بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތު މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 

ގަމުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި ތުނޑީ އަވަށުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

 

އަޅުގަނޑު ތުނޑީ އަވަށަށް މިއައީ، ގަމަށް މިއައީ ތުނޑީ އަވަށުގެ ބަނދަރު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި، މި އުފަލުގައި ތިޔަބޭފުޅުންނާއެކީ ބައިވެރިވާން. އަދި އަޅުގަނޑު މި އައި އައުމުން، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑާ ދޭތެރޭގައި އުފެދިފައި ތިޔައޮތް ގާތްކަމުގެ ޝުޢޫރު ރަމްޒުކޮށްދޭ، އަޅުގަނޑަށް އިސްތިޤްބާލު ވިދާޅުވި ވިދާޅުވުމުންވެސް. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ޝުކުރު ދަންނަވަން.

 

އަޅުގަނޑުމެން މީގެ ދުވަސްތަކެއް ކުރިން ނިންމައިގެން ތިބެނީ، ނޫނީ ހީވެފައި އޮންނަނީ، ކަށަވަރު ކުރަން ބުނެފައި އޮންނަނީ، ގަމަކީ އަޅުގަނޑުމެންނާ ދެކޮޅު ފިކުރު އޮތް ތަނެއް ކަމަށް. އެކަމަކު އަޅުގަނޑު މިއަދު މި ރަށަށް އައިމާ، އަޅުގަނޑަށް އެނގޭ، ގަމަކީ އަޅުގަނޑުމެންނާ އެއްކޮޅު ފިކުރު އޮތް ތަނެއްކަން. އެއްގޮތަކަށްވެސް ދެކޮޅު ފިކުރު އޮތް ތަނެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. ގިނަ މަސައްކަތެއް ތިޔަ ހުރިހާ ރައްޔިތުން އެބަ ކޮށްދެއްވާ. އަދި ހަމައެއާއެކީ، އަޅުގަނޑުމެންގެ ފަރާތުން، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އިސްބޭފުޅުން ވަޑައިގެން މިތާ އެބަ ހަރަކާތްތެރިވެވަޑައިގަންނަވާ. އަޅުގަނޑުމެން ކުރަންވީ އިޚްލާޞްތެރި މަސައްކަތް. އިޚްލާޞްތެރި މަސައްކަތުގައި ﷲ ގެ ބަރަކާތް މިންވަރު ކުރައްވާނެ.

 

އަޅުގަނޑުމެން މި ރަށަށް އައިސް މި ވާހަކަ ދައްކާއިރު، އަޅުގަނޑުވެސް ހަމަ ސުވާލުކޮށްލަން ބޭނުންވޭ. ގަމަކީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ އަޣްލަބިއްޔަތެއް އޮތް ތަނަކަށްވާންޖެހޭ ސަބަބެއް އެބައޮތްބާވައޭ؟ އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، ސަބަބެއް އޮތް ކަމަކަށް. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، ސަބަބެއް އޮތް ކަމަކަށް. އެއީ މިވަރުގެ ބޮޑު ރަށެއްގައި، ތަރައްޤީގެ މަޝްރޫޢުތައް ހިންގާ މިންވަރަށް ބަލާއިރު، އަޅުގަނޑުމެން މި މިނެކިރާލަންވާނީ، ޝައުޤުވެރިކަން އޮތް މިންވަރު، ނޫނީ ތާއީދު އޮތް މިންވަރު، ނޫނީވިއްޔާ ތާއީދުކުރުންމަތީ ދެމިތިބެންވީ ކިހާވަރަކަށްތޯ، އަޅުގަނޑުމެން މިންއަޅައިލަންވާނީ، ކޮންބަޔަކު ކޮންކަމެއްތޯ ގަމަށް މީގެކުރީގައި ކޮށްދިނީ، މިހާރު ގަމަށް ކަމެއް ލިބެމުން އެބަދޭތޯ، ކަމެއް އެބަވޭތޯ؟ އެއީ ރައްޔިތުން ބޭނުންވާނެ ކަންކަން. ރައްޔިތުން ބޭނުންވާނީ މި ތަންތަނުގައި ހުންނަ އަސާސީގޮތުން ބޭނުންވެފައި ހުރި ކަންކަން. ނުފުދިފައި ހުރި ކަންކަމަށް ޙައްލުތަކެއް ލިބިގެންދިޔުން. ތަރައްޤީގެ މަޝްރޫޢުތަކެއް މި ތަންތަނުގައި ޤާއިމުވެގެންދިޔުން.

 

ގަމަށް އައިސް މި ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ތަފާސް ހިސާބަކުން އަދަދު ދަންނަވާލާނަން. އޭރަށް ތިޔަބޭފުޅުންނަށް އަޅުގަނޑު މި ދަންނަވާ ވާހަކަ، ތަންކޮޅެއް ސާބިތުކަމާއެކީ ގަބޫލުކުރައްވަން ފަސޭހަވާނެ.

 

އަޅުގަނޑުމެންގެ ސަރުކާރު، ނޫނީ އަޅުގަނޑުމެން ޒަޢާމަތާ ހަވާލުވުމުގެ ކުރިން، 2013ގެ ކުރިން ހިނގައިދިޔަ ފަސް އަހަރު، ދެ ދައުރެއް. ދެ ބޭފުޅަކު ވެރިކަމުގައި ތިއްބެވީ. ރައީސް ނަޝީދާއި، ރައީސް ވަޙީދު. އެ ފަސް އަހަރުގެ ތެރޭގައި، މި އޮތް ބޮޑު ރަށަށް، ޖުމްލަ، މިކަހަލަ، ބަނދަރު ކަހަލަ ބޮޑެތި މަޝްރޫޢުތަކަށް ހޭދަކުރެވުނު ފައިސާގެ އަދަދުގެ ޖުމްލައަކީ  35 މިލިއަން އިނގޭތޯ. ނިސްބަތުން މިއީ ކުޑަކުޑަ އެއްޗެއް. ނިސްބަތުން މިއީ ވަރަށް ކުޑަކުޑަ އެއްޗެއް. އަޅުގަނޑު މާބައިދޫގައި ވާހަކަ ދައްކަމުން، އަޅުގަނޑު ހަނދާންވަނީ އަޅުގަނޑު މާބައިދޫގައި ބުނިން، މާބައިދޫގައި ހަމަ މި ދެންނެވި ފަސް އަހަރު އޮތީ ދޮޅު މިލިއަނޭ. އެކަމަކު އަޅުގަނޑުމެންގެ ސަރުކާރުން ފަސް އަހަރުގެ ތެރޭގައި ހޭދަކޮށްފީމޭ 60 މިލިއަން. މި ރަށުގައި މި ދަންނަވަނީ، މި ރަށަށް، މި އޮތް ބޮޑު ރަށަށް، އަދި އާބާދީ އެހާ ބޮޑު އާބާދީއެއް އޮތް ރަށެއްގައި، ކުރީގެ ސަރުކާރުން، އެ ފަސް އަހަރުގެ ތެރޭގައި ހޭދަކުރައްވާފައި އޮތީ މިކަހަލަ ބޮޑެތި މަޝްރޫޢުތަކަށް ހަމަ އެންމެ 35 މިލިއަނޭ.

 

ދެން އަޑުއައްސަވާ! އަޅުގަނޑުމެންގެ ސަރުކާރުގެ ފަސް އަހަރު، މި ހުޅުވިގެންދިޔަ ބަނދަރާއެކީ ހޭދަކުރެވިފައި އޮތް މިންވަރު، 615 މިލިއަން. އެންމެ 35 މިލިއަނުން، އެންމެއޭ ދެންނެވިޔަސް، 35 މިލިއަނަކީ ބޮޑު އަދަދެއް. އެކަމަކު ހިސާބު އަކުރުން ދެން މި އަޅައިކިޔަން އޮތް އަދަދުގެ ނިސްބަތުން، އެންމެ ތިރީސް ފަހެކޭ މި ދަންނަވަނީ. 35 މިލިއަނުން  615 މިލިއަނުގެ މަޝްރޫޢުތައް، މި ފަސް އަހަރުގެ ތެރޭގައި ގަމަށް މިއޮތީ އައިސްފައި. ދެން އެހެންވީމާ ކީއްވެގެންތޯ، ގަމުގެ އަޣުލަބިއްޔަތު އެހެން ދިމާއަކަށް ދާންވީ؟ އަޅުގަނޑު ހަމަ ވިސްނައި، ވިސްނައި، އަޅުގަނޑަކަށް ނުވިސްނޭ.

 

އެހެންވީމާ، މި އަދަދަށް ހޭދަވެފައި ހުރިކަން އަދި ތަފާސް ހިސާބުގެ އަދަދު، ތިޔަބޭފުޅުންގެ ހިތްޕުޅުގައި ނެތްނަމަވެސް، ތިޔަބޭފުޅުން ގަބޫލުކުރައްވާ، ބޮޑެތި މަޝްރޫޢުތަކެއް، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހޭދަވެފައި އޮތްކަން ގަބޫލުކުރައްވާފައި، އަދި ގަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ނަތީޖާ، ﷲ ކިތަންމެހާވެސް ފާގަތިކޮށް އަޅުގަނޑުމެންނަށް މިންވަރު ކުރައްވައިފި. އެހެންވެގެން އަޅުގަނޑަށް ތިޔަބޭފުޅުން ތިހާ ވަރުގަދަ އިސްތިޤްބާލެއް، ތިހާ ވަރުގަދަ މަރުޙަބާއެއް ތިޔަ ވިދާޅުވީ. ފަށްފަށުން ޝުކުރު ދަންނަވަން.

 

އަޅުގަނޑަކަށްވެސް ވާހަކަ ދައްކާކަށް މާ ވަގުތު ތަނަވަހެއްނޫން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ގަމަށް އައުމުގެ ކުރިން، ދަތުރު ހެދުމުގެ ކުރިންވެސް އަޅުގަނޑަށް އެނގޭ، ގަމަކީ ބިން ބޮޑު ރަށަކަށްވާއިރުވެސް ގަމަށް އެންމެ ދަތިވެފައި އޮތީ، ގަމުގެ މީހުން ދިރިއުޅެން ގޯތި ކަނޑާފައި ނުދެވޭ މައްސަލަ. އެހެންވީމާ، އަޅުގަނޑު މި ދަތުރު ފެށުމުން ކުރިން، އަޅުގަނޑު އެކަން ނިންމާފައި މިއައީ. އިރާދަކުރެއްވިއްޔާ، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ގަމުން ހަތަރުސަތޭކަ ގޯތި ލިބުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ. ފޯމުތައް ހުށަހަޅައި، އެ ގޯތި ނެގުމުގެ އިންތިޒާރުގައި ތިއްބެވި ބޭފުޅުން، ހަމަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މިކަން ކަށަވަރު ކުރައްވާ!

 

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު އަބަދުވެސް ދަންނަވަމުން މި އަންނަނީ އަޅުގަނޑަކީ ހުވަފެން ދެކޭ މީހެކޭ. އަދި ރައްޔިތުންނަށް ހުވަފެން ދުށުމަށް އިލްތިމާސް ކުރަމުން އަންނަ މީހެކޭ. މި ގޯތިތައް ދޭއިރުވެސް އަޅުގަނޑު ދަންނަވާނަން. އަޅުގަނޑުގެ ވާދަވެރި ފަރާތްތަކުން އެންމެ ރުޅިއަންނަނީ ތަރައްޤީއަކީ ކޮންކްރީޓޭ، އަޅުގަނޑު ބުނާތީ. އެހެންވީމާ، ތިޔަބޭފުޅުން ގޯތިތައް ލިބުނީމާވެސް، ކޮންމެވެސް ކޮންމެވެސް ގެތައް ދަނޑިފަނުން އަޅާތި! ކޮންކްރީޓް ބޭނުންނުކުރާތި! އޭރުން ނޫންތޯ، ފުމެލީމާވެސް ވަޔާދާނީ. އެހެންވީމާ، މި ކޮންކްރީޓްދެކެ މި އަންނަ ރުޅިއެއް، އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު. އެކަމަކު ރޭގައި ހިތަށްއެރި ވިސްނާލީމާ، އަޅުގަނޑުގެ ކުރިމަތީގައި ބްރިޖް އޮތީމާ، ބްރިޖަށް ހިނގާފައި އޮތް ކޮންކްރީޓް ފެނިގެން ދިޔައިމާ، މިއީއޭ ތަރައްޤީދެކެ މި ރުޅި އަންނަ ކަމަކީ. ތަރައްޤީއަކީ ކޮންކްރީޓް. ކޮންކްރީޓުން މި އަންނަނީ އަޅުގަނޑުމެން ބިނާކުރަން ބޭނުންވާ ތަންތަން. އަޅުގަނޑު ކިހިނެއްތޯ، މިތަނުގައި މަގަތު ތޮށިލައިދޭނީ ކޮންކްރީޓް ބޭނުންނުކުރާނަމަ.

 

އެހެންވީމާ، ތިޔަބޭފުޅުންވެސް ގެދޮރު ހަދާއިރު، ކޮންމެވެސް ކޮންމެވެސް ކޮންކްރީޓް ބޭނުންނުކޮށް، ސިމެންތި ބޭނުންނުކޮށް މިކަން ކުރައްވާ! ރައީސް އެއޮތީ 400 ގޯތީގެ ޖާގަ ހޯދައިދީފައި. ދެން އަނެއް މީހުން ހިތްހަމަޖެއްސުމަށްޓަކައި ދަނޑިފަނުން ގެ ހެދުން ބުއްދިވެރި.

 

ރައީސް ކީއްވެގެންތޯ، ޒުވާނުންނަށާއި، އެކި އުމުރުފުރައިގެ މީހުންނަށް ހުވަފެން ދައްކަމުން މި އަންނަނީ؟ ހުވަފެންމަތީގައި ދެމިތިބެން މި ބުނަނީ ކީއްވެގެންތޯ؟ ހުވަފެން ދެކެން ޒުވާނުން ކައިރީގައި މި ބުނަނީ ކީއްވެގެންތޯ؟ އެހެން ދަންނަވާ ސަބަބަކީ، އަޅުގަނޑުމެންނަކީ މީގެކުރިން ނާއުއްމީދުވެފައި ތިބި ބަޔަކަށްވާތީ. އެއްވެސް ރަށެއްގައި، ތަރައްޤީގެ އެއްވެސް ބޮޑު މަޝްރޫޢެއް ހިނގާނެކަމުގެ އުއްމީދެއް ނެތް. އިންތިޚާބެއް ކައިރިވެގެން އައިމާ، ތަންތަނުގައި ކަޑަޖަހާނެ. އިންތިޚާބެއް ކައިރިވެގެން އައިމާ، ބަނދަރު ހެދުމަށް ބޭނުންކަމަށްވަންޏާ، ބަނދަރު ފެންނަ ހިސާބުން، ރައްޔިތުންނަށް ބަނދަރާއި، ރައްޔިތުންނަށް ފެންނަ ހިސާބުން ދެކޮޅުދެކޮޅަށް ކޮންމެވެސްކަހަލަ އުފުއްޔެއް ކަހަލަ އެއްޗެއް ދުވާނެ. މިއީ، އަޅުގަނޑުމެން ރައްޔިތުން މީގެކުރީގައި ކުރަމުންދިޔަ އިންތިޒާރު. އެކަމަކު މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑު މިއައީ ތިޔަބޭފުޅުންގެ ބަނދަރު ހަދައިދީފައި، ބަނދަރު ހުޅުވައިދޭން.

 

ރައީސް ޔާމީން އުފެއްދީ އެތައްހާސް ވަޒީފާއެއް. މި ވަޒީފާގެ އަދަދު، ނުވަދިހަ ހަތަރުހާހަށްވުރެ މައްޗަށް މިހާރު ހިނގައްޖެ. އަޅުގަނޑުމެން ހިސާބުކުރަމުން އައިސް، ހަތްދިހަ ހަހާހޭ ބުނެވުނީ، އެއީ މިދިޔަ އަހަރު. ސަރުކާރު ކުންފުނިތަކުން އެކަނި އެތައްހާސް ވަޒީފާއެއް އުފައްދައިފި. ހަމައެހެންމެ، ޞިނާޢަތްތައް އުފައްދަމުން މިގެންދަނީ، އަޅުގަނޑުމެންގެ އަމިއްލަ ޞިނާޢަތްތައް އުފައްދަމުން މިގެންދަނީ ދިވެހި ޒުވާނުންނަށް އަދި ދިވެހިރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް ފުރުޞަތުދޭން.

 

އެހެންވީމާ، ހުވަފެން ނުދެކޭންވީ ސަބަބެއް ނެތެއްނޫންތޯ. މި އުފައްދާ ވަޒީފާތަކާއި، އިޤްތިޞާދު މިހާ ވަރުގަދަވެގެން ދިޔައިމާ، އަޅުގަނޑުމެން ބޭނުމެއްނުވޭ، މިތާ ވަޒީފާތަކަށް އަޅުގަނޑުމެން ނޫން ބަޔަކު އައިސް މިކަން ކުރާކަށް ބޭނުމެއްނުވޭ. އަދި އަމުދުން އަޅުގަނޑުމެން ބޭނުމެއްނުވާނެ، އަޅުގަނޑުމެންގެ މައްސަލަތައް ޙައްލުކުރާކަށް، ދިވެހި ސިފައިންނާއި ދިވެހި ފުލުހުން ބޭނުމެއްނުވާނެ. މިކަހަލަ އަޅުވެތިވާކަހަލަ، އަޅުވެތިކަމުގައި ދެމިތިބުމުގެ ވާހަކަ، އިދިކޮޅު ފަރާތްތަކުން މި ދައްކަނީ. އިދިކޮޅު ފަރާތްތަކުން މިހާރު ތަރައްޤީގެ ވާހަކައެއް ނުދައްކާނެ. އިދިކޮޅު ފަރާތްތަކުން ދައްކާނީ، ރައީސް ޔާމީން ދައްކާފައި ހުރި ވާހަކަ. އެކަމަކު އަޅުގަނޑުމެންނަށް އިއްޔެ އެނގިގެން މިދިޔައީ، ރައީސް ޔާމީން މިހާރު ކޮށްދެމުން މި އަންނަނީ، މީގެކުރީގެ ސަރުކާރެއްގައި، އެމް.ޑީ.ޕީ އިން ކުރަން ނިންމާފައި ހުރި ކަންކަން ކަމަށްވަނީ. އެހެންނަމަވެސް، އެކަންކަން، އެބޭފުޅުންނަށް ލިބުނު މުއްދަތު ކުރުވެގެން އެބޭފުޅުންނަށް ނުކުރެއްވުނީ. އެހެންވީމާ، ނުކުރެއްވުނީމާ ތިން އަހަރުވެފައި، ސައްޕެއްޖަހާހެން އެބޭފުޅުން ފައިބައިގެން އެދިޔައީ. އެހެންވީމާ، ދެން ކީއްތޯކުރާނީ؟ އަޅުގަނޑު އެބަޖެހޭނޫންތޯ އެކަން ކޮށްދޭން. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ، ރާއްޖޭގެ ހުރިހާ ދިމާއަކަށް އައިސްފައި އޮތް ތަރައްޤީއަށްވުރެ، ނިސްބަތުން ގަމަށް އައިސްފައި އޮތް ތަރައްޤީ، އަޅުގަނޑު ދަންނަވާނީ ހަމަ ބޮޑޭ. ގަމަށް އައިސްފައި އޮތް ތަރައްޤީ ބޮޑު.

 

 އެހެންވީމާ، ތިޔަބޭފުޅުންގެ ކުރިމަތީގައި ހުއްޓިހުރެ މިކަހަލަ ވާހަކަ ދައްކާއިރުވެސް، އަޅުގަނޑު ހަމަ އަޅުގަނޑުގެ އަމިއްލަ އިލްތިމާސެއް ދަންނަވާލާނަން. އަމިއްލަ އިލްތިމާސެއްގެ ގޮތުގައި ދެންނެވި ނަމަވެސް، އަދި ފަހުން މި ވާހަކަ ހަމަ ބަދަލުވެސްވާނެ. މިމަހުގެ 23 ވަނަ ދުވަހު، ގާތްގަނޑަކަށް އޮތީ ދެ ހަފްތާއެއްހާ ދުވަސް. އަޅުގަނޑަށް މިއަދު ތިޔަ ވިދާޅުވި މަރްޙަބާ، އިޚްލާޞްތެރިކަމާއެކީ ވޯޓަށް ބަދަލުކޮށްދެއްވާ. އެއް ނަންބަރުގައި، ކެންޑިޑޭޓް ނަންބަރު، އެއް ނަންބަރުގައި ފާހަގަޖަހައިދެއްވާ! އަޅުގަނޑާއި ޑޮކްޓަރ ޝަހީމާ، އަޅުގަނޑުމެންގެ ޕާޓީން ނުކުމެ މިކުރާ މަސައްކަތަކީ ކޮބައިތޯ؟ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއެކީ، އަޚްލާޤާއި، ރޫޙާނީ ބައި، ނޫނީވިއްޔާ ދީނީ ތަރުބިއްޔަތާއި، ކުދިންގެ ރަނގަޅު ތަރުބިއްޔަތު މަގުގައި ތިބެގެން ކުރިއަށްދާން ކުރާ މަސައްކަތެއް. އޭގެ އިސްބޭފުޅަކަށް ހުންނަވާނީ ޑޮކްޓަރ ޝަހީމް.

 

ތަރައްޤީގެ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި އުނިވެގެންދާ ސިފަޔަކީ، ދީނަށް ކަމޭނުހިތުމާއި، އަދި އަޅުކަމަށް ކަމޭނުހިތުމާއި، ކޮންމެފަދަ ވާހަކައެއްވެސް ބުނެލާކަށް، ވަކި ފެންވަރެއް، ވަކި ގިންތިއެއް ނެތްކަން. އެ ވަރިހަމަ، ޢިލްމުވެރިޔަކަށްވިޔަސް. އެކަމަކު ހަމަ އެ ވާހަކަ ޢިލްމުވެރިން ވިދާޅުވާނެ. ތިޔަކަހަލަ ވާހަކަ ދެއްކުމަކީ، ދީނުގައި ރަނގަޅު ކަމެއް ނޫނޭ. އެކަމަކު ބައެއް ބޭފުޅުން މިކަހަލަ ވާހަކަ ދައްކަވަން ބޭނުންވީމާ، އިސްތިސްނާ އަބަދުވެސް އާދޭ.

 

އެހެންވީމާ، މިކަހަލަ ކަންތައްތައް ހުރީމާ، އަޅުގަނޑުމެން އެބަ ބޭނުންވޭ، އަޅުގަނޑުމެން ކިޔަވާ ކުދިންނަށް މިހާބޮޑު ޚަރަދެއް، ހޭދައެއް ކުރަމުންދާއިރު، މި ކުދިން އެބަޖެހޭ، ތަރުބިއްޔަތުގެ ރަނގަޅު އުނގުތަކުން ނުކުންނަ ބަޔަކަށްވާން. މި ކުދިން އެބަޖެހޭ ތަރުބިއްޔަތުވާން. އެހެންވީމާ، ރާއްޖޭގައި އުވިމިދާ ފޭރާން، ނެތިމިދާ ފޭރާން އަނބުރާ ރަނގަޅު ކުރެވޭނެ ގޮތަކީ، މި ދެންނެވި ތަރުބިއްޔަތު ލިބިގެން. އެ މަސައްކަތް، އެންމެ އިސް މަސައްކަތެއް ގޮތަށް ކޮށްދެއްވޭނެ ބޭފުޅަކަށް އަޅުގަނޑަށް ފެނުނީ ޑޮކްޓަރ ޝަހީމް މިވަގުތު. އެހެންވެގެން އަޅުގަނޑު އިޚްތިޔާރުކުރީ އަޅުގަނޑުގެ ނައިބު ރައީސަކަށް، އަޅުގަނޑު ހޮވިއްޖެ ކަމަށްވަންޏާ، ޑޮކްޓަރ ޝަހީމް މި މަސައްކަތް ކޮށްދެއްވާނެތީ.

 

ދެން އޮތީ ތަރައްޤީ. ﷲގެ ރަޙްމަތާއެކީ، އަޅުގަނޑުމެން ދުނިޔޭގައި ތިބިއްޔާ، އަޅުގަނޑުމެން ދެކެން ބޭނުންވާ ހިސާބަށް ތަރައްޤީ ދާނެ. އަޅުގަނޑުމެން ދެކެން ބޭނުންވާ ހިސާބަށް ތަރައްޤީ ދިޔުމަކީ، އިސް އުފުލައިލިޔަސް، ހަމަ ވަރަށް ވަރުގަދައަށް އިސް އުފުލައިލައިގެން ނުފެންނަހާ އުސް އިމާރާތްތައް، ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް ހެދިގެންދާނެ.

 

ދަތުރުފަތުރުގެ ފަސޭހަކަމަށް ބެލިޔަސް، އަޅުގަނޑުމެން ނުދައްކާނަން، ދަތުރުފަތުރު ކަނޑުމަގުން ކުރާ ވާހަކައެއް. އަޅުގަނޑުމެން ދައްކާނީ އެއަރޕޯޓް އަޅާ ވާހަކަ. އަޅުގަނޑުމެން ދައްކަނީ ބްރިޖް އަޅާ ވާހަކަ. އެހެންވީމާ، އެއީ އަޅުގަނޑުމެން ގެންނަ ތަރައްޤީއަކީ. މިއަދު ހުޅުމާލެއިން ދަތުރުކޮށްފައި އަންނަ ދޮށީ ރައްޔިތުންވެސް އެބަ ބުނޭ، ތިމަންނާމެންނަށް ހާދަ ފަސޭހަވެއްޖެއޭ. ކަނޑުގަދަވީމާ، ކަނޑުމައްޗަށް ނޭރޭ އެންމެން އެބަ ބުނޭ، ތިމަންނާމެންނަށް މިއަދު އިރާދަކުރެއްވިއްޔާ އެއީކީ މައްސަލައެއް ނޫނޭ. އަޅުގަނޑު ކައިރީގައި މިއަދު ބޭބޭފުޅުން ވިދާޅުވި، ހުޅުމާލެއަށް ދަތުރުކުރާ ފެރީ ޓަރމިނަލް މިއަދު އޮތީ ދުންއަޅާފައޭ. އެ ފެރީގައި ދާނެ މީހަކު ނެތް. މިއީ ދޮގެއްތޯ ތަރައްޤީއަކީ. މިއީ ދޮގެއްތޯ އުއްމީދު ހާސިލުކުރުމަކީ. މިއީ ދޮގެއްތޯ ހުވަފެން ދެކެންވީ ސަބަބަކީ.

 

އެހެންވީމާ، މިކަހަލަ ހުވަފެން، މީގެކުރީގައި އެބޭފުޅުންނަކަށް ނުފެނުނު. މިހާރު  މި ފެންނަ ހުވަފެނުގައި ބްރިޖް އެބަ ފެނޭ. އެކަމަކު ބްރިޖް ކޮންކްރީޓުން އެޅީމާ ކަމަކުނުދޭ. އެކަމަކު އެބޭފުޅުން ދަނޑިފަނުންވެސް ނޭޅި. އެހެންވީމާ، އަޅުގަނޑުމެން އުއްމީދު ކުރަންވީ، މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ ކުރިމަގު އާރާސްތު ކުރަން. ކުރިމަގުގައި އާރާސްތުކުރާ ކަމަށްވަންޏާ، އަޅުގަނޑުމެން މިކަހަލަ ހުވަފެންތައް ދުށުންމަތީ ތިބުން ނޫންގޮތެއް ނެތް.

 

ދިވެހި ޒުވާނުންނަށްވެސް އަޅުގަނޑު ދަންނަވާލަން އޮތީ މި ވާހަކަ، އިޤްތިޞާދު ވަރުގަދަ ކުރުމާއި، އިތުރު ފުރުޞަތު ހޯދުމާއި، އަދި ގަން ކަހަލަ، ހައްދުންމަތީގައި މިއޮތް ރަށްތަކަކީ ޓޫރިޒަމްގެ ފުރުޞަތު އޮތް ތަނަކަށްވާތީ، މި އުއްމީދުގައި ތިއްބަވާށޭ! މި އުއްމީދު އިރާދަކުރެއްވިއްޔާ ފުރިހަމަކޮށްދޭނީވެސް އަޅުގަނޑޭ.

 

އަޅުގަނޑު ދަންނަވާލިން. ކައްދޫގައި މިއޮތް އެއަރޕޯޓަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް، ބޮޑު އެއަރޕޯޓަކަށް ހަދަންޖެހޭ އެއަރޕޯޓެއް. އެހެންވީމާ، އަޅުގަނޑުގެ ސަރުކާރުގައި، އިރާދަކުރެއްވިއްޔާ ދެވަނަ ދައުރެއް، ތިޔަބޭފުޅުންގެ މަސައްކަތުން ﷲގެ ރަޙްމަތާއެކީ މިންވަރު ކުރައްވައިފިނަމަ، އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި، ކައްދުއަކީ އެންމެ ބޮޑެތި ބޯޓުފަހަރު ޖެއްސޭވަރުގެ އެއަރޕޯޓަކަށް ހަދާނަމު. އަދި ސީދާ މަތިންދާބޯޓު ޖެއްސޭ ތަނަކަށް ކައްދޫގެ އެއަރޕޯޓް ބަދަލުވެގެންދިޔައިމާ، މިތަނަށް ޓޫރިޒަމް މިހާރު އައުން ދަތިވި ކަމުގައިވީނަމަވެސް، އިސާހިތަކު އެއީ ފަސޭހަކަމަކަށް ވެގެންދާނެ. މިއީ ދިވެހި ޒުވާނުން އުއްމީދު ކުރަންވީ ކަމަކީ. އަދި ޒުވާނުންގެ ޖީބު ތަނަވަސްވެގެން ދިޔުމަކީ، ހުރިހާ އުމުރުފުރައެއްގެ މީހުންގެ މޫނުމައްޗަށް ހިނިތުން  ގެނެސްދޭނެ ކަމެއް.

 

އެހެންވީމާ، ރައީސް ޔާމީން ނޫން ކާކުތޯ ތިޔަބޭފުޅުން އިޚްތިޔާރު ކުރަންވީ. ނެތެއް ނޫންތޯ މީހެއް. ނެތްކަމަށްވަންޏާ، އަޅުގަނޑަށް ފުދިއްޖެ. ހަމަ ތިޔަބޭފުޅުން ތިޔަ ކޮށްދެއްވަނީ އިޚްލާޞްތެރި މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން. ގަމާ ދޭތެރޭގައި މި އޮންނަ ތަޞައްވުރު، ގަމާ ދޭތެރޭގައި މި ދެކެވޭ ވާހަކަތައް ބަދަލުކުރުމުގެ ހުރިހާވެސް އިޚްތިޔާރެއް އޮތީ ތިޔަބޭފުޅުންގެ އަތްމަތީގައި. އަޅުގަނޑުމެން މިކުރަނީ އިޚްލާޞްތެރި މަސައްކަތެއް. ޤައުމީ މަސައްކަތެއް.

 

އެހެންވީމާ، އަޅުގަނޑު ދަންނަވާލީ، އެއްވަނަ ނަންބަރަށް ވޯޓުލުމަށް އަޅުގަނޑު އަމިއްލަގޮތުން އެދުނު ނަމަވެސް، މިއީ އަޅުގަނޑު އަމިއްލަ އެދުމެއް އެކަންޏެއްވެސް ނޫނޭ. މިއީ ޤައުމީ ވާޖިބެކޭ. ޤައުމީ ޒިންމާއެކޭ. އަޅުގަނޑުމެންނާ ހަވާލުވެފައި އޮތް ޤައުމީ އަމާނާތެކޭ. އެހެންވީމާ، މިކަމުގެ މަތީގައި ތިޔަބޭފުޅުން ދެމިތިއްބަވާ!

 

އަޅުގަނޑުމެންގެ އިޚްލާޞްތެރި މަސައްކަތް، އިޚްލާޞްތެރި މަސައްކަތަކަށް ވެގެން ނޫނިއްޔާ ﷲގެ ރަޙްމަތެއް، ﷲގެ ބަރަކާތެއް މިންވަރެއް ނުކުރައްވާނެ. އެހެންވީމާ، މިކަމުގެ މަތީގައި ގަމުގެ ލޮބުވެތި ރައްޔިތުން ބާރަށް މަސައްކަތް ކުރައްވާ! ވަރުގަދައަށް މަސައްކަތް ކުރައްވާ! އުއްމީދާއެކީ އަޅުގަނޑުމެން ގަން ތަރައްޤީ ކުރުމާއި، މުޅި ރާއްޖެ ތަރައްޤީ ކުރުމުގެ ފުރުޞަތު، ތިޔަބޭފުޅުން އަޅުގަނޑަށް ހޯއްދަވައިދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

 

والسّــلام عليــكم ورحـمــة اللّـه وبـركاتـه.