بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـــالمـين، والصّــــلاة والسّـــــلام علـى ســـــيّدنا محـمَّدٍ، خاتــــم الأنبيــاء والمرســــلين، وعلـى آلـه وصحبـــه أجمـعـين.

މުލަކުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން؛  

السّلام عليــكم ورحـمــة اللّـه وبـركاتـــه.

އާދެ، ޝައްކެއްވެސްނެތްގޮތުގައި، މުލަކަށް ގިނަގިނައިން އައުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް. އަޅުގަނޑަށް ލިބޭ ޝަރަފެއް. އަބަދުވެސް މުލަކުގެ ރައްޔިތުން އަދި މި ދާއިރާގެ ރައްޔިތުން، މުލަކު ދާއިރާގެ ރައްޔިތުން އަޅުގަނޑާ ދޭތެރޭގައި ބަހައްޓަވަމުން ތިޔަ ގެންދަވަނީ ވަރަށް ގާތްކަމެއް. މި ދާއިރާއަށް އަޅުގަނޑު ތަޢާރުފުވި ހިސާބުން ފެށިގެން، އަޅުގަނޑުގެ ރަޙްމަތްތެރިން މިއަދުވެސް އަޅުގަނޑަށް ފެނިގެންދިޔަ. އަޅުގަނޑާއެކީ ކެމްޕޭނުގައި އެންމެ ފޯރީގައި އާރުކާޓީންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާވެސް ބައްދަލުވެގެންދިޔަ. ހަމައެއާއެކީ، އެ ބޭފުޅުންނާއެކީ، ތިޔަ މުލަކުގެ ރައްޔިތުން ކުރެއްވި މަސައްކަތުން ޝައްކެއްވެސްނެތްގޮތުގައި، ދާއިރާގެ ގޮނޑި އަޅުގަނޑަށް ލިބިގެންދިޔައީ، ކޮޅުފުށްޓާއި ނާލާފުށީގެ ތާއީދާއެކީ.

އެހެންވީމާ، އަބަދުވެސް އަޅުގަނޑުގެ ހިތުގައި ޚާއްޞަ ލޯތްބެއް، ޚާއްޞަ ޤަދަރެއް. މުލަކު ދާއިރާއަށް މުލަކު، ކޮޅުފުށި، ނާލާފުށި، މި ތިން ރަށަށް އޮވޭ. އެހެން ދެންނެވި ނަމަވެސް، މިއީކީ، އެއްގޮތަކަށްވެސް މި އަތޮޅުގެ އެހެން ރަށްރަށަށް އަޅުގަނޑުގެ ގާތްކަން ނެތް ވާހަކަ ދަންނަވަނީކީ ނޫން. އަޅުގަނޑު މިއަދު މުޅި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މިހުރީ އެންމެފަހުން މި ދާއިރާގެ ރައްޔިތުންނަށް ޚިދްމަތްކުރާ މީހެއްގެ ގޮތުގައި ހުރެފައި. އެއީ، އަޅުގަނޑުގެ ހިތުން ދުވަހަކުވެސް ހަނދާނުން ކައްސާލައިގެން ދާނެ ކަމެއްނޫން.

މި މަސައްކަތަކީ، ދެންމެ އަޅުގަނޑު ދިއްގަރުގައި ވާހަކަ ދައްކަމުން، ރައްޔިތުންނަށް ދަންނަވާލި ފަދައިން، ވަރަށް ބުރަކޮށް ކުރަންޖެހުނު މަސައްކަތްތަކެއް. އަޅުގަނޑަށް ވަރަށް ފަސޭހަވެގެން މިދިޔައީ، ޢަބްދުއްރަޙީމްގެ ވާހަކަފުޅަށްފަހު، އަޅުގަނޑު މިތަނަށް އަރައި ރައްޔިތުންނާ ބައްދަލުކުރަން ފުރުޞަތު ލިބުނީމާ. މީގެ ތަޢާރުފެއް ޢަބްދުއްރަޙީމް އެ ދެއްވީ. އަދި އަޅުގަނޑު ހަމަ ދިއްގަރުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން އަޅުގަނޑު އެ ވާހަކަ ދެއްކީ.

އާދެ، ތަޢާރުފަށް ޖެހުމުގެ ކުރިން އަޅުގަނޑު ދަންނަވާނަން. މުލަކަށް އަޅުގަނޑު އައިމާ އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއިން ދައްކައިދޭ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑާ ދޭތެރޭގައި އޮތް ގާތްކަން ޝައްކެއްވެސްނެތްގޮތުގައި. އަޅުގަނޑު އެކަމަށް ތިޔަ އެންމެ ބޭފުޅުންނަށް، ތިޔަ ވިދާޅުވި ހޫނު އިސްތިޤުބާލާއި މަރުޙަބާއަށް ފަށްފަށުން ޝުކުރު ދަންނަވަން.

މުލަކުގެ ތަރައްޤީއަށް ކޮށްދެވޭ ކޮންމެ ކަމަކީ، އަޅުގަނޑުގެ ހިއްސާއެއް، އެކަމުގައި އޮންނަ ކަމެއް ކަމަށްވަންޏާ، އަޅުގަނޑު އެކަމަށް އުފާކުރަން. މުލަކުގެ ރައްޔިތުންނަށް ލިބޭ ކޮންމެ އުފަލެއްގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް. އަޅުގަނޑަށް ލިބޭ ޝަރަފެއް. އެގޮތުން މިއަދު އައިސް ތިޔަބޭފުޅުންނާއެކީ، މި އިޙްތިފާލު ކުރަމުން މިގެންދަނީ، މުލަކުގެ ނަރުދަމާ ނިޒާމު ނިމިގެން، ނަރުދަމާ ނިޒާމުގެ ފަސޭހަކަން، މުލަކުގެ ރައްޔިތުންނަށް ލިބުނުކަން ރަސްމީގޮތުން ފާހަގަކުރުމުގެ ޖަލްސާ. މީގެކުރީގައި ފެނުގެ ނިޒާމު އެއޮތީ ނިމި ގޮސްފައި. ޝައްކެއްވެސްނެތް، މި ދާއިރާގައި، ޚާއްޞަކޮށް މުލަކަށްވެސް ހަމަ ވަރަށްގިނަ ކަންތައްތަކެއް މިހުރީ ވެގެންގޮސްފައި. ކަންތައްތައް ކުރާއިރު، ކަންތައްތަކުގެ ލިސްޓު ކިޔުމެއް ނޫން، އަޅުގަނޑުގެ ބޭނުމަކީ. އެހެންނަމަވެސް، އަޅުގަނޑު އެ ވާހަކަ ދަންނަވާލަން ބޭނުންވަނީ މި ދާއިރާއަކީ، މި އަތޮޅަކީ، މި އަތޮޅުގައި މި ހިމެނޭ ދެ ދާއިރާއަކީ، އަޅުގަނޑު ދިއްގަރުގައި ދަންނަވާލި ފަދައިން، އަޅުގަނޑުމެންނަށް އޭރު އަޅުގަނޑު މަސައްކަތް ކުރަމުންދިޔައީ، ޕީ.އޭ.ގައި. އެ ދުވަސްވަރު އަޅުގަނޑުމެންނަށް ހަމަ ވަރަށް އިސްކަންދިން ދާއިރާއަކަށްވާތީ، އަތޮޅަކަށްވާތީ، މި އަތޮޅާ ދޭތެރޭގައި އަޅުގަނޑުމެންގެ އަޅައިލުންތެރިކަން އޮތް މިންވަރު ދަންނަވައިލުމުގެ ގޮތުން ދަންނަވާ ވާހަކައެއް.

 އަޅުގަނޑު މުލަކުގައި ދައްކަންޖެހޭ ބައެއް ވާހަކަ ދިއްގަރުގައި ދެއްކީމު. އެހެންނަމަވެސް، މުލަކުގައިވެސް ހަމަ ތަކުރާރުކޮށްލަން ބޭނުންވޭ. މި ދާއިރާ އިހުމާލުކޮށްލެވިފައި މިއޮތް ސަބަބުތަކަށް އަޅުގަނޑު ދާކަށްނެތިން. އެ ސަބަބުތައް ޢަބްދުއްރަޙީމްވެސް އެ ވިދާޅުވީ. އަދި ދިއްގަރުގައިވެސް އަޅުގަނޑު އެ ވާހަކަތައް ދަންނަވައިފިން. އެހެންނަމަވެސް، ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ، މި އަތޮޅަކީ، މި އަތޮޅުގެ މި ދާއިރާއަކީ، ޚާއްޞަކޮށް މުލަކަކީ، ތަރައްޤީގެ މަޝްރޫޢުތަކުން 2013ގެ ކުރިއަށް އެ ހިނގި ފަސް އަހަރު، މުޅިން މަޙްރޫމްވެފައި އޮތް ރަށެއް. މި ރަށަކަށް އެއްވެސްކަހަލަ ތަރައްޤީގެ މަޝްރޫޢެއް ހިނގާފައެއް ނެތް. އަޅުގަނޑަށް އެއްވެފައި ހުރި ތަފާސް ހިސާބުން ބަލައިލާ ކަމަށްވަންޏާ، ދައުލަތުގެ ރަސްމީ ތަފާސް ހިސާބުން ދައްކަނީ، ގާތްގަނޑަކަށް ހަމަ އެންމެ ތިން ލައްކަ ރުފިޔާގެ ހޭދަ މި ރަށަށް ކުރެވިފައި އޮތްކަން އަޅުގަނޑަށް ފެނިގެންދަނީ. އެކަމަކު އަޅުގަނޑުމެންގެ ސަރުކާރުގައި މި ހިނގަމުންދާ ފަސް އަހަރުގެ ތެރޭގައި، މިހާތަނަށް ކޮށްދެވިފައި ހުރި މަސައްކަތްތަކުގެ ތަފާސްވެސް އަޅުގަނޑު ދިއްގަރުގައިވެސް ދަންނަވާލިން. މި ރަށުގައިވެސް ހަމަ ތަކުރާރު މި ކޮށްލަނީ، އަޅުގަނޑުމެންގެ ސަމާލުކަމާއި، އަޅުގަނޑުމެންގެ ލޯތްބާއި، އަޅުގަނޑުމެންގެ ހިތުގެ ހަމަޖެހުން، ނޫނީވިއްޔާ ހިތުގެ ޝައުޤުވެރިކަން ތިޔަބޭފުޅުންނާ ދޭތެރޭގައި އޮތް ވާހަކަ ދަންނަވާލުމުގެ ގޮތުން. އަޅުގަނޑުގެ މި ހިނގާ ފަސް އަހަރުގެ ތެރޭގައި މުލަކަށް އެކަނި 112 މިލިއަން ރުފިޔާ މިހުރީ މުލަކަށް ބޭނުންވާ އަސާސީ މަޝްރޫޢުތަކަށް ހޭދަކޮށްދެވިފައި.

ހަމަ މިއާއެކީ، ދަންނަވާލާނަން. އަޅުގަނޑަށް އެނގޭ، މުލަކުގެ ބަނދަރު ނިމިގެންދާއިރު، މުލަކަކީ މަސްވެރި ރަށަކަށްވާތީއާއެކީ، މުލަކުގެ ބަނދަރު މިހާރު މިއޮތީ ކުޑަވެފައި ކަމަށް އަޅުގަނޑަށް ޚަބަރު މި ލިބެނީ. ދެން މިއީ އަޅުގަނޑުމެންގެ ހާލު ދޮގެއްތޯ؟ މިއީ އަޅުގަނޑުމެންގެ ހާލު. އެކަމަކު ކުރިއަށް ދިޔުމުގެ ރޫޙު ހުރެގެން، އަމިއްލަ މީހުންކުރާ މަސައްކަތުން، އޮޑިދޯނިފަހަރު ބޮޑުވެގެންދިޔުން، މަސްބޭނުން އިތުރުވެގެންދިޔުން. މިކަންކަމަށް މި ސަރުކާރުން އަބަދުވެސް ބުނާނީ، ހަމަ ތިޔަ ކަންކަމަށް ހިތްވަރުދީގެން ކުރިއަށްދާށޭ! ބަނދަރު ކުޑަވުން އެއީކީ މައްސަލައެއް ނޫން. ބަނދަރު ކުޑަވީމާ، ބަނދަރު ބޮޑުކުރާނީ. މަސްކިރޭނެގޮތް ސަރުކާރުން ހަދާނެ. މަސްކިރުން މަދުވީމާ، މަސްކިރޭނެ ގޮތްގޮތް އިތުރުކުރާނެ.

އެނގިވަޑައިގަންނަވާނެ، ފެށުނީއްސުރެ މިފްކޯއަކީ، ސަރުކާރުގެ މަސްގަންނަ ކުންފުނި. މިފްކޯއަކީ އަބަދުވެސް ހަމަ ވަރަށް އުނދަގޫތަކާއެކީ މަސްގަތުމަށް މަސައްކަތްކުރާ ބަޔެއް. މީގެ ހިސާބުތަކަކަށް ދާކަށްނެތިން. އެހެންނަމަވެސް، މިފްކޯއިން ގަންނަ މަހަކީވެސް، ދުނިޔޭގެ ބާޒާރުގައި ވިއްކަންޖެހޭ މަސް ކަމަށްވާތީ، މީގައި އޮންނަ ވާދަވެރިކަމުގައި، މިކޮޅުން ގަންނަ އަގާއި، ބޭރުން މިފްކޯއަށް ލިބޭ އަގާ ދޭތެރޭގައި މި އޮންނަ އަރައިރުން، އޭގެތެރެއިން މި އަންނަނީ ހިންގުމުގެ ބައިވަރު ޚަރަދުތަކެއް. މި ހިންގުމުގެ އެތައް ބައިވަރު ޚަރަދުތަކެއް އަންނައިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭނެ، އަމިއްލަ މީހުންވެސް ޙަރަކާތްތެރިވާ ޞިނާޢަތެއް މިއީ. އެކަމަކު އަމިއްލަ މީހުން އާންމު ވިޔަފާރިވެރިން، ޙަރަކާތްތެރިވާ ޞިނާޢަތްތަކުގައި، އެ ޞިނާޢަތުގައި ފައިދާ އާންމު މީހުންނަށް ލިބިގެންދާއިރު، އެ ޞިނާޢަތުގައި ދަތިވެފައި ހުންނަ ހުރިހާ ކަންކަމަށް ހައްލު ހޯދުމުގެ ކަމަކީ، އަމިއްލަ ފަރާތްތަކުން އެހާ ޝައުޤުވެރިވާނެ ކަންކަމެއްނޫން. އަދި އަމުދުން އެ ކަމަކުން ސީދާ ފައިދާ ނުލިބޭ ކަމަށްވަންޏާ، އެއީ، އަމިއްލަ މީހުން އެހާ ޝައުޤުވެރިކަން ހުންނާނެ ކަމެއްނޫން. މުޅި ރާއްޖޭގެ އެކި ހިސާބަށް އެކި ދުވަސްވަރު، ފަތުރައިލެވިފައި މިހިރަ އައިސްޕްލާންޓްތަކަކީ، މީގެ ނަމޫނާއަކަށްވާނެ. އައިސްޕްލާންޓަކީ، އޭގެ ޒާތުގައި އެއަކުން ފައިދާތަކެއް ލިބޭ ކަމަކަށްނުވެ ހިނގައިދާނެ. އެކަމަކު ޝައްކެއްވެސްނެތްގޮތުގައި، މަސްވެރިންނަށް އެއީ މުހިންމު ކަމެއް. އަދި ހަމަ އެހެންމެ، މަސް ބަންދުކުރާނެ ކާރުޚާނާއަކީވެސް، މަސްވެރިންނަށް މުހިންމު ކަމެއް. އެއީ ހުރިހާ މަހަކީ އަޅުގަނޑުމެންނަށް ރޮލަށް ވިއްކޭ މަހެއްނޫން. އެހެންވީމާ، އަޅުގަނޑުމެން ޖެހޭ ކާރުޚާނާތަކުގައިވެސް އިންވެސްޓް ކުރަން.

މި ހިސާބަށް އައިއިރު، އަޅުގަނޑަށް އެނގޭ، އަޅުގަނޑު މި ހުންނަނީ، މަސްވެރި ރަށެއްގައިކަން. އަޅުގަނޑު މި ވާހަކަދައްކަނީ، މަސްވެރިން، އޮޑިވެރިން ތިއްބެވި ރަށެއްގެ ރައްޔިތުންނާ. އަޅުގަނޑު މި ވާހަކަ ދައްކަނީ، މީގެ ފަސް އަހަރު ކުރިންވެސް އަޅުގަނޑު ދަންނަ މުލަކުގެ ރައްޔިތުންނާ. އެހެންވީމާ، އަޅުގަނޑަށް އެނގޭ މި ރަށުގެ ވިންދު، މިރަށުގެ އިޙްސާސް ހުންނާނެގޮތް. އަޅުގަނޑަށް އެނގޭ، އަޅުގަނޑު މިކޮޅަށް އައިއިރުވެސް، މި ރަށުގެ ކައުންސިލަރުންވެސް އަޅުގަނޑުގެ ކައިރީގައި ވިދާޅުވި، ހަމަ ވަރަށް ސިއްރުސިއްރުން. އެހެންނަމަވެސް، އަޅުގަނޑަށް އެނގޭ، މުޅި ރައްޔިތުންގެ އިލްތިމާސްކަން އެއީ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ފަސް އަހަރު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަޅުގަނޑު އެކަންކަން ފުއްދައިދޭނަމޭ.

މަސްވެރިންގެ ބޭނުންތަކަށް މިހާރު ރާއްޖޭގައި ހުރި ހުރިހާ އައިސްޕްލާންޓްތައް އެހުރީ އަޅުގަނޑުމެން ކުރި ޚާއްޞަ މަސައްކަތްތަކެއްގެ ތެރޭގައި، މިދިޔަ އަހަރުގެ ފަހުކޮޅާއި، މިއަހަރުގެ ތެރޭގައި، ހުރިހާ އައިސްޕްލާންޓްތައް އެހުރީ އާބާތުރަ ފިލުވައި، އޭގެ ޚިދްމަތް ލިބޭގޮތަށް އެކަން ހަމަޖެހިފައި. އެކަމަކުވެސް، އަޅުގަނޑުމެންގެ މަސްވެރި އަތޮޅުތައް އަދިވެސް އެބަހުރި. ޚާއްޞަކޮށް މ. އަތޮޅަކީ، މިގޮތަށް ފާހަގަކުރަންޖެހޭ އަތޮޅެއް. އެހެންވީމާ، މ. އަތޮޅުގައިވެސް ހަމަ އައިސްޕްލާންޓާ ދޭތެރޭގައި ތިޔަބޭފުޅުން ވިސްނާނެކަންވެސް އަޅުގަނޑަށް އެނގޭ. އިތުރު އައިސްޕްލާންޓްވެސް ބޭނުންވާނެ. އަދި ހަމަ މަސް ބަންދުކުރާނެ ޕައުޖު ޕްލާންޓެއް ނޫނީ ފެކްޓްރީއެއްވެސް ބޭނުންވާނެކަންނޭނގެ.  

މިއީ، ޝައްކެއްވެސްނެތްގޮތުގައި، މަސް ލިބޭ ތަންތަނަށް މި ހުންނަނީ ހަދަންޖެހޭ އިންވެސްޓްމަންޓް. އެކަމަކު އަޅުގަނޑުމެންނަށް މީގެ ކުރީގައި، މިކަންކަމާ އަޅައިނުލެވި މިދަނީ، އެއީ އެކަންކަން ނޭނގޭތީކީވެސް ނޫން. ކުރީގައި ތިއްބެވި ވެރިންނަށްވެސް އެކަން އެނގިވަޑައިގަންނަވާނެ. ބޭނުންތެރިކަން ކުޑަކަމަކުންވެސް ނޫން. އެހެންނަމަވެސް، 187 ރަށެއްގައި މީހުން އުޅޭއިރު، ދައުލަތަކުން ވިސްނައި، އެ ރަށްރަށަށް ބޭނުންވާ އަސާސީ ކަންކަން ކުރުމަށް ހަމަ ދައުލަތް ނާޤާބިލުވާތީ. އެތައް ބައިވަރު ކަންތައްތަކެއް ސަރުކާރުތަކުން އަބަދުވެސް އަންނަނީ ކޮށްދެމުން. އެހެންނަމަވެސް، އިތުރު މަސައްކަތްތަކެއް ކޮށްގެން، ނެތް ފައިސާއިން ލޯނު ނަގައިގެންވެސް، ކުރު މުއްދަތެއްގެ ތެރޭގައި މީގެ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދޭން ހިތްވަރުހުރި ސަރުކާރެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ހަމަގައިމުވެސް އަޅުގަނޑުމެންގެ ސަރުކާރުން ދައްކައިދީފީމު. މި ވާހަކަ އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން އެ ދައްކަވަނީ. އެ ބޭފުޅުން އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ވިދާޅުވަނީ، މި ސަރުކާރުން ދައްކާފައިހުރި ލޯނުތައް އަދާކުރެވޭނެބާއޭ. އަޅުގަނޑުމެން އޭގައި ހަމަ ދަންނަވާލަން ބޭނުންވަނީ، މުލަކުގައި، މުލަކުގެ ރައްޔިތުންގެ ކުރިމަތީގައި. އަނެއްކާ އަޅުގަނޑަށް އެނގޭ، އަޅުގަނޑުގެ ވާހަކައަކީ މުޅި ރާއްޖެއަށް އާންމުވެގެންދާނެ ވާހަކަ. އަޅުގަނޑުމެން އެކަންކަމާ އެހާވަރަށް ޖެހިލުންނުވާތީ، އަޅުގަނޑުމެންގެ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް ލޯނު މި ނަގަނީ.

މީގެ ކުރީގެ ޖަލްސާތަކުގައިވެސް، އަޅުގަނޑު މިއާ ހަވާލާދީ ދެންނެވި ވާހަކައިގައި ދެންނެވިން، ލޯނު ނަގަނީ ހަމައެކަނި މި ސަރުކާރަކުންނެއް ނޫނޭ. އަޅުގަނޑުމެން ސަރުކާރާ ހަވާލުވީއިރު، ސަރުކާރުގެ ދަރަނި ބޮޑު. ސަރުކާރުން ނަގާފައި ހުރި ލޯނުތައް ބޮޑު. ސަރުކާރުގެ ދަރަނީގެ ގޮތުގައި ހުރި ފައިސާއަކީ، އެކި ތަންތަނުން ނެގިފައި ހުރި ލޯނު. އެއީ އަދާކުރަންޖެހޭ ފައިސާ. ގާތްގަނޑަކަށް 28.5 ބިލިއަން. އެއީ، އަށާވީސްހާސް، ނޫނީވިއްޔާ އޮނަތިރީސްހާސް މިލިއަން ރުފިޔާ. އެއީ، ދިވެހިރާއްޖޭގެ އުފެއްދެންތެރިކަމުގެ ދެ އަހަރުގެ އުފެއްދުންތެރިކަމުގެ ޖުމުލަ ލިބޭ އާމްދަނީ. ނޫނީ ދެ އަހަރު ބައި. އެހެންވީމާ، އެހާބޮޑު ދަރަނީގައި އަޅުގަނޑުމެން ސަރުކާރާ ހަވާލުވީ. އަޅުގަނޑުމެން އެކަންކަމާ ކަންބޮޑުވިން. އެކަމަކު ކަންބޮޑުވެގެން އަދި އެ ވާހަކަދެއްކިއަސް، އެ މައްސަލައަކަށް ހައްލެއް ނާންނާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އެ މައްސަލަތައް އިރާދަކުރެއްވިއްޔާ ހައްލުކޮށްފީމު. އެ ދަރަނީގެ ބޮޑުބައި އަޅުގަނޑުމެން އަދާކޮށްފީމު. މިހާރު އިރާދަކުރެއްވިއްޔާ، އެ އޮންނަ ހިސްޓޯރިކަލް ޑެބްޓް، ނޫނީވިއްޔާ ވިރާސީ ދަރަންޏެއްގެ ގޮތުގައި އެއައި ބޮޑު ދަރަނި އެއޮތީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަތްފޯރާ ހިސާބުގައި ބާއްވާފައި. އެއީ އަޅުގަނޑުމެންނަށް ފޫނުބެއްދޭނެ ހިސާބަކުނޫން އެއޮތީ. އެހެންވީމާ، އަޅުގަނޑުމެން އިތުރު ލޯނު ނަގައިގެން، ފައިސާ ހޯދައިގެން ކަންކަން މި ކުރަނީ.

މި ދަރަނީގެ ވާހަކަ ދައްކާއިރު، މީގެ ކުރީގެ ޖަލްސާއެއްގައި، ޠާރިޤު ދެއްކެވި އެއަރޕޯޓުގެ ވާހަކަ. އަޅުގަނޑުމެން އެއަރޕޯޓް ތަރައްޤީ ނުކުރާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ލިބޭ ފައިސާކޮޅަކުން އެކަން ދެކޮޅުޖައްސައިގެން ތިބޭ ކަމަށްވަންޏާ، އެ އެއަރޕޯޓް އޮންނަ ހިސާބެއްގައި އެއަރޕޯޓް އޮންނާނެ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން ހަމަ އުފަލާއެކީ، ފާހަގަކުރަން. ކަންކަން ކުރަންވާނީ، ކަންކަން ކޮށްފައި އޭގެ ނަތީޖާ ލިބޭނެކަމަށް ކަށަވަރު ވާކަމަށްވަންޏާ، އެކަހަލަ މަޝްރޫޢުތަކަށް ޚަރަދުކުރުމަށް ފައިސާ ނެގުމަކީ މައްސަލައެއްނޫން.

އެހެންވީމާ، އަޅުގަނޑުމެންވެސް، ކޮންމެވެސްވަރެއްގެ ސިހުމެއް ހުރި ކަމުގައިވީނަމަވެސް، ތިރީހަކަށް މިލިއަން ޑޮލަރުގެ އެއަރޕޯޓެއް ފުރަތަމަ ލޯނު ނެގިއިރު. އެކަމަކު މިއަދު އެތަނަށް އަޅުގަނޑުމެން މި ހޭދަކުރަނީ، 1000 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަދަދެއް. ދެން އިދިކޮޅުގައި ތިބޭ މީހުން، ބުނާނެކަންނޭނގެ، މި ފައިސާ ތިމަންނާމެން ބައިބަޔަށް އަޅާނަމޭ، މިވެނިމިވެނި ކަންކަމަށް. ރައްޔިތުންނަށް ފައިދާހުރި މިވެނިމިވެނި ކަންކަމަށް ތިމަންނާމެން ބައިބައި އަޅާނަމޭ. އެހެންވީމާ، އެވާހަކައިގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއީ، ހަމަ ޙަޤީޤަތުގައިވެސް ދެކޮޅުނުޖެހޭ ވާހަކައޭ. އެ ފައިސާ ބައިބައި އެޅޭނެ ކަންކަމެއް ނުހުންނާނެ. އެ ފައިސާ ބައިބައި އެޅޭނެ ކަންކަން ނުހުންނާނެއޭ މިދަންނަވާގޮތަކީ، ފުރަތަމަ ލޯނު ނަގާތީ ހީކަރުވާ ބަޔަކު، އެ ފައިސާ ހޯދާކަށް ލޯނެއް ނުނަގާނެ. އެހެންވީމާ، ދެން ކޮން ބައެއް އެޅޭނީ. އަޅުގަނޑުމެން އެ ފައިސާ މި ހޯދީ ދައުލަތުގެ އާމްދަނީއަކުންނެއް ނޫން. އަޅުގަނޑުމެން މި ފައިސާ ހޯދަނީ ލޯނު ނަގައިގެން. ލޯނު ނަގައިގެން އެއަރޕޯޓް، އެއަރޕޯޓަކަށް ހަދައި، މި ހިސާބުގަނޑު ހުރިހާ ރަށަކަށް، ރާއްޖޭގެ ހުރިހާ ރަށަކަށް މި ތަރައްޤީ ގެންނަން ބޭނުންވާތީ.

އެހެންވީމާ، އިދިކޮޅުގައި ތިއްބެވި ބޭފުޅުން އެ ލޯނު، ނޫނީވިއްޔާ އެ ފައިސާ ތިމަންނާމެން މިއަށްވުރެ ރަނގަޅު ކަންކަމުގައި ބައިބައިއަޅާނެ ކަމަށް މިއަދު ވިދާޅުވާނެ. އެ ވާހަކަ އަޅުގަނޑު އަޑުއަހައިފީމު. ބްރިޖަށް މި ހޭދަވެގެންދާ 200 ނޫނީ 300 މިލިއަނެއްހާ ޑޮލަރު އެ ބޭފުޅުން އެ ވިދާޅުވަނީ ބްރިޖަށްވުރެ މާ ފައިދާހުރި ކަންތައްތައް ހުންނާނެއޭ. އެކަންކަން ކުރެވޭނޭ. މިއީ، ހައްތަހާވެސް ދެއްކޭނެ ވާހަކަ. އަދި އެ ބޭފުޅުންގެ ވިސްނުންފުޅުގައި އެ ބްރިޖް 70 މިލިއަން ޑޮލަރުން އަޅުއްވާނެ. އަޅުގަނޑަށް ހީވާގޮތުގައި ވެއްޖިއްޔާ، ފަން އިލޮށިން ބްރިޖް އެޅިޔަސް، 70 މިލިއަން ޑޮލަރަކުން ބްރިޖެއް ނޭޅޭނެ. އެއީކީ ވާނެކަމެއްނޫން. އެ ބޭފުޅުން ކުރައްވާފައި ހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ، މިދިޔަ ޖަލްސާގައި ޠާރިޤު އެ ދެއްވީ ތަފާސް ހިސާބުތަކެއް. އެއަރޕޯޓް އަނބުރާ ހޯދުމަށްޓަކައި ކުރީގެ ސަރުކާރަކުން ހިންގަވާފައި އޮތް، ވަރަށް ދެރަވަރުކޮށް ހިންގަވާފައި އޮތް، ވިޔަފާރީގެ މުޢާމަލާތެއް އެއީ. އެއަރޕޯޓް އަނބުރާ ހޯދުމަށްޓަކައި، ނޫނީ އޭރު ކުރައްވާފައި އޮތް ކަމަކުން އެއަރޕޯޓް އަނބުރާ އަޅުގަނޑުމެން އަތުލައި، އެއަރޕޯޓް އަޅުގަނޑުމެން ބޭނުންވާ ތަޞައްވުރަކާ އެއްގޮތަށް ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެން ހޭދަކޮށްފިން، ތިންސަތޭކަ ވިއްސަކަށް މިލިއަން ޑޮލަރު.

އެހެންވީމާ، އެ ތިންސަތޭކަ ވިއްސަކަށް މިލިއަން ޑޮލަރު، ބައިބައި އަޅާނެގޮތް، އިދިކޮޅު ބޭފުޅުން ވިދާޅުވިއްޔާ މާ ރަނގަޅުވާނެ. މިހާރު 1000 މިލިއަން ޑޮލަރު އެއަރޕޯޓަށް ހޭދަކުރާތީ އެ ވާހަކައެއްނޫން ދައްކަންވީ. އެ ބޭފުޅުންގެ ސަރުކާރު އޮތްއިރު، ކުރެއްވި ކަމަކުން، މިއަދު އަނބުރާ އެއަރޕޯޓް ހޯދުމަށްޓަކައި އަޅުގަނޑުމެން ދައުލަތުން ހޭދަކޮށްފިން 300 މިލިއަން ޑޮލަރު. އެހެންވީމާ، 1000 މިލިއަން ޑޮލަރު ލިބުނީމާ، ބައި އެޅުމަށްވުރެން ފުރަތަމަ ފަސޭހަވާނީ އެއަށްވުރެން ކުޑަ އަދަދެއް އެ ބޭފުޅުންގެ އަތްޕުޅުގައި ހުރިނަމަ، ބައިއެޅިނަމަ. އެހެންވީމާ، އެ 320 މިލިއަން ޑޮލަރު ހޭދަކުރަން ޖެހިގެން މިއުޅެނީ، އެ ބޭފުޅުން ކުރެއްވި މޮޅު ވިޔަފާރީގެ މުޢާމާލާތެއްގެ ނަތީޖާ. އެހެންވީމާ، އެ 320 މިލިއަން ޑޮލަރުން ރާއްޖެތެރޭގެ ރަށްރަށަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބަލާކަމަށްވަންޏާ، މިއަދު ޠާރިޤު ދެއްވި ތަފާސް ހިސާބުތަކެއް އެބަހުރި. 50 ރަށުގެ ނަރުދަމާ، 50 ރަށުގެ ބޯފެނުގެ މަޝްރޫޢު، 80 ވަރަކަށް ބަނދަރު ހެދުން. މިހެންގޮސް ރައްޔިތުންނަށް ބޭނުންވެފައި ހުރި މިހިރަ ހުރިހާ ކަންކަމެއް، މީގެ ތެރޭގައި އެބަހިމެނޭ. އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންގެ މިޒާޖާ ކައިރި މިސާލެއް ނެގިއްޔާއޭ ރަނގަޅުވާނީ. އެއީ، އަޅުގަނޑުމެންނަށް އެ ބޭފުޅުން ކުރައްވާފައި އޮތް ކަމަކުން ލިބުނު، ނޫނީވިއްޔާ ބައްދަލުކުރި ނުބައި ނަތީޖާއެއް.

ޢަބްދުއްރަޙީމުގެ ވާހަކަފުޅުގައި ވަރަށް ގިނަ ސިޔާސީ ވާހަކަފުޅު އެ ދެއްކެވީ. އަޅުގަނޑުވެސް މިކަހަލަ ޕޯޑިއަމަކަށް އައިސް، އަދި އަމުދުން މުލަކުގެ ރައްޔިތުންނާ ވާހަކަ ދައްކާއިރު، އަޅުގަނޑުވެސް ހަމަ ސިޔާސީ ވާހަކަ ދައްކަންޖެހޭނެ ނޫންތޯ! އެހެންވީމާ، އަޅުގަނޑުވެސް ސިޔާސީ ވާހަކަ ދައްކާނަން. އެހެންނަމަވެސް، އަޅުގަނޑު ސިޔާސީ ވާހަކައަށް ޖެހިލާނަން، އެހެން ބައެއް ވާހަކަ ދަންނަވާލާފައި.

އަޅުގަނޑު ފަށައިގެން މިއުޅޭ ދަތުރުތަކުގައި އަޅުގަނޑު މި ގެންދަނީ، ޙަޤީޤަތުގައި އަޅުގަނޑަށް ރައްޔިތުން ފުރުޞަތު ދެއްވައިފިނަމަ، އަންނަ ފަސް އަހަރު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ދެއްވައިފިނަމަ، އަޅުގަނޑުގެ ތަޞައްވުރު އަނެއްކާވެސް ނިއުޅައިލަމުން. ވަރަށް ގިނަ ކަންތައްތަކެއް އެހެރީ، އަޅުގަނޑުމެން 2013 ވަނަ އަހަރު، އަޅުގަނޑު ހިމެނި ތަޞައްވުރުގައި، ހިމަނާފައި. ﷲ ގެ ރަޙްމަތާއެކީ، އޭގެ ބޮޑެތި ހުރިހާ ކަންކަމެއް ޙާޞިލުވެގެން ހިނގައްޖެ. އަދިވެސް އޭގައި ނުކުރެވި ހުރި ކަންކަން އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރޭގައި ހިނގާނެ. އެހެންވީމާ، އަޅުގަނޑުގެ ކުރިއަށްއޮތް ފަސް އަހަރުގެ ތަޞައްވުރުގައި، ކުރީގެ މެނިފެސްޓޯގައި ނުހިނގާ ހުރި ކަންކަމުގެ ވާހަކަ އަލުން ބަލަކުން ނުލިޔާނަން. އެއީ، އަބަދުވެސް އެ ހަނދާންތައް އަޅުގަނޑުމެން ހުންނާނެތީ. އަދި، އަޅުގަނޑާއެކީ މަސައްކަތް ކޮށްދެއްވާ ބޭފުޅުންވެސް، އިދިކޮޅު ބޭފުޅުންވެސް ހަނދާންކޮށްދެއްވާނެ. އެހެންވީމާ، އެއްގޮތަކަށްވެސް އެކަންކަން އަޅުގަނޑުގެ ތަޞައްވުރުގައި އިތުރަށް ލިޔަނީކީނޫން. އަޅުގަނޑު ބޭނުންވަނީ، އަނެއްކާވެސް އާ ކަންތައްތަކެއްގެ ވާހަކަ ދައްކަން. އާ ކަންތައްތަކެއްގެ ވާހަކަ ދައްކަން ފަށައިގެން އަޅުގަނޑު މި އަންނަނީ. ފަށައިގެން އަންނައިރު، ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ ވާހަކަ އަޅުގަނޑު މި ދައްކަމުން މި އަންނަނީ. އޭގެ ތެރޭގައި، އަޅުގަނޑަށް އެނގޭ، ދެން އަޅުގަނޑު ދާން އޮތް މަންޒިލުން އަންނާނެ ވާހަކަތައްވެސް. މިއިން ކޮންމެ ތަނެއްގައި އެއަރޕޯޓް ބޭނުންވާނެ. މިއިން ކޮންމެ ތަނެއްގައި ބަނދަރު ބޭނުންވާނެ.

އެހެންވީމާ، ދެންމެ އަޅުގަނޑު ކައިރީގައި ކައުންސެލަރުންވެސް އެ ވިދާޅުވިގޮތަށް، މި ރަށަށް ބޭނުންވާވެސް ވަރަށް ގިނަ ކަންތައްތައް ކޮށްދީފިން. ހަމަ ވަރަށް ހެޔޮފުޅުކޮށް، އެ ބޭފުޅުން އަޅުގަނޑާ މި ވާހަކަ ދެއްކެވި. ދިއްގަރުންވެސް އަޅުގަނޑު ކައިރީ ވިދާޅުވީ މި ވާހަކަ. ރައީސް ޔާމީން ކަމެއް ކޮށްދޭނަމޭ ބުނެފި ކަމަށްވަންޏާ، ތިމަންނާމެން ހަމަގައިމުވެސް، މ. އަތޮޅުގެ ރައްޔިތުން ގަބޫލުކުރަމޭ، ރައީސް އެކަން ކޮށްދޭނެކަން. ތިމަންނާމެންނަށް ވަރަށް ގިނަ ކަންތައްތައް ރައީސް ކޮށްދީފިއޭ. އެހެންވީމާ، ދެން ތިމަންނާމެންގެ އުންމީދު ރައީސާއެކީ އެބަވެއޭ. އެހެންވީމާ، ރައީސް ހޮވާފައި، ތިމަންނާމެންގެ ޒިންމާ ތިމަންނާމެން އަދާކޮށްފައި، ރައީސް ކައިރީގައި އިތުރު ކަންކަމުގައި ތިމަންނާމެން ކިޔާނަމޭ. އަޅުގަނޑު ހަމަ ވަރަށް ހެޔޮހިތުން އެ ކަންކަން ބަލައިގަންނަން.

އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މ. އަތޮޅަކީ އަބަދުވެސް އަޅުގަނޑަށް ޚާއްޞަ އަތޮޅެއް. މުލަކު ދާއިރާއަކީ އަބަދުވެސް އަޅުގަނޑަށް ޚާއްޞަ ދާއިރާއެއް. އެހެންވީމާ، ހިތްޕުޅުގައި އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނުބާއްވަވާ! ﷲ ގެ ރަޙްމަތުން އިރާދަކުރެއްވިއްޔާ، ފަސް އަހަރު އަޅުގަނޑަށް މިންވަރު ކުރައްވައިފި ކަމަށްވަންޏާ، ހަމަ މި ދާއިރާގެ ތަޞައްވުރު، ތިޔަބޭފުޅުންގެ ތިޔަ ހުރި ވިންދު، އަޅުގަނޑު ތިޔަބޭފުޅުންގެ ހިތްތަކުގައި ޖަހާލަދޭނަން. އެކަންކަން އަޅުގަނޑު ކޮށްދޭނަން.

އެހެންވީމާ، އެއަރޕޯޓުގެ ވާހަކަވެސް އަންނާނެ. މަސް ބަނދަރުގެ ވާހަކަވެސް އަންނާނެ. މަސް ބަންދުކުރާ ކާރުޚާނާގެ ވާހަކަވެސް އަންނާނެ. އެކަމަކު ހިންގަވާ، މި ކަހަލަ އާދައިގެ ކުދިކުދި ކަންތައްތަކާ ދޭތެރޭގައި ނުވިސްނަމާ. މިއީ އިރާދަކުރެއްވިއްޔާ، ކުރެވޭނެ ކަންކަން. މިއަށްވުރެ އަޅުގަނޑުމެންގެ ހުވަފެން މާ ބޮޑުވާންވާނެ ދޮގެއްތޯ! އަސްލުގައި ހުވަފެނެއް ފެނުނީމާ، އެ ހުވަފެން ހަނދާން ހުރެއްޖެއްޔާ، އަޅުގަނޑުމެންނަށް ވިސްނަންވެސް މި އެނގެނީ. އަޅުގަނޑުވެސް ހާދަ ހުވަފެނެއް ދުށީމޭ. އެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން އަޅުގަނޑުވެސް ހާދަ ބޭނުންވިއޭ. އަޅުގަނޑު ހާދަ ހުވަފެނެއްގެ ތެރޭގައި، ހާދަ އަނިޔާވެރިކަމެއްގެ ތެރޭގައި، އަޅުގަނޑުމެން އުޅެފީމުއޭ. އަޅުގަނޑުމެން ހުވަފެނުން ދެކޭކަށް ބޭނުމެއްނޫނޭ، ދެން އަނެއްކާ އަނބުރާ އެ އަނިޔާގެ ތެރެއަށް ދަތުރުކުރާތަން.

އެކަމަކު، އޭގެ ބަދަލުގައި އަޅުގަނޑު ހުވަފެނުގައި ދެކެން ބޭނުންވޭ، ދިވެހިރާއްޖޭގައި އެންމެ ބޮޑު ގިންތިއެއް މިއޮތީ، ޒުވާނުންގެ ގިންތި، އާބާދީގެ ނިސްބަތުން 70. އެހެންވީމާ، މި ޒުވާނުންނަށް ކޮށްދެވޭނީ ކީއްތޯ އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންޖެހޭ. ޒުވާނުން އަޅުގަނޑާ ދޭތެރޭގައި ޝައްކެއްނުކުރައްވާނެ. އެ ބޭފުޅުންގެ އުންމީދުތައް ހާސިލުކޮށްދޭން، އަޅުގަނޑުމެން ހަމަ މި ހުރިހާ ރަށްރަށެއްގައި އެތައް ބައިވަރު މަސައްކަތެއް ކޮށްދެމުން މިދަނީ. އަދި އެއާއެކީ، އެމީހުންގެ ޖީބު ތަނަވަސްކުރުމާއި، ރަޙްމަތްތެރިންނާއެކީ ކޮފީ މޭޒުކައިރިން ބައްދަލުކުރުމާއި، މިކަންކަމަށް ބޭނުންވާނެ އާމްދަނީ އިތުރުކޮށްދިނުމުގެ މަސައްކަތްތައް އަޅުގަނޑުމެން މި ކުރަނީ ދޮގެއްތޯ. އަޅުގަނޑުގެ ތަޞްވީރު، ނޫނީވިއްޔާ އަޅުގަނޑު ދެކެން ބޭނުންވާ މަންޒަރު ބޮޑޭ. އަޅުގަނޑުމެން މި ރަށްރަށަށް އައީމާ، ކޮންމެ ރަށަކުން އަޅުގަނޑުމެންނަށް ދިމާވާ އެތައް ކަންތައްތަކެއް ހުންނާނެ. މިއީ އަޅުގަނޑުމެންގެ އިންސާނުންގެ ޠަބީޢަތް. އަޅުގަނޑުމެން ބޭނުންވާ ކަންކަން ހަމަ ދުވަހަކުވެސް ފުދި ނިމި ނުދާނެ. އެއީ، އަޅުގަނޑުމެން އުންމީދު ކުރަންޖެހޭ ގޮތަކީ.  އަޅުގަނޑުމެންގެ ނާރުތަކުގައި ލޭ ހިނގުމުގެ ނަތީޖާއަކީ އެއީ.

މިއަދު އުންމީދު މިކުރަނީ ކީއްވެގެންތޯ؟ މިއަދު އުންމީދު މި ކުރަނީ، އުންމީދު ކުރަން މީހަކު ދަސްކޮށްދިނީމާ. އިންތިޒާރު ކުރަން މީހަކު ދަސްކޮށްދިނީމާ. މާޔޫސްކަން ފިލުވައިލަދޭން މީހަކު އައިސް މަސައްކަތް ކުރީމާ. އެހެންވީމާ، މިއަދު އިންތިޒާރު މި ކުރަނީ. އެހެންވީމާ، ނާލާފުށްޓާއި، މުއްޔާވެސް ގުޅުވާ ވާހަކަ މި ދައްކަނީ. ގުޅޭ ވާހަކަވެސް މި ދައްކަނީ. އެހެންވީމާ، މި ދައްކަނީ، މިއިން ކޮންމެ އަތޮޅެއްގައި އެއަރޕޯޓު ހަދާ ވާހަކަވެސް. އެހެންވީމާ، މި ދައްކަނީ މުޅި ރާއްޖެއަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ ފަތުރުވެރިންގެ އަދަދު ހަތަރުގުނަ، ފަސްގުނައަށް ޖައްސާ ވާހަކަ. އޭގެ ތަނަވަސްކަން ރާއްޖޭގެ ހުރިހާ ދިމާއަކަށް ގެންދާ ވާހަކަ މި ދައްކަނީ.

އަޅުގަނޑުމެންގެ އާބާދީގައި އެންމެ އަޅައިނުލެވި، ނޫނީވިއްޔާ އެންމެ ދޫކޮށްލެވިފައި ތިބި އެއްބަޔަކީ އަންހެނުން، ކަނބަލުން. އޭގެތެރޭގައި، ދޮށީ ޢުމުރުގެ ބޭފުޅުން، ޚިދުމަތްތެރިން، ޒުވާން އަންހެނުން އެބަ ހިމެނޭ. އެހެންވީމާ، އަންހެނުންނަށް ޚާއްޞަ އެތައް ބައިވަރު ކަންތައްތަކެއް އެބަހުރޭ، އަޅުގަނޑުމެން ފިރިހެނުން ކޮށްދޭންޖެހޭ. ހަމަ ލާޒިމު. އޭގެތެރޭގައި، އެމީހުންނާއެކީ، ކުލުނު ހުރެގެން އަޅުގަނޑުމެން މުޢާމަލާތު ކުރުމާއި، އަޅުގަނޑުމެންގެ ޙަޔާތުގެ އެންމެ އުފާ އަޅުގަނޑުމެންނަށް ހޯދޭ ބައިވެރިންނަކީ، އެއީކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އަޅުގަނޑު ނެތިން، ގެވެށި އަނިޔާގެ ވާހަކަ ދައްކާކަށް. އެއީ، އަޅުގަނޑުމެން މާ ފަޚުރުވެރިކޮށް ދައްކަންޖެހޭ ވާހަކައެއްވެސް ނޫން. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، މިއީ އަޅުގަނޑުމެންގެ ޙަޤީޤަތެއް. އަންހެނުންނަށް ކަންކަމުގައި ފުރުޞަތު ހޯދައިދޭން އަޅުގަނޑުމެން އިސްވެ މަސައްކަތް ކުރަންޖެހޭ. އަޅުގަނޑުމެން ފިރިހެނުން، އަންހެނުންނަށް އިސްވެ ހޯދައިނުދޭ ފުރުޞަތުތަކެއް، އެމީހުންނަށް ހޯދައިދެނީ ދެން ކޮންބައެއްތޯ.

މި ރަށަށް އައީމާ، މި ރަށުން އަޅުގަނޑަށް ޔަޤީން އަޅުގަނޑު ކައިރީ ވިދާޅުވި ވާހަކައިން، މި ރަށުގެ ރައްޔިތުން އިޚްތިޔާރު ކުރަންވާނީ، އަޅުގަނޑުގެ ރަނިންގމޭޓަކަށް އަޅުގަނޑުގެ އަންހެނުން ކަންނޭނގެ. އެކަމަކު އަޅުގަނޑު ހަމަ އެންމެ ޤާބިލު ރަނިންގމޭޓްކަމަށް އަޅުގަނޑު ގަބޫލުކުރާ ބޭފުޅަކު މިހާރު އެހެރީ އިޚްތިޔާރު ކޮށްފައި، ޑޮކްޓަރ ޝަހީމް. އެކަމަކު އަންހެނުންގެ ވޯޓުން މިކަން ކޮށްދެއްވަންޏާ، އަޅުގަނޑަށް ޔަޤީން މި ރަށުގެ ބޭފުޅުން ބޭނުންފުޅުވަނީ، އަޅުގަނޑުގެ އަންހެނުން ކަންނޭނގެ، ރަނިންގމޭޓަކަށް ވާން. އަޅުގަނޑުގެ އަންހެނުން ދިވެހިރައްޔިތުންގެ ޚިދުމަތުގައި، ޚާއްޞަކޮށް އަންހެން ބޭފުޅުންގެ ޚިދުމަތުގައި، މަޤާމެއްނެތި، ހައިސިއްޔަތެއްނެތި ހުންނާނެ އިނގޭތޯ. އަޅުގަނޑުގެ އަންހެނުން ކައިރީ އަޅުގަނޑު ބުނެގެނެއްނޫން ނުކުމެ އެ އުޅެނީކީ، އެކަހަލަ އިޖުތިމާޢީ އެތައް ބައިވަރު މަސައްކަތްތަކެއް ކުރާކަށް. އޭނާއަށް އަމިއްލައަށް ފެނިގެން. އެކަމަކު އަޅުގަނޑު އެބަ ހިތްވަރު ދެން. އެހެންވީމާ، އަޅުގަނޑު އަންހެނުންނެއް ރަސްމީ މަޤާމެއް ބޭނުމެއްނުވާނެ. ޕީ.ޕީ.އެމް.ގެ ހައިސިއްޔަތެއް ބޭނުމެއްނުވާނެ. އަޅުގަނޑުގެ އަންހެނުންގެ މަޤާމު އޭނާއަށް ލިބުނީމާ، އޭނާއަށް ފުދޭ. އެހެންވީމާ، ކޮންމެ ފިރިއަކުވެސް ގަބޫލުކުރަންވާނެ، އެ ފިރިމީހާގެ އަނބިމީހާއަށް ކަމޭހިތަން. އޭރަށް އަންހެނުން ގޮވައިގެން ކަންތައް ކުރެވޭނީ.

އެހެންވީމާ، އަންހެނުންނަށް އަޅައިލުމާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ތަޞައްވުރުގައި މިއިން ކޮންމެ ރަށަކަށް އައީމާ، ކޮންމެ ރަށަކުންވެސް ބުނާނެ، ގައިނީ ޑޮކްޓަރެއް ހަމަޖައްސައިދޭށޭ. ކޮންމެ ރީޖަނަލް ހޮސްޕިޓަލަކުން ބުނާނެ، ގައިނީ މިވެނި ކަމެއް ކޮށްދޭށޭ. އަޅުގަނޑުގެ މެނިފެސްޓޯގައި، ޞިއްޙީ ދާއިރާގެ ވާހަކަ މި ދަތުރުގައި ދައްކަމުން މި އަންނަނީ ސިޔާސީ ވާހަކައިގެ އިތުރަށް. އަޅުގަނޑުގެ ވިސްނުން ހަމަ ޙަޤީޤަތުގައިވެސް ވަރަށް ފުޅާ. މި ދާއިރާތަކަށް ގައިނީ ޑޮކްޓަރުން، ހަމަ ވަރަށް ގިނަ ރަށްރަށުގައި އެތިބީ. ގައިނީ ޑޮކްޓަރުންގެ ޚިދުމަތް އެބަ ލިބެމުންދޭ. އެކަމަކު، އަޅުގަނޑުމެންގެ ސަރުކާރެއްގައި މިއަދު، އިރާދަކުރެއްވިއްޔާ، ދަރުމަވަންތަ ހޮސްޕިޓަލު އެހެރީ ޢިމާރާތް ގާތްގަނޑަކަށް ނިމިފައި. ތަފާތު އެކި ވަސީލަތްތަކާއެކީ އަޅުގަނޑުމެން މި އަވަށްޓެރި ސަރަހައްދަށް ދަތުރުކުރަން ނުޖެހޭ މިންވަރަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ވަސީލަތްތައް ޤާއިމުކުރާނަން.

އެއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއީ އަޅުގަނޑުމެންގެ ފަރާތުން އަންހެން ބޭފުޅުންނަށް އަރުވާ ހަދިޔާއެއް. އަޅުގަނޑުގެ ފަސް އަހަރުގެ ތެރޭގައި، ހަމަ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެންވަރަށް ޚިދުމަތްދޭ، އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ނެޝަނަލް ހޮސްޕިޓަލެއް އަޅުގަނޑު ޤާއިމުކުރާނަން. ދަރިމައިވަންތަވުމާއި، ގަރުބަގަތީއްސުރެ، ނޫނީ އެއަށްވުރެ ކުރީއްސުރެ ހުންނަ މައްސަލަތައް ދެނެގަތުމަށާއި އަދި ދެމަފިރިންނަށް ކުދިން ނުލިބިގެން އުޅޭ މައްސަލަތައް ޙައްލުކުރަން، ކުރަންޖެހޭ ފަރޓިލިޓީ މަސައްކަތްތަކާއި، މިހެންގޮސް އަންހެނުންނާއި ކުޑަކުދިންނަށް، އެއީ ހަމަ ކުޑަކުދިން ދުނިޔެއަށް އައުމުގެ ކުރިން ފެށިގެން އެ ކުދިން ދުނިޔޭގައި އުޅޭއިރު، ހަމަ ކުޑަކުދިންގެ ގޮތުގައި ތިބޭއިރު، ކޮށްދޭންޖެހޭ ހުރިހާ ކަމަކާއެކީ، ހަމަ މި ސަރަޙައްދުން ލިބޭ ހަމަ އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް އަޅުގަނޑު، އިރާދަކުރެއްވިއްޔާ ހޯދައިދޭނަން. އެހެންވީމާ، ދަރުމަވަންތަ ހޮސްޕިޓަލަކީ، ރާއްޖޭގައި ހުރި ޤައުމީ ނޫނީވިއްޔާ ނެޝަނަލް ހޮސްޕިޓަލް ފަދައިން އިރާދަކުރެއްވިއްޔާ، ﷲ ގެ ރަޙްމަތާއެކީ، އަންހެން ބޭފުޅުންނަށާއި ކުޑަކުދިންނަށް ޚާއްޞަ ނެޝަނަލް، އަންހެނުންނާއި ކުޑަކުދިންގެ ޗައިލްޑް ކެއަރ ހޮސްޕިޓަލެއް، އަޅުގަނޑު އިރާދަކުރެއްވިއްޔާ ޤާއިމުކުރާނަން.

އެހެންވީމާ، އަޅުގަނޑުމެންގެ ބޮޑު މަންޒަރަކަށް ވާންވާނީ މިކަހަލަ ކަންތައްތައް. އަޅުގަނޑުމެން މިއަދު ދައްކާނެކަމެއްނެތް، ކޮންމެ ހޮސްޕިޓަލަކަށް ގައިނީ ޑޮކްޓަރެއް ހަމަކުރާ ވާހަކަ. ކޮންމެ ހޮސްޕިޓަލެއްގައި އިރާދަކުރެއްވިއްޔާ، ގައިނީ ޑޮކްޓަރުން އެބަ ތިބޭ. ގިނަ ހޮސްޕިޓަލުތަކުގައި ތިބޭނެ ގައިނީ ޑޮކްޓަރުން. އެކަމަކު، އަންހެނުންގެ ބަލިތަކަށް ބޭނުންވާ ޚާއްޞަ ފަރުވާ ހޯދަން ވެއްޖިއްޔާ، އަޅުގަނޑުމެން އެބަޖެހޭ ޚާއްޞަ މަސައްކަތްތަކެއް ކުރަން. އެހެންވީމާ، އަޅުގަނޑު ނިއުޅުވަމުންމިދާ ޞިއްޙީ ދާއިރާގެ ޞަފްޙާތަކުގެ ތެރެއިން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަމޭ.  

ހަމަމިއާއެކީ، ދޮށީ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއްވެސް އެބައޮތް. ތިޔަބޭފުޅުންނަކީ އަޅުގަނޑުމެންގެ ދައުލަތަށް، ރާއްޖެއަށް، ރާއްޖޭގެ ހުރިހާ ދިމާއަކަށް، ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުން. މީގެ ތެރޭގައި ހިމެނެނީ، ސަރުކާރަށް ޚިދުމަތް ކުރެއްވި ބޭފުޅުން. މީގެ ތެރޭގައި ހިމެނެނީ، ރަށްރަށަށް ޚިދުމަތް ކުރެއްވި ބޭފުޅުން. ރަށްރަށަށް ޚިދުމަތް ކުރެއްވުމަކީ ހަމައެކަނި، ރަސްމީ ދާއިރާގައި މަސައްކަތް ކުރުމެއްނޫން. އަދި ކިއެއްތޯ، މުދިމުންނަށް ވުމެއް އެކަންޏެއްވެސް ނޫން. ރަށްރަށަށް ޚިދުމަތް ކުރުމުގެ ތެރޭގައި ހަމަ މަސްވެރިން ހިމަނަންޖެހޭ. ދަނޑުވެރިން އެބަ ހިމަނަންޖެހޭ. ރަށުގެ އިސް ރަށްވެހިން އެބަ ހިމަނަންޖެހޭ. ޤައުމަށް ޚިދުމަތް ކުރުމަކީ، ހަމައެކަނި ސަރުކާރަށް ޚިދުމަތް ކުރުމެއްނޫން. އެހެންވީމާ، ދޮށީ ރައްޔިތުންގެ ތެރޭގައި މަސްވެރިންނާއި، އަދި، މަސްވެރިންގެ އަނބިންގެ ގޮތުގައި މިއަދު ހޭދަކުރައްވާފައި ތިއްބެވި، ދޮށީ އަންހެން ރައްޔިތުން އެބަ ތިއްބަވާ.

އެހެންވީމާ، ދޮށީ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ކީއްވެގެންހޭ ރައީސް ޔާމީން ނުކުމެ އިޤްތިޞާދު ރަނގަޅުކުރާ ވާހަކައާއި، އާމްދަނީ އިތުރުކުރާ ވާހަކައާއި، ޒުވާނުންނަށް ވަޒީފާ ލިބޭ ވާހަކައާއި، ޒުވާނުންގެ ތަނަވަސްކަން އިތުރުކުރާ ވާހަކަ މި ދައްކަނީ. ވަރަށް ކުރު ޖަވާބެއް. ވަރަށް ކުރު ޖަވާބެއް. ޖަވާބަކީ، އަޅުގަނޑުމެން އެންމެންވެސް ބޭނުންވޭ، ފުދުންތެރި މީހުންނަށްވާން. އަޅުގަނޑު ބޭނުންވޭ، ޒުވާން ކުދިންނަށް ބޭނުންވާ ހުރިހާ ކަމެއް ފުދިގެންދާން. އަޅުގަނޑު ބޭނުންވޭ، ދިވެހިރާއްޖޭގެ އެއްވެސް ޒުވާނަކު ހުރެގެން ނުވާނެ އަޅުގަނޑުގެ ފަސް އަހަރު ނިމިގެންދާއިރު، އެއްވެސް ޒުވާނަކު ހުރެގެން ނުވާނެ، ވަޒީފާއެއް ނެތް ޒުވާނެއް. އެ ޒުވާނުންނަށް ލިބޭ ފައިސާއަކީ، އެ މީހުންނަށް ލިބޭ ތަނަވަސް ކަމަކީ، އެ މީހުންގެ ޢާއިލާތައް ކޮޅަށް ޖެހުމުގެ އިތުރަށް، އެ މީހުންގެ މަންމައާއި ބައްޕައަށް ހޭދަކޮށްދޭ ހޭދަކޮށްދިނުން. އަޅުގަނޑުމެންގެ ރާއްޖެ އިރާދަކުރެއްވިއްޔާ، ތަނަވަސް އެބަވޭ.

އަޅުގަނޑު ހަމަ އުފަލާއެކީ ދައްކަމުން އަންނަ ވާހަކައެއް، އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަން އިތުރުވެގެންދާ ވާހަކަ. އެހެންވީމާ، މިއަދު 65 އަހަރުން މަތީގެ ދޮށީ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލާނަން. މިއޮތް ބޮޑު ދަރަނި، ގާތްގަނޑަކަށް އޮނަތިރީސްހާސް މިލިއަން ރުފިޔާގެ ދަރަންޏާއެކީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ޚިދުމަތްކުރަން އަންނަމުންވެސް އަޅުގަނޑު ދޮށީ ރައްޔިތުންނަށް ވިސްނައިދިނިން. އަޅުގަނޑު ދެންނެވިން، ކޮންމެ ދޮށީ ރައްޔިތަކަށް، 65 އަހަރުން މަތީގެ ރައްޔިތަކަށް ފަސްހާސް ރުފިޔާ ދޭނަމޭ. އިރާދަކުރެއްވިއްޔާ، އެ ފައިސާ މި އަންނަނީ ދެމުން. އެ ތަނަވަސްކަން، އަދި އޭގެ ހަމަޖެހުން ދޮށީ ރައްޔިތުންނަށް ހަމައަށް އެބައޮތް. މިއަދަކު އަޅުގަނޑު އަދަދެއް ނުދަންނަވާނަން. އެކަމަކު ރިޔާސީ އިންތިޚާބަށް ނުކުތުމުގެ ކުރިން އަޅުގަނޑު އަދަދު ދަންނަވާނަން. އަޅުގަނޑުމެންގެ މި ފުދުންތެރިކަން އިތުރުވެގެންދާއިރު، ދެން ކީއްވެގެންތޯ ދޮށީ ރައްޔިތުން ގަބޫލުކުރައްވަންވީ، ތިމަންނަމެންނަށް ދެންވެސް ލިބޭނީ، ފަސްހާސް ރުފިޔާއޭ. ނޫން! އެއަށްވުރެ އިރާދަކުރެއްވިއްޔާ، މާ ބޮޑު އަދަދުގެ ފައިސާ ތިޔަބޭފުޅުންނަށް ހަމަޖައްސާނަން.

އެހެންވީމާ، ޒުވާނުންގެ ހަމަޖެހުމާއި، ޒުވާނުންގެ ތަނަވަސްކަމާއި، އަންހެނުންނަށް ކޮށްދޭ ކަންތައްތަކާ، މިހެން އަންނައިރު، ދޮށީ ރައްޔިތުންގެ ގިންތި އިހުމާލުނުވާ ވާހަކަ ދަންނަވާލަން އަޅުގަނޑު ބޭނުންވަނީ. އެހެންވީމާ، ދޮށީ ރައްޔިތުން ގަބޫލުކުރައްވަންވާނެ، އަޅުގަނޑުމެން އެހާ ބޮޑު ދަރަނި އޮވެގެން، އަޅުގަނޑުމެން ފެށިއިރު، ފަސްހާސް ރުފިޔާ ދިންއިރު، ހަމަ ޖެހޭނީ، އަނެއްކާވެސް މި ރައީސް ޔާމީނުގެ ހަކަތައިގެ އަޖުމަ ބަލައިލަން. ދެން ބަލައިލަންޖެހޭނީ، މި ރައީސް ޔާމީން މި ބުނާގޮތަށް ކަންތައް ކޮށްދޭތޯ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް އިތުބާރު ކުރައްވާށޭ. އަޅުގަނޑަށް ފުރުޞަތު ދެއްވާށޭ. މި ދާއިރާގައި އަޅުގަނޑު މި ވާހަކަ ދަންނަވާކަށް ނުވެސްޖެހޭކަންނޭނގެ. އެހެން ނަމަވެސް، ހަމަ މި ދާއިރާއިންވެސް އަޅުގަނޑުކުރާ އިލްތިމާސަކީ، އަޅުގަނޑާއެކީ ތިޔަ ހުރިހާ ބޭފުޅުން ތިއްބެވިކަން އަޅުގަނޑު ގަބޫލުވެސްކުރަން. އެކަމަކު އެއާއެކީވެސް އަޅުގަނޑު ހަމަ ދަންނަވާލަދޭންޖެހޭނެ ދޮގެއްތޯ، އިންސާނީ ސުންނަތެއް ކަންކަން ހަނދާންކޮށްދިނުމަކީ. އެހެންވީމާ، އަޅުގަނޑު ހަމަ އިޚުލާޞްތެރިކަމާއެކީ ތިޔަ ބޭފުޅުންނަށް ދަންނަވަނީ، އަޅުގަނޑަށް މަސައްކަތްކޮށްދެއްވާށޭ! އަޅުގަނޑަށް މަސައްކަތްކޮށްދެއްވަން ޖެހެނީ، މިއީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކެވަޑައިގަންނަވައިގެން.

މިހާރު މި ދައްކަން މިއުޅެނީ ސިޔާސީ ވާހަކަ. އެއަށް އަޅުގަނޑު ޖާގަ މި ހޯދީ. ޢަބްދުއްރަޙީމް މިއޮތީ މީގެ ދީބާޖާ ނޫނީ މުޤައްދިމާ އަޅައިދެއްވާފައި. ހަމައެކަނި ދިވެހިރާއްޖޭގައި ހަމައެކަނި ސިޔާސީ ފިކުރަށް ބަލާއިރު، ދިވެހިރާއްޖޭގައި ތަޣައްޔަރުނުވެ އޮތް ފިކުރަކީ، ޕީ.ޕީ.އެމް.ގެ ފިކުރު. އެ ވާހަކަ ޢަބްދުއްރަޙީމް އެ ވިދާޅުވީ. އަޅުގަނޑު، އަޅުގަނޑުގެ ފޮތް މި ހުޅުވައިލަނީ. އަޅުގަނޑުމެން އެކި ކުލަ، އެކި ސިފަ، ސިޔާސީ ވިސްނުމުގައި ދެކެފީމު. މީގެ ތެރޭގައި، މިއަދުވެސް ތިޔަބޭފުޅުންގެ ހިތްޕުޅަށް ގެންނަވާ! މިއަދުވެސް ތިޔަބޭފުޅުން ހިތްޕުޅަށް ގެންނަވާ! މިއޮތް ބޭރުގެ ކަނޑަށް، ހިކިފައި އޮތް ބޮނބިގަނޑެއް އެއްލައިލީމާ ވާނީ ކިހިނެއްތޯ؟ އޭގައި ރާޑަރެއް ނީންނާނެ. ދޯންޏެއް ނޫނީ ލޯންޗެއްގެ ވެއްޖިއްޔާ ރާޑަރު އިންނާނެ. އޭގައި ރާޑަރެއް ނީންނާނެ. އެއަކު ނުހުންނާނެ ކައްޕިއެއް. އެހެންޖެހޭ ވަޔަށް އެކޮޅަށް، މިހެންޖެހޭ ރާޅަށް މިކޮޅަށް، މިހެން ގޮސްފިއްޔާ މިކޮޅަށް. އެހެންވީމާ، އޮޔާދާ، މިސްރާބެއް ނެތް، އެއްވެސްކަހަލަ މިސްރާބެއް ނެތް އެއްޗެއް އެއީ، އެހެންނޫންތޯ؟ މި ގަދަ ކަނޑަށް، ހިކި ބޮނބިގަނޑެއް އަދި އަމުދުން ރާޅު ގަދައިރު އެއްލައިލައިފިއްޔާ، ފިސާރި ފަސޭހައިން ރާޅުގައި މި ދަތުރުކުރާތަން ފެންނާނެ.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޕާޓީގެ ފިކުރަކީ، ހަމައެކަނި މިއަދު ދިވެހިރާއްޖޭގައި ތަޣައްޔަރުނުވެ، ފެށި އުސޫލުން، ފެށި އަސްލުތަކަށް، ހަމައެކަނި އިޙުތިރާމު ކުރާ ޕާޓީއަކަށް އޮތީ މި ޕާޓީއޭ. އެހެން ޕާޓީތަކުގެ ލީޑަރުން އެ އުޅުއްވާ ގޮތް ބައްލަވާ! މިދެންނެވިކަހަލަ ގޮތަކަށް އޮޔާއި ވަޔާ އެފަހަރަކު ޖެހުނު ގޮތަކަށް ހޭރިޔާ ކުރަންޖެހިއްޖިއްޔާ، ހޭރިޔާ ކޮށްގެން، ރިޔާ ފައްސިޔަ ކުރަން ޖެހިއްޖިއްޔާ، ފައްސިޔަ ކޮށްގެން އެ ދަތުރުކުރާ ގޮތަކަށް ދަތުރު ކުރަން މިއޮތީ. އެހެންވީމާ، ކޮބައިތޯ އެބޭފުޅުންގެ ސިޔާސީ ފިކުރެއް؟ މިދެންނެވިކަހަލަ ޕާޓީތަކުގެ ސިޔާސީ ފިކުރެއް ވިދާޅުވެއެއްނުދެއްވޭނެ. އެއްވެސް ފިކުރެއް ނޯންނާނެ. އެ ފިކުރެއް އޮތްނަމަ އެ ފިކުރަކީ ރަނގަޅު ފިކުރެއްނަމަ، އަދި އެފިކުރަށް އެބޭފުޅުންގެ ކޮމިޓްމެންޓާއި، އެބޭފުޅުންގެ އަހުލުވެރިކަން އެފިކުރަށް އޮތްނަމަ، އެބޭފުޅުންނެއް އެގޮތް މިގޮތަކަށް ޖެހޭ އޮޔާ ވައިގެ ތެރޭގައި މިހެން ޣަރަޤުވެގެން ނުދާނެ.

އެހެންވީމާ، ކުރީގައި އެއް ޕާޓީއަކުން ފެނުނު ބޭފުޅަކު، މިއަދު ފެނިދާނެ މުޅިން އެހެން ޕާޓީއަކުން. ތަފާތު ފިކުރެއްގެ، އިދިކޮޅަށް މަސައްކަތްކުރި ޕާޓީއެއްގެ ނައިބު ރައީސަކަށްވެސް ފެނިދާނެ. ހަމަ މިކަހަލަގޮތަކަށް އަޅުގަނޑުމެންގެ ތެރޭގައި މިއުޅެނީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ފިކުރުގައި އަޅުގަނޑުމެންނަށް ކުރިއަށް މި ދެވެނީ ކީއްވެގެންތޯ؟ އެއީ، އަޅުގަނޑުމެންގެ އުސޫލުތަކަށް އަޅުގަނޑުމެން ތަބާވާ މިންވަރުން. އަޅުގަނޑުމެން ގަބޫލުކުރީ، އޭރު އުފެދިގެން އައި ދެ ފިކުރު. އެއް ފިކުރަކީ އެއީ ފަނާކުރަނިވި ފިކުރު. އެކަން ކިތަންމެ ރަނގަޅަކަށްވެސް އެމް.ޑީ.ޕީ.ގެ ތެރެއިން މި ހިނގައިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ދައްކަވައިދެއްވައިފި. ދެން އެއަށް މަނައެއްގެ ގޮތުގައި، ގޮންޖަހަން އުފެދުނު ބަޔަކީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ޕާޓީ. ފުރަތަމަ ޑީ.އާރު.ޕީ. އެއާއެކީ ޕީ.އޭ. ދެން ޑީ.އާރު.ޕީ. އާއި ޕީ.އޭ.އާ ގުޅިގެން. އަދި އެވަރުން ނުފުދިގެން އެކަންކަން އަޅުގަނޑު މިދެންނެވިހެން ހަމަ މިސްރާބެއްނެތި އެގޮތްމިގޮތަށް ދާންފެށީމާ، ދެން އަޅުގަނޑުމެން އުފެއްދީ ޕީ.ޕީ.އެމް.

އެހެންވީމާ، ޕީ.ޕީ.އެމް.އަކީ އުފެދުމުގައި ހަމަ ޕީ.އޭ ގޮތަށް، ޑީ.އާރު.ޕީ ގޮތަށް، މިދެންނެވިގޮތަށް އެމް.ޑީ.ޕީ.ގެ ފިކުރަށް އަޅުގަނޑުމެން ގޮންޖަހަން އަޅުގަނޑުމެންނަށް މަޖުބޫރުވީ. އޭރު ރައްޔިތުން ތިބި ހާލަތަށް ބަލާއިރު އަޅުގަނޑުމެންނަށް ރައްޔިތުންގެ ހާލަތު ލާޒިމުކުރީ، ނިޔާކުރީ މި ޕާޓީ އުފައްދަން. އެހެންވެގެން މި މަސައްކަތުގައި އަޅުގަނޑުމެން ކުރިއަށް މިދަނީ. އެ މަސައްކަތުގައި ކުރިއަށްދާއިރު، އަޅުގަނޑުމެންނެއް ގަބޫލެއްނުކުރަން، ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ގަބޫލެއްނުކުރަން، ޑިމޮކްރަސީއަކީ އެފަހަރަކު އެބަޔަކު ބޭނުންގޮތަކަށް ތަރުޖަމާކުރަން އޮންނަ އެއްޗެއް ކަމަކަށް. މިއަދު ދެކެވޭ އެންމެބޮޑެތި ވާހަކަތައް ޢަބްދުއްރަޙީމް އެ ވިދާޅުވީ. އަޅުގަނޑު ހަމަ ހުރިހާ ވާހަކައަކަށް ރުޖޫޢަވާކަށްނެތިން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލާނަން.

ޑިމޮކްރަސީއަކީ، ތަނެއްގައި އޮންނަ ނިޒާމެއް. ސިޔާސީގޮތުން ކަންކަން ނިންމުމުގައި ޑިމޮކްރަސީ ބުނާ ވާހަކައަކީ، ގިނަ ބައެއްގެ ޚިޔާލު ހޯދާށޭ. ގިނަ ބައެއްގެ ޚިޔާލާއި، ގިނަ ބައެއްގެ ރައުޔުއަށް ކަންކަން ނިންމާށޭ. އެކަމަކު، ގިނަ ބައެއްގެ ޚިޔާލާއި، ރައުޔުއަށް ކަންކަން ނިންމާއިރު، އަޅުގަނޑުމެން މިދަނީ ހުދޫދުވެފައި އޮންނަ ކަންތައްތަކެއްގެ ތެރެއިން. އެ ހުދޫދުން ބޭރަކަށް އަޅުގަނޑުމެން ނުދާނަން. މިސާލަކަށް، ގިނަބައެއްގެ ޚިޔާލާއި ރައުޔު އަޅުގަނޑުމެން ނުހޯދާނަން، ދިވެހިރާއްޖޭގައި އޮންނަންވީ ކޮން ދީނަކަށްތޯ ބަލާކަށް. އެއީ، އަޅުގަނޑުމެންގެ ޑިމޮކްރަސީގައި، ދިވެހިރާއްޖޭގެ ޑިމޮކްރަސީގައި އަޅުގަނޑުމެން ކުރާނެކަމެއް ނޫން. އެހެންވީމާ، ހުދޫދުން ބޭރުގައި ހުންނަ ކަންކަމުގައި، އެއަކީ އަޅުގަނޑުމެން ރައްޔިތުންގެ ރައުޔު އޮންނަގޮތެއް ބަލާ ކަންކަމެއްނޫން. މިސާލަކަށް، އަޅުގަނޑު މިދެންނެވި މިސާލަކީ، ހަމަ މީގެ ވަރަށް ވަރުގަދަ މިސާލެއް. އެކަހަލަ ބޮޑެތި ކަންތައް އެހެރީ ބަދަލުނުކުރެވޭގޮތަށް، އަޅުގަނޑުމެން ޤާނޫނުއަސާސީއަށް ވިރުވައި އަޅާފައި. އެއަށް ބަދަލެއް ގެންނަ ކަމަށްވަންޏާ، މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި އެބަ ހޯދަންޖެހޭ. އެއީކީ އެއްވެސް އެއްޕާޓީއަކަށް ކުރެވޭނެ ކަމެއްނޫން.

އެހެންވީމާ، އެކަހަލަ ވަރުގަދަ އަސާސްތައް އެހުރީ އަޅުގަނޑުމެން އަސާސީގައި ލިޔެފައި. އެވަރުގަދަ އަސާސްތަކަކީ އޭގެ މައްޗަށް ބިނާވެ، އަޅުގަނޑުމެން ކޮންމެ ޕާޓީއަކުން ކަންކަން ކުރިޔަސް، މުޅި ރާއްޖެއާއި، މުޅި ޤައުމުގެ މަޞްލަޙަތަށް ބިނާކޮށް، އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން. އަޅުގަނޑުމެންގެ ފިކުރާއި، ތަފާތު ފިކުރުގައި ތިއްބަވާ ބޭފުޅުންވެސް، ޤައުމުގެ މަޞްލަޙަތުގެ ވާހަކަ ދައްކަވާކަމަށްވަންޏާ، އެ ދާއިރާއިން ބޭރަކަށް ވަޑައެއްނުގެންނެވޭނެ. އެކަމަކު މިއަދު އެބޭފުޅުންގެ އެކްސްޕީރިއެންސްގައި، އެބޭފުޅުންގެ ކޮންވީނިއަންސްގައި، އެބޭފުޅުންނަށް ފަސޭހަގޮތަކީ އެއީކަމަށްވާތީ، އަސާސީން ބޭރުން އެތައް ވާހަކައެއް އެބަ ދައްކަވާ. އަދި އަޅުގަނޑުމެންނާއެކީ ތިއްބަވާފައި، އަޅުގަނޑުމެންގެ ޕާޓީ ރަނގަޅުވެގެން އަޅުގަނޑުމެންނާ ގުޅިވަޑައިގެންނެވި ބޭފުޅުން، މިއަދު އަޅުގަނޑުމެންގެ ޕާޓީއިން ވަކިވެވަޑައިގެންފައި، އަނެއްކާވެސް މި ދައްކަވަނީ އެކަހަލަ ވާހަކަތަކެއް. އެހެންވީމާ، އުފެދުމުގައިވެސް އެބޭފުޅުންގެ ނެތް އެއްވެސްކަހަލަ ކޮމިޓްމެންޓެއް، ނޫނީވިއްޔާ ކޮންވިކްޝަނެއް. ނޫނީވިއްޔާ އެ ހުރި އުސޫލުގެމަތީގައި ހުރުމުގެ އެއްވެސްކަހަލަ ޤާބިލުކަމެއް ހުރެގެންނޫން މިއީ. އެފަހަރަކު ފަސޭހަވިގޮތަކަށް ވާހަކަ ދެއްކުން.

އަޅުގަނޑުމެންނަށް މިއަދު އަޑުއިވޭ، ބައެއް ބޭފުޅުން ވިދާޅުވާ ވާހަކަ. ކުރީގައި ރައީސް ނަޝީދާ ދޭތެރޭގައި ވަރަށް އިހާނެތިކޮށް އޭރު ވާހަކަ ދައްކަވަންޖެހިގެން ދެއްކެވުނު. އެކަމަކު މިއަދު އެބަ އަޑުއިވޭ އެލަވަތައް މުޅިން އެހެންގޮތަކަށް. އެއީ ތިމަންނާ ޒާތީކަމެއް އޮވެގެން ދެއްކި ވާހަކައެއް ނޫނޭ. އެއީ ސިޔާސީގޮތުން ދެއްކި ވާހަކައޭ. އެހެންވީމާ، އަޅުގަނޑުމެން ސިޔާސީގޮތުން، ބައެއްފަހަރަށް އަޅުގަނޑުމެން ކުދިންނަށް ޝަހާދަތްވެސް ކިޔައިދޭންޖެހޭނެ. އަނެއްބައިފަހަރު ދީނީގޮތުން އަޅުގަނޑުމެން ކުދިންނަށް ޝަހާދަތް ކިޔައިދޭންޖެހޭނެ. އެހެންވީމާ، އެކަހަލަ ވާހަކަ ދައްކަވާ ސިޔާސީ ލީޑަރުން މި އުޅުއްވަނީ. ހަމަ ބޮނބިކޮޅެއް އެއްލައިލީމާ، މި މާކަނޑުގައި ދަތުރުކުރާގޮތަށް މި ބޭފުޅުންގެ ދަތުރު މިހުރީ.

އެހެންވެގެން، މި ސާބިތުކަމާއެކީ އަޅުގަނޑުމެން ކުރިއަށްދާން މިޖެހެނީ. އެހެންވެގެން، އަޅުގަނޑުމެން ހަމަ ޑިމޮކްރަސީގެ ނިޒާމުގެ ވާހަކަ ދައްކާއިރުވެސް އަޅުގަނޑުމެން މިދައްކަނީ ޑިމޮކްރަސީގެ ނިޒާމު ދިވެހިރާއްޖޭގައި އަޅުގަނޑުމެން އުފުލަންވާނީ، އަޅުގަނޑުމެންނަށް އުފުލޭ މިންވަރަކަށޭ. ދޮންމީހުންގެ ޑިމޮކްރަސީގެ ނިޒާމު އަލިފުން ޔާ އަކަށް، ދިވެހިރާއްޖޭގެ ތައްގަނޑަކަށް ނުފެތޭނެ. އެހެންވީމާ އެ ވިސްނައިދެއްވާ ޒުވާން ކުދިންނަށް. އަޅުގަނޑުމެންނަކީ ހައްދެއް، ހުދޫދެއް، ނޫނީ އަނެކާގެ މިނިވަންކަމަށް އެރޭކަމެއް ނޭރޭކަމެއް ނުވިސްނައި، އަޅުގަނޑުމެން ބޭނުންކަމެއް ކުރަން ޙައްޤު އޮތް އެއްވެސް ރައްޔިތެއްނޫން ދިވެހިރާއްޖޭގައި މިއުޅެނީ. އަޅުގަނޑުމެންނަކީ ހުރިހާ އެންމެންގެ ޙައްޤުތަކަށް ޤާނޫނަށް ރިޔާއަތްކޮށް، ޤާނޫނުގައި ކަނޑައަޅާފައިހުރި ޙައްޤުތަކަށް ކޮންމެ މީހަކަށް ޖާގަ ދޭންޖެހޭ މީހަކަށްވޭ.

 އެހެންވެގެން އަޅުގަނޑު އަންހެން ބޭފުޅުންގެ މިސާލު މި ނެގީ. ކީއްވެގެންހޭ އަންހެނުން މުޖުތަމަޢުގައި ހަވާސާވާންޖެހެނީ؟ ޤާނޫނެއްގައި ލިޔުނީމަކާނޫނޭ އަންހެނުންނަށް ޙައްޤު ލިބެނީ. އަންހެނުންނަކީ، އަޅުގަނޑުމެންގެ ނަސްލު އަޅުގަނޑުމެން ބަލާކަމަށްވަންޏާ އިންސާނީ ނަސްލުގެ އެއްބައި. އަދި މިއަދު ތަފާސް ހިސާބު ނިޔާކުރާގޮތުން ވެއްޖިއްޔާ، އަންހެނުން ދިވެހިރާއްޖޭގެ ފިރިހެނުންނަށްވުރެ ގިނަދުވަހު ދުނިޔޭގައިވެސް ތިބޭ. ދިވެހިރާއްޖޭގައި އޮތް ފިރިހެނުންގެ އާބާދީއަށްވުރެ އަންހެނުންގެ އާބާދީ އިތުރުވެސްމެ. އެހެންވީމާ، އެބޭފުޅުންނާ ނުލައި އަޅުގަނޑުމެން ކޮންކަމެއް ކުރާނީ؟

އެހެންވީމާ،  މިކަހަލަ ކަންކަމަކީ، އަޅުގަނޑުމެން ހިތުގެ އަޑިން އެކަންކަން ގަބޫލުކުރާތީ ކުރާ ކަންތައްތައް. މިކަހަލަ ކަންކަމަކީ، ޤާނޫނު ހަދާ މީހުން ދެލިން ލިޔެފައި އޭގައި ސޮއިކުރީމާ، އޭގެ ނަތީޖާއެއް ނުނުކުންނާނެ. ސޮއިކުރީމާ ނަތީޖާ ނެރެންއުޅޭ މީހުން މިއަދު، އެ އަސާސީގައި ހުރި ވާހަކަތައް އިދިކޮޅަށް އެ ދައްކަނީ. އެހެންވީމާ އަބަދުވެސް ވިސްނަންޖެހޭނީ، ސިޔާސީ ލީޑަރުންގެ ގޮތަށް އަންނަ މީހުންގެ ސާބިތުކަން ހުރި މިންވަރާ ދޭތެރޭގައި.

އަޅުގަނޑުމެން އަޅުގަނޑުމެންގެ ޕާޓީއަށް މަރުޙަބާ ދަންނަވައި ރަނިންގމޭޓަކަށް ޑޮކްޓަރ ޝަހީމް ނެގީ. މިއޮއްހާ ދުވަހު ޑޮކްޓަރ ޝަހީމަކީ، ޢިލްމުވެރިންގެ ތެރޭގައި، ފުންނާބު އުސް، ދިވެހި ރައްޔިތުންގެ ގިނަބަޔަކު ބަލައިގަންނަ ބޭފުޅެއް. އެބޭފުޅަކާ ދޭތެރޭގައި، އަޅުގަނޑުމެން އެންމެން ކަމޭހިތާ، އިޙުތިރާމުކުރާ ބޭފުޅެއް. އެކަމަކު ހަމަ ސިޔާސީ ބޭނުމަށްޓަކައި އެކަނި، އެބޭފުޅާގެ ޝަޚްޞު ކަތިލުމުގެ ކޮން ޙައްޤެއްތޯ އަޅުގަނޑުމެންނަށް އޮތީ؟ އަދި ޝަހީމާއެކީ ދިނީ ޢިލްމުވެރިންތަކެއް ތިއްބެވީމާ، އެ ހުރިހާ ޢިލްމުވެރިންގެވެސް ޝަޚްޞު ކަތިލަންޖެހޭ. އެކަމަކު، ހަމަ އެ މީހުން ދިރިއުޅޭ ރަށްރަށުގައި ރަމަޟާން މަހު، ނޫނީ އެހެން މަހެއްގައިވެސް، ވާޢިޒުންގެ ގޮތުގައި މި ބޭބޭފުޅުން ގެންނަވަން ހަމަ ފައްކާ. ހަމަ ރަނގަޅު. އެކަމަކު، މިއަދު ސިޔާސީ މަސައްކަތް ކުރައްވަން ޑޮކްޓަރ ޝަހީމަށް އަޅުގަނޑު ދަޢުވަތު އެރުވީ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ އިސްލާމްދީނަށް ދޭ ޤަދަރާއި އިޙުތިރާމު ބޮޑުކަމުން. އެހެންވީމާ، އެކަން ނައިބު ރައީސެއްގެ ގޮތުގައި ކޮށްދެއްވޭނެ، މިވަގުތު ހުންނެވި އެންމެ ޤާބިލު ބޭފުޅެއް ކަމަށް އަޅުގަނޑު ޑޮކްޓަރ ޝަހީމް ގަބޫލުކުރާތީ. އެހެންވީމާ، އެކަމަށް އެމަނިކުފާނު އަޅުގަނޑު އިޚްތިޔާރު ކުރީމާ، މިހާރު އެމަނިކުފާނުގެ ޝަޚްޞު ކަތިލަން މި ދިމާކުރަނީ.

މިއީ އަޅުގަނޑުމެންގެ ހާލަތު މިއަދު. މިއީ ޑިމޮކްރަސީގެ ކޮން މިސާލެއްތޯ؟ މިއީކީ ޑިމޮކްރަސީގެ މިސާލެއްނޫން. މި ހުންނަނީ ހަމަ އެންމެ ވިޔާނުދާގޮތަށް ކަންކަން ކުރާ މީހުން ކަންކަން ކުރާގޮތް. ދެން ދީނުގައި މިކަން އޮންނަގޮތާ ބެހޭގޮތުން، އިލްމުވެރިން މިވާހަކަފުޅު ދެއްކެވީމާ، އެއީކީ އަޅުގަނޑުމެންގެ ސިޔާސީ ފަރާތްތަކުން، ނޫނީ އިދިކޮޅު ފަރާތްތަކުން އަޅާލަންޖެހޭ، ނޫނީ ކަހާލަންޖެހޭ ކަމަކަށްނުވޭ. އެކަމަކު އަޅުގަނޑުމެން އެންމެން ގަބޫލުކުރަން، އަޅުގަނޑުމެން ތިބެންޖެހޭނީ އިސްލާމްދީނުގައި ކަމަށް. އަނެއްކާ އަޅުގަނޑުމެން އެންމެން ގަބޫލުކުރަން، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަދީގެންވެސް ނުވާނެކަމަށް. އެކަމަކު މިކަހަލަ ކަންކަމާ ދޭތެރޭގައި،  ވާހަކަ ދައްކާއިރު ހަމަ މި އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުން، އެބޭފުޅުންނަށް ފެނިވަޑައިގެންނެވި  ގޮތަކަށް، އެފަހަރަކު ކިޔަން ބޭނުންވި ރާގަކަށް އެބޭފުޅުން ލަވަ ވިދާޅުވާނެ.

އެކަމަކު، މިއަދުވެސް އަޅުގަނޑު ބުނީތީވެސް ތިޔަބޭފުޅުން ބައްލަވައިލައްވާ! މިހާރުވެސް ދީނީ ޢިލްމުވެރިޔަކު އެމް.ޑީ.ޕީ.ގެ ނައިބު ރައީސަކަށް އިޚްތިޔާރުވެބަލަ. ކޮންމެވެސް ސަބަބަކާހުރެ އިޚްތިޔާރު ކޮށްބަލަ. ހަމަ މި ޝަހީމްގެ އަބުރު، ނޫނީ ޝަޚްޞު ކަތިލި މީހުން، އޭގެ އަނެއްކޮޅަށް މިލަވަ ކިޔާނެ. އެހެންވީމާ، އެކަހަލަގޮތަކަށް އަޅުގަނޑުމެންގެ ސިޔާސީ ކަންކަން މި އޮންނަނީ. އެކަމަކު މިރަށްރަށުގައި ތިބި ރައްޔިތުން ގަބޫލުކުރަންޖެހޭ ކަމެއް، މިހިސާބުގަނޑުގައި އުޅޭ ރައްޔިތުން ގަބޫލުކުރަންޖެހޭ ކަމެއް، މިތަންތަނަށް  އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ދީނާއި، އަޅުގަނޑުމެންގެ ރާއްޖޭގެ މަޞްލަޙަތާއެކީ އަޅުގަނޑުމެން ދެން ބަލަންޖެހޭނީ ތަރައްޤީ. ރަށްރަށަށް ބޭނުންވެފައި ހުރި ތަރައްޤީގެ ވާހަކަ އަޅުގަނޑުމެން ދައްކަންޖެހޭނީ. އަޅުގަނޑުމެން ތަރައްޤީ ކުރަމުންދާއިރު، ދެން އަޅުގަނޑުމެން ވިސްނަންޖެހޭނީ އިތުރު ތަރައްޤީ ހޯދަން. އެއާއެކީ، ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދެވޭނީ ކިހިނެއްތޯ. ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދޭނެ މިސާލެއް އަޅުގަނޑުގެ ޚިޔާލަކު ނެތް. އެއީ، ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދޭ ކަމަށްވަންޏާ، އަޅުގަނޑުމެން މި ދައްކަނީ އިއްޔެގެ ރައްޔިތުންނާއި، މިއަދުގެ ޒުވާނުންނާއި، މާދަމާ ޒުވާނުންނަށް ވާންތިބި ރައްޔިތުން. އެހެންކަމަށްވަންޏާ މި ދައްކަނީ، ދޮށީ ރައްޔިތުންގެ ޞިއްޙަތާއި، ދޮށީ ރައްޔިތުންނަށް ލިބޭ އާމްދަނީއާއި، މިއަދުގެ ޒުވާނުންނަށް ލިބެންވާ ފުރުޞަތާއި، މިއަދު ތަރުބިއްޔަތުވަމުންދާ ކުޑަކުޑަ ކުދިންނަށް ލިބެންވާނެ ތަރުބިއްޔަތުގެ ވާހަކަ. އެއީ މި ދެންނެވިގޮތަށް މުޅިތަން ރަނގަޅުކުރަން، މުޅި ރައްޔިތުންގެ ކުރިމަގަށް މަސައްކަތްކުރާ ބަޔަކަށް ހަމައެކަނި، އެއްގިންތިއެއްގައި ވާހަކަދައްކާލާފައި ފުއްދައިލެވެންނެތީ. 

އަޅުގަނޑުވެސް ވާހަކަކޮޅު ކުރުކޮށްލާނަން. އެކަމަކު އަޅުގަނޑު ވާހަކަކޮޅު ކުރުކޮށްލާފައި ދަންނަވާނަން. އަޅުގަނޑު މިދެންނެވީ ރާއްޖޭގައި ހިމެނޭ ގިންތިތައް. ދޮށީ ރައްޔިތުން ތިއްބަވާނެ. ޒުވާނުން ތިބޭނެ. ހަރުއުމުރުގެ މީހުން ތިބޭނެ. ދެން ތިބޭނީ ތަރުބިއްޔަތުގެ އެންމެ ޅަފަތުގައި ތިބި ތުއްތުކުދިން. އެ ތުއްތުކުދިންގެ އުމުރު 18 އަހަރާ ހަމައަށް އަޅުގަނޑު ގެންދާނަން. މިއީ ރާއްޖޭގެ ތިން ގިންތިއަކީ. މި ގިންތީގެ އުމުރުފުރައަކީ. މި ގިންތީގެ ތެރޭގައި ތިބޭނެ އަންހެން ފިރިހެން. އެހެންވީމާ، މިހާތަނަށް އެ މީހުންނަށް ދެވިފައި ހުރި ޚިދުމަތްތަކާއި، މީގެކުރީގައި އެމީހުންނަށް ނުދެވި ދޫކޮށްލެވިފައި ހުރި ޚިދުމަތްތަކަށް ބަލާކަމަށްވަންޏާ، ހަމަ އަޅުގަނޑު ދިވެހި ރައްޔިތުންނަށް ދަންނަވާލާނަން، މިކަންކަން ދެންވެސް ކުރިއަށް ގެންގޮސްދޭން، ރައީސް ޔާމީން ނޫން އެހެން ޗޮއިސްއެއް އެބައޮތްތޯ؟ ރައީސް ޔާމީން ނޫން މީހަކު އިޚްތިޔާރު ކުރެވެން އެބައޮތްތޯ؟

ހަމަހަމަކަމާއެކީ ހުރިހާ ގިންތިތަކަށް ލިބެންވާ ރައްކާތެރިކަމާއި، ކުރިއެރުމާއި، ފާގަތިކަމާއި، އުފަލާ، އަޅުގަނޑުމެންގެ މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ގެނެސްދީފީން. އެހެންވެގެން މިރަށުންވެސް އަޅުގަނޑަށް މަރުޙަބާ ތިޔަ ވިދާޅުވީ. އެހެންވެގެން އަޅުގަނޑު މިދަނީ. އަޅުގަނޑު މިދަނީކީ އެއްގޮތަކަށްވެސް، އިއްޔެއަކު އިހަށްދުވަހަކު ނިންމާފައި ހުރި މަޝްރޫޢުތަކެއް ހުޅުވާކަށްނޫނޭ. އަޅުގަނޑުގެ މަސައްކަތް ބޮޑުވެގެން މިދިޔައީ، މި ހިނގައިދިޔަ ފެބުރުވަރީ މަހުގެ ތެރޭގައި ހިނގި ހަނދުކޭތައާ ގުޅިގެން، އަޅުގަނޑު ރަށު ބަންދަށް ބަދަލުވީ. އެހެންނަމަވެސް، އަޅުގަނޑު ރަށު ބަންދުން ވީއްލުނީމާ ބަލައިލިއިރު ފެނާއި، ނަރުދަމާ، މަގު ހެދުން، ބަނދަރު، މިހެން ހުރި ބޮޑެތި ބިޔަ މަޝްރޫޢުތައް ސާޅީހަކަށް ރަށުގައި ރާއްޖޭގެ އެކި ހިސާބުގައި އެބަހުރި. ރަސްމީކޮށް ރައީސަށް ގޮސް ހުޅުވައިނުދެވޭތީ، ރަސްމީކޮށް ނުހުޅުވި. އެހެންނަމަވެސް، ޚިދުމަތް ލިބެމުން އެބަދޭ. އެހެންވީމާ، އަޅުގަނޑުމެން ކުރަމުންދާ ދަތުރެއް މިއީ. މިއީ އެއްގޮތަކަށްވެސް މުލަކަކަށް އައިސް ކުރާ ސިޔާސީ ދަތުރެއްނޫން މިއީކީ. ސިޔާސީ ވާހަކަ ދައްކަން އައި ދަތުރެއްނޫން. ޝައްކެއްވެސްނެތްގޮތުގައި، މުލަކުގައި ނަރުދަމާ ނިމިގެންދާއިރު، މި އުފަލުގައި ބައިވެރިވުމަކީ އަޅުގަނޑަށްވެސް ލިބޭ އުފަލެއް.

 އެހެންވީމާ، އަޅުގަނޑު މިކުރާ ދަތުރަކީ ޙަޤީޤަތުގައިވެސް މީގެ ކުރީގެ ސަރުކާރު ނުކުޅެދިފައި ތިބެގެން، ތަކުލީފަކަށް ވެގެންތިބެގެން ރާއްޖޭގައި ނުދެވިހުރި ޚިދުމަތްތަކެއް މި ފަސް އަހަރުގެ ތެރޭގައި ދެވިފައި، އެ ޚިދުމަތްތައް ރައްޔިތުން އެންޖޯއި ކުރާތަން، ނޫނީ އެ ފަސޭހަ ރައްޔިތުންނަށް ލިބިގެންދާއިރު، ރައްޔިތުންގެ އެ އުފަލުގައި ބައިވެރިވާން ދާ ދަތުރެއް. އަޅުގަނޑުގެ މި ދަތުރަކީ އެއްގޮތަކަށްވެސް، މާލެއިން ފުރައިގެން އެންމެ ކައިރި އަތޮޅަށް ދަނީކީވެސް ނޫން. ފުރަތަމަ އަޅުގަނޑު ދިޔައިން މާލެއަތޮޅަށް، ފަސޭހަ. ދެން އަޅުގަނޑު ދިޔައީ ކޮންތާކަށްތޯ؟ ދެން އަޅުގަނޑު ދިޔައީ ށ. އަތޮޅަށް. މިއަދު މިއައީ މުލަކު އަތޮޅަށް. މެދުރާއްޖެތެރެއަށް. މިއަންނަ ހަފުތާގައި އަޅުގަނޑު ފުރަނީ ކޮންތާކަށް؟ އެންމެ އުތުރަށް.
ހއ. އަށް. އެހެންވީމާ، މިކަހަލަ ތަރުތީބެއް މިއޮތީ. އެއީ ހަމަ ނިންމާފައި ހުރި މަޝްރޫޢުތައް.  

ރަށްރަށުގައި މިހިނގާ ތަރައްޤީގެ މި މަޝްރޫޢުތަކުގައި އެންމެ އިސް މޭސްތިރިންގެ ގޮތުގައި ތިއްބެވި ދެ ވަޒީރުން މިތާ މިތިއްބެވީ. މުޢިއްޒާއި ޠާރިޤާ. އެންމެ ގިނައިން މިދަނީ ބަނދަރާއި، ފެނާއި، ނަރުދަމާއާއި މަގުހެދުމާ، މިކަހަލަ ކަންކަން މިދަނީ. އެހެންވީމާ، އެބޭފުޅުން އަޅުގަނޑާއެކީ މި ދަތުރުކުރައްވަނީ. އަދި ހަމަ އެއާއެކީ ޚިދުމަތްތެރިންގެ ގޮތުގައި މި މަސައްކަތް ކުރައްވާ ކުންފުނިތަކުގެ ވެރިން މި ވަޑައިގަންނަވަނީ. އޭގެ ތެރޭގައި އެމް.ޑަބްލިޔޫ.އެސް.ސީ. އޭގެތެރޭގައި ފެނަކަ. ހަމަ އޭގެތެރޭގައި އެމް.ޓީ.ސީ.ސީ. މި ތަންތަނުގެ އިސްވެރިން މި ވަޑައިގަންނަވަނީ. އެހެންވީމާ، ރަށްރަށުގެ ބޭފުޅުން މިހާރު އެންމެ ފަރިތަފުޅުވާނެ ބޭފުޅުންގެ ތެރޭގައި ހިމެނޭނީ ޠާރިޤާއި، މުޢިއްޒާއި، ފަޒުލްއާއި، ޒިޔަތާ، މިކަހަލަ ބޭފުޅުންކޮޅެއް. އަދި ލަމްމާން ކަހަލަ ބޭފުޅުންކޮޅެއް. އެހެންވީމާ، އަޅުގަނޑުގެ ޓީމަކީ މުރާލިކަމާއެކީ، އަވަދިނެތި މަސައްކަތްކުރާ ބައެއް.

އެހެންވީމާ، މިއަދުވެސް އަޅުގަނޑު ދަންނަވާލާނަން، ދެންވެސް ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރާނީ އަޅުގަނޑުމެން. އެހެން މީހުންނަށް ޖެހޭނީ ހަމައެކަނި މައްސަލަ ހުރި ވާހަކަ ދައްކާލަން. މައްސަލަ ހުރި ވާހަކަ ދައްކާފައި، އެމައްސަލަ ޙައްލު ނުކުރެވޭނެ ކަމަށް ބުނާނެ. ބްރިޖްގެ މިސާލުން ފުއްދަވައިލައްވާ! ދުނިޔޭގެ ކޮން އިންޖިނިއަރިންގ ޓެކްނޮލޮޖީއެއްތޯ ހުރީ އެއޮތް ފުން ކަނޑު، އެއޮތް އޮއިގަދަ ކަނޑުގައި ބްރިޖް އެޅޭނެ. ކާކު ދައްކާ މޮޔަ ވާހަކައެއްހެއްޔޭ! މިއީ ނޫންތޯ، އެ ފަލްސަފާގެ އިސްބޭފުޅުން ދެއްކެވި ވާހަކައަކީ. އެހެންވީމާ، އެވަރުން ފުދޭނޫންތޯ؟

އެހެންވީމާ، ކަންކަން ކުރައްވަން އެބޭފުޅުންނަށް ދަތިފުޅިއްޔާ، ކީއްކުރަންތޯ ރައްޔިތުންގެ ޚިދުމަތްތެރިންނަށް ވާން އެންމެ އިސް ގޮނޑި ހޯއްދަވަން އެއުޅުއްވަނީ؟ ހަމަ މާ ރަނގަޅުވާނެ، އިދިކޮޅުގައި ތިއްބަވައިގެން ފާޑުވިދާޅުވާން ތިއްބެވިއްޔާ. އޭރުން އަޅުގަނޑު ކުރާ ކޮންމެ ކަމަކަށް ވިދާޅުވާނެ، ތިކަން މިއަށްވުރެން ރަނގަޅަށް ކުރެވޭނެއޭ. ދަރުމަވަންތަ ހޮސްޕިޓަލަށްވެސް ވިދާޅުވާނެ، ތިއަށްވުރެ މާ އަގުހެޔޮކޮށް ހެދޭނެއޭ. ބްރިޖްވެސް މިއަށްވުރެ މާ އަގުހެޔޮކޮށް ހެދޭނެއޭ. އެއަރޕޯޓްވެސް މިއަށްވުރެ މާ އަގުހެޔޮކޮށް ހެދޭނެއޭ. އެހެންވީމާ، އެވާހަކަ ދައްކަވަން އެބޭފުޅުން ތިއްބެވުން އެއީ، ޙަޤީޤަތުގައި އެބޭފުޅުންގެ ޙައްޤު މަޤާމު. އަޅުގަނޑުގެ މަސައްކަތުގައި ރައްޔިތުން ގޮވައިގެން ކުރިއަށް ދިޔުމަކީ އަޅުގަނޑު ކުރާނެ މަސައްކަތް. އެކަމުގައި ﷲގެ ތައުފީޤާއެކީ، ތިޔަބޭފުޅުންގެ ވާގިވެރިކަން އަޅުގަނޑު މި އެދެނީ.

 ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަބަދުވެސް މިދާއިރާއަށް އައުމަކީ، ތިޔަބޭފުޅުންނާ ބައްދަލުކުރުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް. އަޅުގަނޑަށް ލިބޭ ޝަރަފެއް. މި ގޮނޑިން ދޮގެއްތޯ އަޅުގަނޑު ރައްޔިތުންގެ ޚިދުމަތަށް، އެންމެ އުސްގޮނޑިއާ ހަމައަށް މިދިޔައީ. އެހެންވީމާ، މި ޝަރަފާއެކީ ތިޔަބޭފުޅުން އޭރު ދެއްވި އިތުބާރު، ވަރުގަދަ ކޮށްދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުމެންގެ މަސައްކަތުގައި މާތްﷲ ބަރަކާތް މިންވަރު ކުރައްވާށި! 

والسّلام عليــكم ورحـمــة اللّـه وبـركاتـه.