މަސައްކަތް މާބޮޑު. އެއީ ދިވެހި ރައްޔިތުންގެ ފައިދާއަށްޓަކައި. އެތާ ތިބެގެންނެއް ހަމަގައިމުވެސް އަޅުގަނޑުމެންނެއް ނުދައްކާނެ، އަޅުގަނޑުމެންގެ ޤައުމަށް ބޭރުން ލަޝްކަރެއް ގެންނާށޭ، ރާއްޖޭގައި ހުރި މައްސަލަތައް ޙައްލުކުރާކަށް. އެހިސާބުން ސަލާމަތީ މަޖިލީހުން އަޅުގަނޑުމެން ނުކުމެގެންދާންޖެހޭނީ.

 

އެހެންވީމާ، ސަލާމަތީ މަޖިލީހުގެ ގޮނޑި މި ހޯދަނީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަން ހޯދުމަށްޓަކައި. އަމްނާއި ރައްކާތެރިކަމުގެ ގެރެންޓީ ހޯދުމަށްޓަކައި. މި މަސައްކަތް ނާކާމިޔާބުވެގެން ދިޔައިމާ، ކޮންބައެއްތޯ މިކަމާ އުފަލުން އަތް ޖަހާފައި، ބޮނޑިބަތް ކައްކައި، ޢީދު އައިސްގެން އުޅުނީ؟ ހަމަ މިހާރު އަޅުގަނޑުމެންނާ ވާދަކުރަން ނުކުމެ އެއުޅޭ މީހުން. ދެން ހިތާމަޔަކީ މި ފިކުރުގައި އެމީހުންގެ ޖާދުލުގައި، އަޅުގަނޑުމެން އިޙްތިރާމުކުރާ އެހެން މީހުންވެސް މީގައި ޖެހިގެން އުޅޭތީ. އެހެންވީމާ، ދުނިޔޭގެ ސަމާލުކަމަށް ދިވެހިރާއްޖޭގެ ޙާލަތު، ދިވެހި ރައްޔިތުން އެދޭ ކަންކަން ގެނައުމާއި، އަމްނާއި ސަލާމަތުގެ ރައްކާތެރިކަމުގެ ގެރެންޓީ ހޯދަން ކުރި މަސައްކަތުގައި، އަޅުގަނޑުމެންނަށް ނާކާމިޔާބުވެގެން ދިޔައިމާ، ހީވީ ޢީދު އުފަލުން މުޅި ދިވެހި ރައްޔިތުން އުފާކުރިހެން.

 

އެހެންވީމާ، ތިނަދޫގައި މި ވާހަކަ މި ދަންނަވަނީ، ތިނަދޫއަށް މީގެ ފަސްދޮޅަސް ހަތް އަހަރު ކުރިން އެ ދިމާވި ހިތްދަތިކަމުން ތިނަދޫ މިއަދުވެސް މިއުޅެނީ އަރައިނުގަނެވިގެން. މިއަދު ތިނަދޫގެ ޒުވާން ކުދިން، މިތާ ތިއްބެވި ޒުވާން ކުދިންނާއި، މި އަޑުއަހާ ޒުވާން ކުދިން، އެއަށްވުރެ ދޮށީ މީހުން ކައިރީގައި، މަންމަ، ބައްޕަ، ކާފަ ކައިރީގައި އަހާލާ، ކަންތައްތައް ތިނަދޫއާ ދޭތެރޭގައި ދިމާވެގެންދިޔަގޮތް. އަޅުގަނޑަށް އެނގޭ، މި އޯޑިއެންސްގައި، އެނގިވަޑައިގަންނަވާ ބޭފުޅުން ތިއްބަވާކަން. އެކަމަކު އެނިގިވަޑައިގަންނަވާ ބޭފުޅުން، ޒުވާން ކުދިންނަށް މިކަންކަން ކިޔައިދެވިފައި ހުރި އަސަރާއި، ކިޔައިދެވިފައި ހުރި މިންވަރު އިތުރުކުރައްވާށޭ، އަޅުގަނޑު މި ދަންނަވަނީ. އިތުރުކުރައްވައިފި ކަމަށްވަންޏާ، 23 ވަނަ ދުވަހު، 1 ނަންބަރު ކެންޑިޑޭޓް ނޫން މީހަކަށް ވޯޓެއް މި ރަށަކުން ނުލާނެ. ވަރަށް ވަރުގަދަ ޖޯޝުން ފުރިގެންވާ ޖަޒްބާތާއެކީ ނިހާންގެ ވާހަކަފުޅު އެ ދެއްކެވީ. އޭގެ ހުރިހާ ވާހަކައެއް އަޅުގަނޑު ދަންނަވާނީ އަޅުގަނޑަށް އެނގެޔޭ. އެއީ މި ރަށު ބަހުން ވާހަކަ ދެއްކެވީމާ. އެހެންނަމަވެސް، ހަމަ ދާދި ކުދަކޫދަ ވާހަކައެއް އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުންވޭ.

 

ދަންނަވަންތޯ. އަޅުގަނޑު މި ރަށަށް އައީ ހަމަ އުއްމީދުތަކަކާއެކީ. ފުރަތަމަ ކަމަކީ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ތިއްބެވި ގޮތް އަޅުގަނޑަށް އެނގިގެންދިޔުން. ދެވަނަކަމަކީ، އަޅުގަނޑު މިކުރާ މަސައްކަތުގައި، ތިނަދޫގެ ލޮބުވެތި ރައްޔިތުން އަރިހުގައި އިޚްލާޞްތެރިކަމާއެކީ އަޅުގަނޑަށް ވޯޓެއް ދެއްވާށޭ ދެންނެވުން. އަދި މިހެން ދަންނަވާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑަށް ނޫން ކެންޑިޑޭޓަކަށް ވޯޓެއް ދެއްވުމުގެ ޗޮއިސްއެއް ނެތޭ. އެއަކަށް ފުރްޞަތެއް ނެތޭ. ޙާލަތަށް އައިސްފައި އޮތް ބަދަލަށް އިންޞާފުން ބަލާކަމަށްވަންޏާ، އެހެން ނަންބަރަކަށް ވޯޓު ދިނުމަކީ އެއްގޮތަކަށްވެސް އިންޞާފުގެ މީޒާނުން ކިރާކަމަށްވަންޏާ، ބުއްދީގެ ހަމަތަކުން ފައިޞަލާ ކުރާކަމަށްވަންޏާ، އެއީ ޗޮއިސްއެއް ނޫން. ވަރަށް ތަފްޞީލުކޮށް ނިހާން އެ ވާހަކަތައް އެ ދައްކަވައިދެއްވީ. އެއްވެސް ޗޮއިސްއެއް ނޫން.

 

އެކަމަކު ޚިޔާލަށް ގެންނަވާ! ހަމަ މިކަހަލަ ހިތްދަތިކަން އިޙްސާސްކޮށްފައި އޮތް. އަޅުގަނޑު ކުރީގައި ދެންނެވި ގޮތުން ވެއްޖިއްޔާ، ތިނަދޫގެ ސައިކީއަށް، ތިނަދޫގެ ނަފްސާނިއްޔަތަށް މި ޖެހިފައި ހުރި ހިތްދަތިކަން މިނާކަމަށްވަންޏާ، ތިނަދޫގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނީ، އަޅުގަނޑުމެންގެ ޕާޓީއާއި، އަޅުގަނޑުމެންގެ ސަރުކާރާއި އަދި އަޅުގަނޑުމެންގެ ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެންނަށް މި ލިބެމުންދާ ގެއްލުމުގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތަކަށް އަޅުގަނޑުމެންނަށް ކޮށްފައި ހުރި އަސަރު. އަޅުގަނޑުމެންގެ މެންބަރުން މިތާ މި ތިއްބެވީ. އަޅުގަނޑުގެ ޕާޓީއަށާއި، އަޅުގަނޑަށް ތާއީދު ކުރައްވާ މެންބަރުން މިތާ ތިއްބެވީ. އަޅުގަނޑުގެ ހިތުގައި ކެކުޅުން އުޅޭކަމަށްވަންޏާ، ތިޔަބޭފުޅުން އެ އިޙްސާސް ކުރައްވާނެ. އަޅުގަނޑުމެންގެ ޕާޓީއަށް ލިބުނު އެންމެ ބޮޑެތި ގެއްލުންތަކުގެ ތެރޭގައި، މިރަށުގައި ހުރެގެން މި ވާހަކަ ދައްކަން ހަމަ ޖާއިޒް. އަޅުގަނޑުމެން ޕާޓީ އުފައްދައިގެން މަސައްކަތް ކުރަމުން، މި ރަށަށް އައިއިރުވެސް ބޮޑު އަޣްލަބިއްޔަތު އޮންނަނީ އެމް.ޑީ.ޕީ.ގައި. މުޅި ރާއްޖޭގައި އޮތީ އެމީހުންގެ ޖައްބާރުކަން. މުޅި ރާއްޖެއަށް ފެތުރިފައި އޮތީ.

 

އަޅުގަނޑުމެންގެ ޚިޔާލަށް ވޯޓެއް ހޯދަން، އަޅުގަނޑުމެންގެ ޚިޔާލަކީ މިކަހަލަ ފައުޖެއް ރުކުރުވައިލުމަށް އެންމެ ރަނގަޅު ޚިޔާލެއްތޯ ބެލުމަށް، އަޖުމަ ބެލުމަށް ނުކުމެ މަސައްކަތްކުރި އެންމެ އިސް މީހަކަށް އޭރުވެސް ހުރީ އަޅުގަނޑު. އަޅުގަނޑު ދިޔައިން، ރާއްޖޭގެ އެކި ދިމާއަށް. މި ވާހަކަ އެހެން ލީޑަރަކަށް ނޯންނާނެ ދެއްކޭކަށް. އަދި މިހާރު އަޅުގަނޑުގެ ނައިބު ރައީސްކަން ކޮށްފައި، ޖަލުގައި ތިބި މީހުންނަކަށް މި ވާހަކައެއް ނުދެއްކޭނެ. އެއްބަޔަކު ކުރާނީ މަސައްކަތް. އެއްބަޔަކު ކުރާނީ ރައްޔިތުންނަށް ފައިދާވާ ކަންތައްތައް ހޯދައިދޭން. އެއްބަޔަކު ކުރާނީ ވިސްނުން. އެއްބަޔަކު ފައިސާ ހޯދާނީ. އެއްބަޔަކު ކަންތައްތައް ކުރާނީ. އަނެއްބަޔަކު އެއީ އެ ފޮނިމީރުކަމުން ފޮނިބޯ މީހުން. އެއީ އަޅުގަނޑުމެންގެ ޙާލަތަކީ. އެއީ ދުނިޔޭގައި އިންސާނުންގެ ޠަބީޢަތް.

 

އެކަމަކު އަޅުގަނޑު ތިނަދޫގައި ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ ޕާޓީގެ މި ވާހަކަ މި ރަށުގައި މި ދައްކާ ވާހަކައަކީ، އަޅުގަނޑުމެން އޭރުވެސް މަސައްކަތު ނުކުތީ އަޅުގަނޑުމެން އެކަނި. ޤައުމީ ޖިހާދެއް ކުރަން އޭރުވެސް، 2013 ގައިވެސް އަޅުގަނޑުމެން ނުކުތީ. އަޅުގަނޑުމެން ހަމަ އެކަނިމާއެކަނި މި މަސައްކަތުގައި ނުކުތީ. އަޅުގަނޑުމެންނާއެކު ބައިވެރިވެގެން ނުކުތީ އެމް.ޑީ.އޭ. އެހެންނަމަވެސް، މި ބޮޑެތި ހުރިހާ ޕާޓީތައް އޭރުވެސް ތިބީ އަނެއްކޮޅުގައި. މިއަދުވެސް އަޅުގަނޑުމެން މިކުރަނީ އެ ދަތުރު. އޭރުވެސް ތިނަދޫއާއި ރާއްޖޭގެ ރަށްރަށުގައި ތިއްބެވި އަޅުގަނޑުމެންގެ ފިކުރަށް، ދިވެހިރާއްޖޭގެ ހަމަޖެހުމަށް، ދީނަށް ކަމޭހިތާ ހުރިހާ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ތާއީދު ކުރެއްވި. އަޅުގަނޑުމެންނަށް އިތުބާރު ކުރެއްވި. އަޅުގަނޑުމެންނަށް ފުރްޞަތު ދެއްވި. ދެން މިހާރު މި އައިސްފައި އޮތް ތަރައްޤީއާއެކީ އަދި އަޅުގަނޑުމެން މިކުރާ މަސައްކަތާއި، އަޅުގަނޑުގެ މި ފަސް އަހަރުގައި ދިމާވި ދަތި އުނދަގޫ ނުރައްކާތެރި ކަންކަން، އަޅުގަނޑުމެންގެ ޚިޔާލަށް ގެނައިމާ، ކީއްވެގެންތޯ އަޅުގަނޑުމެންނަށް މިރަށުން އިތުރު ވޯޓު ނުލިބެންވީ؟ އަޅުގަނޑަކަށް ނުވިސްނޭ، ނުލިބެންޖެހޭ ސަބަބެއް އޮންނާނެ ކަމަކަށް.

 

އެހެންވީމާ، އިޚްލާޞްތެރިކަމާއެކީ މަސައްކަތް ކޮށްދެއްވާށޭ އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑު އެހެން މި ދަންނަވާ ސަބަބަކީ، އަޅުގަނޑުމެންގެ ޕާޓީއަށް ލިބުނު އެންމެބޮޑު ނިކަމެތިކަމަކީ، އެންމެބޮޑު ގެއްލުމަކީ، އަޅުގަނޑުމެންގެ ޕާޓީގައި އެތައް ވާހަކައެއް ރައްޔިތުންނަށް ދަންނަވައިގެން، ރައްޔިތުންގެ އިތުބާރު ހޯދައިގެން، މި ހިނގާ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ބޮޑު އަޣްލަބިއްޔަތަކާއެކީ އަޅުގަނޑުމެންގެ ބޮޑު ލަޝްކަރެއް ވެއްދީމު. ބޮޑު ލަޝްކަރެއް ވެއްދީމު. އެކަމަކު އޭގެތެރެއިން އަޅުގަނޑުމެންނާ ވަކިވެގެންދިޔައީ 13 މެންބަރުން. އޭގައި ނޯންނާނެ، އެމީހުންގެ ރައްޔިތުންގެ ބަހެއް ހޯދާފައި، ވަކިވެގެންދާކަށެއް. ތިނަދޫގައި، ތިނަދޫން ވަކިވި ދެ މެންބަރުން ވަކިވާން އެދުނުތޯ؟ އެހެންވީމާ، ތިނަދޫގައި މި ވާހަކަ ދައްކަން އެބަޖެހޭ. އެ ނިކަމެތިކަން، އެ އައި ކަންފަތިކަން މިއަދުވެސް އަޅުގަނޑުމެން ހިތްދަތިކަމާއެކީ މި އިޙްސާސް މި ކުރަނީ. އެހެންވީމާ، ތިނަދޫގައި މި ދެންނެވީ، ތިނަދޫއަކީ ނަފްސާނީގޮތުން އުނދަގޫތަކެއް އުފުލަމުންގެންދާ ރައްޔިތެއް އޮތް ތަނެކޭ.

 

އެހެންވީމާ، އަޅުގަނޑުގެ ޕާޓީއަށް މި ލިބުނު ނަފްސާނީ ގެއްލުމާއި، ކަންފަތިކަން އިޙްސާސް ކުރެވޭނެ އެންމެ ރަނގަޅު އާބާދީއެއް، އެންމެ ރަނގަޅު ރައްޔިތެއް އޮތް ތަނަކީ ތިނަދޫ. އަދި ތިނަދޫގެ ދެ މެންބަރުން، އެ ދެ މެންބަރުން ހޮވަން އޭރު އަޅުގަނޑުމެންގެ ސަރުކާރުން ނުކުރަނީ ކޮން މަސައްކަތެއްތޯ؟ ނުކުރަނީ ކޮން ހޭދައެއްތޯ އަޅުގަނޑުމެން؟ ކާކުތޯ މިތަނަށް ނުފޮނުވަނީ، އެބޭފުޅުން ހޮވަން މަސައްކަތް ކުރަން؟ މިތަނަކީ އޭރުވެސް އެމް.ޑީ.ޕީ.ގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ތަނެއް. އެކަމަކު ތިޔަބޭފުޅުންގެ މަސައްކަތާއި، އަޅުގަނޑުމެން ކުރި މަސައްކަތުން އަދި އަޅުގަނޑުމެންގެ އުއްމީދުތައް ތިނަދޫގެ ރައްޔިތުން ގަބޫލުކުރައްވާތީ، އަޅުގަނޑުމެންނަށް ދެ ގޮނޑި ހަދިޔާކުރި. އެކަމަކު ދެން ކަން ވެގެންދިޔައީ ކިހިނެއްތޯ؟ ދެން ކަން ވެގެންދިޔައީކީ އެއްގޮތަކަށްވެސް، އެއްގޮތަކަށްވެސް ކަން ވެގެންދިޔައީކީ ތިނަދޫގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަކަށްނޫން. މިއަދު ވެދާނެކަންނޭނގެ، ފަހަރުގައި އެތަނުން ކޮންމެވެސް އެއް މެންބަރަކު ވިދާޅުވެދާނެ، ތިނަދޫގައި ބިން ހިއްކާފައި މިއޮތީ ތިމަންނާއޭ. ދަންނަވަންތޯ ވާހަކައެއް. ނިހާން ދެންމެ އެ ވިދާޅުވީ އެކަންކަން އޮތްގޮތް. އެއްވެސް އެއް މެންބަރަކަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. އަޅުގަނޑުމެން ބަދަހިވަނީ ވަކިވަކި މެންބަރުންތަކެއް، ބަދަހި ލަޝްކަރެއްގައި ތިބޭތީ. އަޅުގަނޑުމެންނަށް ވަރުގަދަކަން މި އަންނަނީ ތިނަދޫގައިވެސް މި އޮތް ފައުޖު ވަރުގަދަވެގެން ބަދަހިވީމާ.

 

އެހެންވީމާ، މެންބަރުންނަށް، ރަށްރަށުގައި ހުންނަ ދަތި ކަންތައްތަކުގެ ވާހަކަ އަޅުގަނޑާ ހަމަޔަށް ގެނެވިދާނެ. އެކަމަކު އެއްވެސް އެއް މެންބަރަކަށް، އެހެން މެންބަރުންގެ ތާއީދާއި، ސަރުކާރުގެ ތާއީދު ނުހޯދައި، އޭނާ ބޭނުންވާ އެއްކަމެއްވެސް، ބަޖެޓު ފޮތަކުންނެއް ޖާގައެއް ނުހޯދާނެ. އެހެންވީމާ، މިތަނަށް އިތުރުވެފައި މިއޮތް ފަންސާސް ފަސް ހެކްޓަރުގެ ބިމަކީ، އެއްގޮތަކަށްވެސް ގަބޫލުނުކުރައްވާ، ވަކި މެންބަރަކު މިތަނަށް ކޮށްދިން ކަމެއް ކަމަށް.

 

އެހެންވީމާ، އެ ވާހަކަތައް މިއަދު ދައްކާކަމަށްވަންޏާ، އަދި އެ ވާހަކަ ދައްކައިގެން، ރައްޔިތުން އެކަންކަން ގަބޫލުކުރަން އެބޭފުޅުން އެދިވަޑައިގަންނަވަންޏާ، އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާލަން އޮތް ވާހަކައަކީ، ރައްޔިތުންގެ ފަރާތުންވެސް އެބޭފުޅުންނަށް ދަންނަވަނީ، ތިޔަހާ ބޮޑެތި ހެޔޮ ކަންތައް ކޮށްދީފައި، ދެން ދައުރުގައި ބާކީ އޮތް ބައިގައި ތިމަންނާމެންނަށް ހެޔޮކަން ކޮށްނުދޭން، ކީއްވެގެންތޯ ވަކިވެގެން ތިޔަ އުޅެނީ، އައްސަވައިލައްވާ! ދެންވެސް އެބޭފުޅުންނަށް ނޫންތޯ، ވަކިވަކިން މި ރަށަށް ބޭނުންވާ ތަރައްޤީ ގެނެވޭނީ؟ އެބޭފުޅުން ވިދާޅުވާގޮތުން އެބޭފުޅުންނަށް ގެނެވޭނެ. އެ ގެނެވޭކަމަށްވަންޏާ، ކީއްވެގެންބާ، ރައްޔިތުން ދޫކޮށްލާފައި ބޭރުގައި އެތިބީ. އެމީސްމީހުން އަޅުގަނޑުމެންގެ އޮޑިން ފުންމާލައިގެން އެތިބީ އެމީހުންގެ އަމިއްލަ ބޭނުންތަކެއް ފުއްދަން. އެމީހުންގެ އަމިއްލަ ބޭނުންތަކެއް ފުއްދަން، ތޭރަވަރަކަށް މެންބަރުން އަޅުގަނޑުމެންގެ ޕާޓީން ވަކިވެގެންދިޔަދިޔުން، މިއަދު ރިޔާސީ އިންތިޚާބުގައި މިހާ ބުރަ މަސައްކަތް، އަޅުގަނޑުމެންގެ ޕާޓީއަށް އަޅުގަނޑަށް ކުރަން ޖެހިގެން މިއުޅެނީ.

 

ދެން މިކަމުގައި އެމީހުންނަށް ހިތްވަރުދިން ކުދިބޮޑު އެންމެން، ޕާޓީތަކުގެ ލީޑަރުން، އަދި ހުރިހާ އެންމެން މީގެތެރޭގައި ހިމެނޭގޮތަށް، އެބޭފުޅުންނަކަށް އަޅުގަނޑުމެންގެ ފަރާތަކުން އޮންނާނެ ހަމްދަރުދީއެއް ނޯންނާނެ. އެއީ އަޅުގަނޑުމެންގެ ޕާޓީ ނިކަމެތިކުރި މީހުން. އަޅުގަނޑުމެންގެ ޕާޓީ އުފައްދައިގެން މިއަދު އެންމެ އާބާދީ ބޮޑު ޕާޓީއަކަށް، މި ޕާޓީ، ހަތްދިހަ އެތައްހާސް މީހުންނެއް އުޅޭއިރު، ކީއްވެގެންތޯ ޕާޓީއާއެކީ ކުރިއަށްދާން އަޅުގަނޑުމެންނަށް ޚިޔާލެއްނެތީ؟ ކީއްވެގެންތޯ އަޅުގަނޑުމެން އަބަދު ބުނާގޮތަށް، ރައްޔިތުންގެ ޚިދުމަތުގައި ނުތިބެވިގެން މިއުޅެނީ؟ މިއަދު މި މީސްމީހުންނަކަށް ރައްޔިތުންގެ ޚިދުމަތެއް ނޫނޭ. އެމީސްމީހުން ދުށީ، އެ ލީޑަރުންވެސް ދެކެވަޑައިގަތީ، އެ ލީޑަރުން ކޮންމެގޮތަކަށް އުޅުއްވިޔަސް، ރައްޔިތުން ތިބެންވާނީ ކުރުނީސްކޮށްގެން ކަމަށް. ރައްޔިތުން ތިއްބަވަންވާނީ ޚާދިމުންގެ ގޮތުގައި. ނޫން. ދިވެހިރާއްޖެ ބަދަލުވެއްޖެ. ދިވެހިންގެ ވިސްނުން ބަދަލުވެއްޖެ. ޒުވާނުންގެ ވިސްނުން ބަދަލުވެއްޖެ. ޒުވާނުންނަށް އެނގޭ ކަންކަން. ހަރުމީހުންނަށް އެބަ އެނގޭ ކަންކަން. އިޙްތިރާމާއި ލޯތްބާއެކީ ބައެއް ވާހަކަ ނުބުންޏަސް، އެމީހުންގެ ހިތުގައި، ކަންކަން ހިނގާފައި ހުރިގޮތުން އެއްގޮތަކަށްވެސް މަޢާފެއް ނުކުރާނެ.

 

އަޅުގަނޑުމެންނަށް މި އައި ނިކަމެތިކަމަކީ، އެއްވެސް ގޮތަކަށް އަޅުގަނޑު މި ޒަޢާމަތުގައި ހުރެގެން، އަޅުގަނޑު ޕާޓީގައި ހުރެގެން ފަސޭހަކަމާއެކީ ދޫކޮށްލާނެ ކަމެއްނޫން. ހަމަ އެ ސަބަބަށްޓަކައި އަޅުގަނޑުމެންގެ ޕާޓީ ދޫކޮށްލާފައި، އަޅުގަނޑުމެންގެ ޕާޓީއާ ދެކޮޅަށް މަސައްކަތްކުރި ހުރިހާ މެންބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއްކުރީ އަޅުގަނޑު. ﷲ އަޅުގަނޑަށް ތައުފީޤު ދެއްވި. އެމީހުންގެ ގޮނޑިތައް އެ ގެއްލިގެންދިޔައީ. އެއީ އަޅުގަނޑުމެންގެ ޕާޓީގެ، މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ލަޝްކަރު ބަދަހިކުރަން. އެއީ އިޚްލާޞްތެރިކަމާއެކީ މަސައްކަތް ކުރަން. މިކޮޅަށް އައިސްފައި، ދެފަރާތަށް ދެފައި ލައިގެން ތިބެގެން ކުރެވޭނެ ކަމެއް ނޯންނާނެ. ފަހަރުގައި ހަމަ ސުވާލުކޮށްލަންޖެހޭ، އެމީހުން، އެމީހުން އަމިއްލައަށްވެސް އިޚްލާޞްތެރިތޯވެސް. އެހެންވީމާ، މިހާހިސާބުގައި އަޅުގަނޑުމެންގެ ކަންތައް މިހިރީ. އަޅުގަނޑުމެންގެ ޕާޓީއަށް އައި ނިކަމެތިކަމަކީ މިއީ.

 

ތިނަދޫގައި މި ވާހަކަ ދަންނަވާލާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެންގެ މި ޕާޓީއަށް އައި ނިކަމެތިކަމުން އަޅުގަނޑުމެން ހިތްވަރު ނުހޯދަންވީ ކީއްވެގެންތޯ؟ އަޅުގަނޑުމެންގެ ޕާޓީއަށް މި ލިބުނު ނިކަމެތިކަމުން ނޫންތޯ އަޅުގަނޑުމެން ހިތްވަރު ހޯދަންވީ؟ ކީއްވެގެންތޯ، އަޅުގަނޑުމެންނަކީ ތަޅާފައި އެއްލާލާފައި އޮންނަ ކުއްތާގަނޑެއް ގޮތަށް މަގުމަތީގައި އޮންނަންވީ؟ ނުޖެހޭ އެހެންވާކަށް. ނުޖެހޭ އެހެންވާކަށް. އަޅުގަނޑުމެންނަށް އަނިޔާކުރީމާ، ދެގުނަ ހިތްވަރާއެކީ އަޅުގަނޑުމެން ތިބެންޖެހޭނީ. ދެގުނަ ހިތްވަރާއެކީ މީގެ ފަސްދޮޅަސް ދެ އަހަރު ކުރިން ތިނަދޫ ރައްޔިތުން ތެދުވީ. އަނިޔާ، މިއަށްވުރެ ބޮޑަށް ލިބުނު ރައްޔިތެއް ނޯންނާނެ. އެއް ރަށެއްގެ، އެއް ރައްޔިތަކަށް އެންމެބޮޑު ނިކަމެތިކަމެއް، އެންމެބޮޑު ހިތްދަތިކަމެއް ލިބުނު ރަށަކީ މިއީ.

 

އެހެންވީމާ، މިރަށުގައި އަނިޔާއިން ދެރަކަމުން، ޕާޓީއަށް ލިބުނު ގެއްލުމުން، އަޅުގަނޑުމެންނަށް ލިބުނު ކަންފަތިކަމުން، އަޅުގަނޑުމެންނަށް ލިބުނު އުނިކަމުން، ހީނަރުކަމުން ކީއްވެގެންތޯ އަޅުގަނޑުމެން އޭގެ މައްޗަށް ބަރޯސާވެ، ކީއްވެގެންތޯ އަޅުގަނޑުމެން ހިތްވަރާއެކީ މަސައްކަތް ނުކުރަންވީ؟ އަޅުގަނޑުމެންނާ ވަކިވި މެންބަރުންނާ، އެ ވަކިވި މެންބަރުންނާއެކީ ތިބި މީހުންނަކީ ހަމަ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ފިކުރަކަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް ހެޔޮއެދޭ ބައެއްނޫން. އެއީ އެމީހުންގެ އަމިއްލަ ބޭނުންތަކެއް ފުއްދަން ވަކިވި މީހުން.

 

އަޅުގަނޑުގެ ސަރުކާރުގައި މި ހިނގާ އުނދަގޫ ދުވަސްތަކުގައި، އަޅުގަނޑު ހިތަށްއަރާ މިހިސާބަށް އައިމާ، 23 ވަނަ ދުވަހު މި މަހުގައި މި ބާއްވާ އިންތިޚާބަކީ ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބެއްބާވައޭ. މިއުޅެނީ ދިވެހިރާއްޖޭގެ ރައީސަކު ހޮވަންބާވައޭ. ހަމަ ޚިޔާލަށް ގެންނަވާ! އަޅުގަނޑު މި ވާހަކަ މި ދަންނަވާ ސަބަބަކީ، ހަމަ ޚިޔާލަށް ގެންނަވާ! ޚިޔާލު ފުޅާކުރައްވާ! އަދި ޚިޔާލު ނުދާ މިންވަރަށްވެސް ޚިޔާލު ގެންދަވާ! ކީއްވެގެންތޯ، ދުނިޔޭގެ ހުރިހާ ބޮޑެތި ޤައުމުތަކުން ދިވެހިރާއްޖޭގައި މި ހިނގާ ކަންކަމާ ބެހެނީ؟ ދިވެހިރާއްޖޭގައި މި 23 ވަނަ ދުވަހު ނަގާ ވޯޓް، ދުނިޔޭގެ ބޮޑެތި ބައްރުތަކުގައި ތިބި ފަރާތްތަކަށް ބޮޑުވެގެން މިއުޅެނީ ކީއްވެގެންތޯ؟ ކީއްވެގެންތޯ، އެކިއެކި އިސްތިޢުމާރީ ފަރާތްތަކަށް މިކަން އުނދަގޫވެގެން މިއުޅެނީ؟ ސުޕްރީމް ކޯޓުން ފެބުރުވަރީން 1 ވަނަ ދުވަހު ކުރި ޙުކުމް ތަންފީޒު ނުކުރާ ވާހަކަ، އެކި ފަރާތްތަކުން ގޮވަނީ ކީއްވެގެންތޯ؟ އަޅުގަނޑުމެންގެ ޙައްޤުގައި، ރައްޔިތުންގެ ޙައްޤުގައި، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރަންޖެހޭ ކަންތައް ކުރާނީ އަޅުގަނޑުމެންގެ ސަރުކާރުން. އަޅުގަނޑުމެން ނުދަމޭ އެ ރަށްރަށުގައި ހިނގާ ކަންތައްތަކާ ބެހޭކަށް. އެހެންވީމާ، ސުވާލުކުރައްވާ ތިޔަބޭފުޅުން މިއަދު. 23 ވަނަ ދުވަހު މި ނަގާ ވޯޓަކީ ހަމަ ޙަޤީޤަތުގައިވެސް ދިވެހިރާއްޖޭގެ ވެރިކަމަށް މީހަކު ގެންނަން ނަގާ ވޯޓެއްތޯ؟ ނޫނީ މިއީ ބޭރުގެ އިސްތިޢުމާރު ބޭނުންވާ ގޮތަކަށް ނެގޭ ވޯޓެއްތޯ؟ އެއަށް ޖާގަދޭނެތޯ އަޅުގަނޑުމެން؟ އެއަކަށް ޖާގަދޭކަށް ނުޖެހޭ.

 

އެހެންވީމާ، މި ރަށުގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ މެންބަރުންވެސް ހަމަ އެތިބީ އެގޮތުގައި. އަދި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ޖުމްލަ އަނެއް ތޭރަ މެންބަރުންވެސް އެތިބީ އެގޮތުގައި. އަނެއް އޮޑިއަށް އަރައި، ކޯލިޝަންގައި އެތިބަ ހުރިހާ ސިޔާސީ ލީޑަރުންވެސް އެތިބީ ހަމަ އެކަމުގައި. އެމީހުން އެ ގޮވަމުންދަނީ، ދިވެހިރާއްޖޭގައި ޓޫރިޒަމް ހުއްޓުވާށޭ. އަޅުގަނޑު ގޮވަމުން މިދަނީ، އަޅުގަނޑުގެ ފަސް އަހަރެއްގެ ތެރޭގައި ގދ. އަތޮޅަށް އެކަނި ހަހާސް އެނދު، ފުރަތަމަ ފަސްއަހަރު އުފައްދާނަމޭ. އަޅުގަނޑު ބުނަމުން މިގެންދަނީ. އެމީހުން ބުނަމުންގެންދިޔައީ، ޓޫރިޒަމް ބޮއިކޮޓް ކުރަމުން. އަޅުގަނޑު ބުނަމުން މިގެންދިޔައީ، މީގެ އަހަރުތަކެއް ކުރީއްސުރެ ބުނަމުން މި ގެންދިޔައީ، ގދ.އަކީ ޓޫރިޒަމްގެ ނާރެހަށްވާނެއޭ. އިޤްތިޞާދުގެ ނާރެހަކަށް ވެގެންދާނެއޭ. އެކަމަކު އެ ފުރުޞަތު އަޅުގަނޑަށް އެބަ ލިބެންޖެހޭ ދޮގެއްތޯ؟ އެ ފުރުޞަތު ލިބެނީކީނޫން މިތަނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އަބަދުއަބަދު ގޮވީމައެއް. އެކަން ކުރުވަނީ ކޮންބައެއްތޯ؟ އެކަން އެ ކުރުވަނީ މިހާރު އިދިކޮޅުގައި ވާދަކުރާ މީހުން. އިދިކޮޅުގައި ވާދަކުރާ ކެންޑިޑޭޓަކަށް، އިބްރާޙީމް މުޙައްމަދު ޞާލިޙަކަށް ނުކެރުނު ބުނާކަށް ރައްޔިތުން ކުރިމަތީގައި، މިކަން ހުއްޓާލާށެކޭ. ޔޫރަޕްގެ އިއްތިޙާދަކަށް ގޮވާލާކަށް ނުކެރުނު، މިކަން ހުއްޓާލާށޭ. ބޭރުގެ ފަރާތްތަކަށް އިންޒާރުދޭކަށް، އެދޭކަށް ނުކެރުނު، ތިމަންނާމެންނަށްޓަކައި، ތިމަންނާމެން ދިވެހި ރައްޔިތުންގެ ޙައްޤުގައި، ތިމަންނާމެންނަށް މިކަހަލަ އުނދަގޫ ނުކުރާށޭ. ތިމަންނާމެންގެ އިންތިޚާބު މިނިވަންކަމާއެކީ ގެންދިޔުމަށް ތިމަންނާމެންނަށް ޖާގަދޭށޭ ބުނާކަށް މިއަދުވެސް ނުކެރޭނެ އިބްރާޙީމް މުޙައްމަދު ޞާލިޙަށް. 23 ވަނަ ދުވަހު ނަގާ ވޯޓާ ހަމައަށް ދާންދެންވެސް ބުނާކަށް ނުކެރޭނެ. އެއީ އެމީހުންގެ ތައްޕާހުގައި މިކަންކުރާތީ.

 

އެހެންވީމާ ހަމަ ސުވާލުކޮށްލަން ތިނަދޫއަށް އައިސްފައި މިއަދު، ދިވެހި ރައްޔިތުންނާ މި ސުވާލު ކުރަނީ، މި 23 ވަނަ ދުވަހު ނަގާ މި ވޯޓަކީ ހަމަ ޙަޤީޤަތުގައިވެސް، ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބެއްތޯ އަޅުގަނޑުމެން ޚިޔާލަށް ގެންނަން އެބަޖެހޭ. ޒުވާންކުދިން ޚިޔާލަށް ގެންނަވާ! ދިވެހިރާއްޖޭގައި މީގެކުރިންވެސް އިންތިޚާބުތައް ހިނގައްޖެ. މިވަރަށް ކީއްވެގެންތޯ ބޭރުމީހުން މީގެތެރެއަށް އަތްބާނަން މި ޖާގަދެނީ. ކީއްވެގެންތޯ އެވަރަށް ބޭރުމީހުން އަތްބާނަނީ؟ މިގޮތަށް އަޅުގަނޑުމެން ދޫކޮށްލައިގެން ތިބޭކަމަށްވަންޏާ، މިގޮތަށް ދޫކޮށްލައިފި ކަމަށްވަންޏާ، ދެން ދިވެހިރާއްޖޭގެ ހުރިހާކަމެއް ނިމޭނީ، އެކިއެކި ބޭރުގެ ނުފޫޒުތައް ބޭނުންވާގޮތަށް.  އެކިއެކި ބޭރުގެ ނުފޫޒު ބޭނުންވާގޮތަށް ހުރިހާކަމެއް ނިމިގެންދާނީ. އަޅުގަނޑުމެން ކަންކަން ކުރާކަމަށް އަޅުގަނޑުމެންނަށް ބަދުނާމު މިކުރަނީ، ސަޢުދީއާ އަޅުގަނޑުމެން ގުޅޭތީ. ޢިމާރާތާ އަޅުގަނޑުމެން ގުޅޭތީ.  ޢަރަބި އިސްލާމީ ޤައުމުތަކާ އަޅުގަނޑުމެން ގުޅޭތީ. އަޅުގަނޑުމެންނާ ޗައިނާ ސަރުކާރާ ގުޅޭތީ. ގުޅިގެން ކޮބައިތޯ އެމީހުންގެ އިސްތިޢުމާރީ އެއްވެސް ނުފޫޒެއް ދިވެހިރާއްޖެއަށް އައިސްފައި. އެއިން އެއްވެސް ދައުލަތެއްގެ އެއްވެސް އިސްބޭފުޅެއްގެ އިސްތިޢުމާރީ ނުފޫޒެއް އަޅުގަނޑުގެ މައްޗަކަށް ނާދޭ. ދިވެހިރާއްޖެއަކަށް ނާދޭ. އޭގެ ބަދަލުގައި ކޮންކަމެއްތޯ އަޅުގަނޑުމެންނަށްވީ؟ އޭގެ ބަދަލުގައި ރާއްޖެއަށް ދަތިވެފައިހުރި ހުރިހާ ކަންކަން ޙައްލުކުރަން ފައިސާދިނީ. ދަތިވެފައިހުރި ކަންކަން ޙައްލުކޮށްދިނީ. ބްރިޖުވެސް އަޅައިދިނީ. ބިންވެސް ހިއްކައިދިނީ. ފުޓްސަލް ދަނޑުތަކަށް ބޭނުންވާ ޕިޗްތައްވެސް ފޮނުވައިދިނީ. ހައްދުންމަތީގައިވެސް ބޮޑުމަގުވެސް އަޅައިދިނީ. މިހެންގޮސް ނުކުރާނެ ކަމެއްނެތް. ރާއްޖެއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެނީ ހަމަ އެފަރާތްތަކުން.

 

ޑިމޮކްރަސީ ގެންނަން އަޑުއުފުލާ މި ފަރާތްތަކުން، ރާއްޖޭގެ ތަރައްޤީއަށް ލިބިފައި އޮތީ ކިހާވަރެއްގެ ފައިސާ ފޮއްޗެއްތޯ ދިރާސާ ކޮށްލައްވާ! އެކަން ދިރާސާ ކުރައްވާ! ރައްޔިތުން ބޭނުންވަނީ ތަރައްޤީ. ތިނަދޫގެ ރައްޔިތުން ބޭނުންވަނީ، އިތުރު މަޝްރޫޢުތައް މިތާ ހިނގަން. އެ މަޝްރޫޢުތަކަށް ފައިސާއެއް ނުލިބޭ، ޑިމޮކްރަސީގެ ވާހަކަ ދައްކާ މުޑިނަގައިގެންނެއް. އެ މަޝްރޫޢުތަކަށް ފައިސާއެއް ނުލިބޭ، މިތާ އާރާސްތުކޮށް ޢިމާރާތްކުރާ ހުރިހާ ކަމެއް، އެއްދުވަހު، ދެ ދުވަހުގެ ތެރޭގައި ހުޅުދާންކޮށް، ބިމާ ހަމައަށް ތިރިކޮށްލީމަކާއެއް. ތިނަދޫ މި ހިތްދަތިކަން އިޙްސާސްކޮށްފައި ހުރީ. މިކަން ތަޖުރިބާ ކޮށްފައިހުރީ ތިނަދޫން. އަޅުގަނޑުމެން މިކުރަނީ އާރާސްތު. އަޅުގަނޑުމެން ރައްޔިތުންގެ އުއްމީދާއި ހުވަފެންތަކުގައި ކުލަ މި ޖައްސައިދެނީ. އެހެންބަޔަކު އަންނަނީ އެ ކަންކަން ނެތިކޮށްލަން. ކީއްވެގެންތޯ، މިރަށުގެ ޒުވާނުން މިކަންކަމާ ދޭތެރޭގައި ވިސްނާނުލަނީ؟ ވިސްނާލައްވާ! އެތަންތަން އަނދައި ދިޔައިމާ އެދަނީ، ދައުލަތުގެ ރައްޔިތުންގެ ބޮޑެތި މުދާ. ރައްޔިތުންގެ ހަރުމުދާ ގެއްލިގެން އެދަނީ. ދެން ހަރުމުދާ ގެއްލުމުން، އަޅުގަނޑުމެން އަންދައިނުލާ ތަންތަން ވެއްޖިއްޔާ ހުރީ ވިއްކާލާފައި. ނުއަގުގައި ސޭލު އަޅުވާފައިހުރީ. މިއީ އޭރު ކަންތައް ކުރިގޮތް. ފަރުދުންނާ ހަމައިގައި، ވަރި ކައިވެނީގެ ސެޓްފިކެޓް ނެތް ދެމަފިރިން ތިބޭނެ. ކޯޓުތައްވެސް ހުރީ އަންދައިލާފައި. ބިމުގެ މިލްކުވެރިކަމުގެ ފަތް ނެތް މީހުން މިތާ ތިބޭނެ. ކޯޓުތައްހުރީ އަންދައިލާފައި. ޢަރްޝީފްތައް އެހުރީ އަނދައި ގޮސްފައި. އެހެންވީމާ މިއީ އަޅުގަނޑުމެން މިތަންތަނުން ދައްކާފައިހުރި ނާތަހުޒީބު، ނުބައި ނޭއްގާނި ޖައްބާރު ޢަމަލުތައް. ދާދި އިހަށްދުވަހު، އަދި ނުޖެހޭ އަޅުގަނޑުމެން މިކަމުގެ ހަނދާނަށް ފަސްދޮޅަސް ދޭކާ ހަމައަށް ސޮއްސާލާކަށް. މިއީ ދާދި އިހަށްދުވަހު ހިނގައިދިޔަ ކަންތައް. 2012 ވަނަ އަހަރު ހިނގައިދިޔަ ކަންކަން. ކޮންފަދަ އަނިޔާއެއްތޯ މިތަންތަނަށް ކޮށްފައި މިހުރީ؟ 

 

ތިނަދޫގައި ދިމާވި ހިތްދަތިކަން، އެ ޗޭނަށް، އެ ބޮޅަށް އިތުރު ބޮޅެއް އެބަ އިތުރުކުރަންޖެހޭ. ވެރިކަމުން ވަކިވެވަޑައިގަތުމަށްފަހު، މިތަންތަނުގައި ހުޅުދާން ބަގީޗާ ހިންގި މަންޒަރުތައް އަޅުގަނޑުމެން ހިތަށް ގެންނަންޖެހޭ. އެއީވެސް ތިނަދޫއަށް ހިތްދަތިކަން ގެނައި. އަޅުގަނޑު ހަމަ މި ވާހަކަ މި ދައްކަނީ ހިތްދަތިކަމާއެކީ. އަޅުގަނޑުމެންގެ ޕާޓީއަށް އަޅުގަނޑުމެންގެ ސަރުކާރު ހިންގަން، އަޅުގަނޑުމެން ރައްޔިތުންނަށް މިގެންނަ ތަރައްޤީގައި، ނޫނެކޭ ބުނާ އެއްވެސް ރައްޔިތެއް އަޅުގަނޑަކަށް ނުފެނޭ. ސިޔާސީ ލީޑަރަކުވެސް އެ ތަރައްޤީ ނުކުރާށެކޭ ނުބުނޭ. އެއްވެސް ލީޑަރަކު ނުބުނޭ. ދެން ކީއްވެގެންތޯ، އަޅުގަނޑުމެންގެ ޕާޓީއަށާއި، ސަރުކާރަށް މިހާ ދަތި މިކުރީ ފަސް އަހަރުގެ ތެރޭގައި؟ ކިތައް މަސައްކަތްތޯ މިކުރީ؟ އެކަމަކު އެކަންކަމާއެކީވެސް، ﷲގެ ރަޙްމަތާއި، ﷲގެ މިންވަރުފުޅާއެކީ އަޅުގަނޑުމެން ހިނގައްޖައީމު، ރައްޔިތުން ގޮވައިގެން ކުރިއަށް. އެހެންވީމާ މިއަދު ހަމަ، އެ ޚިޔާލުތައް އަޅުގަނޑުމެންގެ ހަނދާނަށް ނާންނަންވީ ކީއްވެގެންތޯ؟

 

އަޅުގަނޑު މިރަށުގައި އައިސް، ތަރައްޤީގެ ވާހަކައާއި، މިރަށުގެ މި އުފަލުގެ ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑު މިރަށުގައި ވާހަކަ ނިންމާލާއިރުވެސް އަދި މިހާރު ނިންމާލަނީކީ ނޫން. ވާހަކަ ނިންމާލާއިރުވެސް، އަޅުގަނޑު ދޭނެ އެންމެ ވަރުގަދަ މެސެޖަކީ، ތިނަދޫއަށް ރައްޔިތެއްގެ ގޮތުގައި އޮތް ހިތްދަތިކަމުން، ތިނަދޫ އަރައިގަތުމަށްޓަކައި ތިނަދޫގެ ޢަޒުމް އެއްވާނަކަށް ހިފާލި، ތިނަދޫގެ ހިތްވަރު އެއްފަހަރާ ދައްކާލި ޢަޒުމް، މިފަހަރު ވޯޓުގައި ދައްކާށޭ. އެހެން ދަންނަވަން މިޖެހޭ ސަބަބަކީ، އެފަދަ ހިތްދަތިކަމެއްގެ ތެރޭގައި، އެފަދަ އަނިޔާ އަޅުގަނޑުމެންގެ ޕާޓީއަށް ލިބިއްޖެއޭ މިދިޔަ ފަސް އަހަރުގެ ތެރޭގައި. ޚާއްޞަކޮށް، މިދިޔަ ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ޕާޓީއަށް ތަޙައްމަލުކުރަން ނޭނގޭ، ބުނެދޭން ނޭނގޭ، އިޙްސާސް ކުރަންވެސް ނޭނގޭ ބޮޑެތި އަނިޔާ އަޅުގަނޑުމެންގެ ޕާޓީއަށް ވެއްޖެ. ޕާޓީ ކަންފަތިވެއްޖެ. ޕާޓީ ނިކަމެތިވެއްޖެ. އަޅުގަނޑުމެންގެ ޢަޒުމަކަށް ބަދަލެއްނާދޭ. އަޅުގަނޑުމެންގެ ރައްޔިތުންނަކަށް ބަދަލެއްނާދޭ. އެ ހިތްވަރު ރައްޔިތުން ދައްކަވާ! އެ ހިތްވަރު ތިނަދޫން ދައްކަވާ!

 

ތިނަދޫގައި މި އަންނަ ތަރައްޤީގެ ވާހަކަ، އަޅުގަނޑަކަށް ހީއެއްނުވޭ ދެއްކުމުގެ މާބޮޑު ބޭނުމެއް އޮތްހެނެއްވެސް. އެހެންނަމަވެސް، އަޅުގަނޑު އާންމު އުސޫލުން މި ދައްކާ ވާހަކަތަކުގެ ތެރޭގައި، އަޅުގަނޑު ހަމަ އެ ވާހަކަ ދަންނަވާލަން ބޭނުންވޭ. ދެންމެ ނިހާނުގެ ވާހަކަފުޅުގައި، އޭގެ ބައެއް ވާހަކަ އެ ވިދާޅުވީ. އެކަމަކު އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން މި ދައްކާ ހުރިހާ ވާހަކަ، އަޅުގަނޑަށްވުރެ ރަނގަޅަށް މީގެ ކުރީގައި މި ޕޯޑިއަމްގައި، ބޭފުޅަކުވަނީ ވިދާޅުވެފައި. ތިނަދޫގައި އޮތް ޖަލްސާއެއްގައި ބޭފުޅަކުވަނީ ވިދާޅުވެފައި. އެބޭފުޅެއްގެ ނަންވެސް އަޅުގަނޑު ދަންނަވަލާނަން. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިނަދޫއަށް އަޅުގަނޑުމެންގެ މި ސަރުކާރު އައުމާ ހަމައަށް، މި ހިނގައިދިޔަ ކުރީގެ ފަސްއަހަރުގެ ދެ ސަރުކާރު. ޚައްސަކޮށް މި ދަންނަވަނީ، އެމް.ޑީ.ޕީ. ސަރުކާރުގެ ވާހަކަ. ޚާއްޞަކޮށް މި ދައްކަނީ ރައީސް ނަޝީދުގެ ސަރުކާރުގެ ވާހަކަ. އެ ސަރުކާރުން ކުރާ ކަންތައް، އަޅުގަނޑުމެން މި ނުކުމެ ރަނގަޅުކުރަނީ. އެ ސަރުކާރުން ނުކުރި ކަންތައް އަޅުގަނޑުމެން މި ނުކުމެ ފުއްދަނީ. އެ ސަރުކާރަށް ނުފުދިގެންދިޔަ ކަންތައްތައް އަޅުގަނޑުމެން މިކުރަނީ. އެ ސަރުކާރަށް ވިސްނަން ނޭނގުނު ކަންތައް، ހުވަފެނުންވެސް ފެންނަން ނޭނގުނު ކަންތައްތައް، އަޅުގަނޑުމެން ހުވަފެނުން ފެނި، އެ ހުވަފެނުގައި ކުލަ މި ޖައްސަނީ.

 

ތިނަދޫއަކީ މީގެ އެންމެ ޚާއްޞަ ރަށް. އެންމެ ގިނަ މަސައްކަތްތަކެއް ކުރެވިފައި އޮތް އެއް ބައްރަކަށްވާނީ ތިނަދޫގެ ބައްރު. އަޅުގަނޑުގެ ސަރުކާރުގެ ކުރިން އެ ހިނގައިދިޔަ ފަސްއަހަރުގެ ދެ ޒަޢާމަތުގައި، މުޅި ތިނަދޫއަށް ހޭދަވެފައި އޮތީ ފަންސާސް ނުވަ މިލިއަން، މިކަހަލަ ބޮޑެތި މަޝްރޫޢުތަކަށް. ހުރިހާ ޒުވާނުން، ހަރު ބޭފުޅުން، ކަނބަލުން އަޑުއައްސަވާ މި ވާހަކަ. ދެން ކީއްވެގެންތޯ ތިނަދޫއަކީ އެމް.ޑީ.ޕީ.ގެ ރަށަކަށްވާންވީ؟ އެންމެ ފަންސާސް ނުވަ މިލިއަން ތިނަދޫއަށް ހޭދަވެފައި އޮތީ. މި އަދަދު މިއަށްވުރެ ބޮޑުކޮށްގެން އިދިކޮޅު ބޭފުޅުންނަށް އަޅުގަނޑު ގޮންޖަހާލާފައި މި ދަންނަވަނީ، ވިދާޅުވެދެއްވާށޭ. ވިދާޅުވެފައި އެ ފައިސާ ހޯއްދެވި މަޝްރޫޢުތަކަށް ހިނގާފައިހުރި ފައިސާގެ އަދަދު ވިދާޅުވޭ! ވިދާޅެއްނުވެވޭނެ. އަޅުގަނޑުމެން ގާތްގަނޑަކަށް މިރަށަށް މި ހޭދަކުރީ އަޅުގަނޑުމެންގެ ފަސް އަހަރުގައި، އެއްހާސް މިލިއަން. ނޫނީ އެއް ބިލިއަންގެ ފައިސާ. މިއީ އަދަދަށް ބަލާކަމަށްވަންޏާ، ގުނަގުނަ ކުރާކަމަށްވަންޏާ، ފަނަރަ ގުނަ. ތިނަދޫގެ އޭރުއޮތް ހާލަތުން ތަރައްޤީގެ މަގުގައި ތިނަދޫއަށް ފަނަރަގުނަ ތަރައްޤީ ގެނެވުނު ވާހަކަ މި ދައްކަނީ. އެހެންވެގެން ދޮގެއްތޯ، އަޅުގަނޑު ކުރީ ދުވަހެއްގައި މިތަނަށް އައި ޖަލްސާއެއްގައި، ސަޢުދުﷲ ޙިލްމީ ޕޯޑިއަމްގައި ހުންނަވައިގެން ވިދާޅުވީ، ފުތާ ގޭދޮށުން ނުކުންނައިރުވެސް ފެންނަނީ ޔާމީންގެ ތަރައްޤީ. ބެއްޔާ ގޭދޮށުން ނުކުންނައިރު ޔާމީންގެ ތަރައްޤީ. އިރުމަތިން ނުކުންނައިރު ޔާމީންގެ ތަރައްޤީ. އޮޑިހަރުގެ ކައިރިން ނުކުންނައިރު ޔާމީން ގެނެސްދިން ތަރައްޤީ. މާވެޔޮމަގުން ނުކުންނައިރު ޔާމީން ގެނެސްދިން ތަރައްޤީ. ދޮންބެއްޔާ މަގުން ނުކުންނައިރު ޔާމީން ގެނެސްދިން ތަރައްޤީ. އަލިފުތާ ގޭމަގުން ނުކުތްއިރުވެސް ޔާމީން ގެނެސްދިން ތަރައްޤީ. ދެކުނުން ބަލައިލިޔަސް ޔާމީން ހިއްކައިދިން ބިން. އުތުރުން ބަރާސީލް އަވަށުން، އެހެން އަވަށަކަށް ބެލިޔަސް، ޔާމީން ގެނައި ތަރައްޤީ. ތިމަންނާ ތިނަދޫގެ ސިޓިޒަންޝިޕުން ވަކިވިޔަސް، ތިމަންނާގެ ތިނަދޫގެ ސިޓިޒަންޝިޕް ޔާމީނަށް ދީފީމޭ.

 

އެހެންވީމާ މިއަދު، ސަޢުދުﷲ އެބަޖެހޭ ނޫންތޯ، އަޅުގަނޑު މިރަށުގައި ބަހައްޓާފައި، ސަޢުދުﷲ ފައިބައިގެން ދާން. އެހެންކަންނޭނގެ ވީވެސް. ބަލައިލި ކޮންމެ ދިމާއަކުން، ނުކުތް ކޮންމެ ދިމާއަކުން، ދިހަވަރަކަށް މީޓަރާ ހަމައަށް ނުދެވެނީސް މި ފެންނަނީ، ޔާމީން ގެނައި ތަރައްޤީ. މާފަރިތަކޮށް އަޅުގަނޑަށްވުރެ އެވާހަކަ ހަމަ ތިނަދޫ ރައްޔިތުންގެ ކުރިމަތީގައި، ސަޢުދުﷲ ވިދާޅުވެދެއްވި ދޮގެއްތޯ؟ ސަޢުދުﷲގެ މިރަށުގެ ރައްޔިތުކަންވެސް އަޅުގަނޑަށް ހަދިޔާކުރެއްވި. އެކަކަށް ރައްޔިތުކަމުގެ ދެ ފުރުޞަތު އޮތް ކަމަށްވަންޏާ، ތިމަންނާގެ ފުރުޞަތު، ރައީސް ޔާމީނަށް ދޭނަމޭ. ނެތިއްޔާ ތިމަންނާގެ ރައްޔިތުކަން ރައީސް ޔާމީނަށް ދީފީމޭ. އަޅުގަނޑު ބޭނުން ހަމަ ތިނަދޫގެ ރައްޔިތުންގެ ރައްޔިތުކަން. އެކަމަކު، އަޅުގަނޑަށް އެކަން ދައްކަވައިދެއްވާ، ތިޔަބޭފުޅުންގެ ކެރުމާއެކީ. އަޅުގަނޑަށް ވޯޓުން ދައްކަވައިދެއްވާ.

 

ޒުވާން ކުދިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޒުވާން ކުދިން ހޭވެރިކަންވާށޭ. ޒުވާނުންނަކީ އުޅޭ ބައެއްކަން ދަސްކޮށްދިނީ ރައީސް ޔާމީނޭ. ޒުވާނުންނަށް ކަންތައްތައް ވެގެންދިޔައީ ރައީސް ޔާމީން ކޮށްދިނީމާ. އެއްވެސް މީހަކު ނުބުނޭ، ކޮންމެ ސަރުކާރުން ކަންތައް ކުރާނެއޭ. ކޮންމެ ސަރުކާރުން ކަންތައް ނުކުރާކަމުގެ ހެކި މި ދައްކައިދިނީ. ކުރީގެ ދެ ސަރުކާރުން ފަންސާސް ނުވަ މިލިއަނޭ. ކޮންމެ ސަރުކާރަކުން ކަންތައް ކުރާ ކަމަށްވަންޏާ، ތިނަދޫއަކީ ހިތްދަތިކަމުގައި އޮންނަ ބަޔަކަށް ވެގެންނުވާނެ. ތަހުޒީބުގެ މަގުގައި، ތަރައްޤީގެ މަގުގައި، ފަހަތުގައި އުޅޭ ބަޔަކަށް ވެގެންނުވާނެ. މިއަދު ތިނަދޫއަށް އެއްހާސް މިލިއަން މި ގެނެވުނީ، ކޮންމެ ސަރުކާރަކުން އެކަން ކުރާތީކީނޫން. ރައީސް ޔާމީން އެކަން ކުރާތީ. ރައީސް ޔާމީން ތިނަދޫދެކެ ލޯބިވާތީ.

 

އަޅުގަނޑުގެ އަތުގައި މިއޮތީ، ހަމަ ޙަޤީޤަތުގައިވެސް ބޮޑު ލިސްޓެއް. މި ލިސްޓު ގެނައީ، އަޅުގަނޑު ހަމަ ސަޢުދުﷲ އަށް މި ލިސްޓު އިއްވާލަން. އެއްގޮތަކަށްވެސް މިއީކީއެއް، ތިނަދޫގައި ކުރެވިފައި އޮތް ކަންތައްތައް ލިސްޓު ކުރާކަށެއް ނޫން. އެކަމަކު، މިއަދުގެ މި ހަތް މަޝްރޫޢުގެ ވާހަކަ ދައްކާއިރުވެސް އަޅުގަނޑު ދަންނަވާލާނަން. ކޮންމެވެސް ހިސާބަކުން އަޅުގަނޑު ބުނާނަން، ދެން ހުއްޓާލާށޭ. އަޅުގަނޑު ހަމަ އަޅުގަނޑުގެ އަމިއްލަ ނަފްސަށްވެސް ބުނާނަން.

 

ފަންސާސް ހެކްޓަރުގެ ބިން ހިއްކައިދިނިން. އަޅުގަނޑު ހިއްކީ. މީގެ ޝަރަފު ހާސިލުކުރީ ސަޢުދުﷲ. އަޅުގަނޑު ބްރިޖް އެޅީ. ފަންސާސް އަހަރުގެ ކުރީގެ ހުވަފެން. ފަންސާސް އަހަރު ބްރިޖް މައްޗަކުން ހިނގި މީހަކު ނެތް. ފޮތުގައިކަންނޭނގެ އެ ވާހަކަ ލިޔެފައި އޮތީ. އެހެންވީމާ ދޮގެއްތޯ އަޅުގަނޑު ބުނީ، ކާޅު ހަދާނީ ހާއްޔޭ، ކޮވެލި އަޅާނީ، ބިސް ދޮގެއްތޯ އެ ހާއްޔަށް. ނަރުދަމާގެ ނިޒާމު ޤާއިމުކުރިން. އަލަށް ހިއްކި ފަންސާސް ހެކްޓަރުގެ ސަރަޙައްދުގައި، ރިވެޓްމަންޓް ޖަހައި ގޮނޑުދޮށް ހިމާޔަތްކުރިން. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ތިން މަޝްރޫޢު، މީގެ އިތުރަށް ހިނގާފައި އެބައޮތް. ތިނަދޫގައި އެއްގަމު ތޮށި ލާފައި މިއޮތީ. ފެން ހިންދާ ނިޒާމު ޤާއިމުކުރެވުނު. ތަޢުލީމީ މަރުކަޒުގެ ބާރަ ކްލާސްރޫމް އަޅައިދިނިން. ދިވެހިރާއްޖޭގެ ތަޢުލީމީ ޔުނިވަރސިޓީގެ ކެމްޕަސް މިތާ ހަދައިދިނިން. އިންޖީނުގެއާއި، އާ އޮފީސް ޢިމާރާތެއް އަޅައިދިނިން. ކުނި ނައްތާލާ ނިޒާމަށް ބޭނުންވާނެ ސާމާނު ގެނައިމު. ޕޮލިސް ސްޓޭޝަނެއް އެބަހުރި. ފަޔަރ ސްޓޭޝަނެއް އެބަހުރި. އަބޫބަކުރު ސްކޫލުގެ ހަ ކްލާސްރޫމް. އެއްހާސް ކިލޯވޯޓުގެ ޖަނަރޭޓަރު. އޭގެފަހުން، އަށްސަތޭކަ ކިލޯވޯޓުގެ ޖަނަރޭޓަރު، ސޯލަރ ޑީސަލް މަސައްކަތް މިތާ އެބަހިނގާ. ދެން، ސްޕޯޓްސް އެރީނާ. އަންހެން ކުދިންނަށް ބަށި. ފިރިހެން ކުދިންނަށް ފުޓްސަލް ފުޓްބޯޅަ. ދެން ހުއްޓާލަންވީ ދޮގެއްތޯ. ހަމަ ބޮޑު ލިސްޓެއް އިނގޭތޯ މިއޮތީ. ހަމަ ބޮޑު ލިސްޓެއް މިއޮތީ. އެހެންވީމާ، މި ލިސްޓު އަޅުގަނޑަކަށް ފަރިތަކޮށެއް ނުކިޔުނު. މި ލިސްޓު ކިޔައިދޭން، ދެންވެސް ފަރިތަވާނީ ސަޢުދުﷲ ކައިރިއަށް ތިޔަބޭފުޅުން ވަޑައިގަތިއްޔާ.

 

އަޅުގަނޑުގެ ހިތަކަށްނާރާ، ތިނަދޫގައި، ތިޔަބޭފުޅުންގެ ކުރިމަތީގައި، އަޅުގަނޑުގެ ވާހަކަ އެހާ ދިގުކުރަންޖެހޭ ކަމަކަށްވެސް އަޅުގަނޑުގެ ހިތަކަށްނާރާ. އަޅުގަނޑު އެހެން ހިތަށްނާރާ ސަބަބަކީ، އަޅުގަނޑުގެ ވާހަކަ ފަށަމުންވެސް ދެންނެވިން، ތިނަދޫއަކީ ނަފްސާނީގޮތުން ވަރަށް އުނދަގޫތަކަކާއި، ކެކުޅުންތަކެއް އަބަދުވެސް އެ މީހުންގެ ނަފްސުގައި، އެމީހުން އަބަދުވެސް ހަނދާން ކޮށްކޮށް ތިބޭ ބައެކޭ. އެކަމަކު، މިއަދު، މި އައިސްފައި ހުރި މަޝްރޫޢާ، ދޮން ބެއްޔާ ގޭދޮށުން ނުކުތީމާ، އަލި ބެއްޔާ ގޭދޮށުން ނުކުތީމާ، އަލިފުތާ ގޭދޮށުން ނުކުތީމާ، އުތުރުކޮޅުން ނުކުތީމާ، މިއައިސް އޮތް ތަރައްޤީއަށް ބަލާއިރު، މި ތަރައްޤީގެ ނުވަދިހަ ފަސް އިންސައްތަ އައިސްފައި މިއޮތީ މި ފަސް އަހަރުގެ ތެރޭގައި. އެއީ، ތަފާސް ހިސާބުން ދައްކާ، ބިމުން މައްޗަށް އުފުލިފައި ހުރި ޢިމާރާތްތަކުން ދައްކާ. އެހެންވީމާ، ކިހިނެއްތޯ، ކަނެބަނދެގެން ދިޔަނަމަވެސް، މީގައި އަޅައިގަންނާނެ ހަމަގައިމުވެސް.

 

އެހެންވީމާ، މި ޙަޤީޤަތެއް ދޮގެއް ނުކުރެވޭނެ. މި ހުރިހާ ތަރައްޤީއެއް މިތަނަށް އައީމާ، އަޅުގަނޑުގެ ވާހަކަ ނިންމާލަމުން ހަމަ ކޮށްލާ ސުވާލަކީ، އަޅުގަނޑު ހަމަ ކޮށްލަން ބޭނުންވާ ސުވާލަކީ، މިއީ، މީގެ ފަންސާސް، ނޫނީވިއްޔާ އެއަށްވުރެ ކުރިން ފަޅުކޮށްފައި އޮތް ރަށެއްތޯއޭ؟ މިއީ، ފަޅުވި ރަށެއްތޯ؟ މިއަދު މި ޢިމާރާތްތަކާއެކީ ބަލައިލީމާ، އަޅުގަނޑު ގަބޫލުކުރާނީ، މިއީ ދިވެހިރާއްޖޭގައި މާލެ ނަގާފައި، އެންމެ ބޮޑަށް ތަރައްޤީވެފައި އޮތް ރަށް ކަމުގައި. މިއީ، ފަޅުކޮށްފައި އޮތް ރަށެއް ނޫން. އޭރު ފަޅުވި. އެ ތާރީޚު އަޅުގަނޑުމެންގެ އަތުގައި އެބައޮތް. އެއަށްވުރެ ހިތްދަތިކަމާއެކީ، ހިތުގައި ތިޔަބޭފުޅުންގެ އެ ތާރީޚު އަބަދުވެސް ހުންނާނެ. އެކަމަކު، ކުރެވުނު މަސައްކަތާއި، އަދި ހިތްވަރާއެކީ، އަދި، ތިޔަބޭފުޅުންދެކެ ލޯބިވާ ރައީސަކު ތިޔަބޭފުޅުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު 2013 ގައި ދިނީތީ، މިރަށަކީ ނުބުނާނެ، މީގެ ފަންސާސް އަހަރު ކުރިން ފަޅުކޮށްފައި އޮތް ރަށެކޭ. ޢިމާރާތްތައް އެހެރީ ފެންނަން. ދޮންބެއްޔާވެސް ނުކުމެ ހިނގަންވީ. އަލިފުތާވެސް ނުކުމެ ހިނގަންވީ. ސަޢުދުﷲ ނުކުމެ އިތުރަށް ހިނގަންވީ.

 

އެހެންވީމާ، ތިނަދޫ، އަޅުގަނޑު އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ދެން އަންނަ ފަސް އަހަރު ނިމިގެންދާއިރު، ތިނަދޫއަކީ، އެހެން މީހުންނަށް ތަރައްޤީގެ ގޮތުން، ހިތްހަމަޖެހުމުގެ ގޮތުން، މީހުންނަށް ކައިރިވެސް ނުކުރެވޭނެ، ހޯދާ ނުފެންނަ ރަށަކަށް ވެގެންދާނެ. އަޅުގަނޑު މި ގެންދަނީ، ރާއްޖޭގެ ރަށްރަށުގައި، ކުރީގައި ދިރިއުޅެވެން ނެތް ރަށްރަށުގައި، ދިރިއުޅެވޭނެ ރަށްރަށަށް އެ ރަށްރަށް ބަދަލުކުރަމުން. ނަޖިސްފެނުން ފެންވަރާ، ނަޖިސް ފެންބޯން، ދިވެހިރައްޔިތުން ތިބޭކަށް އަޅުގަނޑަކަށް އޯ.ކޭއެއްނޫން. ނަރުދަމާ ނިޒާމު އަޅައިދިނުން، އޯ.ކޭ. ކޮންކްރީޓް ނެތި ދަނޑިފަނުން ތަރައްޤީ ކުރުން އޯ.ކޭއެއްނޫން. އެކަމަކު، ބްރިޖުވެސް ކޮންކްރީޓުން އަޅައި، ސަޅި ބްރިޖެއް ހެދީމާ، އެ ބްރިޖްމަތީގައި ދުއްވަން އެންމެންނަށްވެސް އޯ.ކޭ. ޚާއްޞަކޮށް، އެމް.ޑީ.ޕީ. މީހުންނަށް އޯ.ކޭ. ސަޢުދުﷲ ޙިލްމީވެސް، އަބުޅޯވެސް މާލެ ގޮސްފައި، ހުޅުމާލެއަށް ދަންޏާ، އެ ބްރިޖުން ދުއްވާލާފައި ދިޔުން ހަމަ އޯ.ކޭއޭ.

 

އެހެންވީމާ، އަޅުގަނޑު މި ރަށާ ދޭތެރޭގައި މިދެކޭ ހުވަފެން، ހިންގަވާ އަނެއްކާވެސް އަޅުގަނޑުމެން ގުޅިގެން ކުލަ ޖައްސަން. އަޅުގަނޑުމެންނަށް ގުޅިގެން ކުލަ ޖެއްސޭނީ. އަޅުގަނޑު، އިރާދަކުރެއްވިއްޔާ، އަބަދުވެސް ހުވަފެން ދެކޭ މީހެއް. އަދި، އިރާދަކުރެއްވިއްޔާ، އަބަދުވެސް މި ހުވަފެން ޙަޤީޤަތަކަށް ހެދޭތޯ މަސައްކަތް ކުރާ މީހެއް. ކުރީގެ ރައީސުން ތިއްބެވި. ޚިދުމަތް ކުރެއްވި. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، މި ފަސް އަހަރުގެ ތެރޭގައި، މުޅި ރާއްޖެއަށް އާންމުވެގެން އެދިޔައީ ތަރައްޤީ. މުޅި ރާއްޖެއަށް އާންމުވެގެން ދިޔައީ، ހުރިހާ ރައްޔިތުން އޯ.ކޭއޭ ބުނެ، ބޭނުންވެޔޭ ބުނާ ތަރައްޤީ.

 

އަޅުގަނޑު ރަށްރަށުގައި އައިސްޕްލާންޓް އަޅާ ވާހަކަ ދައްކަމުން މި ގެންދަނީ. އެކި ރަށްރަށުގައި އައިސްޕްލާންޓް އަޅާ ވާހަކަ ދައްކަމުން މި ގެންދަނީ. އިދިކޮޅު ބޭފުޅުން ކީކޭތޯ ވިދާޅުވަނީ؟ އައިސްޕްލާންޓެއް ބޭނުމެއްނޫނޭ. މަސްކޮޅު ރޮލާ ވިއްކާލާނީއޭ. ރޮލާ ވިއްކާލައިގެން ކޯއްޗެއްތޯ ލިބޭނީ. އިދިކޮޅު ބޭފުޅުން ވިދާޅުވާނެ، މިރަށްރަށުގައިވެސް ހަމަ ކަނޑުގައި ދުއްވާފައި އަދިވެސް ހަމަ ފެރީގައޭ އުޅެންވީ. އެއީ، އަޅުގަނޑުމެންގެ ކާބަފައިން އުޅުނުގޮތް. އެކަމަކު، އަޅުގަނޑު ގެންދާނީ، އެތަންމިތަނުގައި އެއަރޕޯޓު އަޅަމުން. އަޅުގަނޑު އެއަރޕޯޓު އަޅަމުން ގެންދާނެ. އަޅުގަނޑު ހަމަ ދަންނަވާލާނަން. އަޅުގަނޑުގެ މި ސަރުކާރުގެ ފަސް އަހަރު، މިހާރު އެ ނިމެނީ. މިހާރު އެ އެޅެމުން އެދަނީ، ބާރަ އެއަރޕޯޓް. ކުޅުދުއްފުށީގައި އެއަރޕޯޓް އެއޮތީ ނިމިފައި. އިއްޔެ އެ ފެށީ ށ. އަތޮޅު ފުނަދޫ އެއަރޕޯޓުގައި ތާރުއަޅަން. ފަރެސްމާތޮޑާގައި، އެއަރޕޯޓުގެ މަސައްކަތް އެ ހިނގަނީ. ދެންވެސް މިހެންހުރި އެއަރޕޯޓުތައް އެ ހަދަނީ.

 

 އެހެންވީމާ، އަޅުގަނޑު އެއަރޕޯޓުވެސް އަޅާނަން. އެއްގޮތަކަށްވެސް ކަނޑުމަގުން ދަތުރުކުރަން ދިވެހިރައްޔިތުން ވިސްނާނެ ކަމެއްނެތް. ދިވެހިރައްޔިތުން އެއަށްވުރެ އޯ.ކޭ ވާނީ، އަޅުގަނޑާއެކީ ތަރައްޤީގެ މަގުގައި އުދުހުނިއްޔާ. ޒުވާނުންވީ އަޅުގަނޑާއެކީ މެދު އުޑުގައި އުދުހެން. ކީއްކުރަންތޯ، އެހާ އުނދަގުލުގައި އުޅެންވީ؟ އަޅުގަނޑުމެން މި ހޯދާ ތަނަވަސްކަމަކީ، ބުއްދި ބޭނުންކޮށްގެން މި ހޯދާ ތަނަވަސްކަމަކީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް އޭގެ މަންފާ ލިބެންވީ ތަނަވަސްކަން. އެއީކީ، ސިޔާސީ ލީޑަރުންގެ ޖީބު ފުރަން ހުރި ތަނަވަސްކަމެއްނޫން. އެކަމަކު އެހެންވިޔަސް، އަޅުގަނޑުގެ ޖީބުގައި އަދިވެސް އަށްސަތޭކަ މިލިއަން ޑޮލަރު ނެތް ވާހަކައެއްވެސްނޫން. އެކަމަކު ދަންނަވަންތޯ، މި ތަރައްޤީގެ ހުވަފެން ނުފެންނަންޏާ، އަޅުގަނޑުމެން ކަންތައްތައް ކުރީމާ ބުނާނެ. ނޫނެކޭ، ތިއީ ފަންސާސް އަހަރު ކުރިން، ފަސްދޮޅަސް އަހަރު ކުރިން، ހަތްދިހަ އަހަރު ކުރިންވެސް ތިމަންނާމެން ކުރި ވިސްނުމޭ.

 

އެހެންވީމާ، އެއިން ކީކޭތޯ އެ ބުނަނީ. ހަތްދިހަ އަހަރު ވަންދެން ތިމަންނާމެން ތިޔަ ވިސްނުމާއެކީ ކުރިއަށޭ ދިޔައީ. ތިމަންނާމެން ހަމަ ކުރިއަށް ގުޑާވެސްނުލިޔޭ. ރައީސް ޔާމީން ފަސް އަހަރުގެ ތެރޭގައި، ބްރިޖްވެސް އަޅައިފިޔޭ. އެހެންވީމާ، ހަތްދިހަ އަހަރުގެ ތެރޭގައި އެމީހުންނަށް ނުކުރެވުނު ކަންތައް، ރައީސް ޔާމީން ހަމަ ސަޅިކޮށް އެބަކޮށްލައޭ، ފަސް އަހަރުގެ ތެރޭގައި. މި ރެކޯޑު، އިރާދަކުރެއްވިއްޔާ، ބީޓް ކުރާނެ މީހަކު ނާންނާނެ. އެހެންވީމާ، މި ތަރައްޤީއަށް، މި ސްޕީޑަށް، މި ރައްޔިތުންގެ އުއްމީދަށް ފުރުޞަތު ދެއްވާ. ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން އަތް ބާނަން ޖާގަ ނުދެއްވާ. އަމުދުން، އަޅުގަނޑުމެންގެ ޕާޓީއަކީ، ވަރުގަދަ ބަދަހި ޕާޓީއަކަށް ހަދަން، މިއަދު އެބަޖެހޭ އަޅުގަނޑުމެން އެންމެން އަތުކުރިއޮޅާލަން.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ، ތިނަދޫގެ ހިތްތަކުން ދެން ފިލުވައިލާ، ތިނަދޫއަކީ އެކަހެރިކޮށްފައި އޮތް ރަށެކޭ. ތިނަދޫއަކީ ފަޅުކޮށްފައި އޮތް ރަށެކޭ ހިތަށް ނުގެންނަވާ. ތިނަދޫއަކީ، އަޅުގަނޑު މި ދެންނެވިގޮތަށް، މާލެ ނަގާފައި، އެންމެ ކުރު މުއްދަތެއްގެ ތެރޭގައި، އެންމެ ބޮޑު ޢުމްރާނީ ވަސީލަތްތަކާއެކީ، ތަރައްޤީ އައިސްފައި އޮތް ރަށަކީ ތިނަދޫކަން ތިޔަބޭފުޅުން ގަބޫލުކުރައްވާ. އަދި، ނިސްބަތުން، ބޮލަކަށް މި ތަރައްޤީ ޖެހޭ ޚަރަދު ބަހާލައިފި ކަމަށްވަންޏާ، މާލެ ހިމަނައިގެންވެސް އެންމެ ބޮޑު ތަރައްޤީ، އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ އޮންނާނީ، ތިނަދޫއަށް. އެއީ، ތިނަދޫގެ އާބާދީއަކީ، މާލޭގައި އުޅޭ އާބާދީއަށް ބަލާކަމަށްވަންޏާ، މާލޭގައި އެ އުޅެނީ ތިނަދޫގެ، އަޅުގަނޑަކަށް ނޭނގެ، ދިހަ ބާރަ ގުނަކަންނޭނގެ. އެހެންވީމާ، މާލެއަށް އައިސްފައި އޮތް ތަރައްޤީ، މާލޭގައި އުޅޭ މީހުންގެ ބޯބޯމައްޗަށް ބަހާލައިފި ކަމަށްވަންޏާ، ކުޑަވާނެ. ނިސްބަތުން ކުޑަވާނެ.

 

އެހެންވީމާ، ތިނަދޫގެ ރައްޔިތުންނަށް އަޅުގަނޑު މިއަދުވެސް އިލްތިމާސް ކޮށްލާނަން، ވާހަކަ ނިންމާލަމުން. އަޅުގަނޑާއެކީ ތިއްބަވާ. ތިޔަބޭފުޅުންގެ ހުވަފެންތައް މިހާތަނަށް ޙަޤީޤަތަކަށް ވެގެންދިޔައީ، އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރެއްވީމާ. އެއްގޮތަކަށްވެސް މި ހޮވާ، ނޫނީވިއްޔާ މަގު ދައްކަން މިއުޅޭ ސީޔާސީ ލީޑަރުން ދައްކާ ޖާދުލުގައި ޖެހިވަޑައިނުގަންނަވާ. އެ ޖާދޫ މި ރަށުގެ، މި ދެ ރަށުގެ، މި ދާއިރާގެ ދެ މެންބަރުން ދައްކައިފި. އެމީހުންވެސް ބާކީވެގެން ދިޔައީ. ބާކީވެގެން ދާ ބަޔަކާއެކީ، ތިޔަބޭފުޅުން ހިމެނިވަޑައިނުގަންނަވާ. ތިޔަބޭފުޅުން ހިމެނިވަޑައިގަންނަވަންވީ، ޤައުމު ބިނާކުރާ ބަޔަކާއެކީ. ޤައުމަށް ތަރައްޤީ ގެންނަ ބަޔަކާއެކީ. ޒުވާނުންގެ އުއްމީދުތައް ފުއްދައިދޭ ބަޔަކާއެކީ. މުސްކުޅި، ދޮށީ ރައްޔިތުންނަށް ކަމޭހިތާ ބަޔަކާއެކީ.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި މަސައްކަތުގައި، ތިޔަ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ. ހުރިހާ ބޭފުޅުންނަށް ﷲގެ ހެޔޮ ރަޙްމަތް މިންވަރު ކުރައްވާނެ.

 

އަޅުގަނޑުމެންގެ މި މަސައްކަތުގައި މާތް ﷲގެ ރަޙްމަތް މިންވަރު ކުރައްވާށި! 23 ވަނަ ދުވަހަކީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މާތް ﷲ ވަރުގަދަ ނަޞްރެއް ދެއްވާ ދުވަހަކަށް ލައްވާށި!    

              

والسّـــــلام عليــكم ورحمــة اللّــــه وبـركاتــه.