بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

ނައިފަރަށް އައުމަކީ އަބަދުވެސް އަޅުގަނޑަށް އުފާވެރިކަން ލިބޭ ކަމެއް. މިއަދު މިރަށަށް އައީމަ ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަކީ، އަޅުގަނޑު ހިތުން ދުވަހަކުވެސް ފިލައިގެންދާނެ މަރުޙަބާއެއް ނޫން. ތިޔަބޭފުޅުން ތިޔަ ބެހެއްޓެވި ގާތްކަމަކީ، އަޅުގަނޑުގެ ހިތުގައި ދުވަހަކުވެސް ހަމަ ފިލައިގެންނުދާނެ ގާތްކަމެއް. އެކަމަށްޓަކައި ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

 

އަދި ހަމައެއާއެކީ ދަންނަވާލާނަން. އަޅުގަނޑު ނައިފަރަށް އަންނަ ކޮންމެފަހަރަކުވެސް ކޮންމެވެސްވަރަކަށް ސަމާސާ ވާހަކަ ދައްކަން. ސިޔާސީ މޫސުމެއް މިއީ. މާދަމާ މި ފަށަނީ އަޅުގަނޑުމެންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަސް. ރިޔާސީ އިންތިޚާބަށް ކުރިމަތިލާއިރު، އަޅުގަނޑުމެން ޖެހޭކަންނޭނގެ، ކޮންމެވެސްވަރަކަށް އެ ވާހަކަވެސް ދައްކާލަން. ރަސްމީ ބައްދަލުވުމަކާއެކީ ދާއިރު، ކޮންމެވެސްވަރަކަށް މިކަހަލަ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ޙަޤީޤަތުގައިވެސް ގަޑި މިހާ ތާށިވެފައި އޮތީމަޔާއެކީ، އަޅުގަނޑަކަށްވެސް އަޅުގަނޑުގެ ވާހަކަ ތަރުތީބުކޮށްގެން ދެންނެވޭނެ ކަމަށް އަޅުގަނޑުގެ ޚިޔާލަކަށްނާދޭ. އެހެންނަމަވެސް، މަސައްކަތް ކުރާނަން.

 

ފަށްޓަމުންވެސް އަޅުގަނޑު ދަންނަވާނަން. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ތިން ބޭފުޅުން، މުޢިއްޒު، ނާޒިމް، އަދި ދާއިރާގެ މެންބަރު، އެ ދެއްކެވި އޯގާތެރި ވާހަކަފުޅުތަކަށް، އެބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

އާދެ، އަޅުގަނޑު މިއަދު މިއައީ، މާލެއިން އުތުރުގައި، ކުރީގައި އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، އެއީ އަޅުގަނޑު ކައިރީގައި މި ދާއިރާގެ އެމް.ޕީ ވިދާޅުވާގޮތް. މާލެއިން އުތުރުގައި އޮތް އެންމެ ބޮޑު ބަނދަރޭ. އެކަމަކު މި ރަށަށް އައިމާ އަޅުގަނޑަށް މި އެނގުނީ، ނޫނޭ މިއީ އަދި އެހެނެއް ނޫނޭ. މާލެ ނަގާފައި މުޅި ރާއްޖޭގައި އޮތް އެންމެ ބޮޑު ބަނދަރު. އެހެންވީމާ، ނައިފަރަށް މި ލިބުނީ މުޅި ރާއްޖޭގައި އޮތް އެންމެބޮޑު ބަނދަރު އޮތުމުގެ ޝަރަފު. އަޅުގަނޑު ހިތަށްއަރާ، ދެން މި ބަނދަރު އިތުރަށް ބޮޑުކޮށްފިއްޔާ، ވާނީ ކިހިނެއްބާވައޭ. އަޅުގަނޑު މިއައީ، އަތޮޅުތެރޭގައި، ފ. އަތޮޅާއި، ނ. އަތޮޅާ، މިހެންގޮސް ބައެއް އަތޮޅުތަކަށް ގޮސްފައި. ބައެއް ރަށްރަށަށް ދާއިރު، ހަމަ ރަށްރަށުގެ ރައްޔިތުން ޝަކުވާ ކުރައްވާ ކަމެއް އަޅުގަނޑު ދަންނަވާލާނަން. މި ބަނދަރު މިއަށްވުރެ ބޮޑުވިނަމަ. އަޅުގަނޑަކަށް ހިއެއްނުވޭ މިހާރުވެސް އެ ރަށްރަށަށް ގޮސްފައި ހުރިވަރަކަށް އަޅުގަނޑުމެންގެ ޕާޓީގެ ކުލަކޮޅެއް، ފޮތިކޮޅެއް ދިޔައީސްހެނެއް. އެހެންވީމާ، މި ބަނދަރު އޮތްވަރު އަޅުގަނޑަށް ހީވަނީ ހަމަ ފުދޭވަރަކަށް ބޮޑުހެން. ރާއްޖޭގައި މިހާރު އޮތް އެންމެބޮޑު ބަނދަރު ލިބުނީމާ، ހަމަ ނައިފަރުގެ ހުރިހާ ރައްޔިތުންގެ މި އުފަލުގައި އަޅުގަނޑު ބައިވެރިވާންޖެހޭނެ. އެހެންވެގެން ތިޔަބޭފުޅުންގެ އަރިހަށް އަޅުގަނޑު މިއައީ.

 

ދެން ކީކޭތޯ އަޅުގަނޑު މިއަދު ބުނާނީ؟ މިއީ ތަރައްޤީ ދޮގެއްތޯ. އެހެންވީމާ، މިއީ އަޅުގަނޑު ކުރީގައި ދެންނެވިގޮތަށް، އަޅުގަނޑުވެސް މި ރަށަށް މި އަންނަނީ އެއްފަހަރަށްވުރެ ގިނަފަހަރު. މިއީ ނައި ފަރެއް ނޫން. މިއީ އަޅުގަނޑު އައި ފަރު. މިއީ ތަރައްޤީވެސް ނައި ފަރެއް ނޫން. މިއީ ތަރައްޤީވެސް އައި ފަރު. އެހެން ނޫންތޯ. ހަމަ އެހެން މިކަން މިއޮތީ. ދެންމެ މިނިސްޓަރ ނާޒިމްގެ ވާހަކަފުޅުގައި އެ ވިދާޅުވީ. މުޅި ރާއްޖޭގައިވެސް، މާލެ ނަގާފައި ދެން ހުޅުމާލޭގައި އެބަހުރި ވަރުގަދަ ހޮސްޕިޓަލެއް، އަމިއްލަ ހޮސްޕިޓަލެއް. އެކަމަކު މުޅި ރާއްޖެތެރޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހުރި ކަމަށްވަންޏާ، މިއީ ހަމަ ނައިފަރުގައި ހުރި އަތޮޅު ހޮސްޕިޓަލް. ދެން ހަމަ ވަރަށްގިނަ ޑިޕާޓްމަންޓްތައް ހޮސްޕިޓަލްގައި އެބަހުރި. އެކަމަކު އަޅުގަނޑު ހަމަ މީގައިވެސް ހިތާމަކުރަނީ، މިހާރު ރާއްޖެއަށް ބޭނުންވާ އެންމެ މުހިއްމު ޑިޕާޓްމަންޓް މި ހޮސްޕިޓަލްގައި ނެތީމާ. އެއީ ބޮލަށް ފަރުވާދޭ ޑިޕާޓްމަންޓެއް މި ހޮސްޕިޓަލަކު ނެތް. ސިކުނޑިއަށް ފަރުވާދޭނެ، ޚިދުމަތް ދޭނެ ޑިޕާޓްމަންޓެއް މިތާ ނެތީމާ ހަމަ އަޅުގަނޑު ނާޒިމަށް ދަންނަވާލަންޖެހޭ، އެބަޖެހޭ މި އަތޮޅު ހޮސްޕިޓަލްގައި ސިކުނޑިއަށް ފަރުވާދޭ ޑިޕާޓްމަންޓެއް ހުންނަން.

 

ހަމަ އެގޮތަށް އަޅުގަނޑަށް ފާހަގަކުރެވުނު، އެހާ ވަރުގަދަ އޮޕްޓިކަލް ޑިޕާޓްމަންޓެއް ހުރިކަމެއް އަޅުގަނޑަކަށް މި ޕްރެޒެންޓޭޝަނަކުން އަޅައެއްނުގަތް. އެއީ، ތަރައްޤީވެސް ނުފެނޭ. އެހެން ކަމެއްވެސް ނުފެނޭ. އެހެންވީމާ، މި ދެ ފެކަލްޓީ، ނޫނީ މި ދެ ޑިޕާޓްމަންޓް މި ހޮސްޕިޓަލަށް އިތުރުކޮށްލަން އެބަޖެހޭކަންނޭނގެ. އޭރަށް އަޅުގަނޑުމެންގެ މި އިންކްލޫސިވް ތަރައްޤީގައި ހަމަ ހުރިހާ އެންމެންވެސް ބައިވެރިވާނެ. ނުވިސްނޭ މީހުންވެސް މީގައި ބައިވެރިވާނެ. ނުފެންނަ މީހުންވެސް މީގައި ބައިވެރިވާނެ. އާސަންދައިން އެކަނި މިކަން ފުދިގެންނުދާކަން މިއަދު މި އެނގުނީ ދޮގެއްތޯ. އެހެންވީމާ، އަތޮޅުތެރޭގައި ހުރި އެންމެ ވަރުގަދަ ހޮސްޕިޓަލް މިހިރީ ނައިފަރުގައި.

 

އެހެންވީމާ، ދެން އަދިވެސް ބުނަންވީ މިއީ ތަރައްޤީ ނާންނަ ފަރޭތޯ؟ މިއީ ތަރައްޤީ އައި ފަރު ނޫންތޯ. މީގެކުރީގެ، އަޅުގަނޑުމެންގެ ސަރުކާރުގެ ކުރީގެ ފަސް އަހަރާ ހަމަޔަށް ޖެހިލާކަމަށްވަންޏާ، ނައިފަރަކީ ތަރައްޤީގެ މަޝްރޫޢުތަކުން ހަމަ މުޅިން މަޙްރޫމްކޮށްލާފައި އޮތް ރަށެއް. އެ ފަސް އަހަރުގެ ތެރޭގައި މުޅި ނައިފަރަށް މި ދެންނެވި ކަހަލަ ބޮޑެތި މަޝްރޫޢުތަކަށް ޖުމްލަ ހޭދަކޮށްފައި އޮތީ އެންމެ ފަސް މިލިއަން ރުފިޔާ. އެންމެ ފަސް މިލިއަން ރުފިޔާ.

 

އެހެންވީމާ، މި ރަށުގައި ދިރިއުޅުއްވަމުން ގެންދަވާ، އަޅުގަނޑުމެންގެ ފިކުރަށް އަދި މުޅިން ބައިޢަތު ނުހިފާ ތިބި މީހުންނަށް އެބަ މި އަދަދު އެނގެންޖެހޭ. އަޅުގަނޑުމެންގެ ސަރުކާރުގައި، އަޅުގަނޑަށް ހީވަނީ މި އަދަދަށްވުރެ ބޮޑުވާނެކަންނޭނގެ. އެކަމަކު އަޅުގަނޑުގެ އަތުގައި އޮތް އަދަދަށް ބަލާކަމަށްވަންޏާ، ދުއިސައްތަ ނުވަދިހަ އެއް މިލިއަން، ނޫނީވިއްޔާ 291.7، ދުއިސައްތަ ނުވަދިހަ ދެ މިލިއަން މިހާރު މިއޮތީ ނައިފަރަށް ހޭދަކުރެވިފައި. މި ދެން ހަމަ އަޅުގަނޑަކަށް ނޭނގެ، ކޮން ޕަސެންޓޭޖެއް ކަމެއް ދަންނަވާކަށް ނޭނގެ. ފަސް މިލިއަނުން  މި އަދަދު މި ދިޔައީ ދުއިސައްތަ ނުވަދިހަ ދެ މިލިއަނަށް. އެހެންވީމާ، މިއޮތީ ތަރައްޤީ އައިސްފައި އޮތް ފަރަކަށްވެފައި ދޮގެއްތޯ. އެހެންވީމާ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއީ އަޅުގަނޑު ހިތުން، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، އަޅުގަނޑު މި ރަށަށް އަންނަ ތިންވަނަ ފަހަރު. އެހެންވީމާ، މިއީ އަޅުގަނޑު އައި ފަހަރު ނޫންތޯ.

 

ދެން އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވޭ. ތިޔަބޭފުޅުން ވަރަށް ލޯބިވާނެ މި ރަށުގެ ނަމަށް. އެކަމަކު ތަރައްޤީވެސް އައި ފަރެއް. އަޅުގަނޑުވެސް އައި ފަރެއް. ދެން ކީއްކުރަންތޯ؟ ދެން އެހެންވީމާ، ކޮންއިރަކުންތޯ، މި ރަށުގެ ނަން ނައިފަރުން ބަދަލުވާންވީ އައިފަރަށް. ބަދަލުވާން އެބަޖެހޭ ދޮގެއްތޯ.

 

މިހާރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މި ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެ ދަނީ ހިނގަމުން. އެހެން ނޫންތޯ. މި މަޝްރޫޢުތައް ނިމިގެންދާއިރު، ދެން ތިޔަބޭފުޅުންނަށް އެންމެ ބޮޑަށް ބޭނުންވާނީ ކޮންކަމެއްތޯ؟ މަގު ބޭނުންވާނެތޯ؟ އެހެންވީމާ، އަޅުގަނޑު ހަމަ ނައިފަރުގައި ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގައި ފުރަތަމަ އަހަރު މި ރަށުގައި ފެނާއި ނަރުދަމާ ނިމިގެންދާއިރު، ތިޔަބޭފުޅުންގެ މަގު ހެދުމުގެ މަޝްރޫޢު އަޅުގަނޑު ފަށްޓާނަމޭ.

 

ހަމައެހެންމެ، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑު ނުކުމެ މިއުޅެނީ ޒުވާނުންގެ ކަންތައްތަކެއް ފުއްދައިދޭން. ޒުވާނުންނަށް ބޭނުންވާ އެތައް ކަމެއް ކޮށްދޭން. އަޅުގަނޑުގެ އިދިކޮޅު ކެންޑިޑޭޓަށް ކަންބޮޑުވޭ، ޒުވާނުން ފުޓްސަލް ދަނޑުގައި ފުޓްބޯޅަ ކުޅޭތީ. އެކަމަކު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ޒުވާނުން ފުޓްސަލް ދަނޑުން ފޭބުމަކީ އެއްގޮތަކަށްވެސް އަޅުގަނޑު އެދޭ ކަމެއް ނޫނޭ. އަދި މި ރަށަށް ޒުވާނުންނަށް ބޭނުންވާ އިތުރު ފުޓްސަލް ދަނޑުވެސް އަޅަންވީ. އޭރަށް އެހެން ރަށްރަށުންވެސް މި ރަށަށް ފުޓްސަލް ދަނޑުގައި، ޚާއްޞަކޮށް، ހިންނަވަރު ކަހަލަ ތަންތަނުންވެސް އަޅުގަނޑަށް ހީވަނީ ވަޑައިގަންނަވާނެހެން. އެއީ އެ ދާއިރާގެ ބޭފުޅުން މި ވިދާޅުވަނީ، އެހާ ކަމަކުނުދެއޭ ޒުވާނުން ފުޓްސަލް ދަނޑުގައި އުޅެންޏާ. އެހެންވީމާ، މި ތަނުގައި އިތުރު ފުޓްސަލް ދަނޑު އެޅެންވީ. އަދި މިހާގިނަ ޒުވާނުން މި ރަށުގައި އޮތް ރަށަކަށްވެފައި، އަޅުގަނޑުގެ މުޅި މެނިފެސްޓޯގެ ބޮޑު އަމާޒަކީ، ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުން ކަމުގައިވާތީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ރަށުގައި ޒުވާނުންގެ މަރުކަޒެއް ނެތީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރުގައި ހަމަ އެންމެ ފުރަތަމަ އަހަރު، ހަމަ ހޮސްޕިޓަލް ފެންވަރުގެ ހުރިހާ ވަސީލަތެއް، ހަމަ ފުރިހަމަކަމާއެކީ މިތަނުގައި ޒުވާނުންގެ މަރުކަޒެއް ހެދިގެންދާނެއޭ.

 

ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ނިމިގެންދިޔައީ. ދޮށީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ނިމިގެންދިޔައީ. މިތަނުގައި މިހިރީ ވަރަށް ވަރުގަދަ ހޮސްޕިޓަލެއް. މަސްވެރިންނަށް ބޭނުންވާ ބަނދަރު މިއޮތީ ހެދިފައި. އަދި ލަފާ ފުރަން ބޭނުންވާ ހުރިހާ އެންމެންނަށް މި ބަނދަރުގެ ބޭނުން ހިފޭނެ.

 

އެއާއެކީ އަޅުގަނޑު މަސްވެރިންނަށް ދަންނަވާލާނީ، މަސްވެރިންނަކަށް އަޅުގަނޑަށް ތަފްޞީލުތަކެއް ދެންނެވޭކަށްނެތޭ، ވަގުތު މަޣުރިބާ ކައިރިވަމުންދާތީއާއެކީ. އަޅުގަނޑު ދަންނަވާލާނަން. އެކި ރަށްރަށުގައި އަޅުގަނޑު ދައްކަމުން އައި ވާހަކައިގައި، ހަމަ ދެންނެވިން، މަސްވެރިންނަށް ޚާއްޞަ މަޝްރޫޢުތަކެއް، އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި ފަށާނަމޭ. އެހެން ދަންނަވާ ސަބަބަކީ، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، ދެން މިހެންގޮސް، އެހެން ހުރިހާ ދާއިރާތަކަށް ވަރަށްގިނަ މަސައްކަތްތައް ކުރެވި، ވަރަށްގިނަ ހޭދަ ކުރެވި، ހުރިހާ ދާއިރާއެއްގައި ހުރި ގޮންޖެހުންތައް، އިރާދަކުރެއްވިއްޔާ އެހެރީ ﷲގެ ރަޙްމަތާއެކީ، އަށްޑިހަ ފަސް ޕަސެންޓަށްވުރެ މަތިން ފިލުވިފައި.

 

އެހެންވީމާ، އަޅުގަނޑުގެ ފަސް އަހަރުގެ މަޝްރޫޢުތަކުގެ އަމާޒަކަށް ދެން ވެގެންދާނީ، މަސްވެރިކަމުން އަޅުގަނޑުމެންނަށް ލިބޭ ނަފާ އިތުރުކުރުން. އެންމެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި މިހާރުވެސް ނިންމަން އެއްބަސްވެފައި އޮތް ކަމެއް. އެންމެ ފުރަތަމަ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނިގެންދާނީ، ފެލިވަރުގައި މަސް ބަންދުކުރާ އިތުރު ކޭނަރީއެއް އުފެދިގެންދިޔުން. ހަމައެއާއެކީ އަޅުގަނޑު ހަމަ ދަންނަވާނަން ނައިފަރުގައި. ނައިފަރަކީ އެހާ މަސްވެރި ރަށަކަށްވާތީ. ގަބޫލުކުރައްވާ! ގަބޫލުކުރައްވާ! އިރާދަކުރެއްވިއްޔާ، 2019 ނިމުމުގެ ކުރިން ނައިފަރުގައި، ނައިފަރުގެ މަސްވެރިންނަށް ބޭނުންވާ ހުރިހާ އައިސްއެއް އުފައްދާނެ އައިސް ޕްލާންޓް އަޅުގަނޑު ޤާއިމުކޮށްދޭނަން.

 

އެހެންވީމާ، ދެން ކިޔަންޖެހޭނީ ލަވައެއް ދޮގެއްތޯ. ރޭގައި ބްރިޖް ހުޅުވި ޖަލްސާގައިވެސް ހަމަ މި ރަށުގެ ވަރަށް މަޝްހޫރު ފުންނާބު އުސް ލަވަކިޔުންތެރިއެއް ދޮގެއްތޯ. ތޭރަވޭ ދޮގެއްތޯ އެއީ. ހުންނަވައިގެން. އަޅުގަނޑު ހަމަ އެތަން ނިންމާފައި، ބްރިޖްގެ މަސައްކަތަށް ދިޔައިރު ހަމަ ތުރުތުރުއަޅާ އިނގޭތޯ ބިރުން. އެތަން ގޮއްވާލާ ވާހަކަ ވަރަށްގިނަ ފަރާތްތަކުން. އެއީ އެތަން ބަލަން ގިނަބަޔަކު ދާނެތީ. އެތަން ބަލަން ގިނަބަޔަކު ދާނެތީ، ހަމަ ހަޖަމެއް ނުވާނެ. އަޅުގަނޑުވެސް ހަމަ ދެފޭ ކައިރިވެސް ނުކުރެވޭ، ހަމަ ތުރުތުރު އަޅައިއަޅައިހުރީ.  އެކަމަކު ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން ބޭނުންވާ ބޮޑެތި ކަންތައްތައް މިދަނީ ނިމެމުން، ފުދެމުން.

 

ދެން އަޅުގަނޑު ބޭނުންވޭ ހަމަ ވާދަވެރިންނާ ސަމާސާކޮށްލަން. ވާދަވެރިން އެބަ ވިދާޅުވޭ، އަޅުގަނޑު އިޤްތިޞާދީ ވާހަކަ ދައްކަމުން، ހަމަ އަނެއްކާވެސް މަޢާފަށް އެދެން. ހަމަ ވާހަކަ ދައްކާނެ ފުރުޞަތު، ވަގުތުވެސް ނެތީމަޔާއެކީ. އަޅުގަނޑު ވާހަކަ ދައްކަމުން އަޅުގަނޑު ބުނަން، ޤައުމަށް ތަރައްޤީ އަތުވެއްޖެއޭ. ޤައުމުގެ ތަނަވަސްކަން އިތުރުވެއްޖެއޭ. ޤައުމުގެ ތަނަވަސްކަން، ބޮލަކަށްޖެހޭ މިންވަރު ދިހަހާސް ޑޮލަރަށް އިތުރުވެގެން ގޮސްފިއޭ. އަޅުގަނޑު ދިހަހާސް ޑޮލަރޭ ބުނީމާ، މި ބޭފުޅުން ވިދާޅުވަނީ މީގެކުރިންވެސް މި މީހުންނަށް ލިބެނީ ދިހަހާސް ރުފިޔާއޭ. މިއަދުވެސް ލިބެނީ ދިހަހާސް ރުފިޔާއޭ. ދެން ކިހިނެއްތޯ މި މީހުންނަށް ހިސާބު އަކުރު ކިޔައިދޭނީ. ތަރައްޤީ ކިޔައިދޭނީ. އަޅުގަނޑު މި ދައްކަނީ ޑޮލަރުން ވާހަކަ. އެބޭފުޅުން އެ ދައްކަވަނީ ރުފިޔާއިން ވާހަކަ. އެ ވިދާޅުވަނީ މިއަދުވެސް، އިއްޔެވެސް ދިހަހާސް ރުފިޔާ ލިބުނު މީހަކަށް މިއަދުވެސް ލިބެނީ ދިހަހާސް ރުފިޔާއޭ. އަޅުގަނޑު މި ދައްކަނީ ޤައުމީ އުފެއްދުންތެރިކަން، ބޮލަކަށްޖެހޭ މިންވަރު، ނިސްބަތުން ބޯބޯމައްޗަށް ބަހާލައިފި ކަމަށްވަންޏާ، ބޮލަކަށް އެބަޖެހޭ މިއަދު އިރާދަކުރެއްވިއްޔާ ދިހަހާސް ޑޮލަރު. އަދި އެވަރު އެބޭފުޅުންނަށް ގަބޫލުކުރައްވަން ދަތިފުޅިއްޔާ، އަޅުގަނޑަށް ފަސް އަހަރު ދެއްވާފައި، އަޅުގަނޑު ޓެސްޓް ކުރައްވާށޭ. އަޅުގަނޑު ވަކިވެގެންދާއިރު، ރާއްޖޭގައި މިވަގުތު ހުރި ދަރަނި އަދާކުރުމާއެކީ، ތަރައްޤީ ދެން އިތުރު މީހަކަށް ބަލައިލަން ބޭނުންވާނެ އެހެން ކަމެއް ނޯންނަ މިންވަރަށް އެކަންކަން ނިންމައިދީފައި، ދަރަނި އަދާކޮށްފައި، އަޅުގަނޑު ބޭނުންވޭ، އަޅުގަނޑުމެންގެ ޤައުމުގެ އުފެއްދުންތެރިކަން، ބޮލަކަށްޖެހޭ މިންވަރު، މީހަކަށްޖެހޭ މިންވަރު ބަހާލީމާ، ވިހިހާސް އެމެރިކާ ޑޮލަރަށް ޖައްސަން.

 

ފައިސާ ނެތް ވާހަކަ، ތަނަވަސްކަން ނެތް ވާހަކަ ދައްކާއިރު، މި ތަންތަނަށް އައިމާ އަޅުގަނޑުމެންނަށް އެނގިގެން މިދަނީ މިއަދު އިރާދަކުރެއްވިއްޔާ ފައިސާގައި އުޅޭ ރައްޔިތުންނަކީ ތަނަވަސް ރައްޔިތުން. މިއަދަކު ނޫޅޭ. އަޅުގަނޑުމެން ބޭރުން ކުންފުނިތައް މިގެންނަނީވެސް ރާއްޖޭގައި ހުރި މަސައްކަތް ކުރެވޭވަރުގެ ކުންފުނި ނެތީމާ މިހާރު. އެހެންވެގެން މަސައްކަތް ކުރަން ބޭރުން މި ގެންނަނީ. އެހެންވީމާ، އެ އަންނަނީ ތަރައްޤީ. އެ ފެންނަނީ ތަރައްޤީ.

 

ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު ތަރައްޤީ މި އަންނަނީ، މިއަދު މުއްސަނދިން ތިބިކަން އެބަ ގަބޫލުކުރޭ. މި ބޭފުޅުންނަށް މި ތަރައްޤީ ނާންނަކަމާއި، މުއްސަނދިން ނެތް ކަމަށް ވިދާޅުވާއިރު، މި ބޭފުޅުން މި ކުރައްވަން ބޭނުންފުޅުވާ ހުރިހާ މަސައްކަތަކަށް އާމްދަނީ ހޯއްދަވަން މިހާތަނަށް ވިދާޅުވީ އެންމެ ވާހަކައެއް. މުއްސަނދިން އަތުން ޓެކްސް ނަގާ ވާހަކަ. އެކަމަކު މި ވިދާޅުވަނީ ރާއްޖޭގައި މުއްސަނދިންނެއް ނެތޭ. ރާއްޖޭގައި ތަނަވަސްކަމެއް ނާދެއޭ. އެހެންވީމާ، ގަބޫލުކުރައްވަންވީ ނޫންތޯ، ތަނަވަސްކަން ނާންނަކަމަށްވަންޏާ، ނެގޭނެ ޓެކްސްއެއް ނޯންނާނެ. އެކަމަކު އަޅުގަނޑު މި ދަންނަވަނީ، ރާއްޖެއަށް ތަނަވަސްކަން އަތުވެއްޖެއޭ. ރާއްޖޭގެ ރިޒޯޓްގެ އިންވެސްޓް ކުރާ މީހުން ގިނަވެއްޖެއޭ. މާލެ ކައިރީގައި، ހުޅުލެ ކައިރީގައި އެއޮތީ އެއްހާސް މިލިއަން ޑޮލަރުގެ ބޮޑު ރިޒޯޓް އިންވެސްޓްމަންޓެކޭ. ހުޅުލޭގައި އެ އަރަނީ އެއްހާސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކޭ. ދެން އަޅުގަނޑުމެން ތަނަވަސްނުވާ ކަމަށްވަންޏާ، ކޮންބަޔަކު ހެއްޔޭ، އަޅުގަނޑުމެން މިކަހަލަ ކަންތައްތައް ކުރަން ފައިސާދެނީ؟ އެކަމަކު ދެން މިވެރިން ކައިރީގައި ވާހަކަ ދެއްކިޔަސް، މިއީ ތަނެއްދޮރެއް އެނގޭނެ ބައެއްނޫން. ހަމަ އެއްގޮތަކަށްވެސް ގަބޫލެއްނުކުރެވޭނެ، ތިމަންނާމެން މި ދައްކާ ވާހަކައެއް ނޭނގޭނެ.

 

މިހާރު އެންމެ ވަރުގަދަ ކަމަކަށް މި ކުރައްވާ ކަމަކީ، ޖަލުގައި ތިއްބެވި އެކި ބޭފުޅުންގެ އަރިހުން، އެބޭފުޅުން ވިދާޅުވާ އެކިއެކި ވާހަކަ ނެރުއްވަނީ. އެކަމަކު މިއީ ޙަޤީޤަތުގައި އެބޭފުޅުންގެ ވާހަކަތައް ބޭރުކުރުމުގެ ކަންތައްތަކެއް ނޫން. މި ކުރައްވާ ކަންތައްތަކުގެ ތެރޭގައި މި ހިމެނެނީ، މިހެން ތިއްބެވި ބައެއް ބޭފުޅުންގެ އަރިހަށް، އެމީހުންގެ ލޯޔަރުން މި ފޮނުއްވަނީ އިދިކޮޅު ފަރާތްތަކުން. ބޭނުންފުޅުވަނީ އިދިކޮޅު ފަރާތްތަކުން ކެމްޕެއިނަށް ފައިސާ ހޯދަން. އެބަ ވިދާޅުވެޔޭ،  އަޙްމަދު އަދީބު ކައިރީގައި އެބަ ވިދާޅުވެޔޭ، ލާރި ހުރިތަން ބުނާށޭ. ތިމަންނާ އިރާދަކުރެއްވިއްޔާ ހުރިހާ ލާރި އަޙްމަދު އަދީބަށް ކޮންމެ ތާކު ހުއްޓަސް ގެނެސްދޭނަމޭ. ދެން އަޅުގަނޑުވެސް ހަމަ ވަރަށް ރަނގަޅަށް ދަންނަ މީހެއް އަދީބު އެއީ. އަދީބުގެ ޖަވާބަކީ ކޮބައިތޯ. ތިމަންނާ މިއީ އެއްއިރަކުވެސް ލާރި ގެންގުޅުނު މީހެއް ނޫނޭ. އެހެންވީމާ، މި މީހުންނަށް އެކުރެވުނު މަސައްކަތްވެސް ނުވި. ލާރި ބޭނުން. ލާރި ބަލާ ލޯޔަރުން އެބަ ފޮނުވާފައި ބުނޭ، ބޭނުންވާ ހުރިހާ ލާރިއެއް ހުރިތަން ބުނާށޭ. ހުރިހާ ލާރިއެއް ގެނެސްދޭނަމޭ. މާތްކަލާކޯ! މިމީހުން އަތަށް ލާރިއެއް ނޫން ދޭންވީ. ކުނިއަޅާނެ ޑަސްޓްބިނެއް ދިނަސް އަނެއް ދުވަހު ޑަސްޓްބިން އޮތްތަން ނޭނގޭނެ.

 

ހަމަ މުޅިންވެސް މިކަހަލަ ވާހަކަ ދައްކަމުން މިގެންދާއިރު، ދެން ހަމަ މިބޭފުޅުން އެ ދައްކަވާ ވާހަކައިގެ ބައެއް ވާހަކަ އަޅުގަނޑު ދަންނަވާލާނަން. ދަރުމަވަންތަ ހޮސްޕިޓަލަށް ދިޔަ ޚަރަދުގެ ވާހަކައެއް ނޫނޭ މިހާރު މިބޭފުޅުން ދައްކަވަނީ. މިބޭފުޅުން އެއްގޮތަކަށްވެސް ދައްކަވަނީ އެ ވާހަކައެއްނޫން. އެއީ އޮޅުމެއް އިނގޭތޯ. އެއްގޮތަކަށްވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ޚަރަދު ބޮޑުވި ވާހަކައެއް ނުދައްކަވާ. މިހާރު މި ބޭފުޅުން ވިދާޅުވަނީ، އެ ޢިމާރާތް އުސްކަމުން ތިމަންނާމެން އެތަނަށް ދާން ބޭނުންނުވެޔޭ. އެތަނަކަށް އަރާނެ ގޮތެއްނެތޭ. އެކަމަކު މިރަށުގެ ރައްޔިތުންނަށް އެނގޭނެ، ފަސްބުރީގެ ޢިމާރާތެއް އަޅާއިރު މިތާނގައި އެބަހުރޭ ލިފްޓެއް. ބައްލަވާ، ހަމަ އެއްގޮތަކަށް ބޭނުމެއްނުވާނޭ، ބްރިޖްގެ ދިއްލުންތައް ބަލައިލާކަށް. އެކަމަކު ކީއްތޯ ކުރާނީ؟  ކަން ދިމާވެފައި އޮތްގޮތުން މިއަދުވެސް އެބޭފުޅުންގެ މައި ޖަގަހަ އެހެރީ. ޖަގަހައިގައި މީހަކު އިނދެއްޖެ ކަމަށްވަންޏާ، އިށީނދެ އިނދެއްޖެ ކަމަށްވަންޏާ، ކޮޅަށް ނުކުމެ ބޭރު ބަލައިލައިފި ކަމަށްވަންޏާ، ހަމަ އެއްކަލަ ބްރިޖްގެ ލައިޓް، އަލިތަކުން، ނޫނީވިއްޔާ ހަމަ ބަބުޅާތީ، މި މީހުން މިހާރު ތިބެނީ އަންހެންވެރިންވެސް ރޭގަނޑު ތިބެނީ ރޭބަން އައިނު އަޅައިގެން. ހަމަ ބްރިޖްގެ އަލިގަދަކަމުން އެކަކަށްވެސް ކެތެއްނުވޭ. އަދި އަޅުގަނޑަށް އެނގޭގޮތުން ވެއްޖިއްޔާ، އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅެއް، ސިޔާސީ އިސްބޭފުޅެއް. ރޭގައި މި ހުރިހާ ކަމެއް ނިންމަވާފައި ވަޑައިގެންނެވި ގޮތަށް އެތަނަށް ހުއްޓަވާލައްވާފައި ވިދާޅުވި، [ކަލޭމެން ކީއްވެފައިހޭ ތިޔަ ތިބީ؟ ހަމަ އެތަން ސަޅިކަމުން ބަލަންދޯއޭ ތިޔަތިބީ.]

 

އަޅުގަނޑުވެސް ހަމަ ވާހަކަކޮޅު ކުރުކޮށްލާނަން. މަޣުރިބު ނަމާދު ހަމަ އަޅުގަނޑުމެންނާ މިހާރު އެ ބައްދަލުކުރަނީ. ހަމަ ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ނައިފަރުގެ މި އާބާދީއާއި ނައިފަރުގައި ތިޔައޮތް ތާއީދާ، ދެން ބަދަލުކުރައްވާށޭ ވޯޓަށް. އަޅުގަނޑު މި ދެންނެވި ކަންކަން ފުދިގެންދާނީ، މި ދެންނެވި ގޮތަށް ބަދަލުވެގެންދިޔައިމާ. އަންނަ މަހުގެ 23 ވަނަ ދުވަހުގެ ވޯޓަކީ، ތިޔަބޭފުޅުން އަޅުގަނޑު އިޚްތިޔާރު ކުރައްވާ ވޯޓަކަށް ހައްދަވާ! އެއްގޮތަކަށްވެސް، އިދިކޮޅު ކެންޑިޑޭޓް ވަޑައިގެން ދެން ވިދާޅުވިޔަނުދެއްވާ. އެއްގޮތަކަށްވެސް ޖާގަ ނުދެއްވާ! މިތަނުގައި އިތުރު ބަނދަރެއް ހަދާނަމޭ. މިތާކު ދެން ނެތް އިތުރު ބަނދަރެއް ހަދާނެ ތަނެއް. މި ރަށުގައި ބިން ފުރިފައި މިއޮތީ. މިރަށުގައި ދެން އިތުރު ނަރުދަމާއެއްވެސް ނޭޅޭނެ. އިދިކޮޅު ކެންޑިޑޭޓަށް ދަންނަވާ، މިހިރަ މިތާ ބަހައްޓާފައި ހުރި މަޝްރޫޢުތައް ބެހެއްޓުން ހަމަ ވަރަށް ރަނގަޅު. ފުރަތަމަ ދަންނަވާ، އެތާ ހުންނަވާފައި މިތަނުގައި ހުރި މަޝްރޫޢުތައް ބައްލަވައިލައްވާފައި ނޫނީ ބައްދަލުނުކުރައްވާށޭ. އެހެން ނޫނީ އަނެއްކާ ދެން ދައްކަވާނެ ވާހަކައެއް، މިތަނުގައި ތިމަންނާ ހޮސްޕިޓަލްވެސް އަޅާނަމޭ. ހޮސްޕިޓަލް އަޅުއްވަންޏާ ހަމަ ދަންނަވާ. ހޮސްޕިޓަލް ނާޅުއްވާށޭ. ތިމަންނާމެން ބޭނުންވަނީ އެތަނަށް ހަމަ ސިކުނޑީގެ ފަރުވާއަށް ބޭނުންވާނެ ޚާއްޞަ ޑޮކްޓަރެއް ގެނެސްދޭށޭ.

 

އަޅުގަނޑު ހަމަ ވަރަށް ފޯރިގަދަ. އަޅުގަނޑުމެން ވާހަކަ ދައްކަންވެސް ބޭނުންވޭ. އެހެންނަމަވެސް، ހަމަ ދަންނަވާލާނީ، ވަގުތު ތަންނުދޭތީއާއެކީ، ނައިފަރުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށް ފަށްފަށުން ޝުކުރު ދަންނަވަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަ ފޯރީގައި މަސައްކަތް ކުރައްވާށޭ. ވޯޓަކީ އަޅުގަނޑުމެންގެ އެއްޗަކަށް ހައްދަވާށޭ. އިޚްތިޔާރު ކުރައްވާ ކެންޑިޑޭޓަކީ ނަންބަރު 1 ކަމަށް ހައްދަވާށޭ. ދީނަކީ އިސްލާމްދީން ކަމަށް ހައްދަވާށޭ. އަޅުގަނޑުމެން މިތިބީ ޤައުމިއްޔަތު ދިފާކުރަން ކަމުގައި ހައްދަވާށޭ. މި ކޮކްޓެއިލް ކޯލިޝަނުން އެކަން ނުވާނެކަން އެބޭފުޅުން އެބަ ވިދާޅުވާން. އަނެއްކާ މިހާރު ތޯބެ އެ ވިދާޅުވީ، މިހާރު ކިޔަނީ ކޯލިޝަނެއްވެސް ނޫނޯ.  ކޯޅޭޝަންއޯ. އަބަދު ކޯޅޭތީ. އަބަދު ކޯޅޭ މީހުން ކަމުގައިވާތީ. އެބޭފުޅުން ވިދާޅުވޭ، ތިމަންނާމެން ފަޚްރުވެރިވަމޭ. އެކަމަކު ކިހިނެއްތޯ ފަޚްރުވެރިވާނީ؟ މިއީ އެއްބަޔަކު އަނެއް ބަޔަކު ކަރު ހިފަން އިއްޔެއާ ޖެހެންދެން ތިބި ބައެއް. މިހާރުވެސް ދޫކޮށްލައިފި ކަމަށްވަންޏާ، ޤާސިމް ބަނޑުމުސާރައަށް ބައްދާނެ، ވެރިކަމަށް އައުމަށްޓަކައި.

 

ދެން ވާހަކަކޮޅު ނިންމާލާނީ ދޮގެއްތޯ، ވަރަށް ފޯރިގަދަ. އެހެންނަމަވެސް އަޅުގަނޑުވެސް ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުވެސް ހަމަ ބޭނުންވޭ. ދެންއޮތީ އަޅުގަނޑުމެން ހިންނަވަރަށް ދިޔުން. ހިންނަވަރުގައި ނާޒިމަށް ކިހާވަރެއްގެ މަސައްކަތެއް ކޮށްލެވުނުތޯ އަޅުގަނޑު ބަލައިލާނަން. ހިންނަވަރުގައި އަޅުގަނޑުމެންނަކަށް ޖަލްސާއެއް ނުބޭއްވޭ. އެހެންނަމަވެސް، އަޅުގަނޑުވެސް އެދެނީ ފާދިއްޕޮޅުން ދުވަހަކު ވިދާޅުނުވާވަރުގެ މަރުޙަބާޔަކާއެކީ، އެ މަރުޙަބާ ވޯޓަށް ބަދަލުކޮށްދެއްވާ! ފާދިއްޕޮޅަކީ ކެންޑިޑޭޓް ނަންބަރު 1 އަށް، އަންނަ މަހުގެ 23 ވަނަ ދުވަހު ދޭ ވޯޓުގެ އެންމެބޮޑު އިއްސައްތައެއް ހޯދާ އަތޮޅަކީ ފާދިއްޕޮޅަށް ހައްދަވައިދެއްވުމަކީ އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެދޭ އިލްތިމާސް.

 

މި ވާހަކަކޮޅު ނިންމާލާއިރު، މި ތަނުގައި މި މަޝްރޫޢުތައް ހިންގަވައިދެއްވާ ހަމަ ހުރިހާ ފަރާތްތަކަށް ހަމަ ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާނަން. ބަނދަރުގެ މަސައްކަތަށް، ހައުސިންގ މިނިސްޓަރަށް ފަށްފަށުން ޝުކުރު ދަންނަވަން. ހައުސިންގ މިނިސްޓަރަކީ، ރާއްޖެތެރޭގެ ތަރައްޤީގައި ހަމަ ވަރަށް އިސްކޮށް މަސައްކަތް ކުރައްވާ އެއް ވަޒީރު. ދެން އިންނެވީ ޠާރިޤު. މިތަނުގެ  މި މަސައްކަތް ނިމިގެން މިދިޔައީ އެމް.ޓީ.ސީ.ސީ. އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ އާއި، ޑެޕިއުޓީ ސީ.އީ.އޯ ތިއްބެވީމާ. އެބޭފުޅުންނަށް، ތިޔަ ކޮށްދެއްވާ މަސައްކަތަށް، އަދި ސީ.އެސް.އާރަށް، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވާތީ، ހަމަ ފަށްފަށުން ޝުކުރު ދަންނަވަން.

 

ހަމައެއާއެކީ އަޅުގަނޑު ދަންނަވާލާނަން، ފެނާއި ނަރުދަމާގެ މަސައްކަތް މިދަނީ. ހޮސްޕިޓަލް، އެހާ ފުރިހަމަ ރީތި ޢިމާރާތެއްގެ ގޮތުގައި އެލިއާ އިން އެ ކޮށްދެއްވީ. ޝުކުރު ދަންނަވަން. ދެންވެސް ބުނާނެ، ކުންފުނިތަކުގައި ހަކަތައެއް ނެތޭ. ހަމަ ރަނގަޅުވާނީ މިމީހުންނާ ވާހަކަ ނުދެއްކިއްޔާ.

 

والسّــلام عليــكم ورحـمــة اللّـه وبـركاتـه.