بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

މި ރީތި ފިނިފެންމަލެއް ކަހަލައި މަލެހުއްޓައް އާމައި ތި ވިދާޅުވީ މަރުޙަބާއައްޓަކައި ވަރަށް އުފާކޮޓެ ޝުކުރެކެ ދަންނަވަން.

 

އާދެ އަޅުގަނޑުމެން އައުމުން ކޮލަމާފުށިން ތި ވިދާޅުވި ހޫނު މަރުޙަބާއަކީ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑު ހަނދާނުން ފިލައިގެންދާނެ މެހެމާންދާރީއެއް ނޫން. އާދެ، ހަމައެއާއެކީ ދަންނަވާލަން ބޭނުންވޭ، ދެންމެ ތަޢާރުފުގައި ވިދާޅުވި ފަދައިން، އަޅުގަނޑު ކޮލަމާފުށްޓަށް މި ޒިޔާރަތްކުރަނީ ދެވަނަ ފަހަރު. ދެން ކޮލަމާފުށްޓާ އަޅުގަނޑާ ދޭތެރޭގައި ހަމަ ގާތްގުޅުމެއް އޮވޭ. ކުރީފަހަރު އައިއިރު އަޅުގަނޑު ހިތަށްއަރަނީ ދެން އަޅުގަނޑު މިރަށަށް ހުއްދަ ނުނަގާ އަންނަވަރު ތިޔަބޭފުޅުން ކޮށްދެއްވި. އަޅުގަނޑަށް މިރަށުގެ ތަޅުދަނޑި ތިޔަބޭފުޅުންވަނީ ދެއްވާފައި އެހެންނޫންތޯ؟ އެހެންވީމާ، ދެވަނަ ފަހަރު ތިންވަނަ ފަހަރުވެސް އަންނާކަށް އަޅުގަނޑު ހަމަ އެއްގޮތަށްވެސް ހުއްދަ ނަގާކަށްނުޖެހޭނެ. ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ ވަރަށް މަރުޙަބާ ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވަން. އަޅުގަނޑުގެ އިސްތިޤުބާލުގައި އަދި އަޅުގަނޑަށް ކަމޭހިތްތެވުމުގެ ގޮތުން ތިޔަ ހުރިހާ ބޭފުޅުން މި ހޫނުގަދަ ގަޑީގައިވެސް ތިއްބެވީމާ.

 

ދެން ހަމަ އެއާއެކީ ދަންނަވާލަން ބޭނުންވަނީ، އަބަދުވެސް މިރަށުން ކޮންމެވެސް އާ ކަމެއް އާ ޖާދޫއެއްގައި އަޅުގަނޑު ޖައްސަވައޭ. މިއަދު އަޅުގަނޑު މިތަނަށް އައިމާ، އަޅުގަނޑަށް އެނގިގެން މިދިޔައީ ތިޔަބޭފުޅުންގެ ބަނދަރު މިއޮތީ ތޮއްޖެހިފައި. ދެން އަނެއްކާ އަޅުގަނޑު މި ދާ ތަންތަނުގައި ޓޫރިޒަމްގެ ތަރައްޤީގެ ވާހަކަ އެބަ ދައްކަމު. އަދި އެ ތަންތަނުގެ ކައިރީގައި ހުންނަ އެއަރޕޯޓުގެ ވާހަކަވެސް ދައްކަން. ގއ ގެ ޚާއްޞަކަމުގެ ވާހަކަ ދައްކަން. ޚާއްޞަގޮތެއްގައި ގދ. އަތޮޅު، ހުވަދުއަތޮޅުގެ ޕޮޓެންޝަލް ނޫނިއްޔާ ފުރުސަތު އޮތްކަމުގެ ވާހަކަ އަޅުގަނޑު ދައްކަމުން މިދަނީ. ދެން ބައެއް ރަށްރަށުގައި އެއަރޕޯޓުގެ ވާހަކަ ދައްކާތީކަންނޭނގެ އަޅުގަނޑަށް މިފެނިގެން މިދަނީ އަޅުގަނޑުމެންގެ ޤައުމީ އެއަރލައިން މިތާ މިހާރުވެސް ބަނދަރުކޮށްގެން މިއޮތީ.

 

ދެން އަޅުގަނޑަށް ހަމަ ލިބޭ އުފަލަކީ މިހާރު އަޅުގަނޑުގެ ވިސްނުންވެސް އަޅުގަނޑަށް އެބަ އެނގޭ. އަޅުގަނޑު ތަރައްޤީއަށް މިކުރާ މަސައްކަތުގައި އަޅުގަނޑަށްވުރެ ކުރީގައި ދެ ފިޔަވަޅު ތިން ފިޔަވަޅު ކުރީގައި ކޮލަމާފުށީ ރައްޔިތުން އުޅުއްވާކަން އެބަ އެނގޭ. އެހެންވީމާ، ކޮލަމާފުށްޓަށް މިއަދު އައިމާ އަޅުގަނޑަށް ދެއްވި ސަޕްރައިޒަކީ، ނޫނިއްޔާ އަޅުގަނޑަށް ދެއްވި އިތުރު އުންމީދަކީ، ދެން ކޮންމެހެން ކޮލަމާފުށީގައި އެއަރޕޯޓެއް އަޅާކަށް ރަންވޭއެއް އަޅާނެކަމެއްނެތޭ. ކޮލަމާފުށީގެ ވިސްނުންހުރި މިންވަރުން ރަންވޭއަކާ ނުލައިވެސް މިތާ މަތިންދާބޯޓު ޖައްސާނެއޭ. އޭގެ ފައިދާ ތިޔަބޭފުޅުންނަށް ލިބިގެންދާނެކަމާ ދޭތެރޭގައި އަޅުގަނޑު ހިތުގައި ހަމަ އެއްވެސް ކަހަލަ ވަހުމެއް ސުވާލު އުފެދޭކަމެއް ނޫޅޭ.

 

ކޮލަމާފުށްޓަކީ ހަމަ ޙަޤީޤަތުގައިވެސް ވަރަށް ފޯރިގަދަ ރައްޔިތެއް އުޅުއްވާ ތަނެއް. ކެމްޕޭނު ކުރުމުގައި އަޅުގަނޑު ދަންނަވަން، ކެމްޕޭނުގެ ސިޔާސީ މަސައްކަތުގައި މި ހިސާބުން އަޅުގަނޑަށް ފާހަގަކޮށްލެވޭ ދެ ރަށެއް އޮވޭ، ގެމަނަފުށްޓާއި ކޮލަމާފުށްޓާ. ވަރަށް ސްޓައިލުގައި ކެމްޕޭނުގައި މަސައްކަތްކުރާނީ، ވަރަށް މުރާލިކަމާއެކީ. ދެން އޭގެ އިތުރަށް، ކޮލަމާފުށްޓަކީ، ޙަޤީޤަތުގައިވެސް ވަރަށް މުރާލި ރައްޔިތެއް ދިރިއުޅުއްވާ ތަނެއް. ފެށުނީއްސުރެ، ޒަމާނުއްސުރެ ކޮލަމާފުށްޓަކީ، ހަމަ މަސްވެރިކަމުގެ ކިއްލާއެކޭ އަޅުގަނޑު ދަންނަވާނީ. މަސްވެރިކަމުގައި ހަމަ މަސްވެރިންގެ ތަނެއް. އެހެންވެގެން މި ބަނދަރުވެސް މިހިރަ ބޮޑެތި އުޅަނދުފަހަރުން ފުރިގެން މިދަނީ އެހެންވެގެންކަން އަޅުގަނޑަށް ގަބޫލުކުރެވޭ. ދެން އެންމެ ފުރަތަމަ ތިޔަބޭފުޅުން އެދިވަޑައިގަންނަވާނެ ކަންކަމުގެ ތެރޭގައި ބަނދަރުވެސް ހިމެނޭނެކަން އަޅުގަނޑަށް އެބަ އެނގޭ. އަޅުގަނޑު މިރަށަށް އައިސް ތިޔަބޭފުޅުންގެ މި އުފަލުގައި މި ބައިވެރިވަނީ، ޙަޤީޤަތުގައިވެސް ކޮލަމާފުށްޓަށް އަންނަ ކޮންމެ ތަރައްޤީއަކީ، އަޅުގަނޑުވެސް ހަމަ އެ ތަރައްޤީގެ ކޮންމެވެސް ޙިއްޞާއެއް އަޅުގަނޑުގެ ސަރުކާރުން ދެވިފައިވާ ކަމުގައިވަންޏާ އެކަމުގެ އުފަލުގައި ތިޔަބޭފުޅުންނާއެކީ އުފާކުރަން އަންނަ މީހަކަށްވާތީ.

 

ދެންމެ ތަޢާރަފުގައި އެ ވިދާޅުވި ފަދައިން ކޮލަމާފުށްޓަށް ވަރަށް ގިނަ ކަންތައްތައް ކޮށްދެވިފައިހުރިކަމަށް އެ ވިދާޅުވީ. ދެން اَلحَمْـدُ لِلّـهِ މިހުރިހާކަމެއް ކޮށްގެން ދިވެހި ރައްޔިތުންނަށް އުފާވެރިކަމާއި ކުރިއެރުން ލިބޭކަމަށްވަންޏާ އެއީ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑަށް ހަމަ އިތުރު އުފާލިބިގެންދާ ކަމެއް.

 

ކޮލަމާފުށީގެ ބަނދަރުގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. ދާދިފަހުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މި އިޢުލާނު ކުރެވުނު އޮފިޑް ލޯނުގައި އަޅުގަނޑުމެން އެދުނު ކަންކަމުގެ ތެރޭގައި، ކޮލަމާފުށްޓަށް ބަނދަރެއް ހެދުމުގެ މަޝްރޫޢަށް އަޅުގަނޑުމެން އޮންނާނީ އެދިފައި. އަޅުގަނޑުމެން އެ އަދަދަށް އެދުނީ ނޫނިއްޔާ އެ އޮފިޑް ލޯނަށް އެދުނީ އަޅުގަނޑުމެންނަށް އޮފިޑްގެ ފަރާތުން އެ ކަށަވަރުކަން ލިބުނު، އަޅުގަނޑުމެންނަށް ފައިސާ ލިބޭނެކަމަށް. އަޅުގަނޑުމެންނަށް ހަވާލުކޮށްފައި ވަނީ މަޝްރޫޢުތަކަކާ މަޝްރޫޢުތައް ދާނެ ރަށްތައް ކަނޑައަޅަން. އޭގެތެރޭގައި ކޮލަމާފުށީގެ ބަނދަރު އެއޮތީ ހިމެނިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ ބަނދަރުގެ މަސައްކަތްވެސް ފެށިގެންދާނެ.

 

މިއަދުގެ މި އުފަލަކީ ފެނާއި ނަރުދަމާވެސް، ދެންމެ ތަޢާރުފުގައި ޠާރިޤް އެ ވިދާޅުވިފަދައިން، ފެނާއި ނަރުދަމާގެ ފަސޭހަކަމާއި އޭގެ މަންފާ، ކޮލަމާފުށީގެ ރައްޔިތުންނަށް ލިބިވަޑައިގަންނަވައިގެން ދިޔައީ. އެ އުފަލުގައި ތިޔަބޭފުޅުންނާއެކީ އަޅުގަނޑު ހަމަ ބައިވެރިވާ ވާހަކަ ދަންނަވަން.

 

އަޅުގަނޑު ކޮންމެވެސް ވަރަކަށް ސިޔާސީ ވާހަކަވެސް ދަންނަވާނަން. އެކަމަކު އޭގެކުރިން އަޅުގަނޑު ޖެހިލާނަން، ކޮލަމާފުށީގެ ތަރައްޤީއާއި ކޮލަމާފުށީގެ ޞިނާޢަތާ މަސައްކަތްތެރިކަމާ ހުރިގުޅުމުގެ ވާހަކަ ދަންނަވަން. ކޮލަމާފުށީގައި އަޅުގަނޑަށް އެނގޭ ކޮންމެހެން އެއަރޕޯޓެއް ނޭޅިޔަސް މި ހިސާބަށް ރިޒޯޓު ގެނެވޭނެކަން. ތިޔަބޭފުޅުން ތިޔައޮތީ އަޅުގަނޑަށް ދައްކަވައިދެއްވާފައި. ދެން އަނެއްކާ ކުރީފަހަރު އަޅުގަނޑަށް ތަޅުދަނޑި ދެއްވާފައި މިފަހަރު ތިޔަ ދެއްވީ މަތިންދާބޯޓު ކެޕްޓަނެއްގެ ތޮފި. އެހެންވީމާ، މިތަނުގައި އެއަރޕޯޓުގެ ޝައުޤުވެރިކަން އޮތް މިންވަރު އަޅުގަނޑަށް އެނގިގެންދޭ. ދެންހަމަ ތިޔަބޭފުޅުންގެ ދީލަތި ގެސްޗަރ ރަމްޒުކޮށްދެއްވާ ކަންކަމާއި ހިތުގައި ތިޔަ އޮތް ޝުޢޫރު އަޅުގަނޑު އިޚްލާޞްތެރިކަމާއެކީ ބަލައިގަންނަން.

 

އެއާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މި ދަތުރުކުރާ ދަތި އުނދަގޫ މަގު ދަންނަ، އަދި އަޅުގަނޑު މި ތަޙައްމަލުކުރާ އުނދަގޫތައް ދަންނަ ރައްޔިތުންތަކެއް ރާއްޖޭގެ އެކި ހިސާބުގައި އުޅޭތީ، އަޅުގަނޑު ހަމަ ޙަޤީޤަތުގައިވެސް އުފާކުރަމޭ. އަޅުގަނޑުމެން ދިވެހިރާއްޖޭގައި ތަރައްޤީގެ މަސައްކަތްތައް ކުރެވެމުންދާއިރު މިހުރިހާ މައްސަލަތަކެއް މި އަންނަ ސަބަބެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ތަރައްޤީގެ މަސައްކަތުގައި އަޅުގަނޑުމެން ރާއްޖެ މިހާރު ދާ ދުވެލީގައި ހަމަ ޙަޤީޤަތުގައިވެސް ދަތިއަޅުވަން ބޭނުންވާ ފަރާތްތަކެއް އުޅޭތީ. އެއީ، މިގޮތަށް ތަރައްޤީވަމުންދާ ކަމަށްވަންޏާ، އެންމެ ކުރީގައި ވެއްޖިއްޔާ ރާއްޖެއަށް ޒިޔާރަތްކުރައްވާ ސައްޔާޙުން ވިދާޅުވެފައި ހުންނަ ވާހަކަތައް. ފަހުގެ ތާރީޚުގައި ވެއްޖިއްޔާ އަޅުގަނޑުމެންގެ ލީޑަރުން އެކި ބޭފުޅުން ވިދާޅުވާނެ ކަންކަން ކުރުމުގައި ދިވެހިރާއްޖެއަކީ ވަސީލަތް މަދު، ވަރަށް ނިކަމެތި ބައެއް ދިރިއުޅޭ ތަނެކޭ. އެހެންނަމަވެސް، 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ނުކުންނަމުން އަޅުގަނޑު ދެއްކި ވާހަކައާއެކީ އަޅުގަނޑުމެން، ހުރިހާ ޒުވާނުންގެ ވިސްނުން ބަދަލުވެގެން ދިޔައީ. އަޅުގަނޑުމެން އޭރު ވާހަކަ ދައްކަމުން ދިޔައިން އަޅުގަނޑުމެންނަށް ދަތިވެފައިހުރި ހުރިހާ ކަންތައްތައް ފިލުވައިދިނުމުގެ ތަޅުދަނޑިވެސް ޙަޤީޤަތުގައި އޮތީ އަޅުގަނޑުމެންގެ އަތުގައޭ. އަޅުގަނޑުމެންގެ ދިރުމެއް ހުރިއްޔާ އަޅުގަނޑުމެންގެ އުންމީދެއް ވާންޖެހޭނެއޭ. އަދި އަޅުގަނޑުމެންނަށް ދަތިވެފައިހުރި ހުރިހާ ކަންތައް ޙައްލުކުރުމަކީ ދެން އަޅުގަނޑުމެން އަމާޒުހިފަންޖެހޭ ކަންކަމޭ.

 

މިއަދު އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ސުވާލެއް ދަންނަވާލާނަން. ތިޔަބޭފުޅުންނަށް އެންމެ ދަތިވެފައިހުރި ކަންކަމުގެ ތެރޭގައި ޙައްލުވާނެކަމަށް ދާދި ފަސޭހައިން، ނޫނިއްޔާ ދާދި އަވަހަށް ޙައްލުވާނެކަމަށް އަޅުގަނޑު ދެންނެވިކަމަކީ ތިޔަބޭފުޅުންނަށް ދަތިވެފައި މިއޮތް، ނޫނީ ތޮއްޖެހިފައި މިއޮތް ބަނދަރުގެ މަސައްކަތް. ބަނދަރަށް އަޅުގަނޑު ފައިސާ ހޯދާއިރު، އަޅުގަނޑު ހަމަ ތިޔަބޭފުޅުން ކުރެން އަހާލަން ބޭނުންވޭ، އަޅުގަނޑު ފައިސާ ހޯދަނީ ކިހިނެއްތޯ ތިޔަބޭފުޅުން ސުވާލު ކުރައްވާނަންތޯ؟ އެއްވެސް ބޭފުޅަކު ސުވާލުކުރައްވާނަންތޯ އަޅުގަނޑު މި ބަނދަރު ހަދައިދޭން މިތަނަށް ފައިސާ ހޯދަނީ ކިހިނެއްތޯ؟ އަޅުގަނޑަކަށް ހިއެއްނުވޭ އެއްވެސް ބޭފުޅެއްގެ އެ ސުވާލު އޮންނާނެހެންނެއް.

 

އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުން މިއަދު ވިދާޅުވަމުން ދައްކަވާ ވާހަކައަކީ، ތަރައްޤީގެ ވާހަކަ އިތުރަށް ދެއްކެވުމުގެ ބޭނުމެއްނެތް. އެއީ، އެބޭފުޅުން މިހާރު އެހާބޮޑަށް އަޑު އައްސަވާ ހިތްވާ ވާހަކައަކަށްނުވޭ. އަޅުގަނޑަށް ހީވަނީ އަޑުއިވުނީމާ ގައި ހިރުވާކަހަލަ އިޙްސާސްތަކެއް އެބޭފުޅުންނަށް އަންނާތީ، އެވާހަކަ އަޑުއަހާކަށް ބޭނުމެއްނުވޭ. އެކަމަކު އޭގެ ބަދަލުގައި ރައްޔިތުންނަށް އެއްޗެއް ވިސްނައިދެވޭތޯ މި ބައްލަވަނީ ތަރައްޤީކުރަން މިކުރާ މަސައްކަތުގައި ރައީސް ޔާމީން، ރާއްޖެއަށް ނުތަކާވަރަށް ނޫނީ އަންނަންއޮތް ޖީލަށް، ދެން ވެރިކަމާ ޙަވާލުވާ ބަޔަކަށް ނުތަކާވަރަށް ލޯނު ނަގައިގެން ދަރަނި ބޮޑުވެގެންނޭ ތަރައްޤީ މިވަނީ. އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ކޮލަމާފުށީގައި، މަސްވެރިރަށެއް، ޙަރަކާތްތެރި ރައްޔިތުންތަކެއް ތިއްބެވި ރަށެއްގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންނަށް ދަތިވެފައި މިއޮތީ މިހާރު ބަނދަރުގެ މަސައްކަތް. ބަނދަރުގެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑު ލޯނުނެގީމާ، ސަރުކާރުގެ ދަރަނި އިތުރުވެގެން ތިޔަބޭފުޅުންނަށް ދަތިވާ ބޭފުޅަކު މިތާ އޯޑިއަންސްގެ ތެރޭގައި އަޅުގަނޑުގެ ވާހަކަ އަޑުއައްސަވަން އިންނެވިކަމަށްވަންޏާ ހަމަ ފުރަތަމަ ތެދުވެވަޑައިގެން ވިދާޅުވޭ، ތިމަންނައަށް އުނދަގުލޭ މިކަން.

 

މި ބަނދަރު ބޭނުންކަމަށް ވިދާޅުވާ ބޭފުޅުންގެ އަޑެއް އަޅުގަނޑު އަހާލަން ބޭނުންވޭ. މިއީ ދޮގެއްތޯ ތަފާތަކީ، މިއީ ތަފާތަކީ. ރައްޔިތުން ބޭނުންވަނީ ރައްޔިތުންނަށް ނުފުދިފައި ހުރި ކަންކަން ފުއްދައިދިނުން. އެކަންކަން ފުއްދައިދިނީ ރައީސް ޔާމީން ކިހިނެއްތޯ އެ ސުވާލެއް ނުކުރާނެ. އެއީ، މިހާރު މި ހިނގަމުންދާ ކަންތައްތަކަށް ރައީސް ޔާމީނަށް ރައްޔިތުން އިތުބާރު ކުރާތީ. ރައީސް ޔާމީން ކަންތައްތަކެއް ކުރަމުންދާކަމަށް އެބަ އިތުބާރު ކުރޭ. އެހެންވީމާ، ގަބޫލުކުރޭ، މިތަނުގައި ބަނދަރުވެސް ރައީސް ޔާމީން ހަދައިދޭނެކަން. ލޯނު ނެގުން، ލޯނު އަދާކުރުން، އެ ސުވާލެއް ރައްޔިތުންނެއް ނުކުރާނެ. މިރަށަށް އައިސް، ފެނާއި ނަރުދަމާގެ ނިޒާމު ހަމަޖެހިގެން ދިޔައިމާ ރައްޔިތުންނަށްވާ ފަސޭހަ، ރައްޔިތުންގެ ޞިއްޙަތަށް ދުޅަހެޔޮކަން އަންނަ މިންވަރު އަޅުގަނޑުމެންނަށް އިޙްސާޞް އެބަކުރެވޭ. މި ފެނާނަރުދަމާ މިތާ ގާއިމުކުރުމަށް އަޅުގަނޑު ލޯނު ނަގާނީތޯ، ލޯނު ނުނަގާ ދެން ކިހިނެއްތޯ މިފައިސާ ހޯދީ، އެއީ އަޅުގަނޑަކާ ރައްޔިތުން ކުރައްވާނެ ސުވާލެއްނޫން. ރައްޔިތުން ބޭނުންވާނީ މި ޚިދުމަތް ލިބިގެންދިޔުން.

 

 އެހެންވީމާ، މިހާރު މި ދެކެވެމުން އަންނަ ވާހަކައަށް އަޅުގަނޑު ހަމަ އިތުރު ބޮޅެއް، މިނިސްޓަރ ޠާރިޤް ދެންމެ އެ ހެއްދެވިގޮތަށް އަޅުގަނޑުވެސް ހަމަ ސުވާލެއް ކޮށްލާފައިދާނީ. އަޅުގަނޑުމެން މިހާރު ތަރައްޤީގެ ވާހަކަ ދައްކާތީ ތަރައްޤީގެ ވާހަކަ ނުދައްކަވަން ތިއްބެވި ބޭފުޅުން، މުޅިންވެސް ވަރަށް ވައްޓަފާޅިއެއް ނެތްގޮތަކަށް ތަރައްޤީ ވެދާނެކަމަށް ގަބޫލުކުރައްވާ ބޭފުޅުންނަށް، މިއަދު މި ޖެހިވަޑައިގަންނަވަނީ ކޮން ދަތުރެއްތޯ؟ ރައީސް ޔާމީން ކަށަވަރުކޮށްނުދިނިއްޔޯ، ކޮލަމާފުށީގެ ބަނދަރު ހެދުން މިސާލަކަށް. މިރަށަށް އިދިކޮޅު ކެންޑިޑޭޓަކު އަރުއްވައިފިއްޔާ ތިޔަބޭފުޅުންގެ ފުރަތަމަ ޑިމާންޑަކަށްވާނީ ކޮންކަމެއްތޯ؟ ބަނދަރެއްނޫންތޯ އައްސަވާނީ. ބަނދަރަށް އައްސަވާނީ. ދެން އައްސަވާނީ ބަނދަރު ހައްދަވަން ފައިސާ ހޯއްދަވާނީ ކިހިނެއްތޯ. މިހާރު އެވިދާޅުވާގޮތަށް ރައީސް ޔާމިން މި ހިންގާ މަޝްރޫޢުތައް، ކޮންމެ ރަށެއްގައި މިކަހަލަ އެތައްކަމެއް ކުރަމުންދާނެކަމަށް ވިދާޅުވަމުން ވިދާޅުވަމުން ވަޢުދުވަމުން އެވަޑައިގަންނަވަނީ. އަދި ވިދާޅުނުވާ ވާހަކައަކީ، އެކަންކަން ކުރައްވަން ފައިސާ ހޯއްދަވާނެ ގޮތް. އެހެންވީމާ، އަޅުގަނޑު އެބޭފުޅުންނަށް މި ދަންނަވަނީ ޢިލްމީ ނަޒަރަކުން ރައްޔިތުންނަށް ވިސްނައިދެއްވާށޭ އެކަން ކުރައްވާނެ ގޮތް. ޢިލްމީ ނަޒަރަކުން އެކަން ކުރައްވާނެގޮތް އެބޭފުޅުން ވިސްނައިދެއްވައިފިއްޔާ ވިދާޅުވާނެ، ދައުލަތުން މިހާރު ނަގާފައި ހުރި ލޯނުތައް ހުރުމާއެކީ، ދައުލަތުގެ ޚަޒާނާގައި ނޫނީ ތިމަންނަމެންނާ ދައުލަތް ޙަވާލުވެއްޖެ ކަމަށްވަންޏާ، ވަރަށް ގިނަ ލޯނު އެބަހުއްޓޭ އެ އަދާކުރަން އެބަޖެހެއޭ. އެހެންވީމާ، ތިމަންނަމެން ދަތިތަކެއް އުފުލާނެއޭ.

 

އެކަމަކު އޭގެ ބަދަލުގައި އަޅުގަނޑު ދަންނަވަމުން އައި ވާހަކައަކީ އެ ތިން އަހަރުގެ ވެރިކަން ނިމި އޭގެ ފަހުން އައި ދެ އަހަރެއްހާ ދުވަހުގެ ވެރިކަން ނިމިގެން ދިޔައިރު، 28.5 ބިލިއަން، 28 ހާސް މިލިއަން ނޫނީ 29 ހާސް މިލިއަން ރުފިޔާގެ ދަރަނި އޮތޭ. އެކަމަކު ރައީސް ކަމަށް އަންނަ މީހަކު އަންނަނީ، އެ ޗެލެންޖް ބަލައިގަނެގެން އެކަން ޙައްލުކޮށްދެން އަންނަނީ. އަޅުގަނޑުވެސް ކަންބޮޑުވި އެހާ ބޮޑު އަދަދެއްގެ ފައިސާ އޮތީމާ. އެކަމަކުވެސް އަޅުގަނޑު ދެންނެވިން، އިރާދަކުރެއްވިއްޔާ ދެ އަހަރާއި ތިން އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، ބަޖެޓުގެ ޑެފިސިޓް ފޫބައްދާނަމޭ. ނޫނިއްޔާ، މި ދަރަނީގެ އުނދަގޫ އަޅުގަނޑުމެންނަށް އިޙްސާސްކުރަން ނުޖެހޭ މިންވަރަށް މިކަން ކުރާނަމޭ.

 

މިއަދު އެބޭފުޅުން މިހުރިހާކަމެއް ކުރައްވަން ވިދާޅުވާއިރު، އެއަރޕޯޓް އޮންނަ ކޮންމެ ރަށެއްގައި އެއަރޕޯޓް އަޅަން، މިތަނަށް ވަޑައިގެން ވިދާޅުވާނެކަންނޭނގެ ފެނާއި ނަރުދަމާވެސް ތިމަންނަމެން އަޅައިދޭނަމޭ، ހަމައެގޮތަށް މިދަނީ. އެހެންދާއިރު އެބޭފުޅުންނަށް އަންނަ ސުވާލަކީ، މަތިވާ ސުވާލަކީ، މިހާރު ރައީސް ޔާމީން ލޯނު ނަގައިގެން ކަންތައް ކުރާތީ ކަންބޮޑުވާއިރު، އެބޭފުޅުންނާ ސަރުކާރެއް ޙަވާލުވެއްޖެ ކަމަށްވަންޏާ ލައްކަ ބޮޑު ދަރަނި އޮންނާނެނޫންހޭ. އެދަރަންޏަކީ ހަމަގައިމުވެސް ދިވެހިރާއްޖެއަށް އުފައްދާ އެއްޗެހިން ލިބޭ އާމްދަނީއަކުން ފުއްދޭނެ ކަމެއްނޫން.

 

ކުރީގައި މިއައި ވިރާސީ ދަރަނި ފިލުވައިލުމަށްޓަކައި އަޅުގަނޑު ދެ އަހަރު ނޫނީ ތިން އަހަރުގެ މުއްދަތެއް ނެގިން. އެއީ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެމުން އޭގެކުރީގައި އެބޭފުޅުން އުފައްދާފައިހުރި ދަރަނި ފިލުވާލަން އަޅުގަނޑު ނެގި މުއްދަތު. މިހާރު އެބަހުރި ދަރަނިތަކެއް، ބޮޑެތި ދަރަނި އެބަހުރި. ބައިނަލްއަޤްވާމީ އެއަރޕޯޓަށް ބަލާކަމަށްވަންޏާ، ވެލާނާ އެއަރޕޯޓަށް ބަލާކަމަށްވަންޏާ މިދައްކަނީ 1000 މިލިއަން ޑޮލަރުގެ ވާހަކަ. އެހެންވީމާ، ދަރަނި އެބަހުރި. ފުރަތަމަ ދަރަނި އޮވެގެން ހީކަރުވާކަމަށްވަންޏާ މިހާރު އެބޭފުޅުންނާ ކުރަންޖެހޭ ސުވާލަކީ، މި ދަރަނިތަކާއެކީ ދެން ތިޔަބޭފުޅުން ތިޔަވަޑައިގަންނަވާ ކޮންމެ ރަށަކުން ތަރައްޤީގެ މަޝްރޫޢެއްގެ ވާހަކަދެއްކީމާ، ކުރީގެ ތަރައްޤީގެ މަޝްރޫޢުގެ ވާހަކަ ނުދައްކާ. މިހާރު ހަމަ ތަރައްޤީގެ މަޝްރޫޢުތައް ވިހާހެން ހީވަނީ. ހަމަ ކުކުޅުބިސް އަޅާހެން ތަރައްޤީގެ މަޝްރޫޢުތަކުގެ ވާހަކަ. ކޮންމެ ރަށެއްގައި ކޮންމެ ދެރަށެއްގެ ދޭތެރޭގައި ފާލަން އަޅުއްވާ ވާހަކަ. ބްރިޖް އަޅުއްވާ ވާހަކަ. ނޫނީ ކޯޒްވޭއެއް އަޅުއްވާ ވާހަކަ. ކޮންމެ އަތޮޅެއްގައި އެއަރޕޯޓެއް އޮތަސް އިތުރު އެއަރޕޯޓެއްގެ ވާހަކަ އެބަދައްކަވާ. އެކަމަކު މިހިރީ ކޮށްފައިހުރި ކަންކަން.

 

ގއ، ގދ އަށް އަޅުގަނޑުގެ ވިސްނުމުގައި އަޅުގަނޑު ދެންނެވިން، މަދުވެގެން ހަތަރު އެއަރޕޯޓު ބޭނުންވާނޭ. މިހާރު އެބައޮތް ކޮމިޓްމެންޓެއްދީފައި. ގއ.ވިލިގިނލީ ކައިރީގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް އެޅޭނެކަމަށް. އަޅުގަނޑުގެ މިދަތުރުގައި މަޑަވެލީގައި ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން، ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް އަޅުގަނޑުމެން ހަދާނަމޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ފުރަތަމަ އަހަރު އެއީ، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދިގެންދާނެ. އެއީ، ހުވަދުއަތޮޅުގައި ޓޫރިޒަމްގެ ޕޮޓެންޝަލް ނޫނީ ފުރުޞަތު އޮތްލެއް ބޮޑުކަމުން އެވާހަކަ ދައްކަމުން ދިޔައީ. މިއަދު އަނެއްކާ އަޅުގަނޑު ޖަވާބެއް ދިނިން. އަޅުގަނޑު ދެންނެވިން، އަޅުގަނޑު މި އިޢުލާންކުރާ މަޝްރޫޢުތަކާއި، އަދި އެއަށް ފައިސާ ހޯދާނެ ގޮތާ މިއީކީ އަޅުގަނޑަށް ހުވަފެނުން ފެނިގެން ކުރާ ކަންކަމެއްނޫނޭ. މިމަސައްކަތް އަޅުގަނޑު ކުރާތާ އެއް އަހަރުވެއްޖެ. އަދި ފަންނީ ދިރާސާތަކުގައި އެކިދާއިރާތަކުގެ ބޭފުޅުން މަސައްކަތް ކުރައްވާތާ މިހާރު ހައެއްކަ އަށެއްކަ މަސް ވެއްޖެ.

 

އެހެންވީމާ، އަޅުގަނޑުގެ މެނިފެސްޓޯއެއްގައި ރައްޔިތުންނަށް މިދޭ އުއްމީދާ ރައްޔިތުންނަށް މިވެނި މަޝްރޫޢެއް ގެނެސްދޭނަމޭ ބުނާކަމަށްވަންޏާ އެއީ، އޭގެ ދިރާސާތަކުން ނިންމާފައި އަޅުގަނޑު ދައްކާ ވާހަކަ. އެހެންވީމާ، މިރަށުގައި މިސާލަކަށް، މިރަށް ހިމެނޭ ސަރަޙައްދުގައި މިސާލަކަށް ރިޒޯޓުތަކެއްހަދާނެ ވާހަކަ އަޅުގަނޑު ބުނީމާ، ކީއްވެގެންތޯ އެކަމާ ހައިރާންވާންވީ. އަޅުގަނޑު އެއަށްވުރެ ބޮޑެތި ވާހަކަ ރައްޔިތުންނާ ދައްކާފައި މިހިރީ ދޮގެއްތޯ. އަޅުގަނޑު ދެއްކިވާހަކަތަކުގެ ތެރެއިން އަޅުގަނޑު ދެންނެވިން، 2030 ގެ ނިޔަލާ ހަމަޔަށްދާއިރު، 18 އަހަރުވާ ކޮންމެ މީހަކަށް އަދި ގޯއްޗެއް ނޫނިއްޔާ ގެދޮރުވެރިކަން ނެތް ކޮންމެ މީހަކަށް އެ މައްސަލަ ޙައްލުކޮށްދޭނަމޭ. އެއަކަށް އެބޭފުޅުން ޖަދަލެއް ނުކުރައްވާ. އޭގެ ބަދަލުގައި، އެބޭފުޅުންވެސް ބެއްލެވީ، ރައްޔިތުން ރުއްސޭތޯ. އެބޭފުޅުން މިހާރު އެބަ ވިދާޅުވޭ، ތިމަންނަމެންވެސް ގެދޮރު ދޭނަމޭ. އެކަމަކު އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ދޮގެއްތޯ، މުއްދަތެއް. އެބޭފުޅުން ގެދޮރެއް ނުދެއްވާ. އެކަމަކު ގެދޮރު ދެއްވުމުގެ ހުވަފެން އެބޭފުޅުން ގެންގުޅުއްވި. އެއީ، ކޮންމެ ތަނަކުން ދޮންވެލިކޮޅެއް ފެންނައިރަށް ވިދާޅުވާނެ، މިތަނުގައި ފްލެޓެއް އަޅާނަމޭ. އެ ހުވަފެން ގެންގުޅުއްވި. އެކަމަކު ހަޤީޤަތަކަށް ނުވޭ.

 

ރައީސް ޔާމީން ރައްޔިތުންނަށް ދައްކަމުން އަންނަ ހުވަފެނަކީ، ޚާއްޞަކޮށް ޒުވާނުންނަށް، އުއްމީދު ކުރާށޭ، އަޅުގަނޑުމެންގެ މުސްތަޤްބަލް އުޖާލާ ކުރުމަށްޓަކައި އުއްމީދު ކުރާށޭ. އަޅުގަނޑުމެންނަށް ދަތިވެފައި ހުރި ކަންތައްތައް ފުއްދުމަށްޓަކައި އުއްމީދުކުރާށޭ. މިއަދު އެ އުއްމީދުތައް އަޅުގަނޑުމެންނަށް އެބަ ފެނޭ، ޙަޤީޤަތަކަށްވެގެން ގޮސް ހުރިތަން. މިއަދު އެ އުއްމީދުތައް ޙަޤީޤަތަކަށް ވެގެންދާތަން ފެނުނީމާ، ކިތަންމެ ވަރަކަށް މަޝްރޫޢު ހިނގާ ތަނުގެ ކުރިމަތިން ހުރަސް ކަނޑާފައިދާއިރު، އެއްފަރާތަށް ކަނދުރާ އަނބުރައިގެން ދިޔަކަމުގައި ވީނަމަވެސް އެ މަޝްރޫޢު އެތާ ހިނގާކަން އެބަ އެނގޭ. ކިހިނެއްތޯ، މާލޭގެ އިރުމަތީ ފަރާތަށް އަންނަ ބަޔަކަށް ބްރިޖް ނުފެނިދާނީ. އަޅުގަނޑު ކައިރީ ވިދާޅުވޭ،  މާލޭގެ އިރުމަތީ ފަރާތުން އުތުރުން ދެކުނަށް ހިނގިޔަސް އެބޭފުޅުންނަށް ހަމަ ބްރިޖް ފެންނާނެ. މާލޭގެ ހުޅަނގުން ދެކުނު ކަންމައްޗާ ހަމަޔަށް ގޮއްސިކަމަށްވަންޏާ ހަމަ ނާރުއެރިޔަސް ބަލައިލަން ޖެހޭނީ. އަދި އެންމެ އުސް ހިސާބަށް އެބޭފުޅުންގެ ބޭފުޅުން ބަލިވެގެން ދިޔައިމާވެސް އަޅުގަނޑު ހަމަ އެބޭފުޅުންނަށް ލިފްޓްވެސް މިލައިދެނީ. އެހެންވީމާ، މިކަންކަން ކުރުމަށްޓަކައި ފައިސާ  އެބަ ބޭނުންވޭ.

 

މިހާރު އެބޭފުޅުން އެ ވިދާޅުވާންޖެހޭ، ރައީސް ޔާމީން ތަރައްޤީގެ މަޝްރޫޢެއް އިޢުލާން ކުރާއިރު  ހަމައެއާ ޖެހިގެންދާ ރަށުގައި ތަރައްޤީގެ މަޝްރޫޢު އިޢުލާން ކުރައްވާއިރު، ބްރިޖް އެޅުން، ކޯޒްވޭއިން ގުޅުން، ނޫނިއްޔާ އެތަންތަނުގެ އެއަރޕޯޓު އެޅުން، މިވާހަކަ ދައްކަވާއިރު އެއަށް ފައިސާ ހޯއްދަވާނެ ގޮތެއް އައްސަވަބައްލަވާ. އެހެންވެގެން ޢިލްމީ ދިރާސާއެއް ކުރައްވާފައި އެކަންކަން ކުރައްވާށޭ އަޅުގަނޑު މިދަންނަވަނީ.  މިހާރު އެހެންވީމާ، މި ނުކުންނަނީ ކޮން މައްސަލައެއްތޯ؟ އަޅުގަނޑު ޕޮއިންޓަކީ، ނުކުތާއަކީ މިއީ. އަޅުގަނޑު ލޯނު ނަގައިގެން ކަންކަން ކުރީމާ، ރައްޔިތުން ދަރާވިކިފައި، ސަރުކާރު ދަރާވިކިފައި އޮންނަ ވާހަކަ ދައްކަވާއިރު މި ބޭފުޅުން މިކުރައްވަން އުޅޭކަންތައްތަކަށް ލޯނެއް ނޫންތޯ ނަންގަވާނީ؟ ހަމަޔަޤީން ދޮގެއްތޯ މި ބޭފުޅުންވެސް ނަންގަވާނީ ލޯނުކަން. އެއީ، ދައުލަތުގެ ޚަޒާނާގައި އެވަރަށް ފައިސާ ނުހުންނާނެކަމަށް އެވިދާޅުވަނީ.

 

ދެން އޮތީ މީގައި ދެގޮތް. އެއްގޮތަކީ އެބޭފުޅުންވެސް ލޯނު ނެންގެވުން. އެކަމަކު މިހާރު ލޯނު ނަގައިގެން މިކަން ކުރާތީ އަޅުގަނޑު އެބަ ކުށްވެރިވޭ. ލޯނުނެގުމަކީ ގޯސް ކަމަކަށް އެބަވޭ. އެކަމަކު އެ ބޭފުޅުން މިކަން ކުރައްވަން އޮތްގޮތަކީ، އެބޭފުޅުން އަޅުގަނޑަށް މަނާކުރައްވާކަންކަން އަމިއްލަފުޅަށް ކުރައްވަން މިހާރު އިޢުތިރާފްވަނީ. އެލޯނު ނަގާވާހަކަ އެދައްކަނީ. އެހެންވީމާ، މި ސުވާލަށް ޖަވާބު ހޯދަން އެބަޖެހޭ ނޫންތޯ؟  ލޯނު ނުނަގަންޏާ ދެން އޮތީ ކޮންކަމެއްތޯ؟ ލޯނު ނުނަގަންޏާ ދެން އޮތް ކަމަކީ، އެކަންކަން ކުރަން ފައިސާ ހޯދުން. ކޮންގޮތަކަށް ފައިސާ ހޯދާނީ. ދެން އަނެއްކާވެސް މިއަންނަނީ އެބޭފުޅުންނަށް އުނދަގޫ ވާހަކައެއް. ދެން ފައިސާ ހޯދަން ޖެހޭނީ، ރައީސް ޔާމީނާއި އޭގެކުރީގައި ތިބި ވެރިން އެއްކޮށްފައިހުރި ހަރުމުދާ ވިއްކައިގެން އަނެއްކާ ފައިސާ ހޯދޭނީ. މިވެސް އެމީހުން އަޑުއަހަން ބޭނުންވާނެ ވާހަކައެއް ނޫން.

 

މިހާރު ދައުލަތުގެ ޚަޒާނާގައި ފައިސާގެ އިތުރަށް ދައުލަތުގައި އެބަހުރި މިލްކިއްޔާތު. ކޮންމެ ރަށެއްގައިވެސް އެސެޓް އެބަހުރި. އަދި ރާއްޖޭގައި ހުޅުލޭ އެއަރޕޯޓު ކަހަލަ ތަންނަށް ބަލައިފިކަމަށްވަންޏާ މިއީ މުއްސަނދި ރައުސްމާލު މިހިރީ. އެހެންވީމާ، ދެން އެބޭފުޅުން ލޯނު ނުނަގާ މިކަންކުރާ ކަމަށްވަންޏާ ފައިސާ ހޯދަން އޮތްގޮތަކީ، އަނެއްކާވެސް މިހެން ހުރި ތަންތަން ވިއްކުން. އެވާހަކަ  އެބަ ވިދާޅުވޭ ދޮގެއްތޯ މިހާރު. އެހެންވެގެން، ތަޙްލީލްކޮށްފައި އެބޭފުޅުން މިއަށް ފައިސާ ހޯއްދަވާނެ ގޮތް  އަޅުގަނޑުމެންނަށް ކިޔައިދެއްވާށޭ އަޅުގަނޑުމެން މިދަންނަވަނީ. ލޯނު ނެގުމަކީ ކަމުނުދާކަމެއް. އެހެންވީމާ، މިހާރު އެކުރައްވަން ވިދާޅުވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކަކީ ހަމަގައިމުވެސް ދަނޑިފަނުން ކުރެވޭނެ ތަރައްޤީއެއްނޫން. އެއީ، ފައިސާ ބޭނުންވާނޭ ކަންކަން. މިރަށުގައި މި ހިންގި މަޝްރޫޢުއަށް ބަލާކަމަށްވަންޏާ، ނަރުދަމާ ނިޒާމަށް އެކަނި ބަލައިފިކަމަށްވަންޏާ އެބައަރާ 32 މިލިއަން ރުފިޔާ.

 

ކަންތައްތައް ކުރެވޭ ކަމަށްވަންޏާ މިރަށުގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ކުރީގައި މާކުރީގައި މިއީ ވަރަށް ވަރުގަދައަށް އިދިކޮޅު ފިކުރު އޮތްތަނެއްކަމަށް މަޝްހޫރު ކުރަމުން އަންނަ ރަށެއް. އެއީ، މިރަށުގައި މިހާރުވެސް އެބަ ތިއްބެވިކަންނޭނގެ އޭގައި ފާހަގަކުރެވޭ ބައެއް ބޭފުޅުން. އެހެންވީމާ، ކޮލަމާފުށްޓާ ދޭތެރޭގައި މިކަހަލަ ވާހަކައެއް އަޑުއިއްވަމުން އައީ. އެކަމަކު އަޅުގަނޑު ރިޔާސީ ޕްރައިމަރީއަށް އައިސް އެހިސާބުން ފެށިގެން އަޅުގަނޑަށް ގަބޫލުކުރެވުނު. ނޫނެކޭ، ކޮލަމާފުށްޓަކީ ކޮންމެހެން ތިހާވަރުގެ އިދިކޮޅު ފިކުރުއޮތްތަނެއް ނޫނޭ. އިދިކޮޅު ފިކުރު އުޅޭނެ މީހުން އުޅޭނެ ހުރިހާ ތަނެއްގައިވެސް. އެކަމަކު އޭރުއްސުރެ އަޅުގަނޑަށް ގަބޫލު ކުރެވުނު ކޮލަމާފުށްޓަކީ، ބިނާކުރަނިވި ފިކުރުގައި އަޅުގަނޑާއެކީ ކުރިއަށްދާން ތިބި ރައްޔިތުން ތިއްބެވި ރަށެއްކަން. މިއަދު މިރަށަށް އައީމާ އިތުރަށް އެކަން ކަށަވަރުވެގެން އެބަދޭ.

 

އޭރު އެބޭފުޅުންގެ އެހާވަރުގަދަ ފިކުރަކާއި އެހާބޮޑު އައްޑަނައަކަށް ވެގެންކަމަށް އެބޭފުޅުން ވިދާޅުވާއިރު، އަޅުގަނޑު ތިބޭފުޅުންނާ ހަމަ ސުވާލެއް ކޮށްލާނަން. ތިޔަބޭފުޅުންނަށް، ހުރިހާ ބޭފުޅުންނަށް ފަހަރުގައި ތަފާސް ހިސާބު ނުފެނި ހިނގައިދާނެ. އެކަމަކު މިހާރު ރަށްވެހި ތަރައްޤީ ނޫނީ ރަށްވެހި މިފޮތުން މި ފެންނަ މި ސައިޓަށް ވަނީމާ، ވަރަށް ގިނަ މަޝްރޫޢުތަކާއި ކޮންމެ ރަށަކަށް ހިންގާފައި ހުރި ތަރައްޤީގެ މަޝްރޫޢުތަކާއި، ހިނގާފައި ހުރި ފައިސާގެ އަދަދު ފެންނާނެ. 2013 ގެ ކުރިން ހިނގައިދިޔަ 5 އަހަރު 2013 ގެ ފަހުން މި ޒަޢާމަތުގައި މި ހިނގާ 5 އަހަރު ފެންނާނެ. މިއީ، އެންމެ ބޮޑަށް އެމީހުން އެލަރޖިކްވާ އެއް މައްސަލަ. ހަމަ ގައިހިރުވާނެ މިފޮތް ބަލަންވެއްޖިއްޔާ. އެއީ، ކޮންމެ ރަށަކަށް ކޮށްދޭނަމޭ، ކޮންދެމުންނޭ މި އަންނަނީ، ތަރައްޤީކޮށްދެމުންނޭ ބުނާ ކަންތައްތަކުގެ ތަފާސް ހިސާބު ހިމެނޭ ފޮތަކީ މިއީ. ހިމެނޭ ސައިޓަކީ މިއީ.  އެހެންވީމާ، މި ސައިޓް ބަލާކަށް ބޭނުމެއްނުވާނެ. އެއްގޮތަކަށްވެސް މި ސައިޓްބަލާކަށް ބޭނުމެއްނުވާނެ. މި ބަލައިފިއްޔާ އެނގޭނެ.

 

ކޮލަމާފުށީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކޮލަމާފުށްޓަކީ، އެބޭފުޅުންގެ އައްޑަނައެއްކަމަށް މީގެކުރީގައި ވިދާޅުވަމުންއައިއިރު، ކޮލަމާފުށްޓަށް މިދެންނެވި ކަހަލަ ވަރުގަދަ އެސެޓެއް، ނޫނިއްޔާ މިލްކިއްޔާތަށް ރައުސްމާލުގައި ހިމެނޭވަރުގެ ހަރުމުދަލެއް އަޅުގަނޑުގެ ހިސާބު ދައްކާގޮތުންވެއްޖިއްޔާ 2013 ގެ ކުރިއަކުން މިރަށުގައި ނެތް ހިނގާފައެއް. ހަމަ ފާހަގަކުރެވޭ އެއްވެސް މަޝްރޫޢުއެއް އަޅަގަނޑުގެ މިފޮތުގައި ހިސާބު ދައްކާގޮތުންވަންޏާ މިރަށުގައެއް ނެތް ހިނގާފައެއް. އެކަމަކު އެއާ ޚިލާފަށް މިހާރު އަޅުގަނޑުމެން މި އިފްތިތާޙުކުރި މަޝްރޫޢާއެކީ މިހާރު މިހާ ހިސާބަށް، އަޅުގަނޑު މި ވާހަކަދައްކާ ހިސާބަށް އައިއިރު މިހާރު މިރަށުގައި 227 މިލިއަން ރުފިޔާގެ މަޝްރޫޢު ހިނގައިފި. އެހެންވީމާ، ދެން ކިހިނެއްތޯ މިބޭފުޅުން މިރަށްރަށަށް ވަޑައިގެން ވިދާޅުވާނީ ތިމަންނަމެން މިރަށްރަށް ތަރައްޤީ ކުރާނަމޭ. އެބޭފުޅުންނަށް ލިބިވަޑައިގެންނެވި މުއްދަތުގައި މި ދެންނެވީ، އެންމެ ފައިސާ ފޮއްޗެއް ނެތް މިރަށުގެ މިލްކިއްޔާތުގައި ރައުސްމާލެއް ތަރައްޤީކުރަން ހޭދަކުރައްވާފައެއް. މިހާރު މިދެންނެވީ މި ސަރުކާރުން މި ހިންގި މަޝްރޫޢުތަކުގެ ތެރޭގައި ހަތަރުއަހަރުބައި ނޫނީ ފަސް އަހަރުގެ ތެރޭގައި 227 މިލިއަންގެ ވާހަކަ މިދައްކަނީ. އަދި 227 މިލިއަން ރުފިޔާ މިރަށަށް އިންވެސްޓް ކުރެވިފައި ހުރިއިރު، މިރަށަކީ 2000 އަށްވުރެ އާބާދީ ކުޑަ ރަށެއް. އެހެންވީމާ، ތަރައްޤީ މިހިރީ އައިއްސަ ނޫންތޯ. ރައްޔިތުންނަށް ޒަރޫރީގޮތުން ބޭނުންވާ ގިނަ ކަންތައްތައް މިހުރީ ފުދިފައި.

 

ދެން ހުރީ ވިޔަފާރީގެ ނަފާ. ވިޔަފާރިކުރާ މީހުންނަށް އޭގެ ނަފާ ލިބޭނޭ ކަންކަން. އޭގެތެރޭގައި މިދަނީ ބަނދަރު ބޮޑުކުރީމާ ޝައްކެއްވެސްނެތް، މީހުންނަށް ފަސޭހަވާނެ. އެކަމަކު މިއީ މަސްވެރިރަށަކަށްވާތީ، މިއީ މަސްވެރި ބަނދަރަކަށް ވެގެންދާނެ. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި މީގެ ފައިދާ ނުވަތަ ނަފާ ލިބޭނީ ހަމަ ވިޔަފާރި ކުރާ ފަރާތްތަކަށް. އަދި ކައިރި ރަށްރަށުން ކޮލަމާފުށްޓަށް ވަޑައިގަންނަވާ ފަރާތްތަކަށް. އެހެންވީމާ، ލޯނު ނަގައިގެން ކަންކަން ތަރައްޤީކުރަން ޢުޒުރުވެރިވީ ބަޔަކު އަދި ލޯނު ނަގައިގެން ބަޔަކު ކަންތައްކުރާތީ އެކަމާ ފާޑުކިޔާ ބަޔަކަށް މިއަދު ކުރަން މި ޖެހޭ ދަތުރަކީ، ހަމަ ރަށްރަށަށް ދިޔައިމާ ރައްޔިތުން ބޭނުންވެފައިހުރި ކަންކަން އެބަ ކިޔައިދޭ. ރައްޔިތުން ބޭނުންވެފައިހުރި ކަންތައްތަކުގެ ތެރޭގައި މި އަންނަނީ، ހަމަ އަނެއްކާވެސް ކޮންކްރީޓް ގަށާ މެޝިނުން ކުރާ މަސައްކަތުގެ ވާހަކަ. ކޮންކްރީޓް ތަރައްޤީގެ ވާހަކަ ރައްޔިތުން އެ ދައްކަނީ. އެހެންވީމާ، އަޅުގަނޑުމެން އެކަން ކުރާތީ އެކަން ގޯސްވީ.

 

މިއަދު ކޮންކަމެއްތޯ! ކޮންކްރީޓް ގަށާ ވާހަކަ މި ދައްކަނީ. ދެން ކޮންމެވެސް ބޭފުޅަކު ވާހަކަ ދައްކަވަމުން ވިދާޅުވި، ރައީސް ޔާމީނަށް މިފަހަރު ވެރިކަން ލިބިއްޖިއްޔާ ވޯޓު ފޮށްޓެއް ދެން ނުފެންނާނެއޭ. އެއީ، ތެދެއްމެ. އެކަމަކު އަޅުގަނޑު މިއަދުވެސް ދަންނަވާލަން ބޭނުންވޭ ކޮލަމާފުށީގެ ރައްޔިތުންނަށް. ވޯޓު ފޮށި ނުފެނި އޮންނާނީ ރައީސް ޔާމީނަށް ވެރިކަން ލިބިގެނެއްނޫން. މިދޭތެރެއިން ނެގި ވޯޓެއްގައި ވޯޓު ކަރުދާސް ހުރީ އުވަގަށާ މެޝިނުގައި ނޫންތޯ. ވޯޓު ފޮށްޓަކު ނޫނޭ ހުރީ. އުވަގަށާ މެޝިނާއި ބާލިދީތަކާ މިކަހަލަ އެއްޗިހީގައި ވޯޓު ކަރުދާސް ހުރީ. އެހެންވީމާ، މިހާލުގައި ތިބި މީހުން މި ތެދުވެ މި ވާހަކަ ދައްކަނީ. ރައީސް ޔާމީނަށް ދެން ރައީސްކަން ލިބިއްޖިއްޔާ ވޯޓު ފޮށްޓެއް ދެން ނުފެންނާނެއޭ. ވޯޓު ފޮށި އަޅުގަނޑުމެންނަށް ނުފެނި ހިނގައްޖެ މިދޭތެރެއިން ބޭއްވި އެންމެ ބޮޑު އިންތިޚާބުގައި. އޭގައި އަޅުގަނޑުމެންނަކަށް ވޯޓު ފޮށިތަކެއް ނުފެނުނު. އެހެންވީމާ، އެބޭފުޅުން އެ ވިދާޅުވަނީ، އެބޭފުޅުންގެ ހިތްޕުޅަށް ދަތިވެފައި ހުރި ކަންކަން. އެބޭފުޅުންގެ ތެރޭގައި ތަޖުރިބާކޮށްފައި ހުރި ކަންތައްތައް އެވިދާޅުވަނީ، އެހެން މީހެއްގެ ބޮލުގައި ބަދުނާމު އަޅުވަން. އެހެންވީމާ، ވޯޓު ފޮށި ނުފެނުމުގެ ހާލަތުވެސް އޮތީ މިކަހަލަ ހާލަތެއްގައި ނޫންތޯ.

 

އެހެންވީމާ، މިރަށްރަށަށް ވަޑައިގެން ދައްކަވާ ވާހަކައަކީ، ހައްތާވެސް ތަރައްޤީގެ ވާހަކަ. ލޯނު ނަގާ ވާހަކަ. ލޯނު ނުނަގަންޏާ ދެންޖެހޭނީ ފައިސާ ހޯދަން، ރައީސް ޔާމީނު އުފައްދާފައި ހުރި ހަރުމުދާ ވިއްކަން. އެހެންވެގެން އަޅުގަނޑު މި ދަންނަވަނީ، ކާޅު ހާލި ހަދާނޭ. ކޮވެލި ބިސް އަޅާނޭ އެ ހާލީގައި، އެހެންނޫންތޯ. އެބޭފުޅުން އީޖާބީ އެއްވެސް ކަމެއް ނުކުރައްވާނެ. ކޮންމެވެސް މީހަކު މަސައްކަތްކުރާނެ. ކޮންމެވެސް މީހެއްގެ ފިކުރު ބޭނުންކޮށްގެން ތަންތަނަށް އަންނަ ތަރައްޤީ މި އަންނަނީ. އެއީ، ކާޅާއި ކޮވެއްޔާ ދޭތެރޭގައިވެސް މިއޮންނަ ސިމްބަޔޮޓިކް ރިލޭޝަންޝިޕް އޮންނަ ގޮތަކީ މިއީ. އެކަކު މަސައްކަތްކޮށް ހުރިހާ ކަމެއް ކުރާނެ. އެކަމަކު ބިސްއަޅާ ހިސާބަށް ދިޔައިމާ އެމަސައްކަތްކުރި މީހާއަށް އެޖާގަ ނުލިބޭ ވާހަކަ އެވިދާޅުވަނީ. އެހެންވީމާ، އެ ބޭފުޅުންގެ ވިސްނުންފުޅުގައި މިހުރީ ދެން ފައިސާ ހޯއްދަވަންޏާ ޖެހޭނީ އެބޭފުޅުންނަށް އެބޭފުޅުން އެވިދާޅުވާ ފިކުރުން ދަސްކޮށްދީފައި ހުރި ކަންތައްތައް ކުރަން. އެއީ، އެހެން މީހުން އުފައްދައި ބިނާކޮށްފައި ހުރި ހުރިހާ ތަންތަނެއް ފައިސާއަށް ހެދުމަށްޓަކައި ވިއްކާލާނީ.

 

މިރަށުގައި އަޅުގަނޑު ކުރާ ސުވާލު. ކޮލަމާފުށްޓަކީ، މަސްވެރި ރަށަކަށްވާއިރު، މަސްވެރިކަމުގެ ދާއިރާއަށް އަޅުގަނޑު ގެންނަން ބޭނުންވާ ބަދަލުތަކުގެ ވާހަކަ އަޅުގަނޑު ހުރިހާ ރަށެއްގައި ދައްކަމުން މި އަންނަނީ. އެހެންވީމާ، އަޅުގަނޑު ތަކުރާރެއް ނުކުރާނަން. އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ދަތިވެފައިހުރި ކަންތައްތައް އަޅުގަނޑު މި އިޢުލާނުކުރި މަޝްރޫޢުތަކުން ޙައްލުވެގެންދާނެ ކަމަށް އަޅުގަނޑަށް ކަށަވަރުކަން އެބަ ލިބޭ. އެހެންވީމާ، މަސްވެރިން ބާނާ މަހަށް އަގު ނުލިބިގެން އުޅުން، ނޫނިއްޔާ އެހެން ދައްޗެއް، އައިސް ނުލިބިގެން އުޅުން، ނޫނިއްޔާ ޒުވާން މަސްވެރިން ނުކުންނައިރު ކޮންމެ ރަށެއްގައި އައިސް ޕްލާންޓް ހުންނަތަނަށް ގޮސް، އައިސް ނަގަން ކުރާ މަސައްކަތް. މިކަންކަމަށް އަޅުގަނޑު ޖަވާބުތަކެއް އަރުވައިފީމު. ދެން އެބޭފުޅުން ދައްކަވާނެ ވާހަކައަކީ، މިކަންކަމެއް ނުކުރެވޭނެއޭ.

 

އެކަމަކު ދެން މީގައިވެސް އަޅުގަނޑު ހަމަ ދަންނަވާލާނީ، އަޅުގަނޑު އެޅި ދަރުމަވަންތަ ހޮސްޕިޓަލް އަގުބޮޑުވެގެން އުޅުއްވާއިރު އެހުރީ ދަރުމަވަންތަ ހޮސްޕިޓަލް އަޅާފައި. ދެން އެވަރުގެ މަސައްކަތެއް ކޮށްފައި 2030 އާ ހަމައަށްދާއިރު 18 އަހަރު ފުރޭ ކޮންމެ މީހަކަށް، ގެދޮރުވެރިކަން ކުރަން ބުނާ މީހަކަށް މި ނުވާނެ ދޮގެއްތޯ، ފެންފޮދެއް ބޯލާފައި ނޭވާލުން ކަހަލަ ވައެއްލުން ކަހަލަ ކަމަކަށްވެސް. މިއީ، ނިސްބަތުން ކުދި ކަންކަން މިއީ އޭގެ ޒާތުގައި. އެކަމަކު މިހުރިހާ ކަމެއް ނުވެގެން މިދަނީ، ނިސްބަތުން ކޮންމެ ރަށެއްގައި ކުރަންޖެހޭ، ހިންގަންޖެހޭ މަޝްރޫޢުތައް ބޮޑެތިވީމާ. 35 އަހަރުގެ ރާސްތާއެއް ކަޑައްތުކޮށްފައި މިހާ ހިސާބަށް މިއައީ.

 

އަޅުގަނޑުމެންގެ ރަށްރަށުގައި މީހުން ދިރިއުޅެނީކީ މިއަދަކު އިއްޔެއަކު ނޫން. އެންމެ ކުރީގައިވެސް ސައްޔާޙުން ޒިޔާރަތްކުރި ރަށްރަށުގެ ތެރޭގައި ހަމަ މިރަށްރަށްވެސް ހިމެނޭނެ. އޭރުއްސުރެ އަޅުގަނޑުމެންގެ ބޭނުންތައް، އިންސާނީ ބޭނުންތައް މަދެއްނުވޭ. އިންސާނީ ބޭނުންތައް އެހެން މަރުޙަލާއަކަށް ހިއްލާލަން ވާހަކަދެއްކި މީހަކީ އަޅުގަނޑު. އެހެންވެގެން ޒުވާނުން ކައިރީގައި މިބުނަނީ އުންމީދު ކުރާށޭ. އެހެންވެގެން ޒުވާނުން ކައިރީގައި މިބުނަނީ އަޅުގަނޑު ބްރިޖް އަޅާނަމޭ. އެހެންވީމާ، އަލަތު ކައިވެނިކުރަން ބޭނުންވާ ކުދިން އަންނާށޭ މާލޭގެ ބްރިޖަށް. ހަމަ އެކަންވެސް އެ ހިނގަނީ. އޭގައި އަޅުގަނޑު އެންމެ އުފާވާނީ، ޙަޤީޤަތުގައި، އަޅުގަނޑުގެ ފިކުރާ ދެކޮޅު ފިކުރުގެ ކުދިން އެ ކައިވެނި ކުރަންޏާ އެތަނުގައި. އޭރަށް އެމީހުން ގަބޫލުކުރާނެ މިއޮތީ ބްރިޖު އެޅިފައިކަން، އެހެންނޫންތޯ.

 

އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ކޮލަމާފުށީގައި އަހާލަން ބޭނުންވާ ސުވާލަކީ، މަސްވެރިކަމަށް ނޫނީ މިހާރު މަސްގަތުމުގެ ނިޒާމަށް ހީނަރުކަމެއް އަންނަ އެއްވެސް ކަމަކަށް ތިޔަބޭފުޅުން ޖާގަދެއްވަން ބޭނުންފުޅުތޯ، ނުވާނެ. މިހާރު އަޅުގަނޑުމެންނަށް މިދެކެވޭ ވާހަކައަކީ، އިދިކޮޅު ބޭފުޅުން ދައްކަވާ ވާހަކައަކީ، މަސްވެރިކަމުގެ ނިޒާމަށް އަޅުގަނޑުމެންނަށް މިހާރު ކޮށްދެވޭ މަސައްކަތްވެސް މިކުރެވެނީ ޙަޤީޤަތުގައި މިފްކޯ ފައިމައްޗަށް ތެދުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ އިތުރަށް، މިފްކޯގެ ފަހަތުގައި ވަރުގަދަ ބިޔަ ކުންފުންޏެއް އޮތީމާ. މިފްކޯއަށް ސަޕޯޓުދޭނެ އެސް.ޓީ.އޯ. ކިޔާ ކުންފުންޏެއް އޮތީމާ. މިރަށަށް ކުރަން ހުރި ކަންތައްތަކުގެ ތެރޭގައި 200 ކިލޯ ވޯޓުގެ ޖެނެރޭޓަރު ސިސްޓަމެއް ފޯރުކޮށްދިނުމާއި، މިކަހަލަ ވާހަކަ އެބައުޅޭ ފެނަކައާ ގުޅޭ ވާހަކަ. އަޅުގަނޑު ހަމަ ރަށްރަށުގައި މި ދައްކަމުން އަންނަ ވާހަކައިގައި، ގއ އާއި ގދ ގައި މި ދައްކާ ވާހަކައިގައި އަޅުގަނޑު ބުނިން، ފެނަކައަށް މިއަދު މިކަންކަން މިކުރެވެނީ ހިންދެމިލައިގެނެއް ނޫން. ފެނަކަ މި އޮޕަރޭޓު ކުރަނީ ބޮޑު ދަރަނީގައި. އެ ދަރަނި އަދާކޮށްދެނީކީ ބޭންކުތަކަށް ހުރި ލާރި، ނޫނީ އެހެން ތަންތަނަށް ހުރި ލާރީގެ އުސޫލަކުން ނޫން. އެ ދަރަނި އަދާކޮށްދެނީ، ސަރުކާރުގެ މާލިއްޔާއަކުންވެސް ނޫން. އެ ދަރަނި އަދާކުރެވެމުން އެދަނީ ތެޔޮ ގެންނަ ފަރާތުގެ އެވަރުގެ ބާރު، މާލީ ބާރުވެރިކަން ހުރީމާ. އެސް.ޓީ.އޯ. އެކަން ކުރީމަ.

 

މިރަށުގައި ފެނަކައާ ބެހޭގޮތުން އަޅުގަނޑު ދަންނަވާނެ ސުވާލަކީ، އެމް.ޑީ.ޕީ. ވެރިކަން ކުރެއްވިއިރު ރާއްޖޭގެ އަތޮޅުތައް ހުރީ ކޮންގޮތަކަށްތޯ. ޕްރޮވިންސްތަކަކަށް ބަހާފައި ނޫންތޯ ހުރީ. ޕްރޮވިންސްތަކަކަށް ބަހާފައި ރަށު އެކައުންޓްތަކުގައި ހުރި ފައިސާ ނަންގަވައިގެން ޕްރޮވިންސްތަކުން ކުރެއްވި މަސައްކަތަކީ ކަރަންޓު ލެވޭތޯ ބެއްލެވީ. ބައްލަވަން ކުރެއްވި މަސައްކަތުގައި އެއްރަށެއްގެ ޖެނެރޭޓަރު ހަލާކުވެއްޖިއްޔާ ހިނގާ ޖެނެރޭޓަރަކުން ބޭނުންވާ ޕާޓު ނައްޓާލައިގެން ގެނެސް އެތަން ހަދަނީ. ހަދާފައި އެންމެފަހުން އެކަން ނުވެ ބޮއްސުންލައިގެން ދިޔައީ. އެއްވެސް ރަށެއްގައި، އެއްވެސް ޒޯނެއްގައި، އެ ވިދާޅުވާ ޕްރޮވިންސް އޮފީހުން ދެއްވި ޚިދުމަތެއް ހިނގާގޮތެއް ނުވި. އެހާ ހިސާބުން ރައީސް ވަޙީދުގެ ވެރިކަމަށް ބަދަލުވެގެން ރައީސް ވަޙީދު ނިންމެވީ، އެބަޖެހެއޭ މިކަހަލަ ޚިދުމަތް ދޭނެ ކުންފުންޏެއް އުފައްދަން. އެއީ، ޕްރޮވިންސް އޮފީސްތަކުން މިކުރި ކަންތައްތަކުގައި ޕްރޮވިންސް އޮފީސްތަކަކަށް އިންޖީނެއް ނުދެވުނު، ކަރަންޓެއް ނުދެވުނު. ރައްޔިތުން ބޭނުންވާ ވަރާ ކައިރިއަށްވެސް ނުދެވުނު. ވިދާޅުވޭ އަޅުގަނޑު ކައިރީގައި، ޕްރޮވިންސް އޮފީސްތައް 3 އަހަރުވަންދެން ހިންގި. އެވިދާޅުވާ ނިޒާމަކާއެކީ، ފިކުރަކާއެކީ 3 އަހަރު ހިންގިއިރު ކިތައް ރަށަށްތޯ އެބޭފުޅުންނަށް 24 ގަޑިއިރު ކަރަންޓު ދެވިފައި ހުރީ. ނުހުންނާނެ ދެވިފައެއް. 24 ގަޑިއިރު ކަރަންޓު ދެވިފައެއް ނުހުންނާނެ. 24 ގަޑިއިރު ކަރަންޓުވެސް ދޭންފެށީ ހަމަ މި ސަރުކާރު އައިއްސަ.

 

އެހެންވީމާ، އަނެއްކާވެސް މިދެންނެވި ކަހަލަ އުނދަގޫވާ ކަންކަމުގެ ވާހަކައިން އަޅުގަނޑު، ކޮލަމާފުށީގެ ރައްޔިތުންނާ ސުވާލު ކޮށްލަން ބޭނުންވަނީ. ތިޔަބޭފުޅުންނެއް ބޭނުމެއް ނުވާނެ، ތިޔަބޭފުޅުންނަށް ލިބޭ ކަރަންޓަށް އެއްވެސް ކަހަލަ އުނިކަމެއް އަންނާކަށް. އުނިކަމެއް އަންނާނެ އެއްކަމަކަށްވާނީ އެސް.ޓީ.އޯ ބޮލުގައި ބޮޑު މަރުތޭލުން ޖަހައިފިއްޔާ އުނިކަމެއް އަންނާނެ. އެއީ، މިއަދު ފެނަކައިން އެ އުފުލާ ދަރަނި އެއީކީ ސަރުކާރަކަށް ބެއަރ ކުރެވޭނެ ދަރަންޏެއް ނޫން. އެދަރަނި އެ ފޫބައްދައިދެނީ ނޫނިއްޔާ އެދަރަނި އެއޮތްގޮތަށް އޮވެގެންވެސް ތެޔޮ ނަގައިގެން އިންޖީނުތަކަށް ތެޔޮއަޅައިގެން މިރަށްރަށުގައި ކަރަންޓް މި ލިބިގެންދަނީ އެސް.ޓީ.އޯ އޭގެ ފަހަތުގައި އޮތީމަ. ހުރިހާ ދަރަންޏެއް އެހުރީ އެސް.ޓީ.އޯ.ގެ ދަރަނީގެ ގޮތުގައި.

 

ދެން އޮތީ މަސްވެރިރަށަކަށްވާތީ މަސްވެރިންނާ ކޮށްލާ ސުވާލު. ނޫނީ ތިޔަބޭފުޅުންނާ ކުރާ ސުވާލު. މިހާރު މިފްކޯއިން އެދައްކާ ފައިސާ އެންމެފަހުންވެސް އަޅުގަނޑު މިއަތޮޅަށް ޒިޔާރަތްކުރަންވެގެން ބެލިއިރު މިއީ، އެންމެ ބޮޑު މަސްވެރިކަމުގެ ދާއިރާ، ގއ، ގދ. އަޅުގަނޑު ބެލިއިރު އޭރުވެސް އެހަފްތާގެ ނިޔަލަށް އޮތް ގާތްގަނޑަކަށް ތިނެއް ޕޮއިންޓް ކޮންމެވެސްވަރެއް 4 މިލިއަނާ ކައިރި ޢަދަދަކަށް މަސްވެރިން ބާނާފައި ހުރި މަހަށް ނަގާފައި ފައިސާ ނުދެވި. އެކަމަކު އަޅުގަނޑު އައުމުގެ ކުރިން އެ ފައިސާ ކްލިއަރ ކުރި. ކޮންބައެއްތޯ އެފައިސާ ކްލިއަރ ކުރީ. އެސް.ޓީ.އޯ.އިން ކުރަނީ. އެސް.ޓީ.އޯ.އިން ފައިސާ ދީގެން އެކަން ކުރީ. އަނެއްކާ މިހާރު މި ދަންނަވާ ނިޒާމުގައިވެސް އެސް.ޓީ.އޯ.އިން މިލަނީ މި ނިޒާމަށް ދެބައިކުޅައެއްބައި ފައިސާ. ސަރުކާރުން މިލަނީ އޭގެ ދެބައިކުޅައެއްބައި ފައިސާ. އެހެންވީމާ، އަނެއްކާވެސް އެސް.ޓީ.އޯ.އިން ކުރާ މަސައްކަތުގެ ތެރޭގައި އެސް.ޓީ.އޯ.ގެ ބޮލުގައި ބޮޑު މަރުތޭލުން ޖެހީމާ، އަނެއްކާވެސް މިރަށަށް އެންމެ މުހިއްމު އަނެއްދާއިރާ އެ ބަނގުރޫޓުވެގެން ދިޔައީ. އެ ހިސާބުގެ މަސްވެރިންގެ އަތުން މި ބާނާ މަސް ގަނެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނޯންނާނެ.

 

އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ޙާލަތު ހުރި ގޮތް. އެހެންވެގެން އަޅުގަނޑު އެބޭފުޅުންނަށް މި ދަންނަވަނީ، އެބޭފުޅުން ޢިލްމީ ދިރާސާއަކުން ރައްޔިތުންނަށް ވިސްނޭވަރަށް އެވާހަކަ ދައްކަވައި ދެއްވާށޭ. ވިސްނޭ ވަރަށް އެވާހަކަ ދައްކަވާކަމަށްވަންޏާ، އެބޭފުޅުން މިހާރު ހިންގަވަން އެ ވިދާޅުވާ ކޮންމެ މަޝްރޫޢަކަށް ފައިސާ ހޯދާނެ ގޮތެއް ވިދާޅުވެދެއްވަންވާނެ. ސަރުކާރުގެ ދަރަނި ބޮޑުވެގެން އެ އަދާނުކުރެވޭ ކަމަށްވަންޏާ ދެން އެއާ ދޭތެރޭގައި އެބޭފުޅުން ޙައްލުކުރަން ހަދާނީ ކޮން ގޮތެއްތޯ، އަޅާނީ ކޮން ފިޔަވަޅެއްތޯ އެބަޖެހޭ ވިދާޅުވެދެއްވަން. އަދި ހަމައެއާއެކީ، މިހާރު ރައީސް ޔާމީންގެ ތަރައްޤީ ފެނިފައި ހުރީމަ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވިޔަސް، ކޮންމެ ބޭފުޅަކު ޒިޔާރަތް ކުރެއްވިޔަސް، ރައްޔިތުންގެ އެދުމުގެ ލިސްޓުތަކެއް އަންނާނީ. ހަމަ އޮއްސާލާނީ ލިސްޓުތަކެއް. އެއީ، އެ ރަށްރަށަށް ދަތިވެފައި ހުރި ކަންތައްތައް. ވެރިން ދިޔައިމާ، ކަންކަން ކޮށްދޭން ތިބި މީހުން ދިޔައިމާ، އެ ރިކުއެސްޓު އަންނާނެ، އެ އިލްތިމާސްތައް އަންނާނެ. އެހެންވީމާ، އިލްތިމާސް އައިމާ ވޯޓު ހޯއްދަވަން މަސައްކަތް ކުރައްވާ ބޭފުޅަކަށް އަދި އެ އަންނަ އިލްތިމާސް ބަލައިގަންނަން ދަތިވިޔަސް ވިދާޅުވާންޖެހޭނީ، އާނ ތިކަން ވެސް ކޮށްދޭނަމޭ.

 

އެހެންވީމާ، އަޅުގަނޑުމެން މިހާރު ބަލައިލާއިރު ދެންމެ ޠާރިޤު އެވިދާޅުވިހެން ތ.އަތޮޅުގައިވެސް އެއަރޕޯޓެއް އެބައޮތް، އަނެއްކާ އެއަރޕޯޓެއް އެބައަޅާ. އެހެން ރަށަކަށް ވަޑައިގެންފައި ތިން ހަތަރު ރަށް ގުޅުވާލާ ވާހަކަ އެބަދައްކަވާ. އެހެން ގުޅުވަންޏާ ކޮން އަތޮޅެއްގައިތޯ ރަށްތައް ނުގުޅުވާނީ. އެހެންވީމާ، ދެން އަޅުގަނޑު މި އުއްމީދުކުރަނީ ބޮޑު ތިލަދުންމައްޗާއި ސ. އަތޮޅާ ގުޅުވާނެ ބޮޑު ބްރިޖެއް އެބޭފުޅުން އަޅުއްވާނެކަމަށް. އެހިސާބަށް ދިޔައިމާ އަޅުގަނޑުމެން ދަންނަވާނަން، އެބޭފުޅުންނަށް މަސައްކަތް ކުރެއްވިއްޖެޔޭ، އެހެންނޫންތޯ. އެހާ ހިސާބަށް އެބޭފުޅުން އެބަ ގެންދަވަންޖެހޭ. އެއީ، ކޮންމެ ތިން ރަށެއްގެ ދޭތެރޭގައި ބްރިޖެއް، ކޯޒްވޭ އެއް އަޅުއްވަންޏާ، ހަމަ މި އިޙްސާސް ހުންނާނެ ރައްޔިތުންގެ، އެހެން ރަށްރަށުގައިވެސް.

 

މިއަތޮޅު، ޤުދުރަތީގޮތުން ބޮޑު އެއް އަތޮޅު މިއީ. މިއަތޮޅުގައި ބޮޑެތި ފަޅުތަކެއް މިހިރީ. މި ފަޅުތަކުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި، ކީއްވެގެންތޯ ނަޑެއްލާއިން ފެށިގެން ފިޔޯރީއާ ހަމައަށް ފާލަމުން ގުޅުވައިނުލާންވީ. އެ ސުވާލު ނާންނާނެތޯ. އެ ސުވާލު އަންނަންވާނެ ދޮގެއްތޯ. އެހެންވީމާ، އެހުރިހާ ތަނެއް ގުޅުވާލާނެ. އަނެއްކާ މި ބިތުންގޮސް ދެންހުރި ތަންތަނަށް ގުޅުވައިލާ ވާހަކަ އަންނާނެ ހަމަ މިއަތޮޅުންވެސް. އެހެންވީމާ، އަޅުގަނޑެއް ހުރިހާ ތަނެއް ގުޅުވާލާ ވާހަކައެއް ނުދައްކާނަން. އެކަމަކު އޭގެ ބަދަލުގައި، މި ސުވާލުތައް ތިޔަބޭފުޅުން، އެބޭފުޅުންނާ ކުރައްވަންޖެހޭކަމަށް އަޅުގަނޑު މިދަންނަވާ ސަބަބަކީ، ކުރަން ބުނާކަމެއް ކުރެވިދާނެކަމުގެ އިތުބާރު އެ ބުނާ މީހަކާ ދޭތެރޭ ރައްޔިތުންނަށް އޮންނަންވާނެ ރައްޔިތުން ވޯޓާ ހަމައަށްދާއިރު.

 

އަޅުގަނޑަށް ކިތަންމެ ރަނގަޅަކަށްވެސް މިރަށުން ތާއީދު ދެއްވާނެކަމަށް ވަރަށް އިޚްލާޞްތެރިކަމާއި އިޙްސާންތެރިކަމާއެކީ ތިޔަބޭފުޅުން ވިދާޅުވި. ފަށްފަށުން ޝުކުރު ދަންނަވަން. އެކަމަކު އަޅުގަނޑު ދަންނަވަން ބޭނުމީ ހަމަގަދަޔަށް މަސައްކަތްކުރަން އެބަޖެހެޔޭ. ގަދައަށް މަސައްކަތްކުރައްވާފައި ތިޔަބޭފުޅުންގެ ވިސްނުން، ތިޔަބޭފުޅުންގެ ފިކުރު ފޯރުކުރެވޭނެ އެހެން މީހުންނާވެސް މިވާހަކަތައް ދައްކަން އެބަޖެހޭ. ހަމަ މިރަށްރަށަށްވެސް އެބޭފުޅުން ވަޑައިގަންނަވާނެ. އެބޭފުޅުން ވަޑައިގަންނަވާއިރު ހަމަ ޔަޤީން، ވަޢުދުވެވަޑައިގަންނަވާ ބަނދަރަކަށްވެސްވާނީ އަޅުގަނޑުމެން މިއަޅައިދޭ ބަނދަރު. ދެން ކުރައްވާ އެހެން ކަމަކަށްވެސްވާނީ މިކަހަލަ މަތިންދާބޯޓެއްގައި ވަޑައިގަތިއްޔާ ނޫނިއްޔާ.  ދެންވެސްވާނީ ހަމަ މި ސަރުކާރުން ކޮށްދީފައި ހުރި ކަންތައްތައް. އެބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު މިރަށަށް މިދެންނެވީ، މިރަށަކަށް އެއްވެސް ކަހަލަ ރައުސްމާލެއް އުފެއްދުމުގެ މަޤްޞަދުގައި، އެއީ ބަނދަރެއް ހެދުމުގެ މަޤްޞަދުގައި، ފެނާއި ނަރުދަމާ ކަހަލަ ނިޒާމެއް ޤާއިމުކުރުމުގެ މަޤްޞަދުގައި ނޫނިއްޔާ މިނޫންވެސް އެހެން މިކަހަލަ  ރައުސްމާލެއް އުފެއްދުމުގެ މަޤްޞަދުގައި ކުރެވިފައި އޮތް އިންވެސްޓްމަންޓްގެ އަދަދަކީ ހަމަ ސުމެކޭ. އޭގެ ބަދަލުގައި އަޅުގަނޑުމެން މިދެންނެވީ، މިހާ ހިސާބަށް މިރަށާހަމައަށް އައިއިރު، މިއަދާ ހަމައަށް އައިއިރު 217 މިލިއަން ރުފިޔާ އަޅުގަނޑުމެންގެ ތަފާސް ހިސާބުތަކުން އެބަދައްކާ. ތަޢާރުފުކޮށްދެމުން އެވިދާޅުވީ މިރަށުގައި، މިހާ ކުޑަ ރަށަކަށް މިހާ ގިނަ މަޝްރޫޢުތަކެއް ހިންގިއްޖެޔޭ.

 

ދެން ހަމައެއާއެކީ އަޅުގަނޑު ދަންނަވާލާނަން. މިތަނުގައި އެއަރޕޯޓެއް ނުހެދުނަސް އަޅުގަނޑުމެންނަށް އެބަ އެނގޭ، ގއ.ވިލިނގިލީ ކައިރީގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް ދާދި އަވަހަށް ހެދިގެންދާނެކަން. އެއީ، ސަރުކާރުގެ ޚަރަދަކުވެސް ނޫން. އެއީ އެތާ އިންވެސްޓުކޮށްގެންއުޅޭ ބޭރު ބަޔަކު، އެމީހުންގެ ރިޒޯޓް ހުޅުވައިދޭންދިޔަ ޙަފްލާއެއްގައި، އެމީހުން އިޢުލާނުކުރި އެކަން ކުރާނަމޭ. ރައީސް ޔާމީނަށް 2018 ލިބިއްޖެކަމަށްވަންޏާ ތިމަންނަމެންނަށް އެބަ އެނގެޔޭ، ވިޔަފާރީގެ ފުރުޞަތުތައް ހުޅުވިގެންދާނެކަން. ތިމަންނަމެންނަށް އެބަ އެނގެޔޭ، އިޤްތިޞާދީގޮތުން މި ތަރައްޤީ އަންނާނެކަން. ވިޔަފާރީއާ ދޭތެރޭކުރާ ފިކުރަކަށް އެއްވެސް ކަހަލަ ފިކުރެއް، ތިމަންނަމެންގެ ކަންބޮޑުވުމެއް އޮންނާކަށް ނުޖެހޭނެޔޭ، މިހާރު މިއޮތް ސަރުކާރު މިގޮތަށް ދެމިއޮންނަކަމަށްވަންޏާ. އެއީ، ބޭރުގެ ފަރާތްތަކުން ދެއްކި ވާހަކަ. އެއީ ސިންގަޕޫރު ކުންފުންޏަކުން، ސިންގަޕޫރު މީހުން ދެއްކި ވާހަކަ. މީގެ ދެތިން ހަތަރު ދުވަސްކުރިންކަންނޭނގެ ދިވެހިރާއްޖޭގައި ތިބި އެންމެ ބޮޑެތި، މަޝްހޫރު ވިޔަފާރީވެރިން ހަމަ އެވާހަކަ އެގޮތަށް ދެއްކެވީ. އެހެންވީމާ، ބައިނަލްއަޤްވާމީ އެއާރޕޯޓެއް އެމީހުން އެތާނގައި ހަދާނެކަމަށް އެމީހުން އެބުނަނީ، ސަރުކާރުން އެންމެ ލާރިއެއް ހޭދަނުކޮށް.

 

މަޑަވެލީގައި އަޅުގަނޑު ބުނިން، ކާޑެއްދޫ އެއަރޕޯޓަކީ ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ އަހަރު އަޅުގަނޑުމެން ބަދަލުކުރާނަމޭ. އެއީ މި ސަރަޙައްދަށް، ހަމަ ސީދާ މަތިންދާބޯޓު، ރާއްޖޭން ބޭރުން އަންނަ މަތިންދާބޯޓު އައުމަށްޓަކައި. އެކަން އިރާދަކުރެއްވިއްޔާ ކުރާނަން. މި ސަރަޙައްދަށް އައިސް މިވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ވިލިނގިލީ ކައިރިން މާދުރެއް ނޫންކަންނޭނގެ، މި އެއަރޕޯޓު ހެދިގެން އަންނަންދެން ވަގުތުކޮޅެއް ނަގާނެ. އެހެންނަމަވެސް ކޫއްޑޫއާއި މިރަށާ ދޭތެރޭގައި ޑިސްޓެންސެއް އެބައުޅޭކަން އަޅުގަނޑުވެސް ޤަބޫލުކުރަން. އެހެންނަމަވެސް އަޅުގަނޑު ދަންނަވާލަން. މިހާރު އޮތް އެއަރޕޯޓު ބޭނުންކޮށްގެންވެސް އަޅުގަނޑުމެންގެ ހިސާބުތަކަށް، މި ސަރަޙައްދަށް އެކަނި، އަޅުގަނޑުމެން އުފައްދަން ބޭނުންވޭ ތިން ރިޒޯޓު، މިހާރުން މިހާރަށް. އެއީ އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރު، އަޅުގަނޑުމެން ތިން ރިޒޯޓު ހަދަން ބޭނުންވޭ. ވިލިނގިލީ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދުނީމާ، އިތުރު ރިޒޯޓު ހެދިގެންދާނެ. 600 އެނދު އުފެއްދީމާ، ހަމައެކަނި ސީދާ ޓޫރިޒަމްގެ ދާއިރާއިން ޒުވާނުންނަށް އެބަ އުފެދިގެންދޭ 1000 ވަޒީފާއަށްވުރެ ގިނަ ވަޒީފާ. މަސްވެރި ދާއިރާއެއްގައި އަޅުގަނޑު މިބުނަނީ ޓޫރިޒަމް ގެނެސް ތަޢާރުފުކުރާނެ ވާހަކަ.

 

އެހެންވީމާ، މި ހުންނަނީ އުއްމީދާއެކީ ކުރިއަށްދާން ކުރާ މަސައްކަތް. ގއ.އަށް 4000 އެނދު މިދާވާހާކަ، ގދ.އަށް 6000 އެނދު ދާވާހަކަ ދައްކާއިރު، މިއީ އަޅުގަނޑުމެންގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ކުރާނެ މަސައްކަތުގެ ވާހަކަ. އެއަށްވުރެ ފުޅާ އަޅުގަނޑުމެންނަށް ކުރެވޭނީ، މި ދެ ދާއިރާގައި، މި ދެ އަތޮޅުގައި ބައިނަލްއަޤްވާމީ އެއަރޕޯޓު ހުޅުވިގެން. އެހާ ހިސާބަށް ދިޔައިމާ އަޅުގަނޑު އަނެއްކާވެސް އިރާދަކުރެއްވިއްޔާ، ﷲ އެ ފުރުޞަތު ދެއްވައިފިކަމަށްވަންޏާ ހަމަ ކޮލަމާފުށްޓަށް އައިސް އިޢުލާނު ކުރާނަން، އިތުރު ފުރުޞަތު ހުޅުވިގެންދާ ވާހަކަ.

 

އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް ހަމަ ރައްޔިތުންނަށް ދަންނަވަން. އުއްމީދާއެކީ އިންތިޒާރުކުރައްވާށޭ. އިންތިޒާރުކުރަންޖެހެނީ، ކުރީގައި އަޅުގަނޑުމެން ހިންދީ ފިލްމު ބަލަން އޮލިމްޕަހަށްދާއިރު އަންނާނެއަންނަނީ ދޮގެއްތޯ، ދެން އެ އިންތިޒާރުގައި ނޫންތޯ އަޅުގަނޑުމެން ތިބެނީ. އެކަމަކު މާގިނަ ދުވަހެއް ނުވާނެ، އެބުނާ ފިލްމެއް އާދޭ.  އެހެންވީމާ، އަޅުގަނޑު މިއަދުވެސް ދަންނަވާލަން ބޭނުންވަނީ، ކޮލަމާފުށީގެ ރައްޔިތުން އަމިއްލަފުޅަށް ޤަބޫލު އެބަކުރައްވާ، ކޮލަމާފުށްޓަށް މި ސަރުކާރުން ތަރައްޤީގެ އެތައްކަމެއް ކޮށްދީފިކަމަށް. އަނެއްކާ ކޮލަމާފުށީގެ ރައްޔިތުންނަށް ބޭނުންވާ އެތައްކަމެއް ފުދިގެން ހިނގައްޖެކަމަށް. އަދި އިތުރަށް ބޭނުންފުޅުވާ ކަންކަން ތިޔަބޭފުޅުން އަޅުގަނޑަށް އެބަ ހުށަހަޅުއްވަމުން ގެންދަވާ. އަޅުގަނޑު ޤަބޫލުކުރަން އެކަންކަން.

 

އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުމީ، މިއަންނަނީ ބޯޑު ޖަހައިގެން އަޅުގަނޑުމެން އިންތިޒާރު ކުރާކަމަށްވަންޏާ، އެއަންނަނީ ބޯޑު ޖަހާފައި އެއަށް ޖާގަ އެބަ ހޯދަންޖެހޭ ދޮގެއްތޯ. އެއަށް ޖާގަ ހޯދަން އެބަޖެހޭ. އެހެންވީމާ، އެއަށް ޖާގަ ހޯދުމަށްޓަކައި އަޅުގަނޑަށް ތިޔަބޭފުޅުންނަށް އެހީވެވޭނެ. އެކަމު އަޅުގަނޑު ތިޔަބޭފުޅުންނަށް އެހީވުމަށްޓަކައި، ފުރަތަމަ ތިޔަބޭފުޅުން އަޅުގަނޑަށް އެހީވާށޭ. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެބައި މީހުން މިކުރާ އުއްމީދާއި، އެ އުއްމީދު ތަންފީޒުވެގެން ދިޔުމަށް ﷲގެ ރަޙްމަތް އޭގައި މިންވަރު ކުރައްވާނެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމުގައި، އެމީހުންގެ ކަންކަމާ ޙަވާލުވެހުރި މީހަކު އިސްވެ އިޚްލާޞްތެރިކަމާއެކީ ކަންކަން ކޮށްދޭކަމަށްވަންޏާ، ﷲގެ ރަޙްމަތާއި ބަރަކާތް އެކަމުގައި މިންވަރު ކުރައްވާނެ.

 

އެހެންވީމާ، އެއީ އަޅުގަނޑުމެން ސުވާލު އުފައްދާކަމެއްނޫން. އަޅުގަނޑުމެން ހަމައެކަނި އެކަމުގައިވެސް، އެއާ ގުޅުންހުރި ކަމެއްގައިވެސް އުފައްދަންޖެހޭ ސުވާލަކީ، އަޅުގަނޑުމެންނާ ވާދަކުރައްވާ ބޭފުޅުން، އެބޭފުޅުން އެ ކުރައްވާ ކަންކަމުގައި ކިހާ ވަރަކަށްތޯ އިސްލާމްދީނުގެ ކަންކަމަށް އެބޭފުޅުންގެ ޝައުޤުވެރިކަން އޮންނަނީ. އެއީ، އެހެން ދަންނަވަންޖެހެނީ ކޮންމެހެން އަޅުގަނޑު އެބޭފުޅުންނާ ޖަދަލުކުރާކަށެއް ނޫން. އެހެން ދަންނަވަންޖެހެނީ، އެބޭފުޅުންގެ 3 އަހަރާއި އޭގެކުރީގެ މެނިފެސްޓޯގައި އެބޭފުޅުން ލިޔުއްވާފައިހުރި ވާހަކަތަކާއި، ވެރިކަމާ ހަވާލުވީމާ ދެންވެސް އެބޭފުޅުން މަސައްކަތްކުރެއްވީ ފައްޅިކަހަލަ އެއްޗެހި އެޅުމުގެ ޖާގަ އިސްލާމްދީނުގައި އެއްވެސް ވަރަކަށް އެބައޮތްތޯ އިސްލާމީ ދައުލަތެއްގައި. އެ ސުވާލު ކުރެއްވީމާ އަޅުގަނޑުމެން އެ ސުވާލު މި ކުރަން މިޖެހެނީ. އެހެން ނޫނިއްޔާ އެވާހަކައެއް އަޅުގަނޑުމެން ނުދައްކާނަން.

 

އެހެންވީމާ، އަޅުގަނޑު ވާހަކަކޮޅު ނިންމާލާނަން. ވާހަކަކޮޅު ނިންމާލަމުންވެސް ހަމަ ކޮލަމާފުށީގައި ދަންނަވާލަން ބޭނުންވަނީ، އުއްމީދާއެކީ ކުރިއަށް ވަޑައިގަންނަވާށޭ. އަޅުގަނޑުމެން އުއްމީދު ކުރަންވާނެ. އަބަދުވެސް ޒުވާނުންގެ އުއްމީދުތަކާއި، އިސް ރަށްވެހިންގެ އުއްމީދުތަކާ، މީގެ ވަރަށްގިނަ ކަންތައްތަކުގައި ޙަޤީޤަތާ ހަމައަށް އަޅުގަނޑުމެންނަށް އާދެވިއްޖެ. ވަރަށް ގިނަ ކަންތައްތަކެއް ކުރެވިއްޖެ. އެކަމަކު އެ ކުރެވުނު ކަންކަމުން އަނެއްކާވެސް ކުރިއަށް ދިޔުމަށް އަޅުގަނޑުމެންނަށް އިތުރަށް ލާޒިމު އެބަކުރޭ. ކޮލަމާފުށީގައި މިކަހަލަ ކަންތައްތަކެއް ދެން ހަމަޖެހިގެން ދިޔައިމާ ދެން ކޮލަމާފުށީގެ ރައްޔިތުން އަޅުގަނޑު ކައިރީ ވިދާޅުވާނެ، ރައީސްއޭ، ދެން ކޮށްދެއްވާނީ ކޮންކަމެއްހެއްޔޭ؟ އެހެންވީމާ، ދެން ކޮށްދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެން މިޖެހެނީ ހަމަ އަނެއްކާވެސް ޒުވާނުންނަށް، އާއިލާތަކަށް އާމްދަނީ އިތުރުވާނޭ ކަންކަން ކުރަން. އެއީ، އާއިލާތަކަށް ބޭނުންވާ އެހެން ކަންތައްތައް ފުދިގެން އެބަދޭ.

 

ދެން ބޭނުންވާނެ ކަންކަމަކީ އާމްދަނީ ހޯދާނޭ ކަންކަން ކުރުން. ގޯތިނެތް މީހުންނަށް ޚާއްޞަކޮށް، މިރަށަށް މުހިންމުކަމެއް ކަންނޭނގެ މިއީ. ގޯތިނެތް މީހުންނަށް ރައީސްގެ ވިސްނުމުގައި ދެން ކިހިނެއްތޯ އެމީހުން އުޅޭނެ، އެމީހުން ގެދޮރުވެރިކުރާނޭގޮތަކީ ކޮބައިތޯ. އެހެންވީމާ، ރައީސް އެއަށް ޚިޔާލުތަކެއް ދީފިން. އޭގެ މާނައަކީ، ކޮންމެހެން މިރަށުން ހުރިހާ އެންމެން މާލެއަށް އަންނަ ވާހަކައެއް ނޫން. އެކަމަކު މިހާރުވެސް ކޮލަމާފުށީގެ ރައްޔިތުންތަކެއް މާލޭގައި އެބައުޅުއްވާ. މާލޭގައި ކޮލަމާފުށީގެ ރައްޔިތުންތަކެއް އުޅުއްވާއިރު ކީއްވެގެންތޯ މިހާރު އެ އުޅުއްވާ ގޮތަށްވުރެ ތަނަވަސްކޮށް ރައީސް ޔާމީން ހަދައިދޭ އެޕާޓްމަންޓްތަކުގައި ނޫޅޭންވީ ސަބަބެއް އެބައޮތްތޯ. ހަމަ އުޅެންވީ ދޮގެއްތޯ. އެހެންވީމާ، އެ ޖާގަ އަޅުގަނޑު ހޯދާފައި އެއޮތީ. ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުން މާލޭގައި އެބަ ދިރިއުޅޭ.

 

އެހެންވީމާ، މާލޭގައި މިހާރު ދިރިއުޅޭއިރު ހަމަ ޙަޤީޤަތުގައިވެސް ވަރަށް އާދައިގެގޮތެއްގައި ދެ ބެޑްރޫމް އެޕާޓްމަންޓެއްގައި ތިން ހަތަރު ފެމިލީ އުޅޭކަން އަޅުގަނޑުމެން އެންމެންނަށް އެނގޭ. އެހެންވީމާ، އެ މީސްމީހުންގެ ފެމިލީތައް ތިން ހަތަރު ފެމިލީއަށް ހަދާފައި، ތިން ހަތަރު އެޕާޓްމަންޓް އެ ފެމިލީތަކަށް ލިބުނީމާ، އެއީ ދޮގެއްތޯ ތަރައްޤީއަކީ. ތަރައްޤީގެ ކަންކަމަކީ، އެބޭފުޅުން އެ ވިދާޅުވާގޮތަށް މިކަހަލަ ހުރިހާކަމެއް ފުރިހަމަވެގެން ދިޔުން. އެހެންވީމާ، މި ހުރިހާކަމެއް ފުރިހަމަވެގެން، ވަށާޖެހޭގޮތަށް މިވާހަކަ ދައްކާ އަޑެއް އަޅުގަނޑަކަށް އަދި ނީވޭ އެބޭފުޅުންގެ ފަރާތަކުން. އެބޭފުޅުން ފަށްޓަވަނީ ރައީސް ޔާމީން ކުރާ ކަންކަން ގޯސްވެގެން. ނިމޭއިރު އެކަންކަން ކުރާ ވާހަކަ އެދައްކަވަނީ. އެބޭފުޅުން ފައްޓަވާނީ ލޯނު ނެގުމަކީ ގޯސްކަމެކޭ ވިދާޅުވެފައި، ރަށްރަށަށް ވަޑައިގަތީމާ ރައްޔިތުން މިބުނަނީ، ލޯނު ނަގައިގެންވެސް މިކަން ކޮށްދޭށޭ. ދެން އެވިދާޅުވަނީ ތިކަންވެސް ތިމަންނަމެން ކޮށްދޭނަމޭ. އެހެންވީމާ، އެބޭފުޅުން ދައްކަވަން ބޭނުންނުވާ ވާހަކައަކީ، އެކަން ކޮށްދޭން ފައިސާ ހޯދާނީ ކިހިނެއްތޯ. ލޯނު ނުނަގާކަމަށްވަންޏާ އެފައިސާ ހޯދޭނެ ހަމައެކަނި ގޮތަކީ ރައީސް ޔާމީން ތަރައްޤީކޮށްފައިހުރި ރައުސްމާލު އަނެއްކާވެސް ވިއްކާލަންޖެހޭނީ.

 

އަޅުގަނޑަކަށް ހިޔެއްނުވޭ މިއަދަކު ދިވެހި ރައްޔިތުން ދެން އިތުރަކަށް އަޅުގަނޑުމެން އުފައްދާފައިހުރި މުދާ ވިއްކަން ބޭނުންހެނެއް. އެ މުދާ ވިއްކަން ބޭނުންނަމައެއް އެއަރޕޯޓް އަނބުރާ ހޯދާކަށް އަޅުގަނޑުމެން ކުރި އިޙްތިޖާޖެއް ނުކުރީމުސް. އަދި އެކުރި އިޙްތިޖާޖުގެ ހޫނުކަން، ނޫނީ އެކުރި އިޙްތިޖާޖުގެ ހިތިކަން އެބޭފުޅުން ހަނދުމަފުޅު ހުންނާނެ. އޭގެތެރޭގައި އެބޭފުޅުން އެކުރެއްވި ކަންކަމަކީ، ކަމުނުދާ ކަންކަންކަމަށް މުޅި ރައްޔިތުން ތެދުވެ ދެންނެވި. ހަމައެގޮތަށް އައި ދުވަހެއް ޑިސެމްބަރު 23 ވަނަ ދުވަހަކީ. އޭރު އެންމެން ނުކުތީ އެ ސަރުކާރުން ކުރާ ކަންކަމާ ދެކޮޅަށް. މިއަދުވެސް ރާއްޖޭގެ ރައްޔިތުންގެ ގިނަ ބައެއްގެ ވިސްނުންހުރީ އެގޮތަށް. ފިކުރު ހުރީ އެގޮތަށް. ހަމައެކަނި މިބަލަނީ، ވޯޓު ފޮށްޓާ ހަމައަށް ދިޔައިމާ އަންނާނީ ކޮންކަހަލަ ނަތީޖާއެއްތޯ. ނަތީޖާ ހޯދުމުގައި އަޅުގަނޑުމެން އަބަދުވެސް ޖެހޭނީ އިޚްލާސްތެރިކަމާއެކީ، އިޚްލާސްތެރިކަމާއެކީ މިދެންނެވިގޮތަށް ރައްޔިތުންނަށް ޚިދުމަތްކުރާ ބަޔަކަށް ޖާގަދިނުމަށް.

 

ކޮލަމާފުށިން އަޅުގަނޑަށް ތިޔަވިދާޅުވި މަރުޙަބާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކޮލަމާފުށީގެ ރައްޔިތުންނަށް އެހީވުމަށްޓަކައި، އަޅުގަނޑު ހަމަ ވާހަކަކޮޅޫ ނިންމާލަމުން ތިޔަބޭފުޅުންނަށް އިލްތިމާސް ކުރަނީ ފުރަތަމަ މިކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވާށޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

 

وَالسَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ