بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـــه سبحانه وتعالى އަށް ޙަމްދުކޮށް، ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ محّمــد رســــول اللّــــه صلّى اللّـــه عليه وســــلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.

މުލީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މި ދަތުރުކުރައްވާ އެންމެހައި ޢިއްޒަތްތެރިން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑު އުފަލެއް ކަމުގައި ދެކެން، އެންމެ ފުރަތަމަ ވާހަކަ ފަށަމުންވެސް މުލީން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާ! ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑުމެންނާ ދޭތެރޭގައި އޮތް ގާތްކަން ތިޔަބޭފުޅުން ތިޔަ ދައްކައިދެއްވީ. އެކަމަށްޓަކައި ހަމަ މުލީގެ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެއާއެކު، މުލީގެ މި އުފަލުގައި އަޅުގަނޑަށް ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ، اللّـه تعالى އަށް ޙަމްދުކުރަމުން، އަދި ހަމަ އެހެންމެ ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވުމުގެ ފުރުޞަތުގައި ތިޔަ އެންމެ ބޭފުޅުންނަށް މަރުޙަބާވެސް ދަންނަވަން.

މުލީގެ ބިމުގެ ސައިޒު މިއޮތީ، މުލި އުފެދުނުއިރު އޮތްވަރަށްވުރެ އިތުރުވެފައި. އެހެންވީމާ، މުއްޔަށް 40 ހެކްޓަރު އިތުރުވެގެންދާ ދިޔުމަކީ، ޝައްކެއްވެސްނެތްގޮތުގައި، ބިން ފުރެމުން އަންނަ ރަށަކަށް ލިބޭނޭ އެންމެ އުފާވެރި މެސެޖް. ހަމައެއާއެކީ، މުލީގެ އާބާދީއަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަކީ، އަދި ލިބެމުން ދިޔުމަކީ އަޅުގަނޑުމެންވެސް މުލީގެ ރައްޔިތުންގެ އުފަލުގައި ބައިވެރިވާ ކަމެއްކަމުގައި ދަންނަވަން. އަޅުގަނޑަށް އެނގޭ، މުލީގެ އުންމީދުތަކާއި މުލީގެ އިންތިޒާރުތައް ހުރީ ކޮން ދިމާއެއްގައިކަން. އެހެންވީމާ، އެއަށް އަޅުގަނޑު ވާހަކައެއް ދަންނަވާފައި ކަންނޭނގެ ކުރިއަށްދާންވާނީ.

ޝައްކެއްވެސްނެތްގޮތުގައި، މުލި މިއީ، ވަރަށްގިނަ ވަސީލަތްތަކެއް ރައީސް މައުމޫންގެ ސަރުކާރުގައިވެސް ޤާއިމުކޮށްދެއްވާފައި ހުރި ރަށެއްވެސްމެ. އަދި ކުރިއަށް ދިޔުމުގެ ރޫޙު އޮތް އާބާދީއެއް އޮތް ރަށެއްވެސްމެ. ދެން މުލީގައި މިހާރު އިންތިޒާރު ކުރަމުން ތިޔަ ގެންދަވަނީ، ހަމަ ރާއްޖޭގެ ހުރިހާ ދިމާއަކަށް އެއަރޕޯޓުދާތީ، އެއަރޕޯޓެއްގެ އިންތިޒާރުގައިކަންވެސް އަޅުގަނޑު ހަމަ ގަބޫލުކުރަން. އެއާއެކީ މުލީގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއިން ކޮންމެކަމެއް ކުރުމުގައި ރައްޔިތުންގެ ދައުރު ކުޑައެއްނޫނޭ. ރައްޔިތުންގެ ދައުރު ކުޑަނުވާކަމަށް މިދެންނެވީ މިހެން އަންނަ ތަރައްޤީގެ މަޝްރޫޢުތައް ތިޔަބޭފުޅުންނަށް އަތުންހިފި ގަބޫލުކުރެވޭ ކަމަށްވަންޏާ، އެ ތަރައްޤީއާއެކީ ހިނގުމުގެ ޤާބިލުކަމާއި، ހިނގުމުގެ ވިސްނުން ތިޔަބޭފުޅުންގެ ހުންނަންވާނެ.

އެހެންވީމާ، މުލީގެ އަތްމަތީގައި އޮތީ، މުލީގެ އެއަރޕޯޓު އަޅުވާނީ، ރައީސް ޔާމީން ލައްވާތޯ! އެހެންވީމާ، މުލީގެ ރައްޔިތުން އެކަމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވައިފި ކަމަށްވަންޏާ، ﷲގެ ރަޙްމަތުން އެކަންވެސްވާނެ. އެހެންވީމާ، އަޅުގަނޑު ހަމަ މުލީގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، މުލީގެ ތިޔަ އުންމީދުތައް، އިންތިޒާރު އަޅުގަނޑު ޙަޤީޤަތަކަށް ހަދައިދޭނަމޭ.

ރާއްޖޭގެ އެކި ދިމަދިމާލުގައި،  މި ސަރުކާރުގައި، މި ދައުރުގައި، އެއަރޕޯޓުތައް އެޅެމުން އެބަދޭ. އެކަމަކު ފަހަކަށްއައިސް، އެއަރޕޯޓުތައް ގިނަވިގޮތްވެސް އަޅުގަނޑު ހަމަ ދަންނަވާލާނަން. އެއަރޕޯޓް އެޅުމަކީ، އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެންގެ އަމާޒުގައި އޮތްކަމެއް. އެކަމަކީ ލާމެހިފައި އޮތް މަޝްރޫޢެއްގެ ހަމަ ކައިރިކައިރި، ނޫނީ ތިމާގެ ބޮޅުތަކެއް ގޮތަށް ހުރި ކަންތައްތަކެއް. އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓް ބޮޑުވެގެންގޮސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެގެންދިޔައިމާ، އޭގެ މަންފާ އަޅުގަނޑުމެން މުޅި ރާއްޖެއަށް ޢާންމުކުރަން ބޭނުން. އެހެންވީމާ، ރާއްޖޭގެ އެކި ހިސާބުގައި އެއަރޕޯޓް އެޅުމުގެ މަސައްކަތްތައް ކުރަމުން މިދަނީ. އެއަރޕޯޓް އެޅުމުގެ މަސައްކަތްވެސް، އެހެންނަމަވެސް، ވަކި މޫސުމަކާ ދިމާކޮށް އިތުރުވެގެންދާންޖެހޭ ސަބަބުވެސް އެނގިވަޑައިގަންނަވަންވާނެ. އަޅުގަނޑު އެކި ތަންތަނުގައި ވާހަކަ ދައްކަމުން މިއަންނަނީ. އަޅުގަނޑުމެން ދައުލަތާ ހަވާލުވީއިރު، މި ޒަޢާމަތުން ދައުލަތާ ހަވާލުވީއިރު، ދައުލަތުގެ ވަރަށް ބޮޑު ދަރަނި އޮވެގެން އަޅުގަނޑުމެން ފުރަތަމަ މަސައްކަތްކުރަމުންދިޔައީ. ދަރަނި އަދާކުރަމުން އަދި އެއިރު، އެކި ހިސާބުގައިހުރި ރައްޔިތުންނަށް ޚިދްމަތްދޭން މިހުންނަ އާންމު ތަންތަން މަރާމާތުކުރުމާއި، އާބާތުރަ ފިލުވުމާ، މި ކަހަލަ އެތައް ކަމެއްކުރަން. އަދި ހަމައެހެންމެ އެކި ރަށްރަށަށް ޞިއްޙީ ދާއިރާއަށް ބޭނުންވެފައިހުރި ކަންތައްތައް ފުއްދައިދެވޭތޯ ބަލަމުން ގެންދިޔުން.

އެކި ރަށްރަށަށް ދާއިރު، ގައިނީ ޑޮކްޓަރެއް، ޕީޑިއެޓްރީޝަނެއް، ނޫނީވިއްޔާ އެހެންވެސް ކަމެއް، ނޫނީވިއްޔާ ޓީޗަރެއް، މި ޝަކުވާތަކަކީ، ރިޔާސީ އިންތިޚާބުގެ ދަތުރުތަކުގައި އަޅުގަނޑުމެންނާ ހަމައަށް ތަކުރާރުކޮށް ކެނޑިނޭޅި އަންނަމުންދިޔަ ވާހަކަތައް. އެކަންކަން ކުރުމަށް ވަރަށްގިނަ ވަގުތުނަގައި، އެކަންކަން ކުރުމަށް ހޭދަކުރަންޖެހުނު. އަދި ހަމައެއާއެކީ، މި އަތޮޅަށް މި ކުރަމުންގެންދާ ދަތުރުގައި އަޅުގަނޑުމެން ރައްޔިތުންނަށް ދަންނަވަމުން މި އަންނަނީ، މިކަންކަން ކުރުމުގައި، އަޅުގަނޑުމެން ބޭނުންވި ހަލުވިމިނުގައި ބައެއް ކަހަލަ ކަންތައްތައް، މިސާލަކަށް، މުޅި ރާއްޖޭގެ އެކި ހިސާބަށް އެއަރޕޯޓް ޢާންމުވެގެންދިޔުން ކަހަލަ ކަންތައްތައް ފެށުން ލަސްވާންޖެހޭ ސަބަބުތަކުގެ ތެރޭގައި މިއަންނަނީ ކުރީގެ ސަރުކާރުތަކުން ކުރެވިފައި ހުރި ކަންތައްތަކުގެ އުނދަގޫ އަޅުގަނޑުމެން ތަޙައްމަލުކުރަން ޖެހުނީމާ. ނޫނީވިއްޔާ އެއަށް ޙައްލުތަކެއް ހޯދަން ޖެހުނީމާ. އޭގެތެރެއިން އެއްކަމަކީ، މި ދައުލަތުގެ މާލިއްޔާއަށް އުފުލަން ޖެހިފައި އޮތް ބޮޑު ބުރައެއްގެ ގޮތުގައި އޮތް ބޮޑު ދަރަނި. މި ތަފާސް ހިސާބަކާ، އިދިކޮޅު ފަރާތްތަކަކަށް ދެކޮޅެއް ނުހެދޭނެ. އަދި މި ތަފާސް ހިސާބު ހިފައިގެންނެއް އަޅުގަނޑަކަށް ހިޔެއްނުވޭ ބޭރު ކަރަކަރައަކަށްވެސް އިދިކޮޅު ފަރާތްތަކުން ދާނެ ކަމަކަށް. އެއީ، ރައްޔިތުންނާއި ބޭރުފަރާތްތަކަށް ދައްކަން، ރައްޔިތުންނަށް ދިން ޚިދްމަތެއް ކަމުގައި ބުނަން ދާނެހެންނެއް. އަދި ބޭރުގެ އެކި ކަރަކަރައަށްވެސް އެނގޭނެ، އަޅުގަނޑުމެންގެ ހުރި ޤުދުރަތީ، ވަރުގަދަ ކަންކަން އަޅުގަނޑުމެން ބިނާކޮށްފައި ހުރި ވަސީލަތްތައް ބޭރުގެ ފަރާތްތަކަށް ވިއްކާލައި، އަދި އެކަމުން އަޅުގަނޑުމެން ސަލާމަތްނުވެގެން މިދިޔައީ، ކިހާ ދުވަހެއްކަން. އަދި އަމުދުން، އިޤްތިޞާދީގޮތުން ކިހާ ބޮޑު ބުރައެއް އަޅުގަނޑުމެން އެކަމުގައި އުފުލަން ޖެހުނުތޯ؟ މީގެ ތަފްސީލުތަކެއް މީގެ ކުރީގެ ޖަލްސާއެއްގައި މިނިސްޓަރ ޠާރިޤު ދެއްވައިފި.

އެހެންވީމާ، އެކަހަލަ އެތައްކަމެއް އަޅުގަނޑުމެން ޖެހުނީ ފޫބައްދަމުން ގެންދަން. އެއަރޕޯޓް އަނބުރާ ހޯދުމަށްޓަކައި 320 މިލިއަން ޑޮލަރު އެއްފަހަރުން ދައްކާ ޚަލާޞްކުރުމަކީ ފަސޭހަކަމެއްނޫން. އެއީ، ވަރަށްބޮޑު ތަކުލީފެއް، ވަރަށްބޮޑު ބުރައެއް، ދައުލަތަށް އުފުލަން ޖެހުނު. އެހެންނަމަވެސް، އެނޫންގޮތެއް އޭރު ހަމަ ނެތީ. އެ ނޫން ގޮތެއް ނެތޭ މިދެންނެވީ އެ ދަރަނި ދެންމޭކަށެއް ނުވެސް ނެތް. އެ ދަރަނި ދަންމާކަމަށްވަންޏާ ކޮންމެ ދުވަހަކަށް އަރާ އިންޓްރެސްޓް ނޫނީ، އޭގެ ކޮސްޓަކަށްއަރާ ދަރަނި އެހާ ބޮޑީ. އެހެންވީމާ، އެ ދަރަނި ސާބިތުވުމަށްފަހު،  އެގްރީމަންޓުތަކުގައި ދަރަނި އެހުރީ. އާބިޓްރޭޝަނުން އެކަން ގަބޫލުކުރޭ. އެކަން އަޅުގަނޑުމެންގެ މައްޗަށް އެބަ އާދޭ. އަޅުގަނޑުމެން ބޭނުންވީ އެއަރޕޯޓް އަނބުރާ ހޯދަން. އެހެންކަމަށްވަންޏާ، އެގްރީމަންޓުގައި އޮތްގޮތަށް ބަދަލުދޭން އެބަޖެހޭ. އެންމެފަހުން މިދެންނެވި ގޮތަށް 320 މިލިއަން ޑޮލަރު އަޅުގަނޑުމެން ހޭދަކޮށްދާއިރު، އެއަރޕޯޓް އަޅަން އެކަނި މި ފައިސާ ލިބުނުނަމަ މިދައްކަނީ، ރާއްޖޭގެ އެކި ހިސާބުގައި ގާތްގަނޑަކަށް ފަންސަވީހަކަށް ތިރީހަކަށް އެއަރޕޯޓް އަޅާ ވާހަކަ. ރާއްޖޭގައި 25 އަތޮޅެއް ނުވެސްނެތް. އެހެންނަމަވެސް، މި ވާހަކައެއް އިދިކޮޅު ފަރާތްތަކަކުންނެއް ނުދައްކާނެ. އެކަމަކު އެފަރާތްތަކުން ކޮށްފައިހުރި ކަންކަމާ ގުޅިގެން، ރާއްޖޭގެ ތަރައްޤީގެ ދުވެލި ހިފެހެއްޓުނު ސަބަބު އަޅުގަނޑު މި ދަންނަވާލީ.

އެހެންވީމާ، މުލީގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވަނީ، ބިން ހިއްކާ ނިމުމާއެކީގައި އެންމެ ބޮޑަށް ބޭނުންވަނީ އެއަރޕޯޓް ކަމަށްވަންޏާ، މުލީގެ ރައްޔިތުން އެކަމާ ދޭތެރޭގައި ވިސްނަވާ! މި ސަރުކާރުގައި މިދެންނެވި ކަހަލަ އެތައް ބޮޑެތި ބުރަތަކެއް އުފުލަމުން، އޭރު ދަތިވެފައިހުރި އެތައް ބައިވަރު ކަންތައްތަކެއް، ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަޅުގަނޑުމެން ދަރާފައިހުރި ދަރަނިތައް އަދާކުރަމުން އަދި މިދެންނެވި ގޮތަށް އެންމެ އަސާސީ ކަންތަކަށް ބޭނުންވާ ޞިއްޙީ މަރުކަޒު، ނޫނީ ތަޢުލީމީ މަރުކަޒުތަކުގައި ހުރި އާބާތުރަ ފިލުވަމުން، ވަރަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހުނީ. އެހެންވީމާ، ކޮންމެވެސްވަރަކަށް އަޅުގަނޑުމެން އެކަނި ހަށްޓައިގެން ތެދުވެވޭވަރަށް، ހަށިފޮޅާލާފައި ތެދުވެވޭވަރަށް މަސައްކަތްތަކެއް ކުރަންޖެހުނު. އޭގެފަހުން، އަޅުގަނޑުމެންނަށް މި ވިސްނެނީ އެހެން ކަންކަން. މި ރަށްރަށަށް އައިމާވެސް، ހަމަ މި ރަށްރަށުގެ ޠަބީޢަތަކީވެސް އެއީ. ރަށްރަށުން ފުރަތަމަ އަޅުގަނޑާ ހަމައަށް އަންނާނީ، ރަށްރަށަށް ބޭނުންވެފައިހުރި އެންމެ އަސާސީ ކަންތައްތަކުގެ ވާހަކަ. އެކަމަކު، އެކަންކަން ފުދުނީމާ މިއަދު، އަޅުގަނޑުމެން އުންމީދުކުރަނީ، އެއަށްވުރެ ބޮޑެތި ކަންކަމަށް. އެއަށްވުރެ ބޮޑެތި ކަންކަމަށް އުންމީދުކުރާތީ، މުލީގެ ފަރާތުންވެސް އަޅުގަނޑު ކައިރީގައި އެއަރޕޯޓުގެ ވާހަކަވެސް މިވިދާޅުވީ.

އެހެންވީމާ، މިހެންހުރި އަސާސީ ކަންތައްތައް ފިލުވައިދީފައި، އަސާސީ ކަންތައްތައް ފުއްދައިދީފައި، އެއާއެކީ، އަޅުގަނޑުމެންނަށް ތަރައްޤީގެ މަޝްރޫޢުތަކަށް ކުރިއަށް ދެވޭނީ. އަދި އަޅުގަނޑުމެން ކުރަންޖެހުނު މަސައްކަތުގެ ތެރޭގައި، މިހާބޮޑު ދައުލަތުގެ ދަރަންޏެއް އޮތީމަޔާއެކީ، ބޭރުން އަޅުގަނޑުމެންނަށް ލެންޑްކުރާ ފަރާތްތަކަށް، ނޫނީ ބޭރުން އަޅުގަނޑުމެންނަށް ދަރަންޏަށް ފައިސާ ދޫކުރާ ފަރާތްތަކަށް ރާއްޖޭގެ އިޤްތިޞާދުގައި އިތުރަށް ދަރަނި އުފުލުމުގެ، ނޫނީ އިތުރަށް ދަރަނި އަދާކުރުމުގެ ހަކަތަ ހުރިކަން އެމީހުންނަށް ކަށަވަރުވާން އެބަޖެހޭ. އެ ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެންގެ އިޤްތިޞާދު އެބަޖެހޭ ސާބިތުކަންމަތީ ދަމަހައްޓަން. އެއީކީ އެއްދުވަހަކުން، ދެ ދުވަހަކުން ކުރެވޭނެ ކަމެއްނޫން. ހަނދުމަފުޅު ހުންނާނެކަންނޭނގެ، ރިޔާސީ އިންތިޚާބުގެ ވާދައިގެ ދުވަސްތަކުގެ ތެރޭގައި އަޅުގަނޑު ވާހަކަ ދައްކަމުން ގެންދިޔައިން، އޭރުއޮތް ދަރަނި ހަމައަކަށް އަޅުވައި، އަޅުގަނޑުމެންގެ ބަޖެޓް، ހަމަ ބަޖެޓަކަށް، ތިލަފަތް ހަމަ ބަޖެޓަކަށް ގެނެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރާނަމޭ، ތިން އަހަރުގެ ތެރޭގައި ފޮތްތަކުން އެކަން ކުރެވުނު. އެހެންނަމަވެސް، އަޅުގަނޑުމެން އަންދާޒާ ނުކުރާ ކަހަލަ ބޮޑު ދަރަންޏެއް އަޅުގަނޑުމެންނާ ހަވާލުވީ. އެހެންވީމާ، އެ ދަރަނި ދައްކަމުން، ދައުލަތުގެ ބަޖެޓުގެ ތިލަފަތް ހަމަކުރުމަކީ، އެއީ ފަސޭހަކަމަކަށްނުވޭ. އެކަމަކު، ތިން އަހަރުގެ މުއްދަތު މިދެންނެވީ، ތިލަފަތް ހަމަ ބަޖެޓަކަށް ގެނައުމަކީ ލާޒިމުކަމެއް، ބޭރުގެ ފަރާތްތަކަށް އަޅުގަނޑުމެންގެ ފޮތްތައް ދައްކަން ބޭނުންކަމަށްވަންޏާ.

އަޅުގަނޑުމެން އެ ފޮތްތައް ދައްކާއިރު، ވިޔަފާރިކުރާ މީހަކަށް އެނގޭނެ، ބޭންކަށްގޮސް ލޯނެއް ނަގާކަމަށްވަންޏާ، އޭނާ ދައްކަންޖެހޭނީ، އޭނާ އަތުގައިހުރި ފައިސާއާއި، އޭނާއަށް ލިބެންހުރި ފައިސާ. އޭނާއަށް ލިބެންހުރި ފައިސާއަކީ، އަވަސްކަމާއި ކަށަވަރުކަމާއެކީ ލިބެންހުރި ފައިސާކަމަށްވަންޏާ، އެއީ އޭނާގެ އެސެޓެއް ގޮތަށް، އޭނާގެ ރިސޯސެއްގެ ގޮތަށް ބޭންކުން ބަލާނެ ލޯނުދޭން. އެކަމަކު، އޭނާގެ ހިސާބުފޮތް ބަލާއިރު، ހައްތަހާވެސް މިހުރީ، އޭނާގެ އަތުގައި އެއްވެސް އެއްޗެއްނެތި، ރައުސްމާލެއްނެތި، އޭނާ އެކި ފަރާތްތަކަށް ލޭންދޭނަށް ނަގާފައިހުރި ފައިސާ ދޭންހުރި ދަރަނިކަމަށްވަންޏާ، ބޭންކުން ފޮތް ހުޅުވައިލާފައި ފޮތް ލައްޕާލާނީ. އެ ހިސާބުން އެ ކަސްޓަމަރު ޖެހޭނީ ގެޔަށްދާން.

ދައުލަތެއްގެ ބެލެންސް ޝީޓާއި، ދައުލަތެއްގެ އިންކަމް ސްޓޭޓްމަންޓް މިއަކާ ތަފާތެއްނެތް. އެހެންވީމާ، އަޅުގަނޑުމެން  ބޭރު ފަރާތްތަކަށް ލޯނަށް އެދި ދާން މި ޖެހެނީ، ބޮޑެތި މަޝްރޫޢުތައް ހިންގަން. ބޮޑެތި މަޝްރޫޢުތައް ހިންގަންދާއިރު، އަޅުގަނޑުމެން އެ ލޯނަށް އިންތިޒާރުކޮށް ދާކަމަށްވަންޏާ، އަޅުގަނޑުމެންގެ މާލީ ހިސާބުތައް އެބަޖެހޭ ހަމައަކަށް އެޅެން. އެހެންވީމާ، އެކަން ކުރުމަށްޓަކައި، އަޅުގަނޑުމެން މި ޖެހުނީ ވަރަށް ގިނަ ކަންތައްތައް ކުރަން. އެކަން ކުރަމުން، މިދެންނެވި ބޮޑު ދަރަނީގެ އިތުރަށް، އެއަރޕޯޓް އަނބުރާ ހޯދުމަށްޓަކައި  ހޭދަކުރަންޖެހުނު 320 މިލިއަން ޑޮލަރަކީ، ގާތްގަނޑަކަށް ފަންސަވީސް، ނޫނީ ތިރީހަކަށް، އެއަރޕޯޓުގެ ފައިސާގެ ޚަރަދު. އަޅުގަނޑުމެން އެ ހިސާބަށް އައިސްފައި، މިދަންނަވަނީ، މޫސުމުގައި މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، ނޫނީ ބޮޑަށް މިކަން މި އަންނަނީ މި އަހަރުގެ ތެރޭގައި. މިހާރު މިދަނީ އެތަން މިތަނުގައި މި އެއަރޕޯޓުތައް އެޅެމުން. އެކަމަކު މީގެ އެއަރޕޯޓުތަކުގެ ތެރެއިން، ވަރަށް މަދު އެއަރޕޯޓެއް ނޫނީވިއްޔާ ސަރުކާރުގެ ބަޖެޓުގައި ޖަހައިގެން އަޅާފައެއް ނޯންނާނެ.

މީގެ އެއަރޕޯޓުތައް ގިނައިން އެޅިފައި މިހުރީ، އެ ސަރަޙައްދުގައި ޓޫރިޒަމްގެ ހޮޓާތައް ހުރި ފަރާތްތަކުން ލާރި ހޯދައިގެންނާއި، އެއީ ވިޔަފާރިވެރިންގެ އަތުން ލާރި ހޯދައިގެންނާއި އަދި ވިޔަފާރިވެރިން ވަކި ރަށެއް ނަގާފައި އެތަނުގައި އެއަރޕޯޓެއް އަޅަން ބޭނުންވާތީ، އެ ރަށް ލިބޭތީ، އެކަން ކުރާތީ އަޅާ އެއަރޕޯޓާއި، ބޭރުގެ ފަރާތްތަކުންވެސް އެ މީހުން ޓޫރިޒަމް ރަށެއް ކޮންމެ ސަރަޙައްދެއްގައި ނަގާތީ. މިސާލަކަށް ށ. އަތޮޅު. ށ. އަތޮޅުން ބިލެތްފަހި ކައިރީގައި، އެތަނުގައި ރިޒޯޓެއް ހަދަން ބޭނުންވާ، ބޭރުގެ ވަރަށް މުއްސަނދި ބޮޑު ކުންފުންޏަކުން އެ ރިޒޯޓު ނަގާއިރު، އެ މީހުން ބޭނުންވޭ އެތާނގައި އެއަރޕޯޓެއް އޮންނަން.

އެހެންވީމާ، ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހަދާ އެއަރޕޯޓްތައް ގިނައެއްނުވާނެ. ވަރަށް މަދުވާނެ. އެހެންވީމާ، މި ގޮތްގޮތަށް އެއަރޕޯޓުތައް ހެދިގެން މިދަނީ. ހަމަ މުލީގެ ރައްޔިތުން އެއަރޕޯޓުގެ ޝައުޤުވެރިކަމުގައި ތިއްބެވީމާ، ތިޔަބޭފުޅުންނަށް މީގެ ތަފްސީލު ދަންނަވާލުމަށްޓަކައި، އަޅުގަނޑު ހަމަ ދަންނަވާލި ވާހަކައެއް މިއީ.

އެހެންވީމާ، އަޅުގަނޑުމެން ކުރަމުންއައީ، އުނދަގޫ ދަތުރެއް. އަޅުގަނޑުމެން ކުރަމުން މިއައީ، ހަމަ ޙަޤީޤަތުގައިވެސް، ވަރަށް އުނދަގޫ ދަތުރެއް. މިދެންނެވި ކަހަލަ ދަރަނީގެ އެތައް ކަންތައްތަކެއް ފިލުވަމުން އަދި އެއާއެކީ، އެ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅައިނުލެވި ވީރާނާވަމުން ހަލާކުވަމުންދިޔަ، އެތައް ބައިވަރު މުއައްސަސާތަކެއްގެ އިމާރާތްތަކުގެ އާބާތުރަ ފިލުވަމުން، މި ކަހަލަ އެތައް ކަމެއް ކުރަމުން ދިޔައީ. އަދި އެއާއެކީ، އައްޑުއަތޮޅުގެ ރައްޔިތުން، ތިނަދޫގެ ރައްޔިތުންގެ ޚިޔާލަށް އަންނާނެ، މި ވާހަކަ ދެންނެވީމާ. އަދި މުޅި ރާއްޖެއަށް މިކަން އެނގޭނެ. އެތަންތަނުގެ ރައްޔިތުންގެ ކައިވެނީގެ ސެޓްފިކެޓުތައް ހުރި ތަންތަން އަދިވެސް ނޭނގޭ ރައްޔިތުން ތިބޭނެ. އެމީހުންގެ ގޯތީގެ ފަތް ނެތް ކިތަންމެ ބަޔަކު ތިބޭނެ. ކިހިނެއްތޯ މިވަނީ؟ ރަސްމީ ލިޔުންތައް ހުރި ކޯޓުތަކުގައި ހުޅުޖަހައިފި. އެހެންވީމާ، ވަރި ކައިވެނީގެ ސެޓްފިކެޓެއް ނޯންނާނެ. ވަރަށް ގިނަ މީހުންގެ ވަރި ކައިވެންޏާ، މި ކަހަލަ ސެޓްފިކެޓުތައް ވަނީ ގެއްލިފައި. މި ރަށްރަށުގެ ރައްޔިތުންނަށް މިކަން އެނގޭނެ.

ހަމަ އެގޮތަށް ގޯތިދީފައި ހުރި މީހުންގެ އަތުން ގޯތި އަތުލެވިގެން ކުރެވުނު މަސައްކަތް އަޅުގަނޑުމެން އައްޑުއަތޮޅު ހިތަދޫގައި މިހާރު މި ކުރަނީ. ގޯތި އަތުލާފައި ހުރީ ޝަރުޢީ ހަމަތަކުގެ މައްޗަކުންނެއްނޫން. އެހެންވީމާ، އެ ގޯތި އަނބުރާ ދިނުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. އެކަމަކު މަދު ބަޔެއްގެ އަތުގައި ނޫނިއްޔާ، އެމީހުންގެ އަތުގައި ގޯތީގެ ފަތެއް ނެތް. މިކަހަލަ ވަރަށްގިނަ ކަންތައްތައް މިވަނީ، އެ ވީރާނާކޮށްލައި، އަންދާލި ކޯޓުތަކާއި މި ކަހަލަ މުއައްސަސާތަކުގެ ލިޔެކިޔުމުގެ ތެރޭގައި އަނދާ އަޅިޔަށްވެފައި. މިއީތޯ ޑިމޮކްރަސީއަކީ؟

އެހެންވީމާ، މިކަހަލަ އެތައް ކަމެއްގެ ތެރެއިން އަޅުގަނޑުމެންގެ މިއަދުގެ މި ދިވެހިރާއްޖޭގައި މިކުރާ މަސައްކަތްތައް ކުރެވެނީ. އެހެންވީމާ، މިކަހަލަ އެތައް އުނދަގުލެއް، އެބަޖެހޭ ހައްލުކުރަން. އެތައް އުނދަގުލެއް ހައްލުކޮށްގެންދާއިރު، މިދެންނެވީ، އެއަރޕޯޓުތައް އެޅުމަށް ހުންނަ ފައިސާއަށްވެސް، އަންނަ ދަތިކަން އަންނަ ވާހަކަ. ދެންމެ މުޢިއްޒުގެ ވާހަކަފުޅުގައި އެ ދެއްކެވި ބައެއް ވާހަކައާއި އަޅުގަނޑުގެ ވާހަކަވެސް ގުޅުވައިލާނަން. އެކަމަކު އެއާއެކީވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، މުއްޔަކީ ކުރިއަށް ދިޔުމުގެ ވިސްނުން އޮތް ރަށެއް. މުއްޔަށް އިތުރުވެގެން މިދިޔައީ، ބިމުގެ އިތުރުކަން. އަދި ހަމައެއާއެކީ މުލީގެ ތޮށިތައްލުމުގެ މަސައްކަތްވެސް އޮތީ. އިރާދަކުރެއްވިއްޔާ، ހަމަ އެކަންކަން ވާނެއޭ އަޅުގަނޑު ދަންނަވަން. ހަމަ އެއާއެކީ އެއަރޕޯޓުގެ ތިޔަބޭފުޅުންގެ އުންމީދުވެސް އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ، އޭގައި ކުލަ ޖައްސައިދޭން، އަޅުގަނޑު ހަމަ މި ވާހަކަ މުލީގެ ރައްޔިތުންގެ ކުރިމަތީގައި މިއަދުވެސް ދަންނަވާލާނަން.

އަޅުގަނޑުމެން ކޮންމެ ރަށަކަށް މި ކުރާ ޒިޔާރަތުގައި، 2013 ގެ ކުރިން އެ ހިނގައިދިޔަ 5 އަހަރާއި، 2013 ގެ ފަހުން މިހާރު މި ހިނގާ 5 އަހަރުގެ ތަފާސް ހިސާބު، އަޅުގަނޑުމެން އެބަ ދަންނަވަމު. މުލި، މިއީ، އަޅުގަނޑު ދަންނަވާލި ގޮތަށް ރައީސް މައުމޫނުގެ ސަރުކާރުގައިވެސް ވަރަށް ގިނަ ޚިދްމަތްތަކެއް ފޯރުކޮށްދެއްވާފައި އޮތް ރަށެއް. މިދެންނެވި މުއްދަތުގައި 2013 އާ ހަމައަށް އައި 5 އަހަރު، ރައީސް ނަޝީދުގެ ސަރުކާރާއި، ރައީސް ވަޙީދުގެ ސަރުކާރުގެ 5 އަހަރުގެ ވާހަކަ މިދަންނަވަނީ. މުއްޔަށް ކުރެވިފައި އޮތް ހޭދައަކީ، 47 މިލިއަން ރުފިޔާ. ނިސްބަތުން އެއީ ކުޑަ އެއްޗެއްނޫން. ބޮޑު އެއްޗެއް.

އެހެންނަމަވެސް، މި ސަރުކާރުގެ މިހިނގާ 5 އަހަރުގެ ތެރޭގައި، މުއްޔަށް އެކަނި 143 މިލިއަން ރުފިޔާގެ ހޭދަ، އަޅުގަނޑުމެން ކޮށްފީމު. އެހެންވީމާ، މި ސަރުކާރުންވެސް މުއްޔަށް އަޅާލާކަން އަޅުގަނޑު ހިސާބުން މި ދައްކައިދިނީ. އެހެންވީމާ، މުއްޔަށްވެސް ވަރަށް ގިނަ ކަންތައްތަކެއް އެބަ ކުރެވޭ. މ. އަތޮޅުގެ ހުރިހާ ރަށަކަށް، ޚާއްޞަކޮށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވޭ. އެހެންވީމާ، މުލީގައި މި ވާހަކަތައް ދައްކާއިރު އަޅުގަނޑު ބޭނުންވަނީ ހަމަ ދަންނަވާލަން. ދެން މި ބިން ހެޔޮގޮތުގައި ބޭނުންކުރަން ވިސްނަވާއިރު، އަބަދުވެސް ވިސްނާވަޑައިގަންނަވާށޭ، ވިޔަފާރީގެ އުސޫލުން، ޞިނާޢީ މަސައްކަތްތައް ކުރަން، ވިޔަފާރީގެ މަސައްކަތްތައް ކުރަން ބިން ބަހައްޓަވައްޗޭ. މުލީގެ ރައްޔިތުންނަށް، ގެދޮރު ނެތް މީހުންނަށް ގޯތި ދިނުމަކީވެސް، އޮތްކަމެއް. ހަމަ އެއާއެކީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ ސަރުކާރަށް އިރާދަކުރެއްވިއްޔާ، ﷲ ގެ ރަޙްމަތާއެކީ 5 އަހަރު ހޭދަކުރަން ލިބިއްޖެ ކަމަށްވަންޏާ، އަޅުގަނޑުގެ ސަރުކާރަށްވެސް ބިން ކޮޅެއް، މުލީގެ ރައްޔިތުންގެ ފަރާތުން ބާއްވައިދެއްވަންޖެހޭ. މިހެން ހިއްކާ ބިންތަކުގައި އަޅުގަނޑުމެން މި ކުރަމުންގެންދާ މަސައްކަތަކީ، ހަމަ މާލޭގައި މިގެންދާ އުސޫލުން، ހުޅުމާލޭގައި މިގެންދާ އުސޫލުން އެޕާޓްމަންޓުތައް އަޅުގަނޑުމެން ހެދުން. ބިމަކީ، ވަކިވަކިން ދޫކޮށްލައިފި ކަމަށްވަންޏާ، ދާދި އަވަހަށް ހުސްކޮށްލެވިދާނެ އެއްޗެއް.

އެހެންވީމާ، މުލީގެ ރައްޔިތުންނަށް ގޯތި ދެއްވުމަކީ، ހަމަ އެންމެ ރަނގަޅުކަމެއް. އެކަމަކު އެއާއެކީވެސް އުސް އިމާރާތްތައް ކުރުމަށް. އެއީ، ޒުވާނުންނަށް ކުރިއަށް އަންނަންއޮތް ޖީލުގައި ތިބި ޒުވާނުންނަށް އެޕާޓްމަންޓް އެޅޭނެ ބިންވެސް، އަޅުގަނޑަށް ބާއްވައިދެއްވުމަކީ، އަޅުގަނޑު އެދޭ ކަމެއް. ދެން މުލީގެ ކައުންސިލްގެ ފަރާތުން މިކަން ނިންމަވާއިރު، ސަރުކާރާއެކީ މަޝްވަރާ ކުރައްވައިގެން، މިކަންކަން ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.

އަޅުގަނޑުމެންގެ މިއަދުގެ ސިޔާސީ ޙަޤީޤަތް ހިންގަވާ، ގަބޫލުކުރަމާ! އަޅުގަނޑުމެންގެ މިއަދުގެ ސިޔާސީ ޙަޤީޤަތުގެ ތެރެއިން ހިމެނޭ ވާހަކަތަކެއް، ދެންމެ ޑޮކްޓަރ މުޢިއްޒުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. ޑޮކްޓަރ މުޢިއްޒުގެ ޓީމުން އަދި ޠާރިޤު އިބްރާހީމުގެ ޓީމުން އަދި އެ ބޭފުޅުންނާއެކީ މަސައްކަތްކުރައްވާ ކުންފުނިތަކުން ރާއްޖެތެރޭގެ ތަރައްޤީއަށް މި ކުރައްވާ މަސައްކަތަކީ، ހަމަ އަޅުގަނޑުމެން މިއަދުވެސް ފާހަގަކުރަންޖެހޭ މަސައްކަތްތަކެއް. އެ ބޭބޭފުޅުންނަށް އަޅުގަނޑު އިޚުލާޞްތެރިކަމާއެކީ، ހަމަ ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، މި ރަށްރަށުގެ ރައްޔިތުން އެ ބޭފުޅުން އެ ކުރައްވާ މަސައްކަތް ބަލައިގަންނާނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއްވެސްނުކުރަން. އަޅުގަނޑުމެން މަސައްކަތްތަކެއް ކުރީމު. އަޅުގަނޑުމެންނަށް މިއަންނަ ގޮންޖެހުންތަކާއެކީ އަޅުގަނޑުމެން ދުނިޔޭގައި، އާއިލާގެ ތެރޭގައި އުޅުމަށް އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކާ ދޭތެރޭގައި، އަޅުގަނޑުމެން ވިސްނަމުން މިގެންދަނީ. އަޅުގަނޑުމެން ޚާރިޖީ ސިޔާސަތު ބައްޓަން ކުރީވެސް އެގޮތަށް. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރީ، މިހާރުވެސް އަދި މެދުރާސްތާއަށް ވިސްނިނަމަވެސް، އަމުދުން މުސްތަޤްބަލަށް އަޅުގަނޑުމެންގެ ޒުވާނުންނާ ހަމައަށް ކަންކަން ދާއިރު، އެ މީހުންނާ ހަމައަށް ވާސިލުވާންއޮތް ޖީލާ ހަމައަށް ކަންކަން ދާންވާއިރުވެސް، އަޅުގަނޑުމެންގެ ސިޔާސީ ކަންކަމުގެ ތެރެއަށް، ދާޚިލީ ކަންކަމުގެ ތެރެއަށް، ބޭރު މީހުން ބަސްބުނުމުގެ ފުރުޞަތު ނުދޭން، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ކަނޑައެޅީ. ޚާރިޖީ ސިޔާސަތުގައި ހަމައެކަނި ތަފާތަކަށް ވެގެންމިއުޅެނީ، ތަންކޮޅެއް އަޑުގަދަކޮށް އެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކޭތީ، ތަންކޮޅެއް ވަރުގަދައަށް އެކަން ހިފަހައްޓާތީ. އެކަމަކު މިއަދުވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ސަލާމަތްކަން އޮތީ، އަޅުގަނޑުމެންނަށް އަމާންކަން އޮތީ، ޙަޤީޤަތުގައިވެސް، އަޅުގަނޑުމެންގެ ދާޚިލީ ކަންކަމާ ބޭރު މީހުން ނުބެހުނިއްޔާއޭ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ގޮނޑި ހުސްވީ. އަޅުގަނޑުމެން ކިހާ ހިސާބަކަށްތޯ، ބޭރުން މީހުންގެ ބެހުން މިކަމުގައި ދޭންވީ. ބޭރު މީހުންތޯ އެކަން އަޅުގަނޑުމެންނަށް ކަނޑައަޅަންވީ، މިވެނި މުއްދަތެއްގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބެންޗް ހަމަކުރާށޭ. ބޭރު މީހުންތޯ އަޅުގަނޑުމެން ކައިރީ ބުނަންވާނީ، ސުޕްރީމް ކޯޓުގެ ބެންޗަށް ލާންޖެހޭނީ، މިވެނި މިވެނި ސިފަތަކެއް ހުރި ބަޔެކޭ. އަޅުގަނޑުމެންގެ ލޯކަލް ކައުންސިލް އިންތިޚާބު. ލޯކަލް ކައުންސިލް އިންތިޚާބާ ހަމައަށް އައިއިރު، މިދެންނެވި ކަރަކަރައިގެ ހުރިހާ ފަރާތްތަކުން މި ބުނަނީ، ރާއްޖޭގައި މިނިވަން އިންސާފުވެރި، އަދުލުވެރި އިންތިޚާބެއް ނުބެއްވޭނެއޭ. އިންތިޚާބުގެ ނަތީޖާއާ ދޭތެރޭގައި، އިންތިޚާބުގެ ވޯޓުލުމުގެ ކުރިން، ސުވާލު އުފެއްދި. މިއީ، ބޭރު މީހުން އަޅުގަނޑުމެންގެ ކަންކަމާ ބެހޭވަރު. ވޯޓުގެ ނަތީޖާ ނުކުތުމާއެކީ އެ ދެއްކި ވާހަކަ ހަނދާނެއް ނެތް. ޒިންމާދާރުކަމާއެކީ ބޭރުގެ ޑިމޮކްރަސީތަކުގައި މަސައްކަތްކުރާ ފުންނާބު އުސް ލީޑަރުން އައިސް، ރާއްޖެއާ ބެހޭގޮތުން ދެއްކި ވާހަކަ އެމީހުންގެ ހަނދާނަކު ނެތް. ވޯޓުގެ ނަތީޖާ ނުކުތީ އެމީހުން އެދުނު ގޮތަށް. އެއީ، ޖުމްލަ އަދަދު، ގޮނޑިއަށް ބަލާކަމަށްވަންޏާ، ލޯކަލް ކައުންސިލްގެ އިންތިޚާބުތަކުގެ ބޮޑު އަދަދެއް ޕީ.ޕީ.އެމް. އަކަށް ނުލިބޭ ޙަޤީޤަތުގައިވެސް. އެހެންވީމާ، އެއީ އެމީހުން ހިތްހަމަޖެހޭ ނަތީޖާއަކަށް ވެއްޖެ. އެހެންވީމާ، އޭގެ ކުރީގައި ދެއްކި ވާހަކަ، އިންތިޚާބުގެ ނަތީޖާއާ ދޭތެރޭގައި އުފެއްދި ހުރިހާ ވަސްވާސްތައް، އޭގެމަތިން ހަނދާން ނެތުނީ.

ކުރީގެ ސަރުކާރުގައި، ރައީސް ނަޝީދުގެ ސަރުކާރުގައި އެ ޑިމޮކްރަސީއާއި، އެ ނިޒާމާ، ޢަދުލުވެރިކަމާ، އެ ހުރިހާ ކަމެއް އޮތްކަމަށް އެބޭފުޅުން ވަކާލާތު ކުރައްވާ ސަރުކާރުގައި، ސިޔާސީ މީހުން ހިފައި ހައްޔަރު ކުރީ ކޮން އުސޫލަކުންތޯ؟ މިއަދު އެއަށް ޖަވާބު ދެވޭނެތޯ؟ ފަނޑިޔާރުން ހިފައި ހައްޔަރުކުރީ ކޮން އުސޫލަކުންތޯ؟ ރައީސް ނަޝީދު ހިތްޕުޅަށް ގެންނަވަންވާނެ، އަދި އެމް.ޑީ.ޕީ. ބޭފުޅުންވެސް، އެމްޑީ.ޕީ. މެންބަރުންވެސް ހިތަށް ގެންނަވަންވާނެ، ރައީސް ނަޝީދަށް ކީއްވެގެންތޯ މި އިންތިޚާބުގައި ކުރިމަތި ނުލެއްވިގެން މިއުޅެނީ؟ ދިވެހި ރައްޔިތަކަށް ނުވާތީކީއެއް ނޫން ދޮގެއްތޯ؟ ދިވެހި ރައްޔިތެއް. އަދި ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅެއް. އެހެންވީމާ، އަދިވެސް ރައީސްކަމަށް ރައްޔިތުންގެ ޝައުޤުވެރިކަން އޮތިއްޔާ ކުރިމަތިނުލެއްވެންވީ ސަބަބެއް ނެތް. މިކަހަލަ ކަންތަކާ ދޭތެރޭގައި، އަޅުގަނޑުމެން ސިޔާސީ މީހުން ދެބަސްވެއްޖެ ކަމަށްވަންޏާ، ނޫނީ އަޅުގަނޑުމެންގެ ޕާޓީތަކުގެ ތެރޭގައި، ޚިޔާލުތަފާތުވާ ކަމަށްވަންޏާ، މައްސަލަ ފައިސަލާކުރަން މިދަނީ ކޯޓުތަކާ ހަމައަށް.

ކޯޓުތަކުން މިކުރާ ކަންކަމުގައި، މިއަދު މިތާ ތިބި ޒުވާނުންނަށްވެސް އަޅުގަނޑު ދަންނަވާލާނަން. ހަރުމީހުންނަށްވެސް ދަންނަވާލާނަން. އަޅުގަނޑުމެން ޒުވާނުންނަށްވެސް މިއަދު އެންމެ ބޮޑަށް ބޭނުންވެފައިއޮތް ކަމަކީ، ހިޔާވަހިކަން، ގޯތިގެދޮރު ލިބުން. ނޫނީވިއްޔާ ޢިމާރާތެއްކުރާނެ ބިންކޮޅެއް ލިބުން. ބައްޕަގެ ތަރިކަ މުދާ ބަހަނީ. އެހެންވީމާ، މިއަދުގެ ޒުވާނުންނަކީ، ދިވެހިރާއްޖޭގެ އާބާދީގެ 70 ޕަސެންޓް. ގާތްގަނޑަކަށް ކޮންމެ 10 މީހުންގެ ތެރެއިން 7 މީހުންނަކީ ޒުވާނުން. 7 މީހުންނަށް އެންމެ ބޮޑުވާ މައްސަލައަކީ، އެމީހުން ދިރިއުޅޭނެ ތަނެއް ނެތުން. ދިރިއުޅޭނެ ތަންކޮޅެއް މިކަހަލަ ރަށްރަށުގައި، އަދި މާލޭގައިވިޔަސް ގޯތިތައް ފޮތިކޮށް، މިހުރިހާ ކަމެއް ކޮށް ނިމޭއިރު، މިހުރިހާ ކަމެއް ކޮށްނިމެނީ ކޮންތާކުންތޯ؟ އެއީ ރައްޔިތުންގެ، ދިވެހިރާއްޖޭގެ އާބާދީގެ، އެންމެ ބޮޑު އާބާދީގެ އިހްސާސްތައް އެންމެ ބޮޑަށް ގުޅިފައިހުރި މައްސަލަ. ގޯތި ގެދޮރުގެ މައްސަލަ. އަދި ބިންކޮޅެއް ލިބުނީމަތާ ލޯނުނަގައިގެންވެސް، އެހެންގޮތަކުންވެސް އެތާ ޢިމާރާތް ކުރާނީ. އެހެންވީމާ، އެންމެ ބޮޑު މައްސަލައަކަށް ވެފައި މިއޮތީ ގޯތީގެ މައްސަލަ. މިރަށުގައި މި ބިން ހިއްކަން މި ޖެހުނީ ކީއްވެގެންތޯ؟ ގޯތިގެދޮރު ދޭނެ ތަން ނެތިގެން.

އެހެންވީމާ، ރައްޔިތުންނަށް، ޒުވާނުންނަށް، ރައްޔިތުންގެ އާބާދީގެ އެންމެ ބޮޑު ބަޔަކަށް، ކޮންމެ 10 މީހުންގެ ތެރެއިން 7 މީހަކަށް އެންމެ ކަންބޮޑުވާ މައްސަލަތައް ނިންމަނީ، އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރެއިން، އިސްލާމީ ޝަރީޢަތުގައި މުދާ ބަހަން އޮންނަ އުސޫލުތަކުގެ ތެރެއިން. ހަމަ ބޭރު މީހުން ގަބޫލުނުކޮށްގެން އުޅޭ އެއްކަލަ ފަނޑިޔާރުން، ރާއްޖޭގައި އޮތް ނިޒާމުގައި، ރާއްޖޭގައި ތިއްބެވި ފަނޑިޔާރުން މި ނިންމަނީ.

އެހެންވީމާ، ރާއްޖޭގެ ރައްޔިތުންގެ އެންމެބޮޑު އާބާދީއަށް ބޭނުންވާ ހުރިހާކަމެއް، މައްސަލަތައް ފައިސަލާކޮށް ނިންމާ ނިންމުން މިއޮތީ ފަނޑިޔާރުންނަށް އަޅުގަނޑުމެން ދޫކޮށްލާފައި. އެކަންކަން ނިންމުމުގައި އަޅުގަނޑުމެންގެ މައްސަލައެއް ނެތޭ. އެއީ އެންމެ ޙައްސާސް މައްސަލަ. އެހެންވީމާ، ކޮން މައްސަލައެއްގައިތޯ އޮންނަންވީ ސުޕްރީމް ކޯޓުން ވަކިގޮތަކަށް ނުނިންމައިގެން، އަނެއް ކޯޓަކުން ވަކިގޮތަކަށް ނުނިންމައިގެން، އެކަންކަމާ ބެހުމުގެ ޖާގަ ކީއްކުރަންތޯ ދޭންވީ؟ މިކަންކަމުގައި މިއޮންނަ އިންސާފު އަޅުގަނޑުމެން ރައްޔިތުން މިތިބީ ގަބޫލުކޮށްގެންނޭ. 70 ޕަސެންޓް މީހުންނަށް އެންމެ ކަންބޮޑުވާ މައްސަލައިގެ މައްސަލަތައް ނިންމާ ނިންމުން އަޅުގަނޑުމެން މިތިބީ ގަބޫލުކޮށްގެން، އަޅުގަނޑުމެންގެ ކޯޓުގެ ފަނޑިޔާރުންގެ އެ ޤާބިލުކަން ހުރިކަމަށް. އަދި ޢަދުލުގެ ނިޒާމް ނިޔާކުރާ ގޮތަކުން މި އުސޫލުން ބެހިގެންދާ ބިންކޮޅު އަޅުގަނޑުމެން މިތިބީ ގަބޫލުކޮށްގެންނޭ. ދެން ކީއްކުރަންތޯ މިނޫން އެހެން ކަންކަމުގައި، ކޯޓުތަކުން ކުރާ ކަންކަމާ ބޭރު މީހުން ބެހެން ޖާގަ ދޭންވީ؟

ކޯޓުތަކުން ނިންމީ ރައީސް ނަޝީދުގެ މައްސަލަ. ކީއްކުރަންތޯ ބޭރު މީހުން އެއާ ބެހެން ޖާގަދޭންވީ؟ އެހެންވީމާ، މިއީ އަޅުގަނޑުމެން ދިވެހިން ވިސްނާލަންޖެހޭ ކަންކަން ދޮގެއްތޯ! މިކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. އެހެންވީމާ، މިދައްކާ ވާހަކައިގައި ހަމައެއްވެސްނެތް. ޑިމޮކްރަސީއަށް ލޯބިކުރާކަމަށްވަންޏާ، އަދި ޚުދުމުޚުތާރު ވެރިކަމަކުން ދުރުވެތިބެ، ރައްޔިތުންގެ ގިނަބަޔަކު ބުނާގޮތަށް އެކަން ކުރާކަމަށްވަންޏާ، ރައްޔިތުންގެ ގިނަބަޔަކު ބުނާގޮތް ކަންކަން ނިންމުމަށް އެއޮތީ ރައްޔިތުންގެ ތެރެއިން ނިންމާފައި އޮންނަ ޤާނޫނުތައް. ދެން އޭގައިވެސް ބުނެވިދާނެ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިއަދު އޮތީ ޕީ.ޕީ.އެމް.ގައޭ. ޕީ.ޕީ.އެމް. އާއި އެމް.ޑީ.އޭ. ގައޭ. އެހެންވީމާ، މެޖޯރިޓީ ބުނާގޮތަށޭ ޤާނޫނުތައް ފާސްވާނީ. ޝައްކެއްވެސްނެތް، ދުނިޔޭގެ ކޮންތަނެއްގައިތޯ، އެނޫން ގޮތަކަށް އެކަން އޮތީ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެކަންއޮތީ އެގޮތަށް. އެކަމަކު މެޖޯރިޓީ ޕީ.ޕީ.އެމް. އަށް ލިބެނީ ކީއްވެގެންތޯ އެބަ ސުވާލު އުފައްދަންޖެހޭ. މެޖޯރިޓީ ޕީ.ޕީ.އެމް. އަށް ލިބެނީ، ރައްޔިތުން ތަމްސީލު ކުރުމުގެ މެޖޯރިޓީ ޕީ.ޕީ.އެމް. އަށް ލިބެނީ، ޕީ.ޕީއެމް.ގެ ސަރުކާރާއި، ޕީ.ޕީ.އެމް.އިން ކުރަން ކަޑައަޅާފައި ހުންނަ މަޝްރޫޢުތަކާއި، އަދި އޭގެ ކުރީގެ ސަރުކާރު ހިންގި ފަރާތްތަކާއި، އެމީހުން ރައްދުވާ، ނިސްބަތްވާ ޕާޓީތަކުން، ކޮށްފައިހުރި ކަންތަކާ އަޅައިކިޔާއިރު، ޕީ.ޕީ.އެމް. އަކީ، ރަނގަޅު ބައެއްކަމަށް ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތު ދެކޭތީ.

މިފަހަރު ރައްޔިތުންގެ މަޖިލީހަށް، 2014 ވަނަ އަހަރު އަޅުގަނޑުމެން ވަނީ، އެވަރަށް އަޅުގަނޑުމެންގެ މެންބަރުން ރައްޔިތުން ހޮވައިދެއްވީމާ. އެ ތާއީދު އަޅުގަނޑުމެންނަށް ދެއްވީމާ. އެއަކަށް އަޅުގަނޑުމެންގެ މެނިފެސްޓޯއަކަށް ބަދަލެއް ނާދޭ. އަޅުގަނޑުމެން ކުރާ މަސައްކަތްވީ އިތުރު. ޕީ.ޕީ.އެމް. ގެ ތެރޭގައި އުފެދުނު މައްސަލަތައް މީގައި އަޅުގަނޑުމެންނަށް އުނދަގޫވެގެން މިއުޅެނީ. މިއީކީ އެމް.ޑީ.ޕީ، ނޫނީ އެހެން ޕާޓީއެއްގެ މޮޅުކަމަކުން ވެގެންއުޅޭ ކަމެއްނޫން. އެހެންވީމާ، ޑިމޮކްރަސީއަށް ވާހަކަ ދައްކާ ކަމަށްވަންޏާވެސް، ރައްޔިތުންގެ ގިނަބަޔަކު ބޭނުންވާ ކަންތައްތައް މިއޮންނަނީ ރައްޔިތުން ނިންމާގޮތަކަށް ނިންމުން. އެއީ އެކަމުގެ ޙަޤީޤަތަކީ. އަޅުގަނޑުމެން މިކަހަލަ ކަންތައްތަކާ ހެދި، ބޭރުގެ ފަރާތްތަކުން ބަސްބުނާތީ، އަޅުގަނޑުމެންވެސް ބޭނުންވީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އަޅުގަނޑުމެންވެސް ބަސްބުނާ ހިސާބަށް ދާން. ޝައްކެއްވެސްނެތްގޮތުގައި، އެކަން ކުރާއިރު އޮވެދާނެކަންނޭނގެ، ރައީސް ޔާމީނުގެ ސަރުކާރު. އެކަމަކު ރައީސް ޔާމީނުގެ ސަރުކާރަށްފަހުވެސް، ރައްޔިތުން ނިންމާ ސަރުކާރެއް ދެން އަންނާނީ. އޭގެފަހުން އަންނާނީ އެނޫން ސަރުކާރެއް. އެކަމަކު ހަމަގައިމުވެސް ދިވެހިރާއްޖޭގެ ކަރާމާތަކަށް، ލިބިފައި އޮންނަ އިތުރުކަމަކުން، ނޫނީ ފަހިކަމަކުންނެއް ގެއްލުމެއް ނުވާނެ، ކޮންމެ ސަރުކާރެއް އޮތަސް. މިކަހަލަ ކަންތައްތައް ހުރީމާ، އަޅުގަނޑުމެން އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއެއް ހޯދަން މަސައްކަތް ކުރީ. ކީއްވެގެންތޯ؟ ކޮން ދިވެހި ރައްޔިތަކުތޯ، މިގޮނޑި އަޅުގަނޑުމެންނަށް ލިބުނުނަމަ ފަޚުރުވެރި ނުވާނީ؟ އެކަމަކު މިގޮނޑި އަޅުގަނޑުމެންނަށް ނުލިބުނީމާ، އެންމެބޮޑަށް ހަޖޫޖަހާ، އެންމެ ބޮޑަށް ދިވެހި ރައްޔިތުންނަށް ކުރި ފުރައްސާރަ ކުރިކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެންމެ ބޮޑަށް މިކަން ކުރެއްވީ އިދިކޮޅުގައި ތިއްބެވި ބޭފުޅުން. އެއީތޯ ޑިމޮކްރަސީގެ އުސޫލަކީ؟ އެއީތޯ ރައްޔިތުންނަށް ވެރިކަން ކޮށްދޭން އަންނަ ބަޔަކީ؟  ދެންމެ މުޢިއްޒު އެވިދާޅުވި މެސެޖު. ރައީސް ނަޝީދުގެ މެސެޖް.

އަޅުގަނޑު މިއަދު ވާހަކަ ދައްކަމުން ދިއްގަރުގައި ބުނީމު، އަޅުގަނޑުމެން މިކުރާ ކަންތައްތަކާ ބޭރުގެ ފަރާތްތަކުން ބެހޭ ބެހުމުގެ ނަތީޖާއަކަށްވަނީ، އެމީހުން އެދޭގޮތަށް ހުރިހާކަމެއް އަޅުގަނޑަށް ކޮށްދޭން ދަތިވީމާ، މީގައި ޔޫރަޕިއަން ޔޫނިއަނުން، ނޫނީވިއްޔާ، ޔޫރަޕްގެ އިއްތިހާދުން އަޅުގަނޑުމެންނާ ދޭތެރޭގައި ފިޔަވަޅުތަކެއް އަޅާފާނެއޭ. އެކަމަކު އަޅުގަނޑު ހަމަ އެވާހަކައާ ވިއްދައިގެން ބުނިން، އަޅުގަނޑު އުންމީދުކުރަނީ ހަމައެކަނި އަޅުގަނޑުމެން ސިޔާސީ މީހުންނާ ދޭތެރޭގައި ފިޔަވަޅެއް އަޅާނެކަމަށް. އަޅުގަނޑަށް އަދިވެސް ގަބޫލުކުރަން އުނދަގޫ، އާންމުވެގެން ހުރިހާ ދިވެހި ރައްޔިތުންނަށް ދަތިވާކަހަލަ، ނޫނީ ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަށް ދަތިވާފާޑުގެ އާންމު ފިޔަވަޅެއް އަޅާނެކަމަކަށް. އަޅުގަނޑެއް ގަބޫލެއް ނުކުރަން.

އެހެންނަމަވެސް، ރާއްޖޭގެ ސިޔާސީ އިސްމީހުންނާ ދޭތެރޭގައި، ޚާއްޞަކޮށް، އަޅުގަނޑާ ދޭތެރޭގައި، ނޫނީ އަޅުގަނޑާއެކީ މަސައްކަތްކުރާ ކެބިނެޓް ޓީމާ ދޭތެރޭގައި، ކޮންމެވެސްކަހަލަ ފިޔަވަޅުތަކެއް އަޅާފާނެ. އެކަމަކު އެމީހުންވެސް ގަބޫލުކުރާނެ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ފޮތްތައް ތައްމިނަށް ހުޅުވާލީމު، އެމީހުން އައިސް ބުނީމާ. އެމީހުންނަކަށް އަޅުގަނޑުމެންނާ ވާހަކަ ދައްކާފައި، އަޅުގަނޑުމެންނާ ޖަދަލުކޮށްފައި، އެއަކަށް އެމީހުންގެ ބަހެއް ވިއްކޭނެގޮތެއްނުވޭ. އެކަމަކުވެސް ބުނަން އޮންނަ ވާހަކައަކީ، އާޚިރުގައިވެސް ބުނަން އޮންނަ ވާހަކައަކީ، ހުރިހާ މިކަހަލަ ބޮޑެތި މީހުން ޖަލުގައި ތިބެގެން ބާއްވާ އިންތިޚާބަކީ، ތިމަންނަމެންނަށް ގަބޫލުކުރަންދަތި އިންތިޚާބަކަށް ވެދާނެއޭ. ބަލަ އެމީހުން ޖަލަށް ވަންނާކަށް، އަޅުގަނޑެއް ނޫނޭ ދޮރާށި ހުޅުވީކީއެއް. އަޅުގަނޑެއް އެކަމެއް ނުކުރަމޭ. އޭގެތެރޭގައި އެކި ބޭފުޅުން ޖަލަށް ވަތް އެކިގޮތް ޚަބަރުފަތުރާ ވަސީލަތްތަކުން ތިޔަބޭފުޅުންނާ ހަމައަށް ގެނެސްފައި އޮންނާނެ. އަދި ޚަބަރުފަތުރާ ވަސީލަތްތަކުން މިއަދު މިނިވަންކަމާއެކީ، ޖަހަންބޭނުންވާ ކޮންމެ ޚަބަރެއް ޖެހޭނެ. ރައީސް ޔާމީނުގެ ސަރުކާރުގައި އެ ސެންސަރެއް ނުކުރާނެ. އެހެންވީމާ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކާކަށް ކީއްވެގެންކަން ޙުކުމެއް އައިސްފައި އެހުރީ. އަދި ކާކު ކީއްވެގެންކަން ތިން މަރުޙަލާ ނިންމާފައި ހުރީ.

އެހެންވީމާ، ތިން މަރުޙަލާ ނިންމާފައި ތިބޭ މީހުންނާ ދޭތެރޭގައި، އަނެއްކާވެސް އެންމެފަހުގެ ބަސް ބުނާ ސުޕްރީމް ކޯޓުން، އެބޭފުޅުން ނިންމެވި ނިންމެވުން ބޮލާލައި ޖަހާފައި، އެހެންގޮތަކަށް ނިންމެވީމާ، އެއީކީ ރައްޔިތުންނަކަށް ގަބޫލުކުރަން ފަސޭހެކަމަކަށް ނުވާނެ. ސަލާމަތް ބުއްދިހުރި އެކަކަށްވެސް ގަބޫލުކުރާކަށް ފަސޭހައެއްނުވާނެ. އެއީ ރާއްޖެ ނުރައްކަލުގެ ކުރިމައްޗަށް ދާދިއުން. އެކަހަލަ ފުރުޞަތު ލިބުނީމާ، ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންގެ ދާޚިލީ ކަންކަމަށް އަތްގަދަ ކުރަނީ. މިއަދު މި ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު އެ ވިދާޅުވަނީ ކީކޭތޯ؟ ޚުދުމުޚުތާރު ވެރިކަމަކާ ދެކޮޅު ހައްދަވާކަމަށް ވިދާޅުވާއިރު، ޚުދުމުހުތާރު ވެރިކަމެއްގެ އެންމެ އިސް ސިފައަކީ ކޮބައިތޯ؟ ޚުދުމުހުތާރު ވެރިކަމެއްގެ އެންމެ އިސް ސިފައަކީ ޤާނޫނާއި ޤަވާޢިދު ނައްތާލާފައި، އޭގެ ބޭރުން ޢަމަލުކުރުން. ޤާނޫނާއި ޤަވާޢިދު ނައްތާލާފައި، ނޫނީ އެއްފަރާތަކަށް ޖައްސާލާފައި، އޭގެ ބޭރުން ޢަމަލުކުރުމަށް، މިކަމަށް އޮންނަ ބަސްވެސް އުފެއްދެވީ ރައީސް ނަޝީދު. ޗާޓުން ބޭރުގައި ކަންކަން ކުރުން. މިއީކީ ކުރީގައި ދިވެހިރާއްޖޭގައި އުޅޭ ބަހެއްވެސްނޫން. އެކަމަކު މިއަދު އަޅުގަނޑުމެންގެ ބަސްކޮށާރުގައި ގެންގުޅެންޖެހޭ ބަހަކަށްވެއްޖެ.

އެހެންވީމާ، އެކުލަވައިލެވިފައި ހުރި ޤާނޫނުތަކާއި، އެކުލަވައިލެވިފައި ހުރި އުސޫލުތަކުގެ ބޭރުން، ކަންކަން ކުރައްވަން ފުރަތަމަ އިޚްތިޔާރު ކުރެއްވީ، ޗާޓުން ބޭރުން ކަންކަން ކުރައްވާނަމޭ ވިދާޅުވި ރައީސަކު. ރައީސް ކަމުގައި ހުންނަވައިގެންވެސް އެކުރެއްވީ. އަދި އޭގެ ކުރިންވެސް ވިދާޅުވި. އަދި އޭގެ ނަތީޖާއަކަށް ވެގެންމިދިޔައީ، މިދެންނެވިގޮތަށް ސިޔާސީ އެތައްބަޔަކު ކޯޓުގެ މަރުޙަލާގެ ބޭރުން، ޙަޤީޤަތުގައިވެސް އެވިދާޅުވާގޮތަށް ޗާޓުން ބޭރުން އެތައްބަޔަކު ބަންދުކޮށް ހިފައި ހައްޔަރުކުރީ. އެއީ ޚުދުމުޚުތާރު ވެރިކަމަކަށް ނުވަންޏާ، ކޮންކަމެއްތޯ ޚުދުމުޚުތާރު ވެރިކަމަކަށް ވަނީ؟ މިއަދު ޓްވީޓްގައި ވިދާޅުވެފައި އޮތް ވާހަކައަކީ، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއާ ދޭތެރޭގައި، ނޫނީވިއްޔާ ޔޫރަޕްގެ އިއްތިހާދުން ރާއްޖެއާ ދޭތެރޭގައި ދަތިކުރުމުގެ ފިޔަވަޅު އަޅާނޭ. މެސެޖް ކިޔާލިއިރު، މި ހީވަނީ ޢީދު ހަދިޔާއެއް ލިބިގެން އުޅޭ މީހެއްހެން. އުފަލުން ފޮޅިފައި.

އެކަމަކު މިއަޅާ ފިޔަވަޅަކީ، އަޅުގަނޑު ބުނިން ރައްޔިތުންނަށް ދަތިވާނެ ފިޔަވަޅަކަށް ވެދާނޭ. އެކަމަކު އަޅުގަނޑު އިންތިޒާރެއް ނުކުރަން، އުންމީދެއް ނުކުރަން، އެއްގޮތަކަށްވެސް އުންމީދެއް ނުކުރަން އެވަރުގެ ދައްޗެއް ވެދާނެކަމަކަށް އިރާދަކުރެއްވިއްޔާ. އެހެންނަމަވެސް، އަޅުގަނޑުމެން ސިޔާސީ މީހުންނާ ދޭތެރޭގައި ވަކިވަކި ފިޔަވަޅު އަޅާފާނެ. އަޅުގަނޑުމެންނަށް ބައެއްފަހަރު އެ ޤައުމުތަކަށް ޒިޔާރަތް ކުރުމަކީވެސް ދަތިކަމަކަށްވެދާނެ. އެހެން ހުންނަ ފިޔަވަޅުތައް ހުންނާނެ. އެއަކީ އަޅުގަނޑުމެން އެދޭގޮތެއް ނޫން. އެހެންނަމަވެސް، ބަޔަކު ނިންމާ ނިންމުން އަޅުގަނޑުމެންނަކަށް ހުއްޓުވޭނެ ގޮތެއް ނޯންނާނެ. ހުއްޓުވޭތޯ ކުރާ މަސައްކަތް ކުރާނެ. އެކަމަކު މިކަމުން ކީއްވެގެންތޯ ޤައުމުގެ މަޞްލަޙަތަށް ލޯބިކުރާ، އަދި ވާދަވެރި ޒިންމާދާރު ސިޔާސީ ޕާޓީއެއްކަމަށް، ސިޔާސީ ފިކުރެއްކަމަށް ވިދާޅުވާ ބޭފުޅުން، އެބޭފުޅުންގެ ދަންމަރު ހިފައިގެން، އެންމެ އިސްކޮށް އުޅޭ މީހާ، ކީއްވެގެންތޯ މިކަމާ އުފާފާޅުކުރަންވީ؟ މިއުޅެނީ ޢީދު އައިސްގެންތޯ؟ މިއީތޯ ޒިންމާދާރުކަމަކީ؟  

އެ މެސެޖްގެ ދެވަނަ ބައިގައި ދެން ބުނަނީ ކީކޭތޯ؟ އެ މެސެޖްގެ ދެވަނަ ބައިގައި ދެން ބުނާ ވާހަކައަކީ، ޑިމޮކްރަސީއެއްގައި، އަދި އަމުދުން ތަހުޒީބީ ޑިމޮކްރަސީއެއްގައި، ސިޔާސީ މީހުން އެއްގޮތަކަށްވެސް ނުދައްކާނެ ވާހަކަ. ޑިމޮކްރަސީއެއްގައެއް، ތަހުޒީބު ޑިމޮކްރަސީއެއްގައެއް، ކަންކަން ބަދަލުކުރާކަށް ސިޔާސީ މީހުންނެއް، ސިފައިންނާއި ފުލުހުންނަކަށް އިލްތިމާސެއް ނުކުރާނެ. ސިފައިންނާއި ފުލުހުންނަކީ، ރާއްޖެއަށް ދިމާވާ ބޮޑެތި އަމަންގެ، ހަމަނުޖެހުމުގެ މައްސަލަތަކުގެ ތެރެއަށް ވަދެ، ރައްޔިތުން އެކަންކަމުން ސަލާމަތްކުރަން ތިބި ބައެއް. އެއީ އަޅުގަނޑުމެންގެ ދިފާޢީ ބާރު އެއީ އަޅުގަނޑުމެން ބޮޑެތި މުސީބާތްތަކުން، ކަންކަމުން ސަލާމަތްކުރަން ތިބޭ ބައެއް. އެމީހުންނަކަށް އިލްތިމާސްކޮށްފައެއް ނުބުނާނެ، ރައީސް ޔާމީނުގެ ޚުދުމުޚުތާރު ސަރުކާރާ އަދިވެސް ތާއީދުކޮށްގެން ތިބޭށޭ، މިވެނިމިވެނި ފިޔަވަޅުއަޅާށޭ. އިލްތިމާސްގެ އަނެއް ފުށް ކިޔާލާކަމަށްވަންޏާ، އެވިދާޅުވާ ވާހަކައަކީ، ސިފައިންނާއި ފުލުހުން މިކަމުގައި ހަރަކާތްތެރިވާށޭ. ނޫން، ސިފައިންނާއި ފުލުހުންނަށް ޖާގައޮތް ކަމެއްނޫން އެއީކީ. އެމީހުން އެގޮތަށް ހަރަކާތްތެރިނުވެސްވާނެ.

ސިފައިންނާއި ފުލުހުން ހަރަކާތްތެރި ނުވާނެކަން، ފެބުރުވަރީ 1 ވަނަ ދުވަހު ނުކުތް ކޯޓު އަމުރުގައި، އެމީހުން ދައްކައިދިން ސާބިތުކަމުން، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް އެނގޭ. އެހެންވީމާ، މިއީތޯ ރައްޔިތުންނަށް ހެޔޮއެދިގެން ޑިމޮކްރަސީ ހިފަހައްޓާ، ޑިމޮކްރަސީގެ ރީތި ސިފަތައް ގެންނަ މީހަކު، ސިފައިންނާއި ފުލުހުންނަށްތޯ ކަންކަމު ގޮވާނީ؟ ސިފައިންނާއި ފުލުހުންނަކަށް ނޫން ކަންކަމު ގޮވަންވީ؟ އަދިވެސް ގޮވަންވީ ރައްޔިތުންނަށް. ޔޫރަޕިއަން ޔޫނިއަންގެ ފިޔަވަޅުތައް މިއައީ ކީއްވެގެންތޯ ސާދާކޮށް، އަޅުގަނޑުމެންނާއެކީ ބަހުސެއްގައި ކިޔާލަދީ. އަޅުގަނޑުމެންނާއެކީ ބަހުސެއް ކުރައްވާ! ކީއްވެގެންތޯ މި ފިޔަވަޅުތައް މިއަންނަނީ. އަދި ފިޔަވަޅުތައް އަޅަން، ފިޔަވަޅުތައް އަޅުއްވަން މަސައްކަތްކުރީ ކީއްވެގެންތޯ، ކޮންބައެއްތޯ. އެ ބަހުސުން އެބޭފުޅުން ފާސްވެއްޖިއްޔާ، ޝައްކެއްވެސްނެތް، މިފަހަރުގެ ރިޔާސީ އިންތިޚާބު ދާނީ އެބޭފުޅުންނަށް. އެކަން ކުރެއްވޭތޯ ބައްލަވާ.

އެހެންވީމާ، ދުރުގައި ތިއްބަވައިގެން، ރައްޔިތުންނަށް ހެޔޮއެދިވަޑައިގެން މިކުރައްވާ ކަންތައްތައް، ދިވެހި ރައްޔިތުން އެބަޖެހޭ މިއަދު ވިސްނާލަން. މިއީކީ ނޫން ޑިމޮކްރަސީގެ މިސާލަކީ. ޑިމޮކްރަސީގެ މިސާލުގައި، އަޅުގަނޑުމެން އެންމެބޮޑު އަސާސަކީ، ގަބޫލުކުރަންޖެހޭ އެއް ޙަޤީޤަތަކީ، އޭނާއަށް އެ އުޤޫބާތް، ހަމަ އެކުށަށް މީނާއަށް އެހެން އުޤޫބާތެއް. ދެން ހުރި މީހާއަށް ހަމަ އެކުށަށް އެހެން އުޤޫބާތެއް. އެއެއްނޫން ޑިމޮކްރަސީގެ އުސޫލަކީ. އެއެއްނޫން އިންސާފުގެ އުސޫލަކީ. އެއެއްނޫން ޢަދުލުގެ އުސޫލަކީ. އެއެއްނޫން އިންސާނީ ޠަބީޢަތުގައި އަޅުގަނޑުމެން ގަބޫލުކުރާ ހަމައަކީ. އަޅުގަނޑުމެން ގަބޫލުކުރާ ހަމައަކީ، ވައްކަން ކޮށްފިކަމަށްވަންޏާ އެއްވަރެއްގެ ވައްކަން، އެއް އަދަދެއްގެ ވައްކަން ކަމަށްވަންޏާ، އޭނާއަށް އެ ދޭ ކުށް، ދެން އަންނަ މީހާއަށްވެސް، ދެން އަންނަ މީހާއަށްވެސް، ދެން އަންނަ މީހާއަށްވެސް ލިބެންވާނެ. މިބޭފުޅުންނަށް މިވަނީ ކީއްތޯ؟

ރައީސް ނަޝީދު، ހަމަ ކަނޑައެޅިގެން ޢަބްދުﷲ ޤާޒީ ހިފައި ހައްޔަރު ކުރިއިރު، އަޅުގަނޑު ދެނެހުރިން، އެމް.ޑީ.ޕީ.ގެ އިސް ބައެއް ބޭފުޅުން، ރައީސް ނަޝީދަށް މަޝްވަރާ އެރުވި، ތިކަން ނުކުރަން. އެކަން ނުކުރައްވަން މަޝްވަރާ އެރުއްވި. އެކަމަކު އެކަން ކުރަން މަޝްވަރާ އެރުއްވި ބޭފުޅުން މަދެއްނޫން. އެންމެފަހުން ރައީސް ނަޝީދަށް ގަބޫލުކުރެވުނީ. އެގޯސް ހަދަން ރައީސް ނަޝީދު މަގުފުރެއްދި މީހުންގެ ބަހަށް ރައީސް ނަޝީދަށް ތަބާވެވުނީ. އަޅުގަނޑުމެން ފަނޑިޔާރުންނަށް އިޙުތިރާމު ކުރާނެ. އަދި އަޅުގަނޑުމެން ސިޔާސީ މީހުންނަށްވެސް އިޙުތިރާމު ކުރާނެ. މުއައްސަސާތަކާ ހަވާލުވެ ތިއްބެވި މީހުންނަށްވެސް އިޙުތިރާމު ކުރާނެ. ކާކުގެ ބުއްދީގެ ހަމައަކުންތޯ މިއަދު ބުނާނީ، ޤާނޫނާއި ޝަރީޢަތުގެ ބޭރުން، އަމުދުން ތަޙުޤީޤެއް ނުކޮށް، މީހަކު ހިފައި ހައްޔަރު ކުރެވިދާނެ ކަމަށް. މީހަކު އެގޮތަށް ހިފައި ހައްޔަރުކޮށްފި ކަމަށްވަންޏާ، ހިފައި ހައްޔަރުކުރާ މީހާއަކީ، ކިތަންމެ ބޮޑު މީހަކަށްވިނަމަވެސް، ކިތަންމެ އުސް މަޤާމެއްގެ، ކިތަންމެ މަތިވެރި މަޤާމެއްގައި ހުރި މީހަކަށްވިޔަސް، ޑިމޮކްރަސީއަށް އޭނާ ލޯބިކުރާ ކަމަށްވަންޏާ، އޭނާއަށް އެ ފިޔަވަޅު އެޅެންވާނެކަމަށް ގަބޫލުކުރަންވާނެ. ޤާނޫނު އަރައި އޭނާއާ ހަމަކުރާނެކަން އޭނާ ގަބޫލުކުރަންވާނެ. އެކަމަށް އިންތިޒާރު ކުރަންވާނެ. އެކަމަށް އިންތިޒާރު ނުކުރާކަމަށްވަންޏާ، އެއީ ކުރެވޭ އަނިޔާ. ޤާނޫނުން ބޭރުން ކުރާ ކޮންމެ ކަމަކުން، މީހަކަށް ލިބޭ އަދަބެއް، ނޫނީ މީހަކަށް ލިބޭ ގެއްލުމަކީ، އަޅުގަނޑުމެންގެ އިޞްޠިލާޙުގައި، ޤާނޫނުލްއުޤޫބާތުގެ މަފްހޫމްތަކުގައި، އެއީ އަނިޔާ. ޤާނޫނީ ހަމަތަކުގެމަތިން ޝަރީޢަތް ހިންގާފައި، މީހުންނަށް އަދަބުދެވޭ އަދަބުދެވުން، އެއީ ޖަލުގެ ބަންދުން ކަމަށްވިނަމަވެސް، އެއީކީ އަނިޔާއެއް ނޫން. އެއީ އެމީހުންނަށް ދެވޭ ޙައްޤު އަދަބު. އެކަމަކު އޭގައިވެސް އެމީހުން އުފުލާ ވޭނަކީ، ވޭނަކަށްވެދާނެ. އެކަމަކު އެއީ ކުރިކަމަކުން އެމީހުން އަމިއްލައަށް ހޯދި ނަތީޖާ.

އެހެންވީމާ، މި ތަފާތު އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. ރައީސް ނަޝީދަކަށް ގަބޫލުފުޅެއްނުކުރެއްވުނު، ޤާނޫނާއި ޝަރީޢަތުން ބޭރުން، މީހުން ހިފައި ހައްޔަރު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަކަށް. އަދި އެމަނިކުފާނަށް އެލިބުނު އަދަބެއް ލިބިގެން ދިޔައިރު، ޝަރީޢަތުން ޙުކުމްކޮށްގެން ދިޔައީކީ، އިއްޔެއަކު، އިހަށްދުވަހަކު ހަދާފައި އޮތް ޤާނޫނެއްގެ ދަށަކުންނެއް ނޫން. ސިޔާސީ ޕާޓީތައް އުފެދުމުގެ ކުރިން ހަދާފައި އޮތް ޤާނޫނެއްގެ ދަށުން އަދަބު ލިބިގެން ދިޔައީ. އެހެންވީމާ، އޭގައި ކާކުތޯ ކުށްވެރިވާން އޮތީ؟  އެހެންވީމާ ކޮބައިތޯ ޑިމޮކްރަސީގެ ހަމައަކީ؟ ޑިމޮކްރަސީގެ ހަމަ ކަމަށްވަންޏާ، އަޅުގަނޑުމެން ގަބޫލުކުރަންވާނެ، އަޅުގަނޑުމެންނަކީ ޢުޤޫބާތުގެ، ޤާނޫނުގެ ކުރިމަތީގައި، ބޮޑު ޖަރީމާއެއް ހިންގައިފި ކަމަށްވަންޏާ، އަޅުގަނޑުމެން ކޮންމެ މީހަކީ ހަމަހަމަ ޢުޤޫބާތެއް، ހަމަހަމަ އަދަބެއް ލިބޭނެ މީހެއް ކަމަށް. މިބޭފުޅުންނަށް މިއުޅެނީ މިކަން ގަބޫލުނުކުރެވިގެން ނޫންތޯ؟

މިއަދު ޖަލުގައި ހައްޔަރުވެފައި ތިއްބެވި ބޭފުޅުންނާއި، އަދި އެބޭފުޅުން ވީއްލަން މަސައްކަތްކުރާ މީހުންނަށް މިއުޅެނީ މިކަން ގަބޫލުނުކުރެވިގެން. އެ ފިއްތުން ނޫންތޯ، އަޅުގަނޑު މިދެންނެވީ އެކިއެކި ކަރަކަރައިން އަޅުގަނޑުމެންނަށް އަންނަ ވާހަކަ. އެހެންވީމާ، އެއީ ދިވެހި ރައްޔިތުން ގަބޫލުކުރައްވާ އިންސާފެއް ކަމަށްވަންޏާ، އަޅުގަނޑުމެން ފުރަތަމަ ލިޔަންވީ، ބޮޑު ކެކުރީގެ ކެޓަގަރީއަށް އަންނަނީ، މިވެނިމިވެނި ބޭފުޅުން. އެއީ ވިހެއި ރާއްސާއި، ވިހެއި ސަނަތާއި، ވިހެއީ ކޮން ޢާއިލާއަކަށްތޯ ބަލާފައި، ދިވެހިރާއްޖޭގައި ތިބި މީހުން ލިސްޓްކޮށްލަންވީ. މެދު ކެކުރީގެ ޢާއިލާއަށް އަންނަނީ، މިވެނި މީހުން. ކުޑަ ކެކުރީގެ ޢާއިލާއަށް އަންނަނީ މިވެނި މީހުން. ދެން އަދި ކުޑައަށްވުރެވެސް ކުރިން، ގިތި ކެކުރީގެ ޢާއިލާއަށް އަންނަނީ މިވެނި މީހުން. އެހެންވީމާ، ގިތި ކެކުރީގެ ޢާއިލާގެ ޢުޤޫބާތަކީ، އެންމެ ކުޑަ ކުށެއްކުރީމާ 100 އަހަރަށް ޖަލަށްލުން. އެންމެ ބޮޑު ކެކުރީގެ ގިންތީގެ ތިބޭ މީހުންގެ އަދަބަކީ، އެންމެ ބޮޑު ކުށްކުރީމާ، މާފުކުރާށޭ، ދެން ތިކަހަލަކަމެއް ނުކުރާށޭ، ގެޔަށްދާށޭ! މި އިންސާފެއް ދިވެހި ރައްޔިތުންނެއް މިއަދު ގަބޫލެއްނުކުރާނެ. އަޅުގަނޑުމެން މިއަންނަނީ، އަޅުގަނޑުމެންގެ ފަރުދުންގެ ތެރޭގައި، ދޭދޭ މީހުންގެ ތެރޭގައި، އަވަށްޓެރިންގެ ތެރޭގައި ދިމާވާ މައްސަލަތަކުގައި، އަޅުގަނޑުމެން އިންސާފަށް ފެންބޮވައިގެންފައި ތިބޭ މިންވަރު އަޅުގަނޑުމެން މިއަދު ތަޙައްމަލު ކުރަން. އެބަ އިޙްސާސްކުރަން. ކިހިނެއްތޯ މިކަން ކުރާނީ. އެހެންވީމާ، މި ކަހަލަ ވިޔާނުދާ ވާހަކަ ދިވެހިރާއްޖެއާ ބެހޭގޮތުން، ދޮގު ޚަބަރު ފަތުރައިގެން ދައްކާ ވާހަކަ މި ހުންނަނީ.

ޑޮކްޓަރ ޝަހީމާ ބެހޭގޮތުން ދައްކާ ބައެއް ވާހަކަ މިހާރު ތިލަވަމުން އެ އަންނަނީ. ދެންމެ މުޢިއްޒުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. މިއީ އައިސިސްއަށް މީހުން ތަމްރީނުކުރާ މީހެކޭ. سبحانه اللّـــه! މިއީ، ކޮންކަހަލަ ވާހަކައެއްތޯ މި ދައްކަނީ؟ މީހެއްގެ އަބުރަށް އަރައިގަނެވިދާނެ. އެއީ ކަނޑައެޅިގެން ބޮޑު ފާފައެއް. އެކަމަކު، މިވަރުގެ ބޮޑެތި އިލްޒާމުތައް، މިވަރުގެ ބޮޑެތި ކަންތައްތައް މީހުންގެ ބޮލުގައި އަޅުވަން ހެޔޮނުވާނެ. ދިވެހިރާއްޖޭގައި ތިބެދާނެކަންނޭނގެ، އެކަންކަމަށް ޝައުޤުވެރިވެގެން، އަދި އެ މީހުންނަށް ގަބޫލުކުރެވޭ އިޢުތިޤާދެއްގައި އެއީ ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރެވިގެން، ސީރިއާގެ މަގުން، ނޫނީވިއްޔާ އެހެން ކޮންމެވެސް މަގަކުން ތަންތަނަށް ދާ މީހުން. އެކަމަކު އެއީ، މިވަރުގެ ޢިލްމުވެރިން، އެކަމުގައި ތިބެގެން ކުރުވާ ކަމެކޭ ބުނަން ހެޔޮނުވާނެ ދޮގެއްތޯ. ސާބިތު އެކަނި ނުހިފެނީކީ ނޫނެއްނޫންތޯ. މި މީސްމީހުންނަށް އެހެން މީހުންނާ ބެހޭގޮތުން ހަމަ ކޮންމެފަދަ ވާހަކައެއް ދެއްކުމަކީވެސް ހުއްދަކަމެއް. އެއީ ދޮގެއްތޯ. މިވާކަމަކީ ކޮންކަހަލަ ކަންތައްތަކެއްތޯ މިއީ. ދެން މިކަމާ ގުޅޭގޮތުން އޭނާއާ ދޭތެރޭ ފިޔަވަޅު އަޅަން، ތަޙްޤީޤުކުރަން އަންނަން ބުނަންވީ. ތަޙްޤީޤުކުރާކަށް ނާދެވޭނެ ނޫންތޯ. މިއީ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ބޭރަށްދިޔަ މީހަކު. އެ ހަފްތާގެ ތެރޭގައި މި އުޅެނީ ގޮނޑި ދުއްވާ މުބާރާތެއްގައި ބައިވެރިވާން. އަޅުގަނޑު މިހާރު މިއުޅެނީ، މި ބްރިޖް ހުޅުވަން، ގޮނޑި ދުއްވަން ވަޑައިގަންނަވަން ދައުވަތު އަރުވަން.

އެހެންވީމާ، މި ވަރުގެ ބޭފުޅުން މި ނުކުމެ ވަޑައިގެން މި އުޅުއްވަނީ. އެ ބޭފުޅުންގެ ސިޔާސީ ފަލްސަފާ ވިއްކަންވެގެން މި މަސައްކަތް ކުރަނީ. ސިޔާސީ ފަލްސަފާ ވިއްކަން މަސައްކަތް ކުރައްވަނީއޭ މި ބުނަނީ، އީ.ޔޫ. އިން ފިޔަވަޅު އަޅާނެ، އަނެއްތަނަކުން ފިޔަވަޅު އަޅާނެ. އަޅުގަނޑުމެންނަށް ރިޒްޤު ތަނަވަސްކޮށްދެއްވަނީ މާތްﷲ. އަޅުގަނޑުމެންގެ އިޢުތިޤާދާއި، އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލުކުރުން އޮތީ ﷲ އަށް. ﷲ އަޅުގަނޑުމެންނަކަށް ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ.

އެހެންވީމާ، އަޅުގަނޑުމެންނަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާނެ. އަޅާ ބަޔަކު އަޅާނެވެސްމެ. އެކަމަކު ހަމައެއާއެކީ، އަޅުގަނޑުމެންނަށް އެކަންކަމުން ދުރަށް ދެވޭނެ ގޮތްތައްވެސް ހުންނާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަހަލަ ހުރިހާކަމެއް ﷲ މިންވަރު ކުރައްވާނެ. އެހެންވީމާ، އަޅުގަނޑުމެންނާ ދޭތެރޭގައި ފިޔަވަޅުތައް އެޅީމާ، ހަމަގައިމުވެސް ދިވެއްސެއްގެ ހައިސިއްޔަތުން ކޮށްގެން ނުވާނެކަމަކީ، އެކަންކަމާ އުފާކުރުން. އެއީ ކުރެވިގެންވާނެ ކަމެއްނޫން.

އަޅުގަނޑުމެން ދުށީމު، މިހާރު ބަންދުގައި ތިއްބެވި ވަރަށް ޢިއްޒަތްތެރިންގެ ބޭބޭފުޅުންގެ ނޯޓުފޮތުން ލިޔެފައި ހުރި ޞަފްޙާތައް. އޭގެ ތެރޭގައި ކަންކަން ކުރަންވީގޮތް. އެ ބޭފުޅުން ތަރުތީބު ކުރައްވާފައިހުރި ގޮތް. އަޅުގަނޑުމެންނަށް ފުލުހުން ދިން ނޫސްބަޔާނަކުން އަޅުގަނޑުމެން ކީމު. އޭގެތެރޭގައި، އަޅުގަނޑުމެންގެ ހަމަ ވަރަށް ގާތް ޤައުމަކުން، އަދި އެބައެއްގެ މައްޗަށް އަޅުގަނޑުމެން އެތެރެކުރާ މުދާ، އެ ބަޔަކަށް ބަރޯސާވާ ބަޔެއްގެ ކައިރީގައި ބުނަން މިއޮތީ ބުނެފައި، ދެން ބުނާށޭ، މިވެނި ބައެއް ކައިރީގައި ދިވެހިރާއްޖެއަށް ފޮނުވާ ހަނޑޫ، ހަކުރު، ފުށާ އެއްޗެތި ފޮނުވުން ދަތިކޮށްލާށޭ! އެކަމަކު މިތިބީ ރައްޔިތުންގެ ކަންކަމު ޒިންމާ އުފުލަން ތިބި މީހުންނޭ. އެކަންކަމާ ހަވާލުވެ ތިބި މީހުން، އަދި މިހާރު ތިބި މަޤާމު އެ މީހުންނަށް ކުޑަވެގެން އުޅޭ މީހުން މިއީ. މިއަށްވުރެ ދުރަށް ދާން ބޭނުންވާ މީހުން މިއީ. އެކަމަކު އެ މީހުންގެ ފޮތްފޮތުގައި، އެ މީހުންގެ ނޯޓު ފޮތްތަކުގައި މިހިރީ އެ މީހުން ދިވެހިރައްޔިތުންނާ ދޭތެރޭގައި ކުރާ ފިކުރު.

އަޅުގަނޑު މި ރަށަށް މިއައީ މުލަކުން ފުރައިގެން. މުލަކުގެ އެންމެބޮޑު އެއް ޝަކުވާއަކަށްވީ، އެތަނުގައި ކާޑު ލިބެން ނެތުން. ދޭތެރެ ދޭތެރޭން ކާޑު ހުސްވާ މައްސަލަ. މިއީ އަޅުގަނޑުމެންގެ ޒަރޫރަތު ނިޔާކުރާ ކަންކަމަކީ. މިއީ އަޅުގަނޑުމެން އުޅޭ ހާލަކީ. އަޅުގަނޑުމެން ތަރައްޤީގެ އެތައް ކަންތައްތަކެއް ކުރާއިރުވެސް، ކަނޑުދަތުރު ފަތުރަށާއި، އަދި މި ކަހަލަ އެތައް ކަމަކަށް ބަލާއިރު، އަޅުގަނޑުމެންގެ ހާލަތު އެބަ ނިޔާކުރޭ ބޮޑު ޢަދަދެއްގެ ކާޑުވެސް ގެނެސް ފޮރުވާފައި ބަހައްޓަން. އެކަމަކު، ހަމަ ޙަޤީޤަތާ އެއްގޮތަށް ވާހަކަ ދައްކާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ސިޔާސީ ކަންކަމަށް ފެންބޮވާފައި ތިބި މީހުން، އުއްމީދު ކުރާ މީހުންގެ ނޯޓު ފޮތްތަކުގައި އެ މީހުން، ސްޓްރެޓީޖިކްލީ ނޫނީވިއްޔާ، އެ މީހުން ވިސްނާފައިހުރި ކަންކަމުގެ ތެރޭގައި މިބުނީ، ދިވެހިރާއްޖެއަށް ކާޑު ފޮނުވާ ޤައުމުތަކުގައި ބުނާށޭ، ދެން ކާޑު ފޮނުވުމަށް ދަތިކުރާށޭ!

އެހެންވީމާ، ރައްޔިތުން ދޮގެއްތޯ، މީގެ އިންޞާފަކީ، ނޫނީވިއްޔާ މީގެ ތިލަފަތް ހަމަވަނީ ކިހާވަރަކަށްތޯ ކިރަން ތިބީ. އެކަމަކު އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑު މިކަހަލަ ޕޯޑިއަމެއްގައި މި ދައްކާ އެއްވެސް ވާހަކައަކީ، ސާބިތު ނުހިފޭ، ނޫނީ ދޮގު ވާހަކައެކޭ ބުނެވޭކަށެއް ނޯންނާނެ. އަޅުގަނޑު މި ދައްކާ ކޮންމެ ވާހަކައަކީ، ހަމަ ސާބިތު ހިފޭ، އެ ބޭފުޅުންގެ ފަރާތުން އާއްމުކޮށް ހުރި ކަންކަމުގެ ވާހަކަ. އަޅުގަނޑަކީ ރައްޔިތުންގެ ކުރިމަތީގައި، ރައްޔިތުންނަކަށް ބޮޑެތި ކަންކަމުގައި އެއްވެސް ގޮތަކަށް ދޮގު ހަދާނެ މީހެއް ނޫން. ކަމެއް އޮޅުވާލާނެ މީހެއް ނޫން.

އެހެންވީމާ، މިއީ އެ ބޭފުޅުންގެ ފޮތްތަކުން، އެ ބޭފުޅުންގެ އައިޕެޑްތަކުން އަދި އެ ބޭފުޅުންގެ ވިސްނުންފުޅުން، އެ ބޭފުޅުން ރައްޔިތުންނާ ދޭތެރޭގައި އެ ބޭފުޅުންގެ ހުރި ކުލުނު ހާމަކަން ބޮޑު ގޮތެއްގައި، ސާބިތުކޮށްދެއްވާފައި ހުރި ކަންކަން. އެހެންވީމާ، ދެން ހުރިހާ ދިވެހިރައްޔިތުން ނުކުމެ، ޚާއްޞަކޮށް، ރައީސް ނަޝީދުގެ މި ޓުވީޓާ ގުޅޭގޮތުން އުފާފާޅުކޮށް، އަޅުގަނޑުމެން އެންމެން އަތްޖަހަން ވީނޫންތޯ. އީ.ޔޫ. އިން އަޅުގަނޑުމެންނާ ދޭތެރޭގައި އަޅާ ފިޔަވަޅު އެބަ އަޅަންޖެހެއޭ. އެއީ ކުރަންޖެހޭ ކަމެކޭ. އެހެންނޫނީ، އީ.ޔޫ. ބުނާގޮތަކަށް ދިވެހިރާއްޖެ ޖެހޭނީ ތަބާވާށޭ، ޔާމީން ޖެހޭނީ ތަބާވާށޭ! އަޅުގަނޑު ތަބާވާނެ، އަޅުގަނޑުގެ ރައްޔިތުން އެކަންކުރަން އަޅުގަނޑަށް އަންގައިފިއްޔާ. އެކަމަކު، އަޅުގަނޑެއް ގަބޫލެއްނުކުރަން، އަޅުގަނޑުގެ ރައްޔިތުން އެކަން ކުރާކަށް އަޅުގަނޑަށް އަންގާނެކަމަކަށް. އަޅުގަނޑުގެ ރައްޔިތުން ބޭނުންވާނީ، މަޞްލަޙަތާއެކީ، އިންޞާފު އެންމެންގެ މައްޗަށް ހަމަހަމަކަމާއެކީ ގެންގޮސްދޭން، އަޅުގަނޑުގެ ރައްޔިތުން އަޅުގަނޑުގެ ކައިރީގައި އެދޭނީ. ހަމަގައިމުވެސް، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްވެސް މިންވަރެއްގެ ބަޔަކު ނުނުކުމޭ، ޝަރީޢަތުން މި ލިބުނު އަދަބުތަކާ ދެކޮޅަށް. އެއީ އިންޞާފުން އެއްކިބާވެގެން ހިނގި ކަމެކޭ ބުނާކަށް ނުނުކުމޭ.

އެކަން ކުރަން ނުކުތީ، 2015 ވަނަ އަހަރު މޭ 1 ވަނަ ދުވަހު، މޭ ޑޭ މުޒާހަރާއެއްގެ ގޮތުގައި. އެއީކީ، އިންޞާފު ނުލިބިގެން ކުރި މުޒާހަރާއެއް ނޫން. އެއީ ސިޔާސީ މުޒާހަރާއެއް. އެ މުޒާހަރާ ރޭވި އިސް މީހުން ބޭނުންވީ ސަރުކާރު ވައްޓާލަން. ވާހަކައެއް ދައްކައިގެން، މީހުންގެ ސިކުނޑިތަކާ ކުޅެލައިގެން، މީހުންގެ ޝައުޤުވެރިކަން އުފައްދައިގެން، ގިނަ ބަޔަކު މަގުމައްޗަށް ނެރެވޭނެތީ، ނެރުނު ވާހަކައެއް ނެރުނީ. އެކަމަކު، މީގެ މޭސްތެރިންގެ ހިތުގައި އޮތީ އެކަމެއް ނޫން. މީގެ މޭސްތެރިންނަށް އެނގޭ، ޝަރީޢަތާއި ޤާނޫނުގެ ތެރެއިންކަން ލިބިފައި ހުރި އަދަބެއް ދެވިފައި ހުރީ. އެ މީހުން ނުކުތީ ސަރުކާރު ވައްޓާލަން. ސަރުކާރު ވައްޓާލަންޖެހޭ ސަބަބުވެސް ވަރަށް ސާފު. އެއީ 5 އަހަރުގެ މުއްދަތާ ހަމައަށް ބްރިޖް ހަދާ، އެއަރޕޯޓް ހަދާ، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަންކަމެއް ކޮށްދެވޭ ކަމަށްވަންޏާ، ރައްޔިތުންގެ ލޯބި ލިބިދާނެކަމަށް އެމީހުން ގަބޫލުކުރޭ. އެހެންކަމަށްވަންޏާ، ވޯޓު ފޮށިން ބަލިކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ގަބޫލުވެސްކުރޭ. މިއަދުވެސް އަޅުގަނޑު ރައްޔިތުންގެ ކުރިމަތީ ހުއްޓި މިދަންނަވާ ވާހަކައަކީ، އަޅުގަނޑުމެން ވިއްކަން ހުރި ވާހަކަތައް، އަޅުގަނޑުމެން ދައްކަން ހުރި ވާހަކަތައް އަޅުގަނޑުމެން ކުރާ އުއްމީދާއި، އިންތިޒާރުތައް ވަނީ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައޭ. ކުރިއަށް އޮތް 5 އަހަރު ތެރޭގައި ކުރަންހުރި ބޮޑެތި ކަންތައްތަކުގެ ވާހަކަ އަޅުގަނޑު ހަމަ އެކި ތަންތަނުގައި ދައްކަމުން، ނިއުޅުވަމުން މި ގެންދަނީ. މިއަދުވެސް މުލީގައި، މުލީގެ ރައްޔިތުން ބޭނުންވެފައި އޮތް ކަމެއްގެ ވާހަކަ އަޅުގަނޑު މިދެންނެވީ.

ހަމަ މިއާއެކު، އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑުމެންގެ އާބާދީގެ ތެރޭގައި ހަމަ ކޮންމެ ރަށެއްގައި ނުކުޅެދޭ ކުދިންތަކެއް އެބަތިބި. އެކި ކަންކަމުން، އެކި ހިއްސުތަކުން މަހުރޫމްވެފައި ތިބި މީހުން އެބަތިބި. އެއީ، ދުނިޔެއަށް އުފަންވާއިރު، ނޫނީ އޭގެފަހުން އޭނާގެ ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ދިމާވާ ކަންކަމުންވެސް މަޙުރޫމްވާ މީހުން. މި ސަރުކާރުން، އަޅުގަނޑުގެ ސަރުކާރުން އިސްވެ ފުރަތަމަ ކުރި ކަމަކީ، މިހެން ތިބި ކުދިންނަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ މަޖުބޫރުކުރީ. ކުންފުނިތަކުގެ ވެރިން، އަޅުގަނޑު ރައީސް އޮފީހަށް ގެނައިން. ކުންފުނިތަކުގެ ވެރިންނަކަށްވެސް އެހާ ފަސޭހަފުޅު ކަމަކަށްވެސްނުވޭ. އެހެންނަމަވެސް، ސަރުކާރުން ބޭނުންވަނީ، އެ ކުދިންނަށް ވަޒީފާ ދޭން ކަމަށްވާތީ، ހަމަ ހުރިހާ ކުންފުނިތަކުގެ ވެރިން އެކަން ގަބޫލުކުރެއްވި. އެހެންވީމާ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މި ގޮތަށް، ނިޒާމެއްގެ ދަށުން، އުސޫލެއްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނީ، މި ސަރުކާރުގެ ފަރާތުން.

މިސަރުކާރަކީ އޯގާތެރި ސަރުކާރަކަށް ވާން ބޭނުން. އަދި އަޅުގަނޑުގެ 5 އަހަރުގެ ތެރޭގައި އަޅުގަނޑު ހަމަ ހުޅުވާލާ ވާހަކައެއް މިދަންނަވަނީ. އަޅުގަނޑު ޚިޔާލު އެބަ ކުރަން، މަޝްރޫޢުގެ ނަމަކީ މިދަންނަވަނީ، "ޤާބިލް". މި މަޝްރޫޢުގެ ދަށުން އަޅުގަނޑުގެ އެންމެ އިސް އެއް ކަމަކަށް ވަނީ، ނުކުޅެދޭ ކުދިންނަށް އިތުރު ކަންތައްތައް ކޮށްދިނުން. ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ކުދިންނަކީ، އެމީހުންނަށް ވަޒީފާގެ ފުރުޞަތު، ނޫނީވިއްޔާ ލޯނު ލިބުމުގެ ފުރުޞަތު، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކޮންމެވެސް ކަހަލަ މައިކްރޯ ކްރެޑިޓް ސްކީމެއްގެ ދަށުން، އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އޭގެ ބޭނުމަކަށްވަނީ، އެ ކުދިންނަކީ، އަމިއްލައަށް މަސައްކަތްކޮށް އާމްދަނީ ހޯދޭ ކުދިންނަށްވުން. އަދި އެކަން ކުރެވެންދެން، މިހާރު މިހިންގާ، ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާ ލިބުމުގެ އިތުރުން، އެކަންވެސް ވާނެ. އެ ނުލިބޭ ކުދިންނަށް އަޅުގަނޑުގެ ސަރުކާރެއްގައި، ހަމަ އިރާދަކުރެއްވިއްޔާ، އެއްވަނަ ދުވަހުން ފެށިގެން މިއިން ކޮންމެ ކުއްޖަކަށް ފަސްހާސް ރުފިޔާގެ ޢިނާޔަތެއް އަޅުގަނޑު ކަށަވަރުކޮށްދޭނަން.

ކީއްވެގެންތޯ، މި ކަހަލަ ވާހަކަ އެމް.ޑީ.ޕީ.ގެ ބޭފުޅުން ނުދައްކަވަނީ. ކީއްވެގެންތޯ، މި ކަހަލަ ވާހަކަ އެހެން ޕާޓީތަކުގެ ބޭފުޅުން ނުދައްކަވަނީ. މިއީ ރައްޔިތުން ބޭނުންވާ ކަންތައްތައް. މިއީ ރައްޔިތުންގެ ހިތާއި ވިންދާއި، ޝުޢޫރުތަކާއި، އެ މީހުންގެ އުއްމީދާއި، އެ މީހުންގެ ހުވަފެންތައް ގުޅިފައި ހުންނަނީ މިކަހަލަ ކަންތައްތަކާ. މި ކަހަލަ ވާހަކައެއް ދައްކާކަށް ނޭނގޭނެ. މި ކަހަލަ ވާހަކައެއް ދައްކާކަށް ބޭނުމެއްނުވާނެ. ދައްކަން އޮންނާނެ ވާހަކައަކީ، ތަނެއްގައި މީހަކު އެއަރޕޯޓެއް އަޅާބަލަ، ތަނެއްގައި މީހަކު ބޮޑު މަޝްރޫޢެއް ހިންގަބަލަ، ހަމަ ވެރިކަން އައުމާއެކީ، އެ ތަން ވާނެ އެހެން ބަޔަކަށް ވިއްކާލަން. އަނެއްކާވެސް، މުޅިން އެހެން ބަޔަކު ޖެހޭނީ، އަނބުރާ އެ ދިވެހިކުރަން. ދިވެހި ސިފަތަކެއް އެތަނަށް ގެންނަން. އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމާ ހިންގަވާ، އެއަރޕޯޓެއް ވިއްކާލީމާ މިއަންނަ މައްސަލަތައް. އަޅުގަނޑު ހުރިހާ ވާހަކައެއް ދައްކާކަށް ނުވެސްނެތިން. އެއަރޕޯޓެއް އެގޮތަށް ދޫކޮށްލީމާ، ހިނގައިދިޔަ ކަންތައްތައް އަޅުގަނޑު ދިއްގަރުގައި ދަންނަވާލިން. މީހަކު ފުރުވާލަން، އެއަރޕޯޓާ ހަމައަށް ގޮސްފިކަމަށްވަންޏާ، އޭނާއަށް ނުވަދެވޭނެ ޓަރމިނަލާ ހަމައަށްވެސް. އޭނާ ޖެހޭނީ ވަކި ހިސާބަކުން، އޭނާ ފުރުވާލަންދިޔަ އޭނާގެ ޢާއިލާ މީހާ ދޫކޮށްލަން. އެ ވަރިހަމަ ޙައްޖަށް ދާން ފުރިޔަސް. ހަމަ ދޮށީ ބައްޕައަކަށްވިޔަސް، ދޮށީ މަންމައަކަށްވިޔަސް އެ ހިސާބުން ޖެހޭނީ، އެ ތަނުގައި ތިބި މީހުންނާ ހަވާލުވެފައި، މީނާ ހުންނަންޖެހޭނީ، އަޅުގަނޑުމެންގެ އަމިއްލަ ފަސްގަނޑުގައި، އަޅުގަނޑުމެންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ތިބޭނީ. އެތަނުގައި ޚިދުމަތް ދޭން ތިބޭނީކީއެއް ދިވެހިންނެއް ނޫން. އެތަނުގައި ޚިދުމަތް ދޭން ތިބޭނީ އެހެން ޤައުމެއްގެ މީހުން. އަޅުގަނޑުމެންގެ އަމިއްލަ ފަސްގަނޑުގައި އަޅުގަނޑުމެންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ހެދީ ކޮންބައެއްތޯ؟ އެއަރޕޯޓެއް ވިއްކާލީމާ، ޖެހުނު އެއް ތަކުލީފު އެއީ.

ދެވަނަ ތަކުލީފު؛ އެއަރޕޯޓުގައި ހިންގި އެހެން ހުރިހާ ވިޔަފާރީގެ އަގުތައް ބޮޑުކުރީ. ބިމު ކުލިތައް ބޮޑުކުރީ. އެހެން ހުރިހާ މަސައްކަތްކުރާ ކުންފުނިތަކަށް އެމީހުން އިތުރު އެތައް ޚަރަދެއްކުރަން ޖެހުނީ. އޭގެ ނަތީޖާއަކަށްވީ ކޮންކަމެއްތޯ؟ އެތެރޭގެ ވައިގެ ދަތުރު ފަތުރުކުރުން އަގުބޮޑުވީ. ހުރިހާކަމެއް އަގުބޮޑުވެގެން ދިޔައީ.

ތިންވަނަ ކަންތައް؛ ކާކުތޯ ކަށަވަރުކޮށްދެނީ، އެގޮތަށް އެއަރޕޯޓް ބޭރު ބަޔަކަށް ވިއްކާލީމާ، ދިވެހިންނަށް ކިތައް ވަޒީފާ އޮންނާނެކަން. ނޯންނާނެ ވަޒީފާއެއް. ދިވެހި ޒުވާނުންނަކަށް ވަޒީފާއެއް ނޯންނާނެ. އެކަމަކު މިއަދު އަޅުގަނޑު މި ބުނަނީ، އަޅުގަނޑުމެން ބޭނުންވާ މިންވަރަށް މި އެއަރޕޯޓް ހަދާ ނިމުނީމާ، އެންމެ ކުޑަމިނުން އެއަރޕޯޓުން ސީދާ ހަތަރުހާހާއި، ހަތްހާހާ ދޭތެރޭގައި އާ ވަޒީފާ އުފެދޭނެއޭ. އެއީ، ހަމައެކަނި އެއަރޕޯޓް މިދެންނެވި ފެންވަރަށް ގެނައިމާ. އަދި އޭގެ ތެރޭގައި ނުހިމެނޭ، އެއަރޕޯޓުން ކުރާ އެކިއެކި ދަތުރު ފަތުރުގެ ކަންކަމާއި އަދި އެހެން ޚިދުމަތުގެ ވާހަކަ. މިއީ ހަމަ ސީދާ، އެއަރޕޯޓުން ލިބޭނެ ވަޒީފާގެ ވާހަކަ މި ދައްކަނީ. އެއީ މިއަދުގެ ދިވެހި ޒުވާނުން ބޭނުންވާ ކަންކަމަކީ.

އެހެންވީމާ، އެއަރޕޯޓެއް އަޅުގަނޑުމެންގެ އަތުން ގެއްލިގެން ދިޔައީމާ، އޭގެ ޑައުންސައިޑް ނޫނީވިއްޔާ، އޭގެ ލިބެންހުރި ގެއްލުންތަކުގެ ވާހަކަ މި ދެއްކީ. އަދި މި ހުރިހާ ކަމަކަށްވުރެ ބޮޑު ކަމަކީ، އެ އެއަރޕޯޓް ތަރައްޤީކުރާނެ މިންވަރަކަށް ތަރައްޤީ ކުރާނެ ދަރަޖައަކަށް ތަރައްޤީ ކުރަން ނަގާނެ މުއްދަތަކަށް އެމީހުން ކުރާނީ. އެމީހުންނެއް ނޫޅޭނެ އަވަސް އަރުވާލައިގެންނެއް، ރައީސް ޔާމީން އުޅޭހެނެއް، ދެ އަހަރުގެ ތެރޭ، ތިން އަހަރުގެ ތެރޭގައި މިކަން ނިންމާފައި، ރާއްޖޭގެ ހުރިހާ ތަންތަނެއްގައި ރިޒޯޓު ގެންދަންވާތީވެ، އެ ތަންތަނުގައި އެއަރޕޯޓް ހަދާކަށް، އެމީހުނެއް ބޭނުމެއްނުވާނެ އެއަރޕޯޓް އެ ފެންވަރަށް ގެންނާކަށް. އެ މީހުންގެ ޕްލޭނިންގގެ ކޮން ޞަފްޙާއެއްގައިތޯ އޮތީ، އެ މީހުން އެއަރޕޯޓް ހިންގާއިރު، ކިތައް އަހަރު ފަހުން، ކިތައް ފަސިންޖަރުން ގެންނާނެކަމަށް. ރައީސް ޔާމީނުގެ މެނިފެސްޓޯ ފެށީވެސް މިކަމުން. އަޅުގަނޑުގެ މެނިފެސްޓޯ ފަށާއިރުވެސް މި ބުނަނީ، އަޅުގަނޑު ބޭނުމޭ މިވެނި ފެންވަރެއްގެ އެއަރޕޯޓަކަށް އެ އެއަރޕޯޓް ހަދަން. އަދި އެ އެއަރޕޯޓު ނިމިގެން، މަސައްކަތް ކުރަމުންދާއިރު، އިރާދަކުރެއްވިއްޔާ ފަސް އަހަރާއި ދިހަ އަހަރާ ދޭތެރޭގެ މުއްދަތުގައި މިހާރު ރާއްޖެ އަންނަނީ، 1.4 މިލިއަން ބޭރުގެ ފަތުރުވެރިން ކަމަށްވަންޏާ، މެހުމާނުން ކަމަށްވަންޏާ، އެ ޢަދަދު ގެންދަން ބޭނުމޭ 8 މިލިއަނާ ހަމައަށް. އެއީ ތަނަވަސްކަން، އެއީ ވަޒީފާ، އެއީ މުޅި ރާއްޖެއަށް އާމްދަނީ އިތުރުވެގެން ދިއުން، މުޅި ރާއްޖެއަށް އެއަރޕޯޓުތައް އިތުރުވެގެން ދިއުން. މި ހުރިހާ ކަމަކުން އަޅުގަނޑުމެން މަޙްރޫމުވީސް އެ އެއަރޕޯޓް އަޅުގަނޑުމެން ދޫކޮށްލާފައި އޮތްނަމަ.

މިއަދު ޢަބްދުއްރަޙީމް އެ ވިދާޅުވީ، އެއަރޕޯޓުގެ ޙަޤީޤަތް. އެއަރޕޯޓް އަނބުރާ ހޯދަން ކުރެވުނު އެންމެ ބޮޑު މަސައްކަތެއް ކުރި މީހަކަށްވާނީ އަޅުގަނޑު. އަދި އޭގެ ނަތީޖާއަކީ، އަޅުގަނޑު އެ މަސައްކަތް އެހާ ވަރުގަދައަށް ކޮށްފައި، އަދި އެއަރޕޯޓް ބޭރު މީހުންގެ އަތުގައި އޮވެގެން ނުވާނެކަމަށް އަޅުގަނޑުމެން ބުނެފައި، އެ ޖަލްސާއިން އަޅުގަނޑު ވޯކް އައުޓް ކުރީ. އޭގެ ނަތީޖާއަކަށްވީ، މާގިނަ ދުވަސްތަކެއްނުވެ ތަޙުޤީޤާއި ޝަރީޢަތުން ބޭރުން އަޅުގަނޑު ހައްޔަރުކުރީ. އެއީ އެކަމާ އިހުތިޖާޖު ކުރާތީ. އެއަރޕޯޓުގެ ކަންތަކުގައި އަޅުގަނޑު އިހުތިޖާޖު ކުރާތީ. މަޖިލީހުގައިވެސް އަޅުގަނޑުމެން އިހުތިޖާޖު ކުރިން. އޭގެ ފަހުންވެސް އިހުތިޖާޖު ކުރިން. އޭގެ ފަހުން އައި ސަރުކާރުގައި، އަނެއްކާވެސް ވާހަކަ ދެކެވެމުން ދިޔައީ، އެއީ ޚާއްޞަކޮށް ޕީ.ޕީ.އެމް.އިން އެންމެ ބޮޑު އިލްތިމާސެއް ރައީސް ވަޙީދަށް ކުރަމުންދިޔައީ، އެއަރޕޯޓް އަނބުރާ އަޅުގަނޑުމެން ހޯދަން ބޭނުމޭ. އެއަރޕޯޓު އަޅުގަނޑުމެންނަށް ލިބޭނެ ދުވަހެއް ނިންމަވައި ދެއްވާށޭ! ދެން ރައީސް ވަޙީދު މަޝްވަރާގެ ކަންތައް ގެންދެވި ގޮތުގެ ވާހަކަ ޢަބްދުއްރަޙީމު މިއަދު އެ ވިދާޅުވީ. އެހެންވީމާ، އެ އެއަރޕޯޓް އަނބުރާ ގެނައުމަށްވެސް އެންމެ ބޮޑު މަސައްކަތެއް ކޮށްފައި އޮންނާނީ، ޕީ.ޕީ.އެމް.ގެ ފަރާތުން. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ޙަޤީޤަތްތައް. މިއަކާ ދެކޮޅަކަށް، ނޫނީ ތިމަންނަމެންނޭ، ރައްޔިތުންނަށް ހޯދައިދޭން މި ކަންކަން ކުރީކީ، އެހެނެއް ވިދާޅެއްނުވެވޭނެ. އެކަމަކު ވިދާޅުވެވިދާނެ، ތިމަންނާއަކީ ހުވަފެނެއް ދުށް މީހަކީމޭ. ތިމަންނާ ދުށީމޭ، ހުސް ކޮންމެ ވެލިކޮޅެއްގައި ދޫނި ބިސް އަޅާ ފަދައިން، އެތަނުގައި ފްލެޓެއް ހުންނަންވާނެ ކަމުގެ ހުވަފެން ތިމަންނާ ދުށީމޭ. އެހެންވީމާ، އަދި ރައްޔިތުން އުފަލުން ތިމަންނާއަށް ފްލެޓް ދޮންބެއޭ ކިޔައޭވެސް ވިދާޅުވެވިދާނެ. އެކަމަކު އެ ފްލެޓްތަކެއް ދިވެހިރައްޔިތުންނެއް ނުދެކޭ. އެ ފްލެޓްތައް ދިވެހިރައްޔިތުން މި ދެކެނީ، އެއަށްވުރެން މާ ބިޔަ، އެއަށްވުރެ މާ ގިނަ ފްލެޓްތަކެއްގެ ގޮތުގައި މި ޒަޢާމަތުގައި [ހިޔާ] މަޝްރޫޢުގެ ދަށުން އަޅުގަނޑުމެން ކަށަވަރު މި ކޮށްދެނީ، އެއްލައްކަ އެތައް ޒުވާނުންނަކަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް. އެއީ އަޅުގަނޑުމެން ދެއްކި ތޯތޯ ވާހަކައެއްނޫން.

އެހެންވީމާ، އަޅުގަނޑުމެން ދައްކަން ހުރީ މިކަހަލަ ވާހަކަ.  އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އަޅުގަނޑުމެންގެ ޢަޒުމުހުރީ މިދެންނެވި ހިސާބުގައި. އަޅުގަނޑުމެން ބޭނުންވަނީ، މި ދާން ބޭނުންވާ ތަރައްޤީއާއެކީ، އަޅުގަނޑުމެން ކުރިއަށް ދިޔުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބިގެން ދިޔުން. އިޖުތިމާޢީ ފޭރާމާއި، ދިވެހިރާއްޖޭގެ އަޚްލާޤާއި ސުލޫކަށް އައި ބަލިމަޑުކަމާއި، މިކަންކަމުގެ ވާހަކަ، އެކި މަރުޙަލާގައި އެކި ބޭފުޅުން އެބަ ދައްކަވާ. އެކަމަކު މިކަންކަމުގެ އިތުރުން  މަޙްރޫމު ވެގެންދާ ކަންކަމުގެ ވާހަކަ އަޅުގަނޑުމެން މިދަންނަވަނީ. އެހެންވީމާ، ތަރައްޤީއާއެކީ ކުރިއަށްދާން ބޭނުންފުޅުވެގެން އެ ވިދާޅުވާ ކަންތައްތައް އެ ބޭފުޅުން ވިދާޅުވެދެއްވާ! އަދި، އަޅުގަނޑުމެން މިކުރާ ކަންކަން މިއަށްވުރެ މޮޅަށް ކުރާނެގޮތް ވިދާޅުވެދެއްވާ! އަޅުގަނޑު ކައިރީ ވިދާޅުވާނެ ކަމެއްނެތް، ބްރިޖް ނުހެދޭނެކަމަށް ވިދާޅުވި ބޭފުޅުން ވިދާޅުވެގެން މިއަދަކު ނުވާނެ، ބްރިޖް ހަދާ ނިމުނީމާ ވިދާޅުވެގެން ނުވާނެ، މި ބްރިޖް 70 މިލިއަން ޑޮލަރަށް އެޅޭނެއޭ. 70 މިލިއަން ޑޮލަރަށް އެޅޭނެ ކަމަށްވަންޏާ، އެ ބޭފުޅުން އޮންނާނީ، އޭގެ ފަސް ބްރިޖް އަޅާފައި. އަޅުގަނޑަށްވެސް 70 މިލިއަން ޑޮލަރަށް ބްރިޖް އެޅުނުނަމަ، މާލޭގައި އެ އަޅާ ބްރިޖުގެ ބަދަލުގައި ފަސް ބްރިޖް ރާއްޖޭގެ އެކި ހިސާބުގައި އަޅާނަން. އެހެންވީމާ، މި ކަހަލަ ވާހަކަ އަޅުގަނޑުމެންނަށް ދެއްކިދާނެ. އެކަމަކު ވާހަކަ ދައްކަންވާނީ، ދައްކާ ވާހަކަ ބިނާކުރަންވާނީ، އޭގެ އަސާސަކަށްވާނީ ތަފާސް ހިސާބު. އަދި އޭގެ އަސާސަކަށްވާނީ، ތިމާމެން ކަންކުރަން ތިބިއިރު، ތިމާމެންނަށް ދެއްކިފައިހުރި މިސާލު. އެޅިފައިހުރި ބިންގާ. އެޅިފައިހުރި ޢިމާރާތް. އެ އަސާސްގެ މައްޗަށް ވާހަކަ ދެއްކީމާ، ރައްޔިތުން ގަބޫލުކުރާނެ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މިގޮތަށް. އަދި އަޅުގަނޑުމެން އިންތިޒާރުވެސް ކުރާނީ، އުއްމީދުވެސް މި ކުރަނީ، މިހާރު މި ދިޔަ ފަސް އަހަރުގެ ތެރޭގައި، ރާއްޖެއަށް ބޭނުންވާ އަސާސީ ވަރަށް ގިނަ ކަންތައްތައް އެހެރީ ފުދިފައި.

ދެން އަޅުގަނޑުމެން ދާން އޮތީ އެއަށްވުރެ ދުރަށް. އެއީ އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުކުރަން އަޅުގަނޑުމެން އަމާޒު ހިފަންވީ. އެހެންވީމާ، އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުކުރުމަކީ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ދައުލަތާ ދޭތެރޭގައި ނަޒަރު ހިންގާ ބަޔަކު، އަޅުގަނޑުމެންނާ ދޭތެރޭ ޝައުޤުވެރިވާނެ، އަދި ކޮންމެވެސްވަރަކަށް ތުން ފިއްތާ ބަޔަކު އިތުރުވެގެންދާނެ ކަމެއް. މިކަމާ ދޭތެރޭގައި ދިވެހިރައްޔިތުން ވިސްނައިވަޑައިގަންނަވާ. މިއީކީ ރައީސް ޔާމީނުގެ ޒާތާއި ޝަޙްޞާ ގުޅިފައި އޮތް މައްސަލައެއް ނޫން. މިއީ މިކަހަލަ ތަފާތު އެތައް ކަންތައްތަކަކާ ގުޅިގެން އުފެދޭ އުދާސްތައް މި އަންނަނީ. އެހެންވީމާ، އެކިއެކި ދައުލަތްތަކުން، އެކިއެކި ފަރާތްތަކުން މިދެންނެވި ކަހަލަ ކަންކަން އަންނައިރު، ހަމައެކަނި މިކަން އަންނަނީ، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތަކަށްވާތީ އެކަންޏެއްވެސްނޫން. މިކަހަލަ ބައިވަރު ސަބަބުހުރި، މި ހުރިހާ ކަމެއްގެ ގަނޑު ހިލުވާ ބަޔަކީ އިދިކޮޅުގައި ތިބެގެން، ދިވެހިރައްޔިތުންނަށް ހެޔޮއެދިގެން ތިމަންނަމެން ވެރިކަން ކޮށްދޭނަމޭ އެ ވިދާޅުވާ ބޭފުޅުން.

ދިވެހިރާއްޖެ، މުޅި ދިވެހިރާއްޖޭގެ މަޞްލަޙަތު، އަޅުގަނޑުމެންގެ ފަރުދެއްގެ މަޞްލަޙަތަށް ވިސްނުމަށްވުރެ ވަރުގަދަވާންވާނެކަން އެނގެންވާނެ. އެހެންވީމާ، ރާއްޖެއަށް ނިކަމެތިކަން ގެންނާކަށް ވާހަކަ ދައްކާ، ބޭރުގެ ފަރާތްތަކަށް ޕްރެޝަރުކޮށް، ބޭރު ފަރާތްތަކުގެ ފިޔަވަޅު އެޅުމުގެ ޖާގައެއް އެއްވެސް ދިވެހިރައްޔިތަކަށް ނޯންނާނެ. އެއީ ވަރިހަމަ، ކިތަންމެ މަތިވެރި މަޤާމެއްގައި ހުރި މީހަކަށްވިނަމަވެސް. އެ ވަރިހަމަ ކިތަންމެ ބޮޑެތި ޚިދުމަތްތަކެއް ކޮށްފައި ހުރި މީހަކަސް، އެއީކީ އެއިން މީހަކަށް އޮތް ޙައްޤެއް ނޫން. މިއީ ދިވެހިރައްޔިތުންގެ ޙައްޤެއް. ދިވެހި ހުރިހާ ރައްޔިތުންގެ ޙައްޤެއް. އެހެންވީމާ، މިއީކީ އަވަށްޓެރިންގެ ދޭތެރޭގައި އުފެދޭ މައްސަލައެއްނޫން. މިއީ ދައުލަތުގެ ކަރާމާތާއި، ދައުލަތަކަށް އޮންނަންވާނެ ސިޔާދަތާއި، ދައުލަތަކަށް ކުރިއަށް ދިޔުމުގެ މިނިވަންކަން ނިންމާ ކަންކަން މި ހުންނަނީ. މި ކަންކަމަށް ހުރަސްއަޅަން ބޭރު ފަރާތްތަކަށް މި ދަޢުވަތު ދެނީ.

އެހެންވީމާ، މި ކަންކަމާ ދޭތެރޭގައި ރައްޔިތުން، މިހާރާއި ސެޕްޓެމްބަރު 23 އާ ދޭތެރޭގައި، މި އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފުންކޮށް ވިސްނާވަޑައިގަންނަވާ. އަތުން ބީވެއްޖެ އެއްޗެއް، އަތުން ދޫވެގެންދާ އެއްޗެއް، ރާއްޖޭން ބޭރަށް ދާން އޮތީ ގާދޫކޮލުން ބޭރުން. ފަސޭހައެއްނުވާނެ އަނބުރާ އިޢާދަކުރާކަށް. ބުއްދިވެރިންގެ ގޮތަކީ، އަބަދުވެސް އަތުން ނިޢުމަތްތައް ބީވެގެން ނުދާނެ ގޮތަކަށް، އަޅުގަނޑުމެން ކަންކަން ތަރުތީބުކޮށްގެން ތިބުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.