بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާ ސަލާމް ލައްވާށި! އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލު ކުރައްވާށި!

 

އިންނަމާދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މި ދަތުރުގައި މާލެއިން ބައިވެރިވަޑައިގަންނަވާ ޢިއްޒަތްތެރިން.

 

 السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

އިންނަމާދުއަށް އަޅުގަނޑު އައުމުން، ތިޔަވިދާޅުވި ހޫނު މަރުޙަބާ އެކަނި ފުދޭ، އިންނަމާދޫގެ ރައްޔިތުން 23 ގައި ނަގާ ވޯޓާ ދޭތެރޭގައި ގޮތެއް ނިންމައިފިކަން، އަޅުގަނޑަށް ވިސްނަވައިދެއްވަން. އާދެ، ހަމަ އެހެންމެ، ބަނދަރުމަތީގައި މިފެންނަން ހުރި ކުލަތަކާއެކީ، މިރަށުން އަޅުގަނޑަށް ކަށަވަރުބަސް ދެއްވާކަން އަޅުގަނޑުގެ ހިތަށް ޔަޤީންކުރެވޭ. އަޅުގަނޑު އިންނަމާދޫގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ޢަޤީދާ ވަރުގަދަ، ހަރުދަނާ، އަދި ފަހުން ހިނގާފާނެ ވައިރަސްތަކާ ވެކްސިންތަކަށް ނުވިސްނާ، އަޅުގަނޑުމެން މިއުޅެނީ ކިހާވަރެއްގެ މަސައްކަތެއްގައިތޯ ތިޔަބޭފުޅުން ހިތްޕުޅުގައި އަބަދުމެ ބަހައްޓަވާށޭ. އަޅުގަނޑުމެން ރާއްޖެއިން މިވަގުތު ކުރިމަތިވެފައިހުރި ދަތިތަކުގެ ކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާށޭ. އަޅުގަނޑުމެން ރާއްޖެއަށް ދަތިވެފައިހުރި ކަންކަމުގެ ތެރޭގައި، ދެންމެ މުޢިއްޒު ވާހަކަފުޅު ނިންމަވާލެއްވި ހިސާބުން ދަންނަވާކަމަށްވަންޏާ، އަޅުގަނޑުމެން މިހުރިހާ ކަމަކަށްވުރެ ބޮޑަށް ވިސްނަންޖެހެނީ، އަޅުގަނޑުމެން ތިބި ގޮތުގެ މަތީގައި އަޅުގަނޑުމެން ތިބުމުގެ ޤާބިލުކަން އަޅުގަނޑުމެން ހޯދަންޖެހޭ ފަހަރެކޭ، މިފަހަރު އަޅުގަނޑުމެންނާ މި ބައްދަލުކުރަނީ. އަޅުގަނޑުމެން ތިބި ގޮތަކީ، ދިވެހި އުޞޫލުތަކެއްގެ މަތީގައި، ދިވެހި ސިފަތަކެއްގެ މަތީގައި، ޤައުމު ޒީނަތްތެރި ކުރުމާއި، އަޅުގަނޑުމެންގެ އަޚްލާޤު ޒީނަތްތެރިކުރުމާއި، އަދި އަޅުގަނޑުމެންގެ ކަނބަލުންނަށް މި ޒީނަތްތެރިކަން ގެނެސްދިނުމާއެކީ، އިސްލާމީ ޢަޤީދާގެ މަތީގައި ތިބޭ ތިބުންކަމާ ދޭތެރޭގައި ޝައްކު ނުކުރައްވާ.

 

އިސްލާމީ އުއްމަތެއްގެ ގޮތުގައި، ދިވެހިރާއްޖެ އޮންނަންޖެހޭ ސަބަބުތައް މަދެއްނޫން. އެނޫން ހަމަ އެއްވެސް ގޮތެއް އަޅުގަނޑުމެން އިޚްތިޔާރުކުރާކަށް، އަޅުގަނޑުމެންނަކަށް ޖާގައެއްނެތް. އަޅުގަނޑުމެންގެ ހުރިހާވެސް ނިޢުމަތަކީ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި، އަޅުގަނޑުމެން ތިބޭ ތިބުން. ދެރަވަނީ، މިކަހަލަ ވާހަކަ ހަމަ ހުރިހާ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާލެއް ތަންކޮޅެއް އަޑު މަޑުކަމުން. ހުރިހާ ޢިލްމުވެރިން، މިވާހަކަ ވިދާޅުވާންވާނެ. ގިނަ ޢިލްމުވެރިން މި ވާހަކަ ވިދާޅުވޭ. އެހެންނަމަވެސް މަދު ބޭފުޅުންކޮޅެއް، މި ކަންކަމާ ދޭތެރޭގައި މާ ދުރުން، އެއްގޮތަކަށްވެސް، މި މައްސަލައަށް ހޭރިޔާ ނުކޮށް، މާ ދުރުން އޮޑި ދުއްވާފައި ދަނީ. އެއީ، ބައެއް ބޭފުޅުންގެ ފަސޭހައަށް ކުރައްވާ ކަމެއްކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭ. އަޅުގަނޑުވެސް މިއައިސް ހުއްޓުނީ، ވަރަށް ފޯރިގަދަ ބޭފުޅަކު މިތަނުގައި ވާހަކަފުޅު ދައްކަވާފައި، ފައިބައިވަޑައިގެންނެވި ފަހުން.

 

ޝައްކެއްވެސް ނެތް، އިންނަމާދޫގައި އަޅުގަނޑުމެން، މި އިޙްތިފާލްކުރަނީ، އިންނަމާދުއަށް މި ލިބުނު އުފާ، މި އުފަލުގައި ބައިވެރިވުމުގެ އިޙްތިފާލެއް. އިންނަމާދޫން އެދިއެދި އޮތް ބަނދަރެއް، އިންނަމާދޫގައި ފުރިހަމަ ވެގެން މި ދިޔައީ. ފަލާޙުގެ ވާހަކަފުޅުގައި، ވަރަށް ގިނަ ތަފްޞީލުތައް އެ ދެއްވީ. މިކަހަލަ ފޯރިގަދަ ބޭފުޅަކު، ފަހުލަވާނަކު، ވާހަކަފުޅު ދައްކަވާފައި ފައިބައިވަޑައިގަތީމާ، އޭގެ ފަހަތުން އަރައި ވާހަކަ ދެއްކުމަކީ، ފަސޭހަކަމެއް ނޫން، ވަރަށް އުނދަގޫ ކަމެއް. ވަރަށް މަޖާ، ވަރަށް ކްރައުޑާ ގުޅޭ، އެހެންނަމަވެސް، ޙަޤީޤަތްތަކުގެ މައްޗަށް ބިނާކުރައްވައި، ދެއްކެވި ވާހަކަފުޅުތައް ފަލާޙު އެ ދެއްކެވީ. ފަލާޙު ވާހަކަފުޅު ދެއްކެވިއިރު، އެ ވާހަކައާ ދޭތެރޭގައި ކަންބޮޑުވި އެއްވެސް ބޭފުޅަކު، އަޅުގަނޑު ކްރައުޑްގެ ތެރެއިން، ހިތްޕުޅު ހަމަނުޖެހިގެން އުޅޭ ވާހަކައެއް އަޅުގަނޑު އަޑެއް ނާހަން. ތަކުރާރުކޮށް، މިސުވާލު އިދިކޮޅު ކެންޑިޑޭޓް، ނޫނީ މިކަން އިދިކޮޅު ކެންޑިޑޭޓް ހުށަހެޅުއްވިތޯ، ނާޅުއްވާތޯ ހަމަ ތިޔަބޭފުޅުންގެ އަރިހުގައި އެއްސެވީމާ، ތިޔަބޭފުޅުން ވިދާޅުވާނެ ނޫނެކޭ ތިޔަ ވާހަކަ ތިގޮތަށް ދެއްކިއޭ. އެހެންވީމާ، އަޅުގަނޑަށްވެސް ކަށަވަރުވެގެންދޭ. އަދި އަޅުގަނޑެއް ޓީ.ވީ.އަކުންނެއް އެ ވާހަކަތައް ނުއެއްދެކެން. ޚަބަރު ފަތުރާ ވަސީލަތްތަކުން ނުއެއް ދެކެން. އެހެންނަމަވެސް އަޅުގަނޑަށް މިއަދު ކަށަވަރުވެއްޖެ، މިއަދު މިރަށަށް އައިމާ، ކަށަވަރުވެއްޖެ. ފަލާޙު އެ ދެއްކެވި ވާހަކަފުޅު. އަދި އިދިކޮޅުގެ ބޭފުޅުން، ކޮންމެ ރަށަކުން، އެއްރަށުން އަނެއް ރަށަށް ދަތުރު ކުރައްވާއިރު، މިދައްކަވާ ވާހަކަފުޅު. އާނ އެހެން ދޮގެއްތޯވާނީ، ރައީސް ޔާމިނަށް، 3 ދުވަހުގެ ތެރޭގައިވެސް މިއުޅެނީ، ހައެއްކަ ރަށް ނުނިންމިގެން. އެކަމަކު އެބޭފުޅުން، ދެ ދުވަހުގެ ތެރޭގައި 15 ރަށް ނޫނީ  20 ރަށް އެބަ ނިންމަވާ. އެހެންވީމާ، ރައްޔިތުންނާ މުޢާމަލާތުކުރެވޭ މިންވަރު، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންވާނެ.

 

އަޅުގަނޑުވެސް ސަމާސާ ކުރުމުގެ ކުރިން، އަޅުގަނޑު ހަމަ އިންނަމާދޫއަށް ދަންނަވާލަން ބޭނުންވަނީ ފަލާޙު، ވަރަށް އޯގާތެރި، އިޙްސާންތެރި ބަސްފުޅުތަކެއް، އަޅުގަނޑަށް ހަދިޔާ ކުރައްވައިފި. ފަށްފަށުން ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، މިނިސްޓަރ މުޢިއްޒު ވާހަކަފުޅު ދައްކަވަމުންވެސް، ހަމައެހާމެ، އޯގާތެރިމާއެކީގައި އަޅުގަނޑާ މުޚާތަބު ކުރެއްވީ. ހަމަ ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަން. އިންނަމާދޫއިން ތިޔަ ވިދާޅުވި މަރުޙަބާއަކީ، އަޅުގަނޑުގެ ހިތުން ފިލައިގެންދާނެ މަރުޙަބާއެއް ނޫން. އެކަމަކު މި މަރުޙަބާގެ ޖޯޝާ، މި މަރުޙަބާގައި ތިޔަބޭފުޅުން ތިޔަ ދެއްކެވި ޖަޒްބާތު، އަޅުގަނޑުމެންނަށް އެބަ ފެންނަންޖެހޭ 23 ވަނަ ދުވަހު މި ނަގާ ވޯޓުގައި. އެއީ، މުޅި ޤައުމަށްޓަކައި އަޅުގަނޑުމެން ކުރާ ކަމެއް. ވޯޓު ކައިރިވެގެން ދިޔައިމާ، ފަލާޙުގެ ބަހުރުވައިން ދަންނަވަންޏާ، ފަލާޙު ވިދާޅުވާނެ، ވައިރަސްތައް އުޅޭނެޔޭ. އެކިކަހަލަ ބޭސްތައް ފެތުރޭނެއޭ. އެކަހަލަ ހުރިހާ ކަންކަމުން އަޅުގަނޑުމެން ޖެހޭނެ ކުރީބައިގައި ވެކްސިން ނަގައިގެން، އެންޓިބައޮޓިކް ކައިގެން ތިބެން. އަޅުގަނޑުމެންގެ ހިތް ގުޑުވައިލިޔަދީގެނެއް ނުވާނެ.

 

 އިންނަމާދުއަކީ، އާބާދީ ދިރިއުޅޭ ނިސްބަތަށް، މިންވަރަށް ބަލާކަމަށްވަންޏާ، ކުޑަ ރަށަކަށް ވެދާނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތަރައްޤީގެ ތަޞައްވުރަކީ، ޝެއަރޑް ޕްރޮގްރެސް. އެންމެން ޝާމިލުވާ، އެންމެން ބައިވެރިވާ، އެންމެންނަކީ ޙިއްޞާދާރުންގެ ގޮތުގައި ހިމެނޭ ތަރައްޤީ. އެންމެންގެ ތެރޭގައި، ހުރިހާ ގިންތިތަކެއް ހިމެނޭ. އަންހެން، ފިރިހެން، ޒުވާނުން، ހުރިހާ އުމުރުފުރައެއް، ނުކުޅެދޭ ކުދިން، ކުޅެދޭ މީހުން، މަސައްކަތަށް ނުކުންނަންކެރޭ މީހުން، ޒުވާނުން، އަދި ފުޓްސަލް ކުޅޭ ޒުވާނުން ވަކިން ގިނައިން، ވަކިން ބޮޑަށް މީގެ ތެރޭގައި ހިމެނޭ. އެއީ، ފުޓްސަލް ކުޅޭ ޒުވާނުންނަކީ، އިދިކޮޅު ކެންޑިޑޭޓް މިއަދު ވާހަކަފުޅު ދައްކަވާގޮތުން ވެއްޖިއްޔާ، އޭނާ އެހާ ތަރުޙީބު ދެއްވާ ބަޔަކަށް ނުވާތީ. ހުރިހާ ޒުވާނުން ފުޓްސަލް ކުޅޭ ކުޅުމަކީ، އެހާ ހިތްޕުޅު ހަމަޖެހޭ ވާހަކައަކަށް ނުވާތީ.

 

އަޅުގަނޑު އެހެންނަމަވެސް، ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، ޒުވާނުންނަށް މި ލިބޭ ފުރުޞަތުތަކާއި، ޒުވާނުންނާ ދޭތެރޭގައި އިދިކޮޅު ފަރާތްތަކުން މި ދެކޭގޮތާ ދޭތެރޭގައި ޒުވާނުން އެބަޖެހޭ މިއަދު ގޮތެއް ނިންމަން. އެހެންވީމާ، އެންމެން ޝާމިލުވާގޮތަށް، ހުރިހާ ރަށްރަށެއް،  އާބާދީގެ ބޮޑުމިނެއް ކުޑަ މިނެއް ނުބަލައި ޝާމިލުވާގޮތަށް އޮންނަ ވިސްނުމެއް، އަޅުގަނޑުމެންގެ ތަރައްޤީގެ ސިޔާސަތަކީ، ނޫނީ ތަރައްޤީގެ ވިސްނުމަކީ، ތަޞައްވުރަކީ. އެންމެން ޝާމިލުވާއިރުވެސް، ހަމަ އިންނަމާދޫގައި އަޅުގަނޑު ދަންނަވާލާނަން. އިންނަމާދޫގެ ބަނދަރު ހެދި ނިމިފައިތޯ އެ އޮތީ. އިންނަމާދޫގެ ނަރުދަމާގެ މަސައްކަތް މިދަނީ ކީއްވެގެންތޯ، ކީއްވެގެންތޯ ނަރުދަމާގެ އިތުރު ނަރުދަމާއެއް އަޅަން މިޖެހެނީ. އަޅުގަނޑު އެއަކަށް ދާކަށް ނެތިން. އެކަމަކު ފަލާޙު ވިދާޅުވެއްޖެ، އިންނަމާދޫގައި ދެވަނަ ނަރުދަމާއެއް އަޅަންޖެހޭނީ ކީއްވެގެންކަންވެސް. ޚާއްޞަކޮށް އިދިކޮޅު ކެންޑިޑޭޓާ މުޚާޠަބު ކުރައްވައި އެ ވިދާޅުވީ. އަނެއްކާ މި ވާގޮތަކީ، އިންނަމާދުއަށް ފޭބުމަށްޓަކައި، ލަފަން އަންނަ ބަނދަރުމަތި ހަނދާނެއް ނުހުރޭ ފުރާއިރަކު. އެހެންވީމާ އިންނަމާދޫގައި، ފުރާއިރު އެބަޖެހޭ ބަނދަރެއް ހަދަން. އެހެންވީމާ، އެކަހަލަ ވާހަކަތަކެއް މިދައްކަނީ. އިންނަމާދޫއަށްވެސް ހަމަ ނަސީބު ރަނގަޅު ރައްޔިތެއް މިތާ ތިޔައޮތީ. އިންނަމާދޫއަށް ދެ ބަނދަރު ލިބޭނެ. ތިން ނަރުދަމާ ލިބޭނެ. އެތައް މިސްކިތެއް ލިބޭނެ.

 

މިސްކިތްތަކުގެ ވާހަކައާއި، އިސްލާމްދީނުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުވެސް ހަމަ ސަމާސަކޮށްލާފައި ދަންނަވާލާނަން. އެކަމަކު މި ދަންނަވަނީ ޙަޤީޤީ ވާހަކައެއް. އިންނަމާދޫގެ ރައްޔިތުން ބޭނުންތޯ، މިރަށުގައި އެ ހަދާނިމިފައި، މީގެ ދުވަސްކޮޅެއްކުރިން ހަދާނިމިފައި އެހެރަ ރީތި ބޮޑު މިސްކިތް، ތިޔަބޭފުޅުން ބޭނުންތޯ މިސްކިތް ބެލެހެއްޓުން ސަރުކާރުގެ އަތްމަތިން ނަގައި، ސަރުކާރުގެ ބަޖެޓުން ވަކިކޮށްލާފައި، ކޮންމެވެސް ކަހަލަ އެން.ޖީ.އޯ.އެއް ނޫނިއްޔާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމުޢިއްޔާއަކާ  މިސްކިތް ބެލެހެއްޓުން ޙަވާލުކުރަން. އިދިކޮޅު ބޭފުޅުން ވިދާޅުވާނެ، އިމާމުންނާއި، މުދިމުންގެ މުސާރަ ބޮޑުކުރާ ވާހަކަ. ދެންހަމަ ޚިޔާލަށް ގެންނަމާތޯ؟ އިމާމުންނާއި، މުދިމުންނަށް މުސާރަ ބޮޑުކޮށްފައި، އަދި މިސްކިތަށް ޖަމާޢަތަށް އަރާ މީހުންނަށް ފައިސާގެ ޢިނާޔަތެއް ދީފައި، މިކަންކަން ކުރަން ފައިސާ ހޯދާނީ ކޮންތާކުންތޯ؟ މި މިސްކިތް ބެލެހެއްޓުމަކީ، މިދެންނެވި ކަހަލަ މަދަނީ ޖަމުޢިއްޔާއަކާ ޙަވާލުކުރާ ތަނަކަށްވެއްޖިއްޔާ. މަދަނީ ޖަމުޢިއްޔާތައް ނޫނިއްޔާ އެން.ޖީ.އޯ.ތަކާ ޙަވާލުކުރާއިރު އެބޭފުޅުން ލައްކަ ގިނަ މަސައްކަތް ކުރެއްވިތޯ އެކަން ބެއްލެވިތޯ. އަދި ކޮބައިތޯ، ރައްޔިތުންނަށް އެންމެ ދަތިވެފައިހުރި އެންމެ އަސާސީ ކަންތައްތަކުގެ ތެރޭގައި، ކަރަންޓާއި، ފެނާ، މިކަހަލަ ކަންތައްތަކަށް ބަލާކަމަށްވަންޏާ، އަދި ނަރުދަމާގެ ވާހަކައާއި، ކުނިއުކާލުމުގެ ވާހަކަ ނުދައްކަވާ. އެއީ، އެބޭފުޅުންގެ ޚިޔާލަށްވެސް އައި ކަމެއް ނޫން. ކުނި އުކާލަންޏާ އެބޭފުޅުން ޤަބޫލުކުރެއްވީ، ކުޅުދުއްފުށީގައި ކުޅިއެއް އޮތިއްޔާ، ކުނި އުކަމުން ގެންދަންވާނީ، ކުޅިއަށް ކަމަށް. ކުނި ނައްތާލާކަށް ވިސްނުންފުޅެއް ނެތް.

 

ކަރަންޓުގެ ކަންތައްތައްވެސް ވީ ކިހިނެއްތޯ؟ ޒޯންތަކަކަށް މުޅި ރާއްޖެ ބަހާލީ. ޔުޓިލިޓީ ކުންފުނިތަކެއް ހެދީ. ހަދައިގެން ކަރަންޓުގެ ކަންތައްތައް ގެންދެވޭތޯ ބެލީ. ކޮންތަނެއްގައިތޯ ކަރަންޓުގެ ޚިދުމަތް އެގޮތަށް ދެވުނީ. ކޮން ތަނެއްގައިތޯ އެބޭފުޅުންގެ ތިން އަހަރު ނިމިގެން ދިޔައިރު އެކަންވީ. ހަމަ ހުރިހާ ތަނެއް ފެއިލްވީ. އިންޖީނެއް ހަލާކުވެއްޖިއްޔާ މިވަނީ ކިހިނެއްތޯ؟ ރަށެއްގެ އިންޖީނެއް ހަލާކުވެއްޖިއްޔާ އަޅުގަނޑުމެންނަށް ފެނިފައިހުރީ އެހެން ރަށެއްގައި ހިނގަމުންދާ އިންޖީނެއް ގެނެސް، އެ އިންޖީނުގެ ކޮންމެވެސް ސްޕެއަރއެއް ނައްޓައިލައިގެން، އެވަގުތު ފަރުވާދޭން ބޭނުންވާ ތަނަކަށް އެ ޖަހަންވާ އިންޖެކްޝަނެއް ޖެހިތަން. އިންޖީނު ނެގި ރަށުގެ އިންޖީނު ހަލާކުވީމާ، ދެން އިތުރު އިންޖީނެއް އެރަށަށް ހޯދަން، ދެން ކުރަންވީ ކަންތައްވެސް ހަމަ އެބޭފުޅުން މިކަހަލަ ގޮތަކަށް ކުރެއްވީ. އިނގިރޭސި ބަހުން ދަންނަވާ ކަމަށްވަންޏާ ހަމަ ސްކްރައުންޖް ކޮށްގެން، އެކަތިން އެކަތިން ބައިބައި ނަގައިގެން އެހެން އެއްޗަކަށް، ބައިބައި ލައްވައިގެން އެބޭފުޅުން މަސައްކަތް ކުރެއްވީ.

 

އެކަމަކު މިއަދު ކިހިނެއްތޯ މިވަނީ. މިއަދު ރައީސް ޔާމިންގެ ޒަޢާމަތުގައި، ހުރިހާ ރަށަކަށް، ކުޑައެއް ބޮޑެއް އާބާދީގެ ނިސްބަތަކަށް ބެލުމެއްނެތި، ހުރިހާ ރަށަކަށް، 24 ގަޑިއިރު ކަރަންޓް ލިބިގެން، އެ އުފަލުގައި ރައްޔިތުން އެބަ އުޅޭ. އެކަމަކު އެބޭފުޅުން މިދެންނެވިގޮތަށް، އެކިއެކި ޖަމުޢިއްޔާތައް ހަދައިގެން، ސަރުކާރު ނޫން ގޮތަކަށް މިކަންކަން ކުރެވޭނެ ކަމަށް އެ ވިދާޅުވަނީ، ސަރުކާރުގެ ހިންގުމުގެ ޚަރަދު ކުޑަ ކުރާނަމޭ ވިދާޅުވެ. ދަންނަވަންތޯ ވާހަކައެއް. ދިވެހިރާއްޖެއަކީ، ކުޑަކުޑަ އާބާދީއެއް އޮތް ތަނެއް. 187 ރަށަށް އެއޮތީ މީހުން ބެހިފައި. މިކަހަލަ ކުދިކުދި ރަށްރަށްވެސް އަޅުގަނޑުމެންގެ މިއަދު ވިސްނުމުގެ ތަޞައްވަރުގައި، އަޅުގަނޑުމެން އެބަ އިޤްތިޞާދީ ފައިދާއާއި، އަދި އިޤްތިޞާދުން ލިބޭ މަންފާއާއި، ޒުވާނުންގެ ވަޒީފާގެ ފުރުޞަތަކާއި، ޓޫރިޒަމުން ލިބޭ އާމްދަނީ، މި ހުރިހާ ތަނަކަށް ޝާމިލުކުރަން ބޭނުންވޭ. ހުރިހާތަނެއް ބައިވެރިކުރަން ބޭނުންވޭ. މިހެން އޮންނަ ތަނެއްގައި އެބޭފުޅުންނަށް އެފޮތްތަކުން ކިޔަވައި ވިދާޅުވާ ގޮތަކަށް، އިޤްތިޞާދީ މަސައްކަތެއް ނުކުރެއްވޭނެ. ސަރުކާރުގެ ހިންގުމުގެ ޚަރަދެއް ކުޑައެއް ނުކުރެވޭނެ.

 

އިންނަމާދުއަކީ މަސައްކަތްތެރި ރަށެއް. މަސައްކަތްތެރި ރަށަކަށްވާތީ، އިންނަމާދޫއަކީ އެންމެ ރަނގަޅު މިސާލުކަމަށް ނުވެދާނެ. އެކަމަކު، އެރަށެއް މަސައްކަތްތެރި ރަށަކަށް ނުވެ، ވަކި ޞިނާޢަތެއްނެތް ރަށެއްގައި، މިސާލަކަށް ދޯނި ބަނުން، ބޯޓު ބަނުން ކަހަލަ ޞިނާޢަތެއް ނެތް ރަށެއްގައި، އާމްދަނީ ލިބޭ ގިނަ ވަޒީފާތަކުގައި ތިބޭނީ ފެނަކައިގައި، ނޫނީ އެސް.ޓީ.އޯ.ގެ ބޭސް ފިހާރައެއްގައި، ނޫނީ ސަރުކާރުގެ ކޮންމެވެސް މަޤާމެއްގައި ތިބޭ ބަޔަކު. އެތަންތަނުގެ އިޤްތިޞާދުގައި، އާމްދަނީ ލިބޭ ގިނަ ވަޒީފާތައް މި އުފައްދަނީ ސަރުކާރުން. އެހެންވީމާ ސަރުކާރުގެ ޚަރަދު ކުޑަކުރަން ބޭނުންވިޔަސް، ސަރުކާރުގެ ހޭދަ ކުޑަނުކުރެވޭނެ ސަބަބުތައް މިހިރީ.

 

އަޅުގަނޑުމެންނާއެކީ ކުރީ ސަފުގައި މިތިއްބެވީ، ރަށްރަށުގެ ކަމުވެށިވެގެންވާ ބޭފުޅުން. މީގެކުރީގައި، ރަށްރަށުގެ އިސް ބޭފުޅުންގެ ގޮތުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުން. މިއަދު އިސް ރަށްވެހިންނަށް ވެވަޑައިގެން ތިއްބެވި ބޭފުޅުން. އަތޮޅު އޮފީސް ހުރެއްޖިއްޔާ އަތޮޅު އޮފީހުން ކިތައް ވަޒީފާ ލިބޭތޯ. ރަށު އޮފީހެއް ހުރެއްޖިއްޔާ، ރަށު އޮފީހުގެ ކިތައް ވަޒީފާ އޮވޭތޯ. ކައުންސިލެއް މިހުންނަނީ، ކައުންސިލުގެ ކައުންސިލަރުންނަކީ، އިންތިޚާބުކުރާ ބައެއް. ދެން ތިބެނީ މުސާރަ ލިބޭ މީހުން. ސަރުކާރުގެ ހަމަ މުސާރައިން މުސާރަ ލިބޭ މީހުން. އެހެންވީމާ، ކުދިކުދި ރަށްރަށުގައި ސަރުކާރުން މިކުރާ ހޭދައިން، ސަރުކާރުގެ މުސާރައަށް ބަރޯސާވެގެން، ކޮޅަށް ޖަހާ ޢާއިލާތައް މަދެއް ނުވާނެ. އެހެންވީމާ، ސަރުކާރު ކުޑަ ކުރުމަކީ، ކުންފުނިތައް ކުޑަކުރުމަކީ، ޙައްލެއް ނޫން. އިންނަމާދޫ ބަނދަރުހެދީ، ލޯނު ނަގައިގެންކަމަށްވާތީ، މިހާރު ލޯނު ނެގުމަކީ، ކުރިއަށް ވައްކަން ކުރުންކަމަށް މި ވިދާޅުވަނީ. ކުރިއަށް ވައްކަން ކުރުމަކީ، ކުރިއަށް ލިބެން ހުންނަ ލާރި، ނޫނީ، ކުރިން ހޯދަން ހުންނަ ލާރި އެޒަމާނަށް ނުބަހައްޓައި މިހާރު ނަގާ ނެގުމަށް އެ ބޭފުޅުން އެވިދާޅުވަނީ އެގޮތަށް.

 

އެމް.ޑީ.ޕީ.އަކީ އަބަދުވެސް ވާހަކަ ބޭނުންގޮތަކަށް އޮޅުވާލައިގެން، ވާހަކަ ދައްކަން ބޭނުންގޮތަކަށް ދައްކާ ބައެއް. އެކަމަކު އެ ސުވާލެއްނޫން އަޅުގަނޑު މިއަދު ކުރަން މިއުޅެނީ. އެބޭފުޅުން ލައްކަ ގިނަ ވާހަކަ ދައްކަވާނެ. އެބޭފުޅުން ދައްކަވާ ވާހަކައިގެ ތެރޭގައި އިންތިޤާލީ ޢަދުލެއް ޤާއިމުކުރައްވާ ވާހަކަ ރޭގައި ދައްކަމުން ދިޔައީ. މިތަނުގައި ތިއްބަވާނެކަންނޭނގެ ޝަރުޢީ ދާއިރާގައި އުޅުއްވާ ބޭފުޅުން. އިންތިޤާލީ ޢަދުލަކީ ކޯންޗަކަށްތޯ ވަނީ؟ އަޅުގަނޑަކަށް ނޭނގެ އިންތިޤާލީ ޢަދުލަކީ، ކޯއްޗެއްކަމެއް. ގޯތި ބަހާއިރު، ކަޑަޖަހާއިރު، އިންތިޤާލީ ޢަދުލަށް ނިމިގެން، އިމާރާތްކުރާފަހުން ދާއިމީ ޢަދުލަކާ ހަމައަށް ގޯތި ދާއިރު އިމާރާތް ޖެހެނީ ތަޅާލަން. އެއީ ކަޑަޖެހިފައި ހުރީ ނުބައިކޮށް ކަމަށްވާތީ. އިންތިޤާލީ ކަޑައެއް ޖެހިފައި ހުންނާނީ. އެހެންވީމާ މި އުޅެނީ، އިންތިޤާލީ ވިސްނުމެއްގައި އުޅޭ، އިންތިޤާލީ ބަޔަކު. އެހެންވީމާ، ރަށްރަށަށް އަރައި މި ހިންގައިދޭން ބުނާ މަޝްރޫޢުތަކަކީ، އެމީހުންގެ ވިސްނުމުގައި ހުރި، އިންތިޤާލީ ވިސްނުމެއް. އެއީކީ އޭގައި ހަރުދަނާކަމެއް، ބަރުދަނެއް، އޮށްޓަރެއް، ނޫނިއްޔާ ޕްލޭން ކުރެވިފައި އޮތް ކަމެއް ނޫން. މިއަށް ފައިސާ ހޯއްދަވާނެ ގޮތެއް ވިދާޅެއްނުވޭ. މިހާރު، މިކަންކަމަށް ފައިސާ ހޯއްދެވޭނެ ގޮތެއް އެބޭފުޅުން ވިދާޅެއްނުވޭ. އެހެންވީމާ، ކޮންމެ ރަށަކަށް ވަޑައިގެން، އިންތިޤާލީ ވިސްނުމުން ވިދާޅުވެފައި، އިންތިޤާލީ ވާހަކަ ދައްކަވާކަމަށްވަންޏާ، އެތައްކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވާނެ. އަދި މީގައި ރަނގަޅު ގޮތަކީ، ރަނގަޅު ކަމަކީވެސް ދެންމެ ފަލާޙުވެސް އެ ވިދާޅުވިގޮތަށް، ކޮންމެ ރަށަކަށް ރައީސް ޔާމީނު ކޮށްދީފައި އޮތްކަމެއް އެބޭފުޅުން އިތުރަށް ކޮށްދެއްވާނެ.

 

އެހެންވީމާ، އިންތިޤާލީ ވިސްނުމާއި އިންތިޤާލީ ފިކުރެއްގައި، އަދި އިންތިޤާލީ ހަރުދަނާކަމެއްގައި ތިބޭ ބަޔަކު ހަމަ އިންތިޤާލީ ވާހަކަ ނޫން ވާހަކައެއް ނުދައްކާނެ. މިރަށުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ސުވާލަކީ، އަހާލަން ބޭނުންވާ ސުވާލަކީ، ތިޔަބޭފުޅުންނަށް މުހިންމުތޯ މި ބަނދަރު ހަދަން ސަރުކާރުން ބޭރުން ލޯނު ނެގިތޯ ނޫންތޯ ބަލަން. ތިޔަބޭފުޅުން ބޭނުންވަނީ ބަނދަރު. ބަނދަރު ބޭނުންވާ މިންވަރަކަށް ބަނދަރު މިއޮތީ ލިބިފައި. އަޅުގަނޑުމެން މިއަދު މި ދައްކަނީ މިކަހަލަ އިބްތިދާއީ ނޫނީ މިކަހަލަ އަސާސީ ބަނދަރު ހަދާ ވާހަކައެއް ނޫން. މިއަދު ބައެއް އިޤްތިޞާދީ ނޫނީ ޞިނާޢީ މަސައްކަތުގެ ފުރުޞަތު އޮންނަ ތަންތަނުގައި އަޅުގަނޑުމެން މިދަނީ، ޞިނާޢީ ބަނދަރުހަދާ ވާހަކަދައްކަމުން. މިއީ، އަޅުގަނޑުމެން ޤަބޫލުކުރަނީ، އަސާސީ ބަނދަރުކަމަށް. ޟަރޫރަތު ނިޔާކުރާގޮތުން، އޮޑިދޯނިފަހަރު ގިނަވީމާ، ހަދަންޖެހޭ ބަނދަރު، ލަފާ ފޭބުމުގައި ފަސޭހަކަމެއްކުރަން ހަދާ ބަނދަރު. އެކަމަކު ވޭވަށުގައި، ވޭވަށަށް ރައްދުކޮށް، ވޭވަށާ ބެހޭގޮތުން އަޅުގަނޑު މ.އަތޮޅުގައި ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން، މިކަހަލަ ބައެއް ރަށްރަށް އެބަހުއްޓޭ ޞިނާޢީ ބަނދަރު ހަދަންޖެހޭ. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުން އަބަދުވެސް މިއުޅެނީ، އަޅުގަނޑަށް ހީވަނީ، އެބޭފުޅުންގެ އިންތިޤާލީ ވިސްނުމަށްވުރެ ތަންކޮޅެއް ހަރުދަނާކޮށްހެން. އެހެންވީމާ، އަޅުގަނޑުމެން މިހާރު މިދައްކަނީ މިދެންނެވި ކަހަލަ ޞިނާޢީ ބަނދަރު ހަދާ ވާހަކަ.

 

މިރަށުގެ ރައްޔިތުންނެއް ބައްލަވާކަށް ބޭނުންފުޅެއް ނުވާނެ، ރައީސް ޔާމީނުގެ ސަރުކާރުން މިތާ ބަނދަރު ހަދައިދިނީ، ކުރިއަށް ލިބެންހުރި ލާރި ނަގައިގެން، ނޫނިއްޔާ އެޑްވާންސްކޮށް ވައްކަން ކޮށްގެންތޯ ބަލާކަށް. އެބޭފުޅުން މިކަހަލަ ހުރިހާ ވާހަކަފުޅެއް ދައްކަވާފައި އެބޭފުޅުންގެ ޚިޔާލުފުޅަށް އަންނަނީ، އެބޭފުޅުންގެ އިސްތަށިފުޅަށް ހެޔޮވަރު ތޮފި އަޅުގަނޑުމެންގެ ބޮލަށްވެސް ހެޔޮވަރު ވާނެކަމަށް. އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އިންތިޤާލީ ތޮފިތަކެއް އަޅުގަނޑުމެންގެ ބޮލަކަށް ހެޔޮވަރެއްނޫން. އެބޭފުޅުންގެ ވިސްނުންފުޅުގައި އެބޭފުޅުންގެ އަމިއްލަ ނަފްސަށް ރައްދުކުރައްވައި ދައްކަވާ ވާހަކަ އެބޭފުޅުން އެ ދައްކަވަނީ. ކޮރަޕްޝަނުގެ ވާހަކަ ދެއްކެވިޔަސް މިކަން އޮތީ އެހެން. ލާއިންސާނީ ކަންތައްތަކުގެ ވާހަކަ ދެއްކެވިޔަސް މިކަން އޮތީ މިހެން. ޢަދުލުވެރިކަން ނެތްކަމުގެ ވާހަކަ ދެއްކެވިޔަސް މިކަން އޮތީ އެހެން. އެއީ، އެ ހުރިހާ ކަމެއް އެންމެ ޝާމިލުކަންބޮޑު ގޮތަކަށް، އެންމެ ދިވެހި ރައްޔިތުންނަށް ވޭން އަޅާގޮތަށް، އެކަންކަން އަޅުގަނޑުމެންނަށް ދައްކަވައި، ފިލާވަޅުތައް ނަގައިދީ، އަޅުގަނޑުމެންގެ ހިތުން ނުފިލާވަރުގެ ދާއިމީ ދަރުސްތަކަކަށް މިކަންކަން ބަދަލުކޮށް، އަޅުގަނޑުމެންގެ އަޚްލާޤިއްޔާތު ހަލާކުވެގެން ދިޔައީ، އެބޭފުޅުން ވެރިކަމަށް ވަޑައިގަންނަވަން ކުރެއްވި މަސައްކަތުގެ ތެރޭގައި.

 

ރައީސް މައުމޫނުގެ ފަހު ދައުރުގެ 2005 ން ފެށިގެން އެ ހިނގައިދިޔަ އަހަރުތަކާ އެކީ، އެ ފަސް އަހަރާއެކީ، ދެން އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ތިން އަހަރުގެ ތެރޭގައި އެބޭފުޅުން ކުރައްވަން ބޭނުންފުޅުވި ކަންތައް އެހެރީ އަޅުގަނޑުމެންނަށް ދައްކަވާފައި. އަޅުގަނޑުމެންނަށް އަބަދުމެ ޓީ.ވީ.ތަކުން އެ ފެންނަނީ އެ މަންޒަރުތައް. އެހެންވީމާ، އެބޭފުޅުން އެ ދައްކަވަނީ، އެބޭފުޅުންގެ ފަރާތުން، އެބޭފުޅުން ރައްޔިތުންނަށް ދައްކަވާފައިހުރި ސިފަތަކެއް. އެހެންވީމާ، އެ ތޮފިތަކެއް އަޅުގަނޑުމެންގެ ބޮލަކަށް ހެޔޮވަރެއް ނުވާނެ. އެއީކީ އެކަން ވާނެ ގޮތެއް ނޫން.

 

އަޅުގަނޑު ހަމަ މިރަށުގައި ދަންނަވާލަން ބޭނުންވާ ބައެއް ސަމާސާ ވާހަކައިގެ ތެރޭގައި އަޅުގަނޑު ހަމަ ދަންނަވާލާނަން އަދިވެސް ބައެއް ވާހަކަ. ފަލާޙް އެ ވިދާޅުވީ، ރަށްރަށުގައި ނަރުދަމާ، ދެ ނަރުދަމާ އަޅަން މިހާރުގެ ކެންޑިޑޭޓް ބޭނުންވަނީ ކީއްވެގެންކަން. އެއީ ވަރަށް ގިނަފަހަރު، ދަތުރު ފުރުން ލަސްވެގެން މިދަނީ އެ ސަބަބުތައްވެސް އެ ވިދާޅުވެދެއްވީ. އެހެންވީމާ، ބޭނުންވާނެ އިތުރު ނަރުދަމާތައް ކޮންމެ ރަށެއްގައި ހުންނަންވެސް. ދެން އެކަމަކު އެކަހަލަ ވާހަކައެއް ދެއްކުމެއް ނޫން، ހަމަ ސަމަސާކޮށްލުމުގެ ގޮތުން، ފަލާޙުވެސް އެ ވިދާޅުވިގޮތަށް، ހެނދުނުގެ މި ހިތްގައިމު ވަގުތުގައި އަޅުގަނޑުމެން މިހާވަރަށް ދޮންކުރާކަށް ނުވާނެ. އެހެންނަމަވެސް، ފަލާޙް މި ސްޓޭޖްމަތީގައި ދޮންކުރައްވާފައި ވަޑައިގަތީމާ ދެން އަޅުގަނޑަކަށްވެސް ފުރުޞަތެއްނެތް، ކޮންމެވެސް ވަރަކަށް މީގައި   ޖެހިގެން ނޫނިއްޔާ އަޅުގަނޑަކަށް ފޭބޭނެގޮތެއްވެސް ނޯންނާނެ.

 

އެހެންވީމާ އިންނަމާދޫގައި އަޅުގަނޑު ދަންނަވާލާނަން، ފަލާޙަކީ ވަރަށް މުރާލި، އަޅުގަނޑުމެންނަށް ވަރަށް އަގުހުރި މެންބަރެއް. އަޅުގަނޑު އިންނަމާދޫގެ ރައްޔިތުންގެ އަރިހުން އެދެން ބޭނުންވަނީ، އިނގުރައިދޫ ދާއިރާގެ ރައްޔިތުން އަރިހުން ދަންނަވާލަން ބޭނުންވަނީ، ސެޕްޓެންބަރު 23 ގައި، އަންނަ މަހުގެ 23 ގައި ދެއްވާ ވޯޓަކީ، ފުރަތަމަ އަޅުގަނޑު ދަންނަވާނަށް، ހަމަ ވަރަށް އިޚްލާސްތެރިކަމާއެކީ ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު އެދެން، އަޅުގަނޑަށް ދެއްވާ ވޯޓަކަށް ހަމަ ހުރިހާ ބޭފުޅުން ހައްދަވައިދެއްވާށޭ. އެއާއެކު އަޅުގަނޑު ދަންނަވާލާނީ، އެކަން ކުރަންޖެހޭ އެތައް ސަބަބެއް އަޅުގަނޑުމެންގެ ތެރެއިން ވާހަކަފުޅު ދައްކަވާ ހަމަ ހުރިހާ ބޭފުޅުން، އެ ވިދާޅުވަމުން ގެންދަވަނީ. ޢަބްދުއްރަޙީމް ކޮންމެ ޖަލްސާއެއްގައި، ކޮންމެ ޕޯޑިއަމެއްގެ ފަހަތުގައި ހުންނަވައިގެން މި ވާހަކަ ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވާނެ. މުޢިއްޒު ފައިބައިވަޑައިގަތީ، މި ވާހަކަ ވިދާޅުވަމުން. އެއީ، ދީނީގޮތުން ދައްކަންޖެހޭ ވާހަކަތަކެއްގެ ނަޒަރިއްޔާއިން. ފަލާޙް ފައިބައިވަޑައިގަތީ މިކަހަލަ އެތައް ވާހަކައެއް ދުނިޔަވީކަންކަމުގައި، ކީއްވެގެންކަން މި ރިޔާސަތު ދެމިއޮންނަންވީ، ނޫނީ ދެވަނަ ދައުރަކަށް ދެމިގެންދާންވީ، އެ ސަބަބުތައް ކިތަންމެހާވެސް ތަފްޞީލުކޮށް ވިދާޅުވެދެއްވަމުން. ތަރައްޤީއަކީ އަޅުގަނޑުމެންގެ މި ދުރުގައި ހުރި ރަށްރަށް، މި ވިއްސިވިހާލިވެފައި ހުރި ރަށްރަށް، ވިއްސިވިހާލިވެފައޭ  މި ދެންނެވީ އިންޑިޔާ ކަނޑުގައި، އަޅުގަނޑުމެންގެ ރަށްތަކަކީ، ވިއްސިވިހާލިވެފައި ހުރި ރަށްރަށް. އަދި މީގެކުރީގައި ސަރުކާރުތަކުން ކަންތައްތައް ކުރެވިފައި ހުރިގޮތް ކަމަށްވަންޏާ، ހަމަ ޙަޤީޤަތުގައިވެސް،    މި ރަށްރަށަށް ނިސްބަތްކޮށް އަޅުގަނޑުމެން ހަމަ އެގޮތަށް ބުނަންވާނީ، ވިއްސިވިހާލިވެފައޭ މިހިރީ. އެއީ މި ދެންނެވިގޮތަށް މިސްކިތްތައް އެހެރީ ނުހެދި، ބަނދަރު އެހެރީ ނުހެދި، ނަރުދަމާ އެހެރީ ނޭޅި، ފެނުގެ ނިޒާމު އެއޮތީ ޤާއިމު ނުކުރެވި. އެހެންވީމާ ހުރިހާ މާނައެއްގައިވެސް މިރަށްރަށް މިވަނީ، ވިއްސިވިހާލިވެފައި.

 

އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ ކަމަކީ، މި ވިއްސިވިހާލިވުމުގެ ފިކުރު ރައްޔިތުންގެ ކިބައިން ދޫކޮށްލަން ކުރާ މަސައްކަތް. އެއާއެކީ އަޅުގަނޑުމެން މި ކުރަނީ، ރައްޔިތުންނަށް އުންމީދު ދޭން ކުރަންޖެހޭ މަސައްކަތްތަކެއް. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުން ކުރާ ކޮންމެ މަސައްކަތެއް ހުރިހާ ދިމާއަކަށް އެބަދޭ.

 

ދެން ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކުގެ ތެރެއިން ބައެއް ވާހަކަ އަޅުގަނޑު ދަންނަވާލާނަން. އަދި އެ ވާހަކަ ދައްކާއިރު އަޅުގަނޑު ދަންނަވާނަން، މިހާރު އިދިކޮޅު ކެންޑިޑޭޓުންނާއި އެމް.ޑީ.ޕީ.ން ފައްކާކުރަމުން މިއަންނަނީ، ކޮންކަހަލަ މޫސުމެއްބާއޭ؟ ރޭނޫން އިއްޔެރޭ މާލޭގައި އަނެއްކާވެސް ވަރަށްބޮޑު ޒަޚަމުގެ ހަމަލާއެއް އެދިޔައީ. މީހަކު ވަރަށް ވަރުގަދަޔަށް ޒަޚަމުކޮށްލާފައި، އޭނަ ވަރަށް ސީރިއަސް. މިއަދަކު އަޅުގަނޑަކަށް ނޭނގޭ އޭނަގެ ޙާލަތެއް، އިއްޔެ އެކަމަކު ވަރަށް ސީރިއަސް. މިހާރު މި ފެށިގެންދަނީ، އަޅުގަނޑު ނުބުނާނަން މިއީ ވަކި ބަޔަކު ކުރުވާކަމެކޭ. އެހެންނަމަވެސް ވޯޓުގެ މޫސުމާ ދިމާކޮށް މިހާރު މި ފެށިގެންދަނީ، މިކަހަލަ ވިޔާނުދާ ނުރައްކާތެރި ކަންކަން. އަދި ހަމައެއާއެކީ، އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުން އެހެން ޕާޓީއެއް ބޭނުމެއްނުވެއޭ، އިއްތިޙާދު ހަދައިގެން ކޮކްޓެއިލެއްގެ ތެރޭގައި ތިއްބަސް، އެއްފުޅިއެއްގެ ތެރޭގައި އެންމެން ތިބިނަމަވެސް، އެހެން ބަޔަކުގެ ވިސްނުމެއް މިއަކަށް ގެންނާކަށް ބޭނުމެއްވެސް ނުވެސްވޭ.

 

އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުން ނިންމަނީ، ގެއްލިފައި ހުރި ފައިސާތައް ހޯދަން އިބްރާހީމް މުޙައްމަދު ޞާލިޙަށް ލާޒިމުކުރުވާ ޤަރާރެއް. އެ ޤަރާރުގެ ދަށުން ދެން އެމް.ޑީ.ޕީ.ގެ މީހުން ނުކުންނަންވީ، ޙަޤީޤަތުގައި އެ ގެއްލިފައި ހުރި ފައިސާ ހޯދަން. އެންމެ ގިނައިން ފައިސާ ހޯދާނީ ހަމަ ބައެއް ގޭގެ ބެލީމަ ހަމަ އެ ގޭގެ ތަންމަތިން. އެއީ ފައިސާ ހޯދޭނެ ގޮތަކީ. މީގެ ކުރީގައިވެސް ފައިސާތައް ގެއްލިފައިވީ. ހޯދާކަށް ނޫޅޭ. މިހާރުވެސް، އެބޭފުޅުންގެ ސަރުކާރުގައި ހުންނެވި އޮޑިޓަރ ޖެނެރަލް ލިޔުއްވި އޮޑިޓް ރިޕޯޓުތަކުގައިވެސް ފައިސާއަށް ވީގޮތް އެއޮތީ ވިދާޅުވެފައި. އެ ފައިސާތައް މި ސަރުކާރުން ނުހޯދާ ހުރީކީއެއް ސަބަބެއްނެތިއެއް ނޫނޭ. އެ ފައިސާތައް ނުހޯދާ ހުރީކީ އެ ފައިސާތައް އެއީ ލިބެންޖެހޭ ފައިސާކަމަށް ޤަބޫލުނުކުރާތީކީ ނޫނޭ.

 

އަޅުގަނޑު ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން ވާހަކަދައްކަމުން އަޅުގަނޑު ދެންނެވިން. މިއަދުވެސް ތިޔަބޭފުޅުންގެ ޚިޔާލަށް މިކަން ގެންނަވާ، އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން މިކުރަނީ ކޮންކަމެއް ހެއްޔޭ؟ އަޅުގަނޑުމެންގެ ޢާންމު ރައްޔިތުން މި ސިޔާސީ ލީޑަރުން، އަޅުގަނޑުމެން ލައްވާ މަޖުބޫރުން ތަޙައްމަލު ކުރުވަން މިޖެހެނީ ކޮންކަހަލަ ޙާލަތެއްހެއްޔޭ؟ ސިޔާސީ ލީޑަރުންނަކީ، އެކިފަހަރު އެކިގޮތަށް ވިސްނާ ބައެއް. އެމީހުންގެ ހުރިހާ ވިސްނުމެއްގެ ފަހަތުގައި އޮތީ، އެމީހުންގެ އަމިއްލަ އެދުންތައް. މިއީ، ގިނަ ސިޔާސީ ލީޑަރުންގެ ވިސްނުން ހުރި ގޮތް. އެހެންވީމާ، އެކަންކަން ފުއްދޭތޯ އެފަހަރަކު ޖެހުނު ކުލައެއް އެބޭފުޅުން ޖައްސަވަނީ. ވަރިހަމަ ދުވަހަކުވެސް ރީނދޫކުލައާއި ރަތްކުލައާ ނުގުޅުނަސް، ރީނދޫކުލައާއި ރަތްކުލައާވެސް ގުޅޭ. ކިތައް ސިޔާސީ ލީޑަރުންތޯ މިކަހަލަ ކިތައް ސިޔާސީ ލީޑަރުންތޯ ވިދާޅުވީ، މިއަދު އަޅުގަނޑުމެންނަށް އިވިގެންދިޔަ ވާހަކަ. އެއީ، އަޅުގަނޑުމެންގެ އިސްލާމްދީނުގައި އެކަން އޮންނަގޮތް. މުއުމިނެއްގެ ގަޔަކަށް އެއްހަރަކުން ދެފަހަރު ކައްޓެއް ނުޖެހޭނެއޭ. މިކަހަލަ ކިތައް މުއުމިނުންތޯ ސިޔާސީ ލީޑަރުންގެ ތެރޭގައި މިއަދު ތިބީ؟ އެއްކަށްޓަށްވުރެ ގިނަ ކަށި، އެއްހަރުން ޖެހި ލީޑަރުން މި އަހަރު އަނެއްކާ އެތިބީ.

 

އެހެންވީމާ، މިހާރު މި ބަސްވެސް ބަދަލުވާންވެއްޖެ. މުއުމިނެއްގެ ގަޔަކަށް ނޫން، އެއްހަރުން އެއްފަހަރަށްވުރެ ގިނައިން ކަށި ނުޖެހޭންވީކީ. ފުރިހަމަ މުއުމިނުން ގަޔަށް، އެއްހަރަކުން އެއްފަހަރަށްވުރެ ގިނައިން ކަށި ނުޖެހޭނީ. އެކަމަކު އަޅުގަނޑުމެންނަށް ހަމަ ދީނީ ބޭފުޅުން، ޢިލްމުވެރިން ވިދާޅުވެދެއްވާފައި، ދަސްކޮށްދެއްވާފައި ހުންނަ ބަސްފުޅުތައް މިހުންނަނީ. އެކަމަކު މިއަދު ކިހިނެއްތޯ މިކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާނީ؟ ހަމަ އެބޭބޭފުޅުންނޫންތޯ އެކަށިޖެހި ހަރުތަކަށް ވަދެ، ދެން އެހަރުތަކުން ނުނިކުމެވޭ ވަރަށް ވަދެ އެތިބީ. ބަންދުވެފައި އެތިބީ. މި ބަންދުވަނީ ކިހިނެއްތޯ؟ ރައީސް ނަޝީދު ޑޮލަރުގެ އަގު ހިފަހައްޓަން، ޑޮލަރުގެ ފަހަތުގައި ފުލުހުންގެ މީހަކު ބަހައްޓާފައި، އަދި އޭގެ އިތުރަށް ބަންދެއްވެސް އެޅުވީ. އެޑޮލަރުގެ އަގު ވަކި ބޭންޑެއްގައި ހިފަހައްޓާ ވާހަކަ. އެބަންދު އެޅުވީމާ ކިހިނެއްތޯވީ؟ ފަލާޙުގެ ސަމާސާ މިޒާޖީ ވާހަކަ ވިދާޅުވަންޏާ، ފަލާޙު ވިދާޅުވީ ޑޮލަރުގެ ވަށައިގެން ބަންދުއެޅުވީމާ ޑޮލަރު ރައްޔިތުންނަށް ލިބުން ބަންދުވީ. އެހެންވީމާ، އެބޭފުޅުންވެސް އެތިބީ އެކަހަލަ ހޮރުހޮރަށް ވަދެ ނުނިކުމެވޭ ވަރަށް ބަންދުވެފައި.

 

އަޅުގަނޑުމެން އެންމެ ޝަރަފުވެރި ބޭފުޅުން މިއަދު މިވިދާޅުވަނީ ކީކޭތޯ؟ ފަލާޙު އެވިދާޅުވީ، އަޅުގަނޑުމެންނާއެކީ މަސައްކަތްކުރި ފަލާޙުގެވެސް އަޚެއް، ރައްޔިތުން އަޅުގަނޑުމެންނަށް ދިން އިތުބާރާއެކީ އެބޭބޭފުޅުން މަޖިލީހަށް ގެނެސްފައި ތިއްބެވި ބޭފުޅުންގެ ތެރެއިން، އަޅުގަނޑުމެންގެ އޮޑިން ފުންމާލައިގެން އެހެން އޮޑިޔަކީ މާ ނިޔާމަ ދަތުރުތަކެއް ކުރާނެކަމަށް ހީކޮށް، އެއޮޑިޔަށް އެރި 12 ވަރަކަށް ފަހުލަވާނުންވެއްޖެ. މިއަދު އެއޮޑިން އެބަ ދަތުރުކުރޭ. އެކަމަކު އަޅުގަނޑަށް ހިއެއްނުވޭ ހަމަ ދިޔަހިއްކާލާނެ ފައެއްވެސް އެމީހުން އަތަށް ދޭހެނެއް. އަޅުގަނޑަށް ހަމަ ހިއެއްނުވޭ އިނގޭތޯ. އޮޑީގައި އެމީހުން އުޅޭއިރު، އެމީހުންގެ ބަހެއް ނުވިކޭނެ، އިނގޭތޯ. އެކަމަކު އަޅުގަނޑުމެންގެ ޕާޓީގައި، އަޅުގަނޑުމެން މެންބަރުން ބަލައިގެން ގޮތަކަށް، އެއްވެސް ޕާޓީއަކުން މެންބަރުން ބަލައެއް ނުގަންނާނެ. އެހެންވީމާ، މެންބަރުންނަށް ހަރުދަނާކަން ގެނައުމަށްޓަކައި، ރައީސް ޔާމީނު ކުރިކަމަކީ، މެންބަރުން އިސްވެ ވިސްނި ވިސްނުމާއި، އެމީހުން ޕާޓީތަކުގެ ރައްޔިތުންނަށް ދެއްކި ޕާޓީތަކާއި، ޕާޓީތަކުގެ ފިކުރާއި އަދި ރައްޔިތުން އެމީހުންނަށް ދިން ތާއީދު ދިނީ، ވަކި ޕާޓީއެއްގެ ފިކުރުގައި ވަކި ބަޔަކާއެކީ ވަކި ކަމެއް ރައްޔިތުންނަށް ކޮށްދިނުމަށްކަމަށް، ކަނޑައަޅާ ބުނުމުން ޕާޓީތަކުން މީހުން ނެރުނީ. އެފިކުރު ބަދަލުކޮށް، އެހެން ޕާޓީއަކަށް އެމީހުން ބަދަލުވެއްޖެކަމަށްވަންޏާ، ރައީސް ޔާމީނަށް ވިސްނުނު އެންމެ ރަނގަޅުގޮތަކީ، ދުނިޔޭގެ ޤައުމުތަކުގައިވެސް މިކަން ކުރަން އޮންނަގޮތޭ. އެއީ، އެމީހުން އެމީހުންގެ އަސްލަށް އިންކާރުކުރީ. އެމީހުންގެ އަސްލު ސިފަ އެމީހުން ދޫކޮށްލީ. އެހެންވީމާ، އެމީހުން ޖެހޭނީ، އެމީހުންގެ ގޮނޑި ދޫކޮށްލަން. ގޮނޑި ދޫކޮށްލާފައި، އެމީހުން ދެން ބޭނުންވާ ކުލައެއްގެ މީހުން ނުކުންނަންވީ އެމީހުން ހޮވާތޯ ބަލަން. މިހާރު އެތިބީ އެމީހުންނަށް އެ ފުރުސަތު ދީފައި.

 

އެހެންވީމާ، ރައީސް ޔާމީން ބޭނުންވީ ރައީސް ޔާމީންގެ ފިކުރާއި ޕީ.ޕީ.އެމް. ގެ ފިކުރާ އަދި ޢަބްދުއްރަޙީމުމެން، ފަލާޙުމެން، މިކަހަލަ ފަހުލަވާނުން ކުރި މަސައްކަތުގައި އެތިބީ އަޅުގަނޑުމެން މެންބަރުން ހޮވައިދީފައި. އެހެންވީމާ، އެ މެންބަރުން ހޮވުނީ އެމީހުންގެ ރީތިކަމަކުންވެސްނޫން. އެ މެންބަރުން ހޮވުނީ، އެމީހުންގެ ކުޅަދާނަ ކަމަކުންވެސްނޫން. އެ މެންބަރުން ހޮވުނީ، އެކަހަލަ އެތައް ސިފަތަކަކާއެކީ، އެއަށްވުރެ މާބޮޑެތި ކަންތައްތަކަކަށް ރައްޔިތުން އިތުބާރުކޮށް. އެއީ މިދެންނެވި ޝެއަރޑް ޕްރޮގްރެސް. ރާއްޖޭގެ ހުރިހާ ދިމާއަކަށް ތަރައްޤީ ގެންނާނީ، ރައީސް ޔާމީނާއި، ރައީސް ޔާމީންގެ މެނިފެސްޓޯއިންކަމަށް އެ ރައްޔިތުންނަށް ޤަބޫލުކުރެވޭތީ. އެހެންވީމާ، އެކަންކަން ރައްޔިތުންނަށް ބޯމަތިކޮށް، ރައްޔިތުން އެކަހަލަ ހުރިހާ ޖާދޫއެއްގައި ޖައްސާފައި ހޮވިގެން އަންނަ މެންބަރުން، ދެން ނުވާނެ ރައްޔިތުންނަށް ފުރަގަސްދޭކަށް. އެކަހަލަ މެންބަރަކު، ފަލާޙަށް ގުޅުއްވި. އޮޑިން ފުންމާލި މެންބަރަކު އެހެން އޮޑިއަކަށް އަރައި ފަލާޙަށް ގުޅުއްވި. އެހެންވީމާ، ހަމަ ޔަޤީނުންވެސް ފަލާޙުގެ ދަޢުވަތަށް ފަލާޙުގެ ގެއަށް ދާކަށް ނުކެރޭނެ. އެހެންވީމާ، މިކަހަލަ މީހުން އަޅުގަނޑުމެންގެ ޕާޓީން ވަކިވެގެން ދިޔައިމާ، އަޅުގަނޑުމެން ދުށީ ދެން އެމީހުންނަށް ފުރުސަތެއް ލިބޭނީ، އެމީހުން އަނެއްކާވެސް އަމިއްލަ ނަފްސާއިގެން ނުކުމެ މަސައްކަތެއް ކޮށްލައިގެންނޭ.

 

އެހެންވީމާ، މިހާރު އެމީހުންގެ ގޮނޑިތައް އެބަހުރި، ގޮނޑިތަކުގައި އިށީންނާނެ މީހުނެއްނުވި. އެކަމަކު އެބޭފުޅުން މިހާރު ވިދާޅުވަނީ ކީކޭތޯ؟ ދެންމެ އަޅުގަނޑުމެންނަށް އިވިގެން ދިޔަގޮތަށް، ނުތަކާވަރުގެ ކޯލިޝަނެއް މިއޮތީ ހެދިފައި. ކުރީގައި މިބޭބޭފުޅުން ވިދާޅުވާނެ ފާޓުފުޅާ ކޯލިޝަނެކޭ. ފާޓު ފުޅަލެއްވެސްނޫން މިހާރުމިއީ، މިއީ ހަމަ ނުތަކާވަރުގެ ކޯލިޝަނެއް މިއޮތީ. އެކަކު، އެއް ލީޑަރު ބުނާ ވާހަކައާ އަނެއް ލީޑަރު ހަމަ ދިމާ ދެކޮޅަށް، އިދިކޮޅަށް ވާހަކަ ދައްކަނީ. އެހެންވީމާ، މި ހުރިހާ ލީޑަރުންގެ ބަސްމަގު އެއްގޮތަކަށްނޫން މިހިރީ. އެއްވެސް ލީޑަރެއްގެ ބަހެއް ހިނގާގޮތެއްނުވޭ. އެމް.ޑީ.ޕީ.ގެ ބަހުގެ މައްޗަށް އެއްވެސްކަމެއް ހިންގޭވަރުގެ ލީޑަރަކު އެތާކު ނެތް. މިދެންނެވި މެންބަރުން މިގޮތަށް ދޫކޮށްލާފައި، އަޅުގަނޑުމެން ދޫކޮށްލާފައި ދިޔަ ދިޔުން، ރައްޔިތުންގެ މަޖިލީހަށް އަބުރާއި ޝަރަފާ ގެނައުމަށް ބޭފުޅަކު ހުށަހަޅުއްވަނީ، ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބު ކޮށްފައި ތިބޭ މީހުންގެ މައްޗަށް ބަސް ކިޔާނެ ރައްޔިތުން ޢައްޔަންކުރާ، ނޫނީ ސަރުކާރުން ޢައްޔަންކުރާ ކޮންމެވެސް ގޮތަކުން ހޮވިގެން އަންނަ، ޝައްކެއްވެސް ނެތް ގޮތުގައި އިންތިޚާބު ކޮށްގެންނެއްނޫން، ރައްޔިތުންގެ ވޯޓެއް ރައްޔިތުންގެ ރުހުމެއް އެކަމަށް ނުހޯދާ، ތިރީހަކަށް މީހުން އިސް ރަށްވެހިންގެ ގޮތުގައި ބައިތިއްބާށޭ. އެމީހުންނޭ ރައްޔިތުން، ރައްޔިތުންގެ މަންދޫބުން ރައްޔިތުންނާ ޙަވާލުކުރާ އަމާނާތުގެ މައްޗަށްވެސް ބަސްބުނާނީ، މި ތިރީހަކަށް މީހުން ތިބޭ ސެނެޓަކުންނޭ.

 

މިއަދަކު ދިވެހިރާއްޖޭގައި މިކަމެއް ނުހިނގާނެ. ދިވެހިރާއްޖޭގައި ނުވިއްކޭނެ މި ޚިޔާލެއް. މިއީ ދުނިޔޭގައި ބާވެފައި، އަދި އެ ޚިޔާލާ ދުރަށްދާ ޚިޔާލެއް. ދުނިޔޭގައި ޚިޔާލަކީ މިހާރު، ޑިމޮކްރަސީގެ ވާހަކަ ދައްކާކަމަށްވަންޏާ، ރައްޔިތުންގެ ބަސްބުނަން ރައްޔިތުން މީހުން އިންތިޚާބު ކުރާނީ. އޭގެ މައްޗަކަށް ޢައްޔަންކުރާ ބަޔަކު ނުތިބޭނެ. އެހެންވީމާ، ރައްޔިތުންގެ މަޖިލީހަށް ކަރަމާތާއި ޝަރަފާއި އަބުރުވެރިކަން ގެނައުމަށްޓަކައި، ބޭބޭފުޅުންގެ ޚިޔާލަށް މިއަންނަނީ، މިކަހަލަ ކަންތައް. މި ޚިޔާލަށް އައިމާ، އެ ޚިޔާލަށް ބަލައިލަން ކީއްކުރަންތޯ، އެ ޚިޔާލަށް ވާހަކަ ދައްކާލާނެ ލީޑަރަކުވެސް ނެތް. އެއީ މި ލީޑަރުންގެ ކަންތައް ހުރިގޮތަކީ. ދެން ކިހިނެއްތޯ ހުރިހާ ސިޔާސީ ލީޑަރުންނަކީ، ތިމަންނައަށް ވެރިކަން ލިބިއްޖެއްޔާ ތިމަންނަގެ މުޝީރުންނަށްވާނެއޭ. މުޝީރުންނަށް އެބޭފުޅުން ވާކަމަށްވަންޏާ، އިންނަމާދޫގައި ބަނދަރެއް ހަދާ ވާހަކަ ދައްކައިފިކަމަށްވަންޏާ، އިންނަމާދޫގައި ބަނދަރު ނުހެދޭނެ ހަތަރު ފަސް ސަބަބު ދެންތިބި ހަތަރު ލީޑަރުން ކިޔައިދޭނެ. އެހެންވީމާ، ތަރައްޤީ އެގޮތަކަށް ނުކުރެވޭނެ.

 

އަޅުގަނޑު އެކަންޏެއްނޫން ދޮގެއްތޯ ބުނަމުން މިއައީ. އަޅުގަނޑަށްވުރެ މާކުރިން ވިދާޅުވި، ބައި އަޅައިގެންނެއް ވެރިކަމެއް ނުހިންގޭނެއޭ. އެއަށްވުރެ ތެދު ވާހަކައެއްނެތް ޙަޤީޤަތުގައިވެސް. ރައީސް ނަޝީދު ވިދާޅުވި ވާހަކަ މިއީ. އަޅުގަނޑު ހިތަށްއަރާ، 21 ދުވަހު ހޯމް މިނިސްޓަރު ކަމުގައި ހުންނަވާފައި، ޤާސިމް އިބްރާހީމް ނުކުމެވަޑައިގެން، އެ ފޭދިގެންދިޔަ ކަރުނަތަކުގެ މަތިން މިއަދު ހަނދާން ނެތުނީ ބާއޭ. ތިމަންނަ ބޭރުކޮށްލައިފިއޭ، ތިމަންނަ އަތުގައި މިއޮތީއޭ ފިންގަރ ޕްރިންޓާއި އިނގިލީގެ ނިޝާނާއި ތައްގަނޑާ ޖަހާފައި އޮތް ލިޔުން. ތިމަންނަ މިދަނީ މި ހިފައިގެން ކޯޓަށޭ. އެބޭފުޅާ ކޯޓަށް ވަދެއްޖިއްޔާ އެބޭފުޅާ ބޭނުން ގޮތަކަށް ޙުކުމް ނެރޭނެކަން އަޅުގަނޑުމެންނަށް މިހާރު އެނގޭ، ފެބުރުވަރީ އެކެއްގެ ޙުކުމުންވެސް. އެހެންނަމަވެސް، އެބޭފުޅާ ކޮންމެއަކަސް އެ ކޯޓަށް ގޮސްގެން އެ ތަންފީޒު ކުރާކަށް ބޭނުމެއްނުވި. އެކަމަކު، އިނގިލީގެ ނިޝާން ޖަހައި އަދި ނުވިތާކަށް މުށުގެ ނިޝާންވެސް ޖަހާފައިހުރި އެގްރީމެންޓްތައް އެހެރީ. އެކަމަކު އޭރު ކީރިތި ކުރައްވަމުން ނުކުމެވަޑައިގަތީ. އެކަމަކު، ހަމަ ނުކުމެވަޑައިގެންފައި އެންމެ ބާރު ގަދަކޮށް، މުއުމިނެއްގެ ގަޔަކަށް އެއް ހަރަކުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ކަށި ނުޖެހޭނެކަމަށް، އަޅުގަނޑުމެންނަށް ތަކުރާރުކޮށް މިވާހަކަ ވިދާޅުވެދެއްވާ ބޭފުޅަކީ ޤާސިމް. އެކަމަކު، މިއަދު ޤާސިމްގެ ބަހެއްވެސް ނުވިކޭ. އަދި ޤާސިމަށް މަސައްކަތް ނުކުރެއްވޭތަނުގައި، ޤާސިމް ނެރުއްވައިގެން އެ އުޅުއްވަނީ، ޤާސިމްގެ އަނބިކަނބަލުން.

 

އަޅުގަނޑުމެންގެ ފިރިހެނުންގެ ހުރި އުރަތްޕުން މި ދައްކާލަދިނީ. މިބޭފުޅުން ވަޑައިގަންނަވަންވީނޫންތޯ ރާއްޖެއަށް. ރާއްޖެ ދެކެ އެހާ ބޮޑަށް ލޯބިވަންޏާ، ރާއްޖޭގެ ކަންކަން އިޞްލާޙުކުރަން މިބޭބޭފުޅުން އެހާބޮޑަށް ބޭނުންފުޅުވަންޏާ، މިތަނަށް އައިސް މިތަނުގައި މަސައްކަތް ކުރަންވީ. މިތަނުގައި އެބޭފުޅުންނަށް ނުކުރެވޭ މަސައްކަތް ބޭރުގެ ފަރަންޖީންނާ ޙަވާލުކުރާ އެއްޗެއްނޫން. އެހެންވެއްޖެއްޔާ އޭގެ މާނައަކީ، ސިޔާސީ ވިސްނުންނެތީ. އަމުދުން ރައްޔިތުން ގޮވައިގެން ކުރިއަށް ދިޔުމުގެ އެއްވެސް ކަހަލަ އިޙްސާސެއް އެމީހުންގެ ނެތީ. އެމީހުން ކުރަންޖެހޭ ކޮންމެކަމެއް، ދެން އެހެންވާނީ ދޮގެއްތޯ ވިޔަފާރިކުރާ މީހުންވީމާ. އެމީހުންނަށް ކަމެއްކުރަން ނޭނގިއްޖެއްޔާ ބޭރުން ކޮންސަލްޓަންޓެއް ގެންނާނީ. އެހެންވީމާ، ރައީސް ނަޝީދުވެސް ވެރިކަމަށް ވަޑައިގެން ފުރަތަމަ ގެންނެވީ ދޮން ފަރަންޖީން އޮފީހުގައި ބައިތިއްބައިގެން. އެއީ އެކަންކުރަން ނޭނގެންޏާ ދެން ހޯދަންޖެހޭނީ ކޮންސަލްޓަންޓުން. މިބޭފުޅުން ވަރަށް ފަރިތަވާނެ މިކަން ކުރައްވަން. އެހެންވީމާ، އެބޭފުޅުންގެ އިސްތަށިފުޅުގައި އެހުންނަ ތޮފިތައް އަޅުގަނޑުމެންގެ ބޮލަށް ހެޔޮވަރުވާނެކަމަށް އެބޭފުޅުން ވާހަކަ ދައްކަވާ އެއްޗެއްނޫން.

 

މިހާރު މި މޫސުމާ ދިމާކޮށް، ރަށުތެރެ ހަލަބޮލިކުރަން ކުރެވޭ މަސައްކަތްތަކުގެ ބައެއް ވާހަކަ އަޅުގަނޑު މިދަންނަވާލީ. ރޭ ނޫން އިއްޔެރޭ މިދެންނެވިގޮތަށް ވަރުގަދަ ޒަޚަމެއް މި ދިޔައީ. އަދި އެއާއެކީ މިއޮތީ ގެއްލިފައިހުރި ފައިސާތައް ހޯދަން. ކީއްކުރަންތޯ މިމީހުން ގެއްލިފައިހުރި ފައިސާ ހޯދަނީ؟ އަޅުގަނޑަށް ހީވަނީ، މި ގެއްލިފައިހުރި ފައިސާތައް މިބޭފުޅުން ހޯއްދަވަން މި އުޅުއްވަނީ އެބޭފުޅުން މިހާރު ރަށްރަށުގައި އެ ކޮށްދެއްވަން ވިދާޅުވާ ކަންތައް ކުރައްވަންކަންނޭނގެ. އެކަމަކު، އެބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު އެ ފައިސާ ހޯއްދެވިނަމަ، އެކަންކަން ހުންނާނީ ވެފައި. އަޅުގަނޑު މިދަނީ، ގެއްލިފައިހުރި ފައިސާގެ ތަފްސީލުތައް ދެމުން. މިފައިސާ ހޯއްދަވާކަށް އެބޭފުޅުން ކުރައްވަންޖެހޭ މަސައްކަތެއްނެތް. އެކަމެއް ނުވެސް ކުރެއްވޭނެ އެބޭފުޅުންނަކަށް. އެއީ، އެންމެ ގިނަ ފައިސާ ގެއްލިފައިހުރީ، އެބޭފުޅުންނާ ގުޅިގެން. އެބޭފުޅުންގެ ސަރުކާރުގައި އެންމެ ގިނަ ފައިސާ ގެއްލިފައިހުރީ. ލިބޭ ކޮންމެ އެއްޗެއް، އުފައްދާ ކޮންމެ ރައުސްމާލެއް، އެބޭފުޅުންނަށް އެނގިވަޑައިގަންނަވަނީ ވިއްކާލަން، ކުއްޔަށްދޭން. އޭގެ އުނދަގޫ، އޭގެ ހިތްދަތިކަން، ދިވެހި ރައްޔިތުން މިހާތަނަށް ތަޙައްމަލްކުރަމުން މިދިޔައީ. އެހެންވީމާ، މިކަހަލަ ވާހަކަ ދައްކާ ބަޔަކު ދެންވެސް ތިމަންނަމެން ކަންކުރާނީ މިހެންނޭ ބުނީމާ، އަޅުގަނޑުމެން ވިސްނާލަންވާނެ، މީގެ ކުރިންވެސް އަޅުގަނޑުމެން އަޑުއެހި ޅެން ބައިތުތައް މިހާރު މިއަންނަނީ. އެބޭފުޅުން މިއެއްޗެހި ފަރިއްސަށް ހެއްދެވީ. މިއަދު އަޅުގަނޑުމެން ބޭނުމެއްނުވާނެ މިދައްކަވާ ވާހަކަ އަޑުއަހާކަށެއް. މިއަދު އިންނަމާދޫގެ ރައްޔިތުންވެސް އަދި މިއަދު ރ. އަތޮޅުގެ ހުރިހާ ރައްޔިތުން، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލުކުރަންވީ، ކިހިނެއްތޯ ދައްކާފައިހުރި ވާހަކަ ކިހާވަރަކަށް ކުރެވިއްޖެތޯ؟ އަދި ސިޔާސީ ލީޑަރުން، އެބޭފުޅުން ދައްކަވަމުން ގެންދެވި ޖާދޫތައް ކިހާވަރަކަށް ރައްޔިތުން މިއަދު ގަބޫލުކުރޭތޯ؟ އަދި އެބޭފުޅުން އެ ކުރައްވަން ވިދާޅުވި ކަންތައްތައް ކިހާވަރަކަށް ކޮށްދެވިއްޖެތޯ؟ އެބޭފުޅުން މަޤާމުތަކުގައި ތިއްބަވައިގެން ކަންކަން ކުރެއްވުމަށް ނުކުޅެދިގެން ދިޔައިރު، ދެން މިއަދު ދުރުގައި ތިއްބަވައިގެން ރައްޔިތުންނަށް ހެޔޮއެދިވަޑައިގެން މިދައްކަވާ ވާހަކައަކީ، ހަމަ މިކަމާ ދޭތެރޭ ރައްޔިތުން 23 ވަނަ ދުވަހު ވޯޓާ ހަމައަށް ވަޑައިގަންނަވާއިރު، ދެފަހަރު ތިންފަހަރު ވިސްނާވަޑައިގަންނަވަންޖެހޭ. ކޮންމެ ބޭފުޅަކުވެސް، ފަލާޙު އެ ވިދާޅުވާ ކަހަލަ ވައިރަސްތަކުން ސަލާމަތުން ތިބެ ވޯޓު ފޮށްޓާ ހަމައަށް 23 ވަނަ ދުވަހު ވަޑައިގަންނަވާއިރު، ސިކުނޑިއާއި އިސްލާމްދީނުގެ މަތިވެރި ޝިޢާރު ޚިޔާރުކުރައްވައިގެން ވަޑައިގަންނަވާ. އެއްގޮތަކަށްވެސް ޖަޒުބާތަށް ޖާގަނުދެއްވާ. އެއްގޮތަކަށްވެސް، އެ އަންނަ އެކިއެކި ފޯރިގަނޑުތަކަށް ހިތްވަރު ނުދެއްވާ.

 

އަޅުގަނޑުމެން މި ޤައުމު، މި ދައުލަތް ބޭނުން، އިސްލާމީ ދައުލަތެއްގެ ގޮތުގައި ބާއްވަން. އެއަށްވުރެ ބޮޑަށް އަމާންކަމާއި ފަލާޙު ކަށަވަރުވާނެކަމެއް އަޅުގަނޑުމެންނަކަށް ނޯންނާނެ. އެހެންވީމާ، އެކަމުގެ މަތީގައި އަޅުގަނޑުމެން ތިބެމާ ހިންގަވާ. އެއީ، އަޅުގަނޑުމެންނަށް ލިބޭ ހުރިހާވެސް ނިޢުމަތުގެ އަސްލަކީ އެއީ. އެހެންވީމާ، މިއީ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައިއޮތް، ކޮންމެ ފަހަރަކު މިކަމާ ދެކޮޅަށް ތެދުވާ ބަޔަކު ދިވެހިންގެ ތެރެއިން ތެދުވެގެން ރާއްޖެ ގަޑުބަޑުކޮށްފައިއޮތީ. ހަމަ ސިޔާސީ ވެރިކަމުގެ ބޭނުމުގައި. ބައެއް މީހުންނަކީ ދީން ވިއްކާލާ މީހުން. ބައެއް މީހުން ދީން ވިއްކާލައި ފަރަންޖީންނާ ކައިވެނި އެ ކުރަނީވެސް މިތަނުގެ ވެރިކަމާ ހަމައަށް އާދެވޭތޯ. އަޅުގަނޑުމެންގެ ދިވެހި ތާރީޚުން ނަގައިދީފައިހުރި ފިލާވަޅުތައް މިހުންނަނީ. އެހެންވީމާ، އެހިސާބަށް އަޅުގަނޑުމެން ދިވެހިން ދާކަށްނުޖެހޭ.

 

އިންނަމާދޫގެ ރައްޔިތުންވެސް ވިސްނާވަޑައިގަންނަވަންވީ މިދެންނެވިގޮތަށް. އެބޭފުޅުން އެދައްކަވާ ވާހަކަ ދެފަހަރު ތިންފަހަރު ތިޔަބޭފުޅުން ސުވާލުކޮށްލައްވާ. ލޯނެއް ނަގައިގެން ވާކަށްނެތް، އެއީ މުސްތަޤުބަލުން ވައްކަންކުރެވޭތީ. މިހުރިހާ ކަމެއް ކޮށްދޭންޖެހޭ، މިކަން ކޮށްދޭނެ ފައިސާއެއްނެތް. ދެން ފައިސާ ހޯދާނީ ކިހިނެއްތޯ އަހާލީމާ، އެއްފަރާތަކަށް އެމީހަކު ގޮވައިގެން ޖެހިލައްވާފައި ވިދާޅުވީ، ކަންކަން ކުރެވޭނީ ފައިސާ ލިބުނު މިންވަރަކުންދޯއޭ. އެހެންވީމާ، އިންނަމާދޫގައި އެބޭފުޅުން ވިދާޅުވާން އޮންނާނީ، ދެވަނަ ނަރުދަމާއެއް އަޅާކަމަށްވަންޏާ، ނަރުދަމާ އަޅައިދޭނަމޭ، ތިމަންނައަށް ލިބުނީ 18 މަސްދުވަހޭ، މިވަރު ނުވެދާނެއޭ. އެއީ ފައިސާ ނުލިބޭނެއޭ، ދެން ފައިސާ ލިބުނު ވަރަކުން މިކަން ކުރާނީ ދޯއޭ. އެހެންވީމާ، މިކަން ތިޔަބޭފުޅުން ޤަބޫލުނުކުރައްވާ. އެހެންވީމާ، ކުރިއަށް ލޯނު ނަގައިގެން ރައްޔިތުން ބޭނުންވަނީ ކަންކަންކުރަން ކަމަށްވާތީ، އަދި އެ ލޯނު އަދާކުރުމުގެ ގާބިލުކަމާއި އެކަން ކުރެވޭނެކަން އަޅުގަނޑުމެންނަށް ކަށަވަރުވާތީ، އެކަން އަޅުގަނޑުމެން މިކުރަނީ. އެބޭފުޅުން އަމިއްލަ އިޢުތިރާފަށް އެ ވިދާޅުވަނީ، މިހާބޮޑު ލޯނެއް އޮވެގެން ތިމަންނަމެންނަކަށް މިކަމެއް ނުކުރެވޭނެއޭ. މިކަންކަން ނުކުރެވެންޏާ ދެން ކީއްކުރަން މިކަންކަމާ ކުރިމަތިލައިގެން އުޅެންވީ؟ އެ ވާގޮތަކީ، ހިޔަންޏަށް އެ މުޑިނަންގަވަނީ. އެބޭފުޅުންނެއްނޫން އަސްލު ވެރިކަންކުރައްވަން ބޭނުންފުޅީ ހަމަ ޙަޤީޤަތުގައިވެސް.

 

ރައީސް ނަޝީދު ވިދާޅުވާގޮތަށް މިއަންނަނީ، އިންތިޤާލީ ވެރިކަމެއް، އިންތިޤާލީ ފިކުރެއް، އިންތިޤާލީ ވިސްނުމެއް، އިންތިޤާލީ ކެންޑިޑޭޓެއް. މީގެ ފަހަތުގައި، މަންފާވެރިއެއްގެ ގޮތުގައި ހުންނެވީ ރައީސް ނަޝީދު. އެދުވަހު މި ހުރިހާ ބޭފުޅުންނަށް ރާއްޖެ ވަޑައިގެންނެވުމުގެ ފުރުސަތު ލިބިއްޖިއްޔާ، އެއީ 23 ގެ ވޯޓު އަޅުގަނޑުމެންނަށް ނާކާމިޔާބު ވެއްޖިއްޔާ، މެދުހަށްޓަކު އެކަންޏެއްނޫން އިނގޭތޯ ފަލާޙު، ޤާސިމް ބައްދާނީ. އެއީ، އަޅުގަނޑުމެންނަށް އެކަންކަން މިހާތަނަށް ދައްކައިދީފައި ހުރީ. ދުނިޔެއިން އަޅުގަނޑުމެންނަށް މި ނަގައިދޭ ފިލާވަޅުތައް، ހަމަ އެމީހުން ދުނިޔޭގައި ތިބިއްޔާ އެ ފިލާވަޅުތައް އަޅުގަނޑުމެންނަށް ތަކުރާރުވަމުން ދާނެ. ހޭލުންތެރިވާންވީ، ދިވެހި ރައްޔިތުން. ސިޔާސީ މީހުންގެ ވިސްނުމަކަށް ފިކުރަކަށް ބަދަލެއްނާދޭ. އެމީހުންގެ އަމިއްލަ އެދުންތަކާއި އެމީހުންގެ މަވެތިކަން އެއްގޮތަކަށްވެސް އެމީހުން ރައްޔިތުންގެ ކުރިމައްޗަކަށް ނޫނީ ރައްޔިތުންގެ ކުރިއަކަށް އެމީހުން ނުނެރޭނެ. ސިޔާސީ މީހުންނަކީ، އަމިއްލަ ކަންތައްތައް ބޭނުންވާ މީހުން. އަމިއްލަ ކަންތައްތައް ފުއްދަން ބޭނުންވާ މީހުން. އެމީހުންނަށް ރައްޔިތުން މުހިންމު ނޫންކަން މިހާރު މި ހުރިހާ ސިޔާސީ ލީޑަރުން، ވަކިވަކިން، ޖުމްލަކޮށް މިހުރިހާ އެންމެން ނަގައިދީފި.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ހަމަ ބައެއް ސަމާސާ ވާހަކަވެސް ދަންނަވާލީ. އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ސީރިއަސްކަމާއެކީ، މި ތަރައްޤީއަކީ، އަޅުގަނޑުމެން ހުރިހާ ގިންތިތަކަކަށް، ހުރިހާ ރަށްރަށަކަށް، ހުރިހާ އާބާދީތަކަކަށް ފަތުރަން ބޭނުންވާ ތަރައްޤީއޭ. ދެން އަޅުގަނޑުމެންގެ 5 އަހަރެއްގައި އިރާދަކުރެއްވިއްޔާ، އިންނަމާދޫއިންނާއި، ރ. އަތޮޅުންނާއި ދިވެހިރާއްޖޭގައި 23 ގައި މިނަގާ ވޯޓުގައި އަޅުގަނޑަށް އެ ފުރުސަތު ދެއްވައިފިކަމަށްވަންޏާ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން ހިންގަވާ ތަރައްޤީގެ އެހެން ވާހަކަތަކެއް ދައްކަމާ. މި 5 އަހަރުގެ ތެރޭގައި ބްރިޖެއް އަޅާ ނިމިއްޖެކަމަށްވަންޏާ، ބްރިޖް މިހާރު އަޅަންޖެހުނު ސަބަބުވެސް އެނގުނީ ނޫންތޯ.

 

އަޅުގަނޑު ވާހަކަ ނިންމާލަމުންވެސް ދަންނަވާލާނީ، މި ބްރިޖް އަޅާފައި ކޮންމެހެންވެސް އެބަޖެހޭ ސެޕްޓެންބަރު 23 ގެ ވޯޓުގެ ކުރިން މިކަންކުރަން. އެއީ، އިދިކޮޅު ބޭފުޅުން އެބަ ވިދާޅުވޭ، ދިވެހި ޤައުމު މިއޮއްދަނީ އޮޔާއޭ. ދިވެހި ޤައުމުގައި ވެރިކަންކުރަނީ މާލޭގައި. އެހެންވީމާ، ބްރިޖް އެބަ ހުޅުވަންޖެހޭ ނޫންތޯ މާލެ އޮޔާދިޔަ ނުދޭން. މާލެ ނުކުންނަން މިއޮތީ އޮޔާދާން، ގާދޫކޮލުން. އެހެންވީމާ، އެކަން ކުރިޔަނުދޭން ބްރިޖް އެއޮތީ އަޅާފައި. އެހެންވީމާ، ހަމަ ގައިމުވެސް އޭގައި އަޅައިގެންފައި މާލެ އޮންނާނީ، ހިފެހެއްޓިފައި. އެހެންވީމާ، އެބޭފުޅުން ވިދާޅުވާ ކޮންމެ ބައްޔަކަށް އިސްވެ އަޅުގަނޑަށް ފަރުވާއެއް ހޯދައިދެވިފައިވާތީ، އަޅުގަނޑު އުފާކުރަން.

 

އަޅުގަނޑުގެ ވާހަކަކޮޅު އެއްސެވީތީ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑު ބޭނުންވަނީ، އިންނަމާދޫއިންނާއި ރ. އަތޮޅުން ސުޕަރ މެޖޯރިޓީ. އިންނަމާދޫއިން ސުޕަރ މެޖޯރިޓީ ދެއްކެވޭނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކުކަމެއްނެތް. އިރާދަކުރެއްވިއްޔާ، ރައްޔިތުންނާއި ފަލާޙު ތިޔަ ކުރައްވާ މަސައްކަތުގައި އަޅުގަނޑުމެންނަށް އެ ނަތީޖާ ﷲ މިންވަރު ކުރައްވާނެ. އަޅުގަނޑުމެންގެ މި މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!

 

   والسّلام عليــكم ورحـمــة اللّـه وبـركاتـه.