بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެ ވެރި اللّـه سبحانه وتعالى އަށް ޙަމްދުކޮށް، ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އެ މާތް ނަބިއްޔާގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.

 

ހަނިމާދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ ދަތުރުކުރައްވާ އެންމެހައި ޢިއްޒަތްތެރިން؛

 

السّلام عليــكم ورحـمــة اللّـه وبـركاتـه.

 

ތިޔަބޭފުޅުންގެ ނަރުދަމާ ނިޒާމު ނިމި ރަސްމީކޮށް ފެށުމަށް ތިޔަބޭފުޅުންގެ އަރިހަށް މިއައީ، ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވުމަށްޓަކައި. ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ ކޮންމެ އުފަލަކީ، އަދި އެކަން ތިޔަބޭފުޅުންނަށް ލިބިވަޑައިގަތުމުގައި ސަރުކާރުގެ ހިއްސާއެއް، އަޅުގަނޑުގެ ހިއްސާއެއް އޮންނަ ކަމެއްކަމަށް ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނަމަ، އެކަމުގެ ފަޚުރާއި ޝަރަފު އަޅުގަނޑަށް ހާސިލުވާ ވާހަކަ ދަންނަވާލަން. އަޅުގަނޑަށް ގަބޫލުކުރެވެނީ، ނަރުދަމާގެ ނިޒާމު ނިމިގެން، ނަރުދަމާ ރަސްމީކޮށް ފަށްޓައިދިނުމަށް އައި އައުމުން ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު އިސްތިޤުބާލުން، ވިދާޅުވި ހޫނު މަރުޙަބާއިން ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮތް ގާތްކަން، ހިތްޕުޅުގައި އޮތް އިޚުލާޞްތެރި ޝުޢޫރު ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެންދާކަމަށް. އެހެންކަމުން، އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހަނިމާދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް، އަންހެން ފިރިހެން، ކުދި ބޮޑު ހުރިހާ ބޭފުޅުން ޝާމިލުވާގޮތަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

އާދެ، މީގެ ކުރީގައި ވާހަކަފުޅު ދެއްކެވި ބޭބޭފުޅުންގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ، ޚާއްޞަކޮށް، މިނިސްޓަރ ޠާރިޤުގެ ވާހަކަފުޅުގައި އިވިގެން ހިނގައްޖެ، މިތަނުގައި ހިނގަމުންދާ ބައެއް މަޝްރޫޢު، ނޫނީވިއްޔާ، ހިންގުމަށް ރާވާފައިހުރި ބައެއް މަޝްރޫޢު. އަޅުގަނޑަށް އެނގޭގޮތުގައި ވެއްޖިއްޔާ މިހާރުވެސް ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށް މިދަނީ. އަދި އެހެންމެ، މަގު ހެދުމުގެ ބިޔަ މަޝްރޫޢުވެސް އެބަ ހިނގަމުން އެބަދޭ. ފެނުގެ ނިޒާމުގެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ނިމޭނެ. މަގު ހެދުމުގެ މަޝްރޫޢު، އިރާދަކުރެއްވިއްޔާ، މިއަހަރުގެ ސެޕްޓެންބަރު، އާދެ، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ހައުސިންގ މިނިސްޓަރ އުއްމީދު ކުރައްވާ. އިރާދަކުރެއްވިއްޔާ، ކަންކަން މިދާ ސްޕީޑުގައި ދާ ކަމަށްވަންޏާ، ހަނިމާދުއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ ނޫނީވިއްޔާ ޢުމްރާނީ ފަސޭހަތަކުގެ ގިނަ ކަންތައްތަކެއް ނިމިގެންދާނެ. އަދި ހަމައެއާއެކީ، ހަނިމާދުއަށް މިހާރު އެންމެ ދަތިވެފައި އޮތް އެއްކަމަކީ، ގިރާ ސަރަޙައްދެއް ގިރަމުންދާތީއާއެކީ، ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ބަނދަރު ހެދުމުގެ މަޝްރޫޢެއްވެސް އެބައޮތްމެ. ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢެއް. އޭގެ ކުރިންވެސް މި ގިރާ ސަރަޙައްދާ ދޭތެރޭގައި އަޅައިލެވޭނެކަމަށް އަޅުގަނޑު އުއްމީދުކުރަން.

 

މިރަށަށް އައިސް، މިރަށުގެ ނަރުދަމާގެ ފަސޭހަކަން ތިޔަބޭފުޅުންނަށް ލިބިގެން، އަދި އެ އުފަލުގައި ތިޔަބޭފުޅުންނާއެކީ ބައިވެރިވަމުންދާއިރު، ހދ. އަށް އަޅުގަނޑު މިކުރި ދަތުރުގައި، ހއ.، ހދ. އަށް މިކުރި ދަތުރުގައި، ހދ. ގެ ރަށަކުން އަޅުގަނޑުގެ ދަތުރު ނިމޭތީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ. ދާދިފަހުން މިނިސްޓަރ ޠާރިޤާއި، މިނިސްޓަރ މުޢިއްޒު ރައްޔިތުންނަށް ހާމަކޮށްދެއްވާފައިވަނީ، އަޅުގަނޑުމެން އަދިވެސް އެހެން ދާއިރާތަކުގައި ނަރުދަމާއާއި، ބަނދަރު ހެދުމުގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން ބޭނުންވާކަމަށް. އަދި އެކަންކަމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އަޅުގަނޑުމެންނަށް ފައިސާ ދޭނެކަމަށް ކަނޑައަޅާފައި އޮތް ބައެއް އޮފިޑްގެ ފަންޑުގެ ތެރެއިން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި މިފައިސާ ލިބިގެން، ބައެއް ރަށްރަށުގައި މި މަސައްކަތް ފެށްޓޭނެކަމަށް އަޅުގަނޑު އުއްމީދުކުރަން. އެ އޮފިޑްގެ އެހީއަށް އެދިފައި. ހދ. ގެ ނަރުދަމާގެ ރަށްރަށަށް ބަލައިލާކަމަށްވަންޏާ، ހދ. އިން ނެއްލައިދޫ، ހަމަ ހދ. އިން ނޭކުރެންދޫ، ހދ. އިން މަކުނުދޫ، މި ތިން ރަށްވެސް ނަރުދަމާގެ ނަސީބުގައި ހިމެނިގެން އެބަދޭ. އަޅުގަނޑު އުއްމީދުކުރަނީ، މި ކަންކަމާއެކީ، މިރަށްރަށުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެން ދާނެކަމަށް.

 

މިރަށުގައި މި މަޝްރޫޢުތައް ނިމިގެންދާއިރު، މި މަޝްރޫޢުތަކުން ލިބޭ ފަސޭހަ، އަޅުގަނޑުމެންގެ ޚިޔާލަށް ގެނެވޭ. މިއާއެކީ، އަޅުގަނޑުމެން އަޅައިކިޔާލަން މި އޮންނަނީ، ދެންމެ މޫސާ މަނިކު ދެއްކެވި ކަހަލަ ސިޔާސީ ވާހަކަ. އަދި، އެ ބީޓުން ނޫނަސް، އެއާ ތަފާތުކޮށް ސިޔާސީ ވާހަކަފުޅު ދައްކަވާ ވަރަށް ގިނަ ތަފާތު ބޭފުޅުން އުޅުއްވާނެ. ސަރުކާރުންކޮށްދޭ ކަންތައްތަކުގައި، މާ އާރުލާކަމެއް ނެތްކަމަށް ވިދާޅުވާ ބޭފުޅުންވެސް އުޅުއްވާނެ. ތަރައްޤީއަކީ ކޮންކްރީޓްތޯ ސުވާލުކުރައްވާ ބޭފުޅުން އުޅުއްވާނެ. ތަރައްޤީ އަންނަންވީ ވަކި ސަރަޙައްދަކަށްތޯ ސުވާލުކުރައްވާ ބޭފުޅުން އުޅުއްވާނެ. އަދި އަމުދުން، ދިވެހިރާއްޖެއަށް ތަރައްޤީ ނާންނަކަމަށް ވިދާޅުވާ ބޭފުޅުން އުޅުއްވާނެ. ބައެއް ބޭފުޅުންގެ ވިސްނުންފުޅުގައި އެކަންކަން ކުރެއްވުމަށް އެބޭފުޅުންނަށް ނުކުޅެދިފައިވާ ޙާލަތުގައި، އެ ބޭފުޅުން ތަރައްޤީ ސިފަކޮށްދެއްވަނީ، ރައްޔިތުންގެ ތެރޭގައި އޮންނަންވާނެ ހަމަޖެހުން. އަދި ރައްޔިތުންގެ ތެރޭގައި އޮންނަންވާ ހަމަޖެހުމުގެ ތެރޭގައި ރައްޔިތުންނަށް އޮޅުވާލުމަށް ދައްކަވާ ވާހަކަތަކަކީ، ޑިމޮކްރަސީ ދިވެހިރާއްޖޭގައި ނެތްކަމުގެ ވާހަކަ. އަޅުގަނޑު މި މައުޟޫޢަށް ޒިޔާރަތް ކުރާނަން، ކުޑައިރުކޮޅެއްގެ ތެރޭގައި.

 

އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، މި ހުރިހާ ވާހަކަތަކަކާއެކީ، އަޅުގަނޑުމެން ވޯޓަކާ ހަމައަށްދާން މިއޮތީ ކައިރިވެފައި. ދާދިކުޑަތަންވެފައި، ވަގުތު. މިކަންކަމަށްދާއިރު ހަމަ ހިންގަވާ އެންމެ ކަމަކަށް ވިސްނާލަމާ. ހަނިމާދުއަށްވެސް، ރާއްޖޭގެ އެކި ހިސާބަށްވެސް އެކި ކަހަލަ، މި ދެންނެވި ކަހަލަ އިންފްރާސްޓްރަކްޗަރގެ މަސައްކަތްތައް އެބަދޭ. ނަރުދަމާ، މަގު ހެދުން، ބަނދަރު ހެދުން، މިހެންގޮސް ފެނުގެ މަސައްކަތްތައް، މިކަހަލަ އެތައްކަމެއް އެބަދޭ. ހަނިމާދޫގެ ދެން ބޭނުންވެފައި އޮތް އެއް ކަމަކަށްވަނީ، އަޅުގަނޑު އިޢުލާނު ކުރިން، ހއ. އާއި ހދ. އަށް އިތުރު 3000 އެނދު ގެނެވޭނެގޮތެއް. އަޅުގަނޑުމެންގެ ޒަޢާމަތުގައި އިރާދަކުރެއްވިއްޔާ، ﷲ މިންވަރު ކުރައްވައިގެން، މި އިންތިޚާބު ކާމިޔާބުވެއްޖެ ކަމަށްވަންޏާ، ވަރަށް ކުރީކޮޅު އިރާދަކުރެއްވިއްޔާ، 3000 އެނދު އިތުރުކުރާ ވާހަކަ. މި 3000 އެނދު އިތުރުކުރަން އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އަޅުގަނޑުމެން ހދ. ގައިވެސް އިތުރު އެއަރޕޯޓެއް އެބަ އަޅަން. ކުޅުދުއްފުށީގައި އެއަރޕޯޓުގެ މަސައްކަތް ހިނގަމުން އެދަނީ.

 

އެކަމަކުވެސް، ހަނިމާދޫގައި ދަންނަވާލަން ބޭނުންވަނީ، މައި އެއަރޕޯޓެއްގެ ގޮތުގައި އެއަރޕޯޓުގެ ނާރެހެއްގެ ގޮތުގައި މި ސަރަޙައްދުގައި މިއޮތީ ހަނިމާދޫގެ އެއަރޕޯޓް. ހަނިމާދޫގެ އެއަރޕޯޓަކީ، މިހާރު ބޮޑެތި މަތިންދާ ބޯޓުފަހަރަށް ޖެއްސޭވަރުގެ އެއަރޕޯޓެއް ނޫން. އަދި އަމުދުން، 3000 އެނދު، މި ސަރަޙައްދުގައި އިތުރުވެގެންދާއިރު، މުއްސަނދިން ޕްރައިވެޓް ޖެޓުގައި އައިސް ދަތުރުކުރެވޭވަރުގެ އެއަރޕޯޓެއް ނޫން މިއީކީއެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މިއަންނަ ފަސް އަހަރުގެ އެންމެ ކުރީކޮޅު ހަނިމާދޫ އެއަރޕޯޓު ބޮޑުވެގެންދާނެ. އަދި މި ޒަމާނުގެ ބައިނަލްއަޤްވާމީ ވައިގެ އެއަރޕޯޓަކަށް ހަދަން އަޅުގަނޑުމެންނަށް މަޖުބޫރު އެބަވޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަން ކޮށްދޭނަން.

 

އެއަރޕޯޓުގެ ތަރައްޤީއާއި، މި ދެންނެވި އެނދުތައް އިތުރުވެގެން ދިޔައީމާ، އަންނަ ތަރައްޤީގެ ހަމަގައިމުވެސް އެންމެ އިސްކޮށް ހިއްސާދާރުންގެ ގޮތުގައި މަންފާ ލިބޭނެ ބައެއްކަމަށް ވެގެންދާނީ ހަނިމާދޫގެ ރައްޔިތުން. ހަނިމާދުއަށް  އިންފްރާސްޓްރަކްޗަރ ފުރިހަމަވެގެން މިހިރަދަނީ. މިތާ ކައިރީގައި ރިޒޯޓު ހެދުމުގެ އިތުރަށް ހަނިމާދުއަކީވެސް، ދެންމެ މޫސަ އެ ވިދާޅުވީ، ރާއްޖޭގައި ގެސްޓްހައުސް ތަޢާރުފުވެގެން އެ ދިޔަގޮތް. ހަނިމާދުއަކީވެސް ހަމަ ގެސްޓްހައުސްގެ ވިޔަފާރިއާއި، ސިޓީ ހޮޓަލުގެ ވިޔަފާރިއާއި، އަދި މި ނޫންވެސް އިންޓަރގްރޭޓަޑް ޓޫރިޒަމްގެ މަސައްކަތް ކުރުމުގެ ބިމުގެ ޖާގަ ބޮޑު ރަށެއް.

 

އެހެންވީމާ، ހަނިމާދުއަށް މީގެ މަންފާ ލިބޭނެ. މީގެ ފައިދާ އެންމެބޮޑަށް ލިބިގެންދާނެ ހަމަ ޝައްކެއްވެސްނެތްގޮތުގައި، މިރަށުގައި ތިބި ރައްޔިތުންނަށް. ޒުވާނުންނަށް ޚާއްޞަކޮށް ލިބިގެންދާނީ. އެހެންނަމަވެސް، މިއީކީ، ޒުވާނުންނަށް އެކަނި ޚާއްޞަވާ ފުރުޞަތެއް ނޫން. ޓޫރިޒަމާ ގުޅިގެން އެކިކަހަލަ ތަފާތު ޞިނާޢަތްތައް އުފެދިގެން އެބަދޭ. އެ ޞިނާޢަތްތަކުގައި އުޅޭނީ ކޮންމެހެން ހަމައެކަނި ޒުވާނުންނެއްވެސް ނޫން. އެހެންވީމާ، ހަނިމާދޫގައި މުސްތަޤުބަލެއް އެބައޮތް. ހަނިމާދޫގައި އުއްމީދުތަކެއް އެބައޮތް. އެހެންނަމަވެސް، މިއިން އަޅުގަނޑުމެންނަށް އެނގެނީ، އަޅުގަނޑުމެން މިކަންކަމާއިގެން ކުރިއަށްދާއިރު، މިކަންކަން ކުރެވޭނެ މަގު ތަނަވަސްވެގެންދާން ޖެހޭނެކަމަށް.

 

ރާއްޖޭގެ އެކި ހިސާބުގައި، މިކަހަލަ އިންފްރާސްޓްރަކްޗަރ އެތައް ބައިވަރު މަސައްކަތެއް ކުރިއަށްދާއިރުގައި، އަޅުގަނޑު ހަމަ ދަންނަވާލާނަން، ހަނިމާދޫގެ ހަމަ އެންމެ ކަމެއް ޚިޔާލުފުޅަށް ގެންނަވާ. ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ ވާހަކަ އަޅުގަނޑުމެން މި ދަންނަވަނީ. އަޅުގަނޑުމެންނާ ވާދަވެރި ސިޔާސީ ފަރާތްތަކުން، މިކަހަލަ ޕޯޑިއަމްތަކުގައި ނޫނީވިއްޔާ، އެސް.މީޑިއާގައި ދައްކަވާ ވާހަކައިގައި، ރާއްޖެއަށް ތަރައްޤީ ނާންނަކަމަށް ވިދާޅުވާނެ. ނޫނީވިއްޔާ، ރާއްޖޭގެ ތަރައްޤީގައި އަޅުގަނޑު ދަންނަވާލިގޮތުގައި، ވަކި ސަރަޙައްދަކަށް އެކަނި ކަނޑައެޅިފައި އޮންނަ ތަރައްޤީއެއްތޯ ސުވާލުކުރައްވާނެ.

 

މިރަށުގައި އަޅުގަނޑު ދަންނަވާލާނަން ތަފާސް ހިސާބެއް. މިރަށަކީ އުތުރުގައިވެސް މުހިންމު ރަށެއް. އަދި މިރަށަކީ އެހެން ސަރުކާރުތަކުން އަޅައިލެއްވި ރަށެއްކަމަށް ހުރިހާ ބޭފުޅުން ވަކާލާތު ކުރައްވާނެ. އަޅުގަނޑު އެއަކަށް އެއްޗެއް ދަންނަވާކަށް ނެތިން. އަޅުގަނޑު ބޭނުންވަނީ، ތަފާސް ހިސާބެއް ތިޔަބޭފުޅުންގެ ކަންފަތްޕުޅަށް އިއްވާލަން. 2013 ގައި، އަޅުގަނޑުމެން ސަރުކާރާ ޙަވާލުވުމުގެ ކުރިން އެދިޔަ ފަސް އަހަރު، އެއީ، 2008 އިން 2013 އަށް އެ ހިނގާދިޔަ ފަސް އަހަރު، ދެ ރައީސުންގެ ވެރިކަން. އެ ފަސް އަހަރުގެ ތެރޭގައި، މުޅި ފަސް އަހަރު ހަނިމާދޫގައި މި ދެންނެވި ކަހަލަ ކެޕިޓަލް އިންވެސްޓްމަންޓް މަޝްރޫޢުތައް، ބޮޑެތި ބިޔަ މަޝްރޫޢުތަކަށް ޖުމްލައަށް ހޭދަކުރެވިފައިވަނީ، ސަރުކާރުގެ ބަޖެޓުން އެންމެ ފަސް މިލިއަން ރުފިޔާ. މިއީ، އަޅުގަނޑުމެންގެ ތަފާސް ހިސާބު. އެކަމަކު މިއަދު، ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި އައިސް އަޅުގަނޑު ހުއްޓި މިވާހަކަ ދައްކާއިރު މިހާތަނަށް، އަދި މިދަންނަވާ ބައެއް މަޝްރޫޢުތަކަށް މިހާތަނަށް ހަނިމާދުއަށް އަޅުގަނޑުމެން ހޭދަކޮށްފިން، މިދެންނެވި ކަހަލަ މަޝްރޫޢުތަކަށް 228 މިލިއަން ރުފިޔާ. ފަސް މިލިއަނާއި، 228 މިލިއަން ރުފިޔާގެ ވާހަކަ މިދައްކަނީ. ދެން އެއަރޕޯޓު ބޮޑުވެގެންގޮސް، މި ހިސާބުގަނޑުގައި 3000 އެނދު އުފެދިގެންދާއިރު، ޚިޔާލުފުޅަށް ގެންނަވާ ހަނިމާދޫއާއި، މި ސަރަޙައްދަށް އަންނާނެ ތަރައްޤީ. އެހެންވީމާ، މިއީކީ މީހަކު ބުނީމާ، އަޑުއިވޭކަހަލަ ޔޯލަ ވާހަކައެއްނޫން. މިއީ، ތަފާސް ހިސާބުގައި ރެކޯޑު ކުރެވިފައި، ދަފްތަރު ކުރެވިފައި ހުރި ހިސާބުތަކެއްގެ ވާހަކަ މި ދަންނަވަނީ. މީގެ ކުރީގައި، ފަސް މިލިއަން، މިހާރު މިއޮތީ 228 މިލިއަންގެ ހޭދަ މިތަނަށް ކުރެވިފައި. ބޮޑެތި މަޝްރޫޢުތައް މިތަނަށް އަންނާތީ، މި ޢަދަދު ބޮޑުވެގެން މިދަނީ.

 

ފެނުގެ މަޝްރޫޢަށް ބަލާކަމަށްވަންޏާ، އަޅުގަނޑު މި ދަންނަވާލަނީ، ފެނުގެ މަޝްރޫޢު މިއަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ، އެކަން މުޅިން ނިމިގެންދާނެ. މަގު ހެދުމުގެ މަޝްރޫޢު، ސެޕްޓެންބަރު، ނޫނީވިއްޔާ އޮކްޓޫބަރުގެ ކުރީކޮޅުގައި އިރާދަކުރެއްވިއްޔާ، އެކަންކަން ނިމިގެންދާނެ.

 

ތަރައްޤީއަކީ، ރާއްޖޭގެ ދިވެހި ހުރިހާ ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން. މިކަހަލަ ހުރިހާ ރަށެއްގައި ތިއްބެވި ހުރިހާ ފެންވަރެއްގެ، ޢުމުރުފުރައެއްގެ، ހުރިހާ ގިންތިއެއްގެ ބޭފުޅުންވެސް އެދިވަޑައިގަންނަވަނީ ތަރައްޤީ. ތަރައްޤީއާއެކީ އަޅުގަނޑުމެން ކުރިއަށްދާން ކުރާ މަސައްކަތްތައް ކުރާއިރު، އަދި އަމުދުން މި މޫސުމް މިހެން ކައިރިވެފައި އޮތްއިރު، ވާދަވެރި ސިޔާސީ ފަރާތްތަކުން ލައްކަ ގިނަ ވާހަކަފުޅުތައް ދައްކަވާނެ. އެ ވާހަކަފުޅުތައް އަޅުގަނޑުމެން އެބަ އަޑުއަހަމު. އެ ވާހަކަފުޅުތަކަށް ޖާގަ އެބަލިބޭ. އަދި އެ ވާހަކަފުޅު އެ ބޭފުޅުން ދައްކަވާނެ ގޮތަކަށް ދެއްކެވުމުގެ ފުރުޞަތު އެބައޮތް. އެހެންވީމާ، ކޮންތާކުތޯ ޑިމޮކްރަސީ ނެތިގެން މިއުޅެނީ. ޑިމޮކްރަސީގެ މައްސަލައެއް މިއަކު ނޫޅޭ. އަޅުގަނޑަށް ވަރަށް ފަސޭހަވެގެން ހިނގައްޖެ، އަޅުގަނޑުގެ ކުރިން މޫސާ މަނިކު ވަޑައިގެން އެ ދެއްކެވި ވާހަކަފުޅުތައް މިތާނގައި ދެއްކެވީމާ. ޝައްކެއްވެސްނެތްގޮތުގައި، ބިތުފަންގި ނެގިގެން ދިޔަވަރަކަށް އަޅުގަނޑުމެންނަށް ކެޔޮ ކެވޭވަރު ސާފުވެގެން މިދަނީ. އަޅުގަނޑުމެންނަށް ނޭނގޭ އެތައް ބައިވަރު ޙަޤީޤަތްތަކެއް އަޅުގަނޑަށް ދެން އެނގެނީ، މޫސަގެ ޞަފްޙާތައް ނިއުޅެމުންދިޔަވަރަކަށް، އަޅުގަނޑުމެންނަށް ކަންކަން އެނގިގެންދާނެކަމަށް. ހަމަ އެހެންމެ، އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައިވެސް، އަދި އަޅުގަނޑުމެން އޭރު ސިޔާސީ ފިކުރެއްގައި ތިބެގެން މަސައްކަތްކުރިއިރު، ސިޔާސީ ފިކުރު ތެރޭގައިވެސް އަޅުގަނޑަށް ކަންހިނގައިދިޔަ ހުރިހާ ވާހަކައެއް ދަންނަވާކަށް އެހާ ފަސޭހައެއްނޫން. އެހެންނަމަވެސް، ޢަބްދުއްރަޙީމުމެން ކަހަލަ ބޭބޭފުޅުންނަށް އެންމެ ކައިރީގައި، އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރެއްވި ބޭފުޅުންނަށް އަދި ޕާޓީގެ އެންމެ ވަރުގަދައަށް، ޕާޓީ، ޕާޓީއަކަށް ހެދުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް، ޕާޓީގެ އެތެރެ ކޮއިލުގައި ހިމެނޭ ބޭފުޅުންނަށް އޭގެ ތަފްސީލުތައް އެނގިވަޑައިގަންނަވާނެ. އެ ބޭބޭފުޅުން ހާމަކުރައްވަމުން އެ ގެންދަވަނީ، އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި ކަންކަން ހިނގައިދިޔަގޮތް.

 

އަޅުގަނޑުމެން ލޯކަލް ކައުންސިލް އިންތިޚާބާ ހަމައަށް އައިއިރު، ލޯކަލް ކައުންސިލް އިންތިޚާބު އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެދުނު މިންވަރަށް ކާމިޔާބުނުވީމާ، ހަމަ ރަށްރަށަށް އަޅުގަނޑުމެންގެ ފިކުރަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް ހިމޭންކަން އައި. ހުރިހާ ބޭފުޅުންނަށްވެސް ހިތްޕުޅަށް ނުތަނަވަސްކަން އައި. އެކަމަކު، ފުއްދާލައްވާފައި، އަޅުގަނޑުމެން މިވާހަކަ ދަންނަވާލީމާ، އޭރު އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި، ޕާޓީގެ އެންމެ އިސްމީހުންގެ ތެރޭގައި ޚުދު ޕާޓީގެ ރައީސާއި، ޤައުމު ހިންގަވަން ހުރި ރައީސާ، އާދެ، އަޅުގަނޑާ ދޭތެރޭގައި އެ އުފެދިގެންދިޔަ ނުތަނަވަސްކަމުގެ ތެރޭގައި، ޕާޓީގެ ޙަރަކާތްތަކުގެ ތެރެއަކުން އަޅުގަނޑުމެންނަކަށް މިއިން އެއްވެސްކަމެއް ކުރާކަށެއް ޖާގައެއް ނުލިބޭ. ދެ ދިމާއަށް މިދިޔައީ ކައުންސިލަށް ކުރިމަތިލާ މީހުންގެ ފޯމު ބަލައިގަންނަމުން. ޕާޓީ އޮފީހަށް، ރައީސް މައުމޫން ފޯމު ބަލައިގަންނަވަމުން ގެންދަވާ. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ޕާޓީން، އަޅުގަނޑުމެން މިކުރި މަސައްކަތުގައި ފޯމުތަކެއް ބަލައިގަނެވުނީ. ޙަޤީޤަތުގައި، ޕާޓީގެ ކައުންސިލަށް ކުރިމަތިލާ މީހުންނަށް، ރަށްރަށުން ކުރިމަތިލާ މީހުންނަށް، ރަށްރަށުން ކުރިމަތިލައްވާ ބޭފުޅުންނަށް ކަން ކުރައްވަންވީގޮތް އެނގިވަޑައެއްނުގަންނަވާ. އެ ހިސާބުން ޕާޓީ ނުހިނގައިގެން ސުޕްރީމް ކޯޓުގެ ޙުކުމަކާއެކީ، ފުރަތަމަ މަދަނީ ކޯޓުން، އޭގެފަހުން، ހައިކޯޓުން ތާއީދުކުރީ. އޭގެފަހުން، އެންމެފަހުން، ސުޕްރީމް ކޯޓުގެ ޙުކުމަކާއެކީ، ޕާޓީ ހިންގުން، ރައީސް ޔާމީނާއި ނޫނީވިއްޔާ، މުސްތަޝާރާ ހަވާލުވެގެންދިޔައީ.

 

އަޅުގަނޑު މިދަންނަވާލަނީ ހަމަ އެންމެ ވާހަކައެއް. އެއީ، ލޯކަލް ކައުންސިލުގެ އިންތިޚާބާ ގުޅުވައިގެން ނޫނީވިއްޔާ، އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ކަންކަން ދިޔަގޮތުގެ ވާހަކަ ދަންނަވާލަން ބޭނުންވަނީ. އަޅުގަނޑުމެންގެ ޕާޓީއާ ހަވާލުވިއިރު، އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންގެ ދަފްތަރެއް އަޅުގަނޑުމެންގެ އަތަކުނެތް. އަޅުގަނޑުމެންގެ ޕާޓީގައި ތިބީ ކިތައް މެންބަރުންކަމެއް، އަޅުގަނޑުމެންގެ ޕާޓީގައި ތިބި މެންބަރުންގެ ނަންތަކެއް، އެމީހުންނާ ގުޅޭނެގޮތެއް، ކޮންރަށެއްގައި ކިތައް މީހުންކަމެއް ތިބީ އަޅުގަނޑުމެންގެ އަތަކުނެތް. ކުއްލިއަކަށް، މިދެންނެވި ލެޖަރު ނޫނީވިއްޔާ، ޕާޓީގެ މެންބަރުންގެ ދަފްތަރު ވީގޮތްވެސް ނޭނގުނު. އަޅުގަނޑުމެންނަކަށް އެއެއް ނުލިބުނު. ދެން އަޅުގަނޑުމެން ބޭނުމެއްނުވި، އެ މަސައްކަތް އިތުރަށް ކުރާކަށް. ފުލުހުންގޮސް ބޮޑު ކަންތައްގަނޑެއް ހިންގައިގެން އެކަންކުރަން. އަޅުގަނޑުމެން އަނެއްކާވެސް އިލެކްޝަނުން ދަފްތަރު ހޯދައި، ރަށްރަށާ ގުޅައިގެން އަޅުގަނޑުމެން މަސައްކަތްކޮށްގެން އަޅުގަނޑުމެން ލޯކަލް ކައުންސިލް އިންތިޚާބު ނިމުނުއިރު، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދަފްތަރު ފުރިހަމަވެގެން ދިޔައީ.

 

އެހެންވީމާ، އަޅުގަނޑުމެން ކުރަން ބޭނުންވި މަސައްކަތްތަކެއް އަޅުގަނޑުމެންނަކަށް ނުކުރެވޭ. އެދުވަސްކޮޅު އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، ޙަޤީޤަތުގައި ރަށްރަށުން ކައުންސިލަށް ކުރިމަތިލާ މީހުންގެ ތެރޭގައި ކުރިމަތިލަނީ ރަށްރަށުގައި ތިބި އަޅުގަނޑުމެންގެ މެންބަރުންގެ ތާއީދު އެންމެ އޮތް މީހުންތޯ ބަލަންކުރާ ދަތުރުތަކެއް އަޅުގަނޑުމެން ކުރަންޖެހޭނީ. އެކަމަކު، އެ ދަތުރުތައް ކުރުމަށް އަޅުގަނޑުމެން ތިބީ ނުކުޅެދިފައި. އެ ދަތުރުތައް ކުރާކަށް އަޅުގަނޑުމެންނަކަށް މޫސުމެއް ނެތް. އެއަށްވުރެ، މާ ބޮޑެތި ހަނގުރާމަތަކެއް އަޅުގަނޑުމެންގެ ޕާޓީގައި، މާލޭގައި، އަޅުގަނޑުމެންގެ ޕާޓީގެ އޮފީހުގައި ހިނގަމުންދިޔައީ. އެހާ ނުރައްކާތެރިކޮށްދިޔަ ކަންކަން އެއީ. އެހެންވީމާ، މިކަހަލަ ވާހަކަ ވާހަކަ މި އަންނަނީ، އަޅުގަނޑު ދެންނެވިގޮތަށް ކަންތައްތަކެއް މާޒީގައި ދިޔައީމާ.

 

އެހެންވީމާ، ދެންމެ މޫސާ މަނިކު އެ ދެއްކެވި ވާހަކައިން އަޅުގަނޑުމެންނަށް ސިޔާސީ ވަރަށްގިނަ ވާހަކަތަކެއް އިވިގެން ހިނގައްޖެ. އަޅުގަނޑުމެންނަށް އެނގޭ އެކި ކަހަލަ ފިޔަވަޅުތަކުގެ ވާހަކަ ދެކެވެމުން މިދަނީ. ކޮންމެއިރަކުވެސް މިކަހަލަ ވާހަކަ ދައްކާނެ. ރައީސް ވަޙީދު ވެރިކަމާ ހަވާލުވެވަޑައިގަތީމާވެސް، ރާއްޖޭގެ ކަންތައް ހިނގައިދިޔަގޮތުގެ ވާހަކަ، މުޅި ދުނިޔޭގައި މީގެ ފަތިފުށް އެބަޔަކު ދައްކަން ބޭނުންވިގޮތަކަށް ވާހަކަ ދައްކަމުން ގެންދިޔައީ. މުޅި ދުނިޔޭގެ ސަމާލުކަމަށް މިއޮތް ކުޑަކުޑަ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަގޮތް އައި. ދުނިޔޭގައި ކުރާނެ ބޮޑެތި ކަންތައް ނެތިގެންތޯ މިއުޅެނީ. ދެންމެ، މޫސާ މަނިކު ވިދާޅުވިހެން، މި ކުޑަކުޑަ ދިވެހިރާއްޖެއަށް ދުނިޔޭގެ ސަމާލުކަން ހުއްޓިގެން ދިޔައިރު، ޢިރާޤު ފުނޑާލަނީ، ފަލަސްޠީނު ފުނޑާލަނީ، ލީބިއާ ފުނޑާލައިފި، ސޫރިއާ ފުނޑާލައިފި. މި ހުރިހާކަމެއް ވެގެންއެބަދޭ. އެކަމަކުވެސް، ދުނިޔޭގެ ވިސްނުމާއި، ދުނިޔޭގެ ލޮލުގެ ފިކުރު ނޫނީވިއްޔާ، ލޮލުގެ ފެނުން މިއޮތީ، ދިވެހިރާއްޖެއަށް ހުއްޓާލާފައި. އެއީ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެގެން މިދިޔައީ، ބަޣާވާތެއްގެގޮތުން އިޢުލާނު ކުރެވިގެން.

 

އެހެންވީމާ، މިދެންނެވި ކަހަލަ ވާހަކަތައް އަނބުރާނެ ގޮތަކަށް އޭގެފަހުން އަނބުރާފައި ދުނިޔެއަށް ނެރުނީމާ، އޭގެ އުނދަގޫތަކެއް އަޅުގަނޑުމެން އިޙްސާސްކުރާނެ. މިއީ ދިވެހިރައްޔިތުން ސަމާލުވާންޖެހޭ ކަންކަން. މި ކަންކަމާ ގުޅިގެން ފިޔަވަޅު އެޅީމާ، ނޫނީ ފިޔަވަޅު އަޅައިފި ކަމަށްވަންޏާ، މީގައި އުނދަގޫވާނީ ހަމައެކަނި ރައީސް ޔާމީނަކަށް ނޫނީވިއްޔާ، ރައީސް ޔާމީނާއެކީ މަސައްކަތްކުރާ ބަޔަކަށެއް ނޫން. މިއީ ދާއިމަށް ދިވެހިރާއްޖޭގައި ޖަހާ ލައްގަނޑެއް. މީގެ އުނދަގޫތައް އަޅުގަނޑުމެންގެ ރިޒޯޓުތަކަށް އަންނަ މެހްމާނުންނަށް، ރިޒޯޓުތަކަށް މެހްމާނުން އަންނަ ޢަދަދަށް، ރިޒޯޓުތައް ހިންގާ ފަރާތްތަކަށް، މިހެންގޮސް އެތައް ފަރާތްތަކަކަށް މި ފުޅާވެގެން ދިޔުމަކީ، އެ ފިޔަވަޅު އަޅާ ބައެއްގެ އަތްމަތީގައި އޮތްކަމެއް. އެހެންވީމާ، އެކަހަލަ ފިޔަވަޅުތަކެއް އެޅުނީމާ، ދެން މި ޤައުމު ހިންގަން ހަވާލުވާން އަންނަ ތިބި ބަޔަކު ހަވާލުވިޔަސް ހަމަ ރާއްޖެއަށްވާނީ އޭގެ އުނދަގޫ. ފިޔަވަޅު އަޅާނޭ، ފިޔަވަޅު ނާޅާނޭ، މި ބަހުސަށް އަޅުގަނޑު ދާކަށްނެތިން.

 

އެކަމަކު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ދުށީމޭ، މީގެ ކުރީގައިވެސް ކަންކަން ހިނގައިދިޔަގޮތް. މީގެ ކުރީގައި ހިނގައިދިޔަ ކަންކަމަށް ބަލާކަމަށްވަންޏާ، ހަމަ އެ ސަރުކާރުގެ ތެރޭގައި ނޫންތޯ، ޤާނޫނާއި ޝަރީޢަތާއި ތަޙުޤީޤުގެ ބޭރުން މީހުން ހިފާ ހައްޔަރުކުރީ. އޭރަކު، ދުނިޔޭގައި މި ކަރަކަރައިގައި ތިބި މީހުންނަކަށް ދިވެހިރާއްޖޭގައި ލާއިންސާނީ، ނޫނީވިއްޔާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގާ ކަމަކަށްވެގެން މިކަހަލަ މައްސަލަތަކެއް ނުޖެއްސޭ. އެއީ ކީއްވެގެންތޯ، މައްސަލަތަކެއް ނުޖެއްސެނީ. އޭރު އިދިކޮޅުގައި މަސައްކަތްކުރީ އަޅުގަނޑުމެން. އަޅުގަނޑުމެން އެ މައްސަލަ ނަގައި، ކަންއޮތްގޮތް ކިޔައިދީ، ދިވެހިރާއްޖެއާ ދޭތެރޭ ފިޔަވަޅު އެޅުމަކީ، އަޅުގަނޑުމެން ގަބޫލެއްނުކުރަން، ކުރަންޖެހޭ ކަމެއްކަމަކަށް. އެއީ، އެކަން ކުރަން އަޅުގަނޑުމެން ބޭނުންނުވަނީ، ދިވެހިރައްޔިތުންނަށް އޭގެ އުނދަގޫތައް އުފުލަންޖެހޭނެތީ. ދިވެހިރައްޔިތުންނަށް އޭގެ ހުރިހާ މުސީބާތެއް ޖެހޭނެތީ. އެކަމަކު، އޭރު ނޫންތޯ، ޤާނޫނާ ޚިލާފު ބޮޑެތި ކަންތައްތައް ހިނގައިދިޔައީ. އޭރު ނޫންތޯ، އަޅުގަނޑުމެން ދުވަހަކުވެސް އަޑުނާހާކަހަލަ ވާހަކަތަކާއި، އިޞްޠިލާޙުތައް، ނޫނީވިއްޔާ މަފްހޫމްތައް އައިސްގެން މިދިޔައީ. ޤާނޫނުން ބޭރުން ކަމެއް ކުރަން ވެއްޖިއްޔާ އެއީ، ޗާޓުން ބޭރުން ކަމެއް ކުރެވެނީ. މިކަހަލަ އެތައް ވާހަކައެއް އަޅުގަނޑުމެން އަޑުއެހީމު. ބައެއް ފަނޑިޔާރުންނަށް އިންޒާރު ދެވިފައިއޮތީ، ފަނޑިޔާރުގެއާ ދެން 100 ފޫޓަށްވެސް ކައިރިނުވެވޭކަހަލަ ވާހަކަ. މިކަހަލަ ސިޔާސީ ވާހަކަ. އެކަމަކު ދަންނަވާލަން އަޅުގަނޑު ބޭނުންވާ ވާހަކައަކީ، މިކަހަލަ އެތައް ކަމެއް އޭރު ހިނގާފައި އޮތް.

 

ސިޔާސީ މީހުން އޭރުގައި ހައްޔަރުކުރެވިފައިވަނީ ތަޙުޤީޤެއް، ޤާނޫނެއް، ޝަރީޢަތެއް ހިންގައިގެންތޯ. ސިޔާސީ މީހުން ހައްޔަރުކޮށްފައި ހުންނަނީ، ހަމަ އެ ފަހަރަކު ނަގަން ފޮނުވި، ބައެއް ތަންތަނަށް ފުލުހުން، އަނެއްބައި ތަންތަނަށް ސިފައިން. އަނެއްބައި ފަހަރު ސިފައިންދާއިރު، އަރމަރޑް ކާރ ފޮނުވައިގެން. މިކަހަލަ ޙާލެއްގައި އޭރު ދިވެހިރާއްޖެ އޮތީ. ކީއްވެގެންތޯ އަޅުގަނޑުމެން މިއަދު މިކަން ހަނދާންނެތިގެން މިއުޅެނީ. އެކަމަކު، އޭރުވެސް ހަމަ މި އިއްތިހާދުތަކާއި، މި ކަރަކަރައާއި، މި ހުރިހާ ތަންތަން ހުއްޓޭ.

 

އެކަމަކު އޭރުގެ ތަފާތަކީ، އަޅުގަނޑުމެންނަކީ އެއަށްވުރެ ޒިންމާދާރުކަމާއެކީ، އޮޕޮޒިޝަނުގައި މަސައްކަތްކުރި ބަޔަކަށްވާތީ، އަޅުގަނޑުމެން ބޭނުންނުވީ، މީގެތެރެއަށް މިހާފާޅުކަން ބޮޑުގޮތެއްގައި އަނެއްކާ، މިހާ ނުރައްކާ، ތަކުލީފު އުފުލަންޖެހޭ ގޮތަކަށް، ދިވެހިރައްޔިތުންނާ ދޭތެރޭ ފިޔަވަޅުއެޅުމަކަށް އަޅުގަނޑުމެން ބޭނުމެއްނުވޭ. މިއަދު މިދަނީ އޭގެ އަނެއްކޮޅު. މިއަދު މިދާ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެން އެކިފަހަރުމަތިން ދަންނަވައިފިން، ވަޑައިގަންނަވާށޭ ސިޔާސީ ވާހަކަ ދައްކަވަން. ހިންގަވާށޭ ރައްޔިތުންނަށް މިކަމުގެ އުނދަގޫ ފޯރުވިޔަނުދޭން. ރައްޔިތުންނާ ހަމައިން މިކަން އިޙުސާސްކުރަން ނުޖެހޭވަރަށް، ސިޔާސީ މީހުން އަންނާށޭ ސިޔާސީ މީހުންނާ ވާހަކަދައްކަން. މިއުޅެނީކީ ތަރައްޤީގެ މަޝްރޫޢުތަކުގައި އުޅޭ މައްސަލައެއްނޫން. މިއުޅެނީ ހަމަ ސިޔާސީ ފިކުރުގެ ތެރޭގައި، ބަޔަކަށް ޖާގަ ނުލިބޭކަމަށް ގަބޫލުކުރެވިގެން ދެކެވޭ ވާހަކަ މިއުޅެނީ. ސިޔާސީ މީހުންނަށް ޖާގަ ނުލިބޭކަމެއް ނޫން، ފެބުރުވަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރަންޖެހުނު ޖެހުމާ ގުޅިގެން އެޅި ފިޔަވަޅަކީ، އެއީކީ ސިޔާސީ މީހުންނަށް ފުރުޞަތު ނުލިބެނީކީނޫން.

 

އެހެނެއްނޫން، ސިޔާސީ މީހުންގެ ތެރޭގައި، އެކި ކުށްތަކުގެ ތިން މަރުޙަލާ ނިމި، ތަންފީޒީ މަރުޙަލާގައި ތިބި ބަޔަކު މިނިވަންނުވެ ހިނގައިދާނެ. އެކަމަކު އެއީކީ ސިޔާސީ މީހުންނަށް ފުރުޞަތު ނުލިބެނީކީނޫން. އެތަނުގައި ޖަލުގައި ހުރި އެއްވެސް މީހަކާ ހެދި އަޅުގަނޑެއް ގަބޫލެއްނުކުރަން، އެންމެ ވަރުގަދަ އިދިކޮޅު ޕާޓީއަކަށް މިއޮތީ އެމް.ޑީ.ޕީ. އެމް.ޑީ.ޕީ. އަށް ރިޔާސީ ކެންޑިޑޭޓެއް ނުނެރެވޭވަރުގެ ކަމެއް އެތާކުނުވޭ. އެތާކު ޖަލަކު ހަމަގައިމަކުވެސް ނެތް އެމް.ޑީ.ޕީ. ގެ ރިޔާސީ ކެންޑިޑޭޓެއް. ގައިމު ނެތީމަ ދޮގެއްތޯ، މިހާރުވެސް ރިޔާސީ ކެންޑިޑޭޓަކު ދައްކަވައިގެން އެއުޅުއްވަނީ. އެހެންވީމާ، އެއީކީއެއް އެމް.ޑީ.ޕީ.އަށް ސިޔާސީ ހަރަކާތް ނުހިންގިގެން ވާކަމެއްނޫން. އިދިކޮޅު ޕާޓީތަކަށް ސިޔާސީ ހަރަކާތް ނުހިންގިގެން ވާކަމެއްނޫން.

 

ޤާސިމް އިބްރާހީމްވެސް، ހަމަ އަޅުގަނޑު ދަންނަވާލަން އޮތީ މިގޮތަށް. އަޅުގަނޑުމެންގެ ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާކަމަށްވަންޏާ، ޤާސިމް އިބްރާހީމަށް އައީ ޙުކުމެއް. މަޢުޞޫމް ބޭފުޅަކަށްވަންޏާ، އެ ޙުކުމް އިސްތިޢުނާފު ކުރައްވަންވީ ހައިކޯޓުގައި. އެ ޙުކުމް އިސްތިޢުނާފު ކުރުމުގެ ބަދަލުގައި، އެގޮތަށް ވަޑައިގެން ރަށުން ބޭރުގައި، އަމިއްލައަށް އަރުވައިލެވިގެން އެތައް ދުވަހަކު ހުންނަވާ ކަމަށްވަންޏާ، އަމިއްލަ އިޢުތިރާފުން ރައްޔިތުން ކައިރީގައި އެ ވިދާޅުވަނީ، ތިމަންނާ ދައްކާފައި، ތިމަންނާ މިކުށުން ބަރީއަވާކަށް ތިމަންނާގެ ހިތަކުނެތޭ ތިމަންނާއަށް މިކަން ވިން ވެދާނެކަމަށް. ކުށުން ބަރީއަވާކަމަށް ގަބޫލުކުރެވޭ ކަމަށްވަންޏާ، އެންމެ ވަރުގަދަޔަށް އެ މަސައްކަތް ކުރަންޖެހެނީ ހައިކޯޓާއި، ސުޕްރީމް ކޯޓުގެ އިސްތިއުނާފުގެ ތެރެއިން. ޤާސިމް އިބްރާހީމަކީ ކޯޓުތަކުގައި ހިންގަވަން ފަރިތަ ބޭފުޅެއް. ޤާސިމް އިބްރާހީމަކީ ކޯޓުތަކުން ނިމޭ ކަންކަމުގެ ނަތީޖާއާ ދޭތެރޭގައި، އެމަނިކުފާނުގެ ބަހެއް އޮވެގެން ނިމޭކަން އަމިއްލަ އިޢުތިރާފުން ވިދާޅުވި ބޭފުޅެއް، ފެބުރުވަރީ އެކެއްގެ ޙުކުމާ ގުޅޭގޮތުން. އެހެންވީމާ، އެމަނިކުފާނަކީ ކޯޓު މަރުޙަލާއަށް ފަރިތަ ބޭފުޅެއް. ކޯޓުތައް ހުރިތަން، އަދި ކޯޓުތަކުގައި ހިނގަންވާ އެންމެ ކުރުމަގުން އިންސާފާ ހަމައަށްދާން ވަރަށް ފަރިތަ ބޭފުޅެއް.

 

އެހެންވީމާ، ތިން އަހަރުގެ ޙުކުމެއް އައުމާ ގުޅިގެން، މަޢުޞޫމް ކަމަށްވަންޏާ ކުށުން ބަރީއަވެވަޑައިގަންނަވަން އިސްތިއުނާފަށް ވަޑައިގަންނަވަން ޖެހޭނެ. އޭގެ ބަދަލުގައި، ވަޑައިގެން އެހެން ކަރައެއްގައި ހުންނެވުމަކީ، އެއަކަށް އަޅުގަނޑަކަށް ޙައްލެއް ގެނެސްދެވޭނެ ކަމެއްނޫން. އެމަނިކުފާނަށް، މިސާލަކަށް އިންތިޚާބަށް ކުރިމަތިނުލެވުމުގައި ހުރި ކަންކަމުގެ ތެރޭގައި، ދެން ދައްޗެއް އުޅެދާނެ. އެއް ދައްޗަކީ، އެމަނިކުފާނުވެސް ވޯޓު ދެއްވައިގެން، އަދި އެމަނިކުފާނުވެސް ތާއީދު ކުރައްވައިގެން އަޅުގަނޑުމެން ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙު. 65 އަހަރުވީމާ، ދެން މިއަދު ދިވެހިރާއްޖެ މިހިނގާ ސްޕީޑުގައި، ހަކަތައިގައި 65 އަހަރުން މަތީގެ މީހަކަށް، ދިވެހި ރައްޔިތުންނަކަށް ޚިދުމަތެއް ނުކުރެވޭނެއޭ ބުނާ ބުނުމަށް، ޤާނޫނުއަސާސީއަށް އެއޮތީ މާއްދާއެއް ގެނެސްފައި. ޚުދު ޤާސިމް އިބްރާހީމް އެއަށް ވޯޓެއް އޮންނާނެ ލައްވާފައި. އެހެންވީމާ، މިއަދު ވިދާޅުވެގެނ ނުވާނެ، އެއީ ތިމަން މަނިކުފާނު ކުރިމަތިލައްވަން އެޅުނު ހުރަހެކޭ. އެއީ އެއް ކަންތައް.

 

ދެން ދެވަނަކަމަކަށް މިއޮތީ، ތިން އަހަރުގެ ޙުކުމެއް އޮތީމާ. ތިން އަހަރުގެ ޙުކުމަކީ، ލާއިންސާނީ، ނޫނީ ބޭއިންސާފުން އައިސްފައި އޮތް ޙުކުމެއް ކަމަށްވަންޏާ، އަޅުގަނޑުމެން ޖެހޭނީ އެކަން އިސްތިއުނާފު ކުރަން. އެކަން އިސްތިއުނާފު ނުކުރައްވާ ނުކުރެއްވުމަކީ، ރައްޔިތުންގެ ދަރުބާރުގައި، ތިމަންނާ މިހުރީ ކުށެއް ކޮށްގެންނޭ ވިދާޅުވެ، އަމިއްލައަށް އިޢުތިރާފުވެވަޑައިގަތުން. އެހެންވީމާ، އެއީކީ ރައީސް ޔާމީން ކުރި ކަމެއްނޫން. ސުޕްރީމް ކޯޓުގެ ތެރެއިން ނެރުނު އަމުރު ނެރުމަށް، ގާސިމްގެ ދައުރު އޮތްވަރު ގާސިމް ވިދާޅުވެދެއްވި. އަދި އެކަމާ ގުޅިގެން ހިނގާފައިހުރި ކަންކަން ހިނގާފައި އެހުރީކީ، އެއީކީ ރައީސް ޔާމީން ކުރި ކަންކަމެއްނޫން. އެހެންވީމާ، ދިވެހިރާއްޖޭގައި މިހާރު އަދަބު ލިބިގެން އެ ދާ މީހުންނަށް، އެ އަދަބު ލިބިގެންދަނީ ކޯޓުން އެކަންކަން ނިންމުނީމާ. ކޯޓުގެ މަރުޙަލާތައް އަދިވެސް އެހުރީ ހުޅުވިފައި. އިސްތިއުނާފުގެ މަރުޙަލާ ފުރިހަމަނުވާ ބައެއް ބޭފުޅުން އެބަހުރި. އިސްތިއުނާފުގެ މަރުޙަލާއަށް ވަޑައިގަންނަވާ.

 

މިއަދުވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލާނަން. އަޅުގަނޑުމެން އެންމެން އިޙުތިރާމް ކުރައްވާ ބޭފުޅަކީ އަދިވެސް ރައީސް މައުމޫން. ރައީސް މައުމޫން ކޮންމެހެނެއް ޖަލުގައި، ނޫނީ އެކަހެރިކޮށް އިންނަވާކަށް ނުޖެހޭ. ރައީސް މައުމޫނަށް އުފުލުނު ތަޙުޤީޤަށް، ނޫނީވިއްޔާ އުފުލުނު ދަޢުވާތަކާ ގުޅޭގޮތުން އެކިފަހަރުމަތިން، ރައީސް މައުމޫނަށް ފުރުޞަތު އެރުވުނު، ރައީސް މައުމޫނަށް ގޭގައި ހުންނެވޭނެ ފުރުޞަތު އެރުވުނު. އެކަމަކު އެއީ އެހެން މީހުންނާ އެއްގޮތަށް އެކަން ކުރެއްވިނަމަ. އެމަނިކުފާނަށް ޖަލުގައި، ނޫނީ އެކަހެރިކޮށް ހުންނަވާކަށް ޖެހިވަޑައެއްނުގަންނަވާނެ. އެ ފުރުޞަތު ފުރަތަމަ ބޭނުން ހިއްޕަވާނެކަމަށް އަޅުގަނޑުމެންނަށް ކޮންމެވެސްކަހަލަ އުއްމީދީ ވާހަކަތަކެއް އިވިފައި، އެފުރުޞަތުގެ ބޭނުން ނުހިއްޕެވީ. އެއީކީ ރައީސް ޔާމީން ކުރި ކަމެއްނޫން. ތަޙުޤީޤަކަށް މީހެއްގެ މައްޗަށް ތުހުމަތު ކުރެވިގެން، ތަޙުޤީޤަކަށް މީހަކު ގެންދާކަމަށްވަންޏާ، އެންމެ ފުރަތަމަވެސް އެ ކުރެވޭ ތުހުމަތުގެ މައްޗަށް ބަލާއިރު، އެތުހުމަތަކީ ފޯނުގެ ޒަރީޢާއިން، އިންޓަރނެޓުގެ ޒަރީޢާއިން ހިންގާފައި އޮތް މުޢާމަލާތުތަކެއް ކަމަށްވަންޏާ، ފުލުހުން ބޭނުންވާނެ، ފޯނާއި އިންޓަރނެޓުގެ ޒަރީޢާ ބޭނުންކުރި ސާމާނު ހޯދަން. އެއީކީ ވަކިފެންވަރެއްގެ މީހެއް ކަމަށްވާތީއެއްނޫން. އޭގެކުރިން ޢަބްދުﷲ ރިޔާޒުވެސް ހަމަ އެކަހަލަ ކަންކަމެއްގައި، ކުރީގެ ކޮމިޝަނަރކަން ކުރެއްވީމާ، އެންމެ ފުރަތަމަ ފުލުހުން ދެންނެވީ ފޯނު ދެއްވާށޭ. ފޯނު ދެއްވަން އެއްބަސްވެވަޑައިނުގަތީ. ކޯޓުން އެންގި ފޯނުދޭށޭ. ފޯނުދޭން އެއްބަސްނުވީ. ދެން ފޯނުދޭން މަޖުބޫރުވީމާ، ފޯނު ދެއްވިއިރު ޕިންކޯޑު ދެއްވީ ނުބައިކޮށް. ދެން ކޯޓުގައި ފޯނު ހުޅުވައިދެއްވަންޖެހުނީ. އެކަންކަމަށް އިއުތިރާޒު ކުރެއްވީމާ، ޢަބްދުﷲ ރިޔާޒަށްވެސް ޙުކުމެއް އައި. އެއީކީ ރައީސް ޔާމީން ކުރި ކަމެއްނޫން. އެންމެ ފުރަތަމައިންވެސް ފޯނު ދިންނަމަ، އެ ޙުކުމެއް ނައިސް.

 

އެހެންވީމާ، އެއޮތީ މީގެ އަސާސެއް. ނޫނީ މީގެ ކުރިއަށް އެޅި ފިޔަވަޅެއް އެޅިފައި. ހަމަ ރައީސް މައުމޫނަށްވެސް އެފުރުޞަތު ލިބިވަޑައިގެންނެވި. ރައީސް މައުމޫނަށްވެސް މި ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި، ފުލުހުންގެ ތަޙުޤީޤުގައި، އެންމެ ފުރަތަމަ ފުލުހުން ދެންނެވީ، މަނިކުފާނު މި މުޢާމަލާތް ކުރައްވަން ގެންގުޅުއްވި ފޯނު ދެއްވާށޭ. މޫސަ ވިދާޅުވާނެ، މޫސަ މިކަހަލަ ކަމެއް ކުރިއްޔާ، ފޯނުދޭކަށް ނުބުނާނެ. މޫސައަކަށްވެސް ނޭނގޭނެ، މޫސައަތުން ފޯނު އަތުލާއިރު. އެހެންވީމާ، މި އިންސާފު އަޅުގަނޑުމެން އެބަޖެހޭ، ރައްޔިތުން ވިސްނާލަން. އަޅުގަނޑުމެންގެ ތެރޭގައި އެކި މީހުން އެކިގޮތަށް ވާހަކަ ޓްވިސްޓްކޮށްގެން ދެއްކި ނަމަވެސް، މިއީ މީގެ ޙަޤީޤަތް. އެމަނިކުފާނު ފުރަތަމަ ފޯނު ދެއްވަފާނެކަމުގެ އުއްމީދެއްގައި އަޅުގަނޑުމެން ތިބީމަ. އެ އުއްމީދު އަޅުގަނޑުމެންނަށް ދެއްވީމާ. އެފޯނު ދެއްވިނަމަކަ އެކަހެރިކޮށް އިންނަވާކަށް ނުޖެހޭނެ. ގޭގައި ހުންނަވާނީ. އެހެންވީމާ، މިކަހަލަ ކަންތައްތައް މި ހުންނަނީ އަޅުގަނޑުމެންގެ ތެރޭގައި.

 

ރައީސް ނަޝީދުގެ ސަރުކާރުގައި، ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން ހިނގައިދިޔަ ބައެއް ކަންތައްތަކުގެ ވާހަކަ މޫސާ މަނިކު އެ ވިދާޅުވީ. އަޅުގަނޑު ހަމަ ސުވާލުކޮށްލަން، ދަންނަވާލަން ބޭނުން، އޭނާ ހިފާ ހައްޔަރުކުރަން ފުލުހުންނާއި ސިފައިންނަށް އަންގަވައިގެން ހިފައި ހައްޔަރުކުރި، ސިޔާސީ އިސް މީހުން، ކޮން ތަޙުޤީޤެއް ކޮށްފައި، ޝަރީޢަތުގެ ކޮން މަރުޙަލާއަކުންތޯ އެމީހުން ހައްޔަރުކުރީ؟ އެހެންވީމާ އެއީތޯ ޑިމޮކްރަސީ؟ އެއީތޯ ޙައްޤުތައް ޙިމާޔަތްވެގެން ދިޔުމަކީ؟ އެއީއެއްނޫން ޙައްޤު ޙިމާޔަތްވެގެން ދިޔުމަކީ. އެކަމަކު، ރަށްރަށުގައި، އަޅުގަނޑުމެން މި ރަށްރަށަށް މިކުރާ ޒިޔާރަތުގައި، އާންމު ފަރުދުންގެ ލެވެލްގައި އަންނަ ވާހަކަތަކެއް ނޫނޭ މިއީކީ. އާންމު ފަރުދުންގެ ލެވެލްގައި އަދިވެސް މިރަށުން، އަޅުގަނޑު ކައިރީ ވިދާޅުވަނީ، ރައީސް ޔާމީނޭ އަދިވެސް ތިމަންނާމެން ރަށަށް މިވެނި ތަރައްޤީ ގެނެސްދޭށޭ.

 

އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ޙަޤީޤަތުގައި ރަށްރަށަށް ބޭނުންވެފައިހުރި މިދެންނެވިކަހަލަ ތަރައްޤީ ގެނެސްދެވޭތޯ ކުރާ މަސައްކަތް. ކަންތައްތަކެއް ކުރެވޭތީ، އިރާދަކުރެއްވިއްޔާ ހަމަ ހަނިމާދޫގެ ހިސާބު އެކަނި އަޅުގަނޑު މި ދަންނަވާލީ. ހަނިމާދުއަށް މީގެ ކުރީގައި، ފަސް އަހަރު އޮތީ ހަމައެންމެ ފަސް މިލިއަން ރުފިޔާއޭ. އެކަމަކު މި ސަރުކާރުގައި މިހޭދަވާ ފަސް އަހަރުގެ ތެރޭގައި، މިހާރުން މިހާރަށް ހިސާބު ބަލައިލިނަމަވެސް 228 މިލިއަން މިހުރީ ބޮޑެތި މަޝްރޫޢުތަކަށް ހޭދަކުރެވިފައޭ. ދެން އެއާއެކީ ހަނިމާދޫއަށް މިއަންނަނީ، އުއްމީދީ ވާހަކަތަކެއް. ކަންކަން ކުރަން ތިއްބެވި ވަޒީރުން އެ ވިދާޅުވަނީ، އެކަންކަމަކީ ތިމަންނާމެން ކުރަހައި ނިންމާފައި، ތިމަންނާމެންގެ ޑުރޯވިންގ ބޯޑުގައި ޕްލޭންކޮށް ނިންމާފައި ހުރި ކަންކަމޭ. ދެން މިތަނުގައި ބައިނަލްއަޤްވާމީ އެއަރޕޯޓް ބޮޑުވުމަކީ ޝައްކެއްވެސްނެތްގޮތުގައި، ވާންޖެހޭކަމެއް. އެނޫންގޮތަކަށް އަޅުގަނޑަށް ބޮޑުތިލަދުންމައްޗަށް 3000 އެނދު ގެނެވޭނެގޮތެއް ނޯންނާނެ.

 

އެހެންވީމާ، މިއީ މި ދާއިރާއަށް ހުރި ތަރައްޤީ. އެހެންވީމާ، މިތަރައްޤީއާއެކީ، އަޅުގަނޑުމެން ކުރިއަށްދާން ފަސްޖެހޭނެ ސަބަބެއް އޮންނާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. އަޅުގަނޑުމެން ޑިމޮކްރަސީގެ ވާހަކަ މިއަދު ދައްކާފައި، މާދަން ދައްކާފައި، އަނެއްރޭވެސް އަޅުގަނޑުމެންނަށް ހޭލާ ތިބެވިދާނެ. ޑިމޮކްރަސީގެ ވާހަކަ ދައްކަންޏާ އަޅުގަނޑުމެންނާ އެކީގައި، ޕޯޑިއަމްގައި ޑިމޮކްރަސީގެ ވާހަކަ ދައްކަންވާނީ. ޑިމޮކްރަސީގެ ކޮން އަސާސަކަށްތޯ އަޅުގަނޑުމެން އިހުމާލުވެގެން އުޅެނީ ބުނަންވާނެ. ޑިމޮކްރަސީގެ އުސޫލެއް ނޫން، އެކި މީހުންނާ ދޭތެރޭގައި އެކިގޮތަށް ކަންކަން ކުރުމަކީ. ދިވެހިރާއްޖޭގައި ޑިމޮކްރަސީ ހަނިކޮށްފައެއް ނޯންނާނެ، ހުއްޓުވާފައެއް ނޯންނާނެ، މީހުންގެ ޚިޔާލުފާޅު ކުރުވާކަށް. މީހުން ޚިޔާލުފާޅުކުރުން ހުއްޓުވާފައެއް ނޯންނާނެ އަޅުގަނޑުމެންނެއް. އަޅުގަނޑުމެން ޑިމޮކްރަސީގައި ޚިޔާލުފާޅުކުރުމަށް ހަމަ ހުއްޓުމެއް ގެނައީ ހަމައެކަނި، އިސްލާމީ ޝަރީޢަތުގައި އެކަމާ ދޭތެރޭގައި ބަހެއް ބުނެފައި ހުންނަ ކަންކަން. އެއްވެސްކަހަލަ އަސާސެއްނެތި މީހުންގެ އަބުރަށް އަރައިނުގަންނާށޭ ބުނާ ބުނުން، އަޅުގަނޑުމެން ހުއްޓުވާފައި އޮންނާނީ. ޑިމޮކްރަސީއަކީ، ނޫނީ މީހަކު އޭނާއަށް ވޯޓު ހޯދަން ކުރާ މަސައްކަތުގައި" ރައްޔިތުންގެ ކައިރިއަށް އައިސްފައި" އެހެން މީހެއްގެ މިނިމަސް ކައިގެނެއްނޫން ވޯޓު ހޯދާނީ. އެމީހާ ކުރަންޖެހޭ ކަމަކީ، އޭނާ އައިސްފައި، އޭނާ ރައްޔިތުންނަށް ގުޅޭ މިންވަރާއި، އޭނާ ރައްޔިތުންގެ އުއްމީދުތައް ފުއްދައިދޭނެ މިންވަރާއި، ދިވެހިރާއްޖެ އޭނާ ކުރިއަށް ގެންދާނެގޮތާއި، ހަނިމާދޫ އުފުލާލާނެ މިންވަރު، އޭނާ ރައްޔިތުންނަށް ކަށަވަރުކޮށްދޭންވާނެ. އެކަން ކުރާކަށްނުޖެހޭ، ރައީސް ޔާމީންގެ މިނިމަސް ކާކަށް. އެކަން ކުރާކަށްނުޖެހޭ، އެހެން މީހެއްގެ އަބުރާ ބެހޭކަށް. އެހެންވީމާ، އަބުރާ ބެހުމަކީ، އެއްގޮތަކަށްވެސް ޑިމޮކްރަސީއަށް އެޅުނު ހުރަހެއްނޫން.

 

އަޅުގަނޑުމެންނަށް ބޭރު ކަރަކަރައިގެ، އެއްވަނަ ދުނިޔޭގެ ކަރަކަރައިގައި، އިސްލާމީ އުސޫލުތައް ގަބޫލުނުކުރާ ތަންތަނުގައި މިކަން އޮންނަ މިންވަރަކަށް ކުރާކަށް ނުޖެހޭ. އަދި އެތަންތަނުގައިވެސް މިކަންކަމަކީ ކުށެއް. އަޅުގަނޑު ދަންނަވާލާނަން، ހަމަ އަޅުގަނޑުމެންގެ ކައިރީ އެއް ޤައުމެއް، އެންމެބޮޑަށް މިކަން އޮންނަ. އޮސްޓްރޭލިޔާ ކަހަލަ ޤައުމަކަށް ބައްލަވާ! މަގުމަތީގައި ހިނގާފައި ދަމުން މީހަކާ ފޮށުނަސް، އެންމެ ފުރަތަމައިންވެސް އޭނާ ނަގައި، ހިފާ ހައްޔަރު މިކުރަނީ. އެންމެ ފުރަތަމަވެސް ހިފައި ހައްޔަރު ކުރަނީ. އޭނާ ބޭލް ދެއްކީމާ، ދެން އަންނަނީ އޭނާގެ މައްޗަށް އަބުރުގެ ދައުވާ. މިއީ ޑިމޮކްރަސީ ހުރި ޤައުމުތައް. އެހެންވީމާ، ދިވެހިރާއްޖޭގައި މިއުޅެނީ  ޑިމޮކްރަސީ ނެތިގެނެއްނޫން. ދިވެހިރާއްޖޭގައި މިއުޅެނީ ކަންކަން ކުރާނެ ސިކުނޑި ހުރި ވެރިން ނެތިގެން.

 

އަޅުގަނޑު އެދެނީ ތިޔަބޭފުޅުން މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަތުމަށް. އަޅުގަނޑު އެދެނީ ދިވެހިރާއްޖެ ތަރައްޤީ ކުރުމުގައި، އަޅުގަނޑު ހަމަ ދަންނަވާލާނަން، އަޅުގަނޑުގެ ވިސްނުމުގައި، ދިވެހިރާއްޖެ ތަރައްޤީކުރާކަށް، މިތަނުގައި ލޭ އޮހޮރުވާކަށް ނުޖެހޭ. ދިވެހިރާއްޖެ ތަރައްޤީކުރާކަށް، އަޅުގަނޑުމެން ރަށްރަށުގައި ހަމަނުޖެހުން ދައްކާކަށް ނުޖެހޭ. ހަމަނުޖެހުން ދައްކާކަމަށްވަންޏާ، މިތަންތަނުގައި އިންވެސްޓް ކުރަން އަންނާނެ ބަޔަކު ނޫޅޭނެ. ޠާރިޤުގެ ވާހަކަފުޅުގައި ވިދާޅުވި، ދިވެހިރާއްޖެ މިހާރު މިވަނީ، މޫޑީސްގަޔާއި ފިޗްގައި ރޭޓްކޮށްފައޭ. ތެދުފުޅެއްމެ. އެކަމަކު އަޅުގަނޑުމެން މިކުރާ ކަންކަމުގައި ނަތީޖާއަށް ވާނީ، އަދި އަޅުގަނޑުމެން ބޭރުގެ ފަރާތްތަކަށް، އެއްވެސްކަހަލަ އަސާސެއްނެތި، މި ހުށަހަޅާ ހުށަހެޅުންތަކުގެ ނަތީޖާއަކަށް ވެދާނެކަންނޭނގެ، މި ރޭޓިންގ ބަދަލުވެގެންދިޔުން. އެކަމަކު އެ ރޭޓިންގ ބަދަލުވެގެން އެދަނީ، މިތަނަށް ޓޫރިސްޓުން ނާންނާތީކީއެއް ނޫން. މިތަނުގައި އަހުލީ ހަނގުރާމައެއް ހިނގާތީކީއެއް ނޫން. މިތަނުގައި ހުޅުޖަހާތީއެއް ނޫން. މިތަނުގައި މީހުން ކަތިލައި، މަރާ ވައްޓާތީކީއެއް ނޫން. މި ރޭޓިންގ ބަދަލުވަނީ. އެއްވެސް އަސާސަކަށް، އެއްވެސް ކަމަކަށް ބަދަލެއް އައިސްގެނެއް ނޫން. އެކަމަކު ދިވެހިރާއްޖެއާ ބެހޭގޮތުން މި އޮންނަ ތަޞައްވުރު، ބޭރުގައި ނުބައިކުރީމާ، މި އަންނަ ބަދަލެއް އަތުވެދާނެ. އެކަމަކު އެއީކީ އަޅުގަނޑު ކުރާކަމެއް ނޫން. މިތަނުގެ އިޤްތިޞާދީ އަސާސަކަށް ބަދަލެއް ނާދޭ. އައި ބަދަލެއްވެއްޖިއްޔާ އައީ ހެޔޮ ބަދަލެއް. ޤައުމު މިދަނީ ކުރިއަށް. އެކަމަކު މިކަހަލަ ވިޔާނުދާ ވާހަކަތައް އަބަދު ދައްކާ ކަމަށްވަންޏާ، މީގެ ރޭޓިންގއަކީ އިންޑިޕެންޑެންޓަކޮށް ހަދާ ރޭޓިންގއެއް. އެ ރޭޓިންގއަށް އަސަރުކޮށްފި ކަމަށްވަންޏާ، އެއީ މިތަނުގެ އިޤްތިޞާދީ މައްސަލަތަކެއް އުޅޭތީ ވާކަމެއްނޫން.

 

ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން މިސާލަކަށް، އެޅޭ ފިޔަވަޅަކުން މަދުވެއްޖެ ކަމަށްވަންޏާ، އެއީ ދިވެހިރާއްޖޭގައި އަހުލީ ހަނގުރާމައެއް ހިނގައިގެން މީހުން ނާންނަނީތޯ؟ އެއީ ދިވެހިރާއްޖެއަށް އަންނަ މީހުންގެ ފުރާނައަށް ނުރައްކާވާތީ ނާންނަނީތޯ؟ ނޫނީ އެއީ ދިވެހިރާއްޖޭގެ ރިޒޯޓުތަކުގެ އެނދުތައް މަދުވެގެންތޯ؟ އެކަހަލަ އެއްވެސް ކަމެއް ނޫން. އެހެންވީމާ، މި ވޯޓާ ހަމައަށްދާއިރުވެސް، މި ދެކެވޭ ވާހަކަތައް ދެކެވެމުންދާއިރު، އަޅުގަނޑުމެން ވިސްނާލަންވާނެ، މިއުޅެނީ ދިވެހިރާއްޖެ ޙަޤީޤަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުން، ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވާ މައްސަލަތަކެއް ކުރިމަތިވެގެންތޯ މިއުޅެނީ. ސިޔާސީ މަދު ބައެއްގެ ފިކުރަށް އަންނަ ކަންކަމެއް، އެމީހުން ޖާގަހޯދަން ބޭނުންވާ މިންވަރަށް، އަތްފުޅާކުރަން ބޭނުންވާ މިންވަރަށް އެމީހުންނަށް އަތްފުޅާ ނުކުރެވޭތީ، އުޅޭ މައްސަލައަކަށް ވެދާނެ. ހަމަގައިމުވެސް އަޅުގަނޑަށް، މިކަންކަން ތަޞައްވުރު ކުރެވެނީ މިނޫން ގޮތަކަށެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ދިވެހި ރައްޔިތުން ވިސްނަންވާނެ. އަޅުގަނޑުމެން އަމިއްލައަށް އިސްވެ، އަޅުގަނޑުމެންނަކަށް މުސީބާތެއް އެދޭކަށް އެއީކީ އަޅުގަނޑުމެން ކުރަންވާނެ ކަމެއްނޫން. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެންދާނީ މިއަހަރު. މިއަންނަ އަހަރަކު ނޫން. އޭގެ ނަތިޖާ ދިގުލައިގެން ދިޔުމަކީވެސް އެކަށީގެންވާ ކަމެއް.

 

އެހެންވީމާ، ރައްޔިތުންނަށް، އެމީހެއްގެ މެނިފެސްޓޯއާއި، އޭނާ ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ޚިދުމަތާއި، އެކަންކަން ހުށަހަޅަންވީ، އޭނާ ކުރަން ބޭނުންވާ ކަންތައްތައް ވިއްކައިގެން. އޭގެ ބަދަލުގައި އެހެން މީހުންނާ ބެހޭގޮތުން، ރާއްޖެއާ ބެހޭގޮތުން ނުބައި، ބަދުނާމު ހުށަހަޅައިގެން، ކަންކަން ކޮށްގެން، އޭގެ މުޅި މުޞީބާތް ދިވެހި ދައުލަތަށް، ދިވެހި ރައްޔިތުންނަށް އަންނަގޮތަށް އެކަން ކުރުމަކީ، ޙަޤީޤަތުގައި ރައްޔިތުންގެ ޙައްޤުގައި، ޤައުމުގެ ޙައްޤުގައި ކުރެވޭ އިންސާފުވެރި ކަމަކަށް ވެގެނެއްނުދާނެ.

 

އަޅުގަނޑު އެދެނީ، ހަނިމާދުއަށް ހުރިހާވެސް ތަރައްޤީއެއް އައުން. ރައްޔިތުންނަށް މަޞްލަޙަތު މިންވަރު ކުރެއްވުން. އަދި މުޅި ރާއްޖެއަކީ، ތަރައްޤީވެފައި އޮންނަ ރާއްޖެއަކަށް ވެގެންދިޔުން.  އެހުރިހާ ކަމަކަށްވުރެ ބޮޑަށް އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގެ ހަމަޖެހުމާއި، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމުގެ މަތީގައި އޮތުމާއި، އަޅުގަނޑުމެންގެ ރާއްޖެއަށް އާންމުވެގެން، މަޞްލަޙަތު އިތުރުވެގެން ދިޔުމާއެކީ، އަޅުގަނޑުމެންނަކީ ކުރިއަށްދާން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ލެއްވުން. އަޅުގަނޑުމެންގެ މި މަސައްކަތުގައި، އިރާދަކުރެއްވިއްޔާ މާތްﷲ ބަރަކާތް މިންވަރު ކުރައްވާށި. 

 

والسّـــــلام عليــكم ورحمــة اللّــــه وبـركاتــه.