بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـــالمـين، والصّــــلاة والسّـــــلام علـى ســـــيّدنا محـمَّدٍ، خاتــــم الأنبيــاء والمرســــلين، وعلـى آلـه وصحبـــه أجمـعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السّلام عليــكم ورحـمــة اللّـه وبـركاتـــه.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 53 އަހަރު ފުރޭ 54 ވަނަ މިނިވަންދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ތިޔަ ލޮބުވެތި ރައްޔިތުންނަށް މި ދަންނަވަނީ ހިތުގެ ލޯތްބާއި ޠާޢަތާއެކު. ތިޔައިން ކޮންމެ ބޭފުޅެކޭ އެއްފަދައިން، މިރޭ އަޅުގަނޑުގެވެސް ހިތުގައި ހިނގާ ޝުޢޫރަކީ، މި ޤައުމުގެ މިނިވަންކަމަށްޓަކައި ގަދަކީރިތިވަންތަ ގެ ޙަޟްރަތުގައި ދެންނެވޭ ޝުކުރުވެރިކަމުގެ ޝުޢޫރު. ފެއްސާއި ރަތާއި ހުދުގެ ދިދަ، މި މައިދާނުގައި އެ ވިހުރުވެނީ ހަމަގައިމުވެސް އަޅުގަނޑުމެން އެންމެންގެ އުފާވެރިކަމުގެ އިޙްސާސްތަކާއެކު. މިރޭ އަޅުގަނޑުގެވެސް ހިތުގެ ދުޢާއަކީ، މި މައިދާނުގައި ނަގާފައި އެހުރި ދިދަ އަބަދުމެ އޭގެ ޝަރަފުގައި ވިހުރުވި ވިހުރުވި ހުރުން. އެއްވެސް އުނިކަމެއް ނާންނާނޭ ފަދައިން އެގޮތުގައި ﷲ ލެހެއްޓެވުން.

ހަމަ މި ނޭވާގައި، މި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި އެންމެހައި އަބްޠާލުންގެ ޒިކުރާ އާކޮށް، އެބޭފުޅުންނަށް ޙައްޤު ޝުކުރު ދަންނަވަން. އޭގެތެރެއިން، ދުނިޔޭގައި ނެތް ބޭފުޅުންގެ ފުރާނަފުޅަށް ގެ ތަނަވަސް ރަޙްމަތް ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ހަމަ އެޔާއެކު، އެކި ގޮތްގޮތުން ޤައުމަށް ޚިދުމަތް ކުރައްވައިގެން މިރޭ މި ޖަލްސާގައި އިނާމު ހާސިލު ކުރެއްވި އެންމެހައި ބޭފުޅުންނަށް ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން. އެއިން ކޮންމެ ބޭފުޅަކުމެ، މިޤައުމަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭވަރުގެ ޚިދުމަތްތައް ފާހަގަކޮށް، އެބޭފުޅުންނަށް ޝުކުރު ދަންނަވަން.  އަދި މިރޭ އިނާމު ހާސިލު ކުރެއްވި ބޭފުޅުން ހޮއްވެވުމުގައި މަސައްކަތް ކުރެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއާއި، ޚާއްޞަ އިނާމާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން

ލޮބުވެތި ޢިއްޒަތްތެރިން؛

މިނިވަންކަމަށް 53 އަހަރު ފުރޭއިރު، ޤައުމު މިހިސާބަށް އައިސްފައިވާ ގޮތާމެދު ވިސްނާލަންޖެހޭ. 2500 އަހަރުގެ ޤައުމީ ޙަޔާތުގެ މި ރާއްޖޭގެ ވާހަކަ، ހަނދާނަށް ގެނައުމަކީ މި ވަގުތާއި މާޙައުލަށް ހަމަ އެންމެ އެކަށޭނަ ކަމެއް. ދުނިޔޭގެ އޮޔާއި ވައިގައި، ކުރެވުނު މި ދަތުރުގެ ތެރެއިން ދިވެހިންގެ ސިފަތަކެއް ދިވެހި ކާބަފައިންވަނީ ޤާއިމުކޮށްދެއްވާފައި.

ކާބަފައިންގެ މިސާލުތަކަށް ބަލާއިރު، ދިވެހިންނަކީ ކުދިކުދި، ތިރިތިރި ރަށްތަކެއްގައި އުޅުނު، މަދު އެހެނަސް މުރާލި މީސްކޮޅެއް. މާގިނަ ޤުދްރަތީ ވަސީލަތްތަކެއްނެތި، ގަދަ ކަނޑުތަކުގައި ދަތުރުކޮށްގެން ބަނޑުފުރާނަ މުއްތިކޮށް، މިނިވަންކަން ޙިމާޔަތްކުރި ބަޔެއް. ބާރުވެރިކަމުގެ ކުރިމަތީގައި، ތަޤްވާވެރިކަން އިސްކޮށްގެން، އިސްލާމްދީން ޙިމާޔަތްކޮށް، ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ދެމިތިބި ރައްޔިތެއް. މިނިވަންކަން ގެއްލި، އެތައް ފަހަރަކު ރާއްޖޭގެ މިނިވަންކަމާ އިތުރަށް ތޮޅެވިފައިވާ ބަޔެއް.

އަޅުގަނޑުމެންގެ މި ފަޚުރުވެރި ތާރީޚުން ދަސްކުރަންޖެހޭ ފިލާވަޅުތަކެއް އެބަހުރި. ތޮށިގަނޑު ފަޅައިލައިފައި، ދުނިޔޭގެ މައިދާނަށް ނުކުންނައިރު، ހަނދާނުގައި ބަހައްޓަންޖެހޭ ކަންތައްތަކެއްވެސް އެބަހުރި.

ތަމައްދުނުގެ އެންމެ ފުރިހަމަވެފައިވާ ދުނިޔެއެއްގައި ވާދަކޮށް، އަރާއަރަފޯދުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ބުރަ، އެހާމެ ގިނަ މަސައްކަތްތަކެއް. ދުނިޔޭގެ އެކި ބިތުގައި ޤާއިމުވެ ސާބިތުވެފައިވާ ބޮޑެތި ކުންފުނިތަކާ، ވިޔަފާރީގެ ރޭހުގައި ވާދަކޮށް ފައިހަމަކުރުމަކީ ޢިލްމާއި ޙިލްމު ބޭނުންކުރަންޖެހޭ ކަމެއް. ބަވަނަވެފައިވާ ދުނިޔޭގައި ފުރާފުރިހަމަވާން މަސައްކަތްކުރާއިރު، ދިމާވާނޭ ހުރަސްތައް ވަރަށްގިނަ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ލަނޑުދަނޑިން ހަމަ އެންމެ ފަހަރަކުވެސް ނަޒަރު ކައްސާލައިގެން ނުވާނޭކަން ހަނދާންކުރަންޖެހޭނެ. މި ހުރިހާ ކަމަކަށް ބޭނުންވާ ފަންނާއި ހުނަރާއި، ޤާބިލުކަން ރާއްޖެއިން ނެރެނީ އެންމެ ހަތަރުލައްކައެއްހާ މީހުންނާއި، ފުރިހަމަނުވާ އިޤްތިޞާދީ، ޤާނޫނީ، އިޖްތިމާޢީ އޮނިގަނޑުތަކެއްގެ ތެރެއިންކަމާއި، ރާއްޖެ އެބަޔަކާ ފައިހަމަކުރެވޭތޯ އުޅޭ ޤައުމުތަކަކީ އެތައްހާސް އަހަރެއްގެ ތަރައްޤީގެ މައްޗަށް ޤައުމު ބިނާކޮށްފައިވާ އެތައް މިލިއަނުން ގުނޭ ބައެއްކަމުގައިވެސް ދަންނަންޖެހޭ. ހަމައެޔާއެކު، ހުޅުވައިލެވިފައިވާ އިޤްތިޞާދީ ވިސްނުންތަކާއި، ކުރިއަރާފައިވާ ސައިންސްގެ ފަންނާއި ހުނަރުގެ މަގަކީ، އެމަގުން އެކަހެރިވެގެން ކުރިޔަށް ދިޔުމެއްނުވާ މަގުތަކެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.

ލޮބުވެތި ދިވެހި ރައްޔިތުން؛

ދުނިޔޭގެ އެކި ޤައުމުތަކުގެ ކަންކަން ހަމަޖައްސާފައިވާ ގޮތް، އެއް ޤައުމު އަނެއް ޤައުމަކާމެދު އޮންނަންވާ ގުޅުމާއި، ކުރެވޭ މުޢާމަލާތުގެ އުޞޫލުތަކާއި،  ނުވަތަ World Order ގައި ކޮންމެ މިނިވަން ޤައުމަކީވެސް ދުނިޔޭގެ މައިދާނުގައި އަމިއްލަ ބަސްބުނާ، ޤައުމުގެ އެތެރޭގައި ކަންކަން ކުރުމުގެ ފުރިހަމަ ބާރު ލިބިގެންވާ ޤައުމެއް. އެބަޔަކު އިންތިޚާބު ކޮށްފައިވާ ސަރުކާރަކުން ޤައުމުގެ އެތެރޭގެ ކަންކަން ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ލިބިދީފައިވާ ދައުލަތެއް.

ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު، 1920 ވަނަ އަހަރު League of Nationsގެ ނަމުގައި، އަދި ދެވަނަ ބޮޑު ހަނގުރާމައަށްފަހު، 1945 ވަނަ އަހަރު އ.ދ އުފެދުނީ މި އަސާސްތަކުގެ މައްޗަށް. މިއީ މުޅި ދުނިޔެއިން ބަލައިގެންފައިވާ އުޞޫލު. އަދި މިއަދުވެސް އ.ދ އާއި ބައިނަލްއަޤްވާމީ އެހެން މުއައްސަސާތައްވެސް އޭގެ މައްޗަށް ހިންގަންޖެހޭ އަސާސް

ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު، ދިވެހިރާއްޖެ މިހާރު މިވަނީ، ޚާރިޖީ ސިޔާސަތުގައިވެސް އައު ބާބެއް ފަށާފައި. ވިޔަފާރީގެ އައު ގުޅުންތަކެއްވެސް ޤާއިމުކުރަން ފަށާފައި. އެހެނަސް މި ގުޅުންތަކަކީ، ކުރީގެ ގުޅުންތައް ނައްތައިލުމަށްފަހު ޤާއިމުކުރެވުނު ގުޅުންތަކެއްނޫން. ޚާރިޖީ ސިޔާސަތުތަކާއި ދާޚިލީ ސިޔާސަތުތައް ބަދަލުކުރުމަށް ޤާއިމުކުރެވުނު ގުޅުންތަކެއްވެސް ނޫން. މިއާ ޚިލާފަށް، ރާއްޖޭގެ މިއަދުގެ ޚާރިޖީ ގުޅުންތަކަކީ، ދުނިޔޭގެ ތަރައްޤީއާއި ތަމައްދުނުގައި ދިވެހިންގެ ފައިތިލަ ސާބިތުކޮށް، ދުނިޔޭގެ މައިދާނުގައި ހަމައިސްކޮޅަށް ދެމިލުމަށް ޤާއިމުކުރެވޭ ގުޅުންތަކެއް. މިއީ،  ދިވެހިންނަކީ ބަޔަކު ފުރުޞަތު ދިނީމާ ބަސްބުނާ ބަޔަކަށްވުމުގެ ބަދަލުގައި، އަމިއްލަ ހައިސިއްޔަތުން ދިވެހިންގެ ބަސް، އެހެންމީހުންވެސް ހޯދާނޭ ބަޔަކަށްވުމަށް ކުރެވޭ ދަތުރެއް.

ލޮބުވެތި ދިވެހި ރައްޔިތުން؛

ދުނިޔޭގެ މައިދާނުގައި މިހާރު ރާއްޖެ ކުރަމުންމިދާ ދަތުރަށް ބަލައިލާއިރު، ރާއްޖެއާ ބައްދަލުކުރަނީ އެކި ފިކުރުކަން ދިވެހި ރައްޔިތުން ދަންނަންޖެހޭ. މީގެ ތެރޭގައި، ޢަރަބި އިސްލާމީ ފިކުރުތަކާއި، ހުޅަނގުގެ މިނިވަން ފިކުރުތަކާއި، ދުނިޔޭގެ ބާރުވެރިކަމަށާއި، ސަރަޙައްދީ ބާރުވެރިކަމަށް ބިނާވެގެން ޤާއިމުކޮށްފައިވާ އަދި ޤާއިމުކުރަމުންދާ ފިކުރުތައް ހުންނާނޭކަންވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ. ރާއްޖެއާ ކުރިމަތިކުރުވާ ނިންމުންތަކާއި ސިޔާސަތުތަކަކީ، އެ ނިންމުންތައް ނިންމާ ޤައުމަކަށް ނުވަތަ ބަޔަކަށް އެންމެ އެކަށޭނަ އަދި އެންމެ ބޭނުންތެރި ނިންމުންތަކަށް ވާނޭކަމާއި، މަދުފަހަރަކުނޫނީ މިފަދަ ކަންކަމަކީ ހާމަޔަށް ފެންނަން ހުންނާނޭ ކަންކަން ނޫންކަމުގައިވެސް ދަންނަންޖެހޭނެ.

މިހެންކަމުން، ރާއްޖެއިން މިފަދަ ކަންކަމުގައި ޢަމަލުކުރެވޭނީ ރާއްޖެއަށް އެންމެ ފައިދާ ހުންނާނޭ ގޮތަށް ކަމާއި، އަދި އެއްވެސް ޙާލެއްގައި ފޮރުވިފައިވާ ކަމެއްގެ ތެރެއިންވިޔަސް ދިވެހިންގެ މިނިވަންކަމަށް ނުވަތަ އިސްލާމީ ޝަޚްޞަށް އެއްވެސް ގެއްލުމެއް ވެދާނޭ ކަމަކަށް ފުރުޞަތު ނުދިނުމަށް ހޭލާ އަބަދުމެ ތިބެންޖެހޭ.

ޤައުމާއި ރައްޔިތުންނަކީ ވަކިނުކުރެވޭނޭ އެއްޗަކަށް ވީފަދައިން، މިނިވަންކަމާއި ދައުލަތަކީވެސް ވަކިނުކުރެވޭނޭ އެއް މަފްހޫމް. ޤައުމުގެ މިނިވަންކަމުގައި ހުރި ވަރުގަދަކަން ބިނާވެފައި އޮންނަނީ ދައުލަތުގައި ހުރި ފަންވަރެއްގެ މައްޗަށް. ދައުލަތުގެ މުއައްސަސާތަކުގައި ހުރި ހަރުދަނާ ކަމެއްގެވެސް މައްޗަށް. މިއަދު ރާއްޖެއަށް ބޭރުގެ ބައެއްގެ ފަރާތްތަކުން ނުރައްކާތަކެއް ދިމާވެފައިވާނަމަ، އެކަމެއް އަދި އެކަމަކުން ކުރާނޭ އަސަރެއްގެ މިންވަރު ބިނާވެގެންވާނީ، ދައުލަތުގެ މުއައްސަސާތަކުގައި ހުރި ބަލިކަށިކަމެއްގެ މައްޗަށް. ވުމާއެކު، ދައުލަތް ބާރުވެރިކޮށް، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުމަކީ، ޤައުމުގެ މިނިވަންކަން ރައްކާތެރިކޮށް، ޤައުމީ ސަލާމަތްކަން ކަށަވަރުކުރުމުގެ އެންމެ މުހިންމު އަސާސް.

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުއްސުރެ، ޤައުމުގައި އުފެއްދި ޚިޔާލުތަފާތުވުންތަކާއި، ބައިބައިކުރުވި ވިސްނުންތަކުގެ ތެރެއިން، ދައުލަތަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާކަން އަޅުގަނޑުމެންގެ ޚިޔާލަށް އާދޭ. ރާއްޖޭގައި ޤާއިމުވެފައި އޮތް ދުވަސްވީ ވެރިކަމެއް ބަދަލުކުރަން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ދީފައިވަނީ ދިވެހި ދައުލަތަށް. އަދި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ރައްކާތެރިކުރުމަށް ހުރި ދައުލަތުގެ މުއައްސަސާތަކަށް. ޚާއްޞަގޮތެއްގައި ޤައުމުގެ ސަލާމަތްކަން ޔަޤީންކުރުމުގެ ޤާނޫނީ ޒިންމާއާއި، ޤާނޫނު ތަންފީޛުކުރުމުގެ ޒިންމާއޮތް މުއައްސަސާތަކަށްވަނީ ވަރަށް ފާޅުގައި އަމާޒުކުރެވި ޙަމަލާ ދެވިފައިމި މަސައްކަތްތަކުގެ ތެރެއިން ދިވެހި ދައުލަތްވަނީ ވަރަށް ބޮޑަށް ބަލިކަށިކޮށްފައި.

މި އަމާޒުގައި ރާވައިގެން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ޤާނޫނާ އެއްގޮތަށް އުޅުމަކީ މަދަނީ ޒިންމާއެއް ކަމުގައި ޒަމާނުއްސުރެ އޮތް ވިސްނުން ނެތިކޮށް، ޤާނޫނުގެ އިމުން ބޭރުން، އުޅުމަކީ މިނިވަންކަމެއްކަމުގެ ވިސްނުން ވަނީ ޢާންމުކޮށްފައި. ދިވެހިވަންތަ ސިފަތައް ކަމުގައިވާ އަމަންއަމާންކަމާއި ހަމަޖެހުމާއި މަޑުމައިތިރިކަން ދޫކޮށްލައި، އިޖްތިމާޢީ އިންތައް މުގުރާލާފައި. ދައުލަތުގެ ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ އަގު ރައްޔިތުންގެ ކުރިމަތީ ނައްތާލައި، ފުލުހުންނާއި ސިފައިންނާއި، ފަނޑިޔާރުންނަކީ އިޙްތިރާމެއް ނެތް ބައެއްގެ ގޮތުގައި ދައްކައިދީފައި. އަލިފާން ބޯޅަޔާއި މިރުސްފެން ބޭނުންކޮށްގެން، ސިފައިންނާއި ފުލުހުންނަށް ޙަމަލާދީ ގަޔަށް އަތްލާން ދަސްކޮށްދީފައި. ސާބިތުނުހިފޭ ވާހަކަ ފެތުރުން ޢާންމުކޮށް، ފިތުނައާއި ހަމަނުޖެހުމަށް ހިތްވަރުދީފައި. މިއީ ދުނިޔޭގެ އެއްވެސް ޙަޟާރަތެއްގައި މިނިވަންކަމެއްނޫން. އެންމެ ޑިމޮކްރެޓިކް ޤައުމުތަކުގައިވެސް، މިހުންނަނީ ޖިނާޢީ ކުށްތައް.

ލޮބުވެތި ދިވެހި ރައްޔިތުން؛

މިރޭ މި މައިދާނުން،  އަޅުގަނޑު ތިޔަބޭފުޅުންނާ މި ބައްދަލުކުރަނީ، އަޅުގަނޑުގެ ރިޔާސީ ފުރަތަމަ ދައުރު ނިމެން ގާތްގަނޑަކަށް ތިންމަހެއްހާ ދުވަހަށް ވެފައި ވަނިކޮށް. ދިވެހިރާއްޖޭގެ ވެރިކަމާ އަޅުގަނޑު ޙަވާލުވިއިރު، ޤައުމު އޮތީ ބައިބައިކުރެވިފައި. ދައުލަތް ފުނޑުފުނޑުކޮށްލެވިފައި. ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ރައްކާތެރިކުރަން ހުރި މުއައްސަސާތައް ވަނީ ރެނދުލައްވައިލާފައި. ޤައުމުއޮތީ ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި. އިޤްތިޞާދީ ވަޅުގަނޑެއްގެ ތެރޭގައި. ދައުލަތް އޮތީ މަހުން މަހަށް ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭނޭ ފަދަ ޙާލަތެއްގައެއް ނޫން.

މިދެންނެވި ޙާލަތުގައި އޮތް މި ކުޑަކުޑަ ރާއްޖޭގެ ވެރިކަމާ ޙަވާލުވުމަށްފަހު، އަޅުގަނޑުގެ ޒިންމާއަކަށްވީ ޤައުމު ހަމަމަގަށް އެޅުވުން. ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި އޮތް ޤައުމު ނަގައި ކޮޅަށްޖަހައި، ރައްޔިތުން ގޮވައިގެން އަމާން ބަނދަރަކަށް ދެވޭތޯ ދަތުރުފެށުން. ބަލިކަށިކުރުވާފައިވާ އިސްލާމީ ޢަޤީދާ ވަރުގަދަކޮށް، ބައިބައިކުރުވާފައިވާ ރައްޔިތުން އެއްބައިކުރުވުން. ރާއްޖޭގެ މިނިވަންކަން ހިފަހައްޓައި، ޤައުމުގެ އަމިއްލަވަންތަކަން ޤާއިމުކުރުން. އިޤްތިޞާދުގެ ލަގަން ޤައުމުގެ އަތްމައްޗަށް ގެނައުން.

އެންމެ ފުރަތަމަ ދުވަހުވެސް ދެންނެވި ފަދައިން، އަޅުގަނޑު މި ޤައުމުގެ ވެރިކަމާ ޙަވާލުވީ، ގިނަ ދުވަސްތަކެއް ވަންދެން ޤައުމުގައި ނުކުރެވިފައި ހުރި ބޮޑެތި މަސައްކަތްތަކެއް ކުރަން. ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކެއް ޙައްލުކުރަން. ރައްޔިތުންނަށް ބޭނުންވެފައިވާ ކާޑާއި، ބޭހާއި، ދިރިއުޅުމުގެ ވަސީލަތްތައް ހޯދާނޭ ގޮތްތައް ފަހިކޮށްދޭން. އެއް ވިސްނުމަށްވުރެ ގިނަ ވިސްނުމާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށް، އެންމެ ސިނާޢަތަކަށް ބަރޯސާވެފައި އޮތް އިޤްތިޞާދު ހުޅުވައިލުމުގެ މަސައްކަތްތަކަށް ކިތަންމެ ހުރަސްތަކެއް ކުރިމަތިކުރުވިނަމަވެސް،  ގެ ތަނަވަސް ރަޙްމަތްފުޅާއެކު،  މިއަދު މިވަނީ ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވިފައި.

މާލެއާއި ހުޅުލެ މިހާރު މިވަނީ އެއްގަމުމަގުން ގުޅައިލެވިފައި. މި ތާރީޚީ ބިނާޔާއެކު، ރާއްޖޭގެ ތަރައްޤީގެ އިންޤިލާބީ އައު ބާބެއް ފަށައިގަނެވިފައިވޭ. ހަމަ އެޔާއެކު، އަތޮޅުތަކުގެ ރައްޔިތުންގެ މުޅި އުންމީދަކީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ކުރިން ބަނދަރު ނިމުންކަމުގައިވި ދުވަސްތައް ކަޑައްތުކޮށް، ކައިރި މުސްތަޤްބަލެއްގައި ރަށުން ފުރައިގެން އުދުހިފައި މާލެއަށް އައުމުގެ އުންމީދު ކުރެވޭވަރަށް ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރެވިފައި. މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުދީ، އަތޮޅުތަކުގައި މާލެއަށްވުރެ އަގު ބޮޑުކޮށްހުރި ކަރަންޓު މާލެއާ އެއްވަރުކޮށް ހިފެހެއްޓިފައި. ކާޑުގެ އަގު ހެޔޮކުރެވިފައި. މަތީ ތަޢުލީމަށް ފައިސާ ނުލިބޭ އެއްވެސް ކުއްޖަކު ނުހުންނާނޭގޮތަށް ކަންކަން ހަމަޖެއްސިފައި. ކުށްކުރުން ސައްތައަކުން 35 ދަށްކުރެވިފައި.

22  ރަށެއްގައި ފެނުގެ ނިޒާމާއި، 21 ރަށެއްގައި ނަރުދަމާގެ ވަސީލަތްތައް ޤާއިމުކޮށް، 88  ރަށަށް ރައްކާތެރިކަމާއެކު ލަފާފުރޭނޭ ގޮތްތައް ހޯދައިދެވިފައި.

ހަމަ އެޔާއެކު، ދިވެހިންގެ ޞިއްޙީ ފަރުވާގެ އޮނިގަނޑަކީ،  ރާއްޖެއަށް ނިސްބަތްވާ ސައްތައިންސައްތަ ދިވެހި ބްރޭންޑަކަށް، ގެ އިރާދަފުޅުން ވަރަށްއަވަހަށް ބަދަލުވެގެންދާނެ. ދަރުމަވަންތަ ހޮސްޕިޓަލަކީ އަޅުގަނޑުމެން އެންމެންގެ ޝަރަފަކަށްވާނެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ނިމި، އެންމެބޮޑެތި ބޯޓުފަހަރު ޖެއްސޭވަރަށް މިހާރުވަނީ ތަނަވަސްކުރެވިފައި. އެންމެ ރަންވޭއަކަށް ބަރޯސާވާންޖެހުމުން، ދިމާވި ދަތިތައް ހުރަސްކޮށް، ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމާ ފައިހަމަކޮށް، ފަތުރުވެރިކަމަށް ފުރިހަމައަށް ޖާގަދެވޭވަރަށް ތަރައްޤީކޮށް، ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ބޭނުންކުރަން ފެށޭނެ.

މި ސަރުކާރު އައުމުގެ ކުރީގެ ފަސް އަހަރު، ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކޮށްފައިވާ 8.3 ބިލިއަން، 8300 މިލިއަން ރުފިޔާގެ މައްޗަށް މި ސަރުކާރުގެ 4 އަހަރުދުވަހު 87000 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވަނީ އެއަރޕޯޓުގެ މައްސަލައިގައި ބޭރުގެ ކުންފުންޏަކަށް ގާތްގަނޑަކަށް 6000 މިލިއަން ރުފިޔާ ދެއްކުމަށްފަހު. މި ހަތަރު އަހަރު ދުވަހުގެތެރޭގައި ދައުލަތުގެ ރިޒާވް ވަނީ 368 މިލިއަން އެމެރިކާ ޑޮލަރުން އޭގެ ދެގުނަ، 773 މިލިއަން އެމެރިކާ ޑޮލަރަށް މައްޗަށް ޖެއްސިފައި.  އަދި ސޮވަރިން ފަންޑެއް އުފައްދައި، އެ ފަންޑުގައި 47 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ރައްކާކުރެވިފައި އެބަހުރި.

މިދެންނެވި ކަންކަމުގައި ގެ ޙަޟްރަތުން ދެއްވި ކާމިޔާބީއަށް ޝުކުރު ދަންނަވަނީ، އެކަލާނގެ ހުސްޠާހިރުވަންތަކަމާއި، އިންސާނާގެ ބަލިކަށިކަން ހިތަށް ގެންނަމުން. މިކަމުގައި އަޅުގަނޑާއެކު، މަސައްކަތްކޮށްދެއްވި، އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަނީ ހިތުގެ އިޚުލާޞްތެރިކަމާއެކު.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާސިލުކުރެވިފައިވާ އަދި ހާސިލުކުރެވެމުންދާ ކާމިޔާބީތަކަށް ބަލާއިރު، ތިލަދުންމަތިން ފެށިގެން އައްޑުއަތޮޅާ ހަމަޔަށް، ތަރައްޤީއާއި ތަމައްދުނުގެ ހެޔޮ ބަދަލު ތަޖުރިބާނުކުރާ، ހަމަ އެއްވެސް ރައްޔިތަކު ނުހުންނާނޭ ކަމުގައި އަޅުގަނޑު މި ދަންނަވަނީ ހިތްހަމަޖެހުމާއެކު. ރާއްޖޭގެ އެކި ސަރަޙައްދުގައި ހިނގަމުންދާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއި، ރައްޔިތުންގެ ދިރިއުޅުމަށް ގެންނަން މަސައްކަތް ކުރެވެމެންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން، މިއަދު ދިވެހި ރައްޔިތުންނަށް އުންމީދުގެ ރަން ފަތިހަކަށް އަލިވިލިއްޖެ ކަމުގައި އަޅުގަނޑު މިދަންނަވަނީ އުފަލާއެކު.

ފައިސާއާއި ފުރުޞަތުގެ ހުރަސްތައް ގިރާކޮށް، ދިވެހި ކޮންމެ ދަރިއަކީ ތަޢުލީމީ، ފަންނުވެރި، އަމިއްލަ ގެދޮރުގައި އާއިލާ ގޮވައިގެން، އެހެންވެސް ޤައުމުތަކުގައި މީހުންނަށް ލިބިދޭ ފަސޭހަތަކާއެކު ދިރިއުޅުމުގެ އުންމީދެއް އޮތް، ދަރިއެއް ކަމުގައި މިއަދު  މިދަނީ ހަދައިދެވެމުން.

މި ހިސާބުން ސަރުކާރުގެ ކުރިމަތީގައި މާދަމާއަށް ހުރި ސުވާލުތަކަކީ، ގެދޮރުގެ ލޯނުގެ އިންޓަރެސްޓް ކުޑަކުރެވިދާނެހޭ؟ ރާއްޖޭގެ ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރާއި، މާލެއާއި ވިލިނގިއްޔާއި އަދި ގުޅީފަޅާއި ތިލަފުށި ގުޅައިލާނޭ ބްރިޖެއް އެޅުމަށް ފައިސާ ހޯދާނޭ ގޮތްތައް ޚިޔާލަށް ގެނެވޭހެއްޔޭ؟  މިކަހަލަ ސުވާލު.

އަޅުގަނޑުގެ ޓީމުގެ މާދަމާގެ މަސައްކަތަކަށްވާނީ، މިހާރު މިކުރެވޭ ޢިމާރާތްތައް ބެލެހެއްޓޭވަރަށް އިންޖިނިއަރުން އުފެއްދުމާއި، ހޮސްޕިޓަލުގައްޔާއި އެހެން މަޝްރޫޢުތަކުން އުފެއްދޭ ވަޒީފާތައް އަދާކުރެވޭވަރަށް ޑޮކްޓަރުންނާއި ފަންނުވެރިން އުފެއްދުމަށް އެކުލަވައިލެވޭ ސިޔާސަތުގެ މަސައްކަތް. މިއަދު ކުރާ މަސައްކަތަކީ މާދަމާ އޭގެ މައްޗަށް އަނެއް ފިޔަވަޅު އެޅޭނޭ ހަކަތަޔާއެކު ކުރެވޭ މަސައްކަތަކަށް ހެދުމުގެ ޒިންމާ.

އެހެނަސް މި ކާމިޔާބީތަކުގެ ތެރެއިންވެސް، ނޫސްތަކުގެ ސުރުޚީތަކުން ކުޑަކުދިންނާއި އަންހެނުންނަށް ކުރެވޭ ބޮޑެތި އަނިޔާތަކުގެ ވާހަކަ ކިޔަންޖެހޭ ކޮންމެ ދުވަހަކީ އަޅުގަނޑުގެވެސް ހަމަޖެހުން ދުއްވާލާ ދުވަހެއް. ނުކުޅެދުންތެރިއެއްގެ ޙައްޤަކަށް އަރައިގަންނަ ވާހަކަ އަޑުއަހަންޖެހޭ ރެޔަކީ އަޅުގަނޑުގެ ނިދި ނަގާލާ ރެއެއް.

އަޅުގަނޑުގެ އުންމީދަކީ، ބޮޑު ތިލަދުންމަތީގައި ދިރިއުޅޭ ކުޑަކުޑަ ޢާއިޝާއަކީވެސް މާލޭގައި ދިރިއުޅޭ ކުއްޖަކު ފަދައިން، ކުރިޔަށް ދިޔުމުގެ ފުރުޞަތުތަކާއެކު ތަޢުލީމުގެ ދޮރުތައް ހުޅުވިފައިވާ ކުއްޖެއް ކަމުގައިވުން. ހައްދުންމަތީގައި މަންމަޔަކާއެކު އެކަނި ދިރިއުޅެމުންދާ ޢަލީއަކީވެސް ރައްކާތެރިކަމާއެކު ބޮޑުވެ، މުސްތަޤްބަލު އުޖާލާކުރެވިފައިވާ ކުއްޖަކަށްވުން. ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް،  އެއްވެސް ކުއްޖަކީ އަދި އެއްވެސް މީހަކީ އެއްފަރާތް ކުރެވިފައިވާ މީހެއް ކަމުގައި ނުވުން. މި ނޫ ފަޅުތަކާއި ހުދު ގޮނޑުދޮށްތަކަކީ އެންމެ ފުރިހަމަ މާނައިގައި އަމާން، ފާގަތި އަދި ރައްކާތެރި ތަންތަނަށް ހެދުން.

ލޮބުވެތި ދިވެހި ރައްޔިތުން؛

އަޅުގަނޑުގެ މަސައްކަތުގައި މިހިސާބަށް ބައްދަލުވި ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންނެވި ގިނަ ކަންކަން، ގެ ރަޙްމަތްފުޅާއެކު، މިހާރު އެހުރީ ހާސިލުކޮށްދެވިފައި. ދިރިއުޅުމުގެ ފަސޭހަތަކަށް ބޭނުންވާ ގިނަކަންކަން ޤާއިމުކޮށްދެވިފައި.

އެހެންނަމަވެސް، މިދެންނެވި މަސައްކަތްތަކާއި ކާމިޔާބީގެ ތެރެއިންވެސް އަދި ވަރަށް ބޮޑު އެއް މަސައްކަތެއް ފުރިހަމަ ނުކުރެވިވާ ކަމުގައި ތިޔަ އެންމެ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވޭ. އެއީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ މަސައްކަތް.

މި ފަސް އަހަރުދުވަހުގެ ތެރޭގައި މާލޭ ސަރަޙައްދުގައި ޢިމާރާތް ކުރެވުނު ކޮންމެ ފްލެޓަކަށް، އެވްރެޖްކޮށް 20 ރައްޔިތުން ކުރިމަތިލާފައިވޭ. ހުޅުމާލޭ ޔޫތުސިޓީގައި ހިންގޭ ހިޔާ މަޝްރޫޢަކީ 100,000 އަށްވުރެ ގިނަ ރައްޔިތުންނަށް އަމާޒުކުރެވިގެން ހިންގޭ 17,000 އަށްވުރެ ގިނަ ފްލެޓް ޢިމާރާތް ކުރުމުގެ މަޝްރޫޢެއް. އެހެން ނަމަވެސް، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހުރިވަރުން، މުޅި މައްސަލައަށް މިވަރުން ޙައްލެއް ނުހޯދޭނޭތީ، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އިތުރު މަސައްކަތްތަކެއް މިދަނީ ކުރަމުން.

އަދި ހަމައެއާއެކު، އާބާދީގެ ތިންބައިކުޅަ އެއްބައި ދިރިއުޅޭ މާލޭގެ ގެދޮރުގެ ދަތިކަމަކީ އިޖްތިމާޢީ މައްސަލަތަކުގެ އަސާސްކަމުގައި ފަންނުވެރިންގެ ބަހުންނާއި، ދިރާސާތަކުން ފެންނަން އޮތުމުން، މި މައްސަލައަކީ އަޅުގަނޑުގެ ސަރުކާރުން ވަރަށް ބޮޑު މުހިންމުކަމެއް ދީގެން ޙައްލުކުރަން ބޭނުންވާ މައްސަލައެއް ކަމުގައި ދަންނަވަން. މުޅި ރާއްޖޭގެ ތަރައްޤީގެ ޗާޓު ފުރިހަމަކުރުމަށް ބޭނުންވާ އެންމެ މުހިންމު ކުރެހުން.

އެހެންކަމުން، ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ކުރިޔަށްދާނޭ މަގުތައް ފެނިފައިވާ ކަމުގައި މި ދަންނަވަނީ އުފަލާއެކު. މިހާރު ދިރާސާތަކެއް ނިމިފައިވާ ވިލިމާލެ 2 ގެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އަޅުގަނޑުގެ ޓީމުން ދިވެހި ރައްޔިތުންނަށް ހުށަހަޅާ Total Solution

މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ 2 ގައި އާބާދުކުރެވޭ 100,000 އަށް ވުރެ ގިނަ މީހުންގެ އިތުރުން، ވިލިމާލޭ 2 ގައި 315,000 މީހުންގެ އާބާދީއަށް ބޭނުންވާ ވަސީލަތްތަކާއެކު ދެވަނަ ޝަހަރު ތަރައްޤީކޮށް މާލެއާ ގުޅައިލެވޭނެ. އާދެ، މި މަޝްރޫޢު، Hiyaa Accomplished މަޝްރޫޢުގެ ތެރެއިން، މިހާރު ގެދޮރުނެތް 18 އަހަރުން މަތީގެ މީހުންނަށާއި، މި އިޙްތިފާލު ކުރަމުންގެންދާ މިއަދުގެ މިނިވަންދުވަހުން ފެށިގެން، 2030 ވަނަ އަހަރުގެ މިނިވަންދުވަހާ ހަމަޔަށް 18 އަހަރު ފުރެމުންދާ ހަމަ ކޮންމެ ދިވެހި ޒުވާނަކަށްމެ، މަދުވެގެން 1000 އަކަފޫޓުގެ ބިމުގެ ތަނަވަސްކަން ނުވަތަ އެޕާޓްމަންޓެއް ލިބިދެވޭނެ. ﷲގެ އިރާދަފުޅުން ހިޔާވަހިކަމެއްނެތް ދިވެއްސަކު އިރާދަކުރެއްވިއްޔާ ދެނެއް ރާއްޖެއަކު ނުހުންނާނެ.

ލޮބުވެތި ދިވެހިރައްޔިތުން؛

ރާއްޖޭގެ އެކިކަންކޮޅުގައި ޤާއިމުކުރެވެމުންދާ ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، އެއަރޕޯޓްތަކުގައި ދިއްލޭ ބޮކިތަކުން އުދަރެސް ޖަރީވެ، އަމާންކުރެވިފައިވާ ހޮޅުއަށިތަކާއި މައިދާންތައް އަޅުގަނޑުމެންގެ ތުއްތުކުދިންގެ އުފާވެރި އަޑުތަކުން ގުގުމާ، ތަރައްޤީގެ އަމާޒުތައް ފުރިހަމަވެގެންދާތަން ފެނުމަކީ، އަޅުގަނޑުގެ ވަރުބަލިކަން ހަނދާންނެތިގެންދާ ކަމެއް. ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ މަޝްރޫޢު ނިންމައިލެވޭއިރު، ކަނޑުގެ ބަނދަރުގެ މަސައްކަތް ފެށުމުގެ ޔަޤީންކަން ލިބުމާއި، މާލޭ ހުޅުމާލޭ ބްރިޖް ނިމޭއިރު، މާލޭ ވިލިނގިލި، ގުޅިފަޅު އަދި ތިލަފުށީގެ ބްރިޖްގެ މަސައްކަތް ފެށޭނެކަމުގެ އުންމީދު އޮތުމަކީ، އަޅުގަނޑުގެ މަސައްކަތަށް ކުރިމަތިކުރުވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު އާލާވާކަމެއް. މި ހުރިހާ ކަމަކާއެކު، ހުޅުމާލޭ 2 ގައި ބިނާކުރަން އަމާޒުކޮށްފައިވާ 100,000 އަށްވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢާއި، ވިލިމާލޭ 2 ގައި ތައްޔާރުކުރަން ރާވާފައިވާ 315,000 މީހުންގެ ބޯހިޔާވަހިކަމާއެކު، ގެ އިރާދަފުޅުން ކުރިޔަށް އޮތް ދިހަވަރަކަށް އަހަރަށް ދިވެހިންނަށް ބޭނުންވާ ހުރިހާ ކަމެއްހެންމެ ފުރިހަމަކޮށް ނިންމޭނެ.

އުޑުމަތި ސާފުރީތި ދުވަހެއްގައި، އިރު އެރުމަށް އުދަރެސް ދޮންވެ ފައްކާވާއިރު، ކުލަޔަކަށްފަހު، ކުލައެއް ޖެހި، ރޭގަނޑުގެ އަނދިރިކަމުގެ މައްޗަށް ފަތިހުގެ ރީތި މަންޒަރުތަކާއި، ދުވާލުގެ އަލިކަން ޤާއިމުވާ ފަދައިން، ހިންގޭ ކޮންމެ މަޝްރޫޢަކުން ރައްޔިތުންނަށް ދިމާވެފައިވާ ކޮންމެވެސް ބޮޑު މައްސަލައެއް ޙައްލުވެ، މުޅި ޤައުމުގެ އުދަރެސް، ކުލަތަކުން ފުރާ ފުރިހަމަކުރެވުނީމާ، އަޅުގަނޑުގެ ވަޒީފާގެ ޒިންމާއަކީ ހިތްހަމަޖެހޭ އެއްޗެއް ކަމުގައި ދިވެހި ރައްޔިތުންގެ އަރިހުގައި މިރޭ ދަންނަވަން.

މި ފުރުޞަތުގައި ތަރައްޤީގެ ބައިވެރިއަކަށް ތިޔައިން ކޮންމެ ބޭފުޅަކަށްވެސް އަޅުގަނޑު ދަޢުވަތު އަރުވަން. ދިވެހިންގެ ހުވަފެން ޙަޤީޤަތަކަށް ހެދޭނީ ހަމަ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން ދިވެހިންނަށް.

We have a dream, Lets all live it

ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، ހިޖުރީގޮތުން 1371 ވަނަ އަހަރު ހުށަހެޅުއްވި ދައުލަތުގެ އަހަރީ ރިޕޯޓުގައި ހިމަނުއްވާފައިވާ ޅެންވެރިކަމުގެ ބަސްކޮޅެއްގައި ވަނީ،

 

     " ލޯބީގެ ޙައްޤުގައި މިތާ ޤުރުބާންވުމަށް ފަހެއް ނެތޭ

                            ލޯތަކުގެ ކުރިމަތީވަނީ، ފުރިހަމަ ޝަހީދު ވާހިތޭ

     އިރުއިރުކޮޅާ އެ އަންނަހާ، ދުޝްމަންތަކުންގެ ކުރިމަތީ

                           ބިރުނެތި ފުރާނަ ނެރެލުމަށް، ޤައުމަށްޓަކައި އުޅޭހިތޭ

މެރިގެން ދެލޯ މި ފަސްގަނޑުން އަޅުގަނޑު ނިކުންނައިރުވަނީ

                           އުންމަތުގެ ޙައްޤުގައި ޖިހާދު، އަދިއެއްފަހަރު ކުރާހިތޭ

 

يااللّــه! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށްމެ ލަހައްޓަވާށި! ތިޔަ އެންމެ ލޮބުވެތި ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް މިންވަރުކުރައްވާށި!

 

وما توفيقى إلّا بالله عليه توكّلت وإليه أنيب.

    والسّلام عليــكم ورحـمــة اللّـه وبـركاتـه.