މިއަދަކީ، މިއަހަރުގެ ކޮމަންވެލްތް ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި، ކޮމަންވެލްތުގެ ވެރިޔާ، އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތު ދެވަނައަށާއި، ކޮމަންވެލްތް ޤައުމުތަކުގެ ރައްޔިތުންނަށް ރައީސް މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މި މުނާސަބަތުގައި، ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި، ކޮމަންވެލްތުން ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވެދެއްވާ އެއްބާރުލެއްވުން ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖޭގައި ފުރިހަމަ ޑެމޮކްރެޓިކް ވެރިކަމެއް ޤާއިމުވެގެން ދިޔުމުގައި ކޮމަންވެލްތުން ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތައް ޙައްލުކުރުމުގައި ކޮމަންވެލްތް ޤައުމުތަކުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ބޭނުންފުޅުވާ ކަމުގައިވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކޮމަންވެލްތް ދުވަހަކީ ކޮންމެ އަހަރެއްގެ މާޗް މަހުގެ 2 ވަނަ ހޯމަ ދުވަހެވެ.