بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

ގަމާއި، ފޮނަދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި މިޖަލްސާގައި ތިއްބެވި އެންމެހާ ބޭފުޅުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

އާދެ، އަޅުގަނޑު ހައްދުންމައްޗަށް ފަށައިގެން މިއުޅޭ ދަތުރު، މިއަދު ހެނދުނު އަޅުގަނޑު ކައްދޫ އެއަރޕޯޓަށް އައުމާއެކީ، ގަމުންނާއި ފޮނަދޫން، ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އިޚްލާޞްތެރިކަމާއެކީ ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، ގަމާއި ފޮނަދޫއާއި އަދިވެސް އެހެން ރަށްތައް، އެހާ ޒީނަތްތެރި ކުރައްވާފައިވަނީ، އަޅުގަނޑުމެންނާ ދޭތެރޭގައި ތިޔަބޭފުޅުންގެ އޮތް ޝައުޤުވެރިކަން އަންގައިދޭ މިންވަރަށް ކަމުގައިވާތީ، ތިޔަބޭފުޅުން ތިޔަ ކުރެއްވި ބުރަ މަސައްކަތަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި އަޅުގަނޑު މިކަމުގައި އިތުރަށް އުފާވަނީ، މި މަސައްކަތުގެ ބޮޑު ބައެއް ކޮށްދެއްވާފައިވަނީ، މިތަންތަނުގެ ޒުވާނުން ކަމުގައިވާތީ. ގަމާއި، ފޮނަދޫގެ ޒުވާނުން ކަމުގައިވާތީ.

 

އެހެންވީމާ، ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކައާއިގެން ކުރިއަށްދާނަން. އަޅުގަނޑާ ދޭތެރޭގައި ހެޔޮ ބަސްތަކެއް، އިޙްސާންތެރި ބަސްތަކެއް، މީގެކުރިން ވާހަކަ ދެއްކެވި ބޭފުޅުން މުޚާޠަބު ކުރައްވާފައިވާތީ، އެބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

 

އާދެ! އަޅުގަނޑަށް މިރޭ މި ލިބޭ އުފަލަކީ، ހައްދުންމަތީގެ ބޮޑުމަގު ހުޅުވައިދިނުމުގެ އުފާ. ޝައްކެއްވެސްނެތްގޮތުގައި، މިއީ ގަމާއި ފޮނަދޫއާ، މިތަންތަނަށް ވަރަށް މުހިންމު، ޚާއްޞަކޮށް، ޒުވާނުންގެ ދަތުރުފަތުރަށް ވަރަށް މުހިންމު މަގެއް. އެކަމަކު މީގެ ދެރަކަމަކީ، މިއީވެސް ހުސް ކޮންކްރީޓް. އެހެންވީމާ، ކޮންކްރީޓް ދެކެ ރުޅިއަންނަ ބަޔަކު، މި މަގުން ދުއްވާނެ ކަމަކަށް ގަބޫލެއްނުކުރެވޭ. މާލޭގައިވެސް ކޮންކްރީޓް. މިތަނުގައިވެސް ކޮންކްރީޓް. ހަމަ މި ކޮންކްރީޓްތައް މިހެން އަޅުގަނޑުމެންނަށް ފެނިގެންދާތީ، އަޅުގަނޑު މި މަޤާމުގައި ހުރެގެން، މި ފިޔަވަޅުމަތީގައި ހުރެގެން، ޗައިނާ ސަރުކާރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. މީގެ ތަރައްޤީގެ ކޮންމެ މަޝްރޫޢެއްގައި، ދިވެހިން އިތުރަށް އުފުލައި މި ލަނީ، މިކަހަލަ ދީލަތި ޤައުމެއްގެ ދީލަތި އެހީން. އެހެންވީމާ، ހައްދުންމަތީގެ ބޮޑުމަގު ނިމިގެންގޮސް، ހައްދުންމަތީގެ ބޮޑުމަގު ހުޅުވިގެންދާއިރު، ޗައިނާ ސަރުކާރު، މި ކޮށްދެއްވި އިޚްލާޞްތެރި އަދި ނޫނީވިއްޔާ މި ދެއްވި އަގުބޮޑު ހަދިޔާއަށް، ސަރުކާރަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

ހަމައެއާއެކީ މިރޭ، ފޮނަދޫގައި މި އިޙުތިފާލު ކުރެވިގެން މިދަނީ، ފޮނަދޫއަށް ފެނުގެ ނިޒާމު ފުރިހަމަވެގެން ދާދިޔުން. ޝައްކެއްވެސްނެތްގޮތުގައި، މިއީ ފޮނަދޫގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއް. މިކަންކަމަށްޓަކައި، މި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް، ދައުލަތުގެ އިސް ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވަން.

 

އާދެ، އަޅުގަނޑުމެންގެ ޓީމުން މިކުރާ މަސައްކަތަކީ ޝައްކެއްވެސްނެތްގޮތުގައި، ރައްޔިތުންނަށް ބޭނުންވެފައި އޮތް ތަރައްޤީ، ރައްޔިތުންނަށް ބޭނުންވެފައި އޮތް އަސާސީ ކަންތައްތައް، މި ދާއިރާތަކަށް ހަލުވިކަމާއެކީ ގެނެސްދޭން ކުރާ މަސައްކަތް. އަޅުގަނޑުމެންނަށް ދާދިފަހުން ތަފާސް ހިސާބުތަކެއް އިވިގެން ހިނގައްޖެ. ރޭގައި އަޅުގަނޑުމެން ކުރި ޖަލްސާގައިވެސް ތަފާސް ހިސާބުތަކެއް އިވިގެން ހިނގައްޖެ. މިރޭވެސް، ޠާރިޤުވެސް ތަފާސް ހިސާބުތައް އަޅުގަނޑުމެންނަށް ވިދާޅުވެދެއްވައިފި. މީގެ ކުރީގައި ފެނާއި ނަރުދަމާއަކީ، އަހަރަކު އެއް ރަށުގައި ކުރެވެމުންދާ ކަންކަން. މިހާރު މިދަނީ އަހަރަކު ތިންރަށް، ނޫނީ ހަ ރަށް. ނޫނީ މި ސަރުކާރުގެ ފަސްއަހަރު ނިމިގެންދާއިރު ވަރަށް ގިނަ ރަށްރަށަށް އާންމުވެގެންދާ ކަންކަން.

 

އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ރައްޔިތުންނަށް މި ލިބޭ އުފަލަކީ، ރައްޔިތުން ތަރައްޤީ ގަބޫލުކޮށްގެން، ރައްޔިތުން އެ އުއްމީދުތަކާއެކީ، މި ތަރައްޤީއަށް އިންތިޒާރުކޮށްގެން ތިބޭ ތިބުމުން ރައްޔިތުންނާ ބައްދަލުކުރާ ނަތީޖާ. މިކަންކަމުގައި އަޅުގަނޑުމެންގެ ސަރުކާރުގެ ދައުރެއް، އަދި އަޅުގަނޑުގެ ދައުރެއް މީގައި ހިމެނިގެންދާތީ، އެކަން ތިޔަބޭފުޅުން ފާހަގަކުރައްވާތީ، ތިޔަބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

ކުރިއަށް އޮތީ މިފަދަ މަސައްކަތްތައް މި ގެންދާ ސްޕީޑްގައި ގެންދާނެތޯ، ނޫނީވިއްޔާ އަނެއްކާވެސް އަޅުގަނޑުމެން މިޞްރާބު ޖަހަންވީ އެހެން ދިމާއަކަށްތޯ، ތަރައްޤީ، އެތައް އަހަރުތަކެއް ފަހަތަށް ދާންވީތޯ، މިކަންކަމާ ދޭތެރޭގައި އުފެދޭ ސުވާލު. އެ ސުވާލަށް ޖަވާބު، ރައްޔިތުން ދެއްވާ ދުވަސް. ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ތިޔަބޭފުޅުންނާ ބައްދަލުކުރަނީ އެންމެ ބޮޑު އިމްތިޙާނު. ދިވެހި ދައުލަތުގެ ކަންކަން އަޅުގަނޑުމެން ގެންދާނެ މިޞްރާބު ކަނޑައެޅުމުގެ ދުވަސް. އަޅުގަނޑު ފޮނަދޫގައި ހުރެގެން، ފޮނަދޫގެ ރައްޔިތުންނާއި، އަދި ގަމުގެ ރައްޔިތުން، ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި ހުރެގެން އަޅުގަނޑު އިޚްލާޞްތެރިކަމާއެކީ ދަންނަވާލަން އޮތް އެދުމެއް އެބައޮތް. ތޭވީސް ވަނަ ދުވަހު ލައްވާ ވޯޓަކީ، އެއް ނަންބަރު ކެންޑިޑޭޓަށް، ރައީސް ޔާމީނަށް ލައްވާ ވޯޓަކަށް ހައްދަވައިދެއްވާށޭ.

 

އެކަން އެހެން ކުރަންޖެހޭ ސަބަބުތައް މަދެއްނޫން. ފޮނަދޫގައި ހުރެގެން މި ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ތަފާސް ހިސާބެއް ދަންނަވާލާނަން. ތަފާސް ހިސާބުގެ އަކުރުތަކުން މި ވާހަކަ ދެއްކުމުން، އިދިކޮޅު ފަރާތްތަކަށް މިކަންކަން ހަޖަމްކުރަން އުނދަގޫވޭ. ވަރަށް އުނދަގޫވޭ. ރޭގައި އަޅުގަނޑު ދެއްކި ވާހަކަތަކަކަށް، އެމީހުންނަކަށް ހަމަ ޙަޤީޤަތުގައިވެސް އެއީ ކިހިނެއް ހޯދި އަދަދުތަކެއް ކަމެއްވެސް، ހަމަ އެމީހުންނަކަށް ބުނެދޭކަށްނޭނގެ. ރައްޔިތުންނާ ހަމައަށް މިހާރު އެކިކަހަލަ ވާހަކަ، ވަރަށް އާންމު ވާހަކަ ދައްކަމުންދާ ދުވަސްވަރެއް މިއީ. އިދިކޮޅުގައި މިއުޅޭ ކުދިންކޮޅު، ނުކުމެ މި ދައްކާ ވާހަކައަކީ، ތަޢުލީމީ ދާއިރާ ތަރައްޤީކުރަން ޖެހެޔޭ. ޞިއްޙީ ދާއިރާ ތަރައްޤީކުރަން ޖެހެޔޭ. އެކަމަކު އެމީހުންގެ ޚިޔާލަކަށް ނާދޭ، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާއިން އައިސްފައި އޮތް ތަރައްޤީއަކީ، އެބޭފުޅުން ކިތަންމެވަރަކަށް ފީނި ނަމަވެސް، އެ ތަރައްޤީގެ ހުރި ފުންމިން އެބޭފުޅުންނަކަށް އިޙުސާސެއްވެސް ނުކުރެވޭ. އެހެންވީމާ، މި ދާއިރާތަކަށް ތަރައްޤީ އަންނަންވާނެ ކަމާއި، ތަރައްޤީ ކުރުމުގެ ގޮތުން ކުރަންޖެހޭ އެއްވެސްކަމެއް ބުނެދޭން ނޭނގޭއިރު، ދެން އެބޭފުޅުންނަކަށް އަޅުގަނޑުމެން ރައްދުދީ، އެބޭފުޅުންނަކާ ވާހަކަ ދައްކާކަށް ނުޖެހޭ. އެކަމަކު ރާއްޖެ ދަރަނިވެރިވެގެންދާއިރު، ދަރަނި އޮތް މިންވަރެއް އެބޭފުޅުންނަށް އެބަ އެނގިވަޑައިގަންނަވަންޖެހޭ.

 

މި ރަށުގައި  އައިސް އަޅުގަނޑު ވާހަކަ ދައްކާއިރު، ފޮނަދޫގައި މިވާހަކަ ދައްކާއިރު، ފެނުގެ ނިޒާމު ނިމިގެންދާއިރު، ފޮނަދޫގެ ރައްޔިތުންނަށް އަޅުގަނޑު ހަމަ ތަފާސް ހިސާބެއް، ތިޔަބޭފުޅުންގެ ސަމާލުކަމަށް ގެންނަން ބޭނުން. 2013 ވަނަ އަހަރު އައުމުގެ ކުރިން، އެ ހިނގައިދިޔަ ފަސް އަހަރުގެ ތެރޭގައި، ޚާއްޞަކޮށް، ރައީސް ނަޝީދުގެ ތިން އަހަރަށް، އަޅުގަނޑު މި ހަވާލާދެނީ. ރައީސް ނަޝީދުގެ ތިން އަހަރާއި، އޭގެފަހުން މިހިނގައިދިޔަ ދެ އަހަރެއްހާ ދުވަހު، އާދެ، މި ޒަޢާމަތު ހަވާލުވުމުގެ ކުރިއަށް އެ ހިނގައިދިޔަ، 2013 އާ ހަމައަށް ހިނގައިދިޔަ ފަސް އަހަރު، މި ރަށަށް، ފޮނަދޫއަށް މި ދެންނެވިކަހަލަ ބޮޑެތި މަޝްރޫޢު، ނަރުދަމާވިޔަސް، ފެންވިޔަސް، ބަނދަރުވިޔަސް، މަގުވިޔަސް، މިކަހަލަ މަޝްރޫޢުތަކަށް ޖުމްލަ ހޭދަކުރެވިފައި މިވަނީ، އެންމެ ނުވަދިހަ މިލިއަން.

 

އަނެއްކާވެސް ދަންނަވާނަން. އެންމެ ނުވަދިހަ މިލިއަނަކީ ބޮޑު އަދަދެއް. އެހެންނަމަވެސް، މިއަދަދު، ދެން އަޅުގަނޑު ކިޔާ އަދަދަށް ނިސްބަތްކުރާއިރު، މި އަދަދު ހަމަ އެންމެ ނުވަދިހަ މިލިއަނަށް ވެގެންދަނީ. މިހެންވާނެ ދޮގެއްތޯ؟ އެމް.ޑީ.ޕީ.އަށް ނިސްބަތްކޮށް އަޅުގަނޑު އެބަ ބުނަން. އެމް.ޑީ.ޕީ.ގެ ތިން އަހަރެއް ދިޔައިރު، ތަޢުލީމީ ދާއިރާ ތަރައްޤީ ކުރަންވާނެކަމަށް މިއަދު އެބޭފުޅުން އެ ވިދާޅުވަނީ. އެބޭފުޅުންގެ ސަރުކާރުގައި އެ ހިނގައިދިޔަ ތިން އަހަރުގެ ތެރޭގައި، ރާއްޖޭގެ އެންމެ ރަށެއްގައިވެސް އަޅައިދިން ސްކޫލެއް ދައްކަވާ! ނުހުންނާނެ. އެހެންވީމާ، ދެން މިއަދު އެ ދާއިރާ ތަރައްޤީ ކުރައްވާ ވާހަކަ ދެއްކެވީމާ، އަޅުގަނޑުމެން ހަމަ މިއާ ދޭތެރޭގައި ބުނާނެ އެއްޗެއް ނެތް. ހަމަ ޠާރިޤު ވިދާޅުވިކަހަލަ ވާހަކައެއް މީގައިވެސް އޮތީ. ޖަޒީރާގެ ތެރޭގައި ވަރަށް ގިނަ ހުވަފެނީ ކަންކަން ހިނގާނެ. އެހެންވީމާ، އެންމެއޭ މިދަންނަވާ ސަބަބު، އަޅުގަނޑު ދަންނަވާލާނަން. އެބޭފުޅުންނަށް އެންމެ ސްކޫލެއް އަޅައި ނުދެވުނުއިރު، އަޅުގަނޑުމެންގެ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި، އަދި މިއަހަރުގެ ހިސާބު އަޅުގަނޑު ނުހިމަނާ، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ހަތްސަތޭކަ ހަތްދިހަ އެތައް ކްލާސް ރޫމަކާއި، މަލްޓި-ޕަރޕަސް ހޯލެއް، ރާއްޖޭގެ އެކި ހިސާބުގައި އަޅުގަނޑުމެން އަޅައިދިނީމު. މިއީ ފަނަރަ ކްލާސް، ވިހި ކްލާސް ހިމެނޭ ސްކޫލްތައް ކަމަށްވަންޏާ، މި ދައްކަނީ ތިރީސް، ސާޅީސް ސްކޫލްގެ ވާހަކަ.

 

އެހެންވީމާ، އެބޭފުޅުންނަށް އެންމެ ސްކޫލެއް އަޅައިނުދެވުނު ވާހަކަ، އަޅުގަނޑު ދައްކާއިރު، ހަމަ ނިސްބަތުން، ފޮނަދޫއަށް މި ހޭދަވެފައި މިއޮތީ، އެންމެ ނުވަދިހަ މިލިއަނޭ މި ދަންނަވާ ސަބަބު އަޅުގަނޑު މި ދަންނަވާލަނީ. އަޅުގަނޑުމެންގެ ސަރުކާރުގައި މިހިނގާ، މިއަދު ނިމިގެންމިދާ މަޝްރޫޢާއެކީ، އަޅުގަނޑުމެންގެ ސަރުކާރުން ފޮނަދޫއަށް އެކަނި ހަސަތޭކަ ނުވަދިހަ އަށް މިލިއަން، ނޫނީ ހަތްސަތޭކަ މިލިއަން. އެހެންވީމާ، މީގެކުރީގައި ނުވަދިހަ މިލިއަން، ނޫނީ ސަތޭކަ މިލިއަނަށް ހޭދަނުވޭ. އޭގެ ހަތްގުނަ މިއޮތީ އިތުރުވެފައި. މިއީ ހަމައެކަނި ފޮނަދޫއަށް. ގާތްގަނޑަކަށް ހަތްސަތޭކަ މިލިއަނުގެ ބޮޑެތި އިންވެސްޓްމަންޓުގެ ބޮޑެތި މަޝްރޫޢުތައް މިއޮތީ މިރަށަށް ފޯރުކޮށްދެވިފައި. އެހެންވީމާ ދެން ފޮނަދޫ ރައްޔިތުން، ތޭވީސް ވަނަ ދުވަހު ވޯޓާ ދޭތެރޭގައި ވިސްނާއިރު، އެމީހުންނަށް ވޯޓުލާންވާގޮތް އޮޅެންޖެހޭ ސަބަބެއް އެބައޮތްތޯ؟

 

އެހެންވީމާ އިޚްލާޞްތެރިކަމާއެކީ، ފޮނަދޫގައި ހުރެގެން، އަޅުގަނޑު ފޮނަދޫގެ ރައްޔިތުންނާއި، ގަމުގެ ރައްޔިތުންނަށް މުޚާޠަބުކޮށް އަޅުގަނޑު މި ދަންނަވަނީ، ތޭވީސް ވަނަ ދުވަހު ލައްވާ ވޯޓަކީ އެއްވަނަ ނަންބަރަށް ލައްވާ ވޯޓެއް ކަމަށް ހައްދަވައިދެއްވާށޭ. ހަމަ މި ތަފާސް ހިސާބު، އަޅުގަނޑު މިއަދު ގަމުގައި، ތުނޑީ އަވަށުގައި ވާހަކަ ދައްކަމުން، ގަމަށް ކުރެވިފައި އޮތް ހޭދައިގެ ވާހަކަ އަޅުގަނޑު ދެންނެވިން. ފޮނަދޫގައި މި ކުރެވުނު ހޭދަ އަޅުގަނޑު މި ދަންނަވާލީ. އެއާ ޚިލާފަށް، ކުރީގެ ސަރުކާރުން ކަންކަން ކުރައްވާފައި ހުރިގޮތް އަޅުގަނޑުމެންނަށް ހާމަވަމުން މި އަންނަނީ.

 

އެހެންވީމާ މިއަދު، ޢުމްރާނީ ތަރައްޤީއަށް މި ކުރެވޭ ކަންކަމާއި، ރައްޔިތުންގެ އިޖްތިމާޢީ ހާލަތު، ސިއްޙަތު ދުޅަހެޔޮކުރަން، މިކުރާ ކަންކަމަށް، އެބޭފުޅުން ފާޑުވިދާޅުވިޔަސް، ހަމަ ޙަޤީޤަތުގައިވެސް އެ ފާޑުވިދާޅުވަނީ، އަޅުގަނޑު ޞިއްޙީ ދާއިރާއަށް މި ގެނައި ދުޅަހެޔޮކަން، އެބޭފުޅުންނަށް އޭގެ އަސަރު ނުފޯރާތީ. އަމުދުން ސިކުނޑިއަށް އެ ދުޅަހެޔޮކަން، އޭގެ އަސަރު ނުކުރާތީ، އެބޭފުޅުން އެ ވާހަކަފުޅު އެ ދައްކަވަނީ. އެހެންވީމާ، މި ބޭފުޅުންނަކާ، މިކަހަލަ ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް އޮންނާނެކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ. އެބޭފުޅުންނަކަށް ތަރައްޤީ ފެންނަކަމަކަށްނުވޭ. އެބޭފުޅުން ބްރިޖު ސަރަޙައްދުގައި މިރޭ މަސައްކަތް ކުރައްވާއިރު، ބްރިޖަކީ އޮތް އެއްޗެއް ކަމަކަށް ފެނިވަޑައެއްނުގަންނަވާ. އަދި ބްރިޖާ ދޭތެރޭގައި ފާޑުވިދާޅުވަމުން ބޭފުޅުން ގެންދަވާއިރު، އެ ބްރިޖުގެ މަތީގައި ދަތުރުކުރާ މީހުންނާއި، ޒުވާނުންނަށް އެ ލިބޭ ފަސޭހަކަމާއި، ޒުވާނުން ސަޅި ބްރިޖުގައި، ސަޅި ބައިސްކަލް ބުރާއި، ސައިކަލް ބުރު ޖަހާތަން، މި ބޭފުޅުންނަށް ފެނިވަޑައިނުގަތީމާ، ސިކުނޑިއަށް އެކަންޏެއްވެސް ނޫންކަންނޭނގެ ބޭސްކުރަންޖެހޭނީ. އެއީ ތަރައްޤީ. އެއީ ކޮންކުރީޓުގެ ތަރައްޤީ. އެއީ މިއަދު ދިވެހިރާއްޖެ ބޭނުންވާ ތަރައްޤީ. އެ ތަރައްޤީއާ ޚިލާފަށް ދެން އޮތީ ކޮން ތަރައްޤީއެއްތޯ؟ ދެން އޮތް ތަރައްޤީއަކީ ސިކުނޑިއާއި ރޫޙާނީ ތަރައްޤީ. ސިކުނޑިއާއި ރޫޙާނީ ތަރައްޤީ ނެތް ބައެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ދުވަސްތަކަކަށްފަހު، އަޅުގަނޑުމެން މަތިކުރަމުން، މަތިކުރަމުން، މަތިކުރަމުން މިގެންދިޔަ ސުވާލެއްގެ ޖަވާބު، މިރޭ އިބްރާހީމް މުޙައްމަދު ޞާލިޙު، އިންތިޚާބުގެ ވޯޓާ މިހާ ކައިރިވެފައި ހުއްޓާ ދެއްވައިފި. އޭނާއަށް ވިދާޅުވާން މިރޭ އޭނާގެ ޟަމީރު މަޖުބޫރުކޮށްފި. އަޅުގަނޑުމެން އަބަދުއަބަދު  މިވާހަކަ ދައްކާތީ. އޭނާވެސް މިރޭ ވިދާޅުވެއްޖެ، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގައެއް ނުދެއްވާނަމޭ. މި ވާހަކަ އެބަޖެހޭ، އިނގިރޭސިބަހުން ވިދާޅުވާން. މި ވާހަކަ އެބަޖެހޭ އޭނާ އިނގިރޭސިބަހުން ޓްވީޓް ކުރައްވަން. އަޅުގަނޑު ހިތަށްއަރާ، މިރޭ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ބަސް، ނޫނީ އެބޭފުޅާގެ ރޫޙާނީ ލީޑަރު މިރޭ ހާޓްއެޓޭކެއް ޖެހޭނެއޭ. އެއީކީ ޝައްކެއްއޮތް ކަމެއްނޫން.

 

އެހެންވީމާ، މަޖުބޫރީ ހާލަތަށް ދިޔައިމާ ނަމަވެސް، އެބޭފުޅުންގެ ދުލުން އެބަ ހެޔޮ ބަހެއް ނުކުމޭ. ރޭގައި އަޅުގަނޑު އިޝާރަތްކުރިން، ރައީސް ނަޝީދަށް މިހާރު ކޮންމެވެސްވަރަކަށް، އިސްލާމްދީނުގެ ޙަރާން ކަންކަން އެނގިވަޑައިގަންނަވާ. އެގޮތުން ވިދާޅުވެއްޖެ، ވައްކަންކުރުމަކީ އިސްލާމްދީނުގައި ޙަރާންކަމެކޭ. އެއަށްވުރެ ބޮޑެތި ޙަރާން ކަންކަން ހުރިކަމެއް އޭނާއަކަށް އެނގިވަޑައެއްނުގަންނަވާ. އޭނާގެ ވެރިކަމުގެ ދައުރުގެ ތިން އަހަރު، ރެދަލިވެގެންދިޔައިރު، އެއަށްވުރެ ބޮޑެތި ޙަރާން ކަންކަން އިސްލާމްދީނުގައި ހުންނަކަން އޭނާއަށް އެނގިވަޑައިގެންފައެއް ނެތް. އެހެންވީމާ، ދުވަސްތަކަކަށްފަހު ނަމަވެސް، އަދި ބަޔަކު ތަކުރާރުކޮށް ގޮވެލިފަތި ގޮވުމުގެ ނަތީޖާއަކަށް ނަމަވެސް، މިކަހަލަ ވާހަކަ މި ބޭބޭފުޅުންގެ ދުލުން މިހާރު ބޭރުވަމުން ދިޔުމަކީ، އަޅުގަނޑުމެން އުފާކުރާ ކަމެއް. އެންމެފަހުން އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް މިރޭ ވިދާޅުވާން މަޖުބޫރުވެއްޖެ، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގައެއް ނުދެއްވާނަމޭ. އަޅުގަނޑު އެއަށް މަރުޙަބާ ދަންނަވަން.

 

ފޮނަދޫގައި ހުރެގެން، ހައްދުންމަތީގައި ހުރެގެން ވާހަކަ ދައްކާއިރު، ހައްދުންމައްޗާ ދޭތެރޭގައި އޮތް ތަޞައްވުރުގެ ވާހަކަ ކޮންމެވެސްވަރަކަށް އަޅުގަނޑު ދައްކަންވާނެ. ހައްދުންމައްޗަކީ ބިންބޮޑު އަތޮޅެއް. އަދި ހައްދުންމައްޗަކީ، ބިންބޮޑުވީމަޔާއެކީ، މުސްތަޤްބަލެއް އޮތް އަތޮޅެއް. ހައްދުންމަތީގައި މި ފޮނަދޫއާ ދާދި ކައިރީގައި ޖެހިގެން މިއޮތީ ކައްދޫ. ބައިނަލްއަޤްވާމީ އެއަރޕޯޓެއް އެބައޮތް. ހަމައެހެންމެ، އެއަރޕޯޓާ މާ ދުރަކުނޫން ގަންވެސް އެއޮތީކީ. ގަމުގައި އަޅުގަނޑު ވާހަކަ ދައްކަމުން ދެންނެވިން، މި އެއަރޕޯޓަކީ ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް އަޅުގަނޑު ހަދާނަމޭ. އަދި އިރާދަކުރެއްވިއްޔާ، ތޭވީހުގެ ވޯޓަކީ، އަޅުގަނޑުމެންނަށް ނަތީޖާ، އަޅުގަނޑުމެން އެދޭގޮތަށް ލިބިގެންދާ ވޯޓެއް ކަމަށްވަންޏާ، އަޅުގަނޑުގެ ސަރުކާރުގެ ދެވަނަ ދައުރުގެ އެންމެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، މި އެއަރޕޯޓް ބޮޑުކޮށް، ބައިނަލްއަޤްވާމީ މަތިންދާބޯޓު، މި އެއަރޕޯޓަށް ޖައްސާނެ. އެޔާއެކީ ހުޅުވިގެން މިދަނީ ޙަޤީޤަތުގައި ޒުވާނުންނަށް އޮތް ފުރުޞަތު. ޙަޤީޤަތުގައި ތަނަވަސްކަން އިތުރުވެގެންދާ ފުރުޞަތު. ޙަޤީޤަތުގައި ހުރިހާ ފަންތިއެއްގެ، ހުރިހާ ގިންތިއެއްގެ މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ތަރައްޤީ. އާދެ، އޭރަށް ޓޫރިޒަމް މި ހިސާބަށް އާންމުވެގެންދާނީ. އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ އިސްކަމެއްދޭ އިންޓަރގްރޭޓެޑް ޓޫރިޒަމްގެ އެންމެ ބޮޑު ކޮންސެޕްޓެއްވެސް އޮތީ ހައްދުންމަތީގައި.

 

އެހެންނަމަވެސް، ހައްދުންމައްޗަށް އިންޓަރގްރޭޓެޑް ކޮންސެޕްޓެއް ހިފައިގެން ތެދުވަން އަޅުގަނޑުމެންނަށް ދަތިވީ، އެ މަޝްރޫޢު އަޅުގަނޑުމެން ފަރުމާކޮށް، އެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދިޔައިރު، އަޅުގަނޑުމެންނަށް އެނގުމަކާ ނުލައި، ރާއްޖޭގެ އެކި ހިސާބުގެ ފަޅުތަކާއި، ރަށްތަކާ، އެކި ގޮތްގޮތަށް ދެމުންގެންދިޔަ. މީގައި އެންމެބޮޑު މަންފާއެއް ލިބިފައި ހުންނެވި އެއް ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު. އަޅުގަނޑުމެންނާއެކީ ކޯލިޝަން ހަދައިގެން ހުރިއިރުވެސް، އަޅުގަނޑުމެން ބަޖެޓަށް، އެބޭފުޅާގެ ވޯޓު ހޯދަނީވެސް، އަދި އެބޭފުޅާގެ ޕާޓީގެ މެންބަރުންގެ ވޯޓު ހޯދަނީވެސް، މިދެންނެވި ފަޅުތަކާއި، ބިންތަކާ، އެބޭފުޅާއަށް ލިބުނީމާ. މިކަންކަން ހިނގާފައި ހުރީކީ ރައީސުލްޖުމްހޫރިއްޔާއަށް އެނގިގެނެއްނޫން. މިކަންކަން ހިނގާފައި ހުރީ އޭރު ޓޫރިޒަމް މިނިސްޓްރީ ބަލަހައްޓަމުން ގެންދެވި އަޙްމަދު އަދީބު ޤާސިމާ ދޭތެރޭގައި އެ ކުރެއްވި މުޢާމަލާތުތަކެއްގެ ތެރޭގައި، މުވާޞަލާތުތަކެއްގެ ތެރެއިން. އެކަންކަން މިއަދު ފެންމަތިވެގެން، ތިލަވެގެން، އެކަންކަމުގެ ސުވާލު އުފެދިގެން، ތަޙުޤީޤު ކުރެވިގެން، ޙުކުމްތަކެއް ތަންފީޛުވަމުން އެދަނީ.

 

އެކަމަކު، އޭރުވެސް އޭ.ސީ.ސީ. އޮތް. އޭރުވެސް އޮޑިޓަރ ޖެނެރަލް ހުރި. އަދި އޭގެ ކުރިންވެސް އޮޑިޓަރ ޖެނެރަލާއި އޭ.ސީ.ސީ. ހުރި. އަޅުގަނޑުމެންނަށް ކަންކަންވީގޮތް ކިހިނެއްތޯ ފެނިގެންދިޔައީ؟ ރައީސް މައުމޫން، އަމިއްލަ ދޫފުޅުން ވިދާޅުވި، 2008ގެ ވޯޓާ ކައިރިވެފައި އޮއްވާ ވިދާޅުވި، އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓަކީ ޓައިމް ބޮމެކޭ. އެހެންވީމާ، ޓައިމް ބޮމުން ކުރާ އަސަރު، އެމަނިކުފާނަށް އޭރު އިޙްސާސްވި. އަޅުގަނޑުމެންނަށް އިޙްސާސްވި. ދައުލަތުގެ އެތައް ތަނެއްގެ އޮޑިޓް ރިޕޯޓް ނުކުމެގެން ދިޔައިރު، ޚާއްޞަކޮށް، ރައީސް މައުމޫނަށް ނިސްބަތްވާ ގޮތަށް، ރައްދުވާ ގޮތަށް، އެ އޮޑިޓް ރިޕޯޓް ނިންމީ ކޮންބައެއްތޯ؟ އެކަމަށް ހުރިހާ ހިތްވަރެއް ދިން ބަޔަކީ އެމް.ޑީ.ޕީ. ހަނދާނަކީ ބަލި އެއްޗެއް. ދިވެހީންގެ ހަނދާނަކީ އަދި މާވެސް ބަލި އެއްޗެއް. މާ ބަލި އެއްޗެއް. އެ ޓައިމް ބޮމުގެ ސަބަބުން، އިންތިޚާބުގައި އެހާބޮޑު ނާކާމިޔާބެއް ލިބިގެން ދިޔައީ. އޮޑިޓް ރިޕޯޓުން ދައްކައިދިނީ، އެތަން މިތަނުގައި ކޮރަޕްޝަން އޮތް ވާހަކަ. އެއީ އޭރު، އެމް.ޑީ.ޕީ.އިން ބޭނުންވެގެން އޭރު ހުރި އޮޑިޓަރ ޖެނެރަލް އެކަން ކުރިގޮތް. އަދި އޭގެފަހުންވެސް މަސައްކަތްތަކެއް ކުރީ، ޔާމީން، އޭރު އަޅުގަނޑަކީ ރިޔާސީ ކެންޑިޑޭޓެއްވެސް ނޫން. އެކަމަކު ޕީ.ޕީ.އެމް.ގެ އިސްކޮށް މަސައްކަތް ކުރަމުން ގެންދިޔަ މީހެއް. ސިންގަޕޫރުގެ އެސް.ޓީ.އޯ.އިން ކުރަމުންގެންދިޔަ ތެލުގެ ވިޔަފާރީގައި، ކިހާވަރަކަށް އަޅުގަނޑަށް ބައިއެޅެމުންދިޔަތޯ؟ މޫސަ އެއްޗެކޭ ހީނުކުރައްވާތި! އެ ވިޔަފާރީގައި އަށްސަތޭކަ މިލިއަން ޑޮލަރު މިހާރުވެސް، ފޮރުވާފައި ހުރި ވާހަކައާއި، އަދިވެސް ކޮޓަރިއެއްގެ ކަނުގައި އިނދެގެން، ދުވާލަކު އެއްފަހަރު ނޫޓުތައް ގުނާ ވާހަކަ، ރައީސް ނަޝީދު ވަރަށްފަހުންވެސް ވިދާޅުވި. އަޅުގަނޑު އޭރު ހަދިޔާކުރިން، އެ އަށްސަތޭކަ މިލިއަން ހޯއްދަވައިދެއްވާށޭ. އެ ހަދިޔާވެސް އަޅުގަނޑު އެރުވީ މޫސައަށް. އަޅުގަނޑު ދެންނެވިން، އޭގެތެރެއިން އަޅުގަނޑަށް ބޭނުންވާނީ ހަމަ ދިހަވަރަކަށް މިލިއަނޭ. ނޫނީވިއްޔާ  ވިހި ޕަސެންޓޭ. އަނެއް އަށްޑިހަ ޕަސެންޓް ގެންދަވާށޭ. އެކަމަކު އޭރު އެވާހަކަ އެ މަސައްކަތް ކުރެވި، އަދި އެމް.ޑީ.ޕީ. ސަރުކާރުން ހިތްވަރުދީގެން، އެތަކެއް ދަތުރުކުރެވުނު. އަދި ސަރުކާރުގެ ބަޖެޓުން ބޮޑު ހޭދަކޮށްގެން، ބޭރުގެ އިންޓަރނޭޝަނަލް އޮޑިޓިންގ ފާމެއް ހަޔަރ ކުރި. ގްރާންޓް ތޯންޓަން. މިކަމުގައިވެސް، އެންމެ އިސް މަސައްކަތެއް ކުރެއްވީ، އޭރު ހުންނެވި އޮޑިޓަރ ޖެނެރަލް މާކުން ނަޢީމް. އެއްކަލަ ޓައިމްބޮމްވެސް އުފެއްދި މާކުން ނަޢީމް. ދެން ކަންކަން ވެގެންދިޔައީ ކިހިނެއްތޯ؟ ކަންކަން ވެގެންދިޔަގޮތަކީ، އޭރު އެކުރި މަސައްކަތުން، އެބޭފުޅުންނަށް ހަމަ އެކައްޗެއްވެސް ނުފެނުނީ. އެއްވެސް އެއްޗެއް ނެތީ.

 

ދެން އެހިސާބުން އޮޑިޓަރ ޖެނެރަލާ ދޭތެރޭގައި، ރައްޔިތުންގެ މަޖިލީހުގައި ސުވާލުތަކެއް އުފެއްދި. ޙަޤީޤަތުގައިވެސް އޭނާގެ ކެރެކްޓަރއާ ދޭތެރޭގައި ސުވާލުތަކެއް އުފެއްދި. އޭނާއަކީ މިކަންކުރަން އަމާނާތްތެރިއެއްތޯވެސް އަޅުގަނޑުމެން ސުވާލު އުފެއްދީން. މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެންފައިވެސް އޭނާ އޭރު ވާހަކަތައް ފަށްޓަވަނީ، ޤުރްއާނުގެ އާޔަތަކުން. މިއަދުވެސް ޤުރްއާނުގެ އާޔަތާއި، ޙަދީޘްކިޔާ މީހުން، ދެން އެއަށްފަހު ދައްކާ ވާހަކަ އަޑުއައްސަވާ. ކަމެއް ވަންހަނާކުރަން ބޭނުމިއްޔާ، ކަމެއް އޮޅުވާލަން ބޭނުމިއްޔާ، މިވަރުވުން ތަންފުކެއް ބޮޑު. އަޅުގަނޑުމެން މާލިއްޔަތު ކޮމިޓީއަށް މާކުން ނަޢީމް އޭރު ޙާޒިރުކުރީމާ، ހަމަ ޤުރްއާނުން އާޔަތެއް ކިޔާފައި ނޫނީ، އެއްވެސް ވާހަކައެއް އޭނާއަކަށް ނުދެއްކޭ. އެކަމަކު ނިމިގެންދިޔައީ ކިހިނެއްތޯ؟ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި ބަދުނާމުތަކަށް، އޭނާއަށް ޖަވާބު ނުދެވިގެން ދިޔައީ. އަދި ގްރާންޓް ތޯންޓަން އޭނާ ލައްވާ އެކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ، ކޮބައިތޯ؟ ރާއްޖޭގެ އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމުން އޭނާ ޢަޒުލްވެގެން ދިޔައީ. އޭނާގެ މައްޗަށް ހުށަހެޅިފައި ހުރި ތުހުމަތުތައް، އޭނާގެ މައްޗަށް ސާބިތުވެގެންދިޔައީ. ދެން ކުރަންޖެހޭ ސުވާލަކީ، މީނާއަށް ވަޒީފާ، ދެން ދިނީ ކާކުހޭ؟ މީނާއަށް ވަޒީފާދިނީ، ގަބޫލުކުރައްވާ! ގްރާންޓް ތޯންޓަނުން މީނާއަށް ވަޒީފާ ދިނީ. މީނާ ދެން ރާއްޖެއިން ފުރުއްވައިގެން ވަޑައިގެން، މީނާ ދެން މަސައްކަތް ކުރެއްވީ، ސަރަޙައްދުގައި ހުރި، ނޫނީ ތަންކޮޅެއް ދުރު، ސިންގަޕޫރުގައި ހުރި ގްރާންޓް ތޯންޓަންގެ އޮފީހުގައި. މިއީ މިވަރު މަޤާމުތަކަށް އަޅުގަނޑުމެން ނަގާ މީހުންގެ ފެންވަރު ހުންނަވަރު. މިކަހަލަ މީހުންނަށް، މި ދެންނެވިކަހަލަ ނުފޫޒު ފޯރުވައިގެން، ކުރުވާ ކަންތައް.

 

އޭގެފަހުން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އަނެއްކާވެސް އަޅުގަނޑުމެން އޮޑިޓަރ ޖެނެރަލެއް، އޭނާ ރިޕްލޭސް ކުރަން ނެގީމު. އަޅުގަނޑުމެން ނެގީ ނިޔާޒް އިބްރާހީމް. ކޮލިފިކޭޝަން އޮތް ބޭފުޅެއް އޭނާއަކީ. އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، އޭނާއާ ސުވާލު ކުރިއިރު، އެންމެގިނަ މަޢުލޫމާތު ހުރި، ސުވާލުތައް ކުރަން، ނޫނީވިއްޔާ މަޢުލޫމާތު ހުރިތޯ ބެލުމުގެ ގޮތުން އެންމެ ގިނަ ސުވާލުކުރި މީހަކީ އަޅުގަނޑު. އަޅުގަނޑު ހިތްހަމަޖެހޭވަރަށް، އޭނާ ޖަވާބު ދެއްވި. އޭނާއަކީ ޕްރޮފެޝަނަލެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނު. އެކަމަކު، މާގިނަ ދުވަސްތަކެއްނުވެ، އަނެއްކާވެސް މީނާގެ ތެރެއަށްވެސް މިވަނީ ސިޔާސީ ނުފޫޒުތަކެއް.

 

އަޅުގަނޑު މިވާހަކަ ދަންނަވާލުމުގެ ބޭނުމަކީ، މާކުން ނަޢީމް، އޮޑިޓަރ ޖެނެރަލަކަށް ހުންނަވައިގެން، ދެން ހިނގައިދިޔަ ކަންތައްތަކެއް ބެއްލެވުނު ކަމަކަށްނުވޭ. އަޅުގަނޑު ރޭގައި މި ހަވާލާދިން މައްސަލަ، ޖީ.އެމް.އާރަށް އެއަރޕޯޓް ދޫކޮށްލީމާ ލިބުނު ގެއްލުން ބަލައިލާކަށްވެސް ކެރިވަޑައެއްނުގެންނެވި. ދެން ވަޑައިގެންނެވީ، މިދެންނެވި ނިޔާޒް އިބްރާހީމް. އޭނާއަކަށްވެސް މިއިން މައްސަލައެއް ބަލައިލާކަށް ނުކުރެނު. އެކަމަކު އޭނާ އަޅުގަނޑު ކައިރިއަށް ވަޑައިގެންނެވި. އަޅުގަނޑު ކައިރިއަށް ވަޑައިގަތީ އަޙްމަދު އަދީބުގެ ކޮރަޕްޝަންގެ ވާހަކަ ދައްކަން. އޭނާއަކަށް އެނގިވަޑައެއްނުގަންނަވާ، އޭރު އެމް.އެމް.ޕީ.އާރު.ސީ.އިން ކަންތައް ގެންދާ ގޮތެއް. އޭނާއަކަށް ފެނިވަޑައިގެންނެވި ކަމަކަށްނުވި، އެތަން މިތަނުން ފަޅު ރަށްރަށާއި ފަޅުތައް، ޤާސިމް އިބްރާހީމަށް ދެއްވާފައި ހުރިކަމެއް. އޭނާއަކަށް އެނގޭކަމަކަށްނުވި. އެކަމަކު އޭނާ އަޅުގަނޑަށް ހުށަހެޅުއްވި މައްސަލައެއް އޮތް. އޭނާ އަޅުގަނޑަށް ހުށަހެޅުއްވި މައްސަލައަކީ، އެމް.އެމް.ޕީ.އާރު.ސީ. އިން އެބަ ޑޮލަރު ދީފައި، ޕޯޓްސް އެތޯރިޓީއަށް، އެމް.ޕީ.އެލް.އަށް ޑޮލަރު ދީފައި، ދިވެހި ރުފިޔާ އެޑްވާންސަށް އެބަ ނަގައޭ. މިއީ މަނީ ޗޭންޖަސް ލައިސަންސް އޮވެގެން ނޫނީ ކުރެވޭނެ ކަމެއް ނޫނޭ. މިއީ އެތާ ބޯޑުން ފާސްކޮށްގެން، އަދި މަނީ ޗޭންޖަސް ލައިސަންސް އޮވެގެން ކުރެވޭ ކަމެއް. މިއީކީ އެވަރުގެ ކުށެއްނޫން. ޑޮލަރު ހުންނަ މީހަކު، ދިވެހި ރުފިޔާ ގަންނާނެ. ދިވެހި ރުފިޔާ ހުންނަ މީހަކު، ޑޮލަރު ބޭނުމިއްޔާ ގަންނާނެ. ޤާނޫނު ހަދާފައި، ޤާނޫނުން އެކަން މަނާކުރަން އަޅުގަނޑުމެން މަސައްކަތް ކުރާއިރު، އެ ހަދާ ޤާނޫނަކީ ހިންގޭވަރު ޤާނޫނަށް ވާންޖެހޭނެ. އެކަމަކު، މި މައްސަލަ އަޅުގަނޑު ކައިރިއަށް ގެންނެވި. މީނާގެ ޚިޔާލުފުޅަކު ނެތޭ، މީނާއަކަށް ނުފެނުނޭ، ޤާސިމަށް އެކި ކަންކަމުގައި ދޫކޮށްފައިހުރި ފަޅުތަކެއް. ޓެންޑަރަކަށް ނުލާ، އުސޫލުން ބޭރުން ދޫކޮށްފައިހުރި ފަޅުތައް. ހަމަ އުސޫލުން ބޭރުން ދޫކޮށްފައިހުރި ބިންތައް. ކިހިނެއްތޯ ކަންތައްތައް ނިމިގެންދިޔައީ؟ މީނާ އެ ދެއްކެވި ވާހަކައެއް ދައްކަވާފައި، ދެން ނުކުމެވަޑައިގެން ވަޑައިގެން ޙަޤީޤަތުގައި މީނާގެވެސް ވަޒީފާ ގެއްލުނީ. މީނާއަކީވެސް އެވަރު ކްރެޑިބަލް، އެވަރުގެ އިޚްލާޞްތެރި ބޭފުޅެއް، ނޫނީވިއްޔާ އޭނާއާ ހަވާލުކުރެވުނު އަމާނާތުގެ ޕްރޮފެޝަނާ އެވަރުގެ އިޚްލާޞްތެރިކަން ހުރި ބޭފުޅަކަށްނުވި. ދެން އޭނާ ވަޒީފާއަށް ވަޑައިގަތީ ކޮންތާކަށްތޯ؟ ގަބޫލުކުރައްވާ! އޭނާ ވަޒީފާއަށް ވަޑައިގަތީ، ޤާސިމް ކައިރިއަށް.

 

މިއީ އަޅުގަނޑުމެންގެ ހާލު ހުރި ގޮތް. ގްރާންޓް ތޯންޓަން ލައްވައި، އެމް.ޑީ.ޕީ.އިން އޭރު މާކުން ނަޢީމް ލައްވައި، އޮޑިޓަރ ޖެނެރަލް ލައްވައި ކުރުވި މަސައްކަތުގެ ނަތީޖާ، މިކަހަލަ ޓައިމް ބޮމްތަކާއި، ދެން އެނޫންވެސް ކެޕްސޫލްތައް އުފެދިގެން ދިޔައީ. އޭނާގެ ވަޒީފާ ގެއްލުނީމާ، އޭނާ ނޯކިރީކުރަން ދިޔައީ ގްރާންޓް ތޯންޓަން  ކައިރިއަށް. ނިޔާޒް އިބްރާހީމްގެ ވަޒީފާ ގެއްލުނީ. އޭނާ ހުންނެވީއިރު، އޭނާއަކަށް ނޭނގުނު، ފަޅުތަކާއި އެއްޗެތި، ޤާސިމަށް ދެއްވާފައި ހުރީ ޤާނޫނާ ޚިލާފަށް ކަމެއް. އޭނާއަކަށް ކުޑަކޮށްވެސް ބަލައިލާކަށް ނުކެރުނު، ބަންޑާރަ ނައިބުގެ ލަފާ، އޭގައި އޮތްތޯ. އޭނާ ބަލާކަށް ބޭނުމެއްނުވި، ރައީސް އޮފީހުގެ ހުއްދަ ނަގައިގެން ކޮށްފައި އޮތް ކަމެއްތޯ. އޭނާވެސް ވަޒީފާ ގެއްލުނީމާ ދިޔައީ، ޤާސިމް އިބްރާހީމް ކައިރިއަށް. ކީއްވެގެންތޯ މިކަހަލަ ވާހަކަ އަޅުގަނޑުމެންނަށް ދައްކަން ޖެހިލުންވަނީ؟ މިއި މިކަމުގެ ޙަޤީޤަތް އޮތްގޮތް.

 

އަދި ހަމައެގޮތަށް އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ހިނގަމުންދާއިރު، ވިޔާނުދާ ކޮންމެ ކަމެއް ކުރުމަށް، ކޮންމެވެސް މުއްސަންޖެއްގެ ފައިސާ މި ދައުރުވަނީ. ގިނަފަހަރު އެއީ އެއް މުއްސަންޖެއް. ގިނަފަހަރު އެއީ ރާއްޖެއަށް ނުތަކާވަރުގެ މުއްސަންޖަކަށް ވެގެންމިދަނީ. ރާއްޖޭގައި ހުރި ހުރިހާ މިލްކަކީ، އޭނާގެ އެއްޗަކަށް ވާން އެބަޖެހޭ. ދާދިފަހުންވެސް، އަޅުގަނޑުމެން ޕާޓީން މިކުރާ ސިޔާސީ މަސައްކަތުގައި، ސިޔާސީ މަސައްކަތް، ސިޔާސީގޮތުން ހަނގާކުރާކަށް ނުކެރޭ މި މީހުންނަކަށް. ކޮލަމާފުށީގައި ޖަގަހައަށް، ދުވަހަކު މީހަކު ނުދޭވަރުގެ ބޮޑު ގެއްލުން ދިން. މީގެ ދެ ދުވަސްކުރިން ކޮލަމާފުށީ ޖަގަހައަށް ދިން ގެއްލުން، އެ ދިން މީހުން، ޙަޤީޤަތުގައި އަށާރަ މީހަކު އެވަނީ، ފުލުހުން ނަގައި ހައްޔަރުކޮށްފައި. މީގެ ދެ ދުވަސްކުރިން އެ ޢާއިލާތަކަށް، ކޮންމެ ޢާއިލާއަކަށް ދެހާސް ރުފިޔާ ދެމުން އެ ހިނގީ ކާކުތޯ ބައްލަވާ! އެއީ ކާކުގެ ފަރާތުން ދެވުނު ދެހާސް ރުފިޔާތޯ ބައްލަވާ! މިއީ އަޅުގަނޑުމެންގެ ހާލު ހުރިގޮތް.

 

އެހެންވީމާ، މިކަހަލަ ކަންތައްތައް ކުރާއިރު، އޮޑިޓަރ ޖެނެރަލްގައި ތިބޭ މީހުންނަށް މިކަންކަން ނުކުރެވުނީމާ، އަޅުގަނޑުމެން ހައިރާންވޭ. މިހާރު މިއޮތީ އަނެއްކާ މޫސުމެއް އައިސްފައި. އަޅުގަނޑެއް ބިރެއްނުގަންނާނެ، ޓައިމް ބޮމެއް އަޅައިގެންނެއް. އަޅުގަނޑެއް ބިރެއްނުގަންނާނެ، ރިޕޯޓެއް ނުކުމެގެންނެއް. އެއީ ރިޕޯޓް ނެރެފައި، އެ ރިޕޯޓް ޑިފެންޑް ކުރަން އެމީހަކު ހުރެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޙައްޤު އަޅުގަނޑުމެން ބަޔާންކުރާނަން.

 

އެހެންވީމާ، އޭ.ސީ.ސީ.ވިޔަސް، އޮޑިޓަރ ޖެނެރަލްވިޔަސް، އަދި އެހެން ތަނަކުންވިޔަސް، ނެރެންވާ ރިޕޯޓެއް މިހާރު އޮންނަންވާނީ ނެރެފައި. އަޅުގަނޑު މިދިޔަ އަހަރުވެސް ދެންނެވިން. އަދި އޮޑިޓަރ ޖެނެރަލް އެގޮތަށް ކަންތައްތައް ކޮށްދެއްވި. ދައުލަތުގެ، ސަރުކާރުގެ ހުރި ހުރިހާ ބޮޑެތި މިނިސްޓްރީތައް، އަޅުގަނޑު ބޭނުންވެޔޭ، މިދިޔަ އަހަރުގެ ނިޔަލަށް އޮޑިޓް ރިޕޯޓް ނެރެން. އަޅުގަނޑު ބޭނުމެއްނުވޭ، އެއްވެސް ތަނެއްގައި މައްސަލައެއް އޮންނާކަށް. އޮޑިޓުގައި ބޮޑެތި މައްސަލަތަކެއް ހުރެއްޖެ ކަމަށްވަންޏާ، އަޅުގަނޑަށް ކެރޭނެ، އެއާ ދޭތެރޭގައި ފިޔަވަޅު އަޅަން.

 

އެމް.ޑީ.ޕީ. ސަރުކާރުގައި ކިހިނެއްތޯވީ؟ މިހާރުވެސް އެންމެ ބޮޑެތި އަދަދުގެ ފައިސާތައް، އިހަށްރޭ ޢަބްދުއްރަޙީމް ކޮންމެވެސް ތަނެއްގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް އެ ލިސްޓް ހަމަ ހުރިގޮތަށް ކިޔާލަދެއްވި. ޢަބްދުއްރަޙީމަށްވުރެ މި ލިސްޓަށް ބޮޑަށް ފަރިތަވާނީ މަލީޙާއި އަމީނާ. މިއީ ކުލަޖައްސައިގެން މި ލިސްޓްގެ ހުރި އަދަދުތައް ކީ މީހުން. އެކި ވަޒީރުންގެ ވުޒާރާތަކުން، އަދި ވަޒީރުން އަމިއްލައަށް އެބޭފުޅުންނަށް ދީފައި އޮތް ފޯނު، ނާޖާއިޒްކޮށް ބޭނުންކުރުމުގެ ނަތީޖާ. އެތައް މިލިއަނެއް، އެކި ތަންތަނުން ފަސްސަތޭކަ މިލިއަނުން، ތިންސަތޭކަ މިލިއަނުން. ކީއްވެގެންތޯ އެމް.ޑީ.ޕީ. ސަރުކާރަށް މި ފައިސާ ހޯދަން ނުކެރުނީ؟ މިއަދު ކީއްކުރަންތޯ ފައިސާ ހޯދާނަމޭ މި ކިޔަނީ. ކީއްވެގެންތޯ އެފް.ޕީ.އައި.ޑީ.ގެ މައްސަލަ ބަލަން ނުކެރުނީ؟ ނުކެރޭނެ. ނުބެލޭނެ. އެކަމެއް ނުވާނެ އެމީހުންނަކަށް.

 

އެހެންވީމާ، ކޮރަޕްޝަނުގެ ފައިސާ ހޯދާ ވާހަކައާއި، ދައުލަތަށް ގެއްލިފައި ހުރި ފައިސާ ހޯދާ ވާހަކަ ދައްކާކަމަށްވަންޏާ، އެއީ އަމިއްލަ މެޔަށް ޚަންޖަރު ހެރުންކަހަލަ ކަމެއް އެމީހުންނަށްވާނީ. އެކަންކަން ކުރާކަށް އެމީހުންނަކަށް ނުކެރޭނެ. މި ސަރުކާރުން މިހާތަނަށް ސަރުކާރުން ފޭދިގެން ގޮސްފައި ހުރި ފައިސާ، އެކި ސަރުކާރުތަކުން ފޭދިގެން ގޮސްފައި ހުރި ފައިސާ، ކިހާ އަދަދެއްތޯ؟ އެ މަސައްކަތް، އާރުލާގޮތަކަށް ކުރީ ހަމަ މި ސަރުކާރުން. އަޅުގަނޑުމެން ރިޔާސީ ކޮމިޝަނެއް އުފެއްދީ މީހުންނަށް ބިރުދައްކާކަށް ނޫން. އަޅުގަނޑުމެން ރިޔާސީ ކޮމިޝަނެއް އުފެއްދީކީ އެއްގޮތަކަށްވެސް ކުރީގެ ސަރުކާރުގައި ތިބި ވަޒީރުން ހިފާ ހައްޔަރުކުރާކަށްވެސް ނޫން. އަދި ފުލުހުން ނެރެގެން އެމީހުން ރިޔާސީ ކޮމިޝަނަށް ޙާޒިރުކުރާކަށްވެސް ނޫން. އަދި އެ ރިޔާސީ ކޮމިޝަންގެ ބާރު ލިބިގެން މާލޭ ސިޓީ ކައުންސިލުން، މަޖިލީސް ކުރިމަތީގައި ދޫލައަޅައިގެން، މުސައްލަ ޖަހައިގެން، އެމީހުން މީހުންގެ ގޯތިގެދޮރު ނަގާކަށްވެސް ނޫން. އަޅުގަނޑުމެން ތަހުޒީބީ މިންގަނޑުތަކާ އެއްގޮތަށް އަޅުގަނޑުމެން މި މަސައްކަތް ކުރީ.

 

މިހާރުވެސް އަޅުގަނޑު މި ދަންނަވާގޮތަށް އެމް.ޑީ.ޕީ. ސަރުކާރުގައި، އެކި ވަޒީރުންނަށް ނިސްބަތްވެފައި ހުރި ކޮރަޕްޝަންގެ ވާހަކަ، އެބޭފުޅުންނަށް އަޅުގަނޑުމެން ސިޓީއިން ދެންނެވީމާ، ބައެއް ބޭފުޅުން އެއަށް ފައިސާ ދައްކަވާ. އަނެއްބައި ބޭފުޅުންގެ މައްސަލަ އެހުރީ މަދަނީ ކޯޓުގައި. އަޅުގަނޑުމެން ނުނެރެމޭ، އެބޭފުޅުން ބިރުގަންނަވާކަށް މީހުންނެއް. އަޅުގަނޑުމެން އެބޭފުޅުންނަކަށް ދައްޗެއް ނުކުރަމޭ. އެއީ ތަހުޒީބީ މުޖުތަމަޢެއްގައި ކަންތައް ކުރާނެގޮތް. އެފް.ޕީ.އައި.ޑީ.ގެ މައްސަލައިގެ ވާހަކަ ދައްކާއިރުވެސް، އަޅުގަނޑު މިރޭވެސް ދަންނަވާނަން. އެފް.ޕީ.އައި.ޑީ.ގެ މައްސަލައިގައި، އެ މައްސަލަ ރައްދުވާ ބޭފުޅުންނަށް ދަންނަވާނަން. އެބޭފުޅުން އަދި ރާއްޖެ ވަޑައިގަތަސް، އެބޭފުޅުން ހިފާ ހައްޔަރެއް ނުކުރާނެ، މި ސަރުކާރަކުން. އެކަމަކު އެބޭފުޅުން ޖަވާބުދާރީވާނެ.

 

އެކަމަކު، މިކަހަލަ ވާހަކަތަކަކަށް އެމް.ޑީ.ޕީ. ބޭފުޅުންނަކަށް، އެމް.ޑީ.ޕީ. މީހުންނަކަށް ޖަވާބެއް ނުދެވޭނެ. އިބްރާހީމް މުޙައްމަދު ޞާލިޙަކީ އޭރުވެސް މަޖިލީހުގައި އިން މެންބަރެއް. އޭރުވެސް އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމް.ޑީ.ޕީ.ގެ ޗެއަރމަން އެއީ. ނޫނީވިއްޔާ ޕާރލަމެންޓްރީ ގްރޫޕްގެ ލީޑަރު އެއީ. އެހެންވީމާ، އޭރު ނުބެލުނު މައްސަލައެއް، މިހާރު ބެލޭނެކަމަށް އެ ވިދާޅުވަނީ. އެއީ ރަނގަޅު ވާހަކައެއް ނޫން. އެކަންކަމެއް އެބޭފުޅުންނަކަށް ނުކުރެއްވޭނެ.

 

މި ރަށުގައި ޙަޤީޤަތުގައި، ނޫނީ ކައްދޫގައި ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް އެއަރޕޯޓް ބަދަލުވެގެން ދިޔައިމާ، ޙަޤީޤަތުގައި އިންޓަރގްރޭޓަޑް ޓޫރިޒަމް މިތަނަށް އަންނާނެ. ހައްދުންމައްޗަކީ ބިމުގެ ޖާގައޮތް ތަނެއް. އެހެންވީމާ އަޅުގަނޑަކަށް ނޭނގެ، މިތާ އުފެދިގެންދާނީ ކިތައް އެނދުކަމެއް. އެކަމަކު އަޅުގަނޑަށް ކަށަވަރުކޮށްދޭން  އެނގޭ އެއްޗަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގެ ދެ އަހަރުގެ ތެރޭގައި، މިހާރު ކައްދޫގައި އެ އޮތް އެއަރޕޯޓަކީ، ބައިނަލްއަޤްވާމީ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހަދާނެކަމާއި، އަދި އެ އެއަރޕޯޓަށް ޖައްސާނީ ހަމަ ސީދާ ބޭރު ކަރަކަރައިން އަންނަ މަތިންދާބޯޓް. ކޮންމެހެން މާލޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓަކަށް ޖައްސާކަށް ނުޖެހޭނެ. މިއާއެކީ ޓޫރިޒަމް މިތަނުގައި ތަރައްޤީވެގެންދާނީ.  އެހެންވީމާ، މިއީ އުއްމީދަކީ. މިއީ ރައްޔިތުން ކުރަންވީ އުއްމީދަކީ. މިއީ ޒުވާނުން އިންތިޒާރު ކުރަންވީ ވަގުތުކޮޅަކީ.

 

އެހެންވީމާ، ދަންނަވާލާނަން، މިކަހަލަ ކަންކަން ތިޔަބޭފުޅުންގެ ޚިޔާލުގައި ބަހައްޓަވާ. ޚިޔާލުގައި ބަހައްޓަވައިގެން ވިސްނާވަޑައިގަންނަވާ! ވޯޓުގެ ދުވަސްވަރު ވަރަށް ހަދިޔާ ބަދިޔާ ބަދަލުވާނެ. އެކަމަކު އެ އަވައިގައި ޖެހިވަޑައިނުގަންނަވާ! އެކަން ނުކުރައްވާ! އިޚްލާޞްތެރިކަން ހޯއްދަވާ! ހިތުން ޖާގަދެއްވާ އިޚްލާޞްތެރިކަމަށް. ހިތުން އެއަށްވުރެ ބޮޑު ޖާގައެއް ދެއްވާ، ޤައުމުގެ ޙައްޤުގައި ތިމަންނާމެން ކޮންމެ މީހަކު އަމާނާތެއް އެބަ އަދާކުރަން ޖެހޭކަމަށް. ހިތުން ތަންކޮޅެއް ހޯއްދަވާ، މިހާހިސާބަށް ތިމަންނާމެންނަށް ތަރައްޤީ ގެނެސްދިން މީހަކީ ރައީސް ޔާމީނޭ. އެހެންވީމާ، ހިތުން މިކަންކަމަށް ޖާގަ ހޯދިއްޖެ ކަމަށްވަންޏާ، ދެން އެ ހަދިޔާ ބަދަލުކުރިޔަސް، ހިތުން އެ ހަދިޔާއަކަށް ޖާގައެއް ލިބިގެނެއްނުދާނެ.

 

އެހެންވީމާ، އަޅުގަނޑުމެން އިންސާނުންނަކީ، ޟަޢީފު ބައެއްކަން އަޅުގަނޑުމެން ގަބޫލުކުރާއިރުވެސް، މި ވާހަކަތައް މިހާ ދުރާލާ އަޅުގަނޑުމެން މި އިލްތިމާސް ކުރީމާ، ކޮންމެވެސްވަރަކަށް މިކަންކަމާ ދޭތެރޭގައި ފޮނަދޫގެ ރައްޔިތުން، ގަމުގެ ރައްޔިތުން، މުޅި ރާއްޖޭގެ ރައްޔިތުން ވިސްނާވަޑައިގަންނަވާ! އެމީހެއް ލާ ވޯޓު، އެމީހަކާ ބައްދަލުކުރާނެ ނަތީޖާ ނެރޭ ނިޒާމަށް ކިޔަނީ ޑިމޮކްރަސީ. ޑިމޮކްރަސީގައި ނިންމިދާނެ، އަޅުގަނޑުމެން އެންމެ ނޭދޭ ކަންތައްތައް ކުރަންވެސް. އެއީ ރައްޔިތުން އެގޮތަށް ވޯޓުލައިފި ކަމަށްވަންޏާ، އެކަން ނިމިދާނެ. އެކަމަކު ޑިމޮކްރަސީގައި ވޯޓުލުން މުހިންމުވެގެން މިދަނީ، އެ ވޯޓުލެވެނީ ކިހާވަރެއްގެ ކަމަކަށްތޯ ވިސްނަން މިޖެހެނީ، ރައްޔިތުންގެ މަޖިލީހަށް ބިލެއް އައިމާ، އެއާ ދޭތެރޭގައި ވިސްނަން އެބަޖެހޭ.

 

އެއީ، ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރިކޮށްދޭ ބިލެއްތޯ އެބަ ވިސްނަންޖެހޭ. ރައްޔިތުންނަށް ތަރައްޤީ ގެނައުމަށް، މި ދެންނެވީ، ފޮނަދޫއަށް ގެނައުމަށް ހަތްސަތޭކަ މިލިއަންގެ މަޝްރޫޢު، އަޅުގަނޑުމެން އެކި ފަހަރުމަތިން ޖަހައިގެން ދިޔައިރު، އަޅުގަނޑު ކައިރީ ތިޔަބޭފުޅުން ވިދާޅުވެދެއްވާ! ތިޔަބޭފުޅުން ދެކެވަޑައިގެންނެވިންތޯ، އެމް.ޑީ.ޕީ.ގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ ތެރެއިން، އެންމެ އަތެއްވެސް މި ވޯޓަށް ހިއްލިގެންދިޔަތަން. ނޫނީވިއްޔާ، މެޝިނަށް، ފެހި ފިތަށް ފިތާލިތަން ފެނުނުތޯ؟ ދެން، މިއަދު ކީއްކުރަންތޯ، އެބޭފުޅުން ޤައުމު ތަރައްޤީކޮށްދޭނެ ވާހަކަ ދައްކަނީ؟ ޤައުމު މީހަކު ތަރައްޤީކުރަމުން ގެންދިޔައިރު، އެ ތަރައްޤީގައި ބައިވެރިވާން ނުކެރުނު ފިނޑި ބަޔަކު، ދެން މިހާރު އައިސް މި ބުނަނީ، ތިމަންނާމެން ޤައުމު ތަރައްޤީ ކުރާނަމޭ. އެކަމެއް ނުވާނެ. އެކަމެއް ނުކުރާނެ. މިހާ ވޯޓާ ކައިރިވީމާ، ކިރިޔާ ބުނެލަން މި ކެރުނީ، ތިމަންނާގެ ސަރުކާރެއްގައިވެސް، އިސްލާމްދީން ނޫން ދީނަކަށް ދިވެހި ފަސްގަނޑުން ޖާގައެއް ނުދޭނަމޭ. އެހެންވީމާ، މިކަހަލަ ކަންކަމާ ދޭތެރޭގައި ހަމަ ރައްޔިތުން ވިސްނައިވަޑައިގަންނަވަން އަޅުގަނޑު ދަންނަވާލާނަން. 

 

ދެން، ބައެއް ސިޔާސީ ވާހަކަ، އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެން މިހާ ހިސާބަށް އައިސް، އަޅުގަނޑުމެން މަސައްކަތް ކުރާއިރު، އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، ތަރައްޤީ ގެނެވިފައި އޮތީ، ކޮން ތަނަކަށް، ކިހިނެއްތޯ. ތަރައްޤީ މި އަންނަނީ ކިހިނެއްތޯ. އަދި، ތަރައްޤީގެ ނަފާ ލިބިގެން މިދަނީ ކޮން ބަޔަކަށްތޯ. މިއީ، އިޤްތިޞާދީ ވާހަކައަކަށްވީނަމަވެސް، މިއީ، ސިޔާސީވެސް ވާހަކައެއް. މިއީ، ޒުވާނުންނަށްޓަކައި، ރައީސް ޔާމީންގެ ސަރުކާރުން ޒުވާނުންނަކީ އުޅޭ ބައެއް ކަމުގައި ދަނެގެން، ޒުވާނުންނަށް ފުރުޞަތުތަކެއް ފަހިކޮށްދޭން ކުރާ މަސައްކަތް. މީގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. ޒުވާނުންނަށް އެތައް ހާސް ވަޒީފާއެއް އުފެދިގެން ހިނގައްޖެ. ލައްކައަކާ ކައިރިއަށް ވަޒީފާ އުފެދިގެން ހިނގައްޖެ. އެތައް ބަޔަކަށް ވަޒީފާ ލިބިގެން ހިނގައްޖެ. އަދި، މިރޭ އެމް.ޑީ.ޕީ.އިން އެ ބާއްވާ ޖަލްސާގައިވެސް، މާލެއިން ޒުވާނުން ނުނުކުތީމާ، ރާއްޖޭގެ އެކި ހިސާބުން އެތައް ބަޔަކު ގެނެސްގެން، އެ ބާއްވާ ޖަލްސާ އެ ބާއްވަނީ. އެހެންވީމާ، ޒުވާނުންނަށް އެބަ ވިސްނޭ، ޒުވާނުންގެ ކުރިމަގު އުޖާލާކޮށްދިނީ ރައީސް ޔާމީންކަން، އެމީހުން ގަބޫލުކުރޭ. އަދި، ރައީސް ޔާމީނާއި ރައީސް ޔާމީންގެ ޓީމު މަސައްކަތް ކުރަނީ ޒުވާނުންނަށް ކަންތައްތައް ފަހިކޮށްދޭންކަން އެބަ ގަބޫލުކުރޭ.

 

އެހެންވީމާ، މި ރަށުގައި ހުރެގެން އަޅުގަނޑު ވާހަކަ ދައްކާއިރުވެސް އަޅުގަނޑު ދަންނަވާނީ، ގަމުގައިވިޔަސް، ފޮނަދޫގައިވިޔަސް، އަދި އެހެން ރަށެއްގައިވިޔަސް، މިހާރު އަޅަމުންދާ ޓަރފް ދަނޑަކީ ތަންކޮޅެއް ކުޑަ ދަނޑެއް ކަމަށްވަންޏާ، އެކަމާ ކެތްތެރިވެވަޑައިގަންނަވާ. ކުޑަ ދަނޑެއް އަޅާ މީހަކަށް، ދަނޑު ބޮޑުވެސްކުރެވޭނެ. މިތާ، މަތިމަރަދޫގެ ޒުވާނުން ތިބިކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނަން. ޒުވާނުންގެ ޓަރފް ދަނޑު ކުޑަވެގެން އެކަމާ ދޭތެރޭގައި ވިސްނާކަށްނުޖެހޭނެ. އެ ޓަރފް ދަނޑު އަޅައިދިނީވެސް ރައީސް ޔާމީންގެ ސަރުކާރުގައި. އެ ޓަރފް ދަނޑު ބޭނުންވާ ބޮޑުމިނަށްވެސް ބޮޑުކޮށްދޭނީ ހަމަ ރައީސް ޔާމީން. އެހެންވީމާ، އެއްވެސް ރަށެއްގައި، ޓަރފް ދަނޑެއްގައި އޮންނަ މިން ކުޑަވެގެން، އެކަމާ ދޭތެރޭގައި ފިކުރު ނުކުރައްވާ. އެކަމަކު، މިހާރުގެ ޙާލަތުން، މިހާރުން މިހާރަށް އަޅުގަނޑުމެން އެކަންކޮށް ނިންމަން ބޭނުންވަނީ، 23ގެ ވޯޓާ ހަމައަށް ދިޔުމުގެ ކުރިންވެސް، ޒުވާނުން އެތާ ކުޅެން އެބަޖެހޭ.

 

ހަމައެއާއެކީ، ޒުވާނުންނަށް ބޭނުންވާ ދަނޑުގެ އިތުރަށް، ދެން، ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ފުރިހަމަވެގެން މިހާރު މިދަނީ ހަމަ މި ސަރުކާރުގައި. އެއީ، ރައީސް ޔާމީން ޒުވާނުންނަށްވީ ވަޢުދެއް. ޒުވާނުންނަށް ދިވެހިރާއްޖެއަކީ އަމާން ތަނަކަށް ހަދާނަމޭ. ޒުވާނުންނަށް ދިވެހިރާއްޖެ އަމާންވެގެންދާއިރު، ހަރު މީހުންނަށާއި، ދޮށީ ރައްޔިތުންނަށް ދިވެހިރާއްޖެ އަމާންވެގެން ހިނގައްޖެ. ޒުވާނުންނަކީ ޖަލުގެ ތޭރިތަކުގެ ބިތްދޮށުގައި ތިބޭ ބަޔަކަށްވުމުގެ ބަދަލުގައި، އެ މީހުންނަކީ އިޤްތިޞާދީގޮތުން ދިވެހިރާއްޖެއަށް ބޭނުންވާ، ދިވެހި ދައުލަތަށް ބޭނުންވާ ޕްރޮޑަކްޓިވް ބަޔަކަށް ހަދާނަމޭ. އެ ހަކަތަ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އެހެންވެގެން، ގާތްގަނޑަކަށް ލައްކައެއްހާ ވަޒީފާއަށް ދިޔައިރު، އެ ވަޒީފާތަކުގައި އެތިބީ ޒުވާނުން. އެ ވަޒީފާތަކަކީ، ދޮށީ ރައްޔިތުން ލީ ވަޒީފާއެއްނޫން. އެހެންވީމާ، ޒުވާނުންނަށް ވަޒީފާ ލިބިގެން ހިނގައްޖެ. ޒުވާނުންގެ މުޞްތަޤްބަލު ކުރިއަރައިގެން ހިނގައްޖެ. ޒުވާނުންގެ އުއްމީދުތައް އިތުރުވެގެން ހިނގައްޖެ. ފުޓްސަލް ދަނޑުގައި ފުޓްބޯޅަ އެކަންޏެއްނޫން ކުޅެނީ. ބަށި ކޯޓުގައި ކުޅޭ އަންހެން ކުދިން މަދެއްނޫން. ހަމަ އެހެންމެ، ވޮލީކުޅޭ މީހުން މަދެއްނޫން.

 

އެހެންވީމާ، މި ހުރިހާ ފުރުޞަތެއް އައިސްގެން މިދިޔައީ، ޒުވާނުންނަށް ކަންތައް ކޮށްދޭން، އެހެންނަމަވެސް އެއީ، ސިޔާސީ ވިސްނުމަކާވެސްއެކީ. ސިޔާސީ ވިސްނުމަކީ، ރައްޔިތުންނަށް ހެޔޮއެދިގެން މި ގިންތިއަށް، ޒުވާނުންނަށް ހެޔޮއެދިގެން އަޅުގަނޑު ކުރިކަމެއް. އަޅުގަނޑުމެން ބޭނުމެއްނުވޭ، އެ ޒުވާނުން މަގުން ކައްސައިލައިގެން ދާކަށް. އަޅުގަނޑުމެން ބޭނުމެއްނުވޭ، އެ ޒުވާނުންނަކީ ކުށްކުރާ ބަޔަކަށް ވެގެންދާކަށް. އެހެންވީމާ، އެ ވިސްނުމުގައި އަޅުގަނޑުމެން ފެށި މަސައްކަތެއް. ޒުވާނުންނަށް ހެޔޮ އެދިގެން. ޒުވާނުންނަކީ އާމްދަނީ ލިބޭ، އަދި، މުޖުތަމަޢުގައި ބޯ ހިއްލާލައިގެން ހިނގާވަރުގެ، ކަރާމާތަކާއި، ޝަރަފްވެރިކަމާއެކީ، އުޅެވޭ ބަޔަކަށް ހެދުމަށްޓަކައި ކުރި މަސައްކަތެއް. އޭގެ ނަތީޖާ، ﷲގެ ރަޙްމަތުން ކިތަންމެހާވެސް މީރު. އޭގެ ނަތީޖާ، ކިތަންމެހާވެސް ސަޅި. ހަމަ މި ބަސް ބޭނުންކުރަންޖެހޭނީ. ޒުވާނުންނަށް ފުރުޞަތުތައް އިތުރުވެގެން ދިޔައިމާ، އަޅުގަނޑުމެންނަށް އެބަ ފެނޭ، ރާއްޖެ ތަރައްޤީވެގެންދާތަން. އެހެންވެގެން، ރޭގައިވެސް އަޅުގަނޑު، ޒުވާނުންނާ ދޭތެރޭގައި ހުރި އުއްމީދުތަކުގައި، ޒުވާނުންނަށް މި ލިބެމުންދާ ގެޓް-ސެޓް ލޯނުގެ އަދަދު އިތުރުކުރި ވާހަކަ އަޅުގަނޑު އިޢުލާނުކުރީ.

 

މިއަދުވެސް، ބްރިޖުގައި ދަތުރުކުރާ މީހުންނަށް ބައްލަވާ! އިއްޔެވެސް ބްރިޖުގައި ދަތުރުކުރި މީހުންނަށް ބައްލަވާ! އަދި، މިއަދު ފެރީ ޓަރމިނަލްގެ ފޮޓޯ، އެއޮއް ވައިރަލްވެގެން ހިނގަމުންދަނީ. ފެރީ ޓަރމިނަލް އެއޮތީ ހުސްވެފައި. އެންމެ މީހަކު އެތާނގެ ގޮނޑިބަރީގައި އިންތަން އަޅުގަނޑުމެންނަށް ފެނިގެންދަނީ. މިއީ ދޮގެއްތޯ ތަރައްޤީއަކީ. މިއީ، ވިސްނަން ނޭނގުނު، މިއީ ކުރަން ނޭނގުނު، މިއީ ހަމަ ބުއްދިއަށްވެސް ނާންނަ ތަރައްޤީ. އޭގެ ކުރީގައި، އެމް.ޑީ.ޕީ.ގެ ވެރިކަން އޮތްއިރު، އެ ބޭފުޅުންގެ ހިތަކަށް ނާދޭ މިކަމެއް. އެކަމަކު، މިއަދު ބްރިޖް އެޅުނީމާ، އަޅުގަނޑުމެންނަށް މި ތަރައްޤީ ފެނިގެން މިދަނީ. އެ ބްރިޖް އޮއްވައެއް، އެ ބްރިޖް ދޫކޮށްލާފައި، ކަނޑުމަގުން ދަތުރުކުރާނޭ މީހުނެއް ނުވާނެ. ހަމައެކަނި ކަނޑުމަގުން މިހާރުވެސް ދަތުރުކުރަނީ އަޅުގަނޑު ކަންނޭނގެ. އެއީ، ހުޅުލެއާއި، މާލެއާ ދޭތެރޭގައި އަޅުގަނޑު މި ދަތުރުކުރަނީ އަދިވެސް ލޯންޗުގައި. އެހެންވީމާ، މި ތަރައްޤީ، ކޮންމެ ކުލައެއްގެ މީހަކުވެސް، މި ތަރައްޤީއަކީ އެމީހުން އެންޖޯއިކުރާ ތަރައްޤީ.

 

އަޅުގަނޑަށް ހީވަނީ، އަޅުގަނޑުގެ ވާހަކަވެސް އެބަ ދިގުވޭހެން. އެކަމަކު، ހަމަ އަދިވެސް ސިޔާސީ ވާހަކައެއް ދަންނަވާލާފައި، އަޅުގަނޑު ނިންމާނަން. އަޅުގަނޑުމެންގެ ސަރުކާރަށް މި ކުރިމަތިވި ގޮންޖެހުންތަކާ ދޭތެރޭގައި، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި، ޝިޔާމް ވާހަކަފުޅު ދައްކަވަމުން ގެންދެވި. އެކަމަކު، ޝިޔާމަށްވެސް އެނގިވަޑައިގަންނަވާނެ، ޝިޔާމް ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު، ވާރޭކަނި ޖަހައިގެން ޝިޔާމް ހުއްޓާލެއްވި. އެކަމަކު ﷲގެ ރަޙްމަތުން، މިއީ ވަރަށް ނަލަ ރެއެއް. މޫސުން ތަންދޭ. އިތުރަށް މިތަން ނަލަވެގެން މިދަނީ، މި ކުލަ ފެނިގެން ދިޔައިމާ، ދޮގެއްތޯ. ފިޔާތޮށި ކުލައިން މިތަން ޒީނަތްތެރިވީމާ، މިރޭގެ މި ޖަލްސާވެސް ނަލަވެގެން މިދަނީ. އަދި އެއާއެކީގައި، ޖަލްސާ އިތުރަށް ނަލަވެގެން މިދަނީ، މިހާބޮޑު ކްރައުޑެއް މިތާ އޮތީމާ. އަޅުގަނޑު ދަންނަވާލާނަން. ސިޔާސީ ވާހަކަ ދައްކާއިރު، އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެންނަށް ކުރިމަތިކުރުވި ކަންތައްތައް ކުރިމަތިކުރުވީ ކޮން ބައެއްތޯ؟ އަޅުގަނޑުމެންގެ ޕާޓީ ވުޖޫދަށް އައީ، ކޮންފަދަ މަސައްކަތްތަކެއް ކޮށްގެންތޯ؟ ކޮންފަދަ ޤުރުބާނީތަކެއް ވެގެންތޯ؟

 

އަޅުގަނޑުގެ ފަހުން ވާހަކަ ދައްކަވާނެ، މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ޢަބްދުއްރަޙީމް ޢަބްދުﷲ. އަޅުގަނޑުމެންގެ ޕާޓީގެ ނައިބު ރައީސް. އަދި، އަޅުގަނޑުމެންގެ ޕާޓީ އުފެއްދުމުގައި، އެންމެ އިސްކޮށް އަޅުގަނޑާއެކީ މަސައްކަތް ކުރެއްވި ބޭފުޅަކީ އެއީ. އޭނާ ވަރަށް ފަރިތަފުޅު ވާހަކައެއް އަޅުގަނޑު މިދަންނަވާލަނީ. މިހާ މަސައްކަތްކޮށްގެން ރައްޔިތުންގެ އެތައް ލައްކަ ބައެއްގެ އުއްމީދު ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި ޕީ.ޕީ.އެމް. މިއޮތީ އުފައްދާފައި. ޕީ.ޕީ.އެމް. އަކީ އަސާސްތަކުގެ މައްޗަށް ހިނގާ ޕާޓީއެއް. ޕީ.ޕީ.އެމް.އަކީ ހަމައެކަނި ފިކުރެއްނޫން. ޕީ.ޕީ.އެމް. އަކީ ލިޔެވިފައި ހުރި އުސޫލުތައް ތަންފީޒުކުރާ ބައެއް. އެއީ، ޤާނޫނީ އުސޫލު ކަމަށްވިޔަސް، ރައްޔިތުންގެ ހަމަޖެހުން ކަމަށްވިޔަސް، ރައްޔިތުންގެ ތަރައްޤީގެ މަސައްކަތް ކަމަށްވިޔަސް، އަދި އިޙްތިޖާޖު ކުރުން ކަމަށްވިޔަސް، އަޅުގަނޑުމެން ލިޔެފައި ހުރި ވާހަކަތަކެއް ހުންނާނެ އަޅުގަނޑުމެންގެ އަސާސީ ގަވާއިދުގައި. އަދި، ޕީ.ޕީ.އެމް.ގެ ގަވާއިދުތަކާ ޚިލާފަށް މަސައްކަތްކުރާ މީހުންނާ ދޭތެރޭގައި އަޅާނެ ފިޔަވަޅުތައްވެސް އެހެރީ ލިޔެވިފައި. އެއީ، ހުވަފެނަކުން ފެނިގެން މީހަކު ކަމެއް ކުރީމާ އައި ފިޔަވަޅުތަކެއް ނޫން. މިވަރުގެ ތަކުލީފު އުފުލައިގެން އަޅުގަނޑުމެން އުފެއްދި ޕާޓީއެއް ޕީ.ޕީ.އެމް.އަކީ. މިއަދު، މުޅި ރާއްޖޭގެ ހުރިހާ ދިމާއެއްގައި، އެންމެ ޒީނަތްތެރި ކުލައަކަށް ވެގެން މިދަނީ ޕީ.ޕީ.އެމް.ގެ ކުލަ. އެންމެ ގިނަ ބަޔަކު ތިބި ޕާޓީއަކަށް ވެގެން މިދަނީ، ޕީ.ޕީ.އެމް. އަދި، އެންމެ ބޮޑަށް ރައްޔިތުންގެ އުއްމީދުތަކާ ދޭތެރޭގައި، ކަންތައްތަކާ ފިކުރުކުރަން، އުއްމީދުތައް ފުއްދައިދޭ ބަޔަކީވެސް ޕީ.ޕީ.އެމް. ކޮބައިތޯ ޕީ.ޕީ.އެމް. އަށް ލިބުނު އެންމެބޮޑު ގެއްލުމަކީ؟ ރައީސް ޔާމީނަށް ކޮންމެ ޙަމަލާއެއްވެސް ދެވިދާނެ. ވަރަށް ގިނަ ކަންތައް ކޮށްފި. ﷲގެ ތަނަވަސް ރަޙްމަތް، އެއަށްވުރެ މާ ހެޔޮ. އަޅުގަނޑާ ދޭތެރޭގައި މާ އޯގާތެރި. އެކަމަކު، އަޅުގަނޑުމެންގެ ޕާޓީއަށް މި ދިމާވި ގޮންޖެހުންތަކުން، އަޅުގަނޑުމެން މިއުޅެނީ ނާރާ. އަރައިނުގަނެގެން މިއުޅެނީ. އަޅުގަނޑުމެން މި ތަންތަނަށް ދަތުރުކުރީމު. އަޅުގަނޑުމެން މި ތަންތަނަށް ދަތުރުކުރީ، ކައުންސިލުން ހުސްވެފައި ހުރި ގޮނޑިތައް ހޯދަން. އިރާދަކުރެއްވިއްޔާ، އެކަން ކާމިޔާބުވި. އަޅުގަނޑުމެން މި ތަންތަނަށް ދަތުރު ކުރީމު. އަޅުގަނޑުމެން ދަތުރުކުރީ ޕާޓީއަށް މީހުން އެއްކުރަން. އަޅުގަނޑުމެންގެ ޕާޓީގެ ފުރަތަމަ ކޮންގްރެސް އައިއިރު، އަޅުގަނޑުމެންގެ ޕާޓީގައި ފަސްހާސް މީހުން ހަމަނުވާތީ، އަޅުގަނޑުގެ ކައިރިއަށް ވަފުދެއް، ރައީސް މައުމޫން ފޮނުއްވި. އަޅުގަނޑުމެން ދަތުރުކުރީމު. އަޅުގަނޑު ޚުދު ދަތުރުކުރީމު، އަޅުގަނޑުމެންގެ ޕާޓީއަށް މީހުން އެއްކުރަން.

 

މިއަދު އަޅުގަނޑުމެންގެ ޕާޓީއަކީ ހަތްދިހަ ހާހަށްވުރެ އާބާދީ ބޮޑު ޕާޓީއެއް. އަޅުގަނޑާއެކީ މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ، ޢަބްދުއްރަޙީމް. އަޅުގަނޑުމެންގެ ޕާޓީން މިހާރު ވަކިވެގެން ގޮސްފައި ތިބި މީހުންނަކަށް މި ޝަރަފެއް ނުލިބޭނެ. އެ ބޭފުޅުން ކުރެއްވި މަސައްކަތެއް އެޔަކުނެތް. އެހެނެއްނޫން! ރިޔާސީ އިންތިޚާބުގެ ތެރޭގައި މަސައްކަތް ކުރެއްވި، އަޅުގަނޑުގެ އޭރުގެ ރަނިންގމޭޓް. އެކަމަކު، އަޅުގަނޑުމެންގެ ޕާޓީ ބޮޑުކުރުމަށާއި، ޕާޓީގެ ޝުހުރަތު ވަރުގަދަކުރުމަށް މިކުރި މަސައްކަތުގައި ބައިވެރިވި މީހުންނެއްނޫން މިހާރު ޖަލުގައި އެތިބީކީ. އެއީ، އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރި މީހުން. އެއީ، އަޅުގަނޑުމެންނާ ދެކޮޅަށް މަސައްކަތް ކުރި މީހުންނެއްނޫން.

 

އެހެންވީމާ، ޙުކުމްތަކެއް އައިސްގެން، ޖަލުގެ ގޮޅިތަކުގައި އެ ތިއްބެވީކީ، ނޫނީވިއްޔާ، އެކަހެރިކޮށް އެ ތިއްބެވީކީ އެއްގޮތަކަށްވެސް އަޅުގަނޑާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅުންނެއްނޫން އޭރަކު. އެއީ، އަޅުގަނޑާއެކީ، އަޅުގަނޑުގެ ޕާޓީގައި ތިއްބެވި ބޭފުޅުން. އެ ބޭފުޅުންނަށް ޙުކުމްތަކެއް އައީ، އެ ބޭފުޅުން ކުރެއްވި ކަންތައްތަކެއްގެ ނަތީޖާ، އެ ބޭފުޅުންނާ ބައްދަލުކުރީމާ. އަޅުގަނޑުމެންގެ ޕާޓީއަށް ލިބުނު އެންމެ ނިކަމެތި ކަމަކީ، ޙަޤީޤަތުގައިވެސް، އަޅުގަނޑުމެން މި ދެންނެވި ދަތުރުތަކުގައި، ރައްޔިތުންގެ ތާއީދު ހޯދަން ކުރި މަސައްކަތުގައި، ރައްޔިތުންގެ ތާއީދު އަޅުގަނޑަށް ދެއްވި. އަޅުގަނޑުމެން ދެއްކި ކެންޑިޑޭޓުން، ރައްޔިތުންގެ މަޖިލީހަށް ތިޔަބޭފުޅުން ޢައްޔަނު ކޮށްދެއްވި، އިންތިޚާބު ކޮށްދެއްވި. ރައްޔިތުންގެ މަޖިލިސް، މި ދައުރަށް ފެށިގެން އައީ، އަޅުގަނޑުމެންގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުންގެ މަޖިލީހުގައި އޮވެގެން. ސުޕަރ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮވެގެން.

 

އަޅުގަނޑު، ގަމުގެ ރައްޔިތުންނާއި، ފޮނަދޫގެ ރައްޔިތުންގެ އަރިހުގައި މި ވާހަކަ ދަންނަވާއިރު، އަޅުގަނޑު އެދެނީ، ފޮނަދޫއާއި ގަމުން އަޅުގަނޑަށް ސުޕަރ މެޖޯރިޓީ، 23 ވަނަ ދުވަހު ދެއްވުން. ސުޕަރ މެޖޯރިޓީ ލިބުނީމާ، ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި، އަޅުގަނޑުމެންގެ ވިސްނުމުގައި ކުލަ ޖެއްސުމުގައި، އަޅުގަނޑުމެންނަށް ފަސޭހަވެގެންދޭ. ދެންމެ، އެމް.ޕީ. ޝިޔާމު އެ ދެއްކެވީ ކޮން ވާހަކަފުޅެއްތޯ؟ އެ ވިދާޅުވަނީ، ތިމަންނާގެ ކަނާތްފަރާތުގައި އިންނެވި ބޭފުޅެކޭ، އިބްރާހީމް މުޙައްމަދު ޞާލިޙު އެއީ. އެކަމަކު، މިހާރު މަސްތަކެއް ވެއްޖެއޭ، މަޖިލީހުގެ ތަޅުމަކު ނީންނަވައޭ. މުސާރަ ނަންގަވައޭ. ބޭރުގައި ސައްލާ ކުރައްވާ. ސަރުކާރަށް ދަތިކުރަން މަސައްކަތްކުރޭ. ރައްޔިތުންގެ ޙައްޤުގައި ވޯޓެއް ނުދޭ. ރައްޔިތުންގެ ޙައްޤުގައި ބިލަކަށް އިޖާބައެއް ނުދެއްވާ. އަދި، ރިޔާސީ ބަޔާނަކަށްވެސް ވިދާޅުވާނެ އެއްޗެއް އޮތް ކަމަކަށްނުވޭ.

 

އަޅުގަނޑުމެންގެ ޕާޓީއަށް އައި އެންމެ ބޮޑު ނިކަމެތިކަމަކީ، އަޅުގަނޑުމެންގެ ޕާޓީގެ ދިދަ ހިފައިގެން، އަޅުގަނޑުމެންގެ ޕާޓީން ރައްޔިތުންގެ ތަރައްޤީއަށް ކުރަން ބޭނުންވާ ވާހަކަތައް ދައްކައިގެން، އަދި އަޅުގަނޑުމެންގެ ޕާޓީގައި ތިބި އިސް މީހުންގެ ވާހަކަތައް ދައްކައިގެން، ރައްޔިތުންގެ މަޖިލީހަށް ހޮވުނު މީހުން ހޮވިގެން ދިޔައިމާ، ދެން ކިހިނެއްތޯވީ؟ ބާރަ، ތޭރަ މެންބަރުން އެއްފަހަރާ އަޅުގަނޑުމެންނާ ވަކިވެގެންދިޔައީ. އެއަށްވުރެ ބޮޑު ޚިޔާނާތެއް އޮންނާނެތޯ؟ އަޅުގަނޑުގެ ނަޒަރުގައި މިއީކީ ފައިސާގެ އަދަދުން ގުނައިލެވޭވަރުގެ ޚިޔާނާތެއް ނޫން. މިއިން ކޮންމެ މީހެއްގެ ބަރުދަން، ރަނުން ކިރިކަމުގައިވީނަމަވެސް، އެއަށްވުރެ ބޮޑު ޚިޔާނާތެއް. އަޅުގަނޑުމެންގެ ޕާޓިއަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ، އެންމެ ބޮޑު ނިކަމެތިކަމަކީ، ޕާޓީ ކަންފަތިވެގެންގޮސް، މިއަދު ރިޔާސީ އިންތިޚާބުގައި މިހާ ބުރަކޮށް މަސައްކަތް ކުރަން މިޖެހޭ ނަތީޖާއަކީ، މިޖެހޭ ސަބަބަކީ މި ދެންނެވީ. ރާއްޖޭގެ އާބާދީ ބޮޑު ހުރިހާ ތަންތަނަކުން ރައްޔިތުން އަޅުގަނޑުމެންނަށް މެންބަރުން ދެއްވި. މިއަދު އެ މީހުން ނުކުމެގެން ދިޔައިމާ، އެ ތަންތަނުގައި މަޞްލަޙަތު ގެއްލޭ ކަންކަން އެބަހުރި. އެމީހުންގެ ޢާއިލާތަކެއް އެބަތިބި. އެ މީހުންގެ ރަޙްމަތްތެރިންތަކެއް އެބަތިބި. އެ މީހުންނަށް ވޯޓު ދޭނޭ މީހުންތައް އެބަތިބި. އަޅުގަނޑަށް މަސައްކަތް ކުރެވޭނީ. އެކަމަކު ކިހިނެއްތޯ، އެ މީހުންގެ ހިތުގެ ލޯބި އަޅުގަނޑު ހޯދާނީ؟

 

އެހެންވީމާ، މި ކަންކަމާ ގުޅިގެން ޕާޓިއަށް މި ލިބުނު ގެއްލުމަކީ، އެއްގޮތަކަށްވެސް ފޫބެއްދޭވަރުގެ ގެއްލުމެއް ނޫން. މިއީކީ، ފައިސާއިން މިނެކިރާފައި، މިއީކީ މިވެނިވަރެއްގެ ފައިސާ، އެތައް ސަތޭކަ މިލިއަން ރުފިޔާގެ ފައިސާގެ ގެއްލުމެކޭ ބުނާކަށް އަޅުގަނޑަކަށް ފަސޭހައެއްނޫން. އަޅުގަނޑު ދެކޭގޮތުގައި، މިއަށްވުރެ ބޮޑު ޚިޔާނާތެއް، އަޅުގަނޑުގެ ޕާޓީއަކަށް، އަދި އެމީހުން ހޮވި ރައްޔިތުންނަށް، މިއަށްވުރެ ބޮޑު ޚިޔާނާތެއް އަޅުގަނޑުމެންނަކާ ބައްދަލެއްނުކުރޭ.

 

އެހެންވީމާ، މި ކަންކަމާ ގުޅިގެން، މި ބަޣާވާތް ކުރުމާ ގުޅިގެން ހައްޔަރުވި ބަޔަކު ހައްޔަރުވީ. ތަޙްޤީޤު ކުރެވުނު ބަޔަކު ތަޙްޤީޤު ކުރެވުނު. ކޯޓަށް ގެންދެވުނު ބަޔަކު ކޯޓަށް ހާޒިރު ކުރެވުނު. ދައުލަތުން އުފުލި މައްސަލަ، އެމީހުންގެ މައްޗަށް ހިންގުނު. އެ މީހުންނަށް ކުށުން ބަރީއަ ނުވެވޭކަމަށްވަންޏާ، އެ މީހުންނާ ޤާނޫނު އަރާހަމަކުރާނެ. އެއީ، އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް. ދެން، އެ ބޭބޭފުޅުން އެ ކުރައްވާ ކަންތައްތަކުގެ ނަތީޖާގެ ތެރޭގައި، އެއީ، ސުޕްރީމް ކޯޓުގެ އެންމެ އިސް ފަނޑިޔާރުން ކަމުގައިވީނަމަވެސް، އެމީހުން ގޯހެއް ހަދައިފި ކަމަށްވަންޏާ، ނަތީޖާ އެ މީހުންނާ ބައްދަލުކުރާއިރު ހިތިވާނެ. އަޅުގަނޑު ގޯހެއް ހެދިޔަސް، އަޅުގަނޑު ހިތި ނަތީޖާއަކާ ބައްދަލުކުރަންޖެހޭނެ. އެހެންވެގެން، އަޅުގަނޑު ޤާނޫނުތެރޭގައި ހުންނަން ބޭނުންވަނީ. އެހެންވެގެން، ޤާނޫނުގެ އިމުގެ ތެރޭގައި، އަޅުގަނޑު ކުރާ ހުރިހާ ކަމެއް މި ކުރަނީ. އެކަމަކު، އެހެނެއްނުވި ދޮގެއްތޯ. އެންމެ ކަރާމާތްތެރި، އެންމެ ވަރުގަދަ މުއައްސަސާތަކުގައި ތިބި މީހުންނާއި، އެންމެ ވަރުގަދަ، ރާއްޖެ އުފެއްދި އެންމެ ވަރުގަދަ ލީޑަރުންނަކަށް މި ކެތްކުރާކަށް ޖާގައެއް އެ މީހުންގެ ނެތް. އެއީ، އެ މީހުންގެ ހިތުގެ ތެރޭގައި، ރައްޔިތުންނާ ދޭތެރޭގައި ޝައުޤުވެރިކަން ހުރިވަރު އެ ދައްކައިދެވުނީ. ޕާޓީއާ ދޭތެރޭގައި ޝައުޤުވެރިކަން ހުރިވަރު، މި ތޭރަ މެންބަރުންނާއި، އަދި އެބޭފުޅުންގެ ފަހަތުގައި މަސައްކަތް ކުރުވި މީހުން އެ ދައްކައިދިނީ.

 

އެހެންވީމާ، އެ މީހުންނާ ޤާނޫނު އައިސް އަރާހަމަކުރުމުން، ނޫނީ އެމީހުން ޕާޓީން ވަކިވެގެން ދިޔުމަކީ، އަޅުގަނޑުމެންގެ ޕާޓީގައި ޙަޤީޤަތުގައިވެސް އުފެދިފައި އޮތް ކެންސަރަކަށް ފަރުވާދިނުން ކަހަލަ ކަމެއް. މީހެއްގެ ހަށިގަނޑުގައި ކެންސަރު ހުރެގެނެއް، އެއަށް ފަރުވާނުކޮށެއް އެ މީހަކަށް ދިރިއެއްނޫޅެވޭނެ. ކެންސަރުގެ ފަރުވާ ކިތަންމެހާވެސް ނުރައްކާތެރި. ބައެއްފަހަރު، އެ ކެންސަރު ޖެހޭ ހިސާބު، މުޅި ހިސާބު ނަގައި ރޭޑިއޭޝަން ދޭންޖެހޭ. އަދި، ބައެއްފަހަރު ކެންސަރު ފެތުރޭވަރުން، ކެންސަރު ނުހުއްޓުވޭ ކަމަށްވަންޏާ، އެއަށްވުރެ ބޮޑެތި ކަންތައްތައްވެސް ކުރަންޖެހޭ. އަޅުގަނޑުމެންގެ ޕާޓީއަކަށް، ޕާޓީ އުފައްދާފައި އޮތް މަތިވެރި މަޤްޞަދުތައް ހިފައިގެނެއް އަޅުގަނޑުމެންގެ ޕާޓީއަކަށް ކުރިއަކަށް ނުދެވޭނެ، މިކަހަލަ ޚިޔާނާތްތެރިން މިކަހަލަ ކަންކަން ކުރީމާ.

 

އެހެންވީމާ، ހަށިގަނޑަށް ކެންސަރަށް ފަރުވާދޭ ފަދައިން، އަޅުގަނޑުމެންގެ ޕާޓީންވެސް ކެންސަރަށް ފަރުވާދޭން އަޅުގަނޑުމެންނަށް ލާޒިމުވި. އެ އުނދަގޫ މިއަދު އަޅުގަނޑުމެން އުފުލަންޖެހޭކަން، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ. ކިތައްމެ ފޯރިއާއި ޖަޒުބާތާއެކީ، ވޯޓަށް މަސައްކަތް ކުރި ނަމަވެސް، ދުވަހަކުވެސް ހަނދާނުން ކައްސާނުލާތި މި ވާހަކަ. ދުވަހަކުވެސް، އެކަން ކުރި މީހުންނަކަށް އަޅުގަނޑުމެންނަކަށް ހިތްހެޔޮކަމެއް ނޯންނާނެ. އެއީ، އަޅުގަނޑުމެންގެ ޕާޓީއަށް މިވަރުގެ އުނދަގޫ ދަތުރެއް ކުރިމަތިކުރުވި ބަޔަކީ އެމީހުން ކަމަށްވާތީ. އެއީ، އަޅުގަނޑުމެންގެ ޕާޓީއަށް ލިބުނު އެންމެ ނިކަމެތިކަމަކީ. އަދި، މި ރިޔާސީ އިންތިޚާބުގައި، އަޅުގަނޑުމެންނަށް އުނދަގޫ އުފުލަން މިޖެހޭ ސަބަބަކީވެސް އެއީ. އެހެންވީމާ، އެކަންކަމާ ގުޅިގެން، އަދި އޭގެފަހުން އެކަންކަމުންވެސް، އެމީހުން ބޭނުންވާގޮތަށް ނަތީޖާތައް ނުނުކުތީމާ، ދެން ސުޕްރީމް ކޯޓުގެ ތެރެއިން، ސިޔާސީ އަމުރުތައް ނެރެގެން، އަދި، އެ އަމުރު ނެރުއްވި ބޭފުޅުން، އެ ނެރުއްވި ގޮތް، އެ ކިޔައިދެއްވީ، އެ ބޭފުޅުންގެ އަމިއްލަ ދުލުން. އެހެންވީމާ، ލައްކަ ނުފޫޒު އެކަންކަމުގެ ތެރޭގައި އެހެރީ ހިނގާފައި.

 

މިއީތޯ، ދިވެހިރާއްޖޭގެ ލީޑަރުން، ދިވެހިން ގޮވައިގެން ހިނގަން ތިބޭ މީހުން. ކީއްތޯވާނީ، މި މީހުން ޤާނޫނުގެ ތެރެއިން މިކަން ކޮށްލިއްޔާ. ކީއްތޯވާނީ، މާލެ އައިސް މި އިންތިޚާބުގައި ވާދަކޮށްލިއްޔާ. ކީއްތޯވާނީ، 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިނުލެވޭނޭ ބުނިއިރު، މި ބަހުސް ކޮށްލާފައި، މި ޢުމުރަށްވުރެ މައްޗަށްދިޔަ މީހުން މިއަށް ވޯޓު ނުދިންނަމަ ކީއްތޯވާނީ. އެކަމަކު، އެހެނެއްވެސް ކަމަކުނުދިޔަ. ލިބިފައި ހުރި ފަޅުރަށްތައް ގިނަކަމާއި، ލިބިފައި ހުރި ފަޅުތައް ގިނަވީމާ، 65 އަހަރުން މަތީގެ މީހުންނަށް ކުރިމަތިނުލެވޭނޭ ބުނީމާ، އެއަށްވެސް ޖެހީ އާނ ފާހަގަ. ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ، ޕީ.ޕީ.އެމް. އަށް އެކަނި ކުރެވޭނޭ ކަމެއްނޫން. އެކަމަކު، އެބައެއްގެ ފައިދާއަށް އެބަޔަކު ކުރި ކަންތައްތަކެއް، މިއަދު އެކަންކަމުގެ ހިތާމަ އެ ކުރަނީ. ބޭނުންވަނީ، އޭރުވެސް ކަންތައް ބޭނުންވަނީ. މިއަދުވެސް ކަންތައް ބޭނުންވޭ. ފަހުންވެސް ބޭނުންވަނީ، ކަންކަން ބައްކުރަން. އެހެންވީމާ، ދިވެހިރާއްޖޭގެ ވަސީލަތެއް ނެތް. ދިވެހިރާއްޖޭގެ ރިސޯސެއް ނެތް. މިމީހުން އަތްލާފައި، މިމީހުންގެ އަތުތެރެއިން ލޫދިގެން، ފޭދިގެންދާ ކުޑައެތިކޮޅެއް ނޫނީވިއްޔާ، މުޅި ދިވެހިރައްޔިތުންނަށް ބަހާނެ އެއްވެސް ކަހަލަ ރިސޯސެއް ނެތް.

 

މިއަދު، ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައި، އެންމެ ވަރުގަދަ ވާހަކައަކަށް އޮތީ، މި ވެރިކަމެއް އައިސްފި ކަމަށްވަންޏާ، އެމީހުން ބޭނުންވާ ވެރިކަމެއް އައިސްފި ކަމަށްވަންޏާ، އެންމެ ފުރަތަމަ ކުރަނީ ކީއްތޯ. އެންމެ ފުރަތަމަ ކުރާ ކަމަކީ، 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭގޮތް ހެދުން. އެކަމަކު، އެ މީހުންނޭ ވޯޓުދިނީ، 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިޚާބުގައި ބައިވެރިނުވެވޭގޮތަށް. މިއީ، އެ ބޭފުޅުންގެ ސިޔާސީ ފިކްލް މައިންޑްނަސް ދައްކައިދޭ ކަމެއް. ދެއުޅި އެއްނުވާކަން. ނޫނީ ފިކުރު އެއްގޮތްނުވާކަން. ފިކުރުގައި ހަރުދަނާކަމެއް ނެތްކަން ދައްކައިދޭ ކަމެއް މިއީ. މިއަދު، އެމީހުން އެ ބުނަނީ އެކަން. އެކަމަކު، މިއޮތް ކޯޅޭޝަނުން ކީކޭތޯ ބުނަނީ؟  މި ކޯޅޭޝަނުން، އެމް.ޑީ.ޕީ. ބުނަނީ، ތިމަންނާމެން ތިޔަކަށް ތާއީދެއް ނުކުރަމޭ. އެހެންވީމާ، އެ ކޯޅޭޝަނުގެ މެނިފެސްޓޯގެ ތެރޭގައި އެ ވާހަކަ ނުވެސް ނެތް. އެހެންވީމާ، މި މީހުންނަކަށް އެއްގަލަށް އަރައިގެން ކުރެވޭނޭ ކަމެއް ނޯންނާނެ. އެއްގަލަށް އަރައި އެތިބީ ހުރިހާ ހަތުރުން ކަމެއް ކުރުމަށް. އެކަން ކުރެވޭނެ ކަމަށް ވިސްނައިގެން.

 

ﷲގެ ތަޤްދީރާ އެއްގޮތަށް ކަންކަން ނިމިގެންދާނީ. އެހެންވެގެން، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ހުރެގެން، މި ސިޔާސީ ވާހަކަ ދައްކާއިރުވެސް، މި ދަންނަވަނީ، މި ލާ ވޯޓަކީ، ޤައުމަށްޓަކައި ދޭ ވޯޓަކަށް ހައްދަވައިދެއްވާށޭ. މި ވޯޓަކީ، ޤައުމިއްޔަތު ދިފާޢުކުރަން ދެއްވާ ވޯޓަކަށް ހައްދަވައިދެއްވާށޭ. މި ވޯޓަކީ، އަޅުގަނޑުމެން މި ދެންނެވި ކަހަލަ، ނާޖާއިޒު ނުފޫޒު އަޅުގަނޑުމެންގެ މުއައްސަސާތަކުން، އަމުދުން ނައްތާލުމަށްޓަކައި ދެއްވާ ވޯޓަކަށް ހައްދަވާށޭ. ރިޝްވަތު ނުހިނގާ ދިމާއެއް ނެތްކަމަށް، އެ ބޭފުޅުން ގަބޫލުކުރައްވާ ކުރެއްވުމަކީ، ކުށްހީއެއް. ރިޝްވަތަކަށް ހުރިހާ ފަހަރަކު، ހުރިހާ ކަމެއް ކާމިޔާބެއް ނުކުރެވޭނެ. އަދި، ތަފާތު ނުފޫޒުތަކަށް، ހުރިހާ ފަހަރަކު ހުރިހާކަމެއް ކާމިޔާބެއް ނުކުރެވޭނެ. ދިވެހިރައްޔިތުން ތެދުވަންވީ، ދިވެހިރައްޔިތުންގެ ޙައްޤުގައި. ދިވެހިރައްޔިތުންނަކީ، އަމާނާތްތެރިކަމާއެކީ، ޝަރަފުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށްވާން އެބަޖެހޭ. އެކަން ކުރެވޭނީ، ދިވެހިރައްޔިތުންގެ ކަންކަމާ ހަވާލުވާ ލީޑަރުންނަކީ، އެވަރުގެ ކޮލިޓީހުރި، އަދި އެކަން ކުރަން ކެރޭވަރުގެ މީހުންނަށް ވެގެން. އެކަމެއް ނުކުރެވޭނެ، ރާއްޖޭގައި ހުރި އެންމެ ބޮޑު މަހުޖަނު، ސިޔާސީ ޗާޓުން ބޮޑު ޖާގައެއް ހޯދާ ކަމަށްވަންޏާ. އޭނާއަކަށް ނުކުރެވޭނެ. އޭނާގެ ހިތަކު ނޯންނާނެ، ވިޔަފާރީގެ ފައިސާ، ނޫނީ ނަފާ އިތުރުކުރުން ފިޔަވައި އެހެންކަމެއް ނޯންނާނެ.

 

އެހެންވީމާ، ރައްޔިތުންނަށް ސެލްފްލަސް ޚިދުމަތެއް ކުރެވޭނީ، މިކަހަލަ ވިސްނުން، ނޫނީ މިކަހަލަ ކަންކަމުގައި ނޫޅޭ މީހުންނަށް. އެ މީހުންނަކީ، އެ މީހުންގެ ވިޔަފާރީގެ ނަފާ، ނޫނީ އެ މީހުންނަށް ލިބޭ އާމްދަނީ އިތުރުކުރަން ފަޅުތަކާއި، ގިރިތަކާއި، ހާތަކާއި، އަދި ފަޅުރަށްތައް ނަގާ މީހުންނަށް ވެގެނެއް، މިކަމެއް ނުވާނެ. ހަމަ ކޮންމެ ކަމެއް ކުލަ ޖެއްސުމުގައި ތިބީ ހަމަ މިމީހުން. އެކަމަކު، އެ މީހުންނަށް ކޯލިޝަނެއްގެ ތެރޭގައި، ނޫނީ ކޯޅޭޝަނެއްގެ ތެރޭގައި ނޫޅެވޭނޭކަން، ކުރީގައި ކޯޅުނު ކޯޅުމުންވެސް އެމީހުން ދައްކައިދިން. 21 ދުވަސް ނުވޭކަންނޭނގެ، ސަރުކާރުން ނުކުމެގެންދިޔަތާ. އެހެންވީމާ، މިއަދު ދިވެހިރައްޔިތުންގެ ޙައްޤުގައި، ކަންކަން ކޮށްދެއްވާނަމޭ ވިދާޅުވީމާ، އެއީކީ އެކަން ވާނެގޮތެއް ނޫން.

 

އެހެންވީމާ، އަޅުގަނޑުމެންގެ ޕާޓީއަށް މި އައި ނިކަމެތިކަމުގެ ފަހަތުގައިވެސް ބަޔަކު ތިބި. އެއީ، އަޅުގަނޑުމެންނަށް މާފުކުރެވޭވަރުގެ ކަމެއްނޫން. އެއީ، ޕާޓީއަކީ އެންމެންގެ އެއްޗެއް. ޕާޓީގައި އަޅުގަނޑުމެން ހުރިހާ އެންމެންނަކީ، ވޯޓުލާ ވޯޓުލުމަކީ ހަމަހަމަ ބައެއް. ޕާޓީގެ މަޤާމުތަކަށް އަޅުގަނޑުމެން އަންނަނީވެސް، ތިޔަބޭފުޅުން ދެއްވާ ވޯޓުން. އެހެންވީމާ، ޕާޓީގެ އެންމެ މުހިންމު ބަޔަކީ، ޕާޓީގެ ފަޚުރެއް ކަމުގައި އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ، ޕާޓީގެ އާންމު މެންބަރުންނޭ. އާންމު މެންބަރުން ޖާގަ ނުދެއްވާ! ތިޔަބޭފުޅުންގެ ޙާލަތު ރަނގަޅުކުރަން، ހުށަހެޅޭ ކަމަކަށް ނޫނީ، ތިޔަބޭފުޅުން އާންއެކޭ ވިދާޅުނުވޭ. ފަރުދަކަށް ހުށަހެޅޭ ހަދިޔާއެއް ގަބޫލުނުކުރައްވާ! މިއީ، ވޯޓުގެ މޫސުން. މިކަންކަން ތިޔަބޭފުޅުންނާ ބައްދަލުކުރާނެ. އެކަމަކު، ގަމުންނާއި ފޮނަދޫން ތިޔަ ވިދާޅުވި ތާއީދު، ތިޔަ ވިދާޅުވި މަރުޙަބާ، ވޯޓަށް ބަދަލުކޮށްދެއްވާ. އަދި، މުޅި ލ. އަތޮޅުން ވޯޓަށް ބަދަލުކޮށްދެއްވާ! އޭރަށް، ދިވެހިރާއްޖެ، އުޖާލާ މުޞްތަޤްބަލެއްގެ މަތީގައި އޮންނާނީ. އަޅުގަނޑުމެން ބޭނުމެއްނުވޭ، އަޅުގަނޑުމެންގެ ކަންކަން، އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް، ބޭރު ފަރާތްތަކުގެ ނުފޫޒު ވައްދާކަށް ބަޔަކު މަސައްކަތް ކުރަން ޖާގަދޭކަށް ބޭނުމެއްނުވޭ. އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން، އެކަމަށް ގޮވައިގެން ނުވާނެ. ސިޔާސީ ލީޑަރުން އެކަމަށް ޖާގަދީގެން ނުވާނެ.

 

ދެން، މިއަދު އަޅުގަނޑު އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވާލާ ވާހަކައަކީ، އެންމެ ރަނގަޅޭ، މިހާރު ވިދާޅުވެއްޖައީމޭ، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދޭނަމޭ. ދެން، ވިދާޅުވާންޖެހޭ ވާހަކައަކީ، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާ ބެހުމަށް ބޭރުގެ ފަރާތްތަކަށް، ބޭރުގެ ނުފޫޒުތަކަށް ޖާގައެއް ނުދޭނަމޭ ވިދާޅުވޭ. މި ވާހަކަވެސް ޖެހޭނީ ވިދާޅުވާން. އަޅުގަނޑުމެން ދެރަވޭ، ރައީސް ނާޞިރުގެ އަރިހުގައި ޝަރަފުވެރިކަމާއެކީ، އޭރު މިނިވަންކަމަށް މަސައްކަތް ކުރެއްވި، ބައެއް ބޭފުޅުން، މިއަދު އެ ބޭފުޅުންގެ ޚިޔާލުފުޅަކަށް ނާދޭ، އެ ބޭފުޅުން އޭރު ކުރެއްވި މަސައްކަތުގައި، ރާއްޖެ މިނިވަން ކުރެއްވި މަސައްކަތް، އެ ބޭފުޅުންގެ ހިތްޕުޅަކަށް ނާދޭ. މިއަދު އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ކުރެއްވެނީ ކޮން މަސައްކަތެއްތޯ. ރާއްޖެ މިނިވަންވެފައި މިއޮތީ، ނޫނީ އިނގިރޭސިންގެ  އިސްތިޢުމާރުން ރާއްޖެ މިނިވަންވެފައި މިއޮތީ، ކިހާވަރެއްގެ މަސައްކަތެއް، ކިހާވަރެއްގެ ޤުރުބާނީއެއް ވެގެންތޯ؟ މިއީ އަޅުގަނޑުމެންގެ ހަނދާނުން ނެތޭވަރުގެ ވާހަކައެއްނޫން. މި ދައްކަނީ، 1965 އާ ހަމައަށް ހިނގައިދިޔަ ފަސް އަހަރު، ނޫނީ ދިހަ އަހަރުގެ ވާހަކަ މި ދައްކަނީ. ފަހަރުގައި ވެދާނެ، އަޅުގަނޑުމެންގެ ތެރެއިން އެންމެން ދުނިޔޭގައި ނެތްކަމަށް. އެކަމަކު، މިއީ ތާރީޚު ފޮތްތަކުން ކިޔާފައި، އަޅުގަނޑުމެން ހަނދާންނެތޭވަރުގެ ދިގު މާޒީއެއް ނޫން. މިއަދު މި ކުރެވެނީ ކީއްތޯ؟ އޭގެ ތެރޭގައި އުޅުއްވި ބޭފުޅުންނަށް، ދިވެހިރާއްޖެއަށް އިސްތިޢުމާރީ ބާރުތައް، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް ބެހެން ގޮވާލަމުން، ބެހުމުގެ ޖާގަ ދެމުންދާ މީހުންނާ އެއް މޭޒުކައިރީ ތިބެގެން، އެއް ޕޯޑިއަމްގައި ވާހަކަ ދެއްކީމާ، އެބަ ހިތަށްއަރާ، މިއީވެސް ހަމަ އޭރު މަސައްކަތްކުރި މީހުންބާވައޭ. ކޮބައިތޯ އެ ބޭފުޅުން މިއަދު ދައްކަވާނެ ވާހަކައަކީ ދިވެހިރައްޔިތުންގެ ކައިރީގައި؟ އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ލީޑަރުން. އެހެންވީމާ، ލީޑަރުންނަށް މި ވާވަރަކީ، ލީޑަރުންގެ އަމިއްލަ ބޭނުމެއް ނުފުދިއްޖެ ކަމަށްވަންޏާ، ލީޑަރުންނަށް ވަރިހަމަ ކޮންމެގޮތެއްވެސް. ރައްޔިތުންގެ މަތިން އެމީހުން ހަނދާނެއް ނުހުރޭ.

 

އަޅުގަނޑުގެ ވާހަކަ މިހާރުވެސް ދިގުވެއްޖެ. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާއިރުވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މުޅި ދިވެހިރާއްޖެއަށް އުފާފާގަތިކަމާއި، އަމާންކަމާއި، ދިވެހި އުއްމަތަށް އަޅުގަނޑުމެން ބޭނުންވާ ތަރައްޤީ ގެނައުމުގެ އިތުރު ހުވަފެން ދެކެން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ދަތުރަކީ، ދިގު ދަތުރެއް. ދަތުރު ފަށައިގެން ދެބައިވީކަމަށް އަޅުގަނޑު ގަބޫލުކުރެވެނީ. ދެބައިވީއިރު، ތަރައްޤީގައި 2800 އެތައް މަޝްރޫޢެއް، އަދި އަށްޑިހަ އަށްހާސް މިލިއަން ރުފިޔާ ހޭދަވި ވާހަކަ އެ ވިދާޅުވަނީ. ކުރީގެ ސަރުކާރުތަކުގައި، އަހަރެއްގެ މައްޗަށް، ޕީ.އެސް.އައި.ޕީ، މިކަހަލަ ބޮޑެތި މަޝްރޫޢުތަކަށް، ތިންހާސް މިލިއަން، ނޫނީ ހަތަރުހާސް މިލިއަން. އެ ޢަދަދުން ހިސާބުކުރާ ކަމަށްވަންޏާ، މި ދައްކަނީ ސައުވީސް އަހަރުގެ ވާހަކަ. ސައުވީސް އަހަރުގެ ވާހަކަ މިދައްކަނީ. ނޫން. ބާވީސް އަހަރުގެ ވާހަކަ މި ދައްކަނީ. ހަތަރަކުން އަށްޑިހަ އަށެއް ގެއްލައިލީމާ އަންނާނީ، މި ދެންނެވި އަދަދު، ބާވީސް. ބާވީސް އަހަރު، އެ ސްޕީޑްގައި މަސައްކަތްކުރާ ކަމަށްވަންޏާ، ބާވީސް އަހަރު ކުރާނެ މަސައްކަތް މި ފަސް އަހަރު ކުރެވުނު ވާހަކަ، ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. އެހެންވެގެން، އަޅުގަނޑުމެން ދަންނަވަނީ، އެމް.ޑީ.ޕީ. އިން ހިންގި ކޮންމެ މަޝްރޫޢަކަށް، ހަ މަޝްރޫޢު ހިންގާފައި އޮންނާނެއޭ. މިހާރު އެނގިގެން މިދިޔައީ، 2800 އެތައް މަޝްރޫޢެއް ހިނގާ ނިމިގެން ދިޔައިމާ، އަދި، އަށްޑިހަ އަށްހާސް މިލިއަން ހޭދަވެގެން ދިޔައިމާ، މި އެނގެނީ، ކުރީގެ ސަރުކާރުތަކުން، އޭރު ޚަރަދު ކުރަމުންދިޔަ އަދަދަށް ބަލާކަމަށްވަންޏާ، ބާވީސް އަހަރު ނެގީސް، މިހާރު މި ހިނގި ތަރައްޤީ ގެންނަން. އެހެންވީމާ، އިޚްލާޞްތެރިކަމާއެކީ، އަޅުގަނޑުމެންގެ ސަރުކާރުން ރައްޔިތުންނާއެކީ މަސައްކަތްތަކެއް ކުރެވިއްޖެ ދޮގެއްތޯ.

 

 އެހެންވީމާ، މި ތަރައްޤީއަކީ، މި ހުވަފެނަކީ، އިތުރު ހުވަފެން އަޅުގަނޑުމެންނަށް ފެނުމަށް އަޅުގަނޑުމެންނަށް އޮތް ދަތުރެއް ފަށައިގެން މިއުޅެނީ. އެހެންވީމާ، މި ދަތުރުގައި ދެބައިކުޅައެއްބަޔަށް ގޮސްފައި، މަގު އަނބުރާލާ އެއްޗެއްނޫން. އަޅުގަނޑުމެން ދާންވީ، އަޅުގަނޑުމެންނަށް ދެވެންއޮތް އެންމެ ދުރުމިނަކަށް. އެ ދެވުނީމާ، އަޅުގަނޑުމެން ގަބޫލުކުރާނީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން، ބޯބޯމައްޗަށް ބަހާލީމާ، ކޮންމެ މީހެއްގެ ޖީބަށްލެވޭ ފައިސާގެ އަދަދަކީ، އަޅުގަނޑު ބޭނުންވޭ، ވިހިހާސް އެމެރިކާ ޑޮލަރަށް ޖައްސަން. މިވާހަކަ ނުދައްކާނެ، އެމް.ޑީ.ޕީ. މީހުންނެއް. އެއީ، އަޅުގަނޑުމެން އެކަން ދައްކައިފީމު. އަޅުގަނޑުމެން ވެރިކަމަށް އައިއިރު، ބޮލަކަށްޖެހޭ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަކީ، ހަތަރުހާސް ޑޮލަރު. މިއަދު އެ އަދަދު އެ އުޅެނީ، ދިހަހާހާ ކައިރި އަދަދުގައި. ނުވަހާސް ހަސަތޭކަ ކޮންމެވެސްވަރެއްގައި އެ އުޅެނީ.

 

ދެން، އަޅުގަނޑު ތަރައްޤީގެ ވާހަކައެއް ނުދައްކާނަން. އެކަމަކު، އަޅުގަނޑު އިޚްލާޞްތެރިކަމާއެކީ، ދަންނަވާލާ ވާހަކައަކީ، އިޚްލާޞްތެރި ވިސްނުމަކާއެކީ، ތިޔަބޭފުޅުން ވޯޓާ ހަމައަށް ވަޑައިގަންނަވާ. އަދި، ތިޔަބޭފުޅުންނަށް ނަތީޖާ ބަދަލުކުރުމުގެ މަޤްޞަދުގައި، އެކިއެކި މީހުންގެ ކައިރިން އެކިއެކި ޝަކުވާ ހިފައިގެން އަންނާނެ. އެކިއެކި ވާހަކަ ދައްކާނެ. އެކަމަކު ގަބޫލުކުރައްވާ! މި ސަރުކާރަކު ނުހުންނާނެ، އެއްވެސް މީހަކާ ދޭތެރޭގައި، ނާއިންޞާފުން ކުރެވިފައި އޮތް ކަމެއް ނޯންނާނެ. ކަމެއްކޮށްފި މީހަކަށް، އަދަބު ލިބިފައި އޮތިއްޔާ، އަދަބު ލިބިފައި އޮންނާނީ، ޤާނޫނުގެ ތެރެއިން. އެހެނެއް އެމް.ޑީ.ޕީ.ގެ ސަރުކާރަކުން ވިދާޅެއްނުވެވޭނެ. އަދި، އޭގެ ކުރީގެ ސަރުކާރުތަކުގައިވެސް އެހެނެއް ވިދާޅެއްނުވެވޭނެ. އޭގެ ކުރީގެ ސަރުކާރުތަކަށް އެކަހަލަ ވާހަކަ ވިދާޅުވެވޭ ކަމަށްވަންޏާ، ދިވެހިރާއްޖޭގައި ހިނގާފައި އޮތް އެންމެ ބޮޑު ޚިޔާނާތަކީ، އެފް.ޕީ.އައި.ޑީ. ކަމަށް ވިދާޅުވި ބޭފުޅުންނަށް، އެ ބޭފުޅުންގެ ސަރުކާރުގައި ތިއްބެވިއިރު، އެ މައްސަލަ ބަލައިލާކަށް ނުކެރުނު. އޭގެފަހުން އައި ސަރުކާރަކަށްވެސް ނުކެރުނު. ދެން އައި ސަރުކާރަކަށްވެސް ނުކެރުނު. އަޅުގަނޑުމެން ދެންނެވީމު. އަޅުގަނޑުމެން މި އަންނަނީ މީހުންނަށް އުނދަގޫކުރާކަށް ނޫނޭ. އަޅުގަނޑުމެން ދެންނެވީމު، އަޅުގަނޑުމެން މި އަންނަނީ، ދިވެހިރާއްޖޭގައި އުފެދިފައި ހުރި ބޮޑެތި ޒަޚަމްތަކަށް، ހައްލެއް ހޯދުމަށޭ. ބޮޑެތި ޒަޚަމްތައް ފަސޭހަކުރުމަށޭ. ޒަޚަމްތައް ފަސޭހަކުރުވާށޭ. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރު އައިސްފައި، ފުރަތަމަ ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތެއް ނުކުރަން، މިހެން ހުރި މައްސަލަތައް ބަލާކަށް. އަޅުގަނޑު ބުނިން، މާޒީއަކީ މާޒީއޭ. އަޅުގަނޑު ނެތީމޭ، ކުރީގައި ހިނގައިދިޔަ ކަންތައްތައް ހާވައި ބަލާކަށް.

 

އެހެންނަމަވެސް، 2015 ވަނަ އަހަރު، މޭ ޑޭ ގައި، ނޫނީވިއްޔާ މޭ 1 ވަނަ ދުވަހު، އެ ނުކުތް މުޒާހަރާއަކީ، ސަރުކާރު ވައްޓާލަން ނުކުތް މުޒާހަރާ. އެ ހިސާބުން އަޅުގަނޑުވެސް ގަބޫލުކޮށްފިން، އެމީހުންގެ ފިކުރު އަދި ބަދަލެއްނުވާކަން. އެހާ ހިސާބުން، އަޅުގަނޑަށްވެސް ދެން ޖެހުނީ، އަޅުގަނޑުވެސް ކަންކަމުގައި ޖެހުނީ، އިތުރު ސޭފް ގަރޑް ނަގަން. ކިތައްމެ ސޭފް ގަރޑެއް ނަގަން މަސައްކަތްކުރިނަމަވެސް، ޙައްޖުން އެނބުރި އަންނައިރު، އަޅުގަނޑުގެ ލޯންޗުގައި ބޮން ގޮއްވާލާ ޚިޔާލާ ހަމައަށް މީހުންގެ ޚިޔާލު ދިޔައިމާ، އަދި، އެކަންކަން ތަންފީޒު ކުރީމާ، މިއީ، ކޮންކަހަލަ ބަޔަކު އުޅޭ ރާއްޖެއެއްތޯ ދިވެހިރާއްޖެއަކީ؟ އެކަހަލަ މީހުން އަޅާ މުގޯލި ފަހަތުން އެ ހިނގަނީ. އެކަހަލަ މީހުންގެ ފައިސާއިން މިއަދުވެސް، އިދިކޮޅު ފަރާތްތަކަށް ތަނަވަސްކަން ލިބިގެން އެ އުޅެނީ. އެކަމަކު ހަމަ އަނގަ ފުރާފައި ބުނަން ފަސޭހައޭ، އެ ފައިސާ ލިބުނީ އަޅުގަނޑުގެ ޕާޓީގައި، ޕީ.ޕީ.އެމް.ގެ މެންބަރުންނަށޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށޭ. އަޅުގަނޑުމެންގެ މެންބަރަކު ދޮގެއްތޯ، ރައްޔިތުންގެ މަޖިލީހުގައިވެސް ވިދާޅުވަމުން ގެންދެވީ، ތިމަންނާ ކިޔަންވީހޭ ލިސްޓު. އެ ލިސްޓު ދެން މިހާރު ކިޔާލަންވީ. އޭރަށް އެނގޭނެ، އެ ފައިސާ ބޭނުންކުރީ ކޮންބައެއްތޯ. އެހެންވީމާ، ކޮރަޕްޝަންގެ ވާހަކަވެސް ދެއްކެން ނެތް ބައެއް. ކޮރަޕްޝަނާ ދޭތެރޭގައި ކަމެއްވެސް ނުކުރެވުނު ބައެއް މިއީ.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އިޚުލާޞްތެރިކަމާއެކީ މަސައްކަތް ކޮށްދެއްވާ. އިޚުލާޞްތެރިކަމާއެކީ، އަޅުގަނޑުމެން މަސައްކަތް ކުރަންވީ، ދިވެހިރާއްޖެ ސަލާމަތް ކުރުމަށް. އިޚުލާޞްތެރިކަމާއެކީ، އަޅުގަނޑުމެން މަސައްކަތް ކުރަންވީ، އަޅުގަނޑުމެންގެ ޖީލާއި، އަންނަން އޮތް ޖީލުތަކަށް މަޞްލަޙަތާއި ސުލްޙަވެރިކަން ގެންނަން. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމު ބައްޓަންނުކުރާ ގޮތަކަށް، ބައްޓަންކޮށްދޭން ބޭރު ބަޔަކު އަންނާނޭ ކަމަށް ހީނުކުރައްވާ. އަޅުގަނޑުމެންނަށް ހަދިޔާ ހިފައިގެން އަންނާނޭ ބޭރު ބަޔަކު އަންނާނޭ ކަމަށް ހީނުކުރައްވާ. އަޅުގަނޑުމެންގެ ކަންކަން ނިންމާނީ އަޅުގަނޑުމެން. އަޅުގަނޑުމެން ހެޔޮއެދޭނީ، އަޅުގަނޑުމެންނަށް. އެހެން ބަޔަކު، ނާންނާނެ އަޅުގަނޑުމެންނަށް ހެޔޮ އެދޭކަށް. އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައިހުރި މައްސަލަތަކެއް ނަގާނީ. ނޫނީވިއްޔާ، މައްސަލަ އުފަންކުރާނީ. ނެތް މައްސަލަ، ވުޖޫދު ކުރާނީ. އެއީ، ބައެއް ބޭރު މީހުންގެ ކަންތައްތައް ހުންނަ ގޮތަކީ. މިއީ، ކުޑަކުޑަ ދިވެހިރާއްޖެއަކަށްވާތީ، ކޮންމެ ބަޔަކުވެސް ހީކުރަނީ މިއީ، ދޫނި ރާއްޖެކަމަށް. މިއީ، ބަނާނާ ރިޕަބްލިކެއް ކަމަށް. އެއަށް ޖާގަ ނުދެއްވާ! ޒުވާނުންގެ އެވަރު ހަކަތަ ހުންނާނެ. މި ރަށްރަށުގައި އެވަރުގެ ހަކަތަ ހުންނާނެ. އަޅުގަނޑުމެންގެ ކަންކަން ނިންމުމަށް، ބޭރުގެ މީހުން އަތްބާނަން ޖާގަ ނުދެއްވާ! އަދި، އެ ވާހަކަ ދައްކާ ލީޑަރުންނަށް ވިދާޅުވޭ، ކަލޭމެން އެއަށް ނޫނެކޭ ބުނަން ކެރޭށޭ. ނޫނެކޭ ބުނެފައި ނޫނީ ތިމަންނާމެން ކައިރިއަށް ވޯޓު ހޯދަން ނާންނާށޭ. އެހާ ހިސާބަށް އަޅުގަނޑުމެންގެ ހަކަތަ ހުރިކަން ދައްކައިލެވިއްޖެ ކަމަށްވަންޏާ، ދިވެހިރާއްޖެއަކީ، ސަލާމަތުން އޮންނަ ރާއްޖެއަކަށް ވެގެންދާނެ. މަދު މީސްކޮޅެއް އޮތަސް، އަޅުގަނޑުމެންނަކީ މި ސަރަޙައްދުގައި، އަޅުގަނޑުމެންނަކީ ފާހަގަކޮށްލެވޭ ޤައުމަކަށް އެބަވޭ. އެހެން ނޫނީވިއްޔާ، ދުނިޔޭގެ ހުރިހާ ދިމާއެއްގެ ނަޒަރު، އަޅުގަނޑުމެންނަށް ހުއްޓޭކަށް ނުޖެހޭ. މިއީ، ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ތަނެއްގައި ބާއްވާ އިންތިޚާބެއް. މި އިންތިޚާބުގެ ނަތީޖާއާ ދޭތެރޭގައި، އިންތިޚާބު ބޭއްވުމުގެ ކުރިން، ސުވާލު އުފައްދަން ފަށައިފި. އަޅުގަނޑުމެން މި އުޅެނީ އިންތިޚާބެއް ބާއްވަން ނޭނގިގެންތޯ. އަޅުގަނޑުމެން މިއުޅެނީ، މިނިވަންކަމާއެކީ ވޯޓުލާނެގޮތް، ދިވެހިރައްޔިތުންނަށް ނޭނގޭތީތޯ؟ ކީއްވެގެންތޯ، ބޭރު މީހުންނަށް ހީވަނީ، އެމީހުންނަށް އެކަންޏޭ، ވޯޓު ކަރުދާސްކޮޅުގައި ރަނގަޅު ފާހަގަ ޖަހަން އެނގެނީ. އަޅުގަނޑުމެންގެ ދިވެހި ދަރިން ދައްކައިދީފި، އެ ބޭރުގެ ބައެއް ދަރިންނާ، އެއް ޔުނިވަރސިޓީތަކުން ކިޔަވައިގެން، ބައިނަލްއަޤްވާމީ އެއް އިމްތިޙާނުތަކެއް ހަދައިގެން އެމީހުން ޖަހާލާފައި، އަޅުގަނޑުމެން މަތީ ވަނަ ހޯދައިފީމު.

 

 އެހެންވީމާ، އަޅުގަނޑުމެން މި އުޅެނީ ރަނގަޅު ފާހަގަލާން ނޭނގިގެންތޯ؟ އެހާ ކުރުކޮށް އަޅުގަނޑުމެންގެ ސައިޒް، މިންއަޅާކަށް ނުވާނެ. އަޅުގަނޑުވެސް ބޭނުންވޭ، ހަމަ ރޫފައަށް ތެދުވެލަން. އަޅުގަނޑުމެން ހަމަ ރޫފައަށް ތެދުވެލާއިރު، އަޅުގަނޑު މިކަމުގައި މަދަދު އެދެނީ ދިވެހި ޒުވާނުންގެ ފަރާތުން. ދިވެހި ޒުވާނުން، ދިވެހިރާއްޖެ ހަމަ ރޫފައަށް ތެދުވުމަށް މިފަހަރު ވޯޓު ދެއްވާ! މިފަހަރުގެ ވޯޓަކީ، އެއް ނަންބަރަށް ދެއްވާ ވޯޓަކަށް ހައްދަވާ! ތިޔަބޭފުޅުންގެ މުސްތަޤްބަލް އުޖާލާކުރަން ދެއްވާ ވޯޓަކަށް ހައްދަވާ!

 

އިރާދަކުރެއްވިއްޔާ، އިޚްލާޞްތެރި މަސައްކަތުގައި، މާތް ﷲގެ ބަރަކާތް މިންވަރު ކުރައްވާނީ. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތް ﷲގެ މަދަދުވެރިކަމާއި ހެޔޮ ތައުފީޤު މިންވަރު ކުރުން އެދި، އަޅުގަނޑު، اللّـه تعـالى ގެ ހަޟުރަތުގައި ދުޢާ ދަންނަވަން.

 

والسّــلام عليــكم ورحـمــة اللّـه وبـركاتـه.