بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 

ތިމަރަފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، ކައުންސިލްގެ މެންބަރުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

އާދެ، މިއަދުގެ މި އުފާވެރި ހެނދުނުގެ ވަގުތު އަޅުގަނޑުމެން ތިމަރަފުށްޓަށް ތިޔަބޭފުޅުންނަށް މި ޒިޔާރަތްކުރި ކުރުމުގައި، ތިޔަބޭފުޅުންގެ އޯގާތެރިކަމާއި އިޙްސާންތެރިކަން، ތިޔަ ވިދާޅުވި އިސްތިޤްބާލުން އަޅުގަނޑަށް ދައްކަވައިދެއްވައިފި. އެކަމަށްޓަކައި ތިޔަ އެންމެ ބޭފުޅުން ތިޔަ އުފުއްލެވި ބުރަޔަށް ވަރަށް އިޚުލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

 

އާދެ، ތިމަރަފުށްޓަށް އަޅުގަނޑު މިއަދު މިއައީ ތިޔަބޭފުޅުންގެ އުފަލެއްގައި ބައިވެރިވާން. ތިންހާހެއްހާ އާބާދީ އުޅެމުންމިދާ ތިމަރަފުށީގައި، ތިމަރަފުށްޓަށް ބޭނުންވާ ގިނަ ކަންތައްތަކެއް، މިދިޔަ ސަރުކާރުތަކުގައި ފުދެމުން، ކުރެވެމުން ގޮސްފައި ހުރިކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެހެންނަމަވެސް، މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ މި ބައްދަލުކުރީ ތިޔަބޭފުޅުންނަށް މިހާރު އެންމެ ދަތިވެފައި އޮތް އެއްކަންތައް ކަމުގައިވާ ފެނުގެ ނިޒާމު، ސާފު ރައްކާތެރި ބޯފެން، ތިޔަބޭފުޅުންނާ ހަމަޔަށް ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެން ސަރުކާރުން ކުރި މަސައްކަތް ނިންމައި، އޭގެ ފަސޭހަކަން ތިޔަބޭފުޅުންނަށް ލިބިދިނުމުގެ އުފަލުގައި ބައިވެރިވުމަށްޓަކައި ކުރި ދަތުރެއްގައި.

 

މި ދަތުރު އިއްތިފާޤު މިވަނީވެސް ރިޔާސީ އިންތިޚާބަކާ ކައިރިވެފައި އޮތް ފޯވައްސެއްގައި. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ދަތުރުތައް ކުރެވެމުންދާއިރު، ސިޔާސީ ވާހަކަވެސް އަޅުގަނޑުމެންގެ ރައްޔިތުންނާ ހަމަޔަށް އަންނާނެ. އެހެންނަމަވެސް، އަޅުގަނޑަށް މިއަދު ލިބޭ އުފަލަކީ ޙަޤީޤަތުގައިވެސް ތިމަރަފުށްޓަށް ބޭނުންވެފައި އޮތް މިފަދަ އަސާސީ ޚިދުމަތެއްގެ ފަސޭހަކަން، ތިޔަ ރައްޔިތުންނަށް ލިބޭ އުފަލުގައި، ތިޔަބޭފުޅުންނާއެކީ އެ އުފާ ޙިއްޞާކުރަން މި ރަށަށް އައުން.

 

އާދެ، އަޅުގަނޑުމެން މި ރަށްރަށަށް އައިމާ، އަޅުގަނޑުމެންނަށް މި އިވިގެންދަނީ ރަށްރަށަށް ކުރެވިފައި ހުރި ކަންކަމާއި، އަދި އިތުރަށް ރަށްރަށަށް ބޭނުންވާ ކަންކަން. މިއަދުވެސް އަޅުގަނޑަށް އެނގޭ، މިރަށުގެ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަމުގެ އިލްތިމާސް އަޅުގަނޑާ ހަމަޔަށް އަންނާނެކަން. އަޅުގަނޑުމެންގެ މެންބަރުންގެ ތެރެއިން، އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންގެ ތެރެއިން އަދި ކައުންސިލްގެ ފަރާތުން އަޅުގަނޑަށް، މިރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ ވާހަކަ، އަޅުގަނޑު ދަތުރު ފެށްޓުމުގެ ކުރިންވެސް ވަނީ ކޮންމެވެސްވަރަކަށް އިޝާރާތް ކުރައްވާފައި.

 

އެހެންވީމާ، މިކުރާ ކޮންމެ ދަތުރަކުން، ރަށްރަށަށް ކުރެވޭ ކޮންމެ ދަތުރަކުން އަދި މާލޭގައި ކޮންމެ ހިސާބެއްގައި ރައްޔިތުންނާ ބައްދަލުކުރިޔަސް، ރައްޔިތުން ދައްކަނީ ރައްޔިތުންނަށް ބޭނުންވެފައި ހުރި، ނުވެފައި ހުރި ކަންތައްތަކެއްގެ ވާހަކަ. އެއް ލަފްޒުން ދަންނަވާ ކަމަށްވަންޏާ، ރައްޔިތުން ބޭނުންވަނީ ޙާލަތު ރަނގަޅުކުރަން. އެ ލަފްޒަކަށް ތަރައްޤީ ކިޔައިފި ކަމަށްވަންޏާ، އެއީ ހަމަ އެންމެ ރަނގަޅު ކަމެއް. އެކަން ކޮށްދޭނެ މީހަކަށް ރައީސް ޔާމީން ކިޔައިފި ކަމަށްވަންޏާ، އެއަށްވުރެ އަޅުގަނޑު އުފާވާނެ.

 

އެހެންވީމާ، ކޮންމެ ރަށެއްގައިވެސް މި ބޭނުންވަނީ ތަރައްޤީ. އަޅުގަނޑުމެންނާ ވާދަކުރައްވާ ބޭފުޅުން، އެހެންނަމަވެސް، އެބޭފުޅުން އެހާ ފަރިތަފުޅު އިޞްޠިލާޙެއް، ނޫނީ ފަރިތަފުޅު ކަމެއްނޫން މިއީކީއެއް. އެބޭފުޅުންގެ ވާހަކަފުޅު ގެންދެވީ، އަޅުގަނޑު މިހާތަނަށް މި ކުރަމުން އައި މަސައްކަތަށް އަޅުގަނޑުގެ ޓީމުން ރަށްރަށުގެ ފަސޭހައަށް، ރަށްރަށުގެ ރައްޔިތުންގެ ބޭނުމަށް ކުރަމުން އައި މަސައްކަތްތަކަށް ފާޑުވިދާޅުވަމުން. އާދެ، އެކަންކަންތޯ އެއީ ތަރައްޤީއަކީ، ކޮންކްރީޓުން މި ކުރެވޭ ކަންކަންތޯ ތަރައްޤީއަކީ؟ ހަމަ ސުވާލު ކުރައްވަމުން ގެންދެވި.

 

މިހާރުވެސް މި ރަށަށް ބޭނުންވެފައި ހުރި، އެންމެބޮޑަށް ބޭނުންވެފައި ހުރި ކަންތައްތައް ދަންނަވާ ކަމަށްވަންޏާ، އޭގެތެރެއިން އެއްކަމަކަށް މިއޮތީ ހަމަ ތަރައްޤީގެ މަޝްރޫޢެއް. ވަރަށް ރީތި ބޮޑު އެއަރޕޯޓެއް. ބޮޑު ބިން ހިއްކައިގެން އެއޮތީ ހަދާ ނިމިފައި. ޝައްކެއްވެސްނެތްގޮތުގައި، ތ. އަތޮޅުގެ ރައްޔިތުންނަށް، ޚާއްޞަކޮށް، ތިމަރަފުށީގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ. އެކަމަކު މި އެއަރޕޯޓުގެ ބޭނުން ފުރިހަމަގޮތުގައި ހިފާކަމަށްވަންޏާ، އަޅުގަނޑުމެން އެބަޖެހޭ ހަމަ ޓޫރިޒަމްގެ ވާހަކަވެސް ދައްކަން. މި ހިސާބުގަނޑުގައިވެސް، މި ރަށުގައިވެސް ހަމަ ޓޫރިޒަމްގެ ވާހަކަ ދައްކަން އެބަޖެހޭ. ޓޫރިޒަމްގެ ޖާގަ، ގެސްޓްހައުސް ހެދުމުގައި، ސިޓީހޮޓާ ހެދުމުގައި މިތާ އޮތްކަން އަޅުގަނޑަށް އެބަ އެނގޭ. ހަމަ މި ރަށުގައި އެބައޮތް، ބައެއް ބާއްވާފައި ކޮމަރޝަލް ޑިވެލޮޕްމަންޓަށް. އަދި މިރަށުގެ ރައްޔިތުން ބޭނުންފުޅުވާ ކަންކަމުގެ ތެރޭގައި، ހިކިގެން ގޮސްފައި އޮތް ބޮޑު ބިމުގެ ލޭންޑްޔޫސް ޕްލޭނެއް ނިމިގެން ރަށުން ގޯތި ދޫކުރުމުގެ ޝައުޤުވެރިކަން ހުރިކަންވެސް އަޅުގަނޑާ ހަމަޔަށް އޮތީ އައިސްފައި.

 

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވަރަށް ބޮޑު ބިން ހިކިގެން ނިމިގެންދާއިރު، އެއަރޕޯޓުން، އަޅުގަނޑުމެން މިހާރު މި ޖަލްސާ ކުރަމުންދާ މިހިސާބަށް އަންނައިރު، ބަނދަރާ ހަމަޔަށް  މި އަންނައިރު، މި އޮތް މަގު ހެދިފައި އޮތްނަމަ، ތިމަރަފުށީގެ ރައްޔިތުންނަށް ވަރަށްބޮޑުތަން ފަސޭހަވެގެންދާނެ. މި މަގަކީ، ދެންމެ އަޅުގަނޑުމެން ހިސާބުތަކެއް ކޮށްފީމު. ހައުސިންގ މިނިސްޓަރު ހިސާބުތަކެއް ކުރައްވާފައި، އަޅުގަނޑު ކައިރީގައި އަދަދެއް ވިދާޅުވި. އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި ތިޔަބޭފުޅުންގެ މި މަގު ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހަދައި ނިންމައިދޭނަމޭ.

 

އަޅުގަނޑުމެންގެ މަގުހެދުމުގެ މަޝްރޫޢުގައި، އަޅުގަނޑުމެންގެ އާލާތްތައް، ސާމާނު އެކި ހިސާބުގައި އެބައުޅޭ. މިތަނުން ހަމަ މަސައްކަތެއް ނިމުނުހާ އަވަހަކަށް އިރާދަކުރެއްވިއްޔާ ތިމަރަފުށްޓާ ދިމާއަށް މިޞްރާބުޖަހާނަން. އިރާދަކުރެއްވިއްޔާ، ޝައްކެއްވެސްނެތްގޮތުގައި މިއަހަރުގެ ތެރޭގައި މި މަސައްކަތް ފަށްޓާނަން އަޅުގަނޑުމެން. މާގިނަ ވަގުތެއް ނުނަގާނެ. މިއީ ކިލޯ މީޓަރެއްހާ ރާސްތާ. މާގިނަ ވަގުތެއް ނުނަގާނެ މިކަން ކުރާކަށެއް.

 

 އެހެންނަމަވެސް، އަޅުގަނޑުމެންގެ ވާދަވެރިން މި ރަށްރަށަށް ވަޑައިގެންފައި، މިއަތޮޅަށް ވަޑައިގެންފައިވެސް އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ މި ސަރުކާރުން ފަށްޓާފައި ހުރި މަޝްރޫޢުތައް. މި ސަރުކާރުން ފަށްޓާފައި ހުރި މަޝްރޫއުތަކާއި އަދި އެބޭފުޅުންނަށް ދެން އަމާޒުވެގެން މި އަންނަނީ އިތުރު ކަންކަން ކޮށްދެއްވާށޭ ދެންނެވީމާ، ހަމަ އެބޭފުޅުންގެ ޖަވާބަކަށް ވިދާޅުވަނީ، އެއްކަމަކަށް ވިދާޅުވެފައި އޮތީ، އަޅުގަނޑު ހަމަ ވަރަށް ފާހަގަކުރާ ކަމެއް. ދެން އުފާވެސްކުރަން. ޝުކުރުވެސް އަދާކުރަން. ރައީސް ޔާމީން ފަށްޓާފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން މިހާތަނަށް ނުނިމިހުރި މަޝްރޫޢުތައް، ތިމަންނާމެން ވަރަށް އަވަހަށް ނިންމާލަދޭނަމޭ. އެހެންވީމާ، އެއީ ޝައްކެއްވެސްނެތްގޮތުގައި، ވަރަށް އުފާވެރި ޚަބަރެއް.

 

އެކަމަކު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ރައީސް ޔާމީން ފަށްޓާފައި ހުރި މަޝްރޫޢުތައް ނިންމަން ރައީސް ޔާމީނޭ އެންމެބޮޑަށް ޝައުޤުވެރިކަން ހުންނާނީ. އެހެން ބަޔަކު ނޫނޭ. އެބޭފުޅުންނަށް، ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، އަދި އަޅުގަނޑުމެން ދިވެހިންނަށް ފެނިގެންދިޔަގޮތަށް، ތިން އަހަރެއްހާ ދުވަހުގެ މުއްދަތު ލިބިވަޑައިގެންނެވި. އެހެންނަމަވެސް، އެބޭފުޅުން އެކަންކަމެއް ނުކުރައްވާ. މިއަދު އެބޭފުޅުން މިއިން ކޮންމެ ތަނަކަށް ވަޑައިގެން، ތަރައްޤީގެ މަޝްރޫޢުތަކެއް ފެނި، ރައްޔިތުން މިހާރުވެސް އެ އިންތިޒާރު ކުރަނީ ހަމަ ރައީސް ޔާމީންގެ މޮޑެލްގެ ތަރައްޤީކަން އެބޭފުޅުންނަށް ހަމަ ހާމަކަން ބޮޑުގޮތެއްގައި ގަބޫލުކުރެވިއްޖެ. އެބޭފުޅުން އެ ގެންގުޅުއްވާ ކޮންސެޕްޓްގެ، ޖަޒީރާ ކޮންސެޕްޓަކީ ރައްޔިތުންނަށް އެހާ އަހުލުވެރި އެއްޗެއް ނޫންކަން، ރައްޔިތުން ގަބޫލުކުރޭ. އަދި އެބޭފުޅުންވެސް ގަބޫލުކުރައްވާ.

 

އެހެންވީމާ، އެކަހަލަ ނިޒާމެއްގެ ތެރޭގައި ތިމާވެށްޓާ ރައްޓެހި އަދި ތިމަރަފުށި ކަހަލަ ރަށްރަށުގައި، މިސާލަކަށް، ނަރުދަމާ ބޭނުންވެފައި އޮންނަ ރަށެއްގައި ވެއްޖިއްޔާ، ނަރުދަމާގެ ކަންތައް ހަމަޖެހިގެންދާނީ އެ ވިދާޅުވިކަހަލަ ކޮންސެޕްޓެއްގެ ތެރެއިންކަން ކިހިނެއްކަން ނިންމާކަމަށްވަންޏާ، ހަމަ   އެ ނަރުދަމާވެސް ޤާއިމުވެގެން މިދަނީ، ރައީސް ޔާމީން ރާއްޖޭގެ އެކި ހިސާބަށް މި އަޅައިދޭ ނަރުދަމާގެ ނިޒާމުގެ ތެރެއިން. ހަމަ އެ މޮޑެލް. ވޭމަންޑޫގައިވެސް އެކަހަލަ ކަމެއް ދިމާވި. އަޅުގަނޑު ދެން ދަތުރުކުރަން އޮތީ ވޭމަންޑުއަށް.

 

އެހެންވީމާ، އެބޭފުޅުން އެ ވިދާޅުވާ ކޮންސެޕްޓްތަކުގެ ތެރޭގައި، ތަރައްޤީގެ މަޝްރޫޢެއްގެ ވާހަކަ ވިދާޅުވަންޏާ، ހަމަ މި ވިދާޅުވާންޖެހެނީ، އެއްކަމަކަށް، ރައީސް ޔާމީން ފަށާފައި ނުނިމި އޮތް މަޝްރޫޢެއް ވެއްޖިއްޔާ ނިންމައިދޭނަމޭ. ހަމަ މިއަތޮޅުގެ ރަށެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި، ބިން ހިއްކުމުގެ މަސައްކަތް ވަރަށްގިނަ ދުވަސް ވެއްޖެއޭ. އެހެންވީމާ، ތިމަންނާމެންގެ ސަރުކާރެއްގައި ވަރަށް އަވަހަށް ބިން ހިއްކައި ނިންމައިދޭނަމޭ. އެހެންނަމަވެސް، އާ ކަމެއްގެ ވާހަކައެއް ވިދާޅުވެފައެއްނެތް. ހަމަ އެ ވިދާޅުވަނީ ރައީސް ޔާމީން ކުރަމުންގެންދާ މަސައްކަތް ހަމައެގޮތަށް ކުރައްވާނަމޭ.

 

ކުރީގައި އަޅުގަނޑަށް އައި މައްސަލަތަކުގެ ތެރޭގައި މި އަންނަނީ، މިހެންހުރި ޝަކުވާގެ ތެރޭގައި، ތަރައްޤީތޯ ރައްޔިތުން ބޭނުންވަނީ. މި ރަށަށް އައިމާ ފުރަތަމަ މި ރަށުން ވިދާޅުވާ ކަންކަމުގެ ތެރޭގައި، އަޅުގަނޑަށް އެނގޭ، މި މަގުގެ ވާހަކަ އަންނަކަން. އަޅުގަނޑާ ހަމަޔަށް މިއޮތީ އައިސްފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ ތިމަރަފުށީގެ ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ހަމަ މި އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ ސަރުކާރުން މިތާ މަގުހަދަން ފަށާނަމޭ.

 

އެޔާއެކީ ދެވަނަ ވާހަކަޔަކަށް ދަންނަވާލަން ބޭނުންވަނީ، ތިމަރަފުށްޓަކީ ވަރަށް މުރާލި ރައްޔިތެއް ދިރިއުޅުއްވާ ރަށެއް. އަދި ތިމަރަފުށީގެ ރައްޔިތުންތަކެއް މާލެއާވެސް ވަރަށްގާތް. މާލޭގައިވެސް ވަރަށްގިނަ ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވާ. އެހެންވީމާ، މާލޭގެ ކަންކަން ކުރުމުގެ ސްޕީޑަކީ ތިމަރަފުށީގެ ރައްޔިތުންވެސް އެއަށް އަހުލުވެރިވެފައި ހުރި ސްޕީޑް. ބާރަށް ކަންތައްތައް ކުރަން ތިމަރަފުށީގެ ރައްޔިތުންވެސް ބޭނުންވާނެ. ތިމަރަފުށްޓަކީ ތިންހާހެއްހާ އާބާދީ މިހާރު ހަމަވަމުންދާ ރަށަކަށްވާއިރު، މި ދެންނެވި ޚިދުމަތްތައް ފުދިގެންދާއިރު، ތަނަވަސްކަމެއް އޮތް ރަށަކަށްވާއިރު، ތިމަރަފުށީގެ ރައްޔިތުންވެސް ދެން އެންމެ ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށް އަޅުގަނޑު ކައިރީގައި ވިދާޅުވެފައި މިއޮތީ އޭ.ޓީ.އެމް.ގެ ޚިދުމަތް ހޯދުމަކީ ތިމަންނާމެން ބޭނުންވާ ކަމެކޭ.

 

އަޅުގަނޑު ތިމަރަފުށީގެ ރައްޔިތުންނަށް ދަންނަވާލާނީ، އަޅުގަނޑުގެ މެނިފެސްޓޯ އިން ބައިބައި، އަޅުގަނޑު މި އަންނަނީ، ރަށްރަށަށް ކުރާ ޒިޔާރަތްތަކުގައި އިޢުލާނު ކުރަމުންނޭ. އަޅުގަނޑުގެ މެނިފެސްޓޯ، އެއް ފޮތެއްގެ ސިފައިގައި، އަޅުގަނޑުގެ އިދިކޮޅު ބޭފުޅުންނަށް، ނޫނީ ވާދަވެރިންނަށް ފެނިވަޑައިނުގަންނަވާތީ އެބޭފުޅުން ކަންބޮޑުވޭ. އެކަމަކު އެ އިންތިޒާރުގައި، އެ އުއްމީދުގައި އެބޭފުޅުން ތިއްބެވުމަކީ އެންމެ ރަނގަޅު ކަމެއްހެން އަޅުގަނޑަށް ހީވަނީ.

 

 ރަށްރަށަށް އައިސް، އެ ރަށްރަށުގައި އަޅުގަނޑު ދެން ފަސް އަހަރެއްގެ ތެރޭގައި ކުރަން ބޭނުންވާ ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މިދަނީ ޞަފްޙާއަކަށްފަހު ޞަފްޙާއެއް، މައުޟޫޢަކަށްފަހު މައުޟޫޢެއް، މަޝްރޫޢަކަށްފަހު މަޝްރޫޢެއް އިޢުލާނު ކުރަމުން. އެ މަޝްރޫޢުތަކާ ފައިހަމަކުރެވޭތޯ އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ވާދަވެރިން މަސައްކަތް ކުރައްވާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. އެހެންވީމާ، އިންތިޒާރު ކޮށްލައްވައިފި ކަމަށްވަންޏާ، މި މެނިފެސްޓޯވެސް ފޮތެއްގެ ސިފައިގައި ފެނިގެންދާނެ.

 

އަޅުގަނޑު މެނިފެސްޓޯގެ ޞަފްޙާތައް އިޢުލާނު ކުރަމުން އައިއިރު، މާލީ ދާއިރާގެ ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ ގިނަ ދިމަދިމާއަށް އޭ.ޓީ.އެމް.ގެ ޚިދުމަތް ފޯރުކޮށްދޭނަމޭ. އަދި ބޭންކްގެ ބްރާންޗްވެސް ފޯރުކޮށްދޭނަމޭ. އޭގެތެރެއިން، ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑު ދަންނަވާލިން، 2500، އެއީ ގއ. ގދ. އަށް، ދާދިފަހުން މިދިޔަ ހަފްތާގެ ތެރޭގައި އަޅުގަނޑު ކުރި ދަތުރުގައި ދެންނެވީ އެ ވާހަކަ. އާބާދީ 2500 ހަމަވާކަމަށްވަންޏާ، އޭ.ޓީ.އެމް.ގެ ޚިދުމަތްވެސް ލިބޭނެ ކަމަށް އުއްމީދު ކުރައްވާށޭ. މި ރަށުގައި އަޅުގަނޑު ދަންނަވާނީ، 2500 އަށްވުރެ އާބާދީ ބޮޑުވާތީއާއެކީ، އޭ.ޓީ.އެމް. އެއް ނޫނޭ، މި ރަށަށް ހަމަ ފުލް ބޭންކް ބްރާންޗެއްގެ ޚިދުމަތް އިރާދަކުރެއްވިއްޔާ ލިބިގެންދާނެއޭ.

 

އެހެންވީމާ، މިއީ ޙަޤީޤަތުގައި ރައްޔިތުން ބޭނުންވެފައި ހުރި ތަރައްޤީ. މި ތަރައްޤީއާއެކީ ޢުމްރާނީ ތަރައްޤީ މި އަންނަނީ. މި ތަރައްޤީއާއެކީ ޞިއްޙީ ތަރައްޤީ އަންނަނީ. ޞިއްޙީ ތަރައްޤީގެ ވާހަކަ ދައްކާއިރުވެސް އަޅުގަނޑުމެންގެ ވާދަވެރިން ބައެއް ރަށްރަށަށް ވަޑައިގެންފައި، ޞިއްޙީ މަރުކަޒެއް، ޙާލަތު ދެރަވަރުކޮށް ހުރީމާ، އެބޭފުޅުން އެކަމާ ކަންބޮޑުވެގެން، އެބޭފުޅުން އެކަމާ ވާހަކަފުޅު ދެއްކެވި. ދެން ވީރާނާވަމުން ތަނެއް ދާކަމަށްވަންޏާ، އަޅުގަނޑުގެ ސިކުނޑިއަށްވެސް ހަމަ ކަންބޮޑުވުން އިޙްސާސް ކުރަންޖެހޭނެ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެބޭފުޅުންގެ ތިން އަހަރު ނިމިގެންދިޔައިރު، ހާދަ ހާލެއްގައޭ ރާއްޖޭގެ ހުރިހާ ދިމާއެއްގައި، ވަކި ޞިއްޙީ ދާއިރާއެއް ނޫން، ހުރިހާ ދިމާއެއް އޮތީ. މިރަށުގައި މިރަށުގެ ރައްޔިތުން އުފާކުރައްވާނެ، މިރަށުގެ ޞިއްޙީ ދާއިރާގެ ޚިދުމަތް، ނޫނީވިއްޔާ އެ ޢިމާރާތް، ދާދިފަހުން މިވަނީ މަރާމާތުކޮށް ނިންމާފައި، ފުދޭވަރެއްގެ ހޭދައެއްކޮށްގެން.

 

އެހެންވީމާ، އޭގެކުރީގެ އަހަރުތަކުގެ، ތިން އަހަރުގެ ވާހަކަ ދައްކާ ކަމަށްވަންޏާ، އެބޭފުޅުން އެ ދައްކަވާ ވާހަކަފުޅަށް އަޅުގަނޑުމެން ދަންނަވަންޖެހޭނީ، އޭރު ހަދާފައި ހުރި ޢިމާރާތްތައް، އާބާތުރަފިލުވަމުން، މަހުންމަހަށް، ނޫނީ އަހަރުން އަހަރަށް މަރާމާތު ކުރަމުން ގެންދެވިނަމަ، މިއަދު ރާއްޖޭގެ އެއްވެސް ހިސާބެއްގައި މި ދެންނެވި ކަހަލަ މަރާމާތަށް ބޭނުންވާ ތަންތަނެއް ނުހުންނާނެ. މިއަދު ރާއްޖޭގައި ބޭނުންވާނެ ޙަޤީޤަތުގައި އެއަށްވުރެ އިތުރު ޚިދުމަތް ދެވޭނެ ޢިމާރާތްތައް ކުރުން. އަޅުގަނޑު މިހާރު ކުރަމުން މިގެންދާ މަސައްކަތަކީ، ޞިއްޙީ މަރުކަޒުތައް ހުންނައިރު، ހަ ގަޑިއިރު، ބާރަ ގަޑިއިރު ޞިއްޙީ ޚިދުމަތްދޭ ތަންތަން، ރައްޔިތުންގެ އެދިވަޑައިގަތުމުގެ މަތިން އަށާރަ ގަޑިއިރަށް، ނޫނީ ސައުވީސް ގަޑިއިރަށް ބަދަލުކޮށް ގެންދަނީ. އެއީވެސް ހަމަ ރައްޔިތުންނަށް ފަސޭހައަށް. އެހެންވީމާ، ބައެއް ތަންތަން މަރާމާތު ކުރުމަކީ، އެހާ ދަތިކަމަކަށް ވެގެންނުދާނެ.

 

ތިމަރަފުށިންވެސް އަޅުގަނޑަށް އެނގޭ، އެދިވަޑައިގަންނަވާނީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ. ދެން ތިމަރަފުށީގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަމެއްގެ ގޮތުގައި މިއޮތީ ތިމަރަފުށިން ބިން ދޫކުރާނެ ޖާގަ އޮތުމާއެކީ، ބިން ދޫކުރާނެ ގޮތްތަކެއް ނިމިގެންދިޔުން. ތިމަރަފުށީގައި އެބައޮތް، ތިން ފޭސްއަކަށް ބަހާލާފައި އޮތް ތިން ދާއިރާއެއް. އެއް ދާއިރާއަކީ އަޅުގަނޑު މި ދެންނެވި ގޮތަށް ކޮމަރޝަލް މިކްސްޑް ޑިވެލޮޕްމަންޓަށް އޮތް ދާއިރާ. މި ދާއިރާތަކުގައި ޓޫރިޒަމްގެ މަސައްކަތް ކުރެވޭނެ ކަމަށް އަޅުގަނޑަށް ޔަޤީންކުރެވޭ. ސިޓީ ހޮޓާ، ގެސްޓްހައުސްގެ ވިޔަފާރި ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ. މިތާ އެއަރޕޯޓެއް އޮތީމަޔާއެކީ ތިމަރަފުށްޓަށް މިކަން ކުރުމަކީ، އެހެން ރަށްރަށަށްވުރެ ފަސޭހަކަމަކަށް ވެގެންދާނެ.

 

ދެން އޮތް އަނެއް ސަރަޙައްދަކީ ބޮޑު ސަރަޙައްދެއް. އެ ސަރަޙައްދުގައި، ދެންމެ އަޅުގަނޑަށް މިނިސްޓަރ މުޢިއްޒު ކަށަވަރުކޮށްދެއްވި، ޗާޓްވެސް ދެއްކެވި، އެކި ބޭނުންތަކަށް ބިން ބަހައި ނިންމާފައި ލޭންޑްޔޫސް ޕްލޭން އެއޮތީ ފުރިހަމަކޮށް ނިންމާފައި. ހައުސިންގ މިނިސްޓްރީގައި ލޭންޑްޔޫސް ޕްލޭން، އެ ބައިގައި އޮތީ ނިންމިފައި. ހަމައެކަނި ނުނިންމިގެން މިއޮތީ އެއަރޕޯޓްގެ އެކޮޅަށް އެ އޮތް ސަރަޙައްދު. އޭގެ ލޭންޑްޔޫސްޑް ޕްލޭންގެ މަސައްކަތް ނުނިމި އޮތީ. އަޅުގަނޑަށް މިނިސްޓަރ ކަށަވަރުކަން ދެއްވާ. އިރާދަކުރެއްވިއްޔާ، މި އަންނަ ހަފްތާގެ ތެރޭގައި، މުޅި ރަށުގެ ލޭންޑްޔޫސްޑް ޕްލޭން ނިންމައިދޭނަމޭ. ނިންމާފައި ހަފްތާ ނިމެންވާއިރަށް ކައުންސިލާ ލޭންޑްޔޫސްޑް ޕްލޭން ހަވާލުކުރާނަމޭ. އެ ހަވާލުކުރާ ހިސާބުން އިރާދަކުރެއްވިއްޔާ، ހަމަ މިމަހުގެ ތެރޭގައި، ކައުންސިލުން، ރައްޔިތުން އެދޭގޮތަކަށް ބިން ދޫކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަކީ ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި އޮތް ކަމެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެކަން ކޮށްދޭނަން.

 

އަދިވެސް މިނޫން ބޭނުންތައް ތިމަރަފުށީގައި ހުންނާނެކަން އަޅުގަނޑަށް އެނގޭ. ތިމަރަފުށްޓަކީ ތ. އަތޮޅުގެ މުހިއްމު ރަށަކަށްވާތީއާއެކީ، އަޅުގަނޑު ހަމަ ދަންނަވާލާނަން، ތިމަރަފުށްޓާއި ތ. އަތޮޅުގެ ރައްޔިތުންނަށާއި، އަދި ޢާންމުކޮށް އަޅުގަނޑުގެ ވާހަކަ އައްސަވަމުން ގެންދަވާ ހުރިހާ ދިވެހި ރައްޔިތުންނަށް، ބައެއް ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ސިޔާސީ ވާހަކަ ދަންނަވާލަން ބޭނުންވަނީ. ރަށްރަށަށް ބޭނުންވެފައި ހުރި ކަންތައްތަކުގައި، އަޅުގަނޑުގެ ފަސް އަހަރެއްގެ ވިސްނުން ތިޔަބޭފުޅުންނަށް ދަންނަވައިލުމާއެކީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ދައްކަން ބޭނުންވޭ ސިޔާސީ ވާހަކަ.

 

ސިޔާސީ ވާހަކަ ދައްކަންޖެހޭ ސަބަބު އަޅުގަނޑު ދަންނަވާލިން. އެކަމަކު އަޅުގަނޑު ދަންނަވާނަން އެއާއެކީ، ދާދި އަވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ފުލް މެނިފެސްޓޯ ނުކުމެގެންދާނެ. އަޅުގަނޑުގެ މެނިފެސްޓޯގައި، ރައްޔިތުންނަށް މިވަގުތު ބޭނުންވެފައި ހުރި އެންމެ މުހިއްމު ދާއިރާތައް، އެ ދާއިރާތަކުން އަޅުގަނޑަށް އެންމެ މުހިއްމު ކަމަށް ފާހަގަކުރެވޭ ދާއިރާތައް ނޫނީ ރައްޔިތުންގެ އެންމެ އުއްމީދާ ގުޅިފައި ހުރި ދާއިރާތައް، ނޫނީވިއްޔާ ރައްޔިތުންނަށް އެންމެ އުފާވެރިކަން، އެންމެ ތަނަވަސްކަން ގެނެސްދޭނެ ދާއިރާތައް، އަޅުގަނޑުގެ މެނިފެސްޓޯގައި ކަވަރ ކޮށްފައި ހުންނާނީ. އަޅުގަނޑުގެ މެނިފެސްޓޯއަކީ އެއްގޮތަކަށްވެސް އަލިފުން ޔާއަށް ލިޔެފައި އޮންނަ ފޮތެއް ނޫން. މި ދެންނެވި މުހިއްމު ދާއިރާތައް ހުންނާނީ. ހުރިހާ ދާއިރާތަކެއް ނުހުންނާނެ. ހުރިހާ ދާއިރާތަކަކަށް އަލިއަޅުވާލާފައި، އަޅުގަނޑު ފުރަތަމަ 2013 ގައި ނުކުތްއިރު ފުރިހަމަ މެނިފެސްޓޯއެއް އޮންނާނެ. އެ މެނިފެސްޓޯގައި ހުރި ކަންތައްތަކުގެ ތެރެއިން ނުނިމިހުރި ކަންތައްތައް އަދިވެސް ތަންފީޒު ކުރަމުން ގެންދާނެ.

 

އެހެންވީމާ، ޤާނޫނު އިޞްލާޙު ކުރުމާއި، ޢަދުލު އިންޞާފުގެ ދާއިރާއަށް އަންނާނެ ބަދަލުތަކާއި، މިއީ އަޅުގަނޑުމެން ދުނިޔޭގައި ތިބިއްޔާ، ހަމަ ދުނިޔޭގެ ސުންނަތެއް. އަޅުގަނޑުމެންގެ ވިސްނުމަށާއި، އަޅުގަނޑުމެންގެ ރަށްރަށަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށާ ޤާނޫނުގެ ދާއިރާއަށް ބަދަލުތަކެއް އަންނާނެ. ރައްޔިތުންނަށް އެފަހަރަކު ބޭނުންވެފައި ހުރި ކަންކަން، ރައްޔިތުންނަށް ދަތިވަމުންދާ ކަންކަން، ރައްޔިތުންގެ ރައްކާތެރި ކުރަންޖެހޭ މަޞްލަޙަތެއް އިތުރުވެގެންދާ ކަމަށްވަންޏާ، އެއީ ޤާނޫނުތަކަށް އަންނަ ބަދަލު އަޅުގަނޑުމެންނަށް ފެންނާނެ. އެހެންވީމާ، އެއީކީ އެއް ދުވަހުން، އެއް އަހަރުގެ ތެރޭގައި ހަދާ ނިންމޭނެ ޤާނޫނުތަކެއް ނޫން.

 

މިއަދުވެސް އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، އެންމެފަހުން ނިންމުނު ޤާނޫނުއަސާސީ ނިމިގެންދިޔައިރުވެސް، އެ ޤާނޫނުއަސާސީ ފުރިހަމައަށް ހިންގުމަށްޓަކައި ބޭނުންވާ ހުރިހާ ޤާނޫނުތައް އަދިވެސް ފުރިހަމަނުވާކަން. އެހެންވީމާ، ޠަބީޢީ ކަމެއް. އިންސާނީ ސުންނަތެއް. ދުނިޔޭގެ ސުންނަތެއް. ހުރިހާ ޤައުމެއްގައިވެސް ޤާނޫނަކީ އަބަދުވެސް އާ ޤާނޫނު އުފަންވެ، ހުރި ޤާނޫނުތަކަށް އިޞްލާޙު އަންނަމުންދާނެ ކަންކަން.

 

އެހެންވީމާ، މި ވާހަކަތަކެއް ކޮންމެހެނެއް އަޅުގަނޑުގެ މެނިފެސްޓޯއަކު ނުހުންނާނެ. އަޅުގަނޑުގެ މެނިފެސްޓޯގައި ހުންނާނީ، މިކަހަލަ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންނަށް، އަޅުގަނޑުމެންނަށް ޚިދުމަތް ކުރައްވާފައި ތިބި ދޮށީ ރައްޔިތުންނަށް، އަދި ހަވާސާކުރެވި، އަޅައިނުލެވި ތިބި ގިންތިތަކުގައި ތިބި އަންހެނުންނަށާއި، އަދި ހެންޑިކެޕް ކުދިން، ނޫނީވިއްޔާ ނުކުޅެދޭ ކުދިންނަށް ބޭނުންވެފައި ހުރި ކަންކަމާއި، މުޅި ރާއްޖެ ތިޔާގިކުރުމަށް ބޭނުންވާ މަޝްރޫޢުތަކާއި، މުޅި ޞިއްޙީ ދާއިރާ ކުރިއަށް ގެންދާނީ ކިހިނެއްތޯއާއި، ތަޢުލީމީ ދާއިރާ ކުރިއަށްގެންދާނީ ކިހިނެއްތޯއާއި، މިއަދު އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ، އިރާދަކުރެއްވިއްޔާ ދެގުނަކުރާނީ ކިހިނެއްތޯއާއި، ރާއްޖޭގެ އެކި ހިސާބަށް ފުޓްސަލް ދަނޑުތަކާއި، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ޙަރަކާތްތައް ގެންދާނީ  ކިހިނެއްތޯއާ، މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން މިހާރު މިދިޔަ ފަސް އަހަރުގެ ތެރޭގައި، މުޅި ރާއްޖޭގެ ކުށް ސަތޭކައަކުން ތިރީސް ފަހެއް ދަށްކުރެވިފައި އޮތްއިރު، ދެން އަޅުގަނޑުމެން އަމާޒުކުރާނީ، ކުށުގެ ރޭޓް ނޫނީ ކުށަށް އަރައިގަންނަ ކުދިން، އެއަށްވުރެވެސް މަދުކުރަން.

 

އެހެންވީމާ، މުޅި ތަޞައްވުރު ފެނިގެންދާއިރު، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މި ދިރާސާ ކުރައްވައިފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ އަމާޒު އޮންނާނީ ރައްޔިތުންގެ އުފާފާގަތިކަމާއި، ރައްޔިތުންގެ ބާއްޖަވެރިކަމަށާއި، ރަށްރަށަށް އަންނަ ތަރައްޤީއާ ގުޅިފައި. މީގެ ގިނަ ވާހަކަތައް ހުންނާނީ، ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުމަށް. އަދި މި ދެންނެވި ގިންތިތަކަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުމަށް. އެއްވެސް އެކަހަލަ ބޮޑު މަޝްރޫޢެއްގެ ތަފްޞީލަކަށް އަޅުގަނޑު ތިމަރަފުށްޓަކު ނުދާނަން. އަޅުގަނޑު ފަށައިގެން މިއުޅެނީ ތ.އަތޮޅުގެ ހަތް ރަށެއްގެ ދަތުރު. އިރާދަކުރެއްވިއްޔާ، މީގެ ގިނަ ވާހަކަތަކެއް ތިޔަބޭފުޅުންނަށް އިވިވަޑައިގަންނަވާނެ.

 

މީގެކުރިންވެސް އަޅުގަނޑު ރާއްޖޭގެ އެކި ހިސާބަށް ކުރަމުން މިދާ ދަތުރުގައި، އަޅުގަނޑު  މި ދެންނެވި ޞަފްޙާތަކުން އެތައް މަޝްރޫޢުތަކެއްގެ ވާހަކަ އަޅުގަނޑު ދައްކަމުން ދިޔައިމު. ތިމަރަފުށްޓަށް މަސްވެރިކަމުގެ ދާއިރާއަށް އަންނަ ތަރައްޤީ، ތިޔަބޭފުޅުންނަށް ބޭނުންފުޅުވާނެ، ޝައުޤުވެރިކަން ހުންނާނެ. މީގެ ވަރަށްގިނަ ތަފްޞީލު އަޅުގަނޑު ދިނިން. ރޭގައި ތިޔަބޭފުޅުން ބައްލަވާނެކަންނޭނގެ، ޕީ.އެސް.އެމް. އިން ގެނައި، ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ ޝައިނީގެ އިންޓަރވިޔުއެއް. ޙަޤީޤަތުގައިވެސް ރާއްޖޭގެ މަސްވެރިންނަށް އެންމެ ފައިދާވާނެގޮތަކީ، އަދި ރާއްޖޭގެ އުފެއްދުމެއް ގޮތަށް، މިއީ ސަސްޓެއިނަބްލްކޮށް ކުރިއަށް ގެންދެވޭނެ ކަމަކަށްވާނީ، ހަމަ ބާނާ މަސްކޮޅު ދުވަހުން ދުވަހަށް ވިއްކާލުމެއްނޫން. ބާނާ މަސްކޮޅު، އެއަށް އިތުރު އަގު ލިބޭގޮތަށް އަޅުގަނޑުމެން ބަންދުކުރަންޏާ ބަންދުކޮށްގެން، ނޫނީވިއްޔާ އެއަށް އަޅުގަނޑުމެން ގެންނަ ތާޒާކަމެއް، ނޫނީ އެއަށް ގެންނަ ބަދަލެއް ގެނެސްގެން، ކޮންމެވެސްކަހަލަ ޞިނާޢީ ޕްރޮސެސްއެއްގެ ތެރެއިން އެކަން ކޮށްގެން، އެކަން ކުރުން. ބާނާ މަސްކޮޅު ދުވަހުން ދުވަހަށް، ބޯޓުން ބޯޓަށް ކިރުވުމަކީ، އޭގެ ޒާތުގައި ފަސޭހަ ކަމެއްވެސް ނޫން. އަދި އޭގެ ޒާތުގައި އެއީކީ މި ޞިނާޢަތް ތަރައްޤީ ކުރެވޭނެ ގޮތެއްވެސް ނޫން. އެ ވާހަކަ ވަރަށް ތަފްޞީލުކޮށް ޑޮކްޓަރ ޝައިނީގެ ވާހަކަފުޅުތަކުގައި އެ ވިދާޅުވީ. އަޅުގަނޑު ތަފްޞީލަކަށް ދާކަށްނެތިން.

 

ޙަޤީޤަތުގައި މަސްވެރިންނަށް އެންމެ ފައިދާހުރި ގޮތަކަށް މިކަން ކުރެވޭނީ، މަސްވެރިންގެ ރައްކާތެރިކަމަށް ސަރުކާރުން މި ވިސްނާގޮތަށް، ފިޔަވަޅުތަކެއްވެސް އެޅިގެން. އެހެންވީމާ، އޭގެ ތަފްޞީލަށްވެސް އަޅުގަނޑު ނުދާނަން. ގއ. ގދ.ގެ ދަތުރުގައި މީގެ ވަރަށްގިނަ ވާހަކަ ދެއްކިން. އަޅުގަނޑުގެ މެނިފެސްޓޯ ބައްލަވައިލައްވައިފި ކަމަށްވަންޏާ، މި ހިސާބުގަނޑުގެ މަސްވެރިންނަށްވެސް އެކަންކަން އެނގިވަޑައިގަންނަވާނެ. އެކަމަކު ކަށަވަރުކޮށްދޭން ބޭނުންވަނީ، ހަމަ ޝައްކެއްވެސްނެތްގޮތުގައި، މަސްވެރިކަމުގެ ޞިނާޢަތް، ޞިނާޢަތެއްގެ ގޮތަށް ތަރައްޤީ ކުރުމަށް އަޅުގަނޑުމެންގެ ތަޞައްވުރާ ގާތްކުރާ ތަޞައްވުރެއްވެސް އަދިއެއް އަޅުގަނޑަކަށް އިދިކޮޅު ފަރާތްތަކަކުންނެއް އިވިގެނެއްނުދެއޭ.

 

އަޅުގަނޑު އިދިކޮޅު ފަރާތްތަކާ، ދިވެހި ރައްޔިތުން ވޯޓަކާ ކުރިމަތިލައްވާއިރު، ތިމަރަފުށީގައި ތ. އަތޮޅުގައި އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އަޅުގަނޑުމެން ދުނިޔޭގައި ތިބިއްޔާ، އަދި އަޅުގަނޑުމެންގެ ކަންކަން އިޞްލާޙު ކުރެވޭވަރުގެ ޤާބިލު މީހުން، އަޅުގަނޑުމެންގެ ލީޑަރުންގެ ގޮތުގައި ﷲ މިންވަރު ކުރައްވައިފި ކަމަށްވަންޏާ، އަދި ރައްޔިތުން އެކަންކަން އިޚްތިޔާރުކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ކުރިމަގު އުޖާލާވެގެންދާނެ. އެއީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންނަށް ކުރެވޭނެ ކަންކަން. މިކުރެވޭ މަސައްކަތަކީ ވެރިންނާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތް. އެހެންވީމާ، އެކަންކަމުގައި ކުރިއަށް ދެވޭނެ މަގު ހަމަޖެއްސުމަކީ، ވެރިންނާއި ރައްޔިތުން ގުޅިގެން ކުރާނެ ކަމެއް.

 

ރައްޔިތުންނާ ހަމައިގައި އޮތް ކަމަކީ، ކުރިމަތިލާ މީހުންގެ ތެރެއިން، އެމީހުންނަށް ކަންކަން އެންމެ ފުރިހަމައަށް ގެނެސްދޭނެ މީހަކު ދެނެގަތުމުގެ މަސައްކަތް. ރައްޔިތުންނާ ހަމައިގައި އޮތީކީއެއް، ޤައުމީ މި މަސައްކަތާ ހަމަޔަށް ނުކުންނައިރު، މުޅި ރާއްޖޭގެ މަޞްލަޙަތު. މުޅި ރާއްޖޭގެ އަމާންކަން. މުޅި ރާއްޖެ، އަޅުގަނޑުމެން ބަދަލުނުކުރެވޭނެ ކަހަލަ ބޮޑެތި ކަންތައްތަކެއް ހުރިއްޔާ، ބަހާތަކެއް ހުރިއްޔާ، އެ ބަހާތައް ހިފެހެއްޓުން. ގަބޫލު ކުރައްވާ! އެއީކީ އެއްގޮތަކަށްވެސް ޕާޓީ ފިކުރަކަށް ތަބާވާންޖެހޭ ކަމެއްނޫން. ހުރިހާ ޕާޓީތަކެއް ރާއްޖޭގައި ދިރިއުޅޭނެ. ހުރިހާ ޕާޓީތަކެއް ރާއްޖޭގައި މަސައްކަތް ކުރާނެ. އުފެދުނު ބައެއް ޕާޓީތައް އެހެރީ އުވި ގޮސްފައި. އޭގެ ލީޑަރުންނަށް، އެމީހުން އުއްމީދުކުރި ގޮތަށް ކަންކަން ކޮށްނުދެވުނީމާ، ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިޔައިމާ، ރައްޔިތުން އެ ޕާޓީތައް ދޫކޮށް ދިޔައިމާ، އެހެރީ ޕާޓީތައް ގެއްލިފައި، އުވިފައި، ނެތިގޮސްފައި. އެހެން ޕާޓީތަކުގެ ލީޑަރުންނަށް ހަމަ އެ އަމާޒު ނުދެއްކެވުނީމާ، އެ ޕާޓީތަކަކީ އޭގެ ޒާތުގައި މިއަދު ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ޕާޓީތަކެއް ނޫން.

 

އެހެންވީމާ، ކޮންމެވެސް ބަޔަކާ ގުޅިގެން މަސައްކަތެއް ކުރެވޭތޯ ބަލަނީ. އެކަމަކު އެކަމުގެ ފަހަތުގައި އޮތީ އެއްގޮތަކަށްވެސް ޤައުމީ މަޞްލަޙަތެއް ނޫން. އެކަމުގެ ފަހަތުގައި ހުރި މަޞްލަޙަތުތައް، އަޅުގަނޑުމެންނަށް ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަވެގެން އެބަދޭ. ސިޔާސީ ބޭފުޅުން، އެކި ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކައިން ޓީ.ވީ.ގެ ޒަރީޢާއިން ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވޭތޯ ދައްކަވާ ވާހަކައިގައި އެކަން އަޅުގަނޑުމެންނަށް ފެނިގެންދޭ. ބައެއް ބޭފުޅުން ޕާޓީ ހައްދަވައިގެން، އަދި ޕާޓީ މިހާރުވެސް ދަމަހައްޓަވަން ބޭނުންފުޅުވަނީ، އެބޭފުޅުންގެ އަމިއްލަ މަޞްލަޙަތުތަކެއް ދަމަހައްޓަން. ވިޔަފާރީގެ މަޞްލަޙަތުތަކެއް ދަމަހައްޓަން. ނޫނީ އެބޭފުޅުން ބޭނުންފުޅުވާ ނަފައެއް، ދައުލަތުގެ މާލިއްޔާގެ ތެރެއިން، ނޫނީ ދައުލަތުގެ ރައުސްމާލުގެ ތެރެއިން ހޯއްދަވަން. ކީއްކުރަންތޯ ދިވެހި ރައްޔިތުން މިކަމާ ވިސްނަންވީ؟ މިއީ ދިވެހި ރައްޔިތުން ވިސްނަންޖެހޭ ކަމެއްނޫން. އެކަން ކޮށްދޭކަށެއް ދިވެހި ރައްޔިތުން އެބޭފުޅުންނާ ގުޅޭކަށެއްނުޖެހޭ. އެކަމަކު ދިވެހިރާއްޖޭގައި ބާއްވަން ބޭނުންވީ ސަތޭކައިންސަތޭކަ އިސްލާމީ ދައުލަތެއްތޯ ކުރެވޭ ސުވާލުގައި ހަމަ ދިވެހި ކޮންމެ ރައްޔިތަކު ވިސްނަންޖެހޭ. ހަމަ ކޮންމެ ރައްޔިތަކު ވިސްނަންޖެހޭ. އެއީ އަޅުގަނޑުމެންގެ ދޮށީ މީހުން ބުނީމާއެއްނޫން އަޅުގަނޑުމެން އެކަން ގަބޫލުކުރަނީ. އަޅުގަނޑުމެންގެ ޢިލްމުވެރިން އެ ވާހަކަ ވިދާޅުވީމާ އެކަންޏެއް ނޫން އަޅުގަނޑުމެން އެކަން ގަބޫލުކުރަނީ. އަޅުގަނޑުމެން ހުރިހާ އެންމެން ގަބޫލުކުރާ ކަމެއް އެއީ.

 

އަޅުގަނޑު މިއަދުވެސް ތިޔަބޭފުޅުންނާ ދަންނަވާ ސުވާލު. އަޅުގަނޑާ އިދިކޮޅަށް ވާދަކުރައްވާ އެމް.ޑީ.ޕީ އާ ގުޅިފައި އޮތް ކޯލިޝަންގެ މެނިފެސްޓޯއިން ތިޔަބޭފުޅުން ބައްލަވާލަބައްލަވާ! ދިވެހިރާއްޖޭގައި އޮންނާނީ ސައްތައިންސައްތަ އިސްލާމީ ދައުލަތެއްތޯ ލިޔެފައި އޮތް ލަފްޒު އޮތްތޯ ބައްލަވާ! އެ ވާހަކައެއް ނޯންނާނެ. އެ ވާހަކައެއް އެބޭފުޅުންގެ މެނިފެސްޓޯއަކު ނޯންނާނެ. މަރުގެ ޙުކުމް ތަންފީޒުކުރާ ވާހަކައެއް، އެބޭފުޅުންގެ މެނިފެސްޓޯއަކު ނޯންނާނެ. އެކަމަކު ރައީސް ޔާމީނުގެ ޒަޢާމަތުގައި، ތިރީހަކަށް މީހުން މަރުވެފައި އޮތް ވާހަކަ ވިދާޅުވެފައި، އެންމެބޮޑު އިސްކަމެއް ދެއްވާނީ، އެ ތިރީސް މީހުންގެ މަރުގެ ތަޙުޤީޤު ކުރައްވާށޭ ވިދާޅުވާއިރު، އެބޭފުޅުން ވިސްނާވަޑައިގަންނަވަންވާނެ، އެވަރުގެ ވާހަކަ ރައްޔިތުންގެ ކައިރީގައި ވިދާޅުވާއިރު، އެ މަރުގެ ތަޙުޤީޤުތައް މިހާރު ހިނގަމުންނުދޭތޯ؟ އެ މަރުގެ ތަޙުޤީޤުތައް ހިނގަމުންދޭ. އަދި އެއިން ބައެއް މައްސަލަތައް ތަޙުޤީޤު ނިމި، ކޯޓުގައި އުޅޭ މައްސަލަތައް އެބަހުރި. އަދި ބައެއް މައްސަލަތަކަށް ސުޕްރީމް ކޯޓާ ހަމައިން ނިމެމުން ގޮސްފައި ހުރި މައްސަލަތައްވެސް އެބަހުރި.

 

އެހެންވީމާ، އެއީކީ ތަޙުޤީޤު ނުކުރެވި ހުރި މައްސަލައެއް ނޫން. އަނެއްކާ އޭރު ތިރީސް މަރު އައީ ކިހިނެއްތޯ، އަޅުގަނޑުމެން ހިންގަވާ، އެއްވެސް ފަރާތަކަށް ނުޖެހި، އިންޞާފުގެ ވިސްނުމަށް ހިންގަވާ ފިކުރުކުރަމާ! ރައީސް ޔާމީން ވެރިކަމާ ހަވާލުވީ 2013 ވަނަ އަހަރު. އޭގެ ކުރީގައި ހިނގައިދިޔަ އަހަރުތަކުގެ ތެރޭގައި، ރަޙުމްކުޑަގޮތަށް މީހުންނާ ދޭތެރޭގައި ކަންކަން ކުރެވެމުންދިޔައީ. ކަންކަމަށް ގޮވާލަމުންދިޔައީ. މީހުންނަށް އަނިޔާކުރުމަށް ގޮވާލަމުންދިޔައީ. ރަށްރަށަށް އައިމާ، ގާ އުކަމުންދިޔައީ.  މި ރަށަށް އައިސްފައި އަޅުގަނޑު ދަންނަވާލަންޖެހޭ އެހެން ވާހަކައެއް އެބައޮތް.

 

މި ރަށަށް އައިސްފައި އަޅުގަނޑު ހުރިން، އިންތިޚާބަކަށް އައި މީހަކު ގޮވައިގެން އައިސް، އަޅުގަނޑުގެ އަޚަކު ގޮވައިގެން އައިސް، މި ރަށަށް ނޭރިފައި އަޅުގަނޑު ހުރިން، ބާރަ ގަޑިއިރަށްވުރެ ގިނައިރު ކަނޑުމަތީގައި. އެކަމަކު މިރަށުން އަޅުގަނޑަށް އޭގެފަހުން މަރްޙަބާ ވިދާޅުވި. އެއީ މިރަށުގެ ރައްޔިތުންގެ ނިންމުމެއް ނޫން. އެކަމަކު ސިފައިންނާއި ފުލުހުންނާ ނުފޫޒު ފޯރުވަނީ އަޅުގަނޑު ކަމަށް ވިދާޅުވާއިރު، އޭރު އޮތް ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު. ކަނޑުމަތީގައި އިނދެގެން އަޅުގަނޑު ރައީސް ނަޝީދާ ގުޅިން. މިއީ ކިހިނެއްވާނެ ކަމެއްތޯއޭ؟ ޤާނޫނުއަސާސީ އެބަ ކަށަވަރުކޮށްދޭ، ކޮންމެ މީހަކުވެސް އެމީހަކު ދާން ބޭނުންވާ ރަށަކަށް ޒިޔާރަތް ކުރެވޭނެ ކަމަށް. އެބޭފުޅުންގެ އަތްޕުޅުގައި ވެރިކަމުގެ ބާރު އޮވެގެން، އަޅުގަނޑަށް މި ރަށަށް ނޭރި، އަޅުގަނޑު މި ދެންނެވި ގޮތަށް، ބާރަ ގަޑިއިރަށްވުރެ ގިނައިރު އަޅުގަނޑުމެން ކަނޑުމަތީގައި އުޅެފައި، އަޅުގަނޑުމެން ވޭމަންޑުއަށް ދަތުރުކުރީ. އޭގެ އަނެއްދުވަހު އަޅުގަނޑުމެން މި ރަށަށް އައީ. އެހެންވީމާ، ދާއިރާތަކަށް ނުފޫޒު ފޯރުވަނީ ކޮންބައެއްކަންވެސް އަޅުގަނޑުމެންނަށް އެނގޭ ނޫންތޯ. އަދި ކަންކަމަށް ބަލާއިރު، އަޅުގަނޑުމެންނަށް އެބަ އެނގިގެންދޭ، ބޮޑެތި މަޞްލަޙަތުތައް ގެއްލިގެން މިދަނީ ކީއްވެގެންކަން. ބޮޑެތި ކުށްތައް މި ކުރަން ފެށުނީ ކީއްވެގެންކަން. މި ދެންނެވި ހާދިސާއިން އެކަނިވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެނެވެންވާނެ.

 

ދިވެހިރާއްޖޭގައި ކޮންއިރަކުތޯ، އަޅުގަނޑުމެންގެ ޚިޔާލަށް އައީ، އަޅުގަނޑުމެންގެ މެހްމާނުންނާ ބެހޭގޮތުން އެންމެ ކުރީގައި ލިޔުއްވާ ސައްޔާޙުން ލިޔުއްވާފައި ހުންނަނީ ކީކޭތޯ؟ މިއީ ދުނިޔެމަތީގައި އޮތް ސުވަރުގެއެކޭ. ވަރަށް މެހްމާންދާރީ އަދާކުރާ ބަޔަކު ދިރިއުޅޭ ރަށެކޭ ދިވެހިރާއްޖެއަކީ. އެތައް ބައިވަރު ޖަޒީރާ ޤައުމުތަކެއް ހިމެނޭ، އިންޑިއާ ކަނޑުގައި އޮތް ޖަވާހިރުތަކެއް އެކުލެވޭ ހާރެއްފަދަ ޤައުމެކޭ ދިވެހިރާއްޖެއަކީ. މިއީ އަޅުގަނޑުމެން އުފަލާއެކީ އުޅެން އޮތް ދިވެހިރާއްޖެ. އެކަމަކު މި ދިވެހިރާއްޖެއެއް ނޫންތޯ، ދާދިފަހުން އަޅުގަނޑުމެން މި ދެންނެވި ގޮތަށް އިންތިޚާބަކަށް ވާދަކުރަން އައިމާ، އަޅުގަނޑުމެންނަށް މި ރަށަށް ނޭރުނީ. އެހެންވީމާ، މިރަށަށްވުރެ ރަނގަޅަކަށް މި ވާހަކަ ދައްކާނެ އެހެން ރަށެއް ނެތެއްނޫންތޯ.

 

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ބޮޑެތި ޖަރީމާއާއި، މިކަހަލަ ބޮޑެތި ގޯނާކުރުމުގެ ތެރެއިން މިހިރީ ބޮޑެތި ކުށްތައް އުފަންކޮށްފައި. އޭރު އައީ އެކި މީހުންނަށް އެކިކަހަލަ ޙަމަލާދެމުން. އެކި މީހުންގެ ގޭދޮށަށް އެއްވަމުން. އެކި މީހުންގެ ގެޔަށް ގާ އުކަމުން. މަގުމައްޗަށް މީހުން ނެރެ. ކިހިނެއްތޯ، ރައީސް މައުމޫނަށް މެދުވެރިވި ޙާލަތަކީ ކޮބައިތޯ؟ މިއަދު ރައީސް މައުމޫން، އެބޭފުޅުންގެ ފިކުރާއެކީ އުޅުއްވި ކަމުގައިވީނަމަވެސް، މިތާ ކުރީ ސަފުގައި މި އިނީ ޒައިދުލް އަމީން. ހަމަގައިމު ޒައިދުލް އަމީން ކިޔައިދޭނެ. ޒައިދުލް އަމީނަކީ ރައީސް މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީގައި އުޅުނު ކުއްޖެއް. ކޮންމެ ދެރެއިން އެއްރޭ އަލިވާގޭދޮށަށް ދާނެ. ކޮންމެ ދެރެއިން އެއްރޭ އަލިވާގޭދޮށަށް ގޮސް، ރައީސް މައުމޫނަށް ގޯނާކުރާނެ. ކޮންމެ ދެރެއިން އެއްރޭ އަލިވާގޭދޮށަށް ގޮސް، ރައީސް މައުމޫނާ ގޯނާކުރާނެ. އޭގެ އަނެއްރޭ އެއީ އަޅުގަނޑުމެންގެ ގޭދޮށަށް އަންނަ ރޭ އިނގޭތޯ. އެއްރޭ އަޅުގަނޑުމެންގެ ގޭދޮށަށް. އަނެއްރޭ ރައީސް މައުމޫންމެން ގޭދޮށަށް. މިކަހަލަ ކަންތައްތަކެއް ކުރަމުން ކުރަމުން އައިސް، ޒުވާނުން ނެރެގެން ބޮޑެތި ކުށްތައް ކުރުވުމަށް މީހުންނަށް ހޭނިފައި މިހިރީ.

 

އެހެންވީމާ، އޭރު އެހެރީ ރާއްޖޭގެ އެކި ހިސާބުގައި މީހުންނަށް ބޮޑެތި ޖިސްމާނީ އަނިޔާ ކުރުމާއި، މީހުން މެރުމާ، އެކަންކަން ދިވެހިރާއްޖޭގައި އުފަންކޮށްފައި އެހެރީ. އޭގެ ކުރީގައި އަޅުގަނޑުމެން މަދުން ނޫނީ ނާހަމު، މީހުން މަރާ ވާހަކައެއް. މީހުން މަރުނުވެއެކޭނޫން. އެކަމަކު މި ދެންނެވި ގޮތަށް، މީހުން މަރާފައި އޮންނަ ޘަޤާފަތެއް އަޅުގަނޑުމެންގެ ތެރޭގައި، ދިވެހިރާއްޖެއަކު ނޯންނާނެ.

 

އެހެންވީމާ، އޭރު ހިނގަމުން އައި ކަންތައްތަކެއްގެ ނަތީޖާއަކަށްވީ، ރައީސް ޔާމީނުގެ ސަރުކާރާ ހަމައަށް އައިއިރުވެސް ތިރީސް މަރު އެބައުޅޭ. ކަމެއްވީމާ ދޮގެއްތޯ. މިގޮތަށް މީހުން މެރުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމަކަށްނުވާތީ ދޮގެއްތޯ، ޤިޞާޞް ހިފާނަމޭ އަޅުގަނޑު ބުނީ. އަޅުގަނޑު އިޢުލާނުކުރީ. އެ ސަބަބަށްޓަކައި މަރުގެ ޙުކުމް ތަންފީޒު ކުރާ ވާހަކަ އަޅުގަނޑު ބުނީ. އެބޭފުޅުންނަށް ކީއްވެގެންތޯ، އެ ވާހަކަ ވިދާޅުނުވެވިގެން އެ އުޅުއްވަނީ؟ އަޅުގަނޑު އެ ވާހަކަ ދެއްކި ހިސާބުން ފެށިގެން، ﷲގެ ރަޙްމަތާއެކީ މިހާރު މީހުން ވިސްނާ ކަންކަމަށް. މިހާރު، ކުރީގައި މީހުން އެހާ ރަޙުމްކުޑަކޮށް މަރާ މެރުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާ ވަނީ ވަދާޢުވެ ގޮސްފައި. އަޅުގަނޑުމެންނާ އަލްވަދާޢު ކިޔާފައި. މީހުންނަށް ގޯނާ ނުކުރެއެކޭ ނޫން. ކޮންމެވެސްވަރަކަށް ކަންކަން ނުހިނގައެކޭ ނޫން. އެކަމަކު މި ދެންނެވި ސްކޭލްގައި މިކަމެއް ނުހިނގާ.

 

އެހެންވީމާ، އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވޭ ތިޔަބޭފުޅުންނާ. ދިވެހިރާއްޖޭގެ ދައުލަތަކީ ސައްތައިންސައްތަ އިސްލާމުން އުޅޭ، އިސްލާމީ ދައުލަތެއް ކަމުގައި ލިޔުއްވަން ނޫޅުއްވަނީ ކީއްވެގެންތޯއޭ؟ އެ ވާހަކަ އަޅުގަނޑުމެންނަށް ކަށަވަރުނުކޮށްދެއްވަނީ ކީއްވެގެންތޯ، އެބަ ދަންނަވާލަންޖެހޭ. އަދި ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ޢަދާލަތު ޕާޓީން އެބަ ވިދާޅުވޭ، ޢަދާލަތު ޕާޓީ އަބަދުވެސް ތާއީދު ކުރައްވާނީ، ސަތޭކައިންސަތޭކަ އިސްލާމް ދައުލަތަކަށޭ. ސަތޭކައިންސަތޭކަ މުސްލިމުން އުޅޭ ދިވެހިރާއްޖެއަކަށޭ. ޢަދާލަތު ޕާޓީން އެބަ ވިދާޅުވޭ. ހަމަ އެގޮތަށް، ޖުމްހޫރީ ޕާޓީންވެސް އެބަ ވިދާޅުވޭ. ޖުމްހޫރީ ޕާޓީންވެސް އެކަން އެބަ ވިދާޅުވޭ.

 

އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، މިބޭފުޅުންގެ މެނިފެސްޓޯގައި އެބަ ވިދާޅުވޭ، ތިމަންނާމެން އައިސްފައި ފުރަތަމަ މިތިބީ، އަށާރަ މަސްދުވަހެއްހާ ދުވަހުގެ އިންޓެރިމް ގަވަރންމަންޓަކަށޭ. އެހެންވީމާ، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން، އެބޭފުޅުންނަށް އަދި ވެރިކަން ހަވާލުވިނަމަވެސް، އެބޭފުޅުން އެ ވިދާޅުވަނީ، އަށާރަ މަސްދުވަސް ކުރައްވާފައި، އިންތިޚާބަކާ ހަމަޔަށް ވަޑައިގަންނަވާނަމޭ. އެއީ އެބޭފުޅުންގެ މެނިފެސްޓޯގައި އޮތް ވާހަކަ. އެ ވާހަކަ ދެންމެ ޠާރިޤު އެ ވިދާޅުވީ. ދެން ފުރަތަމަ ސުވާލަކީ، އިބްރާހީމް މުޙައްމަދު ޞާލިޙު، ނޫނީ އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓް ރަށްރަށަށް ވަޑައިގެން މިހާރު ކޮށްނުދެއްވާނެ ކަމެއްނެތް. އެއްފަޅުގެ ތެރޭގައި ހުރި ހުރިހާ ރަށްރަށް ބްރިޖުން ގުޅާ ވާހަކަވެސް އެބަ ދައްކަވާ.

 

އެހެންވީމާ، ދިވެހި ރައްޔިތުންނަށް އަޅުގަނޑު ހަމަ މިއަދު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަށާރަ މަސްދުވަހުގެ ތެރޭގައި، މިއިން އެއްވެސް ކަމެއް ނުކުރެވޭނެކަން އެނގިވަޑައިގަންނަވާ. އެހެންވީމާ، އަށާރަ މަސްދުވަހަކަށް ވަޑައިގަންނަވާ ބޭފުޅަކަށް، ވަރަށް ފަސޭހަ، އެތައް ބައިވަރު ކަންތައްތަކެއްގެ ވާހަކަ ވިދާޅުވާން. ތިން އަހަރު ދުވަހުގެ ތެރޭގައި ފުލް ޓީމް، ފުލް ގިޔަރުގައި މަސައްކަތް ކޮށްގެން ނުކުރެވުނު ކަންކަން، އަށާރަ މަސްދުވަހުގެ ތެރޭގައި ކުރެވޭނެ ކަމަކަށް އެއްވެސް ދިވެއްސަކު ގަބޫލެއްނުކުރާނެ. އެހެންވީމާ، އަށާރަ މަސްދުވަހުން ކަންކަން ކުރުމުގެ ޒިންމާ އުފުއްލަވާ ބޭފުޅަކަށް ވަރަށްގިނަ ވާހަކަ ދެއްކެވިދާނެ. އަށާރަ މަސްދުވަހަށްފަހު ވަނީ ކީއްތޯ، އެބަޖެހޭ ޢަދާލަތު ޕާޓީގެ އިސް ބޭފުޅުންނާއި، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން، ރައްޔިތުންގެ ކައިރީގައި ވިދާޅުވާން. މިއަދު އެބޭފުޅުން އެ ތިއްބެވީ ކޯލިޝަނެއްގައި. މިއަދު އެބޭފުޅުން އެ ތިއްބެވީ މިސާލަކަށް، އެބޭފުޅުން ކޯލިޝަނުން ދައްކަވާފައި އެހެރީ އިބްރާހީމް މުޙައްމަދު ޞާލިޙު. އަށާރަ މަސްދުވަސް ފަހުން، ދެން އަޅުގަނޑުމެންނަށް ޞޫރަވެގެންދާނީ، ސިފަވެގެންދާނީ ކޮން ބޭފުޅެއްގެ މޫނުތޯ އެބަޖެހޭ ދިވެހި ރައްޔިތުންގެ ކައިރީގައި، ޢަދާލަތު ޕާޓީގެ އިސްބޭފުޅުންނާއި، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވާން.

 

އެހެންވީމާ، ދެން ސިފަވެގެން އަންނައިރު، ސައްތައިންސައްތަ އިސްލާމީ ދައުލަތެއް އޮންނަގޮތަށް ކަންކަން ކުރާނެ މީހެއްތޯ އަންނާނީ، އަޅުގަނޑުމެން ކައިރީގައި އެބަ ވިދާޅުވާންޖެހޭ، މި ދެ ޕާޓީގެ އިސް ބޭފުޅުން. މިއީ ދިވެހި ރައްޔިތުންގެ ޙައްޤެއް. އަދި ދިވެހި ރައްޔިތުންނަށް، ދުސްތޫރީ ނިޒާމެއްގެ ތެރެއިން، އަށާރަ މަސްދުވަހުގެ މީހަކަށް، އެ ވާހަކަ ގަބޫލެއްވެސްނުކުރާނެ. އެކަމަކު އެއްބަޔަކު ކުރިމަތިލައިގެން އުޅޭ ބައެއްގެ އަތްމަތީގައި އޮތް ކަމެއް، އަށާރަ މަސްދުވަސް ކީއްކުރަންތޯ، މިއަދު ޤާނޫނީ ހުވާކޮށްފައި، މާދަމާވެސް އިސްތިޢުފާ ދެވިދާނެ. އެއީ ދިވެހިރާއްޖޭގައި، އަދި އަމުދުން އެބޭފުޅުންގެ ޘަޤާފަތަށް ބަލައިފި ކަމަށްވަންޏާ، އާ ކަމެއްވެސް ނޫން. އެހެންވީމާ، އެކަން ކުރައްވަފާނެ އެބޭފުޅުން.

 

އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރައްޔިތުން މިހާ މަސައްކަތް ކޮށްގެން، ރައްޔިތުންގެ އުއްމީދުތަކެއް އޮވެގެން، ޒުވާނުންނަށް ވަޒީފާތަކެއް އުފެދިގެންދާއިރު، އަޅުގަނޑުމެން އުއްމީދު މިކުރަނީ، މިއަދު ކަމެއް ކޮށްފައި، މާދަމާ އެކަން ނިންމާކަށެއް ނޫން. އެއަށްވުރެ ދިގު މުއްދަތެއްގައި އަޅުގަނޑުމެން އެކަން ކުރަން މިދަނީ. އަޅުގަނޑުމެންގެ ދުސްތޫރުގައި ލިޔެފައި މިއޮތީ ފަސް އަހަރުގެ ދައުރެއް. ފަސް އަހަރުގެ ދައުރެއް ލިބުނީމާ، އަޅުގަނޑަށްވެސް އިޙްސާސް ކުރެވޭ، ރަށްރަށަށް ބޭނުންވެފައި ހުރި ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ ޚިދުމަތްތަކަށް ބަލާކަމަށްވަންޏާ، ފަސް އަހަރުގެ މަޝްރޫޢަކީ ހާދަ ކުރު މުއްދަތެކޭ. ހާދަހާ ކުރު މުއްދަތެކޭ. އެހެންވީމާ، އަށާރަ މަސްދުވަހު އައިސްގެން، ކޮން ކަމެއްތޯ ވާނީ؟

 

އެހެންވީމާ، އަޅުގަނޑު ހަމަ ދިވެހި ރައްޔިތުންގެ އަރިހުގައި ދަންނަވާލަން ބޭނުންވޭ. މި ވޯޓާ ހަމަޔަށް ވަޑައިގަންނަވާއިރު، ތިޔަބޭފުޅުން ސީރިޔަސްކޮށް ވިސްނަވަންޖެހޭ ކަންކަމުގެ ތެރޭގައި ވެއްޖިއްޔާ، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ތަރައްޤީގެ ވާހަކަ ދައްކާނެ. ތަރައްޤީގެ ވާހަކަ ދައްކާ ބަޔަކާއި، ތިން އަހަރުގެ ތެރޭގައި ތަރައްޤީ ނުކުރެވުނު ބަޔަކާއި، ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގި ހިންގީނުން ގޮސް، އެނޫން ވާހަކައެއް ނުދެއްކޭނެ ކަމަށް މިހާރު ގަބޫލުކޮށްގެން، އަޅުގަނޑުގެ ވާދަވެރިން ތަރައްޤީގެ ވާހަކަ މަޖުބޫރުވެގެން އެ ދައްކަވަނީ.

 

އަޅުގަނޑުމެން ހަމަ ކުރުގޮތަކަށް ދަންނަވަން. މިކަހަލަ ބޮޑެތި ބިޔަ މަޝްރޫޢުތަކަށް ވެއްޖިއްޔާ، އެބޭފުޅުން ހިންގެވި ކޮންމެ މަޝްރޫޢަކަށް، ނިންމެވި ކޮންމެ މަޝްރޫޢަކަށް، އަޅުގަނޑުމެންގެ ސަރުކާރުން މިވަނީ ހަ މަޝްރޫޢު ހިންގައިދީފައޭ. އެހެންވީމާ، މިއީ ހާލު ހުރިގޮތް. މިއީ މިކަންކަން ހުރިގޮތް.

 

އެހެންވީމާ، މިއަދު މި ހުރިހާ ވާހަކައެއް ދައްކާއިރުވެސް، އަޅުގަނޑުމެންނަށް ކޮމްޕްރޮމައިޒް ނުކުރެވޭނެ، ނޫނީވިއްޔާ އަޅުގަނޑުމެންނަށް ގޮތެއް ނުނިންމައި ދޫނުކޮށްލެވޭނެ ބައެއް ކަންކަން އެބަހުރި. އަޅުގަނޑުމެންގެ އަސާސް އެބަހުރި. ބަހާ އެބަހުރި. އެއްކަމަކީ، ދިވެހިރާއްޖޭގައި އޮންނަން ބޭނުންހެއްޔޭ، ސައްތައިންސައްތަ އިސްލާމީ ވެރިކަމެއް. ދިވެހިރާއްޖޭގައި ތިބެންޖެހޭނީ ސައްތައިންސައްތަ މުސްލިމުން ހެއްޔޭ. ދިވެހިރާއްޖޭގައި ޤިޞާޞް ތަންފީޒު ކުރާނަންހެއްޔޭ. މަރުގެ ޙުކުމް ތަންފީޒު ކުރާނަންހެއްޔޭ. ނޫނީވިއްޔާ އަނެއްކާވެސް ކުރީގައި އޮތްގޮތަށް، މީހުން މެރުމާއި، އަނިޔާވެރިކަމާއި، ޖާހިލުކަންމައްޗަށް ދޫކޮށްލަން އަޅުގަނޑުމެންގެ ޤާނޫނުތަކުގައި އެ ވާހަކަ ނުލިޔާނީހޭ؟ ހަމަގައިމުވެސް އަޅުގަނޑާ ވާދަކުރައްވާ ސިޔާސީ ބޭފުޅުންގެ މެނިފެސްޓޯއަކުންނެއް، މި ދެންނެވި ވާހަކަތަކަކަށް ޖަވާބެއް ނުދެއްވާ. މި ދެންނެވި ވާހަކަތަކަށް ޖަވާބު ނުދެއްވާތީކީކަންނޭނގެ، ބޭރު ކަރަކަރައިގެ ބޭފުޅުން، އެބޭފުޅުންނާ އެހާ ޝައުޤުވެރިކަން، އަޅުގަނޑުގެ ވާދަވެރިންނާ ދޭތެރޭގައި އޮތީ. މި ވާހަކަތައް ދައްކާފައި، ޤައުމަށް ހެޔޮއެދިގެން، ޤައުމުގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށާއި، ދީން ޙިމާޔަތް ކުރުމަށް އަޅުގަނޑު މިހާ ބާރުލައި ވަކާލާތު ކުރާތީ، އަޅުގަނޑަށް އެނގޭގޮތުން ވެއްޖިއްޔާ، އަޅުގަނޑާ ދޭތެރޭގައި މި އަންނަ ބަދުނާމުތައް، ބޭރުގެ ބައެއް ފަރާތް ފަރާތުން މި އަންނަނީ.

 

އެހެންވީމާ، މިހާރުވެސް އެބަޖެހޭ، ދެން ވަޑައިގަންނަވާ ރަށެއްގައި، ރައްޔިތުންނަށް ކަށަވަރުކޮށްދެއްވަން، އެބޭފުޅުންގެ ސަރުކާރެއްގައިވެސް ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދެއްވާނެކަން ކަށަވަރުކޮށްދެއްވަންޖެހޭ. އަދި ރާއްޖެއަކީ ސަތޭކައިންސަތޭކަ މުސްލިމް ދައުލަތެއް ކަމަށް، އޮންނަންޖެހޭނެ ކަމަށް އެބަ ކަށަވަރުކޮށްދެއްވަންޖެހޭ. މަރުގެ ޙުކުމް ތަންފީޒު ކުރުމާއި ނުކުރުމާ ދޭތެރޭގައި އަޅުގަނޑުމެންނަށް އެބޭފުޅުންގެ ފަރާތުން ބަހެއް ވިދާޅުވާންޖެހޭ. އެކަމަކު އަޅުގަނޑަށް އެނގޭ، މީގެ ޖަވާބުވެސް މި ސުވާލުތަކުގެ ކުރިން. މި ޖަވާބު ފެންނާނީ ސެޕްޓެންބަރު 23 ގައި ނަގާ ވޯޓުންނޭ. ކިހާ ރަނގަޅު ޖަވާބެއްތޯ އެއީ.

 

އެހެންވީމާ، ރައްޔިތުން މިކަންކަމާ ޣާފިލުވެގެނެއް ނުވާނެ. ރައްޔިތުންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ދޫނުކޮށްލާނެ ދެކަމެއްގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެއްކަމަކީ، ދިވެހި ދައުލަތުގައި، ނޫނީ ދިވެހިރާއްޖެ އޮންނާނީ ސަތޭކައިންސަތޭކަ އިސްލާމުން ތިބޭ ދައުލަތެއްގެ ގޮތުގައިތޯ، ދިވެހިރާއްޖެ އޮންނަން ބޭނުންވަނީ؟ ދެވަނަ ކަމަކަށްވާނީ، ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަށް މި ދިމާވި، ކުރީގައި ހުރި މަރުގެ ކަންތައްތަކާއި، އަނިޔާވެރި ކަންތައްތައް، އެގޮތުގެ މަތިން އޮތުމަށްޓަކައި އަނެއްކާވެސް ޤާނޫނުގައި ވަކި އެއްޗެއް ނުބުނެ، އިސްލާމީ ޝަރުޢުގައި އެ އޮންނަގޮތަށް، ޤިޞާޞް ތަންފީޒުނުކޮށް ދޫކޮށްލަން ހުޅުވާލާފައި އޮންނަ ސިޔާސަތެއްތޯ، އަޅުގަނޑުމެން ގެންގުޅޭނީ. އެހެންވީމާ، މިއީ ހަމަގައިމުވެސް ދިވެހި ރައްޔިތުން ވިސްނާވަޑައިގަންނަވަންޖެހޭ ކަމެއް. ދެންހުރި އެހެން ކަންކަމަކީ ކޮންމެ ބައެއްގެވެސް ތޫނުފިލިކަމާއި، އެބަޔަކަށް މަސައްކަތް ކުރެވުނު މިންވަރަކުން ރައްޔިތުންނަށް ތަރައްޤީ ގެނައުމަށް ކުރާ މަސައްކަތް.

 

އަޅުގަނޑު ހަމަ ހުރިހާ ރައްޔިތުންނަށްވެސް އެދެނީ، ތިޔަބޭފުޅުން މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވަން. ސެޕްޓެންބަރު މަހުން 23، އަންނަ މަހުން 23 ވަނަ ދުވަހު ނަގާ ވޯޓަކީ، އެއްގޮތަކަށްވެސް ޕާޓީގެ ފިކުރުގައި ނަގާ ވޯޓެއް ކަމަށް ވިސްނާވަޑައިނުގަންނަވާ! އެއީ އެއަށްވުރެ މާބޮޑު ޤައުމީ މަސްއޫލިއްޔަތެއް އަދާކުރަން ހަމަ ކޮންމެ ދުވަހަކުވެސް، ކޮންމެ ރައްޔިތަކު ނުކުމެވަޑައިގަންނަވައި ލައްވާ ވޯޓެއް ކަމަށް ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ!

 

އަޅުގަނޑު އެދެނީ ތިމަރަފުށީގެ ރައްޔިތުންނަށް، ތ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް. އުފާފާގަތި ދުވަސްތަކެއްގެ ތެރޭގައި ތިބެވޭނީ އަޅުގަނޑުމެން ޤާނޫނުތަކުންނާއި، އަޅުގަނޑުމެން ޢަމަލުކުރާ ކަންކަމުން އުފާފާގަތިކަން ކަށަވަރުކޮށްދޭނެ ކަންތައްތަކެއް އަޅުގަނޑުމެންގެ ތެރޭގައި ލިޔެވިގެން. އެކަންކަމުގެ މައްޗަށް ﷲގެ ނަޞްރާއި ތައުފީޤު، ﷲ މިންވަރު ކުރައްވާނެ.

 

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި މަސައްކަތުގައި، މާތްﷲގެ ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި!

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.