بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި ޞަޙާބީން ޝާމިލުކުރަން.

 

ވޭމަންޑޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން.

 

އަޅުގަނޑު މި ރަށަށް މިއައީކީ މި ރަށަށް އެންމެ ހިތްފަސޭހަ ވަގުތަކުނޫން. މެންދުރުފަހުގެ އެންމެ ހޫނުގަދަ ވަގުތު. އެހެންނަމަވެސް، ތިޔަ އެންމެ ބޭފުޅުން އަޅުގަނޑުގެ އިސްތިޤްބާލުގައި އަޅުގަނޑަށް މަރުޙަބާ ވިދާޅުވާން ތިޔަ ތިއްބެވި ތިއްބެވުމުން، އަޅުގަނޑަށް އެނގިގެންދޭ، ތިޔަބޭފުޅުން އަޅުގަނޑާ ދޭތެރޭގައި އޮތް ގާތްކަން. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ފާޅުކުރެއްވި ޝުޢޫރުތަކަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ ފަރާތުން ވަރަށް އިޚުލާޞްތެރިކަމާއެކީ، ތިޔަބޭފުޅުންނަށް މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

 

ވޭމަންޑޫގައި، އަޅުގަނޑު މިއަދު މިކުރާ ދަތުރުގައި ހަމަ ދަންނަވާލަން ބޭނުންވަނީ، ވޭމަންޑުއަށް އަނެއްކާވެސް ސަރުކާރުގެ ފަރާތުން ޚިދުމަތްތަކެއް ލިބިގެންދާތީ، ވޭމަންޑޫގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާ އިޙްތިފާލެއް، ޖަލްސާއެއްގައި އަޅުގަނޑު މި ބައިވެރިވަނީ.

 

ވޭމަންޑޫގައި ދިމާވާ އެންމެބޮޑު މައްސަލައަކީ ޙަޤީޤަތުގައިވެސް ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މައްސަލަ. ގޮނޑުދޮށް ޙިމާޔަތް ކުރުމަކީ، ދިވެހިރާއްޖޭގައި ބިންތިރި، މި ގިނަ ޖަޒީރާ ރަށްތަކުގައި ހަމަ ޢާންމުކޮށް ދިމާވާ މައްސަލައެއް. ވޭމަންޑޫގައި އެއްފަރާތުގައި އޮތް އެއްގަމު ތޮށި، ގުންޑޮޅި ގިރަމުންދާތީ، ގުންޑޮޅި ވެއްޓެމުންދާތީއާއެކީ، އެކަންވަނީ މިހާރު އިރާދަކުރެއްވިއްޔާ ރަނގަޅުކޮށްދެވިފައި. މިހާރު މި ނިމިގެންދަނީ މިފަރާތުގެ އެއްގަމުތޮށި. އެއްގަމުތޮށި ނިމިގެން ދިޔައިމާ، މިފަރާތުގެ ބިން ގިރައިގެން ދިޔުމުގެ މައްސަލައާއި، ރާޅު އެރުމުގެ މައްސަލަ އިރާދަކުރެއްވިއްޔާ ޙައްލުވެގެން މިދިޔައީ.

 

ހަމައެއާއެކީ ދަންނަވާނީ، ވޭމަންޑޫގައި ސަރުކާރުން މިކުރާ މަސައްކަތުގެ ތެރޭގައި، ވޭމަންޑޫގެ އެކި ސަރަޙައްދުތަކުގައި ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތްތައްވެސް ވަނީ މިހާރު ކުރެވިފައި. ޙަޤީޤަތުގައިވެސް ވޭމަންޑުއަކީ މި ދެންނެވި ގޮތަށް ރާޅުގެ އުނދަގޫ، ގިރުމުގެ އުނދަގޫ އެންމެ ބޮޑަށް ހުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް. ދެންމެ މިނިސްޓަރ ޠާރިޤުގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވީ، އަޅުގަނޑުމެން ޖަޒީރާ، އަދި ބިންގަނޑު ތިރި ޤައުމުތަކުގައި، ރަށްތަކުގައި ދިމާވާ އެންމެބޮޑު މައްސަލައަކީ، އަޅުގަނޑުމެންގެ ރަށްތަކަށް ރާޅުއެރުން. އަޅުގަނޑުމެންގެ ރަށްތަކުގެ ބީޗް، ނޫނީވިއްޔާ އަޅުގަނޑުމެންގެ ރަށްތަކުގެ ގޮނޑުދޮށްތައް ގިރައިގެން ދިޔުން. މިއީ ޝައްކެއްވެސްނެތްގޮތުގައި، ކުޑަކަމެއްނޫން، އުނދަގޫ ކަމެއް. ބިރުވެރިކަމެއް. ގިނަފަހަރު މި ބިރުވެރިކަން އިޙްސާސްކުރޭ. އަޅުގަނޑުމެން އިޙްސާސް ކޮށްފީމު.

 

 އެހެންވީމާ، ޤުދުރަތީ ކޮންސެޕްޓެއް ގޮތަށް، ނޫނީވިއްޔާ ކަމެއްގެ ގޮތަށް މިކަން އޮވެގެން ޖަޒީރާއެއްގެ ގޮތުގައި އޮވެގެން މިކަން ހިނގަން ދޫކޮށްލާ ކަމަށްވަންޏާ، އެއްފަރާތުން ރަށް ގިރާނެ. އަނެއް ފަރާތުން ރަށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑަކަށް ނުވިސްނޭ، ތަރައްޤީ ގެންނަން މި ކަހަލަ މަސައްކަތްތަކެއް، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތްތަކެއް، ސަރުކާރުން ހޭދަކޮށްގެން، ރައްޔިތުންގެ ޙައްޤުގައި ކޮށްގެންނޫންގޮތަކަށް، އަޅުގަނޑަކަށް ނުވިސްނޭ މި މައްސަލަ ޙައްލުކުރެވޭނެ ގޮތެއް. އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސަތުގެ ތެރޭގައި، އަޅުގަނޑުމެންގެ ޕްލެޖްގެ ތެރޭގައި، ނޫނީވިއްޔާ އަޅުގަނޑުމެންގެ މެނިފެސްޓޯގެ ތެރޭގައި ހިމަނައިގެން މިހާތަނަށް މި ތަންފީޒު ކުރަމުން ގެންދިޔައީ، ރަށްރަށަށް ދިމާވެފައި ހުރި މިކަހަލަ ހުރިހާ މައްސަލަތަކެއް ޙައްލުކުރުން.

 

ރަށްރަށަށް ދިމާވާ މިކަހަލަ ޤުދުރަތީ މައްސަލަތައް، އޭގެ ޒާތުގައި ޤުދުރަތީ ގޮތުން ޙައްލުވެގެނެއް ނުދާކަން، އަޅުގަނޑުމެންނަށް މި ރަށަށް އައިމާވެސް މި އެނގެނީ. އަދި މިރަށުގެ ރައްޔިތުން އެތަކެއް އަހަރު ވަންދެން އިންތިޒާރު ކުރައްވަމުން ގެންދެވި، މި ގިރާ މައްސަލައަށް، ގޮނޑުދޮށް ގިރާ މައްސަލައަށް ޙައްލެއް ހޯދުމަކީ، މި ދެންނެވި ގޮތަށް ޖަޒީރާއަށް، އޭގެ ޒާތުގައި ޤުދުރަތީގޮތުން ރާޅުއަރައި ފައިބައިގެންދާ ދިޔުމުގެ ތެރޭގައި، އެ މައްސަލަ ޙައްލުނުވެގެންދާކަން.

 

އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް މިކަން އޮތީ މިހާ ބޮޑުކޮށް. ދެންމެ މިނިސްޓަރ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު އެއްތިރީސް ކިލޯ މީޓަރުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު ހިންގިފައިވާ ކަމަށް. އަދި އެ ހިންގިފައިވަނީ ތިރީހަކަށް ރަށުގައި. އެވްރެޖްކޮށް ކޮންމެ ރަށެއްގައި އެއް ކިލޯ މީޓަރުގެ ގޮނޑުދޮށް ޙިމާޔަތް ކުރެވިއްޖެ. އަދި ސަރުކާރުގެ ބަޖެޓުންނާއި، ބޭރުގެ އެހީއިން ހޭދަކޮށްގެން މި ހިންގާ ޚަރަދަކީ، ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވި ގޮތަށް، އެއްހާސް ތިންސަތޭކަ މިލިއަން ރުފިޔާ. 1.3 ބިލިއަން ރުފިޔާ. މިއީ ވަރަށްބޮޑު ޢަދަދެއް. އަދި ކުރީގެ ޖަލްސާއެއްގައި ޠާރިޤު ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުން ވެއްޖިއްޔާ، ދުނިޔޭގެ އެއްވެސް ޤައުމެއްގައި، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މިހާ ބޮޑު މަޝްރޫޢެއް ހިންގިފައެއްނުވޭ. ދިވެހިރާއްޖޭގައި ހަމަ ކޮންމެ ރަށެއްގައި ހިންގަންޖެހޭ މަޝްރޫޢެއް، މި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢަކީ.

 

އެހެންވީމާ، މި މަޝްރޫޢުތައް ހިންގާފައި، ދެން އަޅުގަނޑުމެން މިކުރަނީ ރައްޔިތުންނަށް، އެ ރަށެއްގައި ތިބެގެން ކުރެވޭ މަސައްކަތުގެ ތެރޭގައި، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރާނީ ކިހިނެއްތޯ؟ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގެ ތެރޭގައި، އަޅުގަނޑުމެންގެ ސަރުކާރުން އެންމެ އިސްކަންދޭ ކަމަކީ، ރައްޔިތުން އެ ރަށްރަށުގައި ތިބެގެން، އެމީހުންނަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުން. އެނގިވަޑައިގަންނަވާނެ، ޒަމާނުއްސުރެ، އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ، އަދި އެއަށްވުރެ ދުރު ޒަމާނުން ފެށިގެންވެސް ދިވެހިރާއްޖޭގައި މައިގަނޑު އިޤްތިޞާދީ މަސައްކަތަކަށް މި އޮންނަނީ މަސްވެރިކަން. މަސްވެރިކަމާއެކީ 1970ގެ އަހަރުތަކުގެ ތެރޭގައި، ޓޫރިޒަމްގެ ޞިނާޢަތް، ދިވެހިރާއްޖެއަށް ތަޢާރުފުވެގެން މިދިޔައީ. މައިގަނޑު ދެ ޞިނާޢަތުގެ މައްޗަށް މުޅި ދިވެހިރާއްޖޭގެ ހުރިހާ މީހުންގެ ދިރިއުޅުން ބިނާވެގެން މިދިޔައީ.

 

 އެހެންވީމާ، އެބަޖެހޭ ސަރުކާރު ހިންގަން ހަވާލުވާ މީހަކު، އާ ވިސްނުންތަކެއް ވިސްނަން. މިކަންކަން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް އެބަ ހޯދަންޖެހޭ. އަދި މިކަންކަން އިތުރަށް ކުރިއަށް ގެންދަން ހޯދާ ގޮތްތަކުގެ ތެރޭގައި، ރިޒޯޓުން ލިބޭ އާމްދަނީއަކީ ހަމަގައިމުވެސް މިއަދުގެ ޒުވާނުންނާއި، އަދި ޒުވާނުންގެ ޢާއިލާތަކުން އަދި އެ ޢާއިލާތަކުގެ ދިރިއުޅުން ހުންނަގޮތް، ދިރިއުޅުމަށް އަންނަ ބަދަލު، ކުރިއެރުން ގަބޫލުކުރާ، ފެންނަ އަވަށްޓެރިންނަށް އެނގޭނެ، މިއީ ދިވެހިރާއްޖޭގައި ކުރަންޖެހޭ ކަމެއްކަން.

 

އެހެންވީމާ، ސަރުކާރެއް ހިންގުމަށް ރައްޔިތުންގެ ކައިރިއަށް އައިސް، ވޯޓަށް އަހާއިރު، އަޅުގަނޑު ހަމަގައިމުވެސް އެންމެ ފުރަތަމަ ރައްޔިތުންނަށް ދަންނަވާ ވާހަކައަކީ، އަޅުގަނޑު މިކުރާ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި މިކަހަލަ ބޮޑެތި މައްސަލަތައް ޙައްލުކުރަން ކުރާ މަސައްކަތް. އެއީ އެއް މަސައްކަތް. އޭގެ ގިނަ މަޝްރޫޢުތަކެއްގެ ވާހަކަ، ދެންމެ އަޅުގަނޑުމެންނަށް އިވިގެން އެދިޔައީ. ކިތަންމެ ގިނަ މަޝްރޫޢުތަކެއް އަޅުގަނޑުމެން ހިންގި ކަމުގައިވީނަމަވެސް، ރައްޔިތުންގެ ބޭނުންތައް ހަމަ އަދިވެސް އިތުރުވަމުންދާނެ. ފެނުގެ ޚިދުމަތް، އަށާވީސް ރަށުގައި، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ޚިދުމަތްތައް، ނޫނީ މި މަޝްރޫޢުތައް، ތިރީސް ރަށުގެ ތެރޭގައި، ނަރުދަމާ އެޅުމުގެ މަޝްރޫޢުތައް، މިހާރު ބާވީސް ރަށުގައި، އަދި އިތުރު ސާޅީސް ރަށުގައި މަސައްކަތް ހިނގަމުންދަނީ. ބާވީސް ރަށުގެ މަސައްކަތް ނިމިއްޖެ. މިތަނުގައިވެސް ނަރުދަމާގެ މަސައްކަތް ހިނގަމުން އެ ދަނީ. އެހެންނަމަވެސް، އަޅުގަނޑަށް އެނގޭ، ކޮންމެވެސްވަރެއްގެ ލަސްކަމެއް މިކަމަށް އައިސްފައި އޮތްކަންވެސް. މަޝްރޫޢުތައް ލަސްވަމުންދާ ބައެއް ވާހަކަ އެބަ ވިދާޅުވޭ. ބައެއް އެހެން ވާހަކަތަކުގައި، މަޝްރޫޢުތައް އަވަސްވެގެން ދިޔައިމާ، ޚަރަދު ބޮޑުވާ ވާހަކަ މި ދެކެވެނީ.

 

އެހެންވީމާ، މަޝްރޫޢެއް ހިންގަންވާވަރަށް ހިނގައިފި ކަމަށްވަންޏާ، މަޝްރޫޢުގެ ޚަރަދު، ޢާންމުކޮށް ދިގުލައިގެންދާ މަޝްރޫޢަކަށްވުރެ އެބަ  ޚަރަދު ބޮޑުވެގެންދޭ. ހޭދަ ބޮޑުވެގެންދޭ. އެހެންވީމާ، މި ދެކޮޅުޖައްސާނެ ގޮތެއް، ހަމަ އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުންނަކަށް ވިދާޅެއްނުވެވޭނެ. ބައެއް މަޝްރޫޢުތައް ދާލެއް ބާރުކަމުން، އެ މަޝްރޫޢުތަކުގެ ޚަރަދު ބޮޑުވީމާ، ޚަރަދު ބޮޑުވާ ވާހަކަ. މި ރަށުގެ ރައްޔިތުންނަށް ހަމަގައިމު އެނގޭނެ. މި ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ އަވަސްމިނަކު މި ރަށުގެ ނަރުދަމާގެ މަސައްކަތެއް ނުދޭ. އެހެންނަމަވެސް، މި މަސައްކަތާ ހަވާލުވެގެން މިއުޅެނީ ބޭރުގެ ފަރާތެއް. ބޭރުގެ ކޮންޓްރެކްޓަރެއް. ސަރުކާރަށް ކަންތައްތައް ކުރުވުމަށް ބާރުއެޅުވިދާނެ.

 

އެހެންނަމަވެސް، މި ދިމާވާ މައްސަލަތަކަކީ، ބޭރުގެ ފަރާތްތަކާއެކީ މިހެން ކުރެވޭ މުޢާމަލާތްތަކުގައި މިއީ އެހާ ފަސޭހައިން ޙައްލުކުރެވޭ ކަންކަމެއްނޫން. އަޅުގަނޑު ނުދެންނެވި ނަމަވެސް، ނޫސްތަކުގެ ސުރުޚީތަކުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. މިހެން މާލޭގައިވެސް، އަދި ރާއްޖޭގެ އެކި ހިސާބުގައިވެސް، ބޭރުގެ އެކި ކުންފުނިތަކުން ކޮންޓްރެކްޓަށް ނަގާފައި ހުންނަ މަސައްކަތްތައް ނުހިންގިގެން ދިޔައިމާ، ވަރަށް ދިގުލައިގެންދާ ކަންތައްތައް އެބަ ކުރަންޖެހޭ. އޭގެތެރޭގައި، ބޭރުގެ އަރބިޓްރޭޝަނަށް ދިޔުމާއި، ބޭރުގެ ކޯޓުތަކަށް އަޅުގަނޑުމެންގެ މައްސަލަތަކުގެ ޙައްލެއް ހޯދަން ހުށަހެޅުމާއި، އަދި ނުވިތާކަށް ބޮޑެތި ޢަދަދުގެ ބަދަލު ދީފައި، އެމަސައްކަތް އަނބުރާ ނެގުމާ، މިކަހަލަ އެތައް ކަމެއް މި ހުންނަނީ. މި ސަބަބަށްޓަކައި ރާއްޖޭގައި މި ހުރިހާ ކަމެއްގެ ހަކަތަ އުފައްދަންޖެހެނީ. މި ސަބަބަށްޓަކައި ރާއްޖޭގައި މިކަހަލަ ހުރިހާ ކަމެއްގެ ޤާބިލުކަން އުފައްދަންޖެހެނީ.

 

އެހެންވީމާ، މަސްވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް މި ވާހަކަ ދައްކާއިރު، ނޫނީވިއްޔާ ކާޑު ގެނައުމާއި، ބޭސް ފިހާރަތައް އެޅުމުގެ ދާއިރާއަށް އަމާޒުކޮށް، އެސް.ޓީ.އޯ.ގެ ވާހަކަ ދައްކާ ކަމަށްވަންޏާ، އަޅުގަނޑުމެންނަކަށް މި ހަމަޖެހުމެއް، މި ހަކަތައެއް ނުލިބޭނެ، އެތަންތަނުން ކުރާ ވިޔަފާރިތައް، އެ ހިންގާ ކުންފުނިތައް ޑައުންސައިޒް ކޮށްގެނެއް. ނޫނީ އެ ކުންފުނިތަކުގެ މަސައްކަތް ހުއްޓުވާލައިގެނެއް. ނޫނީ ކުންފުނިތަކުގެ މަސައްކަތް ފަޅިފަޅިކޮށްލާފައި ދީގެނެއް، އަޅުގަނޑުމެންނަކަށް އެ ހަކަތައެއް، އަޅުގަނޑުމެންގެ ތެރޭގައި ނުއުފެއްދޭނެ. ހަކަތަ ނުއުފެއްދޭ ކަމަށްވަންޏާ، ދެން ނުކުންނަ މައްސަލައަކީ، ބޭރުގެ ފަރާތްތަކަށް މިކަހަލަ ހުރިހާ ކަމެއް ކުރަން ދޫކޮށްލަނީ. ރާއްޖޭގެ ވަސީލަތްތައް، ރާއްޖެއަށް އެއަށް އެންމެ ރަނގަޅު ފައިދާ ލިބޭގޮތަކަށް ތަރައްޤީ ކުރެވިގެން، ރާއްޖެއަށް އެންމެބޮޑު އާމްދަނީއެއް ލިބޭނީ.

 

އަޅުގަނޑު ހަމަ ކުދިކުދި މިސާލުން އަޅުގަނޑު މިސާލު ދަންނަވާލާނަން. ދުނިޔޭގައި އެންމެ މަޝްހޫރުކޮށް ކޮފީ އުފައްދާ ޤައުމުތަކުގެ ތެރޭގައި އެފްރިކާގެ ޤައުމުތައް ހިމެނޭނެ. މިއީ މިޒަމާނުގެ ތާރީޚުގެ ފިލާވަޅެއްވެސް ނޫން. މިއީ މީގެ ތިރީސް، ސާޅީސް އަހަރުގެ ކުރީގެ ވާހަކައެއް އަޅުގަނޑު މި ދަންނަވަނީ. އެހެންނަމަވެސް، މިއިން ނަގައިދޭ އެންމެ އަސާސީ ފިލާވަޅު، ހަމަ ދިވެހިރާއްޖޭގައި މިހާރު މި ހިނގާ ކަންތައްތަކަށްވެސް އެޕްލައިވެޔޭ. ނޫނީވިއްޔާ ހަމަ އެއީ މިސާލު ކަމަށް، ނަމޫނާ ނަގަންޖެހޭ ކަންކަމެއް. މިއޮތްހާ ޒަމާނު، ވަރަށްފަހާ ޖެހެންދެން، ކޮފީ އުފެއްދުމުގެ ޓެކްނޮލޮޖީ، މި އެފްރިކާގެ ޤައުމުތަކަށް ލިބެންދެން، އަދިވެސް އެބަހުރި ކޮފީ ޕޮޑް، ނޫނީ ހަމަ ކޮފީ އެގޮތަށް އުފައްދާފައި، ދަނޑުގޮވާންކަމުގެ ތެރެއިން ކޮފީ އުފައްދާފައި، ކޮފީ ޔޫރަޕްގެ ޤައުމުތަކަށް އެ ވިއްކަނީ. އެމީހުން ކޮފީއަށް ގެންނަންވާ ހުރިހާ ބަދަލެއް ގެނެސްގެން. އަޅުގަނޑުމެން ތަންތަނަށް ދިޔައިމާ [ލަވާޒާ] ގެ ނަމުގައި، އަޅުގަނޑުމެން ތަންތަނަށް ދިޔައިމާ، އެހެން ކޮންމެވެސް ބްލެންޑެއްގެ ނަމުގައި، އެ ކޮފީ ވިއްކަނީ. އޭގައި ފިސާރި އަގުހުރޭ. އެކަމަކު އެ އުފައްދާ ކޮފީ ޕޮޑް ވިއްކީމަކާ، އޭގެ އަގެއް ނުހުރޭ. ކޮފީ ޕޮޑް ވިއްކަންޖެހެނީ ޓަނުން ޓަނުން. އެކަމަކު އެއަށް ލާރި މި ގެންނަންޖެހެނީ ވީލްބަރޯގައި ފައިސާއިން. އެހާ ބައިވަރު ފޮނުވައިގެން، އެހާ ކުޑަ ލާރިކޮޅެއް މި ލިބެނީ. އެކަމަކު އޭގެ ނަފާ، އޭގެ މަންފާ، މަލްޓިޕްލް ކޮށްފައި، ވެލިއު އެޑް ކޮށްފައި، އެކުރާ ބަޔަކީ، އެ ރިފައިން ކޮށްގެން ބްލެންޑް ކޮށްގެން އެ ވިއްކާ މީހުން.

 

އެހެންވީމާ، ލަވާޒާ ފްލޭވަރ އުޅޭނެ. އަނެއް ފްލޭވަރެއް އުޅޭނެ. އައިސްކްރީމްގައި ބޭނުންކުރާނެ. އެހެން ކަންތައްތަކުގައި ބޭނުންކުރާނެ. އެކަމަކު ކޮފީ އުފައްދާ ދައުލަތްތަކަކަށް ހަމަޖެހުމެއް ލިބިގެން، އިޤްތިޞާދު ވަރުގަދަ މިވަނީ އެ ޓެކްނޮލޮޖީ އެ ޤައުމުތަކަށް ގެނެސްގެން، އެ ޤައުމުތަކުގައި އެކަން ކުރީމާ. އެހެންވީމާ، ދެން އެ ޤައުމުތަކުގައިވެސް ލަވާޒާ އުފައްދަންވެއްޖެ ކަމަށްވަންޏާ، ލަވާޒާގެ ޕެޓަންޓް ހޯދައިގެން އެ އުފެއްދިދާނެ. އެ ހަކަތަ، ނޫނީވިއްޔާ އެ ޤާބިލުކަން އެބަ އުފައްދާ. މިސާލަކަށް ގެންނަވާ މަސްވެރިކަން. އަޅުގަނޑުމެންގެ މަސްވެރިން މި ބާނާ ހުރިހާ މަސް، އެއަށް އެއްވެސް ކަހަލަ ވެލިއު އެޑް ކުރުމެއްނެތި ވިއްކާލާ ކަމަށްވަންޏާ، ހަމަ މި ދެންނެވި ފިލާވަޅު މި ނަގަންޖެހެނީ. އެއަށް އަޅުގަނޑުމެންނަށް ލިބޭނީ ދާދި އާދައިގެ އަގެއް. އެންމެ ބޮޑުކޮށް އަގު ލިބޭއިރު، ބާރަސަތޭކަ ޑޮލަރާއި، އަށާރަސަތޭކަ ޑޮލަރަށް ޓަނެއް މި ވިއްކަނީ. އެކަމަކު އެ ދަޅުގައި ބަންދުކޮށްގެން، ނޫނީވިއްޔާ އެހެންވެސް ޞިނާޢީ ޕްރޮސެސްއެއްގެ ތެރެއިން، ވެލިއު އެޑްކޮށްގެން އެކަން ކުރާކަމަށްވަންޏާ، ދެތިން ކަމެއް އަޅުގަނޑުމެންނަށް ޙާޞިލުވޭ. ފުރަތަމަ، މަހަށް ލިބެންވާ އަގު. އޭގެ ފުރިހަމަ އަގު. އެއާ ކައިރި އަގެއް އަޅުގަނޑުމެންނަށް އެބަ ލިބޭ. އެ އެންމެ ފުރިހަމަ އަގު ނުލިބިގެންދަނީ، މަސް ބޭރުކުރާ އެންމެބޮޑު ބައްރަކަށް މިއޮތީ ޔޫރަޕްގެ އިއްތިޙާދު. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި ހުރި ދީނީ ޘަޤާފީ ކަންތައްތަކެއް، އެމީހުން އެދޭގޮތަށް ބަދަލުނުކުރެވުނީމާ، އަޅުގަނޑުމެން އެތަންތަނަށް މަސް އުފެއްދުމުގައި، މަސް ވިއްކުމުގައި އެބަޖެހޭ ހުރަސްތަކެއް އަޅަން. އެބަހުރި ހުރަސްތަކެއް އަޅާފައި. ވިއްކާ މަހުގެ އަގަށް، މަހުގެ އަގުގެ ހަތަރުބައިކުޅަ އެއްބައި ޑިއުޓީއަށް ނެގީމާ، ވިޔަފާރިކުރާ މީހުންނަށް، ނޫނީވިއްޔާ ވިޔަފާރީގެ ވިސްނުން ހުންނަ މީހުންނަށް އެނގޭނެ، މިއީ ކިހާ ބޮޑު ބުރައެއްކަން. ކިހާ ބޮޑު ތަކުލީފެއްކަން.

 

އެހެންވީމާ %24ގެ ޑިއުޓީއާއެކީ އަޅުގަނޑުމެން އެހެން ޤައުމުތަކުން އެތެރެކުރާ މަސް އެޤައުމުތަކުން އެތެރެކުރާ މަސް އެބަ ލިބޭ ޒީރޯ ޑިއުޓީގައި، އެއްވެސް ޑިއުޓީއެއް ނުނަގާ، ޔޫރަޕްގެ އިއްތިޙާދުން އެބަ ވިއްކާ. އެއީ، މިސާލަކަށް އެމީހުން ޘަޤާފީގޮތުން ނޫނިއްޔާ އެމީހުން ތާރީޚީގޮތުން ގުޅިފައިހުރި ޤައުމުތަކުން ވިއްކާ އެއްޗެހި. ލޯމޭ ކޮންވެންޝަންގައި ހިމެނޭ ޤައުމުތައް މީގައި އުޅެނީ. އެފްރިކާ، ކެރީބިއަން ޕެސިފިކްގެ ޤައުމުތައް މީގައި ހިމެނޭ. އެއީ، ޒަމާނުއްސުރެ ޔޫރަޕްގެ އެކި ބާރުތައްގޮސް އިސްތިޢުމާރު ކުރި ޤައުމުތައް. އެ ޤައުމުތަކުން މި މަސް އުފައްދައިގެން ނޫނީ މިކަހަލަ އެއްޗެހި އުފެއްދީމަކާ އެ ޤައުމުތަކުން ޓެކްސްއެއް ނުނަނގާ، ޑިއުޓީއެއް ނުނަނގާ. އެހެންވީމާ، އެހެން ވިއްކާ މަހާ، އަޅުގަނޑުމެން މި ވާދަ ކުރަނީ %24 ދައްކައިގެން. އަދި ނުވިތާކަށް، މިހާރު އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން އެ ކުރައްވާ މަސައްކަތުން އަޅުގަނޑުމެންނަށް އިތުރަށް އުނދަގޫވެގެން މިދަނީ. އެތަންތަނުން ސެންކްޝަން ނޫނިއްޔާ އިތުރަށް އެކިއެކި ވިޔަފާރީގެ ފިޔަވަޅު އަޅާ ވާހަކަ ދައްކަވަމުން މި ގެންދަނީ.

 

އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، ރާއްޖެއަށް ބޭނުންވާ ކަންތައްތައް ރާއްޖޭގައި ކުރީމާ، އަޅުގަނޑުމެންނަށް ލިބޭ ފައިދާއަކީ،  އޭގެ އެންމެ ފުރަތަމަ ކަމަކީ، އޭގެ ހަމަ އަގު ލިބުން. ދެވަނަކަމަކީ، އިޤްތިޞާދުގައި އެތައް ބައިވަރު ތަފާތު ފައިދާ ތަކެއް ރާއްޖޭގެ މީހުންނަށް ލިބިގެން ދިޔުން. މަސް ކާރުޚާނާއަކަށް ވިސްނާލައިފިކަމަށްވަންޏާ އެތައް ބައިވަރު ވަޒީފާތަކެއް އުފެދިގެން އެ ދަނީ. އަދި އެ އުފުލުމާ، އެ ޕްރޮސެސްކުރުމުގެ ޓެކްނޮލޮޖީ އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެން އެބަދޭ. އެހެންވީމާ، އަޅުގަނޑަކަށް ނުވިސްނޭ، މިކަހަލަ ދާއިރާތަކަށް ވިސްނާކަމަށްވަންޏާ، ރާއްޖެއިން މި ކުރަން ބޭނުންވާ ގިނަ ކަންތައްތައް ރާއްޖޭގައި ނުކުރަންވީ ސަބަބެއް ނުވިސްނޭ. އެއަރޕޯޓަށް އެތައް ޚަރަދެއް ކޮށްގެން އަޅުގަނޑުމެންނަށް ބޭނުންވާ އެންމެ މުހިންމު އެއްވަސީލަތް މިވަނީ، މުޅި ޤައުމުގެ ނިސްބަތުން ބަލާކަމަށްވަންޏާ އެއަރޕޯޓް. އެތައް މަސައްކަތެއް، އަޅުގަނޑުމެންގެ ދިވެހިންގެ މަސައްކަތަށް އެކަނި ބެލިކަމުގައި ވިޔަސް އެތައް މަސައްކަތެއް، އެތައް މިލިއަން ޑޮލަރެއްގެ މަސައްކަތެއް ހަދާ ނިންމީމާ، އެ ވިއްކާލީމާ އެއީ، ދިވެހިންނަށް އެންމެ މަންފާ ކުރަނިވި ގޮތަކަށްނޫން އެކަން އެ ދަނީކީ. އެ އަނބުރާ ހޯދުމަށްޓަކައި ދިޔަ ފައިސާގެ އަދަދު އަޅުގަނޑު ދަންނަވާލިން. 320 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދޭ.

 

މިއަދު ވޭމަންޑޫގައި ތިޔަބޭފުޅުން ވިދާޅުވޭ، ވޭމަންޑުއަށް ބޭނުންވެފައި ދެން ހުރި ހުރިހާ ކަންތައްތައް ކިތައް ގުނަޔަށް އަޅުގަނޑަށް ކުރެވޭނެތޯ 320 މިލިއަން ޑޮލަރު އަނބުރާ އެމީހުންނަށް ދައްކާފައި އެ އެއަރޕޯޓް އަނބުރާ ހޯދަން މަސައްކަތް ނުކުރިނަމަ.  އެ އެއަރޕޯޓް އަޅުގަނޑުމެންގެ އަތްމަތީގައި އޮތްނަމަ، އަޅުގަނޑުމެން މި ހޭދަކުރާކަށް ނުޖެހޭނެ. އަދިވެސް ވޭމަންޑުއަށް ބޭނުންވެފައި ހުރި ކަންތައްތައް ހުރީ. ވޭމަންޑުއަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ތެރޭގައި  މިހާރު ނަރުދަމާގެ މަސައްކަތް ހަމަޖެހިގެންދާއިރު ހަމަ ތިޔަބޭފުޅުންވެސް ފެނުގެ ނިޒާމު ބޭނުންވާނެ. އަދި ފެނުގެ ނިޒާމު ހަމަޖެހެންދެންވެސް ބޯފެން ރައްކާކުރެވޭނެ، އަދި ބޯފެން އުފެއްދޭ ގޮތަށް އާރުއޯ ޕްލާންޓްގެ ނިޒާމު ޤާއިމުކުރަންވެސް ބޭނުންވާނެކަން އަޅުގަނޑަށް އެނގޭ. އިރާދަކުރެއްވިއްޔާ ހަމަ އެކަންތައްތައްވެސް ކޮށްދޭނީ މި ސަރުކާރުން. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ވޭމަންޑުއަށް ކޮށްދޭނަން.

 

އެކަމަކު އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، ކުންފުނިތަކުގެ ތެރެއިން އެސް.ޓީ.އޯ.ކަހަލަ ކުންފުނި ކުޑަ ކުރީމާ ދެން ނުކުންނަ މައްސަލައާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާށޭ. މިކަހަލަ ރަށްރަށަށް ބަލައިފިކަމަށްވަންޏާ މާލެއިން ބޭރުގައި މިހުންނަ ރާއްޖޭގެ އެކިހިސާބުގައި ހުރި ރަށްރަށުގައި އެންމެ ގިނަ ވަޒީފާ އުފައްދަނީ ސަރުކާރުގެ ކުންފުނިތަކުން. ސަރުކާރުގެ މި ކުންފުނިތައް ކުޑަކޮށްލީމާ، ނޫނީ ބަންދުކުރީމާ ނޫނީ ވިޔަފާރީގެ ފައިދާ ނުލިބޭވަރަށް އެމީހުން އޮޕަރޭޝަނަލް މަސައްކަތްތައް ކުޑަކުރީމާ ދެން ހަމަ ނުކުންނާނެ އެހެން  އެއްވެސް ނަތީޖާއެއް ނޯންނާނެ. ކުންފުނިން ވަޒީފާއިން މީހުން ވަކިކޮށްފައި ދޫކުރުން ފިޔަވައި އެއްވެސް ކަމެއް ނޯންނާނެ.

 

މިފްކޯއަށް މިކަން ދިމާވިގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. މީގެކުރީގެ ސަރުކާރުތަކާ ހަމައަށް، އެމް.ޑީ.ޕީ. ސަރުކާރާ ހަމައަށް އައިރު މިފްކޯއަކީ، މަސްވެރިކަމުގެ ހުރިހާ މަސައްކަތެއް އެކުލެވޭ ކުންފުންޏެއް. އެކަމަކު އެމް.ޑީ.ޕީ.ގެ ސަރުކާރު އައުމާއެކީ މިފްކޯގެ މަސައްކަތްތައް ތިން ދާއިރާއަކަށް ބަހާލައިފައި، ތިން ކުންފުންޏަކަށް މިފްކޯ ހެދި. ހަދާލާފައި، އޭގެ ތެރެއިން އެންމެ ފައިދާވާ ކުންފުނި ވިއްކާލަން މަސައްކަތްކުރި. މިއަދު މިފްކޯއަށް ޖެހިގެންއުޅޭ އުނދަގޫތަކުގެ ތެރޭގައި އެންމެ ބޮޑުކަމަކަށް މިވީ، މި ތިން ކުންފުނި، ނޫނިއްޔާ  މި ބޮޑު ތިން ފަންކްޝަން އެއް ފަންކްޝަނަކަށް ގެނެސްފައި، އަނެއްކާވެސް މިފްކޯއާ މިކަން ކުރަން ޙަވާލުކުރީމާ ދުވަސްތަކެއް މި ނަގަނީ، ފައިދާ ހޯދުމަށްކުރާ މަސައްކަތުގައި.

 

އެހެންނަމަވެސް، ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓުވެގެން ދިޔައިމާ، ކުދިވެގެން ދިޔައިމާ ނުކުންނާނެ މައްސަލައަކީ މިދެންނެވީ. ފުރަތަމަ ކަމަކީ، ދިވެހި ޕްރޮޑަކްޓެއް ނުނުކުންނާނެ. ދެވަނަ ކަމަކީ، ދިވެހިންނަށް ވަޒީފާ ދޭނެ ފުރުޞަތުތައް ހަނިވެގެން އެދަނީ. އަޅުގަނޑުމެންގެ ސަރުކާރުގައި މިހާތަނަށް 76,000 ވަޒީފާ އުފައްދައިފީމޭ. އަޅުގަނޑު މިދަންނަވަނީ މިދެންނެވި ކަހަލަ ހިސާބުތަކަށް ބިނާކޮށް. ކުންފުނިތަކަށް އެތައްހާސް އެތައް ސަތޭކަ މީހުންނެއް އިތުރު ވަޒީފާއަށް ނަގައިފި. ހަމަގައިމުވެސް މި 76,000 ވަޒީފާއަށް ބަލައިކަމަށްވަންޏާ، މި ވަޒީފާ ތަކުގައި އުޅޭ ކުދީންގެ ޢާއިލާތަކަށް ބަލައިފިކަމަށްވަންޏާ، މީގެކުރީގައި ދުވަހަކުވެސް ޢާއިލާތަކަށް ނުލިބޭވަރުގެ އާމްދަނީއެއް ލިބިގެން އެތައް ޒުވާނުންނަކަށް ވަޒީފާލިބިގެން އެދަނީ.

 

ކުރިއަށްއޮތްތާނގައިވެސް އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި މިވާހަކަ ދައްކަނީ ދިވެހި ޒުވާނުންނަށް ދިވެހިންނަށް އިތުރު ވަޒީފާތައް ލިބިގެން ދިޔުން. އަދި ހަމައެހެންމެ، މިހާރު ރިޓަޔަރކޮށްފައިތިބި މީހުންނަށް 65 އަހަރުންމަތީ މީހުންނަށް، އިޚްތިޔާރީގޮތުން އަޅުގަނޑު ބުނިން ޤާނޫނަށް އިޞްލާޙެއް ގެނެސްދޭނަމޭ. އެމީހުންގެ ތެރެއިން މަސައްކަތަށް ނުކުންނަން، އެމީހުން ތެރެއިން ޚިދުމަތަށް ނުކުންނަން ބޭނުންވާ މީހުންނަށް ޚިދުމަތަށް ނުކުމެވޭނެގޮތް ހަދައިދޭނަމޭ. ޚިދުމަތަށް ނުކުންނަން ބޭނުންވާ މީހުން ޚިދުމަތަށް ނުކުމެއްޖެކަމަށްވަންޏާ އެމީހުންނަށް ލިބޭނެ މިހާރު އެލިބޭ އިމްތިޔާޒަށްވުރެ ޢިނާޔަތަށްވުރެ  ބޮޑު އާމްދަނީއެއް ލިބިގެންދާނެ. އެއްގޮތަކަށްވެސް އެމީހުންގެ ޢިނާޔަތް ކުޑައެއްނޫންވަނީ. އެމީހުންގެ ޢިނާޔަތް އެތައްބޮޑުތަނެއް އިތުރުވެގެން އެ ދަނީ. ދިވެހި ސަރުކާރެއްނޫން، ތަބީޢީކަމެއް މިއީ. އެއްވެސް ބަޔަކު އުޖޫރައެއް ނުލިބޭގޮތަށް މީހުން ލައްވާ މަސައްކަތެއް ނުކުރުވާނެ. އެހެންވީމާ، 65 އަހަރު ވެގެން ރިޓަޔަރވެފައި ތިބި މީހުން، އެމީހުން ރިޓަޔަރމަންޓުން ނުކުންނަން މަޖުބޫރު ކުރަނީކީ ނޫން. އެމީހުންނަށް އިޚްތިޔާރެއް މި ލިބެނީ.

 

އޭގެ ތެރޭގައި މަސައްކަތަށް ނުކުންނަން ބޭނުންވާ ގިންތިތަކާ، ފެންވަރު ހުރި މީހުން މަސައްކަތަށް ނުކުންނަން އިޚްތިޔާރުކުރާ މީހުން ސަރުކާރުގެ ވަޒީފާތަކުގައި ގެންގުޅޭވާހަކަ އަޅުގަނޑު މި ދެއްކީ. އަދި ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ގެންގުޅޭ ވާހަކަ. އޭގެ ތެރެއިން މަސައްކަތަށް ނުކުންނަން ބޭނުން ނުވާ މީހުންނަށް މިހާރު ވެސް އެއޮތްގޮތަށް ލިބިގެންދާ ޢިނާޔަތް ލިބިގެންދާނެ. އެކަމަކު، މަސައްކަތަށް ނުކުމެއްޖެކަމަށްވަންޏާ ޝައްކެއްވެސް ނެތްގޮތުގައި، މިހާރު ލިބޭ ޢިނާޔަތް ގުނަވެގެން އެމީހުންނަށް އެ ލިބެނީ.

 

އެކަމަކު މިވާހަކަ ވެސް ރައްޔިތުންނާ ހަމައަށް މި ގެންނަންޖެހެނީ އޮޅުވާލައިގެން. ކޮން ކަމެއްތޯ އޮޅުވާލާންވީ. އާ އީޖާދެއް، އާ ވާހަކައެއް ދައްކައިގެން  ރައްޔިތުންނަށް އެ ވިއްކަންވީނޫންތޯ. އަޅުގަނޑުމެންކުރާ މަސައްކަތް ރައްޔިތުންނަށް އޮޅުވާލައިގެން ދެއްކުމުގެ ކޮބައިތޯ ބޭނުމަކީ. އޮޅުވާލާއިރަށް ރައީސް ޔާމިން ނޫނީ އަޅުގަނޑު ޕާޓީ މީހުން އޭތި އޮޅުންފިލުވައިދޭނެ. އެހެންވީމާ، އޮޅުވާލުމުގެ ބޭނުމެއް ނެތެއްނޫންތޯ. ކީއްކުރަންތޯ އޮޅުވާލަން މި އުޅެނީ. އެއަށްވުރެ މާ ރަނގަޅުވާނެ އެބޭފުޅުންވެސް އީޖާބީ މަސައްކަތެއް ކުރެއްވިއްޔާ. އެބޭފުޅުން ވިދާޅުވެދެއްވަންވީ މި 65 އަހަރުން މަތީގެ މީހުންނަށް ރައީސް ޔާމިން ހުށަހެޅި އޮޕްޝަނަށްވުރެ، ހުށަހެޅި ޗޮއިސްއަށްވުރެ ރަނގަޅު ކަމެއް ތިމަންނަ ކޮށްދޭނަމޭ. އެކަން އެބޭފުޅުން ވިދާޅުވެދެއްވަންވީ. އޭރުން އަޅުނގަޑު ދުވަން ޖެހޭނީ އެބޭފުޅުންގެ އެޖެންޑާގެ ފަހަތުން. އެކަމަކު އެހެންނެއްނޫން މިވަނީ. އަޅުގަނޑުމެން ކަންތައްތައް ކުރަން ބުނީމާ އެއްކަމަކީ އެކަން އޮޅުވާލުން. އަނެއްކަމަކީ، އިތުރަށް ކޮށްދޭނަމޭ ބުނުން. އެހެންވީމާ، ވޭމަންޑޫގައި ވެސް ވިދާޅުވާނެ ނަރުދަމާ އަޅައިދެއްވާނަމޭ. އެކަމަކު އަޅުގަނޑަކަށް ހިއެއް ނުވޭ ވޭމަންޑޫގައި އިތުރު ނަރުދަމާއެއް ދެން ބޭނުންވާނެހެނެއް.

 

އެހެންވީމާ، އަޅުގަނޑުމެން ރަށްރަށަށް އައިމާ ރައްޔިތުންގެ ބޭނުންތައް މި އިތުރުވެގެން ދާއިރު މި ހުރިހާ ކަމެއް އައިސް ނިމެނީ ކޮން ގޮތަކުންހޭ ފައިސާ ހޯދަނީ މިކަންކަން ކުރަން. ރައީސް ޔާމިން މެނިފެސްޓޯގައި ފައިސާ ހޯދާނެ ގޮތްތަކެއް އެބަ ކިޔައިދޭ. މިރަށްރަށަށް އައިމާ ޒުވާނުންނަށް ވަޒީފާ ބޭނުންވާ ވާހަކަ އެބަ ބުނޭ. އަޅުގަނޑުމެންގެ އެއަރޕޯޓް ބޮޑުވެގެން ދިޔައިމާ އަޅުގަނޑުމެންނަށް އެބަ އެނގޭ، ރިޒޯޓުތައް އިތުރުވެގެންދާންވާނެކަމަށް. އެހެންވީމާ، ކީއްކުރަން އަޅުގަނޑުމެން ދައްކާ ވާހަކައެއްތޯ. ރާއްޖެއަށް ބޭނުންވާވަރަށްވުރެ ގިނަ ރިޒޯޓްތައް ރައީސް ޔާމީން އުފައްދަނީއޭ. މިހާރުވެސް ރައީސް ޔާމީންގެ ފަސް އަހަރު ތެރޭގައި 160 ރަށްދީފައި އެބައޮތޭ. އެރަށްރަށެއް ހެދިފައެއް ނެތޭ. އެ ހެދިފައި ނެތީ، އެ ސަޕްލައިކުރާވަރަށްވުރެ ނޫނީ ރިޒޯޓް ނުކުތްވަރަށްވުރެ، ރިޒޯޓަށް އޮތް ޑިމާންޑް ކުޑަވެގެންދިޔުމޭ. ރިޒޯޓަށް އޮތް ޑިމާންޑް ކުޑައެއް ނުވޭ. 8 މިލިއަން ފަސިންޖަރުން ހެންޑްލްކުރާ ހިސާބަށް ދިވެހިރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓް ހެދިގެންދާއިރު އަޅުގަނޑު ދަންނަވާނީ 160 ގުނަކުރަން ބޭނުންވާ އަދަދަށް ރިޒޯޓް ހަދަން ޖެހޭނެއޭ. އަދި ދިވެހި ޒުވާނުންނަށް ވަޒީފާ ލިބޭނީ ރިޒޯޓްތައް އިތުރުކޮށްގެން.

 

ރިޒޯޓްތައް ނުހެދި ހުންނަ ސަބަބުތަކުގެ ތެރެއިން އެއް ސަބަބު ދެންމެ ޠާރިޤް އެވިދާޅުވީ. މިއަތޮޅުގައި މި އޮތީ އެލާ. އެ ނުހެދިގެން އެ އުޅެނީ އެ ރިޒޯޓް ހަދާނެ މީހަކު ނުވެގެންތޯ. އެއަށްވުރެ މާ ފަހުން އަޅުގަނޑުމެން ރިޒޯޓް ހަދަން ދީފައި ހުރި ރަށްރަށް ނަގައިގެން މީހުން އެހެރީ ރިޒޯޓް ހަދާފައި. އަދި އޭގެ ތެރެއިން ކޮބައިތޯ ބައެއްމީހުން ހަދާފައި ހުންނަ ރިޒޯޓްތައް، އެ ރިޒޯޓްތައް ގަނެފައި އަދި ރިޒޯޓަށް ފަސިންޖަރުން ގެނައުމަށްޓަކައި އަމިއްލަ ޚަރަދުގައި ސަރުކާރުން އެންމެ ލާރިއެއް ހޭދަނުކޮށް ބައިނަލްއަޤުވާމީ އެއަރޕޯޓު ހަދާފަރާތްތައް މިހާރު ދިވެހިރާއްޖޭގައި އެބަ އިންވެސްޓް ކުރޭ. ނ އަތޮޅު މާފަރުގެ އެއަރޕޯޓަކީ، މީގެ ހަމަ ލާމަސީލު މިސާލެއް. ސަރުކާރުން އެންމެ ލާރިއެއް ހޭދަނުކޮށް ބައިނަލްއަޤުވާމީ އެއަރޕޯޓެއް ހަދާފައި އެ ނިންމީ. އަދި ނިންމާފައި އެއަރޕޯޓުގެ ޚަރަދު ދެކޮޅުޖެއްސުމަށްޓަކައި އިންވެސްޓަރުގެ ޚަރަދުގައި ސިޓީ ހޮޓަލެއްވެސް އެ އަޅާ އެ ނިންމީ. ސިޓީ ހޮޓަލް ހިންގަން ސަރުކާރުން ޙަވާލުވާނެ.

 

އެހެންވީމާ، ދިވެހިރާއްޖެއަށް މީހުން އައިސް މަސައްކަތް ކުރަން މީހުން އެބަ ބޭނުންވޭ. އެކަމަކު މަސައްކަތް ކުރަން ބޭނުންވާއިރު ޒުވާނުންނަށް ވަޒީފާތަކެއް އުފެދެންޖެހޭ. މަސައްކަތް ކުރަން ބޭނުންވާއިރު، ރާއްޖޭގެ ސަރުކާރާ ދޭތެރޭގައި އޮންނަ އިތުބާރެއް އެބަ އޮންނަންޖެހޭ. ރާއްޖޭގެ ސަރުކާރުގެ ސިޔާސަތުތަކާ ދޭތެރޭ އޮންނަންޖެހޭ އިތުބާރެއް އޮންނަންޖެހޭ. އެހެންވީމާ، ރިޒޯޓް މާ ގިނައިން ދޫކޮށްގެން، އެއީކީނޫން މައްސަލައަކީ.

 

ރިޒޯޓް ދޫކޮށްގެންއުޅޭ ފަރާތްތައް ރިޒޯޓް ނަހަދާ ސަބަބާ ހަމައަށް ދަމާ ހިންގަވާ. ކީއްކުރަންތޯ ރިޒޯޓް ހަދަންވީ. މިހާރު މިއަތޮޅުގައި އޮތް އެލާވެސް ނެނގޭނެ ގޮތެއް ނެތެއްނޫންތޯ. ހަމަ ޝައްކެއްވެސްނެތް. އެބޭފުޅުންވެރިކަމަށް ވަޑައިގެންފިކަމަށްވަންޏާ މި އެލާ ނެނގޭނެ ގޮތެއް ނޯންނާނެ. ދެންމެ ތާރިޤް ވިދާޅުވީ އެތަން ގެންގުޅުއްވަނީ ޤާސިމް އިބްރާހީމޭ. އެހެންވީމާ، ޤާސިމް އިބްރާހީމްގެ ނަޒަރުން ވިސްނާލަންވީ ކީއްވެގެންތޯ ސިޔާސީގޮތުން އެހާ ހަރާކަތްތެރިވަޑައިގަންނަންވީ. މިތަނުގައި ރިޒޯޓް ހަދަން ރަށް. ޖެހިގެން އޮތް އަތޮޅުގައި ރިޒޯޓް ހަދަން 5 ފަޅު. މާލެއަތޮޅުން ރިޒޯޓް ހަދަން 20 ފަޅު. މިހެން ނަންގަވާފައި ހުރިއްޔާ އެ ފަޅުތަކާއި ރަށްތަކާ ބަހައްޓަން ބޭނުންކަމަށްވަންޏާ އެބަޖެހޭ ސިޔާސީގޮތުން ހަރަކާތްތެރިވާން. އެހެންނޫނިއްޔާ އެތަންތަން ނެގިގެންދާނެ. މިތަންތަން ދޫކޮށްފައިހުރިއިރު ދޫކޮށްފައި ހުރިތާ ދެ އަހަރުގެ ތެރޭގައި ހެދިއްޖިއްޔާ މިތަންތަނުން ވަޒީފާ ލިބިގެންދާނެ.

 

ޤާނޫނާ ޝަރީޢަތާ އެއީ އެކައްޗެއް. އަޅުގަނޑު އެއަށް ހަމަ ޖަވާބެއް އަރުވާނަން. އެކަމަކު ރައްޔިތުން ބޭނުންވަނީ، ރިޒޯޓް ދިނީމާ އެންމެ އަވަސް މުއްދަތުގައި އެ ރިޒޯޓް ހުޅުވިގެން ރިޒޯޓުން ލިބެންވާ ފައިދާ، ރައްޔިތުންނަށާއި ދައުލަތަށް ލިބިގެން ދިޔުން. އެކި ސަބަބުތައް މެދުވެރިކޮށް، ޤާނޫނީ އެކި ކަހަލަ ސަބަބުތައް މެދުވެރިކޮށްގެން ރިޒޯޓެއް ނަގާފައި، ރިޒޯޓެއް ހަދަން ރަށެއް ނަގާފައި 10 އަހަރު 12 އަހަރުވެގެން ދިޔައިމާ ޤާނޫނީ މަރުޙަލާތަކުގެ ތެރޭގައި ހަމަދައްކައިގެން އެކަންކަމުން ރެކިގެން އުޅެވިދާނެ. އެކަމަކު ރައްޔިތުންގެ ކޯޓުގައި އެއީކީ ޤަބޫލު ކުރާނެ ޢުޒުރެއް ނޫން. އެއީ، އެތަން ހެދެންވާނެ 24 މަސް ދުވަހުގެ ތެރޭގައި އެންމެ ލަސްވެގެން. މިހާރު މި ދޫކުރާ ރިޒޯޓްތައް މިދެނީ 18 މަސް ދުވަސްގެ ތެރޭގައި ހަދަން. އެ ރިޒޯޓް ހެދުނީމާ މިސާލަކަށް މިތަނުގައި އެލާއިން މި ހެދެނީ، ސަތޭކަ ބެޑްކަމަށްވަންޏާ އަޅުގަނޑު މިދައްކަނީ އެތައް ވަޒީފާއެއްގެ ވާހަކަ. ސަތޭކަ ބެޑް ކަމަށްވަންޏާ އެންމެ ކުޑަމިނުން އަޅުގަނޑުމެން ދައްކާނީ ގާތްގަނޑަކަށް 150 ނޫނީ 200 އާ ވަޒީފާގެ ވާހަކަ. އަދި އެ 200 އާ ވަޒީފާއާ ގުޅިގެން އެއާ ގުޅިފައި ހުރި އެތައް ބައިވަރު ޞިނާޢަތްތަކެއް އެބަ އުފެދިގެންދޭ. އެހެންވީމާ، ހަމަ ގައިމުވެސް އެލާ މިތަނުގައި ހުޅުވިފައި އޮތްނަމަ، އޭގެ  ނަފާ ލިބިގެންދާނީ، ދިވެހި ޒުވާނުންނަށް. އެހެންވީމާ، އެކަންކަން ނުވެ އޮތުން ޤާނޫނީހަމަ ދައްކާފައި ކޯޓުތަކުގެ ތެރެއިން ޤާނޫނީ ހަމަ ހުރީމާ އެބޭފުޅުންނަށް ރިޒޯޓު ނަހައްދަވާ ތިއްބެވިދާނެ. އެކަމަކު، ޝައްކެއްވެސްނެތްގޮތުގައި ރިޒޯޓް ހެދުމަށްޓަކައި ރަށް ދިން ބޭނުމެއް ސަރުކާރަކަށްވެސް ފުދިގެނެއް ނުދޭ. އަދި ރައްޔިތުންނަކަށްވެސް އޭގެ ފައިދާ ލިބިގެންނެއް ނުދޭ.

 

އެކަހަލަ ސަބަބުތައް ހުރީމާ، ސިޔާސީ ބޭފުޅުން އޭގެ ފައިދާ ނަންގަވައިގެން ސިޔާސީ ބުރަދަނުގެ ފައިދާ ނަންގަވައިގެން، މިކަހަލަ ކަންކަމުން ރެކިވަޑައިގަންނަވައިގެން އެ ތިއްބަވަނީ. އެހެންވީމާ، އެބޭފުޅުންނެއް އަޅުގަނޑަށް އެނގޭ އަޅުގަނޑާ ގުޅިވަޑައެއްނުގަންނަވާނެކަން. އެއީ، އެންމެފަހުންވެސް އެހެންހުރި ފަޅުތައް ނެގުމުގެ މަޝްރޫޢެއްގެ ތެރެއިން އަސްލުގައި ޚިޔާލު ތަފާތުވެގެން މި އުޅެނީ. އެކަމަކު މިހެން ފަޅުތައް ދޫކޮށްލާފައި ރަށްތައް ދޫކޮށްފައި އޭގެ ފައިދާއެއް ރައްޔިތުންނަށާ ސަރުކާރަށް ނުލިބޭގޮތަށް ބަލަހައްޓައިގެން ހުރުމަކީ އަޅުގަނޑަކަށް ފަސޭހަކަމެއްނޫން. އެހެންވީމާ، ސަރުކާރާ ޙަވާލުވުމަށްފަހު އެންމެ ފައިސާ ފޮއްޗެއްގައިވެސް ނުޙައްޤުގޮތުން ނުޖެހޭނަމޭ ވިދާޅުވުމަކުން އަދި މިކަމެއް އެއްގޮތަކަށްވެސް ނުފުދޭ.

 

އެއްވެސް ރައީސަކު، ސަރުކާރެއް އުފެދުމަށްފަހު ފައިސާއަކު ނުޖެހޭނެ. އެކަމަކު އޭގެ މާނައަކީ، އެއްގޮތަކަށްވެސް ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ނުހިނގާ ގޮތަކަށް އެ ސަރުކާރުގެ ކަންތައް ތަރުތީބު ކުރެވުނީކީނޫން. އެކަން ކުރެއްވޭނެ ބޭފުޅެއް ހުރިކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއީ، އިންސާނީ ޠަބީޢަތުގައި ހުންނަ ބަލިކަށިކަމެއް. އެކަން ހިނގާނެ. އެކަމަކު ކުރަން ކެރެންޖެހޭނެ ކަމަކީ، އެކަހަލަކަމެއް ކޮށްފިކަމަށްވަންޏާ ފިޔަވަޅުއެޅުން. އިންސާނުންގެ ބުއްދީގެ ހަމައިން، ޖޭޕީގެ ލީޑަރު އަދި ޖޭޕީއަކީ މި ކޯލިޝަނުގެ ތެރޭގައި އެހާ ބާރުގަދަ، ނުފޫޒުގަދަ ބަޔަކަށް ވަންޏާ، ދެން ތިޔަބޭފުޅުން އަޅުގަނޑަށް ވިސްނައިދެއްވާ، ފަސޭހަކަމާއެކީ އެލާ މި ކޯލިޝަނުން އަނބުރާ ސަރުކާރަށް ނެންގެވޭނެ ގޮތެއް ވިދާޅުވެދެއްވާ. މިކަހަލަ ސީދާ ސުވާލު އަޅުގަނޑުމެން ކުރީމާ މީގެ ޖަވާބު ލިބޭނީ. އެއީ ނުނެގި އޮންނަ ކޮންމެ ދުވަހަކީ ކޮރަޕްޝަނުގެ ލާރިތަކެއް. އެއީ ޝައްކެއްވެސްނެތް، މަޤާމާ ނުފޫޒުގެ ބޭނުންކޮށްގެން ރަށްރަށް ނުނެގިދަނީ. ނުހެދިހުރި ފަޅުތަކާ ނުހެދިހުރި ރަށްތައް ނުނެގި ލަސްވާކަމަށްވަންޏާ އެއީ، ނާޖާއިޒު ފައިދާއެއް ކޮންމެވެސް ބަޔަކަށް ލިބެނީ. އެއީ ކޮރަޕްޝަން. އެއީ ކޮރަޕްޝަންގެ ސީދާ ފައިސާ ހިންގަން ހުންނަ މީހެއްގެ ޖީބަށް ނުވަތްކަމުގައިވީނަމަވެސް އެއީ މުޅި ސިސްޓަމަށް، މުޅި ނިޒާމަށް ބަލާކަމަށްވަންޏާ ކޮރަޕްޝަން އެއީ.

 

އެހެންވީމާ، މިކަންކަމުން އަޅުގަނޑުމެންނަށް އެބަ އެނގިގެންދޭ ކިހިނެއްތޯ މިކަންކަން ޙައްލުކުރާނީ. އަޅުގަނޑަކަށް ނުވިސްނޭ ތިމަރަފުށީގައި ވާހަކަދައްކަމުން އަޅުގަނޑު ދެންނެވިން ހަމަ މިކަހަލަ ބައެއް ވާހަކަ. އެވާހަކަތައް މިރަށުގައި ތަކުރާރު ކުރާކަށް ނެތީން. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ކުރަންބޭނުންވާ އެންމެބޮޑު މަސައްކަތަކީ، ދިވެހި ޒުވާނުންނަށް، ދިވެހިންނަށް އިތުރު ވަޒީފާ އުފައްދައިދިނުމުގެ ފުރުސަތޭ. ވަޒީފާއެއް ނުއުފެއްދޭނެ އިޤްތިޞާދު ވަރުގަދަވެގެންނޫނިއްޔާ. އިޤްތިޞާދު ވަރުގަދަވާކަމަށްވަންޏާ، އިޤްތިޞާދު ދަމަހައްޓަންހުރި ސަރުކާރުގެ ކުންފުނިތައް އެބަޖެހޭ ވަރުގަދަވާން. އެ ކުންފުނިތައް އެއްގޮތަކަށްވެސް ބިމާ ހަމައަށް ތިރިކުރުމެއްނޫން އިޤްތިޞާދު ވަރުގަދަވެގެން ދިޔުމަކީ. އިޤްތިޞާދު ވަރުގަދަވުމުގައި، ފޮތްތަކުގައި ހުންނާނެ އަމިއްލަ ވިޔަފާރިތަކެއް ވަރުގަދަވެގެން ދާނެކަމަށް. އެކަމަކު ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ރަށެއްގައި އަމިއްލަ ވިޔަފާރީގެ އިތުރަށް، ސަރުކާރުގެ ވިޔަފާރިތައް ހުންނަންވާނެ. އަމިއްލަ ވިޔަފާރިއަށް އެކަނި ބަރޯސާވެގެން މިކަންކުރަންޏާ އަޅުގަނޑަށް ތިޔަބޭފުޅުން ދައްކަވައިދެއްވާ ކީއްވެގެންތޯ މިއޮތްހާ ޒަމާންވެގެން ދިޔައިރު ސަރުކާރުގެ ފަރާތުން ކުންފުންޏެއް އުފައްދައިގެން، ނާޞިރު ޒަމާނުއްސުރެ ކާޑު ގެންނަ އެއް ކުންފުންޏަކަށް މިވަނީ އެސް.ޓީ.އޯ. ސަރުކާރުން ކާޑު ގެންނަނީ. އެކަމަކު އެއީ، އަމިއްލަ މީހުންނަށްވެސް ކުރުން ހުއްދަ އޮންނަކަމެއް. ކާކުތޯ؟ އެއްވެސް އިރަކު މަނައެއްނޫން، ކާޑު ގެނައުން އަމިއްލަ މީހުންނަކަށް. މިއަދުވެސް ގެންނަންވީ. އެކަމަކު ރައްޔިތުންނަށް އެބަ ކަށަވަރުވާންޖެހޭ ރާއްޖެއިން ކާޑު ހުސްނުވެ ހުންނާނެކަން. އެ ކަށަވަރުކަން، އަޅުގަނޑު ދަންނަވާނީ ހަމަ ސަރުކާރުން އެކަންޏެއްނޫނޭ، ކާޑު ގެންނަ އަމިއްލަ ފަރާތްތަކުންވެސް އެބަ ބުނެދޭންޖެހޭ. އެކަމަކު މިއަދުވެސް ގަދަވެގެން ވޭމަންޑޫއަށް ކާޑުނުގެނެވިއްޖެ ކަމަށްވަންޏާ، ކޯސްޓްގާޑުގައި ނަމަވެސް ކާޑު އުފުލައިދެނީ ހަމަ ސަރުކާރުން. އަމިއްލަ ވިޔަފާރި ކުންފުނިތަކަކަށް މިކަންކަމެއް ނުކުރެވޭނެ.

 

 އެހެންވީމާ، މިހެންހުރި ކުންފުނިތަކުގެ މަސައްކަތްތައް ކުޑަކޮށްފައި ވަޒީފާގައިއުޅޭ މީހުން ކަނޑާލާ ހިސާބަށް ދިޔައިމަ އަޅުގަނޑުމެން މިކަހަލަ ދުރު ރަށްރަށުގައި ތިބޭ މީހުން، އަދި ކަނޑު ގަދަވީމަ، މޫސުމަށް އަންނަ ބަދަލާ ގުޅިގެން ގޮނޑުދޮށަށް ލިބޭ ގެއްލުމުގެ އިތުރަށް، ކާޑު ގެނައުމާއި ކަރަންޓު ދިނުމަށްޓަކައި ބޭނުންކުރާ ޑީސަލް ގެނައުމާ، މިކަހަލަ ކަންކަމުގައި ދަތުރުފަތުރުގެ އުނދަގޫ އިޙްސާސް ކުރަންޖެހޭކަން އެނގޭއިރު ރައްޔިތުން ގަބޫލުކުރަންވާނެ. މިއަދު އެކަންކަން އެ ކުރެވެނީ، ސަރުކާރުގެ މިފަދަ ކުންފުނިތަކުގައި މި ހަކަތަ ހުރީމަ. މިތަންތަނަށް މިގެންނަ އެއްޗެހި ގެންނަނީ، އަމިއްލަ ކުންފުނިތަކަކުންނެއްނޫން. މިގެންނަނީ ހަމަ ސަރުކާރުގެ ކުންފުނިތަކުން. އެހެންވީމާ، 24 ގަޑިއިރު ކަރަންޓު ލިބިގެންދަންޏާ، އެދަނީ ސަރުކާރުގެ ތެރެއިން. ވޭމަންޑޫގައިވެސް އަޅުގަނޑު ގާއިމުކުރިން 24 ގަޑިއިރު ކަރަންޓު. އެހެންނަމަވެސް، އަޅުގަނޑަށް އެނގޭ، ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސް ކަރަންޓު ކެނޑެމުންދާގޮތަށް ވޭމަންޑޫގައިވެސް ކަރަންޓު ކެނޑެމުންދޭ. އެކަމަކު މީގައިވެސް އުފާވެރި ޚަބަރު އަޅުގަނޑު ދަންނަވާނަން. އަޅުގަނޑުމެން ރާއްޖޭގައި މި ކަރަންޓު ކެނޑެމުންދާ ރަށްރަށަށް އަޅުގަނޑުމެން ޗައިނާ ސަރުކާރާއެކީ ވަރަށް ގިނަ ވާހަކަ ދައްކައިގެން އަޅުގަނޑު ހަނދާންވާގޮތުން ވެއްޖެއްޔާ ގުރައިދޫން އަޅުގަނޑާ ދިމާވި، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ލަމްމާން. ލަމްމާން އަޅުގަނޑަށް ކަށަވަރުކަންދިން، މިހާރު މާލޭގައި އެބަހުރި އަޅުގަނޑުމެން ގެނައި 34 ޖަނަރޭޓަރު. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ޚާއްޞަ އިޙްތިފާލެއްގައި، ޚާއްޞަ ފަންކްޝަނެއްގައި މި ޖަނަރޭޓަރުތައް ރާއްޖެތެރޭގެ އެކި ހިސާބުތަކަށް އަންނާނެ. އަންނައިރު، ވޭމަންޑޫގެ ރައްޔިތުންވެސް ގަބޫލުކުރައްވާ، ވޭމަންޑޫގައި މިހާރު ކަރަންޓުގައި ތިޔަ ޖެހިގެންއުޅޭ މައްސަލަ އިރާދަކުރެއްވިއްޔާ ޙައްލުވެގެންދާނެ.

 

އަޅުގަނޑުމެންގެ އިދިކޮޅު ވާދަވެރިން ދައްކަވާ ވާހަކައަށް އަޅުގަނޑުމެން ސިޔާސީ ޕޯޑިއަމްތަކުގައި ރައްދުދޭންޖެހޭ ސަބަބަކީ، ކޮންމެހެން އެއަށް ރައްދުދިނުމުގައި އެހާބޮޑު ބޭނުންތަކެއް އޮންނާތީކީނޫން. ޠާރިޤުވެސް ވަރަށް ގިނަ ކަންކަމަށް ރައްދު އެ ދެއްވީ. އަޅުގަނޑަށް އަޅުގަނޑުގެ މަސައްކަތް ވަރަށް ފަސޭހަވެގެންވެސް އެބަދޭ. އެކަމަކު އަޅުގަނޑު ހަމަ ވޭމަންޑޫގައިވެސް ދަންނަވާލަން ބޭނުންވާ ވާހަކަ އެބައޮތް. މިހެން ހުންނަ ކަންތައްތަކަށް އަޅުގަނޑުމެން ދައްކާފައި ހުންނަ ވާހަކަ ފުރޮޅާލައިގެން، މާނަ މުޅިން އެހެންގޮތަކަށް ބަދަލުކޮށްލައިގެން، ނޫނިއްޔާ ދައްކާ ވާހަކަ އެހެންގޮތަކަށް ބަދަލުކޮށްލައިގެން ދެއްކީމާ އެއަށް ރައްދު ނުދޭކަމަށްވަންޏާ ވޯޓުލާން ތިބޭ ރައްޔިތުންނަށް އޮޅިގެންދަނީ. އަދި ރައްޔިތުންގެ މަންފާއަށްޓަކައި، ރައްޔިތުންގެ އެކި ގިންތިތަކުގެ ފައިދާއަށްޓަކައި، ސަރުކާރުން އިޢުލާނު ކުރާ އިޢުލާނު ކުރުންތައް ބަދަލުކޮށްލައިގެން ވާހަކަ ދެއްކީމާ ހަމަ ޙަޤީޤަތުގައިވެސް ސުވާލުއުފެދޭ.

 

އަޅުގަނޑަށް އެނގޭ 65 އަހަރުން މަތީގެ އެތައް ބައިވަރު ދޮށީ ރައްޔިތުންތަކެއް މި ސުވާލު އެބަ އުފައްދަވާ. މިއީ ހަމަ ތެދެއްބާއޭ. ރައީސް ޔާމީން ދެން އެ ގެންނަންއުޅޭ އިޞްލާޙެއްގެ ސަބަބުން ތިމަންނަމެންނަށް މިހާރުވެސް މި ލިބޭ ޢިނާޔަތް ކެނޑިގެންދާނެބާއޭ. އެހެންވެގެން މިއަދު އަޅުގަނޑު އެކަން ސާފުކޮށްދޭން މިޖެހުނީ. އެބޭފުޅުންގެ ޢިނާޔަތްތައް ކެނޑިގެންނުދާނެ. އަދި ކީއްތޯ؟ އެބޭފުޅުންގެ ޢިނާޔަތް ލިބިފައި، އޭގެ އިތުރަށް އެބޭފުޅުންގެ ތެރެއިން ސަރުކާރުގެ ވަޒީފާއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް، އެބޭފުޅުންގެ ޢިނާޔަތަށްވުރެ ބޮޑު އެއްޗެއް ލިބިގެންދާނެ ފޯމިއުލާއެއް އަޅުގަނޑު ހުށަހެޅީ. އެހެންވީމާ، އެއިން ވަނީ ފައިދާ. 65 އަހަރުން މަތީގެ މީހުން ހުރިހާ އެންމެނަކަށް މަޖުބޫރުވަނީކީވެސްނޫން 74 އަހަރު ވަންދެން ސިވިލް ސަރވިސްގައި އުޅޭކަށް. އެއްވެސް މަޖުބޫރުކަމެއްނެތް، މިއީ އިޚްތިޔާރެއް. މި އިޚްތިޔާރު ބޭނުންކަމަށްވަންޏާ، ކުރައްވަން ބޭނުންފުޅު ކަމަށްވަންޏާ، އަޅުގަނޑަށް އެނގޭ، ކުރައްވަން ބޭނުންފުޅުވާ ޓީޗަރުން އެބައުޅޭ، ޑޮކްޓަރުން އެބައުޅޭ، ނަރުހުން އެބައުޅޭ. ޑޮކްޓަރުންވެސް އަޅުގަނޑެއް ގަބޫލެއް ނުކުރަން، 65 އަހަރުވުމާއެކީ އެމީހުން ގެއަށް ދާންޖެހޭނެ ކަމަކަށް. އެމީހުންނަށް ޚިދުމަތް ނުދެވޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެކަމަކު މިއަދު ޤާނޫނު ނިޔާކުރާތީ، އެމީހުންގެ ޙާލަތު އެބަ ނިޔާކުރޭ ގެއަށްދާން. އޭގެ އެތަކެއް ބޭފުޅުން އަޅުގަނޑު ކޮންޓްރެކްޓަށް ނަގައިގެން މިހާރުވެސް އެބޭފުޅުން ލައްވާ އަޅުގަނޑު އެބަ މަސައްކަތްކުރަން. އެބޭފުޅުންގެ މިސާލު އަޅުގަނޑު މި ޤާނޫނަށް ގެންނަ މިސާލަކީ.

 

އެއިން ބޭފުޅަކުކުރެން އައްސަވާބައްލަވާ، އެބޭފުޅުންނަށް 65 އަހަރުވެގެން ލިބޭ ޢިނާޔަތް ރައީސް ޔާމީން ކަނޑާލީތޯ، ވަޒީފާއަށް ނުކުންނަން މަޖުބޫރުކުރިތޯ، ނޫނީ އިޚްތިޔާރު ބޭނުންކޮށްގެން ވަޒީފާއަށް ނުކުތީމަ ކުރީގައި ލިބިވަޑައިގެންނެވި މުސާރަ އެބަ ލިބިވަޑައިގަންނަވާތޯ. އެއީ ތަފާތަކީ. އެހެންވީމާ، މިއީ އިޚްތިޔާރެއް. 65 އަހަރުން މަތީގެ ހުރިހާ އެންމެންނަކަށް މަޖުބޫރުވަނީކީއެއްނޫން އެއްގޮތަކަށްވެސް 74 އަހަރު ވަންދެން ސަރުކާރުގައި އުޅޭކަށެއް. އެއީ، އިޚްތިޔާރެއް. އިޚްތިޔާރު ބޭނުންކުރައްވާ ފަރާތްތަކަށް ސިވިލް ސަރވިސްއިން މިހާރު ރިޓަޔަރ ކުރަންވީމާ ލިބިވަޑައިގަންނަވާ ޢިނާޔަތަށްވުރެ ބޮޑު ޢިނާޔަތެއް، އުޖޫރައެއް ލިބޭނެ ވާހަކަ ރައީސް ޔާމީން ހުށަހެޅީ. އެއީ، ރައްޔިތުންގެ ފައިދާއަށް. އެހެންވީމާ، މިކަހަލަ ކަންތައް އޮޅުވާލާތީ، އަޅުގަނޑުމެން މިޖެހެނީ މިކަހަލަ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަން.

 

ދެން އެންމެ ވަރުގަދައަށް ދައްކަވާ ބައެއް ވާހަކައިގައި އަޅުގަނޑުވެސް ހަމަ ދެ ވާހަކައެއް ދަންނަވާލާނަން. އަޅުގަނޑުމެންނަށް ރައްޔިތުންނަށް ވިސްނައިދޭން އެންމެ ބޮޑަށް ދައްކާ އެއް ވާހަކައަކީ، ދިވެހިރާއްޖޭގައި ޑިމޮކްރަސީއެއް ނެތޭ. އަޅުގަނޑު މީގެ ބަދަލުގައި ދަންނަވަން ބޭނުންވަނީ، ދިވެހިރާއްޖޭގައި ޑިމޮކްރަސީ އެބައޮތޭ. އެކަމަކު ދިވެހިރާއްޖޭގައި އަޅުގަނޑުމެން ގަބޫލުކޮށްގެން މި ތިބަ އިސްލާމްދީން، އެ އަޅުގަނޑުމެން ގަބޫލުކުރާ މިންވަރުގައި ބާއްވަން އެބޭފުޅުން ކިހާވަރަކަށް ވަކާލާތުކުރައްވަން ކެރިވަޑައިގަންނަވާތޯއޭ. އެ ވަކާލާތުކުރިއްޔާ މާ ރަނގަޅުވާނެ. ދިވެހިރާއްޖޭގައި ޑިމޮކްރަސީ ނެތް ވާހަކަ ދެއްކުމަށްވުރެ ރަނގަޅުވާނެ ތިމަންނަމެން ބޭނުންވަނީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ އޮންނާށޭ. އެކަމަކު އެ ވާހަކައިގެ އެއްވެސް ވާހަކައެއް ދެކެވޭ އަޑެއް ނީވޭ އަޅުގަނޑުމެންނަކަށް. އެވާހަކަ އަޅުގަނޑު ތިމަރަފުށީގައި ދެއްކިން. ދެން ދިވެހިރާއްޖޭގައި ޑިމޮކްރަސީ ނެތިގެން މިއުޅެނީކޮންކަމެއް ވެގެންތޯ؟ އަދިވެސް މިބޭފުޅުންގެ ވިސްނުމަކަށް ފިކުރަކަށް ބަދަލެއްނާދެ. އަދިވެސް މިބޭފުޅުންގެ ވިސްނުމާ ފިކުރުން މިއަދުވެސް އެ ދައްކަވާ ވާހަކައިން އެބޭފުޅުންގެ މިސްރާބު، ނަވުގެ މިސްރާބު އެހެރީ ހަމަނުޖެހުން ނަގާލުމަށް.

 

ޑިމޮކްރަސީ ނެތްކަމަށް ވިދާޅުވެ، އެންމެ ބޮޑަށް ކުށްވެރިކުރާ ދެކަން އަޅުގަނޑު ދަންނަވާލާނަން. އެތަނުން އެއްކަމަކީ، މީހުންގެ އަބުރާ ބެހުމުގެ ކުށް ހުއްޓުވި ހުއްޓުވުން. މިހާރުވެސް އެންމެ ވަރުގަދައަށް ދައްކަވާ ވާހަކައަކީ އެއީ. ޑިމޮކްރަސީގެ ނޫނިއްޔާ މީހުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާށޭ. މީހުންގެ އަބުރާ ބެހުން ހުއްޓުވިން. އެކަން ކުރާކަށެއްނޫން މީހުންގެ އަބުރާ ބެހުން ހުއްޓުވީކީ. ކޮންމެ މަޢުޞޫމު މީހަކަށް އެނގޭނީ، އޭނަގެ އަބުރު ގެއްލުނީމަ، މުޖުތަމަޢެއްގެ ތެރޭގައި އޭނަ ނުކުމެ އުޅެންޖެހޭނީ ކޮން ޙާލެއްގައިތޯ. ޚިޔާލަށް ގެންނަވާ، ޒުވާން ޓީޗަރެއް، ނޫނީ ޚިޔާލަށް ގެންނަވާ، އެތައް ދުވަހަކު ޚިދުމަތްކުރި އަންހެން ޓީޗަރެއް. އެކަމަނާގެ އަބުރު ނަގާލަން އެކި ވާހަކަ އެކިގޮތަށް މިހާރު ދެއްކިދާނެ، އަބުރާބެހޭ ޤާނޫނުގެ ދަށުން، އެއީ ޖިނާޢީ ކުށަކަށް ނަހަދާކަމަށްވަންޏާ. ކޯޓަށް ގޮސްގެން، ކޯޓުގެ މަރުޙަލާތަކެއް ނިމިގެން، މީގެކުރިން އޮންނަނީ، ފައިސާކޮޅެއް ދައްކަން. އެކަމަކު ޖިނާއީ ތަޙްޤީޤެއް ކޮށްފައި ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ ބޮޑު ޢަދަދަކަށްވީމާ، އެކަންކަމާ ދޭތެރޭގައި މީހުން ވިސްނާނެ. އަދިވެސް ޖިނާއީ އިޖުރާތު އެ ފުރިހަމަކުރަނީ. ޖިނާއީ ކުށެއްގެ ގޮތުގައެއްނޫން. މިއަކުންނެއް އަދިވެސް މީހުންނަށް ބަންދު ޙުކުމެއްނާދޭ. އަދިވެސް ދައްކަންޖެހެނީ ފައިސާގެ ޖޫރިމަނާތަކެއް، އެކަމަކު މިހެން ޚިދުމަތްކުރާ މީހެއްގެ އަގު ވައްޓާލީމާ، ކޮންކަމެއްތޯ ވެގެންމިދަނީ؟ އޭނާއަކީ މުޖުތަމަޢަށް ނިކުމެ އެހެން މީހުންނާ ކަޅި ހަމަކޮށްގެން ވާހަކަދައްކަން ކެރޭވަރުގެ މީހަކަށް ނުވޭ. އެ ޓީޗަރެއްގެ ޚިދުމަތް އެ ސްކޫލަކުން ދާއިމަށް ގެއްލިގެން ދިޔައީ. މަޢުޞޫމު މީހުންގެ ޙައްޤުތަކަށް އަރައިގަތުމަށް ވަކާލާތުކުރާ ކުރުމުގައި އަބަދުވެސް މި ބޭފުޅުން މި އުޅުއްވަނީ.

 

ދެވަނަ ކަމަކީ އެއްވެ އުޅުމުގެ މިނިވަންކަން މިހާރު މިއޮތީ ހުއްޓުވާލާފައޭ. ފުރަތަމަ ކަމަކީ ވާހަކަ ދެއްކުމުގެ މިނިވަންކަން ހުއްޓާލީ އަބުރާބެހުމުގެ ޤާނޫނަށް މި އިޞްލާޙު ގެނައިމަ. ދެވަނަކަމަކީ، އެއްވެ އުޅުމުގެ ޙައްޤު ހުއްޓުވާލީއޭ. ކީއްވެގެންތޯ އެއްވެ ނޫޅެވެނީ. އެއްވެ އުޅެވޭ. މިހާރުވެސް އެއްވެ އުޅުމުގެ ޙައްޤު އެބައޮތް. އެއްވެ އުޅެވޭނެ ސަރަޙައްދުތަކެއް އަޅުގަނޑުމެން ކަނޑައެޅީ. އެއްވެ އުޅެވޭނޭ ސަރަޙައްދުތަކެއް ކަނޑައަޅަން ޖެހުނު ސަބަބަކީވެސް މަޢުޞޫމު އެތައް ބަޔަކަށް އެބޭފުޅުން އެ އެއްވެ އުޅޭ އުޅުމުގައި އަދި އެކަންކަން ކުރުމުގައި މީހުންގެ އަބުރާ ބެހުމާއި އަޑުގަދަކުރާއިން ހަޅޭއްފަޅޭއްލެވުމާއި މީހުންގެ ގޭގެއަށް ގާ އުކުމާއި ބިރުވެރިކަމާ މިކަހަލަ ކަންތައް ކުރީމަ ހަމަ ނިކަމެތިންނަށް މީގައި ގެއްލުން ވެގެން އެދަނީ. ހަމަ އިންޓިމިޑޭޝަން އެންޑް ޓެރަރ.

 

އެހެންވީމާ، ސަރުކާރު އޮތްކަމަށްވަންޏާ ސަރުކާރު، ރައްޔިތުން އިންތިޚާބު ކުރަނީ، އެންމެ ފުރަތަމަ އަސާސަކީ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން. ސަރުކާރަކުން ޖެހޭ މިކަން، ރައްޔިތުންގެ ރައްކާތެރިކަން ޙިމާޔަތް ކޮށްދޭން. އެއީ، ވަކި ކުލައެއްގެ މީހަކަށް ވާކަށް ނުޖެހޭނެ. އެއީ، ވަކި ނަސްލެއްގެ މީހަކަށް ވާކަށްވެސް ނުޖެހޭ. އެއީ ނިކަމެއްޗެއްތޯ މުއްސަންޖެއްތޯވެސް ބަލާކަށް ނުޖެހޭ. ނިކަމެތި މީހާގެވެސް މިކަހަލަ ޙައްޤުތަކެއް އޮންނާނެ. މިހާރު ތިޔަބޭފުޅުން ޚިޔާލުފުޅަށް ގެންނަވަބައްލަވާ. މާލޭގެ ހުރިހާ އިދިކޮޅު މީހުންގެ ގޭގޭ ދޮށަށް މީހުން އެއްވެ ހަޅޭއްފަޅޭއްލަވަންޏާ ދުވަހަކުވެސް އަޅުގަނޑުމެންނަށް ޞުލްޙަވެރިކަމެއް އެބައޮތްތޯ ރާއްޖޭގައި. ދުވަހަކުވެސް ނޯންނާނެ ޞުލްޙަވެރިކަމެއް. އެކަމަކު އެކަން ހުޓުމަކަށް އައީ ކީއްވެގެންތޯ. އެކަން ކުރަމުން ކުރަމުން އައިސް އެކަން ހުއްޓުނު ހިސާބަކީ، މި ދެންނެވި ގޮތަށް މި ސަރުކާރު އައުމާއެކީ އެއްވެ އުޅެވޭނެ ވަކި ސަރަޙައްދުތަކެއް ކަނޑައެޅީ. އެއީ، ޤާނޫނުން އިޚްތިޔާރު ލިބިފައި އޮތީމާ. އެހެންވީމާ، އެއްވެ އުޅޭ މީހުން މިހާރުވެސް އެއްވާންވީ. އެކަމަކު ރައްޔިތުންގެ އާންމު ގޭގޭދޮށަށް އައިއްސަ، މަދަރުސާތައް ކައިރިއަށް އައިއްސަ، މިސްކިތުގައި މީހުން ޖަމާޢަތުގައި ތިއްބާ ހަޅޭއްފަޅޭކެއް ނުލެވޭނެ.

 

އެހެންވީމާ، އިނަސެންޓް، މަޢުޞޫމް ރައްޔިތުންތަކެއް ރާއްޖޭގެ އަޣުލަބިއްޔަތަކީ. އެމީހުންގެ ޙައްޤުތައް މާ ބޮޑު ޙަޤީޤަތުގައި ސިޔާސީ ވަކިވަކި ފަރުދުން، މިކަހަލަ ވިޔާނުދާ ކަންކަމަށް ގޮވާލާ މީހުންގެ ޙައްޤަށްވުރެ. އެހެންވީމާ، އެއްވެ އުޅެވޭ މިހާރުވެސް. އެ ޙައްޤު ހިމާޔަތްކޮށްދޭ މި ސަރުކާރުން. މި ސަރުކާރު އައުމާއެކީ އެކަންތައް ހުއްޓިގެން ދިޔައީ. އެކަމަކު މި ސަރުކާރުންވެސް އެބޭބޭފުޅުން އެކަންތައް ކުރެއްވި ގޮތަށް މީހުންގެ ގޭގޭ ދޮށަށް އެއްވެ ހަޅޭއްފަޅޭއްލަވަން ހުއްދަ ދީފިކަމަށްވަންޏާ ދުވަހަކުވެސް ދިވެހިރާއްޖެއަށް ޞުލްޙަވެރިކަމެއް އަންނާނެތޯ.

 

އެއެއް ނޫން ވޭމަންޑޫގައި މިއަދު ބޭނުންވާ ކަމަކީ. ވޭމަންޑޫގައި ބޭނުމެއް ނުވާނެ ދެ ޕާޓީގެ މީހުން ދެކޮޅުގައި ތިބެގެން އެއްބަޔަކު އަނެއްބަޔަކަށް ގާއުކާކަށް. އެއަށްވުރެ މާ މަޢުޞޫމު މުޖުތަމަޢުތަކެއް މިއީ. ކޮންމެ މީހަކު ތިމާގެ އެކަކު އަނެކަކު ދަނޭ، ކާފަ މާމައަކީ ކާކުކަން ދަނޭ. އެހެންވީމާ، މިކަހަލަ މަޢުޞޫމު ކުދިކުދި މުޖުތަމަޢުތަކުގައި ބޭނުންވާ ކަންކަމެއް ނޫން މީކީ. މިއީ ވެދާނެ ހުޅަނގުގެ ބޮޑެތި ޑިމޮކްރަސީތަކުގައި މިކަން ކުރަން އޮންނަ މިނުގަ ވެދާނެ. އެކަމަކު ހުޅަނގުގެ ބޮޑެތި ޑިމޮކްރަސީތަކުގައިވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ކަރުނަގޭސް ބޭނުންކުރާނެ. އަވަށްޓެރި ޤައުމުތަކުގައި ލަޓިބުރި ބޭނުންކުރާނެ. ރާއްޖޭގައި އެކަންކަމެއް ނުކުރޭ ނޫންތޯ. އެކަމަކު، އެއްވެ އުޅުމުގެ މިނިވަންކަން އެތަންތަނުގައިވެސް އޮވޭ.

 

އެހެންވީމާ، ރާއްޖޭގައި ހަމައެއް ލަމައެއް ނެތްގޮތަށް އެއްވެއުޅެ، މަޢުޞޫމު މީހުންނަށް ނޫނިއްޔާ އެމީހުންގެ ޙައްޤުތައް ޙިމާޔަތް ނުކުރެވޭ ވަރުގެ ނިކަމެތިންނަށް، ނޫނިއްޔާ އެވަރުގެ ބާރެއް ނެތް މީހުންނަށް، މި ބިރު ދައްކާ ދެއްކުން ސަރުކާރުން ހުއްޓުވާލީމާ އެބޭފުޅުން ދައްކަވާ ވާހަކަ މިއީ. އެހެންވީމާ، މައިގަނޑު ގޮތެއްގައި ޑިމޮކްރަސީ ނެތިގެން މިއުޅޭ ދެ ކަންތަކުގައި މިސާލު ދެއްވާއިރު، މި ވިދާޅުވާ ދެ މިސާލުން އެއް މިސާލަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތޭ، އެއީ، އަބުރުގެ ޤާނޫނަށް އިޞްލާޙު ގެނައިމަ. މާތްކަލާކޯ، ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރެވެނީކީ އެއްގޮތަކަށްވެސް މީހުންގެ މިނިމަސްކައިގެނެއް ނޫން. ހުރިހާ އެންމެންގެ އަބުރާ ބެހޭކަށް ނުޖެހޭ. ހަމަ ކޮންމެ މީހެއްގެވެސް އަބުރަކީ، ކަރާމާތްތެރި އެއްޗެއް. ހަމަ އެގޮތަށް އެއްވެ އުޅުމަކީވެސް ހަމަ އެބައެއްގެ ޙައްޤެއް. އެއްވެ އުޅޭއިރު އެހެންމީހުންނަށް އުނދަގޫވާގޮތަށް މިކަމެއް ނުކުރެވޭނެ. އެހެންވީމާ، މި ސަރުކާރު އައުމަށްފަހު މިކަހަލަ އުސޫލުތަކެއް މުޅި ރައްޔިތުންގެ ޙައްޤުގައި ހިމާޔަތްކޮށްދޭތީ ނުކުމެގެން އުޅޭ މައްސަލަތައް މިއީ. އެކަމަކު ﷲގެ ރަޙުމަތުން ދެންވެސް ރައްޔިތުން އަޅުގަނޑު ހޮއްވަވައިފިކަމަށްވަންޏާ، މިކަހަލަ ކަންކަމެއް ދޫކޮށްލާކަށް އަޅުގަނޑު ނެތީމު. އަދިވެސް ހަމަ މި ކަންކަން ހުންނާނީ އަޅުގަނޑުގެ ފޮތުގައި ކުށެއް، އަޅުގަނޑުގެ ފޮތުގައި ގިނަ މަޢުޞޫމު ރައްޔިތުންނަށް މިއީ އުނދަގޫކަމެއް. އެހެންވީމާ، މިކަންކަމެއް ފަހިވެގެނެއް ނުދާނެ ދެންވެސް. އެކަމަކު އެއީ ރައްޔިތުން ނިންމަން ޖެހޭ ކަމެއް.

 

 އެހެންވީމާ، ޑިމޮކްރަސީ ނެތިގެން ދައްކާ ވާހަކަތަކުގައިވެސް މިދައްކަނީ، ޑިމޮކްރަޓިކް ނިޒާމުތައް ރާއްޖޭގައި ނެތް ވާހަކައެއް ނޫން. ޑިމޮކްރަސީއެއް ނެތްކަން ދެއްކުމަށްޓަކައި އެ ބޭފުޅުން ކުރައްވާކަންތައްތަކުގެ ތެރެއިން އެއްކަމަކީ، އެންމެ ވަރުގަދަ ޑިމޮކްރެޓިކް ނިޒާމު ދައްކާ ތަނަކަށް ވަނީ، ރައްޔިތުންގެ މަޖިލިސް. ރައްޔިތުންގެ މަޖިލީހުގައި ކަންތައްތައް ވަނީ ކިހިނެއްތޯ. ގިނަ ޖަލްސާތަކުގައި އެބޭފުޅުން މަޖިލީހުގައި ތިއްބަވާނެ، އެކަމަކު މަޖިލިސްގެ ހޯލަކަށް ވެދެވަޑައެއްނުގަންނަވާނެ. ވޭމަންޑުއަށް އެންމެ ދަތިވެފައި މިހިރަ ކަންތައްތައް، އެއްގަމުތޮށީގެ ކަންތައްތައް ދިޔައިރު، މިއީ ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން ކުރި ކަންތައްތައް މިއީ. ނަރުދަމާގެ ނިޒާމު މިހިނގަނީ ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން. ވޭމަންޑޫގެ ރައްޔިތުން ސުވާލު އުފައްދަވަބައްލަވާ. މިއިން އެއްވެސް ކަމެއް ކުރަން، މިރަށަށް މިއިން މަޝްރޫޢެއްގައި ފައިސާ ފޮއްޗެއް ދޭން އެމް.ޑީ.ޕީ.ގެ މެންބަރުން ވޯޓު ދެއްވިތޯ. ދެއްވާފައެއް ނެތޭ. ދެން ކީއްކުރަންތޯ މިތަނުގައި ނަރުދަމާ އެޅެމުން ދަނިކޮށް އައިސް ނަރުދަމާ އަޅާ ވާހަކަ މި ދައްކަނީ. ބަޖެޓުން ނޫން ކޮން ގޮތަކުންތޯ ނަރުދަމާއަކަށް ފައިސާ ހޯދާނީ. ހޯދޭނެ ގޮތެއް ނޯންނާނެ. މިހާރު މި ހިނގާ 5 އަހަރުގެ ތެރޭގައި ބަޖެޓުގެ އެއްވެސް މަޝްރޫޢަކަށް، ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވޭ އެއްވެސް މަޝްރޫޢަކަށް ހޭދައަކަށް ނޯންނާނެ، އެމް.ޑީ.ޕީ.ގެ މެންބަރަކު ދެއްވި ވޯޓެއް.

 

އެހެންވީމާ، ވޭމަންޑޫގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިކަހަލަ ކަންކަމާ ދޭތެރޭ ވިސްނާ ވަޑައިގަންނަވާށޭ. އެއްގޮތަކަށްވެސް ހީފުޅުނުކުރައްވާ. ފިކުރުގެ ގޮތުން ތަފާތުވިޔަސް، އަޅުގަނޑު ހަމަ މިތަނުގައި މެޖެންޓާ ކުލައިގައި ތިއްބެވި ބޭފުޅުންނަށް ދަންނަވާލާނަން، އެއަށްވުރެ މާ ބޮޑު މަސައްކަތެއް މި ކުރެވެނީ. މިއީކީ ހަމައެކަނި ޕީ.ޕީ.އެމް.އިން ކުރާ މަސައްކަތެއް ކަމަށް ދެކެވަޑައިނުގަންނަވާ. މިއީ، ޤައުމީ މަސައްކަތެއް. މިއީ، ޤައުމީ މަސައްކަތަކަށްވާ ސަބަބަކީ، ޤައުމު، ޤައުމެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި އަދި މިހާރު އޮތްގޮތަށް އޮތުމަށްޓަކައި އަޅުގަނޑުމެން ދޭ ވޯޓަކަށް މި ވޯޓު މިވަނީ. އެއްގޮތަކަށްވެސް އަޅުގަނޑުމެން ބޭނުމެއްނޫން، މިހާތަނަށް މިކުރި ހުރިހާ ތަރައްޤީގެ މަޝްރޫޢުތައް ހަލާކުވެގެން ދާކަށެއް. އެހެންވީމާ، 18 މަސްދުވަހުގެ ތެރޭގައި ކުރަންހުރި ކަންތައްތަކުގެ ތެރޭގައި މިކަހަލަ ވާހަކަ އައިމާ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ނެތިގެން އުޅޭތޯއެއް ނޫން އަޅުގަނޑުމެން ސުވާލުކުރަން ޖެހޭނީ.

 

އަޅުގަނޑަށް އެނގޭ ވޭމަންޑޫގެ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުން ބޭނުންވާނީ މިރަށުގެ ޒުވާނުންނަށް ވަޒީފާ ނުލިބިފައި އޮތިއްޔާ ވަޒީފާ ލިބޭނެ ގޮތެއް ހޯދަން. އަޅުގަނޑަކާ ސުވާލެއް ނުކުރާނެ، މިތަނުގައި އެހެރަ ގަސްބުޑަށް މީހުންނަށް އެއްވެވޭނެތޯ ނޫންތޯ. އެ ސުވާލެއް ނުކުރާނެ އަޅުގަނޑަކާ. އެހެންވީމާ، މުޅި ދިވެހިރާއްޖެއަކުންވެސް މިއީ ކުރާ ސުވާލެއްނޫން. މިއީ، ސިޔާސީ ލީޑަރުންގެ ތެރެއިން ގަދަބާރު ދައްކައިގެން ކަންކަން ކުރަން ބޭނުންވާ މީހުން ދައްކަން ބޭނުންވާ މިސާލު.

 

ދާދި ފަހުން ވޯޓެއް ލައި ނިމިގެން އެ ދިޔައީ. އެ ބޭފުޅުންގެ ތެރޭގައި ލީ ވޯޓެއް. ވޯޓުގެ ނިޒާމެއް ބޭނުންވޭތޯ. ވޯޓު ފޮށި ނުފެންނާނެ. ޝައްކެއްވެސްނެތް ނުފެނުނު އަޅުގަނޑުމެންނަކަށް. ވޯޓުލާކަށް ބަންދުކޮށްފައި ހުންނަ ފޮށްޓެއް ބޭނުމެއް ނުވޭ. ހަމަ ބާލިދީއަކާއި ކޮންކްރީޓް މެޝިނެއް ހުރިއްޔާ ވޯޓުލަމުން ދާންވީ. އެއީ، ނޫންތޯ އަޅުގަނޑުމެންނަށް އެ ދައްކާ މިސާލަކީ. ދާދި ފަހުން ރީ-ރެޖިސްޓްރީކޮށް އެ ނިންމީ މިފަހަރުގެ 23 ވަނަ ދުވަހުގައި ލާ ވޯޓަށް. ކިހިނެއްތޯ އެކަންވެސް ނިމިގެން ދިޔައީ. އަޅުގަނޑުމެން ހުށަހަޅާ ފޯމުތައް ދައުލަތުން އެ ނިންމާފައި އޮންނަ ގޮތަކަށް އިލެކްޝަނުން ނިންމާފައި އޮންނަ މުއްދަތަކަށް ލެވޭތޯ ބަލަން. އެބޭފުޅުން އެންމެފަހު ދުވަހަށް ބެހެއްޓި ފޯމުތައް ނުލެވިގެން އެތަނަށް އަރައިގަތީ. އެންމެފަހުން ފުލުހުން ގޮސްގެން އެކަންވެސް ހުއްޓުވަން ޖެހުނީ.

 

 އެހެންވީމާ، އަބަދުވެސް މި ކުރެވޭ ކަމަކީ އޮންނަ ނިޒާމު ކަވާލާފައި، އޮންނަ ނިޒާމު ހަލާކުކޮށްލާފައި ކޮންމެވެސް ކަމެއް ކުރެވޭތޯ ބެލުން. އަބަދުވެސް ދައްކަން ބޭނުންވާ ކަމަކީ، އަތުމުލައްދަނޑީގައި ބާރު ހުރެއްޖިއްޔާ ތިމަންނަމެން ބޭނުންވާ ކަމެއް ކުރާނަމޭ. އެކަމަކު އެއީކީއެއް ޤައުމެއް ކުރިއަށްދާނެ މަޞްލަޙަތެއް ނޫން. މަޞްލަޙަތު ދާނީ ހުރިހާ ރައްޔިތުންގެ މަޞްލަޙަތު ހިމާޔަތްކުރުމަށް، ހުރިހާ ރައްޔިތުން ޢަމަލުކުރަންޖެހޭ ޤާނޫނީ ހަމަތަކެއް ޤާއިމު ކުރެވިގެން. އަދި އެ ޤާނޫނީ ހަމަތަކުގެ މަތިން އިންސާފު ޤާއިމު ކުރުމަށްޓަކައި، ޢަދުލުވެރި ނިޒާމެއް ޝަރީޢަތުގެ ނިޒާމުގެ ތެރޭގައި އޮވެގެންދާނީ. އަދި އެކަން ނިމުނީމާ އެކަން ނިމުނީކީއެއް ނޫން. އޭގެ ފަހު މަރުޙަލާ އެންމެ ވަރުގަދައީ. އެ ނިންމާ ނިންމުންތަކެއް، ކޯޓުން ނިންމާ ނިންމުންތަކެއް އިސްތިސްނާއެއް ނެތި ރައީސުލްޖުމްހޫރިއްޔާއަށް ހުންނަ މީހަކަށް ޖެހޭ ތަންފީޒުކުރަން. އެކަންކަމުގައި އިސްތިސްނާ އުޅޭ ކަމަށް ވަންޏާ ޢަދުލުވެރި ނިންމުން ކިތަންމެ ވަރަކަށް ނިންމިޔަސް، އިންސާފެއް ޤާއިމުވެގެނެއް ނުދާނެ.

 

އަޅުގަނޑުމެންގެ މައްސަލައަކީ މިއީ ނޫންތޯ. މަސްތުވާތަކެތީގައި އުޅޭ ބައެއް މީހުންނަށް 15 އަހަރު އައިމާ، ދެމަސް ދުވަސް ޖަލުގައި ހޭދަކޮށްފައި ނުކުމެގެން އަންނަންވީ. 15 އަހަރު އޮންނަ އެހެންމީހުން 14 އަހަރު ޖަލުގައި އޮންނަންވީ. ކޮބައިތޯ މީގެ ހަމައަކީ. ކޮބައިތޯ މީގައި ޢަދުލުވެރިކަމަކީ. އެހެންވީމާ، އެއް ހަމައަކުން މިކަން ކުރަން ލާޒިމުކުރޭ، ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީގައި މިއުޅެނީ، މާއްދާތަކެއްގެ ފިލިތައް އެކަނި ފެނިގެނެއް ނޫން. ރައީސުލްޖުމްހޫރިއްޔާއަށް މިއުޅެނީ މާއްދާތަކުގެ އަކުރުތަކާއި ފިލިކޯޅި ހަމައަށް ފެނިގެން ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަނީ. އެކަން ކުރާތީ، އިސްތިސްނާތަކެއް، ވަކި ހަސަބެއްގެ ބައެއް، ވަކި ނަސްލެއްގެ ވަކި އިމްތިޔާޒުތަކެއް ލިބޭ ބަޔަކަށް ނުލިބިގެން އުޅޭ މައްސަލަ މިއަދު ދިވެހިރާއްޖޭގެ މައްސަލައަކީ. އެއީ، ޑިމޮކްރަސީގެ މައްސަލައެއްވެސް ނޫން.

 

އެހެންވީމާ، ރައްޔިތުން މިކަންކަމާ ދޭތެރޭގައި ވިސްނާ ވަޑައިގަންނަވާ. އަޅުގަނޑަށް ޔަޤީން ކަށަވަރު، ވޭމަންޑޫއާ އަދި އެހެން ރަށްރަށުގައިވެސް ބޭނުންފުޅުވާނީ، މިރަށްރަށަށް ބޭނުންވާ ކަންތައްތައް ފުރިހަމަވެގެން ދިޔުން. ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެން ދިޔުން. ރައްޔިތުންނަކީ، ހަމަޖެހިގެން އުޅެވޭ މުޖުތަމަޢަކަށް ވެގެން ދިޔުން. މިރަށުގެ ރައްޔިތުންވެސް، ދޮށީ ރައްޔިތުންވެސް، ނިކަމެއްޗަކަށް ވާތީއޭ ކިޔާފައި ފަތިސްނަމާދު ކޮށްގެންދާއިރު އޭނަގެ ދަރިފުޅަކީ، ޕީ.ޕީ.އެމް.ގެ ކުއްޖަކަށްވާތީ، އެ ނިކަމެތި ކާފައަށް އަނިޔާކުރުމަކީ، އަޅުގަނޑުމެން ޤަބޫލުކުރާނޭ އުސޫލެއް ނޫން. އަޅުގަނޑުމެންނަށް މާޒީއިން ނަގައިދީފައި ހުރި ފިލާވަޅުތަކާ ދައްކައިދީފައި ހުރި މަންޒަރުތައް އެހެރީ ޓީވީތަކުން ފެންނަން. އަދި އަޅުގަނޑުމެންގެ ހަނދާނުން ކައްސާލާހާ ދުވަހެއް ނުވޭ ނޫންތޯ. އެހެންވީމާ، މި ޚިޔާލުތައް ވޭމަންޑޫގެ ރައްޔިތުން ޚިޔާލުފުޅަށް ގެންނަވާ.

 

އަޅުގަނޑު އެދެނީ ހަމަ އަޅުގަނޑުމެން ދިވެހިރާއްޖޭގެ ތަރައްޤީއަށް މިކުރާ މަސައްކަތުގައި، ވޭމަންޑޫން ވަރަށް ބާރަށް އާނއެކޭ ވިދާޅުވެފައި، 23 ވަނަ ދުވަހު ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ. ތިޔަބޭފުޅުންގެ ޚިޔާލުފުޅުގައި ރައީސް ޔާމީނަށް ވޭމަންޑޫގެ ތަރައްޤީއަށް، ތ. އަތޮޅުގެ ތަރައްޤީއަށް މުޅި ރާއްޖޭގެ ތަރައްޤީއަށް މަސައްކަތްތަކެއް ކޮށްދެވިފައި އޮތްކަމަށްވަންޏާ ﷲގެ ރަޙްމަތާ ބަރަކާތް، ތިޔަބޭފުޅުންގެ މަސައްކަތުގައި މިންވަރު ކުރައްވާނެ.

 

    والسّـــــلام   عليــكم ورحمــة اللّــــه وبـركاتــه.