بســم اللّـه الرّحمـن الرّحيــم

 

الحمـد للّـه ربّ العـــالمـين، والصّـلاة والسّلام علـى سيّدنا محـمَّدٍ، وعلـى آلـه وصحبـه أجمـعـين.

 

ބާރަށުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިން؛

 

السّـلام عليــكم ورحمــة اللّــه وبـركاتـــه!

 

ބާރަށުގެ މިކަހަލަ ސިޔާސީ ޕޯޑިއަމެއްގައި މިހާ ގިނަ އަދަދެއްގެ ރައްޔިތުންނާ ވާހަކަ ދައްކާ ފަހަރު، އަޅުގަނޑުވެސް އެންމެފުރަތަމަ އިސްވާނީ، ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާލަން، ތިޔަބޭފުޅުން އަޅުގަނޑާ ދޭތެރޭގައި ތިޔަ ބެހެއްޓެވި ގާތްކަން، އަޅުގަނޑަށް މިއަދު ފެނިގެން ދިޔައޭ. އަޅުގަނޑަށް ތިޔަ ވިދާޅުވި އިސްތިޤުބާލަކީ، ޝައްކެއްވެސްނެތްގޮތުގައި، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑުމެންނާ ދޭތެރޭގައި އޮތް ޝައުޤުވެރިކަން، ކިތަންމެ ހާމަކަން ބޮޑުގޮތެއްގައި ނަމަވެސް ދައްކަވައިދެއްވި އިސްތިޤުބާލެއް. ބާރަށުގެ ހުރިހާ ރައްޔިތުންނަށް ފަށްފަށުން އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

އެހެންވީމާ، މިހާރު އަޅުގަނޑު އައިސް މި ހުއްޓި މިހުރީ ހަމަ ޙަޤީޤަތުގައިވެސް، ވަރަށް ދަތި އުނދަގޫ ފިޔަވަޅެއްގެ މައްޗަށް. ވަރަށް ޖޯޝުން ފުރިގެންވާ ވާހަކަފުޅުތަކެއް ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ދެއްކެވި. ދެން އެއާއެކީ، އަޅުގަނޑުމެން ޕާޓީގެ ނައިބު ރައީސް، ދެން އޭނާގެ ދޫ ފަރިތަފުޅުކަމާ ދޭތެރޭގައި އަޅުގަނޑުމެން އެއްވެސް މީހަކު ދެބަސްނުވަން. ދެން އެހެންވީމާ، ހަމަ ވަރަށް އުނދަގޫ. ހަމައެއާއެކީ، ޑޮކްޓަރ މުޢިއްޒު ވަރަށް އިޚުލާޞްތެރި ވާހަކަފުޅެއް ދެއްކެވި. ތިން ބޭފުޅުންނަށްވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާ ބެހޭގޮތުން ވަރަށް ހެޔޮބަސްތައް ރައްދުކޮށްދެއްވައިފިއޭ. އެހެންވީމާ، ތިޔަ ތިން ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ، ޝުކުރު ދަންނަވަމޭ. އަދި ހަމަ އެހެންމެ، އަޅުގަނޑު ޖަވާބުދާރީވާންޖެހޭ، ގިނަ ވާހަކަތަކެއް ޢަބްދުއްރަޙީމް އަޅުގަނޑަށް ކޮޅުއެއްލަވައިފި. އަޅުގަނޑުގެ ދުލުން އެ ވާހަކަތައް ދައްކާކަށް ފަސޭހައެއްނޫން. އެހެންނަމަވެސް، ޢަބްދުއްރަޙީމް އެކަންކޮށްދެއްވީމާ، އަޅުގަނޑު ހަމަ ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، ސިޔާސީ ކޮންމެ ޙަރަކާތަކީ، އެ ޙަރަކާތް ހިންގުމުގެ ބައެއްގެ މުރާލިކަމާއި، އިޚުލާޞްތެރިކަން ދައްކައިގެން ނޫނީ، އެ ޙަރަކާތް އާރުލާގޮތަކަށް އަޅުގަނޑުމެންނަކަށް ނުހިނގާނެކަން. އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ފެނިގެންދިޔަ ކަންކަމަށް އިޝާރާތް ކުރައްވައި ޢަބްދުއްރަޙީމް އެ ވާހަކަފުޅު ދެއްކެވީ. އަޅުގަނޑުމެންގެ ޕާޓީއަކީ، ހަމަ ވުޖޫދުގައި ނެތް ޕާޓީއެއް. އެހެންނަމަވެސް، އެ ފިކުރަކީ، އެތައް ބަޔަކު ތާއީދުކުރާ ފިކުރަކަށް އެހާބޮޑަށް ރައްޔިތުން ބަލައިގަތީ، އެއިރު އަޅުގަނޑުމެން ކުރިމަތިލާންޖެހުނު، ރައްޔިތުންނަށް ދަތި އުނދަގޫ އެތައް ކަންތައްތަކާ، އަދި ދިވެހިންގެ ޚިޔާލުތަކަށް ތަޙައްމަލުކޮށްލަން ފަސޭހަނޫން ވާހަކަފުޅުތަކެއް އޭރުގައި ހުންނެވި ރައީސް ދައްކަވަމުން ގެންދިޔައިމާ، އެއަށް ނޫނެކޭ ދަންނަވަން ދެންނެވި ދެންނެވުން. އެއީ، ޙަޤީޤަތުގައި އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންގެ ނަސީބުކަމަށް. އެހެންވީމާ، އަޅައިކިޔާލާނެ އެއްޗެއް އަޅުގަނޑުމެންނަށް ލިބުނީ. އެހެންވީމާ، އެ ފިކުރުތަކާ، އަޅުގަނޑުމެން ދީން ނޫން ދީނާ، އަޅުގަނޑުމެންނާ ބީރައްޓެހި އާދަކާދަތަކާ އަދި މިކަހަލަ އެތައް ބައިވަރު ކަންތައްތަކެއްގެ ވާހަކަފުޅު ދައްކަވަމުން ގެންދެވީ، އޭގެ ތަފްޞީލަކަށް އަޅުގަނޑު ދާކަށްނެތިން.

 

އެހެންނަމަވެސް، އެކަންކަމާ ދެކޮޅަށް ހަނގުރާމަ ކުރަން ނޫނީވިއްޔާ، ވަކާލާތުކުރަން ޖަދަލުކުރަން، ބަޔަކަށް ފުރުޞަތު ލިބިގެންދިޔައީ. ﷲ މިކަހަލަ ފުރުޞަތު މިންވަރު ކުރެއްވީމާ، ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކީ، ފުރުޞަތުގެ ބޭނުންހިފައިގެން، ތެދުވެރިކަމާއެކީ، މަސައްކަތްކުރުމަކީ، ޙަޤީޤަތުގައި އަޅުގަނޑުމެން އިންސާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ނަޞީބު.

 

މިއަދު މި ޕޯޑިއަމުން އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، މި ދާއިރާގެ މެންބަރަކީ، ޝައްކެއްވެސްނެތްގޮތުގައި، ދާއިރާއަށް ވަރަށް އިޚުލާޞްތެރި ބޭފުޅެއް. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ޕާޓީއަށާއި، އަޅުގަނޑުމެންގެ ފިކުރަށް އަދި އަޅުގަނޑަށް ވަރަށް އިޚުލާޞްތެރި ބޭފުޅެއް. ހަމައެފަދައިން، އަޅުގަނޑުމެންގެ ޕާޓީގެ ނައިބު ރައީސް ޢަބްދުއްރަޙީމަކީވެސް، އަޅުގަނޑުމެންނަށް ހަމަ ވަރަށް އިޚުލާޞްތެރި ބޭފުޅެއް. މިކަން ފެނިގެން ހިނގައްޖެ ނޫންތޯ؟ ދެ ބޭފުޅުންވެސް އެ ޖަދަލުކުރައްވަނީ، އެއް ބޭފުޅަކަށްވުރެ ގިނަ ވޯޓު އަނެއް ބޭފުޅަކު ހޯއްދަވާނެ ކަމަށް. އެހެންވީމާ، ދެން މިކަހަލަ ކޮމްޕެޓީޝަނަކަށް، މިކަހަލަ ވާދަވެރިކަމަކަށް ރައީސް ކީއްކުރަންތޯ ނޫނެކޭ ބުނަންވީ؟ ރައީސް ބުނަންވީ އާނއެކޭ! ހަމަ ކުރިއަށް ގެންދަވާށޭ ނޫންތޯ!

 

އެހެންވީމާ، މިކަހަލަ ޚިޔާލު، މިއަންނަނީ ނޫނީވިއްޔާ މިކަހަލަ އިޚުލާޞްތެރި ޝުޢޫރު މި އަންނަނީ، ހަމަ ޙަޤީޤަތުގައިވެސް ގަބޫލުކުރައްވާ! ރައްޔިތުންނާއެކީ ރައްޔިތުން އެދޭގޮތަށް ކަންތައްތަކައިގެން ކުރިއަށްދާން ބޭނުންވާ އިޚުލާޞްތެރި ބަޔަކު، މިއަދުވެސް ރާއްޖޭގައި އެބަތިބިކަން އަޅުގަނޑުމެންނަށް އެބަފެނޭ. ބާރަށާއި ތިލަދުންމައްޗަށް އައިސްފައި މި ވާހަކަ ދައްކަން އަޅުގަނޑުމެންނަށް ފަސޭހަވަނީ، ތާރީޚުން ނަގައިދޭ ފިލާވަޅުތައް މިތާ ހުރީމާ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މި ރަށުގައި މިވާހަކަ ދައްކާއިރު، އަޅުގަނޑުމެން މިހާރުގެ ޒަމާނަށް މިކަންކަން ފައްތާފައި މިވާހަކަ ދައްކަން.

 

އަޅުގަނޑު މިތަނަށް މިއައީ، ބާރަށު ރައްޔިތުންގެ އުފަލުގައި ބައިވެރިވާން. މިތަނުގައި މިއޮތީ މެރީނާ ޖެޓީއެއް ހެދިފައި. މި މެރީނާ ޖެޓީއެއްގެ ވިސްނުމާއި ފިކުރާ، މިތަނުގެ ޒުވާނުންނަށް މިއައީ. މި ކީއްވެގެންތޯ؟ ހަމަ ބާރަށު ދާއިރާގައި ތިޔަބޭފުޅުން މި ފަޚުރުވެރިވާ ފަދައިން، އަޅުގަނޑު ދަންނަވާނީ މިއަށްވުރެ ކުރިން މާލެއަކީ، އަޅުގަނޑުމެންގެ ވެރިކަން ކުރާރަށް. މާލޭގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހަމަ ވަރަށް އުފާކުރަން. ވަރަށް ފަޚުރުވެރިވަން. އަޅުގަނޑުމެންގެ ޢިއްޒުއްދީނު ފާލަމާ ދޭތެރޭގައި. އެއީ، މި ސަރަޙައްދުގައިވެސް ނެތްވަރުގެ ނަމޫނާ ފާލަމެއް. އެހެންވީމާ، އެ ފާލަން އަޅުގަނޑުމެން ފެނިގެންދިޔައީ. މާލޭގެ އިތުރު ކަންތައްތައް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. އިމާރާތް ކުރުމުގެ ރީތި ވައްޓަފާޅި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. ރީތި ސްޓްރަކްޗަރެއް އަޅުގަނޑުމެން ޑިޒައިން ކުރީމާ. މިއީ، ދޮގެއްތޯ ރައްޔިތުންގެ އުއްމީދަކީ. މިއީ ދޮގެއްތޯ ރައްޔިތުންގެ ޒުވާނުން، ޚާއްޞަކޮށް ޒުވާނުންނަށް މިކަހަލަ އުއްމީދު އަންނާތީ މި ރަށުގައި، މިކަހަލަ ރީތި މެރީނާ ޖެޓީއެއް ހެދިގެން މިދިޔައީ. އެހެންނޫނީ، ޖެޓީއަކީ ކޮބައިތޯ؟ ތޮށިގަނޑެއް ނޫންތޯ؟ ދެން ހިޔާކޮށްލާފައި ހުންނާނެ ތަނެއް.

 

އަޅުގަނޑު ފުރަތަމަ ޢިއްޒުއްދީން ފާލަން ޑިޒައިންކޮށް، އެ ފާލަން ހެދީމާ، އަޅުގަނޑަށް ބައެއް ބޭފުޅުން ބަހުގެ ޙަމަލާ ދެއްވި. އެތާހުރި ނުލާހިކު ރީތި ފާލަމެއް ނަގާފައި، ކޮންކަމެއްހޭ މިކުރީ؟ އެކަމަކު އެއިރު ހުރި ފާލަމަށް މަގަތުން ކައިރިކުރެވޭނީ އެއް އުޅަނދަށް. މިއަދު، އެ ފާލަމަކީ އެއްފަހަރާ ފަސް އުޅަނދަށް ކައިރިކުރެވޭ ފާލަމެއް. އަނެއްކާ އެ ޑިޒައިނާ، އެ ފެންވަރު އަޅުގަނޑުމެންގެ ސަރަޙައްދަކު ނުހުންނާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ކުރެވޭ ކަންކަމުގައި، އަޅުގަނޑުމެން ރާއްޖެއިން ކަންކަން އެބަދައްކަން، ދުނިޔެއަށް ނަމޫނާއަކަށް. ދުނިޔެއަށް މިސާލެއް ދައްކަން. އެ ކުރިއަށް ދިޔުމުގެ ރޫޙު، އަޅުގަނޑުމެންނަށް އެބަފެނޭ، ބާރަށަށް އައިމާ. ބާރަށުގައި ހުރި، މި މެރީނާ ޖެޓީންވެސް. އެހެންނޫންތޯ. އެހެންވީމާ، މިއީ، މި ފިކުރާއި، މި ޢަޒުމާ، މި ކުރިއަށް ދިޔުމުގެ ރޫޙު އަޅުގަނޑުމެންގެ ހުރެގެން ނޫނީވިއްޔާ އަޅުގަނޑުމެންގެ ދާއިރާ، އަޅުގަނޑުމެންގެ ރާއްޖެ ކުރިއަކަށްނުދާނެ.

 

ވޯޓުން ވަނަ ހޯދަންކުރާ އުއްމީދުތަކުގައިވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ޝުޖާޢު ވާހަކައެއް ވިދާޅުވާއިރު، ޢަބްދުއްރަޙީމް ވިދާޅުވޭ، އެއަށްވުރެ ތިމަންނާ ގިނަކުރާނަމޭ. ދެން އަޅުގަނޑު މޫސާކަންނޭނގެ، މިތާ އިންނެވީ، މޫސާ ވިދާޅުވާނެ ޢަބްދުއްރަޙީމަށްވުރެ ގިނަ ކުރައްވާނަމޭ. އެހެންވީމާ، ދެން އަޅުގަނޑު ވަރަށް ހަމަޖެހިގެން ހުންނާނީ. އެހެންނަމަވެސް، މި ދަންނަވަނީ، މި ވާދަވެރިކަން އަޅުގަނޑުމެންގެ ތެރޭގައި އަންނަން މިޖެހޭ ސަބަބަކީ، ރައްޔިތުންނަށް އިޚުލާޞްތެރި، ރައްޔިތުން ގޮވައިގެން މަސައްކަތްތަކެއް ކުރާނެ، އިޚުލާޞްތެރި މީހުންތަކެއް މިއަދު ތިބީމާ.

 

އަޅުގަނޑު ކޮންމެވެސްވަރަކަށް ހިތްދަތިވޭ، މި ޕޯޑިއަމަށް އައިސް، ފިޔާތޮށި ކުލައިގެ މުޅިތަން ޒީނަތްތެރިވެފައި އޮތް އޯޑިއަންސެއްގެ ކުރިމަތީގައި މި ވާހަކަ ދައްކާއިރު. އަޅުގަނޑުމެންގެ ޕާޓީގައި ކުރި ދަތުރަކީ، އެއް ދަތުރު. ހިތްދަތި ދަތުރެއް. މި ރިޔާސީ ފަސް އަހަރުގެ މި ދުވަސްތަކަކީ ހިތްދަތި ދުވަސްތަކެއް. ފަސޭހަ ދުވަސްތަކެއްނޫން. އަމާން ދުވަސްތަކެއްނޫން. މިއިން ދައްކައި މިދެނީ ކޮންކަމެއްތޯ، މިއިން ދައްކައިދެނީ، އަޅުގަނޑު ބެލިބެލުމުގައި މީގެތެރޭގައި މިކަންކަން ކުރައްވަން އުޅުއްވި ބޭފުޅުންގެ ތެރޭގައި ގިނަ ބޭފުޅުންނަކީ، އަޅުގަނޑުމެންގެ ފިކުރުގައި އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރެއްވި ބޭފުޅުން. އޭގެ ގިނަ ބޭފުޅުންނަކީ، އަޅުގަނޑުމެންގެ ޝަރަފުވެރި މަޤާމުތައް ފުރުއްވަމުން ގެންދެވި ބޭފުޅުން. އޭގެތެރެއިން ގިނަ ބޭފުޅުންނަކީ، ރައީސްކަން، ނައިބު ރައީސްކަން، މިނިސްޓަރުކަން ކުރެއްވި ބޭފުޅުން.

 

އެއީކީ، އެމް.ޑީ.ޕީ. ފިކުރު އޮވެގެން އައި ކަމެއްނޫން. އަޅުގަނޑުމެންގެ ފިކުރުގެ ތެރެއިން އަޅުގަނޑުމެން ފިކުރު ފަނާކުރަން ނުކުތީ. އެހެންވީމާ، މިކަހަލަ އުފާވެރި ފިޔަވަޅެއްގެ މަތީގައި ހުންނައިރުވެސް، އަޅުގަނޑުމެން މިކަހަލަ ކޮންމެ ޖަލްސާއަކަށް އައިމާ، އަޅުގަނޑު، އެ ހިތްދަތިކަން އިޙުސާސްކުރަން.

 

ޢަބްދުއްރަޙީމް އެ ވިދާޅުވި ދަތުރު އަޅުގަނޑުމެން ކުރީމު. އެ ދަތުރު އަޅުގަނޑުމެން ކުރީ، މުޅި ރާއްޖެއަށް މާޔޫސްކަން އައިސްފައި އޮތީމާ. މުޅި ރާއްޖެއަށް މާޔޫސްކަން އައިސް އޮތް ވަގުތެއްގައި، އަޅުގަނޑުމެން ރާއްޖެތެރެއަށް އައިއިރު، ރާއްޖޭގެ ހުރިހާ ދިމާއަކަށް ދަތުރުކުރީމު. އެ ދަތުރު ކުރުމުގެ ބޭނުމަކަށްވީ، އަޅުގަނޑުމެންގެ ފިކުރަށް ތާއީދުކުރާ ކިތައް މީހުން ތިބިތޯ ބަލައިލާން. އެ ފަހުލަވާނުން ރުކުރުވައިލެވޭނެ ގޮތްތަކެއް ހޯދަން. އެ ކަންކަން ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރުމުގެ ނަތީޖާއަކަށްވަނީ، މިއަދު ﷲ ގެ ރަޙުމަތާއެކީ، ޕާޓީ އުފެއްދިތާ ދާދި އަވަހަށް ޕާޓީން ރައީސްކަން ކުރަން ފަށައިފި. ޤައުމުގެ ވެރިކަމަށް ޕާޓީ އައިސްފި. އަދި ދާދި އަވަހަށް މި ޕާޓީއަކީ، އެންމެ ބައިބޯ، އެންމެ ގިނަ ބައެއްގެ ތާއީދު އޮތް، އަނެއްކާ ފިކުރުގެ ގޮތުންނާއި، ކުރާ މަސައްކަތުގެ ގޮތުން، ދެވަނައެއްނެތް، ތަޣައްޔަރުނުވެ އޮތް ހަމައެކަނި ފިކުރެއްގެ ގޮތަށް މި ޕާޓީވީ. މި ޕާޓީގެ ތެރެއިން ފޭވެގެންދިޔަ ބަޔަކު، ފޭވެގެން އެ ދިޔައީކީ، މި ޕާޓީގެ އުސޫލުތަކަކަށް ބަދަލު ގެނެސްގެނެއްނޫން. މި ޕާޓީން ކުރާ ކަންކަމަކަށް ބަދަލެއް އައިސްގެނެއްނޫން. މި ޕާޓީ ވެރިކަމަށް އައިމާ، ވެރިކަމުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކުގައި ދޯހަޅި ކަންތައްތައް ހުރެގެންނެއްނޫން. ކީއްވެގެންތޯ އަޅުގަނޑުމެން ހިތްހަމަނުޖެހެންވީ. އަޅުގަނޑުމެންގެ ޕާޓީގެ މީހުން، އަޅުގަނޑާއެކީ މަސައްކަތްކުރި މީހުން، ކީއްވެގެންތޯ ހިތްހަމަނުޖެހެންވީ، ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު، ކަރަންޓް ޔަޤީންވީމާ. ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުގެ ބޭސްފިހާރަ ހުޅުވީމާ، ކޮންކަމަކާތޯ ހިތްހަމަނުޖެހެންވީ؟

 

ދޮށީ ރައްޔިތުންނަށް ފަސްހާސް ރުފިޔާގެ ޢިނާޔަތެއް ދޭންވީމާ، ހިތްހަމަނުޖެހެންވީ ކޮންކަމަކާތޯ؟ ޤާނޫނު ތަންފީޒު ކުރަން ފެށީމާ، ހިތްހަމަނުޖެހެންވީ ކީއްވެގެންތޯ؟ އަދި މާލެއާއި ހުޅުލެއާ ދޭތެރޭގައި ނޭޅޭނެކަމަށް ބުނި ބްރިޖު އެޅުމުގެ މަސައްކަތް ފެށީމާ، އެ ހަމަގައިމުވެސް އަޅުގަނޑާ އަޅުގަނޑުގެ ފިކުރަށް ތާއީދުކުރާ މީހުން އެކަމާ ހިތްހަމަނުޖެހެންވީ ކަމެއްނޫން. އަދި ކީއްތޯ، އެއީ އެ ބޭފުޅުން އެކަމާ ދޭތެރޭގައި ފަޚުރުވެރިވާންޖެހޭ ކަމެއް.

 

އަޅުގަނޑުމެން މާލޭގައި ދިރިއުޅޭ މީހުންނަށް މާލޭގައި ދިރިއުޅުމަކީ، ފަސޭހަކަމަކަށް ހަދައިދީ، އަދި އަޅުގަނޑު އެ ވަޢުދެއްގެ މައްޗަށް ބިނާކޮށް، އަޅުގަނޑު ރިޔާސީ އިންތިޚާބަކާ ހަމައަށް މަސައްކަތްކުރީ. ރައްޔިތުން އަޅުގަނޑަށް ތާއީދު ދެއްވި އެންމެބޮޑު ކަމަކަށް އަޅުގަނޑު ނެގީ މުޅި ރައްޔިތުންގެ ސަލާމަތްތެރިކަން. މުޅި ރައްޔިތުންގެ ސަލާމަތްތެރިކަން. އެއިރު އެނގިވަޑައިގަންނަވާނެ، މާލެއަކީ ކޮންކަހަލަ ނުރައްކަލެއްގެ ތެރޭގައި ގެނބިގެންދިޔަ ރަށެއްކަން. އަދި ރާއްޖޭގެ ހުރިހާ ދިމާއަކަށް ނާމާންކަން ފެތުރިފައި އޮތް ފުޅާމިން، ރާއްޖޭގެ ހުރިހާ ރަށްރަށުގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. ރައްޔިތުން ކޮންމެވެސްވަރެއްގެ އިތުބާރެއް އަޅުގަނޑަށްކުރި. އެކަމަކު އަޅުގަނޑު ހިތަށްއެރީ، އަޅުގަނޑު އެކަނި ނުކުމެ އެވަރު ކަމެއް ކޮށްލެވިދާނެތޯ، އެވަރު ބަދަލެއް ގެނެވިދާނެތޯ؟ އެކަމަކު ﷲ ގެ ރަޙްމަތުން އެކަން ފުދިގެން ދިޔައީ.

 

ދެން ހަމައެއާއެކީ، އަޅުގަނޑުމެން ނަގައި އާރާސްތު ކުރެވޭތޯ ބެލީ، ހަމަ އިނދަޖެހިފައި، އަނދަވަޅަކަށް ވެއްޓިފައި އޮތް، އިޤްތިޞާދެއް ނަގައި ކޮޅަށްޖެހޭތޯ ބެލީ. އެހެންވީމާ، މިކަންކަން ރަނގަޅު ކުރުމަކީ، އަޅުގަނޑުގެ ޕާޓީގެ ރައީސްވެސް، އަޅުގަނޑާއެކީ މަސައްކަތްކުރި ނައިބު ރައީސުންވެސް އެއްވެސް ގޮތެއްގައި އަޅުގަނޑާ ދޭތެރޭ ހިތްބަރުކުރަންޖެހޭ ކަމެއްނޫން. އެހެންވީމާ، މިއީކީނޫން، އަޅުގަނޑުގެ ޕާޓީ ދޫކޮށްލައްވާފައި އެ ބޭފުޅުން ވަޑައިގަންނަވަން ޖެހުނު ސަބަބަކީ. މިއީކީނޫން، އެއްގޮތަކަށްވެސް، އެ ބޭފުޅުން ޙުކުމްތައް އައިސްގެން، ޖަލު ގޮޅިތަކުގައި ތިއްބަވަންޖެހޭ ސަބަބަކީ. އެކަންކަންވީމާ، އަޅުގަނޑު ހިތާމަކުރަން.

 

އެހެންނަމަވެސް، މިވާގޮތަކީ، މުޅި ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން ކުރާ މަސައްކަތެއް، އަޅުގަނޑުމެން ކުރަންޖެހޭ. މުޅި ރައްޔިތުންގެ ޙައްޤުގައި ކުރާކަމެއް ކޮށްގެން ނޫނީވިއްޔަކާ، ރައްޔިތުންނަކަށް ޞުލްޙަވެރި ދިރިއުޅެއް ނޯންނާނެ. މިކަހަލަ ރަށަކަށް އައިސް މި ބަނދަރުމަތީގައި ރީތި މެރީނާ ޖެޓީއެއް އެއޮތީ. މިއީ، މަޢުޞޫމް މުޖުތަމަޢެއް އޮތް ތަނެއް. މިއީ، ހިތްފަސޭހަ އޮޔާއި ވަޔާޖެހޭ ދިވެހިރާއްޖެ. މި ޖައްވަށް އައިސްފައި މިތަނުގައި، ހިތްހަމަނުޖެހި ހުންނާނީ ކާކުތޯ؟ މިއީ ނޫންތޯ އަޅުގަނޑުމެން ދިވެހިރާއްޖެ ކުރިން ދުށް ތަނަކީ؟ އެކިއެކި ތާރީޚީ ޢިލްމުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ސައްޔާޙުން، އެ ބޭބޭފުޅުން ލިޔުއްވި ވާހަކަތަކަކީ، މިއީ ނޫންތޯ؟ މުތެއްފަދަ ޖަވާހިރުތަކެއްފަދަ ރަށްތަކެއް މިހުރީ، އިންޑިޔާ ކަނޑަށް އޮއްސާލާފައި. އެއީ، ދޮގެއްތޯ އަޅުގަނޑުމެންގެ ދިވެހިރާއްޖެ ސިފަކޮށްދީފައި އޮންނަގޮތަކީ. މި ދިވެހިރާއްޖޭގައި އޮތް އަމާންކަމުގެ ވާހަކަތައް، މުޅި ދުނިޔޭގައި ދެއްކީ. މި ދިވެހިރާއްޖޭގެ ސިޔާސީ ފިކުރުގައި ތަފާތެއް ނެތް ވާހަކަ. މި ދިވެހިރާއްޖޭގެ ނަސްލުގެ ތަފާތެއް ނެތް ވާހަކަ. މި ދިވެހިރާއްޖޭގެ ދީނުގެ ތަފާތެއް ނެތް ވާހަކަ. މިއީ، އަޅުގަނޑުމެންގެ ތާރީޚު ލިޔުނު މީހުން އަޅުގަނޑުމެންނަށް ގެނެސްދިން ފިލާވަޅު. މި ފިލާވަޅު އަޅުގަނޑުމެންނަށް ކީއްވެގެންތޯ ދަމަހައްޓަން އުނދަގޫވެގެން މިއުޅެނީ.

 

އެހެންވީމާ، އަޅުގަނޑާއި އަޅުގަނޑުމެންގެ ފިކުރު ދޫކޮށްލައްވާފައި އަދި ތިޔަ އެންމެ ރައްޔިތުން ދޫކޮށްލައްވާފައި ދުރަށް ވަޑައިގެންނެވި ބޭފުޅުން އެ ވަޑައިގަތީ. އެއީ އެ ބޭފުޅުންގެ ތެރޭގައި ތަޙައްމަލު ނުކުރެވުނު މައްސަލަތަކެއް، އެ ބޭފުޅުންގެ ހިތުގެ ތެރޭގައި ހިފަހައްޓައިނުލެވުނު ޝުޢޫރުތަކުގައި، އެ ބޭފުޅުން ކުލަ ޖައްސަމުން ގެނައިމާ، އެކަމުގެ ނަތީޖާ އެއީ. ރައީސް ޔާމީން މިހާތަނަށް ކޮށްދީފައި ހުރި ކަންކަމަކުން، އަޅުގަނޑުމެން ޕާޓީގެ އެއްވެސް ބޭފުޅަކަށް ވިދާޅެއްނުވެވޭނެ، މިއީ، ޕާޓީއާއި ޕާޓީގެ ރައްޔިތުން އެދޭ ކަންކަމެއްނޫނޭ. މިތަންތަނަށް މިއަންނަ ކުރިއެރުމަކީ ރައްޔިތުން އެދޭ ކަންކަން.

 

މިތަނުގައި މި އޮންނަ މެރީނާ ޖެޓީ، މިރަށުން މިއަދު ވިދާޅުވޭ، މި ޖެޓީއަށް ދެކޮޅު ހައްދަވާ ބޭފުޅެއް. އަޅުގަނޑަކަށް ނުފެންނާނެ ދެކޮޅު ހައްދަވާ ބޭފުޅެއް. ނަރުދަމާގެ މަސައްކަތް ފެށިގެންދާއިރު، ކާކުތޯ، މިކަމާ ދެކޮޅުހަދާނީ. ދެން ހުރީ މި ރަށަށް ކުރަންހުރި އެހެން ކަންތައްތައް. އަޅުގަނޑު އިޢުލާނު ކުރަންވީ ދޮގެއްތޯ، މާދަމާ މި ރަށަށް އޭ.ޓީ.އެމް. މެޝިނެއް އައުމަށްޓަކައި މަސައްކަތް ފަށާނޭ. ދެން ކީއްކުރަންތޯ މިކަމާ ދެކޮޅުހަދަންވީ.

 

މުޅި ރާއްޖެއަށް އަންނަ ތަރައްޤީން ވަކި ބަޔަކު ވެރިކަމުގައި ތިބިއިރު، ނައި ތަރައްޤީން ކީއްވެގެންތޯ، މަޙުރޫމްވާންވީ އަޅުގަނޑުމެން ދިވެހި ރައްޔިތުން. ކޮންމެ މީހަކުވެސް ވެރިކަމަށް މަސައްކަތްކުރަނީ، އޭނާއަށް ދެވެންއޮތް މެކްސިމަމެއް ރައްޔިތުންނަށް ދޭން. އަޅުގަނޑުމެންގެ ތެރޭގައި، ވެރިކަމުގެ ދައުރު ޒަޢާމަތް، ފުރިހަމަ ކުރައްވާފައިހުރީ އެކި މުއްދަތަށް. ދިގު މުއްދަތާއި، ކުރު މުއްދަތާއި، މުއްދަތު ހަމަނުވަނީސް ވަޑައިގެންނެވި ބޭފުޅުންނާ. އެކަމަކު ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ، އޭނާ ރައްޔިތުންގެ ކައިރިއަށް އައީ، ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ކަމަށްވަންޏާ، އޭނާގެ މައްސަލައެއް އެއީ، ޢަބްދުއްރަޙީމް ވިދާޅުވިހެން. އެހެންމީހެއްގެ މައްސަލައެއްނޫން. މިތާ ހަމަޖެހުމާއެކީ ތަރައްޤީ އައުމަކީ، ރަށްރަށަށް ބޭނުންވާ ކަންކަން ފުރިހަމަވެގެން ދިޔުމަކީ، އަޅުގަނޑުމެން ރައްޔިތުންގެ މައްސަލައެއްނޫން. އެއީ، ރައީސް ޔާމީންގެ މައްސަލައެއްނޫން. އެއީ، އެހެން ބޭބޭފުޅުން އެކަންކަމަށް ނުކުޅެދިފައި ހުރިވަރު ދައްކައިދޭ ކަންކަން. އެހެންވީމާ، އެކަންކަމާ ދޭތެރޭގައި މިއަދުވެސް އަޅުގަނޑުގެ ވާދަވެރިން ވަޑައިގެން އަޅުގަނޑާ ދައްކަވަންޖެހޭ ވާހަކައަކީ މިއީ ނޫންތޯ؟ އަޅުގަނޑާ ދައްކަވަންޖެހޭ ވާހަކައަކީ، އެންމެ ރަނގަޅޭ، ބާރަށުގައި ތިޔައޮތީ، މެރީނާ ޖެޓީއެއް އަޅާފައޭ. ތިމަންނާމެން ތިއަށްވުރެ، ތިޔަ ޖެޓީ ސަޅިކޮށް އަޅާނަމޭ ވިދާޅުވޭ. އޭރުން ހަމަ ވަރަށް ރަނގަޅޭ. ދަރުމަވަންތަ ހޮސްޕިޓަލް އެޅީމާވެސް، ބުނަންވީ ނޫންތޯ؟ ތިއަށްވުރެ މާރަނގަޅަށް ތިޔަކަން ކުރީމުހޭ.

 

ސިޔާސީގޮތުން، އަޅުގަނޑާ ވާދަކުރެއްވި ބޭފުޅުން، މި ކަންކަން ކުރެއްވުމަށް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް އެބޭފުޅުންނަށް ފުރުޞަތު ނުދޭތޯ ރައްޔިތުން. އެ ބޭފުޅުންނަށް ފުރުޞަތުދިން ރައްޔިތުން. އެކަމަކު އެކަންކަން ނުވެގެން ދިޔައީ. ބްރިޖަކީވެސް ނޭޅޭނެ އެއްޗެއްކަމަށް ވެގެންދިޔައީ. އެހެންވީމާ، މިއުޅެނީކީއެއް، ރައީސް ޔާމީން ކުރިކަމެއްގެ މައްސަލައެއް ނޫން. މިއީ، ބައެއް ބޭފުޅުން ކުރައްވަން ބޭނުންފުޅުވެފައި، ބައެއް ބޭފުޅުންގެ ޚިޔާލުފުޅަށް ނައިސްހުރި ކަންކަމޭ. އެހެން މީހަކު އައިސް ކޮށްދީ، އަދި އެކަންކަމުގައި ރައްޔިތުންގެ ހިތްހަމަޖެހުން ލިބިގެން، އެ ހިތްހަމަޖެހުން އިތުބާރަށް ބަދަލުވެގެން ދިޔައިމާ، ތަޙައްމަލުކޮށްލަން، ނޫނީ ހަޖަމްކުރަން ދަތިވެގެން އުޅޭ މައްސަލައެއް މިއީ.

 

އަޅުގަނޑު މި ރަށްރަށަށް ކުރާ ޒިޔާރަތުގައި އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް ކުރަން ބޭނުންވާވަރަކަށް، ނޫނީ ކުރަންޖެހޭވަރަކަށް އަޅުގަނޑަކަށް ތިޔަބޭފުޅުންގެ އަރިހަކަށް ނާދެވޭ. އެކަމަކު ދަންނަވަންތޯ، މީގައިވެސް ކަންތައްތަކެއް އެބަހުރި ނޫންތޯ. ބައެއް ބޭފުޅުންގެ ވިސްނުންފުޅުގައި، އެ ބޭފުޅުން އާދައަކަށް ހައްދަވާފައި އެބައޮތް، އެ ބޭފުޅުންގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި، ނޫނީ ފުރަތަމަ ދެ އަހަރުގެ ތެރޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރުން. އެއީ، ޝައްކެއްވެސްނެތްގޮތުގައި، މީހުންނާ ގާތްވުމުގެ ގޮތުން ކުރައްވާ ކަމަށްވަންޏާ ކުރައްވަންޖެހޭ ކަމެއް، ރަނގަޅުކަމެއް. އެކަމަކު އެކަންތޯ ތިޔަބޭފުޅުން ބޭނުންފުޅީ. ނޫނީވިއްޔާ އެކަންކޮށްފައި ރައްޔިތުން އެދޭ ކަންކަން ނުވެދިޔުންތޯ، ތިޔަބޭފުޅުން ބޭނުންފުޅީ. ނޫނީވިއްޔާ މި ކަހަލަ ކަންތައްތައް ކޮށްދީފައި، މި އުފަލުގައި ބައިވެރިވާން ރައީސަކު އައުންތޯ، ތިޔަބޭފުޅުން ބޭނުންފުޅީ؟

 

މިއީ، ދޮގެއްތޯ ތަފާތަކީ. މިއީ ދޮގެއްތޯ ތަފާތަކީ. މިހާރު ރައްޔިތުންނާ ހަމައަށް ރައީސް މި އަންނަނީ، މިހެން ކުރެވިފައިހުރި ބޮޑެތި ކަންތައްތަކުގައި، އެ އުފަލުގައި ރައްޔިތުންނާއެކީ ބައިވެރިވާން. އަޅުގަނޑު ހުރެއްޖައިން ރަށު ބަންދުގައި. އަޅުގަނޑު ހުރެއްޖައިން އަޅުގަނޑުގެ ނަފުސުގެ ބަންދުގައި. އަޅުގަނޑު ރައީސްކަމާ ހަވާލުވީއްސުރެ، ފުރަތަމަ އެއް އަހަރު ދިޔަ ވަރަށް ޞުލްޙަވެރިކަމާއި އަމާންކަމާއެކީ. އެ އެއް އަހަރު ތަޙައްމަލު ކޮށްލާކަށް، ދެން އޭގެ ފަހަކުން އިތުރު ދުވަހެއް ތަޙައްމަލުކޮށްލާކަށް އަޅުގަނޑުގެ ޕާޓީންގެ ތެރެއިންވެސް، އަޅުގަނޑާއެކީ މަސައްކަތްކުރި ސިޔާސީ މީހުންގެ ތެރެއިންވެސް އަދި އަމުދުން އިދިކޮޅު މީހުންނަކަށް ކެތެއްނުވި. އަޅުގަނޑާއެކީ ކޯލިޝަން ހައްދަވައިގެން ހުންނެވީ ޤާސިމް އިބްރާހީމް. އޭނާއަކަށްވެސް ކެތެއްނުވި. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި. އެއްވެސް ބޭފުޅަކު އަޅުގަނޑާ ހަމައަކަށް ވަޑައެއްނުގަންނަވާ، އަޅުގަނޑު މި ހިންގާ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާކަށް. އަބަދުވެސް، ލިބިފައި އޮތް ބައެއް ކުޑަވެގެން، އަބަދުވެސް އެ ބޭފުޅުން އަމިއްލަފުޅަށް ބޭނުންފުޅުވާ ކަންތައްތަކެއް އިސްނުކުރެވިގެން، ވަޑައިގެންނެވި ބޭފުޅުން ވަޑައިގަތީ.

 

މިއަދު މި އަންނަނީ، ކޮން ތަފާތެއްތޯ، މިއަދު މި އަންނަނީ، ކޮން ތަފާތެއްތޯ؟ ޤާނޫނު އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިންގައިދިނުމަކީ، ރައީސަށް ލާޒިމުކަމެއް. އެއީ، ރައީސަށް ލާޒިމުކަމެއް. އަދި އެކަންކުރަން ބާރުއަޅައި، އަޅުގަނޑުމެންގެ ޕާޓީގެ ކުރީގެ ރައީސްވެސް އެކިފަހަރުމަތިން ވާހަކަފުޅު ދައްކަވާފައިވަނީ. އަދި އެކަން އަޅުގަނޑުމެންނަށް ނުކުރެވޭވަރަށް އެމަނިކުފާނުވަނީ އެ ވާހަކަވެސް ވިދާޅުވެފައި. މިހާރު މިއޮތީ ޤާނޫނު ހަމަހަމަކުރީމާ މިވަނީ ކީއްތޯ، އަޅުގަނޑުމެންގެ ޚިޔާލަށް ބަދަލުތަކެއް އާދޭތޯ ހިންގަވާ ވިސްނާލަމާ؟ މި ދާއިރާ ހުޅުވިގެންދާއިރު، މި ދާއިރާއަށް ތަރައްޤީ އަންނައިރު، މިއީ، މި ރަށުގެ ރައްޔިތުންނަށާއި، ޚާއްޞަކޮށް ޒުވާނުންނަށް އޭގެ މަންފާ، އޭގެ ފަހިކަން ލިބިގެންދާނެ ކަންކަން.

 

އަޅުގަނޑު އިޢުލާނުކުރިން ދޮގެއްތޯ، މި ތިލަދުންމައްޗަށްކުރި ދަތުރުގައި، ހއ. އާއި ހދ. ގައި. ބޮޑުތިލަދުންމަތީގައި. ޙަޤީޤަތުގައި އަޅުގަނޑު ބޭނުންވީ، އަޅުގަނޑުގެ ފަސް އަހަރުގައި އިރާދަކުރެއްވިއްޔާ، ﷲ މިންވަރު ކުރައްވައިފި ކަމަށްވަންޏާ، ކުރީކޮޅުގައި 3000 އެނދު އުފައްދަން. އަޅުގަނޑު ހިތަށްއަރާ މިތަނުގައި، މި ހެދިފައި މިއޮތް މެރީނާ ޖެޓީ އިނގޭތޯ، އަޅުގަނޑުގެ ޓޫރިޒަމުގެ ތަޞައްވުރުގެ ތެރޭގައި މިކަހަލަ ރަށްރަށުގައި ގެސްޓްހައުސް ހަދައިދޭން. އަދި އެކަންކަމަށް ބޭނުންވާ ހުރިހާ ޢުމުރާނީ ފަސޭހަތަކެއް ޤާއިމުކޮށްދީ ހެދުމަށް. އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ ރާއްޖެއަކީ، މި ސަރަޙައްދުގައި އޮތް ކުރޫޒަރ ޓަރމިނަލްގެ އެންމެ ބޮޑު ހަބު އޮންނަ ތަނަކީ ދިވެހިރާއްޖެއަށްވާން ބޭނުންވޭ. އެ ހުރިހާ ވަސީލަތެއް، އެ ހުރިހާ ފަސޭހަކަމެއް ދިވެހިރާއްޖޭގައި އެބަހުއްޓޭ އިނގޭތޯ؟ އެހެންވީމާ، ކީއްކުރަންތޯ، ކީއްކުރަންތޯ، މި ޢިމާރާތުން ނޫނީވިއްޔާ ޢަރަބި ކަނޑުން ފުރައިގެންދާ އޮޑިފަހަރު ނޫނީވިއްޔާ، ކްރޫޒް ޓަރމިނަލްތައް މިދަނީ، ދިވެހިރާއްޖޭގެ ކައިރިން ލައިގެން މިދަނީ. ކީއްވެގެންތޯ، އަޅުގަނޑުމެން ވަސީލަތް ތަރައްޤީ ނުކުރަންވީ. ދިވެހިރާއްޖޭގައި މަޑުކޮށްފައި، ދިވެހިރާއްޖޭގައި ހައެއްކަ ދުވަހު އެމީހުން ތިބެފައި ދެން ދާންވީނޫންތޯ ސިންގަޕޫރާ ދިމާއަށް. އެކަމަކު އެ ދިގު ރާސްތާ މި ހުރަސްކުރަނީ ދިވެހިރާއްޖެ ތެރެއިން. ހަމަ ދިވެހިރާއްޖޭގެ ތެރެއިންދާއިރު، އަޅުގަނޑުމެންނަކަށް އެ ވަސީލަތްތަކެއް ޤާއިމެއްނުކުރެވޭ. އަޅުގަނޑުމެންނަކަށް އެ ފަސޭހަކަމެއް ނުހޯދޭ. އެ ފަސޭހަކަމަކީ ޙަޤީޤަތުގައި މަތިންދާބޯޓުގައި މި އަންނަ ޓޫރިސްޓުންނާ އެއްވަރަށް އަޅުގަނޑުމެންނަށް އުފުލޭނެ ކަންކަން. ކުރެވޭނެ ކަންކަން. އޭގެފައިދާ ލިބޭނެ ކަންކަން. އެ ކްރޫޒް ޓަރމިނަލް އަޅާ ވާހަކަ އަޅުގަނޑުމެން އެބަ ދައްކަން، އަޅުގަނޑުމެންގެ ތަޞައްވުރުގެ ތެރޭގައި. މިއީ، ޓޫރިޒަމުގެ ޞިނާޢަތުގައި ހިމެނިފައި އޮތް ކަމެއް. އެކަން ހިމެނުނީމާ، އެ ފަސިންޖަރުން ދާނީ ހަމައެކަނި ދިވެހިރާއްޖެއަށް އައިސްފައި. މާލޭގައި، ނޫނީ ކައިރި ރިޒޯޓުތަކުގައި ތިބެފައި. ކީއްވެގެންތޯ މިތަންތަނުގައި މެރީނާ ނުހެދެންވީ؟ ކީއްވެގެންތޯ މިތަންތަނުގައި ގެސްޓްހައުސް ނުހެދެންވީ؟ އެ މެރީނާ ނޫނީވިއްޔާ ކުރޫޒަރުގެ ޚިޔާލު އަޅުގަނޑުގެ އޮތީމާ ކަންނޭނގެ މިތަނުގައި މިހާރު މިއޮތީ މެރީނާ ޖެޓީއެއް ހެދިފައި. އެހެންވީމާ، މިއީ، ދޮގެއްތޯ ކުރިއަށްދިޔުމުގެ ރޫޙަކީ. މި ވިސްނުމާއެކީ ކުރިއަށްދާން އަޅުގަނޑުމެންނަށް ކެރެންވީ.

 

އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން ނުކުމެ މި ދައްކަވަނީ ކޮން ވާހަކައެއްތޯ؟ މިއަދު އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތަކުގެ ތެރޭގައި މި ދައްކަވާ ވާހަކައަކީ، ވަކި ބަޔަކަށް ވޯޓެއްނުލެވެއޭ. ވަކިވަރަކަށޭ ވޯޓު ފޮށި ބަހައްޓަނީ. ވަޑައިގެން ރައްޔިތުންނަށް ތަރައްޤީގެ ވާހަކަ ދައްކަވައިދެއްވާ! އަޅުގަނޑާއެކީ ވަޑައިގަންނަވާ! އަޅުގަނޑާއެކީ ވަޑައިގަންނަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ވާހަކަ ދައްކަވަން. އަޅުގަނޑާއެކީ ވަޑައިގަންނަވާ، ބްރިޖަށް ހިނގި ޚަރަދުގެ ވާހަކަ ދައްކަން. އަޅުގަނޑާއެކީ ވަޑައިގަންނަވާ، އެއް މޭޒަށް ވަޑައިގަންނަވާ! ބްރިޖަށް ހިނގި ޚަރަދަކީ، ދިވެހިރާއްޖޭގެ މިއަދުގެ މާލިއްޔަތު ހުރިވަރުން އަޅުގަނޑުމެންނަށް އުފުލަން އުނދަގޫ ބުރައެއްތޯ، އަޅުގަނޑުމެން އެ އުފުލަން އެއީ، އަޅުގަނޑުމެންނަށް ބޮޑުބައި ޗައިނާ ސަރުކާރުން އަޅުގަނޑުމެންނަށް ބޮޑުބައި، ވަރަށް އަތްފޯރާ ހިސާބުގައި އަޅުގަނޑުމެންނަށް ކޮށްދެއްވާފައި އޮތް ޚަރަދެއް. އެއީ ހަމަ ދީލަތި އެހީއެއް. އެއަށްވުރެ މާ ބޮޑެތި ޚަރަދު އަޅުގަނޑުމެން އެބަ ކުރަން ލޯނު ނަގައިގެން.

 

އަޅުގަނޑުމެންގެ އިންޓަރނޭޝަނަލް އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަޅުގަނޑުމެން މި ޚަރަދުކުރާ ޚަރަދު ކުރުމަކީ، އެއީ، އެއަށްވުރެ މާބޮޑު މަޝްރޫޢެއް. އެކަމަކު ކީއްތޯ މިވެގެންދަނީ. މި ވެގެންދާ ކަމަކީ، ރައްޔިތުންނަށް ފަސޭހަވުމާއި، އެއާއެކީ އިޤްތިޞާދީ ކުރިއެރުމާއި، އަދި މި އެއަރޕޯޓް ހުޅުވިގެން ދިޔައިމާ. އެ އެއަރޕޯޓް އެކަނި އެއީ، މާލޭ ސަރަޙައްދުގައި އޮތް އެއަރޕޯޓެއް. އެކަމަކު އެއަރޕޯޓުގެ ނަތީޖާ ދަންނަވާލާނަން.

 

މިއަދު ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަކީ، ދޮޅު މިލިއަނެއްހާ މީހުންކަމަށްވަންޏާ، މި އެއަރޕޯޓް ހަދައިގެން އަޅުގަނޑުމެން އުއްމީދު މި ކުރަނީ، މި އެއަރޕޯޓް ހެދިގެން ފަސް، ހައެއްކަ އަހަރުގެ ތެރޭގައި އަށްމިލިއަން މީހުން އަންނާނެ ކަމަށް. ދެން ތިޔަބޭފުޅުން ޚިޔާލުފުޅަށް ގެންނަވާ! ތިޔަބޭފުޅުން ޚިޔާލުފުޅަށް ގެންނަވާ، ޓޫރިޒަމް ފެށިގެން މިހާ ހިސާބަށް އައިއިރު، ޓޫރިޒަމްގެ ގިނަ ރަށްތައް މިހުރީ މާލޭ ސަރަޙައްދުގައި. މާލެއަތޮޅާއި، އ. އަތޮޅާއި، އ. އަތޮޅުގެ ދެބުރީގައި ގިނަ ރަށްތައް މިހުރީ. އަޅުގަނޑުމެންނަކަށް އ. އަތޮޅުގެ ހުރިހާ ރަށެއް ތަރައްޤީ ކުރިޔަސް، މި އަށް މިލިއަން މީހުން ގެންގުޅެވޭނެ ގޮތެއްނެތް. އެހެންވީމާ، ކޮންތާކަށްތޯ މިމީހުން މިޞްރާބުޖަހާނީ؟ އެމީހުން މިޞްރާބުޖަހަން އޮތީ ބޮޑުތިލަދުންމައްޗަށާއި، ދެކުނުންގޮސް ގއ. ގދ. އަށް.

 

އެހެންވީމާ، އަށެއްކަ މިލިއަން މީހުން ގެންނައިރު، މިއީ، ރާއްޖޭގެ ނަފާ، ނޫނީ، ރާއްޖެއަށް ވަންނަ ފައިސާ އިތުރުވެގެންދާ މިންވަރު. މި ފައިސާ ހަމަގައިމުވެސް ވަންނާނީކީ އަޅުގަނޑު ގެންގުޅޭ ފޮށްޓަކަށްނޫން. މި ފައިސާ ވަންނާނީ، ދިވެހިރާއްޖޭގެ މާލިއްޔާއަށް. އަދި މިއާއެކީ އުފެދިގެން އަންނަ ވަޒީފާތައް އަދާކުރަން އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ރަށުގެ މީހުން ތިބެން. އަޅުގަނޑެއް ބޭނުމެއްނޫން، މި ވަޒީފާ އުފައްދައިދޭކަށް ކައިރި ކަރަކަރައިގެ މީހުންނަކަށް. މި ވަޒީފާ އުފުލަން، މި ވަޒީފާގެ ގޮނޑިތައް ފުރަން ތިބި ކުދިންނަކީ، ދިވެހި ޒުވާނުން. އެކަމަށް އަޅުގަނޑުމެން މި ތައްޔާރުކުރަނީ. އެކަމަށް ތައްޔާރު ކުރުމަށްޓަކައި، މިއަންނަ ތަރައްޤީއާ ފައިހަމަކުރެވޭވަރުގެ ކުދިން ތައްޔާރުކުރުމަށްޓަކައި، އެކުދިންނަކީ އިންޓަރނެޓާ ރަޙުމަތްތެރި ކުދިންނަށް، ނޫނީވިއްޔާ އިންޓަރނެޓާ ދޯޅު ކުދިންނަށް ހަދަން ބޭނުންވަނީ. އެހެންވެގެން، މަދަރުސާ ތަރުބިއްޔަތުގެ އެންމެ ތުއްތު ކުދިންނާ ހަމައިން، މިހާރު ކަރިކިއުލަމް ޑިޖިޓަލައިޒް ކޮށްފައި، ކޮންމެ ކުއްޖަކު ޓެބެއް ހިފައިގެން ދަނީ. ހިތްޕުޅަށް ގެންނަވާ! މިރަށުގައި އެބަހުރި ވަރަށް ރީތި ސްކޫލެއް. ފަސްބުރި ޢިމާރާތަށް މި ހުރިހާ ދުވަހަކު، އެތުއްތުކުއްޖާ އެ އަރަނީ ބޮޑު ސިންގާހާ ދަބަހެއް ކޮނޑުގައި އަޅުވައިގެން. މިއަދު، މިއޮތީ ﷲގެ ރަޙްމަތުން އެ ލުއި ލިބިފައި. ހަމަ އެހުރިހާ ފޮތްތަކެއްގައި ހުރި އެއްޗެހި މި ޓެބްގައި ހުންނާނެ. އެހެންވީމާ، އެކުއްޖާއާއި އެކުއްޖާގެ މައިންބަފައިންނަށް ލުއި އެކަނި ލިބެނީކީނޫން. މިކުއްޖާ ދެން ނުކުންނާނީ، އަޅުގަނޑުމެންގެ ޒަމާނީ ވަސީލަތަށް ފެތޭ ކުއްޖެއްގެ ގޮތުގައި. ހުނަރު ލިބިގެން ނުކުންނާނީ.

 

އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، މި ސަރަޙައްދުގައި އެތައް ބައިވަރު ބަޔަކު މިދެންނެވިކަހަލަ ކަންކަމަށް ފެންބޮވާފައި ތިއްބައި، ދިވެހިރާއްޖެއަކީ، މީގެ ކުޑަ މިސާލެއް. އަޅުގަނޑުމެންނަށްވުރެ ވަސީލަތް މާ ތަނަވަސް ޤައުމުތައް އެބަހުރި. އަޅުގަނޑުމެންނަށްވުރެ ހުރިހާ ކަމަކުން ފުދުންތެރި ތަންތަން އެބަހުރި ރާއްޖޭގެ ވަށައިގެން އުފެދިފައި. އެކަމަކު، ﷲގެ ތަނަވަސް ރަޙްމަތުގައި، އަޅުގަނޑުމެންނަކީ، ކުޑަކަކޫ ޖަހަންޖެހޭ ބައެއްނޫން. އަޅުގަނޑުމެންނަކީ ﷲގެ ތަނަވަސް ރަޙްމަތް މިންވަރު ކުރައްވާ ބައެއް. އެ މިންވަރު ކުރައްވާ ތަނަވަސް ރަޙްމަތް، އެ ނިޢުމަތް ހޯދަން އަޅުގަނޑުމެން ދަސްކުރަންވާނެ. އެ ނިޢުމަތް ހޯދަން ގަދައަޅައި މަސައްކަތް ކުރަންވާނެ. އެ މަސައްކަތް ކުރުމުގެ އެންމެ އިސްކަމަކީ، އިޚުލާޞްތެރި މަސައްކަތްތަކެއް ކުރާނެ ބަޔަކު ލިބުން. އިޚުލާޞްތެރި މަސައްކަތް ކުރާނެ ބަޔަކު ނުލިބޭނަމަ، ނުކުންނަ ނަތީޖާ އަޅުގަނޑުމެންގެ ޕާޓީގެ ތެރެއިން ފެނިގެން މިދިޔައީ. އެހެންވެގެން އިޚުލާޞްތެރި މީހުންތަކެއް ބޭނުންވަނީ. މި ދާއިރާއިން، 5000 ރައްޔިތުން ހިމެނޭ ދާއިރާއަކުން ތިޔަ އިންތިޚާބު ކުރެއްވީ ސުޖާއު.

 

އަޅުގަނޑު ކިހާ މަސައްކަތެއް ކޮށްފިންތޯ ރަށު ބަންދުގައި ހުންނަން. އަޅުގަނޑު ކިހާ މަސައްކަތެއް ކޮށްފިންތޯ އަޅުގަނޑުމެންގެ ޕާޓީއަށް މިއަންނަ ޝޮކްތައް، މިއަންނަ ގޮންޖެހުންތައް ތަޙައްމަލުކުރަން؟ 2015 ވަނަ އަހަރުން ފެށިގެން ހަމަ ދަތިއެޅުވުމުގެ ތެރޭގައި މިއަންނަނީ. ހަމަ މިއަންނަނީ އޮޕްސްޓެކަލް ރޭސްއެއްގައި. އަޅުގަނޑުމެން ޕާޓީއަށް އެކިކަހަލަ ގޮންޖެހުން މެދުވެރިވެއްޖެ. އަޅުގަނޑުމެންގެ ޕާޓީ މަގުމަތިން ވައްޓާލަން ދެފަހަރު މަސައްކަތްކޮށްފި. ސަރުކާރު ދެފަހަރު ވައްޓާލަން މަސައްކަތްކޮށްފި. ދެން މަސައްކަތް ކުރެވިއްޖެ، މުހިންމު މުއައްސަސާތަކުގެ މީހުން މަޤާމުން ދުރުކުރަން. ދެން މަސައްކަތްތަކެއް ކުރެވިއްޖެ، ޕާޓީގައި ތިބި މެންބަރުން މުޅިން އެހެން ދިމާއަކަށް ގެންގޮސް، މުޅި ޕާޓީގެ ތެރޭގައި އެހެން މަސައްކަތެއް ކުރަން. ކާކަށްތޯ ދަތިވަނީ މި؟ މި ހުރިހާ ދައްޗެއް އުފުލަންހުރީ އަޅުގަނޑު. އެއީ ރައީސް ފޮނުވާ މަޝްރޫޢުތަކެއް، ރައީސްގެ ވިސްނުމުގައި، ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކުރަން ފައިސާ ހޯދަން، މަޖިލީހަށް ބަޖެޓް ފޮނުވަނީ. މި ބަޖެޓަކަށް ވޯޓެއްނުދޭނެ އެމް.ޑީ.ޕީ. މީހުންނެއް. އިދިކޮޅު ފިކުރުގެ މީހުންނެއް. އެމީހުންނަށް ވަރިހަމަ، ރާއްޖެ ތަރައްޤީކުރިޔަސް، ނުކުރިޔަސް. އަދި ކީއްތޯ! މިހާތަނަށް މިދިޔަ ހަތަރު ބަޖެޓުގައި ނުހުންނާނެ ދީފަހުރި ވޯޓެއް. މި ޖެޓީ އަޅާކަށްވެސް، މިދާއިރާގެ ކުރިން ތަމްސީލު ކުރެއްވި ބޭފުޅުންވެސް، އެބޭފުޅުން ނުހުންނާނެ، ވޯޓުދީފައެއް. އެހެންވީމާ، އެހާލުގައި އަޅުގަނޑުމެން މަސައްކަތް މިކުރީ. އިޚުލާޞްތެރި ބަޔަކު އަޅުގަނޑުމެން ބޭނުންވަނީ އެ ސަބަބަށްޓަކައި. ވޯޓާ ހަމައަށް އަންނައިރު، އަޅުގަނޑުމެން އެންމެން މި އިޚުލާޞްތެރިކަން އެބަ ދައްކަންޖެހެއެއް ނޫންތޯ؟

 

ދެން، އެހިސާބުން ކުރެވުނު މަސައްކަތަކީ، އަޅުގަނޑުގެ ޕާޓީގައި ތިބި މެންބަރުންތަކެއް، ރަސްމީކޮށް ވަކިކޮށްގެން ގެންދިޔުން. ރަސްމީކޮށް ޕާޓީގައި ތިބި މެންބަރުންތަކެއް ވަކިކޮށްގެން ގެންދިޔައިމާ ކިހިނެއްތޯވީ؟ ކުރީގައި ނުވާވަރަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި، ރައްޔިތުންގެ ހައްޤުގައި ބަސް ބުނުމުގައި ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަށް ނިކަމެތިކަން އައީ. އެ ނިކަމެތިކަން ރާއްޖޭގެ މިހިރަ ހުރިހާ ރަށްރަށަކަށް އައި. އަޅުގަނޑުމެންގެ ފިކުރުގައި ތިބި ޒުވާނުންނާއި، އަޅުގަނޑުމެންގެ ފިކުރުގައި ތިބި ހަރުމީހުންނަށް މި ވާއެއްނުވާއެއް ނޭނގުނު. އެކަމުގެ ތެރޭގައި ދޮގެއްތޯ، އަޅުގަނޑުމެންނަށް ލޯކަލް ކައުންސިލް އިންތިޚާބު، އެތައް ގޮނޑިއެއް ގެއްލިގެން ދިޔައީ. އެކަމަކު ތިޔަބޭފުޅުން މި ދާއިރާއިން، އަޅުގަނޑާއި އަޅުގަނޑުގެ އެމް.ޕީ.ވެސް ދެއްވައިފި. ހަމަ މިދާއިރާއިން، ލޯކަލް ކައުންސިލްގެ ތިން ގޮނޑިވެސް އަޅުގަނޑަށް ދެއްވި. އެހެންވީމާ އެއީ، އިޚުލާޞްތެރިކަމުގެ ނަތީޖާއަކީ. އެ އިޚުލާޞްތެރިކަން އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. އިޚުލާޞްތެރިކަމަކީ، ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެން ޤައުމުގެ ކަންކަމާއިގެން ކުރިއަށްދާއިރު، އިޚުލާޞްތެރިކަމެއް ނެތިއްޔާ، އަދި އަމުދުން ކަންކަން ކުރަންތިބޭ، މުއައްސަސާތަކުގެ އިސްމީހުންގެ ތެރޭގައި، މި އިޚުލާޞްތެރިކަމެއް ނެތްކަމަށްވަންޏާ، ދެން އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑަކަށް ނޭނގެ، މި ގަދަ ކަނޑެއްގެ ތެރޭގައި އުޅޭއިރު، މިސްރާބު ޖަހާނީ ކޮންދިމާއަކަށް ކަމެއް. ބޯވަތަށް ވެއްޓޭނީ. މަތިންދާބޯޓު އެކަންޏެއްނޫން ބޯވަތަށް ވެއްޓެނީކީ. މުޅި ދައުލަތް ބޯވަތަށް ވެއްޓެނީ މި. އެހެންވީމާ، ރާއްޖޭގެ ހާލަތު މިއޮތީ މިހިސާބުގައި. ރާއްޖޭގެ ހާލަތު މިހިސާބަށް ދާއިރު، އަޅުގަނޑު މިދެންނެވި، ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ސިކުނޑިއަށް މި ވަންނަ ވަސްވާސް މި ވައްދަނީ ކޮންބައެއް؟ ކޮންބަޔަކަށްތޯ އެއިން ގަދަކަން ލިބުނީ؟ އަޅުގަނޑުމެންގެ އިދިކޮޅު ފިކުރަށް. ކޮންބަޔަކަށްތޯ އެއިން ނިކަމެތިކަން ލިބުނީ؟ އަޅުގަނޑުމެންގެ އަމިއްލަ ޕާޓީއަށް.

 

ދެން ދިމާވީ ކޮންކަމެއްތޯ؟ ދެން ދިމާވީ ޢަބްދުއްރަޙީމްވެސް އެވިދާޅުވާ، އަޅުގަނޑުމެން އެންމެން އެ ވާހަކަދައްކާ ފެބުރުވަރީ އެއްވަނަ ދުވަހު ނުކުތް ޙުކުމަށް. އޭގައި ކީއްތޯ މިކުރީ؟ ދުވަހަކު ދިވެހިރާއްޖެ ފަޟީޙަތް ނުވާވަރަށް، ދުވަހަކު ދިވެހިރާއްޖޭގެ ކަރާމާތް ނުވެއްޓޭވަރަށް، ބޭރުގައި ދިވެހިރާއްޖެ ފަޟީޙަތްވެގެން ދިޔައީ. އެވާހަކައިގެ ތަފްސީލް ދޭކަށް ނެތިން. މިއީ އިޚުލާޞްތެރިން ބޭނުންވާ ސަބަބަކީ.

 

އެހެންވީމާ، މިރަށްރަށަށް އައިސް އަޅުގަނޑުމެން ވާހަކަ ދައްކާއިރު، މި ރަށްރަށަށް ބޭނުންވެފައިހުރި ކަންތައްތަކުގެ ވާހަކަ ތިޔަ ވިދާޅުވަނީ. އެ ކަންތައްތައް ކުރެވޭނީ، އެކަންތައްތައް ކުރުމުގެ މަގު ތަނަވަސްކޮށްދިނީމަ. އަޅުގަނޑުގެ ސިކުނޑީގެ ޚިޔާލު ހުސްވެގެންނެއް ނޫން މިއުޅެނީ. އަދި އަޅުގަނޑުގެ ހަކަތަ ގޮސްގެނެއްވެސް ނޫން މިއުޅެނީ. އަދި އަޅުގަނޑާއެކީ ތިބި މީހުން މަދުވެއްޖެ. އެހެންނަމަވެސް އިޚުލާޞްތެރިންތަކެއް އެބަތިބި. އެކަމަކު ކިހާއުފާވާނެތޯ ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން އެއީ އޭރުވެސް ސުޕަރ މެޖޯރިޓީ އޮތްގޮތަށް އޮތްނަމަ. އަދި އަޅުގަނޑު ދަތިއަޅުވަން މަސައްކަތް ނުކުރިނަމަ، މިރަށުގައި އޮންނާނީ ހަމައެކަނި މެރީނާ ޖެޓީއެއްތޯ؟ މިހުރިހާ ކަމަކާއެކީ، މި ސިޔާސީ ހުރިހާ ހަނގުރާމައެއް ކުރަމުން، އަދި ޢާއިލާގެ ތެރޭގައިޖެހޭ މައްސަލަތައްވެސް ޙައްލުކުރަމުން، މި ހުރިހާ ކަމެއް ކުރުމާއެކީ ދޮގެއްތޯ އަޅުގަނޑުމެން މި ތަރައްޤީގައި މިހިނގަނީ. ނުރައްކާތަކުގެ ވާހަކަ ޢަބްދުއްރަޙީމް ދެއްކެވި. އަޅުގަނޑު ނެތިން އެވާހަކަ ދައްކާކަށް. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޢަބްދުއްރަޙީމް އަޅުގަނޑާ ބެހޭގޮތުން ދެއްކެވި ހަމަ ހުރިހާ ވާހަކައެއް، ހަމަ ކުރުކޮށް އަޅުގަނޑު ދަންނަވާނަން. އެއީ ހަމަ ޞައްޙަ ވާހަކަ، ރަނގަޅު ވާހަކަ އިނގޭތޯ. ހަމަ ރަނގަޅު ވާހަކަ.

 

ދިވެހިރާއްޖެއަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި، މިފަހުގެ ތާރީޚުގައި، އަޅުގަނޑު ސިޔާސީ މައިދާނުގައި މިއުޅޭ ކޮންމެ ކަމެއްގައި، އޭގައި އެކަން ޙައްލުކުރުމުގައި، ނޫނީ، އެކަމުގެ މަޝްވަރާގައި، އަޅުގަނޑުގެ އަތެއްވޭ. ރައްޔިތުންނާއެކީ އަޅުގަނޑު ހުރެދީފީމު. އަޅުގަނޑުމެންގެ ފިކުރު، ރައީސް މައުމޫންގެ ފިކުރު، މުޅި ދިވެހި ޖައްވުން ވަކިވެގެން ދިޔައިރުވެސް، އެފިކުރު ނަގާ ކޮޅަށްޖަހައި، އެފިކުރަކީ އަދިވެސް މިއަދު މިޖެހޭ ކަނޑާއި އޮޔާއި ވައިގެ ތެރޭގައި އެންމެ ވަރުގަދަ ފިކުރަކަށް، އެ މަސައްކަތްވެސް އަޅުގަނޑުމެން ކޮށްފީމު. އެ މަސައްކަތްވެސް އަޅުގަނޑުމެންނަށް އެހިސާބަށް ގެންދެވުނީ، އަޅުގަނޑުމެންނަށް ތާއީދު ކުރައްވާ، އަޅުގަނޑުމެންގެ އިޚުލާޞްތެރިކަން ގަބޫލުކުރައްވާ ރައްޔިތުންތަކެއް ރާއްޖޭގެ އެކި ހިސާބުގައި ތިއްބެވީމާ.

 

އެކަމަކު، އިދިކޮޅު ފިކުރާ ދޭތެރޭގައި، އަޅުގަނޑު މިއަދު، ހަމަ ވާހަކަ ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. ވަގުތުވެސް ތަން ނުދޭތީއާއެކީ. ވަރަށް ފޯރިގަދަ ބޭފުޅުން ވާހަކަފުޅު ދެއްކެވި. މީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑު ރަށްރަށަށް އައިސް، ޒިޔާރަތް ކުރުން މަދުވެގެން މިދިޔައީ މިދެންނެވިކަހަލަ ސަބަބުތައް ހުރީމާ. އަޅުގަނޑަށް ދިމާވިކަހަލަ ދަތި އުނދަގޫ ފަސް އަހަރެއް، އަޅުގަނޑު މިއީ އެތައް ސަރުކާރެއް ދުށް މީހެއް. އެކަމަކު އެއް ސަރުކާރެއްގައި ވަރަށްގިނަ މަސައްކަތް ކުރި މީހެއް. އަޅުގަނޑަށް މި ދިމާވިކަހަލަ ދަތި ކަންތައްތަކެއް މެދުވެރިވި، ނޫނީ މެދުވެރިކުރުވި ސަރުކާރެއް އަޅުގަނޑެއް ނުދެކެން. އެއީ ސަރުކާރުގައި ކުރަންހުރި މަސައްކަތުގައި އެކަނި ދަތިއެޅުވީކީއެއްނޫން ދޮގެއްތޯ؟ ހަމަ ﷲގެ ތަނަވަސް ރަޙްމަތް، އަޅުގަނޑުމެންނަށް މިންވަރު ކުރެއްވީ. އެހެންވެގެން އިޚުލާޞްތެރިވާންވީ. އެހެންވެގެން އެކަމަށް ޝުކުރުވެރިވާންވީ.

 

އެހެންވީމާ، އަޅުގަނޑުމެންނަށް ނިޢުމަތެއް ލިބުނީމާ، އެ ނިޢުމަތް ބަލައިގެން، އެކަމަށް ޝުކުރުވެރިވާން އެބަޖެހޭ. ރަށެއްގެ ރައްޔިތުން، މިކަން ގަބޫލުނުކުރާ ކަމަށްވަންޏާ، ވެރިޔަކަށް ހުންނަ މީހަކު، ކިތަންމެ ރަނގަޅު މީހަކަސް، ކިތަންމެ އިޚުލާޞްތެރިކަމާއެކީ މަސައްކަތްކުރަން ހުރި މީހަކަސް، އެކަން އަޅުގަނޑުމެންނަށް ނަތީޖާތަކުން ފެނިގެންދާކަމަށްވަންޏާ، މިއީ މުޅި ރައްޔިތުން ހިތާމަކުރަންޖެހޭ ކަންކަމުގެ ތެރޭގައި ހިމެނިގެންދާނެ.

 

އަޅުގަނޑު ގަބޫލުކުރަން، ބާރަށުގެ ދާއިރާއިން، އަޅުގަނޑުމެންނަށް މި ދެއްވާ ތަރުހީބަކީ، ތާއީދަކީ ތިޔަބޭފުޅުން މިއަދުވެސް މިތާ ވިދާޅުވި، އެންމެ ބޮޑު އަޣުލަބިއްޔަތު ނަގާނީ ހއ. އިންނޭ. އަޅުގަނޑު ގަބޫލުކުރަން. ހއ. ގައި ތިބި މެންބަރުން އެބަ ވިދާޅުވޭ އަޅުގަނޑު ކައިރީގައި. ދިވެހިރާއްޖޭގެ އެއް ދާއިރާއަކުން، އެއް ދިމާއަކުން ސުޕަރ މެޖޯރިޓީ ނަގަންޏާ، އެ ނަގާބަޔަކީ ހއ. އަށް ވާނެއޭ. އަޅުގަނޑު ހަމަ އެ ވާހަކަ ގަބޫލުވެސްކުރަން. ހއ.އަށް އެކަނި މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އެއޮތީ، ފަނަރަސަތޭކަ މިލިއަން ރުފިޔާގެ މަޝްރޫޢު ގެންދެވިފައި.

 

އަޅުގަނޑު ދަންނަވާލާނަން. މިރަށަކީ، އަޅުގަނޑުމެންގެ އިދިކޮޅު ފިކުރުގެ ސަރުކާރު އޮތްއިރުވެސް މެންބަރު، މިރަށުން ދެއްވި. އެ އަހަރުގެ ތެރޭގައި، އެ ފަސް އަހަރުގެ ތެރޭގައި، މިރަށަށް ހޭދަވެފައި އޮތީ ހަތް މިލިއަން ރުފިޔާ. މިހާރު މިހިނގާ ފަސް އަހަރުގެ ތެރޭގައި، މިގުނަ މިއޮތީ ދިހަގުނަ ކޮށްފައި. މިހާރު އެކަނި މިރަށަށް ހަތްދިހަ ހަ މިލިއަން ރުފިޔާ މިއަހަރު ހޭދަވެއްޖެ. މިއިން ކޮންމެ ދާއިރާއެއްގައި، ހަތްދިހަ ހަތް މިލިއަނުން، ސަތޭކަ މިލިއަނުން، ބައެއް ދާއިރާތަކުގައި އެއްހާސް މިލިއަނުން ހޭދަކުރަމުންދާތީ، ދެން ކީއްކުރަންތޯ އަޅުގަނޑުގެ ވާދަވެރިން އަޅުގަނޑު ކައިރީ ބުނަންވީ، މި ފައިސާ ހޯދަނީ ކިހިނެއްތޯ؟ މިފައިސާ އަދާކުރެވޭނެތޯ؟ ފައިސާ އަދާކުރެވޭތީ ފައިސާ ލިބެނީ ދޮގެއްތޯ؟ އަދި އިތުރަށް ފައިސާ މި ނަގަނީވެސް މިކަންކަން އަދާކުރެވޭތީ. އެހެންވީމާ، މިކަންކަމާ ދޭތެރޭގައި ރައްޔިތުން ވިސްނާވަޑައިގަންނަވާ ދުވަސް މިއޮތީ އައިސްޖެހިފައޭ އަޅުގަނޑު ދަންނަވާލާނަން.

 

އެހެންވީމާ، އެކަމުގައި ހަމަ ތިޔަބޭފުޅުންގެ ދަރުބާރަށް ވޯޓަކަށްއެދި ހުށަހެޅިހުރި މީހަކަށްވާތީ، އަޅުގަނޑު ހަމަ ދަންނަވާނީ އިޚުލާޞްތެރިކަމާއެކީ ހިންގަވާށޭ މަސައްކަތް ކުރަން. މި މަސައްކަތަކީ ޙަޤީޤަތުގައި އަޅުގަނޑުމެން މިތާ ވުޖޫދުން ފުހެވިގެންދިޔަ ފިކުރު، އެއީ އަމާންކަމާއި ޞުލްޙަވެރިކަމުގެ ތެރެއިން ތަރައްޤީ ގެންނަން ކުރާ މަސައްކަތް. އަދި ރައްޔިތުންގެ ޙައްޤުތައް އިންސާފުވެރިކަމާއެކީ ހޯދައިދޭން ކުރާ މަސައްކަތް. ރާއްޖެ އަމާންވެގެންދިޔަ މިންވަރާއި، ރާއްޖޭގެ ބޮޑެތި ކުށްތައް މަދުވެގެންދިޔަ މިންވަރާއި، ރާއްޖެއަށް ތަރައްޤީ އައިސްފައި އޮތް މިންވަރާއި، ރާއްޖޭގެ މިކަހަލަ ރަށްރަށަށް ދުވަހަކުވެސް ހުވަފެނުންވެސް ނުދެކޭކަހަލަ މަޝްރޫޢުތައް ހިނގާ، ތަރައްޤީ އަންނަމުންދާ މިންވަރާއި، ރާއްޖޭގެ ތަޢުލީމީ ފެންވަރު އުފުލިގެންދިޔަވަރާއި، ޞިއްޙީ ނިޒާމަށް އައިސްފައިހުރި ބަދަލުތަކާއި، މިހެންގޮސް ދައްކާފައި ނުދައްކާނެ ވާހަކައެއް، ކޮންމެ ދާއިރާއަކަށް ބެލިނަމަވެސް، އަޅުގަނޑާ ވާދަކުރައްވާ އެއްވެސް ބޭފުޅަކު މިއިން އެއްޗަކަށް ވާހަކައެއް ވިދާޅެއްނުވާނެ. އަބަދުވެސް އެބޭފުޅުންގެ ވާހަކަފުޅުގައި ވާނީ، ޖަލުގައި ބަންދުކޮށްފައި ތިބި ކުށްވެރިންތައް ދޫކޮށްލުން.

 

މިހާތަނަށް މަސައްކަތް ކުރެއްވީ ރައީސް ނަޝީދު ވެރިކަމަށް ކުރިމަތިލައްވަން. އެހެންނަމަވެސް އޭގެ ބަދަލުގައި، އިބްރާހީމް މުހައްމަދު ޞާލިޙު ވަޑައިގަންނަވަން މިހާރު އެހުރީ. އެކަމަކު އަޅުގަނޑު މިއަދު، މީގެ ކުރީގައި، ވާހަކަދައްކަމުން އަޅުގަނޑު ދެންނެވިން، އަޅުގަނޑު އޮންނާނީ ސިޓީއަކުން ދަޢުވަތު އަރުވާފައޭ. މީގެ ކުރީގައި ބާރަ ބައްދަލުވުން ބޭއްވޭތޯ، އަޅުގަނޑު މަސައްކަތް ކޮށްފީމު. އެއީކީ އެއްގޮތަކަށްވެސް ބޭރުގެ ދުނިޔެއަށް ދައްކަން ކުރާކަމެއް ނޫން. އެއީކީ އީ.ޔޫ. އަކަށް ދައްކަން ކުރާކަމެއް ނޫން. އަޅުގަނޑު ބޭނުންވޭ، މި އުފެދިފައިހުރި ސިޔާސީ ޒަޚަމްތަކަށް ހަމަޖެހުމެއް އަންނަން. އެ ހަމަޖެހުމެއް އަންނަން ބޭނުންވާތީ، އަޅުގަނޑުގެ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި، އޭގެކުރީގައި ކޮރަޕްޝަނުގެ މައްސަލަތަކެއް ހިނގައިފައި ހުރި ކަންކަމާއި، އޭގެ ކުރީގައި ފައިސާގައި ޖެހިފައިހުރި މީހުންގެ މައްސަލަ، އެމީހުން ބަލާ ފާސްކުރާކަށް އަޅުގަނޑު ރިޔާސީ ކޮމިޝަނެއް ނުއުފައްދަމޭ. އަޅުގަނޑެއް ކުޑަކަކޫޖަހައިގެނެއް، މީހުން މަގުމަތީ ތިބެގެން، މީހުންގެ ގެދޮރު ވަކިކޮށެއް ނަހަދަމޭ.  އަޅުގަނޑު ކައުންސިލްތަކެއް ނަގައިގެން، އޭގެކުރީގައި ހިނގާފައިހުރި މައްސަލަތަކެއް ނުބަލަމޭ. މިއީ އަޅުގަނޑުމެންގެ ތެރޭގައި އޭރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ފަށްޓަވައިދެއްވާފައި އޮތް ސަޤާފަތެއް. މިއިން އެއްވެސް ކަމެއް ނުކޮށް އަޅުގަނޑު ބެލީ، އޭރު ދިޔަކަންތައް ވޭތުވެދިޔައިއްޔޭ. ދެން ހިނގާށޭ ޤައުމައިގެން ކުރިއަށްދަމާ. ދެން ހިނގާށޭ ރައްޔިތުންނަށް ޚިދުމަތް ކުރެވޭތޯ ބަލަން. މިއަދުވެސް ސިޔާސީ ލީޑަރުންނަށް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑާއެކީ ވަޑައިގަންނަވާށޭ، ރައްޔިތުންގެ ކުރިމަގު އުޖާލާކުރައްވަން. އެކަމަކު، ތިބި ހުރިހާ ކުށްވެރިން ދޫކުރާ ވާހަކަ ދެއްކެވީމާ، އެއީކީ ރައްޔިތުންގެ ސަލާމަތަށް ކުރެވޭ ކަމެއްނޫން.

 

މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުން، މީހުން ބަދަލުވެއްޖެއޭ. ޕާޓީ ބަދަލެއްނުވޭ. ސިޔާސަތަކަށް ބަދަލެއްނާދޭ. އަޅުގަނޑު އެބޭފުޅުންނަށް އެރުވި އިލްތިމާސް، ދަޢުވަތު، އޭގެ ޖަވާބު ލިޔުމުން މިއަދު އަޅުގަނޑަށް ލިބިއްޖެ. ދެން މިތާ އެކަން އިޢުލާނު ނުކުރާންވީ އެއްވެސް ސަބަބެއް ނެތް. ދެއްވާފައި އޮތް ޖަވާބަކީ، ތިމަންނާގެ ޕޮޒިޝަނަކީ މިއީއޭ. ތިމަންނާމެން މިއީ އެކުގައި މަސައްކަތްކުރާ ބަޔެކޭ. އެހެންވީމާ މޭޒުކައިރިއަށް ދެވޭނީ، ފުރަތަމަ މި ޝަރުޠުތައް ފުރިހަމަކޮށްދިނީމައޭ. އެއީ، އެންމެ ފުރަތަމަ ވާހަކައަށް އައިއިރުވެސް އައި ޝަރުޠުތައް. ޢިމްރާން ދޫކޮށްލާށޭ، ރައީސް ނަޝީދު ދޫކޮށްލާށޭ، ޤާސިމް ދޫކޮށްލާށޭ، ރައީސް މައުމޫން ދޫކޮށްލާށޭ. މި އެންމެނާއެކު ނޫނީ ތިމަންނާމެން މޭޒުކައިރިއަކަށް ނާންނާނަމޭ. އެހެންވީމާ، ވިސްނުމަށް ފިކުރަށް، ތަންފީޒު ކުރުމަށް ކޮން ބަދަލެއްތޯ އައީ؟ މީހާ ބަދަލުވެގެން ކޮން ބަދަލެއްތޯ އައީ؟ އަޅުގަނޑު އަނެއްކާވެސް އެބޭފުޅުންނަށް މިދެންނެވީ ވަޑައިގަންނަވާށޭ ވާހަކަފުޅު ދައްކަވަން. ދިވެހިންގެ ޙައްޤުގައި އަންނާށޭ މައްސަލަތައް ޙައްލުކުރަން. މިހިރިއްޔޭ ތިމަންނާމެންގެ ޝަރުޠުތައް.

 

ދެން، އަޅުގަނޑުގެ ހިތަށްއަރާ، މި ޝަރުޠުތައް ފުރިހަމަކޮށްދީފިއްޔާ، ދެން ދައްކާނެ ވާހަކައެއް އެބައޮތްތޯ؟ ދެން ދައްކާނެ ވާހަކައެއް ނެތް. އެ ދައްކާނެ ވާހަކަ ނެތް ސަބަބަކީ، ދެން ދައްކަންހުރީ ތަރައްޤީގެ ވާހަކަ. އެބޭފުޅުންނަކަށް މިއަދާހަމައަށް އައިއިރަކު، ތަރައްޤީގެ ވާހަކައެއް ނުދެއްކެވުނު. މިއަދާ ހަމައަށް އައިއިރު، އަޅުގަނޑުމެން މިކުރާ ތަރައްޤީގައި އެބޭފުޅުންވެސް ބައިވެރިވަނީ، އަދި އެކަންކަމުގައި އެބޭފުޅުންނަށް އެ ފަސޭހަތައްވެސް ލިބިގެންދަނީ. މާލެއާއި ހުޅުލެއާ ދޭތެރޭގައި އަޅާފައި އޮތް ބްރިޖުގައި އެމް.ޑީ.ޕީ. ބޭފުޅުން ދަތުރުނުކުރައްވާނެ ކަމަށް ޚިޔާލުނުކުރައްވާތި. އެއީ ހަމަ އެބޭފުޅުންނަށްވެސް ހަދައިދީފައި އޮތް ބުރިޖެއް. އެހެންވީމާ، ތަރައްޤީގެ މަޝްރޫޢުތަކުގެ ވާހަކަ ދައްކަވަން އެބޭފުޅުން އަޅުގަނޑު ކައިރިއަށް ވަޑައިގަންނަވާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. އެހެންވީމާ، މިދެންނެވި ޝަރުޠުތައް އެބޭފުޅުން އެހެރީ އަޅުގަނޑަށް ކުރިމަތި ކުރައްވާފައި. އެހެންވީމާ، ވިސްނުމަކަށް ބަދަލެއް އައިސްފިތޯ؟ ވިސްނުމަކަށް ބަދަލެއް ނާދޭ.

 

އެހެންވީމާ، ދެންވެސް ވަޑައިގަންނަވާ ބޭފުޅަކަށް، އެބޭފުޅެއްގެ އިޚްތިޔާރުގައި ކަންތައްތައް ކުރުމުގެ ބާރު ނެތްކަން ކިތަންމެ ރަނގަޅަކަށްވެސް، އަޅުގަނޑުގެ ދަޢުވަތަށް ދެއްވި ޖަވާބުން އަޅުގަނޑަށް އެނގިގެން ހިނގައްޖެ. އެހެންވީމާ، ރައްޔިތުންނަށް އެކަންކަން އެނގިވަޑައިގަންނަވާނެ. އަޅުގަނޑަކަށް އެ ވިދާޅުވާ ޝަރުޠުތަކެއް ފުރިހަމަކޮށްދެވޭނެ ގޮތެއްނެތް. އަޅުގަނޑުމެން ރައްޔިތުންގެ ޙައްޤުގައި ކަންކަން ކުރާކަމަށްވަންޏާ، އަޅުގަނޑަށް އެތައްކަމެއް މަތިކުރަންވެގެން، އަޅުގަނޑު އެބޭފުޅުންނާއެކީ މޭޒުކައިރިއަށް ދާން މިބުނީ، އެބޭފުޅުންގެ ފަރާތުން ޝަރުޠުތަކެއް ހުށަހަޅާފައެއް ނޫނޭ. އަޅުގަނޑު އެބޭފުޅުންނަކަށް ނުދަންނަވަމޭ، އެންމެ ޝަރުޠެއްގެ ވާހަކައެއްވެސް. އަޅުގަނޑު ދެންނެވިހާވެސް ވާހަކައަކީ، އަޅުގަނޑު މި އަންނަނީ އިންސާފުވެރި، ސާފު ހިތަކާއެކީއޭ. އަޅުގަނޑު މި އަންނަނީ އެއްވެސް އެއްޗެއް ނުލިޔެ އޮތް ކަރުދާސްކޮޅެއް ހިފައިގެންނޭ. ކީއްވެގެންތޯ އެބޭފުޅުންނަށް އެގޮތަށް ވަޑައިނުގެންނެވެންވީ؟ އެބޭފުޅުން ވަޑައިގަންނަވަން މިޖެހެނީ، އެބޭފުޅުން ބޭނުންފުޅުވާ، ހަތަރުސަތޭކަ ޞަފްޙާގެ ފޮތެއްގައި ހުރި ކަންތައްތަކެއް، މި ޝަރުޠުތައް ފުރިހަމަކޮށްދޭށޭ ކިޔާފައި. އެކަމަކު ރައީސް ޔާމީން އެމީހުންނާ ބައްދަލުކުރަންވީ، އެއްވެސް ޝަރުޠެއްނެތި. މިއީކީ ދެން އިންސާފެއް ނޫން ދޮގެއްތޯ؟

 

އެހެންވީމާ، ވަޑައިގަންނަވާ! އަދިވެސް ވަޑައިގަންނަވާ! އަދިވެސް ވަޑައިގެން ޤާނޫނުތަކަށް ގެންނަންވާ އިޞްލާޙުތައް ގެންނަވާ. އަދި ކުރީގައި ހިނގާފައިހުރި ކުށްތަކާއި، ފަހުން ހަދާ ޤާނޫނުތަކުން، މިވެނި ބަދަލުތަކެއް ގެންނާނަމޭވެސް ވިދާޅުވެ، ފާސްކުރައްވާ މަޖިލީހުން. އެއީކީ ރައީސަކަށް ކޮށްދެވޭނެ ކަމެއްނޫން. ރައީސަށް ކޮށްދެވޭނެ ކަމަކީ، ޤާނޫނުތަކުގައި ލިޔެފައި އޮންނަ އުސޫލުން ކަންތައްތައް ކުރުން. ރައީސަށް ކޮށްދެވޭނެ ކަމަކީ، މީހެއްގެ މައްސަލަ އުފެދިއްޖިއްޔާ ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާނީ. ރައީސް ކޮށްދޭނެ ކަމަކީ ތަޙްޤީޤު ކުރާނީ. އެ ތަޙުޤީޤު ނިމުނީމާ ޕްރޮސިކިއުޓަރ ޖެނެރަލަށް އެއީ، ދަޢުވާ ކުރަންޖެހޭ މައްސަލައެއް ކަމަށް އޭނާއަށް ގަބޫލުކުރެވެންޏާ ދަޢުވާ ކުރާނީ. ދަށު ކޯޓުގައި، ކްރިމިނަލް ކޯޓުގައި މައްސަލަ ނިންމަން އިންނަނީ އަޅުގަނޑެއް ނޫން. ހައި ކޯޓުގައި މައްސަލަ ނިންމަން އިންނަނީ އަޅުގަނޑެއް ނޫން. ސުޕްރީމް ކޯޓުގައި މައްސަލަ ނިންމަން އިންނަނީ އަޅުގަނޑެއް ނޫން. އަދި ސުޕްރީމް ކޯޓުން ނިމުނު މައްސަލައެއް މިހާތަނަށް އެންމެ އުނދަގޫ މައްސަލައެއް ނިމުނީ އަޅުގަނޑާ ދެކޮޅަށް. އެއީ ފެބުރުވަރީން އެއްވަނަ ދުވަސް.

 

އެހެންވީމާ، ކަންތައްތަކަށް ނުފޫޒު ފޯރުވަނީ ކޮންބައެއްތޯ؟ ނުފޫޒާއި ކޮރަޕްޝަންގެ ވާހަކަ ދައްކަވާ ބޭފުޅުންގެ ފަރާތުން ނޫންތޯ ނުފޫޒު ފޯރާފައި އެއޮތީ؟ އެހެންވީމާ، ކިހިނެއްތޯ އެބޭފުޅުން ކޮރަޕްޝަންގެ ވާހަކަ ދައްކަވާނީ؟ ކިހިނެއްތޯ އެބޭފުޅުން ނުފޫޒުގެ ވާހަކަ ދައްކަވާނީ؟ އެބޭފުޅުންގެ ނުފޫޒުތަކެއް ގައިމު އޭގެތެރެއަށް ވަނީމާ ދޮގެއްތޯ ކޯޓުތަކުން ނިންމާފައިހުރި މައްސަލަތައް، އެތައް ދުވަހަކަށްފަހު އަނބުރާ ޖަހަން އެ ޖެހުނީ. އެބޭފުޅުންގެ ނުފޫޒުތަކެއް އެއަށްވަނީމާ ދޮގެއްތޯ ދުވަހަކުވެސް ދޫކޮށްނުލެވޭނެ، ދުވަހަކުވެސް ނުވީއްލޭނެ މީހުންގެ ޖިނާއީ، ނޫނީ މިކަހަލަ މުޖުރިމުންގެ ވާހަކަ އެ ލިސްޓުގައި އެއޮތީ. އެހެންވީމާ، އެއީ އަޅުގަނޑުމެންގެ ހާލަތު. މިއީ އަޅުގަނޑުމެންގެ ކަންކަން ނިންމަން ހުރި އެންމެ އިސް މުއައްސަސާތަކުގެ ހާލަތު. އެ ސަބަބަށްޓަކައި އަމާނާތްތެރިކަން ބޭނުންވަނީ.  އެ ސަބަބަށްޓަކައި އިޚުލާސްތެރިކަން ބޭނުންވަނީ. އެ ސަބަބަށްޓަކައި ދިވެހިރާއްޖެއަކީ، ބަދަހި ބައެއް އޮތް ރަށަކަށްވާންވީ.

 

އެހެންވީމާ، އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ، މިދާއިރާއިން، ޚާއްޞަކޮށް މިރަށުންވެސް، މިދާއިރާއިން އެ އިޚުލާސްތެރިކަން ދައްކަވައިގެން. އަޅުގަނޑަށް ކުރެވޭނީ އިލްތިމާސް. އަޅުގަނޑަށް ދެންނެވޭނީ ކަންކަން އޮތްގޮތް. އަޅުގަނޑު މިދަންނަވާ އެއްވެސްކަމެއް އޮތީ އަޅުގަނޑު މި ދެންނެވި ގޮތް ނޫން ގޮތަށް ކަމަށްވަންޏާ، އިދިކޮޅު ބޭފުޅުން ވިދާޅުވޭ! ޤާނޫނާއި ޝަރީޢަތުގެ ބޭރުން އެއްވެސް މީހަކު ހައްޔަރުކުރި ވާހަކަ އިދިކޮޅު ބޭފުޅުން ވިދާޅުވޭ! އެކަމަކު މިއަދުވެސް އަޅުގަނޑުމެން ބުނާނަން، ޤާނޫނާއި ޝަރީޢަތުގެ ބޭރުން ޗާޓުން ބޭރުން އެބޭފުޅުން ވިދާޅުވާގޮތުގައި، ކިތައް މީހުންތޯ ހިފާ ހައްޔަރުކުރީ؟ އެކަމަކު އަޅުގަނޑުމެންނާ ބޭހޭގޮތުން އެކަހަލަ ވާހަކައެއް ވިދާޅެއްނުވެވޭނެ.

 

އެހެންވީމާ، އިޚުލާޞްތެރިކަމާއެކީ ތިޔަބޭފުޅުންނާ ހަމައަށް މިއައީ. ތިޔަބޭފުޅުންނާ ހަމައަށް މިއައީ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދިން އުއްމީދުތަކެއް، ތިޔަބޭފުޅުންވެސް އެ އުއްމީދުތައް މިހާރު ހުވަފެނުން ދެކެން ފަށައިފި. އޭގެ ނަމޫނާ މިއޮތީ މިތަނުގައި ފެންނަން. މާދުރަށް ދާކަށްނުޖެހޭނެ. ދިވެހިރާއްޖޭގައި އޮތް އެންމެ ރީތި ޖެޓީ މިއޮތީ. އެހެންވީމާ، ކުރިއަށް ދިޔުމުގެ ރޫޙު މި ހުންނަނީ. ކުރިއަށް ދިޔުމުގެ އުއްމީދު މި ހުންނަނީ. އަޅުގަނޑުމެންގެ ދިވެހި ލޭގައި، މަސް ކަންނެލީގެ ލޭ އަޅުގަނޑުމެންގެ ތެރޭގައި މި ހިނގަނީ. އެ ޖޯޝް އަޅުގަނޑުމެންގެ ތެރޭގައި ހިނގާތީ، އަޅުގަނޑުމެންގެ ވިންދު މިޖަހަނީ. އަޅުގަނޑުމެންގެ ވިންދުޖަހާކަން އަޅުގަނޑުމެންނަށް ދައްކައިދެއްވައިފި ސުޖާއާއި، ޢަބްދުއްރަޙީމް. ދެން ހަމަ މިބޭފުޅުންނާ އެއްވަރަށް ކޮންމެވެސް ވާހަކައެއް ދައްކަވަންޖެހޭތީ އަޅުގަނޑުވެސް ހަމަ ޓެމްޕޯވެގެން މިދަނީ. އެކަމަކު މިއީ ހިފަހައްޓައިލެވޭވަރުގެ ކަމެއްނޫން.

 

އެކަމަކު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ނިންމާލަމުންވެސް، އަޅުގަނޑުމެން މިކުރާ ހުރިހާ މަސައްކަތަކީ، އަޅުގަނޑުމެން ގަބޫލުކުރާތި، އަޅުގަނޑުމެން މިކުރާ ހުރިހާ މަސައްކަތެއް، އިމްތިޙާނު ކުރައްވާ ކަލަކު ވޮޑިގެންވާކަން، ފަހަރުގައިވެސް ހަނދާންނައްތައިނުލާ. އިޚުލާޞްތެރިކަމެއް، ނިޔަތުގައި ތެދުވެރިކަމެއް ނެތް އެއްވެސް ކަމެއްގައި، ދާއިމީ އާރުލާ ނަތީޖާއެއް ނުނުކުންނާނެ. އެހެންވީމާ، އިޚުލާޞްތެރިކަމާއެކީ، ވަފާތެރިކަމާއެކީ، ޤައުމަށް ޚިދުމަތްކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ރައްޔިތުންގެ މަޞްލަޙަތު އިސްކުރަން ނޭނގޭ ބަޔަކަށް ﷲގެ ރަޙްމަތެއް ތަނަވަސްވެގެނެއް ނުދާނެ. އެ ސަބަބަށްޓަކައި މިފަހަރު، މިހާތަނަށް މި ދިމާވި ހުރިހާ ނުރައްކާތަކުން ﷲ އަޅުގަނޑު ސަލާމަތްކޮށްދެއްވީ. އަޅުގަނޑުމެންގެ އެންމެންގެ ޙަމްދު މާތްﷲ އަށް. ކުރިއަށް އޮތްތަނުގައިވެސް، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ އިސްލާމް ދިވެހި ދައުލަތެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ޤައުމިއްޔަތެއް އޮތް ތަނެއްގެ ގޮތުގައި، ޝަރަފުވެރި އާދަކާދައެއް އޮތްތަނެއްގެ ގޮތުގައި، އަދި އަޅުގަނޑުމެން ނަގައިދޭ ފިލާވަޅުގެ ތެރޭގައި، ބާރަށުން އައިމިނާ ރަނީގެ ފިލާވަޅު ނަގައިދީފައި، އަދި އުތީމުން މުޙައްމަދު ތަކުރުފާނުގެ ފިލާވަޅު ނަގައިދޭން ކެރޭކަމަށްވަންޏާ، އެގޮތުގެ މަތީގައި ތިބޭ ދަރިންތަކެއް އުފައްދަން އަޅުގަނޑުމެންނަށް ކެރެންވާނެ.

 

އެހެންވީމާ، އެއަށް އަޅުގަނޑުމެން ޖާގަހޯދާއިރު، އިޚުލާޞްތެރިކަމާއެކީ، މި މަސައްކަތްކުރަން އަޅުގަނޑުމެން އެބަ ދަސްކުރަންޖެހޭ. އެހެން ނޫނީވިއްޔާ ޤައުމިއްޔަތެއް ނޯންނާނެ. އެހެންނޫނީވިއްޔާ ދައުލަތެއް ނޯންނާނެ. ދައުލަތެއް، ޤައުމިއްޔަތެއް ނެތް ތަނެއްގައި، ކޮންކަމަކާތޯ އަޅުގަނޑުމެން ފަޚުރުވެރިވާންވީ؟ ދިވެހި ދިދަ މިނިވަންކަމާއެކީ ވިހުރުވިދާނެ. އެކަމަކު އެއީ އެއްވެސް މީހެއްގެ އިޙްތިރާމު ނުލިބޭ އެއްޗެއް ކަމަށްވަންޏާ، ކޮބައިތޯ ޝަރަފެއް؟ ކޮބައިތޯ ކަރާމާތެއް؟ ކޮންކަމަކާތޯ އަޅުގަނޑުމެން ދުނިޔޭގައި ތިބެންވީ؟ ދިވެހިރާއްޖެއޭ ކިޔައިގެން ނުކުމެ ވާހަކަ ދައްކާނީ ކާކުތޯ؟

 

މިއަދު އދ. ގެ ދައުލަތްތައް ކުރިމަތީގައިވެސް ދިވެހިރާއްޖޭގެ ވާހަކަ ހައްޤުބަސް ބުނެވޭ އެބަ. އަދި އިސްލާމީ ދައުލަތްތަކަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި، ބޮޑެތި ޤަރާރުތައް ކޯ-ސްޕޮންސަރ ކުރާ ބަޔަކަށް ދިވެހި ދައުލަތް އަބަދުވެސް އޮންނަކަން، ޢަރަބި އިސްލާމް ދައުލަތްތައް މިއަދު ގަބޫލުކުރޭ. އެހެންވީމާ، އެއީ އަޅުގަނޑުމެންނާއެކީ ތިބި ބައެއް. އެއީ އަޅުގަނޑުމެންގެ ރަޙުމަތްތެރިންނަކީ. ކޮންމެހެން ތަފާތު ފިކުރުތަކެއް އައިސްގެން އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތައްތަކެއް ރަނގަޅުވެދާނެ ކަމަށް އުއްމީދުކުރާކަށް ނުވާނެ.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ﷲގެ މަގުގައި ކުރެވޭ މަސައްކަތެއް. އެހެންވީމާ، މާތްﷲގެ ބަރަކާތް މިކަމުގައި މިންވަރު ކުރައްވާށި.

 

وما توفيقى إلّا بالله عليه توكّلت وإليه أنيب.

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.