بســم اللّـه الرّحمـن الرّحيــم

 

ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލައްވާށި! އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 

ކަނޑޫދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، ކައިރި ރަށްރަށުން މި ޙަފްލާއަށް ވަޑައިގެންނެވި އެންމެހާ ބޭފުޅުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه

 

އާދެ، މިއަދުގެ މޫސުމް މި ދައްކާގޮތުން، ކަނޑޫދުއަށް އަޅުގަނޑަށް މި އާދެވުނީ ވަރަށް ހިތްފަސޭހަ ވަގުތެއްގައި. އަދި، އެ ހިތްފަސޭހަ ވަގުތުގައި ތިޔަބޭފުޅުންގެ މޫނުފުޅުމަތިން ފެނިގެން މިދަނީ، އުފާވެރި ޝުޢޫރުތައް. ރަށަށް އެހާބޮޑަށް ދަތިވެފައި އޮތް ކަމަކަށް ޙައްލު ލިބިގެން، އެ ޙައްލު ލިބުނުކަން ރަސްމީކޮށް އިޢުލާނު ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތުދީ، އަދި އެކަމުގައި އަޅުގަނޑަށް ބައިވެރިވުމުގެ އުފާ ލިބުނު ޖަލްސާއަށް އަންނަން ލިބުނު ދަޢުވަތު މިއީ.

 

އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިއީ އަޅުގަނޑުމެންގެ ރާއްޖެއަށް، އެންމެކުރީއްސުރެ، ހުރިހާ ރަށަކަށްވެސް ދިމާވަމުން އަންނަ މައްސަލަ. ކަނޑޫދުއަށްވެސް މިއަދު ޙައްލުވެގެން މިދިޔައީ. ރާއްޖޭގައި ތިރި ފަސްގަނޑުތަކެއްގެ މައްޗަށް އެކުލެވޭ ރަށްތަކުގައި އަބަދުވެސް ދިމާވާ މައްސަލައަކީ، ރަށްތައް ގިރުމުގެ މައްސަލަ. ތަންކޮޅެއް ރާޅު ބޮޑުވެއްޖެ ކަމަށްވަންޏާ، ރަށަށް އަރާ، ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ނޫނީވިއްޔާ، ރަށުގެ ބޮޑުބައެއް ގޮނޑުދޮށުން ހިފައިގެންދާ މައްސަލަ. އަދި، އެއަށްވުރެ ނުރައްކާތެރި ޤުދުރަތީ ކާރިސާއެއް ދިމާވެއްޖެ ކަމަށްވަންޏާ، ރަށްރަށް ހަލާކުވެގެންދާތަން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައި މިވަނީ. 2005 ވަނަ އަހަރު، އަޅުގަނޑުމެންނަށް، މި އަތޮޅުންވެސް މިކަންތައް އިޙްސާސް ކުރަންޖެހުނު. މި ހިތްދަތި ތަޖުރިބާ، އަޅުގަނޑުމެން އިޙްސާސް ކުރީމު. އެހެންވީމާ، ކަނޑޫދޫގެ ގޮނޑުދޮށް ޙިމާޔަތްވެގެން ދިއުމަކީ، ކަނޑޫދޫގެ ރައްޔިތުން އެދިވަޑައިގެން ތިއްބެވި ކަމެއް. މި ދިގު އިންތިޒާރަށް ނިމުމެއް އައުމަކީ، އަދި އެކަމުގައި އަޅުގަނޑުމެންގެ ސަރުކާރުގެ ކޮންމެވެސް ހިއްސާއެއް އޮތުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. ތިޔަބޭފުޅުންގެ މި އުފަލުގައި މި ބައިވެރިވަނީ، ތިޔަބޭފުޅުންވެސް މިކަމާ އުފާކުރައްވާކަން އަޅުގަނޑަށް ގަބޫލުކުރެއްވޭތީ.

 

އަޅުގަނޑު ކަނޑޫދޫގައި ހުރެގެން ދަންނަވާލަން ބޭނުންވޭ، ކަނޑޫދުއަކީ އާބާދީއަށް ބަލާކަމަށްވަންޏާ، މާބޮޑު އާބާދީއެއް އޮތް ރަށެއްނޫން. ގާތްގަނޑަކަށް ހަތްސަތޭކައެއްހާ މީހުން ހަމަވަމުން މިދަނީ، ކަނޑޫދޫގެ ދިރިއުޅޭ އާބާދީއަށް. އެހެންވެގެންކަންނޭނގެ، ކުރީގައި، ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑު ހަމަ ތަފާސް ހިސާބެއް ދަންނަވާލާނަން.

 

އަޅުގަނޑުގެ ސަރުކާރު ހިނގަންފެށީ، 2013 ވަނަ އަހަރު. އޭގެ ކުރީގައި ހިނގައިދިޔަ ދެ ސަރުކާރު، ޖުމްލަ ފަސް އަހަރުގައި ދެ ސަރުކާރު ހިނގައިދިޔައީ. ކަނޑޫދުއަށް، އިޤްތިޞާދީ ތަރައްޤީއަށް މިކަހަލަ ބޮޑެތި މަޝްރޫޢުތަކަށް ހޭދަކުރެވިފައިހުރި ފައިސާގެ ޢަދަދު، އަޅުގަނޑު ހިތަށްއަރާ، މި ހޯލުގެ ތެރެއިން، މި ޖަލްސާގެ ތެރެއިން އެއްވެސް ބޭފުޅަކަށް ވިދާޅުވާން އެނގިވަޑައިގަންނަވާނެބާއޭ. އަޅުގަނޑުމެން އެއްކުރި ތަފާސް ހިސާބަށް ބަލާކަމަށްވަންޏާ، އެއްވެސް ކަހަލަ ބޮޑު ކެޕިޓަލް އެސެޓެއް ހިންގުމަށްޓަކައި ނޫނީވިއްޔާ، ބިނާކުރުމަށްޓަކައި ޤުދުރަތީ ވަސީލަތް ބިނާކުރުމަށްޓަކައި، ދަޢުލަތުގެ ބޮޑު ޚަރަދެއް ކޮށްގެން ހިންގާފައިއޮތް މަޝްރޫޢެއް މި ދެންނެވި ފަސް އަހަރު ތެރޭގައި، ހަމަ އެންމެ މަޝްރޫޢެއްވެސް ނެތް. ހަމަ އެންމެ މަޝްރޫޢެއްވެސް ނެތް، ކެޕިޓަލް އެކްސްޕެންޑިޗަރ ޕްރޮޖެކްޓެކޭ މިކިޔާ ޒާތުގެ ބޮޑުކަމެއް ކުރުމަށް ދައުލަތުގެ ބަޖެޓުން މި ރަށަކަށް ހަމަ އެންމެ ލާރިއެއްވެސް ހޭދަކޮށްފައެއް ނެތް.

 

އެކަމަކު، މިއަދު މި ނިމިގެންދާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢަށް، ދެން މިތަނުގައި ކުރެވިފައިހުރި ބައެއް ކަންތައްތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ސަރުކާރުގައި، މި ހިނގަމުންދާ ފަސް އަހަރު ތެރޭގައި 25 މިލިއަން ރުފިޔާ މިވަނީ ކަނޑޫދުއަށް އިންވެސްޓު ކޮށްދެވިފައި. މިއީ، ޙަޤީޤަތުގައި ތަފާތަކީ.

 

އެހެންވީމާ، ރާއްޖޭގެ ކޮންމެ ދިމާއަކަށް އަޅުގަނޑުމެން ދިޔަކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުގައި ކުދިކުދި އާބާދީ ހުންނަ ރަށްރަށުގައިވެސް އެ ރަށްރަށަށް ދިމާވެފައި ހުންނަ ބޮޑެތި މިކަހަލަ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަކީ އަޅުގަނޑުމެން ކުރާކަމެއް. އެއީ ހަމައެކަނި، އާބާދީ ބޮޑެތި ރަށްރަށަށް އަޅުގަނޑުމެން ކުރާކަމެއް ނޫންކަން ކަނޑޫދޫގައި މި ދެންނެވި ތަފާސް، ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނެވީމާ ތިޔަބޭފުޅުންނަށް އެނގިގެންދާނެ.

 

މިއަދު އަޅުގަނޑާއެކީ މަސައްކަތް ކުރައްވަން ނުކުމެވަޑައިގެން މި ތިއްބެވި ޓީމަކީ، ވަރަށް މުރާލި، ވަރަށް ހީވާގި އަދި މަސައްކަތް ކުރެއްވުމުގައި އެހާ ފަރުވާތެރިކަމާއެކީ، ކަންތައްތައް ކުރައްވަން ތިއްބެވި ވަޒީރުންގެ ޓީމެއް. އަޅުގަނޑުމެންގެ ތަޖުރިބާ، ތިޔަބޭފުޅުން ތިޔަކުރައްވަމުން ތިޔަގެންދަވަނީ. އަދި ހަމައެހެންމެ، އަޅުގަނޑުމެންނާ ވާދަވެރި ފިކުރުގެ ތަޖުރިބާ، ތިޔަބޭފުޅުން މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ކުރައްވައިފީމު. އޭރު ތިއްބެވި ބޭފުޅުންނަކަށް ބަދަލެއްނާދޭ. އަޅުގަނޑާއެކީ މަސައްކަތްކުރާ މިއަދު ތިބި މީހުން އިރާދަކުރެއްވިއްޔާ، ހަމަ މި ޓީމުގައި މިތިބީ. އަންނަންއޮތް ފަސް އަހަރަށްވެސް ރައްޔިތުންގެ ޚިދުމަތުގައި. އަޅުގަނޑުމެންގެ ޓީމުގައިވެސް ބޮޑެތި ބަދަލުތަކެއް ނެތް. ދަންނަވާލަން މިއުޅޭ ވާހަކައަކީ، އެހެންވީމާ، އަޅުގަނޑުމެންނަށް މިހާތަނަށް އައިއިރުވެސް، އިޙްސާސްކުރެވެންވާނެ، ތަޖުރިބާ ކުރެވިފައި އޮންނަންވާނީ، މި ދެކެވޭ ވާހަކަތައް ޙަޤީޤަތަކަށް ހެދުމުގެ ޤާބިލުކަން ނޫނީވިއްޔާ، ހަކަތަ ހުރީ ކިހާ މިންވަރަކަށްތޯ ދައްކައިދީފައިހުރީ ކިހާވަރަކަށްތޯ.

 

ރައީސް ނަޝީދަށްވެސް އެމް.ޑީ.ޕީ.ގެ ފަރާތުން ސަރުކާރު ހިންގެވި. ވަރަށް ގިނަ މަޝްރޫޢުތަކެއްގެ ވާހަކަ މިއަދު އަޅުގަނޑުމެން ދައްކަމުން މިގެންދަނީ. އަދި، އޭރުވެސް ވެރިކަމަށް ވަޑައިގަތުމަށްޓަކައި މަސައްކަތް ކުރައްވަމުން ދިޔައިރު، އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ، ރައީސް މައުމޫނުގެ 30 އަހަރު، އަޅުގަނޑުމެން ކިޔަމުން ދިޔައީ، ރަން 30 އަހަރު. އޭރު، އެ ބޭފުޅުން އަޅުގަނޑުމެންގެ ކައިރީ ވިދާޅުވަމުންދިޔައީ، އެ ދިގު 30 އަހަރޭ. އެހެންވީމާ، ރަން 30 އަހަރު، ދިގު 30 އަހަރު. ކޮންމެއަކަސް 30 އަހަރު. 30 އަހަރު ތެރޭގައި ކޮންކޮން ކަންތައްތަކެއް ހެއްޔޭ ރާއްޖޭގެ ރަށްރަށަށް ކުރެވިފައި ހުރީ. އެ ބޭފުޅުންގެ ނަޒަރުގައި ގަބޫލުކުރެވޭ ފެންވަރުގެ އެއްވެސް ކަހަލަ ކަމެއް ނުކުރެވޭ. ދެން، އަޅުގަނޑުމެންގެ ގިނަ ރައްޔިތުންތަކެއް ތިބީ ދިގު ޒަޢާމަތެއް ނިމިގެން ގޮސްފައި، އައު ބަޔަކު، އައު ޖޯޝާއި، އައު ހިތްވަރާއި ހަކަތައާއެކީ އައީމާ، ވަރަށްގިނަ މަޝްރޫޢުތަކެއް ވަރަށް ބާރު ސްޕީޑުގައި ހިނގައިގެން ދާނެކަމަށް. ކޮންކަމެއްތޯ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. އެ ސްޕީޑުގައި އެކަހަލަ އެއްވެސް މަޝްރޫޢެއް ފެށިގެން ހިނގާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އޭގެ ކުރިން ކުރަމުން ދިޔައީ، މިކަހަލަ ވާހަކަތައް ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި، މާލޭގަޔާއި، ރަށްރަށުގައި އެކި ކަހަލަ އިޙުތިޖާޖުތައްކޮށް، އެކި ތަންތަނަށް މީހުން އެއްކޮށް އަދި ނުވެފައި ހުރި ކަންތައްތައް ނުވީމާ، ސަރުކާރުން އެ ޚިދުމަތް ދޭ ތަންތަން ބަންދުކޮށްފައި. އޭގެ ތެރޭގައި، މަދަރުސާތައްވެސް ބަންދުކުރީ. ކޯޓުތައްވެސް ބަންދުކުރީ. ޞިއްޙީ ދާއިރާގައި ޚިދުމަތް ދެމުންދާ ތަންތަންވެސް ބަންދުކުރީ. ޑޮކްޓަރެއް ނެތިއްޔާ ބަންދުކުރީ. އިސްލާމް މުދައްރިސް ނެތިއްޔާ ސްކޫލް ބަންދުކުރީ. އަދި، މަސް ނުކިރޭ ކަމަށްވަންޏާ، ކަތީބުގެ ކޮޓަރިއަށް މަސްތައް އަޅައިލާފައި، ކަތީބާއެކީ ކޮޓަރިވެސް ބަންދުކުރީ. މިއީ، އޭރު ކަންތައްތައް ހިނގާފައިހުރި ގޮތަކީ.

 

އެހެންވީމާ، އެހާވަރަށް އެ ވާހަކަ ދައްކަވަމުން ވަޑައިގެންނެވި ބޭފުޅުން،  އެ ބޭފުޅުން އަޅުގަނޑުމެންގެ އިންޑިޔާ ކަނޑަށް ނައު ހިފައިގެން ނުކުތީމާ، ނައުގައި ކައްޕީންނާ އެ ބޭފުޅުން ތިއްބެވިއިރު، ފަޅުވެރިންނާއެކީ ތިއްބެވިއިރު އަޅުގަނޑުމެން ހީކުރީ ވަރަށް އަމާން، ވަރަށް ބާރު ސްޕީޑެއްގައި، އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް އައްސޭރިއާ ހަމައަށް ނުދެވޭ ބާރުމިނުގައި އެ ބޭފުޅުންގެ ދުވެލި ފެންނާނެކަމަށް.

 

އެކަމަކު، ތިން އަހަރުގެ މުއްދަތެއް ނިމިގެން ދިޔައިރު، ޙަޤީޤަތުގައި އެއިން އެއްވެސްކަމެއް ރައްޔިތުން އުއްމީދު ކުރިވަރާއި ކައިރިއަށްވެސް ނުކުރެވި ދިޔައިމާ، އެ ކަންކަމުން އެ ބޭފުޅުން ވަކިވެ ވަޑައިގަތީ. ސަރުކާރު ހިންގެވުން ދޫކޮށްލެއްވީވެސް އެ ސަބަބުތަކާހެދި. އަޅުގަނޑުމެންނަށް އޭރު ފެނިގެން ދިޔައީ، އިވެމުން ދިޔަ އަޑަކީ، ރައީސް މައުމޫނުގެ ޒަޢާމަތް ނިމުމެއް ގެނައުމަށް ދައްކަމުން ދިޔަ ވާހަކައަކީ، އެ ދިގު ޒަޢާމަތުގެ ތެރޭގައި ކަންކަމެއް ނުކުރެވުނޭ. ޑިމޮކްރަސީއެއްވެސް ނެތް. ތަޢުލީމީ ފެންވަރެއްވެސް ނެތް. ރާއްޖޭގެ އެކި ހިސާބުގައި ކުރެވުނު މަސައްކަތެއްވެސް ނެތް. އޭރު އެ ކަންކަން ކުރެއްވީ، މި ދެންނެވިގޮތަށް ރަށްރަށުގައި، މި ދެންނެވިގޮތަށް މުޒާހަރާތައް ކުރުމާއި، އަޑު އުފުލުމާ، މިކަހަލަ ކަންކަމުގެ ތެރެއިން. އެހެންވީމާ، ވަރަށް ގިނަ ފަހަރު ބުނެވޭ، މާ އާދަޔާ ޚިލާފަށް އަޑުގަދަ ވެއްޖިއްޔާ، އެތެރޭގައި އޮންނާނީ ހޮޔޭ. އެހެންވީމާ، އަސްލުގައި ސަބްސްޓެންސަށް ބަލާކަމަށްވަންޏާ، މާ ބޮޑުކަމެއް ނުވާނޭ. ކިތަންމެހާވެސް ރަނގަޅަށް މި މުހާވިރާ ބަހާ ދިމާވާގޮތަށް އެ ބޭފުޅުންގެ ކަންތައްތައް ދިޔައީ. ހަމަ ހުސް ފުޅިއަކުން، ބޮޑު އަޑެއް ނުކުންނަގޮތަށް ހަމަ އަޑުތަކެއް އިވިގެން ދިޔައީ. ވަރަށް ގިނަ ދިވެހިރައްޔިތުން އުއްމީދު ކުރަމުންދިޔަ އައު ބަޔަކު، ޒުވާން ބަޔަކު އެތައް ވާހަކައެއް ދައްކަމުން، އުއްމީދުތަކެއް ދެމުން އައިސްފައި، ވަރަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެކަމަށް. އެކަމަކު، އޭރުގައިވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، މަގުމަތީގައި މުޒާހަރާތައް ކުރަމުން ދިޔަތަން. އޭރުވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ރާއްޖޭގެ އެއްވެސް ތަނެއް އިސްތިސްނާއެއްނެތި، މާލޭގައިވެސް އެއްވެސް ބިންކޮޅެއް، މަގެއްގެ މަތިވެސް އިސްތިސްނާއެއްނެތި މިކަން ކުރައްވަމުން ގެންދެވި. އޭގެފަހުން، ވެރިކަމަށް ވަޑައިގެންފައިވެސް ދެންވެސް އެކަން ކުރައްވަމުން ގެންދެވީ.

 

މިއަދު އަޅުގަނޑު ހަމަ ޠާރިޤު އެ ވިދާޅުވި ވާހަކަ ތިޔަބޭފުޅުންނަށް ހަނދާންކޮށްލަދޭނަން. ކަނޑޫދޫގައި މި ވާހަކަ ދައްކަމުން އަޅުގަނޑު ހަނދާންކޮށްލަދޭނަން. މިފަދަ ރަށްރަށަށް ބޭނުންވަނީ، އިޤްތިޞާދީ ތަރައްޤީ. މިފަދަ ރަށްރަށަށް ބޭނުންވެފައި ހުރި ކަންތައްތައް މި ރަށްރަށުގައި ފުދެން ބޭނުންވަނީ. މި ރަށްރަށަށް ބޭނުންވެފައި ހުރި ކަންތައްތައް ފުދޭނީ، އިޤްތިޞާދީގޮތުން އާމްދަނީ ލިބޭނެ ކަންތައްތައް ކުރެވިގެން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުގެ މެނިފެސްޓޯގައި ނޫނީވިއްޔާ، އަޅުގަނޑު ކޮށްދޭން މި ބުނާ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުގެ ނޫނީވިއްޔާ، އަޅުގަނޑުގެ ޓީމުގެ އިޤްތިޞާދީ ވިސްނުމަކީ ނޫނީވިއްޔާ، ހުވަފެނަކީ، ތަޞައްވުރަކީ ކޮބައިތޯ ދެނެގަންނަން. އަދި ހަމައެހެންމެ، އަޅުގަނޑުމެންނާ ވާދަކުރައްވާ ބޭފުޅުންގެ އިޤްތިޞާދީ ތަޞައްވުރެއް އެބައޮތްތޯ، އަޅުގަނޑުމެން ސުވާލުކުރަން އެބަޖެހޭ. މީގެ ޖަވާބުވެސް ކޮންމެވެސް ވަރަކަށް ލިބިއްޖެ، އަޅުގަނޑުމެން ބައެއް ވާހަކަތައް މި ދަތުރުތަކުގައި ދައްކަމުން ދިޔައީމާ. އޭގެ ބައެއް ބޭފުޅުން، ސީނިއަރ ބޭފުޅުން ސޯޝަލް މީޑިއާގައި އެބަ ވިދާޅުވޭ، ތިމަންނަމެންގެ މެނިފެސްޓޯ އަދި ނުނިމެއޭ. އެކަމަކު، އެ ބޭފުޅުން އަޅުގަނޑުމެންނަށް ޖަދަލު ކުރަމުން ގެންދެވި، އަޅުގަނޑުގެ މެނިފެސްޓޯ އެއް ފޮތަކުން ނުފެންނާތީ. އެކަމަކު، އަޅުގަނޑު މިދަނީ، އަޅުގަނޑުގެ ދަތުރުތައް ފެށީއްސުރެ، މާލޭގައާއި، ރާއްޖޭގެ ރަށްރަށުގައި އަޅުގަނޑުމެންގެ ރައްޔިތުންނަށް އެންމެބޮޑަށް ދިމާވެފައިހުރި މައްސަލަތަކަށް ޙައްލު ގެންނާނޭގޮތްތައް ހޯދަމުން. އަދި، އެ ކަންކަމަށް އެޑްރެސް ކުރަމުން މިދަނީ. އޭގެ ތެރޭގައި، ޒުވާނުންނަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ވަޒީފާގެ ވާހަކަ ދެއްކިން. އަދި ހަމައެހެންމެ، ޒަވާޖީ ޙަޔާތެއް ފަށަން ތައްޔާރުވެފައިތިބި 18 އަހަރު ފުރޭ ކޮންމެ ކުއްޖަކަށް 2030 ވަނަ އަހަރުގެ ނިޔަލާ ހަމައަށް 18 އަހަރު ފުރޭ ކުދިންނަށްވެސް މާލޭ ސަރަޙައްދު ކައިރިން، އެ މީހުން ގެދޮރުވެރި ކުރުވާނެ ވާހަކައާއި، އަދި އެކަން ކުރާނެގޮތް އަޅުގަނޑު އިޢުލާނު ކުރިން. އެކަންކަން އަޅުގަނޑު ބުނިން. އެހެންވީމާ، މިއަދު އަޅުގަނޑުގެ ފަހަތުން އެ ވާހަކަ ދައްކަވަމުން، ކޮންމެ ދިވެހިރައްޔިތަކަށް ގެދޮރު ބިނާ ކޮށްދޭނަމޭ ބުންޏަކަސް، އެ ފައިސާ ހޯދާނެ ގޮތަކާއި، އެކަން ކުރާނެ ގޮތެއްވެސް ވިދާޅުވާންވާނެ. އެ ވިދާޅުވާންޖެހޭ ސަބަބަކީ، އެ ބޭފުޅުން ވެރިކަން ކުރެއްވިއިރު، އެންމެ ބޮޑު ސަމާލުކަމެއް ދެއްވި އެއް ކަމަކަށްވަނީ ފްލެޓް އެޅުން. އެކަމަކު، އެކަން ނުކުރެވި ދިޔައިމާ، މިއަދު އެ ސުވާލު އަޅުގަނޑުމެންގެ ތެރޭގައި އެބަ އުފެދޭ.

 

އެހެންވީމާ، މިއަދުވެސް މި ދައްކަވާ ވާހަކަފުޅުތަކުގައި އަޅުގަނޑުމެން އިޢުލާނުކުރާ ކަމެއްގެ ފަހަތުން އެކަމެއް ކުރައްވާ ވާހަކަ އެބަ ވިދާޅުވޭ. ތަނެއްގައި ނަރުދަމާ އަޅައިފި ކަމަށްވަންޏާ، ދެން އޮތް ތަނެއްގައި އެއަރޕޯޓު އަޅާ ވާހަކަ. މާލޭގައި ބްރިޖެއް އަޅައިފި ކަމަށްވަންޏާ، އެއް ފަޅުތެރޭގައިހުރި ހުރިހާ ރަށްތައް ގުޅުވައިލާ ވާހަކަ. ތ. އަތޮޅަށް އައިސް، އަޅުގަނޑުމެން ކޮޅުމަޑުލުގައި އަޅުގަނޑުމެން މި ވާހަކަ ދައްކާއިރު، އެއްފަޅުތެރޭގައި ހުރި ހުރިހާ ރަށްރަށް ބްރިޖަކުން ގުޅާ ކަމަށްވަންޏާ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެއީ ކިހާވަރެއްގެ ވާހަކައެއްކަން އެ ދެއްކެނީ. ހަމަ އެގޮތަށް، ގއ. ގދ. އަށް ގޮސްފައި، އެއްފަޅުތެރޭގައި ހުރި ހުރިހާ ރަށްތައް، ފަސް އަހަރު ތެރޭގައި ފާލަމަކުން ނޫނީވިއްޔާ، ބްރިޖަކުން ގުޅައިލާ ވާހަކަ ދެއްކީމާ، އަޅުގަނޑުމެންނަށް އެނގޭނެ، ޞުބްހާނަﷲ، މިއީ ކިހާވަރެއްގެ ވާހަކައެއްކަން މި ދެއްކެނީ.

 

ދެން، ހަމައެއާއެކީ، ޓޫރިޒަމްގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، ޓޫރިޒަމުގެ މިހާރުވެސް ކެޕޭސިޓީ އޮތް ވަރަށްވުރެ އިތުރަށް ރަށްރަށް ހަދަން، ރަށް ދެވިފައިހުރި ވާހަކަ ދައްކަވާއިރު، ކޮންމެ ރަށެއްގައި ވަޑައިގެން އެބަ ވިދާޅުވޭ، މި ރަށަކީ ގެސްޓްހައުސް ހަދަން ފައްކާ ރަށެކޭ. ގެސްޓްހައުސް ހެދީމާ، އެތާނގެ ކޮޓަރިތަކަށް އަންނަނީ ކޮންބައެއްބާ. އަޅުގަނޑަކަށް ހިއެއްނުވޭ، މި ހަދާ ގެސްޓްހައުސްތަކަކަށް ކޮންމެހެންދަނީ ވޭމަންޑޫ، ނޫނީވިއްޔާ ކަނޑޫދޫންދާ ގެސްޓުންހެނެއް. އަޅުގަނޑަށް ހަމަ ހީވަނީ، އެ ތަންތަނަށް ހަމަދަނީ، ޔޫރަޕުގެ ފަރަންޖީން، ހަމަ ދޮން ފަރަންޖީން މިތަންތަނަށް ދަނީ.

 

އެހެންވީމާ، ރިޒޯޓުތައް ހެދީމާ، ކެޕޭސިޓީ އިތުރުވެގެންގޮސް، ގެސްޓްހައުސް ހަދާއިރު، ހަމަ މިވާހަކަތައް ދެކެވެމުން މިދަނީ. އެބަޖެހޭ ވިސްނާލަން، މިއީ ކިހާވަރެއްގެ ދެކޮޅު ޖެއްސޭ ވާހަކައެއްތޯ. ގެސްޓްހައުސް ހަދައިގެންވެސް، އަދި އެހެން ގޮތްގޮތުންވެސް އިޤްތިޞާދީ ތަނަވަސްކަން ހޯދުމާއި، އަދި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު އިތުރުވެގެން ދިޔުމަކީ، އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން. އެ ވާހަކަ އަޅުގަނޑުމެން ދެއްކީ.

 

އަޅުގަނޑު މެނިފެސްޓޯއެއް ހިފައިގެން ރައްޔިތުންނަށް އަޅުގަނޑުގެ ތަސްވީރު ނޫނީވިއްޔާ، އަޅުގަނޑު ތަޞައްވުރު ކުރާ ކަންތައްތަކެއްގެ ވާހަކަ 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން، ދައްކަން ފެށިއިރު، އޭގެ ކުރީގައި ތިބި ސަރުކާރުތަކަށް، ވޭތުވެދިއަ ސަރުކާރުތަކަށް ނޫނީވިއްޔާ، އޭރުގައި ސަރުކާރަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅުންނަކަށް އެއްވެސް ގޮތަކަށް ޚިޔާލަކަށް ނާދޭ، ޒުވާނުން މިއީ ގިންތިއެއްގޮތަށް ގަބޫލުކުރަންޖެހޭ ބައެއް ކަމަކަށް. ޒުވާނުންނަކީ، އެ މީހުން ހިމެނޭ މުޖުތަމަޢުތަކުގައި، މާލޭގައިވިޔަސް، ރަށްރަށުގައިވިޔަސް، އެމީހުންގެ ދައުރެއް އޮންނަންޖެހޭ ކަމެއް އެ ބޭފުޅުންގެ މެނިފެސްޓޯއަކުން ފެންނާކަށެއް ނޯންނާނެ. އެ ސަބަބަށްޓަކައި، އެ ބޭފުޅުންގެ މެނިފެސްޓޯގައި ވަޒީފާ އުފައްދާ ވާހަކަވެސް ލިޔުއްވާފައި ނެތީ. ވަޒީފާތަކަށްދާން ޙަޤީޤަތުގައި މިތިބީ ޒުވާނުން، ގިނަ ޒުވާނުން. މަސްވެރިކަމަށްވިޔަސް، ދަނޑުވެރިކަމަށްވިޔަސް، ގެސްޓްހައުސްގެ ވިޔަފާރިއަށްވެސް، ޓޫރިޒަމުގެ ޞިނާޢަތަށްވިޔަސް، އަދި ކޮންމެ މަސައްކަތަކަށްވިޔަސް، މަސައްކަތްތަކަށް ނުކުންނަން މިތިބީ ޒުވާނުން. އެހެންވީމާ، ޒުވާނުންގެ މަތިން ހަނދާން ނެތް ބަޔަކު، ވިޔަފާރީގެ އުސޫލުން އުފައްދާ ވަޒީފާތަކެއްގެ ވާހަކައެއް ދައްކާނެ ޖާގައެއް ނޯންނާނެ. އެކަމަކު، އަޅުގަނޑުމެން ދައްކަމުން އައި ވާހަކައަކީ، އަޅުގަނޑުމެން ހަނދާނެއް ނުނެތޭ، ދިވެހިރާއްޖޭގެ އާބާދީ ހިއްސާވަނީ ކޮން ގިންތި ތަކަކަށްތޯ، ކޮން ޢުމުރު ފުރައަކަށްތޯ، އެ ހިސާބުން ޒުވާނުންނަކީ ތިބި ބައެއްކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ. އަދި، ޒުވާނުންނަށް ބޭނުންވާ ކަންކަމުގެ ތެރޭގައި، މިއަދު އަޅުގަނޑުމެން ފިކުރުކޮށްލަންޖެހޭނެ، ފުޓްސެލް ދަނޑެއް އަޅަން ފަށާފައި، ދަނޑު ނުނިމިއޮތް ތަނަކަށް ވަޑައިގެންފައި އެއިން ބޭފުޅަކު ވިދާޅުވަނީ، އަދި މި ރަށުގައި ފުޓްސެލް ދަނޑު ނުނިމޭދޯއޭ. ތިމަންނަމެންގެ ސަރުކާރެއް އައިސްފިއްޔާ އެންމެ ފުރަތަމަ މި ދަނޑު ނިންމާނަމޭ. އެއަށްވުރެ މާ ރަނގަޅުވާނެ ދޮގެއްތޯ، އެ ދަނޑަކީ އޮތް އެއްޗެއްކަން، ޒުވާނުންނަށް ބޭނުންވާނެ އެއްޗެއްކަން މީގެކުރީގެ ތަޞައްވުރެއް އޮތްނަމަ. އެހެންވީމާ، ފަށާފައިހުރި މަސައްކަތް ނިންމުމަކީ ކޮންމެ ބައެއް ނަމަވެސް ކުރާނެކަމެއް.

 

މިހާރު، އެންމެ ފުރަތަމަ ވެރިކަމެއް ލިބިވަޑައިގެންފި ކަމަށްވަންޏާ، އެންމެ ފުރަތަމަ ދުވަހު ކުރައްވަން ވިދާޅުވި ތިން ކަމެއްގެ ވާހަކަ ޠާރިޤު އެ ވިދާޅުވީ. އޭގެ ތެރޭގައި އެބައޮތްތޯ އައު ކަމެއް. އެއް ކަމަކަށް ވިދާޅުވާ ވާހަކަފުޅަކީ، ރައީސް ޔާމީނުގެ ޒަޢާމަތުގައި ތިރީހަކަށް މަރު ހިނގައިފިޔޭ. އެ މަރުގެ ތަޙުޤީޤުތައް ފަށާނަމޭ. ނޫން! އެ ތަޙުޤީޤުތައް ފަށާކަށް ނުޖެހޭ. މަރުގެ ހުރިހާ މައްސަލަތަކުގެ ތަޙުޤީޤު އެހެރީ، ކުރެވެމުން އެދަނީ. އޭގެތެރޭގައި، ތަޙުޤީޤު ނުނިމޭކަމެއް ނިންމަވައިފި ކަމަށްވަންޏާ، ރަނގަޅުވާނެ. އޭގެ ތެރެއިން އެތައް މައްސަލަތަކެއް އެހެރީ ކޯޓުގައި. އެހެންވީމާ، ތަޙުޤީޤު ފަށާކަށް ނުޖެހޭ. އެހެންވީމާ، އެހާވަރަށް ކަންކަން ބަލައިލާން ބޭނުން ނުވަނީ.

 

ދެވަނަ ކަމަކަށް މި ވިދާޅުވަނީ ކޮން ކަމެއްތޯ. މިއީ ހަމަ ހައިރާންވާ ކަހަލަ ވާހަކަ މި އަންނަނީ. ދެވަނަ ކަމަކަށް ވިދާޅުވާ ވާހަކައިގައި ވިދާޅުވީ، ތިމަންނަ އެންމެ ފުރަތަމަ ދުވަހު ކުރައްވާނެ ކަންތަކުގެ ތެރޭގައި، ދައުލަތުން ގެއްލިފައިހުރި ފައިސާ، ހޯދުމަށްޓަކައި ކޮމިޓީއެއް އުފައްދާނަމޭ. މިއީ ކުރަންޖެހޭ ކަމެއްތޯ. ނޫން! މިއީ ކުރަންޖެހޭ ކަމެއް ނޫން. ދައުލަތުން ގެއްލިފައިހުރި ފައިސާ ހޯދުމަށްޓަކައި، ރައީސް މައުމޫނުގެ ސަރުކާރުގައިވެސް ކޮމިޓީއެއް އުފެއްދެވި. އެފް.ޕީ.އައި.ޑީ.ގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފެއްދެވި. އޭގެ ރިޕޯޓުވެސް އޮންނާނެ. އަދި، އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުންނަށްވެސް ރިޕޯޓުގައި ހުރި ވާހަކަތައްވެސް އެނގިވަޑައިގަންނަވާނެ. އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ތިން އަހަރުގެ މުއްދަތެއް. އެހާ ޝައުޤުވެރިކަމެއްހުރި ކަމެއްކަމަށް ދައުލަތުން ގެއްލުނު ފައިސާ ހޯދުމަކީ، އަނބުރާ ދައުލަތަށް ވެއްދުމަކީ އެހާ ބޭނުންތެރި ކަމެއްކަމަށް މިއަދު ވިދާޅުވާ ކަމަށްވަންޏާ، އެ ތިން އަހަރު، ރައީސް މައުމޫނުގެ ސަރުކާރުގައި އަނިޔާވެރި، އެހާ ކޮރަޕްޝަން އޮތް ސަރުކާރެއްކަމަށް އޭރު ވިދާޅުވަމުން ގެންދެވި. ކީއްވެގެންބާ، އެ ފައިސާ ހޯއްދަވާފައި، ދައުލަތުގެ ބައިތުލްމާލަށް އެ ފައިސާ ޖަމާކޮށް ނުދެއްވީ. ކީއްވެގެންބާ ކޮށް ނުދެއްވީ. މި ސުވާލު ކުރައްވަ ބައްލަވާ. އޭގެ ޖަވާބު، އެ ބޭފުޅުން އެ ބޭފުޅުންގެ ތެރެއިން ދެއްވާނެ. އޭގެ ޖަވާބަކީ، އެ ބޭފުޅުން އެ ބޭފުޅުންގެ ތެރޭގައި ގުޅުންތައް ހުރިގޮތުން އެ މައްސަލަ ބަލައިފައި، އެ ފައިސާ ނެގި މީހުން، ހިމެނޭ މީހުން، އެ މީހުން ޝަރީޢަތުގެ ކުރިމައްޗަށް ގެނެވޭހާ ހަކަތަކެއް ނޫނީވިއްޔާ، ހިތްވަރެއް އެ ބޭފުޅުންގެ ނުހުންނާނެ. އެހެންވެގެން، އޭރުވެސް އެކަން ނުކުރެވުނީ. މިހާރުވެސް، އެ ޓީމުގައި އެ ތިބީ އެއް ބައެއް. އެ ބޭފުޅުންގެ ނުހުންނާނެ އެ ހިތްވަރެއް. އެ މައްސަލައިގައި ފައިސާ ނެގި މީހުން، ނޫނީވިއްޔާ ދައުލަތަށް ފައިސާ ދައްކަންޖެހޭ މީހުންގެ މައްސަލަތައް ބަލައިފައި، ޝަރީޢަތުގެ ކުރިމައްޗަށް ގެންނަހާ ހަކަތައެއް އެ ބޭފުޅުންގެ ނުހުންނާނެ. އެ ހަކަތަ ހުރިނަމަ، އެހާވަރަށް އެ ވާހަކަ ދައްކަވަމުން ގެންދެވިއިރު، އެ ތިން އަހަރު ތެރޭގައި އެކަން ކޮށްފައި އޮންނާނީ.

 

ދެން، އަޅުގަނޑު މި ދެންނެވީ، މިހާރަކު އަލުން ނުޖެހެއޭ ކޮމިޓީއެއް އުފައްދަން. އެއީ، ކީއްވެގެންތޯ ކޮމިޓީ އުފައްދަން ނުޖެހޭ ސަބަބަކީ. ރައީސް ޔާމީންގެ ސަރުކާރުގައި ކޮމިޓީއެއް އުފައްދައިގެން، އެ ކޮމިޓީގެ މަސައްކަތް ގާތްގަނޑަކަށް އެއޮތީ ނިމިފައި. ދައުލަތަށް ވަންނަންޖެހޭ ފައިސާގެ ހިސާބުތައް އަޅުގަނޑުމެންނަށް އެބަ ދިމާ ކުރެވޭ. ފައިސާ ހޯދުމުގެ މަސައްކަތުގައި ބުރަތަކެއް އުފުލަން މިޖެހެނީ. އެސެޓް ރިކަވަރީ ކޮމިޝަނެއް އަޅުގަނޑުމެން ހެދީމު. ރައީސް ނަޝީދުގެ ވެރިކަމުގައި ތިން އަހަރު ތެރޭގައި އެ ބޭފުޅުން ރިޔާސީ ކޮމިޝަނެއް އުފެއްދެވި. އެ ރިޔާސީ ކޮމިޝަނު އުފައްދަވައިގެން، ތިޔަބޭފުޅުން ވިދާޅުވެބައްލަވާ އެއިން އެންމެ ފައިސާ ފޮއްޗެއް ހޯދަންވެސް މަސައްކަތް ކުރެވުނުތޯ. ދައުލަތުން ގެއްލުނު އެންމެ ފައިސާ ފޮއްޗެއްވެސް ހޯދަން މަސައްކަތް ކުރެވުނުތޯ. އެ މަސައްކަތެއްނޫން ކުރެއްވީކީއެއް. ކުރެއްވި މަސައްކަތަކީ، އޭގެ ކުރީގައި ސަރުކާރުގައި ތިއްބެވި އެކިއެކި ބޭފުޅުންގެ މިކަހަލަ ކަންތައްތަކެއް ހުރެދާނެކަމަށް އެ ބޭފުޅުންނަށް ބިރު ދައްކަން ކުރި މަސައްކަތްތަކެއް ކުރީ. ބިރު ދެއްކީ. އެ ނޫން އެއްވެސް ކަމެއް ނުކުރޭ. ފައިސާ ހޯދަން ޙަޤީޤަތުގައި މަސައްކަތް ކުރިނަމަ، އެ ހިސާބަށް އައިއިރު އޮތް އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލައިގައި ރިޕޯޓު އޮތީ ނިމިފައި. ފައިސާއަށް އިހުމާލުވީ ކޮން ބައެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ. އެހެންވެއްޖެއްޔާ، އެ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅާނެ. އެކަމެއް ނޫން ކުރީކީ.

 

ކުރަމުން ދިޔަ ކަންތައްތަކަކީ، އެކި މީހުންގެ ނަންނަމުގައި ހުރި ގޯތި ގެދޮރުގައި ނަގައި، ސިޓީ ކައުންސިލުގެ ޖަލްސާތައް މާލޭގެ ބިންމަތީގައި ކޮށް، މިކަހަލަ ކަންތައް ކުރަމުން ދިޔައީ. މީހުންނަށް ބިރު ދެއްކީ، ރިޔާސީ ކޮމިޝަނެއް އުފައްދައިގެން. އެކިއެކި މީހުންނަށް ބިރު ދައްކައިގެން އެ މީހުންގެ ފިކުރަށް ތަބާކުރަން ނޫނީވިއްޔާ، ސިޔާސީ ހަރަކާތްތަކުން އެއްފަރާތްކުރަން ކުރި މަސައްކަތްތަކެއް ކުރަމުން ދިޔަކީ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ، ރައީސް މައުމޫނުވެސް އަލިވާގޭގައި އުޅުއްވަނިކޮށް ފުލުހުންނަށް ހާޒިރުކުރަން، އެއް ދުވަހަކު ވަރަށް މަސައްކަތްކޮށްގެންވެސް ހާޒިރުވެސްކުރި. ބިރު ދައްކަންކުރި މަސައްކަތް. ހަމަ އެ މަސައްކަތުގެ ތެރޭގައި، އެކި ފަހަރުމަތިން، އެކި ތަޙުޤީޤުތަކަށް އަޅުގަނޑުވެސް ގެންދިޔައީ. އެކަމަކު، ސިއްރު ކަންތައްތަކެއް ނޫނީވިއްޔާ، ދައުލަތަށް ޚިޔާނާތްތެރިވެފައިހުރި ކަންކަމެއް އުޅޭކަމަށްވަންޏާ، މީހަކު ބިރު ގަންނަންޖެހޭނީ. އަޅުގަނޑުމެން އެ ދަތުރު ހިނގަންޖެހުނީމާ، އެ ދުވަހު އެގޮތަށް އެ ދަތުރު ކުރީމު. އެހެންވީމާ، އެއީ ބިރު ދައްކަން ކުރި މަސައްކަތެއް. އެ ބޭފުޅުންނަށް ނުކުރެއްވުނު ކަމަކީ، އަޅުގަނޑުމެންގެ ފިކުރު، އެ ބޭފުޅުންގެ ފިކުރަށް ލަންބާލަން ކުރެވުނު މަސައްކަތް އެ ބޭފުޅުންނަށް ނާކާމިޔާބު ވެގެން ދިޔައީ.

 

އެހެންވީމާ، އެއީކީއެއް، އެ ބޭފުޅުން ފައިސާ ހޯއްދަވަން، ދައުލަތުން ގެއްލުނު ފައިސާ ހޯއްދަވަން ކުރެއްވި މަސައްކަތެއް ނޫން. އޭރު އެ މަސައްކަތް ކުރެއްވިއިރު، ހަމަ މިހާރު މި ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅުންނަކީ، އެމް.ޑީ.ޕީ.ގެ އެކި ޙަރަކާތްތަކުގައި، އެކި ގުނަންތަކުގައި، އިސްކޮށް އުޅުއްވި ބޭފުޅުން. ހަމަ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުން. މަޖިލީހުގެ ތެރެއިން ކަމެއް ކުރާކަމަށްވަންޏާ، އޭރުވެސް އެންމެ އިސްކޮށް ނުކުމެވަޑައިގެން ހުންނެވީ އެ ބޭފުޅުންގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު. މިއަދު ރިޔާސީ ކެންޑިޑޭޓަކަށްވަނީ. އެކަމަކު، އޭރުވެސް އެކަންކަން މަޖިލީހުގެ ތެރެއިން ކުރަން ނުކެރުނުއިރު، ކޮމިޓީއެއް އުފައްދަވާ ވާހަކަ ދެއްކެވީމާ، މިއީކީއެއް އެހާ ހަރުދަނާ އޮށްޓަރެއް ހުރި ވާހަކައެއްކަމަކަށް ގަބޫލުކުރާނެ ގޮތެއް މިއަދު އަޅުގަނޑަކަށް ނުވިސްނޭ. ކޮމިޓީ ހަދާނެކަމެއްނެތް. އެ ހުރިހާ މަސައްކަތެއް މިހާރު އެއޮތީ ކޮށް ނިންމާފައި. އަދި އޭގެތެރެއިން ފައިސާ ދައްކަންޖެހޭ މީހުންގެ މައްސަލަތައް ކޯޓަށް ފޮނުވުމުގެކުރިން، ބަންޑާރަނައިބު އެކި ފަރާތްތަކަށް އެބަ ސިޓީ ފޮނުއްވާ. ކޮންމެ ބޭފުޅަކަށް ތިޔަބޭފުޅާ، މިހާ ފައިސާ ދައްކަވަން އެބައޮތޭ. އޮޑިޓު ރިޕޯޓުތަކުން ފާޅުކަން ބޮޑު ގޮތުގައި، ތިޔަބޭފުޅާ ޚިޔާނާތްތެރިވީކަމަށް ލިޔެފައިހުރި ހިސާބު އަކުރުތަކޭ މިހިރީ. އޭގެތެރެއިން އެއްބައި ބޭފުޅުން ފައިސާ އެބަ ދައްކަވާ. ފައިސާ ނުދައްކަވާ ބޭފުޅުންގެ މައްސަލަތައް ޝަރީޢަތުން މިހިނގަނީ.

 

އަޅުގަނޑުމެންގެ ސަރުކާރަކީ، ޤާނޫނީ އުސޫލުން ކަންކަން ކުރާ ބައެއް. އަޅުގަނޑުމެންގެ ސަރުކާރުން މިފައިސާ ހޯދަން ކުރާ މަސައްކަތެއް އަޅުގަނޑުމެންނަށް ކުރެވޭނީ، ޤާނޫނީ ހަމަތަކުގެ މަތިން. މައްސަލަ ސާބިތުކުރަން، ތަޙުޤީޤުކޮށްފައި ކުރާ މަސައްކަތް ނިމުނީމަ، ދެން ދައުލަތުން އެމައްސަލަ ހިފައިގެން ކޯޓަށްދާނީ. ކޯޓުގެ މަރްޙަލާތައް ނިމިގެން، ޙުކުމެއް ތަންފީޛުވާއިރު، އެފައިސާ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނީ. އެހެންވީމާ، ދައުލަތުން ގެއްލިފައި ހުރި ފައިސާގެ އަދަދު ނޭނގިގެން އުޅެނީކީއެއް ނޫން. ދާދިފަހުން ނުކުތް ރިޕޯރޓެއްގައި އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، 22,000 މިލިއަން ރުފިޔާގެ ފައިސާ ދައުލަތަށް ވަންނަންޖެހޭ. އެއީ، ކުޑަ ހިސާބު. 22,000 މިލިއަން ރުފިޔާ. އެއީ، ދައުލަތުގެ ބަޖެޓަށް ނޫނީވިއްޔާ ދައުލަތަށް އެއް އަހަރު ލިބޭ އާމްދަނީއަށް ބަލައިފިކަމަށްވަންޏާ، އެއް އަހަރު ލިބޭ އާމްދަނީއަށް ލޯނު ނުނަގާ، އެއް އަހަރު ލިބޭ އާމްދަނީއަށް ބަލައިފިކަމަށްވަންޏާ، ގާތްގަނޑަކަށް ދެ އަހަރުގެ އާމްދަނީ. މުޅި ބަޖެޓަށް ބަލައިފިކަމަށްވަންޏާ، ދޮޅު އަހަރު ދުވަހުގެ ބަޖެޓުގެ ފައިސާގެ ވާހަކަ މިދައްކަނީ. އެހެންވީމާ އެފައިސާއަކީ، ގެއްލިފައިހުރި ފައިސާކަން، ދައުލަތަށް ވަންނަންޖެހޭ ފައިސާކަން، މިއަދު ހާމަކަން ބޮޑުގޮތުގައި އެނގޭ. ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތަކީ، ފަސޭހަ މަސައްކަތަކަށް ނުވަނީ، އެއީ މިދެންނެވިގޮތަށް ޤާނޫނީ މަރްޙަލާގެ ތެރެއިން ކުރަންޖެހޭ ދަތުރަކަށްވާތީ. އެކަމަކު އޭގައިވެސް މިސަރުކާރު އިހުމާލެއް ނުވަން. އޭގައިވެސް މައްސަލަހުރި ބޭފުޅުންގެ އަތްޕުޅުން، ފައިސާ ހޯދުމަށް ސިޓީ ފުރަތަމަ ފޮނުވަންޖެހެނީ. އެލިޔުންތައް ފޮނުވާފައި، އޭގެފަހުން ކުރަންޖެހޭ ކަމަކީ، އެކަމަށް އިންކާރުކުރާ މީހުންގެ މައްސަލަ ޝަރީޢަތަށް ފޮނުވަނީ. އޭގެ އެކި މައްސަލަތައް މިއަދު އެހުރީ ޝަރީޢަތުގައި. އެހެންވީމާ، ޝަރީޢަތުގެ މަރްޙަލާތައް ނިމުނީމާ، ތަންފީޛުކުރުން. މިކަން ކުރާކަށެއް، އަލުން ކޮމިޓީއެއް އުފައްދާކަށް ނުޖެހޭ.

 

އެހެންވީމާ، އަޅުގަނޑުމެންނަށް މިދެއްކެނީ ކޮންކަހަލަ ވާހަކަތަކެއްތޯ އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންވާނެ. އެހެންވީމާ، މަރުވެފައިތިބި މީހުންގެ މައްސަލަތައް ތަހުޤީޤުކުރަން، ކީއްކުރަންތޯ؟ އެއަށްވުރެން މާރަނގަޅުވާނެ މަރުވެފައި، ވަޅުލާފައި ތިބި މީހުން، އަލުން ވަޅުލިއްޔާ. އެކަހަލަ ވާހަކައެއް ނޫންތޯ މިބުނަނީ؟ އެ ތަހުޤީޤުތައް އެހުރީ ފެށިފައި. އެ ތަހުޤީޤުތައް ނިމުމާ ހަމައަށް، ބައެއް މައްސަލަތައް ކޯޓުންވެސް ނިމިއްޖެ. އަނެއްބައި މައްސަލަތައް ސުޕްރީމްކޯޓުންވެސް ނިމިއްޖެ. އެހެންވީމާ، މިކަހަލަ ވާހަކަ ދެއްކީމާ، އަޅުގަނޑު ދަންނަވާނީ، މީ ރައްޔިތުންނަށް ދައްކައިދޭ ވާހަކަ. މިއީކީ ދިވެހިރާއްޖެއަކަށް އާ މައްސަލަތަކެއް ނޫން. މިއީ އިހަށްދުވަހު އުފަންވީ މައްސަލަތަކެއްވެސް ނޫން. މިއީ އަދި ދުނިޔެއަށްވެސް އާ މައްސަލަތަކެއްވެސް ނޫން.  އެހެންވީމާ، ސަރުކާރުތަކުން މިކަންކަމަށް އެޑްރެސް ކުރާނެ. އެޑްރެސް ކުރުމުގައި ހަމައެކަނި ތަފާތަކީ، ކޮރަޕްޝަން ހިނގައިފިކަމަށްވަންޏާ، އަޅުގަނޑުގެ ސަރުކާރެއްގައި، އެ ހިނގާ ކޮރަޕްޝަނަކާ ދޭތެރޭގައި ފިޔަވަޅުއަޅާނެ. އެކަމަކު އެހެން ސަރުކާރުތަކަކަށް ޕޯޑިއަމްއެއްގައި އައިސް، ދިވެހި ރައްޔިތުންގެ ކުރިމަތީގައި، މިހާތަނަކަށް ނޯންނާނެ ބުނެވޭކަށް އެވާހަކައެއް. އެއީ އެމް.ޑީ.ޕީ. ސަރުކާރަށްވެސް ފުރުޞަތު ލިބުނު. އޭގެ ކުރީގެ ސަރުކާރުތަކަށްވެސް ފުރުޞަތު ލިބުނު. އެ ކޮރަޕްޝަނާ ދޭތެރޭގައި، ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތެއް ނޯންނާނެ.

 

މި ސަރުކާރުގައި ހިނގާފައިހުރި ކޮރަޕްޝަނުގައި، ފައިސާ ހޯދަން ކުރެވިފައިހުރި މަސައްކަތްތައް އަދިވެސް ކުރިއަށް އެދަނީ. އަދި އެ މަސައްކަތްތަކުގައި ޙުކުމް އައިސްގެން ޖަލުޙުކުމް ތަންފީޛުކުރާ މީހުން ނެރޭވާހަކަވެސް އެދައްކަނީ، އަޅުގަނޑާ އިދިކޮޅަށް ވާދަކުރައްވާ ބޭފުޅުން. އަޅުގަނޑެއް ނުދައްކަން އެމީހުން ނެރޭ ވާހަކައެއް. އެމީހުން މިނިވަންކުރާ ވާހަކަވެސް އެދައްކަވަނީ ހަމަ އެބޭފުޅުން. އެކަމަކު މިއީ ރައްޔިތުންގެ ޙައްޤެއް. ދައުލަތުގެ ފައިސާގެ އެތައްބައިވަރު ޢަދެއްގެ އެތައް މިލިއަން ޑޮލަރެއް ގެއްލިގެން ދިޔައިމާ، އަޅުގަނޑުމެން އެމީހުންނަކީ ސިޔާސީ ކުށްވެރިންނޭ ކިޔައިފައި، ނޫނީ ހައްޔަރީންނޭ ކިޔާފައި ލޭބަލެއް އަޅުވާލާފައި، އެހެން ނެރުމަކީ އެއީ، އަޅުގަނޑުމެންނަށް ކުރެވޭ ޒާތުގެ ކަމެއްނޫން. އެއީ ރައްޔިތުންގެ ޙައްޤެއް. ދައުލަތަށް އެފައިސާ ލިބެންޖެހޭނެ.

 

އެހެންވީމާ، އެމީހުން ނުކުމެ މިނިވަންކުރުމަކީ، އެއީކީ އެއްގޮތަކަށްވެސް ނޯބަލް ޕްރައިޒް ލިބެންޖެހޭވަރުގެ ކަމެއްނޫން. އެއީ، ރައްޔިތުން އެބޭފުޅުންނާ ދޭތެރޭގައި، މާބޮޑުކަމެއް ކުރެވުނު ކަމަކަށް ދެކޭނެ ކަމެއްވެސް ނޫން. ދެން ތިޔަތިބި ކުށްވެރިން،  ނެރޭވާހަކަ ދައްކާއިރު ހުރިހާ ވާހަކައެއް ގޮސް ނިމެނީ، އެންމެ ކުށްވެރިއަކަށް. އެއީ، ދިވެހިރާއްޖޭގައި ހިނގައިދިޔަ ކަންތައްތަކަށް ނުތަކައިގެން ސިޔާސީ މީހުންނާއި، ފަނޑިޔާރުންނާ އެކިމީހުން ހިފާ ހައްޔަރުކޮށް، ބިރުދައްކާ ހެއްދެވި ރައީސެއްގެ ވާހަކަ މި ދެކެވެނީ. މި ހުރިހާ ކުށްވެރިން  ދޫކުރާ ވާހަކަ މި ދެއްކެނީ. އެ ކުށްވެރިންތައް ދޫކުރުމުގެ ތެރެއިން ނޫނީވިއްޔަކާއެއް ރައީސް ނަޝީދު ވީއްލޭނެގޮތެއް ނެތް. ރައީސް ނަޝީދު ވީއްލުމާ ދޭތެރޭގައިވެސް ކަން އޮތްގޮތް، ޤާނޫނީގޮތުން އެކަން އޮތްގޮތް ދެންމެ ޠާރިޤު އެ ވިދާޅުވީ. އެއީ ރައީސުލްޖުމްހޫރިއްޔާއަށް އިޚުތިޔާރު އޮތް ކަމެއްނޫން. އަޅުގަނޑުމެން ޤާނޫނުތަކުން އަޅުގަނޑުމެންނަށް ކުރީގައި ލިބޭ އިޚުތިޔާރުތައް މިހިރީ ބަންދުކޮށްފައި. ބަނދެވިފައި މިތިބެނީ. ރައީސުލްޖުމްހޫރިއްޔާއަށް މިކަހަލަ ޓެރެރިޒަމްގެ ކުށެއް އޮންނަ މީހަކާ ދޭތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ޢަމަލުކުރަން އޮންނަ އުސޫލުތަކަށް ބަލައިފިކަމަށްވަންޏާ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް މާފެއް ދެވޭނީ، އިޙުސާންތެރިކަމުންވެސް މާފެއް ދެވެން އޮންނަނީ، އެންމެ ހާލަތެއް. އެ ހާލަތަކީ، އެމީހާ ދެން ދުނިޔޭގައި ބާކީއޮތް ދުވަހު ނޫޅެވޭވަރުގެ ބޮޑު ބައްޔެއްގެ ތެރޭގައި، ބަލިގަނޑެއްގެ ތެރޭގައި، އޭނާ އުޅޭކަމަށްވަންޏާ، ދިރިއުޅެން ނުކުޅަދާނަވަރުގެ ޓަރމިނަލް އިލްނަސްއެއްގައި އޭނާ އުޅޭކަމަށްވަންޏާ، އިޙުސާންތެރިކަމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އެބައޮވޭ މާފުދެވެން. އެހެންވީމާ، މި ގޮޅިޔަށް ފެތިދާނެތޯ؟ މި ގޮޅިޔަށް ފެތިދާނެތޯ އަޅުގަނޑުމެން ޖެހޭނީ ލައްކަ ދިރާސާ ކުރަން. އެއީ ހަމަ އެއްގޮތަކަށްވެސް، މާލޭގައި ނުއުޅުއްވިގެން، މައިބަދައިގައި ރިއްސާވަރުން ނުއުޅުއްވިގެން، ބޭރަށް އޮޕަރޭޝަނަށް ވަޑައިގެންފައި، އަޅުގަނޑުމެންނަށް ފެނުނީ ގޮނޑި ދުއްވާތަން. އެހެންވީމާ، މިހާރު ސޯޝަލް މީޑިއާގައި، ކުދިން އެބަ ގެންގުޅޭ ބުރިޖުގައި މި ގޮނޑި ދުއްވާލުމަކީ ވަރަށް މަޖާ ކަމެއްކަމަށް ގެންގުޅޭ ވީޑިޔޯއެއް.

 

އެހެންވީމާ، އަދި ރައީސް ނަޝީދު އެ ހާލަތަކަށް ވަޑައެއްނުގަންނަވާ. އެކަހަލަ އާލާސްކަންފުޅެއްގައެއް ނޫން ރައީސް ނަޝީދު އުޅުއްވަނީކީ. އަޅުގަނޑު ސަމާސާއަށް މިވާހަކަ ދެއްކި ނަމަވެސް، ސަމާސާއަށް މިގޮތަށް ދެންނެވިކަމުގައި ވީނަމަވެސް މިއީ މީގެ ޙަޤީޤަތް އޮތްގޮތް. އެމީހަކު ބަލިވެ އެއުޅެނީ، މިދެންނެވި ކަހަލަ ޓަރމިނަލް ބައްޔެއްގެ ކަމަށްވަންޏާ، ފަސޭހަނުވާ އަދި އޭގެ ޒާތަށްގޮސް އެމީހާ ނިމިދިޔުމުގެ މަގުމަތީގައި އުޅޭކަހަލަ ބައްޔެއްގައި އުޅޭކަމަށްވަންޏާ، އިޙުސާންތެރި ކަމުގެގޮތުން، ރައީސުލްޖުމްހޫރިއްޔާއަށް އެ އިޚުތިޔާރު އޮންނަނީ. އެކަމަކު އެ އިޚުތިޔާރަކީ، އެނޫންގޮތެއްގައި، ރައީސުލްޖުމްހޫރިއްޔާއަކަށް ބޭނުންހިފޭނެ އިޚުތިޔާރެއް ނޫން. ދެން އެކަން ކުރަންޏާ ކުރަންޖެހޭނީ، ޠާރިޤު އެ ވިދާޅުވިކަހަލަ ގޮތްގޮތަށް އެކަންކަން ކޮށްގެން. އެހެންވީމާ، މިއީކީ ނޫން އަޅުގަނޑުމެން ދިވެހި ރައްޔިތުން އެދޭ ކަންކަމަކީ. އަޅުގަނޑުމެން ދިވެހި ރައްޔިތުން އެދޭ ކަންކަމަކީ، އަޅުގަނޑުމެން ރަށްރަށުގައި، ބޭނުންވެފައިހުރި މަޝްރޫޢުތައް ކުރިއަށް ގެންދިޔުން. އަދި އަޅުގަނޑުމެންނަށް ބޭނުންވާ ތަނަވަސްކަން ހޯދުން. އަޅުގަނޑުމެން މި އަތޮޅުތަކަށް އައިމާ، އަޅުގަނޑުވެސް ދުށިން، އުއްމީދު އޮތް.

 

އަޅުގަނޑުވެސް މިއަތޮޅަށް އައިސްފައި، އަޅުގަނޑު ބުނީން، ހިރިލަންދޫ ފަޅަކީ ހާދަބޮޑު ފަޅެކޭ. ހާދަބޮޑު ބިން ހިއްކޭނެ ފަޅެކޭ. ދާދިފަހުންވެސް އަޅުގަނޑު އެހިސާބު ކުރީން. މާލޭ ކައިރީގައި ގެދޮރުވެރި ކުރުވުމުގެ މަޝްރޫޢުގެ ތެރެއިން، އަޅުގަނޑު އެ ހިސާބު ކުރީން. އެހެންވެގެން، މިއަދު އަޅުގަނޑާ މިސުވާލު ކުރެއްވި ބޭފުޅަކަށް ޙާޟިރު ޖަވާބު އެހާފަސޭހައިންވެސް ދެވުނީ. ގާތްގަނޑަކަށް 400 ނޫނީ 600 ހެކްޓަރު، ފަސޭހަކަމާއެކީ ހިއްކާލެވެން އޮތް ބޮޑު ފަޅެއް އެއީ. އެކަމަކު އެފަޅު ހިއްކައި ތޮށިލުމަކީ އެހާ ޚަރަދު ބޮޑުކަމެއް އިނގޭތޯ! މިރަށުގައި ތޮށި ލެވުނީމާ އަޅުގަނޑުމެން މިއޮތް ކުޑަކުޑަ ތަންކޮޅުގައި މިކަހަލަ ތޮށްޓެއްލާފައި  ޖިއޯ ބަޔަކުން ތޮށިލާފައި، އަޅުގަނޑުމެން މިބުނަނީ، ގާތްގަނޑަކަށް މިއަށް 16 ވަރަކަށް މިލިއަން، 17 ވަރަކަށް މިލިއަން ހޭދަވެއްޖޭ. އެހެންވީމާ، ހިތްޕުޅަށް ގެންނަވާ، އެވަރުގެ ބޮޑު ފަޅެއް ހިއްކާފައި، ހިއްކުމުގެ ޚަރަދުގެ އިތުރަށް، އެވަރުގެ ބޮޑު ފަޅެއް ހިއްކާފައި، މިއަށްވުރެ މާވަރުގަދަ ތޮށްޓެއް ލާންޖެހޭނެ. އެއީ ކަނޑުން ނަގާ މައި ރާޅު އައިސް އެތަންތަނަށް ބީއްސާލަނީ. އެހެންވީމާ، އެއީ ޚަރަދު ބޮޑުކަމުން ކުރެވޭވަރުގެ ކަމަކަށް ނުވޭ. ކުރެވޭވަރުގެ ކަމަކަށްނުވާތީ، އަޅުގަނޑުމެން މިދަނީ ޕްރެކްޓިކަލް، ޢަމަލީގޮތުން، ކުރެވޭވަރުގެ ކަންތައްތައް ފަސް އަހަރެއްގެތެރޭ ކުރެވޭވަރުގެ ކަންތައްތަކުގެ ވާހަކަ ދައްކަމުން މިދަނީ. އެހެންވީމާ، މުސްތަޤުބަލެއް އޮތް، އެހެންނަމަވެސް މިދެންނެވީ އެހާ ހޭދަކުރަންޖެހޭ އެހާ ޚަރަދު ބޮޑުކަމަކަށްވާތީ، އެއީ ކުރެވޭނެކަމެއް ނޫން. މިއިން ދުވަހަކު މިއީ ކުރެވޭނެކަމެއް ނޫން. އެހެންނަމަވެސް އެއީ، ނުވިސްނާ ދޫކޮށްލަންޖެހޭ ކަންކަމެއްވެސް ނޫން.

 

މިރަށުންވެސް ދެން އެދިޑައިގަންނަވާ ކަންކަންވެސް މިހުރީ. ފެނާއި ނަރުދަމާގެ ނިޒާމު ހަމަޖެހެމުންދާން ބޭނުންފުޅުވާއިރު، އަޅުގަނޑުމެން ކުރިއަށް ރާވާފައިހުރި މަޝްރޫޢުތަކުގެ ތެރޭގައި، ސާފު ބޯފެނުގެ ރައްކާތެރިކަން މިރަށަށް އަޅުގަނޑުމެން ގެރެންޓީ ކޮށްދޭން އެބަޖެހޭ. ހަމައެހެންމެ، ދެން ހުރީ ތަންކޮޅެއް އާދައިގެ ކަންކަން. ޔޫތު ސެންޓަރަށް ބޭނުންވާ ކުޅިވަރު ސާމާނާ، މިހުންނަނީ އިރާދަކުރެއްވިއްޔާ، ވަރަށް ފަސޭހަ ކަންކަން. މިއީ، ކުރެވޭނެ ކަންކަން. ވަރަށް ފަސޭހަ ކަންކަން މިހުންނަނީ.

 

އެކަމަކު ރަށްރަށަށް ބޭނުންވާ ބޮޑެތި ކަންކަމަށް ބަލާކަމަށްވަންޏާ، ޤައުމެއް ކުރިއަށް ދިޔުމަށް މައިގަނޑު ދެ ކަމެއް ބޭނުންވޭ. އެއްކަމަކީ، ހިއުމަން ކެޕިޓަލް ފޯމޭޝަން. އިންސާނީ ވަސީލަތް ތަރައްޤީކުރުން. އިންސާނީ ވަސީލަތް ތަރައްޤީ ކުރަންޖެހޭ ސަބަބަކީ، ރަށްރަށުގެ ކަންކަން އެރަށްރަށުން އަމިއްލައަށް ނިންމުމަށްޓަކައި، ބޭނުންވާ މީހުން އުފެއްދުން. އެންމެ ފަސޭހަ މިސާލު. އެންމެ ފަސޭހަ މިސާލަކީ، އިސްލާމީ ދައުލަތެއްގައި، ދީނީ ޢިލްމުވެރިން އުފައްދަން އެބަޖެހޭ. އިންސާނީ ވަސީލަތް ތަރައްޤީ ކުރުން. ޤުރުއާން ޓީޗަރުން އުފައްދަން އެބަޖެހޭ. އިންސާނީ ވަސީލަތް ތަރައްޤީ ކުރުން. މަދަރުސާ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން އުފައްދަން އެބަޖެހޭ. އިންސާނީ ވަސީލަތް ތަރައްޤީ ކުރުން. މިހެންގޮސް އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަންކަމަކަށް، އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓު ފަހަރަށް ބޭނުންވާ ކެޕްޓަނުންނަށް ދަންދެން، އަޅުގަނޑުމެން އުފައްދަން އެބަޖެހޭ. އިންސާނީ ވަސީލަތް ތަރައްޤީ ކުރަން. އެއީ، ދައުލަތެއް ކުރިއަށް ދިޔުމުގެ އެއް ކަންތައް.

 

ދެވަނަ ކަމަކަށް މި އޮންނަނީ، ދެވަނަ މައި ކަމަކަށް މިއޮންނަނީ، ކެޕިޓަލް ފޯމޭޝަން. އެއީ، އެ ރައުސްމާލެއް އުފައްދައިގެން، އެ ރައުސްމާލުން އިތުރު އިޤްތިޞާދީ ފައިސާ ދައުލަތަށް ލިބި، ދައުލަތް ކުރިއަށް ދިޔުމަށް ބޭނުންވާ، އިޤްތިޞާދީ ބިންގާ. އެކަންކަމުގެ ތެރޭގައި، ރައްޔިތުންނަށް ދަތިވެފައިހުރި ކަންކަން ކުރުމުގެ އިތުރަށް، އެއަރޕޯޓު ހެދުމާއި، އެއަރޕޯޓުތަކަށް ޖައްސާނެ މަތިންދާބޯޓު ގެނެވޭނެ ގޮތް ހެދުމާއި، ޓޫރިޒަމް ދާއިރާ ފުޅާކުރަމުން ދިޔުމާ، މި ހުންނަނީ ކެޕިޓަލް ފޯމޭޝަންގެ ކަންކަން. މި ދެކަންތައް ނުވެއެއް، އަޅުގަނޑުމެންނަކަށް މިކަމެއް ނުވާނެ. އަޅުގަނޑުމެން ރާއްޖޭގައި ކެޕިޓަލް ފޯމޭޝަންގެ ވާހަކަ ދައްކާއިރު، މިވާހަކަ ދައްކަވާ ވާހަކައެއް އަޅުގަނޑަކަށް އަޑެއް ނީވޭ، އަޅުގަނޑުގެ އިދިކޮޅު ކެންޑިޑޭޓުންގެ ވާހަކައެއް. އަޅުގަނޑުމެން ރާއްޖޭގައި، އިންސާނީ ވަސީލަތް ތަރައްޤީކުރާ ވާހަކަ ދައްކާއިރު، މި ވާހަކަ ދައްކާ ތަނެއް އަޅުގަނޑަކަށް ނީވޭ. މީގެކުރީގައި އަޅުގަނޑުމެންނަށް ފެނިފައިހުރި ކަންތައްތަކުގެ ތެރޭން އަޅުގަނޑު ދަންނަވާލާނަން ބައެއް ކަންތައް.

 

ކެޕިޓަލް ފޯމޭޝަންގެ ގޮތުން އަޅުގަނޑުމެން ހަދައި، ހިންގާފައި އޭރުހުރި މަޝްރޫޢުތަކުގެ ތެރެއިން ލިބުނު ބޮޑެތި ހުރިހާ އެސެޓެއް ހުރީ ރާއްޖޭން ބޭރަށް ވިއްކާލާފައި. ނުއަގުގައި ވިއްކަލާފައި ހުރީ. އެއަރޕޯޓަކަށް ވިޔަސް. ފެން ކުންފުންޏަކަށް ވިޔަސް، އަދި މުވާސަލާތީ ޚިދުމަތްދޭ ކުންފުނި ދިރާގު ކަމުގައި ވީނަމަވެސް، މިހުރިހާ ތަނެއް ހުރީ ވިއްކަލާފައި. އެހެންވީމާ އިޤިތިޞާދީގޮތުން ކަންތައް ކުރަންޖެހޭ ގޮތުގެ އޭގެ ދިމާ އިދިކޮޅަށް އެނބުރުނު ސޯބުތަކެއް އޭރު އެނބުރިގެން ދިޔައީ ހަމަގައިމުވެސް. އެހެންވީމާ އެއީކީއެއް އިޤްތިޞާދެއް، އެޤައުމުގެ ފުދުންތެރިކަމެއް އިތުރުކުރެވޭނެ ގޮތެއް ނޫން. ފުދުންތެރިކަން އިތުރުކުރާކަމަށްވަންޏާ، މިދެންނެވި ދެ ދާއިރާ، އިންސާނީ ވަސީލަތް ތަރައްޤީކުރުމާއެކީ، ކެޕިޓަލް ފޯމޭޝަނަށް އަޅުގަނޑުމެން ވިސްނާންޖެހޭ. އެއީ، މިރަށްރަށުގައި އަޅުގަނޑުމެން ކުރަން މިބުނާ ކަންކަމަކީ. އެ ސަބަބަށްޓަކައި ރާއްޖޭގެ އެކި ހިސާބުގައި އެއަރޕޯޓު މިއަޅަނީ. އެ ސަބަބަށްޓަކައި އަޅުގަނޑުމެންނަށް ކަށަވަރުކުރެވެނީ އެކި އެއަރޕޯޓުތަކަށް ދަތުރުކުރާ ކަމަށްވަންޏާ، އެސަރަޙައްދުގެ ތަނަވަސްކަން އިތުރުވެގެން ދާނެކަމަށް، ގއި.، ގދ.ގައި އަޅުގަނޑު ކުރި ޒިޔާރަތްތަކުގައި، މިދައްކާ ވާހަކައަކީ އެއީ.

 

އެހެންވީމާ، މިކަހަލަ މަޝްރޫޢުތަކެއް އަޅުގަނޑުމެން ހިންގަންޖެހެނީ އެއީ، މިކަހަލަ ކުދިކުދި ރަށްރަށަށް ބޭނުންވާ ކަންތައްތައްވެސް، މިރަށުން ލިބޭ އާމްދަނީއަކުން، މިރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދާނުދެވޭނެތީ. މިރަށުން ލިބޭ އާމްދަނީއަކުން މިރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދައެއް ނުދެވޭނެ. ދައުލަތަކީ އެއް ދައުލަތެއް. އެހެންވީމާ، އެހެން ދިމަދިމާއިންވެސް ލިބޭ އާމްދަނީ، އެބަޖެހޭ އާމްދަނީ އެއަށްވުރެ ތަނަވަސްކަންކުޑަ ދިމަދިމާއަށް ބަދަލުކުރެވޭނެ ގޮތެއް ބަލަން. ޓެކްސް ނިޒާމުގެ އަސްލަކީވެސް މިއީ. ހުރިހާ އެންމެންނެއް ޓެކްސްއެއް ނުދައްކާނެ. އެހެންނަމަވެސް، ތަނަވަސް މީހުން އަތުން ޓެކްސް ނަގަނީ، އެއަށްވުރެން ތަނަވަސްކަން ކުޑަ މީހުންނަށް ބޭނުންވާ ބޭސްފަރުވާއަށް ފައިސާހޯދަން.  އެއަށްވުރެން ތަނަވަސްކަން ކުޑަ މީހުންގެ ދަރީން، ސްކޫލްތަކަށް ފޮނުވާއިރު ސްކޫލްތަކުގެ ޓީޗަރުންނަށް މުސާރަ ދޭން.

 

އެހެންވީމާ، ޤައުމެއް ތަރައްޤީކުރާއިރުވެސް، ރަށްރަށަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ ހުރިހާ ރަށެއް މިއީކީ އެއްފެންވަރެއްގެ ވަސީލަތްތަކެއް ހުރި ތަންތަނެއް ނޫން. މިރަށުގައި މިއުޅެނީ 700 މީހުން. މިރަށުގައި މައިގަނޑު މަސައްކަތެއްގެ ގޮތުގައި މިކުރަނީ، ދަނޑުވެރިކަމުގެ މަސައްކަތް. އެހެންވީމާ، މިރަށަށްވެސް ކުރިއެރުން ބޭނުންވާނެ. މިރަށުގެ ރައްޔިތުން ބޭނުންވާނެ ފެނާއި ނަރުދަމާގެ ހަމަ މިޒަމާނުގެ ނިޒާމެއް ޤާއިމުވެގެންދާން. އަދި ނިމިގެންދާއިރު، މިރަށުގެ ރައްޔިތުން ބޭނުންވާނެ މަގުތަކުގައި ތާރުވެސް އެޅެން. އެކަންކަން ކިހިނެއްތޯ މިރަށުން ލިބޭ ވަސީލަތްތަކުން ކުރާނީ. އެހެންވެގެން، ޖަޒީރާއޭ މިވިދާޅުވެގެން ދައްކަވާ ވާހަކައަކީ، އޭގެޒާތުގައި، ހަމަޖެހޭ ވާހަކައެއް ނޫނޭ އަޅުގަނޑު މިދަންނަވަނީ. އެއްވެސް ރަށަކުން ލިބޭ އާމްދަނީއަކުން، ނޫނީ އެއްވެސް ރަށެއްގެ ވަސީލަތްތައް ބޭނުންކޮށްގެން އެރަށް ތަރައްޤީ ކުރެވޭނެގޮތަކީ ނެތްގޮތެއް.

 

އެހެންވީމާ، އަޅުގަނޑު ހަމަ މިރަށަށް އައިސް މިވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، މިއީ އަޅުގަނޑުމެން ފާޑުކިޔަނީކީއެއް ނޫން. އެކަމަކު މިއީ ރައްޔިތުންނަށް ކަންކަން ވިސްނައިދޭން އަޅުގަނޑުމެން ދައްކަންޖެހޭ ވާހަކަ. އެއީ، އެބޭފުޅުން އަޅުގަނޑުމެން ދައްކާ ކޮންމެ ވާހަކައެއް އޮޅުވާލައިގެން ރައްޔިތުންނާ ހަމައަށް ގެންނަވާއިރު، މިކަމުގެ ޙަޤީޤަތް އޮތްގޮތް އަޅުގަނޑުމެން އެވާހަކަތައް އުފައްދާމީހުން ނޫނީ، އެވާހަކަތަކުގެ މުޞައްނިފުން، އެބަޖެހޭ ރައްޔިތުންނާ ހަމައަށް ދަންނަވައިދޭން. އަޅުގަނޑުގެ މެނިފެސްޓޯގައި ހުރި ގިނަ ކަންތައްތަކަކީ، އަޅުގަނޑު ޝައުޤުވެރިކަން ހުރި، އަދި ރައްޔިތުންނަށް އެންމެބޮޑަށް ކުރިއަށްދާން ބޭނުންވާ ދާއިރާތަކަށް އަޅުގަނޑުމެންގެ ޓީމަށް ފާހަގަކުރެވިގެން ލިޔެފައިހުރި ކަންކަން. އެހެންވީމާ، އެކަންކަމުގައި އަޅުގަނޑުމެން ލިޔެފައި ހުރި ވާހަކަތައް އޮލުވާލައިގެން ރައްޔިތުންނާ ހަމައަށް ގެންނަ ކަމަށްވަންޏާ، އެކަންކަން ލިޔެ ތަރުތީބުކުރި މީހުން އެބަޖެހޭ ރައްޔިތުންނަށް މިކަންކަމުގެ ޙަޤީޤަތް އޮތްގޮތް ކިޔައިދޭން. އެހެންވީމާ، އެ އުސޫލުން އަޅުގަނޑު މިދަންނަވަނީ މިކަންކަން އޮތީ މިހެންނޭ. އެހެންވީމާ، އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ބޭނުމަކީ މިދެންނެވި ކަންކަމަށް ޒުވާބުދީ، މިކަންކަން ކުރުމެއްނޫން. ހަމަ ރައްޔިތުންނަށް ވިސްނައިދޭން މިއީ ކިހާވަރެއްގެ މަސައްކަތެއްތޯ، އަޅުގަނޑުމެން ސެޕްޓެންބަރު 23އާ ހަމައަށް، ވޯޓު ފޮށްޓާ ހަމައަށް ދާއިރު އަޅުގަނޑުމެން މިކުރަނީ. އެއީ، ޤައުމު ސަލާމަތް ކުރަން ކުރާ މަސައްކަތާއި، ރަށްރަށް ތަރައްޤީކުރަން ކުރާ މަސައްކަތާއި، ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރިއަށްދާން އަދި ހަކަތަހުރި ޤައުމެއްގެ ގޮތުގައި ކުރިއަށްދާން ކުރާ މަސައްކަތް.

 

އަޅުގަނޑު ހަމަ ކުޑަކުޑަ މިސާލެއް ދަންނަވަންތޯ؟ އަޅުގަނޑުމެން އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލައިގެން އުޅުނުއިރު، އަޅުގަނޑުމެން އެގޮނޑި ކާމިޔާބުކުރުމަށްޓަކައި، އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން ހާދަ މަސައްކަތެއް ކުރީމޭ. އެކަމަކު އަޅުގަނޑުމެންނަށް އެގޮނޑި ކާމިޔާބު ނުވީމާ، އެންމެބޮޑަށް އަޅުގަނޑުމެންނަށް ފުރައްސާރަކޮށް އެންމެބޮޑަށް އެކަމަށް މަލާމާތްކުރީ ކޮންބައެއްތޯ؟ އިދިކޮޅުގައި ތިއްބެވި ބޭފުޅުން. އެ ގޮނޑި ލިބުނީމަ، ދައުލަތް ތަމްސީލުކުރަން، އެ ގޮނޑީގައިގޮސް އިންނާނީ ރައީސް ޔާމީނެއް ނޫނޭ. އެ ގޮނޑި ތަމްސީލުކުރައްވަން އިންނަވަން ޖެހިދާނެ، އެމް.ޑީ.ޕީ. ސަރުކާރަކުން ފޮނުއްވާ މަންދޫބެއްވެސް. އެއީ، ދިވެހިރާއްޖޭގެ ޝުހުރަތު އިތުރުވެގެންދާ ކަމެއް. ދިވެހިރާއްޖެއަށް ފައިދާ އިތުރުވެގެން ދާ ކަމެއް. ދިވެހިރާއްޖޭގެ ހައިބަތާ ކަރާމާތާއި، ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައި، މުޖުތަމަޢުގެ ކުރިމަތީގައި އުފުލިގެންދާ ކަމެއް.

 

މިއަދު ހެނދުނު މިނިސްޓަރ ޠާރިޤުގެ ވާހަކަ އަޑުއެހިއިރު އަޅުގަނޑުމެންނަށް އެނގުނީ، ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން، ޖަޒީރާ ޤައުމުތަކަށް ދިމާވާ ކަންތައްތަކުގެ ޗެމްޕިއަންކުރާ ޤައުމަކަށް ދިވެހިރާއްޖެ މިވަނީ ކީއްވެގެންތޯ. ކަނޑުގެ ލޮނުގަނޑު އުފުލިގެން ގެއްލުންވަނީ ހަމައެކަނި ދިވެހިރާއްޖެއަކަށް ނޫނޭ. ޝައްކެއްވެސްނެތްގޮތުގައި ދިވެހިރާއްޖެއަށްވާ ގެއްލުން ވަރަށް ބޮޑު. އެހެން ބައެއް ޤައުމުތަކަށްވުރެ މާބޮޑު.

 

އެހެންނަމަވެސް އެ ކޯޒް، ޗެމްޕިއަން ކޯ، ކުދި ޤައުމުތަކަށް ދިމާވާ މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނެސް، އަދި އެވަރުން ނުވެގެން، އެކަންކަން ކުރުމަށް އެންމެ ޤާބިލުބަޔަކީ، އެމީހުން ދުށްގޮތުގައި ވެއްޖިއްޔާ، ދިވެހިރާއްޖޭގެ ޒަޢާމަތުގެ ދަށުގައި އެއޯސިސް އޮވެގެން ހިނގުން. އެހެންވެގެން ދިވެހިރާއްޖެއަށް އެ ޒަޢާމަތަށް ކުރިމަތިލައިގެން އަޅުގަނޑުމެން އެ މަސައްކަތް ކުރަނީ. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. ދުނިޔޭގެ ތިމާވެށީގެ މިކަހަލަ މައްސަލަތަކުގައި، އަޅުގަނޑުމެން ދައްކާ ވާހަކަ ދުނިޔޭގެ ލީޑަރުންގެ ސަމާލުކަމަށް އެބައާދޭ. އެބޭފުޅުންގެ ކަންފަތްޕުޅުގައި ހަރުލާ ވާހަކަތަކަކަށް އެބަވޭ. އަދި އޭގެ ނަތީޖާއަކަށް ވެގެންމިދަނީ، އަޅުގަނޑުމެން ބޭނުންވާ ކަންކަމަށް، ތިމާވެށީގެ ދާއިރާއަށް އެހީހޯދުމުގައި، އަޅުގަނޑުމެންނަށް އެހީ ލިބުން ފަސޭހަވެގެން ދިޔުން.

 

އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށްގެންނަވާ! އދ. އަކީ، ދުނިޔޭގައި އޮތް އެންމެ ވަރުގަދަ މުއައްސަސާ. އެ މުއައްސަސާގެ ސަލާމަތީ ބާރަކީ ޝައްކެއްވެސްނެތްގޮތުގައި، ޕަރމަނަންޓް ފަސް މެންބަރުން ނަގާފައިއޮތް، އެންމެ ވަރުގަދަ ކައުންސިލް. އެ ކައުންސިލްގެ ގޮނޑިއެއް ހޯދަން އަޅުގަނޑުމެން ކުރާ މަސައްކަތުގައި ކާމިޔާބުވިނަމަ، ﷲގެ ރަޙްމަތުން އެކަން ކާމިޔާބުވިނަމަ، އެއީ ދިވެހިރާއްޖެ ހައިބަތު އިތުރަށް ފުޅާވެގެންދާނެ ކަމެއް. ހަމަގައިމުވެސް އެއީކީ އަޅުގަނޑުމެންނަށް ގެއްލުންވާނެ ކަމެއްނޫން. ބޮޑެތި ފައިދާތައްވާނެކަމެއް. އެކަމަކު އަޅުގަނޑުމެންގެ ޤައުމަށް، އެބައެއްގެ ޤައުމަށް މިވަރުކަމެއް ނުވީމާ، އެންމެބޮޑަށް ފުރައްސާރަކޮށް، އެންމެބޮޑަށް މަލާމާތްކޮށް ހެދީ ކޮންބައެއްތޯ؟ އެހާވަރުން އެބަ އެނގޭނޫންތޯ، ޤައުމީ ރޫޙު އެބޭފުޅުންގެ ތެރޭގައި ހުރީ ކިހާމިންވަރަކަށްކަން. އެހެންވީމާ، މިއީ ޤައުމީ މަޞްލަޙަތާއި، ޤައުމީ ރޫޙާއި، އިސްލާމީ އުސޫލުތަކާއި، ދައުލަތެއްގެ ގޮތުގައި ހަކަތައާއެކީ ހިނގަން ތިބުމުގެ، އެކަންކަން އިޚުތިޔާރުކުރުމަށް އޮންނަ ވޯޓެއް ސެޕްޓެންބަރުން 23ގައި މި ނަގަނީ. ސެޕްޓެންބަރުން 23ގައި މި ނަގަނީ، ޕީ.ޕީ.އެމް. އާއި އެމް.ޑީ.ޕީ.އާ ދޭތެރޭގައި އޮތް ވޯޓެއްނޫން. މި ނަގަނީ މިދެންނެވިގޮތަށް، ޤައުމީވަންތަ، ޤައުމީ ސިފަތައް ހިމެނޭ ވޯޓެއް. މީގެތެރޭގައި، އެކި ލީޑަރުން، އެކި ކަންކަމުގައި އެކި ޕާޓީތަކުގައި، ލީޑަރުން ތިއްބަވާފާނެ އެކި ގުޅުންތައް އައިސްފައި. އަދި އެބޭފުޅުން ކިތަންމެ ވާހަކައެއް ދެއްކެވި ނަމަވެސް، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ޙަޤީޤަތުގައިވެސް ތަޣައްޔަރުނުވެ އޮތް ދެ ފިކުރަކީ، އެއް ފިކުރަކީ ޕީ.ޕީ.އެމް.ގެ ފިކުރު. އެއީ ބިނާކޮށް، ރައްޔިތުންގެ މަޞްލަހަތަށް، ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންނަށް ކަންކަންކޮށްދޭން ނިންމާފައިއޮތް ފިކުރު. އަދި އެފިކުރަކީ، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދޭނެކަމަށް ބުނާ ފިކުރު. އަދި އެފިކުރަކީ، ދިވެހިވަންތަ ސިފަތަކަކާއެކީ ދިވެހިރާއްޖެ ކުރިއަށްދާން މަސައްކަތްކުރާ ފިކުރު. އަދި އެފިކުރަކީ ތަރައްޤީ ގެނައުމުގެ އެއްވެސްވަރަކަށް ހަލަބޮލިކަމާއި، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދަން ނުޖެހޭނެކަމަށް ގަބޫލުކުރާ ފިކުރު.

 

އަނެއްކޮޅުގައި ތަޣައްޔަރުނުވެއޮތް ފިކުރަކީ، އެމް.ޑީ.ޕީ.ގެ ފިކުރު. އެ ފިކުރުގެ ތެރެއިން، އެހެން މީހުންތަކެއް މަސްހުނިވެގެން އަންނައިރު، އެފިކުރަކަށް އަދިވެސް ބަދަލެއް ނާންނާނެ. އެހެންވީމާ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ސާބިތުކޮށްދެވޭތޯ މިބަލަނީ، އެފިކުރުގެ ތެރެއަށް ބޭރުން ކިތަންމެ ބޭފުޅުންނެއް ވަތްނަމަވެސް، އެހެން ބޭފުޅުން އެވައްދާ ފިކުރަކަށް ޖާގައެއް ނުލިބޭނެ. އެއީ، މައި ފިކުރަކީ އެމް.ޑީ.ޕީ.ގެ ފިކުރު. އެ ފިކުރަކަށް އެހެން ޖާގައެއް ނުލިބޭނެ. އަދި ޖޭ.ޕީ.އިން ވަޑައިގަތަސް، އަދާލަތުން ވަޑައިގަތަސް.

 

އަޅުގަނޑުމެންނަށް އެކަން ފެނިގެން ހިނގައްޖެ ދޮގެއްތޯ 2009 ވަނަ އަހަރުގެ އިންތިޚާބާއި، 2008 ވަނަ އަހަރުގެ އިންތިޚާބާއެކީ. މީގެތެރެއިން އެންމެ ވަރުގަދަ ލީޑަރުންނަށް އެކި ވުޒާރާ ހަވާލުވީމަ، ތިން ހަފްތާވަންދެން ކެތްނުކޮށްލެއްވުނު. އަނެއްބައި ބޭފުޅުން ދެން ނުކުމެވަޑައިގަތީ، އަނިޔާވެރިކަމާއި ދީނާ ދެކޮޅަށް މިދެކެވޭ ވާހަކަތަކުގެ ޙައްޤު ހޯދަން ޑިސެންބަރު 23 ގެ މުޒާހަރާއަށް. މުޅި ރާއްޖޭގެ ހުރިހާ އެންމެން އެއްކުރީ އެ މުޒާހަރާއަށް. މިއީ އަޅުގަނޑުމެންގެ ހާލު ހުރިގޮތް. ދެން ފިޠުރަތުން ކޮންކަމެއް ތަފާތުވެގެންތޯ މިހުރިހާބޭފުޅުން އަނެއްކާ އެއްގަލަށް އަރާނީ. ކޮންކަމެއް ތަފާތުވެގެންތޯ މިއުޅެނީ؟ ފިކުރަކަށް ބަދަލެއް ނާދޭ. އެބޭފުޅުން ކުރައްވާ ކަންތަކަށް ބަދަލެއް ނާދޭ. ވިދާޅުވާ ވާހަކަތަކަކަށް އެއްވެސް ބަދަލެއް ނާދޭ. އެހެންވީމާ، އަޅުގަނޑަކަށް ނުވިސްނޭ، އާ ކޮންކަމެއް ވެގެންކަމެއް މިހުރިހާ ބޭފުޅުން އަނެއްކާ އަނބުރާ އެތަންތަނަށް ވަޑައިގަތީ. އަދި މީގެތެރެއިން ބައެއް ބޭފުޅުން، ވިދާޅުވާގޮތުން ވެއްޖިއްޔާ، އަޅުގަނޑަށް ހީވަނީ މިހާރު އަޅުގަނޑުމެން ސަރުކާރުގައި، ސާފުކުރަންޖެހޭ ފާޚާނާތައްވެސް ހުސްވީ ކަންނޭނގެ. މީގެ ބައެއް ބޭފުޅުން މިހާރު އެކަންކަންވެސް ދޫކޮށްލައްވާފައި އެވިދާޅުވީ އެހެން ދިމާއަކަށް.

 

އެހެންވީމާ ކޮބައިތޯ މިދެކެވޭ ވާހަކަ؟ ސިޔާސީ ލީޑަރުންގެ ވެއްޖިއްޔާ ކޮންމެވެސް ކަހަލަ ސާބިތުކަމެއް ހުންނަންވާނެ. އެމީހުން ދައްކާ ވާހަކަ ދެދުވަހު ދެގޮތަށް ބުނާއެއްޗެއް ނޫން. އަދި މުއައްސަސާތަކާ ބެހޭ ވާހަކައާއި، މުއައްސަސާތަކަށް ނުފޫޒުފޯރާ ވާހަކަ ދައްކާއިރު، ދިވެހި ރައްޔިތުންގެ ލޯމަތީގައި ނޫންތޯ މުއައްސަސާތަކަށް މިއަންނަ ބަދަލުތަކާ އެއްޗެހި ފެނިގެންމިދަނީ. އަދި މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަށްޓަކައި ކުރެވޭ މަސައްކަތުގައި ކާކުގެ އަތެއްތޯ އެކަމަށް ވަދެގެން ގަނޑު ހިލުވަނީ، އަޅުގަނޑުމެންނަށް ފެންނަން ނޫންތޯ އެހެރީ. އެހެންވީމާ، މިކަހަލަ ވާހަކަ އެ ބޭފުޅުން ދައްކަވާފައި، މިއިން ކޮންމެ ކަމެއްގައި އިސްވެ އެކަންކަން ކުރައްވާފައި، މި ވިދާޅުވަނީ، މިއަދު އެ ކަންކަން ކުރަނީ އެހެން ބައެކޭ. އެހެންވީމާ، މިއަދު ތިމަންނަމެން މި ހުރިހާ ކަމެއް ބަދަލުކުރާނަމޭ. އެކަމަކު، މިއަދުވެސް އަޅުގަނޑު ދަންނަވާނަން. އެ ބޭފުޅުންގެ މެނިފެސްޓޯގެ އެއްވެސް ފޮޅުވަތަކުން އަޅުގަނޑަކަށް ނުފެނޭ، ދިވެހިރާއްޖޭގައި ތިމަންނަމެން ބޭނުންވަނީ ބާއްވަން، ސައްތައިން ސައްތަ އިސްލާމީ ވެރިކަމެކޭ ވިދާޅުވާތަން. ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދޭނަމޭ ވިދާޅުވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެންވީމާ، މި ސުވާލުތައް 23 ގައި ރައްޔިތުންގެ ވޯޓަކުން އެކަންޏެއްނޫން ސާބިތު ކޮށްދޭން ޖެހޭނީ. މި ސުވާލުތަކަށް ޖަވާބު ލިބެން އެބަޖެހޭ.

 

އެހެންވީމާ، ކަނޑޫދޫ ކަހަލަ ކުދިކުދި އާބާދީ އޮތް ރަށްތަކުގައިވެސް ރައްޔިތުންނަށް، ހަމަގައިމުވެސް އެ ކަންކަމުން ނުރެކެވޭނެ ކަންކަމުގެ ވާހަކަ އަޅުގަނޑުމެންނަށް އުނދަގޫވާނެ، ދިވެހިރާއްޖޭގައި މި ދެންނެވި ކަހަލަ ކަންކަމަށް ބޮޑެތި އަސަރުތަކެއް ކޮށްގެން އޭގެ އަސަރު ކަނޑޫދޫއާ ހަމައަށްވެސް ދިލަ ފޯރާނެ. އަދި، މިތާހުރި އެހެން ކުދި ރަށްރަށަށްވެސް އެ ފޯރާނެ. ހަމަ މި ބޭފުޅުން ވިދާޅުވާނެ އެނގޭތޯ، މިތާހުރި ބައެއް ރަށްރަށުގައި ފަޅު ހިއްކުމުގެ މަޝްރޫޢުތައް ހިނގާއިރު، ހާދަ ގިނަ ދުވަހެއް މި ފަޅުތައް ހިއްކާލަން ނަގައިފިއޭ. މި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މި ފަޅަކީ، ދެ ހަފްތާ ތެރޭގައި، ނުވަ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ފަޅެކޭ. ޓެކްނޮލޮޖީ ބޭނުންކޮށްގެން ނުވަ ހަފްތާ ތެރޭގައި ފަޅު ހިއްކީވެސް ރައީސް ޔާމީން. އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ތިން އަހަރުގެ ރަބީޢު މޫސުމެއް. އެއީ، އޭގައި ކުރީގައި އޮތް ސަރުކާރުގެ ދިގު މުއްދަތު ރައްޔިތުން ގަބޫލުނުކޮށް އެ ބޭފުޅުންނަށް ތަބަކަކަށް ލާފައި، ރަބީޢު މޫސުމެއް އެ ބޭފުޅުންނާ ހަވާލުކުރީ. ޖެހިގެންއައީ، ދާއިމަށް ޚަރީފު ވެގެން ދިޔަ އާބާދީއެއް. ދާއިމަށް އަޅުގަނޑުމެން ތިބީ ނުކުޅެދިފައި. އެތައް އަހަރެއްގެ ތަހުޒީބު ފަހަތަށް ދިޔައީ. އެތައް އަހަރެއްގެ ތަރައްޤީ ބީވެގެން ދިޔައީ. އެހެންވީމާ، އޭރު އެ ބޭފުޅުން ފަޅުތައް މި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކުރައްވައިގެން ހިއްކަން މަސައްކަތް ނުކުރެއްވީ ކީއްވެގެންތޯ.

 

އެހެންވީމާ، މިހާރު ވަޑައިގެންފައި، ކަރުނަފުޅު ބާލައިފައި މި ވިދާޅުވަނީ، އައްދޭ، ހާދަ ދިގުލައިގެން ދިޔަ ރަށެއް ދޯއޭ މިއީ، ބަނދަރު ނުހެދިގެން މިއުޅެނީ. ނޫނީވިއްޔާ، ހާދަ ދިގުލައިގެން ހިނގައްޖެ ދޯއޭ، ގުރައިދޫގެ ބިން ހިއްކުން. އެކަމަކު، އެ ގުރައިދޫގެ ބިން ހިއްކުމުގެ މަޝްރޫޢު އެ ބޭފުޅުންގެ އަތްޕުޅުމަތީގައިވެސް އޮތޭ. ކީއްވެގެންބާ އެކަން ނުކުރެއްވީ. އަދި، މި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކުރައްވައިގެން، އެ ވަސީލަތް ތަރައްޤީ ކުރަން ކެޕިޓަލް ފޯމޭޝަނަށް ބޭނުންވާނެ، މަހާޖައްރާފާއެއް ހޯދުމުގެ ވިސްނުންނެތީ ކީއްވެގެންބާ. އަދި، އެކަންކަން ކުރަން ބޭނުން ކަމަށްވަންޏާ، އަޅުގަނޑުމެންގެ އަތުގައި އޮތް އެންމެ ބޮޑު ރައުސްމާލު، ދިވެހިރާއްޖޭގެ މައި ދޮރާށި އެހެން ބަޔަކަށް ވިއްކާލައި، އެތަނުގައި ޢަމުރުމަޢުރޫފް ހިންގުމުގެ ބާރު ދިވެހި ދައުލަތުން ވަކިވެގެން ދިޔުން. އެކަން ކުރެއްވީ ކީއްވެގެންބާ؟ މި ސުވާލުތައް އަޅުގަނޑުމެންގެ ޚިޔާލަށް އަންނަން އެބަޖެހޭ ދޮގެއްތޯ.

 

އެ ބޭފުޅުން ރަށެއްގެ ބިން ހިއްކުމުގެ ވާހަކަ ދައްކަވާއިރު، އެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން މި ދެންނެވީ، އަޅުގަނޑުމެން ތަފާތާއެކީ މި ދަންނަވަނީ، މެދު ސައިޒް އާބާދީ ހުންނަ ރަށްރަށުގެ އޭރިޔާއަށް ބަލާކަމަށްވަންޏާ، މި ސަރުކާރުން ހިއްކި ބިމުގެ ޢަދަދު، ބިމުގެ ބޮޑުމިން އެބަ ހިމެނޭ، ދިވެހިރާއްޖެއަށް އައު 20 ރަށް އުފަންކުރުން. މިއީ ކުޑަކަމެއް ނޫން. 20 އައު ރަށް ދިވެހިރާއްޖެއަށް އުފަންކޮށްފިން، ބިން ހިއްކި މިންވަރަށް ބަލާއިރު.

 

އެހެންވީމާ، އަޅުގަނޑުމެން މި ކޮށްފައި ހުރި މަސައްކަތްތަކުގައި އެބޭފުޅުންނަކަށް ވިދާޅެއް ނުވެވޭނެ، މި ކަންކަން ނުކުރެވެއޭ. ކޮންމެވެސް އެހެން ކަހަލަ، އޯލްޓަރނޭޓިވް ނެރެޓިވެއް މިއިން ކޮންމެ ކަމަކަށް ނެރުއްވަން ޖެހޭނީ. އެއީ، އެ ބޭފުޅުން ވަރަށް ފަރިތަކަމެއް. ކޮންމެ ކަމެއްގައި އެކަން އޮންނަގޮތްނޫން އެހެން ގޮތަކަށް އެއަށް ޖަވާބު ދެވިދާނެތޯ، އެއީ، އެ ބޭފުޅުން ހިންގަވާ މަގު. އަޅުގަނޑުމެން އެ މަގުން ހިނގާކަށް ބޭނުމެއްނޫން. އަޅުގަނޑުމެންގެ މަގު ވަރަށް ސީދާ. މިޞްރާބު އަމާޒު. އެ މިޞްރާބަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ.

 

އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތުން އަޅުގަނޑުމެންގެ އެޖެންޑާއާއި، އަޅުގަނޑުމެންގެ މިޞްރާބާއިއެކީ، ރަށްރަށަށް އައިސްފައިހުރި ތަރައްޤީ ތިޔަބޭފުޅުން މިއަދު މި ގޮނޑުދޮށް ހިމާޔަތްކުރި ކަނޑޫދޫގެ މިސާލުންވެސް ތިޔަބޭފުޅުން ގަބޫލުކުރައްވާނެކަމަށް އަޅުގަނޑު ހީކުރަން. މިއަށްވުރެ މާ ބޮޑެތި ބައިވަރު ކަންތައް މުޅި ރާއްޖޭގެ އަރި ހުރަހަށް، އުތުރު ދެކުނަށް އެހެރީ، އެތައް މިތަނުގައި އެހެރީ. އެހެންވީމާ، އެއީކީއެއް އަޅުގަނޑުމެން ދައްކާ ވާހަކައެއްނޫން. އެއީ، ތަފާސް ހިސާބުތަކުން ފެންނަން ހުރި ވާހަކަ. އެއީ، ކެމެރާއެއް ހިފައިގެން ގޮސްފިކަމަށްވަންޏާ، ވީޑިއޯ ކުރެވޭނެ ކަންތައް. ރަށަކަށް ފައި އަޅައިފި ކަމަށްވަންޏާ، ފެންނަންހުރި ޙަޤީޤަތްތައް އެއީ. އެ ޙަޤީޤަތް ދެކޮޅެއް ނަހަދާނެ. ހަމަގައިމުވެސް، އެ ބޭފުޅުން އަޅުގަނޑުމެން ހިއްކާފައި އޮތް ބިންގަނޑުގައި ފައި ޖައްސާލާއިރުގައި، އެ ބޭފުޅުންގެ ފައިދަށުން ބިންގަނޑުގެ ވެލި، މިތަނުގައި އެއްގަމު ޙިމާޔަތް ކުރަން މި ޖެހުނު ސަބަބުހެނެއް ގިރައިގެން ދާތަނެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެހެންވީމާ، ކަނޑޫދޫގެ ރައްޔިތުން ވޯޓާ ހަމައަށް ވަޑައިގަންނަވާއިރު، މިކަހަލަ ވާހަކަތަކާމެދު ވިސްނާ ވަޑައިގަންނަވާ. ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަކީ، ޙަޤީޤަތުގައި ޤައުމީ މަސައްކަތެއް ކަމުގައި ދެކެވަޑައިގަންނަވާ. އެއީ އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެން މި ގަބޫލުކުރާ ސިފަތަކާއެކީ ކުރިއަށްދާން ބޭނުންވާ ކަމަށްވަންޏާ، އަޅުގަނޑުމެން މިގޮތުގައި ތިބެގެން، ސުލްޙަވެރިކަމާއި، ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ތަފާތުވީނަމަވެސް، ހުރިހާ އެންމެނަށް އުޅެވޭގޮތަށް، އަރާރުންނުވެ ތަޅާނުފޮޅާ އުޅެވޭގޮތަށް ތަރައްޤީއަށް ވިސްނާ. ވަޒީފާއަށް ވިސްނާ. އާމްދަނީ ހޯދަން ވިސްނާ. ގެދޮރުވެރިކުރުވަން ވިސްނާ. އެހެންވީމާ، މި ކަންކަމަށް ވިސްނާފައި، މިކަންކަން މިގޮތަށް ކުރެވޭނެ މަގު ޗާޓެއް ހަދައިގެން ނުކުމެ، އުޅޭ ކެންޑިޑޭޓެއް ގޮތަށް ހަމަގައިމުވެސް އަޅުގަނޑަށް ފެންނަންވާނީ، އަޅުގަނޑުތާ. ތިޔަބޭފުޅުން އެކަން ގަބޫލުކުރައްވައިފިއްޔާ އަޅުގަނޑު ވަރަށް އުފާވާނެ.

 

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި މަސައްކަތްތަކުގައި މާތްﷲ ބަރަކާތް މިންވަރު ކުރައްވާށި!

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.