بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

 އާދެ، މަޑަވެއްޔަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ގޮސް ރައްޔިތުންނާ ބައްދަލުކުރުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް. އެހެންނަމަވެސް، ރައީސުންނަށް އެ ވަގުތު ތަނަވަސްކުރަން ބޭނުންވާ މިންވަރަށް ތަނަވަސް ނުކުރެވިދަނީވެސް ހަމަ ރައްޔިތުންގެ ހުންނަ ބޭނުންތައް ފުއްދައިދިނުމަށްޓަކައި ރައީސުން މަސައްކަތް ކުރާތީ، އެ ވަގުތު ހޯދަން އެހާ ފަސޭހަ ނުވަނީ.

 

މަޑަވެއްޔަށް ޒިޔާރަތްކުރުމަކީ، އަޅުގަނޑަށް ޚާއްޞަ އުފަލެއް ލިބޭ ކަމަށްވާ އިތުރު ސަބަބެއް އަޅުގަނޑު ދަންނަވާލާނަން. މި ދާއިރާގެ މެންބަރު މުޢާޒު ރަޝީދުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، މަޑަވެއްޔަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑާ ދޭތެރޭގައި ވަރަށް ކަމޭ ހިއްތެވި ރަށެއް ކަމަށް. އެކަމަށްޓަކައި މަޑަވެލީގެ ރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ޝުކުރު ދަންނަވަން. މިއީ ހަމަ ޝައްކެއްވެސްނެތްގޮތުގައި މަޑަވެލީގައި މިއަދު މި ނިމިގެންދިޔަ ދެ މަޝްރޫޢު ހުޅުވައިދިނުމަށް އަޅުގަނޑު މިރަށަށް އަންނަން ކުރާ ޒިޔާރަތުގައި އިތުރަށް އަޅުގަނޑަށް ހިތްވަރު ލިބޭ، ނޫނިއްޔާ މަޑަވެލީ ރައްޔިތުންނާ އަޅުގަނޑު ބައްދަލުކުރަން ބޭނުންވާ ޝައުޤުވެރިކަން އޮތްކަން އިތުރަށް ދައްކައިދޭ ކަމަކަށް ވެގެންއެބަދޭ.

 

 އާދެ، މަޑަވެއްޔަށް ލިބޭ ކޮންމެ އުފަލަކީ، އަޅުގަނޑަށް ލިބޭ އުފަލެއް. އަދި އެކަމެއް ފުދިގެންދާއިރު ރައީސް ޔާމީނުގެ ސަރުކާރުގެ ކޮންމެވެސް ޙިއްޞާއެއް އޮތުމަކީ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑު އުފާވާކަމެއް. މަޑަވެލީގައި އިރާދަކުރެއްވިއްޔާ މިއަދު ބަނދަރެއް ހެދިގެން މި ދިޔައީ. އަދި ހަމައެހެންމެ ޙިމާޔަތްކުރުމުގެ މަސައްކަތްވެސް މަޑަވެލީގައި ނިމިގެން މި ދިޔައީ. މަޑަވެއްޔާއި ހޯނޑެއްދޫގެ ރައްޔިތުން އަބަދުވެސް އެދިވަޑައިގަންނަވަމުން ދިޔަ ކަމަކީ، ދެރަށުގެ އާބާދީ ގުޅިގެންދިޔުން. އަޅުގަނޑަކަށް ނޭނގޭ ކޮން ބޭނުމެއްގައިކަމެއް. އެހެންނަމަވެސް، ﷲގެ ރަޙުމަތާއެކީ ހަމަ މި ސަރުކާރުގައި މި ދެރަށް ގުޅައިދޭ ކޯޒްވޭގެ މަސައްކަތް މިހާރު އެ ވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައި. ނިމިގެން ދިޔައިމާ އަޅުގަނޑު އުންމީދުކުރަނީ، ބްރިޖުގައި ހަމަ މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ހަމަ ސަޅިކޮށް ޒުވާންކުދިން ސައިކަލުގައި ދުއްވާލާފައި ދާފަދައިން މަޑަވެލީގައިވެސް ހޯނޑެއްދޫގައިވެސް މިކަން ހަމަ ހިނގާނެކަމަށް.

 

 ދެން ޙަޤީޤަތުގައި މިކަހަލަ ކަންކަންވީމާ، އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުން ދައްކަވާނެ ވާހަކަފުޅު ހުސްވެގެން މިދަނީ. މިކަހަލަ ގޮތްގޮތްވީމަ. މަޑަވެލީ ދާއިރާގައި، ހޯނޑެއްދުއާއި މަޑަވެއްޔާ ދެރަށް އެއްކޮށްލީމަ މިހާރު ތިންހާހަށްވުރެ އާބާދީ ބޮޑުވެގެން ދިޔައީ. ތިޔަބޭފުޅުން އަޅުގަނޑު ކައިރީ ވިދާޅުވެއްޖައިން، ތިޔަބޭފުޅުންގެ އުންމީދު މިވަނީ ރައީސް ޔާމީނާ އެކީއޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރައީސް ޔާމީނާ އެކީގައި ތިޔަބޭފުޅުން އުންމީދުކުރައްވާކަމަށްވަންޏާ އެ އުންމީދުގައި ކުލަ ޖެހޭނެޔޭ. އެހެންވީމާ، މިދިޔަ ފަހަރު އަޅުގަނޑަށް ހަތްދިހައަށްވުރެ މަތިން ދެއްވާފައި އޮތްއިރު، މިފަހަރު އަޅުގަނޑަކަށް ނުވިސްނޭ އަޅުގަނޑަށް ނުވަދިހައަށްވުރެ ދަށުން ދެއްވަންޖެހޭ އެއްވެސް ސަބަބެއް އިނގޭތޯ. އަޅުގަނޑު އެހެން މިދަންނަވާ ސަބަބަކީ، އަޅުގަނޑު ހަމަ ފައިބައިގެންދާތަނުން އަޅުގަނޑާ ވާދަކުރައްވާ ކެންޑިޑޭޓުވެސް ހަމަ މި ރަށަށް ވަޑައިގަންނަވާނެކަން ނޭނގެ. އަޅުގަނޑުގެ ސަރުކާރުގައި ހަދައިދިން ބަނދަރުން އެމަނިކުފާނުވެސް މި ރަށަށް އަރުއްވާނީ. އަރުއްވާފައި މިރަށުގެ ރައްޔިތުންގެ ނަސީބު ރަނގަޅިއްޔާ ހަމަ ވިދާޅުވާނެ މިތާ ހުންނަވައިގެން ބަނދަރެއް ހަދައިދެއްވާނަމޭ. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ކަންކަން ހުރިވަރު އިނގޭތޯ.

 

މުޢާޒުގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވީ އެމް.ޑީ.ޕީ ގެ ސަރުކާރު ނިމިގެން ދިޔައިރު މިރަށުގައި، މަޑަވެލީގައި ޙަޤީޤަތުގައި އެއްވެސް ކަމެއް ނެތޭ. މިހާރު އަޅުގަނޑާ ވާދަކުރާ އިދިކޮޅު މީހުންނަށް އިދިކޮޅު ފަރާތްތަކަށް އަދި އަޅުގަނޑާއެކީ ތިއްބަވާފައި އޮޑިން ފުންމާލައިގެން ދިޔަ މީހުންނަށްވެސް އެންމެ ދަތިވާ އެއް ކަމަކީ، ޙަޤީޤަތުގައި ތަރައްޤީގެ މަޝްރޫޢުތައް ފެންނާތީ. މާލޭގެ ހުޅަނގު ދެކުނު ފަރާތުންދާއިރު އެއްގޮތަކަށްވެސް ބޭނުމެއްނޫން، ކަރު މައްޗަށް ނަގައިގެން އިސްއުފުލާ ބަލައިލާކަށް ދަރުމަވަންތަ ހޮސްޕިޓަލް އުސްކަމުން. އެއްގޮތަކަށްވެސް ބަލާކަށް ބޭނުމެއްނުވޭ. މާލޭގެ ހުސްތަންތަނުގައި ޒުވާނުން ކުޑަކުދިން ގޮވައިގެން ހިތްހަމަ ޖައްސަން އުޅޭ. މިއިން އެއްވެސް ތަނަކަށް ވަންނާކަށް ބޭނުމެއްނޫން. ރަސްފަންނަށް އަމުދުން ޒިޔާރަތްކުރާކަށް ބޭނުމެއްނޫން. މިއީ، އަޅުގަނޑާ ވާދަކުރާ މީހުންގެ ޙާލަތުހުރި ގޮތަކީ. ދެން އެމީހުން މޭކަރާ އަނެއްކަމަކީ، މި ރަށްވެހި ތަރައްޤީގެ ފޮތް ނެރުން. މި ރަށްވެހި ތަރައްޤީގެ ފޮތް ނެރުނީމާ، ރާއްޖޭގެ އެކި ހިސާބުގައި ކަންކަން ކޮށްދެވިފައި ހުރި މިންވަރާއި، އަދި އެބޭބޭފުޅުންގެ ސަރުކާރުގައި ކަންތައްތައް ކޮށްދެއްވަން ވިދާޅުވެފައި، ދައުލަތެއް ހިންގުމަކީ، އެއްވެސް ކަހަލަ ބުރައެއް ނޫންކަމަށް ވަރަށް އާދައިގެ ގޮތަކަށް ދައުލަތުގެ ޚަރަދުތައް ހަމަޖައްސާނެކަމަށް ވިދާޅުވެ، އެ ކުރެއްވި މަސައްކަތްޕުޅުގެ ތެރޭގައި އެ ތިން އަހަރު ޕްލަސް އޭގެފަހުން އައި ދެ އަހަރާއެކީ ކުރެވިފައި ހުރި ކަންތައްތަކާއި ނުކުރެވިހުރި ކަންތައްތައް މި ފޮތުން ރައްޔިތުންނަށް ބައްލަވާލައްވަން ފަސޭހަފުޅު.

 

މަޑަވެލީގައި ހުރެގެން މި ވާހަކަދައްކާއިރު އަޅުގަނޑަށް މިވާހަކަ ދައްކަން ހަމަ ވަރަށް ފަސޭހަ. މުޢާ މިއަށް ތަޢާރުފެއް އެ ދެއްވީ. މުޢާގެ ހަނދާންވެސް ވަރަށް ދުރު. މުޙައްމަދު އަމީންގެ ހަނދާންތައްވެސް މުޢާގެ އެބަހުރި. އެކަމަކު މި ރަށްވެހި ތަރައްޤީގެ ޞަފްޙާތައް ތިޔަބޭފުޅުން ހަމަ ކޮންމެ ބޭފުޅަކުވެސް ބައްލަވާ. އަޅުގަނޑަށް، މީހުންއުޅޭ ކޮންމެ ރަށަކީ ރާއްޖޭގެ މުހިންމު ރަށެއް. ކޮންމެ ރަށަކަށް ތަރައްޤީ ގެނެސްދޭން އަޅުގަނޑު ބޭނުން. އަޅުގަނޑަށް ތިޔަބޭފުޅުން ވިދާޅުވި މަރުޙަބާއަށްޓަކައި ހަމަ ޝުކުރު ދަންނަވާލާފައި އަޅުގަނޑުގެ ވާހަކަ ކުރިއަށްގެންދާނަން. 12:15، 12:18 ހިސާބުގައި ބަންގިގޮވާނެތީއާއެކީ ވަގުތު އެހާ ތަނަވަހެއްވެސްނޫން. އެހެންނަމަވެސް، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމާއި ލޯބި، ތިޔަބޭފުޅުން ދައްކަވައިދެއްވީތީ ހަމަ ފަށްފަށުން ތިޔަ އެންމެ ބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކީ ޝުކުރު މިދަންނަވަނީ.

 

މި ރަށްވެހި ތަރައްޤީގެ ފޮތް ބަލައިލީމަ މިވާގޮތަކީ، ގދ. ގެ މަޑަވެލީ ޞަފްޙާ ބަލައިލީމާ އަޅުގަނޑުމެންނަށް ހިސާބުތަކެއް އެބަ ފެނޭ. މަޑަވެލީގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި މިދިޔަ ފަސް އަހަރޭ މިދެންނެވީ އަޅުގަނޑުގެ ސަރުކާރުގެ ކުރީގެ ފަސް އަހަރު. ޖަޒީރާ ވެރިކަން ކުރައްވަން މި ވިދާޅުވާ ބޭބޭފުޅުން އޭރު ވެރިކަމުގައި ތިއްބެވި ފަސް އަހަރުގެ ތެރޭގައި، ކެޕިޓަލް އިންވެސްޓްމަންޓް ޕްރޮގްރާމެއް، އެއީ ބަނދަރުހެދުން، ނަރުދަމާ، ބޯފެން، މިކަހަލަ އެއްވެސް މަޝްރޫޢެއް ނެތް. އެއީ، ކެޕިޓަލް އިންވެސްޓްމަންޓް ޕްރޮގްރާމަކީ، އާދައިގެ އާބާތުރަ ފިލުވަންކުރާ މަސައްކަތެއްނޫން. އެއީ، ކެޕިޓަލް އިންވެސްޓްމަންޓް ޕްރޮގްރާމަކީ، ބޮޑު ކެޕިޓަލެއް، ބަނދަރެއް ކަހަލަ އެސެޓެއް ކްރިއޭޓްކުރުން. މަޑަވެލީގައިކޮށްފައިހުރި ހިސާބު ސުމެއް، ހަމަ ސުމެއް. އެންމެ ލާރިއެއްވެސް ޚަރަދުކޮށްފައެއްނެތް. މިއީ، ތަފާސްހިސާބުން ދައްކާވަރު އިނގޭތޯ.

 

އެކަމަކު މި ސަރުކާރުގައި މިހާތަނަށް މި ކުރެވިފައި ހުރި މަސައްކަތަށް ބަލާކަމަށްވަންޏާ މިހާތަނަށް 139.2 ނޫނީ 140 މިލިއަން މަޑަވެއްޔަށް އެކަނި ހޭދަކުރެވިއްޖެ. މިއީ، މަޑަވެލި ދާއިރާއަކަށްވެސް ނޫން، މަޑަވެއްޔަށް އެކަނި. އަދި މަޑަވެލީގައި މިހާރު މި ނިންމަން ފަށައިގެން މިއުޅޭ ނަރުދަމާއާ މިކަންކަން ނިމިގެން ދިޔައިމާ، އިރާދަކުރެއްވިއްޔާ ސެޕްޓެންބަރު 23ގެ ވޯޓު އަންނައިރު 150 މިލިއަނަށްވުރެ އަދަދު އިތުރުވެގެންދާނެ. ދެން މަޑަވެއްޔާއި ހޯނޑެއްދޫއާ މިހާރު ގުޅިފައި އޮތީމަ، ހޯނޑެއްދޫގެ ރައްޔިތުންވެސް މިތާ ތިއްބަވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އެއީ، ތިނަދޫގެ ބޭފުޅުންވެސް އަޅުގަނޑާ އިސްތިޤުބާލު ކުރެއްވި. އެހެންވީމާ، ތިނަދޫގެ ބޭފުޅުންވެސް ތިއްބަވާނެ.

 

ހޯނޑެއްދޫގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހޯނޑެއްދުއަށްވެސް ބޭނުންވާ އެންމެ މުހިންމު ކަންތައްތަކުގެ ތެރެއިން، އަޅުގަނޑަށް ހުށަހަޅުއްވާފައިހުރި ކަންތައްތަކުގެ ތެރެއިން އެއްކަމަކަށް މިއޮތީ ބަނދަރު. ބަނދަރަށް މިހާރު ފަންޑު އިރާދަކުރެއްވިއްޔާ ކަށަވަރުވެގެން، ހޯނޑެއްދޫގެ ބަނދަރު އޮންނާނީ މި ފަންޑުން އެހީއަށް އަޅުގަނޑުމެން އެދިފައި. އިރާދަކުރެއްވިއްޔާ މި ބަނދަރުގެ މަސައްކަތް ހޯނޑެއްދުއަށް ހަމަޖެހިގެންދާނެ. ދެން ހޯނޑެއްދޫން އެދިވަޑައިގެންފައި އޮތް އަނެއްކަމަކީ، ހޯނޑެއްދޫގެވެސް ނަރުދަމާ ހަމަޖެހިގެންދިޔުން. ހޯނޑެއްދޫގެވެސް ހާހެއްހާ މީހުންނަށްވުރެ ބޮޑު އާބާދީއެއް އުޅޭ. ނަރުދަމާގެ މަޝްރޫޢަކީވެސް އޭގެ ފައިސާ، ނޫނީ ބޭރު ފަންޑިންގ ކަށަވަރުކޮށްދީފައި އޮތްކަމެއް. އެހެންވީމ ، އެންމެފަހުން ހުށަހެޅި ލިސްޓުގައި ނަރުދަމާގެ މަސައްކަތްކުރަން އަޅުގަނޑު ހަނދާންވާ ގޮތުގައިވެއްޖިއްޔާ ވިއްސަކަށް ރަށުގެ ތެރޭގައި ހޯނޑެއްދޫ އޮންނާނެ. އެހެންވީމާ، ހޯނޑެއްދޫއަށް އެންމެ ބޮޑަށް ބޭނުންވެގެން މިއުޅޭ ބަނދަރާއި ނަރުދަމާގެ މައްސަލަ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ މިއަންނަ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ފެށިގެންދާނެ. އިރާދަކުރެއްވިއްޔާ އެ އަހަރުގެ ތެރޭގައި ނިމިގެންވެސްދާނެ.

 

އަޅުގަނޑު ގދ. އަށް މިކުރާ ދަތުރުގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ. ހަމައެހެން ބޭފުޅުންގެ އަރިހުން އަދި އެހެން ބައެއް ރަށްރަށުގެ ރައްޔިތުންގެ އަރިހުން މަޢާފަށް އެދެން. އަޅުގަނޑު މިކުރަނީކީ ގދ.ގެ ހުރިހާ ރަށަކަށް ގއ.ގެ ހުރިހާ ރަށަކަށް ކުރާ ޒިޔާރަތެއް ނޫން. އަޅުގަނޑު މިކުރަނީ ގއ.އާއި ގދ.ގައި ހުރި ރަށްރަށުގެ ތެރެއިން މިކަހަލަ ބޮޑެތި މަޝްރޫޢުތައް ނިމިގެން މަޝްރޫޢުތައް ފަށްޓާ ދިނުމަކީ، މީގެކުރިން ރައީސް ކުރަމުން އައިސްފައިވާ ކަމަށްވާތީ، އެކަންކަން ފަށްޓައިދިނުމަށްޓަކައި ރަސްމީކޮށްކުރާ ދަތުރެއް. އެހެންވެގެން އަޅުގަނޑު ނަޑެއްލާއަށްވެސް ނުދަނީ، އެހެންވެގެން އަޅުގަނޑު ރަތަފަންދޫއަށްވެސް ނުދަނީ، ހޯޑެއްދޫއަށްވެސް ނުދެވެނީ. އެހެން ނަމަވެސް އަޅުގަނޑު މިރަށަށް މިއައީ މި ރަށުގެ މުހިއްމު ދެ މަޝްރޫއެއް ނިމިގެން އެ މަޝްރޫތައް އިފްތިތާޙްކޮށްދޭން. ބަނދަރު މަސައްކަތް އެ އޮތީ އިރާދަކުރެއްވިއްޔާ ނިމިފައި. އެއްގަމުތޮށި ނޫނިއްޔާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެ އޮތީ  އިރާދަކުރެއްވިއްޔާ ނިމިފައި. އެހެންވީމާ، މިކަންކަމުން އަޅުގަނޑުމެން ގަބޫލުކުރަންވީ، ދެން މިރަށުގެ ރައްޔިތުންނަށް ބޭނުންވާ ޢާންމު އަސާސީ ކަންތައްތައް ނިމިފައިވުމާއެކު، އިރާދަކުރެއްވިއްޔާ މިހާރު ކޮންމެވެސް ވަރަކަށް ހިންދެމިލައިގެން ނޭވާލެވޭނެއޭ. ދެން މަސައްކަތްކުރަންވީ ރައްޔިތުންގެ ޖީބު ތަނަވަސް ކުރަން.

 

އަޅުގަނޑުގެ ސަރުކާރު 2013 ވަނަ އަހަރު އައިއިރު، ރާއްޖޭގެ ހުރިހާ ދިމާއެއްގައި ބޮޑުވެފައި ހުރި ބޮޑެތި މައްސަލަތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމެއް ކުނީގެ ވާހަކަ އެއީ. ހަމަ ޚިޔާލަށް ގެންނަވާ، އަޅުގަނޑުމެންނަށް ނިޢުމަތްތައް ލިބުނީމާ، ނިޢުމަތްތަކަށް ޝުކުރުކުރަންވާނެ، ނިޢުމަތްތަކަށް އަޅުގަނޑުމެންނަށް ޝުކުރުކުރެވޭނީ އަބަދުވެސް އަޅުގަނޑުމެންނަށް ލިބޭ ނިޢުމަތްތަކުގެ މަތިން ހަނދާން ކުރަންޏާ. ކީއްވެގެންތޯ އިދިކޮޅު ބޭފުޅުން މިއިން ވާހަކައެއް ވިދާޅުވާން ޖެހިލުންވަނީ. މަޑަވެލީގެ ރައްޔިތުންނަކީވެސް މާލެއަށް ފަރިތަ ބައެއް. ހަމަ ދަތުރުވަރުގައިވެސް މާލެއަށް ވަޑައިގެން އުޅުއްވާނެ. މިފަހަރު ރީ-ރަޖިސްޓްރީ ކުރިއިރުވެސް މާލޭގައި ވޯޓުލާ މީހުންގެ ތެރޭގައިވެސް ވޯޓުލާ މަޑަވެލީގެ މިހުންވެސް އެބަތިބި. މާލޭގެ ކުނިގޮޑުގެ މައްސަލައަކީ، އެހެން ރަށްރަށަށްވުރެ ބޮޑަށް އުނދަގޫވެފައި އޮތް މައްސަލައެއް. އެއީ އެހާ ތޮށްޖެހިފައި އޮތް ރަށަކަށްވެފައި، ވަށައިގެން ސްކޫލްތަކާއި މީހުންގެ ގެދޮރު ހުރީމަ. ކިތައް އަހަރުތޯ މިދިޔައީ. މިއީކީ ރޮކެޓް ސައިންސެއް ނޫން. ކިތައް އަހަރުތޯ މި ދިޔައީ މާލޭގެ ކުނިގޮނޑު ނުނެގިގެން. ބޭރު ކުންފުނިތަކާ ޙަވާލުކުރި. އެތެރޭގެ ކުންފުނިތަކާ ޙަވާލުވި. ޕްރޮވިންސްތަކާ ޙަވާލުވި. މިހެންގޮސް ޙަވާލުނުކުރާ ބައެއްނެތް. އެކަމަކު މިއަދު އެބަ ޚިޔާލަށް އާދޭތޯ މާލޭގެ ކުނިގޮނޑު އޮތީ ކޮންތާކުތޯ؟ މާލޭގެ ކުނިގޮނޑެއްގެ މަތިން މިހާރު މާލޭގެ ރައްޔިތުން ހަނދާނެއްނެތޭ.

 

އެހެންވީމާ، މިވަރުގެ ކަންތައްތައް ނުކުރެވި ހުރީމާ އޭރު އަޅުގަނޑު ވެރިކަމަށް އަންނަން ކުރި މަސައްކަތުގައި ދެންނެވިން، ރައްޔިތުންނަށް އެބަހުއްޓޭ ދަތިވެފައިހުރި ބޮޑެތި ކަންތައްތަކެއް. އޭގެތެރޭގައި ކުނި، ނަރުދަމާ، ފެން، މަގުހެދުން ދެން މިހެން ގޮސް ދަންނަވާނެ ކަމެއްނެތް. ބޯހިޔާވަހިކަން މިކަހަލަ އެތައް ކަމެއް ހުރީ. މިކަންތައްތައް ޙައްލުކޮށްދޭން އަޅުގަނޑު މަސައްކަތްތަކެއް ކުރާނަމޭ. ﷲގެ ރަޙްމަތްފުޅާއެކީ މީގެ ވަރަށް ގިނަ ކަންތައްތައް ޙައްލުވެއްޖެ. އަދި އެއާއެކީ އަޅުގަނޑު މިހާރު މިދަނީ ދެން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުގެ ޚިޔާލުގައި ޤައުމު އާރާސްތު ކުރުމަށް. ރައްޔިތުންނަށް ބޭނުންވާ ކަންތައްތައްކޮށްދޭން ވާހަކަ ދައްކަމުން. އެކަމަކު އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުން އަބަދުވެސް ދައްކަވަމުން އަންނަ ވާހަކައަކީ، ކަމެއްކޮށްފައި އޮތިއްޔާ އޭގެ ފަހަތުން ވިދާޅުވާނެ، އަދި މިވެނި ކަމެއް ނުކުރޭ. ކަމެއް ކުރަންޏާ ވިދާޅުވާނެ، އެކަން ކުރެވޭލެއް މާ ލަހިއްޔޭ. ލަސްވާނެދެއްތޯ؟ އަޅުގަނޑު އެހެން ތަނެއްގައި ވާހަކަދައްކަމުން ދެންނެވިން، މިހެން ދަންނަވާ ބޮޑެތި މަޝްރޫޢުތަކަށް، އެސެޓް ބިލްޑް ކުރުމުގެ ބޮޑެތި މަޝްރޫޢުތައް، ބަނދަރު، ނަރުދަމާ، ސްކޫލް ކަހަލަ ބޮޑެތި މަޝްރޫޢުތަކަށް އެބޭފުޅުންގެ ފަސް އަހަރުގައި އެއް މަޝްރޫޢު ހިންގަވައިފިއްޔާ މި ސަރުކާރުން މި ހަތަރު އަހަރު ނިމިގެންދަނީ، ނޫނީ ފަސް އަހަރު ނިމިގެންދަނީ އޭގެ ހަ މަޝްރޫޢު ހިންގާފައި. އެހެންވީމާ، ހިންގި ކޮންމެ މަޝްރޫޢުއަކަށް މި ސަރުކާރުން އޮތީ ހަ މަޝްރޫޢު ހިންގާފައި. މަޑަވެލީގެ ރައްޔިތުން މަޑަވެއްޔަށް އެކަނި ވިސްނާލެއްވީމާ އެނގޭނެ، މިއީ ރަނގަޅު ވާހަކައެއްކަން. އެހެންވީމާ، މަސައްކަތް ލަސްވަނީ.

 

މަސައްކަތް ލަސްވާ އަނެއް ސަބަބަކީ، މިކަހަލަ ހުރިހާ މަސައްކަތެއް ކުރަން މި އޮތީ ރާއްޖޭގައި ހުރި ބޮޑެތި ކުންފުނިތައް. ބޭރުގެ ކަރަކަރައިގެ ކުންފުނިތަކާ ޙަވާލުކުރީމާ، އަޅުގަނޑުމެންނަށް ލިބޭ ނަތީޖާ އެހާ ރަނގަޅެއްނޫން. މަސައްކަތް ފަށްޓާފައި ފުރަތަމަ ބަހައްޓާ ރިޓެއިނަރ ފައިސާކޮޅު ލިބިފައި. ދެން މަސައްކަތް ނިންމާލާފައި މަސައްކަތް ނުކޮށް މިދަނީ. ދެން އަނެއްކާވެސްވީ ބަޔަކާ ޙަވާލުކުރަން. އަޅުގަނޑުމެން ގެންދަން ބޭނުންވާ ސްޕީޑްގައި، ސަރުކާރުގައި ފައިސާ ހުއްޓަސް މިކަންކުރަން ބޭނުންވިޔަސް ނުކުރެވޭ ސަބަބުތައް  އެބަހުރޭ. އެ ސަބަބުތައް ހުރީމަ ސަރުކާރު ކުންފުނިތައް ވަރުގަދަ ކުރަން ޖެހުނީ. މިއަދު މިތާ ބަނދަރު ހެދެން ޖެހުނީ ކީއްވެގެންތޯ؟ މިއަދު މިތާ ބަނދަރު ހެދިގެން މި ދިޔައީ  ސަރުކާރުގެ ހަކަތަ އޮތް ކުންފުންޏެއް އޮތީމަ. މިތަން މި ހެދީކީ ޕްރައިވެޓް ކުންފުންޏަކުންނެއް ނޫނޭ. މިތަން މިހެދީ ސަރުކާރުގެ އެމް.ޓީ.ސީ.ސީ. އިން. ދެން އިދިކޮޅު ބޭފުޅުން މި ދައްކަނީ ސަރުކާރުގެ ކުންފުނިތައް ކުޑަކުރާ ވާހަކަ، ނޫނީ ބައެއް ކުންފުނި ނައްތާލާ ވާހަކަ، ނޫނީ ބައެއް ކުންފުނިން ކުރާ އަސާސީ އެއްވެސް ޚިދުމަތް ނޫންކަމެއް ނުކުރާ ވާހަކަ. އެމް.ޓީ.ސީ.ސީ.ގެ ބާރުކަނޑުވާލަން ވިސްނާލައިފި ކަމުގައި ވަންޏާ، މިކަހަލަ ރަށްރަށުގައި ތިއްބަވާ ރައްޔިތުންނަށް ވިސްނިވަޑައިގަންނަވާނެ ކިހާވަރެއްގެ ވާހަކައެއްތޯ މި ދެކެވެނީ. ބަނދަރެއް ނުހެދޭނެ، އަދި ބިން ބޮޑުކުރަން އަޅުގަނޑުމެން މިކުރާ މަސައްކަތެއް ނުކުރެވޭނެ. އިހަށްދުވަހު އެއޮތީ އެހާ ބޮޑުއަގުގައި އަޅުގަނޑުމެން މަހާޖައްރާފާއެއް ގެނެސްފައި. އެއީ، ބިންވެސް މިލްކުކުރެވޭ ގޮތަށް އަޅުގަނޑުމެން އެކަން ކުރަން ބޭނުންވެގެން، ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށްޓަކައި.

 

މިހާރު ހިތްޕުޅަށް ގެންނަވާ، އެސް.ޓީ.އޯ.އާ ބެހޭގޮތުން ދެކެވޭ ވާހަކަ. އަދި މީގެ ތަފްސީލުތައް އަޅުގަނޑުގެ މިދަތުރުގެ ތެރޭގައި އުޅޭއިރު ދަންނަވަމުން ގެންދާނަން. އެސް.ޓީ.އޯ. އަކީ، ހަމަ އެކަނި އަސާސީ ޚިދުމަތްދޭ ކުންފުންޏަކަށް ހަދައިފި ކަމަށްވަންޏާ އަޅުގަނޑު ދަންނަވާލާނަން އެސް.ޓީ.އޯ މިއަދުގެ ސްޓްރެންތް ނޫނީ އެސް.ޓީ.އޯ. އަކީ ކިހާ ހަކަތަ ހުރި ކުންފުންޏެއްކަން.

 

ރާއްޖޭގެ ތާރީޚުގައި، މުޙައްމަދު އަމީން ޒަމާނުން ފެށިގެން ރާއްޖޭގެ ތާރީޚުގައި ކޮން އިރަކުތޯ ސަރުކާރުގެ ބޭސް ފިހާރައެއް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހަމަޖެހިގެންދިޔައީ. ނޯންނާނެ މިކަން ވެފައެއް. ރާއްޖޭގެ ތާރިޚުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 24 ގަޑިއިރުގެ ކަރަންޓު ކަށަވަރުވެގެންދިޔައި ކޮންއިރަކުތޯ؟ މަޑަވެލީގެ ކަރަންޓްވެސް ވަކިވަރަކަށް ދިއްލާފައި ރޭގަނޑު  ނިވާލަންޖެހޭ. ނޫނިއްޔާ ދުވާލު ނުނިދާ.  މަޑަވެލީގައި ތިއްބަވާނެ މި ހާޒިރީގައި، މިޖަލްސާގައި ތިއްބަވާނެ، މި ހަނދާން ހުންނަ މީހުން. އަދި ކުދިކުދި ރަށްރަށުގައި އެގޮތަކަށް ކަރަންޓެއް ނުހުންނާނެ. އެހެންވީމާ، ސަރުކާރުގެ ކުންފުނިތައް ބާރުގަދަވީމާ މިކަން ކުރެވެނީ.

 

އެސް.ޓީ.އޯ.އަކީ، މިސާލަކަށް ހަމައެކަނި ކާޑުކޮޅު ގެންނަ ބަޔަކަށްވެއްޖެ ކަމަށްވަންޏާ، އެސް.ޓީ.އޯ.އަށް އާމްދަނީ ލިބޭ އެހެން މަސައްކަތް އެސް.ޓީ.އޯ. އިން ހުއްޓުވާލައިފި ކަމަށްވަންޏާ ދެން ކޮންގޮތަކުންތޯ އަޅުގަނޑުމެންނަށް ރާއްޖޭގެ މީހުން ދިރިއުޅޭ  ކޮންމެ ރަށެއްގައި ފާރމަސީ ބަހައްޓައި ދެވޭނީ. ފާރމަސީގެ ވިޔަފާރިއަކީ، އޭގެ ޒާތުގައި ފައިދާވާ ވިޔަފާރިއެއްނޫން. ކާޑުގެ ވިޔަފާރިއަކީ، އޭގެ ޒާތުގައި ފައިދާވާ ވިޔަފާރިއެއްނޫން. ކާޑު ވިއްކައިގެން އަޅުގަނޑުމެން  ފައިދާއެއް ނުހޯދަން. އަދި އޭގެ އުނދަގުލަކީ، އެހާ ބޮޑު އުނދަގުލެއް. ފުށާއި ހަކުރު،  ތާޒާކަންމަތީގައި މާލޭގެ މީހުންނަށް ޓިނުގުދަންތަކުގައި ނުގެންގުޅެވޭނެ ދޮޅުމަސް ދުވަހުވެސް. އެއެއްޗެހި ހަލާކުވާނެ. އެންމެ ދަށުގައި ހުންނަ ބަސްތާތައް ހުންނާނީ ފީވެފައި. ނޫނިއްޔާ ދިޔާވެފައި، ހަކުރު ވެއްޖިއްޔާ. އެހެންވީމާ، މިހާ އުނދަގޫ އޮޕަރޭޝަނެއް ކާޑު ގެންގުޅުމަކީ. މިހާ އުނދަގޫކަމެއް ފުށް ގެންގުޅުމަކީ، ހަކުރު ގެންގުޅުމަކީ. އެހެންވީމާ، މިވަރުގެ ކަންތައް ކީއްވެގެންތޯ ޕްރައިވެޓް ސެކްޓަރުން ނުކުރަނީ. އެއީ، އެކަން ނުކުރެވޭނެތީ. އެއީކީ ފައިދާ ލައިގެން ވިއްކޭނެ ވިޔަފާރިއެއްނޫން. އެއީކީ ޓޫރިޒަމް ރިޒޯޓަކުން ލިބޭނެހެން އާމްދަނީ ލިބޭކަމެއް ނޫން.

 

އެހެންވީމާ، އެސް.ޓީ.އޯ.އަށް އަންނަ ބޮޑެތި ބަދަލުތަކުގެ ތެރޭގައި އެސް.ޓީ.އޯ. އިން މިކުރާ ފައިދާވާ ކަންތައް ހުއްޓުވާލައިފިކަމަށްވަންޏާ، ރާއްޖޭގެ އިޤްތިޞާދުގެ ހަކަތައަކީ ތެޔޮ. މިއަދު ރާއްޖެއަށް ބޭނުންވާ ސައްތައިންސައްތަ ތެޔޮ ގެންނަނީ ކޮންބައެއްތޯ؟ ތެލުގެ އަގު ވަކި އަގެއްގައި މި ހިފެހެއްޓެނީ ކީއްވެގެންތޯ؟ ކޯޒްވޭ މަތީގައި ސައިކަލު ދުއްވާ ކުދިންނަށް، ޕެޓްރޯލްގެ އަގު ވަކި އަގެއްގައި ހިފަހައްޓަން މިކުރެވޭ މަސައްކަތުގެ ނަތީޖާއަކަށް ވާނީ ކޮން ކަމެއްތޯ، އެސް.ޓީ.އޯ. އިން މިކަން ނުކުރާކަމަށް ވަންޏާ. ރާއްޖޭގެ މީގެ ތިން ހަތަރު އަހަރު ކުރިން ދިޔަ އިނގޭތޯ، އެސް.ޓީ.އޯ.ގެ އީޒީ ފިލް، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އެ ހުންނަ ފިއުލް ސްޓޭޝަން ކައިރީގައި ކިޔު ޖެހިފައި އޮތް. ކޮންމެ ދުވަހަކު ހަވީރު ހަމަ ސަޅިކޮށް، ސައިކަލް ދުއްވަން ބޭނުންވާ ކުދިން ހައްތާހާ ޒުވާނުން މިތިބީ. މާލޭގައިވެސް، މިރަށްރަށުގައިވެސް. ދެން މާލޭގައި ކުރެވޭ ކަންތައްތައް މި ރަށްރަށުގެ ޒުވާނުންނަށް ނުކުރެވޭ ގޮތަކަށް ކޮންމެ ރަށަކުން ލިބޭ އާމްދަނީއަކުން އެ ރަށެއްގެ ރައްޔިތުން އެކަނި ފުދޭވަރަށް ޖަޒީރާ ކޮންސެޕްޓް ގެންގުޅެގެން ކިހިނެއްތޯ މިރަށްރަށުގައި ދިރިއުޅޭނީ. މަޑެއްވެއްޔަކީ ވެދާނެ ހޯނޑެއްދޫއާ ގުޅުނީމަ، ހޯނޑެއްދޫއަކީ ބިން ބޮޑު ތަނެއް. މަޑަވެއްޔާއި ހޯނޑެއްދޫގައި އާބާދީއެއް އެބައޮތް. އެކަމަކު ރާއްޖޭގައި މީހުން އުޅޭ ރަށްރަށް 600، 700، 500 މިވަރުގެ ރަށްރަށް މިހިރީ. މި ރަށްރަށުން ލިބޭ އާމްދަނީއިން މި ރަށްރަށް ތަރައްޤީ ކުރަނީ ކިހިނެއްތޯ؟ މިކަމެއް ނުވާނެ. މިއީ، މުޅި ދައުލަތަށް ލިބޭ އާމްދަނީއިން މި ކަންތައްތައް ކުރާތީ. ރާއްޖޭގައި މިދަންނަވާ ގޮތަށް ކިހިނެއްތޯ، އެސް.ޓީ.އޯ ކަންފަތިވެގެން ގޮއްސިއްޔާ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ބަހައްޓައިދޭނީ.

 

އަޅުގަނޑު މީގެ އިތުރު ވާހަކައެއް ދަންނަވާލާނަން. ކަރަންޓަށް ބަލައިފިކަމަށްވަންޏާ ކަރަންޓް މި ހިންގަނީ ނުއަގުގައި، ގެއްލުމުގައި. އެކަމަކު އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑު 24 ގަޑިއިރު ކަރަންޓް ކަށަވަރުކޮށްދީފީމު. މިހާރު ބައެއް ރަށްރަށުގައި ބަހައްޓާފައި މިހިރަ ޖެނެރޭޓަރުތައް ރައްޔިތުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔައިމާ އަދި މާލެއާއި ރާއްޖެއާއި، ރާއްޖޭގެ އެކި ހިސާބާ ދޭތެރޭގައި ބޭސިކް ކޮންސަމްޕްޝަނުން ކަރަންޓް އޮތީ އެއްވަރުވެފައި. އެހެންވީމާ، ކަރަންޓް ބޭނުންކުރާވަރު އިތުރުވެގެން އެބަދޭ.

 

ރައްޔިތުންނަށް ތަނަވަސްކަން އައުމަކީ، ސަރުކާރުން އެކަމާ ދޭތެރޭ އުފާކުރަންޖެހޭކަމެއް. އެ ތަނަވަސްކަން ހީނަރުކުރުމަށްޓަކައި ކުންފުނިތަކުން މި ދޭ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތައް އަންނާނޭ ވާހަކަ ދައްކައިފިކަމަށް ވަންޏާ، މި ޖަހަނީ އެލާމް ބެލް ތަކެއް. މިއަޅަނީ އެލާމް ބެލްތަކެއް. ނުރައްކަލުގެ ރަނގަބީލުތަކެއްގެ އަޑު އަޅުގަނޑުމެންނަށް މި އިވެނީ. މިއަދު ފެނަކަ އެ އޮޕަރޭޓް ކުރާގޮތަށް އޮޕަރޭޓް ކުރުވެނީ އެސް.ޓީ.އޯ.އިން ފެނަކަޔަށް ދޭންވާ ލާރި، ލޯނުގެ ގޮތުގައި ދީފައި ހުންނާތީ. ފެނަކައިން މިހާރުވެސް އެސް.ޓީ.އޯ.އަށް ނަގާ ތެލަށް ނުދައްކާހުރި ފައިސާ، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ 500 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ. މިއަދުގެ ހިސާބު ކޮށްލިޔަސް ފެނަކައިން އެސް.ޓީ.އޯ.އަށް ދޭންޖެހޭ ލާރި. އެކަމަކު ރައްޔިތުންނަށް ކޮން ތަކުލީފެއްތޯ މީގައި އުފުލަންޖެހެނީ. ފެނަކަ އެ ހިނގަނީ. އެކަމަކު މިއަދުވެސް އެސް.ޓީ.އޯ.އިން ހަމަ އަސާސީ ކަންތައްތަކެއް އެކަނި ހުއްޓާލައިފިކަމަށްވަންޏާ ސަރުކާރަކަށް ބުނެނުދެވޭނެ މި ލާރި ފެނަކައިން ހޯދައިދޭނީ ކިހިނެއްކަމެއް. އަދި އަޅުގަނޑޭއް އަޑެއް ނާހަން، އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކައެއް، ތިމަންނަމެން އާމްދަނީ ހޯދާނީ މިވެނި ގޮތަކަށޭ. އެހެންވީމާ، އެސް.ޓީ.އޯ.ގެ ސްޓްރެންތަކީ މިއީ. މިއަދު ފެނަކައިން ރާއްޖޭގެ ހުރިހާ ދިމާއެއްގައި ކަރަންޓު މިދެވެނީ ފެނަކައިގެ އެހާ ބޮޑު ޢަދަދެއްގެ ފައިސާ ތެލުގެ ބިލުގައި، އެސް.ޓީ.އޯ.އަށް ދައްކަން އޮތްއިރުވެސް، އެސް.ޓީ.އޯ.ގެ އެހަކަތަ ހުރީމާ. އެސް.ޓީ.އޯ.އިން އެ ބެއިލްއައުޓް ކުރަނީ.

 

އަޅުގަނޑު އުންމީދުކުރަން، އަޅުގަނޑުގެ ވާހަކަކޮޅު އަޅުގަނޑުގެ މި ދަތުރު ނިމެންދެން މިރަށުގައި އަދި މި ދާއިރާގެ ހުރިހާ ބޭފުޅުން އަޑުއައްސަވާނެކަމަށް. އެއީ، އަޅުގަނޑު ކޮންމެރަށެއްގައި ކޮންމެވެސް ކަމެއް އިޢުލާންކުރަމުން ދާނަން. އެކަމަކު މިރަށުގައިވެސް ދަންނަވާލަން ބޭނުންވޭ، އަޅުގަނޑު ފަރެސްމާތޮޑާގައި ދައްކާ ވާހަކަ މިރަށުގެ މަސްވެރިން އަޑުއައްސަވައިފިކަމަށް ވަންޏާ އަޅުގަނޑު ވަރަށް އުފާވާނެ. މިއަދުވެސް އިނގޭތޯ، މިއަދުވެސް އެސް.ޓީ.އޯ.އިން މި ވިއްކާ އަގުގައި ތެޔޮ ކީއްވެގެންތޯ ޕްރައިވެޓް މީހުންނަށް ގެނެސްގެން ނުވިއްކެނީ. މަސްވެރިންނަށް މި ލިބޭ ތެޔޮ، މިއަގުގައި އަޅުގަނޑުމެން ކޮންޓްރޯލް ކޮށްގެން ނުވިއްކާނަމަ މިއަދު މަސްވެރިން އުޅޭނީ ކޮންހާލެއްގައިތޯ. މަސްވެރިން އެ ބާނާ މަހަކަށް އެ ބޭނުންހާ އަގެއް އަޅުގަނޑުމެންނަކަށް ބޭރުގެ މާކެޓަކުން ނުލިބޭ. ސަރުކާރުން ވަކި އަގެއްގައި މަސްވެރިންނަށް ވަކި އަގަކަށްވުރެ ދަށްނުވާ ގޮތެއްގައި މަސް ގަންނަމުން މިދަނީ. މީގައި ގެއްލުންތަކެއް އެބައުޅޭ ސަރުކާރަށް. އެކަމަކު މިފްކޯއަށް ދުވަހުންދުވަހަށް މަސްވެރިންނަށް ފައިސާ ނުދެވޭތީ، މިއަދުވެސް މިފްކޯ ބެއިލްއައުޓް ކުރާ ކުންފުންޏަކީ، ނޫނިއްޔާ މި ދެކޮޅުޖައްސަން ފޫބައްދައިދޭ ބަޔަކީ އެސް.ޓީ.އޯ. އެއީ، އެސް.ޓީ.އޯ.ގައި އެ ހަކަތަ ހުރީމަ. އެހެންވީމާ، އެކުންފުނިން އެހަކަތަ ނައްތާލާ ވާހަކަ މިދައްކަނީ. އެހެންވެއްޖެކަމަށް ވަންޏާ އެތައް ބައެއްގެ ވަޒީފާ ގެއްލޭ ވާހަކަ ފުރަތަމަ މިދައްކަނީ.

 

ދެން މިދައްކާ ވާހަކައަކީ، ރައްޔިތުންނަށް ފޯރުކޮށްދޭ މިކަހަލަ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގެ ހަކަތަ ނޫނީ ކެޕޭސިޓީ ނެތިގެންދާ ވާހަކަ. މިއީ، ސަރުކާރަކުން ކުރެވޭނެ ކަންކަމެއް ނޫން. މިއީ، ސަރުކާރުގެ ކުންފުނިތައް ވަރުގަދަވީމާ ކުރެވޭ ކަންތައްތައް. މިއަދު އެތަން މިތަނުގައި ބަނދަރުހަދައި، ބަނދަރު ހިއްކާ، ބަނދަރު ކޮނެ އަދި އެތަންމިތަނުގައި ބިން ހިއްކައި މިހަދަނީ އެމް.ޓީ.ސީ.ސީ.ގެ ހަކަތަ މި ސަރުކާރުން އުފައްދައިދިނީމާ. މި ސަރުކާރު އައިއިރު އެމް.ޓީ.ސީ.ސީ. އޮތް ހާލު ބަލައިފިކަމުގައިވާނަމަ މީހަކު ގަބޫލެއް ނުކުރާނެ، އެމް.ޓީ.ސީ.ސީ. ކޮޅަށް ޖަހާނެ ކަމަކަށް.

 

މިއަދު މަހާ ޖައްރާފާއަކީ، މުޅި ސަރަޙައްދުގައި އޮތް އެންމެ ބޮޑު މަހާ ޖައްރާފާ އެއީ. އޮވެގެން ބިން ހިއްކަމުން މިދަނީ އެމް.ޓީ.ސީ.ސީ.އަށް ހަކަތަ އުފައްދައިދިނީމަ. ސްޓެލްކޯގައި      އެ ހަކަތަ ނުހުންނަންވީ. ފެނަކައިގައި ނުހުންނަންވީ. އެސް.ޓީ.އޯ.ގައި ނުހުންނަންވީ އެމް.ޓީ.ސީ.ސީ.ގައި ނުހުންނަންވީ.

 

ދެން އަޅުގަނޑު ސުވާލެއް އެބައޮތް، ދިވެހިންގެ ކަންތައްތައް ކުރިއަށް ގެންދާނީ ދިވެހިން. ދިވެހިންނަށް ހެޔޮ އެދޭނީ ދިވެހިން. އަޅުގަނޑުމެން މިހުރިހާ ކުންފުންޏަކުން މިކުރާ ކަންކަން ހުއްޓާލައިފިކަމަށްވަންޏާ ކޮންބައެއްތޯ މިކަން ކުރަން އަންނަނީ. ކީއްވެގެންތޯ އިދިކޮޅު ބޭފުޅުން މިއަށް ޖަވާބު ނުދެއްވަނީ. ކޮންބައެއްތޯ މިކަންކަން ކޮށްދޭން އަންނަންވީ. ދެން އަޅުގަނޑުމެން އަބަދުވެސް އުޅެންވީ ވިކުރާ ފޮތެއް ހިފައިގެން ސަރަޙައްދުގެ ގައުމުތަކުގެ މި އެކި ކޮންޓްރެކްޓަރުން އައިސް މިތަނުގައި އެމީހުންގެ މީހުން ލައްވައިގެން މަސައްކަތް ކޮށްދިނީމާ މަސައްކަތް ކުރެވޭ ގޮތަށްތޯ އޮންނަންވީ. އެހެންވީމާ، އަޅުގަނޑުމެންގެ ދައުލަތަކީ ތޮށިގަނޑެއް ނޫންތޯ. ދައުލަތުގައި ނުހުރޭ ހަކަތަ، ދައުލަތަށް ބޭނުންވާ ރަށެއްގެ ބަނދަރު ހަދައިދޭނެ ހަކަތަ. ދައުލަތުގައި ހަކަތަ ނުހުރޭ، ދައުލަތަށް ބޭނުންވާ ކާޑު އިމްޕޯޓު ކޮށްލާނެ. އެހެންވީމާ، ކޮންކަހަލަ ދައުލަތެއް މިއީ. ކޮންކަހަލަ ދައުލަތެއްގެ ވާހަކަ މިދައްކަނީ. މި ދައުލަތުގެ ކެޕޭސިޓީއާއި ހައިބަތު އިތުރުކުރަން ކުރާ މަސައްކަތުގެ ތެރޭގައި އެންމެ ވަރުގަދަ މަސައްކަތަކީ، ދައުލަތުގެ ޝަޚްޞު ވަރުގަދަވެގެން މިއަންނަނީ، ދައުލަތަކީ ރިޒިލިއަންޓް ދައުލަތަކަށްވާތީ. ކޮންމެ ކަމަކަށް ސަލާންޖަހަން ނުދާ ބަޔަކަށްވާތީ.

 

އަޅުގަނޑުގެ ޚާރިޖީ ސިޔާސަތަށް ފާޑު ވިދާޅުވާ ބޭފުޅުންނަށް އަޅުގަނޑު މިއަދު ދަންނަވާލާނަން. އަޅުގަނޑުގެ ޚާރިޖީ ސިޔާސަތުގައި މި ސަރުކާރު އަމިއްލަ ސިފަތަކެއް ގެންގުޅޭތީ ދޮގެއްތޯ ބަޔަކަށް އުނދަގޫވެގެން މިއުޅެނީ. އެއީ، އިސްލާމީ ސިފަތަކަކާއި ދިވެހިވަންތަ ސިފަތަކަކާ އަދި އަޅުގަނޑުމެން ގަބޫލުނުކުރާ ކަހަލަ ޑިމޮކްރެޓިކް އުސޫލުތައް ނުގެންގުޅޭނަމޭ ބުނާތީ އުނދަގޫވެގެން މިއުޅެނީ. އަޅުގަނޑަށް ގޮން ނުޖައްސަވާ. އަޅުގަނޑުގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ ޤިޞާސް ތަންފީޒުކުރާނީ. އެކަމާ ޝައްކު ނުކުރައްވާ. އެކަން ކުރާތީ ނޫންތޯ އިދިކޮޅުފަރާތްތަކުން ގޮސް އެކިއެކި ކަރަކަރައިގައި މި ވާހަކަ ދައްކައިގެން ދައުލަތަށް އުނދަގުވާ ކަންތައްތައް މިކުރަނީ. އޭގެ ހުރިހާ އިޖުރާޢަތުތަކެއް ފުރިހަމަވެގެން އެކަން ކުރެވޭ ހިސާބަށް ދިޔައިމާ، އިރާދަކުރެއްވިއްޔާ ޤިޞާސް މި ރާއްޖޭގައި ތަންފީޒުވާނެ. އެހެންވީމާ، އަޅުގަނޑު ކައިރީ ވިދާޅުނުވޭ މިކަމެއްނުވާނެޔޭ. މިކަން ކުރާނީވެސް އަޅުގަނޑު. އެއީ 60 އަހަރުވެއްޖެ ޤިޞާސްގެ ވާހަކަ ނުވެސްދައްކާތާ. އެއްވެސް ސަރުކާރެއްގައި ވަލިއްޔުލްއަމުރަކަށް ހުރި މީހަކު މި ފަސްދޮޅަސް އަހަރުގެ ތެރޭގައި ޤިޞާސްގެ ވާހަކައެއް ނުދައްކާ. އެހެންވީމާ، މިއަދު ކިހިނެއްތޯ ޔާމީން ޤިޞާސް ނުހިފާނެއޭ، މިވާހަކަދައްކަން އެބޭފުޅުންގެ ކޮން ހައިސިއްޔަތެއްތޯ އޮތީ. މި ޤިޞާސްގެ ވާހަކައަކީ، އެބޭފުޅުންގެ ބަސްކޮށާރުގައި ނުވެސް ނެތް އެއްޗެއް. މީގެކުރީގައި ތިބި ރައީސުންގެ. އެހެންވީމާ، ޤިޞާސް ހިފާ ވާހަކަ މިއަދު ދެއްކީމާ މިއަދު ވިދާޅުނުވޭ އެހަދަނީ ދޮގެކޭ. ރައީސް ޔާމީނަކީ، ރައްޔިތުންނަށް ބޮޑެތި ކަންތައްތައް ކޮށްދޭނަމޭ ބުނެފައި އެކަންކަމުގައި ދޮގުހަދާނެ މީހެއް ނޫން. ރައީސް ޔާމީން ރައްޔިތުންގެ ކައިރީ ބުނާ ކަންތައްތައް ކޮށްދޭނެ. އެހެންވީމާ، އަޅުގަނޑުގެ މަސައްކަތަކީ ތަރައްޤީ ކުރިއަށް ގެންދިޔުން.

 

މިހާރު މަޑަވެލީގައިވެސް އަދި ހޯނޑެއްދޫގައިވެސް ރައްޔިތުން އިންތިޒާރު ކުރައްވަންވީ، މި ޖީބުގައި ކޮންމެ ޒުވާނަކަށް ތަނަވަސްކަން އިތުރުވާނެ ގޮތަކާ ދޭތެރޭގައި. ޒުވާނުންގެ ވާހަކަ ދައްކާއިރު އަޅުގަނޑު ހަމަ ދޮށީ ރައްޔިތުންނަށް ވާހަކައެއް ދަންނަވާލާނަން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މީގެ ކުރީގައި މި އޮންނަނީ ސިވިލް ސަރވިސްގައި 65 އަހަރުވީމާ ރިޓަޔަރ ކުރަންޖެހޭ ގޮތަށް. އަދި 55 އަހަރުވީމާ، ޕެންޝަން އިންޑިއުސް ކުރާގޮތަށް. އަޅުގަނޑު މީގެކުރީގައިވެސް ވާހަކަ ދައްކަމުން ދަންނަވައިފީމު. އަދި އަޅުގަނޑު މިދަންނަވާ ވާހަކައިގެ ފަހަތުން ދެން އަޅުގަނޑުގެ ވާދަވެރިން މަސައްކަތް ކުރައްވަން ޖެހޭނީ. އަޅުގަނޑު އެއްޗެއް ބުނީމަ އެއަށް ކޮންމެވެސް އެއްޗެއް ވިދާޅުވާނީ.

 

މިހާރު ގެދޮރުވެރިކަމުގެ ކޮންސެޕްޓަކީ އަޅުގަނޑު އޭގެ ތަފްސީލާއެކީ ނިންމާފައި އޮތް އެއްޗެއް. އެބޭފުޅުން ފުރަތަމަ ވިދާޅުވީ ކީކޭތޯ. އެބޭފުޅުން ފުރަތަމަ ވިދާޅުވީ، ރާއްޖޭގެ ކޮންމެ މީހަކުވެސް ކޮންމެވެސް އެހެން ރަށަކުން ބިންކޮޅެއް ބޭނުންވަންޏާ ބިންކޮޅެއް ދޭނަމޭ. މިއީ، ކާކަށް ނުކުރެވޭނެ ކަމެއް. މިއީ، ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެއް. އެކަމަކު މިއަދު އެކަން ކުރާނެ ގޮތް ކިޔައިދީފައި، މާލޭ ސަރަޙައްދުގައި މިކަން ކުރާނެ ގޮތް ކިޔައިދީފައި އަދި ހިޔާ މަޝްރޫޢުން ރައްޔިތުންނަށް އެތައް ބައިވަރު އުންމީދެއް ލިބިގެން ދިޔައިމާ، މިހާރު އެވިދާޅުވަނީ، ތިމަންނަމެންވެސް ގެދޮރުވެރި ކުރާނަމޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިގޮތް ރަނގަޅޭ ހަމަ. އަޅުގަނޑު ބަނދަރެއް ހަދާ ނިމުނީމާ، އެރަށަށް އަރައި ވިދާޅުވަނީ، މިރަށުގައި ބަނދަރު ހަދައިދޭނަމޭ. އަޅުގަނޑު ނަރުދަމާ އަޅައިދީ ނިމުނީމާ، އެރަށަށް އަރައި ވިދާޅުވަނީ ނަރުދަމާ އަޅައިދޭނަމޭ. އެހެންވީމާ، އަޅުގަނޑުގެ ހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނީމާ ވިދާޅުވަނީ، ތިމަންނަ ހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދޭނަމޭ. އެހެންވީމާ، އޭގެ ޒާތުގައި މިއީ އަސްލު ވިސްނުމެއް ހުރިބައެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން.

 

އަޖުމަ ބެލުމަށްޓަކައި އަޅުގަނޑު ރައްޔިތުންނަށް ދެންނެވިން، މީގެކުރީގައި އަޅުގަނޑަށް ފުރުސަތެއް ދެއްވާށޭ. މިހާރު ރައްޔިތުން އަޅުގަނޑުގެ އަޖުމަ ބައްލަވާފައި ހުންނާނީ. އަޖުމަ ބެއްލެވީމާ ނަތީޖާއަކަށް އަޅުގަނޑު ދަންނަވާނީ މަޑަވެލީގައި ދަންނަވާނީ، މަޑަވެއްޔަކީ ތަހުޒީބާއި ތަރައްޤީން މަޙްރޫމުވެފައި އޮތް ރަށެއް. މިއަދު މި މަޝްރޫޢުތައް ނިމިގެންދާއިރު 150 މިލިއަން މަޑަވެއްޔަށް އެ ޚަރަދުވެގެންދަނީ، ހޭދަވެގެންދަނީ. ޖީބުގެ ތަނަވަސްކަމަށް ބަލާކަމުގައިވަންޏާ ފަރުދުންނަށް ޤައުމުގެ އިޤްތިޞާދު، ދުޅަހެޔޮ އިޤްތިޞާދަކަށް ވީވަރު އަޅުގަނޑު ހަމަ ދަންނަވާލާނަން.

 

އަޅުގަނޑު ރައީސް ކަމާ ހަވާލުވީއިރުގައި ގާތްގަނޑަކަށް 4000 ޑޮލަރު ބޮލަކަށް ޖެހޭވަރު. މިއަދު އެ އަދަދު އެއުޅެނީ ގާތްގަނޑަކަށް 10,000 ޑޮލަރުގައި. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ފަސް އަހަރު ނިމިގެންދާއިރު މިއަދަދު 20,000 ޑޮލަރަށް ބަދަލުވެގެންދާން. އެކަން ނުވާނެ ހަމަ އެއްވެސް ސަބަބެއް ނެތް. އެކަމަކު މިވާހަކަ ދައްކާ މީހަކު އެދައްކާ ވާހަކައަށް އޭގެ ކުރީގައި އޭނަގެ އަޖުމަ ބެލިފައި ހުރެއްޖެކަމަށްވަންޏާ އޭނައަށް އެ ފުރުސަތު ނުދޭންވީ ސަބަބެއްވެސް ނެތެއްނޫންތޯ. އަޅުގަނޑުމެން ފިކުރުތައް ތަޖުރިބާ ކޮށްފީމު. އިދިކޮޅު ފިކުރާއި، އެއްކޮޅު ފިކުރާއި، އޮޑީގައި ތިބި މީހުންނާއި އޮޑިން ފުންމާލި މީހުންނާއި އަދި އޮޑި ފައްތާލަން އުޅުނު މީހުންނާ، މިހުރިހާ ތަޖުރިބާއެއް އަޅުގަނޑުމެން ކޮށްފީމު. އެހެންވީމާ، މިބޭފުޅުންނަށް ނުކުރެވިގެން މިއުޅޭ ކަމަކީ، އަޅުގަނޑު މިގެންނަ ތަރައްޤީ ރައްޔިތުން ޤަބޫލުކުރާތީ، އެއާ އެއްވަރުގެ ވާހަކައެއް ދެއްކެވޭނެ ގޮތެއްނެތީމާ، ކޮންމެވެސްކަހަލަ ބުހުތާން ވާހަކައެއް ދައްކަވަނީ.

 

މިއަދު އަޅުގަނޑު ދެކެފިން އިނގޭތޯ ނޫހަކުން، ކުރީގައި އަޅުގަނޑުގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވި ވާހަކައެއް. މިނިވަން ނޫހުގެ މި ނޫސްވެރިޔަކަށް އުޅޭ ރިޟްވާން، މިހާރުވަނީ ނިޔާވެފައި. ޝައްކެއްވެސްނެތް، ވަރަށް ހިތާމަވެރި ކަމެއް. އޭނާގެ މަރުގެ މައްސަލަ ކެބިނެޓުގެ ފެންވަރުގައި ތިމަންނަމެން އެކަން ހޯދަން މަސައްކަތްކުރަމުން ދަނިކޮށް، ރައީސް ޔާމީނޭ ހުއްޓުވާލީ. މި ތިއްބެވީ ކެބިނެޓުގައި ތިއްބެވި ވަޒީރުން އޭރުވެސް. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ބުހުތާން ދޮގު، ބޮޑެތި ޙުކުމް އައިސްފައި ތިބި މުޖުރިމުން، މިކަހަލަ ވާހަކަ ދެއްކީމާ، އެ ވާހަކަތައް ނޫސްތަކުގައި ކެރީ ކުރީމާ އަޅުގަނޑު ހިތާމަކުރަން. އެއީ، ރައްޔިތުންނަކީ ހުރިހާ ފެންވަރެއްގައިވެސް ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ. މީހަކު މަރުވެގެން މިއުޅެނީ. މިއީ ދައުލަތަކަށް ބޮޑުވާނެކަމެއް. އަދި މިވާހަކަ ދައްކާ މީހާ މި ބުނާ ވާހަކައަކީ، ކެބިނެޓުގެ ފެންވަރުގައި ތިމަންނަމެން މަސައްކަތްތަކެއް ކުރީމޭ. ނޫން، ކެބިނެޓުގެ ފެންވަރުގައި މަސައްކަތެއް ނުކުރާނެ. މި މަސައްކަތުގެ ތަޙުޤީޤަކީ ފެށުނީއްސުރެ ފުލުހުން ކުރާ ތަހުޤީޤެއް. މިހާރުވެސް ފުލުހުން އެ ތަޙުޤީޤު ކުރަމުން އެބަދޭ. އަފްރާޝީމްގެ މަރުގެ މައްސަލަ އަޅުގަނޑުމެންނަށް ބެލެންޖެހޭ. ރިޟްވާނުގެ މަރުގެ މައްސަލަވެސް ބެލެންޖެހޭ. ދެންވެސް ތިބި މީހުންގެ މަރުގެ މައްސަލަ ބެލެންޖެހޭ. ކިހިނެއްތޯ ކެބިނެޓް ފެންވަރުގައި މިކަން ކުރާނީ. ކެބިނެޓުން ކޮމިޓީއެއް ނަގައިގެން މިކަމެއް ނުކުރެވޭނެ. ކެބިނެޓުން ކޮމިޓީއެއް ނަގައިގެން ކުރި މަސައްކަތަކީ، ރައީސް ޔާމީނުގެ ލޯންޗު ގޮއްވާލަން ކުރި މަސައްކަތް، އަޙްމަދު އަދީބު ކުރި މަސައްކަތް. އަޅުގަނޑުމެންގެ ކެބިނެޓް ހިމެނޭގޮތަށް ފުލުހުންނާއި ސިފައިން ދެންވެސް އެ ތަޙުޤީޤު ކުރި. އެހެންވީމާ، މިއަދުވެސް އަޙްމަދު އަދީބު އެބަ ބުނެދޭންޖެހޭނޫންތޯ ކީއްވެގެންތޯ، ރައީސް އެކަންޏެއްނޫން އެފަހަރު ޙައްޖުވެގެން އައި އެންމެންނާ އަދި އަޅުގަނޑުމެން ބަލާދިޔަ އަޅުގަނޑުމެންގެ އާއިލާގެ މީހުން، އެންމެން ތިއްބާ  މި ލޯންޗް ގޮއްވާލަން މަސައްކަތްކުރީ. މިވަރު މީހަކު ދައްކާ ވާހަކަ މިހާރު ނޫސްތަކުގައި، މިއީ ނިއުސްވަރތީ އައިޓަމްކަމަށް މި ޖަހަނީ. ކެބިނެޓަކުން ނުކުރާނެ، މީހުންގެ މަރު މިގޮތަށް ގެއްލިގެން ދިޔައީމަ. އެއީ، ފުލުހުންގެ މަސައްކަތެއް. މިއަދުވެސް ފުލުހުން އެމަސައްކަތް ކުރަމުން އެބަދޭ. އަދި ފުލުހުންގެ މުއައްސަސާއިން މިއަދުވެސް އެއަށް ޖަވާބުދާރީވާނެ. އެހެންވީމާ، މިކަހަލަ މީހުން ދައްކާވާހަކަވެސް މިހާރު އަޅުގަނޑާ ދިމާއަށް މި އެނބުރި އަންނަނީ. އެއީ ކީއްވެގެންތޯ، ގިޞާސް ހިފާވާހަކަ ދެއްކީމާ. އެހެންވީމާ، މިކަހަލަ ވާހަކަތައް މި ކެރީ ކުރަނީ މި ދުވަސްކޮޅު. މި މޫސުމުގައި ކެރީ ކުރާނެ މިކަހަލަ ވާހަކަ.

 

އަޅުގަނޑު ދަންނަވާލަން ފެށި ވާހަކައަކީ، މިހާރު މަޑަވެލީގައި މި ކުރެވުނު އަސާސީ މަސައްކަތްތަކެއް ކުރެވުނީމާ، ދެން މަޑަވެލީގައި ވިސްނަންޖެހޭ ކަންކަމުގެ ތެރޭގައި މިހިރީ ރައްޔިތުންގެ އާމްދަނީ އިތުރުކުރުން. އަޅުގަނޑު ކުރީގައިވެސް ބުނަމުން އައި ވާހަކައެއް. ގއ. ގދ. ޤުދުރަތީ ބޮޑު އެއް އަތޮޅު. ޓޫރިސްޓް ރަށްރަށް ހަދާކަމަށްވަންޏާ، މިއަށްވުރެވަކި މަޝްހޫރު، ނޫނީ މިއަށްވުރެ ވަކި އިތުރު ފަހި އެހެން އެއްވެސް ދާއިރާއެއް ނުވެސްނެތް. އެހެން ނަމަވެސް، ހަމަ ދަތުރުފަތުރުގެ ދަތިކަން ހުރުމާއެކީ، މި އުނދަގޫތަކެއް ވެގެން މިދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަންނަ ފަސް އަހަރުގެ ތެރެއިން، ފުރަތަމަ ތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެން އެބަ ނިންމަން، ގއ. ގދ. ދެ އަތޮޅުގައި 10,000 އެނދު އުފައްދަން. އެއީ، ހަމައެކަނި ގއ. ގދ. ގައި. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ގއ. ގދ. ގައި އެކަނި އަޅުގަނޑުމެން އަމާޒުކޮށްފައި މިއޮތީ 10,000 އެނދު އުފައްދަން. އޭގެ ތެރެއިން، ގދ. ގައި 6000 އެނދު، ގއ. ގައި 4000 އެނދު  އުފައްދާނަން.

 

މި ދާއިރާއަށް ބަލާކަމަށްވަންޏާ، މަޑަވެލީ ދާއިރާއަށް ބަލާކަމަށްވަންޏާ، މިތާ އެއަރޕޯޓު ކައިރީގައި އޮތީމައާއެކީ، މަޑަވެލި ދާއިރާގައި އެންމެ ކައިރީގައި ހުރި ރަށްރަށަށް ބަލާކަމަށްވަންޏާ، މިސާލަކަށް، މާ ކައިރިއެއްވެސް ނޫންކަންނޭނގެ، އެކަމަކު ދަތުރުފަތުރު ކުރާކަށް އުނދަގުލެއްނޫން. ނަޑެއްލާ، ހޯނޑެއްދޫ، ދެން ތިނަދޫ އެބައޮތް. އެކަމަކު ތިނަދުއަކީ މުޅިން ވަކިރަށަކަށްވާތީ، އަޅުގަނޑު ހަމަ މީގެތެރެއިން އިސްތިސްނާކޮށްފައި ގެންދާނަން، ރަތަފަންދޫ. މިރަށްތަކަށް ބަލައިގެން އަޅުގަނޑު ހަމައެކަނި މިދާއިރާއިން އަޅުގަނޑު ބޭނުންވޭ 1400 އެނދު، ފުރަތަމަ ތިން އަހަރުގެ ތެރޭގައި އުފައްދަން. 1400 އެނދަކީ، ގާތްގަނޑަކަށް 2300 ވަރަކަށް ވަޒީފާ. މިއީ، ޒުވާނުންގެ ވަޒީފާ އިތުރުކުރަން އަޅުގަނޑުމެން ކުރާކަމެއް. އެއީ، ހަމައެކަނި މަޑަވެލީގައި މިދާއިރާގައި މިހިރަ ރަށްތަކަށް.

 

އަޅުގަނޑުގެ މަންޒިލަކަށް ދެން މިއޮތީ، ފަރެސްމާތޮޑާ. ފަރެސްމާތޮޑާގައިވެސް އެއަރޕޯޓުގެ މަސައްކަތް ހިނގަނީ. ފަރެސްމާތޮޑާ ދާއިރާގައިވެސް މިކަހަލަ ވާހަކަތަކެއް އަޅުގަނޑު ޢިއުލާނު ކުރާނަން. މީގެ ބޭނުމަކަށްވަނީ، ހަމަ ޙަޤީޤަތުގައިވެސް މިދެންނެވި ކަހަލަ ކަންތައްތައްކޮށްގެން ރައްޔިތުންގެ ބޭނުންތައް ފުއްދަން. އެކަމަކު ޖަޒީރާ ކޮންސެޕްޓުގައި، މިކަމެއް ނާންނާނެ. އެއީ، މިތަނުން ލިބޭ އެއްޗަކުން އެއަރޕޯޓު މިތާ ހަދާފައި މިތަނުން ލިބޭ އެއްޗަކުން ރިޒޯޓް ހަދާކަމަށްވަންޏާ އެއީކީ ވާނެކަމެއްނޫން. ފަރެސްމާތޮޑާ ދާއިރާގައި އެތަނުގައި އެއޮތްބޮޑު ފެންގަނޑު، ކުޅި ނުހިއްކިގެން މިއޮއްހާ ދުވަސް މިދިޔައީ. އެތަނުގައި ބަނދަރު ނުހެދިގެން މިއޮއްހާ ދުވަސް މިދިޔައީ. އެތަނުގައި އެއަރޕޯޓެއް ނެތިގެން މިއޮއްހާ ދުވަސް މިދިޔައީ. އެހެންވީމާ، އެތަނަކުން ލިބޭ އާމްދަނީއަކުން އެތަނުން އެކަންކުރަންޏާ ކިހިނެއްތޯ އެކަންކުރާނީ. އަދިވެސް ތިބެންވީ. އަޅުގަނޑުމެން ދުނިޔޭގައި ﷲ ލަހައްޓަވައިފިކަމަށްވަންޏާ އުމުރު ހުސްވަންދެން ތިއްބަސް އެރަށަކުން ލިބޭ އެއްޗަކުން، އާމްދަނީއަކުން މިކަން ކުރާކަމަށްވަންޏާ، މިކަންކަމެއް ނުވާނެ.

 

 މުޅި ދައުލަތުގެ މުއްސަނދިކަމަކީ، އެންމެ ދުރުގައި އުޅޭ އެންމެ ނިކަމެތި މީހާއަށްވެސް އެއަށް ހިއްސާ ލިބެންވާނެކަމެއް. ކީއްވެގެންތޯ ނުކުޅެދޭ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް މި ސަރުކާރުން މިކަހަލަ މަޝްރޫޢުތަކެއް މި ހިންގައިދެނީ. ކީއްވެގެންތޯ އެމީހުންނަށް ވަޒީފާ ޙައްޤު ނުވަނީތޯ. މީގެކުރީގެ ސަރުކާރުތަކުގައި އެމީހުންނަކީ، އުޅޭބައެއްކަން ނޭނގި މިދިޔައީ ކީއްވެގެންތޯ. މިއަދު މުޅި ދައުލަތަށް ލިބޭ އާމްދަނީއާއި ދައުލަތުގެ ކުންފުނިތައް ވަރުގަދަވީމާ މިކަހަލަ އެތައް ކުދިންނަކަށް މިއަދު ވަޒީފާ ކަށަވަރު ކޮށްދީފައި އެވަނީ. އެކުދިންގެ މުސްތަޤްބަލެއް އޮތްކަމަށް އެކުދިންނަށް އެބަ ޤަބޫލުކުރެވޭ.

 

ދިވެހިރާއްޖޭގެ ބިމުގައި ހިމެނޭ ކޮންމެ އަކަފޫޓަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ހައްޤެއްނޫންތޯ. މިތަނުގައި މުއްސަނދިން އުޅޭނެ، ނިކަމެތިން އުޅޭނެ، ފަޤީރުން އުޅޭނެ، މިތަނުގައި އުޅޭނެ ޙިއްޞުތައް ހަމައަށް ހުރި މީހުން، މިތަނުގައި އުޅޭނެ ނުކުޅެދޭ މީހުން. އެކަމަކު އަޅުގަނޑުމެން ޖުމްލަގޮތެއްގައި ދައުލަތެއްގެ އުފާވެރިކަމަކީ، ރައްޔިތެއްގެ އުފާވެރިކަމަކީ، މަޑަވެލީގައި ރައްޔިތުންގެ އުފާވެރިކަމަކީ، މަޑަވެލީގެ އެންމެ ނިކަމެތި މީހާއާވެސް އުޅެވޭނެގޮތެއް މަޑަވެލީގެ ތެރެއިން ހަމަޖައްސައިދިނުން. ހަމަޖައްސައި ނުދެވޭކަމަށްވަންޏާ ރައީސް ޔާމީން ކައިރީގައި އެވާހަކަ ބުނުން. އެއީ، ރައީސް ޔާމީނަކީ މިހެން ތިބި، އިޖުތިމާޢީގޮތުން ހަވާސާވެފައި ތިބި ގިންތިތަކުގެ މީހުންނާ ދޭތެރޭގައި މިހާތަނަށް އެންމެ ގިނަ މަޝްރޫޢުތަކެއް ހިންގައިދެވިފައިހުރީ، މި ފަސް އަހަރު ސަރުކާރުގެ ތެރޭގައި. އެހެންވީމާ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އެއްބަޔަކު އުފަލުގައި އުޅޭކަމަށްވަންޏާ މި އުފަލުގައި ކީއްވެގެންތޯ، އަޅުގަނޑުމެން އެންމެން ނޫޅެންވީ. އަޅުގަނޑުމެންގެ ޒުވާނުންނަށް މާލޭގައި ކޮފީ ބޮވޭކަމަށްވަންޏާ ކީއްވެގެންތޯ، މިކަހަލަ ރަށްރަށުގައި ހަމަ ކޮފީ ބޮވޭނެ ގޮތްތައް ތަނަވަސް ނުވާންވީ. އަޅުގަނޑުމެން ޒުވާނުންނަށް އެއްރަށުން އަނެއް ރަށަށް ބުރިޖް ހުރަސްކޮށްދެވޭކަމަށްވަންޏާ މާލޭގައި، ހަމަ ހޯނޑެއްދޫއާއި މަޑަވެއްޔާވެސް ހަމަ އެއް ރަށެއްގެގޮތުގައި، އެއް ޝަހަރެއްގޮތުގައި އެބަ ގުޅެންޖެހޭ ދޮގެއްތޯ.

 

އެހެންވީމާ، މި ވިސްނުންތައް މިބޭބޭފުޅުންނެއް ނުގެންގުޅުއްވާ. އޭގެ ބަދަލުގައި މިދައްކަވަނީ މުޅިން އެހެން ވާހަކައެއް. ޑިމޮކްރަސީގެ ވާހަކަ އަޅުގަނޑުމެންނަށް ކިތަންމެ ވަރަކަށްވެސް ދެއްކިދާނެ. އެކަމަކު މުޢާޒް އެވިދާޅުވިގޮތަށްވުރެ ފުރިހަމަކޮށް އެވާހަކަ ދަންނަވާނެ ގޮތެއް އަޅުގަނޑަކަށް ނުއެއް ވިސްނޭ. އަޅުގަނޑުމެން ޑިމޮކްރަސީގެ ވާހަކަ ދައްކާނަން. އެކަމަކު ޑިމޮކްރަސީއަކީ ޙަޤީޤަތުގައިވެސް އުސޫލުތަކެއްގެ ތެރޭގައި މީހުން އުޅުން. އިންސާނުންނާއި ޙައިވާނުންނާ ތަފާތުވަނީ މި ވިސްނުމުގައި. ސިކުނޑީގެ ވިސްނުމުގައި. ސިކުނޑީގެ ވިސްނުން ބޭނުންކޮށްގެން ތަރައްޤީ މިވަނީ. ސިކުނޑީގެ ވިސްނުން ބޭނުންކޮށްގެން އެކަކު އަނެކަކުގެ ޙައްޤުތަކަށް އަރައިނުގަންނާނެގޮތަށް ޤާނޫނުތަކާއި އުސޫލުތައް ބައްޓަން މިކުރަނީ. އެހެންވީމާ، އެ އުސޫލުތަކުގައި ތިބެވޭކަމަށްވަންޏާ، އެއީ ޑިމޮކްރެޓިކް ހަމަތަކުގައި ތިބެވެނީ. އެއްވެސް ދެ ޤައުމެއްގެ ތެރޭގައި ޑިމޮކްރެޓިކް ހުރިހާ އުސޫލެއް އެއްގޮތަކަށް ނެތި ހިނގައިދާނެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހެނީ، ރައްޔިތުންގެ ބޮޑެތި ޙައްޤުތަކަށް އެހެން ބަޔަކު އަރައިގަންނަ ކަމަށްވަންޏާ، އެއީ މައްސަލައެއް.

 

އަޅުގަނޑުމެންނަށް މީގެކުރީގައި އެމް.ޑީ.ޕީ ސަރުކާރާއި، އެމް.ޑީ.ޕީ ވެރިކަމަށް އައިއިރު ކޮން ކަމެއްތޯ ދަސްކޮށްދިނީ. ރަނގަޅަށް އަޑު އައްސަވާ. ކޮންމެ ކަމެއް ކުރުމުގައިވިޔަސް ނިކަމެތި މީހާގެ ޙައްޤުތަކަށް އަރައިގަނެފައި ހުންނާނީ. ގަދަބާރުންކުރަން ބޭނުންވި ކޮންމެ ކަމެއްކުރުން، އެއީ އެމީހުން ދައްކައިދީފައި، ނަގައިދީފައިހުރި ފިލާވަޅުތަކަކީ. ރައީސް މައުމޫން ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފެނިގެންދިޔައީ އެކަން.

 

އަޅުގަނޑު މިސާލެއް ދަންނަވާލާނަން. އަޅުގަނޑުމެން ހުރިހާ ކުދިންނަކީވެސް މަދަރުސާއަށް ކިޔަވަންދާ ކުދިން. ވަކި ގަޑިއެއް އޮވޭތޯ. ވަކި ތަނެއް އޮވޭތޯ އެއްވެ ހަޅޭއްލެވުން މަނާކޮށްފައި. ކޮންމެ ތަނެއްގައި އެކަންކުރޭ. އެތާ ކިޔަވަން އެ ތިބަ ތުއްތުކުދިންގެ ޙައްޤެއްނުވޭތޯ. އެކުދިންގެ މަންމައިންނާއި ބައްޕައިންގެ ޙައްޤެއް ނުވޭތޯ. ނަފްސާނީގޮތުން ކިތައް ކުދިންނަށް ގެއްލުން ލިބުނުތޯ. އެކަމަކު މިއީ ކޮށްފައި ހުރި ކަންތައް. އެމީހުން ކުރަންވީމާ ޑިމޮކްރެޓިކް އުސޫލު މިއީ. އޭރު އިދިކޮޅުގައި ތިބި މީހުންގެ ގޭގޭދޮށަށް، އެމީހުން ޝިކާރަކުރަން ބޭނުންވާ މީހުންގެ ގޭގޭދޮށަށް ނާޗަރަންގީ ކުޅޭގޮތަށް ކޮންމެ ރެޔަކު ކަހަލަގޮތަކަށް މީހުން އެއްވެގެން ބިރުގަންނަވަންކުރި މަސައްކަތްތައް. ކީއްތޯ މިކުރަނީ. އެއީ، ގޮތެއްނެތް، ނޫނިއްޔާ ނިކަމެތި ބައެއްކަމަށް ހީވާތީ ޓެރަރައިޒްކުރަން ކުރާ މަސައްކަތް. މިކަހަލަ މަސައްކަތުގައި އަޅުގަނޑުމެންގެ ފިކުރުގައި ތިބި ބަޔަކު އިސްކޮށް ތިބި މީހުންވެސް އޭރު އެމީހުންނަށް ތަބާވިކަންނޭނގެ. އެކަމަކު އެމީހުންނަށް ތަބާނުވި މީހުންގެ ތެރޭގައި އެކަކަށްވާނެ އަޅުގަނޑު. އަޅުގަނޑަށް ބިރުދެއްކި. ކިތަންމެ ކަމެއްކުރި. އަދި ޤާނޫނާއި ޝަރީޢަތުން ބޭރުން ކަންކަން ކުރި. އަދި އަޅުގަނޑުމެން ގޭދޮށަކީ އެމީހުން އެންމެ އެއްވާހިތްވާ ސަރަޙައްދު.

 

އަޅުގަނޑުގެ ސަރުކާރު އައުމާއެކީ، ހުރިހާ ބާރެއް އޮތީ މި ސަރުކާރުގައި. ރާއްޖޭގެ ރައްޔިތުން، ދެން އައި މަޖިލީހަށްވެސް ބޮޑު އަޣުލަބިއްޔަތެއް ދެއްވީ އަޅުގަނޑުގެ ޕާޓީއަށް. އަޅުގަނޑާއި އެމް.ޑީ.އޭއަށް ދެއްވީ. ކީއްވެގެންތޯ މާލެ އަމާން ތަނަކަށްވެގެން މިއުޅެނީ. އެއީ، އެކަހަލަ މަސައްކަތްކުރަން އަޅުގަނޑު މީހުންނެއް ނުނެރެމޭ. އެމީހުންގެ މީހުންނަށް ބިރުދައްކާކަށް އަޅުގަނޑު މީހުންނެއް ނުނެރެމޭ. އެއީ، އަޅުގަނޑު ޤަބޫލުކުރާ އުސޫލެއް ނޫނޭ. އަޅުގަނޑު ޤަބޫލުކުރާ އުސޫލަކީ، އެބަޔަކު ބޭނުންވާގޮތަކަށް ކަންކަން ނިމިގެންދާނީ، ޑިމޮކްރެޓިކް  އުސޫލުން. އެ އުސޫލު ދައްކައިދޭނީ، މަޖިލީހުން ނަގާ ވޯޓުން، މަޖިލީހުގައި ކުރާ ބަހުސުން.

 

އަޅުގަނޑު ރައީސްކަމަށް އައުމުގެ ކުރިން، މަޖިލީހުގެ އެންމެފަހު ދައުރު އެއީ، އޭރުގެ 17 ވަނަ ދައުރުގައި އޭރު އަޅުގަނޑު އުޅުނިން. ވީޑިއޯތައް ތިޔަބޭފުޅުން އަލުން ނިއުޅާލައްވައި. މަޖިލީހުގެ ތެރޭގައި ކަންކަން ހިނގައިދިޔައީ ކިހިނެއްތޯ. އެމީހުންގެ ވެރިކަން އޮތީމާ، އެމީހުންގެ ބާރު އޮތީމާ، މަޖިލީހުގެ ތެރޭގައި ތަޅާފޮޅީ. މަޖިލީހުގެ ތެރޭގައި ބިރުވެރިކަމާއި ނާމާންކަންއޮތީ. މާލޭގެ މަގުގައި، ރަށްރަށުގެ މަގުގައި، މީހުންނަށް ބޮޑެތި ގެއްލުންދިނީ. އަނިޔާކުރަމުން ދިޔައީ. މިކަހަލަ ނާމާންކަމާއި ބިރުވެރިކަންއޮތީ.

 

ރޭގައި އަޅުގަނޑު ދުށިން ޓީ.ވީ ޕްރޮގްރާމެއް. ޕީ.އެސް.އެމް.ގެ ޓީވީ ޕްރޮގްރާމެއްގައި އާންމުކޮށް ފޭރުމާއި، މީހުން އަތުން ފައިސާ އަތުލުމާ، މިއީ ޢާންމު ކަމަކަށްވެފައި އޮތީ. އެކަމު މިއަދު އަޅުގަނޑުމެން ހަމަނޭވާ މިލެވެނީ ކީއްވެގެންތޯ. އުސޫލުތަކެއް ގަބޫލުކޮށްފައި، އެ އުސޫލުތައް ހިންގަން ސަރުކާރުން މަސައްކަތް ކުރާތީ. ދެން މިކަމަށް ކިޔަންވީކަންނޭނގެ އަނިޔާވެރިކަމޭ. އަނިޔާވެރިކަން ތަނެއްގައި އޮތްކަމަށްވަންޏާ، ރައްޔިތުންގެ އެންމެ ނިކަމެތި މީހާ، އެ ތަޙައްމަލުކުރަން ޖެހޭނެ. އެކަމު މިރަށުން އަޅުގަނޑު ކައިރީ ވިދާޅުވޭ، ކޮން ބޭފުޅަކު ކޮން އަނިޔާއެއްތޯ ތި ތަޙައްމަލް ކުރައްވަނީ.

 

ސިޔާސީގޮތުން ހައްދުފަހަނަޅައިގެން ގޮސްފައި، އުސޫލާއި ޤާނޫނަށް ތަބާނުވާ މީހުންގެ ތެރެއިން އިސްކޮށް ތިބޭ މީހުން ޤާނޫނާ ޚިލާފުވީމާ، އެމީހުންނަށް ޝަރީޢަތް މެދުވެރިކޮށްދޭ އަދަބު ލިބުނީމާ، އެވާހަކަތޯ މިދައްކަނީ. މި ސަރުކާރު އޮތްހާ ހިނދަކު، ރައްޔިތުންނަށް ކަށަވަރުވާނޭ ކަމަކީ، މި ސަރުކާރު އޮތްހާ ހިނދަކު ޤާނޫނު ހިނގާނެ. ޤާނޫނު ތަންފީޒުކުރާނެ. ބޮޑެއް ކުޑައެއް، މޮޅެއް ދެރައެއް ނޯންނާނެ، އެކަން ކުރާނެ މި ސަރުކާރުން.

 

ހަމަ އަޅުގަނޑު ދަންނަވާލާނަން. ގއ. އަދި ގދ. އަކީ، ޤުދުރަތީގޮތުން ބޮޑު އަތޮޅެއް. އެހެންވީމާ މިއީ، ޙަޤީޤަތުގައިވެސް ޓޫރިޒަމްގެ ހަބަކަށް ވެގެންދާނެ. އަޅުގަނޑުމެން މިއައީ ކާޑެއްދުއަށް ފައިބައިގެންގޮސްފައި. އަޅުގަނޑު މިހާރު އަޅުގަނޑުގެ ވަޒީރުންނަށް ދަންނަވައިފިން، ކާޑެއްދުއަކީ ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދުމަށްޓަކައި ރަންވޭ ބޮޑު ކުރެވޭނޭގޮތް ބަލާށޭ. އަޅުގަނޑަށް އެނގިފައިއޮތްގޮތުން ވެއްޖިއްޔާ ތިލަފަޅެއް އޮތުމާއެކީ. ކާޑެއްދޫގެ އެއަރޕޯޓު، އިރާދަކުރެއްވިއްޔާ މިއަންނަ ތިން އަހަރުގެ ތެރޭގައި އެއީ، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ވެގެންދާނެ. އެއީ، މިހާގިނަ އެނދު އަޅުގަނޑު ގއ. ގދ. ގައި އަޅަން ބޭނުންވާތީ.  އެއީ، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށްވާން އެބަޖެހޭ. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރާނަން.

 

ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަތޮޅަކީ ޤުދުރަތީގޮތުންވެސް އަތޮޅެއްގެ ގޮތުގައި މުޅި ދުނިޔޭގައިވެސް އޮތް އެންމެ ބޮޑު އަތޮޅު. ޤުދުރަތީ އަތޮޅެއްގެ ގޮތުން ދުނިޔޭގައި އޮތް އެންމެ ބޮޑު އަތޮޅަކީ ގއ. ގދ. ޤުދުރަތީ އަތޮޅު. އެހެންވީމާ، މިއަތޮޅުގެ ތެރޭގައި އެތެރޭގެ އުދުހުންތައް އަދި އޮތްކަމުގައިވީނަމަވެސް، އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ، ފަސޭހަކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މިހާރު އަޅުގަނޑުމެން ނިންމައިފިން، އިރާދަކުރެއްވިއްޔާ، މިފަހަރު އަޅުގަނޑުމެންނަށް ރައްޔިތުން ފުރުޞަތު ދެއްވައިފި ކަމަށްވަންޏާ، ގއ. ގދ. އަށް ޚާއްޞަކޮށްގެން، ގއ. ގދ. އަށް އެކަނި ޚާއްޞަކޮށްގެން އަޅުގަނޑު އިރާދަކުރެއްވިއްޔާ، ފެރީ ނިޒާމެއް ގާއިމުކޮށްދޭނަން.

 

އަޅުގަނޑުގެ ޚާރިޖީ ސިޔާސަތާ ބެހޭގޮތުންވެސް ހަމަ ވާހަކަފުޅު ދައްކަވާ ބޭފުޅުންނަށް، އަދިވެސް ވާހަކައެއް ދަންނަވާލާފައި އަޅުގަނޑު ނިންމާލާނަން، ވަގުތު ތަންނުދޭތީއާއެކީ. ދެން، އަޅުގަނޑުގެ ވާހަކާގެ އަނެއްބައި، ދެވަނަ ޗެޕްޓަރު ފަރެސްމާތޮޑާގެ ތަޤްރީރުން އަޑުއައްސަވާ ތިޔަބޭފުޅުން. އަޅުގަނޑުގެ ޚާރިޖީ ސިޔާސަތުގައި، އަޅުގަނޑު އިސްލާމީ ޢަރަބި، އިސްލާމީ ދައުލަތްތަކާ ވަރަށް ގާތްގުޅުމެއް ބާއްވަން.

 

ހަމައެގޮތަށް، އަޅުގަނޑުމެންނަށް ތަރައްޤީއަށް މަސައްކަތްކޮށްދޭ ޤައުމުތަކާ ދޭތެރޭގައި ވަރަށްގާތް ގުޅުމެއް ބާއްވަން. އަދި އަވަށްޓެރި ޤައުމުތަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވަރަށްގާތް ގުޅުމެއް ބާއްވަން. އެއްވެސް ޤައުމެއްގެ ޙައްޤަކަށް، ސިޔާދަތަކަށް މި ސަރުކާރަކުން ފާޑެއް ނުކިޔާނެ. އަޅުގަނޑުމެން އެދެނީ، އަޅުގަނޑުމެންގެ ކަންކަންވެސް އެގޮތުގެމަތިން ކުރުމަށް. އަޅުގަނޑުމެންގެ އަވަށްޓެރިންވެސް އަދި އަޅުގަނޑުމެންނަށް ހެޔޮއެދޭ ޤައުމުތައްވެސް އެކަންކަން އެގޮތުގައި ގެންދެވުން. އަޅުގަނޑުމެންނަކީ މިނިވަން ޤައުމެއް. އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެން އަމިއްލައަށް ނިންމެންވާނެ. އެހެންވީމާ، އަޅުގަނޑުގެ ޚާރިޖީ ސިޔާސަތަށް މިފާޑުވިދާޅުވާ ބޭފުޅުން، މިތަނުގައި މިނިވަން ޚާރިޖީ ސިޔާސަތެއް ނޯންނާނެއޭ، އަޅުވެތިކަމޭ އޮންނާނީ ވިދާޅުވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑަށް އުނދަގޫ ބޮޑުވެގެންދިޔައިމާ، ރައްޔިތުންނަށް ތަޙައްމަލުކުރަން އުނދަގޫވެގެންދިޔައިމާ، އެއޮއްބޮޑު ކޮމަންވެލްތުންވެސް ދިވެހިރާއްޖެ މިތިބީ ވަކިވެގެން. އެހެންވީމާ، އެއީ ޚާރިޖީ ސިޔާސަތުގައި މިނިވަންކަން އޮތްވަރު. އަދި ޢަރަބި އިސްލާމީ ދައުލަތްތަކާ އަޅުގަނޑު ގާތްވީމާ، މިސާލަކަށް ޚާރިޖީ ސިޔާސަތުގެ ވާހަކަ މިދައްކަވަނީ.

 

މިއަދު އަޅުގަނޑު މިތާ ދަންނަވާލާނަން. އަޅުގަނޑު މި އެކުވެރިކަން ޤާއިމު ކުރީމަ އިނގޭތޯ، އަޅުގަނޑު މި އެކުވެރިކަން ޤާއިމު ކުރީމަ، ސަޢުދީ ސަރުކާރާއި އަޅުގަނޑުމެންނާ ދޭތެރޭގައި އެހާ ގާތް ގުޅުމެއް އޮންނަނީ. އަޅުގަނޑުމެންނަކީ އިސްލާމުން. މިތާ ތިއްބެވި ކޮންމެ ބޭފުޅަކުވެސް އެދިވަޑައިގަންނަވާނެ ޙައްޖަށް ވަޑައިގަންނަވަން. އަޅުގަނޑުމެންނަށް ވަރަށް މަސައްކަތްކޮށްގެން 1000 ގެ ކޯޓާއެއް ލިބިފައި މިއޮތީ. މިއަދު އަޅުގަނޑު އުފަލާއެކީ ދަންނަވާލާނަން. މިއަހަރުގެ ޙައްޖަށް ސަޢުދީ ސަރުކާރުން އަޅުގަނޑުމެންނަށް އިތުރު 1000 އިތުރުކޮށްދެއްވައިފި. އެހެންވީމާ، މިއަހަރު ދެން ޙައްޖަށްދާ މީހުންނަށް 2000 މީހުންނަށް ޖާގަ މިލިބުނީ. އެހެންވީމާ، ވަރިހަމައެއްނު ޚާރިޖީ ސިޔާސަތު ކޮންމެ ގޮތެއްވިޔަސް. އަޅުގަނޑުމެން ބޭނުންވާ ކަންކަން މިހިރަވަނީ، އެހެންނޫންތޯ؟

 

އަޅުގަނޑު ހަމަ ވާހަކަކޮޅު ނިންމާލާނަން. ދެން ހަމަ ތިޔަހުރިހާ ބޭފުޅުންނަށް އަޅުގަނޑު އެދެނީ ހަމަ އުފާވެރި ދުވަސްތަކެއް.

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.