بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެވެރި اللّـه سبحانه وتعالى އަށް ޙަމްދުކޮށް، ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 

ކެލާގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

 

އަޅުގަނޑު މި ރަށަށް ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން އައިހިނދު، ތިޔަ ހުރިހާ ބޭފުޅުންގެ ހިތްޕުޅުގައި އޮތް ލޯބި އަޅުގަނޑަށް ހާމަވެގެންދިޔަ. ވަރަށް ދިގު ސަފެއްގައި ވަރަށް ގިނައިރުގެ އިންތިޒާރުގައި ތިޔަބޭފުޅުން ތިއްބެވިކަން އަޅުގަނޑަށް އިޙްސާސްކުރެވޭ. އަދި ދާއިރާގެ މެންބަރުގެ ވާހަކަފުޅުގައި އެ ވިދާޅުވީ މި ރަސްމިއްޔާތަށް ތައްޔާރުވުމަށްޓަކައި ތިޔަބޭފުޅުން އުފުއްލެވި ބުރަ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޝައްކެއްވެސްނެތްގޮތުގައި، ތިޔަބޭފުޅުން އަޅުގަނޑުގެ އިސްތިޤުބާލުގައި ތިއްބެވީ އަޅުގަނޑު ގަބޫލުކުރަނީ، ހެޔޮހިތުން އަޅުގަނޑު ބަލައިގަތުމަށްޓަކައޭ. އެކަމަށްޓަކައި ކެލާގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ހިފެހެއްޓުމެއްނެތި މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

 

އާދެ، އަޅުގަނޑުމެން މި ރަށްރަށަށް އަންނައިރު، އަޅުގަނޑުމެންނަށް ފެނިގެންދާ ބައެއް އިޙްސާސްތައް، ނޫނީ ފެނިގެންދާ ކަންކަމުން، އަޅުގަނޑަށް ކުރެވޭ ބައެއް އިޙްސާސްތައް އަޅުގަނޑު ދަންނަވާލާނަން. އެއީ، އަޅުގަނޑުގެ ވާހަކައަށް ފުރަތަމަ ދިޔުމުގެ ކުރިން. އަޅުގަނޑަށް ކުރެވޭ އިޙްސާސްގައި ޝައްކެއްވެސްނެތްގޮތުގައި، ޤައުމުގެ ވެރިޔަކު ރަށްރަށަށް ޒިޔާރަތްކުރީމާ، ރައީސާ ބައްދަލުކުރަން ބޭނުންވާ މީހުން، ޝައުޤުވެރިކަން ހުންނަ މީހުން އަޅުގަނޑަށް ފެނިގެންދާނެ. ހަމައެއާއެކީ، ރައީސަކު އައުމުން ރައީސަށް އިސްތިޤުބާލު ކިޔާއިރު، އެ ރަށްރަށަށް ދަތިވެފައިހުރި ކަންތައްތަކުގެ ވާހަކަ އަދި އެކަންކަމަށް ޙައްލެއް ގެނެސްދޭނެތޯ، އެކަމުގެ ރައްޔިތުން ތިބި އިންތިޒާރުގެ ވާހަކަ ރައްޔިތުންގެ ޚިޔާލަށް އަންނާނެކަން އަޅުގަނޑަށް އިޙްސާސްކުރެވޭ. މިއަދު އަޅުގަނޑު އައިސް ތިޔަބޭފުޅުންނާއެކީ މި ބައިވެރިވާ އުފަލަކީ، ތިޔަބޭފުޅުންނަށް ނަރުދަމާގެ ޚިދުމަތް ނިމިގެންގޮސް އޭގެ ފަސޭހަކަން ލިބިގެންދާތީ.

 

ޝައްކެއްވެސްނެތްގޮތުގައި، ކޮންމެ ރަށަކަށްވެސް ނަރުދަމާގެ ޚިދުމަތް ބޭނުންވާނެ. ހަމައެހެންމެ، ބޯފެނުގެ ޚިދުމަތް ބޭނުންވާނެ. މަގުތައް ހެދިގެންދާންވާނެ. ސްކޫލްތައް އެޅިގެންދާންވާނެ. ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިވެގެންދާންވާނެ. ކަރަންޓުގެ ޚިދުމަތް މަތިވެގެންދާންވާނެ. މި އިވޭ އަޑުތަކުގެ ތެރޭގައި އަޅުގަނޑަށް ހައްތަހާވެސް މި އިވެނީ، ރަށްރަށަށް އައިމާ، ރައްޔިތުން އެދިފައިހުރި ކަންތައްތަކުގެ ވާހަކަ. މި ރަށްރަށަށް އައިމާ، އަޅުގަނޑު ދެކެނީ މި ރަށްރަށުގައި މިތިބީ، ރައްޔިތުންގެ ކަންކަމާ ވިސްނައި އަދި ރައްޔިތުންގެ ހާލަތު ބަދަލުކުރުމުގެ ޤާބިލިއްޔަތު ހުރި ރައްޔިތުންކަމަށް. އަޅުގަނޑުމެންގެ ކަންކަން ނިންމާނީ އަޅުގަނޑުމެން. މި އައިސް ތިޔަބޭފުޅުންނާ ކުރާ ޒިޔާރަތްތަކުގައި އަޅުގަނޑު ތިޔަބޭފުޅުންނާ ބާއްވާ ބައްދަލުވުމުގައި ތިޔައިން އެއްވެސް ބޭފުޅަކު އަޅުގަނޑު ކައިރިއަކު ވިދާޅެއްނުވޭ، ކުށްވެރިން ދޫކޮށްލާށެކޭ. ތިޔަބޭފުޅުންނަށް ކަންބޮޑުވެގެން އެ ވާހަކަ އަޅުގަނޑަކަށް ހުށަހެއްނާޅުއްވާ. އަދި ރައްޔިތުންގެ ވަކިވަކި ގްރޫޕްތަކާވެސް އަޅުގަނޑު ބައްދަލުކުރަން. އަޅުގަނޑުގެ ޓީމުތައްވެސް އަޅުގަނޑުމެންގެ މި މަސައްކަތުގައި އެބަ ވަޑައިގަންނަވާ. އެބޭފުޅުން ނުދައްކަވާ ދިވެހިރާއްޖޭގައި ޑިމޮކްރަސީ ނެތް ވާހަކައެއް. އަދި ދިވެހިރާއްޖޭގައި އިސްލާމްދީން އޮވެގެން، އެކަން ހިމާޔަތްކުރަން ކުރާ މަސައްކަތާ ދޭތެރޭގައި ކަންބޮޑުވެގެން، ދިވެހިރާއްޖޭގެ ރައްޔިތުން އެ ޝަކުވާތަކެއް ނޫނީވިއްޔާ އެކަހަލަ ވާހަކައެއް އަޅުގަނޑުމެންނަކަށް ހުށަހެއްނާޅާ.

 

ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންނާ އަޅުގަނޑުމެންނާ ބައްދަލުވެއްޖެ. އަޅުގަނޑުމެން މި ކުރާ ޒިޔާރަތުގައި ވަރަށްގިނަ ރައްޔިތުންނާ ބައްދަލުވޭ. މިދާ ރަށްރަށުގައި ތިއްބެވީކީ ހަމައެކަނި އެންމެ ފިކުރެއްގެ ރައްޔިތުންނެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، އަޣްލަބިއްޔަތު އޮންނަ ފިކުރު އޮވެދާނެ. އެކަމަކު އެއާއެކީވެސް، ޚިޔާލުތަފާތުވާ، ސިޔާސީ ފަލްސަފާ ތަފާތުވާ މީހުންވެސް ތިބޭނެ. އެކަމަކު އަޅުގަނޑު އުފަލާއެކީ ދަންނަވަން ބޭނުންވަނީ، މުޅި ރައްޔިތުންގެ ޙައްޤު އެއްކިބާކޮށްފައި، ހަވާސާކޮށްފައި، ވަކިވަކި ފަރުދުންގެ ވާހަކަތަކެއް، އަޅުގަނޑާ ހަމައަށް މިކުރި ދަތުރުތަކުގައި އައިސްފައެއްނެތް. ދިވެހިރާއްޖޭގައި ޑިމޮކްރަސީ ނެތްވާހަކައެއް އައިސްފައެއްނެތް. ދިވެހިރާއްޖޭގައި އިސްލާމްދީނަށް ބާރުވެރިކުރުވަން އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ މަސައްކަތާ ދޭތެރޭގައި ސުވާލު އުފެދޭ ރައްޔިތަކު ނެތް. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ގޯސްވެގެން، އެ ވާހަކަ ދައްކާ ރައްޔިތުންނެއް ނެތް. ޞިއްޙީ ފަރުވާގެ އުނި ކަންކަން ހުރީމާ، ޞިއްޙީ ފަރުވާގެ ފެންވަރު ރަނގަޅު ކުރަންޖެހޭ ވާހަކަ ދައްކާ. ދަރުމަވަންތަ ހޮސްޕިޓަލެއް މާލޭގައި 25 ބުރިއަށް އެޅިގެން ގޮސްފައި އަދި އެތަނަކީ، ދިވެހިރާއްޖެ މިއިން ޒަމާނަކު ނުދެކޭވަރުގެ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބިގެންދާނެތީ، އެކަމުގެ އުފާކުރާތަން އަޅުގަނޑަށް ފެނިގެންދަނީ. އެކަމާ ދޭތެރޭގައި ސުވާލު އުފައްދާ ބައެއް އަޅުގަނޑަކަށް ނުފެނޭ.

 

އެހެންވީމާ، އަޅުގަނޑު މި ހިނގާ ހިނގުމުގެ ތެރޭގައި، އަޅުގަނޑާއެކީ ސިޔާސީގޮތުން ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންނާއެކީ މަސައްކަތް ކުރައްވަން ތިއްބެވި ބޭފުޅުން، މި ދައްކަވާ ފަރުދީ ވަކިވަކި ވާހަކަތަކެއް އަޅުގަނޑާ ހަމައަކަށް، އެ ބޭފުޅުންނަށް ތާއީދުކުރާވެސް ޖުމުލަ ރައްޔިތުންގެ ފަރާތުން މައްސަލަތަކެއްގެ ގޮތުގައި ހުށަހެއްނާޅާ. އަޅުގަނޑާ ހަމައަކަށްނާދޭ. ޖަލުގައި ތިބި ކުށްވެރިން އެއްވެސް ކަހަލަ ގިންތިއެއް މިނެއްނެތި، ބަލާނުލައި ހަމަ ދޮރުހުޅުވައިލާފައި އެންމެން ދޫކޮށްލާ ވާހަކައެއް އަޅުގަނޑުމެންނާ ހަމައަކަށް ނާދޭ. އެތަންތަނުގައި ތިބި މީހުންނަކީ، ކޮންކަހަލަ ގިންތިތަކެއްގެ، ކޮންކަހަލަ ކުށްތަކެއްގައި ތިބި ބައެއްކަން ރައްޔިތުންނަށް އިޙްސާސްކުރެވޭ. ޒިންމާދާރުކަމާއެކީ، ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރާ ބަޔަކު ވެއްޖިއްޔާ، ކޮންމެވެސް ކަހަލަ ކަންތައްތަކެއް ހުންނާނެ ވިސްނާލަން.

 

އަޅުގަނޑުމެން މި ރަށްރަށަށް އައިމާ، ކެލާއިންވެސް އިވިގެން މިދިޔައީ، އަޅުގަނޑުމެންނަށް އުފާވެރި ޚަބަރު. ނަރުދަމާ ހަމަޖެހިގެންދިޔައީ. ދެންވެސް ކެލައިން އަޅުގަނޑުގެ ކައިރީގައި އެދިވަޑައިގަންނަވާ ކަންކަން ހުންނާނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ޚިޔާލުގައި އެއްވެސްކަހަލަ ވަސްވާހެއް އެކަމުގައި ނުއުފެދޭ. އެކަމަކު ދާއިރާގެ މެންބަރު ތިޔަބޭފުޅުންނާ މަޝްވަރާ ކުރައްވާފައި އެ ވިދާޅުވީ، ދާއިރާގައި އަދި އެބަހުއްޓޭ ކަންތައްތައް. ޝައްކެއްވެސްނެތް، އިންސާނީ ޠަބީޢަތަކީ މިއީ. އަދި އަޅުގަނޑު ހިތްވަރުދެނީވެސް، އެކަންކަން އަޅުގަނޑަށް ހުށަހަޅުއްވަން. އެއީ ކީއްވެގެންތޯ އަޅުގަނޑަށް ހުށަހަޅުއްވަންވީ. އެއީ، ތިޔަބޭފުޅުން އެބަ ގަބޫލުފުޅު ކުރައްވާ، ޢަލީ ޢާރިފުގެ ވާހަކައިގައިވެސް އެ ވިދާޅުވީ. މޫސާމަނިކުގެ ވާހަކައިގައިވެސް އެ ވިދާޅުވީ. އަދި ޠާރިޤު އިބްރާހީމްގެ ވާހަކައިގައިވެސް އެ ވިދާޅުވީ. ކަންތައްތަކެއް ރައްޔިތުންނާ ހަމައަށް އައިމާ، އަދި އެއައި ބޮޑެތި ކަންތައްތަކަކީ، ރައްޔިތުން މިއިން ޒަމާނަކު އިންތިޒާރު ނުކުރާވަރުގެ ހަލުވިމިނުގައި އަދި އެ ސްޕީޑުގައި އައި ކަންތައްތަކަށްވާތީ، ރައްޔިތުން އިތުރަށް ބޭނުންވާ ކަންތައްތަކުގެ އުއްމީދު އިތުރުވެގެން މިދަނީ. އެއީ، އަޅުގަނޑު މިދަންނަވަނީ، ރައްޔިތުންގެ ދިރުމެއް ހުރިއްޔާ، ރައްޔިތުންގެ އުއްމީދުތަކެއްވާނޭ. އެ އުއްމީދުތަކެއް ހުރެއްޖެ ކަމަށްވަންޏާ، ވިންދުޖަހާ ކަމަށްވަންޏާ، އެ އުއްމީދުތައް ފުރިހަމަކޮށްދޭނެ ބަޔަކު އަންނަންވާނެ. މި ވާހަކަ ދައްކަން އަޅުގަނޑުމެންނާއެކީ އަންނަންވީ ސިޔާސީ އެހެން ލީޑަރުން. މިއިން ރައްޔިތުންނަށް ފައިދާކުރާނީ. ބަލައިނުލާ ގިންތިއެއް، މިންވަރެއް، ކުރިކުށެއް. ބަލައިނުލައި އަދި ފްލަޑް ގޭޓެއްގެ ދޮރު ހުޅުވާލާފައި، މީހުންތަކެއް މިނިވަންކުރުމަކުން އެއީކީ، މުޅި ރައްޔިތުންނަށް ބޭނުންވާ ކަމެއްކަމުގައި އަޅުގަނޑު ނުދެކެން.

 

މިއަދު ކެލައިން، އަޅުގަނޑު ކައިރީ ވިދާޅުވާ ވާހަކަތަކެއް ހުންނާނެކަންނޭނގެ. އެހެންނަމަވެސް، ކެލާގެ ރައްޔިތުން އަޅުގަނޑަށް ކަށަވަރު ތިޔަކޮށްދެއްވަނީ، ރައީސް ޔާމީން ތިމަންނާމެން ހޮވާނަމޭ. ބޮޑު އަޣުލަބިއްޔަތަކުން ހޮވާނަމޭ. ހޮވުމަށްފަހު، ތިމަންނާމެން އަންނާނަމޭ ރައީސާ ވާހަކަ ދައްކަން. އަޅުގަނޑު ދަންނަވާނީ، އާދޭހޭ! އަޅުގަނޑު ދަންނަވާނީ، އާދޭހޭ! އަޅުގަނޑަކީ، އަބަދުވެސް ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން ރައްޔިތުންނަށް ފުއްދައިދެވޭތޯ މަސައްކަތްކުރާ މީހަކީމޭ. މި ރަށުގެ ތަފާސް ދެންމެ ޢަލީ ޢާރިފުގެ ވާހަކަފުޅުގައި އެ ގެންނެވީ. 2013 ގެ ކުރީގައި މިދިޔަ އަހަރުތަކުގައި މިރަށަށް ހޭދަވެފައި މިއޮތީ ޖުމުލަ އަށެއްކަ މިލިއަން ރުފިޔާ. އެކަމަކު، މިހިނގާ ހަތަރު އަހަރު ބައި، ނޫނީ މިހިނގާ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 104، 105 މިލިއަން ރުފިޔާ ހޭދަވެއްޖެ. އެހެރީ މަޝްރޫޢުތަކެއް ހިނގާފައި. އަދިވެސް މި ރަށަށް ބޭނުންވާ ބޮޑެތި ކަންކަން ސޮއިކުރެވި، ކޮންޓްރެކްޓް ކުރެވިފައި ހުރި ވާހަކަ ޢަލީ ޢާރިފު އެ ވިދާޅުވީ.

 

މިއަދުވެސް، އަޅުގަނޑަށް އެނގޭ، ކެލާގެ ބައެއް އިޙުސާސް. އަޅުގަނޑުމެން މިތިބީ މިހިރަ ސްކޫލްގެ ޕްރެމިސަސްގެ ތެރޭގައި. ދަނޑުގައި އަޅުގަނޑުމެން މި ޖަލްސާ މިކުރަނީ. މި ސްކޫލްގައިވެސް މަލްޓި ޕަރޕަސް ހޯލެއް އަޅަން ދެ އަހަރު ބަޖެޓުގައި ޖަހާފައި. އެހެންނަމަވެސް، އެކަން ނުކުރެވިގެން ވޭތުވެދިޔަ ދެ އަހަރުވެސް އެކަން އެ ދިޔައީ. ސްކޫލަށް ފޮނުވާ ކިޔަވާ ކުދިންނަށް ރަނގަޅު ތަޢުލީމެއް ދިނުން އަދި އެއަށްވުރެ މުހިންމީ ތަރުބައްޔަތެއް ދިނުން. މިއީ، ކޮންމެ މަންމައަކު، ކޮންމެ ބައްޕައަކު އެދޭނެކަމެއް.

 

ސިޔާސީ ފިކުރު ކޮންމެގޮތަކަށް ކަފިވެފައިއޮތަސް، ކުއްޖާއަކީ ރަނގަޅު ތަރުބިއްޔަތެއްގައި ހުންނަން ބޭނުންވާނެ ކުއްޖަކަށްވުމަށް މަންމަ، ބައްޕަ ހެޔޮއެދޭނެ. ހެޔޮއެދޭ ކޮންމެ ބައްޕައެއްގެ، މަންމައެއްގެ އިންތިޒާރަކަށްވާނީ، އުއްމީދަކަށްވާނީ މިއީ. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، މި ސްކޫލްގެ މަލްޓި ޕަރޕަސް ހޯލަކީ، ސްކޫލަށް ކޮންމެހެން މުހިންމުކަމެއް. އަޅުގަނޑު ހަމަ މިއަދުވެސް އުފަލާއެކީ ދަންނަވާލާނީ، އިރާދަކުރެއްވިއްޔާ އަދި މި ފައިސާއަކީ، މި ވަގުތު ބަޖެޓުގައި ޖަހާފައި ނެތްކަމަށްވިޔަސް، އަޅުގަނޑުމެން މީގެތެރޭގައި ގޮތްތަކެއް ނިންމައިފީމޭ. އެޑިޔުކޭޝަން މިނިސްޓްރީން ގޮތްތަކެއް ހޯދާފައި، އަޅުގަނޑާ ހަމައަށް އަތުވެއްޖެ. އަޅުގަނޑު އެކަންކުރަން ހުއްދަދީފިން. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މި މަލްޓި ޕަރޕަސް ހޯލު އެޅިގެންދާތަން ފެންނާނެ.

 

އަޅުގަނޑާއެކީ ވާދަކުރައްވާ ބޭފުޅުން ވަޑައިގެން ވިދާޅުވޭ މި ވާހަކަ. ކެލާގެ ރައްޔިތުންގެ އަރިހުގައި ވަޑައިގެން ވިދާޅުވޭ މިވާހަކަ. ކެލާގެ ރައްޔިތުންގެ އަރިހުގައި ވިދާޅުވޭ، ކެލާއަށް އަންނަ ކުރިއެރުމާއެކީ ކެލާގެ ރައްޔިތުންވެސް ބޭނުންވާނެ، ފަސޭހަކޮށް ބޭންކުގެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާން. މިތަނުގައި އޭ.ޓީ.އެމް. މެޝިނަކީ ބޭނުންވާ ކަމެއް. ކެލާގެ ރައްޔިތުން އަޅުގަނޑު ކަރީގައި ލިސްޓެއް ވިދާޅުވުމުގެ ކުރިން އަޅުގަނޑު ހަމަ ކެލާގެ އިޙުސާސްތައް ކޮންމެވެސްވަރަކަށް އެނގިފައި ހުރީމާ، އަޅުގަނޑަށް މިހާރުން މިހާރަށް ހަމަޖައްސައިދެވެން ހުރި ކަންތައް އަޅުގަނޑު ކޮށްދޭނަން. އެއީ، ކޮންމެހެން އިންތިޚާބުގެ ވޯޓަކަށް ޝަރުޠުކޮށްފައި ކުރާ ކަންކަމެއްނޫން. ކޮންމެ ރައީސަކުވެސް، ކޮންމެ ލީޑަރަކުވެސް ޚިދުމަތް ކުރަންވާނީ އެގޮތަށް. އިންތިޚާބުގައި ވޯޓު ދިނުމަކީ، އެ ރައީސެއްގެ، އެ ލީޑަރެއްގެ ޚިދުމަތް ރައްޔިތުން ބަލައިގަނެފައި، ބަލައިގަންނަ މިންވަރު ދައްކައިދޭ ކަމެއް. އިޚުލާޞްތެރިކަމާއެކީ ރައްޔިތުންނަށް ޚިދުމަތްކުރުމަކީ، ޝަރުޠަކާއެކީ ރައީސް ކުރާކަމެއްނޫން.

 

އެހެންވީމާ، އަޅުގަނޑު އައިސް ރަށްރަށުގައި މި ކޮށްދިން ކަންތައްތަކަކީ، މިހާތަނަށް ކޮށްދިން ކަންތައްތަކަކީ، އެއްގޮތަކަށްވެސް، ކަންތައްތަކެއް ޝަރުޠުކޮށްފައި ކޮށްދޭ ކަންކަމެއްނޫން. އަޅުގަނޑު ދެކޭގޮތުގައި ރާއްޖެއަކީ، ހަމަޖެހިގެން ތަރައްޤީއާއެކީ ދުނިޔޭގައި އުޅެންޖެހޭ ބައެއް. އަޅުގަނޑުމެން މި ސަރަޙައްދުގައި އުޅޭއިރު އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ކަންކަން އަމިއްލައަށް ފުދުންތެރިކަންމަތީގައި އަމިއްލަ ފައިމަތީގައި ތިބެގެން ކުރެވޭވަރުގެ ބަޔަކަށް، އެ ޤާބިލުކަން އަޅުގަނޑުމެން އުފައްދަން އެބަޖެހޭ. އެ ޤާބިލުކަން އުފެއްދޭނީ، ރައީސަކަށް އަންނަ މީހެއްގެ ހިތުގައި އެވަރުގެ އުއްމީދަކާއި، އެވަރުގެ ލޯތްބަކާއި އަދި އެވަރުގެ ހަކަތަ ހުރެގެން. ކަންކަން ކުރާނެގޮތް އޭނާ ޖެހޭނީ އީޖާދުކުރަން. ފައިސާ ހޯދާނެގޮތް އޭނާ ޖެހޭނީ ދެނެގަންނަން.

 

އަޅުގަނޑުމެން ކަމަކަށް ނޭދި، ކަމެއް ބޭނުންނުވެ ތިބެގެންނެއް، އަޅުގަނޑުމެންނަކަށް ފައިސާއެއް ނުލިބޭނެ. ތިޔަ ބްރިޖު އެޅި ވާހަކަ ދައްކާއިރު، ތިޔަ ބްރިޖަކީ ހަމަ ހުރިހާ އެންމެން އަރަން އޮންނަ ބްރިޖެއް. އެކަމަކު ބްރިޖް ހޯދަންވެސް، ފައިސާ ހޯދަންވެސް، ނުކުމެ މަސައްކަތްކުރީމަތާ އެނގޭނީ، ކިހާވަރަކަށް އެކަންވާނެތޯ. ﷲގެ ރަޙްމަތުން މިހާރު އެއޮތީ އެކަން ކުރެވިފައި.

 

މި ރަށުގެ އޭ.ޓީ.އެމް މެޝިންގެ ވާހަކަވެސް އަޅުގަނޑު ހަމަ ދަންނަވާލާނަން. އިރާދަކުރެއްވިއްޔާ މިއަހަރު ހުސްވުމުގެ ކުރިން، މި ރަށުގައި އޭ.ޓީ.އެމް. މެޝިނެއް ހުންނާނެ. ކޮންމެހެން ސެޕްޓެންބަރު 23 ގައި ނަގާ ވޯޓަކަށް އިންތިޒާރު ކުރައްވާނެ ކަމެއްނެތް މިކަމުގައި. އަޅުގަނޑަށް ފުދޭ، އަޅުގަނޑުގެ ޚިދުމަތް ބަލައިގަންނަ ރައްޔިތެއް އޮތިއްޔާ. ތިޔަބޭފުޅުން އަޅުގަނޑާ ދޭތެރޭގައި އޮންނަ ގާތްކަމުގައި ސެޕްޓެންބަރު 23 ގައި ދެއްވާ ވޯޓަކީ، އަޅުގަނޑުމެންގެ ޖީލު، އަޅުގަނޑުމެންގެ އުއްމީދުތައް، އަޅުގަނޑުމެންގެ ޤައުމު އާރާސްތު ކުރުމާ ދޭތެރޭގައި ތިޔަބޭފުޅުން އުއްމީދު އޮތްގޮތް ތިޔަބޭފުޅުން ދައްކަވައިދެއްވާ ކަމެއް. މިއީކީ ރައީސް ޔާމީނަކަށް ޒާތީގޮތުން، އަމިއްލަގޮތުން، ޝަޚްޞީގޮތުން ކޮށްދެއްވާ ކަމެއްނޫން. ރައްޔިތުންގެ އެތައް ޙައްޤުތަކެއް ހިމެނިގެންދާ ކަންކަން މިއީ. އަޅުގަނޑުމެން މި ރަށްރަށުގައި ކުރަން ބޭނުންވާ ކަންކަމަކީ، ތަރައްޤީގެ މަސައްކަތް ކަމަށްވެދާނެ. އެކަމަކު މި ހުރިހާ ކަމަކަށްވުރެ އިސްކަމަކީ، އަޅުގަނޑުމެން ގަބޫލުކުރާ އިސް ސިފަތަކެއް އަޅުގަނޑުމެންގެ ތެރޭގައި ހުރުން. އެ ސިފަތަކުގެ ތެރޭގައި ޤައުމީ ސިފަ އަޅުގަނޑުމެން އިސްކުރަން އެބަޖެހޭ. މިއީ، ކިތަންމެ ބިޔަ ރާޅުނަގާ ކަނޑެއް އޮތް ކަމުގައިވީނަމަވެސް، މިއީ މުސްތަޤިއްލު، މިނިވަން، އަމިއްލައަށް އަމިއްލަ ކަންކަން ނިންމުމުގެ ބާރާއި އިޚުތިޔާރު އަދި ފުދުންތެރިކަމާއި އެވަރުގެ ހަކަތަޔާއި އެ ވިސްނުންހުރި ދަރިންތަކެއް ތިބި ޤައުމެއް ކަމަށް އަޅުގަނޑުމެން ނިންމަން އެބަޖެހޭ. މިތަނުގެ ކަންކަން ނިންމާކަށް ބޭރުގެ ފަރާތްތަކަށް އެއްގޮތަކަށްވެސް އަޅުގަނޑުމެން ދަޢުވަތު ދީގެން ގެންނާކަށްނުޖެހޭ. މި ހުރިހާ ކަމަކަށްވުރެ މުހިންމު ކަމަކީ މިއީ.

 

ކީއްވެގެންތޯ ޤައުމީ ސަލާމް މި ކިޔަނީ. ކީއްވެގެންތޯ މިނިވަން ދިދައެއްގެ ވާހަކަ މި ދައްކަނީ. ކީއްވެގެންތޯ ފަރުދީ މިނިވަންކަމުގެ ވާހަކަ ދައްކަނީ. ފަރުދެއްގެ މިނިވަންކަން އޮންނަ ކަމަށްވަންޏާ، ފަރުދުން ޖުމުލަކޮށް ތިބޭނީ ރަށެއްގައި. އެ ރަށުގެ މިނިވަންކަމުގެ ކަރާމާތް މާ އިސްކުރަންޖެހޭ، ފަރުދެއްގެ މިނިވަންކަމަށްވުރެ.

 

އެހެންވީމާ، ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން އޮންނައިރު، އަޅުގަނޑުމެންނަށް އިޙުސާސް ކުރެވެނީ، އަޅުގަނޑުމެންގެ މިނިވަންކަންނެތި، އެހެން ބަޔަކަށް ޖިޒީ ދައްކައިގެން ތިބިއިރު، އަޅުގަނޑުމެން ކޮންކަހަލަ ހާލެއްގައިތޯ އުޅުނީ. އަޅުގަނޑުމެން މާ ދުރަށް ނުދަމާ ހިންގަވާ! ނޮވެލްޓީން އަބަދު ނުކުންނާނެ ތާރީޚު ފޮތްތައް. އޭގައި ބައްލަވާ، ދިވެހި ތާރީޚުގައި އަޅުގަނޑުމެން ޖިޒީ ދައްކައިގެން އުޅުނުއިރު، އަޅުގަނޑުމެން އުޅެންޖެހުނު ހާލު. ކީއްކުރަންތޯ 21 ވަނަ ޤަރުނުގައި ހުރިހާ ދަރިންނަށް ތަޢުލީމުދީގެން އަދި އަޅުގަނޑުމެންގެ ތެރޭގައި ނުކުންނަ މީހުންނަކީ ޕީ.އެޗް.ޑީ. ހަދައިގެން ނުކުންނަ މީހުން. އަދި އަޅުގަނޑުމެންގެ ތެރޭގައި ރިސަރޗް ކުރާ މީހުން އެބަތިބި. ޢިލްމުވެރިން އެބަތިބި. ކަންކަމަށް ފަތުވާދެއްވާ ބޭފުޅުން އެބަތިބި. މިހުރިހާ ވަރެއްކޮށްފައި، ދެން އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމު ހިންގާނެގޮތް، ބޭރު މީހުންގެ ލަފަޔާއި މަދަދަށްތޯ އެދެންވީ. އެއީތޯ އަޅުގަނޑުމެން ކުރަންވީ ކަމަކީ. އެހެންކަމަށްވަންޏާ، ހިންގަވާ، އަޅުގަނޑުމެންގެ ދީނުގެ ކަންކަމާ ވާހަކަދައްކާލައި އެ ހިސާބަށް ޖެހިލަމާ.

 

ޔޫރަޕުގައި ބައެއް ޤައުމުތަކުގައި މިކަން އޮތްގޮތް ޢަލީ ޢާރިފު އެ ވިދާޅުވެދެއްވީ. އެ މިސާލަށް އަޅުގަނޑުމެން ދާން ބޭނުމެއްވެސްނޫން. އެކަމަކު ޢަލީ ޢާރިފު އެ ވިދާޅުވީ އެކަން އޮތްގޮތް. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މިއަދުވެސް ވޯޓެއް ނަންގަވާ. 90 އަށްވުރެ މަތިން އިންސައްތަ ބުނާނެ، ދިވެހިރާއްޖޭގައި އެހެން ދީނަކަށް ޖާގަދީގެންނުވާނޭ. މިއީ، ރައީސް ޔާމީން ދައްކާ ވާހަކައެއްނޫން. މިއީ، ރައްޔިތުންގެ އަޑު. މިވަގުތު ވަލިއްޔުލްއަމުރަކަށް ހުންނަ މީހަކު ރައްޔިތުންގެ އަޑު އުފުލައިދޭގޮތް މިއީ. ރައްޔިތުންނަށްޓަކައި އަވަށްޓެރިންނަށްޓަކައި ދުނިޔޭގެ ތަހުޒީބު ޤައުމަށްޓަކައި ދިވެހިރާއްޖެ މިކަމުގައި ދެކޭގޮތް އަޅުގަނޑު މި ބުނެދެނީ. މި ވާހަކަ އޮންނާނެ ޤާނޫނުއަސާސީގައި ލިޔެފައި. ޔޫރަޕުގައި ހުރި ޤައުމުތައް، ނޫނީ އެއްވަނަ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ދީނީ ކަންކަން އޮންނަވަރު ބައްލަވައިލައްވައި، ޢަލީ ޢާރިފް އޭގެ މިސާލެއް ދެއްވީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިރާސާ ކުރައްވާ ބޭފުޅުން ދިރާސާ ކުރައްވާ.

 

އެއްވަނަ ދުނިޔޭގެ ބައެއް ޤައުމުތަކުގައި، ގިނަ ޤައުމުތަކުގައި އެމީހުން މި ދީނީ ކަންކަމުގައި އެއްގޮތަކަށްވެސް ނުވިސްނާނެ. ޝައްކެއްވެސްނެތް، ބޮޑު އަޣުލަބިއްޔަތު އޮތީ ނަޞާރާދީނުގައި. އެކަމަކު އެމީހުން އެ ދީނަކަށް އެ ރަށުގެ މެޖޯރިޓީއެއް ނޫނީ، ޒުވާނުންގެ ތެރޭގައި އެކަމެއް ނޯންނާނެ. އެމީހުންނަކީ، ދީނަކަށް އެގޮތަކަށް ބޯލަނބައިގެން ތިބޭ ބައެއްނޫން. އިސްލާމީ ދައުލަތްތަކުގައި، އިސްލާމް ދީނަށް އެ ދައުލަތްތަކުގައި ރައްޔިތުން ތިބޭގޮތަކަށް ތިބޭ ބައެއްނޫން އެއީ. އެމީހުން މުޅިންވެސް އެއުޅެނީ، ދުނިޔަވީ ކަންކަމާ. އެމީހުން ނުދައްކާނެ، އެމީހުންގެ ކަލަކުގެ ވާހަކައެއް. އެ ވިސްނުމެއް އެމީހުންގެ ނެތް. މިހާރު ތަހުޒީބުވެގެން އަންނައިރު، ޑިމޮކްރަސީގެ ތެރެއިން އަންނަނީ، ހަމަ ރައްޔިތުންގެ އަމިއްލަ ޙައްޤުތަކެއްގެ ވާހަކަ. ދީނުގެ ވާހަކައެއް ނުދައްކާނެ. ދީނުގެ ޙައްޤުގައި އެ ދީންތަކުގައި މަނާކޮށްފައި ހުންނަ ކަމުގައި ހުދޫދެއް ނޯންނާނެ.

 

އަޅުގަނޑު މިސާލެއް ދަންނަވާނަން. އަޅުގަނޑުމެންނަށް ﷲ ބާވާލެއްވި ދީންތަކުގެ ތެރެއިން މިހާރު އެންމެ ތަހުޒީބު ޤައުމުތަކުގައި އެބުނާ ބައެއްކަހަލަ ކަންކަން ކުރަން ހުއްދަދީފައި އޮތީ، ކޮން ދީނެއްގައިތޯ؟ އެއްވެސް ދީނެއްގައި ނޯންނާނެ. އެއްވެސް ދީނެއްގައި ނޯންނާނެ. އެހެންވީމާ، މިއީ ދީންތަކަށް އެމީހުންގެ ތެރޭގައި މިހާރު މިއޮތް ތަހުޒީބުގައި މިހާރު އެމީހުންގެ ފިކުރަށް އަންނަ ބަދަލާއި، ދުނިޔޭގެ ދަޅައަށް ހެއްލިގެންދާވަރުން އެމީހުންގެ ދީނުގައި ހުންނަ އެކަހަލަ ބޮޑެތި އަސާސީ މައްސަލަތައް އެއްކިބާކޮށް ހަވާސާކޮށްލާފައި އޮތް މިންވަރު. އެހެންވީމާ، އެމީހުން އުޅޭގޮތަށް ކިހިނެއްތޯ ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެކަންކަން ކުރާނީ؟ އެހެންވެގެން މިއަންނަނީ. އަޅުގަނޑުމެންނަށް އެކަންޏެއްނޫން އެއްޖިންސުގެ ކައިވެނި ޙަރާމްވެފައި މިއޮތީކީ. ހުރިހާ ދީންތަކެއްގައި އޮންނަ ކަމެއް އެއީ. ކީއްވެގެންތޯ ބައެއް ދައުލަތްތަކުގައި މިހާރު އެކަންކަން ހުއްދަކޮށްފައި އެއޮތީ؟ އެއީ އެމީހުންގެ ދީން ހުއްދަ ކުރާތީކީނޫނޭ. އެ ހުއްދަކުރާ ދީނެއް އަޅުގަނޑަށް ވިދާޅުވެދެއްވާ! އެ ހުއްދަކުރާ ދީނެއް ނޯންނާނެ.

 

އެހެންވީމާ، މި ފިކުރަށް އަޅުގަނޑުމެން ދާކަމަށްވަންޏާ، އަޅުގަނޑުމެން މިދަނީ ހަމަ ފަނާވާން. އަޅުގަނޑުމެން މިދަނީ ފަނާވާން. އަޅުގަނޑުމެންގެ ބަދަހިކަން ނެތިދާން މިދަނީ. އެހެންވީމާ، މިއީކީ ދީނީ ކަންކަމެއްނޫން. މިއީކީ ދީނުގައިހުރި ކަންކަމާ އެއްގޮތަށް އެމީހުން އުޅެނީކީނޫން. އެހެންވީމާ، ހަމައެކަނި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އިސްލާމްދީނުގައި ވާހަކަ ދައްކާ އުސޫލުން، ދީނެއްގެ ހިމާޔަތުގައި ދީނެއްގެ ވާހަކަ ދައްކާނެ، އެއްވަނަ ދުނިޔޭގެ ޤައުމުތައް މަދުވާނެ. ނުހުންނާނެ. އެއަށްވުރެ އެމީހުންނަށް މާ މުހިންމު، އެމީހުންގެ އޮންނަ ފަރުދީ އަމިއްލަ މިނިވަންކަން. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ވިސްނާކަމަށްވަންޏާ، އެއީ ހަމަ ހަލާކުގެ މަގުން، ﷲ ނަހީކުރައްވާފައި އޮތް މަގުން، ހިނގަން އަޅާ ފިޔަވަޅު ނޫން ހަމަ އެކައްޗަކަށްވެސްނުވާނެ. އެއީ، މި ދީނުގެ ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައި އޮތްވަރު މިއީ.

 

ދެން އަޅުގަނޑުމެން ހިންގަވާ ވިސްނަމާ! އަޅުގަނޑުމެންގެ ސަރުކާރު އައިއްސުރެ އަޅުގަނޑުމެން މަސައްކަތްކުރަން، ރާއްޖޭގައި ފިކުރުތައް ދިމާނުވެގެން އުޅޭ މައްސަލައިގައި. ހުރިހާ އެންމެންވެސް ޤަބޫލުކުރަނީ، ދުނިޔޭގައި ޖެހޭ ބޮޑެތި މައްސަލަތަކުގައިވެސް، މައްސަލަ ޙައްލުކުރަނީ، ބަޑިއާއި ބާރުގެ ބޭނުންކޮށްގެނެއްނޫނޭ. އެގޮތަށް ޙައްލުކުރާ މައްސަލަތަކުގެ ދާއިމީ ޙައްލެއް ދުވަހަކުވެސް ނޯންނާނެ ލިބިފައެއް. ތަންތަން ފަނާކޮށްލެވިދާނެ. ތަންތަން ފުނޑާލެވިދާނެ. އޭގެ އެންމެބޮޑު ގިލަންވެރިކަމެއްގައި މިއަދުވެސް ވަނީ އިސްލާމީ ދުނިޔޭގެ ޢަރަބި ދައުލަތްތައް. ލީބިޔާ ފުނޑާލީ. އަނެއްތަނެއް ފުނޑާލީ. ޢިރާޤު ފުނޑާލީ. މިއީ، އިސްލާމްދީނުގައި އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ސަޤާފަތްތައް ހިމެނޭ. ތަންތަން، ޢިރާޤު ކަހަލަ ތަންތަން އެއީ. އެތަންތަން އެހުރީ ބިމާ ހަމައަށް އެތަންތަނުގެ ޢިމާރާތްތައް ތަޅާތިރިކޮށްލާފައި. ތަހުޒީބު ވެއްޔާ މޮޑެވިފައި އެހުރީ.

 

އަޅުގަނޑުމެންގެ ތެރޭގައި ކީއްތޯވީ؟ އަޅުގަނޑުމެންގެ ތެރޭގައި މި ކުޑަ ސްކޭލެއްގައި ނަމަވެސް، އަޅުގަނޑުމެން ކޮށްފީމުނޫންތޯ؟ އަޅުގަނޑުމެން ދެކެފިން، ތަންތަން ލޫޓުވާފައި ހުރިތަން. އަޅުގަނޑުމެން ދެކެފިން، ތަންތަން ހަމަ އަންދައި ހުލިކޮށްލިތަން. ބައެއް ރަށްރަށުގައި ވަރި ކައިވެނީގެ ސެޓްފިކެޓް ނެތްކަން އަޅުގަނޑުމެންނަށް އެނގޭ. އުފަންދުވަހުގެ ސެޓްފިކެޓް ނެތް. ގޯތީގެ ރަޖިސްޓަރީ ނެތް. ކޯޓުތަކާ ތަންތަން އެހުރީ ތަޅާ ތިރިކޮށްލާފައި.

 

އެހެންވީމާ، އިސްތަންބޫލުގައި ހުރި އިސްލާމީ ބޮޑު ލައިބްރަރީއެއް ފަނާކޮށްލުމާއި، ފުނޑާލުމާއި، ބަޣުދާދުގައި ހުރި އިސްލާމީ ތަހުޒީބު އަނދާއަޅިކޮށްލުމާ، މިކަންކަމާ މިއާ ކޮން ތަފާތެއްތޯ އޮތީ. އަޅުގަނޑުމެންގެ ސްކޭލުން ދާދި އެއްކަމެއް ނޫންތޯ މިކުރީ. އެހެންވީމާ، މިކުރާ ކަންތަކުގައި އެންމެބޮޑަށް އަދަބު ލިބިފައި، އެންމެބޮޑަށް އަނިޔާ ލިބިފައި އެންމެބޮޑު ޝިކާރައަކަށްވެފައި މިތިބީ އިސްލާމުން. އެހެންވީމާ، ބާރުގެ ބޭނުންކުރުމުން އެއަކަށް ދާއިމީ ޙައްލެއްނާދޭ.

 

ފަލަސްޠީނުގެ ރައްޔިތުން، އެމީހުންގެ ޙައްޤުތައް ހޯދަން އެކުރާ މަސައްކަތެއް ކުރަނީ. ޝައްކެއްވެސްނެތް، ބާރުގަދަ ދައުލަތަކަށް ޔަހޫދީ ދައުލަތްވޭ. މީހުން ހަނާކޮށްލެވިދާނެ. މީހުން މަރާލެވިދާނެ. އެކަމަކު އެމީހުންގެ އެ ޝަކުވާ ހުއްޓޭތޯ؟ އެމީހުން އެ ނުކުންނަ ނުކުތުން ހުއްޓޭތޯ؟ އެމީހުންގެ އާ ޖީލުތަކަށް ކޯއްޗެއްތޯ ދަސްވެފައިހުރީ. މަންމަ، ބައްޕަ މަރުވެގެންދިޔައީ، ކީއްވެގެންތޯ ސުވާލު އެބަކުރޭ. ދެން ކިހިނެއްތޯ، އެ ޒުވާން ކުދިންނަށް ވަނީ. އިތުރު ހިތްވަރު ލިބެނީ. ކަށިން ހިތްވަރު ނުކުންނަނީ.

 

އެހެންވީމާ، އެކަހަލަ އެއްވެސްކަމެއް، ލާ އިންސާނީ، އިންސާނިއްޔަތުން ބޭރު، ޙައްޤުން ބޭރު ކަމެއްކޮށް، ބާރުގެ ބޭނުންކޮށްގެން ކޮންޓްރޯލް ކުރުވައިފިއްޔާ އެކަމެއްނުވާނެ. އަބަދުވެސް އެއާ ދެކޮޅަށް ޖަދަލުކުރާ މީހުން އުފެދޭނެ. އެއީ، އަޅުގަނޑުމެން އިންސާނުންގެ ޠަބީޢަތު. އެހެންވީމާ، އެއީކީ އެކަން ކުރެވޭނެ ކަމެއްނޫން. އަޅުގަނޑުމެންގެ ތެރޭގައި މިއުޅޭ ސިޔާސީ މައްސަލަތައް ޙައްލުކުރުމަށްޓަކައި މައްސަލަކަމަށް ވިދާޅުވާ މައްސަލަ، ޙައްލުކުރުމަށްޓަކައި، އަޅުގަނޑު މަސައްކަތްކޮށްފިން، ބާރަފަހަރު ދަޢުވަތު ދީފިން. އިދިކޮޅު ފަރާތްތަކަށް ވަޑައިގަންނަވާށޭ، އަޅުގަނޑުމެންނާއެކީ މޭޒުކައިރިއަށް. ކީއްވެތޯ ވަޑައިނުގެން އެ އުޅުއްވަނީ. ކީއްވެތޯ ވަޑައިނުގެން އެ އުޅުއްވަނީ. މިހާރުވެސް އަޅުގަނޑުމެން އޮންނާނީ ދަޢުވަތެއް ދީފައި. ވަޑައިގަންނަވާށޭ، އަޅުގަނޑުމެންނާ ވާހަކަ ދައްކައިގެން ޙައްލުކުރައްވަން. ތިޔަހުރި މައްސަލަތަކެއް ވެއްޖިއްޔާ ޙައްލުކުރާނެގޮތް އަޅުގަނޑުމެންނާއެކީ ޙިއްޞާ ކުރައްވާށޭ. އެ ޙައްލުކުރާނެގޮތެއް ޙިއްޞާއެއް ނުކުރެއްވޭ. ދެން ކީއްވެގެންތޯ މޭޒުކައިރިއަށް އައިސްގެން މި ވާހަކަ ނުދައްކަންވީ؟ އަޅުގަނޑުމެން އެންމެން މި މަސައްކަތް ކުރަނީ، ރައްޔިތުންގެ ޙައްޤުގައި. އެންމެން މަސައްކަތްކުރަނީ އެއް އަމާޒަކަށް. އެއީ، އަޅުގަނޑުމެންގެ ރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެންނަން. ރާއްޖެއަށް ބޭނުންވާ ހަމަޖެހުން ގެންނަން. ރާއްޖެއަށް ބޭނުންވާ ހަމަޖެހުން ގެނެވޭނީ، ހުރިހާ ސިޔާސީ ވެރިން، އެމީހުންގެ އަމިއްލަ ވިސްނުމާއި އަމިއްލަ ފިކުރުތައް ދޫކޮށްލާފައި، ޤައުމުގެ ޙައްޤުގައި، މުޅި އިންސާނިއްޔަތު، މުޅި ދިވެހި އިންސާނިއްޔަތުގެ ޙައްޤުގައި މަސައްކަތްތަކެއް ކުރަން ކެރިގެން. އެވަރުގެ ކެރުންތެރިކަން، އެވަރުގެ ފޯރުންތެރިކަން، އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންގެ އެބަ ހުންނަންޖެހޭ. ކީއްވެގެންތޯ އަންނަން ނުކެރިގެން މިއުޅެނީ. އެއީ، ދައްކާނެ ވާހަކައެއް ނެތީމާ.

 

ރައްޔިތުންގެ ޙައްޤުގައި ވާހަކަ ދައްކައިގެން ކަންކަން ޙައްލުކުރަން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެންނާ ވާހަކަދައްކަން އަންނަންވީ. މިހާރު އެއޮތީ ދަޢުވަތެއް ދީފައި. އެއީ، އެމް.ޑީ.ޕީ. ގެ ޒަޢާމަތު ބަދަލުވެއްޖެ ކަމަށް އަޅުގަނޑުމެން ގަބޫލުކޮށްފައި. އަދި އެ ޕާޓީގެ ވިސްނުން، މިކަހަލަ ކަންކަމުގައި ތަފާތުވެދާނެ ކަމަށް، އަޅުގަނޑުމެން އުއްމީދުކުރާތީ ދީފައި އޮތް ދަޢުވަތު. ރައްޔިތުންގެ ޙައްޤުގައި މިކަން ކުރާ ކަމަށްވަންޏާ، މިއުޅޭ މި ސިޔާސީ މައްސަލަތަކަށް ރައްޔިތުންގެ ޙައްޤުގައި ޙައްލެއް ހޯދަންޖެހޭ. އެކަމަށް އެއޮތީ ދަޢުވަތު ދީފައި. އަޅުގަނޑުމެން އެނބުރި މާލެ ދިޔައިމާ، މާދަމާ އަޅުގަނޑަށް އެނގޭނެކަންނޭނގެ، އެމީހުން އެ ފަރާތްތަކުން އަޅުގަނޑުމެންނަށް ދީފައި އޮތް ޖަވާބު. ކަންކަން ޙައްލުކުރަން ވާހަކަ ދައްކަން އަންނަންވާނީ، ޝަރުޠު ކަނޑައަޅައިގެނެއްނޫން. މިކަމެއްނުވަންޏާ، ތި ކަމަކަށް ނުދާނަމޭ ބުނީމާ ކަމަކުނުދާނެ. އަޅުގަނޑަށް ޝަރުޠު ނުކުރައްވާ. އަޅުގަނޑު ކައިރީގައި ވިދާޅުނުވޭ. މިވެނި ކުށްވެރިއަކާ މިވެނި ކުށްވެރިއަކާ، އެވެނި ކުށްވެރިއަކާ ދޫކޮށްލީމާ އެކަންވާނޭ. އަޅުގަނޑަށްވެސް ކުށްވެރިން ދޫކުރެވެން އޮންނަނީ، ޤާނޫނުގެ ހުދޫދުގެ ތެރެއިން. ޤާނޫނުން އަޅުގަނޑަށް ނެތް ބާރެއް އަޅުގަނޑަކަށް ބޭނުންކުރެވޭނެ ގޮތެއް ނޯންނާނެ. އަޅުގަނޑު ޖަލަށްލީ އެކަކުވެސް ނުހުންނާނެ. އަޅުގަނޑަކީ މީހުން ޖަލަށްލާ މީހެއްނޫން. އެކަމަކު، ޞުލްޙައާއި މަޞްލަޙަތާ ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހޭކަމެއް އަޅުގަނޑު ކުރާނަން. އެ ބޭބޭފުޅުންނަކީ، އެ ބޭބޭފުޅުންގެ މައްސަލަ އުފުލުނު ހިނދު، ކޯޓަށް ވަޑައިގެން، އެ ބޭފުޅުންގެ މައުޞޫމުކަން ސާބިތުކޮށްދެއްވަން ފުރުޞަތު ލިބިވަޑައިގެންނެވި ބޭފުޅުން. ޝަރުޠުތަކުގެ ތެރޭގައި ޙުކުމް އައިސް ތިބި މީހުން ވީއްލަން ބުނީމާ، އެއީކީ އަޅުގަނޑަށް ކޮށްދެވޭނެ ކަމެއްނޫން. އަދި ޙުކުމުން ފިލައިގެންއުޅޭ މީހުން، ޝަރުޠަކާނުލައި ދޫކޮށްލަން ބުނުމުން، އެއީކީ އަޅުގަނޑަކަށް ކުރެވޭނެ ކަމެއްނޫން. އެކަންވެސް ކުރާނެގޮތެއް އަޅުގަނޑުމެންގެ ތެރެއިން ނެރެދޭން ވަޑައިގަންނަވާށޭ މިދަންނަވަނީ. މިހުރިހާ ޝަރުޠެއް ފުރިހަމަވެއްޖިއްޔާ ދެން އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ސުވާލެއްގެ ގޮތަށް ދޫކޮށްލާކަމެއް މިއީ. މިހުރިހާ ކަމެއް ފުރިހަމަ ވެއްޖެކަމަށްވަންޏާ، ދެން އަޅުގަނޑުމެން ހުރިހާ އެންމެން ދައްކަން އޮންނާނީ ކޮން ވާހަކައެއްތޯ؟ ނޯންނާނެ ވާހަކައެއް.

 

އެހެންވީމާ، ޤައުމުގައި މި ދިމާވެފައިހުރި މައްސަލަތައް ޙައްލުކުރަން، މި ޝަރުޠަކާނުލާ މިހުރިހާ ކަމެއްކުރަންޏާ، މައްސަލަ ޙައްލުވީކީނޫން. ދެނެއް އިތުރަކަށް ދައްކާނެ ވާހަކައެއް ނޯންނާނެ. ވާހަކަ ދައްކަންވީ މިކަންކަން ޙައްލުކުރަން، މިކަންކަން ކުރެވޭނެގޮތެއް. ރައީސަށްވެސް ރައީސަށް ތާއީދުކުރާ މީހުންގެ މައްސަލަ ނުޖެހި، އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރެއިން، މިކަން ކުރެވޭނެ ގޮތްތަކެއް ނެރެދޭންވީ. ރައީސަކީވެސް، އަޅުގަނޑުމެން ކިތަންމެ މިނިވަން ދިދައެއް ކަމުގައިވީނަމަވެސް، ދިދައިގެ އެއް ދެކަން ބަނދެވިފައި ހުންނަގޮތަށް، ރައީސަކީވެސް ހުދޫދެއްގެ ތެރޭގައި މަސައްކަތްކުރާ މީހެއް. ރައީސަކީވެސް ޤާނޫނުގެ އިމުގައި މަސައްކަތް ކުރަންޖެހޭ މީހެއް. ރައީސަކީ، މި ރައީސަކީ، ޗާޓުން ބޭރުގައި މަސައްކަތް ކުރާނެ މީހެއްނޫން. ދަންނާނެ މީހެއްވެސް ނޫން.

 

އެހެންވީމާ، ރައީސަށްވެސް ކަންތައްތައް ކުރެވޭނެ ގޮތްތަކެއް ހުންނާނެ. ޝަރުޠަކާނުލާ މިހުރިހާ ކަމެއްކޮށްފައި، މިސާލަކަށް ދެން ދައްކާނެ ވާހަކައަކީ ކޮބައިތޯ؟ އެ ބޭފުޅުން ވަޑައެއްނުގަންނަވާނެ، އަޅުގަނޑުގެ މި ދެކޭ ހުވަފެން، ރައްޔިތުންނަށް ގެންނަ ތަރައްޤީގެ އެ ވާހަކަ ދައްކާކަށް. އެ ބޭފުޅުންނަށް ކެރިވަޑައެއްނުގަންނަވާނެ އެ ވާހަކަ ދައްކާކަށް. އެ ބޭފުޅުން ވަޑައިގެން ވިދާޅެއްނުވާނެ، 25 ބުރީގެ ޢިމާރާތެއް އެޅުމަށް ތިމަންނާގެ ވިސްނުން އެބަހުއްޓޭ. އެ ބޭފުޅުން ވަޑައިގެން ވިދާޅެއްނުވާނެ، ވާދޫ ކަނޑު ހުރަސްކޮށް ހުޅުލެއާއި މާލެއާ ދޭތެރޭގައި ބްރިޖެއް އަޅައިދޭނަމޭ. ނުވާނެ އެ ވާހަކަ ދައްކަވާކަށް. އެބޭފުޅުން ވަޑައިގެން ވިދާޅެއްނުވާނެ، ކެލައަށް ބޭނުންވާނެ ތަރައްޤީ ގެނައުމުގައި، ތިމަންނާމެންގެ މިވެނި ޚިޔާލުތައް އެބަހުއްޓޭ، މިއަށްވުރެ ރަނގަޅުކޮށްފިއްޔާ ކުރެވޭނެއޭ. އެ ބޭފުޅުން ވިދާޅެއްނުވާނެ، ބޮޑުތިލަދުންމައްޗަށް އަޅުގަނޑުމެން މި ހުޅުވާލާ ޓޫރިޒަމުގެ ފުރުޞަތުގެ ތެރޭގައި، ކެލައަށް އިންޓަރގްރޭޓަޑް ޓޫރިޒަމްގެ މަސައްކަތް ކުރެވޭނެ ޖާގަ ތިމަންނަ ހޯދައިދޭނަމޭ. އެވާހަކަ ދައްކާކަށް ވަޑައެއްނުގަންނަވާނެ. އެ ބޭފުޅުންނެއް ވިދާޅެއްނުވާނެ، ކުޅުދުއްފުށީގައި އެއަރޕޯޓެއް އަޅާނަމޭ. އެބޭފުޅުންނެއް ވިދާޅެއްނުވާނެ، އައި-ހެވަން ހަދައިދޭނަމޭ. އެހެންވީމާ ދެން، ރައްޔިތުންގެ ޙައްޤުގައި ރައްޔިތުން ބޭނުންވާ ކަންކަމުގައި، އެބޭފުޅުން ދައްކަވާނެ ވާހަކައެއް ނެތެއްނޫންތޯ. ދެން ކޮންވާހަކައެއްތޯ އަޅުގަނޑާ ދައްކަން އޮތީ. އެ ބޭފުޅުން މިކަހަލަ ވާހަކަތައް އަޅުގަނޑަށް ހުށަހެޅުމުގެ ކުރިން، އަޅުގަނޑުގެ ވިސްނުމެއް ހުރީމާ، ނޫނީވިއްޔާ އަޅުގަނޑު ދިވެހިރާއްޖެއާ ދޭތެރޭގައި ދެކޭ އުއްމީދެއް އޮންނާތީ، އެ އުއްމީދު ފުރިހަމަ ކުރުމަށްޓަކައި އަޅުގަނޑު ކަންތައްތަކެއް ކުރަމުން އެބަގެންދަން. ހިނގައްޖެ އަހަރުތަކެއް. އަޅުގަނޑުމެން އާރާސްތުކޮށްފިން ރަށްތަކެއް. އަޅުގަނޑުމެން އާރާސްތުކޮށްފިން ދައުލަތެއް. އެކަމަކު މިއަދު އެ ހުރިހާ ކަމެއް ބޮލާލާ ޖަހާކަމަށްވަންޏާ، އަޅުގަނޑުމެންނަށް މި ކުރެވުނީ ކީއްތޯ؟

 

ބުއްދިވެރި ބަހެއް އޮންނާނެ. ފަރަންސޭސިވިލާތުގައި ޕެރިހުގައި އެހެރީ، ދުނިޔޭގެ އިންސާނީ އަޖައިބުތަކުގެ ތެރޭގައި ހިމެނޭ އައިފިލް ޓަވަރ. ޑިޒައިންކުރަން އެތައް ދުވަހެއް ނެގި. ޢިމާރާތްކުރަން އެތައް ދުވަހެއްނެގި. އެކަމަކު މިއަދުގެ ޓެކްނޮލޮޖީއާއެކީ، އެތަން ފަނާކޮށްލަން، ފުނޑުކޮށްލަން، އެއް ސިކުންތުން އެތަން ވައްޓާލެވޭނެ. މިއީތޯ ތަހުޒީބަކީ. އެހެންވީމާ، އަޅުގަނޑުމެން ބިނާކުރި ހުރިހާކަމެއް އަޅުގަނޑުމެން ބޮލާލައި ޖަހާފައި، ފުނޑުކޮށްލާ ކަމަށްވަންޏާ، މިއީކީ ތަރައްޤީއަކަށް ނުވާނެ.

 

އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ މީހުން އެބަޖެހޭ، ރައްޔިތުންގެ ޙައްޤުގައި ވާހަކަތަކެއް ދައްކަން. އެ ދައްކާ ވާހަކަތަކުގެ ތެރޭގައި ނުދައްކާނެ، ޖަލުގައި ތިބި ހުރިހާ ކުށްވެރިން ދޫކޮށްލާ ވާހަކައެއް. އެއީކީއެއްނޫން ދައްކަންޖެހޭ ވާހަކައަކީ. ދައްކަންޖެހޭ ވާހަކައަކީ ކެލައަށް ބޭނުންވެފައިހުރި ކަންތައްތައް. ކުޅުދުއްފުށްޓަށް ބޭނުންވެފައި ހުރި ކަންތައްތައް. އައްޑުއަތޮޅު ހިތަދުއަށް ބޭނުންވެފައި ހުރި ކަންތައްތައް. މާލެއަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ވާހަކަ. މި ވާހަކަ ދައްކަން ވަޑައިގަންނަވާ އަޅުގަނޑު ކައިރިއަށް. މިވާހަކަ ދައްކަން ޖާގަ އެބައޮތް. އެކަމަކު އަޅުގަނޑު ކައިރީ ވިދާޅުނުވޭ، އެކި ކަހަލަ ބޮޑެތި މުޖުރިމުން ދޫކުރާ ވާހަކަ. މުޖުރިމުން ހައްޔަރުކޮށްފައި އެ ތިބެނީ، ޤާނޫނާއި ޝަރީޢަތުން ޙުކުމް އައިސްގެން. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ މަޢުޞޫމު މީހުން. އެ މަޢުޞޫމު މީހުން ރައްކާތެރި ކުރަންޖެހޭތީ، މުޖުރިމުން ހިމާޔަތް ކުރަނީ. ކީއްކުރަން. އަޅުގަނޑުމެން ދޫކޮށްލަންވީނޫންތޯ، ރާއްޖޭގައިވެސް ހަމަ މީހުން އުޅޭނެހާ ގޮތަކަށް އުޅެން. އެކަންކުރީމާ ކޮން ގެއްލުމެއްތޯ ވަނީ. އެކަން ކުރީމާ ވާގޮތަކީ، ޙައްޤުތަކެއް ހިމާޔަތްކުރަން ބޭނުންވާ ބައެއްގެ ޙައްޤުތައް ގެއްލިގެން އެދަނީ. އެހެންވީމާ، އަޅުގަނޑަކަށް ނުވިސްނޭ، ޝަރުޠުތަކެއް ކަނޑައަޅުއްވާފައި، މި ޝަރުޠުތައް ފުރިހަމަވިއްޔާ ނޫނީވިއްޔާ ތިމަންނާމެން ނުދާނަމޭ ވާހަކަ ދައްކާކަށް. އެއީ ކީއްކުރަން ކުރާ ކަމެއްތޯ؟ އެ ޝަރުޠުތައް ފުރިހަމަވެއްޖެ ކަމަށްވަންޏާ، ދެން ކީއްކުރަންތޯ، އީ.ޔޫ.ވެސް އަންނަންވީ މިކޮޅަށް. އިންޑިޔާ ސިފައިންވެސް އަންނަންވީ މިކޮޅަށް. އެހެން ތަންތަނުންވެސް މިތަނަށް އަންނަންވީ. ކޮންބައެއްތޯ މި ދަޢުވަތު މިދެނީ. ކޮންބަޔަކަށްތޯ މީގެ ގެއްލުން މިވަނީ. ހަމަގައިމުވެސް، އެ މީހުންނެއް ނާންނާނެ ރައީސް ޔާމީނެއް ހައްޔަރުކުރާކަށް.

 

އެހެންވީމާ، ޝަޚްޞީގޮތުން، ޒާތީގޮތުން އަޅުގަނޑަށް ލިބޭނެ ގެއްލުމެއް ނޯންނާނެ. އެކަމަކު ރާއްޖޭގެ ވިޔަފާރިވެރިންނަށް ތަންތަނަށް ނުދެވޭގޮތްވުން، ރާއްޖޭގެ ވިޔަފާރިވެރިންނަށް ވިޔަފާރި ނުކުރެވޭގޮތްވުން، އެ ޤައުމުތަކުގެ ރައްޔިތުންނަށް ރާއްޖެއަށް ޒިޔާރަތް ނުކުރެވޭގޮތަށް، ފަތުރުވެރިކަން ނުހިންގޭގޮތަށް ކަންތައްތަކެއް ކޮށްފި ކަމަށްވަންޏާ، ކާކަށްތޯ ގެއްލުންވަނީ؟ އެތަނެއް ދެން ހިންގަން ތިބި ބައެއް އައުމުގެ ކުރިން، އެ މީހުންގެ އަމިއްލަ އަތުން އެތަނެއް ޗިސްކޮށްލަނީ، ހަލާކުކޮށްލަނީ. އެއީކީއެއް ރައީސް ޔާމީނަކަށް ދެވޭ ގެއްލުމެއް ނޫން.

 

އަޅުގަނޑުމެން ކޮންމެ ސިޔާސީ މީހަކީ، އަޅުގަނޑުމެންގެ ޙަޔާތުން ދުވަހެއް، ދުނިޔެއިން ދެދުވަސް ހޭދަކޮށްފައި ވަކިވާނެ މީހުން. އަޅުގަނޑުމެން އެބަޖެހޭ، މިއަށްވުރެ ތަޞައްރަފު ފުދެން. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަކީ، ހަމައެކަނި ތިން ހަތަރު ސިޔާސީ ލީޑަރުންގެ ވަށައިގެން ކުރުކާލިކަނޑާ ބަޔަކަށްވެގެންނުވާނެ. ބޮޑެތި މުހިންމު ކަންކަމުގައި އަޅުގަނޑުމެން ކޮންމެ މީހަކަށް ލެވޭނީ އެއް ވޯޓު. ސިޔާސީ ފިކުރާއި، ކަންކަން ކުރުމުގެ ޤާބިލުކަމާއި، ކަންކަން ކުރުމުގެ ވިސްނުމުގައި، ނޫނީވިއްޔާ ޤައުމު ހިންގުމުގައި ޚިޔާލު ތަފާތުވާ މީހުން، ނޫނީވިއްޔާ ޚިޔާލު ތަނަވަސް މީހުން، އެއާ އެއްވަރަށް ޚިޔާލު ނާންނަ މީހުން އުޅެފާނެ. އެކަމަކު، މި ސިޔާސީ ލީޑަރުން މި ދައްކާ ވާހަކައިގައި އަޅުގަނޑުމެން އެބަޖެހޭ، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ، މި މީހުން ވަށައިގެން ކަސްތޮޅު އެޅިފައި ތިބި ބަޔަކަށްނުވާން. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި އެއަށްވުރެ ޤާބިލު ބަޔަކަށްވާންޖެހޭނެ. އެކަން ކުރުމުގެ ކެރުން އަޅުގަނޑުމެންގެ ހުންނަންވާނެ. އަޅުގަނޑުމެންނަކީ ހަމައެކަނި ވަކި މީހަކު ޕާޓީއެއް އުފެއްދީމާ، އޭނާގެ ފަހަތުން އެނބުރޭ މީހަކަށް ވެގެންނެއްނުވާނެ. އެއީކީއެއް ޑިމޮކްރަސީއެއް ނޫން. އެއީ، ޙަޤީޤަތުގައި ޚުދުމުޚުތާރު ކަމަކީ. ޑިމޮކްރަސީއަކީ ޚުދުމުޚުތާރު ވެރިއެއް، ޕާޓީގެ ކަންކަން ހިފަހައްޓަން އުޅޭ މީހަކު އޭނާގެ އަތްތަކުން ނޫނީވިއްޔާ އޭނާގެ ވަކިތަކުން އެ ޕާޓީ އެންމެންގެ ޙައްޤުގައި ސަލާމަތްކުރުމަކީ ޑިމޮކްރަސީގެ ސިފައަކީ. އެހެންވީމާ، ޑިމޮކްރަސީގެ ވާހަކަތައް ދައްކާއިރުވެސް އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ހުރިގޮތް ހިންގަވާ އަޅުގަނޑުމެން މުރާޖަޢާކޮށްލަމާ. ހިންގަވާ ރިވިޔުކޮށްލަމާ.

 

އަޅުގަނޑުމެންގެ ރައްޔިތުންނަށް މުހިންމުވެގެން މިއުޅެނީ ވަކި ސިޔާސީ ފިކުރެއްނޫން. އަޅުގަނޑުމެންގެ ރައްޔިތުންނަށް މުހިންމު ވެގެން މިއުޅެނީ، އުސޫލެއްގެ މަތިން ރާއްޖެ ހިނގާ، ރާއްޖެއަށް ހަމަޖެހުންއައިސް، ރާއްޖެއަށް ތަރައްޤީއައިސް، މިކަހަލަ ރަށްރަށަށް ބޭނުންވާ ކަންތައްތައް ފަހިވެގެންދިޔުން، ފަސޭހަތައްވެގެންދިޔުން. މިކަން ކުރުމުގައި ކީއްވެގެންތޯ މި ސިޔާސީ ލީޑަރުން ވަޑައިގެން އަޅުގަނޑު ކައިރީގައި ވިދާޅުނުވެވެނީ، އަދި ވަޑައިގެން ވިދާޅުވާންވީނޫންތޯ، ރައީސް ތިޔަ ގެންގުޅޭ އެޖެންޑާއަށްވުރެ ރަނގަޅު އެޖެންޑާއެކޭ މިއޮތީ. މީގައި ހުރި ކަންކަން ތަންފީޒު ކުރަންވީނޫންހޭ. އަދިވެސް ރައީސަށް އެބައޮތޭ ދެ މަސްދުވަސް. އަދިވެސް އަޅުގަނޑަށް، އަދިވެސް އަޅުގަނޑަށް އެކަހަލަ ފުރުޞަތު ދައްކަވާފައި ވިދާޅުވޭ، ދަރުމަވަންތަ ހޮސްޕިޓަލް ރަނގަޅެއް ނޫނޭ. ތިއަށްވުރެ ރަނގަޅޭ މިވެނިކަމެއް ކުރިއްޔާ. އަދިވެސް އެކަން ކުރުމުގެ، އަދި އެކަން ބަލައިގަތުމުގެ ފުރުޞަތު އެބައޮތް ނޫންތޯ. އެހެންވީމާ، އެހެރަ ކަންކަމަކީ، ރައްޔިތުންގެ ޙައްޤުގައި ކުރެވޭ ކަންކަން. އެކަންކަމަކީ ރައްޔިތުންނަށް ފަހިވާ ކަންކަން.

 

އެހެންވީމާ، ކެލާގެ ރައްޔިތުންނަށް މި ދައްކާ ވާހަކައަކީ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަޑު އައްސަވާނެ ވާހަކައެއްކަން އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުމެން އެދެނީ ރައްޔިތުންގެ ކުރިއެރުން. އަޅުގަނޑުމެން ބޭނުންވަނީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުދިގެން ދިޔުން. އެކަންކަން ކުރުމުގައި އަޅުގަނޑުމެންގެ ތެރޭގައި ޕާޓީތައް ހަރަކާތްތެރިވާތާ ދިހަވަރަކަށް އަހަރު ވެގެން މިދިޔައީ. އެކަންކަން ކުރުމުގައި އަޅުގަނޑުމެންގެ ތެރޭގައި ކުރު ނަމަވެސް ތާރީޚެއް އެބައޮތް. ސިޔާސީ ހަރަކާތްތައް އަޅުގަނޑުމެންގެ ތެރޭގައި ހިންގުމުގެ ތާރީޚެއް އެބައޮތް. ސިޔާސީ ގޮތުން އަޅުގަނޑުމެން ވަކާލާތު ކުރަމުންދިޔަ ޙައްޤުތައް އަޅުގަނޑުމެންނަށް ތަންފީޒުކުރަން ލިބުމުގެ، ކުރު ނަމަވެސް އަޅުގަނޑުމެންގެ ތާރީޚެއް އެބައޮތް. ދެއްކި ވާހަކަތައް ތަންފީޒު ކުރެވިފައިހުރި މިންވަރަށް ބަލާއިރު، އަޅުގަނޑުމެންގެ ތާރީޚެއް އެބައޮތް. ކީއްވެގެންތޯ އަޅުގަނޑުމެން އެއަށް ރުޖޫޢަ ނުވާންވީ؟ ކީއްވެގެންތޯ އަޅުގަނޑުމެން އެކަމުން ފިލާވަޅު ނުހޯދަންވީ؟

 

އެކި ސަރުކާރުތަކުގައި އައިއިރު، އެކި ރަށްރަށަށް ލިބިފައިހުރި ތަރައްޤީއަށް ބަލާއިރު، އަޅުގަނޑުމެން ދައްކާނެ ވާހަކަ ނެތީތޯ. ކުރު ތާރީޚެއްތޯ މިއީ، ދިގު ތާރީޚެއް. އެހެންވީމާ، މިއީ ހޭލުންތެރި ހުރިހާ ރައްޔިތެއް ވިސްނަންހުރި ކަންކަން މި ހުންނަނީ. މިކަންކަމަށް ވިސްނާފައި، ރައްޔިތުން އެދޭ ކަންކަމަކީ، ސިޔާސީ ވަކި ފިކުރެއް ނޫން. ރައްޔިތުން އެދޭ ކަންކަމަކީ، ރައްޔިތުންނަށް މިކަހަލަ ރަށްރަށަށް ބޭނުންވާ ތަރައްޤީ ގެނެސްދެވޭނީ ކިހިނެއްތޯ. އެ ތަރައްޤީ އަންނާނީ ޑިމޮކްރަސީ ފުރިހަމަވުމަކުންނެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން އިންސާނުން ދުނިޔޭގައި އުޅޭކަމަށްވަންޏާ، ގަބޫލުކުރާ ހަމަތަކެއް އޮންނާނެ. އެ ހަމަތަކަކީ، ދައުލަތް ހިންގުމުގައި ގިނަ ރައްޔިތުންގެ ތާއީދުއޮތް ގޮތަކަށް އެކަން ކުރުމުގެ ފުރުޞަތު އެމީހަކަށް ދިނުން. އެއީ، އެ މީހަކަށް ފުރުޞަތު ލިބުމަށްފަހު، އޭނާ ކުރަންއުޅޭ ކޮންމެ ކަމަކަށް ހުރަސް އެޅުމެއްނޫން. ރައްޔިތުންގެ ކަންތައްތައް ނިންމާނެ މީހަކު ނިންމުމަށް ޑިމޮކްރެޓިކް ވޯޓެއް މި ނަގަނީ، އެއީ ރައްޔިތުން ދޭ ވޯޓު. އެކަމަކު، އޭނާގެ އެޖެންޑާ އޭގެ ކުރިން މިހާރު އެބަ ރައްޔިތުންގެ ކައިރީގައި އެބަބުނޭ. އެ އެޖެންޑާ ކަމުދާތީ، އޭނާ އެ ހޮވަނީ. އަޅުގަނޑުގެ ހުވަފެނަކީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އޭގެ ޙަޤީޤަތާ ހަމައަށް ދާން ބޭނުންވާ ހުވަފެނަކަށްވާތީ، ތިން، ހަތަރު ބުރުން ނަމަވެސް އަޅުގަނޑަށް އާޚިރުގައި ރައްޔިތުން އިޚްތިޔާރު ކުރެއްވީ. އެހެންވީމާ، އަޅުގަނޑުގެ ހުވަފެނާ އެއްގޮތަށް ކުލަ ޖައްސަން އަޅުގަނޑު މަސައްކަތް މިކުރަނީ. އެ މަސައްކަތް ކުރުމުގައި އަޅުގަނޑު ގަބޫލުކުރަން، މިއަދު ރައްޔިތުން ގަބޫލުކުރައްވާނެ ކަމަށް ގިނަ ކަންތައްތަކެއް ކުރެވިއްޖެ ކަމަށް. އެއީ، އަޅުގަނޑުމެން ދެކެފީމު، އޭގެކުރީގައި ކަންތައްތައް ހިނގާފައި އޮތްގޮތް. މިރަށުގައި ހުރެގެން ވާހަކަ ދައްކާއިރު، އަޅުގަނޑު މިދަންނަވަނީ، މީގެކުރީގައި، ވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ތިޔަ ހުރިހާ ވާހަކައަކާއެކީ، ތިޔަ ހުރިހާ ޑިމޮކްރަސީއާއެކީ، މިރަށަށް ހޭދަކުރެވިފައި އޮތީ، އެންމެ އަށް މިލިއަން ރުފިޔާ. އަޅުގަނޑު ދުށީ އެއަށްވުރެ ބޮޑު ހުވަފެނެއް. އަޅުގަނޑު ދުށީ އޭގެ ގާތްގަނޑަކަށް ބާރަ ގުނައިގެ ހުވަފެނެއް، ނޫނީވިއްޔާ ތޭރަ ގުނައިގެ ހުވަފެނެއް. އެހެންވީމާ، އަޅުގަނޑުމެންނަށް މުހިންމުވަނީ، ތަނަވަސްކަމާއި ތިޔާގިކަން ކަމަށްވަންޏާ، އަޅުގަނޑަށް ފެނުނު ހުވަފެނުގައި މި ބާރަ ގުނަކޮށްލީމާ، 96 މިލިއަން އެބައާދޭ. އަޅުގަނޑު މިތަނަށް ހޭދަކޮށްފިން، ސަތޭކަ އެތައް މިލިއަނެއް.

 

ދެން އޮތީ، ރައްޔިތުންގެ ފުދުންތެރިކަން. އަޅުގަނޑުމެންގެ ތެރެއިން ކޮން ބައެއްތޯ ބޭނުންނުވާނީ، ފުދުންތެރި ރައްޔިތަކަށްވާން. ހަމަގައިމުވެސް، ކޮންމެ މަންމައަކާއި ކޮންމެ އަނތްބަކާއި، ފިރިމީހާ ދިއްކޮށްލަން ބޭނުންވާނެ، ބާޒާރުކުރަން ކްރެޑިޓް ކާޑެއް. އެކަމަކު، އެ އަންހެން ބޭފުޅަކަށް ބޭނުންވަރަކަށް އެއްޗެހި ގަނެވޭނީ، އެ ކާޑުގައި އެވަރު ހަކަތައެއް ހުރިއްޔާ ނޫންތޯ. އަޅުގަނޑުމެންގެ ތެރެއިން ކޮން ފިރިއަކުތޯ ބޭނުންނުވާނީ، އަނބިމީހާ ރާއްޖެއިން ބޭރަށްދާއިރު، ނޫނީވިއްޔާ ރާއްޖޭގެ ފިހާރަތަކުން މިހާރު ކްރެޑިޓް ކާޑުތައް ބަލައިގަނޭ. ކާޑެއް ދޭން ބޭނުންނުވާނީ ކާކުތޯ. އެ ތަނަވަސްކަން ހޯދައިދެނީ ކިހިނެއްތޯ. އެ ތަނަވަސްކަން އަންނަނީ ކިހިނެއްތޯ. އެ ތަނަވަސްކަން އަންނަނީކީއެއް، މަޖިލީހުން ފާސްވާ ބިލްތަކަކުންނެއްނޫނޭ. އެ ތަނަވަސްކަން އަންނަނީ ޑިމޮކްރަސީގެ ވާހަކަތައް ދައްކައިގެނެއްނޫނޭ. އެ ތަނަވަސްކަން އަންނަނީ، ރައީސަކު އެ ދާއިރާއަށް ގެންނަ ތަރައްޤީއާ ގުޅިގެންނޭ. މި 3000 އެނދު، ހއ. އާއި ހދ. ގައި އަޅައި ނިމުނީމާ، ދެން ތިޔަބޭފުޅުން އަޅުގަނޑު ކައިރީގައި، ދެ އަހަރު، ނޫނީ ތިން އަހަރު ފަހުން ވިދާޅުވޭ، ތިމަންނާމެންގެ ތަނަވަސްކަން މިވެނިވަރަކަށް އިތުރުވެގެން ހިނގައްޖެޔޭ. މިރަށުގައި އިންޓަރގްރޭޓަޑް ޓޫރިޒަމް ބޭނުންކަން އަޅުގަނޑަށް އެނގޭ. އެއަށް ޖާގަ ލިބެނީ، މި ހިސާބުގައި އެއަރޕޯޓެއް ހެދި، އަދި އެކަން ކުރެވޭނެ މަގު ފަހިވެގެން ދިޔައިމާ. އެހެންވީމާ، އެކަން ކޮށްފައި، ދެން އަޅުގަނޑު ކައިރީގައި ވިދާޅުވޭ.

 

އަޅުގަނޑު އެކަމަކު ހަމަ ނިންމާލަމުންވެސް ދަންނަވާނަން، ތަނަވަސްކަން އައިސް އޮތްވަރު. ޢަބްދުއްރަޙީމް ހަމަ މި ޖަލްސާގައި، ނޫނީވިއްޔާ މި ދަތުރުގައި އެތައް ތަނެއްގައި މިވާހަކަ ދައްކަވައިފި. އަޅުގަނޑުމެންގެ ޖީބުގެ ތަނަވަސްކަން މީގެކުރިން ހުރީ ގާތްގަނޑަކަށް ހަތަރުހާސް ޑޮލަރުގައި. އެއީ، ނިސްބަތުން ކޮންމެ މީހަކަށް އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ، ބަހާލީމާ ލިބޭ އާމްދަނީކަމަށް ބަލަމާ ހިންގަވާ. އެއީ، މުޅި ޤައުމުގެ ތަނަވަސްކަން، އާބާދީއަކަށް ބަހާލީމާ ލިބޭވަރު. އެކަމަކު ﷲގެ ރަޙްމަތާއެކީ މި ހަތަރު އަހަރަކީ ކުރު މުއްދަތެއް. ކުރު މުއްދަތެކޭ މިދަންނަވަނީ، އަޅުގަނޑުމެން ގާތްގަނޑަކަށް ދުއިސައްތަ ޑޮލަރުގެ އާމްދަނީއެއް، އަޅުގަނޑުމެން ހަތަރުހާސް ޑޮލަރާ ހަމައަށް ޖައްސަން އަޅުގަނޑުމެން ނެގި ތިރީސް ފަސް އަހަރު. ގާތްގަނޑަކަށް ދުއިސައްތަ ޑޮލަރުގެ އާމްދަނީ، މި ދެންނެވި އާމްދަނީ، ތިރީސް ފަސް އަހަރު ނެގި ހަތަރުހާސް ޑޮލަރާ ހަމައަށް ޖައްސަން. އެހެންވީމާ، ހަތަރުހާސް ޑޮލަރުން މިއަދު މި ދައްކަނީ، ގާތްގަނޑަކަށް ދިހަހާސް ޑޮލަރުގެ ވާހަކަ. އެކަމަށް ނެގީ ހަތަރު އަހަރު. މިއަކަށް ދެބަހެއްނުވެވޭނެ، ސިޔާސީގޮތުން ފިކުރު ތަފާތުވިޔަސް. މިއަށް ހެކިދޭނެ، ދުނިޔޭގެ ބައިނަލްއަޤްވާމީ މުއައްސަސާތަކުން. މިއަށް ހެކިދޭނެ، ހުރިހާ ފައިނޭންޝަލް އިންސްޓިޓިއުޝަންތައް. މީގެ އަލީގައި އަޅުގަނޑުމެންގެ ދުނިޔޭގެ ބާޒާރުން މި ބޮރޯކުރަނީ. މީގެ އަލީގައި އެންމެ ފުރަތަމަ ދިވެހިރާއްޖެއިން ބޮންޑެއް ވިއްކަން ދިޔައީމާ، ބޭރުގެ ސަރުކާރުން، ނޫނީވިއްޔާ ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް ބޮންޑު، ކޮންއިރަކުތޯ ދިވެހި ތާރީޚުގައި އޮތީ މިކަން ކޮށްފައި. ނޯންނާނެ ކުރެވިފައެއް. މިކަންކަން މިހެން ހުރީމާ، ދިވެހިރާއްޖެއަށް ބޮޑެތި އިންވެސްޓަރުން މި އަންނަނީ މިކަންކަން މިހެން ހުރީމާ. ކޮންމެހެން އަޅުގަނޑުގެ މޫނުގެ ތަޞްވީރު ފެންނާތީކީއެއް ނޫން މިއަންނަނީކީއެއް. ތަންފީޒުކުރެވޭ ސިޔާސަތުތަކުގައި ހަރުދަނާ ކަމެއް، އިތުބާރެއް އޮންނާނީ، އެ އަންނަނީ. އެހެންވީމާ، އެ އިތުބާރު ދަމަހައްޓަން އެބަޖެހޭ. އަޅުގަނޑުމެން ކޮންތާކުންތޯ އެއްހާސް މިލިއަން ޑޮލަރު ހޯދަނީ، ވެލާނާ ބޮޑުކުރަން. އެ ލޯނު ދިނީ ކީއްވެގެންތޯ. އެ ލޯނު ދިނީ، މިއަދު އިޤްތިޞާދުގެ ހަކަތަ ހުރިކަން އެމީހުން ގަބޫލުކުރާތީ. މިއީ ދޮގެއްތޯ ރައްޔިތުން ބޭނުންވާ ތަރައްޤީއަކީ. މިއީ ރައްޔިތުން ބޭނުންވާ ތަރައްޤީ.

 

އެހެންވީމާ، ދުއިސައްތަ ޑޮލަރުން ހަތަރުހާސް ޑޮލަރަށް އަންނަން ތިރީސް ފަސް އަހަރު ނަގައިފި. އެކަމަކު، އެ ހަތަރުހާސް ޑޮލަރުން ދިހަހާސް ޑޮލަރާ ހަމައަށް ޖައްސާލަން މި ނެގީ، ﷲގެ ރަޙްމަތާއެކީ އެންމެ ހަތަރު އަހަރު. އެއީ، ގައިމުވެސް މީހެއްގެ މަސައްކަތް. އެއީ، ހަމަގައިމުވެސް މީހެއްގެ ވިސްނުން. އެއީ، ހަމަގައިމުވެސް ޑޮލަރުގެ ފަހަތުން، ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓައިގެން ކުރި ކަމެއްނޫން. އެއީ، އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާ. ﷲގެ ރަޙްމަތް އެކަމުގައި މިންވަރު ކުރެއްވީ.

 

އިރާދަކުރެއްވިއްޔާ، ޤައުމު ތަރައްޤީ ކުރުމަށާއި، ރައްޔިތުންގެ ހެވާއި ލާބައަށް އަޅުގަނޑުމެން މިކުރާ ހުރިހާ މަސައްކަތެއްގައި، މާތް ﷲގެ ބަރަކާތް މިންވަރު ކުރައްވައި، އަޅުގަނޑުމެންނަށް މިކަމުގެ ހެޔޮ ތައުފީޤު ދެއްވާށި! އަދި މިކަންކަން ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުމުގެ، ހެޔޮ ތައުފީޤު މާތް ﷲ ތިޔަ އެންމެ ރައްޔިތުންނަށް މިންވަރު ކުރައްވާށި!   

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.