بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މިއުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.

 

އާދެ، މިއަދުގެ މިހޫނު ވަގުތު ފަރެސްމާތޮޑާއަށް އަޅުގަނޑު އައުމުން، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަން އަޅުގަނޑަށް ކިތަންމެ ރަނގަޅަކަށްވެސް ދައްކަވައި ދެއްވައިފި. އަދި އަޅުގަނޑާއި މިތަނުގެ ރައްޔިތުންނާ ދޭތެރޭގައި އޮތް ގާތްކަންވެސް، ވަރަށް އިހްސާންތެރިކަމާއެކީ ދައްކަވައި ދެއްވައިފި. އެކަމަށްޓަކައި ތިޔަ އުފުއްލެވި ބުރަ، އަޅުގަނޑު ބަލައިގަންނަން. ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަނީ، މި ހިސާބުވެސް ވަރަށްބޮޑަށް ޒީނަތްތެރި ކުރައްވައި، އަޅުގަނޑުމެންގެ އިސްތިޤުބާލަށް މިރަށް ތައްޔާރުވެފައި އޮތް މިންވަރު، އަޅުގަނޑަށް ޔަޤީންކުރެވޭތީ. ތިޔަ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

ހަމައެއާއެކީ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑު ވާހަކައާއިގެން ކުރިއަށް ދިޔުމުގެ ކުރިން، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެ ބޭފުޅުން، ވަރަށް އިޙްސާންތެރިކަމާއެކީ، ވަރަށް ހެޔޮ ބަސްފުޅުތައް އަޅުގަނޑަށް ހަދިޔާކުރައްވައިފި، ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް. އަދި އެނަރޖީ އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުވެސް މިރަށަށް މިއައީ، މިރަށަށް މިއަދު މި ލިބޭ އުފަލުގައި ބައިވެރިވުމަށްޓަކައޭ. ތިޔަބޭފުޅުންގެ ތިޔަ އުފަލުގައި ތިޔަބޭފުޅުންނާއެކީ، ހަމަ ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކައޭ. އަޅުގަނޑަށް ކޮންމެ ރަށަކުންވެސް ލިބެނީ، ކޮންމެވެސް ކަހަލަ ކެއްސެއް. އަޅުގަނޑު މިއަންނަނީ، މަޑަވެލި ނިންމާފައި. މަޑަވެލީގައިވެސް ހަމަ ނަމާދު ވަގުތު ކައިރިވެގެން ދިޔައިމާ، އަޅުގަނޑުގެ ވާހަކަ ހުއްޓާލީ. މިރަށުގައިވެސް ހަމަ އެކަހަލަ ގޮތަކަށް ދިމާވެގެން މިދަނީ. އެހެންނަމަވެސް އަޅުގަނޑު ބަލާނަން، އަޅުގަނޑު ދައްކަން ބޭނުންވާ ވާހަކަ ތިޔަބޭފުޅުންނާ ޙިއްސާ ކޮށްލެވޭތޯ.

 

އާދެ، އަޅުގަނޑުމެން މިރަށަށް އައިއިރު، މިރަށް މިއޮތީ ޝައްކެއްވެސްނެތްގޮތުގައި ވަރަށްބޮޑަށް އިންތިޒާރުގައި. އަޅުގަނޑުމެންގެ އިންތިޒާރުގައި. ނުވާންވީ ސަބަބެއްވެސް ނެތް. ދެންމެ ޙުސައިން މުޙައްމަދު ލަޠީފުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، ކުރީގައި މިރަށަށް އުދަ އަރަމުން ދިޔައިރު، ތިޔަބޭފުޅުން އިޙުސާސް ކުރައްވަމުން ގެންދެވި ދަތިކަން. އަދި ނާމާންކަމާއި ބިރުވެރިކަމާއި މިހުރިހާ ކަމެއް އިޙުސާސް ކުރައްވާފައި ﷲގެ ރަޙްމަތާއެކީ މިއަދު، އަޅުގަނޑުމެންނަށް މިކުރެވުނު މަސައްކަތުން، ތިޔަބޭފުޅުންނަށް އެ ހިމާޔަތްތެރިކަން މި ލިބިގެން މިދިޔައީ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ނިމި، ތިޔަބޭފުޅުންނަށް އެ ފަސޭހަކަން ލިބިގެން މި ދިޔައީ.

 

 އަދި ހަމައެހެންމެ، ކުރީގައި މިތާއޮތް ބަނދަރަކީ ކުޑަ ބަނދަރަކަށްވެފައި، އޭރު ބަނދަރު ފުރިފައި އޮންނާތީއާއެކީ، ބަނދަރު ބޮޑުކޮށް، ބަނދަރު ފުންކޮށް، އެއްގަމު ތޮށިޖަހައި، އިރާދަކުރެއްވިއްޔާ މިހާރު މިއޮތީ، ރަނގަޅު ފެންވަރުގެ ބަނދަރެއް ހެދިފައި. އެހެންނަމަވެސް، މިރަށަކީ މަސްވެރި ރަށަކަށްވާތީއާއެކީ އަޅުގަނޑަށް އެނގޭ އަދިވެސް ހަމަ ބަނދަރު ދާނީ ފުރެމުންކަންވެސް. އެހެންނަމަވެސް، ހަމަ ދަންނަވާލަން ބޭނުންވަނީ، މިވެސް ތިޔަބޭފުޅުންނަށް ލިބުނު ކުރިއެރުމެއް. ދެން މިހުރިހާ ކަމަކާއެކީ، އަޅުގަނޑުމެން ވިސްނާލަންވީ، ގއ.، ގދ. މި ދެ އަތޮޅު ޤުދުރަތީ ގޮތުން، ގ. އަތޮޅަކީ، ނޫނީވިއްޔާ ހުވަދު އަތޮޅަކީ، ގއ.، ގދ.  ދެ އަތޮޅަކީ، ވަރަށް ބޮޑު ބިޔަ އަތޮޅެއް. ރަށްތައްވެސް އެހާ ގިނަ. ޖިއޮގްރަފީ ގޮތުން ބަލާކަމަށްވަންޏާ، ދެ ބިތަށް ބަލާކަމަށްވަންޏާ، މިއީ ވަރަށް ދުރުގައި ރަށްތައް އެތުރިފައިހުރި ދެ ބިއް މިއީ. އެހެންވީމާ، އޭގެޒާތުގައި މިއަތޮޅަށް ބޭނުންވާނެ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ. އޭގެޒާތުގައި މިއަތޮޅަށް ބޭނުންވާ ކަންތައްތަކަށް ބަލާއިރު، ޒަރޫރީގޮތުން މިހާރު އަޅުގަނޑު ހިތަށްއަރަނީ، ރަށްރަށް އެކަހެރިވުންކަންނޭނގެ، ނޫނީވިއްޔާ ރަށްރަށް ދަތުރުފަތުރުގެ ދުރުމިނުން އެކަހެރިވުންކަންނޭނގެ، އެންމެ ބޮޑު މައްސަލައަކަށް މިވަނީ.

 

އެހެންވީމާ، ތިޔަބޭފުޅުންނަށް މިއަދު ލިބިގެންދާ އަނެއް ހިތްހަމަޖެހުމަކީ، ފަރެސްމާތޮޑާ ދާއިރާގައި، ޙަޤީޤަތުގައި މިރަށުގައި، އެއަރޕޯޓެއް އެޅުމުގެ ނަސީބު ތިޔަބޭފުޅުންނަށް ލިބިގެން ދިޔަކަން. މިއީ، އަޅުގަނޑުމެންގެ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކުރެވޭ ގޮތަކަށް، ފަސޭހަ ގޮތަކަށް އޮތްކަމެއްވެސް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ މިރަށަށް އެކަން ކޮށްދޭން ބޭނުންވާލެއް ބޮޑުކަމުން، އަޅުގަނޑުމެން ގޮތެއް ހޯދައިގެން އެކަންކަން މިކުރީ. މިލޯނު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަދާކުރާ ގޮތެއްގެ މަތިން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިރަށުގައި ވައިގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށި، މިއަންނަ އަހަރުގެ މެދާ ހިސާބަށް ދާންވާއިރަށް، މަތިންދާބޯޓުގައި މިރަށަށް ރައްޔިތުން ޒިޔާރަތްކުރާނެ ކަމާދޭތެރޭގައި އަޅުގަނޑުގެ އުއްމީދު ހެޔޮ. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ވަރުގަދަ ތިން މަޝްރޫޢު ތިޔަބޭފުޅުންނަށް ލިބިގެންދާއިރު، ތިޔަބޭފުޅުންގެ އުފަލުގައި އަޅުގަނޑަށް ބައިވެރިވުމަކީ، އަޅުގަނޑަށްވެސް ލިބޭ އުފަލެއް.

 

އެއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަތޮޅަކީ ބޮޑު އަތޮޅަކަށް ވާތީއާއެކީ، އަޅުގަނޑު މަޑަވެލިން މިއައީ، މިއަތޮޅަށް. މަޑަވެލީގައި ބައެއް ވާހަކަ ދެއްކިން. އަދި ބައެއް ވާހަކަ ނުދެއްކޭތީއާއެކީ އަޅުގަނޑު ފަރެސްމާތޮޑާގެ ވާހަކައަށް ޖެހިލާނީ، މަޑަވެލީގެ ބައެއް ވާހަކަވެސް ދަންނަވާލާފައި.

 

މަޑަވެލިވެސް، ފަރެސްމާތޮޑާވެސް، މި ދެ ރަށަކީވެސް ޙަޤީޤަތުގައި މަސްވެރި ދެރަށް. މަސްވެރިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި، އަޅުގަނޑަށް މަޑަވެލީގައި ދަންނަވާނުލެވުނު ވާހަކައަކީ، މަސްވެރިކަމުގެ ދާއިރާއެއް ނޫން، ހަމަ ކޮންމެ ދާއިރާއެއްވެސް އެއޮތީ އަޅުގަނޑުމެންނާ ސަރުކާރު ހިންގަން ހަވާލުވީއިރު، ވަރަށް ހާލުގައި ޙަޤީޤަތުގައި. ބައެއް ބޭފުޅުން ލިޔުއްވާނެ ޞިއްޙީ ނިޒާމު އޮތީ އައި.ސީ.ޔޫ.ގެ ތެރޭގައޭ. ހަމަ އެކަހަލަ ގޮތަކަށް ހުރިހާ ދާއިރާތަކެއްވެސް މިހިރީ. ވަރަށް ކުރީއްސުރެ ބަހައްޓައިފައި ހުރި އައިސް ޕްލާންޓްތައް މިއިން ކޮންމެ ތަނެއްގައިވެސް މިހުންނަނީ. އަދި އެކަށީގެންވާ މިންވަރަށް އައިސް ޕްލާންޓްތަކެއް އަޅުގަނޑުމެން މަސްވެރި ދާއިރާތަކުގައި ނުވެސް ނެތްމެ.

 

އެހެންވީމާ، މިރަށުގައިވެސް މިސާލަކަށް، އައިސް ޕްލާންޓެއް ހަލާކުވެއްޖިއްޔާ ހަމަ ވަރަށް ބޮޑެތި ތަކުލީފް މަސްވެރިން އުފުއްލަވާކަން އެނގޭ. އެންމެ ކައިރިން، ފިޔޯރީން ކަންނޭނގެ އައިސް ލިބޭގޮތަށް އިންތިޒާމު ހަމަޖެހިފައި މިހިރީ. އެހެންނަމަވެސް، ފިޔޯރީން އައިސް ހޯދުމަކީވެސް އޭގެޒާތުގައި، ފަރެސްމާތޮޑާގެ މަސްވެރިންނަކަށް ފަސޭހަކަމެއްވެސް ނޫން. އަޅުގަނޑުމެން މިހާރު މަޝްރޫޢެއް ރާވާފައި، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ތަންފީޛުކުރަން ފަށާނަން، އަޅުގަނޑުމެންގެ ދެން އަންނަ ފަސް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އައިސް ޕްލާންޓް އެޅުމުގެ ނޫނީވިއްޔާ، ރާއްޖޭގެ މަސްވެރިކަން ހުރި ދާއިރާތަކަށް އައިސް ޕްލާންޓް އިތުރު ކުރުމުގެ، އާ ރަށްރަށުގައި އެޅުމުގެ، އާ މަޝްރޫޢެއް އަޅުގަނޑުމެން އެބަ ފަށަން. އެހެންވީމާ، ފަރެސްމާތޮޑާއަށް އަޅުގަނޑު މިއައީ މަޑަވެލިން ކަމުގައިވާތީ، މަޑަވެލީގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލާނީ، މިއަޅާ އައިސް ޕްލާންޓްތަކުގެ ތެރޭގައި، މަޑަވެލި ހިމެނޭނެކަމާ ދޭތެރޭގައި ޝައްކު ނުކުރައްވާށޭ.

 

މަސްވެރި ރަށްރަށަށް ބޭނުންވާ، ދެންހުރި ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑު ހަމަ ދަންނަވާލާނަން. ވަރަށް ބޮޑަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް، މި ރަށްރަށުގައި އޭ.ޓީ.އެމް.އެއް ހުރުން. ނޫނީވިއްޔާ މިރަށްރަށުގައި، ބޭންކެއް ހުރުން. އަޅުގަނޑުމެން ސަރުކާރުން މިހާރު، ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަ ދައްކާފައި، މިއަންނަ ފަސް އަހަރުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް އިން މިހާރު އަޅުގަނޑުމެންނަށް ކަށަވަރުކަން ދެއްވާ، އަދި އަޅުގަނޑުގެ މެނިފެސްޓޯގައި މާލިއްޔަތާއި ބޭންކިންގއާ ބެހޭ ކަރުދާހުގައި މިވާހަކަ އޮންނާނެ. އިރާދަކުރެއްވިއްޔާ އާބާދީ 2500 އަށްވުރެ ބޮޑު ކޮންމެ ރަށެއްގައި، ބޭންކުގެ ބްރާންޗެއް އަޅުގަނޑުމެން ފަސް އަހަރުގެ ތެރޭގައި އުފައްދާނަން. އަދި ހަމައެހެންމެ، 1500 އާބާދީ އެއާ އެއްވަރުވާ އާބާދީއެއް އުޅޭ ކޮންމެ ރަށެއްގައި ވެއްޖިއްޔާ، އަޅުގަނޑުމެން އޭ.ޓީ.އެމް.ގެ ޚިދުމަތް ހޯދައިދޭނަން.

 

ފަރެސްމާތޮޑާއާ ހަމައަށް އަންނައިރު، އަޅުގަނޑު ހަމަ ބައެއް އާންމު ވާހަކަ ދަންނަވާލާފައި އަނެއްކާވެސް ދާނީ. މިއީ، އަޅުގަނޑު މަޑަވެލީގައި ދައްކަންފެށި ވާހަކަ. އެހެންނަމަވެސް ހަމަ ވަގުތު ކުޑަތަންވަމުން ދިޔުމާއެކީ، އަޅުގަނޑަށްވެސް އަޅުގަނޑުގެ ޚިޔާލު އަތުރާލަން ބޭނުންވިގޮތަށް އަތުރާ ނުލެވުނީމާ، ވާހަކަ ފަށްޓާފައި ނިންމާނުލެވުނު ވާހަކައެއް.

 

އަޅުގަނޑު ފަރެސްމާތޮޑާގައިވެސް ދަންނަވާލަން ބޭނުންވަނީ، މަޑަވެލީގައިވެސް ދަންނަވާލަން ބޭނުންވި ވާހަކަ. އެއީ، އަޅުގަނޑު ދަންނަވާލިން، އަޅުގަނޑު ގަބޫލެއް ނުކުރަމޭ، އަޅުގަނޑުމެން ރިޓަޔަރ ކުރަންޖެހޭ ޢުމުރަކީ، 65 އަހަރުކަމަށް ވާންޖެހޭނެ ކަމަށް. އަޅުގަނޑުމެންގެ ވައްޓަފާޅިއަށް އައިސްފައިހުރި ބަދަލުތަކާއި، ޞިއްޙީ ހޭލުންތެރިކަމަށް އައިސްފައިހުރި ކުރިއެރުމާއި، އަދި އަޅުގަނޑުމެންނަށް ފަރުވާލިބުމާ، މިކަންކަމުގައި ހުރި ފަސޭހަތަކަށް ބަލާއިރު، މިހާރު އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ، އެ ޤާނޫނަށްވެސް ބަދަލުތަކެއް އެބަ އަންނަންވެސް ޖެހޭ. އެހެންވީމާ، 65 އަހަރުވުން އެއީކީ ކޮންމެހެންނެއް އެއްގޮތަކަށްވެސް މީހުން މަސައްކަތް ނުކޮށް ތިބެންޖެހޭ ޢުމުރެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގައި ކުރާނެ މަސައްކަތުގެ ތެރޭގައި، އެންމެ ފުރަތަމަ އެއް ކަމަކަށް، މި ޢުމުރު ފުރައިގެ ދޮށީ ރައްޔިތުން، ޢުމުރަށް ބަލާކަމަށްވަންޏާ ދޮށްޓެއް ނޫން. އެހެންނަމަވެސް ރިޓަޔަރ ކުރަންޖެހުނީމާ، އެ ގިންތިއަށް އަންނާތީ، ޢުމުރުފުރައިގެ ބޭފުޅުންނޭ އަޅުގަނޑު މިދެންނެވީ. އިރާދަކުރެއްވިއްޔާ އެބޭފުޅުންގެ ޢުމުރު އަޅުގަނޑު ބަލާނަން، ރިޓަޔަރ ކުރާ ޢުމުރަކީ 74 އަހަރަށް ޖެއްސޭތޯ. މިއީ، އަޅުގަނޑު މަޖިލިސް ތެރެއިން ކުރާނެ މަސައްކަތެއް. އެހެންވީމާ، މިހާރު 65 އަހަރުވެގެން، ރިޓަޔަރ ކުރައްވާފައި ތިއްބެވި ބޭފުޅުންނަށްވެސް އަޅުގަނޑުމެންގެ ސަރުކާރުން ގޮތްތަކެއް ނެރެދޭނަން. އެއާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، މިހާރު ރިޓަޔަރ ކުރާ ޢުމުރަށް އައިސްފައި ތިއްބެވި ބޭފުޅުން، އެއްގޮތަކަށްވެސް މިކަމާ ދޭތެރޭގައި ވިސްނާވަޑައިނުގަންނަވާށޭ. އިރާދަކުރެއްވިއްޔާ މި ޢުމުރު އަޅުގަނޑުމެން 74 އަހަރު ނޫނީވިއްޔާ 75 އަހަރާ ހަމައަށް ޖެއްސޭތޯ މަސައްކަތް ކުރާނަން.

 

މިރަށަށް އެއަރޕޯޓެއް އައިމާ، އެއަރޕޯޓުގެ ފަސޭހަކަމަކީ ހަމައެކަނި، ހަމަގައިމުވެސް މެންބަރު އެކަނި މާލެއިން މިރަށަށް ވަޑައިގަތުމެއް ނޫން. މިރަށުގެ ރައްޔިތުން މިރަށުން މާލެއަށް ދަތުރު ކުރުމެއްވެސް ނޫން. މިއާއެކީ އުއްމީދުތަކެއް ވާންޖެހޭނެ. އަޅުގަނޑު އިޢުލާނު ކުރިން ގއ.، ގދ. މި އަތޮޅަކީ ޙަޤީޤަތުގައި ފަތުރުވެރިކަމުގެ ނާރެހަކަށް ވާނެއޭ. އޭގެޒާތުގައި މިއަތޮޅަކީ ފަތުރުވެރިކަމުގެ ނާރެހަކަށްވާނެ. އަޅުގަނޑުމެންގެ ވިސްނުމުގައި މިހާރު ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގަބޫލުކުރަނީ، އަޅުގަނޑުމެންގެ ދެން އަންނަ ފަސްއަހަރެއްގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ގދ.އަށް 6000 އެނދު، ގއ.އަށް 4000 އެނދު، ޓޫރިސްޓް އެނދު އަންނާނެކަމަށް. މިރަށަށް އެކަނި ބަލައިފިކަމަށްވަންޏާ، މިރަށް ކައިރީގައި އެއަރޕޯޓު އޮންނާތީއާއެކީ، މިރަށް ކައިރީގައި މިހުރި ރަށްރަށް، ފިޔޯރީ، ރަތަފަންދޫ، ދެން މިތާ މިއޮތީ ވާދޫ. މި ދިމާއަށް އެކަނި ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެން މިރަށް ކައިރިން، މިސަރަޙައްދުން އަޅުގަނޑުމެން ޚިޔާލުކޮށްފައި މިއޮތީ 15 ރަށް، ޓޫރިޒަމަށް ޑިވެލޮޕް ކުރަން. އަދި 15 ރަށުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، 3000 އެނދުގެ ފުރުޞަތެއް އުފައްދާނަން. މިއީ، ފުރަތަމަ ތިން އަހަރުގެ ތެރޭގައި. މިއާއެކީ، މަސްވެރިކަމުގެ ބޭރުން، މިދާއިރާއަށް ގާތްގަނޑަކަށް 5000 އާ ގާތްކުރާ އަދަދަކަށް ޒުވާނުންނަށް ވަޒީފާ ހުޅުވިގެންދާނެ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި. ޙަޤީޤަތުގައިވެސް އެއަރޕޯޓެއް ހެދުމުގެ ބޭނުމަކީ މިއީ. އެއަރޕޯޓެއް ހެދުމުގެ ބޭނުމަކީ މިއީ. ގދ.އަށް އަންނަ 10,000 އެނދުގެ ތެރެއިން، މިދެންނެވިގޮތަށް 3000 އެނދު ޚާއްޞަވެގެން މިދަނީ، ފަރެސްމާތޮޑާ ދާއިރާއަށް. ޚާއްޞަ ގޮތެއްގައި މި ތިން ރަށަށް. އެހެން ދާއިރާތަކަށް ހުރި އެނދުގެ އަދަދު އަޅުގަނޑު މިއަންނަނީ އިޢުލާން ކުރަމުން.

 

ހަމައެއާއެކީ، މިދާއިރާއަކީ، ހުވަދު އަތޮޅަކީ، ޓޫރިޒަމްގެ ނާރެހަކަށްވާތީ، އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންގެ ޓީމުން ގަބޫލުކުރަނީ، ސީޕްލޭންގެ ހަބެއް، އިރާދަކުރެއްވިއްޔާ މިއަތޮޅުގައި އުފެދެންވާނެއޭ. އެއީ، މާލެއިން މިކޮޅަށް އައުމަކީ، ފަސޭހަކަމަކަށް ނުވާނެ. އަޅުގަނޑު އިޢުލާން ކުރިން، ކާޑެއްދޫގެ އެއަރޕޯޓަކީ، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ވާނެއޭ. ހަމައެއާއެކީ، ވިލިނގިލީ ގައި ގއ.ގައި އަޅުގަނޑު ދައްކަން ހުރި ވާހަކަ ކަންނޭނގެ މިއީ. އެހެންނަމަވެސް، މިއީ މީގެކުރީގައިވެސް ދެއްކިފައިހުރި ވާހަކައެއް. ވިލިގިލީގައި އިންވެސްޓްކޮށްގެން އުޅޭ، ބޭރުގެ ޕާޓީއެއް، ސިންގަޕޫރުގެ ޕާޓީއެއް، އެތަނަށް އަޅުގަނޑު ކުރި ޒިޔާރަތެއްގައި، އަޅުގަނޑުގެ ޙާޒިރުގައި، އެބޭފުޅުން ކަށަވަރުކަން ދެއްވި ގއ.ގެ ރައްޔިތުންނަށް. 2018 ވަނަ އަހަރު، ރައީސް ޔާމީން ހޮވައިފި ކަމަށްވަންޏާ، ތިމަންނަމެންގެ ޚަރަދުގައި، ސަރުކާރުން އެންމެ ލާރިއެއް ހޭދަކުރަން ނުޖެހޭގޮތަށް، އެ ސަރަޙައްދުގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް އަޅައިދޭނެ ކަމަށް. އެހެންވީމާ، ގއ.ގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް އެޅިގެން އެދަނީ. ގދ.ގައި ޝައްކެއްވެސްނެތްގޮތުގައި، ކާޑެއްދޫ ބަދަލުވެގެންދާނީ ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް. އެހެންވީމާ، މަތިންދާބޯޓުފަހަރު ސީދާ ޖައްސާނީ މި ހިސާބަށް. މި ހިސާބުން ކައިރީގައި ހުރި ރަށްރަށަށް ދަތުރުފަތުރު ކުރުމަށްޓަކައި، އެބަޖެހޭ ޙަޤީޤަތުގައިވެސް ސީ ޕްލޭން ހަބެއް މިތަނުގައި އުފެދެން. އެހެންވީމާ، ސީ ޕްލޭން ހަބެއް އުފެދިގެންދާނީ، ހުވަދުއަތޮޅުގައިކަން ތިޔަބޭފުޅުންނަށް ހަމަ އަޅުގަނޑު މި ފުރުޞަތުގައި ކަށަވަރުކޮށްދެން.

 

އެއާއެކީ، އަޅުގަނޑު މަޑަވެލީގައި ވާހަކަ ދައްކަމުން ދެންނެވިން، މި އަތޮޅަކީ އެހާބޮޑު އަތޮޅަކަށްވާތީ، އަޅުގަނޑުމެންނަށް ޞިއްޙީ ފަރުވާއެއްވެސް މިހާރު ސީ-އެމްބިއުލަންސް ޚިދުމަތް ލީކަމުގައި ވީނަމަވެސް، އަދި ކޮންމެ ބިތަކަށް، އެމްބިއުލަންސްގެ ލޯންޗު ޚިދުމަތް ލީކަމުގައި ވީނަމަވެސް، އަދިވެސް އެ އަދަދުވެސް މިވަނީ މަދުވެފައި.

 

ދަތުރުފަތުރުކުރުމަކީ ޙަޤީޤަތުގައިވެސް މިހާބޮޑު އަތޮޅެއްގައި ދަތިކަމަކަށްވާނެތީއާއެކީ، އަޅުގަނޑުމެން އިޢުލާނު ކުރީމު. އިރާދަކުރެއްވިއްޔާ، މި އަންނަ ފަސް އަހަރުގެ ކުރީކޮޅުގައި، ދަތުރުފަތުރަށް ޚާއްޞަކޮށް، ފަސިންޖަރުންގެ ދަތުރު، އެއްގޮތަކަށްވެސް މިއީ ނާލުގެ ވާހަކައެއްނޫން މި ދައްކަނީ. ނާލު އުފުލުމުގެ ވާހަކައެއްނޫން. ފަސިންޖަރުންގެ ދަތުރުފަތުރު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ތެރޭގައި އިންޓަރ-އެޓޯލް ޓްރާންސްޕޯޓް ސިސްޓަމެއް އަޅުގަނޑުމެން ޤާއިމުކޮށްދޭނަން.

 

މިވާހަކަ ދައްކާއިރު، މިރަށުގައި ހުރެގެން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ އިތުރު ވާހަކައަކީ، އަޅުގަނޑުމެން މި ވިސްނަނީ ވައިގެމަގުން ދަތުރުކުރަން. މީގެކުރީގެ ސަރުކާރަކުން ވިސްނާފައި އޮތީ، ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރަން. އެ ދަތުރުފަތުރުގެ ނިޒާމު ޤާއިމުކޮށްގެން ކަންތައްތައް ނުކުރެވުނުކަން އަޅުގަނޑުމެންނަށް އެނގޭ. ކީއްކުރަންތޯ ކަނޑުމަގުން ދަތުރުކުރަންވީ، ވައިގެ މަގުން ދަތުރުކުރެވޭ ކަމަށްވަންޏާ. މާލެއިން ފުރައިގެން އަންނަ އެއްވެސް މީހަކު ނުވިސްނާނެ، މި ހިސާބަށް އަންނާކަށް. ކަނޑުމަގުން އަންނާކަށް ނުވިސްނާނެ. އެ ފަސޭހަކަމާއި، އެ އުއްމީދު، ރައީސް ޔާމީން ތިޔަބޭފުޅުންނަށް މި ހުށަހެޅީ. އެހެންވީމާ، އެ މަސައްކަތް މިހާރު އެއޮތީ ފެށިފައި.

 

ކުރީގައި، އަޅުގަނޑުމެންނަށް އެންމެބޮޑު ވާހަކައެއްގެގޮތަށް އެމް.ޑީ.ޕީ. ސަރުކާރުން އިޢުލާނު ކުރައްވައިގެން ގެންދެވި ވާހަކައަކީ، ދަތުރުފަތުރުގެ ނިޒާމު. މިއަދު މިރަށުގައި ހުރެގެން މިވާހަކަ، އަޅުގަނޑުގެ ހަނދާނަށްވެސް ގެންނަން ބޭނުންވޭ. ކޮބައިތޯ އެ ދަތުރުފަތުރުގެ ނިޒާމު. ކޮންތާކުތޯ އެ ނިޒާމުވީ. އެ ނިޒާމު ވީތަނެއް މިއަދަކު ނޭނގެ. އެ ނިޒާމާ ގުޅިގެން އަޅުގަނޑު ދެންނެވިން، ޖަވާބުދާރީވާންޖެހޭ ކަންތައްތަކެއް އެބަހުއްޓޭ. އެ ނިޒާމު ހިންގުމަށްޓަކައި، ނިޒާމު ހަވާލުކުރީ އެކި ފަރާތްތަކަށް. ރާއްޖޭ އެކި ހިސާބު، ހަތަރު ފަސް ދިމާއަކަށް ހަވާލުކޮށްގެން، ރަށްރަށް އެބަހުރި ގޮސްފައި، ޓޫރިސްޓު ރިޒޯޓުތައް ހަދަން. އެ ރަށްރަށެއް އަނބުރާ ސަރުކާރަށް ނުލިބުނު. އެކަމަކު، އޭގެ ބަދަލުގައި ދަތުރުފަތުރުގެ ނިޒާމެއްވެސް އަޅުގަނޑުމެންނަކަށް ނުލިބުނު. މީހުން އުޅޭ ރަށްރަށުން ބިން ކަނޑާފައި ދީފައި އެބަހުރި. އެ ބިމެއްވެސް ސަރުކާރަށް ލިބޭނެގޮތެއްނުވި. އަދި އޭގެ ބަދަލުވެސް ލިބޭނެގޮތެއްނުވި. އަދި، އެއާގުޅިގެން، ދަތުރުފަތުރުގެ ނިޒާމު، ކަށަވަރުކުރި ނިޒާމުގެ ތެރެއިން، ހަމައެންމެ ދިމާއެއްގައިވެސް ދަތުރުފަތުރުގެ ނިޒާމެއް ނުހިނގާ. އަޅުގަނޑު މި ހުށަހެޅީ، މާލެއާއި ހުވަދުއަތޮޅާ ދޭތެރޭގައި ވައިގެމަގުން ދަތުރުކުރަން. އަޅުގަނޑު ބަރޯސާއެއްނޫން އެއްގޮތަކަށްވެސް، ކަނޑުމަގުން ދަތުރުކުރާކަށް. އެއީ، އަންނަ ތަރައްޤީ. އެއާއެކީ، މި އަންނަ އުއްމީދަކީ، ރަށްރަށުގައި ޚާއްޞަކޮށް މި ދާއިރާގައި އުޅުއްވާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު މި ދާއިރާއިން ތަނަވަސްވެގެން މިދިޔައީ. ކޮންމެހެން މާލެ ކައިރިއަކަށް އަންނާކަށް ނުޖެހޭ، ވަޒީފާގެ ފުރުޞަތު ހޯދާކަށް މިހާރަކު.

 

އެހެންވީމާ، އެއްގޮތަކަށްވެސް މާލޭގައި ހައުސިންގ ސްކީމެއް، ވިލިމާލެ 2 ގައި އިޢުލާނު ކުރުމުން، އޭގެ މާނައަކީ، މި ހިސާބުން ހުރިހާ އެންމެން މާލެ އަންނާށެކޭ ނޫން. އެކަމަކު، މާލެ ވަޑައިގަންނަވަން ބޭނުންފުޅިއްޔާ، އަޅުގަނޑު ދަންނަވާނީ މަރުޙަބާއޭ. އަވަހަށް ވަޑައިގަންނަވާށޭ. މާލެއަކީ ވަކި ބައެއްގެ ރަށެއް ނޫން. މާލެއަކީ، އަޅުގަނޑުމެން އެންމެންގެ ރަށެއް. އެކަމަކު، މި ހިސާބުން ޓޫރިޒަމާއި ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމުގެ ބޭނުމަކަށް މިވަނީ، ހަމަ ދަންނަވާލާނަން. މި ހިސާބުގެ ޒުވާނުން މި ހިސާބުގައި ތިއްބަވައިގެންވެސް ހަމަ މަސައްކަތް ލިބޭނޭ، އާމްދަނީ ހޯދޭނޭ ވަސީލަތްތައް ފުރިހަމަވެގެންދާނޭ. އެކަން ކުރައްވަން ކޮންމެހެން ލާޒިމެއް ނޫނޭ މާލެއަށް ވަޑައިގަންނަވާކަން. އެކަމަކު، މާލެއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ޗޮއިސް އެބައޮތޭ، އެ އިޚްތިޔާރު އެބައޮތޭ. އެހެން އަންނަ މީހުންނަށް، އަޅުގަނޑު ބުނީ މާލޭގައި ގެދޮރުވެރިކަން، މާލޭގެ ސަރަޙައްދުން އަޅުގަނޑު ހޯދައިދޭނަމޭ.

 

ދަތުރުފަތުރުގެ ނިޒާމުގެ ވާހަކަ ދައްކާއިރު، ދަތުރުފަތުރުގެ ނިޒާމު އެހާ ބަލިހާލުގައި އޮތީމައާއެކީ، ސަރުކާރަށް އެހާބޮޑު ގެއްލުންތައްވެފައި އޮތީމައާއެކީ، އަޅުގަނޑުމެން ދަތުރުފަތުރުގެ ނިޒާމު ހަވާލުކުރީ އެމް.ޓީ.ސީ.ސީ.އާ. އެމް.ޓީ.ސީ.ސީ. ގެ ސީ.އީ.އޯ، މިތާނގައި މި އިންނެވީ އަޅުގަނޑުމެންނާއެކީ. އެ ދަތުރުފަތުރުގެ ނިޒާމު އެމް.ޓީ.ސީ.ސީ. އާ ހަވާލުވެގެން ދިޔައީމާ، ފުރަތަމަ އަހަރުވެސް އަޅުގަނޑަށް ލިބިފައި އޮތް ހިސާބުގައި ވެއްޖިއްޔާ، ފުރަތަމަ އަހަރުވެސް ގާތްގަނޑަކަށް ހައެއްކަ މިލިއަން ރުފިޔާ ގެއްލުންވެގެންދިޔައީ. މިދިޔަ އަހަރާ ހަމައަށް އައިއިރު، ފަންސާހަކަށް މިލިއަން ރުފިޔާ އެއިން ގެއްލުންވެގެން ދިޔައީ. 50 ކޮންމެވެސް މިލިއަނެއް ގެއްލުންވެގެން ދިޔައީ. މިއީ، އެހެން ސަރުކާރުތަކުން ކޮށްފައި ހުންނަ ކަންތައްތަކުން، އަޅުގަނޑުމެން އުފުލަންޖެހޭ ބުރަ. އެހާބޮޑު ބުރައިގައި، އެމް.ޓީ.ސީ.ސީ. މިއަދުވެސް އެ މަސައްކަތް ކުރަނީ. އެކަމަކު، މި ހުރިހާ ބުރައެއް އުފައްދާފައިވެސް، އެމް.ޓީ.ސީ.ސީ. އަކީ މިއަދު ޤާބިލު، ހަކަތަ ހުރި ކުންފުންޏަކަށް މި ސަރުކާރުން ހަދައިދިނީ، ސަރުކާރުގެ ކުންފުނިތައް ވަރުގަދަވެގެން ނޫނީވިއްޔާ، އަޅުގަނޑުމެން ބޭނުންވާ އިޤްތިޞާދީ ތަރައްޤީ އަޅުގަނޑުމެން ބޭނުންވާ ބާރުމިނުގައި ނުކުރެވޭނެކަން ގަބޫލުކުރާތީ. އެކަންކުރީމާ، މިއަދު އެމް.ޓީ.ސީ.ސީ. އަކީ، މި ހުރިހާ ދަރަންޏެއް އަދާކޮށްފައި، ނޫނީވިއްޔާ މި ހުރިހާ އުނދަގުލެއް އުފުލާފައިވެސް، އެމް.ޓީ.ސީ.ސީ. ގާތްގަނޑަކަށް 200 މިލިއަން ނެޓް ފައިދާ ދައްކާވަރުގެ ކުންފުންޏަކަށް ކައިރިވެފައި މިއޮތީ. އެއީ، ކުންފުނިތައް ވަރުގަދަކުރީމާ މި ލިބޭ ނަތީޖާއަކީ. އަޅުގަނޑުމެން މިއަދު އަރާފައި ވާހަކަ ދައްކާނެކަމެއްނެތް.

 

ބޮޑެތި ބިޔަ މަޝްރޫޢުތައް ރާއްޖޭގެ އެކި ހިސާބަށް މިއަންނަނީ. މާލޭގެ ސަރަޙައްދަށް، ބޮޑެތި ބިޔަ މަޝްރޫޢުތައް އައީ އަޅުގަނޑުމެން ތަފާތު މާގިނަ ކަންތައްތަކެއް ކޮށްދީގެނެއްނޫން. އެކަމަކު، އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތައް ރާއްޖޭގެ ބޭރުގެ ފަރާތްތަކުން، ރާއްޖެއަށް އަންނާނީ ކޮން ސަބަބަކާހުރެތޯ އަޅުގަނޑުމެން ވިސްނާލަންވާނެ. އަޅުގަނޑުމެންނަށްވުރެ ފުދުންތެރިކަން މާބޮޑެތި ރަށްރަށް އަޅުގަނޑުމެންގެ ކައިރީގައި އެހެރީ. އަދި، އެމީހުން ޓަކިޖަހާފައި، މަސައްކަތްކުރަންދާ ކަމަށްވަންޏާ، މާ ބޮޑެތި ކަންތައްތަކެއް އެބަހުރި. ކީއްވެގެންތޯ ރާއްޖެއަށް މި އަންނަނީ. ރާއްޖެއަށް މި އަންނަ ސަބަބަކީ، ކޮންމެހެން ރާއްޖެއިން އިތުރު ޢިނާޔަތްތަކެއްދޭ ވާހަކަތަކެއް ދައްކާތީއެއްނޫން. މިއަދު، އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުން މިދައްކަވާ ވާހަކައަކީ، އިތުރު ޢިނާޔަތްތައް ދެއްވާނަމޭ. އަޅުގަނޑު ނެތިން އިތުރު ޢިނާޔަތެއް ދޭކަށް. އިތުރު ޢިނާޔަތް ނުދީ، މިހާރުވެސް އެ އަންނަ ބޮޑެތި އިންވެސްޓްމަންޓުތައް އެ އަންނަނީ. މިހާރު އަންނަނީ ރާއްޖޭގެ ސްކޭލުން މެގަ އިންވެސްޓްމަންޓުތައް. އެނބޫދޫ ފިނޮޅު ފަޅުގެ ތެރޭގައި ހެދެމުންދާ ތައިލެންޑުގެ ރިޒޯޓަށް ބަލާކަމަށްވަންޏާ، އެ ރިޒޯޓުން އެކަނި އިންވެސްޓްމަންޓުގެ ޚަރަދަކީ، 1000 މިލިއަން ޑޮލަރު. 1000 މިލިއަން ޑޮލަރު.

 

އަޅުގަނޑު ދަންނަވާލިން ދޮގެއްތޯ، މި ދާއިރާއިން އަޅުގަނޑު ހަމަ މީގައި މެގްނިޓިއުޑް، ތިޔަބޭފުޅުންގެ ނަޒަރިއްޔާއަށް ގެންނެވުމަށްޓަކައި ދަންނަވާލާ ވާހަކައެއް މިއީ. މިދާއިރާގައި 15 ރަށް، އެވްރެޖްކޮށް 200 ބެޑުގެ 15 ރަށް ހަދާކަމަށްވަންޏާ، މިދައްކަނީ، 500 މިލިއަން ޑޮލަރުގެ ވާހަކަ. އެނބޫދޫ ފިނޮޅު ފަޅުތެރޭގައި އެންމެ ރިޒޯޓަކީ، މީގެ ދެ ގުނަ. އެއީ، އަޅުގަނޑުމެން ޤާނޫނަށް ގެނައި ބައެއް ބަދަލު. އެއާއެކީ، އެންމެ ބޮޑު ކަމަކީ، އިޤްތިޞާދުގެ ފަންޑަމެންޓަލްސް ރަނގަޅަށް ހުރުން. އެހެންވީމާ، އިންސެންޓިވް ދިނުމެއްނޫން މީގެ ބޭނުމަކީ. ކިތަންމެ ވަރަކަށް އިންސެންޓިވް ދިން ކަމުގައިވީނަމަވެސް، ރަނގަޅު ހަރުދަނާ އިޤްތިޞާދެއް ނެތްކަމަށްވަންޏާ، މިކަންކުރާނެ މީހުނެއް ނާންނާނެ. އަޅުގަނޑުމެންނަށް އިންސެންޓިވް ދެވިދާނެ ކިތަންމެ ވަރަކަށްވެސް. އަޅުގަނޑުމެންނަށް ލިޔެވިދާނެ، 99 އަހަރުގެ ވާހަކަވެސް.

 

އެކަމަކު، މި ވާހަކަ ދައްކަވާ ބޭފުޅުން، އެންމެ ފުރަތަމަ މި ދައްކަވާ ވާހަކައަކީ، ރައީސް ޔާމީނުގެ ސަރުކާރުގައި މިއޮތީ، ބިން ގަނެވޭގޮތަށް ހަމަޖައްސާފައޭ. ތިމަންނާމެން އެންމެ ފުރަތަމަ ކުރާނެ ކަންކަމުގެ ތެރޭގައި ބިން މިލްކު ކުރުން މަނާކުރާނަމޭ. މި ވާހަކަ ދިމައެއްނުވޭ. ބޭރުގެ ބޮޑެތި މަސައްކަތްތައް މިތަނަށް އަންނަ ކަމަށްވަންޏާ، އެމީހުންނަށް ބިން ގަނެވޭގޮތަށް އޮތުން އެއީ، އެމީހުންނަށް ލިބޭ އެންމެ ބޮޑު އިންސެންޓިވް. އެހެންވީމާ، ފުރަތަމައިނުންވެސް، ބިން ނުގަނެވޭނޭގޮތަށް މި ހަދާ ކަމަށްވަންޏާ، އިންސެންޓިވް ދޭ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން މި ދައްކަނީ، އެންމެ ބޮޑަށް ބޭނުންވާ ކަންތައްތަކަށް. ކާކުތޯ މިތަނަށް އަންނާނީ، 1000 މިލިއަން ޑޮލަރު ހިފައިގެން އިންވެސްޓް ކުރަން. އޭނައަށް އެތަން ހިންގަން ލިބޭ މުއްދަތަކީ 35 އަހަރު ކަމަށްވަންޏާ. ކާކު އަންނާނީ މިތަނަށް. އެކަކުވެސް ނާންނާނެ. އެކަމަކު އޭގެ ބަދަލުގައި، އެ ބިމަކީ، އެ މީހުން އެތަނުގައި މަސައްކަތްކުރާހާ ދުވަހަކު، އެމީހުންނަށް އޮންނާނެ ފްރީ ހޯލްޑް ރައިޓެއް ކަމަށްވަންޏާ، 99 އަހަރު ނޫނީވިއްޔާ، ބިން މިލްކު ކުރެވޭގޮތަށް އޮތިއްޔާ، މިރަށަށް އަންނާނެ، ރާއްޖެއަށް އަންނާނެ އިންވެސްޓަރުން މަދެއް ނުވާނެ. އެ ސަބަބު އަޅުގަނޑުމެން ޤާނޫނުގެ ތެރެއިން އެ ހޯދީ. އެ ސަބަބު ޤާނޫނުގެ ތެރެއިން ހޯދިއިރު، އެއީކީ، ވަކި މީހަކަށް، ވަކި ބަޔަކަށް ހޯދައިދިން މަންފާއެއްނޫން. އެއީ، އެންމެންނަށް ހޯދައިދިން މަންފާ. އަދި، އެ މަންފާ ހޯދައި ދިނުމުގައި، މިއަދު އެއަށް އަޅުގަނޑުމެންނަށް ފާޑު އިވެމުންދާއިރު، އެ ބިލް އަޅުގަނޑުމެން ފާސްކުރީ. ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެސްގެން، އަޅުގަނޑުމެން އެކަން ކުރެވޭގޮތަށް، ބައެއް ކަންތައްތައް ނިންމިއިރު. ޝައްކެއްވެސްނެތްގޮތުގައި، ހުރިހާ ޕާޓީތަކަކުން ވޯޓު ލިބިގެން ނޫނީވިއްޔާ، މިކަމެއް ނުވާނެ. ޕީ.ޕީ.އެމް.، އެމް.ޑީ.އޭ. ގެ މީހުންގެ ވޯޓަކުން އެކަންޏެއް މިކަމެއް ނުވާނެ. އަދި، ނައިބު ރައީސެއްގެ ޢުމުރު، ނައިބު ރައީސްކަން ކުރާ މީހެއްގެ ޢުމުރު 35 އަހަރާ ހަމައަށް، އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު އަދާކުރާ މީހެއްގެ ޢުމުރު 35 އާ ހަމައަށް އަޅުގަނޑުމެން ޖައްސާއިރު، އަޅުގަނޑުމެންނަކަށް ޤާނޫނުއަސާސީއެއް އިޞްލާޙެއް ނުކުރެވޭނެ، ހަމައެކަނި ޕީ.ޕީ.އެމް. ގެ މެންބަރުންނަކަށް. އަޅުގަނޑު ހަނދާންވަނީ 30 އަހަރޭ، ދޮގެއްތޯ. ހަމަ މިހެން ކުށެއް ކިޔާއިރަށް ނޫސްތަކުގައި ޖަހާނެ.

 

މިއަދު ރިޟުވާނުގެ ވާހަކައިގައިވެސް އަޅުގަނޑު މަޢާފަށް އެދެން. ރިޟުވާނުގެ ވާހަކައިގައި އަޅުގަނޑު ނިންމީކީއެއް، އެއްގޮތަކަށްވެސް އޭނާ މަރުވިތޯ ނޫންތޯއެއް ނޫން. އަޅުގަނޑު މިއީ، ޝަރުޢީގޮތުން މީހަކު މަރުވިތޯ ނޫންތޯ ނިންމާ މީހާއެއް ނޫން އިނގޭތޯ. އެކަން ފުލުހުންގެ ތަޙުޤީޤުން އެނގޭނެ. އަޅުގަނޑުގެ މަޠުލަބަކަށްވީ، އަޅުގަނޑުގެ މުރާދަކަށްވީ، އެ ވާހަކައިގެ މުރާދަކަށްވީ، އަދީބު އެ ދައްކަވާ ވާހަކައަކީ، އަސާސެއްނެތް، ބޭސްލެސް ވާހަކައެކޭ. އޭނާ ވީތަން ހޯދާކަށް ކެބިނެޓުގައި ކުރެވުނު މަސައްކަތްތަކެއް ނޯންނާނެ. މި ތިއްބެވީ ކެބިނެޓުގެ މިނިސްޓަރުން. އެހެންވީމާ، އަޅުގަނޑުގެ ބަހުގެ މުރާދަކަށްވީ، އެކަހަލަ މަސައްކަތްތަކެއް އަޅުގަނޑު ނުކުރަމޭ. އެއީ، ރޯ ދޮގު ވާހަކައޭ. އެއްގޮތަކަށްވެސް، އަޅުގަނޑުގެ މުރާދަކަށްވީ، ރިޟްވާނު މަރުވިކަން ކަށަވަރު ކުރުމެއްނޫން. ﷲ ގެ ރަޙްމަތުން، އިރާދަކުރެއްވިއްޔާ، ރިޟްވާނު މަރެއް ނުވާނެ. އަޅުގަނޑުމެންނަށް އޭނާ ހޯދޭނެވެސްމޭ. އެހެންނަމަވެސް، އެއެއްނޫން، އެއީކީއެއްނޫން އަޅުގަނޑު އެ ވާހަކަ ދެންނެވި މަސްދަރަކަށްވީ، އެއީކީއެއްނޫން.

 

އެހެންވީމާ، މިއަދުވެސް އަނެއްކާ 35 އަހަރުތޯ، 30 ތޯ، ނޫހުގައި ޖަހާނީ އަޅުގަނޑު ބުނާ އެއްޗެއް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން މިއުޅެނީ، އެ ޖެއްސީކީ ވަކި މީހަކަށް ވަކި ފައިދާއެއް ހޯދައިދޭކަށެއްނޫން. މިއަދުގެ އިޤްތިޞާދާއި، މިއަދުގެ ހުރިހާ މަސައްކަތްތައް ކުރަން މިތިބި ޒުވާނުން. ޒުވާނުން ފަސްޓް ޑިގްރީ ހަދައިގެން، ދެވަނަ ޑިގްރީ ހަދައިގެން، ނޫނީވިއްޔާ، ޕީ.އެޗް.ޑީ. ހަދައިގެން އައިސް ސަރުކާރުގައި ދިހަވަރަކަށް އަހަރުވާއިރު، ސަރުކާރުގައި ޚިދުމަތުގެ ތަޖުރިބާ، އެއްކޮޅުން އަނެއްކޮޅަށް އެހެރީ ލިބިފައި. އެ ޢުމުރުގައި ތަޖުރިބާ ލިބިފައި ހުންނަ މީހަކު، ޢުމުރަށް ބަލައިލައިފިކަމަށްވަންޏާ، އަދި އޭނާއަށް 30 އަހަރުވެފައި ހުންނާނީ. އެހެންވީމާ، ކީއްވެގެންތޯ، ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު، ނޫނީވިއްޔާ ވަޒީރުންގެ މަޤާމު، ނޫނީވިއްޔާ ނައިބު ރައީސްގެ މަޤާމު ނުފުރެންވީ، ފުރޭނެ. އަނެއްކާ އޭގެ ބަދަލުގައި، 65 އަހަރުން މަތީގެ މީހުންނަށް، މި މަޤާމުތައް ނުފުރޭ ސަބަބު، ނޫނީވިއްޔާ ވަކި މީހަކަށް ފެހި ސޫޓެއް ނޫން އެއީކީއެއް. ވަކި މީހަކަށް ފަހާދިން ގަމީހެއްވެސް ނޫން އެއީކީއެއް. އޭގެވެސް އަސާސަކީ މިއީ.

 

މިއަދު ރާއްޖެ ކޮއްޕަން ތިބީ ޒުވާނުން. މިއަދު ރާއްޖެ މި ހިނގަނީ ޒުވާނުންގެ ހަކަތައިން. ކޮންމެ މީހަކުވެސް ހަމަ އިންޖީނު ބާވާ އުސޫލުން، އިންޖީނުވެސް، އެއްގަމުގައި ދުއްވާ އިންޖީނުވެސް، 10 އަހަރުވީމާ، 15 އަހަރުވީމާ ބާވާނެ. ދެން ޖެހޭނީ އިންޖީނު ބަދަލުކުރަން. ކާރު އާކުރަން ޖެހޭނީ. އެހެންވީމާ، އިންޖީނުވެސް ބާވާ އުސޫލުން، އަޅުގަނޑުމެންގެ ހަށިގަނޑުގައިވެސް މިހުރީ އިންޖީނުތަކެއް. އަޅުގަނޑުމެންނަކަށް މި ރަށްރަށަށް އައިސް ޒިޔާރަތްކޮށްފައި، މި އަންނަ ފަރިތަ މިނުގައި އައިސް، މިހެން ނެހެދޭނެ، އަޅުގަނޑުމެންގެ ޢުމުރު 70 އަހަރު، 75 އަހަރަށް ދިޔައިމައެއް. އަދި، 70 އަހަރު، 75 އަހަރުވީމާ، މިހާރު މި ގެންދާ ސްޕީޑުގައި ކަންކަމެއް ނުކުރެވޭނެ. ގައިމު، ސްޕީޑުގައި ކަންތައްތަކެއް ކުރެވޭތީ ދޮގެއްތޯ، މިރަށަށްވެސް ވަޑައިގަންނަވާނެ، އެ ބޭބޭފުޅުން. ވަޑައިގެން ވިދާޅުވާނެ، މިރަށުގައި ރައީސް ޔާމީން ބަނދަރު ހަދާފައި ހުއްޓަސް، ވަޑައިގެން މިރަށުގައި ވިދާޅުވާނެ، މިރަށުގައި އަނެއްކާވެސް ބަނދަރެއް ހަދައިދޭނަމޭވެސް. އަނެއްކާ، ހަމަ މިރަށުގައި ވިދާޅުވާނެ، އެއަރޕޯޓެއް އަޅާނަމޭވެސް. އެހެންވީމާ، މި ސްޕީޑުގައި ކަންތައް ކުރަންވީމާ، ދެންޖެހޭނީ، މި ސްޕީޑުގައި ދެން އަންނަ މީހުންވެސް ހިނގަން.

 

އެހެންވީމާ، މިއޮތީ ޓްރެންޑެއް ސެޓް ކުރެވިފައި. އެއީ، ޒުވާނުންގެ ހަކަތަ މިއޮތީ ފެންނަން. ޒުވާނުންގެ ކޮންޓްރިބިއުޝަން މިއޮތީ ފެންނަން. އެހެންވީމާ، އެ ސަބަބަށްޓަކައި، އަޅުގަނޑުމެން ނިންމީ، ޒުވާނުންގެ ދިވެހިރާއްޖެއަކީ، މިއަދުގެ ދިވެހިރާއްޖެއޭ. ޒުވާނުންނޭ ކަންތައްތައް ކުރަން މިތިބީ. އެހެންވީމާ، ޒުވާނުން ކަންތައްތައް ކުރެވޭއިރު، ކަންތައްތައް ބާރަށް ގެންދެވޭނެ. އެހެންވެގެން، އަޅުގަނޑުމެން ގަބޫލުކުރީ، ވަކި ޢުމުރެއްގެ ބައެއްގެ، ލާ ޖަހާފައި އޮންނަ ތަރިކައެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ވެރިކަން އޮވެގެން ނުވާނެއޭ. އެ ފުރުޞަތު އޮންނަންވާނެއޭ، ޤާނޫނުން ހުރިހާ އެންމެންނަށްވެސް ހުޅުވާލާފައި. މިހާރު އޮތީ، އެ ފުރުޞަތު އެގޮތަށް ހުޅުވާލެވިފައި. އެހެންވީމާ، އޭގެ ކުރީގައި އޮތްގޮތް މި ދެންނެވީ. އޭގެ ކުރީގައި އޮތްގޮތުން ވެއްޖިއްޔާ، މި ދެންނެވި ޢުމުރުގެ މީހުންވެސް ހަމަ ކުރިމަތި ލާންވީ. އެކަމަކު އެ ހަކަތައިގައި އަޅުގަނޑު މިއަދު މި ބޭނުންވާ ސްޕީޑުގައި ކަންތައްތަކެއް ނުކުރާނެ، އެ އުމުރުގެ މީހުންގެ ކުރިމަތިލައިގެން. އެހެންވީމާ، މިކަހަލަ ވާހަކަ ދައްކާއިރު، އިންވެސްޓްމެންޓުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ.

 

މި ރަށުގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެން އިންވެސްޓްމެންޓުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން ދެއްކި އެއް ވާހަކައަކަށް މިއޮތީ، އެސް.ޓީ.އޯ.ގެ ވާހަކަ. މި ރަށަކީ، މަސްވެރި ރަށެއް. މިފްކޯއަށް މިފްކޯގެ ޒާތުގައި މިފްކޯއަށް މަސައްކަތް ނުކުރެވިގެން، އަޅުގަނޑުމެން ޙަޤީޤަތުގައި މަސްވެރިކަމުގެ ދާއިރާ، މިފްކޯ، އެސް.ޓީ.އޯ. އާ ހަވާލުކުރީ. އެސް.ޓީ.އޯ. ގައި އަދި އެ ހަކަތަ ހުރީމާ. މާލީގޮތުން، އެސް.ޓީ.އޯ. އަކީ ކެރިފޯރުންތެރި ކުންފުންޏަކަށްވާތީ، މިފްކޯއަށް މިވާ ހުރިހާ ގެއްލުމެއް އެސް.ޓީ.އޯ. ބޮލުގައި އަޅުވަން މިކަންކަން މިކުރަނީ. ކިހިނެއްތޯ، އިހަށްދުވަހާ ޖެހެންދެން، މިދޭތެރެއިން މިއޮތް ގާތްގަނޑަކަށް ހަތަރު މިލިއަނެއްހާ ރުފިޔާ މަސްވެރިން ބޭނި މަހުގެ އަގު އެ އޮތީ ނުދެއްކިފައި. ހަމަ މިފްކޯއަށް ނުދެއްކުނީ، އެ ފައިސާ. މިފްކޯގައި އެ ފައިސާ ނެތިގެން ނުދެއްކުނީ. ހަމަ އެސް.ޓީ.އޯ. އިން މިފްކޯ ބެއިލްއައުޓް ކޮށްދިނީ. ހަމަ އެސް.ޓީ.އޯ. އިން އެކަންކުރީ. ހަމަ އެސް.ޓީ.އޯ. ގެ ހަކަތަހުރީމާ، އެކަންކުރެވުނީ.

 

ދެން މިހާރުވެސް މި އުފައްދާ ނިޒާމުގެ ތެރެއިން، ފަރެސްމާތޮޑާގައި އަޅުގަނޑު ދަންނަވާލާނަން. ހަމަ މަޑަވެލީގެ ރައްޔިތުންވެސް އައްސަވާނެ. އަދި ވިލިނގިލީގެ ރައްޔިތުންވެސް މި ވާހަކަ އައްސަވާނެ. އަޅުގަނޑުމެން ބަލައިލި ހަމަ ކޮންމެ ދިމާއެއްގައި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހެނީ. އެކަމަކު މި އަންނަ ފަސް އަހަރު ޚާއްޞަ މަސައްކަތްތަކެއް އެބަ ކުރަންޖެހޭކަން އަޅުގަނޑަށް ގަބޫލުކުރެވޭ، މަސްވެރިންގެ ޙައްޤުގައި. އެންމެ ފުރަތަމަ ކަމަކަށް ފިޝަރީޒުން އެ ކުރައްވާ އެއްކަމަކީ، ޒުވާނުން މަސްވެރިކަމަށް ނެރުމަށްޓަކައި، އާ ޖީލެއްގެ، އާ ޖެނެރޭޝަނެއްގެ ދޯނިފަހަރު ތަޢާރުފުކުރައްވަން މި މަސައްކަތް ކުރައްވަނީ. އަދި އެ ދޯނިފަހަރަކީ، އޭގެ ބޮޑެތި ދޯނިފަހަރުގައި އަމިއްލައަށް އައިސް އުފައްދައިގެން ސެލްފް ސަސްޓެއިންޑް ޔުނިޓުތަކެއްގެ ގޮތުގައި ހިނގާނެ.

 

އެހެންވީމާ، ކޮންމެހެންނެއް ފަރެސްމާތޮޑާގައި އައިސްޕްލާންޓެއް ހުންނާކަށް، ނޫނީވިއްޔާ، މަޑަވެލީގައި، އައިސްޕްލާންޓެއް ހުންނާކަށް މި ދޯނިތަކެއް ބޭނުމެއްނުވާނެ. މި ދޯނިތަކުގައި އައިސް އުފައްދާނެ. އައިސް އުފައްދައިގެން އެ މީހުން ބޭނުންވާ ހުރިހާ އައިސްއެއް އެ ދޯނިފަހަރުން ލިބޭގޮތަށް، އެ ޖެނެރޭޝަނުގައި އުޅަނދުފަހަރުގައި މި އުފައްދަނީ.

 

ދެވަނަ ކަމަކަށް އަޅުގަނޑުމެން ދަންނަވާލީ، މަސްވެރިންނަށް އަބަދުވެސް ނުކުންނަ މައްސަލައަކީ، އެ މީހުން ބާނާ މަހަށް އަޅުގަނޑުމެން ވަގުތުން ފައިސާ ނުދެވޭތީއޭ. މިއަދު މިކަން ކޮންމެވެސް ވަރަކަށް ޙައްލު ކުރެވެމުން މިދަނީ، މިފްކޯއަށް މިކަން ކުރުމުގެ ޤާބިލުކަން ނޯންނައިރު، އެސް.ޓީ.އޯ. އިން އެކަންކޮށްދޭތީ. އެހެންވީމާ، ދެން އެސް.ޓީ.އޯ. ގެ ފިޔަކޮށާލައިފައި، އެސް.ޓީ.އޯ. އިން ކުރާ ހުރިހާ ވިޔަފާރިތައް، ފައިދާހުރި ހުރިހާ ވިޔަފާރިތައް، އަމިއްލަ ކުންފުނިތަކަށް ނޫނީ ބޭރުގެ ކުންފުނިތަކާ ހަވާލުކުރީމާ، އެސް.ޓީ.އޯ. އަކަށް މިއިން އެއްވެސްކަމެއް ނުކުރެވޭނެ.

 

އެހެންވީމާ، މި އަންނަނީ ހަމައެކަނި ފާމަސީތަކުގެ ވާހަކައެއްނޫން. ނުކުންނަ ވާހަކައަކީ، ފެނަކާއިން މިހާރު އެ ދޫކުރާ ތެޔޮ، އެ ހިނގަނީ، ކްރެޑިޓަށް. މިތަންތަނުގައި ހުރި އިންޖީނުގެތައް ހުއްޓޭނެ. އެތައް ބައިވަރު ވަޒީފާއެއް ގެއްލިގެންދާނެ. އެހެންވީމާ، އެއަކުންނެއް، އަޅުގަނޑުމެންގެ އިޤްތިޞާދީ ފަންޑަމެންޓަލްސް ރަނގަޅުވީކީނޫން. ރަނގަޅުނުވާ ކަމަށްވަންޏާ، އިންވެސްޓްކުރާނެ ބޭރުގެ ފަރާތްތަކެއް ނާންނާނެ.

 

އަޅުގަނޑުމެން ފިކުރުކޮށްކޮށް، ކުރެވެންއޮތް އެންމެ ރަނގަޅުކަމެއްގެ ގޮތަށް، ނޫނީ އެންމެރަނގަޅު ވިސްނުމަކަށް، ގެނެވުނު ވާހަކަވެސް އަޅުގަނޑުމެން ދަންނަވާލާނަން. އަޅުގަނޑު މިހާރު އެއްބަސްވެފައި މަސްވެރިކަމުގެ ދާއިރާގައި މި ނުކުންނަ މަސްވެރިކަމަށް ކޮންމެވެސް ޙައްލެއް ގެނެވުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަ ދައްކާފައި އަޅުގަނޑުމެން ހަމަ ނިންމޭތޯ މި ބަލަނީ، މަސްވެރި ދޯނިފަހަރަށް އަޅުގަނޑުމެން ދޫކުރާނަން، ކްރެޑިޓް ކާޑެއް، ނޫނީ ޑެބިޓް ކާޑެއް. ޑެބިޓް ކާޑުގެ ބޭނުންހިފޭނެ ހަމަ ހުރިހާ ކަމެއްކުރަން. އޭގެ މާނައަކީ، ޑެބިޓް ކާޑުގެ ބޭނުންހިފޭނެ، އެދޯނިފަހަރަށް އެސް.ޓީ.އޯ. އިން ވިއްކާ ތެޔޮ ގަންނަން. ފައިސާނުދީ ތެޔޮ ގަނެވޭނެ. އަދި މިތާހުރި ވިޔަފާރިކުރާ ބޮޑެތި ފިހާރަތަކުން ކްރެޑިޓަށް މުދާ ނެގޭނެ. އެސް.ޓީ.އޯ. ގެ ހުރިހާ ވިޔަފާރިއަކުން ކްރެޑިޓަށް މުދާ ނެގޭނެ. އެހެންވީމާ، ވަރަށް މަދުކަމެއްގައި ނޫނީ، ވަރަށް މަދު ކަމެއްގައި ނޫނީވިއްޔާ، ފައިސާއެއް ބޭނުމެއްނުވާނެ.

 

އެކަމަކު ފައިސާ ބޭނުންވާނެ ކަންތައްތަކަށް އަނެއްކާވެސް އަޅުގަނޑުމެން ގޮތްތަކެއް ނިންމައިފީމު. މިއީ، ނިންމާފައި މިހާރު ފައިނަލައިޒްކޮށްފައި ހުރި ކަންތައް. ސަރުކާރަކީ، މިނިސްޓްރީ އޮފް ފިނޭންސް. މިނިސްޓްރީ އޮފް ފިނޭންސާއި އެސް.ޓީ.އޯ. އާ ގުޅިގެން މިހާރު ނިންމާފައި މިއޮތީ، މިފްކޯ އެއްކޮޅުގައި، އަނެއްކޮޅުގައި ފިނޭންސް ގުޅިގެން ނިންމާފައި މިއޮތީ، އަޅުގަނޑުމެން ފުރަތަމައިނުން 100 މިލިއަން ރުފިޔާގެ ފަންޑެއް އުފެއްދޭތޯ. ދެބައިކުޅަ އެއްބައި އެސް.ޓީ.އޯ. އިން ލާނީ. ދެބައިކުޅަ އެއްބައި ސަރުކާރުން ލާނީ. 50 މިލިއަން ސަރުކާރުން ލާނެ. 50 މިލިއަން އެސް.ޓީ.އޯ.، މިފްކޯއިން ލާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި މަޝްރޫޢު ހިނގަންފެށީމާ، ދެން މަސްވެރިން ބާނާބަހަށް ލާރި ނުދެވިގެން އުޅޭކަށް ނުޖެހޭނެ. މި މަޝްރޫޢު އިރާދަކުރެއްވިއްޔާ އަޅުގަނޑު ހިންގާނަން. އެހެންވީމާ، މަސްވެރިންނަށް އޮތް ހިތްހަމަނުޖެހުމަކީ، މީގެކުރީގައި މަސްވެރިން ބާނާ މަހަށް ލާރި ނުލިބުނު ކަމުގައިވީނަމަވެސް، މިހާރު މި ނިޒާމުތައް ހަމަޖެހިއްޖެ. އަޅުގަނޑު ހަމަ މި ވާހަކަ ދައްކާއިރަށް، އިދިކޮޅު ފަރާތްތަކުން ވިދާޅުވާނެ، ތިޔަކަމެއްނުވާނޭ.

 

އަޅުގަނޑު ދެންނެވިން، ޓޫރިސްޓް ރިޒޯޓުތަކުގައި މަސައްކަތްކުރާ ކުދިންނަށް ޒުވާނުންނަށް، ދިވެހި ޒުވާނުންނަށް، އަޅުގަނޑު މަޝްރޫޢެއް ރާވައިފީމޭ. އަޅުގަނޑު މަޝްރޫޢެއް ރާވާފައި އެ ވާހަކަ ދަންނަވަނީ، މަޝްރޫޢު ރާވާފައި އޮތީމާ. އަޅުގަނޑު ދެންނެވިން، އެ ދާއިރާގައި އުޅޭ މަސައްކަތްކުރާ ކުދިންނަށް އަޅުގަނޑު އެމްޕްލޯއިމަންޓް ބެނިފިޓް ސްކީމެއް ރާވައިފީމޭ. އަދި އަޅުގަނޑު އެ ބެނިފިޓް ސްކީމު ފެށުމަށްޓަކައި އިރާދަކުރެއްވިއްޔާ، 100 މިލިއަން ރުފިޔާ، މިނިސްޓްރީ އޮފް ފިނޭންސުން ޕްލެޖުކުރާނެ އެ ފަންޑަށް. އަދި ޓޫރިސްޓް ރިޒޯޓުތަކުގައި މަސައްކަތްކުރާ، ދިވެހި ޒުވާނުން އެ ފަންޑުގައި އެކަށީގެންވާ ގޮތަކަށް ބައިވެރިވަމުންދާ ކަމަށްވަންޏާ، އެ ފަންޑް އަޅުގަނޑު އިތުރުކުރަމުން ގެންދާނަން، 500 މިލިއަނާ ހަމައަށް. މީގެ ބޭނުމަކަށް ހަމަ ޙަޤީޤަތުގައިވެސް ވެގެންދާނީ، މީގެ ފައިދާ ހޯދަންކުރާ ކަންތައްތައް. އަޅުގަނޑު ކުރިން ރެއެއްގައި އިޢުލާނު ކުރިން. އޭގެތެރޭގައި ފްލެޓް ގަންނަން ބޭނުންވާ މީހުންނަށް ފްލެޓްގަތުން. ފްލެޓަށް ޑިޕޮޒިޓް ބަހައްޓަން ބޭނުންވާ މީހުންނަށް، ޑިޕޮޒިޓް ބެހެއްޓުން. ރަށުގެ ގެދޮރުއަޅަން ބޭނުންވާ މީހުންނަށް އެއިން ފައިސާ ޑްރޯޑައުންކުރަން. މިކަހަލަ އެއްވެސް ބޭފުޅަކު، ޚާއްޞަކޮށް އަޅުގަނޑާ އިދިކޮޅުގައި މަސައްކަތްކުރައްވާ ބޭފުޅުން ވިދާޅެއްނުވޭ، ރައީސް ޔާމީން އިޢުލާނު ކުރާކަމެއް ރައީސް ޔާމީނަކަށް ނުކުރެވޭނޭ. އެހެން ވިދާޅުވާކަށް ޙައްޤެއް ނޯންނާނެ. ރައީސް ޔާމީން އިޢުލާނު ކުރިކަމެއްވެއްޖިއްޔާ އިރާދަކުރެއްވިއްޔާ ރައީސް ޔާމީން މިހާތަނަށް ހުންނާނީ ޑެލިވަރކޮށްފައި.

 

އެހެންވީމާ، ނިސްބަތުން ކުރެވޭވަރުގެ ކަންތައްތައް އިރާދަކުރެއްވިއްޔާ، އަޅުގަނޑު މި އިޢުލާނު ކުރަނީ. މިއަށްވުރެ ޙަޤީޤަތުގައިވެސް އަޅުގަނޑުގެ ސިކުނޑިއަށް މާ އުނދަގޫވޭ، ދިވެހިރާއްޖޭގެ ހުރިހާ ޒުވާނުންނަށް 2030 ވަނަ އަހަރުގެ ނިޔަލާހަމައަށް ދާ ހުރިހާ ޒުވާނުންނަށް، 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ގެދޮރުވެރިކުރާނެ މަޝްރޫޢު، އެވެސް ބޮޑެތި ދިރާސާތަކަކަށްފަހު އަޅުގަނޑުމެން އިޢުލާނުކޮށްފައި އެއޮތީ. އެކަންވެސް އިރާދަކުރެއްވިއްޔާ ކުރެވޭނެ. އެހެންވީމާ، އެކަން ކުރާއިރު، އަޅުގަނޑަކަށް ނުވިސްނޭ، 100 މިލިއަން ރުފިޔާގެ ފަންޑެއް އުފައްދައިގެން، މަސްވެރިންނަށް ކާޑެއް ތަޢާރަފުކޮށް ދޯނިފަހަރަށް ކާޑުދީފައި، ތެޔޮ ގަތުމާ މިހުރިހާކަމެއް، ކާޑުގެ ތެރެއިން ޑެބިޓްވެގެންދާއިރު، އަޅުގަނޑަކަށް ނުވިސްނޭ މިކަން ނުކުރެވޭނެ ހަމަ އެއްވެސް ސަބަބެއް. ހަމަ މިކަންކަން މަސްވެރިންގެ ޙައްޤުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ކޮށްދޭނަން.

 

އަނެއްކާވެސް ހަމަ ވަގުތު ތަން ނުދޭތީއާއެކީގައި އަޅުގަނޑު ހަމަ ބްރޭކެއް ނަގަން މިޖެހެނީ. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަންވެސް އެބަޖެހޭ. ނިންމާލަމުންވެސް އަޅުގަނޑު ހަމަ ދަންނަވާނީ، އިރާދަކުރެއްވިއްޔާ މިކުރެވޭ މަސައްކަތްތަކަކީ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވާ، މީގެކުރީގައި ކަންތައްވީ ކިހިނެއްތޯ؟ މިހާރު ކަންތައް މިވަނީ ކިހިނެއްތޯ؟

 

ފަރެސްމާތޮޑާއިން ކުރީގެ ސަރުކާރަށް ވަޒީރަކު ދެއްވި. ފަރެސްމާތޮޑާއިން މިހާރުގެ ސަރުކާރަށް އެމް.ޕީ.އެއް ދެއްވި. އަޅުގަނޑު ތަފާތު ދަންނަވާލާނަން. އަޅުގަނޑުގެ ކުރީގެ ފަސް އަހަރުގައި ފަރެސްމާތޮޑާއަށް މުޅިއަކު ބޮޑެތި މަޝްރޫޢުތައް އައިސްފައިއޮތް ޖުމުލައަކީ 7.8 މިލިއަން ރުފިޔާ. 8 މިލިއަން ރުފިޔާ ނުހިމެނޭ. 8 މިލިއަން ރުފިޔާއާ ހަމައަށް ނުދޭ. މިއަދު ހިނގާފައިހުރި މަޝްރޫޢުތަކަށް މިހާރާހަމައަށް ފަރެސްމާތޮޑާއަށް ހޭދަވެއްޖެ، 105 މިލިއަން ރުފިޔާ. އަދި މިތާ، މި ދަނީ އެއަރޕޯޓެއް އަޅަމުން. އެއަރޕޯޓް މަޝްރޫޢު ނިމިގެން، މިކަންކަމަށް އަޅުގަނޑުމެން ދައްކަންޖެހޭ ފައިސާ ދައްކާއިރު، ފަރެސްމާތޮޑާއަށް އެކަނި މިއީކީ، މި ދާއިރާއެއްވެސްނޫން. ހަމަ ފަރެސްމާތޮޑާއަށް އެކަނި 200 މިލިއަން ރުފިޔާ، އަޅުގަނޑުގެ ހިސާބުތަކުން ދައްކާގޮތުން ވެއްޖިއްޔާ ހޭދަވާނެ.

 

އެހެންވީމާ، ކުރީގައި ކަންތައް ކުރެވިފައި ހުރިވަރު އެހެރީ. މިހާރު ކުރެވެމުންދާވަރު މިހުރީ. އެހެންވީމާ، މި ތަފާސްއަކީ ހަމަގައިމުވެސް، އެއްވެސް މީހަކަށް ޗެލެންޖްކުރެވޭނެ ތަފާސެއްނޫން. އެހެންވީމާ، މިއީ ރަށްރަށަށް އަންނަ ތަރައްޤީ. މި ތަރައްޤީއާއެކީ، ވިސްނަންވީ، ކިހިނެއްތޯ އަޅުގަނޑުމެން ދިވެހި ޒުވާނުންގެ ޖީބުތައް މިއަށްވުރެ ފުންކުރާނީ. އެކަންކުރުމަށްޓަކައި، އަޅުގަނޑު މިތަނުގައި އެއަރޕޯޓުވެސް މިއަޅަނީ. ދަތުރުފަތުރުގެ ފަސޭހަކަމާއެކީ، މި ސަރަޙައްދުގައިވެސް ދިވެހި ޒުވާނުންނަށް ވަޒީފާ ހޯދައިދޭން. އަޅުގަނޑުގެ ސަރުކާރުގެ މި ފަސް އަހަރުގެ މުޅި އަމާޒަށް މިވަނީ ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުޞަތު އިތުރުކުރުން. މީގެކުރީގައި އަޅުގަނޑު ފަސް އަހަރު ދަންނަވަމުން ދިޔައީ، އަޅުގަނޑު ބަލާނަމޭ، ރާއްޖެއަށް ދިމާވާ ހުރި ބޮޑެތި މައްސަލަތައް، ބޮޑެތި ގޮންޖެހުންތައް ޙައްލުކުރެވޭތޯ؟ އިރާދަކުރެއްވިއްޔާ އޭގެ އެ ހުރިހާ ބޮޑެތި ގޮންޖެހުން އެ ހުރީ، ގާތްގަނޑަކަށް ޙައްލުވެ ނިމިފައި.

 

އެހެންވީމާ، މިހާރު މިކުރެވޭ މަސައްކަތަކީ، ހަމަ ރައްޔިތުންގެ ޖީބު ތަނަވަސްކުރަންކުރާ މަސައްކަތް. މުޅި ރާއްޖެ ތަނަވަސްވާން ކުރާ މަސައްކަތް. ރާއްޖޭގެ ތަނަވަސްކަން އިތުރުވާ މިންވަރު، ދެންމެ ޠާރިޤު އެ ވިދާޅުވީ. އަޅުގަނޑު އުއްމީދުކުރަނީ، މިއަދު އެ އަދަދަކީ، ޤައުމީ ނިސްބަތުން ބޮލަކަށްޖެހޭވަރު، ބަހާލައިފިކަމަށްވަންޏާ، ގާތްގަނޑަކަށް 10,000 ޑޮލަރު. އަޅުގަނޑު ބޭނުންވަނީ ﷲ ގެ ރަޙުމަތާއެކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތް ކާމިޔާބުކަމާއެކީ، ނިމިއްޖެކަމަށްވަންޏާ، އަންނަ ފަސް އަހަރު ނިމިގެންދާއިރު، މި އަދަދު ޑަބަލްވެ 20,000 އެމެރިކާ ޑޮލަރަށް އަދަދު ބޮޑުވެގެންދިޔައިމާ، ދެން ބައްލަވާ! ރާއްޖެއަކީ، މި ސަރަޙައްދުގައި އޮތް އެންމެ ތަރައްޤީވެފައިވާ ޤައުމަކަށްވާނެ. މިހާރުވެސް ބޮލަކަށްޖެހޭ މިންވަރަށް ބަލާކަމަށްވަންޏާ، މި ސަރަޙައްދުގައި އޮތް، އެންމެ ތަނަވަސް ޤައުމުގެ ގޮތުގައި، ދިވެހިރާއްޖެ ހިމެނޭ. ހުރިހާކަމެއްގެ މަންފާ ލިބެންތިބީ، ޙަޤީޤަތުގައި ދިވެހި ޒުވާނުން.

 

އެހެންވީމާ، މި ސަރަޙައްދަށް 15 ރަށް ޓޫރިޒަމަށް އިޢުލާނުކޮށްފައި، މި ސަރަޙައްދަށް މި ދެންނެވި ގޮތަށް، ވަޒީފާގެ އަދަދު ގާތްގަނޑަކަށް 5000 ވަޒީފާގެ އަދަދު އިތުރުވެގެންދިޔުމަކީ، ފުރަތަމަ ފަސްއަހަރުގެ ތެރޭގައި ކުރާނެކަންތައް. އެކަމަކު ގއ. ގދ. އަކީ، އެންމެގިނަ ރަށްރަށްހުރި އަތޮޅުތައް. އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރޭގައި މިތަންތަނަށް އަންނާނީ، އެންމެ 15 ރަށެއްނޫން. މި ފަށައިގަތުމަށްޓަކައި އަޅުގަނޑު ދަންނަވާވަރު. ޙަޤީޤަތުގައި ބައިނަލްއަޤުވާމީ އެއަރޕޯޓް ނިމިގެން ކަމިޝަންކުރެވި ނިމިގެންދާއިރު، އަޅުގަނޑު 8 މިލިއަން ފަސިންޖަރުން ގެންނަކަމަށްވަންޏާ، އޭގެ ބޮޑުބައި އަންނާނީ، މި އަތޮޅަށް. އެއީ، މި އަތޮޅުގައި ބޮޑެތި ރީތި ރަށްރަށްހުރީމާ. އެހެންވީމާ، އުއްމީދުކުރައްވާ! މި އުއްމީދާއެކީ، ކުލަޖައްސައިދޭނެ މީހަކު ތިޔަބޭފުޅުންނަށް ލިބޭތޯ. އެކަމާދޭތެރޭގައި ތިޔަބޭފުޅުން ފާހަގައެއް ޖައްސަވާކަމަށްވަންޏާ، އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑުގެ ސޫރަކުރެހުން ނޫން ހަމަ އެހެންކަމެއް އެއްވެސް ބޭފުޅަކު ކުރައްވާނެ ކަމަކަށް. އަޅުގަނޑު މިހުރީ ތިޔަބޭފުޅުންނާއެކީ، ކުރިއަށްދާން މަސައްކަތްކުރަން.

 

މިއަދުވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، އަޅުގަނޑު ދަންނަވާނީ، އަނެއްކާވެސް އަޅުގަނޑަށް ފުރުޞަތު ދެއްވާށޭ. ފުރުޞަތު ދެއްވާފައި އަޅުގަނޑު މި ކުރާ ކަންތައް ކިހާވަރަކަށް، ކިހާވަރެއްގެ ހަކަތަ، ރައީސް ޔާމީނުގެ ހުރިތޯ ބައްލަވައިލައްވާށޭ. އޭރުން ދިވެހި ޒުވާނުންގެ އުއްމީދު ޙަޤީޤަތަކަށް ވެގެންދާތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ފަރެސްމާތޮޑާއިން. އެކަށީގެންވާ ވަރުގަދަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުއްމީދުކުރަން. މި ދާއިރާއިން، އަޅުގަނޑަށް ތާޢީދު ކޮށްދެއްވުމަކީ، ހަމަ ތިޔަ ހުރިހާ ރައްޔިތުން އަރިހުން އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކީ، އެދޭކަމެއް.

 

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތުގައި މާތްﷲ ގެ ބަރަކާތް މިންވަރު ކުރައްވާށި!

والسّـــــلام عليــكم ورحمــة اللّــــه وبـركاتــه.