بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 

ގައްދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

އަޅުގަނޑުވެސް އެންމެ ފުރަތަމަ ގައްދޫގެ ލޮބުވެތި ރައްޔިތުންގެ އަރިހުން ވަރަށް އިޙްތިރާމާއެކީ މަޢާފަށް އެދެން. ހަމަ ގައްދޫގެ ރައްޔިތުން އަޅުގަނޑާ ދޭތެރޭގައި އޮތް ޝައުޤުވެރިކަން ދައްކަވާކަން އަޅުގަނޑަށް އެނގޭ. ވަރަށްގިނަ އަދަދެއްގެ ބޭފުޅުން އަޅުގަނޑުގެ އިސްތިޤްބާލުގައި ތިއްބަވާނެކަންވެސް އެބަ އެނގޭ.

 

އެހެންނަމަވެސް، މި ދަތުރުގައި އަޅުގަނޑަށް މި ދިމާވަނީ ތަންކޮޅެއް ދަތިކޮށް. ކޮންމެ ފަހަރަކުވެސް އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަކީ، އަޞްލުގައި ރައްޔިތުންނަށް އަޅުގަނޑުގެ ތަޞައްވުރު އޮޅުންފިލުވައިދޭން ބޭނުންވާ ކަން. އެކަން ކުރަން އަޅުގަނޑަށް ލިބޭ ވަގުތާއި، ނަމާދުގަޑިއާ ހަމަ ކައިރިވާތީ، ކޮންމެފަހަރަކުވެސް ވާހަކަ ކުރުކޮށްލަންޖެހެނީ. މިކަން  މި ދިމާވީ ހަމަ މިގޮތަށް، އަޅުގަނޑު މީގެކުރިން ދިޔަ ދެ ރަށުގައިވެސް. މަޑަވެލީގައިވެސް ހަމަ މެންދުރު ނަމާދަށް އަޅުގަނޑު ހުއްޓާލަންޖެހުނީ. ފަރެސްމާތޮޑާގައިވެސް ހަމަ ޢަޞުރު ނަމާދަށް އަޅުގަނޑު ހުއްޓާލަންޖެހުނީ.

 

މިރަށުގައި މި ދިމާވާގޮތަކީ، ހަމަ ތިޔަބޭފުޅުންގެ ދީލަތި މަޢާފަކަށް އެދެން. އަޅުގަނޑު ހަމަ ދަންނަވާލަން. އަޅުގަނޑު ގަބޫލުކުރަން، އަޅުގަނޑާ ދޭތެރޭގައި އޮތް ޝައުޤުވެރިކަން ތިޔަބޭފުޅުން ކިތަންމެ ރަނގަޅަކަށްވެސް ދައްކަވައިފި. މި ރަށް ޒީނަތްތެރި ކުރެއްވުމާއި، އަޅުގަނޑުގެ އިސްތިޤްބާލުގައި ހަމަ ގިނަ ބޭފުޅުންތަކެއް މިތާ ތިޔަ ތިއްބެވީ. އަދި ދެންމެ ދާއިރާގެ މެންބަރު އެ ފާހަގަކުރެއްވި ގޮތަށް މަސްވެރިން ރަށުގައި ތިބިނަމަ، އަޅުގަނޑުމެންނަށް ރަށުގެ ރައްޔިތުން އަޅުގަނޑުމެންނަށް މަރުޙަބާ ކިޔަން ތިބީސް. އެކަމަކު މި ރަށުގައި މި ދިމާވާގޮތަކީ ދަތުރު މި ރޭވިފައި އޮތްގޮތުން، އަޅުގަނޑު މި ރަށަށް އައިސް، އިސްތިޤްބާލުގައި ތިއްބަވާ ބޭފުޅުންނާ އަޅުގަނޑު ސަލާންކޮށްފި ކަމަށްވަންޏާ، މަޣުރިބު ނަމާދަށްޖެހޭނީ މެދުކަނޑާލަން. މަޣުރިބު ނަމާދަށް މެދުކަނޑާލައިފި ކަމަށްވަންޏާ، ރައްޔިތުން ހަމަ ވަރަށްބޮޑު ބުރައެއް އުފުއްލަވަންޖެހެނީ. ދެން މި އަންނަނީ ޢިޝާ ނަމާދުގެ ވަގުތު.

 

އެހެންވީމާ، ދެން އަޅުގަނޑަށް މިކަން ކުރެވެން އޮތްގޮތަކީ، މާދަމާގެ ވަގުތެއް ހަދައިފި ކަމަށްވަންޏާ، އަނެއްކާވެސް ހަމަ ރައްޔިތުންނަށް އިތުރު ތަކުލީފަކަށްވަނީ. އެހެންވީމާ، ހަމަ ދީލަތި މަޢާފަކަށް އެދެމުން، އަޅުގަނޑު ދަންނަވާލަނީ، މިކަހަލަ ސަބަބުތައް މެދުވެރިވީމާ، އަޅުގަނޑަށް ސަލާން ކުރުމުގެ ބުރެއް ޙަޤީޤަތުގައި މިތަނުގައި ނުގެންދެވުނީ. އެހެންނަމަވެސް ހަމަ ވަރަށް ތިޔަބޭފުޅުންގެ ހިތްޕުޅުހެޔޮކަމާއެކީ، އަޅުގަނޑަށް މަޢާފް ކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.

 

އާދެ، ގައްދުއަށް އައިސް، ތިޔަބޭފުޅުންގެ މި އުފާވެރި އިޙްތިފާލުގައި ބައިވެރިވުމަކީ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑަށް ލިބޭ އުފަލެއް. ގައްދުއަށް އެންމެ ކުރިއްސުރެ ދުވަސްތަކެއް ވަންދެން ދިމާވެފައި އޮންނަ އެންމެބޮޑު މައްސަލައަކީ، އުދައެރުމާއި، ރާޅުއެރުމުގެ ސަބަބުން ގައްދުއަށް  މި ދިމާވާ ބޮޑެތި މައްސަލަތައް. ދެންމެއަކު ޢިއްޒަތްތެރި މެންބަރު ރަޝީދުގެ ވާހަކަފުޅުގައިވެސް އެ ފާހަގަކުރެއްވި ފަދައިން، އިރާދަކުރެއްވިއްޔާ މިކަންތައްތަކަށް ދާއިމީ ޙައްލެއް އައިސް މި ނިމުނީ. ގައްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމައި، އެ މަޝްރޫޢު ފަށައިދިނުމުގެ އުފަލުގައި އަޅުގަނޑު މި ބައިވެރިވަނީ އެ ސަބަބަށްޓަކައި. ދެން އިރާދަކުރެއްވިއްޔާ، ގައްދުއަކީ ތިމާވެށީގެ ގޮތުން ރައްކާތެރި ރަށަކަށްވެގެން މިދިޔައީ. އުދައެރުމާއި، ރާޅު ބޮޑުވުމުގެ މައްސަލަތަކުން އިރާދަކުރެއްވިއްޔާ ދެން ގައްދޫ ސަލާމަތުން ރައްކާތެރިކަމާއެކީ އޮންނާނެ.

 

 ހަމައެހެންމެ، މީގެކުރިން މިވަނީ ސާފު ބޯފެނުގެ ނިޒާމު ޤާއިމުކޮށްދެވި ނިމިފައި. މިއަދު ލިބޭ އަނެއް އުފަލަކީ، ނަރުދަމާ މި ރަށަށް ހަމަޖެހިގެންދާ ދިޔުން. ނަރުދަމާ ހަމަޖެހިގެން ދިޔައިމާ، ޝައްކެއްވެސްނެތްގޮތުގައި، ގައްދޫގެ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައެއް މިކަމުގެ ތެރޭގައި މިއައީ.

 

އެއާއެކީ ދެން އޮތް އުފާވެރި އަނެއް ކަމަކީ، މިރަށުގައިވެސް ފަންސާހަކަށް ހައުސިންގ ޔުނިޓް މި ނިމުނީ. ހައުސިންގ ޔުނިޓްތައްވެސް އަޅުގަނޑުމެން ރަސްމީކޮށް ހުޅުވައިދިނިން. ހުޅުވައިދިނީމައާއެކީ، ހައުސިންގ ޔުނިޓްތަކުގެ ފައިދާ، ނޫނީވިއްޔާ އެއިން ލިބެންވާ ފަސޭހަކަން ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެ. ކޮންމެ ރަށަކަށްވެސް އަޅުގަނޑު މިކުރާ ޒިޔާރަތުގައި ޙަޤީޤަތުގައި އިތުރު ވަގުތު ހޭދަކުރަން އަޅުގަނޑު ބޭނުންވޭ. އެހެންނަމަވެސް، މިވާގޮތަކީ އަޅުގަނޑުވެސް ހަމަ މިދޭތެރެއިން މާލޭގައި މި ދިމާވާ ބައެއްކަހަލަ ބޮޑެތި ސިޔާސީ ކަންކަމާ ގުޅިގެން އަޅުގަނޑަށް ހަމަ ދަތުރުނުކުރެވިފައި، ރަށްރަށަށް ނާދެވިފައި، އަޅުގަނޑު ގާތްގަނޑަކަށް ފެބުރުވަރީ 1 ވަނަ ދުވަހުން ފެށިގެން ހަތަރުވަރަކަށް މަސްދުވަހު މިހިރީ ހަމަ މާލޭގައި. އޭގެފަހުން އަޅުގަނޑަށް ދަތުރުކުރަން މި ފުރުޞަތު ލިބެނީ. އަޅުގަނޑު ތަފްޞީލު ދަންނަވަން ނެތަސް، ތިޔަބޭފުޅުންނަށް ގަބޫލުކުރެއްވޭނެ، ކީއްވެގެންކަން އަޅުގަނޑު މާލޭގައި ހުންނަން ޖެހިގެންދިޔައީ. އަޅުގަނޑަށް މި ވެރިކަމަށް އައިސް މި ހޭދަކުރާ ދުވަސްތަކުގައި، ޙަޤީޤަތުގައި ފަސޭހަ އަމާން ދަތުރެއް ނޫން އަޅުގަނޑު މި ކަޑައްތުކުރީކީ. އަދި އަމުދުން މި އަހަރުގެ ފެބުރުވަރީ މަހުގެ ކުރީކޮޅުގައި، ފެބުރުވަރީ 1 ވަނަ ދުވަހު، ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ހަމަ ރާއްޖެ އެއްފުށުން އަނެއް ފުށަށް ޖަހާލުންފަދަ ބޮޑު ސިންގާ އިންޤިލާބީ ކަންތައްގަނޑެއް އެ ހިނގައިދިޔައީ. ވަރަށް ނުރައްކާތެރި ކަންތައްތަކެއް ހިނގައިދިޔައީ. އެ ސަބަބުތަކަށްޓަކައި އަޅުގަނޑަށް ހަމަ ލާޒިމުވީ، އަޅުގަނޑު މާލޭގައި ހުންނަން. އެހެންނޫންނަމަ، މިހާ ކުރުކޮށް، ދެ ދުވަހުން، ތިން ދުވަހުން، އެއް ދުވަހުން ތިން ރަށް، ހަތަރު ރަށަށް ދަތުރުކުރާގޮތަށް އަޅުގަނޑު ދަތުރެއްނުކުރީސް. ގައްދޫގައިވެސް ހަމަ އެކަށީގެންވާ ވަގުތު އެރުވީމުސް ރައްޔިތުންނަށް. އަދި އެހެން ރަށްރަށުގައިވެސް އެކަށީގެންވާ ވަގުތު އަޅުގަނޑު އަރުވާނަން.

 

އަޅުގަނޑު މިކުރާ ދަތުރުތަކަކީ ޙަޤީޤަތުގައި ކެމްޕޭނު ދަތުރުތަކަކަށްވުރެވެސް އިސްކޮށް މި ރަށްރަށަށް ބޭނުންވެފައި ހުރި މަޝްރޫޢުތައް، ރައްޔިތުންގެ އަސާސީ ކަންކަން ފުދިގެންދާއިރު، އެ މަޝްރޫޢުތައް ފަށައިދޭން ކުރާ ދަތުރު. ފެބުރުވަރީ 1 ވަނަ ދުވަހު މިއައި ކަންތައްތަކާ ގުޅިގެން މި ނިމިފައި ހުރި މަޝްރޫޢުތައް ފަށައިދޭން އަޅުގަނޑު ދަތުރުކުރަން ބޭނުންވިނަމަވެސް، އަޅުގަނޑަށް އެކަންކަން ނުވެ މި ދިޔައީ. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، ގާތްގަނޑަކަށް ސާޅީހަކަށް މަޝްރޫޢު ނިމިގެން، އެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް އެހެރީ ފެށިފައި. އެހެންނަމަވެސް، ރަސްމީކޮށް ރައީސަށް ފަށްޓައިނުދެވިފައި ހުރި މަޝްރޫޢުތައް. އެހެންވެގެން، އަޅުގަނޑުގެ ދަތުރުތައް މި ދެންނެވި ގޮތަށް މިހާ ކުރުގެޅިގެން މި ހުރިހާ ދަތުރުތަކެއް މިދަނީ. މިހާރު މިއޮތީ ރިޔާސީ އިންތިޚާބުގެ ވޯޓަކާ ހަމަ ދާދި ކައިރިވެފައި. އަޅުގަނޑު ކުރަންޖެހޭ މަސައްކަތް ބައިވަރު. މާލޭގައި ކުރަންޖެހޭ މަސައްކަތް އެބަހުރި. އަތޮޅުތެރޭގެ ބޮޑެތި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތް އެބަހުރި. މި އަތޮޅުގައިވެސް ބޮޑެތި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތް އަދިވެސް އެބަހުރި. އެހެންވީމާ، މިކަހަލަ ސަބަބުތައް ހުރީމާ އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ އަރިހުން މަޢާފަށް މި އެދެނީ. ތިޔަބޭފުޅުންނާ ސަލާންކޮށްލުމުގެ ފުރުޞަތު، އިސްތިޤްބާލުގައި ތިއްބެވިއިރު އަޅުގަނޑަށް ލިބިގެން ނުދިޔައީމާ.

 

 އެއާއެކީ ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ގައްދުއަކީ މިހާރު ޢާންމު އަސާސީ ޚިދުމަތްތަކަށް ބަލާކަމަށްވަންޏާ، ޢާންމު އަސާސީ ޚިދުމަތްތަކެއްގެ ގިނަ ޚިދުމަތްތަކެއް ތިޔަބޭފުޅުންނަށް ލިބިގެންދާ ރަށެއް ގައްދުއަކީ. ގައްދުއަށް މިކުރެވޭ ހޭދައާއި، ގައްދުއަށް މިކުރެވޭ ޚަރަދުތަކަށް ބަލާއިރު، އަޅުގަނޑު ހަމަ ތަފާސް ހިސާބު ދަންނަވާލާނަން. އަޅުގަނޑުމެން ކުރީގައި ދިޔަ ފަސް އަހަރުގެ ސަރުކާރުގައި ގައްދުއަށް އޮތީ ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ ހޭދަކުރެވިފައި. 27.7 މިލިއަން ރުފިޔާ ހޭދަކުރެވިފައި ހުރީ. އެއީ ބޮޑެތި މަޝްރޫޢުތަކަށް. އެހެންނަމަވެސް، ގައްދޫގައި އަޅުގަނޑުގެ މި ސަރުކާރުގައި، މިހާރު މި އިފްތިތާޙު ކުރެވޭ މަޝްރޫޢު ނިމުނީމައާއެކީ، 240 މިލިއަނުގެ ހޭދަ މިވަނީ ގައްދުއަށް އެކަނި ކުރެވިފައި. އެއީ 27 މިލިއަނުން 240 މިލިއަން، މިއީ ގާތްގަނޑަކަށް ނުވަގުނަ ހޭދައެއް މިއޮތީ ކުރެވިފައި.

 

އެހެންވީމާ، ހަމަގައިމުވެސް ގައްދުއަކީ އަޅުގަނޑު އިންތިޚާބުގައި މި ރަށަށް އައިސް ދެއްކި ވާހަކަތަކުގައި އަޅުގަނޑުގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ގައްދުއަކީ އެކަހެރި ރަށަކަށްނުވާނެ ކަމަށް އަޅުގަނޑު ދެންނެވިން. އެކަން މިއަދު ޢިއްޒަތްތެރި މެންބަރު އަނެއްކާވެސް އެ ހަނދާންކޮށްދެއްވީ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ތަފާސް ހިސާބާއި، ތިޔަބޭފުޅުންނަށް މަޝްރޫޢުތަކުން ލިބިފައި ހުރި ފަސޭހަކަމަށް ބަލާކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ މި އަދަދަކީ ހަމަގައިމުވެސް ތިޔަބޭފުޅުންގެ ހިތްޕުޅުގައި ހަރުލާ ހުންނާނެ އަދަދެއް ކަމަށް އަޅުގަނޑު އުއްމީދު ކުރަން.

 

އަޅުގަނޑު ގދ.ގެ މި ދަތުރު ފަށައިގެން ގޮސް ގައްދުއާ ހަމައިން ގދ.ގެ މި ދަތުރު އަޅުގަނޑުމެން ބޮޑެތި ރަށްރަށް މި ނިމެނީ. ދެން ތިނަދުއަށް ހަމަ މުޅިން ވަކިން ޒިޔާރަތް ކުރާނަން އިރާދަކުރެއްވިއްޔާ. އެކަމަކު ހަމަ ގދ. ގައި ދަންނަވާލަން ބޭނުންވަނީ، ގައްދޫގައިވެސް ދަންނަވާލަން ބޭނުންވަނީ، ގދ. އާއި ގއ.އާ، ހުވަދުއަތޮޅަކީ ޓޫރިޒަމްގެ ޞިނާޢަތުގެ ބޮޑު އުއްމީދެއް، ބޮޑު މަޝްރޫޢުތަކެއްގެ އުއްމީދު އޮތް އަތޮޅެކޭ. އެހެންވީމާ، އަޅުގަނޑު ގދ. އަށް މިކުރާ ޒިޔާރަތުގައި، އަޅުގަނޑު ފަރެސްމާތޮޑާގައިވެސް، އަދި މަޑަވެލީގައިވެސް އަޅުގަނޑު ދެންނެވިން، އިރާދަކުރެއްވިއްޔާ ގދ. ގައި އަޅުގަނޑުމެން މި ފަށާ މަޝްރޫޢަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރު، ފަސް އަހަރެއްވެސް ނޫން، ފުރަތަމަ ތިން އަހަރު މި ފަށާ މަޝްރޫޢަކީ، ގއ. ގދ. އާދެ، ހުވަދުއަތޮޅަށް، ހުވަދުއަތޮޅުގެ ދެބުރިއަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދިހަހާސް އެނދު ތަޢާރުފުކުރާނަމޭ. އެއީ އަޅުގަނޑުމެން ގަބޫލުކުރަން. އަޅުގަނޑުމެންގެ ސަރުކާރުން ގަބޫލުކުރަން، ޓޫރިޒަމްގެ އެންމެބޮޑު އުއްމީދެއް، ޓޫރިޒަމްގެ އެންމެބޮޑު އުއްމީދެއް އޮތް އަތޮޅަކީ ޙަޤީޤަތުގައި ގއ. ގދ. އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން އިނގޭތޯ.

 

އެހެންވީމާ، ޓޫރިޒަމްގެ ނާރެހަކަށް ގއ. ގދ. ވާނެކަމަށް އަޅުގަނޑު ކުރީގައި، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ ތިނަދޫގައި ބައްދަލުވުމެއްގައި އަޅުގަނޑު ދެންނެވިން. އަޞްލުގައި ޓޫރިޒަމްގައި ޙަޤީޤަތުގައި ޓޫރިޒަމްގެ މައި ނާރެހަކަށް ވެގެންދާނީ މުސްތަޤްބަލުގައި ގއ. ގދ. އޭ. އަޅުގަނޑުމެން އެއަރޕޯޓް މި ހަދަނީ ބޮޑު އުއްމީދުތަކަކާއެކީ. އެއަރޕޯޓަށް އެހާބޮޑު އަދަދުގެ ފައިސާ، ލޯނު ނަގައިގެން އެއްހާސް މިލިއަން ޑޮލަރުގެ ހޭދަ މިކުރަނީ، ޙަޤީޤަތުގައި ހަމަ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށްޓަކައި. އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންނަށް މިހާރު ބޭނުންވަނީ އިޤްތިޞާދީ ތަނަވަސްކަންކަމަށް. އިޤްތިޞާދީ ދިރުން، ރާއްޖޭގެ ހުރިހާ ދިމާއަކަށް ބޭނުންވަނީ. މިކަހަލަ ހުރިހާ ދިމާއަކަށް އެއަރޕޯޓްތައް އެޅި، މިތާވެސް މާދުރުނޫން ހިސާބެއްގައި މިއޮތީ މާވާރުލު އެއަރޕޯޓް. އިރާދަކުރެއްވިއްޔާ މާވާރުލު އެއަރޕޯޓްވެސް ހަމަ ދާދި އަވަހަށް ނިމިގެން ހިނގައިދާނެ. މި އެއަރޕޯޓްގެ ފަސޭހައަކީ ޙަޤީޤަތުގައި، ހަމައެކަނި މި ދާއިރާތަކުގެ ރައްޔިތުންގެ ދަތުރުފަތުރެއްނޫން. ދާއިރާތަކުގެ ރައްޔިތުންގެ ދަތުރުފަތުރު މިއީ ޝައްކެއްވެސްނެތްގޮތުގައި ފަސޭހަކަމެއް. މީގެކުރީގައި ސަރުކާރެއްގެ ދަތުރުފަތުރާއި، ދަތުރުފަތުރުގެ ނިޒާމެއްގެ ވާހަކަ ދެއްކެވި. އަޅުގަނޑު އެންމެފަހުން ފަރެސްމާތޮޑާގައި ވާހަކަ ދައްކަމުން ދެންނެވިން، އެ ދަތުރުފަތުރުގެ ނިޒާމަށް ވެފައި އޮތްގޮތް. އެ ދަތުރުފަތުރުގެ ނިޒާމު މިހާރު އެއޮތީ ކޮންމެވެސް ދިމާއަކަށް ގްރައުންޑްވެފައި. ކޮންމެވެސް ފަރަކަށް އަރައި ބީހިފައި އެއޮތީ. އެ ދަތުރުފަތުރުގެ ނިޒާމު ފަށައިނުގަނެވޭ ހިސާބަށް އެކަންއޮތީ ގޮސްފައި. އަދި އެ ދަތުރުފަތުރުގެ ނިޒާމު އެހާބޮޑަށް ގެއްލުންވެ، އަދި ދަތުރުފަތުރުގެ ނިޒާމު ހަމަ އެއްގޮތަކަށްވެސް ހިނގައިނުގަތީމާ، އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްގެން އެމް.ޓީ.ސީ.ސީ. އިން އެ މަސައްކަތް ކޮށްދެވޭތޯ ބައްލަވަނީ.

 

 އެކަމަކު އަޅުގަނޑުގެ ވިސްނުމުގައި ރާއްޖޭގެ އެއް އަތޮޅުން އަނެއް އަތޮޅަށް މިކުރާ ދަތުރުފަތުރު ޙަޤީޤަތުގައި، ދަތުރުފަތުރުގެ މިކަހަލަ ނިޒާމަކުން ކުރެވޭނެ ދަތުރެއްނޫން. އަޅުގަނޑުމެން ތަނަވަސްކަމާއެކީ، އަޅުގަނޑުމެންގެ ޖީބުގެ ތިޔާގިކަމާއެކީ އަޅުގަނޑުމެން އުއްމީދުކުރަން ރައްޔިތުންގެ ލުއިފަސޭހައަށް. ރައްޔިތުންގެ ފަސޭހަކަމަކީ، ޙަޤީޤަތުގައި ރައްޔިތުންގެ އުފާފާގަތިކަމާ ގުޅިފައި އޮންނަ ކަމެއް. އެހެންވީމާ، މިސާލަކަށް، މި ބިތުން އަނެއް ބިތަށް ލޯންޗެއް ދަތުރުކުރާ ކަމަށްވަންޏާ، ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ ވާހަކަ މި ދައްކަނީ. އެކަމަކު މިއީ އެއް އަތޮޅެއް. މިއަތޮޅުގެ ތެރޭގައި އެއް ބިތުން އަނެއް ބިތަށް ދަތުރުކުރާއިރުވެސް، ގާތްގަނޑަކަށް ހަތަރުވަރަކަށް ގަޑިއިރުގެ ވާހަކަ ދައްކާއިރު، ދަތުރުފަތުރުގައި އެ ތަޢާރުފު ކުރެއްވި ނިޒާމުން އޮތީ ކޮން ލުއެއްތޯއޭ ރައްޔިތުންނަށް؟ އެ ލުއެއްނެތޭ. ޙަޤީޤަތުގައި ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމުން އޮންނަ ލުއިކަމެއް އޮތީ މި ސަރަޙައްދުތަކުގައި އެއަރޕޯޓްތަކެއް އެޅިގެން. އެހެންވީމާ، މި ބިތުގައިވެސް އެއަރޕޯޓް އެޅިގެން މިދަނީ. އަނެއްކާ ހަމައެއާއެކީ އަނެއް ބިތުގައިވެސް އެއަރޕޯޓް އެއޮތީ. އަދިވެސް އިތުރު އެއަރޕޯޓް ޙަޤީޤަތުގައި އަޅާނެ ޖާގަ އޮތް ދިމާއަކީ ގއ. ގދ. އަތޮޅު. އެހެންވެގެން ޓޫރިޒަމްގެ ނާރެހަކަށް މި އަތޮޅު ވެގެން މިދަނީ.

 

އަޅުގަނޑު ފަރެސްމާތޮޑާގައި އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ އަޅުގަނޑު އިޢުލާނު ކުރިން، ޓޫރިޒަމްގެ ނާރެހަކަށް ގއ. ގދ. ހިމެނިގެންދާއިރު، މިތަނަކީ އަޞްލުގައި ކަނޑަށް ޖައްސާ ބޯޓު ޖެއްސުމުގެ ހަބަކަށް ވެގެންދާނޭ. އެއީ، މި ސަރަޙައްދުން ދެން މިތާހުރި އެހެން ރަށްރަށަށް ޓޫރިސްޓުން ގެންދިޔުމާ، މިކަންކަން ހިނގާނީ، ޙަޤީޤަތުގައިވެސް މި ދެންނެވި ގޮތަށް ވައިގެ މަގުން. އެއަރޓެކްސީގެ ޚިދުމަތް ހިނގާނީ.

 

އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑު މި އަންނަނީ ހަމަ ކޮންމެ ދާއިރާއެއްގައިވެސް އިޢުލާނު ކުރަމުން، އަޅުގަނޑުމެން އެއްހާސް މިލިއަން ޑޮލަރު ނަގައިގެން އެއަރޕޯޓެއް ހަދައިގެން، އެއަރޕޯޓަށް އަޅުގަނޑުމެން އުއްމީދު ކުރަނީ، 7.5 ނޫނީ    8 މިލިއަން ފަސިންޖަރުން ގެންނަން ކަމަށްވަންޏާ، އެ އަދަދަކީ އަޅުގަނޑު ނުދަންނަވާނަން، ފަސް އަހަރުން އެކަންވާނެއެކޭ. އެކަމަކު އަޅުގަނޑު އުއްމީދު ކުރަން ބޭނުންވަނީ، އެއަރޕޯޓް ނިމިގެން އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ފަހުކޮޅު ހުޅުވޭއިރު، ނޫނީ 2020ގެ ކުރީކޮޅު ހުޅުވިގެންދާއިރު، ދެން އަޅުގަނޑުމެން މަސައްކަތް ކުރަންވާނީ، އަޅުގަނޑުމެންގެ ޢަޒުމަކަށްވާނީ، އެ އެއަރޕޯޓަށް ބޭނުންވާ ހުރިހާ ފަސިންޖަރުން ގެނެވޭތޯ ބަލަން. މިހާރު އަޅުގަނޑުމެންގެ އެއަރޕޯޓަށް ދަތުރުކުރާ ފަސިންޖަރުންގެ އަދަދަކީ 1.5 މިލިއަން ކަމަށްވަންޏާ، ހަތަރު ފަސް އަހަރެއްގެ ތެރޭގައި، އެ ޢަދަދު ތިން މިލިއަނަށް އިތުރުވެގެންދާންވާނެ. އަދި މާދުރުނޫން މުސްތަޤްބަލެއްގެ ތެރޭގައި އެ އަދަދު އިތުރުވެގެންދާންޖެހޭނެ ހައެއްކަ މިލިއަނަށް. އާޚިރުގައި ނިމިގެންދާއިރު، އަޅުގަނޑު އުއްމީދު ކުރަނީ، ދިހަވަރަކަށް އަހަރުގެ ތެރޭގައި، 8 މިލިއަނަށް، ނޫނީ 7.5 މިލިއަނަށް ދާންވާނެކަމަށް. އެ އަދަދަށް ދާކަމަށްވަންޏާ، މި ދާއިރާތަކަށް ޓޫރިޒަމް އައުން މަޖުބޫރު. އަޅުގަނޑުމެންގެ މިހާރުހުރި ޓޫރިޒަމްގެ ރަށްތަކަކުންނެއް މި ކެޕޭސިޓީއެއް ނެތް. ދާދިފަހުން ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނެ، ޓޫރިޒަމް ދާއިރާގެ އެންމެ ފުންނާބު އުސް ބޭފުޅުން އަދި ޓޫރިޒަމް ދާއިރާއަށް އެންމެ ކުރިއްސުރެ އަދި މިހާރުވެސް އެންމެ ޚިދުމަތްތެރި ބޭފުޅުން، ދިވެހި ކިޔަވާކުދިންކޮޅަކާ ބައްދަލުކުރައްވައި، އެބޭފުޅުންގެ މުއްސަނދި ތަޖުރިބާ ޙިއްޞާ ކުރެއްވި. އެ ޙިއްޞާ ކުރައްވާއިރު، އެބޭފުޅުން ތަކުރާރުކޮށް ކެނޑިނޭޅި އެ ވިދާޅުވަނީ، އަޅުގަނޑުމެންވެސް ހަމަ ދައްކާ ވާހަކައެއް.

 

ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރަކީ، ނޫނީ ރާއްޖޭގެ އިޤްތިޞާދުގެ މައި ބަދަޔަކީ ޓޫރިޒަމް. ޓޫރިޒަމާ ގުޅިގެން ދެން އަންނަ މި ތަރައްޤީތައް މި އަންނަނީ. ޓޫރިޒަމާ ގުޅިގެން މަސްވެރިކަންވެސް އިތުރުވެގެންދާނީ. ޓޫރިޒަމްގެ ދާއިރާގެ ކެޕޭސިޓީ މިވަރަށް އިތުރުވެގެންދާ ކަމަށްވަންޏާ، މަސްވެރިންވެސް ވިސްނަންވާނެ، މަސްވެރިކަމުގެ ޞިނާޢަތަށް އެއިން ލިބޭނީ ހަމަ ރަނގަޅު އަސަރުތަކެއް. ހަމަގައިމުވެސް  ބާނާ މަސް އިތުރުކުރަންޖެހޭނެ.

 

ގައްދޫގައިވެސް މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ދާއިރާއަށް މާވާރުލު އެއަރޕޯޓް ހެދި، އަދި މިތާ މާދުރަކުނޫން ފަރެސްމާތޮޑާވެސް މިއޮތީ. ގަޑިއެއްހާއިރުގެ ތެރޭގައި އަޅުގަނޑުމެންނަށް އެބަ ދަތުރުކުރެވޭ. މިއިން މި ދައްކައިދެނީ ޙަޤީޤަތުގައި މި ސަރަޙައްދުގައި އިތުރު ރިޒޯޓް އެޅުމުގެ އުއްމީދު އޮތްކަން. އިތުރު ރިޒޯޓް އެޅުމުގެ އުއްމީދަށް އަޅުގަނޑުމެން ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ ދޮށީ ރައްޔިތުންނަށް ހަމަ މަޢާފާއެކީ ދަންނަވާލާނީ، އަޅުގަނޑުމެންގެ އާބާދީއަކީ މިހާރު ޒުވާންވެފައި އޮތް އާބާދީއެއް. އަޅުގަނޑުމެންގެ ދޮށީ ރައްޔިތުންނަށް ހަމަ އެދިވަޑައިގަންނަވާ ހުރިހާ ކަންތައްތަކެއް ސަރުކާރުގެ ތެރެއިން ފުއްދައިދެމުން އެބަ ގެންދަން. ދޮށީ ރައްޔިތުންނަށް އެންމެ އިސްކަމަކަށް ބޭނުންފުޅުވާނީ، ރަނގަޅު ޞިއްޙީ ނިޒާމެއް. އަޅުގަނޑު މި އުއްމީދު ކުރަނީ އިރާދަކުރެއްވިއްޔާ ހަމަ މި ހިސާބުން އެތެރެވަރީގެ ސަރަޙައްދުން ލިބޭނެ އެންމެ ރަނގަޅު ބޭސްފަރުވާ، ދަރުމަވަންތަ ހޮސްޕިޓަލް ނިމިގެން، ދަރުމަވަންތަ ހޮސްޕިޓަލުން ޞިއްޙީ ފަރުވާ ލިބެން ފެށީމާ، އެ ފަރުވާ ލިބިގެންދާނެ. އަޅުގަނޑުމެން ދަތުރުކުރާކަށް އިރާދަކުރެއްވިއްޔާ ނުޖެހޭނެ. އަޅުގަނޑުމެން ރަށުން ފުރައިގެން ދުރު ކަރަކަރައަށްދާކަށް، ސިންގަޕޫރާ ހަމައަށްވެސް ނުގޮސް، އެކަންކަން އަޅުގަނޑުމެންގެ ސަރަޙައްދުން ކުރެވޭނެ ކަމަށް، ނޫނީވިއްޔާ ދަރުމަވަންތަ ހޮސްޕިޓަލުން ފުދިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ދޮށީ ރައްޔިތުންނަށް ޙަޤީޤަތުގައިވެސް އެންމެ ބޮޑަށް ބޭނުންފުޅުވާނީ މިކަން.

 

ދެން ދޮށީ ރައްޔިތުންނަށް ހަމަ ޒުވާނުންނެކޭ އެއްފަދައިން، އެންމެ ބޮޑަށް ބޭނުންވާނީ ރާއްޖޭގެ ހަމަޖެހުން. ރާއްޖޭގެ އަމާންކަން. ރާއްޖޭގެ އަމާންކަން ގެއްލިގެން ގޮސްފި ކަމަށްވަންޏާ، ދޮށީ ރައްޔިތުންނަށް އެކަންޏެއް ނޫން އެއިން އުނދަގޫވާނީ. ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހުރިހާ ގިންތިއެއްގެ މީހުންނަށް އޭގެ އުނދަގޫތަކެއްވާނެ. މި ސަރަޙައްދުގައި އެއަރޕޯޓެއް ހުޅުވިގެން ގޮސްފައި، އަދި މާދުރުނޫން ހިސާބެއްގައި، ފަރެސްމާތޮޑާގައި އިތުރު އެއަރޕޯޓެއް އައިމާ، މި ދައްކަނީ ވަރަށްގިނަ ރަށްރަށް ޓޫރިޒަމްގެ ދާއިރާއަށް، މި ސަރަޙައްދަށް އަޅުގަނޑުމެން ހުޅުވާ ވާހަކަ. މި ސަރަޙައްދުން އެކަނި، އަޅުގަނޑުމެން މިހާރު ބަހާފައި އޮތްގޮތުން ވެއްޖިއްޔާ، 6000 އެނދު އަޅުގަނޑު ބޭނުންވޭ، ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ގދ. އަށް އެކަނި ހުޅުވެން. އެކި ރަށްރަށުގައި އެ ދާއިރާއާ ގުޅިގެން ހުޅުވޭނެ އެނދުތަކުގެ ވާހަކަ އެބަ ދަންނަވަން. އަދި އެތަނުގައި ފީޑްކުރާނެ ޒުވާނުން، މަސައްކަތަށް ނުކުންނާނެ ރަށްރަށްވެސް އަޅުގަނޑު އެބަ ދަންނަވަން. މި ދާއިރާއަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުގެ ލިސްޓްގައި މި ދާއިރާއަށް އެކަނި، މި ތިން އަހަރުގެ ތެރޭގައި، 21 ރަށް ޓޫރިޒަމަށް ތަރައްޤީ ކުރަންޖެހޭނެ. 21 ރަށް ޓޫރިޒަމަށް ތަރައްޤީ ކުރެވޭނެ، މި ދާއިރާއަށް އެކަނި، 4200 އެނދު އެބަ ހުންނަންޖެހޭ. އެއީ، އިރާދަކުރެއްވިއްޔާ ދެން އަންނަ ފަސް އަހަރެއްގެ އެންމެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރަންހުރި ކަންތައް. މި އަދަދުތަކަށް ބަލައިފި ކަމަށްވަންޏާ، މި ޢަދަދުން އެކަނި މިއީ ގާތްގަނޑަކަށް 7000 ޒުވާނުންގެ ވަޒީފާ. މުޅިން އަލަށް، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަން އުފެދޭ ހަތްހާސް މީހުންގެ ވަޒީފާ. އަދި މިއާއެކީ ޓޫރިޒަމާ ގުޅުންހުރި އިންޑަސްޓްރީތައް، ގުޅުންހުރި މަސައްކަތްތައް، ލިންކޭޖް އިންޑަސްޓްރީޒް، މީގައި ވަޒީފާ އަދާކުރާ މީހުންގެ ހިސާބެއް އަޅުގަނޑު މިއަކު ނުވެސް ހިމަނަން. މިއީ ހަމަ ސީދާ ޚިދުމަތަށް. މިއީ ހަމަ ސީދާ އެނދަކަށް 1.4 ނޫނީ 1.5ގެ ނިސްބަތުން ޒުވާނުން މަސައްކަތްތަކަށް ނުކުންނާނެވަރު.

 

އެހެންވީމާ، ކޮންގޮތަކުންތޯ 21 ރަށް މިތާ ހުޅުވިގެން ގޮސް، ނިމޭއިރު، ކޮން ގޮތަކުންތޯ ގދ. ގައްދޫ އެކަހެރިވާނީ؟ ގައްދޫ އެކަހެރިއެއްނުވާނެ. ގައްދުއަކީ ހަމަ އިޤްތިޞާދީ  މި މައި ނާރެހުގެ ތެރޭގައި ހިމެނޭ މުހިއްމު މައި ރަށަކަށް ވެގެންދާނެ. އެކާވީސް ރަށް މި އެނބުރެނީ މި ސަރަޙައްދުގައި. މާވާރުލު އެއަރޕޯޓާއި، ގައްދުއާއި، ފަރެސްމާތޮޑާއާ ކައިރީގައި. ފަރެސްމާތޮޑާގައި އަދި މީގެ އިތުރު ރަށްތަކެއްގެ ވާހަކަ ދެއްކިން. މިއީ ހަމަ ގައްދޫ ސަރަޙައްދުގައި. މައިގަނޑު ގޮތެއްގައި ކަނޑުހުޅުދޫ، ގެމަނަފުށި، ކޮނޑޭ، ގައްދޫ، ދާންދޫ، މި ދާއިރާތަކަށް މިއީ. ގއ.ގެ ބައެއް ރަށްރަށް ވަރަށް ކައިރި، އެހެން ނޫންތޯ މާވާރުލު އެއަރޕޯޓާ. އެހެންވީމާ، މިއާއެކީ މި އަންނަނީ މައިގަނޑު ގޮތެއްގައި ހަމަ ގައްދޫ. މި ސަރަޙައްދުގެ ތަރައްޤީ މި އަންނަނީ. އެހެންވީމާ، ﷲގެ ރަޙްމަތުން މިކުރެވޭ މަސައްކަތަކީ، އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރަން އަޅުގަނޑުމެން ކުރާ މަސައްކަތް.

 

އަޅުގަނޑުގެ ވާދަވެރިން ދައްކަވާ ވާހަކައިގައި، މި ވާހަކައެއް ނޫން ދައްކަވާނީ. އަޅުގަނޑުގެ ވާދަވެރިން ދައްކަވާ ވާހަކައިގައި އެއްގޮތަކަށްވެސް ވިދާޅެއްނުވާނެ، އެބޭފުޅުންގެ ސަރުކާރެއް އޮތްއިރު، މި ރަށްރަށަށް އޮތްއިރު ކޮށްދެއްވީ ކޮންކަމެއްކަން. ގައްދޫގައި ހަމަ ޒުވާން ކުއްޖަކު ސުވާލުކޮށްލައްވާ، އެ ސުވާލު. އަޅުގަނޑު މި ދަންނަވަނީ އެ ސުވާލުގެ ޖަވާބު އޮތްގޮތް. އެބޭފުޅުން ކީކޭތޯ ވިދާޅުވަނީ، 27 މިލިއަން ޚަރަދު ކުރެއްވީ. ގައްދުއަކީ 3000 އަށްވުރެ ބޮޑު އާބާދީއެއް އުޅޭ ތަނެއް. 27 މިލިއަން، އެބޭފުޅުން ހޭދަކުރެއްވީ. އޭރުއޮތީ އެކަހެރިވެފައި. މިއަދު އަޅުގަނޑުމެން މި ދަންނަވަނީ، މިއަދު މިހާހިސާބަށް ދިޔައިރު، އަޅުގަނޑުމެން 240މިލިއަން، ނޫނީ މީގެ ނުވަ ގުނަ ހޭދަކޮށްފީމޭ.

 

އެހެންވީމާ، ހޭދަކުރުމަށް ބަލާކަމަށްވަންޏާ، ކީއްކުރަންތޯ، އެބޭފުޅުން ތަރައްޤީގެ ވާހަކަ ދައްކަވަނީ؟ އެބޭފުޅުން ތަރައްޤީގެ ވާހަކައެއް ނުދައްކަވާނެ. އަޅުގަނޑުމެން ޢާންމުކޮށް ހުރިހާ މަޝްރޫޢުތަކެއްގައި ތަރައްޤީގެ ވާހަކަ އެބަ ދައްކަން. އަޅުގަނޑުމެން އެބަ ބުނަން، އެބޭފުޅުންގެ ސަރުކާރުގައި، އެދިޔަ ތިން އަހަރާއި، ފަހުން ޖެހިގެން އައި ދެ އަހަރާއެކީ، އެބޭފުޅުން ހިންގެވި ކޮންމެ ބޮޑު މަޝްރޫޢަކަށް އަޅުގަނޑުމެންގެ ސަރުކާރު އެވަނީ ހަ މަޝްރޫޢު ހިންގައިދީފައި. އެއީ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި. ރާއްޖޭގައި އިރާދަކުރެއްވިއްޔާ އެއްވެސް ރަށެއް ނޯންނާނެ، ވަރަށްމަދު ކުދިކުދި ރަށްރަށް ފިޔަވައި އެއްވެސް ރަށެއް ނޯންނާނެ، މި ސަރުކާރުން މި ތަރައްޤީގެ މަޝްރޫޢުގެ ދިލަނުޖެހޭ ހަމަ އެއްވެސް ރަށެއް ނޯންނާނެ. އަދި އެ ރަށްރަށާ ދޭތެރޭގައި، ހުރި މަދު ރަށްކޮޅެއް އިނގޭތޯ. ހުރި މަދު ރަށްކޮޅެއް. ގާތްގަނޑަކަށް އަޅުގަނޑު ހަމަ ދަންނަވާނީ، ދެއަތުގެ އިނގިލިކޮޅުން ގުނައިލެވޭވަރުގެ މަދު ރަށް އޮންނާނީ. އަޅުގަނޑުމެން ދާދިފަހުންވެސް އެކަން ބެލީމު. ހަމަ ކޮންމެ ރަށެއްގައިވެސް ކޮންމެވެސް ބޮޑު މަޝްރޫޢެއް ހިނގާފައި އޮންނާނީ. އަދި ބައެއް ރަށްރަށުގައި، މިސާލަކަށް، ގައްދުއަށް އެކަނި ބެލިކަމުގައިވީނަމަވެސް، ގައްދޫގައިވެސް މި ދައްކަނީ ތިން ހަތަރު މަޝްރޫޢެއްގެ ވާހަކަ.

 

މިއާއެކީ މުޅި ރާއްޖެއަށް ޢާންމުވާ އިޤްތިޞާދީ ތަޞައްވުރެއްގެ ވާހަކަ އަޅުގަނޑު ދައްކަމުން މި އަންނަނީ. މުޅި ރާއްޖެއަށް ޢާންމުވާ އިޤްތިޞާދީ ތަޞައްވުރެއްގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ގަބޫލު އެބަ ކުރަން. މި ސަރަޙައްދަށް އެންމެ މުހިއްމު ދާއިރާއަކަށް، ކުރިއަށް ދިޔުމުގެ އެންމެ މުހިއްމު ދާއިރާއަކީ، މުޅި ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ދިޔުމުގެ އެންމެ މުހިއްމު ޞިނާޢަތް. އެއީ ޓޫރިޒަމް. އެހެންވީމާ، އަޅުގަނޑު މި ދައްކާ ވާހަކައެއް ތިޔަބޭފުޅުންނަށް ރަނގަޅަށް ގަބޫލުކުރެއްވިއްޖެ ކަމަށްވަންޏާ، ރަނގަޅަށް ތިޔަބޭފުޅުންނަށް ފަހުމްކުރެއްވޭ ކަމަށްވަންޏާ، ޓޫރިޒަމްގެ ދާއިރާގެ ދެން ތަރައްޤީ، ޤައުމީ ތަރައްޤީގެ ބޮޑުބައި، ބޮޑު ޙިއްޞާ، އޭގެ މާނައަކީ ބޮޑު މަންފާ ލިބެން އޮތީ ހަމަ ޙަޤީޤަތުގައިވެސް ހުވަދުއަތޮޅަށް. އެހެންވީމާ، ހުވަދުއަތޮޅަށް، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި، ޓޫރިޒަމް އައިސްގެންދާނެގޮތް ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ!

 

އަޅުގަނޑު އިޢުލާނު ކުރިން، ކުޅުދުއްފުށީ ސަރަޙައްދަށް އުތުރަށް، ކުޅުދުއްފުށީ ސަރަޙައްދުގައި 3000 އެނދުގެ ވާހަކަ. އެކަމަކު މިހާރު އަޅުގަނޑުމެން މި ދަންނަވަނީ، މި ތިން އަހަރު އެކަނި ގދ. އަށް 6000 އެނދު، ގއ. އަށް 4000 އެނދު އިތުރުވޭ. އެއީ، މިހާރު ހުރި ހަތް ރިޒޯޓުގެ އިތުރުން ދައްކާ ވާހަކަ އެއީ.

 

އެހެންވީމާ، މިއީ ޒުވާނުންވެސް، މިއީ ހޭލުންތެރި މީހުންވެސް އަދި މިއީ މީހުން، އެހެން މީހުންނަށް ދައްކައިދޭންވީވެސް މެސެޖަކީ. މި ކުރިއެރުން އަޅުގަނޑުމެންގެ ކޮންމެ ރަށެއްގައި މިގޮތަށް އައިސްގެން ނޫނީވިއްޔާ، މުޅި ރާއްޖެ އެއްކޮށް ކުރިއަށްދާނެ ގޮތެއް ނޯންނާނެ. ރާއްޖެ އެއްކޮށް މިގޮތަށް، އިޤްތިޞާދީ ގޮތުން ތަނަވަސްވާންޖެހޭ ސަބަބު ވަރަށްސާފު. އަޅުގަނޑު ހަމަ ވަރަށް ކުޑަކުޑަ މިސާލެއް ތިޔަބޭފުޅުންނަށް ދަންނަވާނަން.

 

އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ ދަތިވެފައި އޮތް އެއްކަމަކީ، ދޮށީ ރައްޔިތުންނަށް، ހުރިހާ ޢުމުރުފުރައެއްގެ ރައްޔިތުންނަށް އެންމެ ދަތިވާ ކަމަކީ ޞިއްޙީ ދާއިރާގެ ފަރުވާ. މި ހިސާބުތަކަށް އައިމާ އަޅުގަނޑުމެންނަށް އެނގޭ، މި ދާއިރާތަކުގައިވެސް ޞިއްޙީ ފަރުވާދޭނެ މަރުކަޒުތައް އެބަހުރި. އެހެންނަމަވެސް، ރާއްޖޭގައި ހުރި އެންމެބޮޑު ހޮސްޕިޓަލް، މާލޭގައި އެހެރަ އައި.ޖީ.އެމް.އެޗް. ހޮސްޕިޓަލް، ދާދިފަހާ ޖެހެންދެން އަޅުގަނޑުމެން މިއުޅުނީ އެމް.އާރު.އައި މެޝިނެއް ނުހޯދިގެން. އެކަމަކު މިހާރު އެއީ ކަށީގެ މައްސަލަތަކާއި، ނާރުގެ މައްސަލަތައް ތަޙުލީލު ކުރުމުގައި، ހުރިހާ ތަނެއްގައިވެސް ބޭނުންކުރަނީ އެމް.އާރު.އައި. އެ އިމޭޖިންގ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ޑޮކްޓަރުން ބަލިތަކަށް ފަރުވާ މި ހޯއްދަވައިދެއްވަނީ. އެކަމަކު މިއޮތްހާ ދުވަސް ދިޔައިރު، ކީއްވެގެންތޯ އެމް.އާރު.އައި މެޝިނެއް އަޅުގަނޑުމެންގެ ހޮސްޕިޓަލްގައި ނެތީ. މާލޭގައި ހުރި ދެވަނަ ހޮސްޕިޓަލް، އަމިއްލަ ފަރާތެއްގެ ހޮސްޕިޓަލް، އޭ.ޑީ.ކޭގައި އެމް.އާރު.އައި މެޝިން ބަހައްޓައިގެން ހިނގާތާ ދުވަސްތަކެއްވެއްޖެ.

 

 ޞިއްޙީ ދާއިރާއަކީ ހަމަގައިމުވެސް ސަރުކާރުން އިހުމާލުކޮށްލާފައި އޮތް ދާއިރާއެއް ނޫން. ޞިއްޙީ ދާއިރާއަށް އަބަދުވެސް ސަރުކާރުން ވަރަށްބޮޑެތި ހޭދަތަކެއް ކުރޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ފުދުންތެރިކަން ނެތުމާއެކީ، އަޅުގަނޑުމެން އަބަދުވެސް މިތިބީ ކޮންމެވެސް ޤައުމެއްގެ ދީލަތި އެހީތެރިކަމަކަށް އެދިއެދި. ސަރުކާރުތަކަށް އެ ޝައުޤުވެރިކަން އޮތީ އެކި ޤައުމުތަކުން ދީފައި. ސަރުކާރުތަކުން އިންތިޒާރުކޮށްގެން ތިބީ އެކުވެރި ޤައުމަކުން މި ލިބިއްޖެ ކަމަށްވަންޏާ، ރައްޔިތުންނަށް ފަސޭހަވެގެންދާނޭ. އަޅުގަނޑުގެ ސަރުކާރު އައިއިރުވެސް ތިން ހަތަރު އަހަރުވެއްޖެ، އެމް.އާރު.އައި މެޝިނެއްގެ އިންތިޒާރުގައި، ކޮންމެ ސަރުކާރަކުން ލިބޭނެކަމުގެ އިންތިޒާރުގައި ދިވެހި ސަރުކާރު އޮތްތާ. އެހެންނަމަވެސް، އަޅުގަނޑަށް އެކަން ކަމުނުދާތީ، އެ ސަރުކާރަކުން އަދި މެޝިނެއް ދެއްވި ނަމަވެސް، އަޅުގަނޑުމެން އުފަލާއެކީ ބަލައިގަންނާނެ. އެކަމަކުވެސް އެކަން ކަމުނުދާތީ، އަޅުގަނޑުމެންގެ އަމިއްލަ ފުދުންތެރިކަމެއް އުފައްދަން ބޭނުންވީ. އިރާދަކުރެއްވިއްޔާ، މިހާރު އެމް.އާރު.އައި މެޝިން ބެހެއްޓިގެން ހިނގާތާ ދެ އަހަރެއްހާ ދުވަސް ވެގެން މިދިޔައީ. މިއީ އަމިއްލަ ފުދުންތެރިކަން އިތުރުކުރަންޖެހޭ ސަބަބަކީ. މިވަރުގެ ކަމެއް ކޮށްލަންވެސް، މީގެކުރިން އަޅުގަނޑުމެން މި ދާންޖެހެނީ ބޭރަށް. މިވަރުގެ ކަމެއް ކޮށްލަންވެސް އަޅުގަނޑުމެން މި ދާންޖެހެނީ ބޭރަށް. އެކަމަކު މިކަންކަން މިއަދު އަޅުގަނޑުމެން ކުރުމުގައި، އަމިއްލަ ކެޕޭސިޓީ، ނޫނީ އަމިއްލަ ހަކަތަ އަޅުގަނޑުމެންގެ ހުންނަންޖެހޭ ސަބަބު މި ދަންނަވާލީ. މި ސަބަބަށްޓަކައި އަޅުގަނޑުމެން ބޭނުންވަނީ އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންގެ ރާއްޖެއަކީވެސް ރިޒިލިއަންޓް، ނޫނީ އަޅުގަނޑުމެންގެ އިޤްތިޞާދަކީ، އިޤްތިޞާދުގެ ހަކަތަ ހުރިވަރުގެ އިޤްތިޞާދަކަށް ވެގެންދާން. އެކަން ކުރެވެން މި އަންނަނީ، އިޤްތިޞާދުގައި މިހިރަ ބޮޑެތި މަޝްރޫޢުތައް، ނޫނީ ބޮޑެތި ޞިނާޢަތްތަކަށް ބޭނުންވާ މަޝްރޫޢުތައް ހިންގިގެން.

 

ގައްދޫގައި ވާހަކަ ދައްކާއިރު ޝައްކެއްވެސްނެތް، ޚާއްޞަކޮށް، ގދ.ގައި ފަރެސްމާތޮޑާ، ގައްދޫ، އަދި މި ހިސާބުގަނޑުގައި މިހިރަ ރަށްތަކުގެ ވާހަކަ ދައްކާ ކަމަށްވަންޏާ، އަޅުގަނޑުމެން ހަމަ އަބަދުވެސް މަސްވެރިކަމުގެ ވާހަކަ ދައްކާނެ. އެންމެ މުހިއްމު ޞިނާޢަތަކަށް މިއޮތީ މަސްވެރިކަން. މަސްވެރިކަމުގެ މި ޞިނާޢަތުގައިވެސް އަޅުގަނޑު މިހާރު ބައެއް ވާހަކަ ދަންނަވައިފިން. ޙަޤީޤަތުގައި މަސްވެރިކަމުގައި މިހާރު ދިމާވާ މައްސަލަތައް ޙައްލުވެގެންދާނެ ކަމަށް އަޅުގަނޑަށް އިންތިޒާރު ކުރެވޭ. އެ ކަށަވަރުކަން އަޅުގަނޑަށް އެބަ ލިބޭ. މަސްވެރިންނަށް، މަސްވެރިން ބާނާ މަހުގެ އަގު، ދުވަހުން ދުވަހަށް ކްލިއަރ ކުރެވޭނެ މެކޭނިޒަމެއްގެ ވާހަކަ އަޅުގަނޑު ދައްކައިފީމު. މަސްވެރިންނަށް، ނޫނީ މަސްވެރި ދޯނިތަކުން ފަށާގޮތަށް، މަސްވެރިންނަށް ޑެބިޓް ކާޑެއް ތަޢާރުފްކުރާ ވާހަކަ އަޅުގަނޑު ދައްކައިފީމު. އަޅުގަނޑުމެން ދައްކައިފީމު، އިތުރު އައިސް ޕްލާންޓް ބެހެއްޓުމުގެ މަޝްރޫޢުތަކެއް ފަށްޓާ ވާހަކަ. އިތުރު ރަށްރަށުގައި، އައިސް ޕްލާންޓްތައް ބެހެއްޓުމުގެ ވާހަކަ އަޅުގަނޑުމެން ދައްކައިފީމު. އޭގެތެރޭގައި ޙަޤީޤަތުގައިވެސް އިތުރު ރަށްރަށުގައި، އައިސް ޕްލާންޓްތައް ބެހެއްޓިގެން ދިޔުމަކީ، މި ސަރަޙައްދަށް، މި އައިސް ހޯދުމަށް ދަތިވާ ދަތިވުން ޙައްލުވެގެންދާނެކަމެއް.

 

ޒުވާން މަސްވެރިން ނެރުމަށްޓަކައި، އާ ޖީލެއްގެ ދޯނި ތަޢާރުފު ކުރާ ވާހަކަ އަޅުގަނޑުމެންނަށް ދެއްކިއްޖެ. ޒުވާނުންގެ ޝައުޤުވެރިކަން ހުންނާނެ، އެ ދޯނިފަހަރުގައި މަސްވެރިކަން ކުރަން. ހަމައެއާއެކީ، އަޅުގަނޑުމެން ހަމަ އެއްގޮތަކަށްވެސް އައިސް ޕްލާންޓަކަށް ޑިޕެންޑް ނުކޮށް، ދޯނިފަހަރުގައި އައިސް އުފެއްދޭނެ ނިޒާމެއް ޤާއިމުކުރާ ވާހަކަވެސް އަޅުގަނޑުމެން ދައްކައިފީމު. އޭގެ ތަޙުލީލުތައް މިހާރު ކުރެވިއްޖެ. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް މީގެ ދޯންޏެއްގައި، އައިސް އުފެއްދުމުގެ ޖާގަ ހޯދޭތޯ، ނޫނީވިއްޔާ އެ ކެޕޭސިޓީ ޓެސްޓް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެބަކުރަމު. އެކަންކަން ވެއްޖެ ކަމަށްވަންޏާ، ޙަޤީޤަތުގައި، މި އައިސް ޕްލާންޓަށް ޑިޕެންޑް ކުރާވަރުވެސް ކުޑަވެގެންދާނެ.

 

އެހެންނަމަވެސް، ހަމަ ދަންނަވާލަން ބޭނުންވަނީ، ހަމަ މި ސަރަޙައްދުތަކުގައި އިތުރު އައިސް ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްވެސް އަޅުގަނޑުމެން އެބަ ކުރަމޭ. އެހެންވީމާ، މިހާރު މަސްވެރިންނަށް ދިމާވެފައި ހުރި މައްސަލަތަކަކީ ޙަޤީޤަތުގައިވެސް ދަތި މައްސަލަތަކެއް. އެންމެ ބޮޑު މައްސަލައަކަށް ދިމާވަނީ، އެންމެ ވަރުގަދަ މޫސުމެއްގައި، މަސްވެރިކަމުގެ އެންމެ ވަރުގަދަ މޫސުމެއްގައި، ތިން ހަތަރު ސަތޭކަ ޓަނުގެ މަސް ކިރައިފި ކަމަށްވަންޏާ، ސަރުކާރަށް އެ މަސް ގަނެވޭނެ އިންތިޒާމު މިހާތަނަށްވެސް ދިޔައީ ނެތި. އެހެންވީމާ، އެއީ އަޅުގަނޑުމެން އެޑްރެސް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އެންމެ މުހިއްމު ކަންކަމަކީ.

 

އެކަމަކު މިހެންގޮސް ވަކި ކޮންކަމެއްތޯ މި ސަރުކާރު އައިއިރު، އެޑްރެސް ކުރަން ނުޖެހެނީ؟ މީގެކުރީގައި ތިއްބެވި ބޭފުޅުންވެސް މިކަންކަން ޙައްލުކޮށްދެއްވިނަމަ، އަޅުގަނޑު ފަރެސްމާތޮޑާއަށް އައިމާ، އަޅުގަނޑު ގައްދުއަށް އައިމާ، ނޫނީ އަޅުގަނޑު އެހެން ރަށަކަށް އައިމާ، ހުރި ކަންތައްތަކުގެ ވާހަކައެއް އަޅުގަނޑު ކައިރީގައި ވިދާޅެއްނުވާނެ، މި ހުރިހާ ކަމެއް ފުރިހަމަވެފައި ހުރިއްޔާ. އެހެންވެގެން އަޅުގަނޑުމެން ގަބޫލުކުރަނީ، އެއްވެސް ރަށަކަށް ބޭނުންވާ ހުރިހާ ކަންތައްތަކެއް ފުދިގެނެއް ނުދާނެ، އެ ރަށުގައި ހުރި ރިސޯސް ބޭނުންކޮށްގެނެއް.

 

އަޅުގަނޑުމެންގެ ދައުލަތަކީ ޔުނިޓަރީ ދައުލަތެއް. ހިންގުމުގައިވެސް ޔުނިޓަރީ ދައުލަތެއް. އަދި ރިސޯސް އެލޮކޭޓް ކުރުމުގައި، ނޫނީވިއްޔާ ޤައުމަށް ލިބޭ ފައިސާ، ނޫނީ ޤައުމަށް ލިބޭ އާމްދަނީ ބެހުމުގައިވެސް އަޅުގަނޑުމެންނަކީ ޔުނިޓަރީ ދައުލަތެއްކަން ގަބޫލުކުރަންވާނެ. އަޅުގަނޑުމެންގެ މުޅި ސަރުކާރަށް ލިބޭ އާމްދަނީއަކީ، މުޅި ހުރިހާ ރައްޔިތުންގެ މައްޗަށް ބެހިގެންދާނެ އާމްދަނީ. އޭގައި އާބާދީއާއި، ރަށަށް އެންމެ ބޮޑަށް ބޭނުންވެފައި ހުރި ކަންކަމަށް ވިސްނާފައި، މި ތަރައްޤީގެ މަޝްރޫޢުތައް މިދަނީ. އެއްވެސް ރަށަކުން، އެ ރަށަކުން ލިބޭ އާމްދަނީއަކުން، ނޫނީ އެރަށަކަށް ލިބޭ ވަސީލަތަކުން އެ ރަށަކަށް ބޭނުންވާނެ ހުރިހާ ކަމެއް ފުދިގެނެއް ނުދާނެ.

 

ގައްދޫގެ ރައްޔިތުން ޚިޔާލަށް ގެންނަވާ! ގައްދުއަށް ލިބޭ އާމްދަނީއަކުން، މިތާ ކައިރިން ކުރެވޭ މަސައްކަތަކުން، ނޫނީވިއްޔާ މިތާ ކައިރީގައި ގަން އޮވެގެން، ގަމުގައި ދަނޑުގޮވާން ކޮށްގެން، ނޫނީ އެހެންވެސް ކަމަކުން ލިބޭ އާމްދަނީން، ގައްދުއަށް ގަބޫލުކުރެވޭތޯ، 40 މިލިއަނުގެ މަޝްރޫޢެއް، ނަރުދަމާގެ މަޝްރޫޢެއް، ފެނުގެ މަޝްރޫޢެއް، ނޫނީ އެއަރޕޯޓެއް އެޅުމުގެ ހަކަތަ، އެއިން ލިބޭނެތޯ؟ އެ ވިސްނުމަކީ ބޯދާ ވިސްނުމެއް. އެއީކީ ވާނެ ކަމެއް ނޫން. އެކަންކަމެއް ނުކުރެވޭނެ. ގައްދޫގައި 3000 ރައްޔިތުން އެބަތިބި. 3000 ދިވެހި ރައްޔިތުން ދިރިއުޅުއްވާ. އަދި މިތާ ކައިރީގައި ބޮޑެތި ރަށްރަށް އެބަހުރިވެސްމެ. އެހެންނަމަވެސް، މިއަށްވުރެ މާ ކުދި ރަށްރަށް، ރާއްޖޭގެ އެކި ހިސާބުގައި މިހިރީ. މި ރަށްރަށަށް ބަލާކަމަށްވަންޏާ، ތިން ހަތަރުސަތޭކަ މީހުން އުޅޭ އާބާދީ އޮންނަ ރަށްރަށުގައި، ކިހިނެއްތޯ އެ ރަށުން އުފައްދާ ހަކަތައެއް، ނޫނީ އެ ރަށުން ލިބޭ އެއްޗަކުން އެ ރަށުގައި ދެކޮޅުޖައްސާނީ؟

 

އެހެންވީމާ، މިކަހަލަ ވާހަކަ އަޅުގަނޑުމެންނަށް މިހާރު އިވެމުން މިދަނީ. އަޅުގަނޑު ހަމަ ގައްދޫގެ ރައްޔިތުންނަށް ދަންނަވައިލެވެނީ، މިކަހަލަ ވާހަކަތަކަށް ހޭލާ ތިއްބަވާށޭ. ސަމާލުވެވަޑައިގަންނަވާށޭ. އަޅުގަނޑުމެން ތަޖުރިބާ ކޮށްފީމޭ، މިކަންކަން މީގެކުރިންވެސް. ފައިދާވާ ބޮޑެތި ވިޔަފާރި ކުންފުނިތައް، އޭގެ ފައިދާއަށް އަސަރުކުރާގޮތަށް، ނޫނީ އެތަންތަނުގައި ތިބި ޒުވާން މުވައްޒަފުންނަށް އަސަރުކުރާގޮތަށް، ކުންފުނިތައް ސްޓްރީމްލައިން ކުރާ ވާހަކަ ދެއްކީމާ، ނޫނީ ކުންފުނިތައް ޑައުންސައިޒް ކުރާ ވާހަކަ ދެއްކީމާ، ނޫނީ ކުންފުނިތައް ކުރާނީ ހަމައެކަނި އެ ކުންފުނިން ކުރާ އަސާސީ މަސައްކަތޭ ބުނީމާ، އަޅުގަނޑުމެންގެ ޚިޔާލަށް ފުރަތަމަވެސް އަންނަންވާނެ، ކުންފުނިތައް، ސަރުކާރުން ހިންގާ ބޮޑެތި ހިންގާ ކުންފުނިތައް ހަލާކުވެއްޖިއްޔާ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ ތަނބުތަކަށް އެ ގުޑުންއެރީ. އެހެންކަމަށްވަންޏާ، ދެން އަޅުގަނޑުމެންނަކަށް މިކަހަލަ މަޝްރޫޢުތަކެއް ނުހިންގޭނެ. މިރަށުގެ ނަރުދަމާގެ ނިޒާމު. ކޮން ކުންފުންޏަކުންތޯ އައިސް މިކަން މިކުރަނީ؟ ސަރުކާރުގެ ކުންފުންޏަކުން ދޮގެއްތޯ މިކަން މިކުރީ. އެމް.ޑަބްލިޔޫ.އެސް.ސީ.އިން މިކަން ކޮށް މި ނިންމީ. އެމް.ޑަބްލިޔޫ.އެސް.ސީ.ގެ އެވަރުގެ ހަކަތައެއް އަޅުގަނޑުމެންނަށް ތަރައްޤީ ކުރެވިފައި ނެތްނަމަ، ކޮންގޮތަކުންތޯ މިކަން ކުރާނީ؟ ރަނގަޅަށް ދޮގެއްތޯ އަދި މިދަނީ. ހަމަ އެގޮތަށް އެމް.ޓީ.ސީ.ސީ. މިދަތުރުފަތުރު ނިޒާމުގެ ހުރިހާ ބުރައެއް އުފުލައިގެން ހިންގައިދޭ ބަޔަކީ އެމް.ޓީ.ސީ.ސީ. އަދި އެމް.ޓީ.ސީ.ސީ އަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނީމާ، މިއަދު އެމް.ޓީ.ސީ.ސީ އަކީ އިރާދަކުރެއްވިއްޔާ ރަނގަޅު ފައިދާ ނެރޭ ކުންފުންޏެއް. މި ކުންފުނިތަކަށްވުރެ ބޮޑު ކުންފުންޏެއް އެސް.ޓީ.އޯ އެއީ.

 

އެހެންވީމާ، އަޅުގަނޑަށް ވަރަށް އުނދަގޫވޭ، މިކަހަލަ ވާހަކަތައް އިވޭތީ. އަޅުގަނޑަށް އުނދަގޫވާ ސަބަބަކީ، އަޅުގަނޑަށް ގަބޫލުކުރެވޭ، ދިވެހިރާއްޖެ 2013 ވަނަ އަހަރު އިޤްތިޞާދީ ގޮތުން އޮތް ޙާލަތު އަޅުގަނޑަށް ވަޒަންކުރެވޭ. އެ ޙާލަތު އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ތެރޭގައި މި ތިއްބެވި ހުރިހާ ޒުވާނުންނަށް. އެ ޙާލަތު ހަމަ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މެންބަރު ރަޝީދަށް. އެއީ، އަބަދުވެސް ބަޖެޓް ފޮތްތައް އެބޭފުޅުން ބައްލަވާނެ. ދިރާސާތައް ކުރައްވާނެ. އަބަދުވެސް ރާއްޖެއަށް ވަންނަ އާމްދަނީ އެބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ކުރާ ޚަރަދު ފެނިވަޑައިގަންނަވާނެ. އަދި ބޭރުން ނަގާ ދަރަންޏާއި، ފައިސާ ނަގާ ނެގުން އެބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އެކަމަކު މިއަދުވެސް ދިވެހިރާއްޖެއަށް ފައިސާ ދިނުމުގައި ދަތިތަކެއް ނެތް. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެކަންކަން އެބަ ކުރެވޭ. އެއީ އިޤްތިޞާދު ރަނގަޅު ބިންގަލެއްގެ މަތީގައި އޮތީމާ، މިކަހަލަ ބޮޑެތި ކަންކަން މި ވެގެން މިދަނީ.

 

އެހެންވީމާ، މިކަންކަން ކުރުމުގައި، އަޅުގަނޑުމެންގެ ކުންފުނިތަކަށް އަނެއްކާވެސް އަނަރޫފަކަން އަންނަވަރުގެ ކަންކަން ކުރާވަރުގެ ވާހަކަ ދެއްކީމާ، ހަމަގައިމުވެސް އަޅުގަނޑުގެ ގައިން ހީބިހިނަގައިގެންދޭ. އެންމެ ފަސޭހަކަމަކީ، ބަޔަކު އާރާސްތުކޮށްފައި ހުންނަ ކަންތައްތައް ބިމާ ހަމައަށް ތިރިކޮށްލުން. ރާއްޖެއަށް ކާޑު ގެންނަ ކުންފުނިތަކެއް ނޫޅޭ. ރާއްޖެއަށް ކާޑު ގެންނަ ކުންފުންޏަކަށް، އަދި ރާއްޖޭގައި 24 ގަޑިއިރު ހުރިހާ ހަކަތައަކާއެކީ، 24 ގަޑިއިރު ކަރަންޓްދޭ ކުންފުނި ސަބްސިޑައިޒް ކުރާ ކުންފުންޏެއްގެ ގޮތުގައި މިހާރު މިއޮތީ އެސް.ޓީ.އޯ ވެފައި. ރާއްޖޭގެ ގިނަ ދިމަދިމާއަށް ފެނަކައިން ކަރަންޓް މި ދެމުންދަނީ.

 

އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވާ! ގައްދޫގައި މިކަން ހިނގަމުންދާއިރު، ކިހިނެއްތޯ ވާނީ މިސާލަކަށް، އެސް.ޓީ.އޯ ކަންފަތިވެގެން ހިނގައްޖިއްޔާ. އަޅުގަނޑު ބޭނުންވޭ ހަމަ ރައްޔިތުންގެ ތެރެއިން ކޮންމެ ޒުވާނަކުވެސް، ހޭލުންތެރި ކޮންމެ ބޭފުޅަކު މިކަހަލަ ކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވަން. މިއަދު ހިސާބެއް ނަގާފައި ބަލައިލިޔަސް، އެސް.ޓީ.އޯ އިން ވިދާޅުވާނެ، ފެނަކައިން ތިމަންނާމެންގެ ތެޔޮ ބިލްތަކަށް ގާތްގަނޑަކަށް 500 މިލިއަން ދޭން އެބައޮތޭ. ހަމަގައިމުވެސް އެ 500 މިލިއަނެއް، އަޅުގަނޑުމެންގެ ޚަޒާނާއަކުން، ނޫނީވިއްޔާ އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓްރީއަކުން ނަގާފައި ދޭނެ ހަކަތައެއް މިވަގުތަކު ނެތް. އެ ހަކަތަ ނެތް ގޮތަކީވެސް، އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ނަގާފައި ހުރި ލޯނުތައް އަދާކުރަމުން، އަދި ކުރީގެ ސަރުކާރުގެ ލޯނުތައް އަދާކުރަމުން، އަދި ނުވިތާކަށް ކުރީގެ ސަރުކާރުން ހަދާފައި ހުރި ވިޔާނުދާ އިންވެސްޓްމަންޓްތައް، ބަދަލުދީފައި ސަރުކާރަށް ނަގަންޖެހުމުގެ ސަބަބުން އެތައް ބޮޑެތި ކަންތައްތަކެއް އަޅުގަނޑުމެން ތަޙައްމަލްކޮށްފީމު. އެހެންނޫންނަމަ، ސަރުކާރުގެ އިޤްތިޞާދީ ޙާލަތު، ނޫނީ މާލީ ޙާލަތު މިއަށްވުރެ އެތައް ތަނެއް ރަނގަޅުވެގެންދާނެ.

 

އެހެންވީމާ، އެސް.ޓީ.އޯއަކީ އެވަރުގެ ކުންފުންޏަކަށްވާތީ، ސަރުކާރުން، ޓްރެޜަރީން އަދި ފައިސާ ނުލިބުނަސް އެސް.ޓީ.އޯ ދުވަސްތަކެއް ވަންދެން ހިންގާނެ. ފެނަކައިގެ އިންޖީނުގެތައް މިތާ ހިނގާނެ. ރާއްޖޭގެ އެކި ހިސާބުގައި ފެނަކައިގެ އިންޖީނުގެތައް ހިނގާނެ. އެކަމަކުވެސް އެކަން އެ ކޮށްދޭ ބަޔަކީ މިއަދު އެސް.ޓީ.އޯ.ގެ އެ ހަކަތަ ހުރީމާ އެސް.ޓީ.އޯ. އެހެންވީމާ، އެސް.ޓީ.އޯ ހަމައެކަނި ކާޑު ގެނެސް ވިއްކާ ކުންފުންޏަކާ ހަމަޔަށް ތިރިވެއްޖެ ކަމަށްވަންޏާ، އެސް.ޓީ.އޯއަކަށް މިކަމެއް ނުކުރެވޭނެ. އެސް.ޓީ.އޯގައިވެސް އެތިބީ ޒުވާން މުވައްޒަފުން. ކޮންމެ މުވައްޒަފަކާއެކީ އޭނާއަށް ލިބޭ އާމްދަނީއަކުން ދިރިއުޅޭ ތިން ހަތަރު މީހުން ޢާއިލާއެއްގައި ތިބެއްޖެ ކަމަށްވަންޏާ، މި ދައްކަނީ ކިތައް ރައްޔިތުންގެ ވާހަކަތޯ؟ އަޅުގަނޑުގެ ހިސާބު ގޯސް ނޫނީވިއްޔާ، އަޅުގަނޑަށް ހަނދާންވާގޮތުން ވެއްޖިއްޔާ އެސް.ޓީ.އޯ.ގައިވެސް އަށެއްކަ ސަތޭކަ މުވައްޒަފުން އުޅޭނެ. މިހާކަންހާވަރު އުޅޭނެތޯ؟ ކީކޭތޯ؟ އެހެންވީމާ، އަޅުގަނޑު މިއުޅެނީ ވަރަށް ފަހަތުގައި. އަޅުގަނޑު ހީކުރީ އަށްސަތޭކައޭ. އެކަމަކު އެސް.ޓީ.އޯ ގައި މިއަދުގެ އެމްޕްލޯއިމަންޓް ފިގަރއަކީ 2100. އެހެންވީމާ، ދެހާސް އެއްސަތޭކަ މީހުންނަށް އެވްރެޖްކޮށް، ކޮންމެ މީހަކަށް ތިން މީހުން ޑިޕެންޑް ކުރާ ކަމަށްވަންޏާ، މި ދައްކަނީ 6000 މީހުންގެ ރިޒުޤުގެ ވާހަކަ މި ދައްކަނީ.

 

މިއަދު ޒުވާން ކުދިންނަށް އެނގޭނެ، ސަރުކާރުންވެސް، ކުންފުންޏަކުންވެސް ވަޒީފާއެއް ހޯދުމަކީ ފަސޭހަކަމެއްތޯ. ފަސޭހަކަމެއް ނޫން މިއީ. މިއަދު އިންޓަރވިޔުއަކަށް ގޮވާލިޔަސް، އެންމެ ވަޒީފާއެއްގެ ފުރުޞަތަކަށް އެޕްލައިކޮށްގެން އިންޓަރވިޔުއަށް ދާންވެސް ތިބޭ ފަސްދޮޅަހަކަށް ކުދިން. މި ދާއިރާގެ މެންބަރުންނަށާއި، ޢިއްޒަތްތެރި އެހެން މެންބަރުންނަށް އެނގިވަޑައިގަންނަވާނެ، އެބޭބޭފުޅުން އެ ކުރައްވާ މަސައްކަތް. އެބޭފުޅުން އެކި މީހުންނަށް ވަޒީފާ ހޯއްދަވައިދެއްވަން އެ ކުރައްވާ މަސައްކަތް. އެކަމަކު މިއަދު ވަޒީފާތަކަށް މީހުން ނެރެ، މިކަންކަމުގައި ވަޒީފާ ހޯދުމަކީ އެހާ ފަސޭހަ ކަންކަމެއް ނޫން. ވަރަށް ގިނަ ވަޒީފާތައް މި ފަހިކޮށްދެނީ މިކަހަލަ ކުންފުނިތަކުގެ ތެރެއިން.

 

އެހެންވީމާ، މިކަހަލަ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި ދެކެވުނީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ފިކުރު އެއްފަރާތުގައި ބާއްވަވާށޭ. ސިޔާސީ ފިކުރު އެއްފަރާތުގައި ބާއްވަވާ! އެއީ ކޮންމެ ބަޔަކުވެސް ސިޔާސީ ވާހަކަ ދައްކާނެ. އެއްބަޔަކު ދައްކާ ވާހަކައެއް، އަނެއްބަޔަކު އެހެން ގޮތަކަށް އެ ވާހަކަ ދައްކާނީ. އެކަމަކު ސުވާލު ކުރައްވަންޖެހޭނީ، އަޅުގަނޑުމެންނަށް އެންމެ މުހިއްމީ، އަޅުގަނޑުމެންނަށް އެންމެ މުހިއްމު ކަމަކީ އަބަދުވެސް އަޅުގަނޑުމެންގެ ކެއުންބުއިމުގެ ކަންތައް އޮންނާނީ ކިހިނެއްހެއްޔޭ؟ އަޅުގަނޑުމެންގެ މީހުންނަށް މުސާރަ ދެވޭނެހެއްޔޭ؟ ސަރުކާރުގެ ޚިދުމަތްތެރިންނަށް މުސާރަ ދެވޭނެހެއްޔޭ؟ މި ސުވާލު އޮންނާނީ. ދެން މީގައި ތަޖުރިބާއަށް ކުރައްވާ ސުވާލު ކުރައްވާ! ތަޖުރިބާއަށް ކުރައްވާ ސުވާލު ކުރައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ، މީގެކުރީގެ ސަރުކާރުތަކުގައި ހުންނާނެ، ސިވިލް ސަރވިސްގެ މީހުންނަށް މުސާރަ ނުދެވިފައި. މީގެކުރީގެ ސަރުކާރުތަކުން ކަނޑައެޅިގެން މަސައްކަތްތައް ކުރައްވާފައި ހުންނާނެ، ސިވިލް ސަރވިސްގެ ތިންބައިކުޅަ އެއްބައި އުނިކުރަން. އަދި މީގެކުރީގެ ސަރުކާރުތަކުން ސިވިލް ސަރވިސް މީހުންނަށް މުސާރަ ނުދެއްވައިގެން ކޯޓަށް ގޮސްގެންވެސް މުސާރަ ހޯދާފައި ހުންނާނެ. އެ ތަޖުރިބާ އަޅުގަނޑުމެން ތަޙައްމަލުކޮށްފީމު. އެއާ މިހާރާ ވަރަށްބޮޑަށް ތަފާތުވެއްޖެ.

 

އެހެންވީމާ، މިކަހަލަ ކަންކަމަކީ ހުރިހާ ޒުވާނުން، ސިޔާސީ ފިކުރު ދޫކޮށްލާފައި ވިސްނަންޖެހޭ ކަމެއް. އަޅުގަނޑުމެންނަށް އެންމެ މުހިއްމުވާނީ، މިކަހަލަ ކޮންމެ ރަށަކަށް އެންމެ މުހިއްމުވާނީ، ކޮންމެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުދިގެންދޭތޯ. ފަރުދުންނަށް ބޭނުންވާ ކަންކަން ފުދިގެންތޯ. ފަރުދުންނަށް ބޭނުންވާ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޮންނާނީ، ގޯތިގެދޮރުގެ މައްސަލަ. އެއަށްވުރެ މުހިއްމު ކަމަކަށް އޮންނާނީ އާމްދަނީ ލިބޭނެ ވަޒީފާއެއްގައި ހުރުން. އާމްދަނީ ލިބޭނެ ވަޒީފާއެއްގައި ހުރެގެން ނޫނީވިއްޔާ ހަމަ ޒަވާޖީ ޙަޔާތެއްވެސް ފެށްޓޭނެ ގޮތެއްވެސްނެތީ.

 

އެހެންވީމާ، މިކަހަލަ ކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ސެޕްޓެންބަރު 23 ގައި ވޯޓުލާންދާއިރު އެބަ ވިސްނަންޖެހޭ. މިއީ ޤައުމީ ވޯޓަކަށްވަނީ މި ސަބަބުތަކަށްޓަކައި. ޤައުމަށް ބޭނުންވާ ކަންކަން ކުރެވުމުގެ ޤާބިލުކަން ހުރި ބަޔަކަށް، ވޯޓު ދިނުމަކަށްވާތީ، މި މައްސަލައަކީ ޤައުމީ ކަމަކަށް ވެގެން މިދަނީ. މިއީކީ ސިޔާސީ ފިކުރުގެ ތެރޭގައި އުޅޭ މައްސަލައެއް ނޫން. ސިޔާސީ ފިކުރުތަކަކީ މިހާރު ތަޣައްޔަރުވެފައި ހުރި ފިކުރުތަކެއް. ތަޣައްޔަރުވެފައި ހުރި ފިކުރުތަކެކޭ މި ދަންނަވާ ސަބަބަކީ، އަޅުގަނޑުގެ ޕާޓީ ޕީ.ޕީ.އެމް ފިޔަވައި ދައްކަވާ! ސިޔާސީ ފިކުރުގެ ބަދަލެއް ނާންނަ ބައެއް. ދެންހުރި ޕާޓީތަކަކީ އެކިފަހަރު އެކިކޮޅަށް، އެންކޮޅު މިކޮޅުން ލިބެންޏާ މިކޮޅަށް. އެންކޮޅު އެކޮޅުން ލިބެންޏާ އެކޮޅަށް. ބޮޑުމަސް ބޭނެނީ މިއޮއް ދިމާއިން ކަމަށްވަންޏާ އެ ދިމާއަށް. ހަމަ އެނބުރޭ ވަހުތާނުތަކެއްހެން އެނބުރޭ ޕާޓީތައް މިއުޅެނީ. އަދި އޭގެ ލީޑަރުންގެ ސިކުނޑީގެ ވިސްނުން އަދި އެއަށްވުރެ ގޯސް. އެއްބައި ބޭފުޅުން ރާއްޖޭގައި ތިއްބަވާނެ. އަނެއް ބައި ބޭފުޅުން ރާއްޖެއަކު ނުތިއްބަވާނެ. އެކަމަކު ވިދާޅުވާނެ، ނުޙައްޤުންނޭ މީހުންނަށް އަދަބު މި ލިބެނީ. ނުޙައްޤުންނޭ މީހުންނަށް އަނިޔާ މި ލިބެނީ. ނުޙައްޤުން އަނިޔާ ލިބޭކަމަށްވަންޏާ، އެ ޙައްޤު ހޯދުމުގައި އެބޭފުޅުން ހަމަ ވަޑައިގަންނަވަންޖެހޭނީ ކޯޓުތަކަށް. ކޯޓުތަކަށް ވަޑައިގަތީމާ، ކޯޓުގެ ތިން މަރްޙަލާ ނިމުނީމާ، އެބޭފުޅުންނަށް އަންނަ ޙުކުމް، އެބޭފުޅުންނަށް ގަބޫލުނުކުރެއްވޭ ކަމަށްވަންޏާ، ކީއްވެގެންތޯ ދޭދޭ މީހުންގެ ގޭގޭގައި ތަރިކަ ބަހާ އުޞޫލުން ގޭގެ ބަހާއިރު، އެ އަންނަ އިންސާފު އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ ކީއްވެގެންތޯ؟

 

އެހެންވީމާ، ރައްޔިތުންނަށް ކުރިމަތިކުރުވާ ވަރަށްބޮޑު ސުވާލެއް އެ ކުރައްވަނީ. ބައެއް މީހުންނަށް އަންނަ އިންސާފަކީ ނުޙައްޤުން އަންނަ އިންސާފު ކަމަށް، ނޫނީ ނުޙައްޤުން އަންނަ ކަންކަން ކަމަށް ވިދާޅުވާއިރު، ހަމަ އެ ކޯޓުތަކުން، ހަމަ އެ ފަނޑިޔާރުން ތިއްބަވައިގެން، އިސްތިއުނާފުގެ ދެ މަރުޙަލާއިން ގޮސް ނިމޭ ކަންތައްތައް، އަޅުގަނޑުމެން ހުރިހާ ރައްޔިތުން ގަބޫލުކޮށްގެން މިތިބީ. އަދި އެކަން އެގޮތަށް ނިންމުމަށްޓަކައި ޤާނޫނުތައް ހަދައިގެން މިތިބީ. އެހެންވީމާ، ވަކިބައެއްގެ ފަރުދީ މަޞްލަޙަތު ހިމާޔަތް ނުކުރެވިގެން ދިޔައިމާ އުފެދޭ ސުވާލުތަކަކީ، އޭގެ ޒާތުގައި ޙައްޤުންތޯ، ނުޙައްޤުންތޯ އަޅުގަނޑުމެން ސިޔާސީ ލީޑަރުން ސުވާލު ކުރާކަމަށްވަންޏާ، އަޅުގަނޑުމެން ރައްޔިތުންނަށް ވަރަށްބޮޑަށް އޮޅުވާލަނީ.

 

މިއަދު ރައްޔިތުންނާ ވޯޓެއް ކުރިމަތިވެފައި އޮއްވައި، ރައްޔިތުންގެ ގިނަ ބަޔަކަށް މިކަހަލަ ބޮޑެތި ކަންކަމުގައި ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް އިންސާފުވެރިކަމާއެކީ ކުރެވޭ ކަމެއްނޫން. އެއީ ވަރަށް ޣައިރު ޒިންމާދާރުކޮށް ކުރާ ކަމެއް. އަޅުގަނޑުމެން ރައްޔިތުންގެ ކައިރިއަށް އައިސް ކިޔައިދޭންވީ، ގައްދޫގެ ރައްޔިތުންނަށް ބޭނުންވަނީ ކޮންކަމެއްހެއްޔޭ؟ އޭރަށް ގައްދޫގެ ރައްޔިތުން ވިދާޅުވާނެ، އަޅުގަނޑު ކައިރީގައި، އެވެނި ކަމަކާއި، މިވެނި ކަމަކާއި، އެވެނި ކަމެކޭ. ދެން އަޅުގަނޑު ބުނާނަން، ތިޔަ ކަންކަން ކޮށްދެވޭނީ މިހެންނޭ. އެކަމަކު އޭގެ ބަދަލުގައި މިރަށަށް ދެންވެސް ވަޑައިގަންނަވާ ބޭފުޅަކު ވަޑައިގެން ވިދާޅުވާނެ. ގައްދޫގައި މިހާރު ތިމަންނާ އަނެއްކާވެސް ނަރުދަމާގެ ނިޒާމެއް ޤާއިމުކޮށްދޭނަމޭ. އެކަމަކު މިހާރު މިރަށުގައި މިއޮތީ ނަރުދަމާގެ ނިޒާމު ޤާއިމުކުރެވިފައި. ދެން އަނެއްކާ ވިދާޅުވެދާނެ، މިރަށުގައި ފެނުގެ ނިޒާމު ތިމަންނާ ޤާއިމުކޮށްދޭނަމޭ. މީގެ އަހަރެއްހާ ދުވަސް ކުރިން ފެނުގެ ނިޒާމު ޤާއިމުކުރެވި، އޭގެ ފަސޭހަ ލިބިގެން މިދަނީ.

 

އެހެންވީމާ، އެކަހަލަ ކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގެންފި ކަމަށްވަންޏާ، މިއަދު އާބާދީ ބޮޑެތި ރަށްރަށުގައި އެބޭފުޅުން ވަޑައިގެން ކޮށްދެއްވާނެ އިތުރު ކަމެއް ނޯންނާނެ. އެކަންކަން ރައީސް ޔާމީނުގެ ފަސް އަހަރުގެ ސަރުކާރުން ކޮށްދީފި ރައްޔިތުންނަށް. ގދ. ތިނަދުއަށް މިސާލަކަށް، ގދ. ތިނަދުއަކީ އާބާދީގެ ގޮތުން ބޮޑު ރަށެއް. އަދި އިދިކޮޅު ފިކުރަށްވެސް ތިއްބެވި ބޭފުޅުންވެސް ތިއްބެވި ރަށެއް. މިއަދު ގދ.ތިނަދުއަށް އެބޭފުޅުން ވަޑައިގެން ގދ. ތިނަދޫގައި އިތުރަށް ކޮށްދެއްވާނީ  ކޮންކަމެއްތޯ ވިދާޅުވާން އޮންނާނީ؟ ގދ. ތިނަދުއަކު ނޯންނާނެ ދެން. ގދ.ތިނަދޫގެ ރައްޔިތުންނަށް ބޭނުންވާނެ އިތުރު ބޮޑެތި މަޝްރޫޢުތަކެއް ނޯންނާނެ. މި ސަރުކާރުން އެކަނި މި ހިނގާ ދެތިން އަހަރުގެ ތެރޭގައި، ގދ. ތިނަދުއަށް އަޅުގަނޑުމެން ހޭދަކޮށްފިން، ގާތްގަނޑަކަށް 1000 މިލިއަން ރުފިޔާ. އެކި މަޝްރޫޢުތައް އެ ހިނގަނީ. އެއީ ގދ. ތިނަދުއަށް ދިމާވި ޚާއްޞަ ޙާލަތާ ގުޅިގެން އަޅުގަނޑު ނިންމި ނިންމުމެއް. އެހެންވީމާ، ދެން ގދ. ތިނަދުއަށް ވަޑައިގެން އެބޭފުޅުން ކީކޭތޯ ވިދާޅުވަންވީ؟ މަގު ހަދާނަމޭތޯ ވިދާޅުވަންވީ؟ ބަނދަރު ހަދާނަމޭތޯ ވިދާޅުވަންވީ؟ މަގު ހަދަން، ބަނދަރު ހަދަން އެބޭފުޅުން ވަޑައިގެން ދައްކަވާނެ ވާހަކައެއް މިހާރަކު ނޯންނާނެ.

 

އެހެންވީމާ، އަޅުގަނޑު އަދިވެސް އިލްތިމާސް އެބޭފުޅުންނަށް ކޮށްލާނީ، ހަމަ ރަނގަޅު ގޮތުގައޭ އެބޭފުޅުން އެ ތިއްބެވީ. އެބޭފުޅުންވެސް މިހާރު ދަސްކުރައްވައިފި، އަޅުގަނޑު ހިނގާ މަގުން އަޅުގަނޑުގެ ފަހަތުން ހިންގަވަން. އަޅުގަނޑު ރަށްރަށަށް ކަންތައްތައް ކޮށްދިނީމާ ވަޑައިގެން އެ ވިދާޅުވަނީ، ތިމަންނާ މި ރަށަށް މިކަން ކޮށްދޭނަމޭ. އެކަމަކު ރައީސް ޔާމީން އެކަން ކޮށްދީ ނިންމާފައޭ އޮތީ. އެހެންވީމާ، ހަމަގައިމުވެސް އަޅުގަނޑުގެ މިޞްރާބުން އެބޭފުޅުން ހިންގަވަން މަސައްކަތް ކުރައްވާ ކަމަކީ ރަނގަޅު ކަމެއް.

 

އެހެންވީމާ، މި ރަށުގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ރަށަށްވެސް އެބޭފުޅުން ވަޑައިގެން މިކަހަލަ ވާހަކަފުޅުތައް ދައްކަވާނެ. ދައްކަވާއިރު މި ރަށަށް ބޭނުންވާ އަސާސީ، ނޫނީ ޠަބީޢީގޮތުން ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންކަން އިރާދަކުރެއްވިއްޔާ މި ރަށަށްވެސް މިދަނީ ފުދެމުން. ދެންވެސް ގައްދޫގެ ރައްޔިތުންނަށް، މި އޮއްހާ ދުވަހު އެކަހެރިކޮށް ތިއްބަވައިގެން އެ އިޙްސާސްތައް ކުރެއްވި ރައްޔިތުންނަށް، އަޅުގަނޑު ދަންނަވާލާނީ ރައީސް ޔާމީނާއެކީ ތިޔަބޭފުޅުން ތިއްބަވާށޭ. ތިޔަބޭފުޅުންގެ އެކަހެރިކަން ފިލުވައިދޭން އަޅުގަނޑު ކަންތައްތަކެއް ކޮށްފީމު. އަދި ތިޔަބޭފުޅުން އަޅުގަނޑާ ބައްދަލުކުރައްވައި، ތިޔަބޭފުޅުންގެ ހިތްޕުޅުގައި ތިޔަހުރި ޝައުޤުވެރިކަމުން ކިތަންމެ ރަނގަޅަކަށްވެސް އަޅުގަނޑަށް ދައްކަވައިދެއްވައިފީމު، އެކަން ތިޔަބޭފުޅުން ބަލައިގަންނަވާކަން.

 

ދެން ގައްދުއަށް ބޭނުންވާ އިތުރު ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. ޒުވާން ކުދިންގެ ވަޒީފާގެ ވާހަކައާ ދެންހުރި ކަންތައްތައް. އެކަންތައްތައްވެސް ހަމަ ކޮށްދިނުމުގެ ހަކަތަ ދެންވެސް ހުންނާނީ ރައީސް ޔާމީންގެ. އެހެންވީމާ، މިކަމާ ދޭތެރޭގައި ވިސްނާވަޑައިގަތުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް. އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ނޭދެން، އަޅުގަނޑުމެންގެ ސިޔާސީ މީހުންނަކީ، ސިޔާސީ މީހުންނަކީ އެކިފަހަރު އެކިގޮތަށް ތިބޭ މީހުން. ސިޔާސީ މީހުންގެ ދައުރަކީ ކަނޑައެޅިފައި އޮންނަ ދައުރު ދައުރު. އެކަމަކު އަޅުގަނޑުމެން ދޫނުކޮށްލާނެ އެއްޗަކީ، އަޅުގަނޑުމެންގެ ޤައުމުގައި ހުރި ބައެއް އަސާސްތައް. ޤައުމުގައި ހުރި ބައެއް މުހިއްމު ކަންތައްތައް އަޅުގަނޑުމެން ދުލެއްނުކޮށްލާނަން. އިސްލާމްދީނުގެ މަތީގައި މި ދައުލަތް އޮންނަން ބޭނުންވާނެ. ދިވެހިވަންތަ ސިފަތަކެއް އޮންނަން މި ޤައުމަށް ބޭނުންވާނެ. ހަމަޖެހުމާއި ޞުލްޙަ މި ޤައުމަށް ބޭނުންވާނެ. ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ބޭނުންވާނެ. ރަށްރަށަށް ބޭނުންވާ ތަރައްޤީ ބޭނުންވާނެ.

 

އެހެންވީމާ، އެކަންކަމުން ބީވާނެގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކުރުމަކީ، މުޅި ރައްޔިތުންނަށް އަޅުގަނޑުމެންނަށް ކުރެވޭ ބޭއިޙްތިރާމް. ނޫނީވިއްޔާ އަޅުގަނޑުމެން އަޅައިނުލައި ޣައިރު ޒިންމާދާރުކޮށް ކުރާ ކަންކަން. މިކަންކަން، ރަށްރަށަށް ބޭނުންވެފައި ހުރި މިކަހަލަ ކަންކަން ފުއްދައިދޭނެ ގޮތްގޮތް އެބޭފުޅުންވެސް ވިދާޅުވެދެއްވާ! އަޅުގަނޑުގެ މި ތިއްބެވި ވަޒީރުން، އެބޭފުޅުންގެ ދާއިރާއިން ކޮންމެ ރަށަކަށް ކޮށްދެއްވާފައި ހުރި އެކަހަލަ މަސައްކަތްތައް ވިދާޅުވާނެ.

 

އެހެންވީމާ، ހަކަތަ އުފެއްދުމުގައިވެސް، 24 ގަޑިއިރު ކަރަންޓް ތަނަކަށް ލައިދިނުމުގައިވެސް، ބޭސްފިހާރަ ހުޅުވުމުގައިވެސް، މިއީ ހަމަ މީގެކުރީގައިވެސް ހަމަ ހުރިހާ ސަރުކާރުތަކަކުންވެސް ކޮށްދޭން ބޭނުންވެފައި ހުރި ކަންތައްތައް. އެކަމަކު ދެން ސުވާލަކީ، ކީއްވެގެންބާވައޭ ނުވެ މިދިޔައީ؟ އެހެންވީމާ، މިކަންކަން ކުރުމުގައި، ދެން ކީއްކުރަންތޯ އަޅުގަނޑުމެން ވާހަކަ ދައްކަންވީ، ރަށްރަށުގައި ފާމަސީ ހެދީމާ، އާނ! ފާމަސީ ހެދިއްޖެއޭ. އެކަމަކު ފާމަސީ ހެދި އަގު މާބޮޑީއޭ. ރައްޔިތުންނަށް ބޭނުންވާނީ ފާމަސީން ބޭނުންވާ ޚިދުމަތް.  އެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ. ރައްޔިތުންނަށް ބޭނުންވާނީ، ދަރުމަވަންތަ ހޮސްޕިޓަލް، އެ ފެންވަރުގެ ހޮސްޕިޓަލަކަށް ދިޔައީމާ. އަގުހެޔޮކޮށް ހެދޭ ކަމަށްވަންޏާ، އަޅުގަނޑު ހަމަ އެބޭފުޅުންނަށް އަޅުގަނޑު ހަމަ ނިންމާލާފައި ސުވާލެއްވެސް ދަންނަވާނީ، ކީއްވެގެންތޯ އަގުހެޔޮކޮށް ހެއްދެވެންޏާ، އެބޭފުޅުން ނުހެއްދެވީ؟ އެކަން ކުރަން މިޖެހުނީ، މުޅިން އެހެން ބަޔަކަށް ނޫންތޯ.

 

އެހެންވީމާ، ދެންވެސް ވިސްނާވަޑައިގަންނަވަންވީ، އަޅުގަނޑުމެން ރައްޔިތުން ވިސްނާވަޑައިގަންނަވަންވީ މިހާ ވޯޓާ ކައިރިވެފައި އޮތްއިރު، މިހެންހުރި ލައްކަ ގިނަ ވާހަކަ ދެއްކޭނެ. މިހާރު މުޅި ރާއްޖޭގައި ތިބި ހުރިހާ ޒުވާނުންނަށް، 18 އަހަރު ފުރޭ ހުރިހާ އެންމެންނަށް، 2030 އާ ހަމައަށް އަޅުގަނޑު ބުނެފިން، އަޅުގަނޑު ގެދޮރު ކަށަވަރުކޮށްދޭނަމޭ. ގެދޮރު ކަށަވަރުކޮށްދޭ ވާހަކަ ދެއްކީމާ، މިހާރު ހަމަ އެބޭބޭފުޅުންވެސް އެބަ ވިދާޅުވޭ، ތިމަންނާމެންވެސް ތިކަން ކޮށްދޭނަމޭ. އެހެންވީމާ، ރަނގަޅު ނޫންތޯ.

 

އެހެންވީމާ، ޤައުމީ މަސައްކަތުގައި އެބަޖެހޭ، އަޅުގަނޑުމެން ދެބައިމީހުން ގުޅެން. އެކަމަކު މީގެ ހިތާމަޔަކީ ޤައުމީ މަސައްކަތުގައިވެސް ރައްޔިތުންގެ ފައިދާއަށް އަޅުގަނޑުމެންނަށް މިހާތަނަށް ދެބައިމީހުންނާ ގުޅިގެން މަސައްކަތް ނުކުރެވޭ. މި ހުރިހާ ހޭދަތަކެއް މި ރަށްރަށަށް އަޅުގަނޑުމެން މިކުރަނީ މަޖިލީހަށް ފޮނުވައިގެން، ބަޖެޓް ފާސްކޮށްގެން. މިއިން ބަޖެޓަކަށް އެއިން ބޭފުޅަކު ދެއްވި ވޯޓެއް ނޯންނާނެ. އެކަމަކު އެ ތިއްބެވީ ޤައުމީ ޚިދުމަތުގައި. އެ ތިއްބެވީ ރައްޔިތުންގެ ހިމާޔަތުގައި. އެ ތިއްބެވީ ރައްޔިތުންނަށް ބޭނުންވާ ކުރިއެރުން ގެންނަވަން.

 

އެހެންވީމާ، މިކަހަލަ ގޮތަކަށް ވާހަކަފުޅު ދައްކަވައި، ބަހާއި ޢަމަލާ ސީދާނުވާކަމަށްވަންޏާ، އެއީ ރައްޔިތުންނަށް ޙަޤީޤަތުގައިވެސް ވަރަށް ބޮޑަށް އޮޅުވައިލެއްވެނީ. ދެން އަޅުގަނޑުމެން ސަރުކާރާ ދޭތެރޭގައި ވަރަށް ފާޑު ވިދާޅުވާނެ. އެކަމަކު އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް ތަޙުލީލު ކުރެވޭ މިންވަރަކަށް ދިރާސީ ނަޒަރަކުން އެ ވާހަކަފުޅުތައް އެބޭފުޅުން ދައްކަވައިދެއްވަން. ދިރާސާ ކުރައްވާފައި، ދިރާސީ ނަޒަރަކުން ރައްޔިތުންނަށް ވިސްނޭވަރަށް މިއިން ކަމެއް ވިދާޅުވެދެއްވާ! ވިދާޅުވެދެއްވައިފިއްޔާ އަޅުގަނޑުމެން އޭގެ ޖަވާބު އަރުވާނަން. އެކަމަކު އެބޭފުޅުން އެ ވާހަކައެއް ނުދައްކަވާނެ. އެބޭފުޅުން ދައްކަވާނީ ހަމަ މަތިމަތިން ދައްކަވާ ވާހަކަ. އޭގެތެރޭގައި ވިދާޅުވެދާނެ، ރައީސް ޔާމީން ދެން ވެރިކަމަށް އައިސްފިއްޔާ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮންނާނީ އަޅުވެތިވެފައޭ. ވަރަށް މަތިމަތިން ވިދާޅުވާ ވާހަކައެއް. ކޮބައިތޯ އެބޭފުޅުންގެ ތަޙުލީލަކީ މީގައި؟ ކޮންކަމެއްތޯ ދިރާސާ ކުރެއްވީ؟ އަޅުގަނޑު މިއަށްވެސް މިއަދު ވާހަކަ ދެއްކިން. ގައިމު ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސީ، ނޫނީ ޚާރިޖީ ސިޔާސަތު، އަޅުގަނޑުމެން ރާއްޖެއަށް ބޭނުންވާގޮތަށް ބައްޓަންކުރާތީ، ބައެއް ޖަމުޢިއްޔާތަކުން އަޅުގަނޑުމެން ނުކުންނަން ޖެހިގެންވެސް މިއުޅެނީ. އަދި އަޅުގަނޑުމެންނަށް ބޭރުގެ ފާޑުކިޔުން އަމާޒުވެގެންވެސް މިއުޅެނީ މިކަހަލަ ކަންކަމާ. އެއީ އިސްލާމީ އަދި ދިވެހި ސިފަތަކެއް އަޅުގަނޑުމެން ހިފަހައްޓަން ބޭނުންވާތީ.

 

އެހެންވީމާ، ތަޙުލީލީ ނަޒަރަކުން މީހުންނަށް ވިސްނޭވަރަށް އެބޭފުޅުން ވާހަކަ ދައްކަވައި ދެއްވައިފިއްޔާ ވަރަށް ރަނގަޅުވާނެ. އަދި ރައީސް ޔާމީނަށް އަމާޒުކުރައްވައި ނޫނީ އަޅުގަނޑުމެންގެ ސަރުކާރަށް އަމާޒުކުރައްވާފައި އެ ވިދާޅުވާ ވާހަކަފުޅުގައިވެސް އެބޭފުޅުން ވިދާޅުވެދެއްވާ. މީހުންނަށް ވިސްނޭވަރަށް ތަޙުލީލުވާވަރަށް، ތަޙުލީލު ކުރައްވާފައި ވިދާޅުވެދެއްވާ. މަތިމަތިން ވިދާޅުވީމާ، އަދި މީހުންނަކަށް މިއެއް މާރަނގަޅަކަށް ނޭނގޭނެ.

 

އެހެންވީމާ، އަޅުގަނޑު ހަމަ މިކަހަލަ ވާހަކަތަކެއް ދައްކަން ހުރީ. އެކަމަކުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ އުއްމީދީ ވާހަކަތަކެކޭ ހުރީ. ގައްދުއަކީ އިރާދަކުރެއްވިއްޔާ މެދުފަންތީގެ އާބާދީ، އެންމެ ކުދި އާބާދީއެއްނޫން. ތިންހާހަށްވުރެ މީހުން އިތުރުވެގެން މިދިޔައީ. އަދި މިހިސާބުގަނޑަށް ޓޫރިޒަމް، އެކާވީސް ރަށް މިހިސާބުގަނޑުން އުފެދިގެން ދިޔައިމާ، ދެން ގައްދޫގެ ރައްޔިތުންގެ ޚިޔާލަށް ގެންނަވާ، ތިޔަބޭފުޅުންގެ ތަނަވަސްކަން އިތުރުވެގެންދާނެ މިންވަރު. އެއަށް ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވަންވީ. އެއަށް ތިޔަބޭފުޅުން ވޯޓު ދެއްވަންވީ. އެއީ، އަޅުގަނޑުމެންގެ ކުރިމަގު އުޖާލާ ކުރެވޭނެގޮތަކީ.

 

ހުރިހާ ބޭފުޅުންނަށްވެސް ހަމަ އަޅުގަނޑުމެންގެ ވާހަކަކޮޅު އަޑުއައްސަވާލައްވަން އަދި ވަރަށް މަޢާފް އެދެމުންވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ނިންމާލަމުންވެސް، ވަރަށް މަޢާފަށް އެދެމޭ، ތިޔަބޭފުޅުންނާ ސަލާންކޮށްލާނެ ފުރުޞަތު އަޅުގަނޑަށް ނުލިބުނީމާ. އެހެންނަމަވެސް، ނަމާދުވަގުތު ކައިރިވާތީއާއެކީ، އަޅުގަނޑަށް މިކަން މިގޮތަށް ކުރަން މަޖުބޫރުވެގެން މިދިޔައީ. އަޅުގަނޑުގެ ވަޒީރުންވެސް، ވާހަކަފުޅު ދެއްކެވުމުގެ ފުރުޞަތުވެސް މި ދޫކޮށްލެއްވީ ހަމަ މި ސަބަބަށްޓަކައި. އެހެންވީމާ، އަދިވެސް މަޢާފަށް އެދެން.

 

ހަމަ ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން އެދެނީ، ހަމަ ވަރަށް އުފާވެރި ދުވަސްތަކެއް. މުޅި ދިވެހިރާއްޖެއަށް އަޅުގަނޑުމެން އެދެނީ އުފާފާގަތިކަން. އެއްގޮތަކަށްވެސް އަޅުގަނޑުމެން އަނބުރާ މީގެކުރީގެ އަހަރުތަކެއްގެ ހިތި ތަޖުރިބާ އަލުން އަޅުގަނޑުމެން އިޙްސާސްކުރާކަށް ބޭނުމެއްނޫން. އެކަންކަމުން އަޅުގަނޑުމެންނަށް، އެބޭފުޅުންގެ ކަންކަން ހުރިވަރު އެނގިއްޖެ. ކަންކަން ފުދިއްޖެ. އަޅުގަނޑުމެން ހަމަ ދަންނަވަން ބޭނުންވަނީ، ދެން އިތުރަކަށް އެކަންކަން ރައްޔިތުން ތަޙައްމަލްކުރާކަށް ބޭނުމެއްނުވާނޭ. އެހެންވީމާ، މި ޢަޒުމުގައި، މި ވިސްނުމުގައި، މި ޤައުމީ ޖޯޝްގައި  މަސައްކަތް ކޮށްދެއްވުމަކީ ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން އަޅުގަނޑުގެ އިލްތިމާސް.

 

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!

 

والســّلام عليــكم ورحـمــة اللّـه وبـركاتـه