بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެވެރި اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ، محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.

 

ހުޅުދުއްފާރުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ބޭފުޅުން؛

 

    السّلام عليــكم ورحـمــة اللّـه وبـركاتـه.

 

އަޅުގަނޑުގެ މި ޒިޔާރަތަށް ތިޔަބޭފުޅުން ބުރަ އުފުއްލަވައިގެން، ތިހާބޮޑު ތައްޔާރީއެއް ވެވަޑައިގެންނެވިކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި، ތިޔަބޭފުޅުން ކުރައްވަމުން ގެންދެވި އުއްމީދެއް ނިމިގެންއައިސް، އެ އުއްމީދުގައި ކުލަ ޖެހިގެން ދިޔައީ، އަޅުގަނޑުގެ ސަރުކާރުގެ މަސައްކަތުން ކަމަށް ތިޔަބޭފުޅުން ދެކެވަޑައިގެން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށް ފަށްފަށުން ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

 

އަޅުގަނޑުގެ ވާހަކައިގައިވެސް، ހަމަ ދަންނަވާލަން ބޭނުންވޭ، ދާއިރާގެ މެންބަރު ޖަޢުފަރުގެ ވާހަކަފުޅުގައި ދެއްކެވި ބައެއް ވާހަކަފުޅާއި، މިނިސްޓަރ ޠާރިޤުގެ ވާހަކަފުޅުގައި ދެއްކެވި ބައެއް ވާހަކަފުޅު. ހުޅުދުއްފާރަކީ ޝައްކެއްވެސްނެތްގޮތުގައި، ވަރަށް އަޅައިނުލެވި އޮތް ރަށެއްކަން، ޖަޢުފަރު ދެއްކެވި ވާހަކަފުޅުން އަޅުގަނޑުމެންނަށް އެނގިގެންދޭ. ދެ ރަށެއްގެ ރައްޔިތުން ހުޅުދުއްފާރުގައި މިވަނީ އާބާދުކުރެވިފައި. އެހެންނަމަވެސް، ހުޅުދުއްފާރުގައި ގިނަ ކަންކަމެއް، އަސާސީ ޚިދުމަތުގެ ގިނަ ކަންކަމެއް، މިދިޔައީ މި ދިގު ރާސްތާގެ ތެރޭގައި، ވިއްސަކަށް ތޭވީހަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި، ސަރުކާރުގެ ހިންގާ މީހެއްގެ ފަރާތުން ހަމަ ވަރަށް އިޚުލާޞްތެރިކަމާއެކީ، ހަމަ ތިޔަބޭފުޅުންނަށް މަޢާފަށް އެދެމުން އަޅުގަނޑު ދަންނަވާލާނީ، އެހެންނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުގައި ހުޅުދުއްފާރުގައި ދިރިއުޅޭ ރައްޔިތެއް އުޅޭކަން އަޅުގަނޑުމެން ދެނެގަތީމޭ. އަދި، ހުޅުދުއްފާރަށް ބޭނުންވާ ކަންތައްތަކުގެ ތެރެއިން، އެހެން ބައެއް ބޮޑެތި ރަށްރަށަށް، މިއަށްވުރެ ބޮޑެތި ރަށްރަށަށް ނުލިބިހުރި ބައެއް ޚިދުމަތްވެސް މިއަދު ފުރިހަމަވެގެންދިޔަކަން، އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. ހުޅުދުއްފާރުގައި މިއަދު އަޅުގަނޑުމެން މި އިޙްތިފާލުކުރަނީ، ހުޅުދުއްފާރުގެ ރައްޔިތުން އުފާފުޅުން ތިޔަ ތިއްބެވީ، ފެނުގެ ނިޒާމުވެސް، ނަރުދަމާގެ ނިޒާމުވެސް ޤާއިމުވެގެންގޮސް، އެކަންކަމުގެ ފަސޭހަ ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޖަލްސާއެއްގައި.

 

ޝައްކެއްވެސްނެތްގޮތުގައި، ފެނުގެ ނިޒާމުގެ ކަންތައްތައް އޮތްގޮތުގެ ވާހަކަ، ދެންމެ މިނިސްޓަރ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. ނަރުދަމާގެ ނިޒާމުގެ ކަންތައްތައް އޮތީވެސް ދާދި އެކަހަލަ ގޮތަކަށް. އަޅުގަނޑުމެންގެ ސަރުކާރު އަންނަންދެން، ރާއްޖޭގެ އެކި ރަށްރަށުގައި، އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ކަންކަން، ރާއްޖެތެރެއަށް، ރާއްޖޭގެ ރަށްރަށަށް އާންމުވެގެން ގޮސްފައި ނުވާކަން އަޅުގަނޑު ފާހަގަކުރަން. އެއީ، ވަކި ސަރުކާރެއް ބަދުނާމު ކުރުމުގެ ގޮތުން ދަންނަވާ ވާހަކައެއްނޫން. އެހެންނަމަވެސް، ސަރުކާރުތަކުގެ މަސައްކަތްޕުޅު ހުރިގޮތުންނާއި، އަދި އެ ބޭފުޅުން ކަންކަން އެޖެންޑާ ކުރައްވާ ތަރުތީބުން ކުރައްވާ ގޮތުން، ކަންކަން މި ދެންނެވި ތަރުތީބުން ކައްސާލައިގެން ގޮސްފައި ހުރީމާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ހުޅުދުއްފާރަކީ ފަނަރަސަތޭކަ ވަރަކަށް އާބާދީ، ނޫނީވިއްޔާ މިރަށުގައި ދިރިއުޅޭ މީހުންގެ އަދަދަށް ބަލާކަމަށްވަންޏާ ތޭރަސަތޭކަ، ސާދަސަތޭކަ ވަރަކަށް މީހުން. މެދު ފަންތީގެ ރަށެއް، ރ. އަތޮޅުގެ ރަށްތަކަށް ބަލާކަމަށްވަންޏާ.

 

އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ، ހުޅުދުއްފާރަކީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ވިސްނުމުގައި، ހުޅުދުއްފާރަކީ ހަމަ އަޅުގަނޑުމެންނަށް ތާއީދުކުރާ ދިވެހިރައްޔިތުންގެ ހުރިހާ ޙައްޤެއް، އަސާސީ ޙައްޤުތަކެއް ލިބިފައި އޮތް ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރަމޭ. އަޅުގަނޑުމެންގެ ސަރުކާރު އައުމުގެ ކުރިން، ދެންމެ ޖަޢުފަރުގެ ވާހަކައިގައި އެ ވާހަކަ އެ ވިދާޅުވީ. ކެޕިޓަލް މަޝްރޫޢެއްގެ ގޮތަށް، ނޫނީވިއްޔާ ބޮޑެތި ފައިސާ ހޭދަވާ މަޝްރޫޢެއްގެ ގޮތަށް، މިދިޔަ ސަރުކާރުތަކުގެ ތެރޭގައި ހުޅުދުއްފާރަކަށް ކަމެއް ކޮށްދެވިފައި ނެތްކަން، ފާހަގަކުރެވޭ ކަމެއް ނެތްކަމަށް އެ ވިދާޅުވީ. އަޅުގަނޑުވެސް މި ރަށްރަށަށް އައިސް މި ދައްކާ ވާހަކަތަކުގެ ތެރޭގައި، ރައްޔިތުންނާއެކީ ވާހަކަ ދައްކަމުން، އަޅުގަނޑުމެން ހަމަ ދަންނަވަން، އަޅުގަނޑުމެން ތަފާސް ހިސާބުން ރަށްރަށަށް އައިސްފައި، ނޫނީވިއްޔާ ރަށްރަށަށް ކޮށްދެވިފައިހުރި މަސައްކަތް. އެއީކީއެއް، އެއްގޮތަކަށްވެސް ރަށަކަށް ކަމެއް ކޮށްދެވުނު ވާހަކަ ދެންނެވުމުގެ މަޤްޞަދުގައި ދަންނަވާ ވާހަކައެއް ނޫން. އެކަމަކު، އެއީ، ރައްޔިތުންގެ އުއްމީދުތައް އިތުރަށް، ރައްޔިތުން އުއްމީދު އިތުރަށް ކުރެއްވުމަށްޓަކައި އަޅުގަނޑު ދަންނަވާ ވާހަކައެއް.

 

2013 ގެ ކުރިން، އެ ދިޔަ ފަސް އަހަރެއްހާ ދުވަހު، ދެ ސަރުކާރަކުން ކޮށްދެއްވާފައި ހުރި ޚިދުމަތްތަކަށް ބަލާކަމަށްވަންޏާ، ހުޅުދުއްފާރަށް މިއޮތީ ހަމަ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ ބޮޑެތި މަޝްރޫޢު ހިންގިފައި. މިލިއަނެއްހާ ރުފިޔާގެ މަޝްރޫޢު މިއޮތީ ހިންގިފައި. ދެންމެ ޖަޢުފަރު އެ ވިދާޅުވި ލިސްޓުގައި ހުރި ހުރިހާ ކަމެއް އަޅުގަނޑުގެ އަތުގައި ހުރި ތަފާސް ހިސާބުތަކުން، އޭގެ ތެރެއިން ބައެއް ކަންތައްތައް މަދު. އެހެންނަމަވެސް، އަޅުގަނޑުގެ އަތުގައި ހުރި ތަފާސް ހިސާބުތަކަށް ބަލައިފި ކަމަށްވަންޏާ، ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމި، ދެން ހުޅުދުއްފާރުގައި ކުރަންހުރި އެހެން މަޝްރޫޢުތަކަށް އަޅުގަނޑުގެ ސަރުކާރުގައި މި ހިނގާ ފަސް އަހަރުގެ ތެރޭގައި، 2013 އިން 2018 އަށް، މި ހިނގާ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި، ގާތްގަނޑަކަށް ހަތްދިހަ އެއް މިލިއަން ރުފިޔާގެ ބޮޑެތި މަޝްރޫޢު މިހުރީ ހިންގިފައި. މީގެކުރިން، އެއް މިލިއަން ރުފިޔާ، މިހާރު މި ފަސް އަހަރުގެ ތެރޭގައި ހަތްދިހަ އެއް މިލިއަން ރުފިޔާ.

 

އެހެންވީމާ، އަޅުގަނޑު މި ހިސާބުން ހުޅުދުއްފާރުގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ހުޅުދުއްފާރަށް މިއައި އާރޯކަން، ނޫނީވިއްޔާ ހުޅުދުއްފާރުގެ ރައްޔިތުންނަށް މި ލިބުނު ކުރިއެރުން، ތިޔަބޭފުޅުން މި ކުރިއެރުން ކުރިއަށް ގެންދަން ބޭނުންވާނީ. އެއީ، އިންސާނީ ޠަބީޢަތް. ހުރިހާ އިންސާނުންވެސް ބޭނުންވާނީ މި ކަންކަން. ރާއްޖޭގެ ދަތިކަމަކީ، ރާއްޖޭގެ މީސްކޮޅު، އެތައް ރަށެއްގެ މައްޗަށް ބަހައިލެވިފައިވާތީ. ކޮންމެ ރަށެއްގައި އެ ރަށަކަށް ބޭނުންވާ ހުރިހާ ކަމެއް ކުރަންޖެހޭ. އަދި، އެ ރަށަކަށް ބޭނުންވާ ހުރިހާ ކަމަކީ، ހަމަ އެންމެ ރަނގަޅު ފެންވަރުގައި، އެންމެ ވަރުގަދައަށް ހިނގާ ރަށްރަށުގައިވެސް ހުންނަން ބޭނުންވާނެ ފެންވަރުގައި ކަމަށް، ކޮންމެ ރަށަކުންވެސް ގަބޫލުކުރާނެ. ހަމަ އަޅުގަނޑުގެ ކުރިމަތީގައިވެސް އަޅުގަނޑު އެކަން ގަބޫލުކުރާނީ، އެކަން އޮންނަންވާނީ އެހެން. އެހެންނަމަވެސް، ކަންކަން ތަރުތީބުވަމުންދާއިރު، ކޮންމެ ވެރިއަކަށްވެސް ލިބެނީ ފަސް އަހަރުގެ މުއްދަތަކަށް ވެގެންދާއިރު، 187 ރަށުގައި، އަދި 187 ރަށުގެ ތެރެއިން ބައެއް ރަށްރަށަކީ، ބޮޑެތި ރަށްރަށަކީ، ހުޅުދުއްފާރު ކަހަލަ އާބާދީގެ އަދަދަށް ބަލާކަމަށްވަންޏާ، ވިއްސަކަށް، ތިރީސް ރަށް ހިމެނޭވަރުގެ ރަށްރަށް، މީގެ ތެރޭގައި ހުންނަ ރަށްރަށް. އަދި، މި ރަށްރަށުގެ މީހުން ދިރިއުޅެނީކީވެސް، އެއް ސަރަޙައްދަކުވެސް ނޫން. ތަފާތު އެކި އަވަށްތަކުގައި. ތަފާތު އެކި ސަރަޙައްދުތަކުގައި. އެހެންވީމާ، މިއިން ކޮންމެ ތަނަކީ، ހުޅުދުއްފާރު ގޮތަށް މި ހުރިހާ ޚިދުމަތްތަކެއް ފުރިހަމަވެފައި ހުންނަންޖެހޭ ތަންތަން.

 

އެހެންވީމާ، އަޅުގަނޑު މި އަދަދު ދަންނަވައިލުމުގެ ބޭނުމަކަށްވަނީ، ދެންމެ ޖަޢުފަރު އެ ވިދާޅުވެދެއްވީ، ހުޅުދުއްފާރަށް ބޭނުންވެފައިހުރި ކަންތައްތައް. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ހުޅުދުއްފާރަށް އެހީވާން ބޭނުމޭ. ހުޅުދުއްފާރުގެ ރައްޔިތުން އެކަން ގަބޫލުކުރައްވާނީ، މި ދެންނެވި ތަފާސް ހިސާބުން. ތިޔަބޭފުޅުން ގަބޫލުފުޅު ކުރައްވާނެ، އަޅުގަނޑު މި ވާހަކަ ދައްކަނީ ހުޅުދުއްފާރަށް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ސަރުކާރުން ކަންތައްތަކެއް ކޮށްދީފައިކަން. އެހެންވީމާ، ދެން އިތުރަށް، ހުޅުދުއްފާރަށް އަޅުގަނޑަށް ކަމެއް ކޮށްދިނުމުގެ ފުރުޞަތު، ފުރަތަމަ ޖެހޭނީ ތިޔަބޭފުޅުން އަޅުގަނޑަށް ހޯއްދަވައި ދެއްވަން.

 

އެހެންވީމާ، އަންނަ މަހުގެ 23 ގައި ނަގާ ވޯޓަކީ، މި ކަންކަމަށް ތިޔަބޭފުޅުންނަށް ފަހިކުރެއްވޭނެ ފުރުޞަތު. އެހެންވީމާ، އަޅުގަނޑު އެދެނީ ތިޔަބޭފުޅުންގެ އިޚުލާޞްތެރިކަން މިފަހަރު އަޅުގަނޑަށް ދައްކަވައިދެއްވަން. އެހެން އެކަން ވެގެން ނޫނީވިއްޔާ، ހުޅުދުއްފާރަކަށް އިތުރަށް މަސައްކަތް ކުރުމުގެ ފުރުޞަތެއް އަޅުގަނޑަކަށް ނުލިބޭނެ ދޮގެއްތޯ.

 

ހުޅުދުއްފާރުގެ އެންމެ ބޮޑު މައްސަލައިގެ ތެރޭގައި އެބައުޅޭ، ހުޅުދުއްފާރުގެ ގިރާ ސަރަޙައްދު ހިމާޔަތް ކޮށްދިނުމުގެ މަޝްރޫޢެއް. ނޫނީވިއްޔާ، ގިރާ ސަރަޙައްދު ހިމާޔަތް ކޮށްދިނުމުގެ އިލްތިމާސް އެބައުޅޭ. އެނގިވަޑައިގަންނަވާނެ، ޠާރީޤުގެ ވާހަކަފުޅުގައި، މިއަދު މިއީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މިތާ ނިންމާ ދުވަސް ކަމުގައިނުވާތީ، އެ ވާހަކަ ވިދާޅުނުވީ. އެހެންނަމަވެސް، ގޮނޑުދޮށްތައް ހިމާޔަތް ކުރުމުގެ މަޝްރޫޢަކީ، މި ސަރުކާރުން ހަމަ ވަރަށް އިސްކަންދީގެން ވަރަށް ގިނަ ރަށްތަކުގައި ހިންގާފައި އޮތް މަޝްރޫޢެއް. ހިންގަމުން ގެންދާ މަޝްރޫޢެއް. އެހެންވީމާ، ގޮނޑުދޮށް ހިމާޔަތް ކުރުމަކީ ހުޅުދުއްފާރުގައި  އަޅުގަނޑުމެންގެ، އިރާދަކުރެއްވިއްޔާ، ދެން އަންނަ ސަރުކާރެއްގައި އެންމެ ކުރީ ތިން އަހަރުގެ ތެރޭގައި ހުޅުދުއްފާރަށް ނިމިގެން، ފުދިގެންދާނެ ކަމެއްކަމުގައި ތިޔަބޭފުޅުންގެ ގާތުގައި އަޅުގަނޑު މިއަދު ދަންނަވާލަން.

 

އެއާއެކީ، ޖަޢުފަރު ވިދާޅުވި ވާހަކަފުޅުތަކުގައި ދެން ހުރި ކަންތައްތަކަކީ، ހަމަ ޙަޤީޤަތުގައިވެސް މިކަހަލަ ޖަލްސާއެއްގައި އަޅުގަނޑު ކޮންމެހެން އެވާހަކަ ދަންނަވަންވާވަރުގެ ކަންތައްތަކަށްވުރެ، މާ ކުދިކުދި ކަންތައްތައް. މިސާލަކަށް، ސްކޫލުގެ ޖާގައިގެ ދަތިކަން އޮވެއްޖެ ކަމަށްވަންޏާ، ޖާގައިގެ ދަތިކަން ފިލުވައިލަދޭނަމޭ، އަޅުގަނޑު ދަންނަވާކަށް ނުވެސްޖެހޭ. އެއީ، ހަމަ އާންމު އުސޫލުން ކުރެވެމުންދާ ކަންތައް. އެކަމަކު، ހުޅުދުއްފާރުން އެ ރިކްއެސްޓް އައީމާ، މަލްޓި-ޕަރޕަސް ހޯލަކާއެކީ، ހުޅުދުއްފާރުގެ ސްކޫލުގެ ޖާގަ އިތުރުކޮށްދޭނެ ވާހަކަ ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން.

 

އަޅުގަނޑުމެންގެ ސަރުކާރުގައި، މި ހިނގާ ހަތަރު ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި، ރާއްޖެއާއި މާލޭގެ އެކިއެކި ދިމައިގައި ސްކޫލުގެ ކްލާސް ރޫމާއި، މަލްޓި-ޕަރޕަސް ހޯލް ހިމެނޭގޮތަށް ކިޔަވައިދޭ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން ކިޔަވާ ކުދިން އިތުރުވުމާއި، އަދި އެ ކުދިންނަށް ކިޔަވައިދޭ ފެންވަރު މަތިކުރުމުގެ ގޮތުން އަޅުގަނޑުމެން ކުރި މަސައްކަތްތައްވެސް އަޅުގަނޑު ދަންނަވާލާނަން. މިހާރު އަޅުގަނޑު މި ދަންނަވާ އަދަދަށްވުރެ، މި އަދަދު އިތުރުވެގެންވެސް ހިނގައިދާނެ. މިތަނުގައި ޖާގައިގެ ދަތިކަން އޮތީމާ، އެއީ ދާދި ފަސޭހަ ކަމެކޭ ދެންނެވުމުގެ މާނައިގައި އަޅުގަނޑު ދަންނަވާ ވާހަކައެއް މި ދަންނަވަނީ. އަޅުގަނޑުމެންގެ ސަރުކާރުން މި ހިނގައިދިޔަ ހަތަރު އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބުގައި، 770 އެތައް ކްލާސްރޫމެއް އިތުރުކޮށްދީފިން. އަދި، އޭގެތެރޭގައި ބައެއް ރަށްރަށުގައި ރާއްޖޭގެ އެކި ހިސާބުގައި، މާލޭގައި ހުރި ސްކޫލްތައް ފިޔަވައި، އައްޑުއަތޮޅުގައި ހުރި ބައެއް ބޮޑެތި ސްކޫލްތައް ފިޔަވައި، ހަމަ އެންމެ ބޮޑު ސްކޫލްވެސް އިމާރާތް ކުރެވިފައި މިވަނީ، އުތުރުގެ ރަށެއްގައި، ށ.މިލަންދޫގައި. އެހެންވީމާ، ސްކޫލަށް ބޭނުންވެފައި އޮތް ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަކީ، އިރާދަކުރެއްވިއްޔާ، ދާދި ފަސޭހަކަމެއް. އެކަމަކު، މިއިން ކޮންމެ ކަމެއް ކޮށްދިނުމުގައިވެސް ފުރުޞަތު ފުރަތަމަ ތިޔަބޭފުޅުން އަޅުގަނޑަށް އެބަ ހޯއްދަވައި ދެއްވަންޖެހޭ.  

 

އަޅުގަނޑު ހަމަ ސިޔާސީ ވާހަކަވެސް ދަންނަވާލާނަން. ތިޔަބޭފުޅުން ބޭނުންވެފައިހުރި ބައެއް ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މި ދަންނަވާލީ. އަދިވެސް މި ނޫން އެހެން ކަންތައްތައް ހުންނާނެކަންވެސް އެނގޭ. މަގުވެސް ހެދެން ބޭނުންވާނެ. މަގު ހެދުމުގައިވެސް އަޅުގަނޑު ދަންނަވާލާނީ، އަޅުގަނޑަށް މިއަށް މުއްދަތެއް ދަންނަވަން ދައްޗޭ. އެއީ، އަޅުގަނޑު ދައްކާ ވާހަކަ އަޅުގަނޑު ދައްކަނީ ހަމަ، ކަންތައްތަކެއް ރާވާފައި، ތަރުތީބުތަކެއް ކޮށްފައި، ފައިސާ ހޯދާނެ ގޮތެއްވެސް ދަންނަވާފައި. މި ރަށުގައި ފެނާއި ނަރުދަމާ، މި ދެ ވަސީލަތް ޤާއިމުވެގެން ދިޔައީމާ، މަގުހެދުމުގައި އާންމުކޮށް ބޭނުންވާނެ ކަންކަމަށް ބަލާކަމަށްވަންޏާ، މި ދެ ކަންތައް ފުދުނީމާ، މަގުހަދަން ފަސޭހަވަނީ. އެހެންވީމާ، މަގުހަދާ ރަށްރަށުގެ ތަރުތީބަށް ބަލާކަމަށްވަންޏާ، ފެނާއި ނަރުދަމާ ޤާއިމުވެ ނިމުނީމާ، ހަމަގައިމުވެސް އެ ތަރުތީބުން މަގުހަދާ ރަށްރަށުގެ ތެރޭގައި އިސްކަން ދެވެންވާނެ. އެއީ، މަގުހަދަން އެދޭ އެހެން ބައެއް ރަށްރަށުގެ ތެރޭގައި، ފެނުގެ މަސައްކަތް ހިންގަމުން ހިނގައިދާނެ. ނަރުދަމާގެ މަސައްކަތް ނުފެށި އޮވެދާނެ. އެހެންނަމަވެސް، ފެނާއި ނަރުދަމާ، މި ދެ ނިޒާމު ޤާއިމު ކުރެވުނީމާ، މަގުހަދަން ފަސޭހަވެގެން މިދަނީ. ފެނުގެ ނިޒާމަށް ބަލައިލާ ކަމަށްވަންޏާ، ދެންމެ ޠާރިޤު އެ ހިސާބުތައް އެ ވިދާޅުވެދެއްވީ. މިހާރުވެސް ފެނުގެ މަޝްރޫޢު، ގޭގެއަށް ޓެޕް ހުޅުވައިލީމާ ފެން ލިބޭ 30 ރަށުގެ މަޝްރޫޢު އެއޮތީ ނިންމާފައި. އިތުރު 15 ރަށުގެ މަސައްކަތް މިހާރު އެދަނީ ހިނގަމުން. އަޅުގަނޑު އުއްމީދު މިކުރަނީ، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ކުރީކޮޅު މި ހުރިހާ މަޝްރޫޢުތަކެއް ނިމިގެންދާނެ ކަމަށް.

 

މީގެކުރީގައި، ރާއްޖޭގެ ޙާލަތަކީ، މާލެއާއެކީ މުޅި ޖުމުލަ އޮތީ ހަ ރަށޭ. އެކަމަކު، ފަސް އަހަރަށް، އެއީ ދެން ދިގު ތާރީޚެއް ދޮގެއްތޯ. އެއީ، ގާތްގަނޑަކަށް 35 އަހަރު. 35 އަހަރުގެ ތާރީޚަށް ބަލާކަމަށްވަންޏާ، މިއޮތީ މާލެއާއެކީ އެންމެ ހަ ރަށް ކަމަށް މި ވިދާޅުވަނީ. އަޅުގަނޑަށް، ރައްޔިތުންނަށް ޚިދުމަތް ކުރަން މި ލިބުނީ ފަސް އަހަރު. އެ ފަސް އަހަރުގެ ތެރޭގައި މި އަދަދު އިތުރުވެގެން މި ދިޔައީ 45 އަށް. އެހެންވީމާ، ގުނަކުރާނެ ކަމެއްނެތް. ވައުދުގެ ދިހަ ޕަސެންޓް ފުދުނީމާ، ހިސާބު ކުރާނެ ކަމެއްވެސްނެތް. މިއީ ޙަޤީޤަތް. އެހެންވީމާ، މި ޙަޤީޤަތްތަކަށް ރައްޔިތުން ވިސްނައިވަޑައިގަތުމަކީ އަޅުގަނޑު އެދޭ ކަމެއް.

 

ނަރުދަމާގެ ނިޒާމުގެ ވާހަކަވެސް، ދެންމެ ޠާރިޤު އިބްރާހީމް އަޅުގަނޑުގެ ކައިރީ ވިދާޅުވި. ނަރުދަމާވެސް މިހާރު، އަޅުގަނޑުމެންގެ މި މަޝްރޫޢު ނިމުނީމާ، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ކުރީކޮޅަށް، މިހާރު ފެށިފައި ހުރި މަޝްރޫޢުތައް ނިމިގެންދާނީ. އަޅުގަނޑު ހަނދާންވަނީ ވިދާޅުވީ، ކުދިކުދި ރަށްރަށް މީގެ ތެރޭގައި، ގިނަ ރަށަކީ ނަރުދަމާ ނުހެދި ބާކީއޮތް، ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް ބަލާފައި، 187 ރަށުގެ ތެރެއިން ބާކީ އޮންނާނީ އެންމެ 66 ރަށް ކަމަށް. އެހެންވީމާ، ނަރުދަމާވެސް ގައިމު އަޅައިދެވިއްޖެ ދޮގެއްތޯ؟

 

އަޅުގަނޑު މިރަށަށް މި އަންނަނީ، އަލިފުށި ނިންމާފައި. އަލިފުށީގައިވެސް އަޅުގަނޑުމެން ނަރުދަމާގެ ނިޒާމު ޤާއިމުކޮށްފައި، ހުޅުވައިދީފައި މިއައީ. މިރަށަށް މިއައީ ނަރުދަމާއާއި ފެނުގެ ނިޒާމު ޤާއިމުކޮށްދީފައި. މި ދެ ރަށުގައިވެސް މި މަޝްރޫޢު ހިންގަވައިދެއްވާފައި މިއޮތީ އެމް.ޑަބްލިއު.އެސް.ސީ.ގެ ފަރާތުން. ދެން އަޅުގަނޑުގެ އިދިކޮޅު ބޭފުޅުން ވިދާޅުވާނެ، ޔާމީން ބުނާނެއޭ ސަރުކާރު ކުންފުނިތަކުގެ ހަކަތަ ނެތޭ. ކިހިނެއްތޯ މިވާހަކަ ގަބޫލުކުރާނީ. ކުންފުނިތަކުގެ ހަކަތަ އޮތީމާ ދޮގެއްތޯ، މިކަންކަން ކުރެވިގެން މިދަނީ. އޭގެ ކުރީގައި ކުންފުނިތަކުގައި މި ހަކަތަ ނެތީމާ، މި ދެންނެވި ގޮތަށް ފެނާއި ނަރުދަމާ، ރާއްޖޭގެ އެކި ހިސާބަށް ގޮސްފައި ނެތީ. އެކަމަކު އިރާދަކުރެއްވިއްޔާ، މިއަދު ސަރުކާރު  ކުންފުނިތަކުގެ ހަކަތަ އެބަހުރި. އަޅުގަނޑު އެހެން ބައެއް ކުންފުނިތަކުގެ ވާހަކަ ދައްކަމުން ގެންދިޔައިން. ފެނަކައިގެ ވާހަކަ ދެއްކިން. އެސް.ޓީ.އޯ.ގެ ވާހަކަ ދެއްކިން. މިއަދު އަޅުގަނޑު މި ދަންނަވަނީ، އެމް.ޑަބްލިއު.އެސް.ސީ.ގެ ވާހަކަ.

 

ރ. އަތޮޅަށް މިފަހަރު މިކުރާ ދަތުރުގައި، އަޅުގަނޑު މި އަންނަ ދެ ރަށުގައިވެސް އެމް.ޑަބްލިއު.އެސް.ސީ.ގެ މި ހަކަތަ ހުރިކަން އަޅުގަނޑުމެންނަށް ކިތަންމެ ރަނގަޅަކަށްވެސް ދައްކުވައިދެއްވައިފި. އެހެންވީމާ، ކުންފުނިތަކުގެ ހަކަތަ އެބަހުރި. އެބޭފުޅުން އެކަންކަން ގަބޫލުފުޅު ކުރައްވަން ބޭނުންފުޅުނޫނީކަންނޭނގެ. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، މިރަށްރަށަށް ވަޑައިގެން އެބޭފުޅުން ވާހަކަފުޅު ދައްކަވާއިރު، އެބޭފުޅުން އިސްވެ ކަމެއް ކުރައްވަން އެއްވެސް ޚިޔާލެއް، ނޫނީ އެކަން ކުރައްވާނެ ގޮތެއް ރާވައިލައްވައިގެން، ތަރުތީބު ކުރައްވައިގެނެއް ނޫން ވަޑައިގަންނަވަނީ. އެކަމަކު އަޅުގަނޑުމެން މި ދަންނަވާ ވާހަކަ މި ދަންނަވަނީ، ފަސް އަހަރުގެ ޚިދުމަތެއްގެ ރެކޯޑުގެ އަލީގައި. ފަސް އަހަރު ރާއްޖޭގެ އެކި ހިސާބަށް އެކިއެކި ކަންތައްތައް ކުރެވިފައި ހުރީމާ. ދެން އަޅުގަނޑުމެން މި ދަންނަވަނީ ރައްޔިތުން އެއަށްވުރެ އިތުރު އުއްމީދު ކުރައްވާށޭ.

 

އަޅުގަނޑު މީގެ ކުރީގައިވެސް އެހެން ދާއިރާއެއްގައި ވާހަކަ ދައްކަމުން އަޅުގަނޑު ދަންނަވާލިން، އަޅުގަނޑު ދައްކާ ވާހަކަ މި ދައްކަނީ، ހަމައެކަނި ވަކި ރަށަކަށް ޚާއްޞަކޮށްގެނެއް ނޫން. ކޮންމެ ރަށަކަށް ޚާއްޞަކޮށްގެން ދައްކާ ވާހަކައިގެ އިތުރުން، އަޅުގަނޑަށް ފަސް އަހަރެއް އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ ރައްޔިތުންގެ ވިސްނުން އެގޮތަށް ހުރެއްޖެ ކަމަށްވަންޏާ، އެ ލިބިގެން ޚިދުމަތް ކުރާކަމަށްވަންޏާ، އަޅުގަނޑުގެ ފަސް އަހަރެއްގައި ކުރާ ކަންތައްތައް، މުޅި ރާއްޖޭގެ ސްޓޭޓަސް އުފުލިގެންދާނެ މިންވަރު، ނޫނީ ރާއްޖޭގެ ޚިދުމަތުގެ ފެންވަރު ފުޅާވެގެންދާނެ މިންވަރު، ނޫނީވިއްޔާ ރާއްޖެއަށް ބޭނުންވާ ތިޔާގިކަން، ރައްޔިތުންނަށް ބޭނުންވާ މުއްސަނދިކަން އިތުރުވެގެންދާނެ މިންވަރުގެ އެކި ވާހަކަ މި އަންނަނީ އެކި ތާނގައި ދައްކަމުން.

 

އަންހެން ބޭފުޅުންނަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. ރާއްޖޭގައި މިއިން ކޮންމެ ރަށެއްގައި ހުންނަ ޞިއްޙީ މަރުކަޒެއްގައި ހޮސްޕިޓަލެއްގައި، ހަމަ ވަރަށް ގިނަ ތަންތަނުގައި، ބޭނުންފުޅުވާ ޚިދުމަތަކަށްވޭ، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ހުރުން. ޝައްކެއްވެސްނެތްގޮތުގައި، ހަމަ ގިނަ ތަންތަނަށް އަޅުގަނޑުމެން މިގެންދަނީ މިހެން ބޭނުންވާ ޚާއްޞަ ބަލިތަކުގެ ފަންނާނުން، ނޫނީވިއްޔާ ޚާއްޞަ ބަލިތަކަށް ބޭނުންވާ ކޮންސަލްޓަންޓުން ހަމަޖައްސައިދެމުން. އަންހެނުންގެ ބަލިތަކަށް ބޭނުންވާ، ޑޮކްޓަރުން ރާއްޖޭގެ އެކި ހިސާބުގައި ހުރި ޞިއްޙީ މަރުކަޒުތަކަށް މިދަނީ ހަމަޖައްސައިދެމުން. އަދި ހަމައެހެންމެ، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންވެސް ހަމަ އެކި ތަންތަނަށް މިގެންދަނީ ހަމަޖައްސައިދެމުން. އަދި ބައެއް ހޮސްޕިޓަލްތަކުގައި، ބާރަ ގަޑިން ސޯޅަ ގަޑިއިރަށް، އަނެއްބައި ތަންތަނުގައި ސައުވީސް ގަޑިއިރަށް، މިރަށުގައި މިއީ، ސައުވީސް ގަޑިއިރަށް ބަދަލުވެގެން ގޮސްފައި އޮތް ތަނެއް. އެހެންނަމަވެސް، މިއީ، ހައްތަހާވެސް ބޮޑެތި މަސައްކަތް ހިނގާ ކަންކަން. މިއީ، ހައްތަހާވެސް ފައިސާ ބޭނުންވާ ކަންކަން. މި ހުރިހާ ކަންކަމެއް ކުރުމާއެކީ، ރާއްޖޭގެ އެކި ހިސާބުގެ ރަށްރަށުގައި ހުރި ހޮސްޕިޓަލްތަކުގައި، ނޫނީ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މިއަދަކު ނާހާ އެތަނުގެ އާބާތުރަ ފިލުވާ ވާހަކައެއް. މިއަދު ޢަބްދުއްރަޙީމް އެ ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓް ދައްކަވަމުން ގެންދަވާ ވާހަކަ. ތިމަންނާމެން ހަމަ ހައިރާންވެއޭ، ޞިއްޙީ ދާއިރާ މިހާބޮޑަށް ހަލާކުވެ އަނަރޫފަވެފައި އޮތީމާ. އެކަމަކު ޞިއްޙީ ދާއިރާ  ހަލާކުވެ އަނަރޫފަވެފައި އޮތީމާ، އަޅުގަނޑުމެން މި އަންނަނީ ތަންތަނަށް ގައިނީ ޑޮކްޓަރުން ހަމަޖައްސާ ވާހަކައެއް ނޫން. މިއީ، ސްޕެޝަލިސްޓުން.

 

އަޅުގަނޑު ރާއްޖޭގެ ޒަޢާމަތާ ހަވާލުވުމަށްފަހު، ރާއްޖޭގެ އެކި ހިސާބުތަކަށް ސުޕަރ ސްޕެޝަލިސްޓުންވެސް ފޮނުވައިދީފީން. ރާއްޖޭގެ އެތައް ޑޮކްޓަރުންނެއް، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ގޮތުގައި ތަމްރީނުވެސް ވެއްޖެ. އަދި އެތަކެއް ޑޮކްޓަރުން ކިޔަވަމުން މިހާރުވެސް އެބަދޭ. އެހެންވީމާ، އަނަރޫފަވަމުން ނޫނީ ހީނަރުވަމުންދާ ދާއިރާއެއްގައި އަހާނީ އަޅުގަނޑު ކައިރީގައި، އެތަންތަނުގައި އާބާތުރަ ފިލުވުމަށް. ނޫނީ އެތަނުގައި ހުންނަ ޖެނެރަލް ފިޒީޝަނެއް ނެތިގެން، އެ ވާހަކަ ދައްކާނީ. އެމް.ބީ.ބީ.އެސް. ޑޮކްޓަރެއް ނެތިގެން، އެ ވާހަކަ ދައްކާނީ. އަޅުގަނޑު ކައިރިއަކު ނުބުނާނެ، ސިކުނޑީގެ ބައްޔަށް ޚާއްޞަ ފަރުވާ ބޭނުންވާ މީހުން، ބައެއް ތަންތަނުގައި ބައިތިއްބައިދޭށެކޭ. އަޅުގަނޑު ކައިރިއަކު ނުބުނާނެ، އަންހެނުންނަށް ޚާއްޞަ ޑޮކްޓަރުން ބައިތިއްބައިދޭށެކޭ. އޭގެ މާނައަކީ، މިތަންތަނަށް އައިސްފައި ޞިއްޙީ ދާއިރާއަށް އައިސްފައި ހުރި ތަރައްޤީ އަޅުގަނޑުމެންނަށް ވަޒަންކުރެވެއޭ. އެހެންނަމަވެސް އޭގެ މާނައަކީ، އެއްގޮތަކަށްވެސް އަޅުގަނޑު އެއްބަހެއްނުވަން. އޭގެ މާނައަކީ، މި ތަންތަނަށް ބޭނުންވާ ހުރިހާކަމެއް ފުރިހަމަވެފައި ހުރީއެކޭ ދަންނަވަނީކީއެއްވެސް ނޫން.

 

އަންހެން ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މި ހުރިހާ ކަމަކާއެކީވެސް އަޅުގަނޑު އިޢުލާނު ކުރިން، އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ދެވަނަ ފަސް އަހަރެއްގެ ތެރޭގައި، އަންހެނުންނާއި ކުޑަކުދިންގެ ހުރިހާ ބަލިތަކަށް ޚާއްޞަ ހަސްފަތާލެއް އަޅުގަނޑު ޤާއިމުކުރާނަމޭ. އެއީ ޝައްކެއްވެސްނެތްގޮތުގައި، ހުރިހާ އަންހެން ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަރަށް އުފާވެރި މެސެޖެއް. އަޅުގަނޑުމެން ގައިނީ ޑޮކްޓަރުން މިތަންތަނުގައި ޤާއިމުކުރި ކަމުގައިވީނަމަވެސް، ޚިދުމަތް ލިބޭގޮތަށް ހެދި ނަމަވެސް، އެ ހިސާބަކުން އަންހެނުންގެ ބަލިތަކަށް ބޭނުންވާ ހުރިހާ ފަރުވާއެއް ލިބިގެންދަނީކީ ނޫން.

 

އެހެންވީމާ، މާލޭގައި، ހަސްފަތާލުގައި މިހުންނަ ކަހަލަ ޚާއްޞަ ޑިޕާޓްމަންޓްތައް، މިސާލަކަށް، ކާޑިއޯ ޑިޕާޓްމަންޓް، ކާޑިއޯ ލެބެއް އަޅުގަނޑުމެން ހަމަޖައްސައި، އުފެދިގެން އެ ދިޔައީ. އަދި އެހެން ޑިޕާޓްމަންޓްތަކެއްވެސް ހެދިގެން އެދަނީ. ޑައިލިސިސްއާއި ކިޑްނީގެ ބަލިތަކުގެ ޑިޕާޓްމަންޓްތައް އެހުރީ ހެދިފައި. އެގޮތަށް އަޅުގަނޑު ބޭނުންވަނީ، ކަނބަލުންނަށާއި ކުޑަކުދިންނަށް ޚާއްޞަ، ކުޑަކުދިންނަށާއި އަންހެނުންނަށް ދިމާވާ ހުރިހާ ބަލިތަކަކަށް ފަރުވާދެވޭވަރުގެ، އަދި އަޅުގަނޑުމެންގެ އެތެރެ، އަވަށްޓެރި ޤައުމުތަކުގެ އެތެރެވަރީގެ ޤައުމުތަކުން ލިބެން ހުންނަ ހަމަ އެންމެ ރަނގަޅު ފަރުވާ ލިބޭ ފެންވަރުގެ ހޮސްޕިޓަލެއް އިރާދަކުރެއްވިއްޔާ، ކަނބަލުންނަށާއި ކުޑަކުދިންނަށް އަޅުގަނޑު ޤާއިމުކޮށްދޭނަމޭ. އަޅުގަނޑުމެންނަށް މިކަހަލަ އުންމީދީ ވަރަށް ގިނަ ވާހަކަ ދެއްކޭނެ.

 

އަޅުގަނޑުމެންގެ ސަރުކާރުގައި، ފުރަތަމަ ފަހަރަށް، އުސޫލެއްގެ ގޮތަށް ޤާއިމުކޮށްގެން ކުރި އެއްކަމަކީ، މިއީވެސް ހަމަ ކަނބަލުންނަށް ދަންނަވާލާ ވާހަކަ. ރާއްޖޭގެ މަތީ ތަޢުލީމު ހާސިލުކޮށްގެން އަންނަ ނިސްބަތަށް ބަލާކަމަށްވަންޏާ، ފިރިހެނުންނަށްވުރެ އަންހެނުން ގިނަ. މިއީ މިކަމުގައި ޙަޤީޤަތް އޮތްގޮތް. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުގައި ފުރަތަމަ ފަހަރު އިޢުލާނުކުރީ، އަޅުގަނޑުމެން މަސައްކަތެއް ކުރާނަމޭ، އިރާދަކުރެއްވިއްޔާ ސަރުކާރު ހިއްސާ އޮންނަ ހުރިހާ ކުންފުނިތަކުގެ ބޯޑުގައި، ކަންކަން ނިންމާ އެންމެމަތީ ކޮމިޓީގައި، ބޯޑުގައި އަންހެން ބޭފުޅުންގެ އަދަދު ވިހި ޕަސެންޓް ހިމަނަން އަޅުގަނޑު އިޢުލާނު ކުރިން. އަދި އިރާދަކުރެއްވިއްޔާ މިއަދު އުފަލާއެކީ އަޅުގަނޑަށް ދަންނަވާލަން ކެރިދާނެ، ހުރިހާ ކުންފުނިތަކަކަށް އެވްރެޖުކޮށް ބަލައިފި ކަމަށްވަންޏާ، މިއަދު ކުންފުނިތަކުގެ ބޯޑުގައި، ވިހި ޕަސެންޓް އަންހެން ބޭފުޅުން ތިއްބަވާނެ. އެއީ ވިޔަފާރީގެ ދާއިރާގައިވެސް، އަންހެން ބޭފުޅުންނަކީ ޚިދުމަތް ކުރެއްވޭނެ، އަދި އެބޭފުޅުންގެ ޢިލްމުގެ ބޭނުން ހިއްޕެވޭނެ ބޭފުޅުންކަން ދެންނެވުމަށް. އަދި އަންހެން ބޭފުޅުންނަކީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކަމޭހިތާ ބައެއްކަން، އެއްގޮތަކަށްވެސް ހަވާސާ ކުރެވިފައިވާ ބައެއް ނޫންކަން. އެކަށަވަރުކަން އަންހެން ބޭފުޅުންނަށް ދިނުމަށްޓަކައި.

 

މިއަދު އަޅުގަނޑު މި އިޢުލާނު ކުރަނީ، އިރާދަކުރެއްވިއްޔާ ދެން އަންނަ ފަސް އަހަރެއް ނިމިގެންދާއިރު، އަޅުގަނޑުމެންގެ ކުންފުނިތަކުގެ ބޯޑުގެ މި އަދަދު، އިރާދަކުރެއްވިއްޔާ ފަންސާސް ޕަސެންޓަކީ އަންހެން ބޭފުޅުން ކަމަށް އަޅުގަނޑު ކަށަވަރުކުރާނަން. އަންހެން ބޭފުޅުންވެސް އެބަޖެހޭ، މި ކަހަލަ މަސައްކަތްތަކަށް ނުކުމެވަޑައިގަންނަވަން. އަންހެން ބޭފުޅުން އެބަޖެހޭ، ރާއްޖޭގެ އެކި ދާއިރާތަކުގައި އަންހެނުންގެ ހާލަތު ބަޔާންކޮށްދިނުމާއި، އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމަށް، ސިޔާސީ މައިދާނަށްވެސް ނުކުމެވަޑައިގަންނަވަން. އަންހެން ބޭފުޅުން އެބަޖެހޭ، ހިތްވަރެއް ކޮށްލައްވައިގެން، ދާއިރާތަކުން، އެ ދާއިރާތަކުގެ އަންހެނުންނާއި، ކުޑަކުދިންގެ ޙައްޤުތައް، އަޅުގަނޑުމެންގެ ކަންފަތްތަކާ ހަމައަށް ގެނައުމަށްޓަކައި، އަދި ބިލްތައް ފަރުމާކުރުމަށްޓަކައި، ބިލްތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގައި އަންހެނުންނާއި ކުޑަކުދިންގެ ޚާއްޞަ މައްސަލަތަކަށް އެޑްރެސް ކުރެވޭނެ ގޮތް އެބަ ހަދަން ޖެހެއެއްނޫންތޯ.

 

އެހެންވީމާ، އަޅުގަނޑު މި ދެންނެވިގޮތަށް، ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގައި 50 ޕަސެންޓް އަންހެން ބޭފުޅުންނަށް ވެގެންދާއިރު، އަޅުގަނޑު އުއްމީދު ކުރަން ބޭނުންވަނީ، އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައިވެސް، ގޮނޑިތަކުގެ ތެރެއިން، ގިނަ ގޮނޑިތަކަކީ، ނޫނީވިއްޔާ އެކަށީގެންވާ އަދަދެއްގެ ގޮނޑިތަކަކީ، ރައްޔިތުންގެ މަންދޫބުންނަކީ، އަންހެން ބޭފުޅުންނަށް ވެގެންދިޔުން. އެކަމަކު މިއަކަށް އަޅުގަނޑު އަދަދެއް ނުދަންނަވާނަން. މިއީކީ، ރައީސް ނިންމާ ކަމެއްނޫން. މިއީ، އެ ރަށެއްގެ ރައްޔިތުން ނިންމަން އޮންނަ ކަމެއް. އެހެންނަމަވެސް، އަޅުގަނޑު ދެކެން ބޭނުންވަނީ، އަންހެން ބޭފުޅުން ސިޔާސީ މަސައްކަތުގައި، ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރައްވައި އަދި މަޖިލިސްތަކުން ނިންމާ ޤާނޫނުތައް ހައްދަވާއިރު، އަންހެން ބޭފުޅުންގެ ޚިޔާލުތަކާއި، އަދި އަޅުގަނޑުމެންނަށް ދަތިވެފައި ހުރި ކަންކަމުގައި ހައްލު، އަންހެން ބޭފުޅުން ވިސްނާވަޑައިގަންނަވާ ގޮތްތައްވެސް މަޖިލީހުން ފާސްވެގެން އެދާ ބިލުތަކުގެ ތެރެއަށް އައިސް، ނިމިދިޔުން.

 

އަޅުގަނޑުވެސް މިރަށުގައި މާ ވާހަކަ ގިނައެއް ނުކުރާނަން. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް މި ފުރުޞަތު ދެއްވުމަކީ، އަޅުގަނޑު ހަމަ ވަރަށް އެދޭ ކަމެކޭ. ހުޅުދުއްފާރަކީ ޚިދުމަތުގެ ގޮތުން އެކަހެރި ރަށެއް ކަމަށް އޮތް ނަމަވެސް އިރާދަކުރެއްވިއްޔާ، މިއަދު ހުޅުދުއްފާރަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ޗާޓުގައި އެކަހެރިކޮށް އޮތް ރަށެއްނޫން. އަދި ހުޅުދުއްފާރަށް ކުރެވެންހުރި ކަންކަން ބަލާކަމަށްވަންޏާ، ހުޅުދުއްފާރަށް ހުރި ކަންތައްތަކެއް ފުދިގެންދާނެ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ދެންނެވި ތަފާސްހިސާބު، ފެނުގެ މަސައްކަތްތައް، ނަރުދަމާގެ މަސައްކަތްތައް، ބިން ހިއްކުމުގެ މަސައްކަތްތައް، މިކަހަލަ ވާހަކަތަކެއް އަޅުގަނޑުމެން ދައްކަމުން މި އަންނަނީ. އެއީ ކީއްވެގެންތޯ މިކަހަލަ ވާހަކަތައް ރަށްރަށުގައި ދައްކަނީ؟ ހަމަ ދާއިރާގެ މެންބަރު އެއަށް ޖަވާބު ދެއްވި. މި ރަށްރަށުން މިފެންނަ ބައެއް ކަންތައްތަކީ، މީގެ ކުރީގައި ރަށްރަށުގައި ދިރިއުޅޭ ހަމަ ދިވެހި ރައްޔިތުން އެއް ޙައްޤެއް، އެއްވަރަކަށް ހިއްސާކުރާ މީހުން، ދުވަހަކުވެސް ލިބިދާނެ ކަމަށް އުއްމީދު ނުކުރާ ކަންކަމޭ މި ފެނިގެންދަނީ.

 

އެހެންވީމާ އަޅުގަނޑުމެން މިކަންކަން މިކުރަނީ. ޤާނޫނުއަސާސީގައި މި ވާހަކަތައް ލިޔެފައި އެބައޮތްމެ. އެކަމަކު މިކަންކަމަކީ މި ދެންނެވި ގޮތަކަށް ހުރިހާ ސަރުކާރުތަކަކުން ކޮށްދެވިފައި ހުރި ކަންކަމެއް ނޫން. އަޅުގަނޑު ނުދަންނަވާނަން، ސަރުކާރުތަކަކުން ކޮށްނުދެއްވަނީއެކޭ. ކޮށްދެވިފައި ހުރި ކަންކަމެއް ނޫން. އެކަމަކު އަޅުގަނޑުމެން މިކަންކަން މެއިންސްޓްރީމް ކޮށްގެން މިގެންދަނީ، ހަމަ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރަށެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުޅޭ މީހުންގެ ޙައްޤުތަކެއް އުޅޭނެކަން. ހަމައެކަނި މިއަށް އަންނަ އަޅުގަނޑުމެންގެ ވިސްނުމަށް، ނޫނީ އަޅުގަނޑުމެންނަށް އަންނަ ހަމައެކަނި ދައްޗަކީ، ކޮންމެ މީހަކު ޚިދުމަތް މިކުރަނީ ފަސް އަހަރަށް. ފަސް އަހަރަށް ޚިދުމަތްކުރާ މީހަކަށް، އޭގެކުރީގައި ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެއްވިނަމަކަ، އަޅުގަނޑު މިތަނަށް އައިސް ކުރާނެ މާގިނަ މަސައްކަތްތަކެއް ނުހުންނާނެ. އަޅުގަނޑު ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި، ދެން އޮންނާނީ ހަމަ ޒުވާނުންގެ ވަޒީފާއަށް އެކަނި ޚާއްޞަކުރުން. އެކަމަކު ޒުވާނުންގެ ވަޒީފާއާއި، ޒުވާނުންގެ ހަށިގަނޑުގެ ތަރުބިއްޔަތަށް ބޭނުންވާ ކަންކަމާއި، މި ގިންތިތަކުގެ ތެރެއަށް ބަލާކަމަށްވަންޏާ، އަންހެން ބޭފުޅުންނަށް ބޭނުންވާ ކަންކަމާއި، އަދި ޙައްޤުތަކުން މަޙްރޫމްވެފައި ތިބި މީހުން، އަޅައިނުލެވިފައި ތިބި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޮށްދޭންޖެހޭ ކަންތައްތަކާއި، މިކަހަލަ އެތައް ބައިވަރު ކަމެއް. ދޮށީ ރައްޔިތުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއި، މިކަހަލަ އެތައް ކަންތައްތަކަކަށް އަޅުގަނޑުމެން ވިސްނަމުން މިގެންދަނީ.

 

އެހެންވީމާ، އަޅުގަނޑުމެން ދައްކާ ވާހަކައަކީ، އެ ދައްކާ ވާހަކައިގެ ފަހަތުގައި ކަންތައްތަކެއް ކުރެވިފައި ހުރީމާ ދައްކާ ވާހަކަ. އަޅުގަނޑުމެން އައިސް ރައްޔިތުންނަށް ހަމަ ކަމެއް ކޮށްދޭނަމޭ ދަންނަވާފައި ދަނީކީއެއްނޫން. އަޅުގަނޑުމެން އެކަންކަން ކޮށްދީފައި ހުރީމާ، ރައްޔިތުންގެ އުއްމީދު މިހާރު ހުރި ވަރަށްވުރެ މައްޗަށް ޖައްސާލާށޭ. އެ ހިތްވަރު އަޅުގަނޑު މިދެނީ. އެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބިއްޖިއްޔާ، އެކަންކަން ކުރެވޭނެތީ އަޅުގަނޑުމެން އެކަން މިކުރަނީ. މިތަނަށް މިދެންނެވި ތަފާސް ހިސާބުން ހުޅުދުއްފާރުގައި ދިރިއުޅުއްވާ ރައްޔިތުން މިކަމާ ދޭތެރޭގައި ސުވާލެއް ނުއުފައްދާނެ.

 

ޠާރިޤުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ކިހިނެއްހެއްޔޭ މި ޠާރިޤު އެވިދާޅުވީ ކޮކްޓެއިލް ކޯލިޝަނެއްގެ ވާހަކަ. އެއީ، އެތައް ބައިވަރު ތަފާތު ވައްތަރުގެ އެތައް ގިންތިއެއްގެ އެއްޗެތި، އެކައްޗަކަށް އެޅީމާ ނުކުންނަ ނަތީޖާ، ކޮކްޓޭލަކީ.

 

އެހެންވީމާ، މިހާރު އިދިކޮޅަށް ނުކުމެވަޑައިގެން އުޅުއްވާ ކޯލިޝަންގެ ބޭބޭފުޅުންގެ، ނޫނީ ޕާޓީތަކުގެ އެބޭފުޅުންގެ ޕްލެޖުތަކުގައި، މަންހަޖުތަކުގައި ރައްޔިތުންނަށް ކޮށްދެއްވާނޭ ކަންކަމުގެ ތަޞައްވުރު ތަފާތުވެފައިހުރި ބައެއް ކަންކަން އެ ވިދާޅުވީ. ޝައްކެއްވެސްނެތްގޮތުގައި، އެއީ އެކަމުގެ ޙަޤީޤަތް. އެ ވާހަކަ އަޅުގަނޑުވެސް ދައްކައިފީމު. އެންމެ ބޮޑެތި އުސޫލީ މައްސަލަތަކުގެ ތެރޭގައިވެސް، ހުރިހާ އެންމެން އެއްބަހެއްނުވޭ. އަދި މިތަނުގައި އޮންނަންވީ ކޮންޒާތެއްގެ ވެރިކަމެއްކަމާ ދޭތެރޭގައިވެސް ހުރިހާ ޕާޓީތަކުން އެއްބަހެއްނުވޭ. މިހާރު މި ރަށްރަށަށް ވަޑައިގެން މިބޭބޭފުޅުން މި ވިދާޅުވަނީ، މިވެނިކަމެއް، މިވެނިކަމެއް ކޮށްދޭނަމޭ. އެ ވާގޮތަކީ، މި ތަންތަނަށް ވަޑައިގަތީމާ، މި ތަންތަނުގައި ކުރެވިފައިހުރި މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ހަމަ މި ރަށުންވެސް، އެބޭފުޅުން ދަންނަވާނެ، މި ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކޮށްދެއްވާށޭ.

 

އެހެންވީމާ، އެކަހަލަ ވާހަކަފުޅުތައް އެބަ ދައްކަވަންޖެހޭ. މިހާރު އެބޭފުޅުންނަކަށް ޖަޒީރާއެއްގައި އޮންނަ ނިޔަނެތިކަންމަތީގައި ތިބޭ ވާހަކަ ނުދެއްކެވޭނެ. އެބޭފުޅުން ގަބޫލުކުރައްވާ ގޮނޑުދޮށްތައް ޙިމާޔަތް ކުރަންޖެހޭނީ، ހަމަ ރޮކް ބޯލްޑަރ  ޖަހައިގެންކަން. އެބޭފުޅުން ގަބޫލުކުރައްވާ، ޢިމާރާތްތައް އެބަ ބިނާކުރަންޖެހޭކަން. އަދި އެތަންތަނަކީ، ސިމެންތީގެ ތަރައްޤީކަންވެސް އެބޭފުޅުން މިއަދު މަޖުބޫރީ ޙާލަތުގައި އެބަ ގަބޫލުކުރައްވާ.

 

އެހެންވީމާ، މި ހުރިހާ ކަމަކީ، އެބޭފުޅުންނަށް އަންނަ ސުވާލު. އެކަމަކު ކީއްވެގެންތޯ، މި ކޮކްޓޭލަކަށް ވެގެން މިއުޅެނީ. އަޅުގަނޑުގެ މީގެ ކުޑަކުޑަ ދިރާސާއެއް އެބައޮތް. ތޯބެ، އަޅުގަނޑުގެ ދިރާސާއަކީ މިއީ. މީގެކުރީގައި އެކުވާން ތިބި ބައެއްނޫން. އެހެންވީމާ، ކޮންމެ މީހަކު ވަކިން މެނިފެސްޓޯ ހަދައިގެން މިއުޅެނީ. މި މީހުންނަކީ، މީގެކުރީގައި އެކުވާން ތިބި ބައެއްނޫން. ވަރަށްފަހުން ނޫންތޯ، މި އެންމެންނަށް އެއްބަސްވެގެން މިއީ، ލީޑަރަކާ ނޫނީ، އޮޕޮޒިޝަން ލީޑަރަކާއި ރަނިންގމޭޓަކާ ނެގުނީ ވަރަށްފަހުން ނޫންތޯ. އަނެއްކާ ރަނިންގމޭޓް ނެގިއިރު ކިހިނެއްތޯ؟ ޕާޓީގެ ލީޑަރު ވިދާޅުވީ، ތިމަންނާ އޭނާއަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފީމޭ.

 

އެހެންވީމާ، އޭނާގެ ފަހަތަކުނެތޭ ޕާޓީގެ ބެކިންގއެއްވެސް. ޕާޓީގެ ލީޑަރު އެއްބަހެއްނުވޭ، ޕާޓީއަށް ހޮވި ކެންޑިޑޭޓް، ނައިބު ރައީސެއްގެ މަޤާމަށް ޝެޑޯކުރަން ދެއްކެވި ބޭފުޅަކަށް، ޕާޓީގެ ލީޑަރުގެ ތާއީދު ނެތް ވާހަކަ ވިދާޅުވީ. އެކަމަކު ދެން މިއީ ޕާޓީތަކަށް ބަލާކަމަށްވަންޏާ، އާކަމެއްވެސްނޫން. ތަފްޞީލަކަށް ނުދާނަން. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިބޭފުޅުން، ހުރިހާ ބޭފުޅުން އެއްބަސްވެ ތިއްބަވައިގެނެއް، މިބޭފުޅުން ދެން ހުރި ކަންތައްތަކުގެ ތެރޭގައި ހުރި މައްސަލަތަކެއް ޙައްލުކުރައްވާކަށް ނޫޅުއްވާ.

 

މިއިން ކޮންމެ ބޭފުޅަކު އުއްމީދު ކުރައްވަމުން ގެންދެވީ، ވަކި ވެރިކަމަކަށް. ކޮންމެ ޕާޓީއެއް ވަކިން އަންނަން. ޤާސިމް އިބްރާހީމުގެ ޕްލެޖުތަކުގެ ތެރޭގައި، ނޫނީވިއްޔާ މެނިފެސްޓޯގެ ވަޢުދުތަކުގެ ތެރޭގައި، އެންމެ ވަރުގަދައަށް އޮތީ، އޭނާއަށް އެންމެ ދަތިވާ ކަންތައް. އެއީ، ރައީސްކަމަށް ކުރިމަތިލުމަށް ފަސްދޮޅަސް ފަސް އަހަރު، ޢުމުރު އޮތީމާ ޤާސިމަށް ދަތިފުޅުވޭ. އެހެންވީމާ، އޭނާ ޕާޓީން އެންމެ އިސްކަމެއް މެނިފެސްޓޯގައި ދެއްވާފައި އޮތީ، މި ޤާނޫނު އުވާލަން. އެކަމަކު މިއަށް އެމް.ޑީ.ޕީ. އެއްބަސްވާނެތޯ؟ އެއްބަހެއްނުވާނެ. ނުވެސްވި. އަދި އެމީހުންގެ ގުޅިފައި އޮތް މެނިފެސްޓޯގައި ލިޔަންވެސް ދެކޮޅުހެދި.

 

އެހެންވީމާ، މިބޭފުޅުން ވިސްނަވައިގެން ތިއްބެވީ، ހުރިހާ ކަމެއް ގޮސް ނިމިގެން، އެބޭފުޅުން އުއްމީދު ކުރެއްވި ގޮތަށް، ހުރިހާ އެންމެން ގުޅިގެން އުފެއްދި ޤަރާރަކީ، ފެބުރުވަރީ އެކެއްގައި ނުތް އަމުރު. އެ އަމުރުން އެބޭފުޅުން އުއްމީދު ކުރައްވައިގެން ތިބީ މިތަން ހަލަބޮލިވެގެންދާނޭ. ވެރިކަން ބަދަލުވެގެންދާނޭ. ރައްޔިތުން އެބަޔަކު އުޅޭނެގޮތަކަށް ލީޑަރުން ނެތިގެންއުޅޭނޭ. ހަމަ އެކި މީހުން އަނގަމައްޗަށް ޖަހައިގެން، އެކި މީހުންނާ ދިމާއަށް ދުވާނޭ. އެހިސާބުން ޤާސިމް، ޤާސިމުގެ ގޮތް. ރައީސް ނަޝީދު، ރައީސް ނަޝީދުގެ ގޮތް. އެއީ، ގިނަ ބަޔަކު ގަބޫލުކުރޭ، ރައީސް މައުމޫނާއި، ޤާސިމާއި، ޢަދާލަތާއި، އެމް.ޑީ.ޕީ.ގެ ކޮޅަށް ނާރައިފި ކަމަށްވަންޏާ، ރައްޔިތުންގެ އާންމު ވިސްނުމުގައި، ރައީސް ނަޝީދަށް، ނޫނީ އެމް.ޑީ.ޕީ. އަށް ތާއީދު ނެތްކަން އެންމެންވެސް ގަބޫލުކުރޭ. ކިރިޔާވެސް އެބޭފުޅުން ކުރައްވާފައި ހުރި ކަމަކަށް ސާފުކަމެއް ގެނެސްދެވޭކަމަށް އެބޭފުޅުން ދެކެވަޑައިގަތީ، ދެން ރައްޔިތުންނަށް ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް މައުމޫނާއި، ޢަދާލަތު ޕާޓީގެ ބޭފުޅުންނާއި، ޤާސިމް އިބްރާހީމާ މީގެތެރެއަށް ލައްވަން. އެ ލެއްވީމާ މި ކޮކްޓޭލް، ކޮކްޓޭލަކަށް ވެގެންމިއުޅެނީ. އެކަމަކު ފެބުރުވަރީ އެކެއްގެ އަމުރަކީ، އެބޭފުޅުން ވިސްނާވަޑައިގެންނެވި ގޮތުގައި މި ހުރިހާ ކަމެއް ނިމިގެން، ކޮންމެ މީހަކުވެސް، އެ މީހަކު ދުވަން ބޭނުންވާ ދުރުމިނަކަށް" އެމީހެއްގެ އަމިއްލަ ޚިޔާލުތަކެއް ހިފައިގެން ދުވަން އޮތް ވަގުތު ހޯއްދެވީ.

 

އެހެންވީމާ، ސަރުކާރާއި ރައްޔިތުންގެ ސިޔާސީ ކަންތައްތައް ދާނީ، ގަޑުބަޑުވެގެން. އެ ގަޑުބަޑުގެ ތެރެއިން ކޮންމެވެސްގޮތަކަށް ފެނިގެން އަންނާނެ. އެ ގަޑުބަޑު އެގޮތަށްވިނަމަ، އަޅުގަނޑު ދަންނަވާނީ، އެބޭފުޅުންގެ ތެރޭގައި އެއްބަހެއްނުވާނެ، އެމް.ޑީ.ޕީ. ލީޑުކުރާކަށް. އެބޭފުޅުންގެ ތެރޭގައި އެއްގޮތަކަށްވެސް އެއްބަހެއްނުވާނެ، އެމް.ޑީ.ޕީ. ލީޑުކުރާކަށް. އެއީ، ޤާސިމުގެ މެނިފެސްޓޯގައި ފަސްދޮޅަސް ފަސްއަހަރު އުމުރުއޮތް މައްސަލަ އުވާލަން ހުށަހެޅުއްވި ކަމަކީ.

 

އެހެންވީމާ، މިއީ ސިޔާސީ ލީޑަރުން ރައްޔިތުންނަށް ކުރިމަތިކުރުވި ދަތި ކަންތައްތައް. އެކަމަކު ﷲ ގެ ތަޤްދީރުގައި ކަންކަން ހުރިގޮތް، އެއަށްވުރެ މާ މަތިވެރި. ﷲ، އަޅުގަނޑުމެންނަކީ އިސްލާމީ އުންމަތަކަށްވާތީ، އެކަހަލަ ދެރަގޮތެއް އަޅުގަނޑުމެންނަށް މިންވަރު ނުކުރެއްވީ. ކުރިއަށް އޮތްތާނގައިވެސް، ﷲ އެކަހަލަ ދެރަގޮތެއް އަޅުގަނޑުމެންގެ ދިވެހި އުންމަތަށް މެދުވެރިނުކުރައްވާށި!

 

އަޅުގަނޑުމެންގެ އިޚުލާޞްތެރި މަސައްކަތްކުރުންމަތީ ދެމިތިބެންވީ، މި ދެންނެވި ސަބަބަށްޓަކައި. އިޚުލާޞްތެރިކަމާއެކީ ވޯޓަކީ އަމާނާތެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، މި ސަބަބަށްޓަކައި. ﷲ އަޅުގަނޑުމެންނަށް ހިނގަންވީ މަގު ދައްކަވާފައި އެބައޮތް. އަޅުގަނޑުމެންނަށް އެންމެބޮޑު ވާޖިބުކަމެއް މި އަންނަނީ، މި ތަނުގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދިނުން. އެ މަގުގައި އަޅުގަނޑުމެން ތިބޭކަމަށްވަންޏާ، އިދިކޮޅު މީހުންގެ ތެރެއިން މި ދައްކާ ވާހަކައާ ދޭތެރޭގައި، ހަމަ ކޮންމެ ފަރުދަކު، ފަރުދީ ޒިންމާއިން ވިސްނާލަންޖެހޭ. އޭނާ ހިމެނޭ މުޖުތަމަޢު، މުޅި މުޖުތަމަޢު މިނެކިރާލަން އެބަޖެހޭ، މި ދައްކަނީ ކިހާވަރެއްގެ ވާހަކައެއްތޯ. އަޅުގަނޑުމެން ކުރާ ކޮންމެކަމެއް ނިމިގެންދާނީ، ﷲ އެކަން ނިންމަވަން، ﷲ ގެ ތަޤްދީރުގައި އެކަން އޮތް ގޮތަކަށް.

 

އެހެންވީމާ، އަޅުގަނޑުމެން ވޯޓުވެސް އަޅުގަނޑުމެންގެ ތެރޭގައި ތަފާތުގޮތަކަށް ލާން އަޅުގަނޑުމެން ވިސްނާނެކަމެއްނެތް. އޮޅުވާލަން ވިސްނާނެކަމެއްނެތް. ވޯޓަކީ، ވޯޓުލީމާ ނުކުންނަ ނަތީޖާ އަޅުގަނޑުމެންނާ އެނބުރި ބައްދަލުކުރަން އަންނާނެ. އެދުވަހު ނުކޮށްފި ކަމަށްވަންޏާ، ތިން އަހަރު ފަހުން އަންނާނެ. ތިން އަހަރު ފަހުން ބައްދަލުކުރާއިރު، އަޅުގަނޑުމެން އިންތިޚާބު ކުރާ މީހާ ގެޔަށްވެސްދާތަން އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި.

 

އެހެންވީމާ، ވޯޓުލުމަކީ އަމާނާތެއް، އިޚުލާޞްތެރިކަމެއް. އަޅުގަނޑުމެންގެ އިޚުލާޞްތެރިކަން އޮންނަންވީ، 23 ގައި މި ނަގާ ވޯޓަކީ، ﷲ ގެ މަގުގައި އަޅުގަނޑުމެން ދޭ ވޯޓެއް ކަމަށް. ޤައުމިއްޔަތު ޙިމާޔަތް ކުރުމަށް އަޅުގަނޑުމެން ދޭ ވޯޓެއް ކަމަށް. ދިވެހި އުސޫލުތަކާއި، އިސް ރަށްވެހިންނާއި އަދި މުޅި ރާއްޖެއިން އަނިޔާވެރިކަން ފިލުވައިލުމަށް އަޅުގަނޑުމެން ދޭ ވޯޓަކަށް އަޅުގަނޑުމެން ހަދަން އެބަޖެހޭ.

 

ހުޅުދުއްފާރުގައިވެސް އަޅުގަނޑު ދަންނަވާނީ މި ވާހަކަ. ރ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އަޅުގަނޑު ދަންނަވާނީ އަދި މުޅި ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ދަންނަވާނީ މި ވާހަކަ. ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ! 2013 ގެ ކުރިން ހިނގައިދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ހަމައެކަނި އަޅުގަނޑުމެންނަށް ފަނަރަ އަހަރު، ވިހި އަހަރުގެ ތަރައްޤީއެއްނޫން މަޙުރޫމްވެގެން ދިޔައީ. އަޅުގަނޑުމެން ގަބޫލުކޮށް ތިބި ހުރިހާ ސިފަތައް އޮޔާދިޔައީ. އަޅުގަނޑުމެން ގަބޫލުކޮށްފައި ހުރި ހުރިހާ ކަންތައްތަކަށް ގޮންޖެހީ. އެހެންވެގެން އަޅުގަނޑުމެންނަށް ބަނަ ދުވަސްތަކެއް ﷲ މެދުވެރިކުރެއްވީ. އެ ފިލާވަޅު އަޅުގަނޑުމެން ނެގީމު. އެ ފިލާވަޅު އިއާދަނުކުރައްވާ.

 

އަޅުގަނޑުމެންނަކީ، އަބަދުވެސް ހިސާބު ބެލެވޭ، ނޫނީވިއްޔާ އަޅުގަނޑުމެން ކުރާ ކަންތައްތައް ބެލެވޭ ބައެއްކަން އަޅުގަނޑުމެން ގަބޫލުކުރަންވާނެ. މި ވޯޓަކީ އިޚުލާޞްތެރިކަމާއެކީ ދެއްވާ ވޯޓަކަށް ހުރިހާ ބޭފުޅުންވެސް ހައްދަވައިދެއްވާ.

 

  والسّــلام عليــكم ورحـمــة اللّـه وبـركاتـه.