بســم اللّـه الرّحمـن الرّحيــم

 

ގަދަކީރިތިވަންތަ اللّـه سبحانه وتعالى އަށް ޙަމްދުކޮށް، ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 

އިހަވަންދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

 

އަޅުގަނޑުމެން މި ރަށަށް އައުމުން ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއިން، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑުމެންނާ ދޭތެރޭގައި އޮތް ގާތްކަން ކިތަންމެ ސާދާކޮށްވެސް ދައްކަވައިދެއްވައިފި. އަދި ތިޔަބޭފުޅުންގެ ރަށަށް މި އަންނަ ކުރިއެރުމުގައި އަޅުގަނޑުމެންގެ ހިއްސާއެއް އޮތްކަމަށް ގަބޫލުކުރައްވައި، ތިޔަ ވިދާޅުވި އިސްތިޤުބާލަކީ، އަޅުގަނޑުމެންގެ ހިތުން ފިލައިގެންދާނެ އިސްތިޤުބާލެއް ނޫން. މިކަމަށްޓަކައި އިހަވަންދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކީ، އަޅުގަނޑުގެ ނަމުގައި އަދި އަޅުގަނޑާއެކީ ވަޑައިގެންނެވި ބޭފުޅުންގެ ނަންފުޅުގައި ފަށްފަށުން ޝުކުރު ދަންނަވަން.

 

އާދެ! މި ރަށަށް މިއަދު އަޅުގަނޑު އައުމުން، ދެންމެ ޢަބްދުއްރަޙީމުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް އަޅުގަނޑުގެ ހިތަށް ތަފާތު ޝުޢޫރުތަކެއް އާދޭ. ރަޙްމަތްތެރިކަމާއި، ހަމްދަރުދީއާއި، އަދި ކުރެވިފައި ހުރި މަސައްކަތްތައް ބަލައިގަތުމުގެ އިޙްސާސް ތިޔަބޭފުޅުން ކިތަންމެ ރަނގަޅަކަށްވެސް އަޅުގަނޑުމެންނަށް ދައްކަވައިދެއްވައިފި. ޝައްކެއްވެސްނެތްގޮތުގައި، ވާދަވެރި ކަންތައްތަކެއް ކުރެވެމުންދާއިރު، ވާދަވެރި ކަންތައްތަކެއް އަޅުގަނޑުމެންގެ ރައްޔިތުންގެ ފަރާތުން ހިނގަމުންދާނެ. ރައްޔިތުންނަށް މަގު ދައްކައިގެން ކަންތައްތައް ކުރުމުގައި، ރައްޔިތުން ރަނގަޅު މަގުން ހިންގުމާއި، ރައްޔިތުން މަގުން ކައްސުވައިލައިގެން ގެންދިއުމާ، މިއީ، ސިޔާސީ އުކުޅުތައް ބޭނުންކޮށްގެން ސިޔާސީ ލީޑަރުން ކުރާ ކަންކަން. އެހެންނަމަވެސް، މިހާރު މޫސުމް މިހާ ކުޑަތަންވެފައި އޮއްވައި، އަނެއްކާވެސް ދިވެހިރާއްޖޭގެ ނައު މިޞްރާބު ޖަހަންވީ ކޮން ދިމާއަކަށްތޯ ކަނޑައަޅާ ދުވަސް، ރިޔާސީ އިންތިޚާބު މިހާ ކައިރިވެފައި އޮއްވައި، އަޅުގަނޑުމެންގެ ފިކުރު، އަޅުގަނޑުމެންގެ ޚިޔާލުތައް އަމިއްލަ ސިކުނޑިން އެބަޖެހޭ ވިސްނާލަން. އަމިއްލަ ބުއްދިއަށް ފެންނަގޮތަށް އަޅުގަނޑުމެން އެބަޖެހޭ ކަންތައްތަކާ ދޭތެރޭގައި ވިސްނަން.

 

އަޅުގަނޑަށް ވަރަށް ފަސޭހަވެގެން ހިނގައްޖެ، ދެންމެ ޢަބްދުއްރަޙީމް ވަރަށް ގިނަ ވާހަކަފުޅު ދެއްކެވީމާ. ވަރަށް އިޚުލާޞްތެރިކަމާއެކީ ޢަބްދުއްރަޙީމަށް ވަރަށް ޝުކުރު ދަންނަވަން، އޯގާތެރި ބަސްތަކެއް އަޅުގަނޑަށް ހަދިޔާ ކުރެއްވީތީ. އަދި ރާއްޖޭގައި މި ފަހުގެ ތާރީޚުގައި ކަންތައްތައް ހިނގާފައި ހުރި ކަންކަމުގެ ތެރެއިން، ހަމައެކަނި އެންމެ ދާއިރާއެއްގެ އެންމެ މައުޟޫޢަކަށް އެ އަލިއަޅުއްވައިލެއްވީ. އެއާއެކީ، އަޅުގަނޑުމެންގެ ޕާޓީއަކީ ކޮންގޮތަކަށް އުފެދުނު ޕާޓީއެއްތޯއާއި، އަދި އަޅުގަނޑުމެންގެ ޕާޓީގެ ވިސްނުމާއި، ފިކުރަށް އެއްވެސް ބަދަލެއް ނާންނަކަން، މިއަދުވެސް ސާބިތުކަމާއެކީ ދައްކައިދޭ ޕާޓީއެއްގެ ގޮތުގައި މިއޮތީ. ރައްޔިތުން ގޮވައިގެން ސުލްޙަވެރިކަމާއި، މަޞްލަޙަތާއެކީ، އަޅުގަނޑުމެންގެ ދީން ގަބޫލުކޮށްގެން ދިވެހިންނަށް ދިވެހިވަންތަ ސިފަތަކާއެކީ ކުރިއަށް ދިއުމުގެ ހަމައެކަނި ވިސްނުން ހުރި ބަޔަކީ އަޅުގަނޑުމެންކަން ކިތަންމެ ރަނގަޅަކަށްވެސް ޢަބްދުއްރަޙީމުގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ.

 

އަޅުގަނޑު އިހަވަންދުއަށް މިކުރާ ދަތުރަކީ، ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވުމަށް ކުރާ ދަތުރު. އިހަވަންދޫގައި ތަފާތު ގިނަ މަޝްރޫޢުތަކެއް ހިނގައި ނިމިއްޖެ. އަދިވެސް މަޝްރޫޢުތަކެއް އެބަ ހިނގާ. މިއަދު އަޅުގަނޑުމެން މިއައީ، ނަރުދަމާގެ ޚިދުމަތް ނިމިގެން، ތިޔަބޭފުޅުންނަށް ރަސްމީކޮށް، އެ ޚިދުމަތް ހުޅުވައިދިނުމުގެ އުފާ ހޯދުމަށްޓަކައި. ފެނުގެ ނިޒާމު މިވަނީ ނިމިފައި. އަދި މިހެންގޮސް އިހަވަންދުއަށް ބޭނުންވާ ކިތަންމެ ތަފާތު ކަންކަމެއް އިހަވަންދޫގައި ވަމުން އެބަދޭ. އިހަވަންދޫ އެކަންޏެއްނޫން. ހއ. ގެ ރަށްތައް. ހދ. ގެ ރަށްތައް. ށ. ގެ ރަށްތައް. ދެކުނުންގޮސް އައްޑުއަތޮޅު، ފުވައްމުލައް، ހުވަދުއަތޮޅު، މިހެންގޮސް މެދު ރާއްޖެތެރޭގެ ރަށްތަކާއި، މާލެއަށް ބަލައިލައިފި ކަމަށްވަންޏާ، ތަރައްޤީގެ އެއްވެސް ކަހަލަ އަސަރެއް ނުފެންނަ، ނޫނީ ތަރައްޤީގެ އަސަރު ނުފެންނަ ހަމަ އެއްވެސް ދިމާއެއް ނޯންނާނެ. މި ހަތަރު އަހަރު ބައިގެ މުއްދަތަކީ، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ތަރައްޤީގެ އުސް އަލިތައް އެތަން މިތަނަށް، ރާއްޖޭގެ އެކި ދިމަދިމާއަށް ފެނިގެންދާ ހަތަރު އަހަރު، ނޫނީ ހަތަރު އަހަރު ބައި. ތަރައްޤީއަކީ، ޢުމްރާނީ ތަރައްޤީ ނޫންކަމަށް އަޅުގަނޑުމެންނާ ވާދަކުރައްވާ ބޭފުޅުން އެބަ ވިދާޅުވޭ. އެއާ ގުޅުންހުރި ވާހަކަތަކެއް ޢަބްދުއްރަޙީމުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. އެކަމަކު އިހަވަންދުއަށް އައިސްފައި، ނަރުދަމާގެ ނިޒާމެއް ނެތް ބައެއްގެ ގާތުގައި ވާހަކަ ދައްކާއިރު، އިހަވަންދުއަށް އައިސް ފެނުގެ ނިޒާމު ނެތް ބައެއްގެ ކައިރީގައި ވާހަކަ ދައްކާއިރު، މިސާލަކަށް، އެ ބޭފުޅުން ތަރައްޤީ މިނާނީ، ތިމަންނާމެންނަށް ނަރުދަމާ ލިބޭނީ ކޮން ދުވަހަކުންތޯ. އެ ބޭފުޅުން ތަރައްޤީ މިނާނީ ތިމަންނާމެންނަށް ފެން މި ލިބިގެން ދިޔައީ ކޮން މަޝްރޫޢެއްގެ ދަށުން، ކާކުގެ ވެރިކަމެއްގައިތޯ މިކަން ވެގެން މިދިޔައީ. މި ރަށްރަށަށް އައިސް މި ދެވޭ ކަންތައްތަކާ ދޭތެރޭގައި ތިޔަބޭފުޅުންގެ ދުލުގައި މި ކަންކަމަށް އޮންނާނީ، ހަމަ އެންމެ ލަފްޒެއް. އެ ލަފްޒަކަށްވާނީ، މި ރަށަށް ތިމަންނާމެން ބޭނުންވެފައި އޮތްކަމެއް ވެއްޖެއޭ. އެއް ލަފްޒަކުންނަމަ، ތަރައްޤީ އަތުވެއްޖެއޭ. މިހެން ބަލައިލި އަސާސީ ކޮންމެ ދިމާއަކަށް ތަރައްޤީ އެބައާދޭ.

 

އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ކޮންކްރީޓުން އުފުލިގެންދާ ޢިމާރާތްތަކަކީ ތަރައްޤީ. ފެނާއި ނަރުދަމާގެ ހޮޅި ވަޅުލެވޭ ތަންތަނަކީ ތަރައްޤީ. އެއީ، ގޭގޭގެ ޓެޕްތައް ދޫކޮށްލީމާ ފެންއައުން. 24 ގަޑިއިރު ކަރަންޓު ލިބުމަކީ އެއީ ތަރައްޤީ. އެސް.ޓީ.އޯ.ގެ ބޭސްފިހާރައެއް، ކިތަންމެ ކުޑަ ރަށެއްގައިނަމަވެސް، ކިތަންމެ ބޮޑު ރަށެއްގައިނަމަވެސް، 24 ގަޑިއިރުގެ ބޭސްފިހާރައެއް، ނޫނީވިއްޔާ، ބޭސް ލިބޭ ފިހާރަ ހުރެގެން، 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ދިމާއަކަށް ލިބިގެން ދިޔުމަކީ ތަރައްޤީ. ރާއްޖެއަށް ތަރައްޤީ އަންނަން ރާއްޖޭގައި އެތަކެއް ޒަމާން ނަގައިފި. އެކި ބޭފުޅުން ރާއްޖެ ތަރައްޤީ ކުރައްވައިފި. އެކަމަކު، ރައްޔިތުންނަށް ބޭނުންވެފައި މިހުރި އެންމެ އަސާސީ ކަންތައްތައް ތަރައްޤީވެގެން މިދިޔައީ، މިހާރު މި ހިނގާ ފަސް އަހަރުކަން ތަފާސް ހިސާބުތަކާއި، ރައްޔިތުން ހެކިދޭނެ. ތަރައްޤީ އަޅުގަނޑުމެން މިނާ މިންގަނޑަކީ ކޮބައިތޯ؟ ތަރައްޤީ، އަޅުގަނޑުމެން މިނާ މިންގަނޑަކީ، އަޅުގަނޑުމެންގެ ޖީބުގެ ތަނަވަސްކަން އިތުރުވެގެންދާ މިންގަނޑަށް ބަލައިފި ކަމަށްވަންޏާ، މިހާރު ނެތް ތަރައްޤީއެއް، މީގެ ކުރިއަކުން އައިސްފައެއް ނެތް.

 

މީގެކުރީގައި، ތަރައްޤީގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ތަރައްޤީއާ ބެހޭގޮތުން ވަރަށް އާދައިގެ މަޝްރޫޢެއް ރަށެއްގައި ހިނގައިފި ކަމަށްވަންޏާ، އެއޮތީ ތަރައްޤީ. ކްލާސްރޫމެއް އިތުރުވެއްޖެ ކަމަށްވަންޏާ، އެއޮތީ ތަރައްޤީ. މި ރަށްރަށަށް އަޅުގަނޑުމެން ކުރީގައި، ޒިޔާރަތް ކުރާއިރު އަޅުގަނޑުމެން ދުށިން، އަޅުގަނޑަކީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވަރަށް ވާދަވެރި އިންތިޚާބަކަށްވާތީ، ރާއްޖޭގެ ހަމަ ގިނަ ދިމަދިމާއަށް ދަތުރުކުރި މީހެއް. އޭރުގެ ޙާލަތުން އަޅުގަނޑުގެ ޚިޔާލަށް ދެ މިސާލެއް ގެނަޔަދެއްވާ. އަޅުގަނޑު ދެ މިސާލެއް ދަންނަވާނަން. ޞިއްޙީ ދާއިރާގެ ކަންތައްތައް ހުރިގޮތް އަޅުގަނޑު ދަންނަވާނަން. އަޅުގަނޑު ގއ. އަށް ކުރި ދަތުރުގައި ޞިއްޙީ މަރުކަޒުތައް ހުންނަ ބައެއް ބޮޑެތި ރަށްރަށުގައި، ބިއްލޫރިގަނޑު ތެޅިގެން ކުޑަދޮރު ރިޕްލޭސް ނުކުރެވިގެން، ކުޑަދޮރަށް ބިއްލޫރި ނުލެއްވިގެން ޕުލައިވުޑުން، ޕުލައިވުޑް ފިލައިން ދޮރު ބައްދާލާފައި ހުރި ޞިއްޙީ މަރުކަޒު އަޅުގަނޑު ދުށީމު. އަޅުގަނޑުގެ ލޮލުން ދުށީމު. ހަމައެހެންމެ، ބަނދަރު ހަދަން ކޮނެލާފައި، ބަނދަރުގެ މަސައްކަތް ނުކޮށް ދޫކޮށްލާފައި ހުރި ރަށްރަށް މަދެއްނޫން. އެހެންވީމާ، އެ ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއަކީ އެއީ. މި ރަށަށް މިކަހަލަ ތަރައްޤީ އައިސްފައި ދާއިރު، އަދިވެސް މި ރަށަށް ބޭނުންވާ ތަރައްޤީ އިތުރަށް ހުންނާނެކަން އެނގޭ. މި ތަރައްޤީގެ ތެރޭގައި، ތަރައްޤީގެ މަޝްރޫޢުތަކެއް އެކަންޏެއްނޫން. ތަރައްޤީ އެބަ ވާންޖެހޭ އަޅުގަނޑުމެންގެ ސިކުނޑިއާއި، އަޅުގަނޑުމެންގެ ވިސްނުން. އޭގެ ވާހަކަތަކެއް އަޅުގަނޑުމެން ހަމަ މި ދެންނެވިކަހަލަ އިޤްތިޞާދީ، ނޫނީވިއްޔާ ތަރައްޤީގެ ވަރުގަދަ މަޝްރޫޢުތަކާއެކީވެސް އަޅުގަނޑު މި ދައްކަނީ މިކަހަލަ ވާހަކަތަކެއް.

 

އަޅުގަނޑުމެން އިހަވަންދުއަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ކުރި ދަތުރަކީ، އަޅުގަނޑުމެންނަށް ފިލާވަޅުތަކެއް ނަގައިދިން ދަތުރެއް. އެކަމަކު، އޭގެފަހުން، އަހަރުތަކެއް ފަހުން، އިރާދަކުރެއްވިއްޔާ، އިހަވަންދޫގެ ލޮބުވެތި ރައްޔިތުންނާ އަޅުގަނޑު މިއަދު ބައްދަލުކުރަނީ. ތިޔަބޭފުޅުންވެސް ހިނިތުންވެފައި، އަޅުގަނޑު އަދި އެއަށްވުރެ ބޮޑަށް އުފާވެފައި. އާދެ، ތިޔަބޭފުޅުންނަށް ލިބޭ ކޮންމެ އުފަލެއްގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް. ތިޔަބޭފުޅުންނަށް ލިބޭ ކޮންމެ ތަރައްޤީއެއްގައި އަޅުގަނޑުގެ ހިއްސާއެއް އޮތުމަކީ، އަޅުގަނޑަށް ލިބޭ ޝަރަފެއް. ރާއްޖެއަށް އަންނަ ކޮންމެ ކުރިއެރުމަކީ، ޒުވާނުންނަށް ލިބޭ ކޮންމެ ކުރިއެރުމަކީ، ކޮންމެ ގިންތިއަކަށް އަންނަ އުފާވެރިކަމަކީ، ޝައްކެއްވެސްނެތްގޮތުގައި، އެކަމުގައި އަޅުގަނޑުގެ ހިއްސާއެއް އޮވެއްޖެ ކަމަށްވަންޏާ، އެއީ ރައްޔިތުންނަށް ޚިދުމަތްކުރަން ލިބިގެންދާ އަގުހުރި ފުރުޞަތެއް ކަމުގައި އަޅުގަނޑު ދެކެން.

 

މި ރަށުގައި ދެންވެސް ހުރީ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް. ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް، އަޅުގަނޑު މިތާ އިންއިރުވެސް މި ރަށުގެ ބައެއް ބޭފުޅުން، މާލެއިން އަޅުގަނޑަށް މެސެޖް ކުރައްވަމުން ގެންދަވާ. އެހެންވީމާ، މި އެނގޭ އެއްޗަކީ، ތަރައްޤީ ބޭނުންވަނީ އެކި ދިމަދިމާއިންކަން. މި މެސެޖް ކުރައްވާ ބޭފުޅުންގެ ތެރޭގައި، ފިކުރުގެ ގޮތުން އަޅުގަނޑާ ޚިޔާލު ތަފާތު ބޭފުޅުންވެސް އެބަ ތިއްބަވާ. އެބޭފުޅުން މިއަދުވެސް އަޅުގަނޑަށް ފޮނުއްވި މެސެޖުގައި، މި އަންނަކަހަލަ ބައެއް ތަރައްޤީއަކީ، އެބޭފުޅުން އެއީ، ތަރައްޤީ ނޫންކަމަށް މީގެކުރިން ވިދާޅުވި ތަރައްޤީ.

 

އެކަމަކު، ދަންނަވަންތޯ. މާލެއާއި ހުޅުލެއާ ދޭތެރޭގައި އަޅާފައި އޮތް ބްރިޖުތޯ، ބްރިޖުގެ މަތީގައިތޯ ދަތުރުކުރާނީ، ނޫނީވިއްޔާ މާލެއާއި ހުޅުލެއާ ދޭތެރޭގައި އަދިވެސް ފެރީގައިތޯ ދަތުރުކުރާނީ، އަޅުގަނޑު ހުންނާނަން ބަލަން. އިރާދަކުރެއްވިއްޔާ، އޮގަސްޓު މަހުގެ ތެރޭގައި ބްރިޖް ހުޅުވުނީމާ. ކިތައް ރައްޔިތުންނަށްތޯ އެކަމުގައި ފަސޭހަ ލިބިގެންދަނީ، އަޅުގަނޑު ބަލާނަން. ހުޅުމާލޭގައި، އަދި މާލޭގައިވެސް ވަރަށް ގިނަ ރައްޔިތުންނަކީ، ދިރިއުޅުއްވާ ބޭފުޅުންނަކީ، އަތޮޅުތަކުން ވަޑައިގެން އުޅުއްވާ އަޅުގަނޑުމެންގެ މެހުމާނުން. މި އެންމެންނަށް އަންނަ ފަސޭހަކަމަކީ، މާލޭގެ ސަރަޙައްދަށް އަންނަ ފަސޭހަކަން. އެހެންވީމާ، މި ފަސޭހަ ނޫނީ، މި ކޮންކްރީޓުގެ ތަރައްޤީ ބޭނުންނުވާ ކަމަށްވަންޏާ، ދެން މި ވިދާޅުވާ ބޭފުޅުން އަދިވެސް އުޅެންވާނީ، ބޮއްކުރައާއި، ރިޔަލު ދޯނީގައި. ކީއްކުރަންތޯ ލޯންޗުވެސް ބޭނުންކުރަނީ. އެއީވެސް ތަރައްޤީއެއް ނޫންތޯ. އަޅުގަނޑުމެން މީގެކުރިން ބޭނުންކުރީ ބޮއްކުރާ.

 

އެހެންވީމާ، ތަރައްޤީއަކީ މިހެން އަންނަ ޢުމްރާނީ ތަރައްޤީ ކަމަށް ގަބޫލުނުކުރެވެންޏާ، ނޫނީ ރައްޔިތުންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތް ކަމަށް ގަބޫލުނުކުރެވޭ ކަމަށްވަންޏާ، ބްރިޖް ބޭނުންކުރާ މީހުންގެ ޢަދަދު މަދުވާނެ. އަޅުގަނޑު ހީކުރިގޮތަށް ބްރިޖް ބޭނުންކުރާ މީހުންގެ ޢަދަދު އެހާ ގިނައެއްވެސް ނުވާނެކަންނޭނގެ. އެކަމަކު އަޅުގަނޑު ގަބޫލުކުރާނީ މި ބްރިޖްގެ ބޭނުންކުރައްވާ ބޭފުޅުންގެ ތެރޭގައި، ހަމަ މި ދެންނެވި ހުރިހާ ބޭފުޅުން، ފާޑުވިދާޅުވާ ހުރިހާ ބޭފުޅުން އުޅުއްވާނެ.

 

ދަރުމަވަންތަ ހޮސްޕިޓަލް، އެ ފެންވަރަށް ގޮސްފައި، އަޅުގަނޑުމެންގެ ސަރަޙައްދުންވެސް ލިބޭ އެންމެ މަތީ ބޭސްފަރުވާ، ދަރުމަވަންތަ ހޮސްޕިޓަލުން ލިބިގެންދާއިރު، އަޅުގަނޑަށް ޔަޤީން، މި ބޭބޭފުޅުންވެސް، ދަރުމަވަންތަ ހޮސްޕިޓަލާ ދެކޮޅަށް އަޑު އުފުއްލަވާ ބޭފުޅުންވެސް އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ. އަދި އެ ތަނުގެ ފަރުވާ އެ ބޭފުޅުން ހޯއްދަވާނެ. އެއީ، އަޅުގަނޑުމެން އުއްމީދު މިކުރަނީ، ސިންގަޕޫރާ ހަމައިން ލިބޭ ފަރުވާވެސް އިރާދަކުރެއްވިއްޔާ، ދަރުމަވަންތަ ހޮސްޕިޓަލުން ލިބޭނެކަމަށް.

 

ހޮސްޕިޓަލާއި، ޞިއްޙީ ދާއިރާގެ ވާހަކައެއް ބުނެވުނީމާ، އަޅުގަނޑު މިތަނަށް އައިއިރު، އަޅުގަނޑަށް ކޮންމެވެސްވަރަކަށް އިޙުސާސްވެގެންދިޔަ، މި ރަށުގެ ރައްޔިތުން މިތާހުރި ޞިއްޙީ މަރުކަޒަށް ކޮންމެވެސްކަހަލަ ހަނދާނީ ނަންފުޅެއް ދެއްވަން ބޭނުންފުޅުވާކަމަށް. އާދެ، މި ރަށަކީ، ޝައްކެއްވެސްނެތްގޮތުގައި، މުޙައްމަދު ތަކުރުފާނާއި، ޙަސަން ތަކުރުފާނުގެ މަންމާފުޅު، އައިމިނާ ތަކުރުފާނު އުފަންކުރި ރަށް. ތިޔަބޭފުޅުންގެ ފަޚުރެއް. ތިޔަބޭފުޅުންގެ ޝަރަފެއް. މުޅި ދިވެހިރައްޔިތުންގެ ޝަރަފެއް. އެކަމަށްޓަކައި ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަމަށް އަޅުގަނޑަށް އިޙުސާސް ކުރެވުނީ، އަޅުގަނޑަށް މަޢުލޫމާތު ލިބުނީ، އެ ކަމަނާގެ ހަނދާނަށް، އެ ކަމަނާގެ އިޙްތިރާމަށް، އެ ކަމަނާގެ ހަނދާނަށް މި ޞިއްޙީ މަރުކަޒު ޚާއްޞަ ކުރަން. އެހެންވީމާ، މިއަދުން ފެށިގެން މި ޞިއްޙީ މަރުކަޒަކީ، އައިމިނާ ތަކުރުފާނުގެ ހަނދާނުގެ ޞިއްޙީ މަރުކަޒު ކަމަށް ސަރުކާރުން ނިންމައިފިން.

 

އަޅުގަނޑުމެން ދިވެހި ސިފަތައް ހަނދާންކުރަންޖެހޭ ސަބަބުތައް ބައިވަރު. މިއަދު މި ޕޯޑިއަމް ކައިރީގައި ހުރެގެން އަޅުގަނޑަކަށް މީގެ ތަފްސީލުތަކެއް ނުދެވޭނެ. އެކަމަކު، ބޮޑުތިލަދުންމައްޗަށް އައިސް މިކުރާ މަސައްކަތުގައި، ކީއްވެގެންތޯ އަޅުގަނޑުމެން ތާރީޚުން ފިލާވަޅު ނަގަންޖެހެނީ. ނޫނީ، ތާރީޚު އިޢާދަވާ ޙާލަތްތަކަށް ކިތައްފަހަރުތޯ އަޅުގަނޑުމެންގެ ދައުލަތް ފުރޮޅިފައި އޮތީ، އަޅުގަނޑުމެންގެ ޚިޔާލަށް މިއަދުވެސް ގެންނަންޖެހޭ. އަޅުގަނޑުމެންގެ ދައުލަތަށް ދިމާވާ ގޮންޖެހުންތަކާއި، އަޅުގަނޑުމެންގެ ދައުލަތަށް ދިމާވާ ނުރައްކާތައް މިއަދު މި ދިމާވަނީ، މީގެ ކުރީގައިވެސް ހަމަ ދިމާވެފައި ހުރިގޮތަށް. ބޭނުންކުރާ ވަސީލަތްތައް ތަފާތީ. އެކަމަކު، އޭގެ ފަހަތުގައި އޮތް ނުބައި ވިސްނުމާއި، އަދި އެކަމުގައި އޮތް މަކަރުވެރިކަމާއި، ހީލަތްތެރިކަމާއި، އެކަމުގައި ދަހިވެތިވެފައި ތިބީ ކޮންބައެއްތޯ؟ އޭރުވެސް ދިވެހިން. މިއަދުވެސް ދިވެހިން. މާދަމާވެސް ދިވެހިން. އެހީއަށް އެދެނީ، ބޭރުގެ ޣައްދާރުންގެ ކައިރިން. އެހީއަށް އެދި މިދަނީ، އަޅުގަނޑުމެންގެ ރާއްޖޭގެ ޚާއިނުން. 88 ނޮވެންބަރު 3 ގައި އެކަންޏެއްނޫން، އަޅުގަނޑުމެންނަށް ޚާއިނުން ފެނިގެން ދިޔައީ. އެއީ މާ ވަރުގަދަ ތާރީޚެއް ކަމަށް އަޅުގަނޑުމެން ލިޔަމުން އެބަ ގެންދަމު. އެއީވެސް ތާރީޚެއް. އޭގެ ކުރީގެ ޞަފްޙާތަކުގައިވެސް ހުރީ ތާރީޚެއް. ބޮޑުތިލަދުންމަތީގައި އައިސް މި ވާހަކަ ދައްކާއިރު، ތާރީޚުގެ ގިނަ ފިލާވަޅުތަކެއް ނަގައިދީފައިހުރީ މިތަނުން.

 

އެހެންވީމާ، އައިމިނާ ތަކުރުފާނުގެ ހަނދާނަށް މި މަރުކަޒު އަޅުގަނޑުމެން ދޫކޮށްނުލަންވީ އެއްވެސް ސަބަބެއް ނެތް. އެއީ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ތާރީޚު އުފެއްދި އެންމެ ވަރުގަދަ ފަހުލަވާނުގެ މަންމާފުޅު. ބޮޑުތިލަދުންމަތީގައި މި ވާހަކަ ދައްކާއިރު، ހަމަ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ ޙައްޤުގައި، އަދި ދިވެހިރައްޔިތުންގެ ޙައްޤުގައި، ދެވަނަ ބޮޑު ހަނގުރާމައަށްފަހު އައި ބޮޑު ތަދާއި، ހައިހޫނުކަމުގެ ތެރޭގައި، ބޮޑުތިލަދުންމަތިން މާލެއަށް ވަފުދުތަކެއް ޒިޔާރަތްކުރި. ތާރީޚަށް ދާކަށްނެތިން. ރައްޔިތުންނަށް ދަތިވެފައިހުރި ކަންތައްތަކެއް ސަރުކާރާ ހަމައަށް އަޑުއުފުލައި، އަދި އެކަމުގައި ރައްޔިތުން އިހުތިޖާޖު ކުރަން ކުރި މަސައްކަތްތަކެއް. ދަންނަވަން މިއުޅެނީ، މިކަހަލަ ކޮންމެ ވަގުތެއްގައި ރާއްޖެއަށް ދިމާވާ މިކަހަލަ ބޮޑެތި ކަންކަމުގައި ބޮޑުތިލަދުންމަތީގެ ދައުރެއް އެބަ އޮވެއޭ. އެހެންވެގެން، ހަނދާނުން، ތާރީޚުން ފިލާވަޅު އަޅުގަނޑުމެން ނަގާފައި، މި ދެންނެވި ކަހަލަ، މިއަދު މި އަޅާ ބިނާތައްވެސް މިކަހަލަ ނަންނަމަށް ޚާއްޞަ ކުރަން މިޖެހެނީ. އެއީ، އަޅުގަނޑުމެން ތާރީޚަށް އަޅުގަނޑުމެންކުރާ އިޙްތިރާމު. އަޅުގަނޑުމެން ތާރީޚަށް އިޙްތިރާމު ކުރަންޖެހޭ އެހެން ސަބަބެއް އަޅުގަނޑު މި ދަންނަވާލީ.

 

އަބަދުވެސް ދިވެހިރާއްޖެއަކީ، މީސްކޮޅު މަދު، ކުޑަކުޑަ ޤައުމަކަށްވެފައި، މި ގަދަ އޮއި ކަނޑުގެ ތެރޭގައި އަޅުގަނޑުމެންނަކީ ހަމަ ބޮނބިކޮޅެއް އުކާލާހެން އެކޮޅަށް މިކޮޅަށް، އެފުށް މިފުށަށް، އަޅުގަނޑުމެން ޖެހޭ ބައެއް. އެވަރުގެ ހަކަތައެއް އަޅުގަނޑުމެންގެ މިހުރީ. އެހެންވާއިރު، އަބަދުވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ، މި ސަރުކާރުން މި ރާއްޖެ ތަރައްޤީކުރަން މި ކުރާ މަސައްކަތުގައި ރާއްޖޭގެ އެތެރެއިންނާއި، ރާއްޖޭގެ ބޭރުން ބަލަން ތިބޭ ބަޔަކު މަދެއްނޫން. ކީއްވެގެންތޯ؟ ކުޑަކުޑަ މިސާލެއް ނަންގަވާ. މި ސަރަޙައްދުން ކާކުތޯ ބޭނުންނުވާނީ، ކޮން ދައުލަތެއްތޯ ބޭނުންނުވާނީ، ކޮން ދައުލަތެއްތޯ ބޭނުންނުވާނީ، އިހަށްދުވަހު އެނބޫދޫ ފިނޮޅުގައި އެ ހަދައިދިޔަ އިންވެސްޓްމަންޓް. އެއިން ޤައުމެއްގައި، ހެދެން ބޭނުންނުވާނީ ކޮން ދައުލަތެއްތޯ. އެއީ ގާތްގަނޑަކަށް 1000 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް.

 

އެކަހަލަ ކޮންމެ އިންވެސްޓްމަންޓެއް ރާއްޖެއާ ހަމައިން އިރުމަތިން އަޔަސް، މެދުއިރުމަތިން އަޔަސް، އުތުރުން އަޔަސް، ދެކުނުން މި އަޔަސް، މި އަންނަނީ، އެހެން ބައްރުތައް ހުރަސްކޮށްފައި. މިއިން ކޮންމެ ޤައުމަކުން، މިއިން ކޮންމެ ސަރުކާރަކުން ސިޔާސަތުތައް ބައްޓަން އެކުރަނީ، ވިޔަފާރިއަށް ފަހި މާހައުލެއް އެ ތަންތަނުގައި އުފެއްދުމަށްޓަކައި. އަދި އެ ތަންތަނުގައި ހުރި މުއައްސަސާތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންނަށްވުރެ ދޮށީ މުއައްސަސާތައް އެއިން ކޮންމެ ތަނެއްގައި އެހެރީ. ޑިމޮކްރަސީއަށް ބަލާކަމަށްވަންޏާ، އެކަން އޮތީ އެހެން. ޢަދުލު އިންސާފުގެ ނިޒާމަށް ބަލަންޏާ އެކަން އޮތީ އެހެން. ރައްޔިތުންގެ މަޖިލީހުގެ ޙަޔާތަށް ބަލަންޏާ، އެކަންއޮތީ އެހެން. އަދި ރައްޔިތުންގެ ވިސްނުމާއި، ހޭލުންތެރިކަމާއި، ތަހުޒީބުގެ މަގުގައި ހިނގާފައި އޮތް ދަތުރަށް ބަލާކަމަށްވަންޏާ، ހަމަ އެކަންއޮތީ އެހެން. އެވަރު ވާދަވެރި ބައެއްގެ ތެރޭގައި، މި ދެންނެވި ގަދަ ކަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ ނައު ދަތުރުކުރަން ހިފަހައްޓައިލެވުމަކީ، އެއީ ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާ ނަސީބު. އެ ނަސީބަށް އަޅުގަނޑުމެން ފުރަގަސްދޭކަށް ނުވާނެ.

 

އެފަދަ ވާދަވެރި ކަންކަމެއްގެ ތެރޭގައި އަޅުގަނޑުމެން މިކުރާ މަސައްކަތުން ﷲގެ ރަޙްމަތާއެކީ، ރާއްޖެއަށް ބޮޑެތި އިންވެސްޓަރުން އަންނަނީ. މި އިންވެސްޓަރުން ރާއްޖެއަށް އައީމާ. ފުރަތަމަ ކަމަކީ، މިކަހަލަ މީހުން ރާއްޖެއަށް ގެންނަން އަޅުގަނޑުމެން ދަންނަންވާނެ. އަޅުގަނޑުމެން މި ދެންނެވިގޮތަށް މުޅި ސަރަޙައްދުގައި އޮތް ވާދަވެރި ސިޔާސަތުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ސިޔާސަތަކީ ކުރި ހޯދާ ސިޔާސަތަކަށްވާތީ، ރާއްޖެއާ ދޭތެރޭގައި މިޞްރާބުޖަހަންވެސް އެމީހުންގެ ޚިޔާލަށް އަންނަނީ. އެ ހިސާބުން ފެށިގެން ދެން ރާއްޖޭގައި ހިނގާ ކަންތައްތަކަކީ، އެމީހުންނަށް އުޅެން ފަސޭހަ، ގަބޫލުކުރަން ފަސޭހަ ނިންމުންތަކެއް ހުންނަ ވެށްޓެއް ކަމަށް ދިވެހިރާއްޖެ ވާންޖެހޭ. އެނޫންގޮތަކަށް، ދިވެހިރާއްޖެއަށް މީހުން ކީއްކުރަންތޯ އަންނަންވީ؟ ކީއްކުރަންތޯ ދިވެހިރާއްޖެއަށް އަންނަންވީ؟ އެހެންވީމާ، ފާރަވެރިކަމާއެކީ ބަލަން މިތިބީ. ކިތަންމެ ޤައުމަކުން ޓަކި ޖަހާނެ، މި ދެންނެވި އިންވެސްޓަރުންގެ ދޮރުގައި. އެހެންނަމަވެސް، ދިވެހިރާއްޖޭގައި މިހާރު މިއޮތް ސަރުކާރާއި، އިޤްތިޞާދަށް ގެންނަމުން ގެންދާ ބަދަލާއި، އަދި އިޤްތިޞާދަށް އަންނަ ހެޔޮ ކުރިއެރުމާއި، މި ކަންކަމަށް ރިޢާޔަތްކޮށްފައި އަޅުގަނޑުމެންނަށް ލޯނު ދޫކުރާ މީހުން ލޯނުވެސް ދެނީ. އަދި ބޭރުގެ މެހްމާނުން އައިސް، އަޅުގަނޑުމެންގެ ޤައުމުގައި މި ދެންނެވި ކަހަލަ ބޮޑެތި އިންވެސްޓްމަންޓްތައް ހަދަނީ. ޤާނޫނުން އެމީހުންނަށް ރައްކާތެރިކަމެއް އިތުރަކަށް ލިބޭތީކީނޫން. އެމީހުންގެ މައްސަލަތައްވެސް ބަލާފައި ނިންމަނީ، އަޅުގަނޑުމެންގެ ކޯޓުތަކުން. އެކަމަކު، މިހާރުގެ ސަރުކާރުގެ ސިޔާސަތަށާއި، މިހާރު ސަރުކާރުން ކަންކަން ގެންދާ އުސޫލަށް އެމީހުން އިތުބާރު ކުރާތީ. އެހެންވީމާ، މި ޙާލަތު ބަދަލުކުރާކަށް އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއްނޫން.

 

މި ރަށްރަށަށް އައީމާ، އަޅުގަނޑާ އަބަދުވެސް މަޝްވަރާކުރާނީ، ނޫނީވިއްޔާ އަޅުގަނޑާ އަބަދުވެސް ބައްދަލުކުރާނީ، ރަށްރަށަށް ދަތިވެފައިހުރި ކަންތައްތަކުގެ ވާހަކަ. މިއީ ޝައްކެއްވެސްނެތްގޮތުގައި، ރައީސަކަށް ހުންނަ މީހެއްގެ ކަންފަތް ތޫނުވާންޖެހޭ މައްސަލަ މައްސަލަ. ރައްޔިތުން އެދޭ ކަންތައްތަކެއް ރައްޔިތުންނާ ހަމައަށް ކޮށްދޭންވާނެ. އެކަމަކު، އެކަން ކުރުމުގައި އަޅުގަނޑަށް ފުރުޞަތުވެސް ލިބެންވާނެ. އިހަވަންދޫން މިއަދުވެސް ވިދާޅުވާނެ އަޅުގަނޑު ކައިރީގައި، އެތަކެއް ކަންތައްތަކެއް ކޮށްދޭން. ޒުވާނުން އަޅުގަނޑު ކައިރީ ބުނާނެ، އެތައް ކަންތައްތަކެއް ކޮށްދޭން. އެހެންކަމަށްވަންޏާ، ހަމަ ޚާއްޞަކޮށް އިހަވަންދޫން އަޅުގަނޑަށް އެބަޖެހޭ އެ ތާއީދު ދެއްވަން. އެ ފުރުޞަތު އަޅުގަނޑަށް ދެއްވާފައި. ދެން އަނެއްކާވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުގެ އަޖުމަ ބައްލަވައިލައްވާށޭ. މިހާތަނަށް ރާއްޖޭގެ ހުރިހާ ދިމާއަކަށް ދަތިވެފައިހުރި ބޮޑެތި މައްސަލަތަކުގެ 90 ޕަސެންޓް މައްސަލަ އެދަނީ ޙައްލުވެގެން. ނަރުދަމާގެ ވާހަކަ އެކަނި ދެއްކިކަމުގައިވީނަމަވެސް، މިއީ، ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި ވިދާޅުވިހެން، 60 އެތައް ރަށެއްގެ ނަރުދަމާ ނިމިގެން އެދަނީ. ފެނުގެ މައްސަލަ ޙައްލުވެގެން އެދަނީ.

 

މިހާރު އަޅުގަނޑުމެން މި ދައްކަނީ، އާދައިގެ މަސްވެރި ބަނދަރުގެ ވާހަކައެއްނޫން. މިހާރު އަޅުގަނޑުމެން މި ދަންނަވަނީ، މިހާރު މި ދައްކަނީ، އިޤްތިޞާދީ ޞިނާޢީ ބަނދަރު ހަދާ ވާހަކަ. އިހަވަންދުއަކީ މުރާލި ރައްޔިތެއް އޮތް ރަށެއް. އިހަވަންދުއަކީ މަސްވެރިންތަކެއް ތިބި ރައްޔިތެއް. އިހަވަންދުއަކީ، ކުރިއަށް ދިޔުމުގެ ރޫޙު އޮތް ތަނެއް. ހަމަ އެހެންމެ، ތިލަދުންމަތީގެ އެހެން ރަށްރަށުގައިވެސް ހަމަ މި ރޫޙު އެބައޮތް. ހުރިހާ ރަށަކުންވެސް މިއީ ވަޠަނީ ސިފަތަކެއް ދައްކައިދީފައި އޮތް ތަނެއް ބޮޑުތިލަދުންމައްޗަކީ. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމުގެ މަޞްލަޙަތު ނިޔާކުރާގޮތް އެންމެ ރަނގަޅަށް އެނގެންވާނީ، ޒުވާނަކަސް، އެ ރޫޙު، އެ ހިނގުން، ލޭގެ ހިނގުން، އެ ވިންދު އަޅުގަނޑުމެންގެ ހޮޅިތަކުގައި ހުންނަންވާނެ. މިތަނުން ބޮޑުތަކުރުފާނު އުފަންކުރީ. މިތަނުން އައިމިނާ ތަކުރުފާނު އުފަންކުރީ. މިތަނުން ބޮޑު މުޙައްމަދު އުފަންކުރީ. އެހެންވީމާ، މި ކަންކަމަކީ ޤައުމީ ބަޠަލުންގެ ޖިހާދު އަޅުގަނޑުމެންނަށް ނަގައިދޭ ފިލާވަޅު. އެހެންވީމާ، މި ފިލާވަޅުތަކުން އަޅުގަނޑުމެން އެންމެ ފިލާވަޅަކުންވެސް ޢިބުރަތެއް ހާސިލުކުރާ ކަމަށްވަންޏާ، ދިވެހިވަންތަ ސިފަތަކަކާއި، ޤައުމިއްޔަތުގެ ސިފަތަކެއް އަށަގެންނެވުމަށްޓަކައި، ކުރާ ޖިހާދު ފެށެންވާނީ ބޮޑުތިލަދުންމަތިން.

 

އަޅުގަނޑުމެންގެ އޮޑީގެ މިޞްރާބު ބަދަލުކުރާކަށްނުޖެހޭ. އަޅުގަނޑުމެންގެ އޮޑީގެ މިޞްރާބު މިހުރީ އިންޑިޔާގެ ކަނޑުގައި. ހަމަ ތަރައްޤީއާއެކީ ބާރަށް. ބާރު ސްޕީޑުގައި، އައި.ބީ. ބުނުއްވާ ގޮތުން ވެއްޖިއްޔާ، ރޮކެޓް ސްޕީޑުގައި. ދެން މި ސްޕީޑު ހުއްޓުވާކަށް މަސައްކަތް ކުރާނެކަމެއް ނެތް. ޢަބްދުއްރަޙީމުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، ކިހާވަރަކަށްތޯ އަޅުގަނޑު ދަތިއަޅުވަން މަސައްކަތްކޮށްފައި ހުރީ ސިޔާސީ ވާދަވެރިން. ސިޔާސީ ވާދަވެރިންވެސް ކުރަންޖެހޭ ކަމަކީ، އިމްތިޙާނެއް ހަދާ ކަމަށްވަންޏާ، އިމްތިޙާނުގައި މޮޅު ކުއްޖާ މި ދެނެގަންނަނީ ކިހިނެއްތޯ. އިމްތިޙާނުގައި މޮޅު ކުއްޖާ ދެނެގަންނަނީ، އެ އިމްތިޙާނުގެ އެއް ސުވާލުތަކެއް ހުރިހާ ކުދިންނަށް ދީގެން. އެ ކުއްޖާގެ ތޫނުކަމާއި، އެ ކުއްޖާގެ ވިސްނުން ހުރިވަރާއި، އެ ކުއްޖާ އެ ސުވާލުތަކަށް ޖަވާބުދޭގޮތުން އެ ކުއްޖާ މޮޅު ކުއްޖަކަށްވަނީ. އަނެއް ކުއްޖާއަށްވުރެ މޮޅު ކުއްޖަކަށް ވެގެން މިދަނީ. ކީއްވެގެންތޯ މި ވާދަވެރިކަން އަޅުގަނޑުމެންގެ ތެރޭގައި ނޯންނަންވީ؟ އަޅުގަނޑުމެންނާއެކީ، ސިޔާސީ ގޮތުން ވާދަކުރަންޏާ، މި ޕޯޑިއަމްގެ މިތަނަށް ވަޑައިގަންނަވާ، އަޅުގަނޑުމެންނާއެކީ މި ތިއްބެވި ބައެއް ބޭފުޅުން. އަޅުގަނޑު ދަންނަވާނީ، އެ ބޭފުޅުން ކުރެއްވި ކަމަކަށް އަޅުގަނޑު ދަންނަވާނަން، ހަ ކަންތައް އަޅުގަނޑު ކޮށްދީފީމޭ. ތަރައްޤީގެ މަޝްރޫޢުތަކަށް ބަލަންޏާ، މި ރަށަށް އެކަނި އަޅުގަނޑު ދަންނަވާނަން، ޖުމްލަ މަޝްރޫޢުތަކަށް ބަލަންޏާ، މި ރަށަކީ، ޝައްކެއްވެސްނެތްގޮތުގައި، މި ފާއިތުވި، އަޅުގަނޑުގެ ސަރުކާރެއް ނޫން، އޭރުގެ ސަރުކާރުތަކުގައިވެސް ގިނަ މަޝްރޫޢުތަކެއް ހިންގައިދީފައި އޮތް ރަށެއް. އެކަމަކު، އެ ފަސް އަހަރުގެ ތެރޭގައި ޖުމްލަ ހިންގިފައި މިއޮތް މަޝްރޫޢުތަކުގެ ޢަދަދަކީ، 78 މިލިއަން ރުފިޔާ. މި ޒަޢާމަތުގެ ފަސް އަހަރުގައި އަޅުގަނޑު ހިންގައިފިން 143 މިލިއަންގެ މަޝްރޫޢު.

 

އެހެންވީމާ، ފިކުރުގެ ގޮތުން ތަފާތުވީނަމަވެސް، އަދި މަޝްރޫޢުތަކެއް ފެން ފަހިވާގޮތަށް މިތަނަށް އޮއްސާލި ކަމުގައިވީނަމަވެސް އަދިވެސް އޭގައި ކްރެޑިޓް ނަގަންއޮތީ މި ސަރުކާރުން. އެއީ، މި ދެންނެވީ ގާތްގަނޑަކަށް ދެގުނަ މަޝްރޫޢު މި ރަށުގައި ހިންގައިފިން. އެހެންވީމާ، އަޅުގަނޑާއެކީ ވަޑައިގަންނަވާ، އަޅުގަނޑުގެ ކުރިން ތިއްބެވި ބޭފުޅުން، މި ޕޯޑިއަމަށް ވަޑައިގަންނަވާ ވާހަކަ ދައްކަވަން. ރައްޔިތުންގެ ދަރުބާރަކީ، އިންސާފު ޤާއިމުކުރާ ދަރުބާރު.

 

ރައްޔިތުންގެ ކައިރީ ވިދާޅުވޭ، ކީއްވެގެންތޯ ރައީސް ޔާމީނަށް މިއަދު އެހާގިނަ ނަރުދަމާ ހަދަންޖެހިގެން މިއުޅެނީ. ރައީސް ޔާމީނަށް އެހާގިނަ ރަށުގައި ފެނުގެ ނިޒާމު ޙައްލުކޮށްދޭން ޖެހިގެން މިއުޅެނީ ކީއްވެގެންތޯ. އޭގެ ކުރިން ބޮޑު ހަމުގައި ހުރި ފެން މިއަދު ޓެޕް ދޫކޮށްލީމާ، ފެން މި އަންނަނީ. ކީއްވެގެންތޯ މާލެއާ އެއް ފެންވަރަށް މިއޮތްހާދުވަސްވީއިރު އަޅުގަނޑުމެންނަށް ކަރަންޓާއި ފެނާ، މި ކަހަލަ އެއްޗެތީގެ ޚިދުމަތުގެ އަގު އެއްވަރު ނުކުރެވިގެން ދިޔައީ. ކުރީގެ ރައީސުން ވަޑައިގަންނަވާ. ކުރީގެ ސިޔާސީ ލީޑަރުން ވަޑައިގަންނަވާ. އަޅުގަނޑާއެކީ ހަމަ މި ޕޯޑިއަމްގައި މިތާ ތިއްބަވައިގެން އިހަވަންދޫގައި މި ވާހަކަ ދައްކަވަން. އަޅުގަނޑު ދަންނަވާނަން.

 

އަޅުގަނޑުގެ ސިޔާސީ ވާދަވެރިންނަށް ޖަވާބު ނުދެއްވޭނެ ބައެއް ވާހަކަވެސް އަޅުގަނޑު ދަންނަވާނަން. އެއީ، އަޅުގަނޑު މީގެ ކުރީގައި ރަށެއްގައި ވާހަކަ ދައްކަމުން އަޅުގަނޑު ދަންނަވާލިން، މި ޖަވާބުތަކުން ރެކެވޭނެގޮތެއް ނުހުންނާނެއޭ. އަޅުގަނޑު އެ ބޭފުޅުންނާ ހަމަ ދަތި ސުވާލުތަކެއް ކުރާނަން. އިހަވަންދޫގެ ރައްޔިތުންގެ ހާޒިރުގައި. މުޅި ދިވެހިރައްޔިތުންގެ ހާޒިރުގައި އަޅުގަނޑު މި ސުވާލުތައް ކުރާނަން. އަޅުގަނޑަށް، ދިވެހިރައްޔިތުންނަށް ވިސްނޭވަރަށް އަދި އަޅުގަނޑަށް ޚާއްޞަކޮށް ވިސްނައިދެވޭވަރަށް އެ ބޭފުޅުން ވިދާޅުވެދެއްވާ. އަޅުގަނޑުމެންގެ އެއަރޕޯޓް ކީއްވެގެންތޯ ބޭރުގެ ބަޔަކަށް ވިއްކާލީ. އަޅުގަނޑަށް ކިޔައިދެއްވާ އޭގެ ޖަވާބު. އަދި އެއިން ލިބުނީ ދިވެހިރައްޔިތުންނަށް ކޮން މަންފާއެއްތޯ. ނޫނީވިއްޔާ، އެއިން އޭގެފަހުން އައި ބަޔަކު އުފުލަންޖެހުނީ ކޮން ތުރާލެއްތޯ، އަޅުގަނޑަށް ކިޔައިދެއްވަން އެބަޖެހޭ. ދިވެހިރައްޔިތުންނަށް ކިޔައިދެއްވަން އެބަޖެހޭ. ކީއްވެގެންތޯ މިއަދު އަޅުގަނޑުމެން ބޭނުންވާ އަގަށް ފެނުގެ އަގު ހެޔޮނުކުރެވިގެން މިއުޅެނީ. އޭގެ ޖަވާބު އެބަޖެހޭ ވިދާޅުވެދެއްވަން. އެމް.ޑަބްލިޔު.އެސް.ސީ.ގެ ހިއްސާއަކީ އަޅުގަނޑުމެންގެ އަޣުލަބިއްޔަތު އޮތް ހިއްސާއެއް. އަޅުގަނޑުމެންގެ ބޮޑު ހިއްސާއެއް އޮވެފައި، ބޭރު ބަޔަކަށް އެ ހިއްސާގެ އިތުރު ބައެއް ވިއްކާލަން ޖެހުނީ ކީއްވެގެންތޯ ވިދާޅުވެދެއްވަންޖެހޭ. ދެން، ކުރެވިފައި އޮތް އެގްރީމެންޓުގައި އެމީހުންގެ އާމްދަނީ، ނޫނީވިއްޔާ ކުންފުނީގެ އާމްދަނީގެ ސާފު ފައިދާ ވަކި ޕަސެންޓޭޖެއް، ރޭޓް އޮފް ރިޓަރންއެއް އޮންނަންޖެހޭގޮތަށް، ވަކި ޢަދަދެއް އޮންނަންޖެހޭގޮތަށް މި ހަދަނީ. އެ ޢަދަދު ހޯދުމަށްޓަކައި ފެނުގެ އަގު ހެޔޮނުކުރެވިގެން މި އުޅެނީ އެ ސަބަބަށްޓަކައި. އެހެންވީމާ، އެކަން ނުކުރިނަމަ ދިވެހި ދައުލަތުގެ ސައްތައިންސައްތަ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި އޮތްނަމަ، މިއަދު ފެނުގެ އަގު ހެޔޮވެގެންދާނެ.

 

އެހެންވީމާ، އެކަމުގެ ޖަވާބު އަޅުގަނޑަށް އެބަ ދެއްވަންޖެހޭ. އެ ލިބުނު ފައިސާއަށްވީ ކިހިނެއްތޯ. އެ ފައިސާ އިންވެސްޓްކޮށްގެން އަޅުގަނޑުމެންނަށް ލިބުނީ ކޮން ފައިދާއެއްތޯ. ކީއްވެގެންތޯ ވަކި އަގަކަށްވުރެ ހެޔޮ އަގެއްގައި ނުވިއްކޭގޮތަށް އަޅުގަނޑުމެން އަމިއްލައަށް ތާށިވެގެން މިތިބީ މިކަހަލަ އެގްރީމެންޓް ހަދައިގެން. އެ އެބަޖެހޭ ރައްޔިތުންނަށް އޮޅުންފިލުވައިދޭން. އެ އެގްރީމެންޓް ހަދާކަށްނުޖެހޭ. މިއަދުވެސް އަޅުގަނޑުމެން ބޭނުންވާގޮތަށް އަގުތަކަށް ބަދަލު ނުގެނެވިގެން މިއުޅެނީ، މި ދެންނެވިކަހަލަ ސަބަބު ހުރެގެން. އަދި އަޅުގަނޑަށް ވިދާޅުވެދެއްވަންޖެހޭ، އަޅުގަނޑުމެންގެ މުވާޞަލާތު ޚިދުމަތް ދޭ އޮތީ ދެ ކުންފުނި. މައިގަނޑު ދެ ކުންފުނި. ކީއްވެގެންތޯ ސަރުކާރުން ބޮޑު އަޣުލަބިއްޔަތެއް ނަގާފައި އޮތް ކުންފުންޏެއްގެ ހިއްސާ، އަނެއްކާ އަނބުރާ ވިއްކާލަން ޖެހުނީ. ބޭރު ބަޔަކަށް ވިއްކާލަން ޖެހުނީ ކީއްވެގެންތޯ. އެ ކުންފުނީގެ ބޯޑުގައި އަޅުގަނޑުވެސް އުޅުނިން. އަޅުގަނޑުމެންގެ ވިސްނުމުގައި އޭރުއޮތީ، އަޅުގަނޑުމެން ހިއްސާ ގަންނަމުންގޮސް ސަރުކާރުގެ ބޮޑު މެޖޯރިޓީއެއް، އެ ކުންފުނީގެ ހިއްސާ އަޅުގަނޑުމެންގެ އަތުގައި އޮތުން. ދިރާގުގެ އެ ހިއްސާގެ ބޮޑު މެޖޯރިޓީ އަޅުގަނޑުމެންގެ އަތުގައި އޮތުން. އަޅުގަނޑު އިނިން، ޓްރޭޑް މިނިސްޓަރުގެ ހައިސިއްޔަތުން ދިރާގު ބޯޑުގައި. ޑިރެކްޓަރަކަށް ހުރިއިރު، އަޅުގަނޑު އިނިން އަޅުގަނޑުމެން ކޭބަލް ވަޔަރލެސްއިން އައި މީހުންނާ ވާހަކަ ދެއްކިއިރު. އެއީ، އެ ނޫން އެހެން ވިޔަފާރި ކުންފުންޏެއް މިތަނަށް ގެންނަންވެގެން ކުރެވުނު މަސައްކަތުގައި އެ މީހުންގެ އިހުތިޖާޖުތައް އަޑުއަހަން. އޭރު އޮންނަނީ މޮނޮޕޮލީއެއް. މިކަން އެނގިވަޑައިގަންނަވާ ބޭފުޅުން މިތާނގައިވެސް އެބަ ތިއްބެވި. އަދި އަޅުގަނޑާއެކީ މަސައްކަތްކުރައްވާ ޓީމުގައިވެސް އެބަ ތިއްބެވި. އެންމެފަހު ވާހަކައަކަށްވެސް ބުނި ވާހަކައަކީ، ދިވެހިސަރުކާރުގެ މަންދޫބުންނަށް ތިމަންނާމެން ބުނަމޭ، ތިމަންނާމެންގެ ހިއްސާ 25 ޕަސެންޓަށްވުރެ ކުޑަވާ ދުވަހު އެއީ ތިމަންނާމެންގެ ހިއްސާ ދޫކޮށްލާފައި މިތަނުން ނުކުންނަ ދުވަހޭ. އެކަމަކު 25 ޕަސެންޓަށްވުރެ އެމީހުންގެ ހިއްސާ ކުޑަކުރުމަކީ، އަޅުގަނޑުގެ އުއްމީދު. އެއީ، އޭރަށް އަޅުގަނޑުމެންގެ ކުންފުންޏަކަށް އެ ކުންފުނި އެވީ. އެ ކުންފުންޏަކީ އަޅުގަނޑުމެންގެ ކުންފުންޏަކަށްވަންޏާ، އެ ދޭ ޚިދުމަތްތައް އަޅުގަނޑުމެން ދޭނީ ދިވެހިރައްޔިތުންނަށް. އަޅުގަނޑުމެންގެ ކުންފުންޏެއްގެ ތެރެއިން. އެކަމަކު، މޭޒު ބަދަލުވީ، އަޅުގަނޑުމެން ތިބި ގޮނޑި ބަދަލުވެގެންދިޔައީ، ދެން އައި ސަރުކާރުން އަޅުގަނޑުމެންގެ 55 ޕަސެންޓް ގަނެފައި އޮއްވައި، ދެން އައި ސަރުކާރުން އަނެއްކާ އަޅުގަނޑުމެންގެ ހިއްސާތައް ވިއްކާލީ. އަނެއްކާވެސް އެއިން ލިބުނު ފައިދާއެއް އަޅުގަނޑަކަށް ނުވިސްނޭ.

 

ރާއްޖޭގައި ހުރި ސަރުކާރު ހިއްސާވާ މިފަދަ ކުންފުނިތަކުގެ ތެރެއިން އެންމެ ވަރުގަދަ ދެ ކުންފުނި، ތިން ކުންފުނި ނަގާކަމަށްވަންޏާ، އެއް ކުންފުންޏަކީ ދިރާގު. އެ ކުންފުނީގެ ހިއްސާ އަޅުގަނޑުމެން ނުޖެހޭ ވިއްކާކަށް. އެއަރޕޯޓް ނުޖެހޭ އަޅުގަނޑުމެން ވިއްކާކަށް. އެމް.ޑަބްލިޔު.އެސް.ސީ، ފެން ކުންފުނީގެ ހިއްސާ އަޅުގަނޑުމެން ނުޖެހޭ ވިއްކާކަށް. މިހާރު ރައްޔިތުންނަށް ކުރިމަގު ހޯދައިދެއްވަން މަސައްކަތް ކުރައްވާ ބޭފުޅުން، އޭރު ކުރެއްވި ކަންތައްތައް މިއީ. މިއަދު އެ ބޭފުޅުންގެ ވިސްނުންފުޅާއި، އޭގެ ޖަވާބު ރައްޔިތުންގެ ދަރުބާރުގައި އެބަ ހާމަކޮށްދޭންޖެހޭ. އަދި އެކަމުން ނުކުތް ރަނގަޅު ނަތީޖާ އެބަ ވިދާޅުވާންޖެހޭ. އޭރަށް ސެޕްޓެންބަރު 23 ގައި ވޯޓުލާން ދާއިރު، އިހަވަންދޫގެ ރައްޔިތުންނަށްވެސް، ދިވެހިރާއްޖޭގެ ރައްޔިތުންނަށްވެސް ވިސްނޭނީ، ދެން އެ ބޭފުޅުން ވެރިކަމަށް ވަޑައިގެންފިއްޔާ، ރައީސް ޔާމީން 1000 މިލިއަން ޑޮލަރު ހޯދައިގެން އަޅާ އެއަރޕޯޓް، ދެންވެސް ވިއްކާނުލާނެކަމުގެ ކަށަވަރުކަން ލިބޭނީ އޭރުން. އެ ބޭފުޅުން އެކަން ކުރެއްވި ގޮތާއި، އެކަންކުރި ވިސްނުމާއި، އެއިންވީ ފައިދާއާ، ރަނގަޅަށް ރައްޔިތުންނަށް ވިދާޅުވާން އެބަޖެހޭ. އަދި އެއީ ހެދުނު ގޯހެއް ކަމަށްވަންޏާ، ކެރިގެން ދީލަތި މަޢާފަކަށްވެސް އެބަ އެދެންޖެހޭ. މި ސުވާލުތަކުގެ ޖަވާބެއް، އަޅުގަނޑާ އިދިކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުންނަކަށް ނުދެއްވޭނެ. މި ސުވާލުތަކުގެ ޖަވާބު އަޅުގަނޑު ބޭނުން. އަޅުގަނޑަކީވެސް ހަމަ އެ ދުވަހު ވޯޓުގެ ޝައުޤުވެރިކަން ހުރި މީހެއް. އެހެންވީމާ، އިހަވަންދުއަށް އައިސް ރައްޔިތުންގެ އަރިހު މިވާހަކަ ދައްކާއިރު، މުޅި ދިވެހިރާއްޖޭގެ ރައްޔިތުން އަޑުއަހާ ވާހަކައަކަށްވާތީ، އަޅުގަނޑު މިވާހަކަ ދަންނަވާލީ. މީގެ ޖަވާބުތަކެއް އެބަ އަޅުގަނޑުމެންނަށް އިވެންޖެހޭ. އަޅުގަނޑުމެންނަށް މީގެ ޙަޤީޤަތް އެބަ އެނގެންޖެހޭ. ކީއްވެގެންތޯ މި ކަންކަން ކުރަންޖެހުނީ، އަޅުގަނޑުމެންނަށް އެނގެންޖެހޭ.

 

ތިޔަ އެއަރޕޯޓެއް ދޫކޮށްލައިގެން އެތަނަށް އައި ތަރައްޤީ ވިދާޅުވޭ. އެތަނަށް އައި ތަރައްޤީއެއް ނެތް. އެތަނަށް އައި ތަރައްޤީއެއް، ނޫނީ އެތަނަށްވީ ކަމެއް ވެއްޖިއްޔާ، އަޅުގަނޑު އެއަރޕޯޓް އެހާ ބޮޑު އަގު ދީފައި އަނބުރާ ނަގާފައި، އަޅާފައި ހުރި އެ ހުރިހާ ބުޑުތަކެއް ތަޅާފައި އުކާލީ. އެކަން ކުރަންވެސް އަޅުގަނޑު އަތުން ދިޔައީ ލާރި. ވިސްނުމެއް ނެތް، އެއަރޕޯޓަށް ތަރައްޤީ ގެންނާކަށެއް.

 

އެހެންވީމާ، އަޅުގަނޑުމެންގެ އެއަރޕޯޓް، އަޅުގަނޑުމެން މިހެން ބިނާކުރާ ހަރުމުދާ އެއީ އަޅުގަނޑުމެންނަށް ސަތޭކައިން ސަތޭކަ މަންފާ ލިބޭ ތަންތަން ގޮތުގައި އޮންނަންވާނީ. މިއަދު ބައްލަވާ، މިއަދު އެމް.ޓީ.ސީ.ސީ. އާއި، އެމް.ޕީ.އެލް. އާއި، އެމް.ޑަބްލިޔު.އެސް.ސީ. އާއި، އަދި މިނޫންވެސް އެހެން ފެނަކައާ، މި ކުންފުނިތައް ވަރުގަދަވެގެން ރާއްޖެތެރޭގެ އެތަން މިތަނުގައި މި މަސައްކަތްކުރަނީ ކީއްވެގެންތޯ؟ އެއީ، އަޅުގަނޑަށް އެ ކުންފުނިތަކާ ދޭތެރޭގައި އޮންނަ އިތުބާރު. އަދި އެ ކުންފުނިތަކަކީ ހަލާކުވެގެންދާނެ ކުންފުނިތަކަށް ދާން ދޫކޮށްނުލާތީ. އެހެންވެގެން، އެ ކުންފުނިތައް ވަރުގަދަވެގެންދަނީ. އެ ކުންފުނިތައް ވަރުގަދަވީމާ ނޫންތޯ، މި ބަނދަރުތަކާ އެއްޗެތި އަޅުގަނޑުމެން ބޭނުންވާ އަވަސްމިނުގައި މި ދެވެނީ. ބޭރު ބަޔަކާ ހަވާލުކުރީމާވަނީ ކިހިނެއްތޯ؟ މަގު ހަދަން ހަވާލުކޮށްފިއްޔާ، ކޮނެލާފައި، ލާރިކޮޅު ހިފައިގެން ނައްޓާލަނީ. އެ ހާލުގައި އަޅުގަނޑުމެން މިތިބީ. އެކަމަކު، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފިއްޔާ، މި ކަންކަން ހިނގާތަން އެބަފެނޭ. އަނެއްކާ ހިނގަނީ ބާރު ސްޕީޑުގައި.

 

އަދިވެސް އެބައޮތް ދަންނަވާލަން ވާހަކައެއް. ދިވެހިރާއްޖޭގެ އެތަން މިތަނުގައި މިދަނީ އެއަރޕޯޓުތައް ހެދެމުން. މިހުރިހާ އެއަރޕޯޓުތަކަށް މިވަގުތު އެންމެ ފަރިކަމާއެކީ އުދުއްސާ ކުންފުންޏަކީ އައިލެންޑް އޭވިއޭޝަން، ނޫނީވިއްޔާ މޯލްޑިވިއަން. އެ ކުންފުންޏަކީ، ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން، ޑޮމެސްޓިކް ސިވިލް އޭވިއޭޝަންގެ ތާރީޚުގައި ދުވަހަކުވެސް، ދުވަހަކުވެސް މާލީގޮތުން އުދުހިނުގަތްފައި އޮތް ކުންފުންޏެއް. އެހެންނަމަވެސް، އެ ކުންފުންޏަކީ އިރާދަކުރެއްވިއްޔާ، މިހާރު ވަރުގަދަ ކުންފުންޏެއް. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، އެ ކުންފުނި ހުއްޓާލާފައި، އެ ކުންފުނީގެ މަސައްކަތް ބަޔަކަށް ވިއްކާލަން އޭރު އޮތް ސަރުކާރު އޮތީ ނިންމާފައި. އެކަމަކު، އެ ކުންފުނި ވިއްކާލިނަމަ، މިއަދު އަޅުގަނޑުމެން ކޮންތާކުތޯ އުޅޭނީ؟

 

މިއަދު އައިސް ތިލަދުންމަތީގައި އަޅުގަނޑު މި ދައްކާ ވާހަކައަކީ، ހއ. އަށާއި، ހދ. އަށް އަޅުގަނޑު ބޭނުމޭ 3000 އެނދު އިތުރުކުރަން. 3000 އެނދު އިތުރުކުރާ ކަމަށްވަންޏާ، މި ތަންތަނުގައި އެއަރޕޯޓު ނުހެދި، ކޮން ގޮތަކުންތޯ 3000 އެނދު އިތުރުކުރަނީ. އެހެންވީމާ، މިކަން ކުރާއިރު، އަޅުގަނޑުމެންގެ މީހުން އުފުލަން، އަޅުގަނޑުމެންގެ އެއަރލައިނެއް އެބަ އޮންނަންޖެހޭ. އެހެން ދައުލަތްތަކުގައި، ހަމަގައިމުވެސް ދައުލަތްތަކާއި ރައްޔިތުން ދެކެނީ، މިއިން ކޮންމެ އެއްޗެއް އެ މީހުންގެ އެއްޗަކަށްވުމަކީ ޝަރަފެއްކަމުގައި.

 

އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ މާ ދުރުނޫން މާޒީއެއްގައި މިހެންހުރި ކޮންމެ އެއްޗެއް ވިއްކާލީ. އަޅުގަނޑުމެންގެ އަތުގައި ވިއްކާލާފައި ހަމަ އެކައްޗެއްވެސް ނެތް. އޭރު އަޅުގަނޑުމެން ހޯދި ފައިސާ، ވިއްކާފައި ހޯދި ފައިސާ އެ ވީތަނެއް ނޭނގެ. ފުން ކަނޑަކަށް އެޅުނު ފައިސާއަށްވުރެ، އެ ފައިސާގެ ހާލަތު ގޯސްހެން އަޅުގަނޑަށް ހީވަނީ. އެހެންވީމާ، މިއީ އޭގެ ކުރީގައި ކަންތައްތައް ހިނގާފައި އޮތްގޮތް.

 

މިހާރު މިދަނީ ލޯނު ނަގައިގެންނާއެކީ ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުން. މިރަށަށް އައިސް މި ވާހަކަ ދައްކާއިރު، އަދިވެސް އަޅުގަނޑު ދަންނަވާނަން، ޖަވާބުދެއްވަންޖެހޭ ވާހަކައެއް. އަޅުގަނޑުމެން މި އަތޮޅުތަކުގައި ތިބެފައި، މާލެއަށް، ނޫނީ އުތުރުން ދެކުނަށް ދަތުރުކުރާއިރު، ގައްލަންދޫ ކަނޑު އަޅުގަނޑުމެންގެ ޚިޔާލަށް އަބަދުވެސް ގެންނަން. ދެން، ގައްލަންދޫ ކަނޑުގެ ހައްލަކަށްވެގެންދާނެ، މާފިނޮޅުގައި އެއަރޕޯޓެއް އެޅުނީމާ، އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ. އެކަމަކު ހަމައެއާއެކީ ދަންނަވާލާނަން، މިއީ، އައި-ހެވަން ހިމެނޭ އިހަވަންދިއްޕޮޅު. އިހަވަންދިއްޕޮޅު އަތޮޅު މިއީ. މި މަސައްކަތް އަޅުގަނޑުމެން ކުރާކަމަށްވަންޏާ، އަދިވެސް އަޅުގަނޑުމެންގެ އިޤްތިޞާދު ވަރުގަދަވާންޖެހޭ ސަބަބު. އެއާއެކީ، އަޅުގަނޑު ކޮށްލަން ބޭނުންވާ އިތުރު ސުވާލެއް އެބައޮތް.

 

އެމް.ޑީ.ޕީ. ސަރުކާރުގައި އެންމެ ވަރުގަދަ ސިޔާސަތަކަށް އަތޮޅު ތެރޭގައިވީ، ދަތުރުފަތުރުގެ ނިޒާމު. ކޮބައިތޯ މިއަދު އެ ނިޒާމު؟ އެ ނިޒާމާއެކީ، އެތައް ބަޔަކަށް ރިޒޯޓް ހަދަން އެތައް ރަށެއް. އެތައް ރަށަކުން އެތައްވަރަކަށް، ބިންކަނޑާފައި ދީފައި ހުންނާނީ. އެތަންތަނެއް އަޅުގަނޑުމެންނަކަށް އަތެއްވެސް ނުލެވުނު. އަދި އޭގެ ބަދަލުގައި އެމީހުން ކުރަން ބުނެފައިހުރި ކަންކަން ފުއްދައިނުދެވުނީމާވެސް އަޅުގަނޑުމެންނަށް އެތަންތަނުން ބިންތަކެއް ނުނެގުނު. އެ ރިޒޯޓްތައް އެމީހުން ހުރީ، އެމީހުން ދޭނެ އަގެއްގައި، އެހެން މީހުންނަށްދީ، އެ، ފައިސާއަށް ހަދާފައި. އެ ތަޢާރުފުކުރި ނިޒާމު މިވީ ބަލި ދަރިޔަކަށް. މިވީ އުފުލައިގެން، އުރައިގެން، ގެންގުޅެންޖެހޭ ދަރިޔަކަށް. އޭރު ދަތުރުފަތުރުގެ ނިޒާމު. މިއަދު މި ދައްކަނީ ކޮންވާހަކައެއްތޯ؟ މިއަދު މި ދައްކަނީ އެ ނިޒާމު ދޫކޮށްލާފައި، އެ ނިޒާމު ފެއިލްވީމާ ދޫކޮށްލާފައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގެ މަގުން، އުދުހޭވަރުގެ އެއަރޕޯޓް ހަދާ ވާހަކަ. މިއިން ކޮންމެ އެއަރޕޯޓަކީ، ދިހަވަރަކަށް މިލިއަން، ނޫނީ ބާރަވަރަކަށް މިލިއަން ޑޮލަރުގެ ވާހަކަ މި ދައްކަނީ. އެހެންވީމާ، އެބޭފުޅުންގެ ވިސްނުން ހުރީ އަދިވެސް ކަނޑު ހުރަސްކުރަން. އަޅުގަނޑުމެންގެ ވިސްނުން މިހުރީ މެދު އުޑުގައި އުދުހެން.

 

އެހެންވީމާ، މިއީ ދޮގެއްތޯ ތަރައްޤީގެ ވިސްނުމަކީ. މި ވިސްނުމާއެކީ ދިއުމަކީ، ރައްޔިތުންނަށް އޭގެ ފައިދާ އޮތް ކަންތައް. އެހެންވީމާ، އަޅުގަނޑުމެން ދައްކައިގެންނުވާނެ، އަނެއްކާވެސް ދަތުރުފަތުރުގެ ނިޒާމެއްގެ ވާހަކަ. އަޅުގަނޑުމެން މިދައްކަނީ، ރާއްޖޭގެ ހުރިހާ ދިމާއެއްގައި އުދުހުން ފަސޭހަ، މީހުންނަށް ދަތުރުކުރަން ފަސޭހަ ނިޒާމެއްގެ ވާހަކަ. އެ ދަތުރުފަތުރު ނިޒާމުގެ ތެރެއިން، ރާއްޖޭގެ ރައުސްމާލުން ގެއްލިފައިހުރި ރަށްތަކާއި ބިންތަކާ އަޅުގަނޑުމެންނަށް ހޯދޭނެ ގޮތެއްވެސް ނެތް. އެކަމަކު އެއަށްވެސް މި ޙައްލު ހޯދަންޖެހުނީ، ނޫނީ އެއަށްވެސް ވެކްސިނެއް، ޖަހަން މިޖެހުނީ މި ސަރުކާރުން. އެހެންވީމާ، ކަންކަން ނިންމާއިރު، އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތައް މަދެއް ނޫނެއްނޫންތޯ؟

 

މިއީ، މަސްވެރި ރަށެއް. މިރަށުގައި އައިސް އަޅުގަނޑު ވާހަކަދައްކާއިރު، މިރަށުގެ ހަމައެކަނި މަސްވެރިކަމެއް ނޫން، މިރަށުގައި އޮންނަ ޞިނާޢަތަކަށް ވާނީ. މިހިސާބަށް ޓޫރިޒަމް އައުމާއެކީ، އޭގެ ފައިދާތައް މިރަށަށްވެސް ކުރާނެކަން ޔަޤީން. މަސްވެރިކަމާ ބެހޭގޮތުންވެސް އަޅުގަނޑު ބައެއް ވާހަކަ އިޢުލާނު ކުރަމުން މި އަންނަނީ. އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެންގެ ފަސް އަހަރުގެ ސަރުކާރުގެ ވިސްނުމުގައި، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، ޒުވާން  އެތައްބަޔަކު މިހާރު މަސްވެރިކަމަށް ނުކުންނަންޖެހޭ ކަމަށް. މަސްވެރިކަމުގެ ދާއިރާއަށް ނުކުންނަ ޒުވާނުންނަށް ލޯނު ދިނުމުގެ އިތުރަށް، އޮޑިވެރި ކުރުމުގެ ޕްރޮގްރާމެއް މިހާރުވެސް އޮތީ ފެށިފައި. މިއާއެކީ މިހާރު އަޅުގަނޑުމެން އެބަ ގަބޫލުކުރަން، މަސްވެރިކަމުގެ އުޅަނދުފަހަރު އާ މޮޑެލްތަކަކަށް ބަދަލުވާން އެބަޖެހޭ. މިއީ އަޅުގަނޑުމެން ނިންމާފައި އޮތް ނިންމުމެއް. އާ މޮޑެލްއަކަށް، އަދި މިހާރުގެ ލިބެންހުރި، އެންމެފަހުގެ ޓެކްނޮލޮޖީގެ ބޭނުންހިފޭ އުޅަނދުފަހަރަށް، މި އުޅަނދުފަހަރު އެބަ ބަދަލުކުރަންޖެހޭ.

 

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ފަސް އަހަރުގައި އެކަން ކުރާނަން. މީގެ ބޭނުމަކަށްވަނީ، ޒުވާނުންވެސް ހިތާ ރުހުމުން މަސްވެރިކަން ކުރަން ދާހިތްވާވުން. އެމީހުންނަށް އެހާގިނަދުވަހު ކަނޑުމައްޗަކު އުޅޭކަށް، އެހާގިނަ ވަގުތު ކަނޑުމައްޗަކު އުޅޭކަށްވެސް ނުޖެހޭނެ. އެހެންވީމާ މިއީ، އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް. މީގެ ބޭނުމަކީ ހަމަ، މިރަށްރަށުން ޒުވާނުން، ފޯރިއާއެކު މަސްވެރިކަމަށް ދިއުން. މަސްވެރިކަމަކީ، އަޅުގަނޑުމެންނަށް ދޫކޮށްލެވޭނެ ޞިނާޢަތެއް ނޫން. ހަމައެއާއެކީ ދަންނަވާނަން، މަސްވެރި ހުރިހާ ރަށަކުން އަބަދުވެސް އަންނަ ޝަކުވާތަކުގެ ތެރޭގައި، އައިސް ޕްލާންޓް މަދު ވާހަކައާއި، މިވާހަކަ. އައިސް ޕްލާންޓްވެސް އެތަން މިތަނުގައި އެބަ ހެދޭ. އަދި ހަދާފައިހުރި ތަންތަނުގައި، އާބާތުރަ ފިލުވައި، އެހުރިހާ ތަނެއް އެހުރީ އިރާދަކުރެއްވިއްޔާ ރަނިންގ ކަންޑިޝަނެއްގައި.

 

އެކަމަކު މިއާއެކީ، އަޅުގަނޑުމެންގެ ފަސް އަހަރުގެ ދެން އޮތް މަޝްރޫޢަކީ، އައިސް ޕްލާންޓަކީ ރަށެއްގައި ހުންނަންޖެހޭ އެއްޗެއް ނޫން. ކީއްވެގެންތޯ އައިސް ޕްލާންޓް ދޯނިފަހަރުގައި، މަސްވެރި ދޯނިފަހަރުގައި ނުހުންނާނީ؟ މިހާރު އަޅުގަނޑުމެންގެ ތެރޭގައި، މަޝްރޫޢު ރާވާފައި އެއޮތީ، މަސްވެރި ބޮޑެތި ދޯނިފަހަރުގައި އައިސް ޕްލާންޓް ބަހައްޓައިގެން މަސްވެރިކަމަށް ދާން. އޭރަކަށް ނުޖެހޭނެ، ވަކި ބައްރަކަށް ލަފާކަށް އައިސް ހޯދާކަށެއް. އެހެންވީމާ، މިކަހަލަ  ތަރައްޤީގެ މަޝްރޫޢުތަކެއް އަންނަންވާނެ. މިއާއެކީވެސް އަޅުގަނޑު ދަންނަވާނީ، އެވަރުންވެސް އަޅުގަނޑެއް ކަށަވަރެއް ނުކުރާނަން، މަސްވެރިން ބާނާ ކޮންމެ މަހެއްގެ ކިލޯއަކަށް 35 ޑޮލަރު ދޭނެކަމަކަށް. އެއީކީ، ވާނެކަމެއް ނޫން. އެހެންވީމާ، ކުރެވޭނެ ކަންތައްތަކުގެ ޙަޤީޤަތްތައް، އަޅުގަނޑުމެން ވިސްނާލަންވާނެ. އަދި ހަމައެހެންމެ، އިހަވަންދޫގެ މަސްވެރިން މާލޭ ސަރަޙައްދަކު ނޫޅޭނެކަންނޭނގެ. އެކަމަކު މާލެއާއި މާލޭ ސަރަޙައްދުގައި، މަސްވެރިކަމުގައި އުޅުއްވާ ފަރާތްތަކަށްވެސް އަޅުގަނޑު ހަމަ މެސެޖެއް ދޭނަން، އަޅުގަނޑު މަސްވެރިކަމުގެ މި ޓޮޕިކް ދޫކޮށްލުމުގެ ކުރިން.

 

އަޅުގަނޑަށް އެނގޭ، މާލޭގެ މަސްވެރިންނަށް، ނޫނީ މާލެ ކައިރީގެ މަސްބާނުއްވާ މީހުންނަށް، އެމް.އެމް.އޭ. ކުރިމަތީގައި އުތުރު ބަނދަރުގައި، އެއޮތް ހިސާބުން މަސްވެރިން، އޮޑިދޯނިފަހަރު ނަގަންޖެހުނީމާ، އެމީހުންނަށް އުނދަގޫތަކެއް އުފުލަން ޖެހުނުކަން. އެހެންނަމަވެސް އެ ނަގަންޖެހުނީ، ހަމަ ރަނގަޅު ސަބަބުތަކެއް އޮވެގެން. ހަމަ އެއަށް މަޢާފާއެކީ ދަންނަވާލާނަން. އެކަމަކު، އިރާދަކުރެއްވިއްޔާ، މި އަންނަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެން ހުޅުމާލޭގައި ވަރަށް ވަރުގަދަ، ވަރަށް ރަނގަޅު ބަނދަރެއް، ހުރިހާ ވަސީލަތްތަކެއް ލާފައި، އެބަ ފުރިހަމަކުރަން. އެއީ، މާލެއާއި، މާލެކައިރިން މަސްވެރިކަން ކުރާ ފަރާތްތަކަށް ހެދޭނެ ހަމަ ނިޔާމަ ވަރުގަދަ ބަނދަރެއްގެ ގޮތުގައި. އެހެންވީމާ، މަސްވެރިކަމަކީ އަޅުގަނޑުމެންނަށް މުހިންމު ދާއިރާއަކަށް ވެގެންދާއިރު، މަސްވެރިކަމާ ދޭތެރޭގައި، އަޅުގަނޑުމެންގެ މިކަހަލަ ޚިޔާލުތަކެއް ހުރިވާހަކަވެސް ދަންނަވާލާނަން.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލާން ބޭނުންވަނީ، ޑިމޮކްރަސީގެ ކަންކަމާ ދޭތެރޭގައި ވިސްނާއިރު، އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތައް މަދަކަ ބައިވަރެއް ނޫނޭ. ވަރަށް ގިނަ ކަންތައްތައް އެބަހުއްޓޭ. ޖަވާބު ނުދެވޭނެ ސުވާލުތައް، ޑިމޮކްރަސީއާ ބެހޭގޮތުން ވާހަކަ ދައްކާއިރު އެބަހުރި. އަޅުގަނޑުމެންނަށް އަމާޒުވާ ކަންތައްތަކަށް، ހުރިހާ ކަމަކަށް އަޅުގަނޑަކަށް ޖަވާބުދިނުން ފަސޭހައެއްވެސް ނޫން. އޭގެ ވަރަށް ގިނަ ޖަވާބު އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުން އެ ގެންދަވަނީ ދެއްވަމުން. އެއާއެކީވެސް އަޅުގަނޑުމެން ދަންނަވާލާނީ، މިހިސާބަށް އާންމުވެގެންމިދާ ތަރައްޤީ، ރާއްޖޭގެ ހުރިހާ ދިމާއަކަށް، ތަރައްޤީ އާންމުވެގެން ދިޔައިމާ، މިއަދު ހަމަގައިމުވެސް ރައްޔިތުން އެބަބުނޭ، އަދިވެސް މިވެނިކަމެއް ކޮށްދޭށޭ. އަދިވެސް ކުރިއަށް ގެންގޮސްދޭށޭ.

 

ހަމަގައިމު މި ކުރިއެރުން މިއައީކީ، އަޅުގަނޑުމެން މަގުމަތީގައި މުޒާހަރާ ކޮށްގެނެއްނޫން. ސަރުކާރުގެ ކަންފަތަށް އަޑުއިއްވާކަށް މުޒާހަރާ ކުރާކަށް ނުޖެހޭ، އިހަވަންދޫގައި މިވެނިކަމެއް މަދޭ. އަޅުގަނޑަށް ސިޓީއަކުން ބުންޏަސް، މެންބަރުގެ ވަސީލަތެއް މެދުވެރިކޮށް ބުންޏަސް، ނޫނީ އެ ޒަރީޢާއިން ބުނި ނަމަވެސް އަޅުގަނޑަށް އަޑުއިވޭނެ. އަޅުގަނޑުމެން މުޒާހަރާކޮށްގެން އަޅުގަނޑުމެންނަކަށް ކުރިއެއް ނުލިބޭ. މީގެކުރިން ކުރިއެރުން ލިބިފައި އޮތް ކަމެއްނޫން މިއީކީ. އެހެންނަމަވެސް ސިޔާސީގޮތުން ދައްކަންވާ ވާހަކަދެއްކުމާއި، އަޑުއުފުލުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އެކަމަކު އަޅުގަނޑުމެން ކޮށްގެންނުވާނެ ކަމަކީ، މުޅި ދިވެހިރާއްޖޭގެ ފަތިފުށް ހާމަކުރަން، އަދި އަމުދުން ފަޟީޙަތްވާގޮތަށް، ޙަޤީޤަތާ ޚިލާފު ވާހަކަ ބޭރުގައި ވިއްކުމަކީ، އަޅުގަނޑުމެންނަށް ޝަރަފު ލިބޭ ކަމެއް ނޫނޭ. އެއީ އަޅުގަނޑުމެން ނިކަމެތިވާ ކަމެކޭ. އަޅުގަނޑުމެންގެ ހާލަތު ބޭރުގެ ދުނިޔެއަށް، ބަރަހަނާކޮށްލެވޭ ކަމެކޭ އެއީ. އެއީ އަޅުގަނޑުމެން ފަޟީޙަތޭ އެވަނީ. ސުޕްރީމް ކޯޓުގެ ވާހަކަ ޢަބްދުއްރަޙީމް އެ ދެއްކެވީ. ކީކޭތޯ؟ ދުނިޔޭގެ ކުރިމަތީގައި، އަޅުގަނޑުމެން އެބަ ލަދުވެތިވާންޖެހޭ، މިކަހަލަ ކަންކަން ދިވެހިރާއްޖޭގައި ހިނގާތީ. ކީއްކުރަންތޯ ޙަސަން ތާޖުއްދީނުގެ ދެ ދަރިންގެ ވާހަކަ ދައްކަނީ؟ ކީއްކުރަންތޯ ޕިޗޯރިންގެ ވާހަކަ މިދައްކަނީ؟ ކީއްކުރަންތޯ މުޙައްމަދު ތަކުރުފާނުގެ ޖިހާދުގެ ވާހަކަ ދައްކަން މިޖެހެނީ؟ މިއަދުގެ ޙާލަތަށް ރުޖޫޢަވަމާތޯ. މިއަދު މި ކުރަނީ ކީއްތޯ؟ މިއަދު މި ކުރަނީވެސް ޑިމޮކްރަސީގެ ބަދަލުގައި މަވެތިވެގެން، މަ ބޭނުންވާ ކަމެއް، މަ ބޭނުންވާގޮތަށް ކުރަންކުރާ މަސައްކަތް މިކުރަނީ. މިއީ މަވެތިކްރަސީ. މިއެއްނޫން އަޅުގަނޑުމެން ބޭނުންވަނީ. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖެ ކުރިއަށްދާނެ ގޮތްތަކެއް. ރަށްރަށަށް ބޭނުންވެފައި ހުންނަ ތަރައްޤީ އަންނާނެ ގޮތްތަކެއް އަޅުގަނޑުމެން ބޭނުންވަނީ. އަޅުގަނޑުމެން ބޭނުންވަނީ ހަމަޖެހުމާއެކީ ކުރިއަށްދާން. އިހަވަންދުއަކީވެސް ތަރައްޤީވާން ބޭނުންވާ ރަށެއް. ބޮޑުތިލަދުންމައްޗަކީ، ތަރައްޤީގެ އުންމީދުތަކެއް، ތަރައްޤީގެ ނާރެހަކަށްވާނެ ތަނެއް.

 

އެހެންވީމާ، އެކަން ކުރަން އެނގޭ ބަޔަކަށް، އެކަން ކުރުމުގެ ފުރުޞަތު ދެއްވާ! އޭގެ ކުރީގައި ދައްކާފައިހުރި ވާހަކައާއި، އެކަން ކުރެވުނު މިންވަރު މިނާނީވެސް ހަމަ ރައްޔިތުން. އެ ހަނދާންތައް ހަނދާނުން ކައްސާލާވަރުގެ ޅަކުދިންނެއް ނޫން، އަދި ޢުމުރުން ދުވަސްވީ މީހުނެއްނޫން މި ރަށްރަށުގައި މި ތިއްބެވީ. އެ ހަނދާންތައް ތާޒާކަމާއެކީ، އަބަދުއަބަދުމެ ހަނދާންވާ ބޭފުޅުން މިތާ މި ތިއްބެވީ.

 

ﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ބަރަކާތް ލައްވާށި! އަޅުގަނޑު އެދެނީ އިހަވަންދޫގެ ހުރިހާ ރައްޔިތުންގެ ހިތްޕުޅުގައި، އަޅުގަނޑާ ދޭތެރޭގައި ގާތްކަން އުފެއްދުން. އަދި އަމުދުން، ސެޕްޓެމްބަރުގެ ވޯޓާ ހަމައަށް ވަޑައިގަންނަވާއިރު، 23 ވަނަ ދުވަހު އަޅުގަނޑުގެ މަތިން ހަނދާން ކުރެއްވުމަކީ، އަޅުގަނޑުގެ ހަމަ ބޮޑު އިލްތިމާސެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑު ކޮށްދޭންޖެހޭކަމަކީ ރަށްރަށަށް ބޭނުންވާ ތަރައްޤީ ގެނެސްދިނުން. އެކަން ކުރުމުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ ސާބިތުވެ ހުންނާނަން. އެކަމަކު އެ ފުރުޞަތަކީ، ރައްޔިތުން އަޅުގަނޑަށް ތަނަވަސްކޮށްދެއްވާންޖެހޭ ފުރުޞަތު.

 

މާތް ﷲ އަޅުގަނޑުމެންގެ މި މަސައްކަތުގައި ބަރަކާތް މިންވަރު ކުރައްވާށި!

 

والسّـلام عليــكم ورحمــة اللّــه وبـركاتـه.