بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެވެރި اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ، محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.

 

ނޮޅިވަރަންފަރަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކުރުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް. މިއަދުގެ މި އުނދަގޫ ގަޑީގައި، ހޫނު ގަޑީގައި އަޅުގަނޑު އައުމުންވެސް ތިޔަބޭފުޅުންގެ ޝައުޤުވެރިކަން އަޅުގަނޑުމެންނާ ދޭތެރޭގައި ހުރިކަން ކިތަންމެހާވެސް ފާޅުކަން ބޮޑުގޮތެއްގައި ދައްކަވައިފި. ބަނދަރު ނިމުމުގެ ރަސްމިއްޔާތުން ތިޔަބޭފުޅުންނަށް ލިބުނު ފަސޭހަކަން ތިޔަބޭފުޅުންގެ ތިޔަ ޝައުޤުވެރިކަމުން އަޅުގަނޑުމެންނާ ކުރެއްވި އިސްތިޤުބާލުގައި ތިޔަބޭފުޅުން ދައްކަވައިދެއްވި ކަމަށްޓަކައި، ހިތުގެ އެންމެ ފުންމިނުން، ވަރަށް އިޚުލާޞްތެރިކަމާއެކީ ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

 

އާދެ، އަޅުގަނޑުމެން މިއަދު މިކުރާ ދަތުރަކީ، ބޮޑުތިލަދުންމައްޗަށް އަޅުނޑުމެން ކުރާ ދަތުރެއް. ބޮޑުތިލަދުންމަތީގެ ނޮޅިވަރަންފަރަށް އަދި ކުޅުދުއްފުށްޓަށް އަޅުގަނޑުމެން ކުރާ ދަތުރެއް. ވަރަށް މުނާސަބު ވާހަކަތަކެއް ބޮޑުތިލަދުންމަތީގައި ހުންނަވައިގެން ޢަބްދުއްރަޙީމް، ދެންމެ އެ ދެއްކެވީ. އަދި ހަމަ އެހެންމެ އެހާ އޯގާތެރި އިޚުލާޞްތެރި ބަސްފުޅުތަކެއް ޑޮކްޓަރ މުޢިއްޒުގެ ވާހަކަފުޅުގައިވެސް، އެ ހާމަކުރައްވަމުން ގެންދެވީ. މި ދެ ބޭފުޅުންވެސް އަޅުގަނޑާ ދޭތެރޭގައި ވަރަށް އޯގާތެރި ބަސްތަކަކުން ހަދިޔާކުރައްވާފައިވާތީ، ތިޔަ ދެ ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

ނޮޅިވަރަންފަރަށް އައިސް، ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވާއިރު، އަޅުގަނޑު ހިތަށްއަރަނީ، ނޮޅިވަރަންފަރަށް އަޅުގަނޑަށް މިއާދެވުނީ، ޢީދުދުވަސް ދޫކޮށްލާފައި. ހުރިހާ ބޭފުޅުންނަށް ޢީދުގެ ތަހުނިޔާ ދަންނަވަމުން، އަޅުގަނޑު ދަންނަވާލާނީ، ތިޔަބޭފުޅުންނަށްވެސް، ޢީދުގެ އިތުރު އުފާތައް ލިބިގެން މިދަނީ، މި ރަށަށް އަންނަ ތަރައްޤީގެ ވަސީލަތްތައް ތިޔަބޭފުޅުންނާ ހަމައަށް އަންނާތީއޭ. ނޮޅިވަރަންފަރުގައި މިއަދު ނިމިގެން މިދިޔައީ، ތިޔަބޭފުޅުންނަށް، ފަސޭހަކަމާއި ކުރިއެރުން ގެނެސްދޭނެ ބަނދަރެއްގެ މަޝްރޫޢު. އަދި ހަމަ އެހެންމެ މިތަނުގައި ނަރުދަމާގެ މަޝްރޫޢު ހިނގަމުން އެދަނީ. އަދި އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ނޮޅިވަރަންފަރަށް ދެ ހާހެއްހާ އާބާދީއާ ކައިރިކުރާ، އާބާދީއަށް ބޭނުންވާ އިތުރު ކަންތައްތައް ހަމަ ދާދި ފަސޭހަ ފަށުގައި، ކައިރި އަތްފޯރާ ހިސާބުގައި ހުރިހާ ކަމެއްހުރި ވާހަކަ، ދެންމެ މިނިސްޓަރ ޠާރިޤު އަޅުގަނޑަށް ކަށަވަރު ކޮށްދެއްވި.

 

ނޮޅިވަރަންފަރުގައި ތިޔަބޭފުޅުންނަށް ދަންނަވާލަން، ތިޔަބޭފުޅުންނަށްވެސް މިކަން އެނގިވަޑައިގެންފައި އޮންނާނެ. ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ ފެނުގެ ނިޒާމުވެސް ހުރިހާ މަސައްކަތެއްނިމި، ފައިސާވެސް އެހުރީ ނިމިފައި. ޓެންޑަރ އެއްފަހަރު ކުރެވިފައި. އެހެންނަމަވެސް އެ އެވޯޑު ކުރުމުގައިހުރި މައްސަލަތަކާހެދި އެ މަޝްރޫޢު އެއޮތީ ހިފެހެއްޓިފައި. އަޅުގަނޑު ހަމަ ދަންނަވާނީ، ސެޕްޓެންބަރު 23 ގައި ވޯޓުގެ ކުރިންވެސް އިރާދަކުރެއްވިއްޔާ، މި މަޝްރޫޢު މި ރަށުގައި ފެށިގެންދާނޭ. ފެނުގެ މަޝްރޫޢު ހަމަޖެހިގެން ދިޔައިމާ، ނަރުދަމާގެ މަޝްރޫޢު މިހާރު ހިނގަމުން އެދަނީ. ފެނުގެ މަޝްރޫޢު ހަމަޖެހިގެންދިޔައިމާ، ރަށަކަށް މި ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތެއް ކަހަލަ ގޮތަކަށް ނޮޅިވަރަންފަރަށްވެސް ހަމަޖެހިގެން ދިޔައީ.

 

ދެން ހުންނާނީ މީގެ އިތުރަށް ބޭނުންވާ އިތުރުކަންކަން. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުން އެދިވަޑައިގަންނަވާކަން، މި ރަށުގެ ބޮޑެތި މަގުތައްވެސް ހަދަން. އަދި ހަމަ އެހެންމެ، އަޅުގަނޑަށް އެނގޭ އޭ.ޓީ.އެމް. މެޝިނެއްގެ ފަސޭހަކަންވެސް ތިޔަބޭފުޅުން ބޭނުންފުޅުވާނެކަން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ނޮޅިވަރަންފަރުގައިވެސް މި ވާހަކަތައް ތަކުރާރުކޮށްލާނަމޭ. އަޅުގަނޑުގެ ދަތުރުތަކުގައި، މިކުރާ ދަތުރުތަކުގައި އަޅުގަނޑު ދަންނަވައިފިން، ކުރިއަށްއޮތް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއާއި ދިވެހި ސަރުކާރާ ވާހަކަ ދައްކައިގެން އަޅުގަނޑުމެންނަށް ކަށަވަރުކަމެއްދީ މަސައްކަތްތައް ފެށިގެން އެ ދަނީ. 1500 އަށްވުރެ އާބާދީ ބޮޑު ހުރިހާ ރަށެއްގައި އޭ.ޓީ.އެމް. މެޝިން އިރާދަކުރެއްވިއްޔާ ޤާއިމުކޮށް ނިމޭނެ.

 

އިރާދަކުރެއްވިއްޔާ މި ރިޔާސީ ދައުރުގެ ކުރީކޮޅު ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުޞަތު، އަޅުގަނޑަށް ނޮޅިވަރަންފަރާއި އަދި ރާއްޖޭގެ މީހުން ދިރިއުޅުއްވާ ހުރިހާ ރަށްރަށުން އަޅުގަނޑަށް ދެއްވައިފިނަމަ، އިރާދަކުރެއްވިއްޔާ މިކަންކަން ހަމަޖެހިގެންދާނެ. ނޮޅިވަރަންފަރަށް ދަތިވެފައިހުރި ކަންތައްތަކުގެ ތެރޭގައި ހުރި ބައެއް ކަންތައްތަކަކީ، ބޮޑެތިކޮށް ހުރި ބައެއް ކަންތައްތަކަކީ، އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ފަސޭހަކަމާއެކީ ހަމަޖެހިގެންދާނެ. އެހެންނަމަވެސް، ކަންކަން ނުކުރެވި ނޫނީވިއްޔާ، ކުޑަކޮށް ލަސްވާ ސަބަބުވެސް އަޅުގަނޑު ދަންނަވާލާނަން. ކުޑަކޮށް ލަސްވާ ސަބަބުތަކުގެ ތެރޭގައި ނޮޅިވަރަންފަރަކީ، 187 ރަށް. މީހުން އުޅޭ ރަށުގެ ތެރެއިން، އެއް ރަށް. ވަރަށްގިނަ ރަށްރަށުގައި ވަރަށްބޮޑެތި މަޝްރޫޢުތައް އެދަނީ. އަދި ވަރަށް ގިނަ މަޝްރޫޢުތައް ހިނގަމުންދާއިރު، ރަށްރަށުގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށްޓަކައި، ދައުލަތުގެ އެކި ބޭނުންތަކަށް ރައްޔިތުންގެ ބޭނުންތަކަށް ބިން ދޫކުރަނީ ހަމަ ރަށްރަށުގެ ކައުންސިލުން.

 

ބައެއް ރަށްރަށުގެ ޒުވާނުން ޝަކުވާކުރަމުންދޭ، ފުޓްސަލްދަނޑު އަޅަން ބޭނުންވާ ސްޕީޑުގައި ނުދާތީ. އެކަމަކު މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ޙަޤީޤަތުގައި މިހިނގާ ކަންކަމާ ދޭތެރޭގައި ރައްޔިތުންގެ ހަމަ ކޮންމެ ބޭފުޅަކު، ފަރުދީ ހައިސިއްޔަތުން އަދި ރަށްރަށުގެ ރަށުގެ އިޖުތިމާޢީ ފެންވަރުންވެސް ވިސްނާވަޑައިގަންނަވާށޭ މިކަންކަމާ ދޭތެރޭގައި. ފުޓްސަލްދަނޑުތައް އެޅުމަށް އެންމެ ބޮޑަށް ދިމާވި ދަތިތަކަކީ، އަޅުގަނޑުމެންގެ ފިކުރުނޫން އެހެން ފިކުރުގައި އަޣުލަބިއްޔަތު އޮންނަ ކައުންސިލްތަކުން ޙަޤީޤަތުގައިވެސް މިކަހަލަ ރަނގަޅު ބޭނުންތައް ބިން ދޫކުރުމުގައި ލަސްކުރަމުންގެންދާތީ. މިއަދުގެ ޙާލަތަކީވެސް އެއީ. ހަމަ ވަރަށް ވަރުގަދައަށް މަސައްކަތްކޮށްގެން، އެލް.ޖީ.އޭ. މެދުވެރިކޮށް، ހޯމް މިނިސްޓްރީ މެދުވެރިކޮށްގެން، އެކަހަލަ ބައެއް ދިމަދިމާއިން ފުޓްސަލްދަނޑު އަޅަން ބިން ލިބިގެން މިދަނީ.

 

މިއަދު ނޮޅިވަރަށްފަރުގައިވެސް އަޅުގަނޑު ދަންނަވާލާނީ، މިއީ، ނޮޅިވަރަންފަރަށް ދަންނަވާ ވާހަކައެއްނޫން. އެކަމަކު ނޮޅިވަރަންފަރުގައިވެސް ތިބީ ހަމަ ދިވެހި ރައްޔިތުން ކަމަށްވާތީ، ތިޔަބޭފުޅުންގެ ރަޙުމަތްތެރިން އެތިބީ، ރާއްޖޭގެ އެކި ހިސާބުގައި. މާލޭގައި، އައްޑުއަތޮޅުގައި. ދެން މިހެންގޮސް ހުރިހާ ދިމާއެއްގައި.

 

އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް އެބަގެންނަންޖެހޭ، ސިޔާސީގޮތުން ފިކުރު ތަފާތުވިނަމަވެސް، ރައްޔިތުންގެ ބޭނުންތެރިކަމަށް، ރައްޔިތުންނަށް ބޭނުންވާ ކުރިއެރުން ގެނެސްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ސިޔާސީ ފިކުރު އެބަޖެހޭ ދުރަށްލާން. ސިޔާސީ ފިކުރު އެއްފަރާތުގައި ބާއްވާފައި، މިކަންކަން ކޮށްދިނިއްޔާ ނޫނީ މިކަންކަމެއްނުވޭ. ދެން މިޖެހެނީ، ސަރުކާރުން ނުކުމެ މިކަހަލަ ކަންތައްތައް ނުވީމާ، ކޮންމެވެސް ކަހަލަ ވަރުގަދަ ޤާނޫނީ ފިޔަވަޅެއްގެ ތެރެއިން އަޅުގަނޑުމެން މިކަންކަން ކުރަން. އަޅުގަނޑުވެސް ބޭނުންވޭ ރާއްޖޭގައި ޚިދުމަތްކުރާ ހުރިހާ ކައުންސިލްތަކަކީ، ކައުންސިލްތަކުގެ އެންމެ ފުންމިނުގައި، އެންމެ ފުޅާމިނުގައި އިޚުލާޞްތެރިކަމާއެކީ ޚިދުމަތްކުރާ ތަންތަނަށް ވެގެންދިޔުން. އެކަމަކު މިއަދުވެސް މި ދެންނެވި ގޮތަށް ފުޓްސަލްދަނޑުތަކުގެ ދަތުރު އަޅުގަނޑު މި ދަންނަވާލީ. ހަމަ އެގޮތަށް ސިޓީތަކުގެ މިހުންނަ ކައުންސިލްތަކުގެ ޙާލަތު ހުރިގޮތް، މީގެ ކުރީގެ ޖަލްސާއެއްގައި ޑޮކްޓަރ މުޢިއްޒުވެސް ވިދާޅުވެދެއްވައިފި. މާލޭސިޓީ ކައުންސިލުގައި މާލޭގައި ދިރިއުޅެމުންގެންދާ ރައްޔިތުންނަށް ބައެއްކަހަލަ ދިމާވެފައިހުރި ބޮޑެތި މައްސަލަތަކުގައި، އާދެ، މުނިސިޕަލް މައްސަލަތަކުގައި ކަންކަން ހިނގާފައިހުރިގޮތް އެ ވިދާޅުވީ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ. ކައުންސިލްތަކުން އެ ބާރު ނަގާފައި، ސަރުކާރުން އެކަންކަން އަމިއްލައަށް ކުރަމުން ގެންދިޔުން. އެކަންކުރަންޖެހޭ ސަބަބަކީ، ރައްޔިތުންނަކަށް އެހާ ބޮޑަކަށް ބަލާކަށް ބޭނުމެއްނުވާނެ، އޮޅުންފިލާކަށްވެސް ބޭނުމެއްނުވާނެ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ލިބެނީ، ނުވަތަ ނުލިބެނީ، ކައުންސިލެއް މެދުވެރިވެގެންކުރާ ދަތިންތޯ، ނޫނީ ކައުންސިލުން ފަސޭހަކޮށްދީގެންތޯ. މި ރަށްރަށަށްވެސް ބޭނުންވާނީ، މި ރަށްރަށަށް ބޭނުންވާ ކަންކަން. އަދި މާލޭސިޓީ ކައުންސިލުގައިވެސް، މާލޭގައި ދިރިއުޅޭ ރައްޔިތުން މާލޭ މީހުންނާއި، ރަށްރަށުން މާލެއަށް ހިޖުރަކުރައްވާ ދިރިއުޅުއްވާ ހުރިހާ ރައްޔިތުންވެސް ބޭނުންވާނީ، އެ މީހުންނަށް ލިބެންވާ އަސާސީ ޚިދުމަތްތައް އެންމެ ފަސޭހަކަމާއެކީ، ލިބިގެންދިޔުން. މާލޭގައިވެސް ދިރިއުޅެމުންގެންދާ ރައްޔިތުން، ސަރުކާރުން ހަދާފައި ހުންނަ ފުލެޓްތަކުގައި ފުލެޓުތައް ކުއްޔަށްދީގެން އެ މީހުން އެތަންތަނުގައި ދިރިއުޅެމުންދާއިރު، އެތައް މަހެއްވަންދެން ފްލެޓްތަކުގެ ކުލި ނުނަގައި ތިބެފައި، އިންތިޚާބަށް މަހެއް ދެ މަހަކަށް ވީމައެއްނޫން އެއްފަހަރާ ކުލި ދައްކަން އަންގަންވާނީ. އަދި ކުލި ނުދައްކައިފި ކަމަށްވަންޏާ، ޖޫރިމަނާއާއެކީ، ފައިސާނަގާ ވާހަކަ ދައްކަންވާނީ. އެއީކީނޫން ރައްޔިތުންނާ ދޭތެރޭ ކަންކަން ކުރަންޖެހޭ ގޮތަކީ. ރައްޔިތުންނާ ދޭތެރޭގައި ކަންކަންކުރާއިރު، ރައްޔިތުންނަށް މިކަންކަން ކުރުމުގެ ފުރުޞަތު އެބަ ލިބެންޖެހޭ. މާލޭސިޓީގައި ނޫނީ މާލޭ ކައުންސިލުން މިކަންކަން ކުރައްވާފައި އޮތްގޮތުންވެސް، އެ ކައުންސިލުގައި ތިއްބެވީ، ކޮން ޕާޓީއަކަށް ނިސްބަތްވާ ބައެއްތޯ، އަދި އެ ބޭފުޅުން ރައްޔިތުންނާ ދޭތޭރޭގައި ކަންކަން ކުރައްވާގޮތް އެއޮތީ، ހާމަކަން ބޮޑުގޮތުގައި ފެންނަން. އެހެންވީމާ، އެގޮތަށް ކަންތައްކުރާކަށް މި ސަރުކާރަކުން ޖާގައެއްނުދޭނެ. އެހެންވީމާ، އެންމެފަހުން ކައުންސިލުން އެ ބާރުތައް ވަކިކޮށްފައި، ސީދާ ސަރުކާރުން އެ ޚިދުމަތްތައް ދޭންފެށީ. ރަށްރަށަށް ބޭނުންވާ ކަންތައްތައް ކުރުމުގައި، ދަތިތައް ދިމާވާ ވާހަކަ އަޅުގަނޑު މި ދަންނަވާލީ.

 

އެހެންވީމާ، ކޮންމެ ރަށެއްގައިވެސް، ސިޔާސީ ނިންމުމަކާ ހަމައަށް އަންނައިރު، އަޅުގަނޑުމެން ޚިޔާލަށް ގެންނަންވާނީ، ކައުންސިލުތައް އޮވެގެން އިދިކޮޅު ފިކުރަކާއެކީ، ކައުންސިލްތައް ހިނގަމުންދިޔައިމާ، ރަށްރަށަށް ތަރައްޤީ ގެނައުމުގައި ކިހާވަރަކަށްތޯ، ކަންކަން ލަސްވެފައިހުރީ. އެކަންކަން އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ. ދާދީ ކައިރީގައި މިއޮތީ ކުޅުދުއްފުށި. ކުޅުދުއްފުށީގެ ރައްޔިތުން ކައިރީގައިވެސް އަޅުގަނޑު މިރޭ ދައްކަންހުރި ވާހަކައިން ބައެއް ވާހަކަ މި ދަންނަވައިލެވުނީ.

 

އަޅުގަނޑު ނޮޅިވަރަންފަރުގައި ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ނޮޅިވަރަންފަރަށް އައިސް، ނޮޅިވަރަންފަރަށް ބޭނުންވެފައިހުރި ކަންކަން ފުދިގެންދާ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ޚިޔާލަށް ގެންނަންވާނެ، ދެ ހާހެއްހާ އާބާދީ އުޅޭ ރަށެއް މި ރަށަކީ. އެހެންނަމަވެސް، ސަރުކާރުތަކުގެ ވިސްނުމުގައި، ސަރުކާރުތަކުން ކަންތައް ކޮށްދޭން ރާވާ ތާވަލުގައި ނޮޅިވަރަންފަރަކީ، ދެ ހާހެއްހާ އާބާދީ އުޅޭ ރަށަކަށް ވެގެންދާއިރު، މީގެ ކުރީގައި ހަމަގައިމުވެސް، ނޮޅިވަރަންފަރަކީ އެހާބޮޑަށް އަޅައިލެވުނު ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައެއް ނެތް. ފާހަގަކުރެވިފައި ނެތީމާ، މި ސަރުކާރު އައިސް، މި ސަރުކާރުގެ ހަތަރު ފަސް އަހަރު ދުވަހުގެ ތެރޭގައި މި ހުރިހާ ކަމެއް ނޮޅިވަރަންފަރަށް ފުރިހަމަވެގެން މިދަނީ. އަޅުގަނޑު ތަފާސް ހިސާބުން މި އަދަދު ދަންނަވާލާނަން.

 

ނޮޅިވަރަންފަރަށް 2013، އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމުގެ ކުރިން ހިނގައިދިޔަ ފަސް އަހަރުގެ ތެރޭގައި މުޅި ޖުމުލަ ނޮޅިވަރަންފަރަށް ހޭދަވެފައި ހުރީ 31 މިލިއަން. މުޅި ޖުމުލަ ނޮޅިވަރަންފަރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަވެފައިއޮތީ، 31 މިލިއަން ރުފިޔާ. މިއީ، ރަށްރަށުގެ ތަރައްޤީއަށް އޭގެ ކުރީގެ ސަރުކާރުތަކުން ފާސްކުރާ ބަޖެޓުތަކަށް ބަލާކަމަށްވަންޏާ، ފަހަރުގައި ވެދާނެކަންނޭނގެ އެކަށީގެންވާ އަދަދެއްކަމަށް. އެކަމަކު، ބަޖެޓަށް ފައިސާ ހޯދުމާއި، އިތުރު އާމްދަނީ، ލިބޭނެގޮތް ހޯދައިގެން ރައްޔިތުންނަށް ޚިދުމަތް ފޯރިކޮށްދިނުމަކީ، އަޅުގަނޑުމެން ސަރުކާރުން ކުރަމުންގެންދާ ކަންތައްތައް. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުން ފައިސާ ހޯދައިގެން ކުރަމުންދާ ކަންތައްތަކަށް ބަލާއިރު، 31 މިލިއަނަކީ، ނިސްބަތުން، އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް ކުޑަކުޑަ އެއްޗެކޭ. މިއަދު ނޮޅިވަރަންފަރުގައި މިހިނގާ މަޝްރޫޢުތަކަށް މިއަދުން މިއަދަށް ހިސާބުކޮށްލިކަމުގައި ވީނަމަވެސް، ނޮޅިވަރަންފަރަށް މި ސަރުކާރުން، 186 މިލިއަން ރުފިޔާގެ މަޝްރޫޢު މިހާރު މި ހިންގައި ނިމުނީ.

 

އަދި ފެނުގެ މަޝްރޫޢު ނިމިގެންދާއިރު، އެއީ ސާޅީސް އެތައް މިލިއަނުގެ މަޝްރޫޢެއް. ފެނުގެ މަޝްރޫޢު ނިމިގެންދާއިރު، ނޮޅިވަރަންފަރަށް އެކަނި 230 މިލިއަން، މި ސަރުކާރުގެ މި ފަސް އަހަރުގެ ތެރޭގައި ހޭދަވާނެ. އެހެންވީމާ، މީގެ ކުރީގައި 31 މިލިއަން ނޮޅިވަރަންފަރަށް ހޭދަވެފައި އޮތްއިރު، އަޅުގަނޑުމެންގެ ސަރުކާރުގެ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ނޮޅިވަރަންފަރަށް ދެ ހާސް އާބާދީ ހަމަނުވާ ރަށަކަށް އަޅުގަނޑު މި ދަންނަވަނީ، 230 މިލިއަން ހަމަޖެހިއްޖެއޭ. ހަމަވެފައޭ އެއޮތީ. މިކަހަލަ ވާހަކަތައް، މިކަހަލަ ވާހަކަތައް މި ބޯޑުން ފެންނަން މިއޮތް ރަށްވެހި ތަރައްޤީ ފޮތުގައި އަޅުގަނޑުމެން ލިޔާތީ، މިއަދު އަޅުގަނޑުމެން ހިތާމައާއެކީ، ދަންނަވާލަން ޖެހެނީ، މިއަދު މި ފޮތް އަޅުގަނޑުމެން އަޕްލޯޑުކޮށްގެން މިއުޅޭ ސައިޓުގެ ތެރޭގައިވެސް، މައްސަލަތަކެއް އެބައުޅޭ. މިހާރު މިވަނީ، ކޮންމެވެސް ބަޔަކު މި ސައިޓުތަކަށްވަދެ، މި ސިސްޓަމް ޝަޓްޑައުން ކޮށްފައި. އަޅުގަނޑުމެން މި މަސައްކަތްކުރަނީ، މި އަޕްލޯޑުކޮށްގެން ރައްޔިތުންނަށް މީގެ ޙަޤީޤަތް ކިޔައިދޭން.

 

އެހެންވީމާ، މިއީ، އަޅުގަނޑުމެންނާ އިދިކޮޅަށް މަސައްކަތްކުރައްވާ ބޭފުޅުންގެ ވިސްނުމާއި، އެބޭފުޅުން ކަންތައްތައް ކުރައްވާނެގޮތް. އޭގެ ވަރަށް ގިނަ ތަފުޞީލު ދެންމެ، އަޅުގަނޑުމެން ޕާޓީގެ ނައިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިތާ ހުންނަވައިގެން އެ ދެއްކެވީ. އަޅުގަނޑުމެން ތަފާސް ހިސާބު ފޮތެއްގައި، ނޮޅިވަރަންފަރަށް ކުރެވުނު މަސައްކަތް ނޮޅިވަރަންފަރަށް މިހާ މަޝްރޫޢު ހިންގިއްޖެއޭ. އަދި ބަނދަރުގެ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، ރާއްޖޭގެ އެކި ހިސާބަށް ދެންމެ އަޅުގަނޑުމެން ހާމަވެގެންދިޔައީ. ބަނދަރު ހަދައިދިނުމުގެ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، މި ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ހަތްދިހަ އެތައް ބަނދަރު ހަދައި ނިމުނީ. ހަތްދިހަ އެތައް ރަށެއްގެ ބަނދަރު ހަދައި ނިމުނީ. އަދި ބަނދަރު ފުންކުރުން މީގެތެރޭގައި ހިމަނާކަމަށްވަންޏާ، 108 ރަށުގެ ބަނދަރު ފުންކުރުމާއި ބަނދަރު ހަދައި ނިމުނީ. އަޅުގަނޑުމެން ކުރީގައި ތިއްބެވި، އެމް.ޑީ.ޕީ. ސަރުކާރުން 25 އަކަށް ރަށުގެ ބަނދަރު ހެދުނު ވާހަކަ އަޅުގަނޑުމެން ދެންމެ އިޢުލާނު ކުރަމުންދިޔައީ. މި ފޮތުގައި އެ ވާހަކަ އޮންނާނެ. އެހެންވީމާ، އެ ތަފާސް ހިސާބު ބަލާކަށް ބޭނުމެއްނުވާނެ. ދޮގެއްތޯ؟ އެ ތަފާސް ހިސާބު ބަލާކަށް ބޭނުމެއްނުވާނެ.

 

ނޮޅިވަރަންފަރަށް އަޅުގަނޑު މިކުރާ ޒިޔާރަތުގައި، ނޮޅިވަރަންފަރުގައި 31 މިލިއަނޭ މީގެކުރިން ހޭދަވެފައިއޮތީ، އެކަމަކު މިއަދުގެ ސަރުކާރުން ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 230 މިލިއަން މި އަދަދު ޖަހާފައި އޮންނަތަން އިދިކޮޅު ފަރާތްތަކުން ބަލާކަށް ބޭނުމެއްނުވާނެ. ވާހަކަ އޮޅުވައިލެވިދާނެ. ވާހަކަ ދެއްކިދާނެ. އެކަމަކު ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ނުކުމެހުރި ކެންޑިޑޭޓް ތިޔަބޭފުޅުންގެ ކުރިމަތީގައި މިހުރީ ފެންނަން. އަޅުގަނޑު މިހުރީ ފެންނަން. އަޅުގަނޑު ދައްކާ ވާހަކަ ތަފާސް ހިސާބު ފޮތްތަކުގައި އެހުރީ ފެންނަން. އަޅުގަނޑު ހިންގާ މަޝްރޫޢުތައް، ރަށްރަށަށް ވަޑައިގެން ކޮންމެ ރަށަކުން ބައްލަވައިލެއްވިޔަސް، ފެނިވަޑައިގަންނަވާނެ. އިދިކޮޅު ކެންޑިޑޭޓުން މި ރަށަށް އަރާވަޑައިގަންނަވަން މި ބަނދަރު ބޭނުންކުރައްވަންޏާ އެނގިވަޑައިގަންނަވާނެ، ރައީސް ޔާމީން މިތަނަށް ކަމެއްކޮށްދީފިކަން. މިތަނުން ފެންފޮދެއް ބޯން ބޭނުންވެއްޖިއްޔާ އެނގިވަޑައިގަންނަވާނެ، ރައީސް ޔާމީން މިތާ ފެނުގެ ނިޒާމު، އެބަ ގޭގެއަށް ގޭގެ ޓެޕް ދޫކޮށްލީމާ ފެންލިބޭނެ ނިޒާމު، އެބަ ހަމަޖައްސައިދޭކަން. މިތަނުގައި ފާޚާނާ ކުރައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ، އާނ! ނަޖިސް ބޭރުވެގެންދަނީ، މިތާ ރައީސް ޔާމީން އަޅައިދިން ނަރުދަމާ ނިޒާމުން. މިހުރީ ޙަޤީޤަތް. އެހެންވީމާ، ވާހަކަ އޮޅުވައިލައިގެން ދެއްކުމަކުންނެއް މި ޙަޤީޤަތެއް ބަދަލެއްނުވާނެ. ވާހަކަ އޮޅުވައިލުމާއި، ވެފައިހުންނަ ކަންތައްތައް އަންދައި އަޅިޔަށް ހަދާލުމާ، މިކަންކަންކުރާ ބަޔަކު އަބައުޅޭ. އެ ވާހަކަތައް ދެންމެ ޢަބްދުއްރަޙީމުގެ ވާހަކަފުޅުގައި އެ ދެއްކެވީ. 2005 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެންނާ ބައްދަލުކުރީ ކޮންކޮން ކަންތައްތަކެއްތޯ؟ އޭރު އަނދިރިވެފައި ހުރި ބައެއް ރަށްރަށް، ކަރަންޓު ނެތިގެން އަނދިރިވެފައި ހުރި ރަށްރަށް އަޅުގަނޑުމެންނަށް ދިއްލިފައި ފެންނާނީ، ސަރުކާރުގެ އެތާހުރި ދައުލަތުގެ ހުރި މުއައްސަސާތައް އަންދާލީމާ، އެ އުފެދުނު އަލިފާންގަނޑުން އަލިކަން އަންނާނީ.

 

އެކަމަކު މިއަދު، އަޅުގަނޑުމެންނަށް އުފަލާއެކީ ދަންނަވަންޖެހެނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި، ސައުވީސް ގަޑިއިރު ކަރަންޓޭ. މިއަދު ތަންތަން އަންދައިގެން، ތަންތަން އަލިކުރަން މަސައްކަތްކުރާނެ ކަމެއްނެތް. މިއަދުގެ އަލިކަން ފެނަކަ ކުންފުނިންނާއި، ސްޓެލްކޯއިން އެ ފޯރުކޮށްދެމެން ގެންދަނީ. ނޮޅިވަރަންފަރުގައި އައިސް، މިވާހަކަ ދައްކާއިރު އަޅުގަނޑު ބޭނުންވޭ، އަޅުގަނޑާއެކީ ވާދަކުރައްވާ ސިޔާސީ ބޭފުޅުންނަށް ވާހަކައެއް ދަންނަވާލަން. ރައީސް ޔާމީން ދައްކާ ވާހަކައާއި، ރައީސް ޔާމީން ގެންނަ ތަރައްޤީގެ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް އެހުރީ ފެންނަން. އަޅުގަނޑު ދައްކާ ވާހަކައަކީ، އަޅުގަނޑާ އިސްކޮޅާ ނުގުޅޭ ވާހަކައެއްވެސް ނޫން. އަޅުގަނޑު ދައްކާ ވާހަކަ އަޅުގަނޑު މި ދައްކަނީ، ގެންނަން ބޭނުންވާ މަޝްރޫޢުތަކުގެ ވާހަކަ މިދައްކަނީ، އަޅުގަނޑު އެ މަޝްރޫޢުތަކުގައި ގެންނަން ބޭނުންވާ ވާހަކައިގެ މާޒީއެއް އޮތީމާ. ފަސް އަހަރުގެ މާޒީއެއް އޮތީމާ. މާދުރަށް ކަނޑުފަޅު ފީނާކަށް ދާކަށް ނުޖެހޭނެ. ހަމަ ފަސް އަހަރުގެ ތެރޭގައި ކުރެވިފައިހުރި ކަންކަން އެހެރީ ފެންނަން. މާލެއިން، ރަށްރަށުން، އަދި ރާއްޖޭގެ ކޮންމެ ދިމާއަކަށް ޒިޔާރަތްކުރެއްވި ނަމަވެސް، އެހެރީ ފެންނަން. އަދި އެމް.ޑީ.ޕީ.ގެ މެޖޯރިޓީ އޮންނަ ރަށްރަށަށް ވަޑައިގަންނަވަފި ކަމަށްވަންޏާ، އެތަންތަން އެހެރީ ފެންނަން. މިސާލަކަށް ބައްލަވައިލައްވާ، ވަރަށް ގިނަ އަދަދަކަށް އެމް.ޑީ.ޕީ. ބޭފުޅުން އުޅުއްވާ ރަށްރަށްވެސް، އެހެރީ އެތައްހާސް މިލިއަން ރުފިޔާގެ މަޝްރޫޢުތައް އެހުރީ ފެށިފައި. މީގެ ރަށްރަށް ރާއްޖޭގެ ހުރިހާ ދިމާއެއްގައި ހުރީ.

 

އެހެންވީމާ، ވާހަކައަކުންނެއް ނޫން، އަޅުގަނޑުމެން މިކުރާ މަސައްކަތަށް ޖަދަލު ދެއްވޭނީ. އެބޭފުޅުން ނުކުމެވަޑައިގެން، އެބޭފުޅުން ހަމަ ވިދާޅުވާންވީ، ރައީސް ޔާމީން މެނިފެސްޓޯގައި ރައީސް ޔާމީން އެ ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ކޮންމެ މަޝްރޫޢެއް ފަށާފައި، ނުނިމިހުރި މަޝްރޫޢެއް ވެއްޖިއްޔާ، ތިމަންނާމެންނަށް މަޖުބޫރޭ ނިންމަން. އެހެންވީމާ އެގޮތުން ތިމަންނާމެން ނިންމާލަދޭނަމޭ. މިހާރު އެވާހަކަފުޅު އެ ދައްކަވަނީ. އަދި މިހާރު އެބޭފުޅުންގެ ވާހަކަފުޅު ބަދަލުވެގެންދާވަރު، އަޅުގަނޑުމެންނަށް އެނގިގެން މިދަނީ. އަޅުގަނޑު ދަންނަވާލިން، ސަރުކާރުގެ ކުންފުނިތަކުގެ ހަކަތަ ހުރި ވާހަކަ. އަޅުގަނޑު ސަރުކާރުގެ ކުންފުނިތަކުގެ ހަކަތަ ހުރި ވާހަކަ ދެއްކީމާ، އަދި އެސް.ޓީ.އޯ. ކަހަލަ ކުންފުނިތަކުން، އެސް.ޓީ.އޯ.އިން ސަރުކާރަށާއި، ރައްޔިތުންނަށް ޚިދުމަތްކޮށްދޭ ވާހަކަ ދައްކާފައި، އަދި މިފަދަ ކުންފުނިތަކުގެ ހަކަތަ ހުރީމައޭ ކުންފުނިތައް ހިންގައި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް މިހާ ބާރުމިނުގައި މިގެންދަނީ. ދެން، ދައްކާއިރު އޭގެ އަނެއްކޮޅުގައި ދައްކާ ވާހަކައަކީ، އެސް.ޓީ.އޯ.ގައި، މިސާލަކަށް، އެސް.ޓީ.އޯ ބޮލުގައި ބޮޑު މަރުތޭލައިން ޖަހާވާހަކަ. އަޅުގަނޑުމެން އެކަންކަން ނުކުރެވޭނެ ވާހަކަ ދެއްކީމާ، މިހާރު މުޅި ރާގު ބަދަލުވެގެން އެދިޔައީ. މުޅި ރާގު ބަދަލުވެގެން ގޮސްފައި، މިހާރު އެ ރާގު ބަދަލުވެގެން މިދަނީ، އެސް.ޓީ.އޯ.އިން  ކުރާ މަސައްކަތަކަށް ބަދަލެއް ނުގެންނާނަމޭ. އެސް.ޓީ.އޯ.ގެ މެނޭޖްމަންޓަށް ބަދަލުގެންނަ ވާހަކަ. މިއީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް. ރައީސް ޔާމީން ލައްވާފައި ހުންނަ މީހަކު ކަމުނުދަންޏާ، އެހެން މީހަކު ބަދަލުކުރެވިދާނެ. އެކަމަކު އެތަނުގެ ނަތީޖާ އިތުރުވޭތޯ، އެސުވާލަށް ޖަވާބުދޭންވާނެ. މީގެކުރިން ދެއްކެވި ވާހަކައަކީ، އެސް.ޓީ.އޯ.ގެ ވިޔަފާރިތައް ކުޑަކުރާ ވާހަކަ. އެސް.ޓީ.އޯ.ގެ ވިޔަފާރިތައް ކުޑަކޮށްފައި، އެސް.ޓީ.އޯ. އަކީ ހަމައެކަނި އަސާސީ ވިޔަފާރި އެކަނި ކުރާތަނަކަށް ބަދަލުކުރައްވާނީ. މިއަދު، އެވާހަކަ ބަދަލުވެގެން މިއުޅެނީ. މިއަދު މުޅިން ތަފާތު ވާހަކައެއް އެ ދައްކަވަނީ.

 

އެހެންވީމާ، އަބަދުވެސް ޖެހޭނީ، އަބަދުވެސް އެބޭފުޅުން ފަށްޓަވާ ދަތުރުޖެހޭނީ، އެބޭފުޅުން ވަޑައިގަންނަވާ ބަނދަރަށް ވަޑައިގަތުމުގެ ކުރިން، ތިން ހަތަރު ދިމާއަކަށް ކައްޗަށް ދުއްވަންޖެހޭނީ. އެއީ އެބޭފުޅުންގެ ވާހަކަ ހުންނަގޮތަކީ. މިއަދު، ސަރުކާރު ކުންފުނިތަކުގައި ހަކަތަހުރިކަން މިއަދު މިތަނުން އެމް.ޓީ.ސީ.ސީ.އިން ދައްކައިދީފި. 70 އެތައް ބަނދަރެއް ހަދާވާހަކަ، ނޫނީ ހަދާ ނިމިފައިއޮތް ވާހަކަ ދައްކާއިރު، އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ. ދެންމެ އަޅުގަނޑަށް ކަށަވަރުކޮށްދެއްވި، ނޮޅިވަރަންފަރުގެ ބަނދަރާއެކީ، އެމް.ޓީ.ސީ.ސީ.އިން އެކަނި، 57 ބަނދަރު ހަދައި އެ ނިންމީ. މުޅި އެމް.ޑީ.ޕީ. ސަރުކާރުގައި، ތިން އަހަރު ދުވަހުގެ ތެރޭގައި، އަދި އޭގެފަހުން އައި ދެ އަހަރުގެ ސަރުކާރާއެކީ، މިއޮތީ ފަންސަވީހަކަށް ބަނދަރު ހެދިފައި. އަޅުގަނޑުމެން މި ދައްކަނީ އެމް.ޓީ.ސީ.ސީ.އިން އެކަނި 57 ބަނދަރު ހަދައިފިޔޭ. އެހެންވީމާ، ކޮބައިތޯ ސަރުކާރު ކުންފުނީގެ ހަކަތަ ނެތިފައި. ސަރުކާރު ކުންފުނީގެ ހަކަތަ ހުރިކަން މިއިން އެނގެނީ. އެހެންވީމާ ސަރުކާރު ކުންފުނިތައް ވަރުގަދަވީމާ، މިކަންކަން ކުރެވެނީ. ސަރުކާރު ކުންފުނިތައް ވަރުގަދަނުވީމާ ވާގޮތަކީ، އަޅުގަނޑުމެން ޓެންޑަރުކޮށްފައި މިދޫކޮށްލަނީ، އަވަށްޓެރި ކޮންމެވެސް ޤައުމެއްގެ ކުންފުންޏަކަށް މަސައްކަތްކުރަން. އަވަށްޓެރި ކުންފުންޏަކާ، އަވަށްޓެރި ޤައުމެއްގެ ކުންފުންޏަކާ މަސައްކަތް ހަވާލުކުރީމާ، ސަރުކާރުގެ ކުންފުންޏަކުން މަސައްކަތްކުރާގޮތަށް، އެ ބާރުމިނުގައި މަސައްކަތް ކުރާކަށް، ސަރުކާރަށް ކޮށްދެވޭނެ މާބޮޑުކަމެއް ނޯވޭ. ސަރުކާރަކަށް ބާރުއެޅޭނެ ގޮތެއްވެސް ނޯވޭ. ބޭރު ބަޔަކުއައިސް ކުރާ މަސައްކަތުގައި، އެމީހުން އެކަން ކުރާނެ ގޮތަކަށް އެކަން ކުރާނީ. އެމީހުންނަށް އެކަން ނުކުރެވިއްޖެ ކަމަށްވަންޏާ، އެ މައްސަލަ ސަރުކާރަށް ޙައްލުކުރަން ވަރަށް ދަތިވޭ. މި ތަޖުރިބާތައް ނޮޅިވަރަންފަރުގައި، ތިޔަބޭފުޅުންގެ ހައުސިންގ މަޝްރޫޢާ ބެހޭގޮތުން ތިޔަބޭފުޅުންގެ ސުވާލު އޮންނާނެކަން އަޅުގަނޑަށް އެނގޭ. މިއީ އަޅުގަނޑުމެން ބޭރު ކުންފުނިތަކާ ކަންކަން ހަވާލުކުރީމާ، އަޅުގަނޑުމެން އުފުލަންޖެހޭ ތަކުލީފަކީ. މިރަށުގެ ހައުސިންގ ޔުނިޓުތައް ނުނިމި އެހުރީ ކީއްވެގެންތޯ؟ އެ ހައުސިންގ ޔުނިޓުތަކަކީވެސް ސަރުކާރުން ކުރިކަމެއްނަމަ ސަރުކާރުން ހުންނާނީ ނިންމާފައި. މިރަށުގައި ބޭރު ބަޔަކު އެމަސައްކަތް ފަށައިގެން އެދިޔައީ. ބޭރު ބަޔަކު އެމަސައްކަތް ފަށައިގެންދާއިރު، ސަރުކާރާ އެމީހުންނާ ދޭތެރޭގައި އޮންނަ މުޢާމަލާތުގެ ތެރޭގައި، ނޫނީވިއްޔާ ހިންގަން އެއްބަސްވެފައި ހުންނަ މަޝްރޫޢުތަކުގެ ތެރޭގައި، ކިރިޔާވެސް މައްސަލަޖެހޭއިރަށް މިކަހަލަ ކަންތައްތައް އަޅުގަނޑުމެންނަށް ކުރިމަތިވެގެންދާނީ. އެހެންވީމާ، މިރަށުގައިވެސް ދިމާވެގެން އުޅޭ ދައްޗަކީ އެއީ.

 

އެހެންވީމާ ކިހިނެއްތޯ ނަރުދަމާއާއި ބަނދަރާ، މިކަހަލަ ހުރިހާ މަޝްރޫޢުތަކެއް، އަޅުގަނޑުމެން އަވަށްޓެރި ޤައުމުތަކަށް މިހުރިހާ އެއްޗެއް ދީފިކަމަށްވަންޏާ، އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، ހަމަ ޓައީ އަޅާފައި އޮފީހަށް ދާންވީ. މޭޒުގައި ތިބެންވާނީ ބޭރުމީހުން މަސައްކަތްކުރަން. ކާޑު ގެންނާނީ ބޭރު މީހުން. ބަނދަރު ހަދާނީ ބޭރުމީހުން. ނަރުދަމާ އަޅާނީ ބޭރުމީހުން. ފެން އުފުލާނީ ބޭރުމީހުން. އަދި މިހެންގޮސް ހުރިހާކަމެއް ކުރާނީ ބޭރު މީހުން. އެކަމަކު މިއީ ދައުލަތެއް. ކިހިނެއްތޯ މި ދައުލަތަކަށް ވާނީ. މިއީކީ ދައުލަތަކަށް ނުވާނެ އޭރަށް. އަޅުގަނޑުމެންނަކީ ތޮށިގަނޑެއް. އަޅުގަނޑުމެން ބޭނުންވާ ހުރިހާކަމެއް ބޭރުމީހުންނަށް ކޮށްދޭން އަޅުގަނޑުމެން ދޫކޮށްލައިފި ކަމަށްވަންޏާ، މި ފަސްއަހަރުގެ ތެރޭގައި، އަޅުގަނޑުމެން ރާއްޖޭގެ އެކި ހިސާބުގެ މިކުރި މަސައްކަތާ ކައިރިއަށްވެސް މަސައްކަތް ނުނިމޭނެ. މިތަނުގައި ހައުސިންގ މަޝްރޫޢު ފަށައިގެން މިއުޅެނީ، މިސަރުކާރަކު ނޫން. އޭގެ ކުރީގައި އޮތް ސަރުކާރެއްގައި. ކީއްވެގެންތޯ މިހާ ދުވަސްވެގެންދާއިރު ނުނިމި މިދަނީ؟ އެ ނުނިމި މިދަނީ މިދެންނެވިކަހަލަ ސަބަބުތައް ހުރީމާ. ބޭރު ކުންފުންޏަކުން މަޝްރޫޢު ނަގާފައި، އެ މަޝްރޫޢު ނުނިންމައިފި ކަމަށްވަންޏާ، ދިވެހި ސަރުކާރަކަށް ކުރެވޭނެ މާބޮޑު ކަންތައްތަކެއް ނޯވޭ. އަޅުގަނޑުމެންގެ ކޯޓަކުން މައްސަލައެއް ނުނިންމޭ. އަޅުގަނޑުމެންގެ ކޯޓުން ނިންމާފައި، އެ ކޯޓުން ނިންމާގޮތަކަށް އެމީހުންނެއް ޢަމަލެއް ނުކުރާނެ. ދެން ޖެހޭނީ ބޭރުގެ ކޮންމެވެސް ތަނަކަށް، ބޭރުގެ ކޮންމެވެސް ކޯޓަކަށް ދާން. ނޫނީވިއްޔާ އަރބިޓްރޭޝަނަށް ދާން މިޖެހެނީ. އެހެންވީމާ، ބޭރުގެ ކުންފުނިތަކާއެކީ މަސައްކަތްކުރާއިރު، ކޮންމެ ކުންފުންޏެއްގެ ފަހަތުގައި އޮންނާނީ، އެ ކުންފުންޏެއް ނިސްބަތްވާ ސަރުކާރު. މިހެން ނުކުންނަ ވިޔަފާރީގެ މުޢާމަލާތްތަކުގައި، ސަރުކާރުތަކަކާއެކީ ހަނގުރާމަ ކުރުމަކީ އަޅުގަނޑުމެން ކުރާނެކަމެއް ނޫން. އެއީ ފަސޭހަކަމެއްވެސް ނޫން.

 

އެހެންވީމާ، މިއަދުވެސް އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވޭ، އެމް.ޑީ.ޕީ.އިން ނުކުމެވަޑައިގެން އުޅުއްވާ ކެންޑިޑޭޓަށް. މީގެ ކުރީގައިވެސް އެބޭފުޅުން ކަނޑައެޅިގެން މެނިފެސްޓޯގައިވެސް އާންމުކޮށް ވިދާޅުވަމުން ގެންދެވި ވާހަކަފުޅަކީ، ކުރީގެ ރިޔާސީ އިންތިޚާބުގައި އާންމުކޮށް ވިދާޅުވަމުން ގެންދެވި ވާހަކަފުޅަކީ، ތިމަންނާމެންނަށް ވެރިކަން ލިބިއްޖެ ކަމަށްވަންޏާ، އެއަރޕޯޓް އަނބުރާ ޖީ.އެމް.އާރަށް ދޭނަމޭ. 2013 ވަނަ އަހަރު އިންތިޚާބަށް ނުކުމެވަޑައިގެންނެވިއިރު، އެބޭފުޅުން ދައްކަވަމުން ގެންދެވި ވާހަކައަކީ އެއީ. 2013 ވަނަ އަހަރު ވިދާޅުވީ، ތިމަންނާމެންނަށް ދެންވެސް ވެރިކަން ލިބިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓް އެނބުރި އަނެއްކާވެސް ޖީ.އެމް.އާރަށް ދޭނަމޭ.

 

އެހެންވީމާ، މިއަދު ކީއްވެގެންތޯ އެސުވާލަށް ޖަވާބުދެއްވަން ކެރިވަޑައިނުގަންނަވައިގެން އެ އުޅުއްވަނީ؟ މިއަދު އެބަޖެހޭ ރައްޔިތުންގެ ކުރިމަތީގައި މި ސުވާލަށް ޖަވާބު ދެއްވަން. އަދި މިއަދު އެބަޖެހޭ، ދިވެހިރާއްޖެއަކީ އިސްލާމީ ދައުލަތެއްކަމަށް މިހާރު އޮންނަތާ، އެތައް ސަތޭކަ އަހަރެއް މިވަނީ. އަދި އަޅުގަނޑުމެންގެ ނަސީބަކީވެސް މިއީ އިސްލާމީ ދައުލަތެއްގެ ގޮތުގައި އޮންނާތީކަން އަޅުގަނޑުމެން އެންމެން ހިތުގެއަޑިން ގަބޫލުކުރޭ. މިކަހަލަ ރަށްރަށުގެ ރައްޔިތުން، ވަކިންބޮޑަށް އެކަން ކަށަވަރު ކޮށްދެއްވާނެ. މާލޭގައި ތަޣައްޔަރުވެފައި ތިބި އެކިއެކި ފިކުރުތަކުގައި ތިބޭއިރު، އަޅުގަނޑުމެންގެ ދީނާ ދޭތެރޭގައި އެހާ އަޅައިލުންތެރިކަމާއި އޯގާތެރިކަން ނެތް މީހުން ފަހަރެއްގައި ތިބެދާނެ. ހަމަގައިމުވެސް ބައެއް މީހުންގެ ފޭސްބުކާއި، ޓްވީޓްތައް ކިޔާލީމާ އެކަންކަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އެކަމަކު މިއަދުވެސް އެބޭފުޅުން ޤިޞާޞް ތަންފީޛު ކުރާނެތޯ، ޤިޞާޞް ހިފާނެތޯ، މިއަދުވެސް އިދިކޮޅަށް ނުކުމެއުޅޭ ކެންޑިޑޭޓް އެއްޗެއް ވިދާޅެއްނުވާނެ. މިއަދުވެސް އެބޭފުޅުންނަށް އުނދަގޫފުޅުވާނެ ވިދާޅުވާން. އަބަދު ރައީސް ޔާމީން ދައްކާ ވާހަކައެއް، އިސްލާމްދީނަށް އޮންނަ ޤަދަރު ރައީސް ޔާމީނުގެ ސަރުކާރުގައި އަބަދުވެސް އުފުލިގެންދާނެއޭ ބުނީމާ، އެބޭފުޅުން ކީކޭތޯ ވިދާޅުވަނީ؟ ޤާނޫނުއަސާސީގައި ލިޔެފައި އޮތް ވާހަކައެކޭ މިއީ. ދެން ކީއްކުރަންހޭ އެވާހަކަ އިތުރަށް ދައްކަންވީ؟ ޝަހާދަތް އެއީ އަޅުގަނޑުމެން ލިޔެފައި އޮންނަ އެއްޗެއް ނޫންތޯ؟ އެކަމަކު ކޮންމެ ރެޔަކު ކުޑަކުއްޖާ ނިންދަވާއިރު މަންމަ އެކުއްޖާ ލައްވައި، ޝަހާދަތް ކިޔުއްވައޭ. މި ލިޔެފައި ހުންނަ އެއްޗެތި އަޅުގަނޑުމެން ކީއްވެތޯ ތަކުރާރު ނުކުރާންވީ؟ އިސްލާމުންނަކީ އަބަދުވެސް އިސްލާމުން ކުރާ ކަންތައްތައް ތަކުރާރުކުރާ ބައެއް. އޭގެމަތީގައި، އެ ނިޢުމަތުގެ މަތީގައި ތިބޭ ބައެއް. ޤާނޫނުއަސާސީގައި އަދި އެއްޗެއް ލިޔެފައި އޮތުމަކުން އޭގެ މާނައަކީ އެވާހަކަ އިތުރަށް ނުދައްކަންވީކީއެއް ނޫން. އެބޭފުޅުން އެބަޖެހޭ މިސުވާލަށް ޖަވާބުދެއްވަން. އެބޭފުޅުން އެބަޖެހޭ ވިދާޅުވެދެއްވަން، ދިވެހިރާއްޖޭގައި ތިމަންނާމެން އެހެން ދީނަކަށް ޖާގައެއް ނުދޭނަމޭ، އެބޭފުޅުން އެބަޖެހޭ ވިދާޅުވާން. އަދި ހަމައެހެންމެ، 18 މަސްދުވަހުގެ ވެރިކަމަކަށް ވަޑައިގަންނަވާ ބޭފުޅަކު، އެބަ ޖަވާބުދެއްވަންޖެހޭ. މިހާރުވެސް އެބޭފުޅުންގެ މެނިފެސްޓޯގައި ލިޔުއްވައިގެން އެ އުޅުއްވަނީ، ޤާނޫނުއަސާސީއާ ޚިލާފަށް، ޤާނޫނުއަސާސީގައި އެކަން އޮތްގޮތާ ޚިލާފު ވާހަކައެއް. އޭގެމާނައަކީ ޤާނޫނުއަސާސީއާ ޚިލާފުވާ ވާހަކައެކޭ ދަންނަވަނީކީއެއް ނޫން. ޤާނޫނުއަސާސީގައި މިއޮތީ ރިޔާސީ ވެރިކަމެއް. އެބޭފުޅުންގެ މެނިފެސްޓޯގައި ފާޅުކަންބޮޑު ގޮތެއްގައި އެ ވިދާޅުވަނީ، ތިމަންނާމެންނަށް ވެރިކަން ލިބިއްޖެ ކަމަށްވަންޏާ، މިތަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނަމޭ. ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާ ކަމަށްވަންޏާ، އަނެއްކާވެސް ރައްޔިތުންނަށް އެތައްބޮޑެތި އިންތިޚާބުގެ ޚަރަދުތަކެއް ކުރަންމިޖެހެނީ. ބަރުލަމާނީ ނިޒާމެއްގައި މިވަނީ ކިހިނެއްތޯ؟ ރިޔާސީ އިންތިޚާބުގައި މިއަދު ބޭފުޅަކު ޢައްޔަނު ކޮށްފާނެ 18 މަސްދުވަހަށް. ނަމަވެސް، ބަރުލަމާނީ ނިޒާމު އަންނަ ހިސާބުން، ކޮންގޮތަކަށްތޯ އިދިކޮޅުން މިހާރު ނުކުމެވަޑައިގެން ހުންނެވި ކެންޑިޑޭޓަށް ވިދާޅުވެވޭނީ، ތިމަންނާ ޕާޓީގެ ތެރެއިން ބަރުލަމާނީ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރަން ރައްޔިތުން ތާއީދު ކޮށްފިކަމަށްވަންޏާ، ތިމަންނާގެ ޕާޓީގެ ތެރެއިން، ތިމަންނާއޭ ބަރުލަމާނީ ނިޒާމުގެ ޕްރައިމް މިނިސްޓަރަކަށް ހުންނާނީ، ބޮޑުވަޒީރަކަށް ހުންނާނީ ވިދާޅުވެވޭނެތޯ؟ ވިދާޅެއްނުވެވޭނެ. އެއީ އެބޭފުޅުންގެ ޕާޓީގައި މިހާރު ނުކުމެވަޑައިގެން ހުންނަވާ ކެންޑިޑޭޓަށްވުރެ ނުފޫޒުގަދަ އެތައް ނުފޫޒުތަކެއް އުޅޭތީ.

 

ދައުލަތެއް ނުހިންގޭނެ، ދައުލަތުގެ އެންމެ އިސް އަމާނާތް، ރައްޔިތުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދީ، ރައްޔިތުންނަށް ޖަވާބުދާރީވާން އަންނަ އެންމެ އިސް މީހާގެ މައްޗަށް ބަސްކިޔާ އެތައްބަޔަކު، އޭނާގެ މައްޗަށް ބާރުހިންގާ ތަފާތު އެތައް ވެރިންތަކެއް ތިބެއްޖެކަމަށްވަންޏާ، ރައްޔިތުން ބޭނުންވާގޮތަށް ދައުލަތެއް ހިންގައެއްނުދެވޭނެ. އެހެންވީމާ، ދައުލަތް ހިންގައިދެވޭނީ، ދައުލަތް ހިންގަން ރައްޔިތުން އިންތިޚާބުކުރާ މީހާއާ ހަމައިގައި، ހުރިހާ ބާރުތަކެއް އޮތިއްޔާ. އޭނާ ހަމައެކަނި، ތެދުވެރިވާންޖެހޭނީ، އޭނާގެ ކުރިމަތީގައި، ޤާނޫނީ ސަރުކާރެއް ދެމެހެއްޓުމަށާއި، ޤާނޫނީ ނިޒާމު ދެމެހެއްޓުމަށާއި، އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށާއި، އިންސާފު ޤާއިމުކުރުމަށް. ސިޔާސީ އެތައް ބައިވަރު ލީޑަރުން ބުނާ ބަސް އަހައިގެން، އޭނާ ވެރިކަން ކުރާކަމަށްވަންޏާ، އޭނާއަކަށް ވެރިކަމެއް ނުކުރެވޭނެ.

 

އެހެންވީމާ، މިއަދު އެބަ ވިދާޅުވެދެއްވަންޖެހޭ، އެބޭފުޅުންގެ ޕްލެޖްތަކުގެ ތެރޭގައި، އެބޭފުޅުންގެ މެނިފެސްޓޯގައި އެބަ ވިދާޅުވޭ، ތިމަންނާމެންނަށް ވެރިކަން ލިބިއްޖެކަމަށްވަންޏާ، ބަރުލަމާނީ ނިޒާމަކަށް މިތަން ބަދަލުކުރާނަމޭ. އޭގެ މާނައަކީ، ފުރަތަމަ ސުވާލަކީ، ބަރުލަމާނީ ނިޒާމަށް ބަދަލުވެއްޖިއްޔާ، 2019 ގައި މިއޮންނަ އާންމު އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ރައްޔިތުން އެބޭފުޅުންނަށް ދޭނެތޯ؟ އެމެޖޯރިޓީ ރައްޔިތުން އެބޭފުޅުންނަށް ނުދީފިކަމަށްވަންޏާ، ވެރިކަން ބަދަލުވީ. އެ މެޖޯރިޓީއަކީ ޕީ.ޕީ.އެމް.އިން، ޕީ.ޕީ.އެމް.ގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ނަގާ އިންތިޚާބަކަށް ވެއްޖެކަމަށްވަންޏާ، އެބޭފުޅުންގެ ވެރިކަން ނިމިގެންދިޔައީ. 18 މަސްދުވަހު މަޑުކުރާކަށް ނުވެސްޖެހޭނެ. އެބޭފުޅުންނަށް މެޖޯރިޓީ ލިބިގެން، މިބަދަލު ގެންނަވައިގެން މިކަންކަން ކުރިއަށް ގެންދަވާ ކަމަށްވަންޏާ، މިހާރުވެސް އެބޭފުޅުންނަކަށް ވިދާޅެއްނުވެވޭނެ، ތިމަންނާމެންގެ ޕާޓީއިން ބަރުލަމާނީ ނިޒާމެއް އައިސްފިކަމަށްވަންޏާ، ތިމަންނާމެންގެ ޕާޓީއިން ބަރުލަމާނީ ނިޒާމެއްގެ އެންމެ އިސްމީހެއްގެ ގޮތުގައި، މަސައްކަތްކުރާ ބޮޑުވަޒީރަކަށް ތިމަންނާމެން ހަމަޖައްސާނީ މިހާރު ނުކުމެވަޑައިގެން ހުންނެވި ރިޔާސީ ކެންޑިޑޭޓު ކަމަށް ވިދާޅެއްނުވެވޭނެ. މިހާ ދެކޮޅުނުޖެހޭގޮތަކަށް އޮތް ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ، އެބޭފުޅުން ރައްޔިތުންނަށް ހާމަކަންބޮޑުގޮތެއްގައި، ސާފުކޮށްދެއްވާށޭ. މިއީ އަޅުގަނޑު ހަދައިގެން ދައްކާ ވާހަކައެއްނޫން. މިއީ، އެބޭފުޅުންގެ މެނިފެސްޓޯގައި، ލިޔުއްވާފައި އޮންނަ ވާހަކަތައް. އެހެންވީމާ، އެބޭފުޅުން ރައްޔިތުންނާ ހަމައަށް ވަޑައިގެން ވާހަކަފުޅު ދައްކަވާއިރު މިވާހަކަތައް އެބަޖެހޭ، އެބޭފުޅުން ސާފުކޮށްދެއްވާން.

 

ދެންމެ ޢަބްދުއްރަޙީމް އެ ވިދާޅުވީ، 160 ރަށް، އަޅުގަނޑުމެންގެ ސަރުކާރުގެ ތެރޭ ޓޫރިޒަމަށް ދޫކޮށްގެން، އެކަމާބެހޭގޮތުން އިދިކޮޅު ބޭފުޅުން ދެއްކެވި ވާހަކަފުޅު. އެބޭފުޅުންގެ ސަރުކާރުގައި މިކަހަލަ 400 އެތައް ރަށެއް، އެތައް ބިމެއް އެބައޮތް ދެއްވާފައި. އަދި އެތަންތަނުގެ ތެރެއިން ހެދުނީ ކިތައް ރިޒޯޓުތޯ؟ ދަތުރުފަތުރުގެ ނިޒާމާއި، މި އެކިކަންކަމަށް ބަރޯސާކޮށްފައި ދިން ބިންތަކަށްވީ ކިހިނެއްތޯ؟ ދަތުރުފަތުރުގެ ނިޒާމު ކޮބައިތޯ؟ އެ ނިޒާމެއް މިއަދަކު ނެތޭ. އޭގެ ބަދަލުގައި މި ސަރުކާރުން ދަތުރުފަތުރާ ބެހޭގޮތުންވެސް ކުރާ ކަންކަން މިކުރަނީ. އެހެންވީމާ، ދެން ކޮންމެ ތަނަކަށް ވަޑައިގެން، ކުޅުދުއްފުށީގައިވެސް ވިދާޅުވެދެއްވަން ޖެހޭނީ، މިތަނުގައި އެއަރޕޯޓެއް ހަދައިދޭނަމޭ. އެކަމަކު، ކުޅުދުއްފުށީގައި އެއަރޕޯޓު އެއޮތް ނިމެނީ. ނޮޅިވަރަންފަރުގައިވެސް އެބޭފުޅުން މިކަހަލަ ކޮންމެވެސް ވާހަކައެއް ދައްކަވާނެ. ނަރުދަމާވެސް އަޅައިދެއްވާނަމޭ. މިތަނުގައި ނަރުދަމާގެ މަސައްކަތް ހިނގައި، ނިމެން ކައިރިވަނީ.

 

މިވާހަކަތައް ދެއްކީމާ، މިއަދު އެބޭފުޅުން އަޅުގަނޑަށް ޖަވާބު ދެއްވަމުން އެ ވިދާޅުވާ ވާހަކަފުޅުތަކުގެ ތެރޭގައި ހިމެނެނީ، އޭރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް، ރައީސް ޔާމީނާ މި ރިޒޯޓުތައް ދޫކުރާތީ، ވަރަށް ގިނަ ވާހަކަތައް ދެއްކިއޭ. ރައީސް ޔާމީން އޭނާއަށް ޖަވާބު ދިނޭ، ތިވަނީ، ޒާތީ ވަނީއޭ. މިއީ، މުޅިން ދޮގު ވާހަކަ. މިއީ، އޮޅުވާލައިގެން ދައްކާ ވާހަކަ. މިއީ، ދޮގު ވާހަކަ. ނިޔާޒު އިބްރާހީމް، އަޅުގަނޑުގެ ކައިރިއަކަށް، އޭރުގެ އޮޑިޓަރ ޖެނެރަލް ވަޑައެއްނުގަންނަވާ، އެ ވިދާޅުވާ، 160 ރިޒޯޓު ދޫކޮށްގެން އެ ވާހަކަ ދައްކާކަށެއް. ނިޔާޒު އިބްރާހީމް އަޅުގަނޑާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައަކީ، އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން. ރައީސޭ، ތިމަންނާ ކަންބޮޑުވާކަމެއް އެބައޮތޭ. އެއީ، އެމް.އެމް.ޕީ.އާރު.ސީ. އޭރުގެ ޓޫރިޒަމްގެ އެތައް ބައިވަރު ރަށެއް ހިންގާ ކުންފުނި، އެ ކުންފުންޏާއި، އެމް.ޕީ.އެލް. އާ ދޭތެރޭގައި މުޢާމަލާތުތަކެއް އެބަ ހިނގައޭ. މި މުޢާމަލާތުތަކާ ދޭތެރޭގައި ތިމަންނާ ހިތްހަމައެއްނުޖެހެއޭ. އެއީ، އެމް.ޕީ.އެލް. ރާއްޖޭގެ ޕޯޓްސް ސަރަޙައްދުގައި، ބޯޑު ކްލިއަރ ކުރަން އެ އޮންނަ ކުންފުނި. އެމް.ޕީ.އެލް. އިން ދިވެހިފައިސާ އިސްވެ އެބަދެއޭ، އެމް.އެމް.ޕީ.އާރް.ސީ.އަށް ޑޮލަރު ގަތުމަށްޓަކައި. އެހެންވީމާ، އެމް.އެމް.ޕީ.އާރް.ސީ.އިން ޑޮލަރު ދިނުމުގައި ދެފަރާތުން އެއްބަސްވެފައި އޮންނަ އެއްބަސްވުމާ އެއްގޮތަށް މި ކަންކަމެއް ނުހިނގައޭ. މިއީކީއެއް، ކުރެވިގެންވާނެ ކަމެއް ނޫނޭ. މިކަން އެބަ ހުއްޓާލަން ޖެހެއޭ. އެއީ، އަޅުގަނޑާ ދެއްކި ވާހަކައަކީ. 165 ރަށް ނެރޭތީ، ނޫނީވިއްޔާ ޓޫރިޒަމުން ރަށްތަކެއް ނުކުންނާތީ، އެ ވާހަކަ ދެއްކީކީއެއް ނޫން. އަޅުގަނޑާ އެ ވާހަކަ ދެއްކީމާ، އަޅުގަނޑު އޭނާއަށް ދިން ޖަވާބު، އޭރުވެސް ހަމަ ނޫސްތަކުގައި ޖަހާފައި އެހެރީ. އަދި، އަޅުގަނޑުމެންގެ ފަރާތުން ބުނަމުން މި ގެންދިޔައީ. އަޅުގަނޑު ބުނިން، ތިއީކީއެއް އަޅުގަނޑު ބެހޭނެކަމެއް ނޫނޭ. ކުންފުންޏެކޭ އެމް.ޕީ.އެލް.އަކީ. އެމް.ޕީ.އެލް.ގެ ބޯޑުން ނިންމާފައި، އެމް.ޕީ.އެލް.ގެ މަނީ ޗޭންޖަރސް ލައިސަންސެއް އޮތް ކަމަށްވަންޏާ، ބޭރު ފައިސާ މާރުކުރުމުގެ، ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސެންސެއް އެމް.އެމް.އޭ.އިން ދީފައި އޮތް ކަމަށްވަންޏާ، ތިއީކީއެއް މައްސަލައެއްނޫނޭ. ޤާނޫނީ ގޮތުން، އަދި އެހެން ގޮތަކުންވެސް ތިއާދޭތެރޭގައި، އުފުލޭނެ ފިޔަވަޅެއް ނޯންނާނެއޭ. ދެން، ދެ ފަރާތުގައި މުޢާމަލާތު ހިނގާފައި އޮތްގޮތުން، ލަސްވެގެން ދާކަމަށްވަންޏާ، އެމް.ޕީ.އެލް. އިން އަޅާ ފިޔަވަޅެއް އަޅާނެއޭ. އެކަމަކުވެސް، އޭނާ ހިތްޕުޅުހަމަނުޖެހިގެން ވިދާޅުވީ، އެހެންނަމަވެސް، ތިމަންނާ އެބަޖެހެއޭ، މިވާހަކަ ދައްކަން. އަޅުގަނޑު ދެންނެވީ، ފެނިވަޑައިގަންނަވާގޮތަކަށް ތިޔަ ކަންތައް ކުރައްވާށޭ.

 

އެހެންވީމާ، ފެނިވަޑައިގަންނަވާގޮތަށް އެ ކަންތައް ކުރައްވާފައި، އެ ކަންކަން ނިމިގެން ދިޔައީމާ، އޭނާ މިއަދު މަޤާމުން ދުރުވެވަޑައިގެން އެ ހުންނެވީ. އެހެންވީމާ، މިއީކީއެއް އެއްގޮތަކަށްވެސް ޒާތީވެގެން، 160 ރަށް ނުކުމެގެން، ދެއްކި ވާހަކައެއް ނޫން މިއީކީއެއް. އެހެންވީމާ، ވާހަކަ އޮޅުވުމާއި، ވާހަކަ ބަދަލުކުރުމާއި، މީހުންގެ އަބުރަށް އަރައިގަތުމާއި، ތަންތަން އެންދުމާއި، މިކަހަލަ ހުރިހާ ކަމެއް، އަޅުގަނޑުމެންނަށް ކުރިއަށްއޮތް ތަނުގައިވެސް ފެނިގެންދާނެ.

 

އެކަމަކު، މި ރަށްރަށަށް އައިސްފައި، އަޅުގަނޑުމެން މި ވާހަކަ ދައްކާއިރު، އަޅުގަނޑު މި ވާހަކަ މި ދައްކަނީ، މުޅި ދިވެހިރާއްޖޭގެ ރައްޔިތުން މި ކަންކަމަށް، ސަމާލުކަންދޭނެކަމަށް ގަބޫލުކޮށްގެން. ނޮޅިވަރަންފަރުގައިވެސް ހަމަ ކޮންމެ ބޭފުޅަކުވެސް ވިސްނާވަޑައިގަންނަވަންވީ، އަޅުގަނޑުމެން ގަބޫލުކުރާ ޕާޓީތަކަށްވުރެ، ސިޔާސީ މީހުންނަށްވުރެ، މަތިވެރިކޮށް އަޅުގަނޑުމެން ގަބޫލުކުރާ، އަޅުގަނޑުމެން ބަލައިގަންނަންޖެހޭ ބައެއް ކަންތައްތައް އެބަހުއްޓޭ. އެއީ، ރާއްޖޭގައި އޮންނަންވީ ކޮންކަހަލަ ދީނެއްތޯ. ކޮން ދީނެއްތޯ އޮންނަންވީ. އެހެން ބަޔަކަށް ޖާގަ ދޭނަންތޯ. ރާއްޖޭގައި އިސްލާމީ އުސޫލުތައް ހިންގާނަންތޯ. ދީނަށް އިޙުތިރާމް ދެވެނީ ކިހާވަރަކަށްތޯ. މިކަހަލަ އެތައް ކަމެއް ވިސްނާފައި، ދެން އަޅުގަނޑުމެން ވިސްނަންޖެހޭނީ، މިކަހަލަ ރަށްރަށަށް އަޅުގަނޑުމެންނަށް ބޭނުންވެފައިހުރި ކަންކަމުގެ ތެރޭގައި، ހުރިހާ އެންމެންނާ ދޭތެރޭގައި އިންސާފާއި ޢަދުލު، ޤާނޫނާއި ޝަރީޢަތާ އެއްގޮތަށް ހަމަހަމަކަން ޤާއިމުކޮށްދޭނެތޯ. އަދި، މިކަހަލަ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި، މަޞްލަޙަތާއި ރައްކާތެރިކަންއޮތީ، ކިހާ މިންވަރަކަށްތޯ. މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ޙައްލުނުކުރެވޭވަރަށް، މިކަހަލަ ކަންތައްތަކެއް މީގެ ކުރީގެ ސަރުކާރުތަކުގެ ތެރޭގައި ފެނިފައި އޮތީމާ، ދޮގެއްތޯ ޤާނޫނު މި ދެންނެވިގޮތަށް ތަންފީޒު ކުރަން ފެށީ. އަދި، މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ވާހަކަ ދައްކައި އެއަށް ޢަމަލީ ސިފަ ގެންނާނެ ވާހަކަ ދައްކަންފެށީ، މުޅި ރައްޔިތުންގެ ޙައްޤުގައި. އެ ބޭފުޅުން އެބަޖެހޭ މިއަށް ޖަވާބު ދެއްވަން. އެބޭފުޅުން ހަމައެކަނި ސިޔާސީ ކުށްވެރިންތަކެއްގެ ވާހަކަ ދައްކަވައިގެން ދެކޮޅެއްނުޖެއްސޭނެ. އަޅުގަނޑު މި ދެންނެވި ކަހަލަ އެތައް ބައިވަރު ސުވާލަކަށް އެބަޖެހޭ، މިއަދު ކެންޑިޑޭޓު ނުކުމެވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދައްކަވާއިރު، ޖަވާބު ދެއްވަން. އެ ޖަވާބު ދެއްވަންޖެހޭ ސަބަބަކީ، އެ ބޭފުޅުންނަކީވެސް ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން.

 

އަޅުގަނޑުމެންނަށް މީގެ ކުރީގައި ކަމުނުދިޔައީ، ދިވެހިރައްޔިތުންނަށް ކަމުނުދިޔައީ، 30 އަހަރުގެ ދިގު ވެރިކަމެއް، މާ ދިގުވެގެން ދިޔައީމާ. އަދި އޭގެފަހުން، ތިން އަހަރުގެ ވެރިކަމެއް، މާ ކުރުވެގެން ދިޔައީމާ ކަމުނުދިޔައީ. އެހެންވީމާ، 30 އަހަރާއި ތިން އަހަރާ، މި ދޭތެރޭގެ ޢަދަދެއް ނޫންތޯ ރައްޔިތުންނަށް ވެރިކަން ކުރަން ކަމުދަނީ. އަޅުގަނޑުގެ ޒަޢާމަތުގައި، އިރާދަކުރެއްވިޔާ، ފަސް އަހަރު ފުރިގެން މިދަނީ. ފަސް އަހަރު ފުރުމުގެ ކުރިން އިންތިޚާބެއް މިއޮންނަނީ. އެހެންވީމާ، 30 އަހަރު ހުރި މައްސަލަތަކެއްގެ ވާހަކަ ދެއްކެވި ބޭފުޅުން، މިއަދު އެ ބޭފުޅުން އެ ތިއްބެވީ އެއް ގޮނޑިއެއްގައި، އެއް ފަޅުވެރިންނާއެކީ. އަޅުގަނޑުމެންނަކީ އޭރުވެސް ތިން އަހަރުގެ ވެރިކަމާ ދެކޮޅަށް ވާހަކަ ދެއްކި މީހުން. މިއަދުވެސް އަޅުގަނޑުމެން މި ކުރަންޖެހެނީ މި ހަނގުރާމަ ހަމަ އެކަނިމާއެކަނި. އަޅުގަނޑުމެންނާއެކީ ތިބީ އެމް.ޑީ.އޭ. އަޅުގަނޑުމެން މި ދަތުރު ފެށީވެސް އެމީހުންނާއެކީ. އިރާދަކުރެއްވިއްޔާ، މި ދަތުރު ނިމިގެން ފާގަތިކަމާއެކީ، ރައްޔިތުންނާއެކީ، ކުރިއަށްދާނީވެސް ހަމަ އަޅުގަނޑުމެންނާއި އެމް.ޑީ.އާ. ގުޅިގެން. އޭގެ އެހެން ސިޔާސީ ފިކުރުގައި ތިއްބެވި ބޭފުޅުންނަކީ، އެ ބޭފުޅުންގެ ފިކުރުތައް ޙަޤީޤަތުގައި، ޤަރުބަ ގަތުމުގެ ކުރިން، އެ ފިކުރުތައް މާ ކުރިއަށް ވެއްޓުނީ. ވެއްޓުނީމާ، އެ ކަންކަން ތަޙައްމަލު ނުކުރެވިގެން ކުށްތަކަށް އަރައިގަތީ. ކުށްތަކަށް އަރައިގަތީމާ، އެ ބޭފުޅުން މިއަދު އެ އުޅުއްވާގޮތަށް އުޅުއްވަން ޖެހިވަޑައިގަތީ. އެކަމަކު، ކޮންމެ މީހަކުވެސް އެމީހަކު ދާންވާ ހިސާބަށް ޤާނޫނާއި ޝަރީޢަތުގެ ތެރެއިން އޭނާ ދާން މަސައްކަތްކޮށްފި ކަމަށްވަންޏާ، އޭނާއަށް ދާންވާ ހިސާބަކަށް ދެވޭނެ. އިންތިޚާބަކަށް ވާދަކުރާނަމަ، މިއަދު ބަންދުގައި ތިއްބެވި ހުރިހާ ބޭފުޅުން 23 ސެޕްޓެންބަރުގައި، މިއަންނަ މަހު، މަހެއްހާ ދުވަސް މިއޮތީ، މަހެއްހާ ދުވަހު ނަގާ ވޯޓުގައި އެ ބޭފުޅުންގެ ނަންފުޅުތައް ޖެހުމަށް އެބޭފުޅުން މަސައްކަތް ކުރަމުން. އޭގެ ކުރީގައި މި ދެންނެވިގޮތަށް، މަސައްކަތް ކުރެއްވީމާ، ޢަދުލުއިންސާފު އެއްވަރަކަށް އެންމެންނަށް ހަމަހަމަކޮށް ޤާއިމުކޮށްދޭ ސަރުކާރެއްގައި، ހަމަ އެ ބޭފުޅުން ކުރެއްވިޔަސް، ހަމަ އެބޭފުޅުންނަށް ދިމާވާނެ ދަތިތަކެއް ހުންނާނެ. އެއީކީއެއް، ރައީސް ޔާމީން ކުރާކަމެއް ނޫން. ރައީސް ޔާމީނަކީ، ތަނެއްގައި ޤާއިމުވެފައި ހުންނަ ނިޒާމު ދަމަހައްޓަން މަސައްކަތްކުރާ މީހެއް.

 

އެހެންވީމާ، މި ވާހަކަ ރައްޔިތުންގެ އަރިހަށް ވަޑައިގެން ދެއްކެވިއަކަސް އަޅުގަނޑަކަށް ހިއެއްނުވޭ، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މި ވާހަކަ ދައްކާނެހެނެއް. ރައްޔިތުން މިއަދު ބޭނުންވަނީ، ތަރައްޤީ. ތަރައްޤީގެ ވާހަކަ ދައްކާ ކަމަށްވަންޏާ، މި ރަށްރަށުން ފެންނަން އެހެރީ ތަރައްޤީ. މި ފޮތުން ފެންނަން އެހެރީ، އޭގެ ތަފްސީލު. ތަފާސް ހިސާބު. އެހެންވީމާ، މި ފޮތް އަދި ލައްޕާލިޔަސް، އަޅުގަނޑުމެންގެ ލޯތަކެއް އަދި މަޅައެއްނުލަން. އަޅުގަނޑުމެން މާލެއަށް ދިޔަޔަސް، ނޮޅިވަރަންފަރަށް އަޔަސް، ކުޅުދުއްފުށްޓަށް ދިޔަޔަސް، އުލިގަމަށް ދިޔަޔަސް، މި ފެންނަނީ، ތަރައްޤީގެ ބިނާތަކާއި، ތަރައްޤީގެ މަޝްރޫޢުތައް. މި ފޮތް ލައްޕާފައި ބާއްވާ. އެކަމަކު، ރައްޔިތުންގެ ހިތުގައި ރައްޔިތުންނަށް ލިބިފައިހުރި ކަންކަމާއި، މި ރަށްރަށުގައި ހިނގަމުންދާ ކަންކަން ރައްޔިތުންގެ ހިތަކުން ފިލައިގެންނުދާނެ. އެއަކަށް ޖަވާބެއް ނުދެއްވޭނެ. އެއަށް ހަމަ ވިދާޅުވާން އޮންނާނެ ވާހަކައަކީ، ތިމަންނާމެން ނުކުތީކީއެއް ފުރަތަމަ މިކަހަލަ މަޝްރޫޢުތަކެއް ހިންގާކަށްނޫނޭ. މިއަށްވުރެ މާ ނިޔަނެތިކޮށް، މިއަށްވުރެ މާ މަޢުޞޫމުކޮށް، ޖަޒީރާތަކެއްގައި ތިބެގެން ޤުދުރަތީގޮތުން އަންނަ ކަންކަމެއް ކުރާށޭ. އެކަމަކު، އެ ދަތުރު ބަދަލުވެއްޖެ. އެބަ އެނގިވަޑައިގަންނަވާ، މި އޮއި ބާރު ކަނޑެއްގައިކަން މި އުޅުއްވަނީ.

 

އެހެންވީމާ، ދެން ވިދާޅުވާންޖެހޭ ވާހަކައަކީ، އިންޑިޔާގެ ކަނޑަކީ، ތިމަންނާމެންގެ ސަރުކާރެއްގައި، ޚާރިޖީ ސިޔާސަތުގައި ވިދާޅުވާ ވާހަކައެއް. އިންޑިޔާގެ ކަނޑަކީ، ހަމަޖެހޭ އަމާން ތަނަކަށް ވާނެއޭ. އިންޑިޔާ ކަނޑަކީ މިއަދުވެސް މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި ލިޔެވިފައި އޮތް ވާހަކައެއް އެ ވިދާޅުވަނީ. އިންޑިޔާގެ ކަނޑަކީ އެއްވެސް އިސްތިޢުމާރީ ބާރެއްގެ ނުފޫޒު ފޯރާނެ ތަނެއްނޫން. އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވޭ، އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި، އިންޑިޔާ ކަނޑަކީ އިސްތިޢުމާރީ އެއްވެސް ބާރެއްގެ ބެލުމުގެ ދަށުގައި އޮންނަ ތަނަކަށް ނުވުން. އެއީ، އަޅުގަނޑުމެން ހުރިހާ އަވަށްޓެރި ޤައުމުތަކުގެ ސަލާމަތަކީ. އަދި އަމުދުން، ދިވެހިރާއްޖެ ކަހަލަ، ކުޑަކުޑަ ދައުލަތުގެ ސަލާމަތްކަން އޮތީ އެގޮތަށް. އެހެންވީމާ، އެ ބޭފުޅުން އެބަ ވިދާޅުވެދެއްވަންޖެހޭ، މިއަދު އެ ބޭފުޅުން ވިދާޅުވާ ވާހަކަތަކުގެ ތަފްސީލު.

 

އަޅުގަނޑުވެސް ހަމަ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ހަމަ ބޭނުންވަނީ، މިއަންނަ މަހު 23 ވަނަ ދުވަހު ވޯޓާ ހަމައަށް ވަޑައިގަންނަވާއިރު، އަޅުގަނޑު މި ދެއްކި ކަހަލަ ވާހަކަ ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ. އަޅުގަނޑުމެން ސިޔާސީ ފިކުރާއި، ސިޔާސީ މީހުންނާއި، ސިޔާސީ ވިސްނުންތަކާއި، އަޅުގަނޑުމެން އެބަޖެހޭ ކުޑަކޮށް ދުރުގައި އަޅުގަނޑުމެން މިކަންކަމާ ދޭތެރޭގައި ގޮތެއް ނިންމަން. އެއީ، އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ދައުލަތަކަށް އަމާންކަންއޮތީ ކޮން ގޮތެއްގައިތޯ. އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ދައުލަތަކަށް މި އުޅެނީ، ދެ ސިޔާސީ ފިކުރެއް، އަޅުގަނޑުމެންގެ މިއޮތް ކުދިކުދި ރަށްރަށުގައި އަޅުގަނޑުމެންނަށް އަމާންކަމާއެކީ ނުގެންގުޅެވިގެން މިއުޅެނީ.

 

އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވާ، އިސްލާމީ ދައުލަތެއްގައި، އެހެން ދީންތަކުގެ ފައްޅި އަޅާނެ ޖާގަ އޮތްތޯ ސުވާލު ކުރެވެމުންދާއިރު، މިއިން ރަށެއްގައި ފައްޅި އަޅައިފި ކަމަށްވަންޏާ، ދެން އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ހިތްހަމަނުޖެހުމާއި، ނުތަނަވަސްކަމާއި، ދެން މި ތަންތަނުގައި އުފެދޭނެ ހަމަނުޖެހުމާއި ދޭތެރޭގައި ވިސްނާވަޑައިގަތީމާ، އަޅުގަނޑަށް ހީވަނީ، އަޅުގަނޑު މި ދައްކާ ވާހަކަ ވަރަށް ސާފުވާނެކަންނޭނގެ. މިއުޅެނީ، ދެ ފިކުރެއް. އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ގޮތަކަށް އިޙުތިރާމާއެކީ ނުގެންގުޅެވިގެން. އަޅުގަނޑުމެން ކަންކަން ކުރީމާ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އަޅުގަނޑުމެންނަކީ އިސްވެ މީހުންނަށް ގޯނާކުރާ ބައެއްނޫން. އަދި، އެހެންނޫނަސް، އަޅުގަނޑުމެންނަކީ، މީހުންނަށް ގޯނާކުރާ ބައެއްނޫން. އަޅުގަނޑުމެންނަކީ ތަންތަން އަންދާ ބައެއްވެސްނޫން. އެކަމަކު، އިދިކޮޅުގައި ތިއްބެވި ބޭފުޅުންވެސް ރައްޔިތުންނަށް އެބަ ކަށަވަރުކޮށްދެއްވަން އެބަޖެހޭ، އެ ބޭފުޅުންނަކީވެސް ރައްޔިތުންނަށް ހެޔޮއެދުމާއި، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއާއި، ރައްޔިތުންނަށް ބޭނުންވާ މަޞްލަޙަތާއި، އަދި ބޭރު ދުނިޔޭގެ ކުރިމަތީގައި، ދިވެހި ދައުލަތް އެއްގޮތަކަށްވެސް ކޮމްޕްރޮމައިޒް ނުކުރާނެ ބައެއްކަން އެ ބޭފުޅުން އެބަޖެހޭ ވިދާޅުވެދެއްވަން. އެ ވާހަކަތައް ވިދާޅުވެދެއްވާފައި، ދެން އެބޭފުޅުން ކުރިއަށް ވަޑައިގަންނަވާށޭ. ދެން އެ ބޭފުޅުން ރައްޔިތުންނާ ކުރިމަތިލައްވައި، ދެއްވަންޖެހޭ ޖަވާބުތައް އަޅުގަނޑު މި ދަންނަވާލީ. ބައެއް ކަހަލަ ސުވާލުތައް މި ދަންނަވާލީ.

 

އެއަރޕޯޓުގެ ކަންތައް. ގިޞާޞް ހިފުމުގެ ކަންތައް. އިސްލާމްދީނަށް ކަމޭހިތުން. އަދި ހަމަ އެހެންމެ، އަދިވެސް އެ ބޭފުޅުން މަސައްކަތް ކުރައްވާނެތޯ، އެ ބޭފުޅުންގެ ސަރުކާރެއްގައިވެސް މިސްކިތްތައް ފިޔަވައި، އެހެން ދީންތަކުން އަޅުކަން ކުރާނެ، އެހެން ތަންތަން ފައްޅިތަކާއި، މިކަހަލަ ތަންތަނަށް މިތަނުން ޖާގަ ދޭނެތޯ. އެ ސުވާލު ކުރައްވާނެ. އެއަށް، އެބަޖެހޭ ރައްޔިތުންގެ ކުރިމަތީގައި، ޖަވާބު ދެއްވަން. މިކަހަލަ ކަންކަމެއް މިކަހަލަ މަޢުޞޫމު މުޖުތަމަޢުގައި އަޅުގަނޑުމެން އޮޅުންފިލުވަން ބޭނުންވަނީ. އަޅުގަނޑުމެންގެ ކުރިއެރުމާއި، އަޅުގަނޑުމެންނަށް އޮތް ހުރިހާ ނިޢުމަތެއް އޮތީ، ﷲގެ މަގުގައި އަޅުގަނޑުމެން ތިބެގެން. އެހެންވީމާ، މިވާހަކަ ދެއްކީމާ، މިއީ ހަމައެކަނި ޤާނޫނުއަސާސީގައި އޮތް މާއްދާއެއްގެ ދެ ފޮޅުވަތުން ފުއްދައިލެވޭނެ ކަމެއްކަމަށް ޖަވާބު ދެއްވީމާ، އެ ބޭފުޅުންގެ ވިސްނުންފުޅާއި ފިކުރު، އަޅުގަނޑު މި ދެންނެވި ކަހަލަ ކަންކަމުގައިހުރި މިންވަރު ރައްޔިތުންނަށް ހާމަކޮށް ބޮޑުކޮށް އެބަ އެނގޭ.

 

އަޅުގަނޑު އެދެނީ، ނޮޅިވަރަންފަރަށް އިތުރު ތަރައްޤީ އައުން. އަޅުގަނޑު މި ދަންނަވާލި މަޝްރޫޢުތައް ނޮޅިވަރަންފަރުގައި ހިނގަމުންދާކަން، ނޮޅިވަރަންފަރުގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. އެންމެ އަވަހަށް، ދެން އިރާދަކުރެއްވިއްޔާ، އަޅުގަނޑު ބަލާނަން ވޯޓުގެ ކުރިންވެސް، އިރާދަކުރެއްވިއްޔާ، މިތަނުގައި ފެނުގެ މަޝްރޫޢު ފެށްޓޭތޯ ބަލާނަން. އެކަމަކު، މަޝްރޫޢުތައް ޓެންޑަރކޮށްގެން، ބޭރުގެ ކުންފުނިތަކަށް ދިނީމާ، ދިމާވާ މައްސަލަތައް ހުރިކަން އަޅުގަނޑު މި ދަންނަވާލީ. މިކަހަލަ މަޝްރޫޢުތަކެއް އެކި ހިސާބުގަނޑުގައި ފެށީ. މި ރަށުގެ ހައުސިންގ މަޝްރޫޢަކީވެސް މިހެންއޮތް މަޝްރޫޢެއް. އެހެންވީމާ، މިކަހަލަ ބޮޑެތި މަޝްރޫޢުތައް ފަރާތް ފަރާތަށް ދޫކުރާއިރު، ސަރުކާރުން ވިސްނަންޖެހޭ ކަންކަން ހުންނާތީއާއެކީ، ފެނުގެ މަޝްރޫޢުވެސް މިތާނގައި ނުފެށި މިއޮތީ. އިރާދަކުރެއްވިއްޔާ، ހަމަގައިމުވެސް ވޯޓުގެ ކުރިން ފެށޭތޯ، ނޫނީވިއްޔާ، ހަމަގައިމުވެސް، އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި މި މަޝްރޫޢު ފެށިގެންދާނެ. މި މަޝްރޫޢަކަށް ދަތިވާ އެހެން އެއްވެސް ކަމެއްނެތް. ހުރިހާ ފައިސާއެއް ހަމަޖެހިފައި. ހުރިހާ ކުރެހުންތަކެއް ނިމިފައި. އެއްފަހަރު ޓެންޑަރ ކުރެވިފައި. ހަމަ ރަނގަޅު، މިކަން ކުރެވޭ ވަރުގެ ޤާބިލު ބަޔަކު އަޅުގަނޑުމެންނަށް ލިބުނީމާ، މި މަޝްރޫޢުވެސް ފެށިގެންދާނެ. އެ ހިސާބުން ނޮޅިވަރަންފަރަށް ބޭނުންވާ ހުރިހާކަމެއް މި ވަގުތަށް ފުދިގެން ދިޔައީ.

 

ހަމައެއާއެކީ، އަޅުގަނޑުމެންނަށް ފަސް އަހަރު ދެއްވައިފި ކަމަށްވަންޏާ، ދެން އިރާދަކުރެއްވިއްޔާ، މި މަގުތަކުގައި އަޅުގަނޑުމެން ހިނގާނީ ތާރުގެ މަތީގައި. ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި، އަޅުގަނޑަށް ތިޔަބޭފުޅުންނަށް އެހީވުމުގެ ފުރުޞަތު އޮތީ. ތިޔަބޭފުޅުން މިކަންކަމުގައި އަޅުގަނޑުމެންނާއެކީ، ތިއްބަވައިފި ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ތަރައްޤީ މަޝްރޫޢު ހިންގުމުގައި އެއްގޮތަކަށްވެސް އަޅުގަނޑު ހަމަ މިއީ، ގޯޅިއަޅައިގެން ކަންކަންމަތީ ބަލާނެ މީހެއްނޫން. އަޅުގަނޑު މަޝްރޫޢުތަކާއެކީ، އަޅުގަނޑު ދާނީ ކުރިއަށް. އެއްގޮތަކަށްވެސް އެހެން މީހަކު، މި މަޝްރޫޢުތައް ހުއްޓުވަން ދައްކާ ވާހަކައަކީ، އަޅުގަނޑު އިޖާބަދޭނެ މަޝްރޫޢެއް ނޫން. އިޖާބަދޭނެކަމެއްވެސް ނޫން. އެކަންކަން މި ފެންނަނީ. 31 މިލިއަން ރުފިޔާ، 230 މިލިއަން ރުފިޔާ. އެއީ، ނޮޅިވަރަންފަރަށް އެކަނި ތަފާތު ފެންނަން ހުރިވަރު.

 

ވާހަކަކޮޅު އެއްސެވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

 

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ކުރިއަށް އޮތް މުސްތަޤުބަލަކީ، އަޅުގަނޑުމެންނަށް ފާގަތި މުސްތަޤުބަލެއް ކަމުގައި ﷲ ލައްވާށި!

 

وما توفيقى إلّا بالله عليه توكّلت وإليه أنيب.

والسّلام عليــكم ورحـمــة اللّـه وبـركاتـه.