بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

އަޅުގަނޑު ހިތަށްއަރާ، ދެން ކޮން ވާހަކައެއްބާއޭ ދައްކަންއޮތީ، ނޫނީ ދެއްކޭނީ. ޢަބްދުއްރަޙީމުގެ ވާހަކަފުޅަށްފަހު، ހަމަ ދަތި އުނދަގޫ ގޮޅިއަކަށް އަޅުގަނޑު މިހުރީ ފެތިފައި. ދިއްދޫ ކަހަލަ ފޯރިގަދަ ރަށެއްގައި އަޅުގަނޑަކަށް ނޭނގެ، ދެން އިތުރަށް ވާހަކަ ދައްކާނެގޮތެއް. އެހެންނަމަވެސް، ދިއްދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނާ ބައްދަލުކުރާއިރު، އެންމެ ކުޑަމިނުން، ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށް، އަޅުގަނޑަށްޓަކައި ޝައުޤުވެރިކަމާއެކީ އިސްތިޤްބާލުގައި ތިއްބެވި ތިއްބެވުމަށް ޝުކުރިއްޔާއޭ ނުދަންނަވައި ފޭބުމަކީ ފަސޭހަކަމެއްނޫން.

 

އަޅުގަނޑަށް ހީވަނީ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަފުޅާއި، އަދި ޢަބްދުއްރަޙީމު ތިޔަބޭފުޅުންނަށް އެ ނަގައިދެއްވި ފިލާވަޅުން އަދި ޚާއްޞަކޮށް، އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށް ނަންގަވައިދެއްވި ފިލާވަޅުން، މިއަދު ސިޔާސީ ވާހަކައެއް އަޅުގަނޑު ދެއްކުމަކީ އެއްގޮތަކަށްވެސް މުނާސަބު ކަމެއްނޫން. އެހެންވީމާ، އެއްވެސް ސިޔާސީ ވާހަކައެއް ނުދައްކައި ކުރިއަށް ގެންދެވޭތޯ ބަލާނަން.

 

السّلام عليــكم ورحـمــة اللّـه وبـركاتـه.

 

އާދެ! ދިއްދޫގެ ތިޔަ ހުރިހާ ލޮބިވެތި ރައްޔިތުންނަށް، ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. އަދި ހަމަ އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާއެކީ މި މަސައްކަތް ކުރައްވާ ޓީމުގެ ބޭފުޅުން. އޭގެތެރެއިން، މި ރަށްރަށަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޢަމަލީގޮތުން މަސައްކަތް ކުރައްވާ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާ އަދި އަޅުގަނޑުމެންގެ އާރުކާޓީއެއްގެ ގޮތުގައި މި ރަށްރަށަށް ދަތުރުކުރައްވާ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވައި މަރުޙަބާ ދަންނަވަމޭ.

 

އާދެ، ޝައްކެއްވެސްނެތްގޮތުގައި، ކޮންމެ ބުރަ މަސައްކަތެއް ކުރާއިރު، އިސް މީހެއް ހުންނާނެ. އެކަމަކު މައިސޯބު އެނބުރޭއިރު ކުދި ސޯބުތަކެއް ހުރެގެން ނޫނީވިއްޔާ، މުޅި މެޝިން ނުއެއް އެނބުރޭނެ. އެހެންވީމާ، މި ހުރިހާ ބޭފުޅުންގެ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި، އިޚުލާޞްތެރިކަމާއެކީ މަރުޙަބާ ޙައްޤު، ޝުކުރު ޙައްޤު މަސައްކަތްޕުޅުތައް. މި ހުރިހާ ބޭފުޅުންގެ މަސައްކަތްޕުޅުތަކަށް އަޅުގަނޑު ޝުކުރު ދަންނަވަމުން އަޅުގަނޑުގެ ވާހަކަ ފަށާނީ.

 

ދިއްދުއަށް އައިސް ހުއްޓުމުން، ދިއްދޫގައި މިހުރި ވަސީލަތްތަކުގެ ފަސޭހަކަމާ ދޭތެރޭގައި އަޅުގަނޑަށް ހަމަ ކަށަވަރު، ރާއްޖޭގެ އެކި ހިސާބުން ތުންފިއްތާނެ ރަށްރަށް މަދެއްނުވާނެ. ދިއްދުއަކީ، ނަސީބުވެރި ރަށެއް. ހއ. ގެ މައި ރަށް. އަދި ތަޢުލީމީގޮތުން، ޢިލްމީގޮތުން، ސިޔާސީގޮތުން ވަރަށް ޙަރަކާތްތެރި ވަރަށް ކަންކަމާ ވިސްނާވަޑައިގަންނަވާ ރައްޔިތެއް އޮތް ރަށެއް. ސިޔާސީ ވިންދު އެންމެ ވަރުގަދައަށް ޖަހާ ރަށްތަކުގެ ތެރޭގައި ހިމެނޭ. އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ވިންދު އެންމެ ވަރުގަދައަށް ޖެހީ ބޮޑުތިލަދުންމަތީގައި ކަމުގައިވާއިރު، ބޮޑުތިލަދުންމައްޗަށް ޝަރަފެއް ގެނެސްދޭނެ ރަށަކަށް ދިއްދޫ ހިމެނިގެންދޭ. އެހެންވީމާ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، ދިއްދުއަކީ ނަމޫނާ ދައްކާނެ ރަށެއްކަމަށް. ޢަބްދުއްރަޙީމު ދެންމެ އެ ވާހަކަފުޅު އެ ދެއްކެވީ. ދިއްދުއަކީ، މިއިން ކޮންމެ ކަމެއްގައި ނަމޫނާ ދައްކަންޖެހޭ ރަށެއް. ދިއްދުއަކީ، ޚާއްޞަގޮތެއްގައި ސިޔާސީ ކަންކަމުގައި އިސްވެ އެހެންމީހުން ގޮވައިގެން ކުރިއަށްދާންވީ މަގު ކަނޑައަޅައިދޭނެ، މިޞްރާބު ކަނޑައަޅައިދޭވަރުގެ ހިތްވަރުހުރި ރައްޔިތެއް އޮތް ރަށެއް.

 

ދިއްދުއަށް އައިސްފައި، އަޅުގަނޑު، މި ނިމިގެންދިޔަ މަޝްރޫޢުތަކުގެ ތެރޭގައި މި ހުޅުވަނީ އެންމެ މަޝްރޫޢެއް ނޫން. ގޮނޑުދޮށް ހިމާޔަތްކުރުން ކަމުގައިވީނަމަވެސް، ފެނުގެ މަޝްރޫޢު ކަމުގައިވީނަމަވެސް، އަދި އާބާދީއަށް ދަތިވެފައި އޮތް ހައުސިންގގެ މަޝްރޫޢު ކަމުގައިވީނަމަވެސް، މަގުހަދާ ނިމުމުގެ މަޝްރޫޢު ކަމުގައިވީނަމަވެސް، މިހިރީ ހައްތަހާ މިރަށަށް އައިސްފައިހުރި ފަސޭހަ ކަންކަން. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކަށް ބަލާކަމަށްވަންޏާ، ދެންމެ މިނިސްޓަރ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވި، އެ މިނިސްޓްރީން މިއަދު ނިންމެވި މަޝްރޫޢަށް ބަލާކަމަށްވަންޏާ، އެއްގަމު ތޮށީގެ މަޝްރޫޢަށް ބަލާކަމަށްވަންޏާ، 450 މީޓަރު. އެކަމަކު، ދިއްދޫގެ ރައްޔިތުން ވަރަށް ރަނގަޅަށް ހަނދުމަފުޅު ހުންނާނެ، 2014 ވަނަ އަހަރުގެ ކުރީކޮޅު މެދަކާ ހިސާބަށް ދިޔައިރު މަޝްރޫޢު ނިމިގެން ދިޔައީ، ނޫނީވިއްޔާ، މަޢާފުކުރައްވާ، އޮކްޓޫބަރާ ހަމައަށް ދިޔައިރު މަޝްރޫޢު ނިމިގެން ދިޔައީ. އޭރު އޮންނާނެ، ހައުސިންގ މިނިސްޓްރީންވެސް 185 މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢެއް ހިންގަވައި ނިންމަވާފައި. އެހެންވީމާ، ދިއްދޫގައި މި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށް ބަލާކަމަށްވަންޏާ، ގާތްގަނޑަކަށް 650 ކައިރިވަރުގެ މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކޮށް މިއޮތީ ނިމިފައި. ދިއްދުއަކީ ވަރަށް ގިނަ މިކަހަލަ ވަސީލަތްތައް ފުރިހަމަވެފައި އޮތް ރަށެއް. ހަމައެކަނި، ސިޓީއަކަށް ބަދަލުނުވާކަން. އެހެންނަމަވެސް ދިއްދޫގައި މި ދެންނެވި ކަހަލަ ހުރިހާ ވަސީލަތްތަކެއް މިހުރީ ފުރިހަމަވެފައި.

 

އެހެންވީމާ، ދިއްދޫން އެބަޖެހޭ އެހެން ރަށްރަށަށް މިސާލު ދައްކަވަން. އަޅުގަނޑުމެން ދާ އެހެން ބައެއް ރަށްރަށުގައި އަޅުގަނޑުމެން ހަމަ އެރުމާއެކީ ކުރިމަތިވާ ކަންތައްތަކުގައި އަޅުގަނޑުމެން ވިސްނާލާއިރު، ގަބޫލުކުރަންޖެހޭ ރައްޔިތުން އެދިވަޑައިގަންނަވަމުން ގެންދަވާ ކަންތައްތައް، ރައްޔިތުން އެދިވަޑައިގަންނަވަނީ ކީއްވެގެންކަން. އެއީ، ވަރަށް ގިނަ ރަށްރަށުގައި މި ހުންނަނީ ވަރަށް ގިނަ ކަންތައްތައް ފުރިހަމަވެގެންގޮސްފައި. އެހެންނަމަވެސް، އެހެން ރަށްރަށުގައި އެ ހިސާބަކަށް ކަންކަމެއްނުދޭ.

 

އަޅުގަނޑު ނެތިން، ހަތަރު އަހަރު ބައިގެ ސަބަބު ދައްކާކަށް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނަން، ގަބޫލުކުރައްވާށޭ، ދައުލަތަކުން ކުރާ ހޭދައިގައި އަޅުގަނޑުމެންނަށް ހަކަތަ ހުރެގެން ކުރެވޭ މަސައްކަތަށް ބަލާއިރު، 187 ރަށުގައި ބޭނުންވެފައި މިހުރި ގިނަ ކަންތައްތަކަށް ބަލާއިރު، ހަމަ ރަށްރަށަށް ކަންތައްތައް ދިއުމުގައި އުޅޭނެ ތަރުތީބުގެ ކަމެއް. އެކަމަކު، މިއަދުވެސް ހަމަ ދިއްދޫގެ ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑާއި ރައްޔިތުންނާ ދޭތެރޭގައި އޮތް ފާލަމަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ދެކެވަޑައިނުގަންނަވާށޭ. އަޅުގަނޑާއި ދިއްދޫގެ ރައްޔިތުންނާ ދޭތެރޭގައި އޮތް ފާލަމަކީ، އަޅުގަނޑުމެންގެ ދޭތެރޭގައި އޮތް ގާތްކަން. އަޅުގަނޑަށް ކުރައްވާ އިތުބާރު. ދިއްދޫގެ ރައްޔިތުންނަށް އަޅުގަނޑު ކުރާ އިޙުތިރާމު. އެހެންވީމާ، ރާއްޖޭގެ ކޮންމެ ރަށެއްގައި ރައްޔިތަކީ، އަޅުގަނޑު އެބޭފުޅުންނަށް ޚިދުމަތްކުރަން އޮތް ރައްޔިތެއް. އަޅުގަނޑަށް ކަންކަން ފަސޭހަވެގެންދޭ، އަޅުގަނޑުގެ ފިކުރުގައި ދިއްދޫ ރައްޔިތުންގެ އަޣުލަބިއްޔަތުގެ ފިކުރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ހުރެއްޖެ ކަމަށްވަންޏާ. އޭރަށް އަޅުގަނޑަށް ވާހަކަތައް އައުން ފަސޭހަވާނެ. އެކަމަކު، ފަހަރުގައިވެސް ގަބޫލުނުކުރައްވާތި، އެއީ ހަމައެކަނި ދިއްދުއަށް ތަރައްޤީ އަންނަންއޮތް ވަސީލަތް ކަމަށް. ދިއްދުއަށް ތަރައްޤީ އަންނަ ވަސީލަތްތަކަކީ، ސަރުކާރުން ކަންތައް ކޮށްދޭން ބޭނުންވާތީ، އޭރަކު ހުންނަ ރައީސަކު އެކަން ކޮށްދޭން ބޭނުންވާތީ ކުރާ ކަންތައް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މުހިންމު ބައެއް. އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަރުގަދަވެގެންދަނީ، ބަދަހިވެގެންދަނީ، އެތައް ބައެއް ގުޅިގެން، އޭގެ އަޣުލަބިއްޔަތު ނަގައިދޭނެ ޕާޓީއެއް އޮވެގެން. އެ ޕާޓީގެ ލީޑަރަކީ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެވޭވަރުގެ ހަކަތަ ހުރި، އަދި ޤާބިލުކަން ދައްކާ މީހަކަށްވީމާ. އެހެންނޫނީވިއްޔާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ދާއިރާތައް ފުރުވަމުން ގެންދެވިޔަސް، ގަދަފަދަކަމަކީ، ނޫނީވިއްޔާ އެކުވެރިކަމަކީ، ގަދަފަދަ ބާރެކޭ ބުނާ އުސޫލުން އެންމެ މީހަކަށް ކޮށްދެވޭނެކަމެއް ނޯންނާނެ. ޢަބްދުއްރަޙީމް އެވާހަކަފުޅު ދެއްކެވީ، އަޅުގަނޑު ނަން ހާމަނުކޮށް ރައްދުދޭކަށް ނޫން، އެކަމަކު އަޅުގަނޑު ދަންނަވާލާނަން، މީގެ ޙަޤީޤީ މިސާލު ތިޔަބޭފުޅުން ނަންގަވާ.

 

ގދ. ތިނަދޫ، ގދ. ތިނަދުއަށް ބޭނުންވާ ގިނަ ކަންތައްތަކެއް އޮހެމުން އެދަނީ ކީއްވެގެންތޯ؟ އެ ދާއިރާގައި ތިއްބެވި ދެ މެންބަރުންނަކީވެސް އަޅުގަނޑުމެންނާ ވަކިވެވަޑައިގެން، ވަރަށް ކުރީކޮޅު ވަކިވެވަޑައިގެންނެވި ދެ މެންބަރުން. އަދި މަސައްކަތް ކުރެއްވެވުމުގައިވެސް އެކި ފަހަރު އަޅުގަނޑުމެންނަށް އުނދަގޫތައް ކުރިމަތިލާން ޖެހުނު ބޭފުޅުން. އެހެންނަމަވެސް، އެ ދެ ބޭފުޅުންނެއް ނޫން، އަޅުގަނޑާއި، ތިނަދޫ ރައްޔިތުންނާ ގާތްކޮށްދެނީކީއެއް. އަޅުގަނޑާއި ތިނަދޫ ރައްޔިތުންނާ ދޭތެރޭގައި އޮންނަ ގާތްކަމެއް. ތިނަދޫ ރައްޔިތުންނަށް ޚާއްޞަ ކަންތައްތަކެއް ކޮށްދޭން އަޅުގަނޑު ބުނީ، އެ ދެ ބޭފުޅުން އަޅުގަނޑު ކައިރީ އެދިވަޑައިގަންނަވައިގެނެއް ނޫން. ތިނަދުއަށް ދިމާވެފައިހުރި ހިތްދަތިކަމާއި، ތިނަދޫގައި ދެވަނަފަހަރު، ރަށް ހުސްކުރުމަށްފަހު، ދެވަނަފަހަރު އާބާދުވެގެން 50 އަހަރު ފުރެމުންދާތީ، އަޅުގަނޑު ނިންމި ނިންމުމެއް އެއީ. އެހެން އެއްވެސް ބޭފުޅަކު ނިންމެވި ނިންމެވުމެއްނޫން އެއީކީއެއް. އަޅުގަނޑު ނިންމި ނިންމުމެއް އެއީ. ތިނަދުއަށް ދިމާވެފައިހުރި ބޮޑެތި ކަންކަމާއި، އަދި ތިނަދޫގެ ސައިކީ، ނޫނީވިއްޔާ އެމީހުންގެ ނަފްސާނިއްޔަތުގައި ޖެހިފައިވާ މައްސަލަތަކަށް ޙައްލެއް ގެނެސްދިނުމަށް، ތިނަދުއަކީ ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން 50 އަހަރާ ދިމާކޮށް ކޮށްދޭން ބޭނުންވާ ތަނެއްކަމަށް ކަނޑައެޅީ އަޅުގަނޑު. އެއީކީއެއް، ކެބިނެޓަށް ގެންގޮސްގެން ނިންމި ކަމެއްވެސްނޫން. އެހެންވީމާ، އެކަންކަން އެތަނަށް އައީމާ، ތިނަދޫގެ އެއްވެސް މެންބަރަކަށް ނޫނީވިއްޔާ، އެހެން ބޭފުޅަކަށް ވިދާޅެއްނުވެވޭނެ، މިއީ ތިމަންނާ ކުރި ކަންކަމެކޭ. އެކަމެއް ނުހިނގާނެ އެގޮތަކަށް. އެކަމެއް ނުހިނގާނެ އެގޮތަކަށް.

 

އަޅުގަނޑުމެން ހިންގާ މަޝްރޫޢުތަކަށް، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން އިސްވެ ބަޖެޓެއް ފޮނުވަނީ. ސަރުކާރުން އިސްވެ ބަޖެޓެއް ފޮނުވާއިރު، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ބެހިގެންދާނެ ގޮތާއި، ކޮން ރަށަކަށް، ކޮންކަހަލަ ތަރައްޤީއެއް އަންނަނީ ކީއްވެގެންތޯއާއި، އެކަން ކަނޑައަޅަނީ. ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަނީ. އެއަށް އަޅުގަނޑުމެން ތާއީދުކުރާ ބޮޑު އަޣުލަބިއްޔަތު އޮންނަ މަޖިލީހެއް އޮތީމާ އޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މައްސަލަތައް ފައިޞަލާ ކުރައްވާފައި، އަދި ކޮންމެވެސްވަރަކަށް އެ ކޮށާ މަށާފައި، އެހެންނަމަވެސް، ސަރުކާރުން އޮންނަ ތާއީދަކުން ރައްޔިތުންގެ މަޖިލީހުން އެކަން ކުރައްވަނީ. ރައްޔިތުންގެ މަޖިލީހަކީ، ސަރުކާރުން ހިންގާ ތަނެއްނޫން. ރައްޔިތުންގެ މަޖިލީހަކީ ބަޖެޓް ހަދައިގެން ހޭދަކުރާ ތަނެއްވެސް ނޫން. އަޅުގަނޑުމެންގެ މިއޮތީ ބާރުތައް ވަކިވެފައިއޮތް ނިޒާމެއް. ހިންގުމުގެ ބާރުގައި މަސްއޫލިއްޔަތު އުފުލަނީ، ރައްޔިތުން އިންތިޚާބުކުރާ ރައީސަކު. ހިންގުމުގެ ދާއިރާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން، ރައްޔިތުން ބޭނުންވާ މިންވަރަށް ކޮށްދިނުން، ކަނޑައެޅުން. އެކަންކުރަން އެނގެންޖެހޭނެ. އެކަންކުރަން ކެރެންޖެހޭނެ. އެކަމަށް ބޭނުންވާ ފައިސާ ހޯދަންޖެހޭނެ. އެކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހަށް ގޮސް އެ ތާއީދު ހޯދަނީ، ޤާނޫނުއަސާސީގެ އެކަމަކީ، މުޅި ރައްޔިތުންނަށް ހާމަވެގެންދާ، ޝާމިލުވެގެންދާ، މަޝްރޫޢުތަކެއް ކަމަށްވާތީ، މުޅި ރާއްޖެއަށް ތަރައްޤީ އަންނައިރު، އެ ތަރައްޤީގެ މަޝްރޫޢުތަކަށް އާނބަސް ކިޔަންތިބި ބަޔަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވާތީ، އެކަން އެދަނީ.

 

އެކަންކުރުމުގައި މި ހަތަރު އަހަރު ތެރޭގައި، އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމް.ޑީ.ޕީ.ގެ މެންބަރުން ކަންކުރެއްވިގޮތް، ދިއްދޫގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެއްވެސް މެންބަރަކު ތަރައްޤީއަށް ދެއްވި ވޯޓެއް ނޯންނާނެ. އެއްވެސް މެންބަރަކު، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތައް އެދިގެން ރައްޔިތުންގެ މަޖިލީހަށް ގެންދިޔައިމާ އެމް.ޑީ.ޕީ.ގައި ތިއްބެވި މެންބަރުން ދެއްވި ވޯޓެއް ނޯންނާނެ. މިއީ ޙަޤީޤަތް. މި ޙަޤީޤަތް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އެހެންވީމާ، އެއީ ސަރުކާރުން، އެ ސަރުކާރެއްގެ ވިސްނުމާއެކީ، އެ ސަރުކާރެއްގެ އިސްކޮށް ހުންނަ މީހަކު ރާއްޖޭގެ ދުވެލި ކަނޑައަޅާނެ މިޞްރާބާއި، ދުވެލި ގެންދާނެ ސްޕީޑް ކަނޑައަޅަނީ، އެ ސަރުކާރެއް ހިންގަން ހުންނަ މީހަކު. އެހެންވެގެން، ރައްޔިތުން ހުރިހާ އެންމެންވެގެން އެންމެ މީހަކު އިންތިޚާބު ކުރަނީ. އެއީ ތަފާތަކީ. ރިޔާސީ ނިޒާމުގައި އޮންނަ ތަފާތަކީ.

 

ބަރުލަމާނީގައި، ދާއިރާތައް ވަކިކޮށް ކޮންމެ ދާއިރާގެ ބަސްބުނާނެ މީހަކު ކަނޑައަޅަނީ. އެއީ 5000 މީހުންގެ އާބާދީއަކުން ވެއްޖިއްޔާ، ކަނޑައަޅާ މެންބަރެއް. އެއާ ތަފާތުވަނީ، ރާއްޖޭގައި އުޅޭ ގާތްގަނޑަކަށް ހަތަރުލައްކައެއްހާ މީހުން. އެ ހުރިހާ އެންމެން ވޯޓު ޙައްޤު އެންމެންގެ ތެރެއިން އެކަކު މި ކަނޑައަޅަނީ، އެ އެންމެން އިތުބާރުކުރާ މީހަކަށް. އެ ވޯޓު ކައިރި މިވަނީ. އެހެންވީމާ، އެކެއްގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއާއި މަސްއޫލިއްޔަތު، އެހެން އެންމެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއާއި މަސްއޫލިއްޔަތަށްވުރެ ބޮޑު. ޝައްކެއްވެސްނެތްގޮތުގައި، މުއައްސަސާތައް ހިންގަން ތިބި މީހުންގެ މަސްއޫލިއްޔަތަށްވުރެ އެކަން ބޮޑު. ބާރުތައް ވަކިވާ ސަބަބު އެބަހުރި. ޝައްކެއްވެސްނެތްގޮތުގައި، ދައުލަތް ހިންގުމުގައި، ސަރުކާރު ހިންގުމުގައި، ސަރުކާރުން ޚަރަދުކުރުމުގައި، މަޝްރޫޢުތައް ރޭވުމުގައި، މަޝްރޫޢުތައް ރައްޔިތުންނާ ހަމައަށް ގެނައުމުގައި ރައްޔިތުންގެ މަޖިލިސް ޖުމްލަކޮށް އޮންނަ ދައުރަށްވުރެ ރައީސުލްޖުމްހޫރިއްޔާގެ ދައުރު އިސްވެގެންދަނީ. ހަމައެހެންމެ، ހުރިހާކަމެއް ނިންމުމުގައި ދައުލަތް ހިންގުމާއި، ދައުލަތުގެ އަމާންކަމާއި، މަޞްލަޙަތާއި، ޤައުމިއްޔަތަށް ވިސްނާފައި އެންމެ އިސްބަހެއް މުޅި ދައުލަތު ހިމާޔަތުގައި އެކަން ކުރަން ހުރި މީހަކީ ރައީސުލްޖުމްހޫރިއްޔާ. އެހެންވެގެން، އަޅުގަނޑު ދަންނަވަމުން އައީ، ފެބުރުވަރީ 1 ގެ ޙުކުމާ ގުޅިގެން، މިކަން ކުރާ ބަޔަކީ ސުޕްރީމް ކޯޓެއް ނޫނޭ. ސުޕްރީމް ކޯޓަކީ، ޢަދުލާއި އިންޞާފުގެ މައްސަލަތައް ނިންމާތަން. އެކަމަކު، އެއީ މުޅި ދައުލަތަށް އަންނަ މިކަހަލަ ބޮޑެތި ކަންކަމުގައި، އެކަމުގައި ބަސްބުނާ ބައެއް ނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެކަން އޮންނަނީ އެގޮތަށް.

 

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، ދިއްދޫގައި އެތައް މަޝްރޫޢުތަކެއް ފެށިގެންދާއިރު، އެތައް މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކުރަމުން މިދަނީ. މި މަޝްރޫޢުތައް ނިމިފައިހުރިތާ އަދި މީގެ ފަސޭހަ ދިއްދޫގެ ރައްޔިތުންނަށް ލިބިވަޑައިގަންނަވާތާ ދުވަސްތަކެއްވެއްޖެ. ދިއްދުއަކީ، ތަރައްޤީއަށް ލޯބިކުރާ ބައެއް. ދިއްދުއަކީ ސިޔާސީ ވިންދު އެންމެ ވަރުގަދައަށް ހިނގާ ރަށެއް. ދިއްދުއަކީ، ނަމޫނާ ރަށަކަށް އެބަ ވާންޖެހޭ. ދިއްދުއަކީ، ޕީ.ޕީ.އެމް.ގެ ސަރުކާރަށް، އަޅުގަނޑުމެންގެ ވިސްނުމާއި އަޅުގަނޑުމެންގެ ފިކުރަށް ތާއީދުކުރާ ބޮޑު އަޣުލަބިއްޔަތެއް، ބޮޑު ބަޔަކު އުޅޭ ތަނެއް. ޚިޔާލު ތަފާތުވާ ކަންކަމާއި، ޚިޔާލު ތަޣައްޔަރުވާ ކަންކަމުގައި ވަކިވަކި ފަރުދުންނަށް އިސްކަން ނުދެއްވާ. ވަކިވަކި ފަރުދުންނަށް އިސްކަން ނުދެއްވާ ސަބަބު، މިއަދު މި ޓެންޓުގައި ހުރެފައި، އަޅުގަނޑުމެން ބަލައިލިޔަސް އަޅުގަނޑުމެންނަށް މިއޮތީ ފެންނަން.

 

މި ފެހި، ރަތާއި، ހުދާ ގުޅުނީމާ، އަޅުގަނޑުމެންނަށް ޔުނިޓީ މި ފެންނަނީ. މި ފެހި، ރަތާއި ހުދުގެ ސާލުން ޒީނަތްތެރިކުރީމާ، އަޅުގަނޑުމެންނަށް ރީތިވެގެން މިދަނީ. ވިހުރުވޭ ދިދައިގެ ދިވެހި ނިޝާނަކަށް މި ފެއްސާއި، ރަތާއި ހުދު ފެނުނީމާ، އަޅުގަނޑުމެންގެ އެކުވެރިކަން މިއަންނަނީ. މިއީ އިސްތިޤްލާލް. މިއީ ސިޔާދަތު. މިއީ މިނިވަންކަން. މިއީ ދައުލަތެއް. މިއީ ޤައުމިއްޔަތު. އެހެންވީމާ، މިތާ ދަށުގައި ތިބެގެން ދައްކާ ވާހަކައަކީ، ޤައުމީ ސިފަތަކެއް ހުންނަންޖެހޭނެ ވާހަކައަކަށްވާނެ. މިހާރުވެސް މި ތިން ކުލައިގެ ތެރެއިން ދެ ކުލަ ދުރަށްލައްވާ. އަޅުގަނޑުމެން ކުރުނީސް ނުކުރާނަމު. އެކަމަކު، މި ތިން ކުލަ އެކުލެވުނީމާ، އަޅުގަނޑުމެން ކުރުނީސް މިކުރަނީ.

 

އަޅުގަނޑު މިއަދު ނަގައިދޭން ބޭނުންވަނީ ތަރުބިއްޔަތުގެ ފިލާވަޅެއް. އަޅުގަނޑަށްވުރެ ރަނގަޅަށް އިޤްތިޞާދީ ވާހަކަ ޢަބްދުއްރަޙީމް ދައްކަވައިފި. އެވާހަކައިގެ ތަފްސީލަކަށް ދާކަށް ނެތިން. އަޅުގަނޑު ނަގައިދޭން ބޭނުންވާ ފިލާވަޅަކީ، ވަޠަނަށް، ޤައުމަށް އިޚުލާޞްތެރިވުމާއި، ވަޠަނަށް، ޤައުމަށް އަމާނާތްތެރިވުމާއި، މިއީ މުއައްސަސާތައް ހިންގަން ތިބޭ ބައެއްގައި ކޮންފަދަ ވަރުގަދަ ސިފައެއްތޯ. އެ މުއައްސަސާތަކުގެ މައްޗަށް ޢަމަލުކުރަން ތިބޭ ރައްޔިތުން އެދޭ ކޮންކަހަލަ ވަރުގަދަ ސިފައެއްތޯ. ސިޔާސީ ލީޑަރުންނަކީ މަވެތި މީހުން. ސިޔާސީ ލީޑަރުންގެ ވިސްނުމަކީ އަމިއްލަ ވިސްނުން. ސިޔާސީ ލީޑަރުންގެ ވިސްނުމަކީ، ޤައުމީ ވިސްނުމަށްވާކަމަށްވަންޏާ، ޤައުމަށް އަންނަ ތަރައްޤީގައި އާނއެކޭ ބުނަން ހުރިހާ އެންމެންނަށް ކެރެންވާނެ. ސިޔާސީ ލީޑަރުންނަކީ، ޤައުމަށް ހެޔޮއެދޭ ބައެއް ކަމަށްވަންޏާ، މި ރައްޔިތުންގެ ތަރައްޤީއަށް މިކުރާ މަސައްކަތުގައި ބަޖެޓަށް ވޯޓުލާން ކެރެންވާނެ. ސިޔާސީ ލީޑަރުންނަކީ ޤައުމަށް ހެޔޮއެދޭ ބައެއް ކަމަށްވަންޏާ، ޤައުމުގެ ފަތިފުށް ބޭރަށް ފަޟީޙަތްކުރާ ބަޔަކަށް ސިޔާސީ މީހުން ވެގެނެއްނުވާނެ. އަދި އެކަމުން ޤައުމު ސަލާންޖަހާ ހިސާބަށް ދާންޖެހުން، ނޫނީވިއްޔާ ނުއުފުލޭވަރުގެ ތަކުލީފެއް އުފުލަންޖެހޭ ޙާލަތަކަށް ޤައުމުގެ ޙާލަތު ފުރޮޅާލާ ބަޔަކަށް ސިޔާސީ މީހުން ވެގެންނުވާނެ. އިސްތިޤްލާލާއި ކަރާމާތް ހިފަހައްޓާ ބަޔަކީ ސިޔާސީ ލީޑަރުން ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މި ފެންނަ ފަހުގެ ސިޔާސީ ލީޑަރުންގެ ތެރޭގައި އެ ސިފައެއް ދައްކަވައެއްނުދެއްވާ. މިތަނަށް އައިއްޔާ އައި ނޮހޮރުއްޕާނެއް، މިތަނަށް އުފުލަން ޖެހުނިއްޔާ އުފުލަން ޖެހުނު ތަކުލީފެއް މިއައީ ސިޔާސީ ލީޑަރުންގެ އަމިއްލަ އެދުން، ކުރިމައްޗަށް އިސްކުރީމާ. ޤައުމީ މަޞްލަޙަތާއި، ޤައުމީ ސިޔާދަތާއި މުޅި ރައްޔިތުންގެ މަޞްލަޙަތަށްވުރެ، ސިޔާސީ ފަރުދުން އެ ބޭނުންވާ ކަންތައްތައް، އެމީހުން އިސްކުރީމާ.

 

އެހެންވީމާ، މިސާލުގެ ދަށުގައި ތިބެގެން އަޅުގަނޑުމެން ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ޤައުމީ ސިފަތަކާ ދޭތެރޭގައި ވާހަކަ ނުދައްކަވާ. ދަރިންގެ ތަރުބިއްޔަތުގެ ނަމޫނާއަކީ ކޮންމެ މަންމައަކު، ބައްޕައަކު އެދޭ ކަންކަން. ކުޑަކުޑަ ޢާއިލާއަކަށް ވިސްނަވާ. ކުޑަކުޑަ ޢާއިލާއަކީ، އެ ޢާއިލާއެއް ހިމެނޭ އެތައް ޢާއިލާތަކަކާއެކީ، ދިއްދޫ ކަހަލަ މުޖުތަމަޢެއް. ދިއްދޫ ކަހަލަ މުޖުތަމަޢުތަކެއް ހިމެނޭ އެތައް ރަށެއް އެކުލަވައިލީމާ މި އަންނަނީ އަތޮޅެއް. އެކަހަލަ އެތައް އަތޮޅެއް އެކުލަވައިލީމާ މި އަންނަނީ ދިވެހި ދައުލަތް. ދިވެހި ދައުލަތް އައިމާ، ދިވެހި ދައުލަތުގެ މިކަހަލަ ކަންކަން ނިންމުމުގައި ޢާއިލާގެ ތެރޭގައި އޮންނަ އަމާނާތްތެރިކަމާއި، ސުލްޙަވެރިކަމާއި، ޢާއިލާއިން ގަބޫލުކުރާ އުސޫލުތަކަށް ތަބަޢަވުމުގެ އިސްތިސްނާ ނެތް މިންވަރު، މުޅި ދައުލަތުގެ މައްޗަށް އެ ދަނީ ހަމަހަމަކަމާއެކީ.

 

އަމާނާތެއް ނެތް މީހަކަށް ކިހިނެއްތޯ ދަރިއެއް ބަލަން ނޫނީވިއްޔާ، ޙައްޖަށް ގޮސްފައި އަންނައިރު ދަރިއެއް ބަލަން ހަވާލުކުރަން ކެރޭނީ؟ އަމާނާތްތެރިކަން ނެތް ބައެއްގެ ތެރޭގައި ކިހިނެއްތޯ ލާރިތަކެއް ހަވާލުކުރާނީ ބަޔަކަށް، މި ލާރިން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭށޭ. އަމާނާތްތެރިކަން، ތެދުވެރިކަން ނެތް ބަޔަކަށް ކިހިނެއްތޯ އަޅުގަނޑުމެން ހަވާލުކުރާނީ ޢަދުލު އިންސާފު ޤާއިމުކޮށްދޭށޭ. އަމާނާތްތެރިކަން، ތެދުވެރިކަން ނެތް ބަޔަކަށް ކިހިނެއްތޯ އަޅުގަނޑުމެން ބުނާނީ ރައްޔިތުންގެ ޒިންމާ، އަހަރުމެން ހޮވި މަންދޫބަކު ގޮސް ގޮނޑީގައި އިށީނދެގެން އަދާކޮށްދޭށޭ. އަޅުގަނޑުމެންނަށް ކޮންކަމެއްތޯ މަޖިލިސް ތެރެއިން ފެނިގެން މިދިޔައީ. އަޅުގަނޑުމެންގެ ޚިޔާލަށް ތާއީދުކުރާ ރައްޔިތެއް ހަމަގައިމުވެސް އޭރު ރާއްޖޭގެ އެކޮޅުން މިކޮޅަށް ބަލާ ކަމަށްވަންޏާ، ބޮޑަށް އަޣުލަބިއްޔަތު އޮތީ. އެހެންވެގެން ދޮގެއްތޯ އަޅުގަނޑުމެން އެހާބޮޑު ތާއީދެއް ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން ނެގީ. އެއީ ރައްޔިތުން އަޅުގަނޑުމެންނަށް ތާއީދުކުރައްވާތީ. ރައްޔިތުން އަޅުގަނޑުމެންނަށް އިތުބާރު ކުރައްވާތީ. އަދި އަޅުގަނޑުމެންގެ އުސޫލުތަކާއި އަޅުގަނޑުމެން ކުރަންއުޅޭ ކަންތައްތައް ރައްޔިތުންނަށް ގަބޫލުކުރެވޭތީ. އެހެންނޫނީ، އެ ތާއީދު ދެއްވަންވީ އެހެން ކޮންމެވެސް މީހަކަށް. އެ ތާއީދު ރައްޔިތުން ދެއްވީ، މި ރަށުންވެސް ދެއްވީ އަޅުގަނޑުމެންގެ ފިކުރަށް. އަޅުގަނޑުމެންގެ ވިސްނުމަށް. އަޅުގަނޑުމެންގެ މެނިފެސްޓޯއަށް. ދެން މި ދިމަދިމާއިން ނުކުމެގެން ތިބި މީހުން މަވެތިކަން އިސްކޮށްފައި، މަޞްލަޙަތު ދޫކޮށްލާފައި، މި ދެންނެވި އަމާނާތްތެރިކަން ނަގާލީމާ، އެއީކީއެއް އަޅުގަނޑުމެންގެ ޕާޓީގެ މައްސަލައެއްނޫން. އެއީ އެ މީހުންގެ ހުރި އަމިއްލަ އެދުމުގެ ސިފަތަކެއް އިސް އެކުރީ. އެހެންވީމާ، އެ މީހުންނަކަށް މިއަދަކު ރައްޔިތުންގެ ޙައްޤުގައި ވާހަކަ ދެއްކުމުގެ އެއްވެސް ޖާގައެއް ނޯންނާނެ. އެ މީހުންނަކީ، އެ މީހުންގެ އަމިއްލަ ކުލަތައް އެ މީހުންގެ އަމިއްލަ ސިފަތައް ކުރިއަށް ނެރުނު ބައެއް. އަދި މިކަންކަން ކުރުމުގައި ދައުލަތަށް ޚިދުމަތް ކުރެއްވި ކިތަންމެ އިސް ބޭފުޅުންނެއް މިކަމުގައި އުޅުއްވިނަމަވެސް، އަޅުގަނޑުގެ ފޮތުގައި އަޅުގަނޑުގެ ކުރިމަތީގައި ކުށެއް ވެއްޖިއްޔާ، ކުށެއް. ކުޑަމީހަކު ކުރިޔަސް، ބޮޑު މީހަކު ކުރިޔަސް، އެއީ ކުށެއް. ރާއްޖެއަށް ދިމާވެފައިހުރި ނުރައްކާތެރި ކަންތައްތައް، މި ފަހުގެ ތާރީޚުގައި ފެނިފައިހުރީ، 88 ނޮވެންބަރުން 3 ވަނަ ދުވަހުން ފެށިގެން. އޭގެފަހުންވެސް ނުރައްކާތެރި ކަންކަން އެހުރީ ހިނގާފައި. ހަމަގައިމުވެސް އެއިން ކޮންމެ ކަމެއް، ބަލައިލާއިރު ކޮންމެވެސް ދިވެއްސަކު މީގެތެރޭގައި އުޅޭ. މުޅި ދައުލަތަށް ހެޔޮއެދިގެން، މުޅި ރައްޔިތުންނަށް ހެޔޮއެދިގެން އުޅޭ، ބައެއްގެ ފަރާތުން މިކަހަލަ ސިފަތަކެއް ނުފެންނާނެ. މިކަހަލަ ސިފަތަކެއް ފެނިގެންނުވާނެ. އަޅުގަނޑުމެން އެންމެންގެ އެޖެންޑާއަށްވުރެ މުޅި ޤައުމުގެ މަޞްލަޙަތާއި މުޅި ޤައުމުގެ އެޖެންޑާ ވަރުގަދަވާނެ.

 

އަޅުގަނޑުމެންގެ ފަރުދީ ޚިޔާލު ތަފާތުވުންތަކަކީ، މޭޒުކައިރިއަށް އައިސްގެން ޙައްލުކުރެވޭނެ ކަންކަން. އަޅުގަނޑުމެން މިހާތަނަށް އައިއިރު، މި ސަރުކާރު ފެށިގެން މިހާތަނަށް އައިއިރު، ޚިޔާލު ތަފާތުވާ މީހުންނަށް ބާރަފަހަރު ދަޢުވަތުދީފިން، މޭޒުކައިރިއަށް އަންނާށޭ، އަޅުގަނޑުމެންނާ ވާހަކަ ދައްކަން. ކީއްވެގެންތޯ ނާދެވިގެން މިއުޅެނީ؟ އަދި އިސްތިސްނާތަކަކާއެކީ ބޮޑެތި ކުށް ކޮށްފައި ތިބޭ މީހުންނަށް މިނިވަންކަން ހޯދައިދޭން ކުރާ މަސައްކަތްވެސް، އަޅުގަނޑު ބުނިން، ޤާނޫނަށް ތިޔަ އިޞްލާޙު ގެނެސްދޭށޭ. ޤާނޫނަށް ތިޔަ އިޞްލާޙު ގެނެސްގެން ރައްޔިތުންގެ މަންދޫބުން ބޮޑު އަޣުލަބިއްޔަތަކުން، ތިޔަ ކަންކަން ކުރާކަމަށްވަންޏާ، ލިޔެވިފައި އޮތް ޤާނޫނު ދޫކޮށްލާފައި، ފަހުން ގެންނަ ޤާނޫނަކުން ވަކި މީހުންނަށް ވަކި ފަރުވާދޭންވެސް، އަޅުގަނޑު މިހުރީ ތައްޔާރަށޭ. އެކަންވެސް ރައްޔިތުންގެ ޙައްޤުގައި ނިންމަންޖެހޭ ބަޔަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. އެމީސްމީހުން އެކަން އެގޮތަށް ނިންމާކަށް ބޭނުމެއްނުވޭ. އަދި އަޅުގަނޑުމެންގެ ފިކުރުގެ ކުރީގައި އަޅުގަނޑުމެންގެ ޕާޓީއަކުންވެސް، އެއިރު، އަޅުގަނޑުމެންގެ ޕާޓީގައި ތިއްބެވި ބޭފުޅުންވެސް އެކަންކަމަށް ޖާގަދޭކަށްވެސް ބޭނުމެއްނުވި. އެ ވާހަކަތަކަށް ވަޑައިގެންނެވި އެއްބޭފުޅަކު ޢަބްދުއްރަޙީމް އެއީ.

 

އެހެންވީމާ، މުޅި ރައްޔިތުންގެ ޙައްޤާއި، މުޅި ޤައުމުގެ އަމަން ގެއްލޭވަރުގެ ކަންތައްތައް ކުރީމާ އަޅުގަނޑުމެން ވިސްނަންވާނެ، ކޮންމެ މީހަކު ކުރިނަމަވެސް، އެއީ ޤައުމުގެ ދިފާޢުގައި ޤައުމުގެ ރައްޔިތުންގެ ޙައްޤުގައި. މަޞްލަޙަތު ދަމަހައްޓަން ބޭނުންވެގެން، އިސްތިޤްލާލާއި ކަރާމާތާއި، ޤައުމަށް އޮންނަ ޝަރަފު ދަމަހައްޓާ މީހަކު އެކަމެއް ނުކުރާނެ. މިއަދު ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނަށް ނުފޫޒު ފޯރުވަން، ނޫނީވިއްޔާ އަޅުގަނޑުމެންނާ ދޭތެރޭގައި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ. އެންމެ ގަދައަށް އަތްޖަހާފައި ޢީދު ގެނެސްގެން މިއުޅެނީ ކޮންބަޔެއްތޯ؟ އެއީތޯ ޤައުމަށް ހެޔޮއެދުމަކީ. ރައީސްކަމަކު ޔާމީން އަބަދަކު ނުހުންނާނެ. ދައުލަތް ހިނގަންވާނެ. އިންޑިޔާ ކަނޑުގައި ބޮޑެތި ރާޅު އަބަދުވެސް ނަގާނެ. އެ ރާޅު މަތަކުރުމަކީ، އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނޫން. އެއީ، ފިޠުރަތުގެ އިންސާފު. އެކަމަކު ކޮންމެ މީހަކު އެކަމެއް ކުރާއިރުވެސް، ބަލަންވާނެ އެމީހާގެ އެޖެންޑާއާއި، އެމީހާގެ ޢަމަލާއި އެމީހާ ދައްކާ ވާހަކައާއި، ކަންކަން ތަންފީޒު ކުރާއިރު، އެއީ ރައްޔިތުންގެ ޙައްޤު ތަންފީޒުކުރަނީ، ކިހާ މިންވަރަކަށްތޯ. އަދި އެއާއެކީ ދެން ވާހަކަ ދައްކާ މީހުން ކޮށްފައިހުރި ކަންކަމާއި އަދި އެމީހުން ދައްކައިދީފައި ހުރި މިސާލުން އެ މީހުންނަށް ކިހާވަރަކަށްތޯ ޤައުމަށް ޚިޔާނަތްތެރިވެވިފައި ހުރީ. ނޫނީ ކިހާވަރަކަށްތޯ ޤައުމުގެ މަޞްލަޙަތު ޙިމާޔަތްކޮށްދީފައި އޮތީ. އަޅުގަނޑުމެން ކީއްވެގެންތޯ ދިއްދޫގައި ނުވިސްނަންވީ. އެކަން ފެށެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރާ ހަމައަކުންނެއްނޫން. ޝައްކެއްވެސްނެތްގޮތުގައި، އެކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތު ލިބިއްޖިއްޔާ ކުރެވިދާނެ ކަންތައް އިންތިހާ. އެއީ، ޑިމޮކްރަސީގައި އަޅުގަނޑުމެން ގަބޫލުކުރާ ސިފަ. އެކަމަކު ޑިމޮކްރަސީގައިވެސް އަޅުގަނޑުމެން ގަބޫލުކުރާ ސިފައިގެ ތެރޭގައި ލޭންދޭނު ވިޔަފާރިކުރުމާއި، ރިޝްވަތު ދިނުމާއި، ކަރަޕްޝަނާ، އެއީ އަޅުގަނޑުމެން ހިމަނާ ކަމެއްނޫން. އަޅުގަނޑުމެން ރައްޔިތުންނަށް ރައްޔިތުންގެ ފަރާތުން އެވަރުގެ އިތުބާރަކާއި ތާއީދެއް އެ މީހުންނަށް ދެނީ، އަމާނާތެއް ހަވާލުކޮށްފައި. އެ އަމާނާތަކީ، ރައްޔިތުންގެ ވިންދާއި، ރައްޔިތުންގެ ރޫޙާއި، ރައްޔިތުން އެދޭގޮތަށް ކަންކަން ކުރަން.

 

މަޖިލީހަށް ހޮވާފައި މީހާ ފޮނުވީމާ، އެއްގޮތަކަށްވެސް އޭނާ މިނިވަންވީކީނޫން. އޭނާގެ ނޯންނާނެ މިނިވަން ޚިޔާލެއް. އޭނާގެ ޚިޔާލުތައް އަންނަންވާނީ، ރަށަށާއި ދައުލަތަށް ބޭނުންވާ ތަރައްޤީ އެންމެ ފުރަތަމަ ކަމަކަށް. ރަށަށް ޚިޔާނާތްތެރިނުވުން. ރަށަށް ޣައްދާރުނުވުން. ރަށުގެ އަމާނާތާއި ރަށުގެ ކަރާމާތަށް އިސްކަންދިނުން. އަދި އެއާއެކީ، އޭނާގެ ދާއިރާއަށް ކަންކަން އިސްކޮށްކުރުން. މިއީ، މިހާރުވެސް ޤާނޫނުއަސާސީގައި ދުސްތޫރުގައި މިހާރުވެސް ލިޔެފައި އޮތްގޮތް. އެއްވެސް މީހަކަށް މުޅި ޤައުމުގެ މަޞްލަޙަތު އެއްފަރާތަށް ޖައްސާފައި، ދާއިރާގެ މަޞްލަޙަތުގެ ވާހަކަ ނުވެސްދެއްކޭނެ. މަނާކަމެއް ޤާނޫނުއަސާސީގައި މިހާރުވެސް.

 

އެހެންވީމާ، ރާއްޖޭގެ މި ފަހުގެ ތާރީޚުގައި މި ހިނގާދިޔަ ކަންތައްތަކަކީ، ދުނިޔޭގެ ތާރީޚުގައިވެސް ހިނގާ ކަންކަމެއްނޫން. ދުނިޔޭގެ ތާރީޚުގައި މިކަންކަން ވާއިރު، ދުނިޔޭގައި، މިހާރު ޤައުމުތަކުގައިވެސް، އެއްފިކުރެއްގެ، އެއް ސިޔާސީ އައިޑޮލޮޖީގެ ފަލްސަފާގައި އުޅެފައި ތިބި މީހުން، އެ ފިލޯސަފީ ދޫކޮށްލާފައި އެހެންގޮތަކަށް ގޮސްފި ކަމަށްވަންޏާ، އޭނާގެ ދާއިރާގެ ގޮނޑި ގެއްލޭނެ. ދިވެހިރާއްޖޭގައި އެފަދަ ޤާނޫނެއް ލިޔެފައި ނެތީމާ، ސުޕްރީމް ކޯޓުން އެވަރުގެ ރޫލިންގއެއް ނެރުއްވީ. އެކަމަކު ރައްޔިތުން ހަވާލުކުރި އަމާނާތަށް ބަލާކަމަށްވަންޏާ، އެ އަމާނާތް ހަވާލުކުރި ރައްޔިތުން، މިއަދު މި ތިއްބެވީ މިތަނުގައި. ޢަބްދުއްރަޙީމް އެ ސުވާލު ކުރެއްވީމާ، އަޅުގަނޑަށް މިތަނުން އެއްއަޑަކުން އަޑުއިވިގެންދިޔައީ، ތިމަންނާމެން އެކަމެއް ގަބޫލެއް ނުކުރަމޭ.

 

88 ނޮވެންބަރުން 3 ވަނަ ދުވަހު، އެ ދިން ޢުދުވާނަކީ، ދިވެހިރާއްޖެއަށް ހެޔޮއެދިގެން، ދިވެހި ފަސްގަނޑަށް ހެޔޮއެދިގެން، ދިވެހިރާއްޖޭގެ ވަކިކަމެއް ބީވެގެންގޮސްގެން، ރައްޔިތުންގެ މަޞްލަޙަތަށް އުނިކަމެއް އައިސްގެން އައިކަމެއްނޫން. އެއީ، ވަކި ބަޔަކު ވަކި ފިކުރަކަށް ވަކި ބޭނުމެއް އަމިއްލަ އެދުމުގައި ޙާޞިލުކުރުމަށްޓަކައި. އެއަކުންނެއް އެއްވެސް ވަރަކަށް ކިޔައެއްނުދޭ، ދިވެހިރާއްޖެއަށް އަންނާނެ ތަރައްޤީގެ ވާހަކައެއް. މިހާރު މި ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅުންވެސް، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވޭ، މިހިރީ މިހިރީ، ތިމަންނާމެންގެ ފަރާތުން ހިނގާފައިހުރި ކަންކަމޭ. އަދި ވިދާޅުވެދެއްވަންޖެހޭ، ކީއްވެގެންތޯ އެކަންކަން ހިނގާފައިހުރީ.

 

އެހެންވީމާ، ދިއްދުއަށް އައިސްފައި، ފެހި، ރަތާއި، ހުދުގެ ދަށުގައި ހުރެގެން އަޅުގަނޑު މި ވާހަކަ ދައްކާއިރު، އަޅުގަނޑުމެން އިސްކުރަންޖެހޭ ސިފަތަކެއް އޮވޭ. އެންމެފުރަތަމަ ކަމަކީ، ޤައުމިއްޔަތަށް އޮތް ލޯބި. ޤައުމިއްޔަތަށް އޮތް ލޯތްބަކީ، ޅެންބަހަކުން ނިންމާލެވޭނެ ކަންކަމެއްނޫން. އެކަމަކު ހަމަ އެ ޅެންބަސް، ނޫނީވިއްޔާ އެ ޅެން ހައްދަވާފައިހުރި މުޝީރުން، ނޫނީވިއްޔާ އެ ޅެން ލިޔުއްވާފައިހުރި ޝާޢިރުންގެ ޅެމުން، އެބަޔަކަށް ފަސޭހަ ބައިތެއް ނަގާފައި ލިޔުނީމަކާ ކަމަކުނުދާނެ. އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، ފެއްސާއި، ރަތާއި ހުދުގެ ދަށުގައި ތިބޭކަމަށްވަންޏާ، އަޅުގަނޑުމެން ހުރިހާ އެންމެންގެ ސިފަތަކަށްވުރެ، ހުރިހާ ޕާޓީއެއްގެ ވިސްނުމަށްވުރެ އިސްވެގެން މިދަނީ، ޤައުމިއްޔަތުގެ ސިފަ. ޤައުމިއްޔަތުގެ ސިފައިގެ އެންމެބޮޑު އަސާސަކީ މި ޤައުމިއްޔަތު، ޤައުމިއްޔަތެއްގެ ގޮތުގައި ދަމަހައްޓަން ބޭނުންކަމަށްވަންޏާ، މި ޤައުމަށް ހެޔޮއެދުން. މި ޤައުމަށް ހެޔޮއެދޭ ބަޔަކު ޤައުމުގެ ފަތިފުށެއް ބޭރަކު ނުކިޔާނެ. ޤައުމަށް ދެރަވާގޮތަކަށް ކަންކަމެއް ނުކުރާނެ. ޤައުމުގެ ދާޚިލީ ކަންކަމަކަށް ބޭރުގެ ފަރާތްތަކަށް އަތްބާނާކަށް ޖާގައެއްނުދޭނެ. އެއީކީ، ޤައުމަށް ހެޔޮއެދޭ މީހުންގެ ސިފައެއްނޫން. އަދި ސިފައިންނާއި ފުލުހުންނާ ކުރިމަތިލާކަށް މީހުން ނެރޭކަށް ގޮވައެއްވެސްނުލާނެ. ސިފައިންނާއި ފުލުހުންނަކީވެސް، ޤާނޫނު ތަންފީޒު ކުރުމުގައި ޤާނޫނުން ކަނޑައަޅާ ކަންކަމަކަށް، ޤާނޫނު ކަނޑައަޅާ މިންވަރަކަށް ކަންކަންކުރާ ބައެއް.

 

އެހެންވީމާ، ކީއްވެގެންތޯ އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވެގެން މިއުޅެނީ. ކޮންކަމަކާތޯ، ވިސްނުން ތަފާތުވެގެން މިއުޅެނީ. ވިސްނުން ތަފާތުވާކަމެއް އޮތިއްޔާ، ހަމަގައިމުވެސް، ވިސްނުން ތަފާތެއްނުވާނެ، ދަރުމަވަންތަ ހޮސްޕިޓަލް އަޅައިގެން. ހަމަގައިމުވެސް ވިސްނުން ތަފާތެއްނުވާނެ، 24 ގަޑިއިރު ކަރަންޓް މި ހުރިހާ ރަށްރަށަކަށް ލިބޭތީ. ހަމަގައިމުވެސް ވިސްނުން ތަފާތެއްނުވާނެ، ދިއްދުއާއި މާލެއާއި އަދި އެހެން ރަށްރަށަށް ކަރަންޓާއި ފެނާއި މި ޚިދުމަތްތައް އެއްއަގަކަށް އައިސްގެން ޚިޔާލު ތަފާތެއްނުވާނެ. ޚިޔާލުތަފާތެއް ނުވާނެ 24 ގަޑިއިރު ކަރަންޓް ލިބިގެންނެއް. ޚިޔާލު ތަފާތެއްނުވާނެ، މި ރަށުގައި މަގުތައް ހެދިގެންނެއް، ބަނދަރު ހެދިގެންނެއް. ފެނާއި ނަރުދަމާ ލިބިގެންނެއް ޚިޔާލު ތަފާތެއްނުވާނެ. ކޮންކަމެއްގައި ޚިޔާލުތަފާތު މިވަނީ. ޚިޔާލު ތަފާތުވެގެން ނުވާނެ، ދިވެހިރާއްޖޭގައި އޮންނަންވީ ދީނަކީ، އިސްލާމްދީން ކަމަށް ބުނެގެން. ޚިޔާލު ތަފާތުވެގެންނުވާނެ، ދިވެހިރާއްޖޭގައި މަޖިލިސް އެކުލެވިގެންވަނީ، ވަކި ގޮތަކަށޭ ބުނެގެން.

 

އެހެންވީމާ، ޚިޔާލު ތަފާތުވާ މީހުން ޚިޔާލު ތަފާތުވާގޮތް، ބުނެދީ. އެކަމަކު މި ސަރުކާރު އޮތްއިރު، މި ސަރުކާރު އޮންނަ ހިނދަކު، ޤާނޫނު ތަންފީޒު ކުރުމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަމު. ސިޔާސީ ކަންކަމުގައިވެސް ބޮޑެތި ކުށްކުރާ މީހުންނަށް ޙައްޤު އަދަބު ލިބުނީމާ، އެއްގޮތަކަށްވެސް ވިސްނައިގެންނުވާނެ ޚިޔާލު ތަފާތުވާކަމަކަށް. އެއީ، ނާއިޞާފެއްވެސްނޫން.

 

އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ، ރައީސުލްޖުމްހޫރިއްޔާއެއް ނޫން. ދިވެހިރާއްޖޭގެ ދުސްތޫރު ނިޔާކުރަނީ، އިންސާފު ޤާއިމުކުރާނީ ކޯޓުތަކުންކަމަށް. މައްސަލައެއް އޮވެއްޖިއްޔާ މައްސަލަ ތަޙުޤީޤުކުރާނެ. ތަޙުޤީޤަށް ކަމެއް ސާބިތުވާވަރަށް ތަޙުޤީޤަށް މަޢުލޫމާތު ލިބިއްޖިއްޔާ ޕްރޮސިކިއުޓަރ ޖެނެރަލް، އެ މައްސަލައެއް ފޮނުވާނީވެސް. ދެ މަރުޙަލާ، ތިން މަރުޙަލާ ހިނގާފައި އެދަނީ. ޢަދުލު އިންސާފު އެންމެފަހުން ނިމިގެން އެ ދަނީ ސުޕްރީމް ކޯޓުން. އެހެންވީމާ، ކޮންމެ މީހަކަށްވެސް ނާއިންޞާފުން ކަންތައް ކުރެވޭ ކަމަށްވަންޏާ، މިހާރު މި ވަކާލާތުކުރާ ކޮންމެ މީހަކަށް އެބަ ލިބޭ، އޭނާ ގެންނާނެ ފެންވަރުގެ ލޯޔަރުން ގެނެސްގެން، އޭނާގެ މަޢުޞޫމުކަން ކޯޓުގައި އޭނާ ހާމަކޮށްދިނުން. އޭނާގެ މަޢުޞޫމުކަން ކޯޓުގައި ހާމަކޮށްދިނީމާ، ރައްޔިތުންގެ ދަރުބާރު އޭނާއަކީ މަޢުޞޫމު މީހެއްކަމަށް ގަބޫލުކުރާނީ. އެއީކީ، ރައީސް ޔާމީން ކުރާކަމެއްނޫން. އެކަމަކު މުޅި ރަށުގެ އަޣުލަބިއްޔަތުގެ އިންސާފަކީ، ނޫނީވިއްޔާ މުޅި ރަށުގެ އަޣުލަބިއްޔަތުގެ އަމާންކަމަކީ، ވަކިވަކި ފަރުދުންގެ ނުރައްކާތެރިކަމަށް ހުށަހަޅާނެކަމެއް ނޫންކަމަށް ކަށަވަރުކޮށްދިނުމަކީ، ރައީސް ޔާމީން ކުރަންޖެހޭކަމެއް. މަޢުޞޫމު އެތައް ބައެއްގެ ޙައްޤު ބޮޑު، އަނިޔާވެރި މަދުބަޔަކަށްވުރެ.

 

މިކުރެވޭ މަސައްކަތުން ރާއްޖޭގެ އެކި ހިސާބުގެ ޚާއްޞަކޮށް މާލޭގައި، ބޮޑެތި ކުށަށް އަރައިގަންނަ މީހުން އިރާދަކުރެއްވިއްޔާ، މަދުވެގެން މިދިޔައީ އެހެންވެގެން. ކީއްވެގެންތޯ އަޅުގަނޑުމެން ހަނދާންނެތެނީ. އަޅުގަނޑުމެން ހިންގަވާ މީގެ ފަސް އަހަރު ކުރިއަށް ޖެހިލަމާ. ކޮންކަހަލަ ރަޙުމެއް ނެތް ކަންތައްތަކެއްތޯ ރާއްޖޭގެ އެކި ހިސާބުގައި ކޮށްފައިހުރީ. މިކަމާއެކީތޯ އަޅުގަނޑުމެން ކުރިއަށްދާންވީ. އެކަންކަން ހިނގާފައިހުރީ ކިހިނެއްތޯ؟ އެކަންކަން ހިނގާފައި ހުންނަނީކީ ފަތިސްވާއިރު، އަޅުގަނޑުމެންނަށް އިރު ފެނިފައި، އިރުއޮއްސޭއިރު، އިރުއޮއްސޭކަން، ޤުދުރަތީ ޠަބީޢަތުގައި އޮންނަ ކަމެއްގެ ގޮތުގައެއް ނޫން. އެކަހަލަ ރަޙުމްކުޑަ ޢަމަލު ހިންގާފައިހުރީ. އެކަހަލަ ރަޙުމްކުޑަ ޢަމަލު ހިންގުމަށް އިސްފަރާތްތަކުން މަޝްވަރާދީގެން، ލާރިވެސް ދީގެން އަދި އެކަން ކުރުވައިގެން. ޒުވާން ކުދިން މިކަހަލަ ޙައްޤުތަކަށް އަރައިގެންފައިހުރީ. އެހެންމީހުންގެ ޙައްޤުތަކަށް އަރައިގެންފައިހުރީ ކަންކަން ކުރުވާފައި ހުރީމާ.

 

މިހާރު މިއޮތީ، އަޅުގަނޑުމެންގެ ސަރުކާރު. އަޅުގަނޑުމެންގެ ސަރުކާރަކުންނެއް، އެކަހަލަ ކަންތައްތަކެއް އަޅުގަނޑުމެން ދުވަހަކުވެސް ނުކުރުވާނަން. ކުރުވަން ހިތަށްވެސްނާރާ. ވަރަށްކައިރި މިސާލެއް އަޅުގަނޑު މިދަންނަވަނީ. ކުރީގެ ސަރުކާރުގައި އަޅުގަނޑުމެން ސިޔާސީ މީހުންނަށް އަނބިދަރިން ގޮވައިގެން ގޭގައި ތިބެން އުނދަގޫނޫންތޯ؟ ކޮންމެ ރެޔަކު ގޭދޮށަށް އެއްވާނެ. ހަޅޭއްފަޅޭއްލަވާނެ. ކޮންމެ ދުވަހަކު، ކޮންމެ ދެތިންރެއިން އެއްރޭ ގެޔަށް ގާއުކާނެ. މިއަދު ހަމަގައިމުވެސް، އަޣުލަބިއްޔަތަށް ބަލާކަމަށްވަންޏާ، ތާއީދަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ ސަރުކާރު ތާއީދުބޮޑު. އަދި އެކަންކުރަން އަޅުގަނޑުމެން އެދޭނަމަ، ކޮން ސިޔާސީ އިދިކޮޅު ލީޑަރަކަށްތޯ މާލޭގައި ކެތްވާނީ. އެކަމަކު އެއީކީ އަޅުގަނޑުމެން ގަބޫލުކުރާގޮތެއްނޫން. އަޅުގަނޑުމެންނަކީ، އުފެދިފައިހުރި ފާރުތަކަށް، ޒަޚަމުތަކަށް، އަޅުގަނޑުމެން ބޭނުންވަނީ، އެކަންކަން ފަސޭހަވުން. އެއީ، މާޒީކަމަށް ގަބޫލުކުރަން. އެހެންވެގެން މި ރިޔާސީ ދައުރުގެ ފުރަތަމަ އަހަރަކީ، އެހާ ފަސޭހަ އޮމާން އަހަރަކަށް ވެގެންދިޔައީ.

 

ކޮންބައެއްތޯ ހާލަތު ބަދަލުކުރީ. ހާލަތު ބަދަލުކުރީ އަޅުގަނޑެއްނޫން. ފެބުރުވަރީ 27 ގައި މުޒަހަރާއެއް. މޭ ޑޭގައި މުޒާހަރާއެއް. މިކަންކަންކުރީ ކީއްވެގެންތޯ؟ މަވެތި ސިފަތަކެއް ހުރެގެން. ކީއްވެގެންތޯ ކެތްކޮށްލަން ނުކެރިގެން މިއުޅެނީ، ރައްޔިތުންގެ ވޯޓަކާ ހަމައަށް. ރައްޔިތުންގެ ވޯޓު ދައްކަންވީނޫންތޯ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުކުރާ ދާއިރާއާ ހަމައިން. ރައްޔިތުންގެ ވޯޓު ދައްކަންވީނޫންތޯ 23 އާ ހަމައިން. އޭގެކުރިން، ޤާނޫނާއި އުސޫލުތަކުގެ ބޭރުން ކަންކަން ކުރަން އުޅުމަކީ އަނިޔާ. އެއިން ލިބޭނީ ބަޔަކަށް ގެއްލުން. އެކަންކަން ކުރާކަމަށްވަންޏާ، އެކަންކަން ކުރާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅޭނެ. އަޅުގަނޑަކަށް ބަލަހައްޓައިގެން ހުންނާކަށް ފަސޭހައެއްނޫން، މާލޭގައި އަމާންކަން ގެއްލިގެންދާއިރު. އަޅުގަނޑަކަށް ބަލަހައްޓައިގެން ހުންނާކަށް ފަސޭހައެއްނޫން، މާރާމާރީ ހިންގާއިރު. އަޅުގަނޑަކަށް ބަލަހައްޓައިގެން ހުންނާކަށް ފަސޭހައެއްނޫން، އެއްވެސްކަހަލަ ރަޙުމެއްނެތި މަޢުޞޫމު މީހުން ކަތިލާ ވައްޓާލާތަން ބަލާކަށް. އެއީކީ އަޅުގަނޑަށް ފަސޭހަކަމެއްނޫން. އަޅުގަނޑަކަށް ބަލަހައްޓައިގެން ހުންނާކަށް ފަސޭހައެއްނޫން، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެގެންދާއިރު. އަންހެންވެރިންގެ ޙައްޤުތަކަށް އަރައިގެންދާތަން ބަލަހައްޓައިގެން ހުންނާކަށް. އަޅުގަނޑު އައީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭން. އަޅުގަނޑު އައީ ޤާނޫނު ތަންފީޒުކުރަން. އަދި އަޅުގަނޑު އައީ އެއިރު ނެތް ޤާނޫނެއް ރައްޔިތުންގެ މަޞްލަޙަތު ހިމާޔަތްކުރަން، އެ ޤާނޫނުވެސް ހަދަން. އަދި އެ ޤާނޫނު ހަދައިގެން ހިންގަންވެސްމެ.

 

އެހެންވީމާ، މީގެތެރެއިން އިސްތިސްނާ ބޭނުންވާ ބައެއްގެ މަވެތި ސިފަތައް މިއުޅެނީ އިސްވެގެން. މިއުޅެނީކީ އެއްވެސްގޮތަކަށް ޤައުމިއްޔަތުގެ ސިފަ އިސްވެގެނެއްނޫން. އެ ބޭފުޅުންނަކަށް ފަސޭހަފުޅެއްނުވާނެ، މިކަހަލަ ސާލެއްގެ ދަށުގައި ހުންނަވައިގެން މިކަހަލަ ވާހަކަ ދައްކަވާކަށް. އެ ބޭފުޅުން އަބަދުވެސް ދައްކަވަން އޮންނާނީ، އެ ބޭފުޅުންގެ ތެރޭގައި ކަންތައްތައް ހިނގާ ގޮތުގެ ވާހަކަ. މިވެނިކަމެއް މިވެނިގޮތަކަށްވީނަމަ މާ ރަނގަޅުވާނޭ. އަޅުގަނޑުމެން ޕާޓީގައި ދިމާވީ ކޮންކަމެއްތޯ. އެއީ ދޮގެއްތޯ އަޅުގަނޑުމެންގެ ރަށްރަށުގައި ޕާޓީގެ މެންބަރުންނަށް ތާއީދުކުރައްވާ ބޭފުޅުންނަށް ކޮންމެވެސްވަރެއްގެ ހީނަރުކަމެއް، މާޔޫސްކަމެއް އައިސްގެން މިއުޅެނީ، ރައްޔިތުންގެ މަޖިލީހުގެ މި ދާއިރާގެ މެންބަރާ ހަމައިން އައީ އެކަން ދޮގެއްތޯ؟ އެކަމަކު އެއީ ބޮޑު އަމާނާތެއް ހަވާލުކޮށްފައި އިންތިޚާބުކުރި މީހެއްނޫންތޯ؟ އެ އިންތިޚާބުކުރި އެ އަމާނާތް ހަވާލުކުރި މީހާ ފަދައިން، މުޅި ރައްޔިތުން އިންތިޚާބުކުރި މީހަކީ އަޅުގަނޑު.

 

އަޅުގަނޑުވެސް މިގޮތަށް އޭގެ ބައެއް ބޭފުޅުން ކަންތައް ކުރައްވާގޮތަށް އަޅުގަނޑު ކަންތައްކުރަން ދިމާކޮށްފިއްޔާ ވާނީ ކިހިނެއްތޯ؟ އެ ދަތުރު ޖެހިވަޑައިގެންނެވީ، އަޅުގަނޑުގެ ކުރިން ރައީސްކަން ކުރެއްވި ބައެއް ބޭފުޅުންނަށް. އުސޫލާއި، ހަމައާއި، އިންސާފާއި ރައްޔިތުންގެ މަޞްލަޙަތާއި، އަޅުގަނޑުމެންގެ އިންސާފު ދޫކޮށްލީމާ، ނުކުންނާނެ ނަތީޖާތައް ނުކުމެގެންދިޔައީ. އަޅުގަނޑު މިއައީ، ތާރީޚު އިޢާދަވިޔަނުދޭން. އެ ތާރީޚު އިޢާދަވިޔަނުދޭން އައި މީހެއް އަޅުގަނޑަކީ. އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތައް އެހެރީ ދުސްތޫރުގަޔާއި ޤާނޫނުތަކުގައި ކަނޑައަޅާފައި އަޅުގަނޑުމެން ގަބޫލުކުރާ ވިސްނުމާއި ފިކުރު، މި ފެންނަނީ، ރަށްށަށް އައީމާ. މި ރަށްރަށުން ޖަހަނީ، ތަރައްޤީގެ ވިންދު. މިރަށްރަށުން ގޮވާލަނީ، ތަރައްޤީ ގެންނަން. އެކަން ކުރުމުގައި، މިހާތަނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަސްޖެހިފައެއް ނޯންނާނެ. އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުންވެސް އަދި އަޅުގަނޑާ ވާދަކުރައްވާ އަޅުގަނޑުމެންގެ ފިކުރާއި، އަދި އަޅުގަނޑާ ވާދަކުރައްވާ އިދިކޮޅު ފިކުރުގެ ބޭފުޅުންނަކަށްވެސް އަޅުގަނޑު މިގެންނަ ތަރައްޤީ މިއަށްވުރެ ފުޅާކޮށް މިއަށްވުރެ ފުރިހަމައަށް ގެންނެވޭނެ ވާހަކައެއް ވިދާޅެއްނުވާނެ. އެ ބޭފުޅުން އެ ތިބީ މިހާރުވެސް ބިރުން ފިތްކަނޑައިގެންގޮސްފައި. ލޯނުން ލާރިއެއް ނަގައިގެން ރައްޔިތުންނަށް ކަމެއްކޮށްދޭން ވެއްޖިއްޔާ، ސަހަރޯ ގޮވަގޮވައި އެ ތިބެނީ. ދެން ކޮންކަމެއްތޯ އެމީހުންނަށް ކުރެވޭނީ.

 

އެހެންވީމާ، ދިއްދޫއަކީ، ސިޔާސީ ވިންދު ހިނގާ ރަށަކަށްވެފައި، މި ފެހި، ރަތާއި، ހުދުން ޒީނަތްތެރި ކުރެވިފައިހުރި ޓެންޓެއްގައި ހުރެގެން އަޅުގަނޑުމެން ދައްކަން ބޭނުންވަނީ، ޤައުމިއްޔަތުގެ ވާހަކަ. އަޅުގަނޑުމެންގެ ޤައުމަށް އިޚުލާޞްތެރިވާން އަޅުގަނޑުމެން ދަސްކުރަންޖެހޭ. އަޅުގަނޑުމެންގެ ޤައުމަށް އިޚުލާޞްތެރިވާން ދަސްނުކުރެވުނީމާ، ނޫނީވިއްޔާ ދަސްކޮށްގެން، އެކަންކޮށްދޭނަމޭ ބުނާ މީހުން ބޮޑެތި އަމާނާތްތަކުން އެއްކިބާވެގެން ދިޔައިމާ، އަމިއްލަވަންތަކަން އިސްކުރީމާ އަދި އޮތް އުސޫލު، ޤާނޫނީ ހަމަތަކުގެ ބޭރުން ބަދަލުކޮށްލަން ދިމާކުރީމާ، ނުކުންނަ އުނދަގުލާ އަޅުގަނޑުމެން މިއަދު މި ކުރިމަތިލަނީ. އެއީ، އެތެރެއިން ކަމަށްވީނަމަވެސް، މަޖިލީހުގެ ތެރެއިން ކަމަށްވީނަމަވެސް، ސުޕްރީމް ކޯޓަށް ވަދެގެން، އެ ހިންގި ޖަރީމާއެއްގެ ތެރެއިން ނަމަވެސް، އަދި ބޭރު ޤައުމުތަކަށް ގޮވާލައިގެން ކަމަށްވީނަމަވެސް، ލަޝްކަރު ގެންނަން ގޮވާލައިގެން ކަމަށްވީނަމަވެސް، އެކަންކަން ކޮށްގެން އެއުޅެނީ ކޮންބައެއްތޯ؟ ސަމާލުވޭ! އެއީކީ، އަޅުގަނޑުމެން މިކަހަލަ މަޢުޞޫމު މުޖުތަމަޢެއްގެ ތެރޭގައި ތިބެގެން، އަޅުގަނޑުމެން އެކަންކުރަން ބޭނުންވާ ގޮތެއްނޫން. ބޭރުގެ ބަޔަކު ރާއްޖެއަށް އައިސް، ރާއްޖޭގެ ކަންތައްތައް ހަމަޖައްސާފައި، ރާއްޖޭގައި ލަޝްކަރެއް ބާއްވަންޏާ، މި ދިވެހި ފަސްގަނޑުގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަޅުގަނޑުމެންގެ ހުރިހާ މިނިވަންކަމުގެ ކުރިމަތީގައި އަޅުގަނޑުމެންނަކީ، ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ނޫން، ކޮންގޮތެއްތޯ އަޅުގަނޑުމެންނަށް އޮތީ.

 

އެހެންވީމާ، އަޅުގަނޑުމެން ބޭނުމެއްނޫން، އަޅުގަނޑުމެންގެ ރަށުގައި އަޅުގަނޑުމެންނަކީ، ދެވަނަ ދަރަޖައިގެ ރައްޔިތުންނަށްވާކަށެއް. އަޅުގަނޑުމެންގެ ޢަޒުމާއި، އަޅުގަނޑުމެންގެ ޖޯޝާއި، އަޅުގަނޑުމެންގެ ވިސްނުމާއި، މިއާއެކީ އަޅުގަނޑުމެން ޤައުމު ބިނާކުރާނީ. އެ ވިސްނުން އަޅުގަނޑުމެންގެ ތެރޭގައި ނާންނަކަމަށްވަންޏާ، އެކަންކުރަން ނޭނގޭ ބަޔަކު، ބޭރުގެ މީހުންނަށް ދަޢުވަތު ދިނީމާ، ގަބޫލުކުރަން އެބަޖެހޭ، އުފުލަންޖެހޭ މަސްއޫލިއްޔަތުންވެސް އެ މީހުން އެތިބީ އެއްކިބާވެގެން. އެހެންވީމާ، އެވަރު ބަޔަކާ ކަންކަން ހަވާލުކުރާއިރު، އަޅުގަނޑުމެން އެބަޖެހޭ ދެވަނަ ވިސްނުމަކަށް ދާން.

 

އެހެންވީމާ، ދިއްދޫގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ މިކަހަލަ ވާހަކަތަކެއް. އެންމެ އަމާނާތްތެރި ސިފައަކީ، މުޅި ޤައުމުދެކެ ލޯބިވާންޖެހޭ ސިފަ. އޭގެތެރޭގައި އެންމެބޮޑު ބަހާއެއްގެ ގޮތުގައި މިއޮތީ، އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެން ރައްކާތެރިކުރާނަމޭ، ދީނަށް ގަދަކަން ދޭނަމޭ.

 

ދެންއޮތީ، ޤައުމީ ސިފަތައް. އޭގެފަހުން މި އޮންނަނީ، ޞުލްޙައާއި މަޞްލަޙަތާއި، ދެންހުރި ކަންތައް. އެހެންވީމާ، ވަރަށް ފަސޭހަވެގެން ހިނގައްޖެ، މިއަދު މި ޓެންޓުގައި ހުރެގެން މި ވާހަކަ ދައްކަން. ޤައުމީ ސިފަތަކުން އަޅުގަނޑުމެން ޖަރީވާން، ޒީނަތްތެރިވާން ދަސްކުރަންޖެހޭ. މި ސިފަތައް މިހާތަނަށް ދޫކޮށްލާފައި ތިބި މީހުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އެ ސިފަތައް ދޫކޮށްލާފައިވާ މީހުންނަކީ، އެމީހުންގެ ޠަބީޢަތުގައިވެސް، އެ މީހުންނާ ހަވާލުވާ އަމާނާތަށް ފުރަގަސްދޭ ބައެއް. އެހެންވީމާ، އެމީހުންގެ ފަހަތުން ހިނގުމުގެ ބޭނުމެއް އެބައޮތްތޯ. އެ މީހުންގެ ފަހަތުން ހިނގައިގެން އަޅުގަނޑުމެންނަކަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނޯންނާނެ. ނުރައްކާތެރިކަމާއި، އަނިޔާވެރިކަމާއި އަދި އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި އަދި އަޅުގަނޑުމެންނަކީ، މިދެންނެވި ގޮތަށް ހިތްދަތި ބައެއްގެ ގޮތުގައި އިންތިޒާރުކުރާ ބައެއް ކަމަށްވަންޏާ، އެކަމައިގެން އަޅުގަނޑުމެން ކުރިއަށްދާނީ.

 

އެކަމަކު ﷲ ގެ މަގުގައި ޤައުމިއްޔަތުގެ ސިފަތަކާއެކީ، ދިވެހިރާއްޖެއަށް ހަމަޖެހުމާއެކީ، ތަރައްޤީ ގެންނަކަމަށްވަންޏާ، އަޅުގަނޑުމެންގެ މަސައްކަތުގައި މާތް ﷲގެ ބަރަކާތް މިންވަރު ކުރައްވާނެ!

 

وَمَـا تَوْفِيقِي إِلَّا بِاللّـــه عَلَيْـهِ تَوَكَّلْتُ وَإِلَيْـهِ أُنِيبُ

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.