ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިންޑިއާ ސަފީރު އޭ.ކޭ ޕާންޑޭ ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮންނަނީ ވަރަށް ގާތް ވަރަށް ރަޙްމަތްތެރި ގުޅުމެއް ކަމަށާއި، މިގުޅުން އިތުރު ދާއިރާތަކުގައި ބަދަހިކުރައްވައި ދެމެހެއްޓެވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް، ވިޔަފާރީގެ ދާއިރާގައި މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރައްވައި ތަރައްޤީ ކުރެއްވުމަށް ދިވެހި ސަރުކާރުން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން ޚިދްމަތް ކުރެއްވުމަކީ، އޭނާއަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން އޭނާއަށް ވަރަށްބޮޑު އެއްބާރުލެއްވުމެއް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.