بســم اللّـه الرّحمـن الرّحيــم

اَلحَمْــدُ لِلّــهِ رَبّ العَـــالَمِــين، وَالصّـــلاة وَالسّـــلام علـى ســــيّدنا محـمَّـدٍ، خـاتم الأنبيــاء والمرســـلين، وَعلـى آلـه وَصَحْبِـــهِ أجمـعــين.

 

ކޮޅުފުށީގެ ލޮބުވެތި، ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިން؛

 

السّـــلام عليــكم ورحمــة اللّـه وبــركاتــه.

 

އަޅުގަނޑު މި އުފާވެރިކަމުގެ ފިޔަވަޅުގައި ހުއްޓިހުރެ، އެންމެ ފުރަތަމަ ތިޔަބޭފުޅުން އަޅުގަނޑާ ދޭތެރޭގައި ތިޔަ ބެހެއްޓެވި ގާތްކަމާއި، ތިޔަ ދެއްވި ހޫނު ތަރުޙީބަށް ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

ކޮޅުފުށްޓަކީ، އަޅުގަނޑުގެ ހަނދާނަށް ކަންތައްތަކެއް ގެނެސްދޭ ރަށެއް. އަޅުގަނޑަކީ މިހާރު މި އުފުލާ މަސްއޫލިއްޔަތާ ހަމައަށް އަންނަންދެން، ރައްޔިތުންގެ މަޖިލީހުގެ އެންމެފަހު ދައުރުގައި މި ދާއިރާ ތަމްސީލު ކުރަންހުރި މެންބަރު. ހަމަ އެހެންމެ، ދިވެހިރާއްޖެއަށް މިއައި، އޭޝިޔާ ސުނާމީގެ އުނދަގޫތަކާއި އަދި ގެއްލުންތައް ވެގެންދިޔައިރު، ކޮޅުފުށްޓަކީ، އެ ގެއްލުމުގައި ހަމަ އެންމެބޮޑަށް އަސަރުކުރި އެއް ރަށް.

 

އެހެންވީމާ، މި ބަނދަރު ހުޅުވާ އުފާވެރި ރަސްމިއްޔާތުގައިވެސް އަޅުގަނޑުމެންގެ ހަނދާނަށް މި އަންނަނީ، ޙަޤީޤަތުގައި އެއިރު އެތަކެއް ދުވަހެއް ވަންދެން ދިވެހި ރައްޔިތުން، ކޮޅުފުށި ކަހަލަ ރަށްރަށުގައި އުފުލަމުންދިޔަ އުނދަގޫތަކުގެ ހަނދާން. އަޅުގަނޑުމެން މިއަދު މި ޖަލްސާކުރާ މާލަމަކީ، ޙަޤީޤަތުގައި އެއިރު ކޮޅުފުށީގައި ގެދޮރު ގެއްލިފައި، ސުނާމީގެ ސަބަބުން ގެދޮރު ގެއްލި، ވަރަށް އާދައިގެ ގޮތަކަށް ޓެންޓް ޖަހައިގެން ދިރިއުޅެމުންދިޔަ އެއް ސަރަޙައްދު. އެހެންވީމާ، އަޅުގަނޑުގެ ހަނދާނަށް މިކަންކަން އާދޭ. ސުނާމީގެ ވަރަށް ކުރީކޮޅު އަޅުގަނޑު ކޮޅުފުށްޓަށް ޒިޔާރަތްކުރިން.

 

އަދި ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސުނާމީއަށްފަހު، ދިހަވަރަކަށް އަހަރު ވެގެންދިޔައިރުވެސް، އަޅުގަނޑުމެންނަކަށް ސަރުކާރަކަށް މާ ބޮޑެތި ކަންތައްތަކެއް ކޮށެއްނުދެވޭ. ވަގުތީ ހިޔާވަހިކަމެއްގެ ދަށުގައި ވަރަށް ގިނަ ރައްޔިތުންތަކެއް، އެތައް ޒަމާނެއް ވަންދެން އުޅެމުން ގެންދިޔަ. އެހެންނަމަވެސް، ބޭރުން ލިބުނު އެހީއާއެކީ، ދައުލަތުގެ ބަޖެޓުން ހޭދަކުރަމުން، އެކި ދިމައިގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ވަނީ ކުރަމުން ގޮސްފައި. އެހެންނަމަވެސް، 10 އަހަރު ފުރިގެންދިޔައިރުވެސް، އެކަންއޮތީ ނުވެ. ﷲ ގެ ރަޙްމަތާއެކީ، އަޅުގަނޑުމެންގެ ޢަޒުމަކަށްވީ، އަޅުގަނޑުގެ ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައިވެސް، އެ އޮތް ދާއިމީ ހިޔާވަހިކަމަކަށް، އޭރުއޮތް ވަގުތީ ހިޔާވަހިކަން ބަދަލުކުރަން. އެއީ، އަޅުގަނޑުމެން ކަނޑައެޅި ކަނޑައެޅުން.

 

ﷲ ގެ ރަޙްމަތާއެކީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި، ވަރަށް ޚާއްޞަ، ވަރަށް ބުރަ މަސައްކަތްތަކެއް އަޅުގަނޑުމެން މިކަމުގައި ކުރީމު. ވަކި ޓާސްކްފޯސްއެއް ނަގައިގެން، އަދި ހަމަ ޚުދު ސިފައިންވެސް މިކަމުގައި ބައިވެރިވެގެން ރާއްޖޭގެ އެކި ހިސާބުގައި، އެއިރު ސުނާމީގައި ގެއްލިފައިހުރި ގެދޮރުތައް، ނޫނީ އަޅަމުންދިޔަ ގެދޮރުތަކުގެ މައްސަލަ ނިންމައި، އިރާދަކުރެއްވިއްޔާ އެކަމަށް އަޅުގަނޑު ހައްލެއް ހޯދައިދިނީމު. އެހެންވީމާ، އެ އުފަލުގައި ކޮޅުފުށީގައި ހުރެގެން ވާހަކަ ދައްކާއިރު، އަޅުގަނޑުގެ ހަނދާނަށް މިކަންކަން އާދޭ.

 

ކޮޅުފުށްޓަކީ، ބިމުގެ ގޮތުން ކުޑަ ރަށެއްނޫން. ބިން ބޮޑު ރަށެއް. ކޮޅުފުށީގެ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގޭކަހަލަ ރަށެއް، ކޮޅުފުށްޓަކީ. އެހެންވީމާ، ކޮޅުފުށްޓަށް ބޮޑު ބަނދަރެއްގެ ފަސޭހަކަން ލިބިގެންދިޔުމަކީ، ކޮޅުފުށީގެ އިޤްތިޞާދީ މަސައްކަތްތަކަށް ދިރުން ލިބިގެންދާނެ ކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންވީމާ، ކޮޅުފުށްޓަށް މި ލިބޭ އުފަލުގައި ތިޔަބޭފުޅުންނާއެކީ، ބައިވެރިވުމަށް އަޅުގަނޑަށް ފުރުޞަތު ލިބުނީމާ اللّــه تعـالى އަށް ޙަމްދުކުރަމުން، ކޮޅުފުށީގެ ރައްޔިތުންނާއެކީ މި އުފަލުގައި ބައިވެރިވާ ވާހަކަ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ.

 

އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ވަރަށްގިނަ ތަފާސްހިސާބަށް ބިނާކޮށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ތަފްސީލުތައް ރައްޔިތުންނާ ހަމައަށް ގެނެސްދެވޭތޯ މި ބަލަނީ. ރައްޔިތުންނާ ހަމައަށް ތަފާސްހިސާބާއެކީ، މި މަސައްކަތްތައް ގެނެސްދިނުމުގެ ބޭނުމަކަށްވަނީ، ޙަޤީޤަތުގައި އަޅުގަނޑުމެން އެންމެން، ސިޔާސީ މީހުން ސިޔާސީ ޕޯޑިއަމްތަކުގައި އެކި ކަހަލަ ވާހަކަ ދައްކަމުން ގެންދާނެ.

 

އެހެންނަމަވެސް، ރައްޔިތުން ގަބޫލުކުރަންޖެހޭ އެއް ޙަޤީޤަތެއް، ނޫނީ އަޅުގަނޑު ދެކެން ބޭނުންވާ ދިވެހިރާއްޖޭގައި، މިކަން އޮންނަންޖެހޭ އެއް ޙަޤީޤަތެއްގެ މައްޗަށް ބިނާކުރަން އެބަޖެހޭ. އަޅުގަނޑުމެން ހުރިހާ ސިޔާސީ މީހުންވެސް ގަބޫލުކުރަންވާނެ، އަޅުގަނޑުމެން ކޮންމެ މީހަކާއެކީ، އަޅުގަނޑުމެން ކޮންމެ ޕާޓީއަކާއެކީ، ޕާޓީގެ ފިކުރަށް ތާއީދުކުރާ އެތަކެއް ރައްޔިތުން ރާއްޖޭގެ އެކި ހިސާބުގައި ދިރިއުޅޭނެ. އެހެންނަމަވެސް، އެ ރައްޔިތުންނަށް މަގު ދައްކައިގެން އަޅުގަނޑުމެން ކޮންމެ ސިޔާސީ ޕާޓީއަކުން ދާން ބޭނުންވާ އަމާޒަކީ، މުޅި ދައުލަތުގެ މަޞްލަޙަތާއި މުޅި ރާއްޖޭގެ މަޞްލަޙަތާއި، ރާއްޖޭގެ ހަމަޖެހުމާއެކީ ތަރައްޤީކަން އަޅުގަނޑުމެން ގަބޫލުކުރަންވާނެ. އަޅުގަނޑުމެން ޕާޓީގެ އަދި އަޅުގަނޑުގެ ސަރުކާރުގެ ފަލްސަފާއަކީވެސް މިއީ. އަޅުގަނޑުމެން ތަރައްޤީއާ ހަމައަށްދާނީ، މުޅި ރަށަށް، މުޅި ރާއްޖެއަށް ހަމަޖެހުން ގެނެސްގެން. އެނޫންގޮތަކަށް އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުކުރެވޭނެ.

 

އެހެންވީމާ، މިކަހަލަ ހުރިހާ ރަށްރަށެއްގައި އަޅުގަނޑު ދައްކާ އެއް ވާހަކައަކީ، އަޅުގަނޑުމެން މިހެން ހުންނަ ރަށްރަށުގައި ކުރަން ބޭނުންވާ ކަންތައްތަކަކީ، ޙަޤީޤަތުގައި، ތަރައްޤީގެ އެތައް ބައިވަރު މަސައްކަތްތަކެއްގެ ވާހަކަ. މި ރަށްރަށަށް އެތައް ބައިވަރު ކަންތައްތަކެއް ފުދިގެންދާއިރުވެސް، އަދިވެސް މިތަންތަނަށް ޒިޔާރަތްކުރީމާ، މިތަންތަނުގައި ހުރި ޝަކުވާތައް އަޅުގަނޑުމެންނާ ހަމައަށް އަންނާނެ. އެ ރަށްރަށުގައި އަދިވެސް ނުކުރެވިހުރި ކަންތައްތައް ހުންނާނެ. ކޮންމެ ސަރުކާރަކުންވެސް މަސައްކަތްކުރާނެ، އެ ސަރުކާރުގެ ޤާބިލިއްޔަތުހުރި މިންވަރަކުން ކަންތައްތައް ކޮށްދޭން. އެހެންނަމަވެސް، ރާއްޖޭގައި މީހުން އުޅެނީ، އެންމެ އެއްރަށް، ދެ ރަށް، ތިން ރަށަކުނޫން. އެހެން ބައެއް ޤައުމުތަކުގައި ފަސޭހައަކީ އެއީ. ރާއްޖޭގައި މިކަން މިއޮތީ ވަރަށް ދަތިކޮށް. 187 ރަށެއްގައި މީހުން އެބައުޅޭ. އަނެއްކާ ކޮންމެ ދެ ރަށެއް މިއޮންނަނީ، ބޮޑު ކަނޑުގެ ރާސްތާއަކުން ވަކިކުރެވިފައި. އޭގެ ދަތިކަން އަޅުގަނޑުމެން އިޙްސާސް ކުރަންޖެހޭ.

 

އެހެންނަމަވެސް، އަޅުގަނޑުމެންނަށް ތަރައްޤީގެ މަސައްކަތްތައް ކޮންމެ ތަނެއްގައި ކުރެވޭނީ، އެތަނުގައި ހަމަޖެހުން އޮވެގެން. އެހެންވީމާ، އަޅުގަނޑުމެން ސިޔާސީ ހުރިހާ އެންމެންވެސް، އެބަޖެހޭ ރައްޔިތުންނަށް ވިސްނައިދޭން، ހަމަޖެހުމާއެކީ ކުރިއަށް ގެންދަން. ކޮންމެ ރައީސަކުވެސް، ކޮންމެ ޕާޓީއަކުންވެސް، އޭނާ ރާއްޖެ ތަރައްޤީކުރާނެ، އޭނާގެ އަމިއްލަ ވިސްނުންތަކެއް، އެ ޕާޓީގެ އަމިއްލަ ފިކުރުތަކެއް ހުންނާނެ. އެ ފިކުރުތައް މި ޖެހެނީ، ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭން. އަދި އެ ފިކުރުތައް ތިލަކޮށްދީފައި، އެކަން ކުރާނެ ގޮތްތަކެއް ކިޔައިދޭންވާނެ. އެކަން ކުރާނެ ގޮތްތައް ކިޔައިދިނީމާ، ދެން ކަންކަން ނިންމާނީ ރައްޔިތުންގެ ވޯޓުން.

 

ކޮޅުފުށްޓަކީ، މެދުމިނަށްވުރެވެސް ޙަޤީޤަތުގައި އާބާދީ ކުޑަ ރަށެއް. ކޮޅުފުށީގައި ދެހާހެއްހާ މީހުންނާ ކައިރިއަށްވެސް އަދި މީހުންނެއް ނޫޅޭ. މިހާރު ކޮޅުފުށީގައި ދިރިއުޅޭ އާބާދީއަށް ބަލާކަމަށްވަންޏާ، ހައެއްކަ، އަށެއްކަ ސަތޭކަ މީހުންކަންނޭނގެ މިހާރު ދިރިއުޅެނީ. ކޮޅުފުށީގައި މިހާރު ދިރިއުޅޭ އާބާދީއަށް ބަލާކަމަށްވަންޏާ، މި އުޅެނީ، 1400 މީހުން. އެކަމަކު ޕްލޭނިންގެ މަޝްރޫޢުތަކުގެ ތެރޭގައި، ފުރަތަމަ އިސްކަންދޭ ރަށްރަށަށް މި ކަނޑައަޅާ އަދަދަކީ، ދެހާހުން މަތި. އެއީ، ރާއްޖޭގައި ދެހާހުން މަތީ އާބާދީގެ އެތައް ބޮޑެތި ރަށްރަށެއް ހުރީމާ. އެހެންވީމާ، ޒަރޫރީ ބޭނުންތަކަށް ބަލާއިރު، ހަމަ ކޮންމެ ރަށަކަށް ޑޮކްޓަރެއްވެސް ބޭނުންވާނެ. ކޮންމެ ރަށެއް ވަކިން އޮންނާތީ، ބަނދަރެއްވެސް ބޭނުންވާނެ. އަދި ކޮންމެ ރަށަކަށް ޞިއްޙީ ނިޒާމާއި، ތަޢުލީމީ ނިޒާމާ، މި ހުރިހާ ކަމެއްގެ ފަސޭހަތައް އަންނަންވާނެ. އަދި އަޅުގަނޑުމެންނަކީ، މުސްލިމުން ކަމުގައިވާތީ، އަޅުގަނޑުމެން ހަމަ ކޮންމެ ރަށެއްގައި، އެއް މިސްކިތަށްވުރެ ގިނަ މިސްކިތްވެސް ބިނާކުރާނެ. އެކަމަކު ރަށްރަށުގެ އާބާދީއާއި، ރަށްރަށުގެ ބިމުގެ ބޮޑުމިނާއި، ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ބަލާއިރު، އެކި ރަށްރަށުގައި އިސްކަން މި ދެވެނީ، މިކަހަލަ ކަންކަމަށް ބަލާއިރު، އާބާދީއަށް ބަލާފައި އެކި މިންވަރަށް. އެހެންވީމާ، ކޮޅުފުށްޓާ ހަމައަށް އަންނައިރު، ހަމަގައިމުވެސް އަޅުގަނޑު މިއަދު މިދަންނަވާ ތަފާސްގެ ބޭނުމަކީ، ކޮޅުފުށީގެ ރައްޔިތުންނަށް މިކަންކަން ހާމަކޮށްދިނުން.

 

ކޮޅުފުށީގެ އެންމެބޮޑު އެއްކަމަކަށް މި ވެގެންދިޔައީ، ކޮޅުފުށީގައި ސުނާމީގައި މި ލިބުނު ގެއްލުމުގެ ކަންތައްތައް. ﷲ ގެ ރަޙްމަތުން އިރާދަކުރެއްވިއްޔާ ސުނާމީގެ ޓެންޓުތަކެއް މިހާރު އަޅުގަނޑުމެންނަކަށް ނުފެނޭ. އެއާއެކު ދަންނަވާލަން ބޭނުންވަނީ، ކޮޅުފުށްޓަކީ، މި ސަރުކާރުން ވަރަށްބޮޑެތި ކަންތައްތައް ކުރަމުންގެންދާ ރަށެކޭ. ވަރަށްބޮޑެތި ހޭދަތައް ކުރަމުންގެންދާ ރަށެކޭ. ކޮޅުފުށްޓަކީ މި ސަރުކާރުން، އަޅާލާ ރަށެކޭ. އޭގެ ސަބަބަކީވެސް ޙަޤީޤަތުގައި މިދެންނެވިގޮތަށް، އަޅުގަނޑު މިހާރު މިހުރި މަސްއޫލިއްޔަތާ ހަވާލުވަންދެން އަޅުގަނޑަކީ، މި ދާއިރާ ތަމްސީލުކުރަން ހުރި މެންބަރު. އެހެންވީމާ، އެ ގުޅުން އަޅުގަނޑާ ކޮޅުފުށްޓާ އޮންނާނެ. އެ ގުޅުން އަޅުގަނޑާ މުލަކާ އޮންނާނެ. ނާލާފުށްޓާ އޮންނާނެ. އަދި އެ ގުޅުން އަޅުގަނޑާ މ. އަތޮޅާ އޮންނާނެ. އެހެންވީމާ، އޭގެ ނަތީޖާކަންނޭނގެ، ނޫނީ އޭގެ ނަތީޖާ އަޅުގަނޑު މި ދަންނަވަނީ، މި ސަރުކާރުން އަޅާލާ ރަށެއްގެ ގޮތުގައި ކޮޅުފުށި މިއޮތީ.

 

އަޅުގަނޑު މި ވާހަކަ ހަމަ ތަފާސްހިސާބަކުން ދަންނަވާލާނަން. މިއީ އަޅުގަނޑުމެން ޝާއިޢުކޮށްފައި އަޅުގަނޑުމެންނަށް ލިބެންހުރި ތަފާސްހިސާބުގެ މަޢުލޫމާތު. 2013 ގެ ކުރިން އެ ހިނގައިދިޔަ ފަސް އަހަރުގެ ތެރޭގައި، ކޮޅުފުށްޓަށް މުޅިއެކުވެސް ހޭދަވެފައި އޮތީ، 35 މިލިއަން ރުފިޔާ. 35 މިލިއަން ރުފިޔާގެ މަޝްރޫޢު ކޮޅުފުށީގައި ހިންގާފައިހުރީ. 2013 ގެ ކުރީގެ ފަސް އަހަރުގެ އަހަރުތަކުގެ ތެރޭގައި، މިވަރުގެ އާބާދީއަކަށް އޭރުގެ ހާލަތުން 35 މިލިއަން ރުފިޔާއަކީ ޙަޤީޤަތުގައި ބޮޑު އަދަދެއް. އެ ޚަރަދު އެވަނީ ކޮށްފައި. ސަރުކާރުންވެސް ވަނީ މަޝްރޫޢުތައް ހިންގާފައި. މިއަދުގެ ޙަޤީޤަތަކީ، މި ޒަޢާމަތުގައި، މި ފަސް އަހަރުގެ ޒަޢާމަތުގައި 2013 އިން ފެށިގެން މި ހިނގާ، ރައީސް ޔާމީންގެ ސަރުކާރުގެ ޒަޢާމަތުގައި 35 މިލިއަން އޭގެކުރިން ހިނގާފައި އޮތީ. މިހާރު އަޅުގަނޑުމެން ހޭދަކޮށްފިން މި ރަށަށް، ގާތްގަނޑަކަށް 275 މިލިއަން. އެގްޒެކްޓް އަދަދަކީ، ސާފު އަދަދަކީ، 273 މިލިއަންގެ ބޮޑެތި މަޝްރޫޢު އަޅުގަނޑުމެން މި ރަށަށް ހިންގައިފީމު. އެހެންވީމާ، 35 އަކުން ގާތްގަނޑަކަށް މިދަނީ، 8 ގުނަ، ނޫނީ 9 ގުނަ އިތުރުވެގެން.

 

އެހެންވީމާ، އެކަންކަން ކުރެވޭއިރު، އެކަންކަން އަޅުގަނޑުމެންނަށް މި ކުރެވެނީ، ރަށްރަށުގައި ހަމަޖެހުން އޮވެގެން. އެހެންވީމާ، ރަށްރަށުގައި އޮތް ސިޔާސީ ފިކުރު ތަފާތުވެދާނެ. ސިޔާސީ ފިކުރު ތަފާތުވިޔަސް އަޅުގަނޑުމެން އެ ރަށެއްގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި ހަމަ ހުރިހާ އެންމެންވެސް، އެއް ވަލެއްގައި ހިފަންވާނެ. އެއީ، އަޅުގަނޑު ކޮޅުފުށީގެ ރައްޔިތުންގެ އަރިހުން އަދި އަޅުގަނޑުމެންނާ ވާދަކުރައްވާ ފިކުރުތަކުގައި ތިއްބެވި ބޭފުޅުންގެ އަރިހުންވެސް އެދޭ ކަމަކީ، ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި، މިވަގުތު ސަރުކާރުން ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން ހުރި މީހަކީ، ރައީސް ޔާމީން ކަމުގައިވާތީ، އަޅުގަނޑަށް އެ އެއްބާރުލުން ދެއްވާށޭ އިނގޭތޯ. އެ އެއްބާރުލުން ދިނީމާ އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް މި ކުރެވެނީ.

 

އަނެއްކާ ކުރިއަށް އޮތް ފަސް އަހަރުވެސް ހަމަ ކޮންމެ ޕާޓީއަކުންވެސް ބޭފުޅަކު ނެރުމަކީ، ހަމަ ކުރަންޖެހޭ ކަމެއް. އެކަމަކު އެއާއެކީ، ވިސްނަންޖެހެނީ، މުޅި ރާއްޖޭގެ ތަރައްޤީއާއެކީ ކުރިއަށް ދެވޭނީ، އަޅުގަނޑުމެންނަށް ކިހިނެއް ކަންތައް ކޮށްގެންތޯ؟ މީގެ ތެރޭގައި ސިޔާސީ ބޭފުޅުން އެކި ކަހަލަ ވާހަކަ ދައްކަވާނެ. އެކަމަކު އަޅުގަނޑު މީގައިވެސް ފާހަގަކޮށްލަން ބޭނުންވާ ވާހަކައަކީ، ތަރައްޤީއާއެކީ ކުރިއަށް ދެވޭނީ، ކޮންމެ ރަށެއްގައިވެސް ހަމަޖެހުން އޮވެގެން. މުޅި ރާއްޖޭގައި ހަމަޖެހުން އޮންނަންޖެހޭ ސަބަބު އަޅުގަނޑު ނުދެންނެވިޔަސް، ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މުޅި ރާއްޖޭގެ ޞިނާޢަތް، ނޫނީ މުޅި ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑުބައި މި އޮންނަނީ، ޓޫރިޒަމަށް، ނޫނީ ފަތުރުވެރިކަމުގެ ޞިނާޢަތަށް. ބޭރުގެ މެހުމާނުންނަށް ކަމޭހިތުމުގެ ޞިނާޢަތަށް ބިނާކޮށް، އަޅުގަނޑުމެންގެ ހުރިހާ ކަމެއް ކުރިއަށް މިދަނީ.

 

އެހެންވީމާ، މުޅި ރާއްޖޭގެ އެކި ހިސާބުގައި އެއަރޕޯޓް އެޅެމުން އެދަނީ. ޙަޤީޤަތުގައި އަޅުގަނޑުމެންގެ ޓޫރިޒަމްގެ ޞިނާޢަތު ބޭނުންވަނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުޅާކުރަމުން ގެންދިޔުން. މީގެ މަންފާ ލިބޭ ބަޔަކީ، ޙަޤީޤަތުގައި ކޮންމެ ދާއިރާއެއްގައި ތިބި، އެންމެ ފުރަތަމަ މަންފާ ލިބޭ ބަޔަކީ ޒުވާނުން. މިއަދު ރާއްޖޭގައި އާބާދީގައި ކޮންމެ 10 މީހުންގެ ތެރެއިން 7 މީހަކީ ޒުވާނެއް. 35 އަހަރުން ދަށުގެ މީހެއް. މިއަދު މި ސަރުކާރު، އަޅުގަނޑުމެންގެ މި ފަސް އަހަރު ވެގެންދާއިރު، އަޅުގަނޑުމެން އުފައްދައިފިން، ރަސްމީކޮށް އުފެއްދި އެއީ، ރިޒޯޓުތަކުންނާއި، ޞިނާޢީ އެކި މަސައްކަތުންނާއި، ސަރުކާރުގެ ކުންފުނިތަކާ، މިކަންކަމުން އުފެއްދި ވަޒީފާގެ އަދަދަކީ، ހަތްދިހަ ހަހާސް ވަޒީފާ. އަޅުގަނޑުމެން ބުނަމުން އައީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރު ނިމޭއިރު، ނުވަދިހަ ހަތަރުހާސް، ނޫނީ ނުވަދިހަ އަށްހާސް ވަޒީފާ އުފައްދާނަމޭ. އިރާދަކުރެއްވިއްޔާ އެކަން ހަމަ އެގޮތަށް ހިނގާނެ. އެއީ، މިހާރުވެސް އަޅުގަނޑުމެން ހުޅުވަމުން ގެންދަން ބޭނުންވާ ރިޒޯޓުތައް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އެ އަންނަނީ.

 

އެހެންވީމާ، އާންމުވެގެންމިދާ މަންފާއެއް އަންނަނީ، މިދެންނެވި ގޮތަށް މުޅި ރާއްޖޭގައި ޞުލްޙަވެރިކަން، ނޫނީވިއްޔާ ބޮޑެތި ހަމަނުޖެހުމަށް ޖާގަނުދީ، އެކަންކަން އަޅުގަނޑުމެން ކޮށްގެން. އަޅުގަނޑުމެންގެ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާއިރު، ހަމަ މައްސަލަތަކެއް ޖެހޭނެ، ރަށްރަށުގައި، ނޫނީވިއްޔާ އަޅުގަނޑުމެންގެ އެކި ހިސާބުގައި، މައްސަލަތަކެއްޖެހި ބޮޑެތި ކަންތައްތަކެއް ހިނގާކަމަށްވަންޏާ. އަޅުގަނޑުމެންގެ ރާއްޖޭގައި އެއްވެސްކަހަލަ ބޮޑު މައްސަލައެއް، ނޫނީ އޭގެ ޒާތުގައި ފަތުރުވެރިން ސިއްސުވާލާ މައްސަލައަކަށްނުވޭ، ފެބުރުވަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ. އެއީކީ، ރާއްޖޭގައި ދާޚިލީ ކަމަކަށް، ނޫނީ ރާއްޖޭގައި ރަށެއްގައި ހިނގާ ރައްޔިތުންގެ ތެރޭގައި ހިނގާ މަޞްލަޙަތު ގެއްލި، މިއިން އެއްވެސް ތަޞްވީރެއް، އެއްވެސް ފޮޓޯއެއް ރާއްޖެއިން ބޭރަކަށް ފެނުނު ކަމެއްނޫން.

 

އެހެންނަމަވެސް، އެ ވަރުގެ ބޮޑުކަމެއް ހިނގައި ނިމިގެން ދިޔައިމާ، އެދުވަސްކޮޅު އަޅުގަނޑުމެންނަށް ޓޫރިޒަމަށް އަސަރު ނުކުރި ކަމުގައިވީނަމަވެސް، މިހާރު އަޅުގަނޑަށް އެނގޭ، އެވަރު ކަމެއް ނިމިގެން ދިޔައިމާ، އެޑްވާންސް ބުކިންގއަށް ހުރި ބުކިންގތަކުގައި އަޅުގަނޑުމެންނަށް އަސަރުކޮށްފި އިނގޭތޯ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، އެކަންކަން ފޫބެއްދޭތޯ މަސައްކަތްތަކެއް ކުރަމުން އެދަނީ. އެކަމަކު އޭގެ ބަދަލުގައި އެއީ އަދި ރާއްޖޭގައި ފެންނަ ފެނުމަށް އެއްވެސް ކަހަލަ ވިޔާނުދާ ބޮޑުކަމެއް ނުހިނގާއިރު، އޭގެ ބަދަލުގައި ބޮޑެތި ހަމަނުޖެހުންތަކެއް، އަޅުގަނޑުމެންގެ ރަށްރަށުގައި ހިނގާތަން ފެނިއްޖެ ކަމަށްވަންޏާ، ފަތުރުވެރިން ރާއްޖެއަށް އަންނަން އަދި ރާއްޖެއަށް އައިސް، ރާއްޖޭގެ އެކި ހިސާބަށް ދަތުރުކުރުމަށް ޖެހިލުންވާނެ، ސިހުންވާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ސަލާމަތް އޮތީ، މިދެންނެވި ގޮތަށް، މުޅިތަނުގެ މަޞްލަޙަތަށް ބަލައިގެން އަޅުގަނޑުމެން ކުރާކަމެއްގެ މައްޗަށް.

 

ދެން ކޮންމެ ސިޔާސީ ވެރިޔަކުވެސް، އޭނާގެ ވިސްނުމާއި، އޭނާގެ ފިކުރާއި އަދި އޭނާ ކަންކަން ކުރާނެ ޙިކުމަތްތެރި ގޮތް އޭނާ ޖެހޭނީ ރައްޔިތުންނަށް އައިސް ކިޔައިދޭން. ކިޔައިދީފައި ރައްޔިތުންނަށް ވިސްނައިދިނީމާ އެނގޭނެ، ރައްޔިތުން ގަބޫލުކުރާނެ. އާނ! މިއީ މިވަރު ކަމަކައިގެން ކުރިއަށް ނުކުންނަން ތިމަންނާމެންގެ ވޯޓު ކަށަވަރުކޮށްދޭވަރު މީހެކޭ.

 

އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ފަރާތަކުންވެސް މެނިފެސްޓޯތަކެއް ހުށަހަޅަމުން މިގެންދަނީ. މީގައިވެސް ސިޔާސީ މީހުން، ރަށްރަށުގައި ތިބޭ ސިޔާސީ މީހުން ވިސްނަންޖެހޭ ކަމެއް އޮވޭ. ޕާޓީގެ ފިކުރުގެ ތެރެއަށް، މިސާލަކަށް، އަޅުގަނޑުމެންގެ ޕާޓީގެ ފިކުރުގެ ތެރެއަށް އަބަދުވެސް ކޯލިޝަން ހަދައިގެން އައިމާ ޖެހޭ މައްސަލަތަކެއް ނުކުމޭ. އެންމެ ފުރަތަމަ، ކޯލިޝަނެއް ހަދައިގެން، ކޯލިޝަން ކާމިޔާބުކަމާއެކީ، ސަރުކާރު ހަމަ ޙަޤީޤަތުގައިވެސް ނުހިންގުނީ. އޭރު ރައީސް ނަޝީދަށް ނުހިންގެވުނީ.

 

ކޯލިޝަނެއް ހަދައިގެން މަސައްކަތް ކުރާއިރު، ނުކުންނަ އުނދަގޫތަކެއް ހުރޭ. އެވާހަކަ އޭރުގެ ތަޖުރިބާއަށް ބިނާކޮށް، ރައީސް ނަޝީދު ހަމަ މުޅި ހުރިހާ ދިވެހި ރައްޔިތުންނަށް ވިދާޅުވި. ކޯލިޝަނަކާއެކީ ސަރުކާރު ހިންގުމަކީ ފަސޭހަކަމަކަށްނުވޭ. އަޅުގަނޑުވެސް އެކަން ގަބޫލުކުރަން. ކޯލިޝަނަކާއެކީ ސަރުކާރު ހިންގާއިރު، އުނދަގޫތަކެއް އެބަހުރޭ. އެއީ، އަސްލު ފިކުރުގެ ތެރެއަށް އެހެން ފިކުރެއް އައިމާ، އެ ފިކުރަށް އަންނަ ތަޣައްޔަރުކަމުގެ ތެރެއިން އުނދަގޫތަކެއް ހުންނަނީ.

 

އެހެންވީމާ، ރަށްރަށަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރުވެސް، އެކި ވުޒާރާ ބެހިފައި ހުންނަނީ، ކޯލިޝަނުގެ ތެރެއިން ކަމުގައިވާތީ، މަސައްކަތް ހިނގުމުގެ ސްޕީޑުގެ މައްސަލަތަކެއް އެބައުޅޭ. މިއަދު މި ފެންނަނީ އެ ތަފާތު. މިއަދު އެ ތަފާތު މި ފެންނަނީ. މިއަދު އަޅުގަނޑުމެންގެ މި ސަރުކާރު މި ހިންގަނީ، ސަތޭކައިން ސަތޭކަ ޕީ.ޕީ.އެމް ކެބިނެޓަކާއެކީ. ސަތޭކައިން ސަތޭކަ ޕީ.ޕީ.އެމް ކެބިނެޓަކާއެކީ ހިންގާތީ، މަޝްރޫޢުތައް މިހާ ބާރަށް ކުރިއަށް މިދަނީ. މިހާ ބާރުމިނުގައި، ރާއްޖޭގެ އެކި ހިސާބަށް ކަންތައްތައް މިދަނީ، ކޯލިޝަނަކާ ވަކިން އަޅުގަނޑުމެން މި ހިންގާތީ. އަޅުގަނޑުމެންވެސް ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން. އެކަމަކު ދާދި އަވަހަށް ކޯލިޝަން ރޫޅިއްޖެ.

 

ކޯލިޝަން ރޫޅުނީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ކުރިކަމަކުންނެއް ނޫން. އޭގެ ތަފްސީލަކަށްވެސް ދާކަށްނެތީން. ހަމަ ކުރުކޮށްލާފައި މި ދަންނަވަނީ، ސަތޭކައިން ސަތޭކަ، އެއް ސިޔާސީ ފިކުރަކަށް ދައުލަތް ހިންގުމުގެ ބާރު ލިބިއްޖެ ކަމަށްވަންޏާ، ދައުލަތް ހިންގުމާއި، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ގެނައުމާއި، އަދި މިހެން ހުންނަ އަސާސީ އެކިއެކި ބޭނުންތައް ފުއްދައިދޭން ގެންނަ މަޝްރޫޢުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަސޭހަވެގެންދޭ. ކޯލިޝަނެއްގެ ތެރޭގައި މަސައްކަތް ކުރާއިރު ހަމަ ދިމާވާ އަނެއް މައްސަލައަކީ، ސަރުކާރުގެ ވަޒީރުންނަކީ، މީގެ އެންމެ މުހިންމު މުއައްސަސާ. ނޫނީ އެންމެ މުހިންމު ގުނަވަން. އެކަމަކު އެއާއެކީ ޚިދުމަތްތައް، ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން މި ތިބެނީ ކުންފުނިތަކުން.

 

މިއަދުގެ ބަނދަރު ނިމިގެންދާއިރު، ޝައްކެއްވެސްނެތްގޮތުގައި، މި މަސައްކަތް ކުރާނީ، މި މަސައްކަތްކުރާ އަޅުގަނޑުމެންގެ ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން. ކަރަންޓުގެ މަސައްކަތް ކުރާކަމަށްވަންޏާ، މި މަސައްކަތް ކުރާނީ، ސަރުކާރުގެ ކަރަންޓް ފޯރުކޮށްދޭ ދެ ކުންފުނިން ކޮންމެވެސް އެއް ކުންފުންޏެއް. ރާއްޖެތެރޭގެ ގިނަ ރަށްރަށުގައި ކަމަށްވަންޏާ، މިކަންކަން ކުރާނީ ފެނަކައިން. ބަނދަރެއް ފުންކުރުން، މަގު ހެދުން، މިއިން ކޮންމެ ކަމަކަށް ބެއްޔަސް، އަޅުގަނޑުމެން މިކަން މި ކުރަނީ ސަރުކާރުގެ ކުންފުންޏެއްގެ ތެރެއިން. ސަރުކާރުގެ ކުންފުންޏެއް ދޫކޮށްލާފައި، ބޭރުގެ ފަރާތްތަކާއެކީ މިކަން ކުރަންވީމާ ދިމާވާ ބޮޑެތި އުނދަގޫތައްވެސް ހުރޭ. އެ އުނދަގޫތަކުގެ ތެރޭގައި، މަގު ހެދުމުގެ ނަމުގައި، މަގުހެދުމަށް މަޝްރޫޢެއް ދިނީމާ، އެއަށް ބޭނުންވާ ފައިސާ، އެއްފަހަރާ ބޮޑު އަދަދެއް ނެގުމަށްފަހު، ދެން އެ ކޮންޓްރެކްޓް ކޮންމެވެސް ސަބަބަކާހެދި ހުއްޓާލާފައި ދަނީ. ރަށްރަށުގެ މަގުގެ އެތަންމިތަން ކޮނެފައި، އެއަށް އެއްވެސް އަޅައިލުމެއް ނޯވޭ. އަޅުގަނޑުމެންނަށް ކިތަންމެ މޮޅު ކޮންޓްރެކްޓެއްވެސް، ކިތަންމެ މޮޅު އެގްރިމެންޓެއްވެސް ހެދިދާނެ. އެކަމަކު އެ ތަންފީޒު ކުރުމަކީ އެހާ ފަސޭހަކަމަކަށްނުވޭ. އަދި އަމުދުން އޭގައި ހިމެނެނީ ބޭރުގެ ކުންފުންޏެއް ކަމަށްވަންޏާ، އެ ތަންފީޒު ކުރުމަކީ، އަޅުގަނޑުމެންނަށް ކުރެވޭ ކަމެއްނޫން. އެބަޔަކު ނިންމާފައި ދިޔައިމާ، އެކަން އެ ނިމުނީ. ދެން އަޅުގަނޑުމެން އެ ފައިސާ ހޯދަން، ޝަރުޢީ މަރުޙަލާތަކުގައި، ނޫނީ އެބަޔަކު ގޮވައިގެން ބޭރުގެ ކޯޓަކަށް ގޮސްގެން މިކަންކަން ކުރެވިދާނެ. އެކަމަކު ފަސްނާޅައި ކޮނެފައިހުރި މަގުތަކަކަށް ހެދޭނެގޮތެއް ނޯވޭ. އެހެންވީމާ، މިކަހަލަ ދަތި މިވަނީ ކޯލިޝަނެއްގެ ތެރެއިން ކަންކަން ކުރާއިރު.

 

އެހެންވީމާ، ވިސްނުމުގެ ތެރޭގައި މަސައްކަތް ކުރާއިރު، އަޅުގަނޑު ކޮޅުފުށީގައިވެސް ދަންނަވާލަން ބޭނުންވަނީ، ކޮޅުފުށްޓަށް މި އަންނަ ތަރައްޤީ މިހާ ބާރުމިނުގައި އަޅުގަނޑުމެންނަށް ގެނެސްދެވުނީ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ސަރުކާރަކީ، ސަތޭކައިން ސަތޭކަ ޕީ.ޕީ.އެމް.ގެ ސަރުކާރަށްވެފައި، ތަންފީޒު ކުރަން ތިބި މީހުންނަކީ، ސަތޭކައިން ސަތޭކަ، އެއް ފިކުރުގައި ތިބި ބަޔަކަށްވާތީ. އެހެންވީމާ، ކަންކަން ތަރައްޤީ ކުރެވޭނެ. ކޮޅުފުށީގެ ތަފާސްހިސާބު އަޅުގަނޑު މިދަންނަވާލީ. ކޮޅުފުށީގެ ތަފާސްހިސާބު ދަންނަވާލާއިރުވެސް އަޅުގަނޑު ހަމަ ދަންނަވާނަން، އަޅުގަނޑުމެން ބޭނުންވަނީ އިރާދަކުރެއްވިއްޔާ، ހަމަ ރައްޔިތުންގެ ތަރައްޤީއާއެކީ ކުރިއަށްދެވޭނެ ގޮތްތައް ރާވަން.

 

އަޅުގަނޑު ކޮންމެހެން ސިޔާސީ ވާހަކަތަކެއްނޫން، ކޮންމެ ތަނެއްގައި ދައްކަމުން މި އަންނަނީ. އަޅުގަނޑު މިހާރު ދައްކަމުން މި އަންނަނީ، އަންނަ ފަސް އަހަރަކީ އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ ތާއީދާއެކީ، އަޅުގަނޑަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބިއްޖެ ކަމަށްވަންޏާ، އެކި ދާއިރާތަކަށް އަޅުގަނޑު ގެންނަން ބޭނުންވާ ތަރައްޤީ. އެއީ އަޅުގަނޑުމެންގެ ތަޞައްވުރު. އެ ތަޞައްވުރު އެކުލަވައިލައިގެން އެކި ދާއިރާތަކުގެ ތަޞައްވުރުގެ ވާހަކަ މި ދައްކަނީ. އެކި އުމުރުފުރައިގެ އެކި ގިންތިތަކަށް، ކޮށްދޭނެ ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ، އެކަންކަން އަޅުގަނޑުމެން ކުރަން ބޭނުންވާތީ. އަދި އެކަންކަން އިރާދަކުރެއްވިއްޔާ ކުރެވޭނެތީ. އެހެންވީމާ، އަޅުގަނޑު ދަންނަވަމުން މިއައީ އެކި ގިންތިތަކުގެ ވާހަކަ. ހަމައެއާއެކީ، މ. އަތޮޅުގެ މި ދަތުރުގައި އަޅުގަނޑު ފަށްޓައިގެން މިގެންދަނީ ޞިއްޙީ ދާއިރާގެ ވާހަކަތަކެއް. ޞިއްޙީ ދާއިރާގެ ވާހަކަތަކުގެ ތެރެއިން، މިރަށުގައި އެންމެފަހު ވާހަކައެއްގެ ގޮތަށް، ދެން ހުރި އެހެން ރަށްރަށުގައިވެސް އަޅުގަނޑުމެން ހަމަ މެނިފެސްޓޯގެ އެކި ވާހަކަ ދައްކަމުން ދާނަން.

 

މި ދުރުގައި ހުރި ރަށްރަށުގައި، ޙަޤީޤަތުގައިވެސް އެންމެ އުނދަގޫ އެއްކަމަކީ، ޞިއްޙީ ދާއިރާއަށް ބޭނުންވާ ހުރިހާ ފުރިހަމަކަމެއް، ކޮންމެ ރަށަކަށް ހަމަކޮށްދިނުން. ކޮންމެ ރަށަކަށްވެސް އަޅުގަނޑުމެންނަށް، ކޮންމެވެސް ފެންވަރެއްގެ ޑޮކްޓަރުންތަކެއް ގެނެސްދެވިދާނެ. އެކަމަކު ކޮންމެވެސް ޚާއްޞަ ފަންނެއްގެ ޑޮކްޓަރެއް، ކޮންމެވެސް ރަށަކަށް ނުލިބިގެން އަބަދުވެސް މި އުޅެންޖެހެނީ. އެއީ އެ ޑޮކްޓަރުން ޒިޔާރަތްކުރަން، ނޫނީ އެ ޑޮކްޓަރުންނަށް މަޤާމު، ނޫނީވިއްޔާ ވަޒީފާ ލިބެން މިއޮތީ ހަމައެކަނި ދިވެހިރާއްޖެއަކުންނެއް ނޫން. ޑޮކްޓަރުންނަކީ ރާއްޖެއިން ބޭރުގައިވެސް ހުރިހާ ތަނަކަށް ބޭނުންވާ ބައެއް. އަދި އަމުދުން ނަރުހުންނާއި، ބައެއްކަހަލަ ސްޕެޝަލިސްޓުންނަކީ، ދުނިޔޭގެ ހުރިހާ ދިމާއެއްގައި އެމީހުންނަށް ވަޒީފާ ލިބޭނެ މީހުން. އެހެންވީމާ، އަޅުގަނޑުމެން ސިޔާސީ މީހުން ކަންކަން ނިންމާއިރު އަޅުގަނޑުމެން، ޚިޔާލަށް ގެންނަންވާނެ، މިކަންކަން ކުރުމަކީ، އަޅުގަނޑުމެންގެ 187 ރަށް އޮންނައިރު، ކޮންމެވެސް ފެންވަރެއްގެ ޞިއްޙީ ޚިދުމަތް ލިބޭ ތަނެއް ކޮންމެ ރަށެއްގައިވެސް ހުންނާނެ. އަދި އަތޮޅާ ހަމައަށް ދިޔައިމާ އެއަށްވުރެ ފެންވަރު ރަނގަޅުވެ، ސަރަޙައްދާ ހަމައަށް ދިޔައިމާ އެއަށްވުރެ ފެންވަރު ރަނގަޅުވެގެން އެބަދޭ.

 

އެހެންނަމަވެސް، ހުރިހާ ރަށެއްގެ ޞިއްޙީ ފެންވަރު، ނިޒާމު އެއްވަރަކަށް ގެނައުމަކީ، ފަސޭހަކަމަކަށް ނުވާނެ. އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ތެރޭގައި މި ދެންނެވިކަހަލަ، އެންމެ ބޮޑެތި މުހިންމު ކަންތައްތަކަށް ބޭނުންވާ ޚާއްޞަ ފަރުވާތައް ބޮޑެތި ރަށްރަށުން ލިބޭނެ. އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯގެ ތެރޭގައި ހިމަނާފައި އޮތް ކަމެއް. އެކަމަކު މިހެން ހުންނަ ދުރު ރަށްރަށުގައި ހުރިހާ ޚިދުމަތެއް ހަމަކޮށްދިނުމަކީ އަޅުގަނޑުމެންނަކަށްވެސް ފަސޭހަކަމަކަށް ނުވާނެ. އަދި ފަސް އަހަރެއްގެ މުއްދަތެއްގައި، ކުރެވޭ ކަމަކަށްވެސްނުވޭ. މިއަށް އޮންނަ އެންމެ ފަސޭހަ ޙައްލެއް ގޮތުގައި މިއޮތީ ހަމަ ޙަޤީޤަތުގައިވެސް މިހުރި ހުރިހާ ޞިއްޙީ މަރުކަޒުތައް ނެޓްވާރކަކުން ގުޅާލާފައި އަދި ޞިއްޙީ ދާއިރާގެ ފަރުވާއާއި، ޞިއްޙީ ދާއިރާގެ އެޑްވައިޒް، އެކަމުގެ ފަންނީ މީހުން އެ ތިބެނީ މާލޭގައި ކަމުގައިވީނަމަވެސް، ތިނަދޫގައި ކަމުގައިވީނަމަވެސް، ފުވައްމުލަކުގައި ކަމުގައިވީނަމަވެސް، އޭގެ ފަންނީ ޚާއްޞަ ޑޮކްޓަރުން އެ މަޢުލޫމާތު މިތާ ތިބޭ ޑޮކްޓަރުންނާ ހިއްސާކޮށްގެން، އެމީހުންގެ އިރުޝާދާއެކީ، ޕޭޝަންޓުންނަށް ޚިދުމަތް ދެމުން ގެންދިޔުން. އެކަހަލަ ޑޮކްޓަރަކަށް މާލެއިން ފުރައިގެން މިކަހަލަ ރަށަކަށް އައިސް، އަނެއްކާ  މިތަނުގައި ކޭމްޕް ޖަހާފައި އެހެން ރަށަކަށް ގޮސް، އެއީވެސް ކުރެވިދާނެ ކަމެއް. ފަސޭހަކަމެއްނޫން. އެއީ، މާލެއާއި މާލެ ކައިރީގެ އާބާދީއަށް ބަލާކަމަށްވަންޏާ ޚިދުމަތްދޭންޖެހޭ އެއްލައްކަ ސާޅިސްހާސް މީހުންނަށްވުރެ އާބާދީ ބޮޑުކަންނޭނގެ. އެހެންވީމާ އެއީކީ ކުރެވޭނެ ކަމެއް ނޫން.

 

އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރެއްގެ އެންމެ ފުރަތަމަ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރަންބޭނުންވާ ކަމަކީ، މިކަހަލަ ހުރިހާ ޞިއްޙީ ދާއިރާގެ ހުރިހާ މަރުކަޒުތަކެއް އަޅުގަނޑުމެން ބޭނުންވަނީ، ޓެލެމެޑިސިން ނެޓްވާރކަކުން އަޅުގަނޑުމެންގެ މައި ހޮސްޕިޓަލާ ގުޅާލަން. މައި ހޮސްޕިޓަލް ނިމިގެން ދިޔައިމާ، އަޅުގަނޑުމެން ކުރާ އުންމީދަކީ، ރާއްޖެއިން ބޭރަށް އަޅުގަނޑުމެން މިހާރު ފަރުވާއަށްމިދާ ހުރިހާ ޚާއްޞަ ބަލިތަކުގެ ފަރުވާ އިރާދަކުރެއްވިއްޔާ މައި ހޮސްޕިޓަލުން ލިބިގެންދާނެ. އަނެއްކާ ލިބިގެންދާނީ ހަމަ އެންމެ ޤާބިލު، އެންމެ އެކަމުގެ ތަޖުރިބާހުރި ޑޮކްޓަރުންގެ ތެރެއިން. އެހެންވީމާ، އެވަރު މީހުންގެ ކޮންސަލްޓެންސީ ހަމަ މިރަށްރަށުގައި އެފަރުވާއަށް ބޭނުންވާ މީހުންނަށް، މިރަށްރަށުގެ ޑޮކްޓަރުން މެދުވެރިކޮށް ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެން މި ހަމަޖައްސަނީ.

 

އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އެންމެ ޒުވާން ކުދިންނަށް ފަހަރުގައި އެހާ މުހިންމު ކަމަކަށް ޞިއްޙީ ދާއިރާނުވެ ހިނގައިދާނެކަންނޭނގެ. އެކަމަކު ދޮށީ ޢުމުރުގެ މީހުންނާއި، މެދު ޢުމުރުގެ މީހުންނަށް މިއީ ޝައްކެއްވެސްނެތްގޮތުގައި، އެންމެ މުހިންމު ކަންތައް. އެންމެ ޒުވާން ކުދިންނަށް، މި ރަށްރަށުގެ ކޮޅުފުށީގެވެސް ބޭނުންވާނީ، ފުޓްސެލް ދަނޑާއި، ކޮފީ ބޮވޭނެ ގޮތާ، މިކަހަލަ ކަންތައްތައް ކަންނޭނގެ. އެއީ ޒުވާނުންގެ މިޒާޖު. އެހެންވީމާ، މެދު އުމުރުގެ މީހުންނާއި، ދޮށީ އުމުރުގެ މީހުންނަށް ޞިއްޙީ ދާއިރާގެ ކަންތައްތައް ފުރިހަމަކޮށްދެވެމުން ދާއިރުވެސް، މިއަދުވެސް މިރަށުގައިވެސް އަޅުގަނޑު ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގައި ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ފުއްދައިދެމޭ. ހަމަ ފުޓްސަލް ދަނޑާއި، ސްޕޯޓްސް އެރީނާގެ އިތުރަށް، ހަމަ ޒުވާނުންނަށް ބޭނުންވާ އެންމެ މުހިންމު ކަމަކަށް މި އޮންނަނީ، ވަޒީފާ. ނޫނީވިއްޔާ ޢާމްދަނީ ހޯދުމުގެ ފުރުޞަތާއި ބޯހިޔާވަހިކަން. އެހެންވީމާ، މިކަންކަމަކީ، އަޅުގަނޑުމެންގެ ސަރުކާރުގައި މިހާރުވެސް، ރައްޔިތުންނަށް ކަށަވަރުވާވަރަށް އަޅުގަނޑުމެންނަށް މަސައްކަތް ކޮށްދެވިފައި ހުރި ކަންކަން.

 

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، ރާއްޖޭގެ އެކި ހިސާބުގައި މަދުވެގެން، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، ހައެއްކަ އަށެއްކަ ރަށުގައި މިހާރުވެސް ހުންނާނީ އެޕާޓްމަންޓް ހަދާފައި. އެތަންތަން އެހެރީ އެކި ފަރާތްތަކާ ހަވާލުވެސްކުރެވިފައި. އަދި ހަމައެހެންމެ މިހާރުވެސް އަޅުގަނޑުމެންގެ މިއަހަރުގެ ބަޖެޓުގައިވެސް އެހުރީ، ބިން ހިއްކާފައި ހުރި އިތުރު ރަށްރަށުގައި، ހަމަ މާލޭގައި ހަދާގޮތަށް ބުރިބުރިއަށް ހަދައި، އެޕާޓްމަންޓްތައް އެގޮތަށް ދޫކޮށްލަން އަޅުގަނޑުމެން އެހުރީ ހަމަ ނިންމާފައި. ބިން އޮތް ބޮޑެތި ރަށްރަށުގައި، ބިން ވަކިވަކިން ކަފާފައި މީހުންނަށް ދެވިދާނެކަންނޭނގެ. އެކަމަކު އެވަރު ތަނެއްގައި، އުޅެވޭނެގޮތެއް ތަނަވަސްކުރުމަކީ، އަނެއްކާވެސް އަނެއް ބޮޑު ތަކުލީފު. އެހެންވެގެން ސަރުކާރުގެ ވިސްނުމުގައި މިހުރީ މިހެން ހުންނަ ރަށްރަށުގައިވެސް، ބިން ވަކިން އަދި ދޫކުރިކަމުގައިވީނަމަވެސް ހަމަ އެޕާޓްމަންޓްތައް، މާލޭގައި، ނޫނީ ހުޅުމާލޭގައި ހެދޭގޮތަށް އަޅުގަނޑުމެންވެސް ހަދާންޖެހޭނެއޭ.

 

އެހެންވީމާ، ހުޅުމާލޭގެ [ހިޔާ] މަޝްރޫޢުގެ މަސައްކަތް މިހާރު އެދަނީ ފެށިގެން ވަރަށް ބާރަށް. ވަރަށް ގިނަ ކުންފުނިތަކުން އަދި ބޭރުގެ، ކޮންޓްރެކްޓް ނެގި ފަރާތްތަކުންވެސް އެހުރީ މަސައްކަތް ފަށާފައި. އެމަސައްކަތް ނިމިގެންދާއިރު، އަޅުގަނޑުމެން އޭރު ބުނިގޮތަށް އެއްލައްކަ ވިހިހާހެއްހާ މީހުންނަށް އާބާދީ، ނޫނީ އާބާދީގެ އެއްލައްކަ ވިހިހާހެއްހާ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ. އަނެއްކާ މި ހުޅުމާލޭގައި މި ހަދަމުންގެންދާ ހިޔާ މަޝްރޫޢުގެ ބޮޑު އަމާޒަކީ ޙަޤީޤަތުގައި އަލަށް މީހުންނާ އިނދެގެން އުޅޭ ޒުވާނުން. އެ ކެޓެގަރީ އެއޮތީ ޚާއްޞަކޮށްފައި. އޭގެ މާނައަކީ އެހެން ކެޓެގަރީތަކަށް ކަންތައްތައް ނުވަނީކީއެއް ނޫން. އެހެންވީމާ، މިއީ ޒުވާނުންނަށް އެންމެ މުހިންމުވާ ކަންތައް.

 

އެހެންވީމާ، ދޮށީ އުމުރުގެ މީހުންނަށް ކަންތައްތައް ކޮށްދޭ ވާހަކަ ދަންނަވާއިރުވެސް، އަޅުގަނޑު ހަމަ ޒުވާނުންނަށް މިއަދުވެސް ތަކުރާރުކޮށް ދަންނަވަން ބޭނުންވަނީ، ޒުވާނުންނަށް ބޭނުންވާ ކަންތައްތަކެއް، މި ސަރުކާރުންނޭ އެންމެ އިސްކަންދީގެން މި ގެންދަނީ. އަދި ހަމަ މެދު އުމުރުގެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް ކޮޅުފުށީގައި. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މި އަޑުއައްސަވާނެ. 65 އަހަރުން މަތީގެ މީހުންނަށް މިހާރު ލިބޭ ޢިނާޔަތް، އަޅުގަނޑުމެންގެ ތަނަވަސްކަން ހުރި މިންވަރުން ފަސްހާހަށްވުރެ މައްޗަށްދާނެ ވާހަކަ އަޅުގަނޑު އިއްޔެ އިޢުލާނު ކުރިން. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން ކުރާނަން. އެ އަދަދެއް އަޅުގަނޑަށް އަދި ހަމަ ނުދެންނެވިގެން މިއުޅެނީ، އަޅުގަނޑުމެން ހިސާބުތަކެއްގެ ތެރޭގައި އަދި އުޅޭތީ. އެހެންނަމަވެސް އެއީ ކަށަވަރުކަމެއް. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ހަމަޖައްސާނަން. ހަމަ އެއާއެކީ، ކަނބަލުންނަށް ކޮށްދޭނެ ކަންތައްތަކުގެ ވާހަކަވެސް އަޅުގަނޑު މި އަންނަނީ ދަންނަވަމުން. ޒުވާނުންނަށް ކޮށްދޭނެ ކަންތައްތަކުގެ ވާހަކަ، އަޅުގަނޑުގެ މެނިފެސްޓޯގެ ބޮޑުބަޔަކީ، ޒުވާނުންނަށް އަމާޒުކޮށްފައި ހުރި ތަރައްޤީއާއި، ޒުވާނުންނަށް އަމާޒުކޮށްފައި ހުރި ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް. އެއާއެކީ ވަޒީފާގެ ކަށަވަރުކަން ދެންމެ އަޅުގަނޑު މި ދަންނަވާލީ، ހަތްދިހަ ހަހާސް ވަޒީފާގެ ވާހަކަ.

 

އަޅުގަނޑުމެންނަށް ވާހަކައެއް ނުދެންނެވި ދޫކޮށްލެވިފައި އޮތް ބަޔަކަށްވަންޏާ ވާނީ، މެދު އުމުރުގެ މީހުން، ނޫނީވިއްޔާ ދޮށީ އުމުރަށް ހިޖުރަކުރަން ކައިރިވެފައި ތިބި މީހުން. ގާތްގަނޑަކަށް 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ވާހަކަ މި ދެއްކެނީ. 65 އަހަރާ ހަމައަށް ދިޔައިމާ، ޝައްކެއްވެސްނެތްގޮތުގައި، ދައުލަތުގެ ޢިނާޔަތްތެރިކަން ލިބިގެން އެބަދޭ. އެކަމަކު ދިވެހިރާއްޖޭގެ ޒުވާން އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާފައި، މީގެ ކުރީގެ ސަރުކާރުތަކުން މިވަނީ ނިންމާފައި، މީހުން ސަރުކާރުގެ ވަޒީފާއިން، ނޫނީ ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކުރާ އުމުރެއް އެއޮތީ ޤާނޫނުގައި ކަނޑައަޅާފައި. އެ އުމުރު މިއޮތީ 65 އަހަރަށް ހަމަޖައްސާފައި. އަދި އިންޑިވިޖުއަލް ރިޓަޔަރމަންޓެއް، ނޫނީވިއްޔާ ރިޓަޔަރމަންޓަށް ހިތްވަރު ދިނުމުގެ ގޮތުން، ސަރުކާރުން ޢިނާޔަތެއް ދީފައި، 55 އަހަރާއި 60 އަހަރާ ދޭތެރެއިންވެސް މީހުންނަށް ރިޓަޔަރ އެބަ ކުރެވޭ. އެއީ މިހާރު އޮތް ޤާނޫނީ އުސޫލު. އެ ޤާނޫނީ އުސޫލަށް ބަދަލެއް ގެނެސްގެން ކަންކަން ކުރުމަކީ، މިވަގުތު މިހާ އިންތިޚާބާ ކައިރިވެފައި އޮއްވާ، އެއީކީ ފަސޭހަ ކަމަކަށްވެސް ނުވާނެ. އަނެއްކާ އޭރުގެ ސަރުކާރުތަކުން އެކަން ކޮށްފައި އެއޮތީ، ވިސްނުންތަކެއްވެސް ވިސްނާފައި.

 

އެކަމަކު މިހާރު އަޅުގަނޑުމެންގެ ޞިއްޙަތަށާއި ދުޅަހެޔޮކަމަށް މި އަންނަ ބަދަލުތަކަށް ބަލާއިރު، އަދި އަޅުގަނޑުމެންގެ ހަރަކާތްތެރިކަމަށް ބަލާއިރު، އަޅުގަނޑު އަމިއްލަގޮތުން ގަބޫލެއްނުކުރަން، 55 އަހަރާއި 65 އަހަރުގެ މީހުންނަކީ، ކޮންމެހެން މަސައްކަތެއް ނުކޮށް، ކުރާނެ ކަމެއް ނެތިފައި، އަދާކުރާނެ ވަޒީފާއެއް ނެތިފައި، ގޭގައި ތިބެންޖެހޭ ބައެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެމީހުންނަކީ މަސައްކަތް ކުރެވޭނެ ބައެއް. 65 އަހަރުން މައްޗަށް ދިޔައިމާވެސް އެކި ފަންނުތަކުގެ މީހުންނަކީ، މަސައްކަތް ކުރެވޭނެ މީހުން. އޭރުގެ ޤާނޫނު، 65 އަހަރުގެ ރިޓަޔަރމަންޓް ކަނޑައެޅިއިރާއި، މިއަދު އަޅުގަނޑުމެންގެ ހާލަތު އިރާދަކުރެއްވިއްޔާ ބަދަލުވެއްޖެ. މި ހާލަތު ބަދަލުވީ މުޅި ރާއްޖެއަށް މިއައި ތަރައްޤީއާއި ރާއްޖޭގެ ތަނަވަސްކަމާ ގުޅިގެން.

 

އެހެންވީމާ، މިއަދުގެ ހާލަތަށް ރިޢާޔަތް ކުރާއިރު، އަޅުގަނޑު ކަނޑައެޅިގެން ވަކި ޕްރޮގްރާމްތަކެއް މިއަދުގެ މި ޖަލްސާއަކު ނުދަންނަވާނަން. އެކަމަކު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި، އަޅުގަނޑުމެން އެކަހަލަ މަސައްކަތްތަކެއް ކުރާ ވާހަކަ މި ދަންނަވަނީ. ކަންތައްތަކެއް އިޢުލާނު ކުރާނަން. އެކަމަކު ހަމަ ދަންނަވާލަން ބޭނުންވަނީ، މި އުމުރުފުރައިގެ ބޭފުޅުންނަށް، އަޅުގަނޑެއް ގަބޫލެއްނުކުރަމޭ، މި އުމުރުފުރައަށް ދިޔައިމާ، މަސައްކަތް ކުރާނޭ ހަކަތަ ނެތިގެން، އެބަޔަކު ގޭގައި ތިބެންޖެހޭނެ ކަމަކަށް. މިސާލަކަށް ބައްލަވާ، ޚާއްޞަ ފަންނީ ގިންތިއަކަށް. ޚާއްޞަ ފަންނަކަށް ބައްލަވާ! ޑޮކްޓަރެއް. ޑޮކްޓަރެއްގެ އުމުރުން 60 އަހަރަށް ދިޔައިމާ، ކީއްވެގެންތޯ އޭނާ ރިޓަޔަރ ކުރަންޖެހެނީ؟ އަޅުގަނޑުމެން އެންމެ ކައިރިން މިދާ ރަށްތަކަށް ބަލާއިރު، 60 ން މަތީ އުމުރުގެ ކިތައް ޑޮކްޓަރުންނަށްތޯ އަޅުގަނޑުމެންގެ ޕޭޝަންޓުން މި ދައްކަނީ؟ އެހެންވީމާ، 60 އަހަރަށް މީހެއްގެ އުމުރު ދިޔުން އެއީ، ޑޮކްޓަރުންގެ ޚާއްޞަ ފަންނަށް ބެލިނަމަވެސް، އެއީކީ ރިޓަޔަރ ކުރަންޖެހޭ އުމުރަކަށްނުވޭ.

 

އެހެނެއްނޫން، ފަހަރެއްގައި ވެދާނެކަންނޭނގެ، ސާރޖަރީ ހަދާ ޑޮކްޓަރުންނާ، މިކަހަލަ މީހުންނަކީ، ވަކި އުމުރަކަށް ދިޔައިމާ، އެމީހުންނަށް މަސައްކަތުގެ އުނދަގޫތަކެއް ހުންނާނެތީވެ، ރިޓަޔަރ ކުރަންޖެހޭ ބަޔަކަށްވެދާނެ. އެކަމަކު އެމީހުންގެ ފަރުވާއަށް ބަލާކަމަށްވަންޏާ، ނޫނީވިއްޔާ ފަރުވާއަށް އެދި އަންނަ މީހުންގެ ފަރުވާއަށް ބަލާކަމަށްވަންޏާ، މި ޑޮކްޓަރުންނަކީ އެއްގޮތަކަށްވެސް، މަސައްކަތް ހުއްޓާލާފައި ގޭގައި ތިބެންޖެހޭ ބައެއްނޫން. ޓީޗަރުންނަށް ބެއްޔަސް މިކަން އޮތީ މިގޮތަށް. ކީއްވެގެންތޯ ދިވެހި މުދައްރިސެއް، ނޫނީ އިސްލާމް މުދައްރިސެއް 55 އަހަރުވީމާ، އޭނާ ކޮންމެހެން ރިޓަޔަރ ކުރަން އަޅުގަނޑުމެން މިއުޅެނީ؟ 55 އަހަރުވީމާ ކީއްވެގެންތޯ ކުލާސްރޫމްގައި ފިލާވަޅު ނަގައިނުދެވޭނެ ކަމަށް އަޅުގަނޑުމެން މި ވިސްނަނީ؟ އަޅުގަނޑުމެން ބޭރު ކަރަކަރައަށްދޭ އެބަ ދިވެހިރާއްޖޭގެ ޒުވާން ކުދިން. ޒުވާން ކުދިންނަށް ލެކްޗަރ ހޯލްތަކުގައި، އޮޑިޓޯރިއަމްތަކުގައި، ގިނަފަހަރު ތަޤުރީރު ކުރަން، ފިލާވަޅު ނަގައިދޭން އެ ތިބެނީ މި އުމުރަށްވުރެ ދޮށީ މީހުން. އެހެންވީމާ، ރާއްޖޭގެ ހާލަތު ބަދަލުވެގެން މިއުޅެނީ ކީއްވެގެންތޯ؟ އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެންގެ ފިކުރުގައި 55 އަހަރާއި 65 އަހަރާ ހަމައަށް ދިޔައަކަސް އަދި ނުޖެހޭ މަސައްކަތް ދޫކޮށްލާފައި ދާކަށެއް.

 

އަޅުގަނޑުމެންގެ ވިސްނުމުގައި، އެއަށްވުރެ ދޮށީ އުމުރަކަށް ދިޔަނަމަވެސް، މަސައްކަތް ކުރެވޭނެ. އެހެންވީމާ، 72 އަހަރުވިޔަސް، 73 އަހަރުވިޔަސް އަޅުގަނޑު ގަބޫލުކުރަނީ މަސައްކަތް ކުރެވޭނެ ކަމަށް. އެކަމަކު، މި އުމުރުފުރައަށް ވަކި މިވެނިކަމެއް ކޮށްދޭނަމެކޭ އަދި އަޅުގަނޑު ބުނަނީކީއެއްނޫން. އެކަމަކު، މިއަދުވެސް އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވަނީ، މި ގިންތި، ނޫނީ މި އުމުރުފުރައާ ދޭތެރޭގައި އަޅުގަނޑުމެންގެ ވިސްނުން އެބަހުއްޓޭ. އަޅުގަނޑުމެންގެ ވިސްނުން ހުރިގޮތް، އަޅުގަނޑު މި ދަންނަވާލީ. އަޅުގަނޑު އެއްގޮތަކަށްވެސް ގަބޫލުކުރާކަށް ބޭނުމެއްނޫން. ކޮންމެހެނެއް މަސައްކަތް ނުކުރެވިގެން، މަސައްކަތް ކުރުމުގެ ހަކަތަ ނެތިގެން، މިއީކީ ރިޓަޔަރކޮށްފައި، މަސައްކަތެއްނެތި އަތްއުރާލައިގެން ތިއްބަވަންޖެހޭނެ ގިންތިއެއް ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އަދި މިއިކީ، ކޮންމެހެން ދޮށީ ރައްޔިތުންނަށް ވީތީއެއްވެސް ނޫން. މި އުމުރުފުރައިގެ ބޭފުޅުންނަކީ، އެ ބޭފުޅުންގެ ފަންނީ މަސައްކަތްތަކަށް ބެލިނަމަވެސް، އަދި އެހެން މަސައްކަތްތަކަށް ބެލިނަމަވެސް، ހަމަ ދައުލަތް ބިނާކުރުމުގައި އެކިއެކި އިޚުލާޞްތެރި މަސައްކަތްތަކެއް އަދި ހަލުވި މަސައްކަތްތަކެއްވެސް ކޮށްދެއްވޭނެ ބޭފުޅުން. އެހެންވީމާ، މި ބޭފުޅުންނަށްވެސް އަޅުގަނޑު ބޭނުންވޭ، ހަމަ މިދެންނެވި ކަހަލަ ރަނގަޅު މެސެޖެއް ދޭން.

 

އެއާއެކީ، އަދިވެސް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެން ބޭނުންވަނީ، އެކި ދާއިރާތަކުން، އިޤްތިޞާދީ ދާއިރާތަކުން ކުރިއަށްދާން. އިޤްތިޞާދީ އެކިއެކި ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމަކީ، މުޅި ރާއްޖޭގެ ތަނަވަސްކަން ތަންދޭ މިންވަރަކުން، އަޅުގަނޑުމެންނަށް ކުރެވޭނެ ކަންކަން. މީގެ ފަސް އަހަރު ކުރިން، މިސާލަކަށް، ކާކުތޯ ހިތަށްއަރާނީ، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓް، މިސާލަކަށް، އެއްހާސް މިލިއަން ޑޮލަރު ހޭދަކޮށްގެން އަޅުގަނޑުމެން އެތަނުގައި، އަޅުގަނޑުމެން މި ހިންގާ ބިޔަ މަޝްރޫޢު ހިންގާނެކަމަށް. ކާކަށްތޯ މީގެކުރިން ޚިޔާލަށް ގެނެވޭނީ، މިސާލަކަށް ދިވެހިރާއްޖޭގެ މާލިއްޔަތުގައި އެވަރަށް ހަކަތަ އެބަހުރި ކަމަށް. ނޫނީ އަޅުގަނޑުމެންގެ އެކިއެކި ރަޙްމަތްތެރި ޤައުމުތަކުގައި ބުނެގެން އަޅުގަނޑުމެންނަށް 300 މިލިއަން ޑޮލަރުގެ އެހީން ބްރިޖެއް އެޅޭނެކަމަކަށް ކާކުތޯ ގަބޫލުކުރާނީ.

 

އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ސަރުކާރުގެ ދަރަނި އޮތީ، ބޮޑު ދަރަންޏެއްގެ ގޮތުގައި. ސަރުކާރުގެ މާލިއްޔާގެ އޭރުގެ ދަރަންޏަކީ ގާތްގަނޑަކަށް އޮނަތިރީސްހާސް މިލިއަން ރުފިޔާ. ގާތްގަނޑަކަށް ދެ އަހަރާއި ތިން އަހަރުގެ ޖުމުލަ ޤައުމީ އުފެއްދުންތެރިކަމުގެ މިންވަރު އޮތީ ދަރަނިވެފައި. އެހެންވީމާ، އޭރުގެ ހިސާބުތަކަށް ބަލާއިރު އެއްވެސް މީހަކު ގަބޫލެއްނުކުރާނެ، އަޅުގަނޑުމެން ބޭރުގެ އެހީއަށް ދިޔަނަމަވެސް، ބޭރުގެ އެހީ މިގޮތަށް ލިބިދާނެ ކަމަކަށް. އަދި އަޅުގަނޑުމެންގެ ހިތަށްވެސް ގެންނާކަށް ބޭނުމެއްނުވާނެ، އަޅުގަނޑުމެން ތިރީހަކަށް މިލިއަން ޑޮލަރުން ފެށި އެއަރޕޯޓު، އަޅުގަނޑުމެން މިއަދު އެއްހާސް މިލިއަން ޑޮލަރު ހޭދަކޮށްގެން، އަށް މިލިއަން ފަސިންޖަރުންނަށް އަޅުގަނޑުމެންގެ މެހުމާންދާރީ އަދާކުރާވަރުގެ ގިމަތައަކަށް އެތަން ބަދަލުވެގެންދާނެ ކަމަކަށް އަޅުގަނޑުމެންގެ ޚިޔާލަކަށް ނުގެނެވޭނެ. އެކަމަކު، އެ މަސައްކަތް ކުރާކަމަށްވަންޏާ، އެއީ އަޅުގަނޑު މިދަންނަވަނީ، ހުރިހާ ދާއިރާއަކުން އަޅުގަނޑުމެން ކުރިއަށްދާންޖެހޭ ސަބަބު. އެ ހުރިހާ ދާއިރާއަކުން އަޅުގަނޑުމެން ކުރިއަށްދާންޖެހޭ ސަބަބަކީ، ދެނެއް އިރާދަކުރެއްވިއްޔާ މިސާލަކަށް، ހަމަ އެންމެ ދާއިރާއެއް ހިންގަވާ ބަލަމާ!

 

ޞިއްޙީ ދާއިރާ. ދަރުމަވަންތަ ހޮސްޕިޓަލް ނިމިގެން އަޅުގަނޑު މި ކުރަން ވިސްނާ ފެންވަރުގައި މި ސަރަޙައްދީ ހަސްފަތާލުތަކަށް މި ގެންނަންޖެހޭ، ފެންވަރު މަތިކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ނިމިގެންދާއިރު މި ރަށްރަށުގައި ތިއްބަވާ ރައްޔިތުންނެއް ހަމަގައިމުވެސް، ހިތުގެ ފަރުވާ ހޯދާކަށް ރާއްޖެއިން ބޭރަށް ދާކަށް ނުޖެހޭނެ. ހިތުގެ މައްސަލަ ޖެހިގެނެއް އެންޖީއޯ ޕްލާސްޓީ ހަދާކަށް ރާއްޖެއިން ބޭރަކަށް ދާކަށެއް މިއަދަކު ނުޖެހޭނެ. ސްޓެންޓް ލައްވާކަށް ރާއްޖެއިން ބޭރަށް ދާކަށް ނުޖެހޭނެ.

 

މީގެ ކުރީގައި، އެއީ އަޅުގަނޑުމެންގެ ނެތް ޚިދުމަތެއް. އަޅުގަނޑުމެންގެ އެ ޚިދުމަތް ނެތީމާ، މި ހިސާބުން ދުރު ރަށްރަށުން އެ ޚިދުމަތް ނުލިބޭތީ، ނޫނީ އެއަށް ފޯރުންތެރިކަން ނެތީމާ، ނޫނީ ސަރުކާރުގެ ބަޖެޓުން އެހީ ނުވެވޭތީ، ނޫނީ ދީލަތި ފަރާތެއްގެ އެހީތެރިކަން ނުލިބޭތީ، ހަމަ އެމީހުން، ޤުދުރަތުން އެކަން ނިޔާކުރަންދެން އެ މީހުން ތިބޭނީ. އެކަމަކު ޙާލަތު ބަދަލުކުރުމަކީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެހެންވެގެން، ލޯނު ނަގައިގެންވެސް ކަންތައްތައް ކުރަނީ. ލޯނު ނަގައިގެންވެސް، ބަޖެޓު ބޮޑުކޮށްގެންވެސް މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ކާޑިއެކް ސެންޓަރެއް ހެދުނީމާ، އަޅުގަނޑު އޭރު ހިސާބު ބެލިން. އަޅުގަނޑަށް ހީވަނީ، ފުރަތަމަ ސަތޭކަވަރަކަށް ދުވަހުގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބުން 500 އަށްވުރެ ގިނަ ޕޭޝަންޓުން އެ ކާޑިއެކް ސެންޓަރުގެ އެހީ، ނޫނީވިއްޔާ ފަރުވާ ހޯދި. ﷲ ގެ ރަޙްމަތާއެކީ ސްޓެންޓް ލައްވައިގެން، ނޫނީވިއްޔާ އެންޖީއޯ ޕްލާސްޓީ ހަދައިގެން، ކިތައް މީހުންނަށްތޯ ޝިފާ ލިބިފައި މިހުރީ.

 

އެހެންވީމާ، މިކަންކަމުގައި ރާއްޖެއިން ބޭރަކަށް ދެން ދަތުރުކުރާކަށް ނުޖެހޭނެ. އެހެންވީމާ، އެ އަންނަނީ އަޅުގަނޑުމެންނަށް ފުދުންތެރިކަން. އެކަމަކު، އެ ފުދުންތެރިކަމަކީ މިދެންނެވިގޮތަށް، ހުރިހާ ދާއިރާއަކަށް އަންނަ ފުދުންތެރިކަން. މި ފުދުންތެރިކަން މިއަންނަނީ، މުޅި ރާއްޖޭގެ އިޤްތިޞާދު ވަރުގަދަވެގެން. މުޅި ރާއްޖޭގެ އިޤްތިޞާދު ވަރުގަދަ ކުރުމަށްޓަކައި، ސިޔާސީ ފިކުރުތައް އެއްކިބާކޮށްފައި އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެން އާންމުކޮށް ގަބޫލުކުރާ ކަންތައްތަކެއް ކުރަން. ހުރިހާ ފިކުރަކަށްވުރެ، ހުރިހާ މަޞްލަޙަތަކަށްވުރެ ބޮޑު މަޞްލަޙަތަކީ، މުޅި ޤައުމުގެ ހަމަޖެހުންކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. މުޅި ޤައުމުގެ ހަމަޖެހުމާއެކީ، މިކަންކަން އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނީ. އަޅުގަނޑުމެން ހުރިހާ ރަށްރަށަކުން، ހުރިހާ ރައްޔިތުން ބޭނުންވާނީ ތަރައްޤީ.

 

މިއަދު ކޮޅުފުށީގައި، މިސާލަކަށް، ބަނދަރު ބޮޑުވީ. އާ ބަނދަރަކަށް ވެގެން މިދިޔައީ. އެކަމަކު، މިހިސާބުން ކޮޅުފުށީގެ ރައްޔިތުންގެ ބޭނުންތައް ނިމުނީކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އަދިވެސް ހުންނާނެ، ކޮޅުފުށީގެ ރައްޔިތުން ބޭނުންވާނެ ކަންކަން. އަދިވެސް ދައުލަތުގެ ބަޖެޓުން ކޮޅުފުށްޓަށް ހޭދަކުރަންޖެހޭނެ. 275 މިލިއަން، ނޫނީވިއްޔާ 273 މިލިއަން ކޮޅުފުށްޓަށް ހޭދަކުރުމުން، އެއީ، ކޮންމެހެން ކޮޅުފުށީގެ ހުރިހާ އަސާސީ ޚިދުމަތްތައް ނިމުނީކީނޫން. އެކަމަކު، އަޅުގަނޑުމެންނާއެކީ މި ދަތުރުތަކުގައި އުޅުއްވާނެ، މީގެކުރީގައި ރާއްޖޭގެ ރަށްރަށުގައި، މިކަހަލަ ރަށްރަށުގައި ހޭދަކުރެވިފައި ހުރި މިންވަރު ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުން. އޭރު އަޅުގަނޑުމެންގެ ނަސީބު ރަނގަޅިއްޔާ، މިވަރު ރަށަކަށް ފަނަރަވަރަކަށް މިލިއަން ރުފިޔާ ލިބިއްޖެ ކަމަށްވަންޏާ، ބަޖެޓުން ލިބިއްޖެ ކަމަށްވަންޏާ، މުޅި މަޝްޢޫތަކަށް، އެއީ، މުވައްޒަފުންގެ މުސާރައެއްނޫން، ފަނަރަވަރަކަށް މިލިއަން ރުފިޔާ ލިބިއްޖެ ކަމަށްވަންޏާ، އެއޮތީ ބޮޑު އަދަދެއް ހޭދަކުރެވިފައި. އެކަމަކު، މިއަދު އެ އަދަދު 35 މިލިއަނުން އަޅުގަނޑުމެން މި ދައްކަނީ. މި ރަށަށް އެކަނި ބެލިކަމުގައިވީނަމަވެސް، 273 މިލިއަން ރުފިޔާގެ ވާހަކަ މި ދައްކަނީ. އެހެންވީމާ، މިއީ އަންނަ ތަރައްޤީއަކީ.

 

އެހެންވީމާ، ތަރައްޤީގެ ވިސްނުމާއެކީ، އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާ ކަމަށްވަންޏާ، އަޅުގަނޑުމެން ސިޔާސީ މީހުން އައިސް ރައްޔިތުންނަށް ވިސްނައިދޭންވީ ތަރައްޤީގެ ވާހަކަ. ތަރައްޤީ ކުރާނެގޮތެއް. ތަރައްޤީ ކުރީމާ ރައްޔިތުންނަށް ލިބޭނެ ފައިދާ އަދި ތަރައްޤީ ކުރީމާ، މުޅި ދައުލަތަށް ލިބޭނެ އަމާންކަމާއި، ސުލްޙަވެރިކަން. އަޅުގަނޑުމެންނަކީ އެކަނި އޮވެގެން މަސައްކަތްކުރާ ބައެއްނޫން. އަޅުގަނޑުމެންނަށް އުނދަގޫވާނެ، އަޅުގަނޑުމެންގެ ހުރި ކަންތައްތަކާ ބޭރުގެ ފަރާތްތަކުން ބެހުނީމާ. އަދި އެފަރާތްތަކުން ބެހުމަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ދަޢުވަތު ދިނީމާ އަޅުގަނޑުމެންނަށް އުނދަގޫވާނެ. ވަގުތީގޮތުން ބަޔަކު އެދޭގޮތަށް ކަންކަން ޙައްލުވެގެން ދިޔަޔަސް، މުޅި ރާއްޖޭގެ ރައްޔިތުންނަށް ބަލައިފި ކަމަށްވަންޏާ، އެއީކީ އަޅުގަނޑުމެންގެ އަމާންކަމާއި، މަޞްލަޙަތު ހިމެނޭ ކަމެއްނޫން. އެހެންވީމާ، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމަކުންވިޔަސް އަދި އަޅުގަނޑުމެން އެބަޔަކާއެކީ މަސައްކަތްކުރާ އިއްތިހާދަކުންވިޔަސް، ސަރަޙައްދަކުންވިޔަސް އަޅުގަނޑުމެންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އުނދަގޫތަކެއް އުފުލަންޖެހޭނެ. އެ އުނދަގޫތައް އުފުލާއިރު، އެއްބަޔަކަށް އެ އުނދަގޫވެފައި، އަނެއް ބަޔަކަށް އުނދަގޫ ނުވާނެކަމަށް ވިސްނުމަކީ، ބުއްދިވެރި ވިސްނުމެއް ނޫން.

 

އެހެންވީމާ، މިއީކީއެއް، އަޅުގަނޑުމެންގެ މުޅި ރައްޔިތުންގެ މަޞްލަޙަތާއި، މުޅި ރަށުގެ ސަލާމަތަށް ބަލާއިރު، އަޅުގަނޑުމެން އެއްގޮތަކަށްވެސް އެދިގެންވާނެ ކަމެއްނޫން، ކޮށްގެންވާނެ ކަމެއްނޫން. އަޅުގަނޑުމެން ކުރާ މަސައްކަތް، އަޅުގަނޑުމެން ހިންގަވާ، އަޅުގަނޑުމެންގެ ވެށީގެ ތެރޭގައި ކުރަމާ! އަޅުގަނޑުމެންގެ ރާއްޖޭގެ ތެރޭގައި، އަޅުގަނޑުމެންގެ މީހުންނަށް ވިސްނައިދީގެން ކުރަމާ ހިންގަވާ. އެ ވިސްނައިދީގެން ކުރާ ކަންތައްތަކުގެ ތެރޭގައި، މިދެންނެވި ގޮތަށް މުޅި ޤައުމުގެ މަޞްލަޙަތު ގެއްލޭގޮތަށް، ބޭރުގެ ފަރާތްތަކަށް ދަޢުވަތު ދީގެން މިކުރެވޭ ކަންކަމުން ނުކުންނަ ނަތީޖާ ރަނގަޅެއް ނުވާނެ އެއްގޮތަކަށްވެސް.

 

އެހެންވީމާ، އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާނަން. ކޮޅުފުށީގައި ދަންނަވަން ބޭނުންވަނީ، ކޮޅުފުށްޓަށް އައިސް ރައްޔިތުންނާ ބައްދަލުކުރަން މި ލިބޭ ފުރުޞަތަކީ، އަޅުގަނޑަށް ލިބޭ އުފަލެއް. އަދި މިތަނުގައި، މި މާލަމުގައި އަޅުގަނޑުމެން މި ޖަލްސާކުރާއިރު، މި ކޮޅުފުށި، ކުރީގެ ސުނާމީގެ ތެރޭގައި އޮތް ހިސާބު އަޅުގަނޑުގެ ހިތަށް ގެނެވޭ. އެހެންކަމާއެކީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަދިވެސް މި ރަށްރަށަށް ބޭނުންވާ ކަންތައްތައް މަދެއްނޫނޭ. ބައިވަރު ކަންތައްތައް އެބަހުރި.

 

އެހެންވީމާ، ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ، މުޅި ރާއްޖޭގެ ސަލާމަތާއި، މުޅި ރާއްޖޭގެ ރައްޔިތުންގެ މަޞްލަޙަތަށް ވިސްނާފައި އަޅުގަނޑުމެން ކުރިއަށްދާށޭ! އަޅުގަނޑުމެންގެ ޕާޓީގެ ފިކުރަކީ، އަމާންކަމާއި، ސުލްޙަވެރިކަމާއެކީ، އެކި ދާއިރާއަށް ބޭނުންވާ ތަރައްޤީ ގެނެސްދިނުން. އަޅުގަނޑުމެން މި ތަރައްޤީ ގެންނާކަށް އަޅުގަނޑުމެންނެއް ރައްޔިތުންނަށް ގެއްލުންވާ، އުނދަގޫވާ، ނޫނީވިއްޔާ ތަކުލީފު އުފުލަންޖެހޭ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. ސިޔާސީ މީހުންގެ ތެރޭގައި ޚިޔާލު ތަފާތުވެދާނެ. ސިޔާސީ މީހުންގެ ތެރޭގައި ޙުކުމް އައިސް، ޖަލުގައި ބަޔަކު ތިބެދާނެ. އަދި އެނޫން އެހެން ކަންކަން ވެދާނެ. އެކަމަކު އެއީކީ އާންމު ފަރުދުންނާ ހަމައަށް އޭގެ ދިލަ ފޯރާ ކަންކަމެއްނޫން. މި ސަރުކާރަކުން އެއްވެސް މީހަކު އާބިޓްރަލީ، ނޫނީވިއްޔާ ތަޙްޤީޤަކާއި ޝަރީޢަތަކާ ނުލައި ބަންދުކޮށްފައެއް ނުހުންނާނެ. މި ސަރުކާރުން ކަންތައްތައް ކުރާނީ ޤާނޫނީ ޙުކޫމަތުގެ ތެރެއިން، ޤާނޫނީ އުސޫލުތަކުގެ ތެރެއިން.

 

އެހެންވީމާ، ޤާނޫނީ އުސޫލުން ބޭރުން ކަންކަން ކުރެވުނީމާ، މައްސަލައަކަށް މިވަނީ. ޤާނޫނީ އުސޫލުން ކަންކަން ކުރާއިރު، އެންމެ މޮޅު މީހާއަށްވެސް، އެންމެ ނިކަމެތި މީހާއަށްވެސް ލޯޔަރެއް ޢައްޔަނު ކުރުމުގެ ޙައްޤު، ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދޭ. އޭނާ ކުށުން ބަރީއަވާން ކުރެވެންހުރި ކޮންމެ މަސައްކަތްތަކެއް ކުރުމުގެ ޙައްޤު އޭނާއަށް އެބަ ލިބޭ. އަދި ކުށެއް ނުކުރާ މީހެއް ކަމަށްވަންޏާ، އޭނާގެ މައްޗަށް ކުށެއް ސާބިތުކުރެވޭނެ ކަމަކީ ނެތް ކަމެއް. އެހެންވީމާ، މި ވަގުތު ގައިދީންގެ ގޮތުގައި ތިބި ބައެއް، ނޫނީ ޖަލުގައި ތިބި ބައެއްގެ ޝަކުވާ އަޅުގަނޑުމެންނަށް އަޑުއިވެމުން އެބަދޭ. ހަމަ އެ ޝަކުވާއާއެކީ ކުރިއަށް ދެވޭނެ، އަނެއްކާވެސް އެބޭފުޅުން އިސްތިއުނާފު މަރުޙަލާތަކަށް، އެ ބޭފުޅުން އިސްތިއުނާފު ކުރައްވައިގެން.

 

ސަރުކާރަށް، ރައީސުލްޖުމްހޫރިއްޔާއަށް ހުރި ބާރުތައް މިހާރު މިވަނީ، ކުރީގައި ރައީސުންނަށް ހުންނަ ބާރުތައް ބޮޑުކަމާއެކީ، މިފަހަރުގެ ޤާނޫނުއަސާސީ އިޞްލާޙުވެގެން ދިޔައިރު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ހަނިކޮށްފައި. އެހެންވީމާ، ކުށަށް މަޢާފު ދިނުމާއި، ޢާންމު ޢަފޫޢާންމު ދިނުމާ، މިކަންކަމަކީ ހުދޫދެއްގެ ތެރޭގައި މިހާރު ކުރެވޭ ކަމެއް. ރައީސުލްޖުމްހޫރިއްޔާއަށް އާންމު ޢަފޫޢާންމެއް، ނޫނީ މަޢާފު ނުދެވޭނެ ކުށްތަކެއް އެބަހުރި ކަނޑައަޅާފައި. އޭގެ ބައެއް ކުށްތައްވެސް އަޅުގަނޑު ދަންނަވާލާނަން. އޭގެ ކުށްތަކުގެ ތެރޭގައި މިސާލަކަށް، ޓެރަރިޒަމްގެ ޢަމަލު ހިންގާ ބޮޑެތި ކުށްވެރިންނަކަށް ރައީސުލްޖުމްހޫރިއްޔާއަކަށް މަޢާފެއް ނުދެވޭނެ. އެހެންވީމާ، އާންމު މަޢާފުގެ ތެރެއިން ނުކުރެވޭ ކަންކަން ހުރޭ. އަދި މި ރައީސް، ރައީސްކަމާ ހަވާލުވެފައި، އަޅުގަނޑު ހުންނާނެ، އަޅުގަނޑުމެންގެ ޒަމީރަށް ގަބޫލުނުކުރެވޭ ކަންތައްތައްވެސް، އޭގެތެރޭގައި ބައެއް ކަންތައް ހިމަނާފައި. އެއީ، ކްލެމެންސީ ބޯޑުން އަދި ނިންމި ކަމުގައިވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް އައިމާ، ރައީސުލްޖުމްހޫރިއްޔާއަކަށް ފަސޭހައެއްނޫން، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންނަކަށް މަޢާފުދޭކަށެއް. އެއީ، އަޅުގަނޑަކަށް ފަސޭހަ ކަންކަމެއްނޫން. އެހެންވީމާ، ބޮޑެތި ޙައްޤުތަކަށް ނިކަމެތިން، މަޢުޞޫމުން، ނޫނީވިއްޔާ މިދެންނެވިގޮތަށް ވަލްނަރަބަލް ގިންތިތަކުގެ ޙައްޤުތަކަށް އަރައިގަންނަ މީހުންގެ ކުށް ސާބިތުވެ، ޙުކުމް ތަންފީޒުވަމުންދާއިރު، އެ ޙުކުމަށް މަޢާފު ކުރުމަކީ، އަޅުގަނޑަކަށް އެހާ ފަސޭހަކަމެއްނޫން. މީގެ ތެރޭގައި، އެންމެ ފާހަގަކުރާ ކަމަކީ، މަޢުޞޫމު ތުއްތު ކުދިންނާ ނަހަމަ ގުޅުން، ނޫނީވިއްޔާ ޖިންސީ ގޯނާ ކުރާ ކުރުމަކީ، އަޅުގަނޑަކަށް އެހާ ފަސޭހަކަމެއް ނޫން، މަޢާފުކުރާކަށެއް. އެހެންވީމާ، މިކަހަލަ ކަންތައްތައް ހުންނާނެ. އަދި ހަމައެހެންމެ، ޤާނޫނުން ކަނޑައަޅާފައި ހުރި ކަންތައްތައް އަޅުގަނޑު މިދެންނެވީ.

 

އެހެންވީމާ، ކުރީގައި 2008 ވަނަ އަހަރު ޤާނޫނުއަސާސީ އައުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށް ހުރޭ، މަޢާފުކުރުމާއި ޢަފޫޢާންމު ދިނުމުގެ ވަރަށް ބޮޑެތި އިޚްތިޔާރުތަކެއް ދީފައި. އެ އިޚްތިޔާރުގެ ބޭނުން، މީގެކުރީގައި ތިއްބެވި ރައީސުން ކުރައްވާފައިވަނީ. އެހެންނަމަވެސް، މި ފަހަރުގެ ޤާނޫނުއަސާސީ އަޅުގަނޑުމެން އިޞްލާޙުކޮށް، 2008 ވަނަ އަހަރު ތަންފީޒުކޮށްގެން ހިންގަންފެށި ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ މަޢާފު ދިނުމާއި، ޢަފޫޢާންމު ދިނުމުގައި އެބަހުރި ރައީސުލްޖުމްހޫރިއްޔާވެސް ހިނގަންޖެހޭ އިންފާރު، އިންތަކެއް ކަނޑައަޅައިދީފައި އެބަހުރޭ. އެހެންވީމާ، ރައީސްގެ ބާރުތައްވެސް މި އޮންނަނީ، ހަމަ ރަނގަޅު ސަބަބުތަކަށްޓަކައި. އަޅުގަނޑު ގަބޫލުކުރާގޮތުން ރައީސްގެ ބާރުތައްވެސް މިއޮންނަނީ، މިކަމުގައި ހުދޫދު ކުރެވިފައި. ނޫނީ އިން ކަނޑައެޅިފައި. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ޙާލަތަކީ. އެހެންވީމާ، އަޅުގަނޑުމެންގެ އާންމު ޙާލަތު، ހުރިހާ ރައްޔިތުންނަށް އެބަ އެނގެންޖެހޭ. އެނގޭއިރު އަޅުގަނޑުމެން ގަބޫލުކުރަންވީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި މިހާ ހިސާބަށް ތަރައްޤީގެ މަޝްޢޫތައް މި ގެނައީކީ އެއްގޮތަކަށްވެސް ރައްޔިތުންގެ ހަމަޖެހުން ނަގައިލައިގެނެއް ނޫން. ރައްޔިތުންގެ އަމާންކަމާއި، ސުލްޙަވެރިކަން ކަށަވަރުކޮށްދިނުމާއެކީ، އަޅުގަނޑުމެންނަށް މިހާ ހިސާބަށް ތަރައްޤީ މި ކުރެވުނީ.

 

އެހެންވީމާ، ކުރިއަށް މިއޮތް ފަސް އަހަރާއި، އަންނަން އޮތް ޖީލުތަކުގައި އަޅުގަނޑަކަށް ނުވިސްނޭ، ރައްޔިތުންގެ ހަމަޖެހުން ގެއްލިގެން އަންނާނެ ތަރައްޤީއެއް. ރައްޔިތުންގެ ހަމަޖެހުން ގެއްލިގެން އަންނާނީ ސިހުން. ރައްޔިތުންގެ ހަމަޖެހުން ގެއްލިގެން އަންނާނީ ނުރައްކާތެރި ކަންކަން. އަދި އެކަމުން އަރައިނުގަނެވިގެން އަޅުގަނޑުމެން އަބަދުވެސް އުޅެންޖެހޭނީ. މިކަހަލަ ރަށްރަށުގައި މި ހުންނަ، މަޢުޞޫމު މުޖުތަމަޢުގެ ތެރޭގައި އަޅުގަނޑުމެން ބޭނުމެއްނުވާނެ، ބޮޑެތި ކުށްކުރާ މީހުން އުޅޭކަށް. އަޅުގަނޑުމެން ބޭނުމެއްނުވާނެ، މިކަހަލަ ވެށީގައި މީހުންނަށް ޖިސްމާނީ ބޮޑެތި ގެއްލުންދޭ ތަން ފެންނާކަށް. އަދި އެ ގެއްލުމަކީ އާންމުވާ ގެއްލުމަކަށްވާކަށް އަޅުގަނޑުމެންނެއް ނޭދޭނެ. އަޅުގަނޑުމެންގެ ކޮންމެ މީހަކަށް އެކަން އިޙްސާސް ކުރެވޭނެ، އަޅުގަނޑުމެން ލޯބިވާ މީހަކަށް އެކަހަލަ ތަކުލީފެއް ގޯ ތުރޫ ކުރަން ޖެހުނީމާ.

 

އެހެންވީމާ، އަޅުގަނޑުމެންގެ އާންމު ވިސްނުމުގައި، އިންސާނުންގެ އާންމު ވިސްނުމެއްގައި މިކަހަލަ ބޮޑެތި ކުށްތަކަށް ޚާއްޞަކޮށް، މީހުންނަށް ޖިންސީ، ނޫނީވިއްޔާ މީހުންނަށް ނަފްސާނީ ގޮތުންވެސް، ނޫނީވިއްޔާ މީހުންނަށް ޖިސްމާނީ ގޮތުން އަނިޔާ ކުރުމަކީ، އަޅުގަނޑުމެންގެ މުޖުތަމަޢު ގަބޫލުކުރާ ކަމެއްނޫން. އެ ސަބަބުތަކަށްޓަކައި މި ކަހަލަ ކަންކަން ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހެނީ. އެހެންވީމާ، ރައީސް އެކަން ތަންފީޒުކޮށްދީފިއްޔާ، ނޫނީވިއްޔާ ޤާނޫނުން އެކަން ކަށަވަރުކޮށްދިނަސް، އެ އަމާންކަމެއް ރައްޔިތުންނަށް އާންމުވެގެނެއް ނުދޭ.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، އަޅުގަނޑު ކޮޅުފުށީގައި ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަކީ ސިޔާސީ މީހެއް. އަޅުގަނޑު މިއައީ ރައްޔިތުންގެ އަރިހަށް 2013 ވަނަ އަހަރުވެސް އައި އުސޫލުން. ރައްޔިތުންނަށް އަޅުގަނޑު ކަށަވަރުކޮށްދެނީ، ރާއްޖެއަށް އެކި ދާއިރާތަކަށް ބޭނުންވާ، އެކި ގިންތިތަކަށް ބޭނުންވާ، އަދި އެކި ސެގްމަންޓްތަކަށް ބޭނުންވާ ތަރައްޤީ ގެނައުމުގެ ފުރުޞަތު، މި ސެޕްޓެންބަރު 23 ގައި ލައްވާ ވޯޓުގައި އަޅުގަނޑަށް އެކަން ތަނަވަސްކޮށްދެއްވާށޭ! އެކަން ތަނަވަސްކޮށްދެއްވީމާ، އަޅުގަނޑުގެ ވިސްނުމާއެކީ، މިހާތަނަށް ގެނެސްފައިހުރި ތަރައްޤީގެ މަޝްރޫޢޫތައް ނިންމުމަކަށް ގެނެވޭނީ. އަދި އެއާއެކީ އަޅުގަނޑަށް ތަރައްޤީގެ މަޝްރޫޢޫތައް އިތުރުކުރެވޭނީ. މިހާރު މި ރަށަށް އައީމާ، ޢާންމުކޮށް މި ދެކެވޭ ވާހަކައަކީ، އަޅުގަނޑުމެންގެ ސަރުކާރާ ހަމައަށް އައިއިރު، އަސާސީ ލަފާފުރުމުގެ ދަތިކަމުގެ ވާހަކަ.

 

ދެންމެ މުޢިއްޒުގެ ތަފާސް ހިސާބުތަކުގެ ވާހަކަ އެ ވިދާޅުވީ. 115 ވަރަކަށް ރަށުގެ ތެރެއިން 105 ރަށުގައި އެކަން ނިމިފައި. އަޅުގަނޑުމެން މިއަންނަ ދައުރުގައި މި ވިސްނަނީކީ، އަސާސީ ލަފާފުރުމުގެ ދަތިކަމުގެ ވާހަކައެއްނޫން. މި އަންނަ ދައުރުގައި އަޅުގަނޑުމެން މި ވިސްނަނީ، ކުދި ބަނދަރުތައް ބޮޑުކުރާ ވާހަކަ. އަދި އެއާއެކީ، ޞިނާޢީ، އިޤްތިޞާދީ، ބޮޑެތި ބަނދަރު ހަދާ ވާހަކަ. އެއީ އަޅުގަނޑު ދިއްގަރުގައި ވާހަކަ ދައްކަމުން، ވޭވަށަށް ނިސްބަތްކޮށްފައި އަޅުގަނޑު ދެންނެވިން، ވޭވަށުގެ ބަނދަރަކީ އަޅުގަނޑު ވިސްނާގޮތުން ވެއްޖިއްޔާ، އަސާސީ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދޭ ބަނދަރަކަށް ވެގެން ނުވާނެއޭ. ވޭވަށުގެ ބަނދަރަކީ އޭގެ ޒާތުގައި ޤުދުރަތީ ބަނދަރެއް. އަދި މ. އަތޮޅުގެ ޞިނާޢީ އެކިއެކި މަސައްކަތްކުރާ ފަރާތްތައް، ޚާއްޞަކޮށް، މަސްވެރިންނަށް ވަރަށް މުހިންމު ބަނދަރަކަށް ވެގެން އެބަދޭ. އެހެންވީމާ، އަޅުގަނޑުމެން މި ދައްކަނީ އަސާސީ ބަނދަރުން މިހާރު އަޅުގަނޑުމެން ގްރެޖުއޭޓްވީ. އެއެއްނޫން، އަޅުގަނޑުމެންގެ ވިސްނުމުގައި މިހުންނަނީ. އަޅުގަނޑުމެންގެ ވިސްނުން މިހުރީ ޞިނާޢީ، އިޤްތިޞާދީ ބޮޑެތި ބަނދަރު ހަދަން. އެހެންވީމާ، އެ ވިސްނުމާ ހަމައަށް، އަޅުގަނޑުމެންގެ އުއްމީދުތައް ކުރިއަށް ޖެހިލަން އެބަޖެހޭ. އަޅުގަނޑުމެންގެ އުއްމީދުތައް ކުރިއަށް ޖެހިލަންޖެހޭއިރު، މިއަދު އަޅުގަނޑުމެންގެ ޖީބަށްލާ އާމްދަނީއަކީ، އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، ހަތަރުހާސް އެމެރިކާ ޑޮލަރު. އަޅުގަނޑުމެންގެ ސަރުކާރު ނިމިގެންދާއިރު، ގާތްގަނޑަކަށް އެ އަދަދު އެއޮތީ، ދިހަހާސް އެމެރިކާ ޑޮލަރަށްވެފައި.

 

މިހާރު މި ގެންނަ ތަރައްޤީއާއެކީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެއަރޕޯޓް ނިންމާފައި، މި ދެންނެވި އަދަދަށް ޓޫރިސްޓުން އަންނަ ކަމަށްވަންޏާ، ކީއްވެގެންތޯ މި ދިހަހާސް އެމެރިކާ ޑޮލަރު، ވިހިހާސް އެމެރިކާ ޑޮލަރަށް ބަދަލުނުވާންވީ. އެ ފުރުޞަތަށް ކީއްވެގެންތޯ އަޅުގަނޑުމެން އިންތިޒާރު ނުކުރަންވީ. އަޅުގަނޑުމެންގެ ސަރުކާރެއްގައި ޤައުމީ އުފެއްދުންތެރިކަން، ބޮލަކަށްޖެހޭ މިންވަރު ޑަބަލް ކޮށްދީފީމު. ޑަބަލަށްވުރެ އިތުރުކޮށްފީމު. އެހެންވީމާ، މިހާރު މިއައިސްހުރި، އިޤްތިޞާދީ ބޮޑެތި ތަރައްޤީތަކާއެކީ، އާމްދަނީ ހޯދަން މިކުރާ މަސައްކަތުގައި ހަމަ އެއްވެސް ރައްޔިތަކު ޝައްކު ނުކުރައްވާ! ދިހަހާސް އެމެރިކާ ޑޮލަރު، އިރާދަކުރެއްވިއްޔާ، ވިހިހާސް އެމެރިކާ ޑޮލަރަށް ވެގެން ދިޔުމަކީ، މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުންނަށް އުފާފާގަތިކަން އިތުރުވެގެންދިޔުން.

 

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑު ހަމަ ކޮޅުފުށީގެ ހުރިހާ ރައްޔިތުންގެ މި އުފަލުގައި ބައިވެރިވާ ވާހަކަ އަދިވެސް ހަމަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާނަން.

 

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ރައްޔިތުންގެ ތަރައްޤީއަށް މިކުރާ މަސައްކަތުގައި، މާތް ﷲ ގެ ބަރަކާތް މިންވަރު ކުރައްވާށި!

 

والسّـــلام عليــكم ورحمــة اللّـه وبــركاتــه.