ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. މި ތަހުނިޔާގައި، މިއަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން އަޅުގަނޑު ޝާމިލު ކުރަމެވެ. އަދި މި ފުރްޞަތުގައި މުޅި އިސްލާމީ އުންމަތަށްވެސް މި ޢީދުގެ ހެޔޮއެދުންތަކާއި ތަހުނިޔާ  ފޮނުވުމަކީވެސް، އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެއްމެއެވެ.

 

އަޟުޙާ ޢީދުގެ މުނާސަބަތަކީ، މުސްލިމުންގެ މެދުގައި ހިތްހެޔޮކަމާއި އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކުރުމުގެ މުނާސަބަތެކެވެ. ހަަމައެހެންމެ، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަމާއި، އަޚުވަންތަކަމުގެ ގުޅުން ޤާއިމުކޮށް ދެމެހެއްޓުމުގެ މުހިއްމުކަން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ  އުފާވެރި މުނާސަބަތެއްވެސްމެއެވެ.  

 

އިސްލާމްދީން އެއްބައިވަންތަކަމަށް ބާރުއަޅައި ގޮވާލާ މިންވަރު، ޙައްޖުގެ މަތިވެރި މަނާސިކުން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ މަތިވެރި ޢަޒުމް އާކުރެއްވުމަށް މި މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަމެވެ.   

 

އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ، މި ޢީދުގެ ބަރަކާތްތެރި ދުވަސްތަކަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރި ދުވަސްތަކެއް ކަމުގައި اللّـه سبحـانـه وتعـالٰى ލެއްވުމެވެ. ރާއްޖޭގައި އަބަދުވެސް ހަމަޖެހުމާއި އަމަންއަމާންކަން ޤާއިމުކޮށްދެއްވައި، ރާއްޖޭގެ ތަރައްޤީއަށް ކުރަމުންމިދާ ހަލުވި މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުމެވެ.