بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

އާދެ، މިއަދު، މި ހެނދުނުގެ އުފާވެރި ވަގުތު، ދިޔަމިގިއްޔަށް އައުމުން، ތިޔަބޭފުޅުން އަޅުގަނޑާ ދޭތެރޭ ތިޔަ ބެހެއްޓެވި ގާތްކަން ހަނދާންކޮށް، ތިޔަބޭފުޅުން ތިޔަވިދާޅުވި ހޫނު މަރުޙަބާއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އާދެ، އަޅުގަނޑުގެ މި ދަތުރުގައި ކޮންމެވެސް ވަރެއްގެ ހިނިތުންވުމެއް ދިޔަމިގިއްޔަށް ގެނެސްދެވޭތީ އަޅުގަނޑު އުފާވޭ. ދިޔަމިގިއްޔަށް ވަރަށް ޒަމާންވަންދެން ދަތިވެފައިއޮތްކަމެއް، އަދި ރާއްޖޭގައި މީހުންއުޅޭ ހަމަ ހުރިހާ ރަށްރަށަށްވެސް ޒަމާންތަކެއް ވަންދެން ދަތިވެފައިހުރި ކަންތައްތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ނިންމައިދީ، އެކަމުގެ ފަސޭހަ މިއިން ކޮންމެ ރަށަކަށް ގެނެސްދިނުމަށްޓަކައި އަޅުގަނޑު މިކުރާ ދަތުރު، މި ފުރުޞަތު އަޅުގަނޑަށް ލިބޭކަމީ، ހަމަ ތިޔަބޭފުޅުންގެ އުފަލުގައިވެސް އަޅުގަނޑު ބައިވެރިވާ ވާހަކައެއް ކަމުގައި ދަންނަވާލާނަން.

 

އާދެ، ދިޔަމިގިއްޔަށް މިއަދު މިއައީ، ތިޔަބޭފުޅުންނާ މިއަދު މި ބައްދަލުކުރީ، ޒަމާންތަކެއް ވަންދެން ތިޔަބޭފުޅުންނަށް ދަތިވެފައި އޮތް މައްސަލައެއް މިއީ، ނަރުދަމާގެ މައްސަލަ. ﷲގެ ރަޙްމަތާއެކީ ދިޔަމިގިލީގައި ނަރުދަމާ ނިމި، ނަރުދަމާގެ ފަސޭހަކަން ލިބިގެން ދިޔުމަކީ، ހަމަ ތިޔަބޭފުޅުންގެ ހިތްޕުޅަށް އުފާވެރިކަން ގެންނާނެ ކަމެއް. އެކަމުގެ އުފަލުގައި އަޅުގަނޑު ބައިވެރިވަން.

 

ދިޔަމިގިލީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެހެން ބައެއް ވާހަކަވެސް އެބަހުރި. މިކަހަލަ އާބާދީ މެދުވަރުގެ ނޫނީ ކުދި އާބާދީތަކަށް ބޭނުންވާ ވަރަށްގިނަ ކަންކަން ހުންނާނެ. މީގެކުރީގެ ސަރުކާރުތަކުގައިވެސް، އެ ސަރުކާރުތަކަށް ފަސޭހަ މިންވަރަކަށް، ނޫނިއްޔާ ސަރުކާރުތަކަށް އެކަށީގެންވީ މިންވަރަކަށް، ކެރުނު މިންވަރަކަށް، ނޫނިއްޔާ ފުދުންތެރިކަންހުރި މިންވަރަކަށް، ކަންކަން ކޮށްދެއްވަމުންވަނީ ގެންދަވާފައި. އެހެންނަމަވެސް، އަޅުގަނޑުމެން މި ރަށްރަށާ ހަމައަށް އަންނައިރު 187 ރަށެއްގައި މީހުން ދިރިއުޅެމުންދާއިރު، ހުރިހާ ރަށަކަށް ބޭނުންވާ މިކަހަލަ އަސާސީ ޚިދުމަތްތަކެއް އޭގެ ނަތީޖާއަކުން ފުރިހަމައެއްނުވޭ. އިދިކޮޅު ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގައާއި ޚާއްޞަ މަޖިލީހުގައާއި އެބޭފުޅުންގެ އަޑު އުފުލެމުންދިޔަ ވަގުތެއްގައި، ޤާނޫނު އަސާސީ އިޞްލާޙުވެގެންދިޔަ. މުޅިން އާ ޤާނޫނު އަސާސީއެއް ހެދިގެން ދިޔައިރު، މިކަހަލަ ކަންކަމަށް ރިޢާޔަތްކުރައްވައި އަދި އޭރުއޮތް ރައީސް މައުމޫނުގެ ސަރުކާރަށް މިކަހަލަ ކަންކަން ކޮށްދެއްވުމަށް ނުކުޅެދިފައިވާކަމަށް ވަކާލާތުކުރައްވަމުން، މިކަހަލަ ހުރިހާ އަސާސީ ޚިދުމަތްތަކެއް، ނޫނީ އަސާސީ ހުރިހާ ޙައްޤުތަކެއް ލިބުމަކީ، ރައްޔިތުންގެ ޙައްޤެއްކަމަށް ކަނޑައަޅާފައި ޤާނޫނުއަސާސީގައި އަޅުގަނޑުމެން އެ ވާހަކަތައް ލިޔެ ނިންމީ.

 

 މިއަދު ސިޔާސީގޮތުން އަޑުއުފުއްލަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއީ ހަމަ ރައްޔިތުންގެ ޙައްޤެއްވެސްމެއޭ. އެހެންނަމަވެސް، ސަރުކާރުތަކުން އެކަންކަން ކޮށްދިނުމުގައި ސަރުކާރަށް ފައިސާ ތަނަވަސްވެގެންދާ މިންވަރުން ސަރުކާރުތަކުން އެކަންކަން ކޮށްދޭ. އެއީ، ރަށަކަށް ބޭނުންވަނީ އެންމެ ކަމެއްނޫން. ދިޔަމިގިލީގައި، ހާހެއްހާ މީހުން އަދި ހަމައެއްނުވޭ. ދިޔަމިގިލީގައި މިއަދުވެސް އަޅުގަނޑަށް އެނގިގެން އެބަދޭ، އަދި ނަރުދަމާ އެޅުމަކުން ދިޔަމިގިލީގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާކަމެއް ފުރިހަމަވެގެން ދިޔައީކީނޫން. އަޅުގަނޑުމެން ހަމަ ވަރަށް ގިނަ ރަށްރަށުގައި ވާހަކަ ދައްކަމުން އަޅުގަނޑުމެން މިއަންނަނީ. ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ވާހަކަދައްކަމުން، ރަށްގިރާ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ވާހަކަ ދައްކަމުން. އަޅުގަނޑުމެން ދައްކަނީ ހަމައެކަނި ވާހަކައެއްނޫން. އެކަންކަމާ ބެހޭގޮތުން އަޅުގަނޑުމެން ދައްކާ ވާހަކައަކީ، މިތައް ރަށުގެ ގޮނޑުދޮށް މިހާވަރަށް ޙިމާޔަތްކޮށްދީފީމޭ.

 

 ޠާރީޤްގެ ވާހަކަފުޅުގައި، މި ދަތުރުގައިވެސް އަދި މީގެކުރީގެ ދަތުރުތަކުގައިވެސް އޭގެ ތަފްޞީލުތައް ދެއްވަމުން އެ ގެންދެވީ. 31,000 ކިލޯމީޓަރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު މިހާރު ސަރުކާރުންވަނީ ރާއްޖޭގެ އެކި ހިސާބުގައި ހިންގާފައި. އަޅުގަނޑުމެންގެ ކުރީގެ ސަރުކާރުތަކުން މުޅި ރާއްޖޭގައި ކުރެވިފައިއޮތްކަމަށް އަޅުގަނޑު ހަނދާންވަނީ، ތަފާސް ހިސާބުން 7 ކިލޯމީޓަރު. އޭގެ ހަތަރު ގުނަ އިތުރު ޢަދަދު މިހާރު މިވަނީ، މި ސަރުކާރުގައި މި ހިނގާ 5 އަހަރުގެ ތެރޭގައި ކުރެވިފައި.

 

 ދިޔަމިގިލީގެ ފަރާތުން މި ދާއިރާގެ މެންބަރު ދެންމެ ވާހަކަފުޅު ދެއްކެވިއިރުވެސް އެ ހުށަހެޅުއްވި، ދިޔަމިގިއްޔަށް ދަތިވެފައިހުރި ކަންކަމުގެ ތެރޭގައި މިރަށުގައިވެސް ރަށް ގިރާ މައްސަލަ. އެއަށް ޙައްލެއް ބޭނުންވާކަމަށް. އަޅުގަނޑު ހަމައުފަލާއެކު ތިޔަބޭފުޅުންނަށް އުފާވެރި ޚަބަރެއް ދޭން ބޭނުންވޭ. އެއީ، އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކުރާއިރު އަބަދުވެސް އަޅުގަނޑަށް ފެނިގެންދަނީ، ކުރީގެ ނާއުންމީދުވެފައިހުރި އެތައްކަމަކަށް އުންމީދުތަކެއް ލިބިގެންދާކަން، އަދި އަޅުގަނޑުގެ ޒިޔާރަތަކުން ތިޔަބޭފުޅުންނަށް ގަބޫލުކުރެއްވޭ، އެކަންކަން ފުދިގެންދާނެކަން.

 

މީގެ އަހަރުތަކެއް ކުރިން، އަޅުގަނޑުމެންގެ އެކި ހިސާބުގައި އޮތީ، ނާއުންމީދު. މިއަދު ސިޔާސީގޮތުން އަޅުގަނޑުމެންނާ ވާދަކުރައްވާ ބޭފުޅުން، މިވާހަކަތައް އެބަ ދައްކަވާލައްވަންޖެހޭ. އެބޭފުޅުން އޭރު ކަންކަން ކުރެއްވީ ކިހިނެއްތޯ؟ މަގުމަގުގެ ކަންމަތީގައި ތިބެގެން ދެއްކީ، ކޮން ވާހަކައެއްތޯ؟ ޑިސެންބަރުން 23 ވަނަ ދުވަހެއްގައި، އިއްތިޙާދެއް ހަދައިގެން، އޭރުއޮތް ސަރުކާރު، އެމް.ޑީ.ޕީ. ގެ ސަރުކާރާ ދެކޮޅަށް، މިހާރު އެމީހުންނާ އެއްކޮށްތިބި އެންމެން ދެއްކީ ކޮންވާހަކައެއްތޯ އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭ. އަދި އެބޭފުޅުންވެސް އެކަންކަން ޚިޔާލަށް ގެންނަވަން އެބަޖެހޭ. އެކަންކަން ޚިޔާލަށް ގެނައިމާ އަޅުގަނޑުމެންނަށް އެނގޭނެ، އޭރުއޮތް ސަރުކާރުން ރާއްޖޭގެ އެކި ހިސާބަށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިނުދެވުމާ އަދި އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމެއްގެ ގޮތުގައި އޮތުމަށްޓަކައި ބޭނުންވާ މުހިންމު ބަހާތަކަށް ބަލައިލުމެއްނެތި އަރައިގަންނަމުންދާތީ، އެ ޙައްޤުތައް އަނބުރާ ހޯދުމަށްޓަކައި ކުރެވުނު ވަރުގަދަ ޖިހާދެއްގެ ވާހަކަ އޭރު އަޅުގަނޑުމެން ދައްކަމުން ގެންދިޔައީ. އަދި މި މަސައްކަތް، މި އިޙްތިޖާޖު މިގޮތަށް ކުރަމުން ގޮސްފައި، އޭރުއޮތް ސަރުކާރު އިސްތިޢުފާ ދެއްވާފައި ދުރަށްވަޑައިގެންނެވިކަންވެސް، ހަމަ އަޅުގަނޑުމެންނާއެކީ އޭރު ތިއްބެވި ބޭފުޅުން، މިހާރު އެހެންނަމަވެސް، އިދިކޮޅުން ޖާގަ ހޯއްދަވައިގެން މުގޯލި އަޅުއްވާ ބޭފުޅުން އެވާހަކަތައް އެ ދައްކަވަނީ. މިހާރު މުޅިން މަންޒަރު ބަދަލުވީ.

 

އެކަމަކު އަޅުގަނޑު ރައްޔިތުންނާ ބައްދަލުކުރާއިރު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ޙަޤީޤަތާ އެއްގޮތަށް ކަންކަން ހުރިވާހަކަ. ސިޔާސީ މީހުން ވާހަކަ ދައްކާއިރު އެކިކަހަލަ ކުލަކުލަ، ދައްކާ ވާހަކައިގައި ޖައްސާނެ. އަދި ތަންދޮރު ދަންނަ ބައެއް ބޭފުޅުން ވާހަކަފުޅު ދައްކަވާއިރު އެކަން އެއަށްވުރެ މޮޅަށް ކުރައްވާނެ. އެހެންނަމަވެސް، ދިޔަމިގިއްޔަށް އައިސްފައި، ދިޔަމިގިލީގެ ވާހަކަ ދައްކާއިރު، ނަރުދަމާގެ ފަސޭހަކަން ލިބިގެންދާއިރު، ހަމަތިޔަބޭފުޅުން އިޙްސާސް ކުރައްވާ އުނދަގުލެއްގެ ގޮތުގައި މިއޮތީ، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މައްސަލަ، ރަށްގިރާ މައްސަލަ.

 

އަޅުގަނޑު ދިޔަމިގިލީގައި މިއަދު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް މިކަމަށް ޙައްލެއް ހޯދައިދޭން  ފުރުސަތު ހޯއްދަވައިދެއްވާށޭ. ތިޔަބޭފުޅުން، މި ފުރުސަތު ހޯއްދަވައިދެއްވީމާ އިރާދަކުރެއްވިއްޔާ ދެން އަންނަ 5 އަހަރެއްގައި އަޅުގަނޑުމެންގެ ސަރުކާރެއްގެ 5 އަހަރެއްގެ ކުރީކޮޅުގައި ދިޔަމިގިލީގެ ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްދޭނަން. އެހެން މިދަންނަވާ ސަބަބަކީވެސް، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ އެންމެ ރަނގަޅު ނަތީޖާތަކެއް ހޯދާފައި އޮތް ސަރުކާރަކީ މި ސަރުކާރު. އަޅުގަނޑުމެންގެ ސަރުކާރަށް އެނގޭ، ރަށްރަށަށް ޒިޔާރަތްކުރުމުގެ ކުރިންވެސް، ރަށްރަށުގައި ދަތިވެފައިހުރީ، ކޮންކޮން ކަންތައްތަކެއްކަން. އަދި ރަށްރަށުގައި ހިނގަމުންދަނީ، ކޮންކޮން މަޝްރޫޢުތަކެއްކަން. ރަށްރަށަށް ބޭނުންވާ ކަންކަން، ނޫނީ ޒުވާނުން ބޭނުންވާ ކަންކަމަކީ ކޮބައިކަންވެސް، އަޅުގަނޑުމެން ފުރަތަމަ މެނިފެސްޓޯ ހިފައިގެން ނުކުތްއިރުވެސް އަޅުގަނޑުމެންގެ ޚިޔާލުގައިހުރި.

 

އެއީ ދިރާސާތަކެއް ކޮށްފައި އެކަންކަން ކުރީމާ. އަދި މިއަދު އެކިއެކި ރަށްރަށަށް ބޭނުންވާ ކަންކަމާއި، މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ، އަސާސެއް ނެތިއެއް ނޫން. ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް، އަދި ރާއްޖޭގެ އެކި ހިސާބުގެ ރައްޔިތުންނާ ބައްދަލުކޮށް، ބައްދަލުވި ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް، އަޅުގަނޑުމެންގެ މެނިފެސްޓޯގެ ކަންތައްތައް ހިމަނާފައި އެހެރީ. އެހެންވީމާ، ގޮނޑުދޮށް ޙިމާޔަތްކުރުމަކީ، އަޅުގަނޑުމެންގެ ސަރުކާރު އިސްކަންދޭ ކަމެއް. އަޅުގަނޑުމެންގެ ސަރުކާރުން އިސްކަންދޭ ކަންކަމުގެ ތެރޭގައި، ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމަކީ، ޤުދުރަތީގޮތުން އޭގެ ޒާތުގައި އެކަމަށް ޙައްލެއް އަންނާނެ ކަމެއް ކަމަކަށް، އިދިކޮޅު ބޭފުޅުން ޤަބޫލުކުރެއްވިޔަސް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން. އަޅުގަނޑުމެން ޤަބޫލުކުރަނީ، އެކަން ޙައްލުކުރަން މަސައްކަތްކޮށްގެން ތޮށިލެވިގެން، އެކަންކަން ޙައްލުވެގެންދާނެކަމަށް. އެހެންވީމާ، ދިޔަމިގިލީގައި ތިޔަބޭފުޅުންގެ އަރިހުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެވިއްޔާ މިކަންކަން ޙައްލުވެގެން ދާނެއޭ.

 

ދިޔަމިގިލީގައި ހުރެގެން ނަރުދަމާގެ ނިޒާމެއް ފަށްޓައިދީފައި، އޭގެ ފަސޭހަ ތިޔަބޭފުޅުންނަށް ލިބި، އެ އުފަލުގައި ތިޔަބޭފުޅުން ބައިވެރިވާ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ދާދި ކައިރީގައި މިތާ މިއޮތީ ގާދިއްފުށި. ގާދިއްފުށްޓަކީވެސް، އާބާދީގޮތުން ދާދި އެއްވަރުގެ އާބާދީއެއް ދިޔަމިގިއްޔާ. އެހެންނަމަވެސް، އަޅުގަނޑުގެ މިދަތުރުގެ ކަންތައްތައް ހަމަޖެހިފައި ހުރި ގޮތުން، އަޅުގަނޑު ދާން ބޭނުންވާ ހުރިހާ ރަށަކަށް ނުދެވޭ. ދިޔަމިގިއްޔަށް އާދެވުނު ކަމުގައިވީނަމަވެސް ގާދިއްފުށްޓަކަށް ނުދެވޭ. އަދި މިތާ ކައިރީގައި މިއޮތީ ގުރައިދޫ. ދާއިރާގެ ޢިއްޒަތްތެރި މެންބަރުވެސް އެބަ އިންނެވި. އެހެންނަމަވެސް، އަޅުގަނޑަކަށް މިދަތުރުގައި ގުރައިދޫއަކަށްވެސް ދެވޭނެ ގޮތެއް ނެތް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކުރާ ރަސްމީ މަސައްކަތްތައް މަޝްރޫޢުތައް ނިންމައި އެ މަޝްރޫޢުތައް ހުޅުވައިދޭން މިކުރާ ދަތުރުތަކެއް އަޅުގަނޑު މިހާރު މި ކުރަނީ. އެހެންނަމަވެސް، މިދަތުރުތަކުގެ ތެރެއިންނަމަވެސް އަޅުގަނޑުގެ އަމިއްލަ ދަތުރުތަކެއްގެ ގޮތުގައި، ސިޔާސީ މަސައްކަތުގެ ދަތުރުތަކެއްގެ ގޮތުގައި، ބައެއް ރަށްރަށަށް، އަޅުގަނޑު ޒިޔާރަތް ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. އޭގެ ތެރޭގައި، ހަމަ ގުރައިދޫ ކަހަލަ ރަށްރަށްވެސް، ހިމެނޭނެކަމަށް އަޅުގަނޑު ހަމަ ޙުސައިން މަނިކަށްވެސް ދަންނަވާލާނަން.

 

އާދެ، މިތާ ދާދި ކައިރީގައި ގާދިއްފުށި މިއޮތީ. މިރަށުގައި ނަރުދަމާގެ ޚިދުމަތް ލިބިގެންދާއިރުގައި، އުފަލުގައި ތިއްބަވާއިރު، އަޅުގަނޑު ގާދިއްފުށީގެ ރައްޔިތުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދެން އަންނަ ފަސް އަހަރެއްގެ، ހަމަ ކުރީކޮޅުގައި ގާދިއްފުށީގައި، ނަރުދަމާގެ ނިޒާމުވެސް ގާދިއްފުށީގެ ރައްޔިތުންނަށްޓަކައި ގާއިމު ކޮށްދޭނަމޭ. މިކަމާ ދޭތެރޭގައި ހަމަ އެއްވެސް ކަހަލަ ޝައްކެއް، އެބޭފުޅުންގެ ހިތްޕުޅުގައި ނުބާއްވަން އަޅުގަނޑު ދަންނަވަން.

 

ކޮންމެ ރަށަކަށް އައިސް އަޅުގަނޑުމެން މި ދައްކަނީ، ތަރައްޤީގެ ވާހަކަތަކެއް. ކޮންމެ ރަށަކަށް އައިސް އަޅުގަނޑުމެން މިދަންނަވަނީ، އަޅުގަނޑުމެން މި ދައްކަނީ، ރަށްރަށަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ވާހަކަ. ރަށްރަށަށް ބޭނުންވެފައި ހުރި ކަންތައްތައް ފުދިގެން ދިޔުމާއި ތަރައްޤީއާ އޮންނަނީ ކިހާވަރެއްގެ ގުޅުމެއްކަން އަޅުގަނޑާ ވާދަކުރައްވާ އިދިކޮޅު ބޭފުޅުންނަށް އެބަޖެހޭ އެނގިވަޑައިގަންނަވަން. އަދި އެބޭފުޅުންނަށް އެކަން އެނގިވަޑައިގަންނަވާ މިންވަރެއް ރައްޔިތުން ކައިރީގައި އެބަ ވިދާޅުވާންޖެހޭ، ރައްޔިތުންގެ އަރިހުގައި އެބަ ވިދާޅުވެދެއްވަންޖެހޭ. ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް އަޅުގަނޑުމެން މިހާތަނަށް ކުރަމުން ގެންދިޔަ މަސައްކަތްތަކާ ބެހޭގޮތުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެގެން މިއައީ، ސަރުކާރެއް ދެން ހިންގަން ޙަވާލުވާ ބަޔަކު ޙަވާލުވެގެންދާއިރު އެމީހުންނަށް އޮންނާނީ ބޮޑު ދަރަންޏެއް. އެހެންވީމާ، މި ދަރަނި އޮތްލެއް ބޮޑުކަމުން، މިބޭބޭފުޅުން ކަންބޮޑުވާ ވާހަކަ މި ހުރިހާ ބޭފުޅުން ދައްކަވަމުން ގެންދެވި. އެކަމަކު، ފަހަރުގައިވެސް ކީއްތޯވާނީ އެބޭފުޅުންގެ ޚިޔާލުފުޅަށް ގެންނެވިއްޔާ އެބޭފުޅުންގެ ވެރިކަމެއް ނިންމަވާފައި އެބޭފުޅުން ރައްޔިތުންނާ ވަކިވެގެން ވަޑައިގެންނެވިއިރު އެބޭފުޅުން ދޫކޮށްލެއްވީއޭ، ދެން އަންނަ ސަރުކާރުން ފޫބެއްދުމަށްޓަކައި ދެކޮޅުނުޖެހޭ ގޮތަށް ކޮށްފައިހުރި ކަންތައްތަކެއްގެ ނަތީޖާއެއްގެގޮތުން 29 ހާސް މިލިއަން، ނޫނިއްޔާ ދެ އަހަރު ބައިގައި މުޅި ރާއްޖެއަށް ވަންނަ ޖުމްލަ ފައިސާ، އެއީ ކިތައް ނަރުދަމާތޯ، ކިތައް މަގު ހެދުމުގެ މަޝްރޫޢުތޯ، ކިތައް ބަނދަރުތޯ، ކިތައް ސްކޫލްތޯ، މިހާ ބޮޑު ދަރަންޏެއް ދޫކޮށްލާފައި އެބޭފުޅުން ރައްޔިތުންނާ ވަކިވެގެން ދިޔައީ. 29 ހާސް މިލިއަން ރުފިޔާ.

 

 29 ހާސް މިލިއަން ރުފިޔާގެ ވާހަކަ ދައްކާއިރު، އެއީ ކިހާ ބޮޑު އަދަދެއްކަން އަޅުގަނޑު ދަންނަވާލާނަން. މިރަށުގައި، ދިޔަމިގިލީގައި، މިހިންގި ނަރުދަމާގެ ނިޒާމަށް ޚަރަދުވެފައި މި އޮތީ، އެންމެ 28  މިލިއަން. އެންމެއޭ ދެންނެވިޔަސް، މިއީ ބޮޑު އަދަދެއް. އެންމެއޭ މި ދެންނެވީ ނިސްބަތުން 29 ހާސް މިލިއަނުގެ ނިސްބަތުން. އެހެންވީމާ، މިކަހަލަ އެއްހާސް ނަރުދަމާގެ ބޮޑު ދަރަންޏެއް އެބޭފުޅުން ސަރުކާރުން ވަކިވެގެން ދިޔައިރު ރައްޔިންގެ ކަންތައްތައް ބަލަހައްޓަން އައި ބަޔަކާ ދެން މަތިކޮށްފައި ދިޔައީ. އެހެންވީމާ، ދަރަންޏާ ދޭތެރޭގައި ކަންބޮޑުވާންވީ އެބޭފުޅުންތޯ. ދަރަންޏާ ދޭތެރޭގައި އެބޭފުޅުން ކަންބޮޑުވަންޏާ އެވަރުގެ ބޮޑު ދަރަންޏެއް ދުލެއް ނުކުރާނެ. އަދި އެވަރުގެ ބޮޑު ދަރަންޏެއް ދޫކޮށްފައި ދިޔައިރު، އަޅުގަނޑުމެން ބަލައިލަން ބޭނުންވޭ، ކިތައް ރަށުގެ ނަރުދަމާތޯ އަޅައިދެއްވީ. ކިތައް ރަށުގެ ބަނދަރުތޯ ހެދުނީ. ކިތައް އެއަރޕޯޓުތޯ ހެދުނީ. އަދި ކިތައް ރަށުގެ މަގު ހެދުނުތޯ، ނޫނީ ކިތައް ސްކޫލް އެޅުނުތޯ. މިކަންކަމަކަށް ޖަވާބު ނޯންނާނެ. އެއީ، އެބޭފުޅުން ގެންގުޅުއްވާ ތަފާސް ހިސާބަކުންވެސް އެ ފެންނާކަށް ނޯންނާނެ. އެކަމަކު، ޚިޔާލީ ވާހަކައިގެ ތެރޭގައި، ވަރަށް ގިނަ ވާހަކަ ދެއްކެވިދާނެ. އެކަމަކު ޢިމާރާތެއްކޮށްފައި ހުރިއްޔާ، އެ ޢިމާރާތް ފެންނަން ވާނެ. ޚަރަދެއްކޮށްފައި އޮތިއްޔާ، ތަފާސްހިސާބުން އެ ޚަރަދު ފެންނަންވާނެ. ތަފާސްހިސާބުން ޚަރަދުކޮށްފައި އޮތީމާ، އަދި އާމްދަނީ ހޯދާފައި އޮތީމާ، އަޅުގަނޑުމެން، ޖީ.އެމް.އާރަށް އެއަރޕޯޓް ވިއްކާލި ވާހަކަ މި ދައްކަނީ. އެއީ، އެބޭފުޅުންނަށް ވަރަށް އުނދަގޫ ވާހަކައަކަށް މިހާރުވެސްވެއްޖެ. އެކަމަކު ހަމަ އެބޭފުޅުންނާއެކު މިއަދު ތިއްބެވި ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާނަން. ރައްޔިތުންގެ ޙައްޤުގައި އޭރު އެބޭފުޅުން އެއަރޕޯޓު ވިއްކާލި ވާހަކަ ދެއްކެވިގޮތަށް، މިއަދު އެވާހަކަ ދެއްކެވުމުގައި ހަނުހުންނަވަނީ ކީއްވެގެންތޯ.

 

އެއީ، ޤާނޫނާ ޝަރީޢަތުގެ ކުރިމައްޗަށް މީހަކު ގެންދިޔައިމާ ހަނު ހުރުމުގެ ޙައްޤު އޮންނަ އުސޫލުންތޯ އެކަން ކުރަނީ. ނޫނިއްޔާ މިއަދު އެ ބޭފުޅުން އެ ވާހަކަ ދައްކަވަން ލަދުފުޅު ގަންނަނީތޯ؟ ކީއްވެގެންތޯ އެބޭފުޅުން މިއަދު އެ ވާހަކަ ނުދައްކަވަންވީ. އެ ބޭފުޅުންނަކީ އަޅުގަނޑުމެންނާއެކީ މި އިޙްތިޖާޖުގައި އެންމެ އިސްކޮށް ނުކުމެވަޑައިގެންނެވި ބޭފުޅުން. އެމް.ޑީ.ޕީ. ސަރުކާރާ ދެކޮޅަށް އެންމެ ވަރުގަދައަށް ނުކުމެވަޑައިގެންނެވި. އެއަރޕޯޓު ޖީ.އެމް.އާރަށް، ބޭރުކުންފުންޏަކަށް ވިއްކާލި މައްސަލައިގައި އެންމެ ވަރުގަދަޔަށް ވަކާލާތުކުރައްވަން އަޅުގަނޑާއެކީ ނުކުމެވަޑައިގެންނެވި ބޭފުޅުން މިއަދު އެ ތިއްބެވީ. އެހެންވީމާ، ދެން ތިޔަބޭފުޅުން ވިދާޅުވޭ، އެ ބޭފުޅުންނަށް އޭގެތެރެއަށް ވަޑައިގަތަސް އެ ބޭފުޅުންނަށް ކޮންކަހަލަ ގުޅުމެއްތޯ، ކޮންކަހަލަ ކުލުނެއްތޯ، ކޮންކަހަލަ ރަޙުމެއްތޯ، އެމް.ޑީ.ޕީ. ސަރުކާރުން އޮންނާނީ.

 

އިންސާނުން މިކަހަލަ ކަންކަން ނިންމާއިރު، އިންސާނުން އިންސާނުންނާ ގުޅުން ހުންނަ އިޖުތިމާޢީ ކަންކަމުގައި، އެންމެ ބޮޑުކަމެއް ނިންމަނީ، އެމީހުންގެ ހަނދާނުގެ މައްޗަށް ބިނާކޮށް. ޙަސަދަވެރިކަމުގެ މައްޗަށް ބިނާކޮށް، ނޫނިއްޔާ ގުޅުމުގެ ރަޙުމަށް ބިނާކޮށް. މިކަންކަމަށް ވިސްނާއިރު އެމީހުންނަށް އެހާ ދަތިކޮށް، މި ކަންކަމުގައި މިހާ ވަރުގަދަ ވާހަކަ ދައްކާ، އަދި ނިމިގެން ދިޔައިރު، ސަރުކާރު ބަދަލުވި ބަދަލުވުމަކީވެސް، މިކަންކަމުގެ މައްޗަށް ބިނާކޮށް އޭރު ކުރެވުނު އިޙްތިޖާޖުކަމަށް އެމް.ޑީ.ޕީ.ގައި ތިއްބެވި ވެރިން ޤަބޫލު ކުރައްވާއިރު، މިއަދު އޭރު އަޅުގަނޑުމެންނާއެކީ މުގޯލި އެޅި ބޭފުޅުން ވަޑައިގެން އޭގެ ތެރެއަށް ވަދެވަޑައިގެން ތިއްބަސް، އެބޭފުޅުންނަކަށް އެއަކުން ނޯންނާނެ ހަމްދަރުދީއެއް. މިހާރު ބައި އަޅާގޮތް އެއޮތީ ވިދާޅުވެފައި. ކޭކުފޮއްޗެއް ލިބިއްޖެކަމަށް ވަންޏާ، ބައި އަޅާނެގޮތް ކިޔައިދެވިދާނެ، ކޭކު ފޮއްޗެއް ލިބެންދެން. އެކަމަކު ކޭކުފޮތި ލިބުނީމާ ބައި އަޅާގޮތް، ކިހާވަރަކަށްތޯ ކޭކުފޮތި ފަޅާ މީހާ ދަހިވެތިވަނީ، އެއީ އަޅުގަނޑުމެންނަށް މީގެކުރީގައި ފެނިފައި ހުރި ކަންކަން.

 

އެހެންވީމާ، މިއަދު ކޮންމެ ބަޔަކަށް މިވެނި ޕަސެންޓޭޖެއް ކޭކުން ދޭނަމޭ ބުނެވިދާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މީގެ ޙަޤީޤަތްވެސް، މާ ދުރު މާޒީއަކު ނޫން އަޅުގަނޑުމެންނަށް ފެނިފައި އޮތީ. ކޭކުފޮތި ބައި އެޅުނުތޯ؟ ކޭކުފޮތި ބައި އެޅިގެން އެ ކޭކުފޮތި ކައިގެން އޭގެ ރަހަ ކަރުތެރޭގައި ހަރުލާކަމަށްވަންޏާ، ޤާސިމް އިބްރާހީމް ހޯމް މިނިސްޓަރުކަމުން ތިން ހަފްތާ ނުވަނީސް ވަކިވެގެން ދިޔައީސްތޯ؟ އެހެންވީމާ، ދެން މިއަދު މިކަހަލަ ވާހަކަ ދެއްކެވީމާ ހަމަ އަޅުގަނޑުވެސް ދަންނަވާނީ، އަޅުގަނޑުމެން މި ކަންކަމާ ދޭތެރޭ ވިސްނަންވެސް ޖެހެއޭ. އަދި އެ ބޭފުޅުން އެއުޅުއްވާ ޙާލަތާ ދޭތެރޭގައިވެސް އަޅުގަނޑު ހަމްދަރުދީވެސް ވެއޭ. ގައިމު މި އަޅާ ކޭކުފޮތީގެ ބައިއެޅުން ހަމަޖެހިގެން ނުދާނެތީ ދޮގެއްތޯ މިއަދު އިދިކޮޅުން ނިކުމެވަޑައިގެން އުޅުއްވާ ބޭފުޅުންގެ ވަޢުދުތަކުގެ ތެރޭގައި، ނޫނީ މެނިފެސްޓޯގައި، އެންމެ ވަރުގަދައަށް ދައްކަވާ އެއް ވާހަކައަކީ، ކޯލިޝަނެއް ހިންގުން ރެގިއުލޭޓް ކުރާނަމޭ ތިމަންނަމެން. ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ޤާނޫނެއްގެ ތެރެއިން މިކަންކަން ތިމަންނަމެން ހަމަޖައްސާނަމޭ. އެހެންވީމާ، މިއޮތީ އިތުބާރު އޮތް ހިސާބު. މިއޮތީ އިތުބާރު އޮތް ހިސާބު. އެހެންވީމާ، ޤާނޫނަކުން މިކަން ރެގިއުލޭޓް ކުރާ ހިސާބަށް ދިޔައިމާ އޭގެމާނައަކީ، ދެމީހުންގެ ދޭތެރޭގައި، ދެ ލީޑަރުންގެ ދޭތެރޭގައި އަނގަބަހުން އެއްބަސްވާ އެއްބަސްވުމަކަށް އެއްވެސް ކަހަލަ އިޙްތިރާމެއް ނޯންނާނެ ވާހަކަ. އަދި އެގްރީމެންޓު ހެދިފައި ސޮއި ކުރިޔަސް، އެއްވެސް ކަހަލަ ބަލައިލުމެއް ނޯންނާނެކަން.

 

އަޅުގަނޑުމެން ދުށިން އޭރު ވަރަށް ވަރުގަދައަށް އެ ބޭފުޅުން ދައްކަވަމުން ގެންދެވި ޚާއްޞަކޮށް ޖުމްހޫރީ ޕާޓީން ވިދާޅުވި، މިއޮތީ އެގްރީމެންޓެކޭ، ޞައްޙަ އެގްރީމެންޓެކޭ. ފިންގަރ ޕްރިންޓް އެބައޮތޭ. ތިމަންނަމެންނަށް ލިބެންވާ ބައި ހޯދުމަށް ޝަރީޢަތަށް ދާނަމޭ. ޝަރީޢަތަކަށްވެސް ނުދިޔަ. އެހެންވީމާ، މިއަދު މި ނުކުންނަނީ އެ މައްސަލަ. މިއަދު އެމް.ޑީ.ޕީ.ގެ ބޭފުޅުން އެބަ ވިދާޅުވޭ، ކޯލިޝަން ރެގިއުލޭޓް ކުރުމަށްޓަކައި، ނޫނީ ކޯލިޝަންގެ ކަންކަން ތިމަންނަމެން މިހާރު އެއްބަސްވާގޮތަށް ގެންދިޔުމަށްޓަކައި، ތިމަންނަމެން މިކަން ޤާނޫނަކުން ނިންމާނަމޭ.

 

 ދެމީހެއްގެ ދޭތެރޭގައި ނުވަތަ ދެބައެއްގެ ދޭތެރޭގައި ހުންނަ މިކަހަލަ މުޢާމަލާތް، އިތުބާރަށް ކަމަށް ބުނެ، ބިނާކުރާ މުޢާމަލާތް ޤާނޫނަކުން އެކަންކަން ނިންމާ ހިސާބަށް ދިޔައިމާ އޭގެ މާނަ އެބަ އެނގޭ. އެގްރީމެންޓު ކުރުމާ ހަމައިން، އިތުބާރު ނެތްކަން އެބޭފުޅުން ޤަބޫލުކުރައްވާ ވާހަކަ އެ ވިދާޅުވަނީ. އެކަން އަދި އެބޭފުޅުން ދައްކަވައިވެސްފި. އެންމެ 18 މަސްދުވަހަށް ވަޑައިގަންނަވާ ވެރިއަކަށް، ވަޑައިގަންނަވަން އުޅުއްވާ ބޭފުޅަކަށް ކިހިނެއްތޯ މިކަހަލަ ކަންކަން ކުރައްވާނީ. އެކަންކަމެއް ނުކުރެއްވޭނެ.

 

އެއަރޕޯޓު ވިއްކާލި ވާހަކަ އަޅުގަނޑުމެން މިއަދު ދައްކަމުން ގެންދާތީ، މިއަށް އެބަ ކޮންމެވެސް ތަފްޞީލެއް ދެއްވާ. ނޫނެކޭ ތިމަންނަމެން ވިއްކާލީކީ ނޫނޭ. އެކަމަކު ތިމަންނަމެންނަށް އަތެއް ނުލެވޭނެއޭ، އެތަން ހިންގަންވާނެ ގޮތަކާ ދޭތެރޭ އެއްޗެއް ނުބުނެވޭނެއޭ، އެތަނުގައި ތިބެންވާނީ ދިވެހި މުވައްޒަފުންކަމެއް ނުބުނެވޭނެއޭ، އެތަނުން ނަގަންވާނެ ޓެކްސްގެ ޢަދަދެއް ނުބުނެވޭނެއޭ، އެތަނަށް ޖައްސަންވާނީ ކޮން ޤައުމެއްގެ އެއަރލައިނެއް ކަމެއް ނުބުނެވޭނެއޭ، ތިމަންނަމެންގެ އެއްޗެކޭ، އެކަމަކު ތިމަންނަމެންނަކަށް އެއްވެސް އެއްޗެއް ބުނުމުގެ ބާރެއް ނެތޭ. އެހެންވީމާ، ތިމަންނަމެން ދިނީ، ދިގު މުއްދަތަކަށް ކުއްޔަށޭ. ބާރު ނުފޯރާގޮތަށް، ރާއްޖޭގެ ސަރުކާރުގެ ސިޔާދަތު ނުހިނގާގޮތަށް ދޫކުރާ ކޮންމެ އެއްޗަކީ، އަޅުގަނޑުމެންގެ ބާރެއްނެތް، އެހެންބައެއްގެ ބާރު އޮންނަ ކޮންމެ އެއްޗަކީ، އެބަޔަކު އެ މުދަލަކަށް ތަޞައްރަފުކުރަން ބޭނުންވާ ގޮތަކަށް ތަޞައްރަފުކުރުމަށް ދޫކޮށްލެވޭ މުދަލެއް. އެއީ ވިއްކާލުމެއް. ދިގު މުއްދަތަކަށް ކުއްޔަށްދިނުމަކީ، ހަމަ އެގޮތަށް ވިއްކާލުމެއް.

 

ދެން އެވާހަކަ ދައްކާއިރު ދެކެވޭ ވާހަކައެއް އެބައޮވޭ. އޭރުގެ ބަންޑާރަނައިބަކަށް ހުންނެވި ބޭފުޅަކު، ނޫނީ ރައީސް ވަޙީދުގެ ސަރުކާރުގެ ބަންޑާރަނައިބަކަށް ހުންނެވި ބޭފުޅަކު އެބަ ވިދާޅުވެއޭ، ޢާޒިމާ ޝުކޫރުގެ ނަން ވިދާޅުވެފައި ވިދާޅުވަނީ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް ވަރުގަދަ ޤާނޫނީ ބޭފުޅެއް ޢާޒިމާއަކީ. އެހެންވީމާ، ޢާޒިމާ އެ ވިދާޅުވި ވާހަކައަކަށް، މިއަކުން ރައްދެއް ނުދެވެއޭ އެބޭފުޅުން ރައްދު ދެއްވަން ވިދާޅުވިޔަސް. ޢާޒިމާ ވިދާޅުވަމުން ގެންދެވީ، އެގްރިމެންޓް ކުރި ހިސާބުން އެއީ ޞައްޙަ ނޫން އެގްރިމެންޓެކޭ. ތެދެއްމެ، އެގްރިމެންޓްކުރި ހިސާބުން މިކަހަލަ ކަންކަމުގެ އުސޫލަށް ބަލާކަމަށްވަންޏާ، އެއީ ލޯޔަރެއްގެ އޮޕީނިއަން. އެއީ ޞައްޙަ އެގްރިމެންޓެއް ނޫނޭ ވިދާޅުވީ.

 

އެހެންވީމާ، ރައީސް ޔާމީން ކީއްވެގެންހޭ މިދައްކަނީ، 320 މިލިއަން ޑޮލަރު ބަދަލު ދޭންޖެހުނު ވާހަކަ. އެއީ، މިބޭފުޅުންގެ ހަމަ ހުންނަގޮތް. 320 މިލިއަން ޑޮލަރުގެ ބަދަލު ދޭންޖެހޭ ސަބަބަކީ، އަޅުގަނޑުމެންނަކީ އިންޑިޔާ ކަނޑުގައި، ބޭރުގެ އިންވެސްޓަރުން ގެނެސްގެން ބޭރުގެ ފަރާތްތަކާއެކީ މުޢާމަލާތު ކުރާއިރު، އެ ފަރާތްތަކުގެ އިތުބާރު ރާއްޖެއާ ދޭތެރޭގައި ކުރިއަށް އޮތް ތާނގައިވެސް އޮތުމަށްޓަކައި، ޤާނޫނީ އުސޫލުން ކަންކަން ނިންމާ ބައެއް. އަޅުގަނޑުމެންނަކަށް އެފައިސާ ނުދައްކާ ދެކޮޅެއް ނުޖެއްސޭނެ. އަދި އެ އެގްރިމެންޓަކީ، އެހެންއޮތް އެގްރިމެންޓެއްކަމަށް ބައެއް ލޯޔަރުންގެ ނަޒަރުގައި އޮތް ނަމަވެސް، އެ އެގްރިމެންޓުގެ މާއްދާއާ ބެހޭ މައްސަލައެއްޖެހި އެއްވެސްކަމެއް ވެއްޖެކަމަށްވަންޏާ ދެ ފަރާތުން ވާހަކަ ދައްކައިގެން ޞުލްޙަވެރިކަމާއެކީ ޙައްލެއް ހޯދައި ނުދެވިއްޖެ ކަމަށްވަންޏާ، ދާންވާނީ ބައިނަލްއަޤްވާމީ އާރބިޓްރޭޝަނަށޭ. އެހެންވީމާ، މިކަހަލަ ބޮޑެތި ވިޔަފާރީގެ މުޢާމަލާތްތައް ކޮށްފައި، އެ މުޢާމަލާތްތަކުގައި ކަނޑައަޅާފައި ހުންނަ ގޮތަށް ނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ނޯންނާނެ އެކަން ނިންމޭކަށް. މިއީ ދައުލަތެއް. މި ދައުލަތް މި ހިންގަނީ، ޤާނޫނާއި އެއްގޮތަށް. އަދި މި ދައުލަތް މި ހިންގަނީ ޤާނޫނުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަންތައްތައް ދިވެހިރާއްޖޭގައި ކަށަވަރު ކޮށްދިނުމުގެ އިތުރަށް، ޤާނޫނުން ބޭރު މީހުންނަށް ދޭ ޙިމާޔަތް، ޚާއްޞަކޮށް ފޮރިން އިންވެސްޓަރުންނަށް، އިންވެސްޓްމެންޓްތަކަށް ދޭ ޙިމާޔަތްވެސް ކަށަވަރުކޮށްދެމުން. މި އިންވެސްޓްމެންޓަށް ދޭ ޙިމާޔަތް ކަށަވަރުކޮށްދޭތީ ދޮގެއްތޯ، މި ސަރުކާރުގައި، އެއަރޕޯޓާ ދާދި ކައިރީގައި 1000 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ހަދައިގެން އެ އުޅެނީ. އެއީ، މި ސަރުކާރުން އިންވެސްޓްމެންޓް ކަށަވަރުކޮށްދޭނެކަން އެނގޭތީ. މި ސަރުކާރުން ނާއިންސާފުން، ނޫނީ ޙައްޤެއް ނެތްގޮތުގައި މިމީހުންގެ މުދަލަށް އަރައިނުގަންނާނެކަމުގެ ގެރެންޓީ އޮންނާތީ. އެހެންވެގެން ރާއްޖެއަށް ބޭރުގެ މީހުން އަންނަނީ.

 

 އެހެންވެ ޖީ.އެމް.އާރު.ގެ މައްސަލައިގައިވެސް މިވާގޮތަކީ، އެގްރިމެންޓުގައި އާރބިޓްރޭޝަނަށް ދާންޖެހޭނެކަމަށް އޮތީމާ، އެއީ އެއްކޮޅުން ސަރުކާރު ސޮއި ކޮށްފައި އޮތް އެގްރިމެންޓެއް. ދެން މިހެން ބުނާއިރަށް ވިދާޅުވާނެ، ނޫން، ސަރުކާރެއް ނޫނޭ އެމް.އޭ.ސީ.އެލް.އޭ. އެމް.އޭ.ސީ.އެލް.އަކީ ސަތޭކައިން ސަތޭކަ ސަރުކާރުގެ ކުންފުންޏެއް. އެހެންވީމާ، އެމް.އޭ.ސީ.އެލް.އިން އުފުލަންޖެހޭ ކޮންމެ ބުރައެއް، ޤާނޫނީ ކޮންމެ ޒިންމާއެއް އުފުލަންޖެހެނީ އާޚިރުގައި، ސަރުކާރުން. އެއީ، ސަރުކާރުގެ ސިއްކަޖެހިގެންދާ އެއްޗަކަށްވާތީ. އެހެންވީމާ، އާރބިޓްރޭޝަނަށް ދިޔައިމާ، އާރބިޓްރޭޝަނުގައި ތިބޭނީ އަޅުގަނޑުމެންގެ ފަނޑިޔާރުންނެއްވެސް ނޫން. ދުނިޔޭގެ މިކަހަލަ ކަންކަމަށް އެންމެ ފުންނާބު އުސް ލޯޔަރުންނާއި ފަނޑިޔާރުން ތިއްބަވަނީ. އެ ނިންމާ ނިންމުމެއް އަޅުގަނޑުމެން ޖެހޭނީ ގަބޫލުކުރަން. އެއީ، އަޅުގަނޑު ދަންނަވާލާނީ އެމް.ޑީ.ޕީ. ބޭފުޅުންނަށް، ކީއްވެގެންކަން އެބޭފުޅުން ކުރެއްވި މޮޅު ވިޔަފާރީގެ މުޢާމަލާތަކުން ނިމިގެންދިޔައިރު، މުޅިސަރުކާރު ދަރަނިވާވަރުގެ ބޮޑު އަދަދަކުން އަޅުގަނޑުމެން ބަދަލު ދައްކަންޖެހުނު ސަބަބު، މިދަންނަވާލީ.

 

އެހެންވީމާ، މިކަހަލަ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ސިޔާސީ މޫސުމެއް، ސިޔާސީ ދުވަހެއް ކުރިއަށް އޮތީ. ސިޔާސީ ދުވަހަކަށް ވީނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލާނީ، ސިޔާސީ ދުވަހަކަށްވަނީ، ރައްޔިތުންގެ ވޯޓަކަށް އަންނަ ދުވަސް. އެކަމަކު އެދުވަހުގެ ވޯޓުގެ ނަތީޖާއާ ދޭތެރޭގައި ވިސްނާކަމަށްވަންޏާ، އަޅުގަނޑު ހަމަ ދިޔަމިގިލީގައިވެސް ދަންނަވާލަން ބޭނުންވަނީ، އެއީ ސިޔާސީ ވޯޓެއްކަމަށް ވިސްނާވަޑައިނުގަންނަވާށޭ. އެއީ، އަޅުގަނޑުމެން ރައްކާތެރިކުރަން ބޭނުންވާ އެތައްބައިވަރު މަޞްލަޙަތުތަކަކާއި، އަޅުގަނޑުމެން ޙިމާޔަތްކުރަން ބޭނުންވާ ޤައުމީ އެތައް އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް، އެކަންކަން އޮންނަންވީ ގޮތުގެ މިސްރާބު ކަނޑައަޅާ ދުވަސް. ދިވެހިރާއްޖޭގައި އޮންނާނީ އިސްލާމްދީންތޯ؟ ދިވެހިރާއްޖޭގައި ތިބޭނީ ސަތޭކައިން ސަތޭކަ އިސްލާމުންތޯ؟

 

 އަޅުގަނޑު މިވާހަކަ ދައްކާތީ، އަޅުގަނޑުގެ އިދިކޮޅު ބޭފުޅުންނަށް ކަންބޮޑުވޭ. ކޮންކަމަކާތޯ މިކަމާ ކަންބޮޑުވަނީ؟ އެއިން ކޮންމެ ބޭފުޅަކު ޝަހާދަތް ޤާއިމުކުރައްވާ ކަމަށްވަންޏާ، ހަމަ ވިދާޅުވާންވީ ނޫންތޯ، ދިވެހިރާއްޖޭގައި ތިބޭނީ ސައްތައިންސައްތަ މުސްލިމުންނޭ. އަދި އެބޭފުޅުންނާއެކީ މަސައްކަތްކުރައްވާ ފައުޖުގެ ތެރޭގައި އެބަ ތިއްބެވި ޢިލްމުވެރިން. އެ ޢިލްމުވެރިންވެސް އެބޭފުޅުންނަށް ދަންނަވަންވާނެ ނޫންތޯ، ތިމަންނަމެން ބޭނުމެއް ނޫނޭ މިނޫން އެހެން ގޮތެއް. ތިމަންނަމެން ބޭނުމެއް ނޫނޭ، ދިވެހިރާއްޖޭގައި އެހެން ދީނަކަށް ޖާގަދޭކަށް. އަދި އެހެން ދީނުގައި އަޅުކަންކުރާ ފައްޅިތަކަށާއި، އެހެން ދީނުގައި އަޅުކަންކުރާ ޗަރޗްތަކަށް ތިމަންނަމެން ބޭނުމެއް ނޫނޭ ޖާގަދޭކަށް. ކީއްވެގެންތޯ ބުނަންނުކެރިގެން މިއުޅެނީ؟

 

އެހެންވީމާ، މިކަންއޮތީ ޙަޤީޤަތުގައިވެސް މިހެންކަމަށްވަންޏާ، ދިވެހި ރައްޔިތުންގެ ތާއީދާއި، ވޯޓު ހޯއްދަވަންޏާ އެބޭފުޅުން އެބަޖެހޭ ވިދާޅުވާން، ތިމަންނަމެންގެ ސަރުކާރެއްގައި، އިސްލާމްދީން ނޫން ދީނަކަށް ޖާގައެއް ނުދޭނަމޭ. އަދި ތިމަންނަމެންގެ ސަރުކާރެއްގައި، ދިވެހި ދައުލަތުގެ ހުރިހާ މީހުންނަކީ، ސައްތައިންސައްތަ އިސްލާމުންގެ ގޮތުގައޭ ތިމަންނަމެން ބައިތިއްބަން ބޭނުންވަނީ. މިހެން ވިދާޅުވާންވާނެ. ކީއްވެގެންތޯ ވިދާޅުނުވެވިގެން އެއުޅުއްވަނީ؟

 

އެހެން ވިދާޅުނުވެވިގެން އުޅުއްވާ ސަބަބު، އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ވިސްނާ ކޮންމެ ބަޔަކަށް، ސުރުޚީތަކުން، ނޫސްތަކުން، ކަންކަންބަލާ މީހުންނަށް އެބަ ސާފުކޮށް އެބަފެނޭ. ކީއްވެގެންތޯ އަޅުގަނޑުމެންނަށް، އެކިއެކި ދިމާއިން ފިއްތުންތައް މި އަންނަނީ؟ ރާއްޖޭގައި ހިނގާ ކަމަކުންތޯ ރާއްޖޭގައި މިއޮންނަ ސިޔާސީ، އިލެކްޝަނަކަށް، ނޫނީވިއްޔާ އިންތިޚާބަކަށް އަސަރު ފޯރަނީ؟ ބޭރުގެ ފިއްތުންތަކުން ރާއްޖޭގެ ސިޔާސީ އިންތިޚާބަކަށް އަސަރެއް ނުފޯރާތޯ؟ އަޅުގަނޑުމެން އެކްސްޕޯޓްކުރާ އެއްޗިއްސަށް ކޮންމެ އިރަކު، އެކްސްޕޯޓް ކުރުން މަނާވެދާނެކަމުގެ އިންޒާރުގެ ރަނގަބީލުތައް ޖަހަމުން އެބަދޭ. އަޅުގަނޑުމެންގެ އެކި ފެންވަރުގެ މީހުން، އެކި ޤައުމުތަކަށް ޒިޔާރަތްކުރުމަށް ހުރަސްއަޅާނެ ކަމުގެ އިންޒާރުގެ ރަނގަބީލުތައް ޖަހަމުން އެބަދޭ. އަދި މިނޫންވެސް ދަތިކުރުމުގެ އެކިކަހަލަ ކަންތައްތައް ކުރެވިދާނެކަމުގެ އިންޒާރު ކުރަމުން އެބަދޭ. މިއީ، ނުފޫޒު ފޯރުވުމެއްނޫންތޯ އިންތިޚާބަކަށް؟ މިއީ، ޤައުމެއްގެ ދާޚިލީ ކަންކަމަށް ބާރު ފޯރުވަން ކުރާ މަސައްކަތެއް ނޫންތޯ؟

 

ކީއްވެގެންތޯ މި ކަންކަން ކުށްވެރި ނުކުރެވެންވީ. އިއްޔެ އަޅުގަނޑު ދުށިން ސުރުޚީއަކުން އަޅުގަނޑުމެންގެ އެމް.ޕީ.އަކު ދެއްވާފައި އޮތް އިންޓަރވިއުއެއް. ރާއްޖޭގެ ދާޚިލީ ކަންކަމަށް އެކިފަރާތްތަކުން މިހާވަރަށް ބެހެމުންދާއިރު، ކީއްވެގެންބާއޭ މިކަންކަން މި ހިނގަނީ ރަނގަޅަށްތޯ ނޫނީވިއްޔާ، މިކަން މިހެން ކުރެވިގެން ގޮސްގެން ނުވާނެކަމަށް މިކަން ކުށްވެރިކޮށް އިދިކޮޅު މެންބަރުން، އިދިކޮޅު ކެންޑިޑޭޓުން އެއްޗެއް ވިދާޅުނުވަނީ. ބަހެއް ވިދާޅުނުވަނީ ކީއްވެގެންތޯ. އެބޭފުޅުން ނުވިދާޅުވާނެ ބަހެއް. އެބޭފުޅުންނަކަށް އެ ބަހެއް ވިދާޅުވެވޭކަށް ނޯންނާނެ. ހަމަ އެ ސަބަބަށްޓަކައި، ދިވެހިރާއްޖޭގެ ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތަށް އޮންނަންވާނެކަމަށް އެ ބޭފުޅުންނަށް ވިދާޅުވާން ކެރިވަޑައިނުގަންނަވައިގެން އެ އުޅުއްވަނީ. އެކަމަކު މިތާ ތިބީ މުސްލިމުން. ތިޔަބޭފުޅުން ވިދާޅުވޭ، ތިޔައިން ބޭފުޅަކަށް މި ލަފުޒު ދުލުން ބޭރުކޮށްލަން އުނދަގޫތޯ؟ ހަމަ ކޮންމެ ބޭފުޅަކުވެސް ވިދާޅުވާނެ. ތިމަންނާމެން ބޭނުމީ، ތިމަންނާމެންގެ ދައުލަތަކީ، ތިމަންނާމެންގެ ރާއްޖެއަކީ، ސަތޭކައިންސަތޭކަ އިސްލާމުން އުޅޭ އަދި އިސްލާމީ އުސޫލުތަކުގެ މައްޗަށް އެ ބަޔެއްގެ އާދަކާދަޔާއި އެބަޔެއްގެ އުޅުމާއި އެބަޔެއްގެ މުޢާމަލާތު، ދެމިއޮންނަ ތަނަކަށްވާށޭ ބޭނުންވާނީ. އެކަމަކު މިކަންކަން ކުރަންނުކެރިގެން މިއުޅެނީ.

 

ސިޔާސީ ވާހަކަ ދައްކާއިރު އަދިވެސް، ހަމަ އަޅުގަނޑު ދަންނަވާލާނަން ވާހަކައެއް. އަޅުގަނޑުމެންގެ ސަރުކާރަށް އެންމެ ބޮޑަށް އަމާޒުވާ ކަންކަމާ ބެހޭގޮތުން އަޅުގަނޑު ވާހަކައެއް ދަންނަވާލާނަން. އެއްވާހަކައަކަށް މިއޮތީ، އަޅުގަނޑުމެން ހަދާ ބިނާކުރަމުންދާ ބައެއް ޢިމާރާތްތަކުގައި ކަރަޕްޝަން އުޅޭ ވާހަކަ. މިސާލަކަށް، ދަރުމަވަންތަ ހޮސްޕިޓަލް އެހާ އުސް ޢިމާރާތެއްގެ ގޮތުގައި އެހާ އަވަހަށް ނިމިގެންދިޔައިމާ، މިއީ، މި ބޭފުޅުންނަކަށް ހަޖަމުކުރައްވާކަށް މާ ފަސޭހަފުޅު ކަމަކަށްނުވި. އަދި މިތަނުން ލިބޭ ޞިއްޙީފަރުވާގެ ފުރިހަމަކަމުން މިހާރު ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންގެ ގިނަ ދަތުރުތަކުގެ ނިމުމެއް އަންނާނެކަމަށް އަޅުގަނޑުމެން މި ވަކާލާތު ކުރަމުންދާތީ، މިއީ، އަޑުއަހާކަށް ފަސޭހަ ވާހަކައަކަށްނުވޭ. އެ އަޑުއަހަން ފަސޭހަނުވާ ގޮތަކީވެސް، އަޅުގަނޑު ދަންނަވާލާނަން. އެ ބޭފުޅުންގެ ތިން އަހަރުގެ ވެރިކަން ނިމިގެންދިޔައިރު، ރަށްރަށުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރަށްރަށުގައި ޞިއްޙީ މަރުކަޒުތައް ހުރި ފެންވަރު. ރަށްރަށުގެ ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރަށްރަށުގައި ބޭސް ފިހާރައެއް، ސަރުކާރުގެ ބޭސްފިހާރައެއް ނެތްކަން. އަދި އާސަންދަ ހިނގާފައިއޮތް މިންވަރާ ނުހިނގާ މިންވަރު، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ.

 

އަޅުގަނޑުމެން މިތަންތަނަށް ޒިޔާރަތްކުރިން. އަޅުގަނޑުމެން ތަންތަނަށް ޒިޔާރަތްކުރީމާ، ޒިޔާރަތްކުރާއިރު، ހޮސްޕިޓަލުތަކުގައި ނޫނީވިއްޔާ ޞިއްޙީ މަރުކަޒުތަކުގައި ދޮރުތަކުން ބިއްލޫރިގަނޑު ނެއްޓުނީމާ ބިއްލޫރި ލައްވައިނުދެވިފައިހުރީ. ޕްލައިވުޑް ފިލައިން ބައްދާފައިހުރި ތަންތަންހުރީ. އަޅުގަނޑު ލޮލުން ދުށިން މިތަންތަން. އެހެންވީމާ، އެހާ ހާލަތުގައި އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗަރ  އޭރު އޮތީ. އެހެންވީމާ، މި ދާއިރާއަށް މި ދެންނެވި ކަހަލަ އުސް ތަރައްޤީއެއް އަންނަކަމަށްވަންޏާ އަދި އަޅުގަނޑުމެން ބަލައިލީމާވެސް ނުފެންނަ ވަރަށް އިސްނަގަންޖެހޭ ކަމަށްވަންޏާ އެބޭފުޅުންނަށް އުނދަގޫވާނެ. އެބޭފުޅުންނަށް އުނދޫވާނެ، އެހެންވީމާ، ބޭނުންފުޅުވެދާނެކަންނޭނގެ ފަހަރުގައި މިތަން ޞިއްޙީ ފަރުވާ ދޭތަނަކަށްނުވެ، މިނޫން އެހެން ކޮންމެވެސް ގޮތަކަށް ޓޫރިސްޓް ރިޒޯޓެއް ހަދަން، ޓޫރިސްޓް ހޮޓަލެއްހަދަން، ނޫނީ މިނޫން އެހެންވެސް މެހްމާންދާރީގެ ދާއިރާކަމަކަށް އެބޭފުޅުންގެ ބޭނުންވެދާނެ ޚާއްޞަ ކުރައްވަން.

 

އެކަމަކު މި ޢިމާރާތާ ދޭތެރޭގައި ދައްކަވާ ވާހަކައިގެ ތެރޭގައި ވިދާޅުވަނީ، މިއީ ހުސް ކަރަޕްޝަނޭ. އެންމެ ފަސޭހައީ ދުލުން ލަފުޒެއް ބޭރުކޮށްލުން. އަޅުގަނޑުމެންނަކީ ޤާނޫނު ހިނގާ ދައުލަތެއް. މިހުރިހާ ކަމެއް މިހިނގަނީ، ޤާނޫނާ ޚިލާފަށްކަމާ އިންޞާފައެއްނެތި ކަމަށް އެބޭފުޅުން ވިދާޅުވެ ވަކާލާތުކުރައްވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖޭގައި އިންޞާފު ހޯދަންވީމާ، ތިޔަބޭބޭފުޅުން ކުރައްވަނީ ކީއްތޯ؟ އިންޞާފު ހޯދަންވީމާ އެބޭފުޅުން މިތަނުގައި ހަޑި އަޑުން ވާހަކަ ދައްކަވަނީތޯ؟ ނޫނީ އިންޞާފު ގެއްލިގެންދާ ކަމެއްގައި އިންޞާފުހޯދަން، އެ ހިނގެން އޮންނަ މަގުން ހިނގެނީކީ ނޫންތޯ؟ އެއިން ކޮންމެ ބޭފުޅަކު، ވަރި ކައިވެނި ސާބިތުކުރައްވަނީ ކިހިނެއްތޯ؟ އެބޭފުޅުން ކުރައްވާ އިޢުލާނަކުންތޯ؟ ހަމަ މިކަމަށް އޮންނަ ޤާނޫނީ އުޞޫލުގެ ތެރެއިން ނޫންތޯ މިކަންކުރަނީ. އެބޭބޭފުޅުންނަށް މުސާރަ ލިބެންވާ ވަރަށް މުސާރަ ނުލިބުނީމާ، އެބޭފުޅުން މުސާރަ ހޯއްދަވަނީ ކިހިނެއްތޯ؟ ވަޒީފާއިން ވަކިވީމާ، ލޭބަރ ޓްރައިބިއުނަލްއަށް ވަޑައިގަންނަވާނެ. ދުނިޔަވީ މިކަހަލަ ކޮންމެ ކަމެއްގައި އެބޭފުޅުން ވިދާޅުވާނެ، އިންޞާފު ނެތިއްޔާ ތިމަންނާމެން އިންޞާފު ހޯދާނަމޭ. އެއީ، ޗާޓުގެ ތެރޭގައި ނޫނީ ޤާނޫނާއި، އުފެދިފައި އޮންނަ އުޞޫލުތަކުގެ ތެރޭގައި ކަންތައްކުރާތީ.

 

އެހެންވީމާ، މިކަހަލަ ކަންކަމުގައި ބޮޑެތި ކަރަޕްޝަން ހިމެނޭކަމަށްވަންޏާ، އެންމެ ފަސޭހައިން ރައްޔިތުންނަށް ވިސްނައިދޭން ރައީސް ޔާމީނަކީ މިކަހަލަ ކަންކަން ޓޮލޮރޭޓުކުރާ، ނޫނީ މިކަހަލަ ކަންކަން ވިޔަސް އެންމެރަނގަޅު މީހެއްކަން ދެއްކުމަށްޓަކައި، ވޯޓުގެ ކުރިން އަޅުގަނޑު ބަލިކުރަން ފަސޭހަވާނީ، މިކަހަލަ މައްސަލަތައް ހިފައިގެން އޭ.ސީ.ސީ.އަށް ދިޔައިމާނޫންތޯ؟ އޭ.ސީ.ސީ.އަށް ގޮސްފައި ސާބިތުކުރައްވަން ވީނޫންތޯ އޭގައި ހިމެނޭ ކަރަޕްޝަނެއް. އެ ހިސާބުން އަޅުގަނޑު އެއަށް ޖަވާބުދާރީވާން ދަތިވާނެކަންވެސް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.

 

އެހެންވީމާ، އެބޭފުޅުންގެ ތެރެއިން ދޮގެއްތޯ؟ އެންމެ ބޮޑަށް އެމް.ޑީ.ޕީ. ސަރުކާރުގެ ތިއްބެވި ވަޒީރުންގެ ކަރަޕްޝަނުގެ ވާހަކަ ޗާޓުތައް ހައްދަވައިގެން ޖަލްސާތަކުގައި ދެއްކެވީ. އެބޭފުޅުން ދޮގެއްތޯ، އެކި ކުލަކުލައިގެ އެކި މީހުން ނަގައިފައިހުރި އެމީހުން ދީފައިހުރި ފައިސާގެ ވާހަކަ ދެއްކެވި މީހުން ދޮގެއްތޯ އެތާ ތިއްބެވީ. އެހެންވީމާ، މިކަހަލަ ކަންކަމުގެ ވާހަކަ މިހާރު އެހެން ވިދާޅުވެލެއްވިޔަސް، އަދި ފަރަކުނުޖެހޭނެ. މީގައި ރަނގަޅުގޮތަކަށްވާނީ، އެބޭފުޅުންވެސް ހިނގަން އޮންނަ މަގުން ހިންގަވާ. މި ސަރުކާރުގައި މިއުޅޭ މިކަހަލަ ކަންތަކުގެ ވާހަކަތައް އެބޭފުޅުން ދައްކަވާ. އެމް.އެމް.ޕީ.އާރް.ސީ.ގެ ވާހަކަ ދައްކަވާއިރު، އަޅުގަނޑު ހަމަ އެބޭފުޅުންނާވެސް ދިވެހި ރައްޔިތުންނާ ސުވާލުކޮށްލާނަން. އެމް.އެމް.ޕީ.އާރް.ސީ.ގެ ކަރަޕްޝަން އޮތްކަން އަޅުގަނޑު ގަބޫލުކުރަން. އެކަމަކު ކަރަޕްޝަން އޮވެގެން އެއަށް ޙައްލެއް ހޯދަން ނޫނީ އެކަން ހުއްޓުވަން އެބޭފުޅުންތޯ ޝަރީޢަތަށްވަޑައިގަތީ. އެބޭފުޅުންތޯ މައްސަލަ ހުށަހެޅީ. ދިވެހި ރައްޔިތުންގެ ޙައްޤުގައި މިއިން އެއްވެސްކަމެއް އެބޭފުޅުން ނުކުރައްވައޭ. ހަމަ ސަރުކާރުން އެ މައްސަލަ ތަޙުޤީޤުކުރީވެސް، ސަރުކާރުން އެ މައްސަލަ ޝަރީޢަތަށް ފޮނުވީވެސް. އެވަރުގެ ބޮޑު ކަރަޕްޝަނެއް ދިޔައިރު، އަދި ރައްޔިތުންގެ ޙައްޤުގައި މިވަރު ކަންކަން ޙިމާޔަތްކުރަން ރައްޔިތުންނަށްޓަކައި މަންފާ ހޯދާނެ ކަންތައްތަކުގެ ވާހަކަފުޅު ދައްކަވާއިރު، އެއިން އެއްވެސްކަމެއް ހިނގައިދިޔައިރަކު، އެއިން ބޭފުޅަކު ބޭނުންފުޅެއް ނުވިއޭ، އެކަންކުރަން.

 

އެހެންވީމާ، މިއަދު ޕޯޑިއަމްތަކުގައި ތެދުވެވަޑައިގެން އިންޞާފެއްނެތޭ ވިދާޅުވީމާ، އިންޞާފު ޤާއިމުކުރާނީ ސިޔާސީ މީހުންނެއްނޫން. އަޅުގަނޑުމެންގެ ޢަދުލުގެ ނިޒާމު ނޫނީ ޤާނޫނުއަސާސީގައި އެކަން ކަނޑައަޅާފައި އޮތްގޮތަކަށް އިންޞާފު ޤާއިމުވެގެންދާނީ. އިންޞާފު ޤާއިމުވެގެންދާނީ ކޯޓުތަކުން. އެހެންވީމާ، ސިޔާސީ މީހުން ދައްކާ ވާހަކައަކުން އިންޞާފު ޤާއިމުވެގެންނެއް ނުދާނެ. އަދި ސިޔާސީ މީހަކު ތެދުވެ، މިވެނި މީހަކު އެއީނީ ޖަލުގައޭ އޭނާއަށް ޙުކުމެއް އައިއްސިއޭ. އެއީ، އިންޞާފެއް ނޫނޭ. އޭނާ ޖެހޭނީ ވީއްލާށޭ، ބުންޏަސް، އެކަން ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާކަން ކުރާ މީހަކަށް ފަސޭހަކަމެއްނޫން. އެއީ، ރައީސުލްޖުމްހޫރިއްޔާއަކީވެސް މިކަންކަން ޤާނޫނުގެ ތެރެއިން ކަންތައްތައްކުރަން ޤާނޫނު ލާޒިމުކުރާ ފަރާތެއް. އެހެންވީމާ، އިންޞާފު ނެތްވާހަކަ ދައްކަވަންޏާ، އިންޞާފުނެތްކަން ސާތިބުކޮށްދެއްވަންވީ ޕޯޑިއަމުގެ ފަހަތަކުނޫން. އެއަކުންނެއް ލިބޭނެ އިންޞާފެއް ނޯންނާނެ. އިންޞާފެއް ނެތްކަން ސާބިތުކޮށްދޭން ޖެހޭނީ ރައްޔިތުންނަށް ދަލީލުވާ ހާމަކަން ބޮޑުގޮތެއްގައި ކޯޓަށް ވަޑައިގަންނަވައިގެން އިންޞާފުނެތް މައްސަލައެއްގައި އިންޞާފު ހޯއްދަވަން ވަކާލާތުކުރައްވައިގެން، އެބޭފުޅުންނާ އެއްކޮޅަށް މައްސަލަ ނިމުނީމާ. އެބޭފުޅުންނާ އެއްކޮޅަށް މައްސަލަ ނިމުނީމާ ރައީސް ތަންފީޛު ކުރަންޖެހޭ ގޮތަކަށް އެކަންކުރާނެ.

 

ރައްޔިތުންނަށް މި މޫސުމުގައި އޮޅުވާލުމަށްޓަކައި މިކަހަލަ ވަރަށްގިނަ ވާހަކަ ދައްކާނެ. އެކަމަކު ރައްޔިތުން ޤަބޫލުކުރައްވަން އަޅުގަނޑު ހަމަ ތިޔަބޭފުޅުން އަރިހުން އެދޭކަމަކީ، މިހެން މި ދައްކާ ވާހަކަތައް ދައްކާއިރު، ކީއްވެގެންތޯ، އިންޞާފެއްނެތި އަނިޔާވެރިކަންއޮވެ، މި ހުރިހާކަމެއް ވެގެންދާއިރު، މި ސިޔާސީ އެންމެފަހު ދެތިން ހަފުތާއަކަށްވީމާ، މި ހުރިހާ ވާހަކައެއް މި އަންނަނީ. ކީއްވެގެންތޯ އެ މީހުން ރައްޔިތުންނަށް އެހާ ހެޔޮއެދޭ ކަމަށްވަންޏާ، ރާއްޖޭގެ މަޞްލަޙަތު އެހާބޮޑަށް ޙިމާޔަތްކޮށްދޭ ކަމަށްވަންޏާ، އަޅުގަނޑު މި ދެންނެވި ކަހަލަ ބޮޑެތި އުޞޫލީ މައްސަލަތަކާއި އަދި އިންޞާފު ނެތްވާހަކައާ ފަސާދައޮތްކަމަށް އެބޭފުޅުން ވަކާލާތު ކުރައްވާއިރު، އެކަންކަމަށް ރައްޔިތުންނަށް ޙައްލު ހޯއްދަވައިދެއްވަން މިއޮތްހާދުވަހު އެބޭފުޅުން ނުކުޅެދިފައި އެ ތިބީ ކީއްވެގެންތޯ؟ އެއިން އެނގެނީ އެބޭފުޅުން ރައްޔިތުންދެކެ ލޯބިވަނީ، ހަމައެކަނި ވޯޓުކައިރިވީމާކަން. ވޯޓު ކައިރީމާ، ލޯބިވާނެ މިކަހަލަ ވާހަކަ ދައްކާނެ. މިކަހަލަ ކިތައް ވާހަކަ ދެއްކިއްޖެތޯ، ކޮންމެފަހަރަކު ސަރުކާރު އަންނަން ކައިރިވާއިރު، ވޯޓެއް ނަގަން ކައިރިވާއިރު، ހަމަ އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެއިރުވެސް ސަރުކާރެއް އައިއިރު، އެބޭފުޅުންގެ ތެރޭގައި ވަރުގަދައަށް އެމް.ޑީ.ޕީ. އިން ވާހަކަ ދައްކަވަމުން ގެންދެވި ތިމަންނާމެންނަކީ، މިޑްޓަރމް އިލެކްޝަނެއް ބާއްވާނެ ބަޔެކޭ. އަދި މި ޖާދުލުގައި ޖެހިވަޑައިގެންނެވި ކިތަންމެ ބޭފުޅުންނެއް ފަހުން އެބޭފުޅުންނާ ވަކިވެގެންދިޔައީ، އެ މިޑްޓަރމް އިލެކްޝަނެއް ނުބާއްވައިގެން. އެހެންވީމާ، ކޯލިޝަނެއްގައި ކަން ހިނގާނެގޮތް މީގެކުރިންވެސް އެބޭފުޅުން އެހުރީ ދައްކަވާފައި.

 

އެހެންވީމާ، ކޮލީޝަނެއްގައި ކަންހިނގާނެގޮތް މީގެކުރިންވެސް އެ ބޭފުޅުން އެހެރީ ދައްކަވާފައި. ކޮލީޝަނެއްގެ ތެރޭގައި، ބައެއްގެ ހިތުރުހުން ހޯދަން ބޭނުން ކަމަށްވަންޏާ، އިދިކޮޅަށް ތިބޭ ބަޔަކަށް ހަމަ، އުޑުގައި އެހެރަ ތަރިތައްވެސް ގެނެސް އަތަށް ލައިދީފާނެ. ހަނދުވެސް ގެނެސް އަތުގައި ބާއްވައިދީފާނެ. އެކަމަކު، އެމީހުން ދާންވާ ހިސާބަކަށްގޮސް، އެމީހުންގެ ކަމެއް ޚާޞިލުވެގެން ދިޔައީމާ، ދެން ހަނދާނެއް ނުހުންނާނެ އެއްވެސް ކަމެއް. އެ ކަންކަން އެހެން ކުރުމަށްޓަކައި ވެރިކަމަށް އާދެވުމަށްފަހު ބާރުތަކެއް އޮންނަކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ. އެހެންވެ، މިހާރު ވާހަކަ ދައްކާ އެއްބަސްވެވޭގޮތަށް އިތުބާރު ނޯންނާނެކަން، މިއަދުވެސް އެ ބޭފުޅުން އެ ދައްކަވަނީ. އެހެންވެގެން، އެ ބޭފުޅުން ކޯލީޝަނުގެ ކަންތައްތައް ރެގިއުލޭޓް ކުރުމަށްޓަކައި، ޤާނޫނެއް ހަދައި، ޤާނޫނެއް ހިންގަންވާނެކަމަށް އެ ވިދާޅުވަނީ.

 

އެހެންވީމާ ކޮބައިތޯ، މުރުއްވަތްތެރިންގެ ގޮތަކީ، އިސް މީހުންގެ ތެރޭގައި، އެކަކު އަނެކަކަށް މިކަހަލަ ކަމެއްގައި ބަހެއް ދީފިކަމަށްވަންޏާ، ކުރީ ޒަމާނުގައި އެގްރީމެންޓުވެސް ލިޔާކަށް ނުޖެހޭ، ކަރުދާސްކޮޅެއްގައި ސޮއިކުރާކަށްނުޖެހޭ. މިއަދު ވެއްޖިއްޔާ ކަރުދާސްކޮޅެއްގައި ސޮއިކުރޭ. އެކަމަކު، އެ ކަރުދާސްކޮޅެއްގައި ސޮއިކުރާކުރުން ފުރިހަމަނުވާކަން، އެ ބޭފުޅުން ބޭނުންފުޅުވޭ އެބަދައްކަވަން. އެއީ، ޢާޒިމާ ވިދާޅުވާގޮތަށް، އެގްރީމެންޓު ކުރިއިރުވެސް، އެގްރީމެންޓް ބާޠިލް. މިކަމަށް އެއްބަސްވާއިރުވެސް، ހިތުގައި ތެދުވެރި ނިޔަތެއް ނެތްކަން އެ ބޭފުޅުން އެ ކަށަވަރު ކޮށްދެއްވަނީ.

 

އެހެންވީމާ، ސިޔާސީ ބޭފުޅުން މިކަހަލަ ވާހަކަފުޅު ދައްކަވާއިރު، ހަމަ މި ކަންކަމަށް ސަމާލުވެވަޑައިގަންނަވާށޭ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. އަޅުގަނޑުމެންނާއެކީ ކޯލިޝަން ހެދުނު. މިއަދާ ހަމައަށްވެސް އަޅުގަނޑުމެން ކޯލިޝަން ދެމެހެއްޓޭތޯ އެބަ މަސައްކަތްކުރަން. އަދި، އަޅުގަނޑުމެންނާއެކީ ކޯލިޝަނުގައި މިއަދާ ހަމައަށްވެސް އަދި އެބަ ތިއްބެވި އެމް.ޑީ.އޭ.ގެ ބޭފުޅުން. އެކަމަކު، އަޅުގަނޑުމެންނާ ވަކިވެވަޑައިގެން ޖޭ.ޕީ.ގެ ބޭފުޅުން ވަޑައިގަތީ. އަޅުގަނޑުމެންނާއެކީ ކޯލިޝަނެއް ނެތް، ޢަދާލަތާ ދޭތެރޭގައި. އެހެންނަމަވެސް ޢަދާލަތަކީ، އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރެއްވި ބޭފުޅުން. ދެން އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ، އަޅުގަނޑުމެންނާއެކީ، ޕީ.ޕީ.އެމް.ގައި ތިބި މީހުން. ސިޔާސީ މީހުންގެ ތެރެއިން ލީޑަރަކަށްވާކަހަލަ ލީޑަރެއް ނޫނީވިއްޔާ، ޕާޓީގައި ލީޑަރަކަށް ހުރި އެންމެ ބޭފުޅަކު މިއަދު ޙުކުމެއް އެ ބޭފުޅެއްގެ މައްޗަށް ހިނގަމުންދާ، އެއީ ރައީސް ނަޝީދު. އެ ބޭފުޅާގެ މައްޗަށް އެއޮތީކީއެއް ސިޔާސީ ޙުކުމެއް ނޫން. އެ ބޭފުޅާގެ މައްޗަށް އައިސްފައި އެއޮތީ ޝަރުޢީ ޙުކުމެއް. ފަނޑިޔާރަކު ހިފާ ހައްޔަރު ކުރީމާ، ޤާނޫނާ ޚިލާފަށް ހައްޔަރު ކުރީމާ، އެކަމަށް އައި ޙުކުމެއް އައިސްފައި އެއޮތީ. އެކި މަރުޙަލާތަކުގައި މި އިސްތިއުނާފު ކުރެވިއްޖެ. އދ. އިންވެސް މި މައްސަލަ ބަލައިފި. އެކަމަކު، މި ޙުކުމަކީ ރަނގަޅު ޙުކުމެއްކަމަށް ނިމިފައި އޮތީމާ، އަދިވެސް އެ ބޭފުޅާއަށް މިފަހަރުގެ އިންތިޚާބުގައިވެސް ބައިވެރިވެ ވަޑައިނުގެންނެވޭ.

 

އެހެންވީމާ، ރާއްޖޭގައި ސިޔާސީ މީހުންތަކެއް ސިޔާސީ ކަމެއްކޮށްގެން ޖަލުގައި ތިބޭ ވާހަކަ ދައްކާ ކަމަށްވަންޏާ އެއީ، ރަނގަޅު ވާހަކައެއް ނޫން. އެތިބަ އެންމެންނަކީ، މި ސަރުކާރުގައި އަޅުގަނޑާއެކީ ޚިދުމަތްކުރި މީހުން. އެމީހުން ޖަލަށް ދިޔައިރުވެސް އެމީހުންނަކީ ޕީ.ޕީ.އެމް މީހުން. އަދި، އޭގެ ތެރެއިން، ޕީ.ޕީ.އެމް. އިން ވަކިވެގެން އެހެން ޕާޓީއަކަށް އަދި އެމީހުން ވަންކަމެއްވެސް އަޅުގަނޑަކަށް ނޭނގޭ. އޭގެ ތެރޭގައި، އަޅުގަނޑަށް ޚިދުމަތް ކުރި ނައިބު ރައީސުންގެ ދެ ބޭފުޅުން އެބައުޅުއްވާ. ވަކިވެގެން ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ޑިފެންސް މިނިސްޓަރަކުވެސް އެބަ އުޅުއްވާ، އަދި އެހެން ބޭފުޅުންވެސް އެބަ އުޅުއްވާ. އެހެންވީމާ، ކިހިނެއްތޯ ބުނާނީ، މިއީ އިދިކޮޅު ސިޔާސީ ލީޑަރުންނޭ. އެ ބޭފުޅުން ސިޔާސީ ގޮތުން މަސައްކަތް ކުރެއްވީ މި ސަރުކާރު ގެންނަން. އަދި، ސިޔާސީ ގޮތުން މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ސިޔާސީ ގޮތުން އެ ބޭފުޅުން ކުރެއްވި މަސައްކަތަކީ، މި ސަރުކާރު ބާރުވެރިކޮށް، މި ސަރުކާރަށް ރައްޔިތުންގެ ތާއީދާއި އިތުބާރު ހޯދުމުގެގޮތުން، ޢަމަލީގޮތުން އަދި ހަމައެހެންމެ، މުރާލިކަމާއެކީ، ރައްޔިތުންނަށް ސަރުކާރުން ދޭންބުނި ޚިދުމަތްތައް، މިކަހަލަ މަޝްރޫޢުތައް ހިންގުމުގައި، އެ ބޭފުޅުން ހަމަ ވަރަށް މުރާލިކޮށް އުޅުއްވި ބޭފުޅުން އެއީ. އެހެންނަމަވެސް، އެ ބޭފުޅުންގެ އަމިއްލަ ކަންކަން، އަދި އެ ބޭފުޅުންގެ އުއްމީދުތަކާ ހަމައަށް ވަޑައިނުގެންނެވޭ ހިސާބަށް ދިޔައިމާ، އެ ބޭފުޅުންގެ ހިތްޕުޅުގައި އުފެދުނު އުދާސް، މިއަދު، އެ ބޭފުޅުން ޖަލުގައި ތިއްބަވާ ނަތީޖާއަކީ.

 

މިއަދަކު ސަރުކާރަކުން މީހުން ޖަލަކަށް ނުލާނެ. ކޯޓުތަކުން ޙުކުމް ކުރާނީ، މީހުން ޖަލަށްލާން. ކޯޓުތަކުން މީހުން ޖަލަށްލާން ޙުކުމް ކުރީމާ، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީއާއި ޤާނޫނުތައް ލާޒިމުކުރަނީ، އެ ޙުކުމްތައް ތަންފީޒު ކުރަން. އެހެންވީމާ، އިންސާފު ނެތްކަމަށް ވިދާޅުވަނީ، މިހެންކުރާ ޙުކުމްތަކުގެ ތެރެއިން ވަކި ބައެއްގެ ޙުކުމް ތަންފީޒު ކޮށްފައި، އަނެއް ބައެއްގެ ޙުކުމް ތަންފީޒު ނުކުރާ ކަމަށްވަންޏާ، އަޅުގަނޑު ހިތަށް އަންނަނީ، އެއަށް ގޮވައިލާ މީހުންގެ އިންސާފަކީ ކޮބައިބާއޭ. އެކި މީހުންނަށް އެކި އިންސާފު އޮންނަންވާނެކަމަށް ގޮވައިލާ މީހުން މި ބުނަނީ، މިއަދު އިންސާފެއް ނެތޭ. އެހެންވީމާ، އެންމެ އަސާސީ ސުވާލަކީ، ކޯޓުތަކުގެ މަރުޙަލާއިން ބޭރުން ކަންކަން ނިންމަން، އެ ކަންކަމަށް ކުފޫ ހަމަނުވާ މީހުން އިންސާފެއް ނެތްކަމަށް ގޮވައިލީމާ، ޤާނޫނީގޮތުން ކުފޫ ހަމަނުވާމީހުން. އެއީ، އެމީހުންނަށް އެވަރުގެ ދައުރެއް ޤާނޫނުން ދީފައި ނުވާތީ. އެމީހުން އިންސާފެއް ނެތްކަމަށް ގޮވައިލީމާ، އެމީހުންގެ އިންސާފު އޮތްތޯ އަޅުގަނޑުމެން ސުވާލު ކޮށްލަންޖެހޭ. އެންމެ ކުޑަމިނުން އެ ގޮވައިލާ މީހުން ކައިރިއަކަށް ގޯއްޗެއް ބަހައިލަދޭންވެސް، ތަރިކަ މުދާ ބަހައިލަންވެސް، އަދި ވަރިކައިވެނި ސާބިތު ކުރާކަށްވެސް ދާން ނުޖެހޭކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އެކަމަކު އެއީ، އެމީހުން ދޭ ޚިޔާލު. ވެދާނެ އެއީ، އެމީހުންގެ ރައުޔުކަމަށް. ވެދާނެ އެއީ، އެމީހުންގެ ދިރާސާ ކަމަށް. އެކަމަކު، ޤާނޫނަކުން އެމީހުންނަކަށް އިޚްތިޔާރެއްނުދޭ، ޤާނޫނުދޭ އިޚްތިޔާރުގެ ތެރޭގައި ކަންކަން ތަންފީޒުވެގެންދަނީ. އެއީ، ޤައުމެއްގެ މުޖުތަމަޢެއްގައި ހަމަޖެހުން މިއޮތްގޮތަކީ. މި ހަމަޖެހުން ނަގައިލާފައި، އެކި މީހުންނަށް އެކި އިންސާފު އޮންނަން ވާނެކަމަށް މި ދެކެވޭ ވާހަކަ. އެ ވާހަކަތަކަށް އެޑްވޮކޭޓް ކުރާ މީހުން، ނޫނީވިއްޔާ އެ ވާހަކަތަކަށް ގޮވައިލާ މީހުން ގޮވައިލާ ގޮވައިލުމާ ހަމައިން އެމީހުންގެ އެއްވެސް އިންސާފެއް ނެތްކަން އަޅުގަނޑުމެންނަށް އެމީހުން އެ ސާބިތު ކޮށްދެނީ. 

 

އެހެންވީމާ، ސިޔާސީ މިކަހަލަ ވާހަކަވެސް އަޅުގަނޑު ދައްކަންޖެހޭ. އެއީ، އަޅުގަނޑުމެން ދައްކާ ވާހަކައަށް އަޅުގަނޑުމެންގެ އިދިކޮޅު ބޭފުޅުން ރައްދުދެވޭތޯ މަސައްކަތްކުރައްވާތީ. އެކަމަކު ހަމަ ދަންނަވާލަން ޖެހެނީ، މިއަދު އިދިކޮޅު ބޭފުޅުންނަކަށް ހަމަ އަޅުގަނޑުމެން ދައްކާ ވާހަކައިގެ ރައްދުދިނުން ފިޔަވައި ހަމަ އެހެން އެއްވެސްކަމެއް ކުރައްވާކަށް ވަގުތު ހޯއްދެވޭކަމަކަށް ނުވޭ. ދެން އެގޮތުގައި ހަމަ ވަޑައިގަތުންވެސް ރަނގަޅުވާނެ. އެގޮތުގައި ވަޑައިގަތުންވެސް ރަނގަޅުވާނެ. އެކަމަކު ވޯޓާ ހަމައަށްދާއިރު، އަޅުގަނޑުމެން ދިޔަމިގިލީގައިވެސް ދަންނަވާލަން ބޭނުންވަނީ، ދިޔަމިގިއްޔަށް އިތުރު ކަންތައްތައް ކޮށްދިނުމަށްޓަކައި ތިޔަބޭފުޅުންނަށް އެހީވާން ފުރަތަމަ ތިޔަބޭފުޅުން އަޅުގަނޑަށް އެހީވެދެއްވާށޭ. އެއިރުން ދޮގެއްތޯ، ތިޔަބޭފުޅުންގެ ޚިދުމަތުގައި އަޅުގަނޑަށް އަނެއްކާވެސް މި ރަށަށް ކަންތައްތައް ކޮށްދޭން ހުރެވޭނީ.

 

އިރާދަކުރެއްވިއްޔާ އަޅުގަނޑު މިކުރާ މަސައްކަތުގައި މާތްﷲ ގެ ބަރަކާތް މިންވަރު ކުރައްވާށި!

والسّــلام عليــكم ورحـمــة اللّـه وبـركاتـه.