ރާއްޖޭގެ އަންހެނުންނަށް ހުރިހާ ދާއިރާއެއްގައިވެސް ކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 2009 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ޣިޔާޘުއްދީން ސްކޫލްގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރާއްޖޭގެ އަންހެނުންގެ ދައުރަކީ، މާޖެހުމާއި، ކެއްކުމާއި، ޖަރީކުރުމާއި، ފެހުން އެކަނި ނޫން ކަމަށާއި، ތަފާތު ދާއިރާތަކުގައި އަންހެނުން ޚިދްމަތް ކުރުމަކީ، އަންހެނުންގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ވަކި ދިމާއަކަށް އަންހެނުން މިޞްރާބު ކުރުވުމަކީ، އަންހެނުން ކުރިއެރުވުމުގައި ޢަމަލު ކުރެވެން އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި، ހުރިހާ ދާއިރާއެއްގައިވެސް ކަންކަން ކުރުމުގެ މަގު އަންހެނުންނަށް އަޅުގަނޑުމެން ފަހިކޮށްދޭންޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

ދަރިން ބެލުމުގެ ނަމުގައި އަންހެން މީހާ ގޭގައި ބައިންދާފައި، އެކަމަށް އޭނާ ގޭގައި އިންނަ ޙުއްޖަތް ދެއްކުން އެއީކީ މިއަދު އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށާއި، ދަރިން ބެލުމުގެ ނަމުގައި ފިރިހެން ބޭފުޅުންވެސް ގޭގައި ތިއްބެވުން އެއީ ގޯހެއް ނޫން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އަންހެން ބޭފުޅުން ގޭގައި ބައިތިއްބައިގެން، ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް ކުރެވޭނެ ކަމަށް އަޅުގަނޑުމެން އެކަކުވެސް ދެކޭނަމަ، އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ، ނުވަތަ އަޅުގަނޑުމެން އުންމީދުކުރާ ތަރައްޤީވެފައިވާ ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ނުލިބޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނު ޢައްޔަން ކުރައްވާ ސިޔާސީ މަގާމުތަކުގައި، އެމަނިކުފާނު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ވަރަށް އަންހެން ބޭފުޅުން އަދި ނެތް ނަމަވެސް، އެކަން ކުރައްވަމުން ގެންދެވޭތޯ ބައްލަވާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަންހެނުން ނުކުމެވަޑައިގެން، ކުރީ ސަފުގައި ތިއްބަވާނަމަ، ސިޔާސީ މަގާމުތަކަށް އަންހެން ބޭފުޅުން ގެނައުމަކީ، އުނދަގޫ ކަމަކަށް ނުވާނެ ކަމުގައި ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، މިއަދު ހަވީރު ބޭއްވެވި ރަސްމީ ޖަލްސާގައި، މާލެއާއި އަތޮޅުތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ވޭތުވެދިޔަ އަހަރު އެންމެ ޙަރަކާތްތެރި ކޮމިޓީތަކުގެ ގޮތުގައި ހޮވުނު ކޮމިޓީތަކަށް އެވޯޑު ދެއްވީ ރައީސް މުޙަންމަދު ނަޝީދެވެ. އަތޮޅުތަކުން އެއްވަނަ ކޮމިޓީއަކަށް ހޮވުނީ، ކޮޅުމަޑުލު ވޭމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. ދެވަނަ ހޯދީ ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. ތިންވަނަ ލިބުނީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށެވެ. މާލޭގެ އަވަށްތަކުން އެއްވަނަ ހޯދީ މައްޗަންގޮޅީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވުމަށް ހަމަޖެހިފައިވާ ސްޓޭމްޕް، މިޖަލްސާގައި ނެރުއްވައިދެއްވީވެސް ރައީސް މުޙަންމަދު ނަޝީދެވެ.

މިޖަލްސާގައި އިޤްތިޞާދީގޮތުން އަންހެނުން ކުރިއަރުވާ ފަންޑު ހުޅުއްވައިދެއްވުން އޮތެވެ. މި ފަންޑު ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ރަޝީދެވެ. މަރްޙަބާ ދެންނެވީ، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލެވެ. ދުވަހާ ގުޅުވައިގެން ތައްޔާރު ކުރެއްވި ލަވަ ނެރުއްވައިދެއްވީވެސް އެކަމަނާއެވެ.

މިޖަލްސާއަށްފަހު، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއާ ގުޅިގެން މާލޭގެ އަވަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އިންތިޒާމު ކުރައްވައިގެން ބޭއްވެވި އަންހެނުންގެ މަސައްކަތްތެރިކަން ދައްކައިދޭ ފެއަރ ހުޅުއްވައިދެއްވުން އޮތެވެ. ފެއަރ ހުޅުއްވައިދެއްވީ، ރައީސް ނަޝީދުގެ އަނބިކަނބަލުން އަލްފާޟިލާ ލައިލާ ޢަލީއެވެ.