بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحانه وتعالى އަށް ޙަމްދުކޮށް، ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަވަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.

ދިއްގަރުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި ކައިރި ރަށްރަށުން މި އިޙްތިފާލަށް ވަޑައިގެންނެވި ބޭފުޅުން، އަޅުގަނޑާއެކީ މި ދަތުރުގައި ވަޑައިގަންނަވާ އެންމެހާ ބޭފުޅުން!

السّلام عليــكم ورحـمــة اللّـه وبـركاتـه

އާދެ، ދެ ހާހެއްހާ މީހުން އުޅެމުންދާ އާބާދީއަކަށް މިއަދު މިއީ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް އުފާވެރި ދުވަހެއް. މިއަދު އުފާވެރި ދުވަހަކަށް ވެގެންމިދަނީ، މިދެންނެވި ކަހަލަ، މިދެންނެވި ވަރުގެ އާބާދީއަކަށް ބޭނުންވާ ހުރިހާ އަސާސީ ފަސޭހަތައް ތިޔަ ބޭފުޅުންނަށް ފުދި ނިމިގެންދިޔަ ދުވަހަކަށް މިއަދު ފާހަގަކުރެވޭތީ. މީގެ ކުރީގައި ފެނުގެ ނިޒާމު މިވަނީ ޤާއިމުކޮށްދީފައި. އޭގެ ފަސޭހަ ތިޔަބޭފުޅުންނަށް ލިބެމުންދޭ.

މިއަދު މި އިފްތިތާޙު ކުރެވުނީ ނަރުދަމާގެ ނިޒާމު. އޭގެ ފަސޭހަވެސް ތިޔަ ބޭފުޅުންނަށް ލިބިގެން މިދަނީ. އަދި އެހެންމެ، ފަސޭހަ، ބޮޑު ބަނދަރެއްގެ އުފާވެރިކަމާއި ފަސޭހަކަންވެސް ތިޔަ ބޭފުޅުންނަށް ތަނަވަސްވެގެން މި ދިޔައީ. اللّـه ގެ ރަޙުމަތަށް އަޅުގަނޑުމެން ޝުކުރުކުރުމަކީ، ކުރަންޖެހޭ ކަމެއް.

އާދެ، މި އުފާވެރި ޙަފްލާގައި ތިޔަ ބޭފުޅުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ޚާއްޞަ ޝަރަފެއް. އަދި އެއާއެކީ ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑާ ދޭތެރޭގައި އޮތް އިޙްތިރާމް، ނޫނީވިއްޔާ އޮތް އޯގާތެރިކަން އަޅުގަނޑަށް ފެނިގެންދިޔައީ އަޅުގަނޑުގެ އިސްތިޤްބާލުގައި ތިޔަ އެންމެ ބޭފުޅުން ތިއްބެވި ތިއްބެވުމުން. އަދި ހަމަ އެހެންމެ، މިތާ ޖަލްސާ ހުށަހަޅުއްވައިދެއްވަމުން، ދިއްގަރުގެ ފަރާތުން، ދިއްގަރުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑާ ދޭތެރޭގައި ވިދާޅުވި އޯގާތެރި ބަސްފުޅުތަކުން. އަދި އަޅުގަނޑުގެ ވާހަކަ ކުރިއަށްދާނީ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އެންމެހާ ބޭފުޅުން އަޅުގަނޑާ ދޭތެރޭގައި އެ ބެހެއްޓެވި ގާތްކަމާއި ހަދިޔާކުރެއްވި ދީލަތި ބަސްފުޅުތަކަށް އެ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން.

އާދެ، އުފާވެރި ދުވަހެއްގައި، އުފާވެރި ބަޔަކާއެކީ ހުރެ އަޅުގަނޑުވެސް ހަމަ އުފާވެރި ވާހަކަތަކެއް ދައްކަންޖެހޭނެ. އެ އުފާވެރި ވާހަކަތައް ދައްކާއިރު، އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ދިރިއުޅުމަކީ، އެކަމާ ދޭތެރޭގައި ވިސްނާލަންޖެހޭ ކަމެކޭ. އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނާލަންޖެހެޔޭ. އަޅުގަނޑުމެންގެ ހުރިހާ ކަމަކީ، އަޅުގަނޑުމެން ތަރުތީބުކުރާ އުސޫލުން ގޮސްނިމިދާ ކަންކަމެއްނޫން. އަޅުގަނޑުމެންގެ ޙަޔާތުގެ ހުރިހާ ދުވަހަކީ، އެއްވެސް މީހަކަށް އަބަދުމެ އުފާވެރިކަން ލިބޭ ދުވަހެއްނޫން. އެހެންނަމަވެސް، އުފާވެރިކަމުގެ ވަގުތުގައި އަޅުގަނޑުމެން ﷲ ހަނދުމަކުރަންވާނެ. އަޅުގަނޑުމެން ﷲ އަށް ޝުކުރު ދަންނަވަންވާނެ. ނިޢުމަތްތަކަށް ޝުކުރުވެރިވާންވާނެ. ހިތްދަތިކަމާއި ދަތިކަމުގައި އުޅޭއިރުވެސް ﷲ މަތިން ހަނދާންކުރަންވާނެ. އަދި އެކަންކަމުން އަޅުގަނޑުމެން ސަލާމަތްކުރައްވާތޯވެސް އަޅުގަނޑުމެން ޚިޔާލަށް އަންނަންވާނެ.

ދިއްގަރަށް އައިސް، މިގޮތަށް ރައްޔިތުންނާ ބައްދަލުކޮށް، އަޅުގަނޑު ވަރަށް މަސައްކަތްކުރިން، މީގެކުރީގެ ދުވަސްތަކެއްގައި ފެނުގެ ނިޒާމު ޤާއިމުވުމުގެ ކުރިން އަޅުގަނޑު އައިސް ދިއްގަރުގެ ރައްޔިތުންނަށް، އޭރުއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބޭފުޅަކު ހޮވައިދޭން ވަރަށް މަސައްކަތްކުރިން. އާދެ، އަޅުގަނޑުގެ އަޚު، ފާރިޝް މައުމޫން ހޮވައިދޭން ވަރަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ދެންނެވީމު. އަދި އެއާއެކީ، އެކަމުން ދިވެހި ސަރުކާރުން ދިއްގަރާ ދޭތެރޭގައި ޚާއްޞަ ގާތް ގުޅުމެއް ބަހައްޓާނެކަމަށްވެސް، އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދެންނެވީމު.

ޝައްކެއްވެސްނެތްގޮތުގައި، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް އެ އެދުނު ކަންތައް ފުއްދަވައިދެއްވީމު. އަދި ހަމަ އެހެންމެ، ދިއްގަރާ ދޭތެރޭގައި މި ސަރުކާރަކީ އަޅާލާ ސަރުކާރެއްކަން އަޅުގަނޑުމެން ދައްކައިދީފީމު. ޢަބްދުއްރަޙީމުގެ ވާހަކަފުޅުގައިވެސް، މިނިސްޓަރ ޠާރިޤު، މިނިސްޓަރ މުޢިއްޒުގެ ވާހަކަފުޅުގައިވެސް އަޅުގަނޑުމެންނަށް މިކަންކަން އޮޅުންފިލައި ހިނގައްޖެ. ދިއްގަރަކީ، ދައުލަތުން މިއަދުގެ ސަރުކާރުން އަޅާލާ ރަށެއް. މިދެންނެވި ވަރުގެ އާބާދީއަކަށް ބޭނުންވާ ހުރިހާ އަސާސީ ފަސޭހަތައް މި ރަށުގައި މިއޮތީ ހަމަޖެހިފައި. މިދެންނެވި ވަރުގެ އާބާދީއަކަށް އަދިވެސް މި ރަށަށް ހަމަޖެހިފައި ހުރިވަރަށް، މިދެންނެވި ކަހަލަ ފަސޭހަތައް ހަމަނުޖެހިހުރި ރަށްރަށް މަދެއްނޫން.

އެހެންނަމަވެސް، އަޅުގަނޑުމެން ހުރިހާ ރަށެއްގައިވެސް ބޭނުންވާ ބޭނުންތަކެއް ހުންނާނެ. ދިއްގަރަށް މި ސަރުކާރުން އަޅާލާ ވާހަކަ ދަންނަވަން، އަޅުގަނޑު ހަމަ ހިސާބު އަދަދެއް ދަންނަވާނަން. ދިއްގަރަށް 2013 ގެ ކުރިން ހިނގައިދިޔަ 5 އަހަރު، ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި ދިއްގަރަށް އޮތީ މުޅި ޖުމުލަ 8 މިލިއަން ރުފިޔާ ހޭދަކުރެވިފައި. މިއީ 2013 ގެ ކުރީގައި ހިނގައިދިޔަ 5 އަހަރު ދިއްގަރަށް ކުރެވިފައި އޮތް ހޭދަ. 2013 އާއި، ފަހުން މި އައި 5 އަހަރުގެ ތެރޭގައި، 4 އަހަރު ބައި، ނޫނީ 5 އަހަރު ވެގެން މިދަނީ. މިދެންނެވި ކަހަލަ މަޝްރޫޢުތައް ނިމިގެން ދިޔުމާއެކީ، ދިއްގަރަށް އޭރު ހޭދަކުރެވިފައި އޮތީ އަދި 8 މިލިއަން. މިއަދު އަޅުގަނޑުމެން އުފަލާއެކީ ދަންނަވަނީ 115 މިލިއަން ރުފިޔާ މިއޮތީ ހޭދަކޮށްފައި.

އެހެންވީމާ، މިކަމުން ދައްކައިދޭ، ދިއްގަރަކީ މި ސަރުކާރުން އަޅާލާ ރަށެއްކަން. އާދެ، މ. އަތޮޅަކީ، އަޅުގަނޑުމެންގެ ސަރުކާރަށް ވަރަށް ޚާއްޞަ އަތޮޅެއް. މ. އަތޮޅުގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބު، 2014 ވަނަ އަހަރާ ހަމައަށް އައިއިރު، މ. އަތޮޅަކީ، އޭރުއޮތް ސަރުކާރު، އެމް.ޑީ.ޕީ. ސަރުކާރުން އެންމެ ޖެހިލުންވި އަދި އެންމެ ސަމާލުކަންދިން އަތޮޅު. މ. އަތޮޅުގެ މި ދާއިރާއިން ވާދަކުރެއްވީ އަޅުގަނޑުގެ އަޚު އަޙްމަދު ނާޒިމް. އަނެއް ދާއިރާއިން، މުލަކު ދާއިރާއިން ވާދަކުރީ އަޅުގަނޑު. އެހެންވީމާ، އަޅުގަނޑުމެން ދެމީހުން އެކުވެގެން މަޖިލީހުގައި ތިބުމަކީ، އޭރުގެ ސަރުކާރުން އެހާ ބޭނުންފުޅުވި ކަމަކަށްނުވޭ. އެހެންވީމާ، ވަރަށް ގިނަ މަސައްކަތް ކުރެވުނު، މި ދާއިރާއިން، ދިއްގަރު ދާއިރާއިން އަޙްމަދު ނާޒިމު ހޮވުނަނުދޭން. އަދި ހަމަ އެހެންމެ، މުލަކު ދާއިރާއިން އަޅުގަނޑު ހޮވުނަނުދޭން. ދެން ސިޔާސީ ވާދަވެރިކަމެއްގެ ތެރޭގައި މިއީ ހަމަ ކުރުން ޖާއިޒު ކަންކަން. މިކަންވާނެ، މިގޮތަށް. އެހެންނަމަވެސް، އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކުރީ، އޮތް ވަރުގަދަ ސަރުކާރެއްގެ އެހާވަރަށް އަޅުގަނޑުމެން ނެގިއަނުދޭން މަސައްކަތް ކުރިއިރުވެސް، އަޅުގަނޑު މަސައްކަތްކުރީ ރައްޔިތުންގެ އިޚުލާޞްތެރިކަން ހޯދަން. ރައްޔިތުންގެ ހިތުގެ ލޯބި އަޅުގަނޑުމެންނަށް ޙާޞިލު ކުރެވޭތޯ ބެލުމަށް. އެ ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ، މި ދާއިރާއަށް އަޙްމަދު ނާޒިމް ހޮވިގެން އައުން. އަދި މުލަކު ދާއިރާއިން، ރައްޔިތުންގެ މަޖިލީހުގެ އެންމެފަހު ދައުރެއް އަޅުގަނޑުގެ ޙަޔާތުގައި އަދާކުރުމަށް، މުލަކު ދާއިރާގެ ގޮނޑި އަޅުގަނޑަށް ރައްޔިތުން ދެއްވިދެއްވުން. މިކަންކަން ވެގެންދިޔައިމާ، މި އައި ނަތީޖާ މި ދެންނެވީ. މިކަންކަން ވެގެންދިޔުމަކީ، މި ދާއިރާއާ ދޭތެރޭގައި މުލަކު ދާއިރާއަށް ބަލައިލި ކަމުގައިވީނަމަވެސް، ދިއްގަރު ދާއިރާއަށް ބަލައިލި ކަމުގައިވީނަމަވެސް، 2013 ގެ ކުރިން އޮތް ޒަޢާމަތުން އިހުމާލުކޮށްލެވިފައި އޮތް، ދެ ރަށް، ނޫނީ ދެ ދާއިރާ. އެ ސަބަބަށްޓަކައި ދިއްގަރަށް އެންމެ އަށެއްކަ މިލިއަން ރުފިޔާ ހޭދަވެފައި އޮތީ.

އަދި އަޅުގަނޑު ދަންނަވާލާނަން މިއީ، އަޅުގަނޑު މުލަކުގައި ދަންނަވަން ހުރި ވާހަކަ. މުލަކާ ދޭތެރޭގައި، އެއީ އަޅުގަނޑު ކުރިމަތިލީ ދާއިރާ. މުލަކަށް އެކަނި ބަލައިލައިފި ކަމަށްވަންޏާ، 2013 ގެ ކުރިން މުލަކަށް މުޅި ސަރުކާރުން ބޮޑެތި މަޝްރޫޢުގެ ޖުމުލަ އަދަދު ތިޔަ ބޭފުޅުން ގަބޫލެއްވެސް ނުކުރައްވާނެ. އެންމެ 3 ލައްކަ ރުފިޔާ. އެންމެ 3 ލައްކަ ރުފިޔާ. އެކަމަކު މިއީ، އާބާދީއެއް އޮތް، މ. އަތޮޅުގެ އާބާދީގެ ބޮޑު ރަށެއް. އެހެންނަމަވެސް، މުލަކަށް ހޭދަކުރެވިފައި އޮތީ، އެންމެ 3 ލައްކަ ރުފިޔާ. އަޅުގަނޑު ހަމަ އަނެއްކާވެސް މުލަކުގައި މި ހިސާބު ދަންނަވާލަން. އެހެންނަމަވެސް، މިއީ، އަޅުގަނޑުގެ މ. އަތޮޅުގެ ދަތުރު ފަށާ ފުރަތަމަ ރަށް ކަމަށްވާތީ، މި ވާހަކަ ދަންނަވާލާނަން. ދަންނަވާލި ގޮތަށް ދިއްގަރާއި މުލަކާ، މި ދެ ދާއިރާއާއި މުޅި އަތޮޅު މިވަނީ އިހުމާލުކޮށްލެވިފައި. ސަބަބެއްނެތިއެއްނޫން. އަޅުގަނޑު ސަބަބު މި ދެންނެވީ. އަޅުގަނޑުގެ ސަރުކާރުގައި މުލަކަށް އެކަނި އަޅުގަނޑުމެންގެ ސަރުކާރުން ހޭދަކޮށްފިން 112 މިލިއަން ރުފިޔާ. އެއީ، އެންމެ 3 ލައްކަ ރުފިޔާ އޮތް ތަނެއް.

އެހެންވީމާ، މިއަދުވެސް އަޅުގަނޑު ރައްޔިތުންގެ އަރިހަށް އައިސް ކަންކަމު އެދޭއިރު، ރައްޔތުންގެ އަރިހުން ކަންކަމަށް އެދޭއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާށޭ. މިކަންކަމާ ދޭތެރޭގައި ފުންކޮށް ވިސްނާވަޑައިގަންނަވާށޭ. މި ދާއިރާއަށް އިހުމާލުވެފައި އޮތްވަރު. އިހުމާލުކޮށްލާފައި އޮތްވަރު. އަދި މި ދާއިރާއަށް އަޅުގަނޑުމެންގެ ސަރުކާރުގެ އަޅާލުންތެރިކަމާއި އޯގާތެރިކަން އޮތް މިންވަރު. މިއަދުވެސް ފާހަގަކުރުމުގެ ޖަލްސާއެއްގައި ތިޔަ ބޭފުޅުންގެ ކުރިފުޅުމަތީގައި އަޅުގަނޑު ހުއްޓި މިހުރީ. ހަމަ އެހެންމެ މުލަކުގެ ތަފާސް އަޅުގަނޑު މިދަންނަވާލީ.

އެހެންވީމާ، މ. އަތޮޅު ވާންޖެހޭނީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުގެ ލޯބި އެ އަތޮޅަކާ ދޭތެރޭގައި އެންމެ ބޮޑަށް އޮންނަ އެއް އަތޮޅު ކަމުގައިވާތީ، މ. އަތޮޅަކީ، އަޅުގަނޑަށް ވަރަށް ޚާއްޞަ އަތޮޅެއް ކަމަށް، މ. އަތޮޅުގެ ރައްޔިތުންގެ މި ފަހަރުގެ ވޯޓުގައި ދައްކަވައިދެއްވުމަކީ، އަޅުގަނޑު ތިޔަ ބޭފުޅުންގެ އަރިހުން އެދޭ އިލްތިމާސް. ޢަބްދުއްރަޙީމުގެ ވާހަކަފުޅުގައި އަދި އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެ ވަޒީރުންގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވީ، ނިޢުމަތްތަކަށް ޝުކުރު ކުރުމާއި، ހެޔޮކަންކަމާ ދޭތެރޭގައި ވިސްނުމާއި އަދި ހެޔޮ ބަސްއަހާ، ހެޔޮ ބަސް ގަބޫލުކުރާ ބަޔަކަށް އަޅުގަނޑުމެން ވެގެންދިޔުމަކީ، އަޅުގަނޑުމެންގެ ދީނުގައިވެސް އެކަން ކުރަން އަންގަވާފައި އޮންނަ ގޮތް. އަދި އެކަން އަޅުގަނޑުމެން ކުރަންވީ ކީއްވެގެންކަން، އަޅުގަނޑުމެން ޠަބީޢީގޮތުން އިންސާނީ ނަޒަރަކުން ވިސްނައިފި ކަމަށްވަންޏާވެސް އަޅުގަނޑުމެންނަށް އެނގޭނެ. އަޅުގަނޑު މިދެންނެވި ތަފާސް އެކަނި އެކަމަށް ފުދޭނެ. އޭރުއޮތް ސަރުކާރު، ކުރީގައި އޮތް ސަރުކާރާ ދޭތެރޭގައި، ސަރުކާރުން އެދިވަޑައިގެންނެވި ގޮތަށް ދާއިރާއަށް މެންބަރުން ނަގައިނުދެވުނީމާ، އޭގެ ނަތީޖާ ނުކުތްގޮތް އަޅުގަނޑު ތަފާސުން މިދަންނަވާލީ. އަދި އޭގެ ބަދަލުގައި އަޅުގަނޑުމެން އެދުނުގޮތަށް، އަޅުގަނޑުމެންނަށް ކަންކަން ވެގެން ދިޔައިމާ، އޭގެ އުފާވެރި ތަފާސް ހިސާބުވެސް އަޅުގަނޑު މިއަދު މިދަންނަވާލީ.

ދެން އަޅުގަނޑު ދެންނެވިން، އަޅުގަނޑު އައިސް މީގެ ކުރީގައި ރައްޔތުންނާ ބައްދަލުކޮށް މިތާ ދެންނެވިން، ފާރިޝް މައުމޫން ހޮއްވަވައި ދެއްވާށޭ. އަޅުގަނޑަށް ތިޔަ ބޭފުޅުން އެކަން ކޮށްދެއްވި. އަދި އެއާއެކީ އަޅުގަނޑު ދެންނެވިން، ހަމަގައިމުވެސް އަޅުގަނޑުގެ ފަރާތުން ތިޔަ ބޭފުޅުންނާ ދޭތެރޭގައި އޯގާތެރިކަމާއި އިޙްސާންތެރިކަމާ، އެކަން އަޅުގަނޑު ބަލައިގަންނަމޭ. އަޅުގަނޑު އެކަންކަން ކޮށްދެމުން މިގެންދަނީ. މ. އަތޮޅަކީ، ޙަޤީޤަތުގައިވެސް ޚާއްޞަ އަތޮޅެއް. އެކަމަކުވެސް އެއާއެކީ ދަންނަވާލާނީ، ދޮން ބައްޕައެއްގެ ދައުރުކަންނޭނގެ ޢަބްދުއްރަޙީމް އެ އަދާކުރައްވަނީ. ޢަބްދުއްރަޙީމުގެ އަސްލު ދަރިން އެ ތިބީ، ފޮނަދޫ ދާއިރާގައި.

އެހެންވީމާ، އަޅުގަނޑުމެންނަށް އެނގޭ، ކަންކަން ވެގެންދާނެގޮތް. ދަންނަވާލަން މިއުޅެނީ، ދާއިރާގެ މެންބަރަކު ނެތީމާ އެކަމުގެ ފަޅުކަން އަޅުގަނޑުމެން އިޙްސާސް ކުރަންޖެހޭ. އަދި މި ދާއިރާއިން ނެގުނު މެންބަރަކީ، ޙަޤީޤަތުގައި އަޅުގަނޑުގެ އަޚެއްވެސްމެ. އެހެންނަމަވެސް، ދުނިޔޭގެ ކަންކަން ތަރުތީބުވެގެންދާގޮތާއި، އިލާހީ ރަޙްމަތާއެކީ ކަންކަން ނިމިގެންދާ ގޮތުން އަޅުގަނޑުމެން ހަމަ ސިއްސުވާލާ ކަހަލަ ކަންތައްތައް ވެގެންމިދަނީ. އަޅުގަނޑު ވެރިކަމަށް އަންނަން ކުރި މަސައްކަތުގައިވެސް، އަޅުގަނޑު ބުނިން، އަޅުގަނޑު މިއީކީ އެއްވެސް މީހަކާ ވާދަކުރަން އައި މީހެއް ނޫނޭ. ހުރިހާ އެންމެންނާ ދޭތެރޭގައިވެސް އަޅުގަނޑަށް މުޢާމަލާތު ކުރެވޭއިރު، ހުރިހާ ޕާޓީތަކެއްގެ ލީޑަރުންނާވެސް އަޅުގަނޑާ މުޢާމަލާތުކުރެވޭ. އަޅުގަނޑުމެންނާ އޭރުވެސް އެންމެ ވާދަވެރި ޕާޓީއަކަށް އޮތީ އެމް.ޑީ.ޕީ. އެމް.ޑީ.ޕީ. ގެ އެންމެ އިސްބޭފުޅުންނާ އަޅުގަނޑާ މުޢާމަލާތު ކުރެވޭ. ޚާއްޞަކޮށް، ރައީސް ނަޝީދަކީ، އޭރުވެސް އަޅުގަނޑު މުޢާމަލާތު ކުރަމުން ގެންދިޔަ ބޭފުޅެއް. އަޅުގަނޑަކާ ރައީސް ނަޝީދާ ދޭތެރޭ އޭރުވެސް، އަދި ދަންނަވާނަން މިއަދުވެސް، ޒާތީކަމެއް ނުވެސްނެތް. އަދި އިބްރާހީމް މުޙައްމަދު ޞާލިޙަކާ އަދި އަމުދުން އަޅުގަނޑުގެ އެކަހަލަ ކަމެއް ނެތް.

އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ ތެރޭގައި މިއައި، ކަންތައްތަކާ ދޭތެރޭގައި ދިއްގަރުގެ ރައްޔިތުން، މި އަތޮޅުގެ ރައްޔިތުން ވިސްނާވަޑައިގަންނަވާ! އަޅުގަނޑުމެންގެ ޕާޓީއަށް އައި ހީނަރުކަމެއް ފެށިގެން އައިއިރު، އޭގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ، އެ ބޭފުޅަކު ހޮވުމަށްޓަކައި އެންމެ ބުރަ މަސައްކަތެއް، އެންމެ ގިނަ މަސައްކަތެއް އަޅުގަނޑު ކުރި ބޭފުޅެއްގެ ފަރާތުން. މި ދާއިރާގެ މެންބަރުކަމަށް ފާރިޝް ނެގުމަކީ، އަޅުގަނޑުމެންގެ ޕާޓީއަށް ލިބުނު އެންމެބޮޑު ގެއްލުން. ދިއްގަރުގެ ރައްޔިތުން އެކަން ތިޔަ ބޭފުޅުންގެ ހަނދާނުގައި އަބަދުވެސް، ބަހައްޓަވަންވާނެ.  އަޅުގަނޑު މި ވާހަކަ ދައްކާކަށް ފަސޭހައެއްނޫން. އެކަމަކު އަޅުގަނޑަކީ، ދުނިޔޭގެ ޙަޤީޤަތާއި އަޅުގަނޑުމެންގެ ޙަޤީޤަތާ އެއްގޮތަށް ވާހަކަ ދައްކަން ބޭނުންވާ މީހެއް. މި ވާހަކަތައް މި ދަންނަވާލަނީ އަދި ކުރިއަތް ތަނުގައި އަޅުގަނޑުމެންނަށް ކުރިމަތިލާން ހުރި ހިތްދަތިކަމާއި އުނދަގޫތަކުގެ ވާހަކަ، ހަމަ ތިޔަ ބޭފުޅުންނަށް ހައިލައިޓް ކޮށްލުމަށްޓަކައި. އިންޒާރުގެ ގޮތުން ދަންނަވާލުމަށްޓަކައި. މި ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވީ، ޤާނޫނުން ބޭރުން ޤާނޫނާ ޚިލާފު އެތައް ބައިވަރު މަސައްކަތްތަކެއް ކުރަމުންދިޔައީ. މަޖިލީހުގެ ތެރެއިން ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރަން ރޭވިގެންދިޔައީ. އިސްކޮށް ހުންނެވީ، މި ދާއިރާއަށް އަޅުގަނޑު ދެއްކި މެންބަރު. އަދި ތިޔަބޭފުޅުން، އަޅުގަނޑުމެންގެ ދެންނެވުމަށް ތިޔަ ބޭފުޅުން އިންތިޚާބުކޮށްދެއްވި މެންބަރު އެންމެ އިސްކޮށް ހުންނެވީ. އަދި އަޅުގަނޑުގެ ޕާޓީއަށް މިއައި ހުރިހާ ހީނަރުކަމެއް އައުމުގައި، އެންމެ އިސްކޮށް ފެންނަން ފާޅުގައި ހުންނެވީ، މި ދާއިރާއަށް އަޅުގަނޑުމެން ހޮވި މެންބަރު. މީގެ އުނދަގޫ އަޅުގަނޑުގެ ސަރުކާރުން، މިހާރުވެސް އުފުލަމުން މިދަނީ. އަޅުގަނޑުމެންގެ ޕާޓީ އެކަންޏަކުންނެއްނޫން. އަޅުގަނޑުމެންގެ ޕާޓީގެ އާންމު މެންބަރުން، މި ރަށުގައި ތިއްބެވި ޕީ.ޕީ.އެމް. އަށް ލޯބިކުރައްވާ، އަޅުގަނޑުމެންގެ ޕާޓީއަށް ލޯބިކުރައްވާ މެންބަރުންވެސް މި ހިތްދަތިކަން އެބަ އިޙްސާސް ކުރައްވާ. އެކަމަކު ތިޔަ ބޭފުޅުންނަށް އަދި ހިތްޕުޅަށް ނުގެނެވޭ ކަހަލަ ބޮޑެތި އުނދަގޫތަކާއި ގޮންޖެހުންތައް ހުރީ މި މެންބަރުންތަކެއް  މި ކުރެއްވި މަސައްކަތާއި ޤާނޫނާ ޚިލާފުން އެ ކުރައްވަމުން ގެންދެވި ކަންތައްތަކާއި ދިވެހި ދައުލަތް، ދައުރު ހަމަވުމުގެ ކުރިން ޤާނޫނާ ޚިލާފަށް ވަށްޓާލަންކުރި މަސައްކަތާ، މި ކަންކަމަކީ، އަޅުގަނޑުގެ ސަރުކާރުން އެކަންކަމާ ދޭތެރޭގައި ފިޔަވަޅު އެޅޭނެ ކަންކަން. އަދި އޭގެ ކުރީގެ ސަރުކާރުތަކުންވެސް މިހެން ހިނގާފައި ހުރި ކަންތައްތަކާ ދޭތެރޭގައި ހުރީ ފިޔަވަޅު އަޅާފައި.

އެހެންވީމާ، މިއީކީ އަޅުގަނޑުގެ ސަރުކާރުން އަލަށް ކުރާކަމެއް ނޫން. އަޅުގަނޑު ސަރުކާރުން ކުރާ ކަމެއް، ހަމައެކަނި ތަފާތަކީ، ހުރިހާ އެންމެންނާ ދޭތެރޭގައި އެއް އިންސާފެއް ޤާއިމުކޮށްދެވޭތޯ ކުރާ މަސައްކަތް. އެހެންވީމާ، ހުރިހާ އެންމެންނާ ދޭތެރޭގައި އެއް އިންސާފެއް ޤާއިމުކުރަން ކުރާ މަސައްކަތާ ދޭތެރޭގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިކަންކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ، އަޅުގަނޑުމެންނަށް ބަންދުގައި ގެންގުޅެން އުނދަގޫ އެތައް އިސް ބޭފުޅުންތަކެއް، މި ވަގުތު އެ ތިއްބެވީ، ޝަރުޢީ ޙުކުމަކާއެކީ ބަންދުގައި. އެއީކީ ފަހަރުގައިވެސް ރައީސް ނަޝީދު ކަންކުރެއްވިގޮތުން އަޅުގަނޑު ކަންކުރީކީނޫން. އަޅުގަނޑެއް ސިފައިން، ފުލުހުން ނެރެ މީހުން ހައްޔަރެއް ނުކުރަމު. ޤާނޫނުގެ ބޭރުން، ޗާޓުން ބޭރުން، ޝަރީޢަތުގެ ބޭރުން އެއްވެސް މީހަކު ހިފައި ހައްޔަރެއް ނުކުރަމު. އެކަމަކު އެ މީހަކު ޤާނޫނާ ޚިލާފަށް ކުރި ކަމެއްގެ ނަތީޖާއަކީ، އަދި އެ ކުރަން އުޅުނު ކަމަކީ އެހާ ބޮޑު ނުރައްކާތެރި ކަމެއް. މުޅި ދައުލަތަށާއި ރައްޔިތުންނަށް ކުރިމަތިވެދާނެ ކަމަކަށްވާ ކަމެއްކަމަށްވަންޏާ، އެކަމަކީ، ނުބަލައި ދޫކޮށްލެވޭނެ ކަންކަމެއްނޫން. އޭގެ ނަތީޖާއަކީ، މިދެންނެވި ގޮތަށް އަޅުގަނޑުމެންނަށް ބަންދުގައި ގެންގުޅެންދަތި ދިވެހިރާއްޖޭގައި އަދި ޚާއްޞަކޮށް މާލޭގައި ތިއްބެވި އެތައް އިސް ބޭފުޅުންނެއް ބަންދުގައި އެބަ ތިއްބެވި. މީގެތެރޭގައި މިދެންނެވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް އެބަ ތިއްބެވި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޙިމާޔަތާއި، ޢިނާޔަތާއި، ރައްކާތެރިކަމާ ލިބޭނީ ޤާނޫނާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ޙަރަކާތްތެރިވެވަޑައިގަންނަވާއިރު. އޭގެ ބޭރުން އެ ބޭފުޅުންނަކީވެސް ހަމަ ދިވެހި އާންމު ފަރުދުން. ޢުޤޫބާތުގެ ކުރިމަތީގައި އެއްކަހަލަ ހަމައަކަށް ތަބާވާންޖެހޭ، ބޯލަނބަންޖެހޭ މީހުން. އަދި އޭގެ އިތުރުން އަޅުގަނޑު މިއީވެސް ރައްޔިތުންގެ މަޖިލީހުގައި 19 އަހަރާ އެތައް މަހެއް ވަންދެން އުޅުނު މީހެއް. އަޅުގަނޑު އަމިއްލައަށް ގަބޫލުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، އަޅުގަނޑުމެން މިދެންނެވި ހަމަހަމަކަމާއި އުސޫލު ދެއްކުމުގައި ނަމޫނާ ބަޔަކަށް ވާންޖެހޭނެކަމަށް. އާދައިގެ ދިވެހި ރައްޔިތުންނަށް، އާންމު ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، ދައްކާ ވާހަކައިން އުޅޭއުޅުމުން ސުލޫކުން، އަޚްލާޤުން ފިލާވަޅު ނަގައިދޭ ބަޔަކަށްވާންވާނެ. އެއީ، އަޅުގަނޑުމެންގެ އެތައްހާސް ބަޔަކު ތަމްސީލުކުރާ މެންބަރުން ކަމުގައިވާތީ. އެއީ، ޙަޤީޤަތުގައި ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި އޮންނަ އެންމެމަތީ މަޖިލިސް. އެންމެ ވަރުގަދަ ބާރާއި، އިޚްތިޔާރު ލިބޭ މަޖިލިސް. އެ މަޖިލީހުގެ މެންބަރުންނަކީ، ފަހަރުގައިވެސް އެންމެ އާދައިގެ މީހުންނަށް ކުރެވޭ ކުށްތަކަށް އަރައިގަންނަ ފަދައިން، އެފަދަ ކުށްތަކަށް އަރައިގަންނާކަށް ފުރުޞަތު އޮތް ބައެއްނޫން. އެ މީހުންނަކީ، ހަމަހަމަ އިންސާފެއް އޮންނަކަން އެނގޭއިރުވެސް، އެއްވެސް ގޮތަކަށް ކުށެއްނުކޮށް، ރީތިކޮށް އުޅެންޖެހޭ ބަޔަކަށް ވާންޖެހޭ. މުޖުތަމަޢުގައި ނަމޫނާއަކަށް ވާންޖެހޭ ބަޔަކަށްވޭ. އަޅުގަނޑުމެން ތަރުބިޔަތުގެ ވާހަކަ މި ދައްކަނީ. މަދަރުސާތަކުގެ ވާހަކަ މި ދައްކަނީ. މިހާރުވެސް މިހުރީ މަލްޓިޕާޕަސް ހޯލެއްގެ ތެރޭގައި. އަޅުގަނޑުމެންނަށް ފޮތުގެ ތަރުބިޔަތާއި މުދައްރިސުންގެ ތަރުބިޔަތުން އުނި ކަންތައްތަކެއް ހުރިކަން އަޅުގަނޑުމެންނަށް މިހާރު އެބަ ފާހަގަކުރެވޭ. އެކަމަކު އެއީ މުދައްރިސުންގެ ތަރުބިޔަތުން، ނޫނީ އަޅުގަނޑުމެންގެ މުޤައްރިރުން އައި އުނިކަމެއްތޯ، ހަމަ ސުވާލުކޮށްލަންޖެހޭ ހިތާހިތާ.

ދެންމެ ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅުގައި ރަނިންގމޭޓަކަށް ޑޮކްޓަރ ޝަހީމް އަޅުގަނޑު ނެގުމާއެކީ، އަޅުގަނޑު ޑޮކްޓަރ ޝަހީމާބެހޭ ވާހަކަ އެހެން ޖަލްސާއެއްގައި މި ދަތުރުގައި ދަންނަވާނަން. ވަގުތުވެސް ކުޑަވާތީއާއެކީ. އަޅުގަނޑުމެން ނެގުމާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މިދެންނެވި ކަހަލަ ނަމޫނާ ދައްކަން ތިބި އަޚުލާޤީގޮތުން ދިވެހި ޒުވާނުންނަށާއި، މުޅި ދިވެހިރާއްޖެއަށް ނަމޫނާ ދައްކަވަން ތިއްބެވި ބޭފުޅުންގެ ފަރާތުން މި އަންނަ މަލާމާތާއި ފުރައްސާރައާއި އަދި އެއްވެސް އަސާސެއް ނެތް އަންނަ ބޮޑެތި ދޮގު ވާހަކަތައް މި އަންނަނީ. ހަމަގައިމު މިދެންނެވި ފެންވަރުގެ ބޭފުޅުން ތަރުބިޔަތުކުރީކީ މި ސަރުކާރުގެ މުޤައްރިރުގެ ތެރެއަކުންނެއްނޫން. އެއީ، އެހެން ސަރުކާރުތަކުގެ މުޤައްރިރުގެ ތެރެއިން ތަރުބިޔަތުވީ މީހުން. އަދި މި ވާހަކަ ދައްކަވާ ފުރައްސާރަ ކުރައްވާ ބޭފުޅުންނަކީ، ދިވެހިރާއްޖޭގެ ޔުންވަރސިޓީތަކުންނާއި ބޭރުގެ ޔުނިވަރސިޓީތަކުންވެސް މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ތިއްބެވި ބޭފުޅުން.

އެހެންވީމާ، މިއުޅެނީ، ތަރުބިޔަތުގައި އުޅޭ މައްސަލައެއްނޫން. މިއުޅެނީ، އެހެން ކޮންމެވެސް މައްސަލައެއް. މިކަހަލަ މައްސަލަތަކަށް ދިވެހި ޒުވާނުންނަށް ރަނގަޅު މުޑުވަކަކަށް ދިވެހި ޒުވާނުން ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގައި ޝައްކެއްވެސްނެތްގޮތުގައި ދީނީ ތަރުބިޔަތުގެ މުހިންމުކަން އަޅުގަނޑުމެންނަށް މިއަދަކު ނޫން އެނގެނީ. މީގެ އެތައްދުވަހެއް ކުރިންވެސް އެބަ އެނގޭ. އެކަމަކު މިއާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަޖެހޭކަން އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ.

އެހެންވީމާ، އަޅުގަނޑުމެންގެ ކުރިއަށް އޮތް 5 އަހަރު ދާނީ، މިދެންނެވި ކަހަލަ ތަރުބަވީ ތަޢުލީމެއްގެ ބޭރުން، ދީނީ މުޤައްރަރުގެ ބޭރުންވެސް ތަރުބިޔަތުގެ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް. ޒުވާން ޖީލު ހަލާކުވެގެން ދިޔުމަކީ، އަޅުގަނޑުމެން ގަބޫލުކުރާ ކަމެއްނޫން. އަޅުގަނޑުމެންނަށް މަންމައިންނާއި ބައްޕައިންނަށް ގަބޫލުކުރަން ދަތިކަމުގައިވީނަމަވެސް، ﷲ ގެ އެއްކައުވަންތަކަން ގަބޫލުނުކުރާ ދިވެހި ރައްޔިތުން މިއަދު ތިބިކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. ދީނަށް ފުރައްސާރަކުރާ މީހުން ތިބިކަންވެސް އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ. މިއުޅެނީ، ތަރުބިޔަތުގެ މައްސަލައެއް. އެއީ އެ ކުދިން ތަޢުލީމު އުނގެނިފައި ހުރި މިންވަރަކުން އެ ކުދިންނަށް ވެގެންއުޅޭ ގޮތެއްނޫން. އެހެންވީމާ، މިކަންކަމަކީ، ޙައްލުކުރަންޖެހޭ ކަމެއް. މިއީ މަސްތުވާތަކެއްޗަށް، ހާފްވޭ ހައުސް ހަދައިގެން، ނޫނީ ޑްރަގް ސެންޓަރެއް ހަދައިގެން ފަރުވާދޭ އުސޫލުން ފަރުވާދެވޭނެ ކަމެއްނޫން.

އެހެންނަމަވެސް، މިއީ ޝައްކެއްވެސްނެތްގޮތުގައި ފަރުވާ ޙައްޤު ކަންކަން މިއީ. އެ ވާހަކަވެސް ދައްކާކަށްނެތިން. އަޅުގަނޑު ދައްކާލަން ބޭނުންވާ ވާހަކައަކީ، މިދެންނެވި ގޮތަށް މި ދެންނެވި ކަހަލަ ބޮޑެތި ބޭފުޅުންތަކެއް އަޅުގަނޑުމެންގެ ބަންދުގައި ތިއްބަވަން ޖެހުނީމާ، ނޫނީ ޝަރުޢީ ބަންދުތަކެއްގައި ތިއްބަވަން ޖެހުނީމާ، އަންނަންހުރި ނުރައްކާތަކުގެ ވާހަކަ. އަޅުގަނޑު  މި ވާހަކަ ދައްކާއިރުވެސް، މިދިޔަ ހަފްތާގައި އަޅުގަނޑުމެންނަށް އޮތީ، ޔޫރަޕުގެ އިއްތިހާދުން އިންޒާރުދީފައި. އިންޒާރު މި ދެނީ، ޔޫރަޕުގެ އިއްތިހާދުން އަޅުގަނޑުމެންނާ ދޭތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް. އަޅުގަނޑު އިންތިޒާރު އެބަކުރަން، އެ ފިޔަވަޅުތައް މި މަހުގެ ތެރޭގައި އަޅާނެކަމަށް. އަދި އެ ވާހަކަތައް އުފަލާއެކީ، އެމް.ޑީ.ޕީ. ގެ ބޭފުޅުން އެބަ ދައްކަވާވެސްމެ. އަޅުގަނޑު މިކަން ބަލައިގަންނަނީ އެއްގޮތަކަށްވެސް އުފަލާއެކީއެއްނޫން. އަޅުގަނޑު މިކަން ބަލައިގަންނަނީ، ކަންބޮޑުވުމާއެކީ. އެކަމަކު އަޅުގަނޑުގެ ސަރުކާރެއްގައި ކޮމްޕްރަމައިޒް ނުކުރާނެ ކަންކަން ހުންނާނެ. އަޅުގަނޑުގެ ސަރުކާރެއްގައި ދޫނުކޮށްލާނެ އުސޫލުތަކެއް ހުންނާނެ. އަޅުގަނޑުގެ ސަރުކާރެއްގައި ހިފަހައްޓައި ދަމަހައްޓާނެ އުސޫލުތަކެއް ހުންނާނެ. އެ އުސޫލުތައް އަޅުގަނޑުމެން ދަމަހައްޓާތީ، ހިތްހަމަނުޖެހިގެން ޔޫރަޕުގެ އިއްތިހާދުގެ ފަރާތުން އަޅުގަނޑުމެންނާ ދޭތެރޭ ފިޔަވަޅު އަޅަންޏާ، ދެން އެކަން އެގޮތަށް ދާނީ އަޅުގަނޑުމެން ﷲ އާ ވަކީލުކޮށްލައިގެން އެކަންކަމުން ދެން ސަލާމަތްވެވޭނީ ކިހިނެއްތޯ އަޅުގަނޑުމެން މަސައްކަތްކުރާނީ.

އެކަމަކު އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އަޅުގަނޑު ފާޅުގައި ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގައެއް ނުދޭނަމޭ ބުނާ ބުނުމަށް ހުއްޓުމެއް އަންނާކަށް ޔޫރަޕުގެ އިއްތިހާދުން އަޅުގަނޑަށް އަންގަންޖެހޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން، މިދެންނެވި ކަހަލަ  ކުށްވެރިންތަކެއް ޖަލުގައި ތިބެގެން، އެ ހުރިހާ އެންމެންނަކީ ޖަލުން ދޫވެފައި ތިބެންޖެހޭނެ ބަޔެއްކަމަށް ޔޫރަޕުގެ އިއްތިހާދުން އަޅުގަނޑަށް ގޮވާލަނީ އަދި މިނިވަން އިންސާފުވެރި އިންތިޚާބެއްކަމަށް ތިމަންނަމެން ގަބޫލުކުރާނީ، މި ހުރިހާ ކުށްވެރިންވެސް ދޫކޮށްލީމައޭ. އެ އެންމެންނަށް އިންތިޚާބުގައި ބައިވެރިވެވޭނެ ޖާގަ ހޯދައިދިނީމައޭ. އަޅުގަނޑު އެކަމެއް ގަބޫލެއްނުކުރާނަން. ދިވެހި ރައްޔިތުން މިއަދު ވޯޓެއްލިޔަސް އެކަންކަމެއް ގަބޫލެއް ނުކުރާނެ. މިތާ ކުށުގައި ތިބީ ހަމައެކަނި ސިޔާސީ މީހުންނެއްނޫން. މިތާ ކުށުގައި އެބަތިބި، އެކި ވައްތަރުގެ ކުށަށް އަރައިގެންފައި ތިބި މީހުން. މި އެންމެންނަށް ކޮމަން ނޫނީ އެންމެންނަށް ގުޅޭ އެކައްޗަކަށް އޮތީ، މި އެންމެންނަކީ، ރާއްޖޭގެ މަތީ ސަފުގައި، މަތީ ސިޑީގައި އަޅުގަނޑުމެން ސިޔާސީ މީހުންނާއި އެހެން މީހުންނަށް މިސާލު ދައްކަވަން ތިއްބެވި ބޭފުޅުންކަން. އެއީ، އެއްކަމެއް. ދެވަނަ ކަމަކީ، ފާޅުގައި އެނގިގެން އޮތް އޮންނަގޮތުން އަޅުގަނޑުމެން އެންމެންގެ މައްޗަށް ހިނގާ ޝަރީޢަތް ނިންމާފައި އޮތްގޮތުން މި އެންމެންނަކީ، ޝަރީޢަތުގެ ކުރިމަތީގައި މުޖުރިމުން. ޝަރީޢަތުން ޙުކުމް އައިސްފައި ހުރި މީހުން. ޝަރީޢަތުގެ ގިނަ މަރުޙަލާތައް ހޭދަކޮށްފައި ހުރި މީހުން.

އެހެންވީމާ، މިނޫންގޮތަކަށް ޝަރީޢަތުން ބޭރުގޮތަކަށް، އަޅުގަނޑަކަށް އަދި ބަޔަކު ކަންކަން ކުރަން އެންގިޔަސް، އެއީކީ އަޅުގަނޑަށް ކުރެވޭނެ ކަންކަމެއް ނޫން. އެހެންވީމާ، މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަކަށް ކިތަންމެވަރަކަށް އިއްތިޙާދުގެ ފަރާތުން އަޅުގަނޑަށް ގޮވާލަމުން ދިޔަޔަސް، މި ހުރިހާ ކުށްވެރިންނެއް ވީއްލައި، މި ހުރިހާ ކުށްވެރިންނަކީ ކުށެއް ނުކުރާ ބަޔަކަށް އަޅުގަނޑަކަށް ނުހެދޭނެ. އަދި ގޮނޑި ގެއްލުނުކަމަށް ކަނޑައަޅާފައި އެތިބަ މެންބަރުންވެސް، ގޮނޑި ނުގެއްލޭ ކަމަކަށް އަޅުގަނޑަކަށް ކަނޑައެއްނޭޅޭނެ. އެއާ ދޭތެރޭގައިވެސް ގޮތެއް ނިންމައި، އެއްޗެއް ވިދާޅުވަންޏާ ވިދާޅުވަންޖެހޭނީ، ދިވެހިރާއްޖޭގައި ޢަދުލުގެ ނިޒާމުގެ ތެރެއިން.

އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި، އަދި އެމް.ޑީ.ޕީ.އެއް ނޫން، ކޮންމެ ބަޔަކު އަޅުގަނޑުމެން ދިވެހި ރައްޔިތުންނާއެކީ، ކުރިއަށް ހިނގަން ތިއްބަސް، ކޮންމެ ބަޔަކުވެސް ބޭނުންވާނެ ޤާނޫނާ އެއްކޮށް، ޤާނޫނުގެ މަތީގައި އެންމެން ތިބެން. ޤާނޫނީ ހަމަހަމަކަން އެންމެންގެ މައްޗަށް އެއީ އަޅުގަނޑުމެން އެންމެންނަށް ލިބޭ ރައްކާތެރިކަމަކީ. އެއީ އަޅުގަނޑުމެންގެ އެންމެންގެ ޙިމާޔަތަކީ. އެހެންވީމާ، މިކަންކަން މިއެދޭ ގޮތަށް ނުކޮށްދެވިގެން، މިމަހުގެ މެދެއްހާ ހިސާބުގައި ޔޫރަޕްގެ އިއްތިޙާދުން އަޅުގަނޑުމެންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑަށް، އަޅުގަނޑުގެ ސަރުކާރަށް ވަނީ އެ އިންޒާރު ލިބިފައި. އަޅުގަނޑުމެންވެސް މިކަންކަން ޙައްލުކުރުމަށްޓަކައި، އިއްތިޙާދުގެ އެކި ފަރާތްތަކާ ވާހަކަދައްކަމުން އެބަ ގެންދަމު.

އެހެންނަމަވެސް، ވަކިގޮތަކަށް ކަންތައްތައް ނިންމައިގެން ތިބި ބަޔަކަށް ވިސްނައިދިނުމަކީ، ފަސޭހަކަމަކަށްނުވާނެ. އަޅުގަނޑުމެން މިކުރާ މަސައްކަތަށްވުރެން އިދިކޮޅުން ދައްކާ ވާހަކަ އެމީހުންގެ ކައިރީގައި މާ މަޤްބޫލުކަން ބޮޑު. އެހެންނަމަވެސް، ކާކުތޯ ގަބޫލުކުރާނީ އަޙްމަދު އަދީބަކީ ކުށްވެރިއެއް ނޫންކަމަށް؟ ކިހިނެއްތޯ ގަބޫލުކުރާނީ؟ އާދައިގެ ކަމެއްނޫން ކުރަން އުޅުނީ. ދިވެހި ދައުލަތުގެ ޚަޒާނާގެ އެތައް ސަތޭކަ މިލިއަން ޑޮލަރެއް އަދިވެސް ވީތަނެއްނޭނގެ. އަދި ހަމައެހެންމެ، އަޙްމަދު އަދީބު ދިމާކުރެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ލޯންޗް ގޮއްވާލައިގެން، ރައީސުލްޖުމްހޫރިއްޔާ ދުނިޔެއިން ނެތިކޮށްލަން. އަޅުގަނޑުމެންނަށް މިއީ މާ އާދައިގެ ލުއި ކަންކަންކަމަށް ގަބޫލުކުރަން ކީއްވެގެންތޯ މި ގަބޫލުކުރެވެނީ؟ މިކަންކަމަކީ ލުއި ކަންކަން ކަމަށްވެގެން، އިއްތިޙާދުން ގޮވާލާ ގޮވާލުމަށް، ނޫނީ ސުޕްރީމް ކޯޓުން ކުރާ އަމުރެއްގެ ސަބަބުން މިކަންކަމަށް އަޅުގަނޑުމެން އިޖާބަދީފި ކަމަށްވަންޏާ، ދުވަހަކުވެސް، ދުވަހަކުކޮޅުންވެސް އެއްވެސް ޖީލެއްގައި ދިވެހިރާއްޖެއަށް ހަމަޖެހުމެއް، ދިވެހި ރައްޔިތުންނަށް މަޞްލަޙަތެއް، އުފާވެރިކަމެއް، އަމާންކަމެއް ކަށަވަރުކޮށްދޭނީ ކާކުތޯ؟ އަމާންކަން ކަށަވަރުކޮށްދޭނީ ކޮން މުޤައްރިރެއްތޯ؟ ކޮން ސިލަބަހެއްތޯ؟ ކޮން ދުސްތޫރަކުންތޯ؟ ކޮން ޢުޤޫބާތަކުންތޯ؟ ކޮން ހަމައަކުންތޯ؟

އެހެންވީމާ، މިހުންނަނީކީ ކުރެވޭނެ ކަންކަމެއްނޫން. މިއީކީ ރައީސް ޔާމީން ޒާތީގޮތުން ކުރާ ކަންކަމެއް ނޫން. މިއީކީ ރައީސް ޔާމީންގެ ޒާތީ މަޞްލަޙަތު ހިމާޔަތްކުރަން ކުރާ ކަންކަމެއްނޫން. ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އަހަރު ދިޔައީ، ވަރަށް އޮމާންކަމާއެކީ. ވަރަށް ފާގަތިކަމާއެކީ. އެއްވެސް މީހަކު ފަހައި ދުވެ، އެމީހަކު މާޒީގައި ކޮށްފައި ހުރި ކުށެއް ހާވައި، ފީނައިގެން، އެމީހަކަށް އަދަބުދޭކަށް ތަޙުޤީޤުގައި އެއްވެސް ތަނަކަށް ހާޒިރުކޮށްފައެއް ނޯންނާނެ. އަޅުގަނޑު އޭރުވެސް ބުނަމުން ދިޔައިން، އަޅުގަނޑަކީ މާޒީއަކަށް ފީނާނެ މީހެއް ނޫނޭ. އަޅުގަނޑު ބޭނުންވަނީ ދިވެހިރާއްޖެއަށް ޞުލްޙައޭ. އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައި ހުރި ފާރުތަކަށް، ޒަޚަމްތަކަށް، އަޅުގަނޑު ބޭނުންވަނީ ހަމަޖެހުން އަންނާށޭ. ފަސޭހަކަން ލިބިގެންދާށޭ. އަޅުގަނޑު މިއައީ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި ބޮޑެތި މައްސަލަތަކާއެކީ ކުރިއަށްދާށޭ. މައްސަލަތައް އެހުރީ ޙައްލުވެފައި. މައްސަލަތަކުގެ އަޅުގަނޑު ދަންނަވާނީ ސައްތައަކުން 90 އެހުރީ ޙައްލުވެފައި.

ދެން ކުރިއަށްހުރި ކަންކަމަކީ، ރައްޔިތުންގެ އުންމީދާއި، ރައްޔިތުންގެ ކުރިއެރުމަށް ރައްޔިތުން ދެކޭ ހުވަފެން. އެއީކީ މައްސަލައެއް ނޫން. ބޮޑެތި މައްސަލަތަކަކީ، ޙައްލު ކޮށްފައިހުރި މައްސަލަތައް. ކޮންމެ ރަށަކަށް ބަލައިލިނަމަވެސް، ކޮންމެ ބޮޑު އާބާދީއަކަށް ބަލައިލިނަމަވެސް، ބޮޑެތި މައްސަލަތައް އެހެރީ ޙައްލުވެފައި. އެހެންނަމަވެސް އިންސާނީ ޠަބީޢަތަކީ، އަބަދުވެސް އަޅުގަނޑުމެން ކުރިއަށްދާއިރު، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް އިތުރުވެގެންދާނެ. މިހާރު މި ދައްކަނީ ކޮން ވާހަކައެއްތޯ އަޅުގަނޑުމެން؟ މިހާރު އަޅުގަނޑުމެންގެ އެދުންތައް މިހިރީ، މި ދިއްގަރަށް ބަލައިލިކަމަށްވިޔަސް، ދިއްގަރުގައި މި ދެންނެވިކަހަލަ އެތައް ކަމެއް މިހުރީ ފުރިހަމަވެފައި. އަޅުގަނޑު ދާން އެބައޮތް މުއްޔަށް. މުލިން އަޅުގަނޑަކަށް ނާންނާނެ، އެ ރިކްއެސްޓެއް މިދެންނެވި ކަހަލަ އަސާސީ ކަމަކަށް. މުލީގެ ރައްޔިތުން މިއަދު އެންމެބޮޑަށް ބޭނުންވާނީ، ވައިގެ ބަނދަރެއް ހެދުން.  މިއީ އަސާސީ ޚިދުމަތެއް ނޫން.

މީގެ ކުރީގެ އަހަރުތަކަށް ތިޔަބޭފުޅުން ޖެހިވަޑައިގަންނަވާ! އަޅުގަނޑާއެކީ ހިންގަވާ  5 އަހަރުގެ ކުރީގެ މާޒީއަށް ޖެހިލަމާ! ކޮންއިރަކުތޯ އަޅުގަނޑުމެންގެ ޚިޔާލަށް އައީ، ކޮންމެ އަތޮޅެއްގައި އެއަރޕޯޓެއް އަޅަން. އަޅުގަނޑުމެންގެ ޚިޔާލަކަށް ނާދޭ. މިހާރު މި ސަރުކާރުގައި މިއުޅެނީ ކޮންމެ އަތޮޅެއްގައި އެއަރޕޯޓް އަޅަން. މި ސަރުކާރުގައި މިއުޅެނީ، ވިޔަފާރިއާއި ޞިނާޢީ ބަނދަރުތަކެއް ހަދަން.

ދިއްގަރުގައި ވާހަކަ ދައްކަމުން އަޅުގަނޑު ބުނެލަން ބޭނުންވޭ، މާ ދުރަކު ނޫން މިއޮތީ ވޭވަށް. ވޭވަށުގައި އެއޮތީ ވަރަށް ވަރުގަދަ ޤުދުރަތީ ބަނދަރެއް. އަޅުގަނޑުގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ ވޭވަށުގެ ބަނދަރަކީ ސިނާޢީ، އިޤްތިޞާދީ ބޮޑު ބަނދަރަކަށް އަޅުގަނޑު ހަދާނަން. އޭގެ ފައިދާ މިހިސާބުގެ ރައްޔިތުންނަށް ލިބެންވާނެ. މާމިގިލީގެ ބަނދަރު މިހާރު އެއޮތީ، މާމިގިލީގެ ބަނދަރަކީ މިދެންނެވިކަހަލަ ސިނާޢީ ބަނދަރަކަށް އަޅުގަނޑުމެން އެއޮތީ ހުޅުވާލާފައި. އެހެންވީމާ، ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި، އަދި އަޅުގަނޑުމެންގެ އެތެރޭގެ ދަތުރުފަތުރަށް ބޭނުންވާ ވައިގެ ބަނދަރުތަކުގެ އިތުރަށް، ހަމަ މިދެންނެވިގޮތަށް، އަޅުގަނޑުމެންގެ ސިނާޢީ، އިޤްތިޞާދީ ބަނދަރުތައްވެސް އެބަ އުފެދޭ. މިހުންނަނީކީ އަސާސީ ޚިދުމަތެއްނޫން. އަސާސީ ޚިދުމަތަށްދާއިރު މިތާ އެބަ ތިއްބެވި، ވޮށު އަލީގައި ކިޔަވައިދިން ކުދިން. އުނގެނުނު ކުދިން މިއަދު އެބަތިބި ޒުވާނުންގެ ގޮތުގައި. މިއަދު އެބަތިބި ޒިންމާދާރު މަޤާމުތަކުގައި.

 އަޅުގަނޑުމެން ހަނދާންނެތުނީތޯ ވޮށުފިލާގައި އަޅުގަނޑުމެން ލިޔުނު ލިޔުން. އަޅުގަނޑުމެން ހަނދާންނެތުނީތޯ އެދުރުގެތަކުގެ މަތިން. މިއީ ދިވެހިރާއްޖެއަށް އައިސްފައި އޮތް ތަރައްޤީ. ދިވެހިރާއްޖޭގައި ދެންމެ ޠާރިޤު އެ ވިދާޅުވީ، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓް. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، އެންމެ ފުރަތަމަ އެއީ ތިރީހަކަށް މިލިއަން ޑޮލަރު ކުވައިތު ފަންޑުން ނަގައިގެން، ރައީސް މައުމޫން ކުރެއްވި މަސައްކަތް. އަދި އެއާއެކީ އެއަރޕޯޓުން ލިބުނު ފައިސާއިން އައިސްފައި އޮތް އިތުރު ތަރައްޤީ އެތާ އެއޮތީ. އެ ތަރައްޤީ އެގޮތުގައި އޮވެގެން، އެއް އަހަރުން އަނެއް އަހަރަށް ޠަބީޢަތުގައި ނިޔާކުރާ ތަރައްޤީ ގެނައުމަކީ، އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން.

 އަޅުގަނޑު ގަބޫލުކުރަނީ، ދިވެހިރާއްޖޭގެ ޒުވާން އާބާދީ، ސައްތައަކުން 70އަށް އަރައިފި ކަމަށް. އަޅުގަނޑު ގަބޫލުކުރަނީ ދިވެހިރާއްޖޭގެ އާބާދީ އަދިވެސް ބޮޑުވާނެކަމަށް. ބޮޑުވާންޖެހޭކަމަށް. އަޅުގަނޑެއް ގަބޫލެއްނުކުރަން، ދިވެހިރާއްޖޭގައި ބިން ނެތްކަމަކަށް. އަޅުގަނޑެއް ގަބޫލެއްނުކުރަން، ދިވެހިރާއްޖޭގައި ވަސީލަތް ނެތްކަމަކަށް. އަޅުގަނޑު ގަބޫލުކުރަނީ ދިވެހިރާއްޖޭގައި ބިންވެސް އެބައޮތޭ، ވަސީލަތްވެސް އެބައޮތޭ، ވަސީލަތް އުފައްދަން އަޅުގަނޑުމެންނަށް އެނގެންވާނެއޭ. އަދި އެވަސީލަތުން ރައްޔިތުންނަށް ފަސޭހަކަމާއި ތަނަވަސްކަން ގެނެސްދިނުމަކީ ސަރުކާރާ ހަވާލުވާ މީހެއްގެ ޒިންމާއެކޭ. އެކަން ކުރެވޭތޯ އަޅުގަނޑު މި ބަލަނީ.

އެހެންވީމާ، އަޅުގަނޑުމެންގެ އުންމީދުތައް ކުރިއަށްގޮސްގެން މިއުޅެނީ. އަޅުގަނޑުމެން ހުއްޓާލަންވެއްޖެ، އެތެރެވަރީގެ ޤައުމުތަކަށް އަޅުގަނޑުމެން ބޭހަށް ބޭރަށްދާ ދިއުން އަޅުގަނޑުމެން ހުއްޓާލަންވެއްޖެ. އަޅުގަނޑުމެންގެ އެ ހަކަތަ އެބަހުރި. އަޅުގަނޑުމެންގެ ފަންނުވެރިކަން އެބަހުރި. އަޅުގަނޑުމެންގެ ރައުސްމާލު އެބަހުރި. އަބަދު ނުޖެހޭ، އަޅުގަނޑުމެން މިދެންނެވި ގޮތަކަށް އެތެރެވަރީގެ ރަށްރަށަކަށް އަޅުގަނޑުމެން ބޭހަށްދާކަށް. މި ސަބަބަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް މި ހަދަނީ. ދަރުމަވަންތަ ހޮސްޕިޓަލަކީ މަލްޓި ޕާޕަސް، މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް. ދަރުމަވަންތަ ހޮސްޕިޓަލް ނިމިގެން އޭގެ ފަރުވާ ލިބިގެންދާއިރު، އަޅުގަނޑު ހަމަ ދަންނަވާނީ، ދިވެހި ރައްޔިތުންނެއް މި އަވަށްޓެރި ޤައުމުތަކަކަށް އަޅުގަނޑުމެން ބޭސްފަރުވާއަށް ދާކަށް ނުޖެހޭނެ އިރާދަކުރެއްވިއްޔާ. މި ހޮސްޕިޓަލް ނިމިގެންދާއިރު، ޚާއްސަ ފަންނުތަކުގެ އެކިއެކި ކުލިނިކްތައް ހުންނާނެ.

 އަދި ހަމައެއާއެކީ، މިރަށުގައި އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުގެ ސަރުކާރުގެ އަމާޒުތައް ވަރަށް ގިނަ. ހަމަ ދަންނަވާނަން. ވަރަށް މުހިންމު އެތައް ކަމެއް. އެހެންނަމަވެސް، ވަރަށް މުހިންމު އެތައް ކަމެއްގެ ތެރެއިންވެސް، އަޅުގަނޑުގެ ސަރުކާރުގައި ވަރަށް އިސްކަމެއް ދޭކަމެއް ޞިއްޙީ ދާއިރާ ރަނގަޅުކުރުން އެއީ. ކުރީގައި އަޅުގަނޑުމެން އަޑުއަހަން ޞިއްޙީ ދާއިރާ އޮންނަނީ އައި.ސީ.ޔޫގައޭ ބުނާ އަޑު.

އެހެންވީމާ، މިއަދު އަޅުގަނޑު ދިވެހި ރައްޔިތުންނަށް ދަންނަވަން ބޭނުންވަނީ، އަޅުގަނޑު ދެކެމުން އައި ހުވަފެނުގައި ކުލަޖެހިގެން ﷲގެ ރަޙުމަތާއެކީ، ކުލަޖެހިގެންދާއިރު، ޞިއްޙީ ދާއިރާ އެއޮތީ އައި.ސީ.ޔޫއަކު ނޫން. ޞިއްޙީ ދާއިރާގެ، އެކަމަކު އައި.ސީ.ޔޫ ގައި އެތައް ބައިވަރު ޔުނިޓުތަކެއް ހެދިއްޖެ. އަދި ރާއްޖެއިން މީގެކުރިން ދުވަހަކު ނުދެވޭ އެތައް ފަރުވާއެއް އެބަ ދެވޭ. އެތައް ބައިވަރު ޚާއްޞަ ފަންނުތަކުގެ ޑިޕާރޓްމަންޓްތައް އުފެދިގެން އެހުރީ ގޮސްފައި. އަޅުގަނޑުމެން ދެން ބޭނުންވަނީ، އަޅުގަނޑުމެންގެ ރާއްޖެއަކީ، އިންޑިޔާ ކަނޑަށް މިހެން އުކާލެވިފައި ހުރި އެތައް ބައިވަރު އަތޮޅުތަކެއް، ޖަޒީރާތަކެއްގެ މައްޗަށް ހިމެނޭ ރަށަކަށްވާތީއާއެކީ. ކޮންމެ ސަރަޙައްދެއްގައި މިހުރީ ސަރަޙައްދީ ހޮސްޕިޓަލެއް. ކޮންމެ އަތޮޅެއްގައި މިހުރީ އަތޮޅު ހޮސްޕިޓަލެއް. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، އަތޮޅު ހޮސްޕިޓަލުތަކުގެ ފެންވަރުތައް އިރާދަކުރެއްވިއްޔާ ހަމަ މަތިކުރަން. އަދި ކޮންމެ ސަރަޙައްދީ ހޮސްޕިޓަލަކީ، މާލޭ ފެންވަރަށް ނުގެނެވުނު ނަމަވެސް، ގަބޫލުކުރައްވާ! މިހާރަށްވުރެ އެތައް ގުނައެއް ކުރިއަށްދާނެ ހޮސްޕިޓަލްތަކަކަށް ވެގެންދާނެ.

އަދި ކޮންމެ އަތޮޅު ހޮސްޕިޓަލަކާ ހަމައިގައި، ކޮންމެ ސަރަޙައްދީ ހޮސްޕިޓަލަކާ ހަމައިގައި، އަޅުގަނޑުގެ ވިސްނުމުގައި ޒުވާނުންނަކީ އެންމެ އިސްކަންދޭ ބަޔަކަށްވާތީއާއެކީ، ޒުވާނުންނަށް އެންމެ ގިނަ މައްސަލަތައް ދިމާވާއިރު، ޒުވާން އުމުރުގައި ދިމާވާ މައްސަލަތަކަކީ، އެމީހުން ކުޅިވަރުގެ ތެރޭގައި، ނުކުންނަ، ލިބޭ އިންޖަރީއާއި، ލިބޭ ގެއްލުންތަކުން ނުކުންނަ ކަންތައްތަކަށްވާތީ، ހުރިހާ މިދެންނެވި ކަހަލަ ހޮސްޕިޓަލްތަކުގައި، ރާއްޖޭގެ ހުރިހާ ދިމާއަކަށް ފުޓްސަލް ދަނޑުތައް އިތުރުވެގެންދަނީ. ބަށި ކޯޓުތައް އެޅެމުންދަނީ. ވޮލީ ކޯޓުތައް އެޅެމުންދަނީ. މިކަމަށް ހުއްޓުމެއް ނާންނާނެ. މިކަމަކަށް ހުއްޓުމެއް ނުވެސްއަންނާނެ އިރާދަކުރެއްވިއްޔާ.

އެހެން ދާއިރު އަޅުގަނޑުމެން ގަބޫލުކުރަނީ، ދެން އެންމެ މުހިންމު ކަމަކަށް ވާނީ ޒުވާނުންނަށް މި ލިބޭ އަނިޔާއަށް ފަރުވާ ހޯދާކަށެއް މާލެއަކަށް އަންނާކަށް ނުޖެހޭނެ. އަޅުގަނޑުމެން ބަލާނަން ހަމަ އެންމެ ރަނގަޅު ފެންވަރުގެ ފިޒިއޮތެރަޕީ ސްޕޯޓްސް ޑިޕާޓްމަންޓްތައް، މިދެންނެވި ސަރަޙައްދީ ހޮސްޕިޓަލްތަކުގައި ޤާއިމުކުރެވޭތޯ. އެހެންވީމާ، ސިއްޙީ ދާއިރާގެ ކުރިއެރުމަކީ، މިދެންނެވިގޮތަށް، އަޅުގަނޑު ހަމަ ރައްޔިތުންނަށް އަޅުގަނޑުމެންގެ އުންމީދުތަކާ ގުޅިފައި އޮތް އެންމެ އިސްކަމަކަށްވާތީ އަޅުގަނޑު ދަންނަވާލީ. ހަމަ އަޅުގަނޑުމެން މެނިފެސްޓޯގައި އަންނަ 5 އަހަރުގެ ތެރޭގައި ކުރަން ހުރި ކަންތައްތަކުގެ ތެރޭގައި، ޞިއްޙީ ދާއިރާއަށް ދޭ ސަމާލުކަން މި ދެންނެވީ. ހަމައެޔާއެކީ، މިދަތުރުގައާއި ދެންހުރި ދަތުރުތަކުގައި، އަޅުގަނޑު އެކި ޞަފްޙާތައް، އަޅުގަނޑުގެ މެނިފެސްޓޯގެ އެކި ޞަފްޙާތަކުން އަޅުގަނޑު ވާހަކަތައް ގެނެސްދޭނަން.

 އެކަމަކު އަޅުގަނޑު ހަމަ ދަންނަވާލާނަން، ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޢަބްދުއްރަޙީމް އެ ދެއްވި މަޝްވަރާ. ނޫނީ ކުރެއްވި އިލްތިމާސް. ދެއްވި ނަސޭހަތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަންވާނެއޭ. އަޅުގަނޑުމެން ސެޕްޓެމްބަރު މަހުން 23 ވަނަ ދުވަހު މި ލާ ވޯޓަކީ، ތަރައްޤީއަށްލާ ވޯޓަކަށް އަޅުގަނޑުމެން ވިސްނަންޖެހޭ. ދިވެހިރާއްޖޭގެ ހަމަޖެހުމަށް ލާ ވޯޓަކަށް އަޅުގަނޑުމެން ވިސްނަންޖެހޭ. އަދި ފުޓްސަލް ދަނޑުތަކާއި، އެތަން މިތަނުގައި އެއަރޕޯޓް ހެދުމާއި، އެތަން މިތަނުގައި ތަރައްޤީގެ މަޝްރޫޢުތައް ދިއުމާއި، އަދި ޖީބުގެ ތަނަވަސްކަން ކޮންމެ ޒުވާނެއްގެ އިތުރުވެގެންދާން މިކުރާ އުންމީދުތަކަށް ކުލަޖައްސައިދޭނެ ކަމަކަށްވެގެންދާނެ.

އަޅުގަނޑުމެން މީގެ ކުރީގައި، ނޭޅޭނެކަމަށް އަޅުގަނޑުމެން ކުރަމުންދިޔަ، ދައްކަމުންދިޔަ ވާހަކަ ބްރިޖް. އިއްޔެނޫން އިހަށްދުވަހު ބްރިޖު އެއޮތީ މުޅިން ގުޅައި ނިމިފައި. ބްރިޖަކީ މިއަދު ހިނގަން ބޭނުންވާ މީހަކަށް ހިނގަން، ދުއްވަން ބޭނުންވާ މީހަކަށް ދުއްވޭނެ. މާލެއިން ހުޅުލެއަށް ދަތިކަމަކާ ނުލައި ދެވޭނެ. ބްރިޖުގެ މިހާރު ދެން އެ ކުރަނީ ނުނިމިހުރި މަސައްކަތްތައް. އެ މަސައްކަތްތަކުގެ ތެރޭގައި، ބްރިޖުގެ ސަރފަސް ލޭ ކުރުން. ތާރު އަޅަންޏާ ތާރު އެޅުން. ނޫނީ ސަރފަސް ލޭ ކުރުމުގެ މަސައްކަތް އެކުރަނީ. އެ މަސައްކަތް ނިމުމާއެކީ، ބްރިޖު އާންމުކޮށް ހުޅުވައިލެވޭނެ. އެހެންވީމާ، މިއީ ކުރީގައި މީހުން ދުށް ހުވަފެން. އަޅުގަނޑުމެންނާ ވާދަވެރި ފަރާތްތަކުން ވިދާޅުވީ މިކަންކަމެއް ނުވާނެއޭ.

ރައީސް ޔާމީނުގެ ޒަޢާމަތް ފެށުނީއްސުރެ، މިއީ ކުޅިވަރު ކުޅެފައި ތިބި ޒުވާނުންނަށް އަދި މިއަދު ސްކޫލްތަކުގައި ތިބި ދޮށީ ޢުމުރުގެ، ނޫނީ ސްކޫލް ދައުރުގެ ދޮށީ ޢުމުރުގެ ކުދިންނަށް އަޅުގަނޑު ދަންނަވާލާ ވާހަކައެއް. ރައީސް ޔާމީނުގެ ރިޔާސީ ވެރިކަން ފެށީ، އޮބްސްޓެކަލް ރޭސްއަކުން. ސްކޫލް ކުދިންނަށް އެނގޭނެ، އޮބްސްޓެކަލް ރޭސްއެއްގައި، ރޭސް ނިންމަން މި ޖެހެނީ. އެކަމަކު އެތައް ހުރަސްތަކެއް ގިރާކުރަންޖެހޭނެ، ރޭސް ނިންމުމަށްޓަކައި. އެ ހުރަސްތައް ގިރާކުރުމުގައި ޙަޤީޤަތުގައި އެކުދިންނަށް ލަނޑު ލިބެނީ. އެހެންވީމާ، ރައީސް ޔާމީންގެ ރިޔާސީ ދައުރަކީ، ރައީސް ޔާމީން ސިޔާސީގޮތުން އޮބްސްޓެކަލް ރޭސްއެއްގައި ހަމަ ޒުވާން ކުދިން، ފަންނުވެރިކަމާއެކީ އެކުދިން ގިރާކުރަމުންދާ ހުރަސްތައް ގިރާކުރާ އުސޫލުން. މީގައި އަޅުގަނޑަށް ތަނަވަސްވެގެންދިޔައީ، އަޅުގަނޑުގެ ވިސްނުމެއް ނޫން. މީގައި އަޅުގަނޑަށް ތަނަވަސްވެގެންދިޔައީ، އަޅުގަނޑުގެ އިޚުލާޞްތެރިކަމާއި، ރައްޔިތުންގެ މަޞްލަޙަތު އޮތީ، މިގޮތުގައި ކަމުގައިވީމާ، ﷲގެ މިންވަރުފުޅު މިކަމުގައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ކާމިޔާބަކަށް ވެގެންމިދިޔައީ.

 ކޮންކަހަލަ ނުރައްކާތެރި ކަންކަމެއްތޯ ރާވަނީ؟ ކޮންކަހަލަ ނުރައްކާތެރި ކަންކަމެއްތޯ ކޮށްފައި ހުރީ؟ އެހެންވީމާ މިއަދު ދިވެހިން އެބަޖެހޭ، މި ވޯޓާ ހަމައަށްދާއިރު، އަޅުގަނޑުމެންގެ މިދިޔަ މާޒީން އަޅުގަނޑުމެން ފިލާވަޅުތަކެއް ނަގަން އެބަޖެހޭ. ޚާއްޞަކޮށް، މި ދާއިރާގައި، ވާހަކަ ދައްކާއިރު، މި ދާއިރާގައި އަޅުގަނޑު މިވާހަކަ މި ދަންނަވަނީ ހަމަ ހިތުގެ ބުރަކަމަކާއެކީ. މި ދާއިރާއިން އަޅުގަނޑުމެންނަށް ދެއްކުނު މެންބަރަކީ، ހޮވުނު މެންބަރަކީ، މިދެންނެވި ގޮތަށް މިހުރިހާ މައްސަލަތައް އުފެއްދުމުގައި އެންމެ އިސް ސަފުގައި، އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅާ. އެހެންވީމާ، އެބޭފުޅުންގެ ސަބަބުން އަޅުގަނޑުމެންގެ ޕާޓީއަށް އައި ނިކަމެތިކަން އައީ. އެބޭފުޅުންގެ ސަބަބުން އަޅުގަނޑުމެންގެ މަޞްލަޙަތު ގެއްލިގެން ދިޔައީ. އަދި އެބޭފުޅުންގެ ސަބަބުން، އެބޭފުޅުން ކުރެއްވި ކަންކަމެއްގެ ސަބަބުން އޭގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންނަށް އަދަބުދޭން މިދެންނެވިކަހަލަ އިއްތިޙާދުތަކުން އެ ނިންމަނީ. އެއްވެސް މީހަކަށް އަދަބު ލިބުމަކީ ފަސޭހަކަމެއްނޫން. އަޅުގަނޑު އެދެނީ އިއްތިޙާދުން އެ ކުރައްވާ މަސައްކަތުގައި ދެއްވާ ހުރިހާ އަދަބަކީ އަޅުގަނޑަށް ދެއްވާ އަދަބަށް ވެގެންދިއުން. ދިވެހިރައްޔިތުންނަށް އެއިން އެއްވެސްކަހަލަ ބުރަކަމެއް އުފުލުމަކީ، ކުރަންޖެހޭ ކަމެއްނޫން.

ޝައްކެއްވެސްނެތްގޮތުގައި، އެކަހަލަ އަދަބުތަކެއް ލިބިގެން ގޮސްފިކަމަށްވަންޏާ، އެއީ 23ގައި މި ނަގާ ވޯޓަށް އެޅޭ ހުރަހެއް. އެކަން އެނގި ތިބެގެން އެކުރާ ކަމެއް އެ ކުރަނީ. އެހެންވީމާ، ކޮންއިރަކުންތޯ ދިވެހި ރައްޔިތުން މިކަންކަމަށް ހޭލުންތެރިވާނީ؟ މިކަންކަމަށް އަޅުގަނޑުމެން ހޭލަންވެއްޖެ. އަޅުގަނޑުމެން މި ކަންކަން ނިންމުމުގައި، އަޅުގަނޑުމެންނަށް އިޚުލާޞްތެރިކަމާއި، އަޅުގަނޑުމެންގެ މަޞްލަޙަތަށް، އަޅުގަނޑުމެންނަށް ފައިދާހުރިގޮތަށް ކަންކަން ނިންމުމުގައި، ބޭރުގެ ފަރާތްތަކުން ކުރާ ކަންކަމަކުން އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެންގެ ނަސީބު އެއަކުނެތް. މި ފިލާވަޅުން އެކަނިވެސް އަޅުގަނޑު މިދެންނެވި ވާހަކަ އެނގިގެންދާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ޤާނޫނުތައް އަޅުގަނޑުމެން ހިންގާތީ، އެކަންކަމާ ދޭތެރޭގައި ހިތްހަމަނުޖެހިގެން އަޅުގަނޑުމެންނާ ދޭތެރޭގައި އަދަބުދީ، އަޅުގަނޑުމެންނަށް ފިލާވަޅު ނަގައިދޭ ކަމަށްވަންޏާ، އެ ފިލާވަޅު އަޅުގަނޑުމެން ދަސްކުރަންޖެހޭނެ. އެކަމަކު ފަހަރުގައި ވެދާނެ އެއީ ހިތި ބޭހަކަށް. އެހެންވެގެން، ދިއްގަރުގައިވެސް އަދި ދިވެހި ރައްޔިތުންވެސް މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ. ކީއްވެގެންތޯ ބޭރުގެ ފަރާތްތައް އަޅުގަނޑުމެންގެ ދާޚިލީ ކަންކަމަށް މި އަތް ބާނަނީ. އަޅުގަނޑުމެން ހަމަ ކޮންމެ މީހަކު ޕޯޑިއަމް ކައިރީގައި ހުއްޓޭއިރު، ދިވެހިރާއްޖޭގެ ތާރީޚާ ބެހޭގޮތުން އޮންނަ ދުވަހެއް ފާހަގަކުރާއިރު، މިހާރު ޖަލުގައި ތިއްބެވި ބޭފުޅުންވެސް، އަދި އަޅުގަނޑުމެންނަށް ފިލާވަޅު ނަންގަވައިދެއްވާ އަދީބުން، މުދައްރިސުންވެސް ދައްކަވާނެ، އަބަދުވެސް ދައްކަވާނެ ޙަސަން ތާޖުއްދީނުގެ ދެ ދަރިންގެ ވާހަކަ. އަބަދުވެސް ދައްކާނެ، ގޯދީ ރާޖާގެ ވާހަކަ. އަބަދުވެސް ދައްކާނެ، ދިވެހި ކޮންމެވެސް ބަޔެކޭ ގޮސް ބޭރު ބަޔެއް ގޮވައިގެން އައީ. 88 ނޮވެންބަރުން 3ވީ ދުވަހުވެސް އަޅުގަނޑުމެން މި ވާހަކަ ދައްކަން. ދާދި އިހަށްދުވަހުވެސް މި ވާހަކަ ދެއްކިން.

އެކަމަކު މިއަދު ކޮންބައެއްތޯ އެކަން މިކުރަނީ؟ މިއަދު ކޮންބައެއްތޯ އެކަން އެ ކުރަނީ؟ މިއަދުވެސް ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާ ބެހެން އަތްބާނަން، ފުރުޞަތު އެ ހޯދައިދިނީ ހަމަ ދިވެހީން. އަދި ދިވެހީންގެ ތެރޭގައި، އަޅުގަނޑުމެން އެބަޔަކަށް މީގެ ކުރީގައި އިޙުތިރާމާއި ކުލުނު އޮތްބަޔަކު، އަޅުގަނޑުމެންގެ ލީޑަރުންގެ ގޮތުގައި ތިބި ބަޔަކު އެކަން އެ ކުރަނީ. އެހެންވީމާ ޙަސަން ތާޖުއްދީނުގެ ދަރިން އެކަނިތޯ ގޯހީ. މިއީ، އަޅުގަނޑުމެންގެ މިއަދުގެ ކުދިން ނަގަންޖެހޭ ފިލާވަޅު. ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް. ދިވެހިރާއްޖެއަކީ ގަދަ ކަނޑެއްގެ ތެރޭގައި ބެހެމުން، އޮޔާދާ ޤައުމަކަށްވާކަށް އަޅުގަނޑުމެން ހަދާކަށް ބޭނުމެއްނޫން.

 ދިވެހިރާއްޖެއަކީ ދިވެހިރާއްޖޭގައި ހުރި ވަސީލަތްތަކާއެކީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ އާބާދީގެ ތެރޭގައި އ.ދ.ގެ ޢާއިލާގެ ތެރޭގައި އުޅޭ ޝަރަފުވެރި، އަބުރުވެރި، ކަރާމާތް ލިބިގެންވާ، އަދި އެހެން މީހުންގެވެސް އިޙުތިރާމް ލިބިގެންވާ ދައުލަތަކަށް، ޤައުމަކަށް ދިވެހިރާއްޖެ ހަދަން އެބަޖެހޭ. އަޅުގަނޑުމެންނާ އެކުވެރި ދައުލަތްތައް އެބަހުރި. އިއްޔެ ނޫންތޯ ސަޢޫދީ ޢަރަބިޔާގެ އިންޓީރިއާ މިނިސްޓަރ، ނޫނީ ދާޚިލީ ވަޒީރު އެ ވަޑައިގަތީ. އެއީ އެތަނުގެ ޝާހީ ޢާއިލާގެ ވަރަށް އިސް ބޭފުޅެއް. އަދި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ، އެންމެ އިސް 3 ވަނަ ބޭފުޅާ. އެ ވަޑައިގަތީ އަޅުގަނޑުމެންނަށް ކަންތައްތަކެއް ކޮށްދެއްވަން އެގްރިމެންޓްތަކެއްގައި ސޮއިކުރައްވާފައި. އޭގެ ތެރޭގައި ސަޢޫދީން ދޭ އެހީގެ ތެރޭގައި މި އެހީގެ ވާހަކަ އަޅުގަނޑު ދެއްކިން، ފެބުރުވަރީ މަހުގެ ތެރޭގައި. މިދޭ އެހީގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް މިދެނީ، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާގައި މިހާރު ޙައްލުނުވެ ހުރި ހުރިހާ މައްސަލަތައް ޙައްލު ކުރަން. އަދި އިތުރު މަސް ފެކްޓްރީ ހެދުމަށް ބޭނުންވާ ފައިސާ ދިނުމާއެކީ، ދެން އެންމެބޮޑު ހޭދައެއް މި އެހީއިން ލިބިގެން މިދަނީ ބޯހިޔާވަހިކަމަށް. މިވަގުތު ދިވެހިރާއްޖޭގެ ޒުވާނުންނަށް އެންމެބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަން. އެހެންވީމާ، މިހުންނަނީ އަޅުގަނޑުމެންގެ އެކުވެރި ރަޙުމަތްތެރި ދައުލަތްތަކުން އަޅުގަނޑުމެންނާ ދޭތެރޭގައި ކަންކުރާގޮތް. އެހެންނަމަވެސް އަޅުގަނޑުމެންނާ ދޭތެރޭގައި އަޅުގަނޑުމެން ކަންކުރާގޮތުން އަޅުގަނޑުމެންނާ ދޭތެރޭގައި ޔޫރަޕްގެ އިއްތިޙާދު ކަހަލަ ތަންތަނުން އަޅާ ފިޔަވަޅުތަކުގެ ވާހަކަވެސް މިދެންނެވީ.

އެހެންވީމާ، މިކަންކަމާ ދޭތެރޭގައި ދިވެހިން ވިސްނަންވީ މިއަދު. ދިވެހިން ވިސްނަންވީ މާދަމާ. އަދި ދިވެހިން އެ ހުރިހާ ދުވަހަކަށްވުރެން ބޮޑަށް ވިސްނަންވީ ސެޕްޓެމްބަރުން 23 ވަނަވާ ދުވަހު. މި ވޯޓަކީ ﷲގެ މަގުގައި ތަރައްޤީއަށް ތިޔަބޭފުޅުން ދެއްވާ ވޯޓަކަށް ހައްދަވާ. މިއިކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން އިހުތިބިގޮތަށް އަނިޔާވެރި ވެރިކަމެއްގެ ތެރެއަށްދާން، އަދި އަމުދުން ދިވެހިރާއްޖެއާ ދޭތެރޭގައި އުންމީދެއް، ހުވަފެނެއް ނެތް ބައެއްގެ ވިސްނުމާ އެއްގޮތަށް އަޅުގަނޑުމެން ދާންޖެހޭ ދުވަހެއް ނޫން. އަޅުގަނޑުމެން އޭރު ދެކެމުން އައި ހުވަފެން، އަދި އޭރު އަމާންކުރަން ބޭނުންވި މަގުތަކާއި، އޭރު އަމާންކުރަން ބޭނުންވި މިކަހަލަ މުޖުތަމަޢުތައް މިއަދު މިވަނީ އިރާދަކުރެއްވިއްޔާ އަމާންވެފައި.

އެހެންވީމާ، ދެން އަޅުގަނޑުމެން ނުޖެހޭ، އަނދިރި ގޯޅިގޯޅިން ހިނގާކަށެއް. ދެން އަޅުގަނޑުމެން ނުޖެހޭ، އަޅުގަނޑުމެންނަށް ކަންކަން ނުވާނެ ވާހަކަ ދައްކާކަށް. އަޅުގަނޑުމެން ކަންކަން ކޮށްފީމު. ﷲ އެކަމުގައި އަޅުގަނޑުމެންނަށް ތަނަވަސްކަން މިންވަރު ކޮށްދެއްވައިފި. އެހެންވީމާ، ދެންވެސް އަޅުގަނޑުމެން ދާންވާނީ ކުރިއަށް. ދިވެހި އޮޑި ދުވަންވާނީ ބާރު ސްޕީޑުގައި. މެކުހަށް ޖަހަންވާނެ. ފަހަތަށް އެނބުރި ބަލާކަށް ޖާގައެއް ނެތް.

ތިޔަ ހުރިހާ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ދިއްގަރަކީ، މ.އަތޮޅަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ އަތޮޅެއް. އެހެންވީމާ، އެވާހަކަ އަދިވެސް ތިޔަބޭފުޅުންނާ ވަކިވެލުމުގެ ކުރިން، ތިޔަބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވާނަން.             

والسّلام عليــكم ورحـمــة اللّـه وبـركاتـه.