بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، އަޅުގަނޑު އައިސް މި ހުއްޓުނީ، ޝުކުރުވެރިކަމުގެ ފިޔަވަޅެއްގެ މަތީގައި، އުފާވެރިކަމުގެ ފިޔަވަޅެއްގެ މަތީގައި. އަޅުގަނޑަށާއި، އަޅުގަނޑާއެކީ ވަޑައިގެންނެވި ބޭފުޅުންނަށް ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށް އިޚުލާޞްތެރިކަމާއެކީ ފަށްފަށުން ޝުކުރު ދަންނަވަން.

އަދި ހަމަ އެހެންމެ، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ލިބޭ އުފަލެއްގައި އަޅުގަނޑު ބައިވެރިވުމަށް ލިބޭ ފުރުޞަތަކީ، އަޅުގަނޑަށް ލިބޭ އުފަލެއްކަމަށް އަޅުގަނޑު ދަންނަވަން.

އެހެންވީމާ، މިލަންދުއަށް ދަތިވެފައި މިހުރި ކަންކަން ނިމިގެންގޮސް، މިލަންދޫގެ ރައްޔިތުން އެ އުފަލުގައި ބައިވެރިވެވަޑައިގަންނަވާއިރު، އެ އުފަލުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނީތީވެސް اللّـه تعالى އަށް ޙަމްދުކުރަމުން، މިލަންދޫގެ ހުރިހާ ރައްޔިތުންނަށް ހަމަ މަރުޙަބާ ދަންނަވަމުން، ތިޔަ ބޭފުޅުންގެ އުފަލުގައި އަޅުގަނޑު ބައިވެރިވާ ވާހަކަ ދަންނަވަން.

އާދެ، އަޅުގަނޑު މި ފިޔަވަޅުމަތީގައި ވާހަކަ ދައްކާއިރު، އަޅުގަނޑުގެ ޚިޔާލަށްވެސް ހަމަ ތަފާތު އެކި ޝުޢޫރުތައް އާދޭ. އެހެންނަމަވެސް، ކޮންމެ ރަށެއްގައިވެސް ރައްޔިތުންނާ މުޚާޠަބުކޮށް ކޮންމެވެސް ވާހަކަތަކެއް މި ދައްކަނީ އަދި އާންމުކޮށް މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނާ ބައްދަލުކޮށް މި ވާހަކަތަކެއް މި ދައްކަނީ. ކޮންމެ ސަރުކާރަކުންވެސް، ރައްޔިތުންނަށް ދަތިވެފައިހުރި ކަންތައްތައް ކޮށްދެވޭތޯ މަސައްކަތްކުރަމުން ގެންދާނެ. އަދި އެ މަސައްކަތް ކުރަމުން ގެންދާއިރު، ކޮންމެ ސަރުކާރަކަށް ކުރެވިފައިހުރި ކަންތައްތައް، އެހެން ބަޔަކު ދުރުންބަލާނެ، ފާޑުކިޔާނެ، ކަޅިއަޅާނެ. އަދި ހަމަ އެހެންމެ ކަންކަން ކުރުމުގައި ހުރި ދޭސީކަން، ނޫނީވިއްޔާ ވިޔާނުދާކަމުގެ ވާހަކަވެސް ދެއްކޭތޯ ބަލާނެ. އަޅުގަނޑަށް ވާހަކަ ފާހަގަކުރެވިގެން މިއަންނަނީ، އެހެންނަމަވެސް، އަޅުގަނޑުމެން ރާއްޖޭގައި މިކުރާ ކަންތައްތަކުގެ ތެރޭގައި ހަތަރު އަހަރު ބައިވެގެންދިޔައީ. ވަރަށްގިނަ ތަފާސް ހިސާބު އެހެރީ އެކުލަވައިލެވިފައި. އަދި އޭގެ ކުރީގައި ކަންހިނގައިދިޔަ ގޮތުގެ ތަފާސް ހިސާބުތައްވެސް އެހެރީ އެކުލަވައިލެވިފައި. މި ތަފާސް ހިސާބަށް ފާޑުކިޔާތަނެއް އަޅުގަނޑަކަށް ނުފެނޭ. އަދި އަޅުގަނޑުމެންގެ ވަޒީރުން ވަރަށް ހިންގުންތެރިކަމާއެކީ، ވަރަށް މުރާލިކަމާއެކީ ރާއްޖޭގެ އެކި ހިސާބުން މިކޮށްދެއްވާ މަސައްކަތުގެ ނަތީޖާ ފެނިގެންދާތީ، މި ރަށްރަށުގައި ތިބޭ އިދިކޮޅު ޚިޔާލުގެ މީހުންވެސް މިކުރާ މަސައްކަތާ ދޭތެރޭގައި ފާޑުކިޔާތަނެއް ނުފެނޭ. އަޅުގަނޑު މިއަދުވެސް ހަމަ އުފަލާއެކީ، ދަންނަވާލަން ބޭނުންވޭ، މިލަންދޫގެ ނަރުދަމާ ނިޒާމު ނިމިގެން ހިނގައްޖެ. އަދި ފެނުގެ ނިޒާމު ގާއިމުވެގެންމިދަނީ. މިއީ، މިލަންދޫގެ ރައްޔިތުންނަށް ހަމަ ޝައްކެއްވެސްނެތްގޮތުގައި، ވަރަށް ބޭނުންތެރިވެފައިހުރި ކަންކަން. މިކަންކަމާ ދޭތެރޭގައި ފާޑުކިޔާ ބަޔަކު އުޅޭ ތަނެއް އަޅުގަނޑަކަށް ނުފެނޭ. މާލޭގައިވެސް، ރާއްޖޭގައިވެސް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި މި އަންނަ ތަރައްޤީއާ ބެހޭގޮތުން އަޅުގަނޑުމެންނަކަށް ފާޑުކިޔާތަނެއް ނުފެނޭ.

އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ރައްޔިތުންނަށް އެންމެ ބޭނުންވާ ޚިދްމަތް، ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދޭކަމާ ދޭތެރޭގައި، އަޅުގަނޑުމެންނާ އިދިކޮޅަށް މަސައްކަތްކުރައްވާ އަދި އިދިކޮޅު ސިޔާސަތެއް، ފިކުރެއް ގެންގުޅުއްވާ ބޭފުޅުންވެސް، އިއްތިފާޤުވެ އިޢުތިރާފުވާކަން އަޅުގަނޑަށް މިކަމުން ދަލީލުވެގެން އެބަދޭ. އެހެންނޫންކަމަށްވަންޏާ، އަޅުގަނޑުމެން މިކުރާ ކަންކަމުގައި އެންމެބޮޑަށް ފާޑުވިދާޅުވާނީ، އެ ބޭފުޅުން. އެއީ، އަޅުގަނޑުމެން ނުކުރާ ކަންތައްތައްވެސް ދުނިޔެއަށް އުފަންކޮށްގެން، އެ ވާހަކަތައްވެސް ހަމަ ދައްކަވަމުން ދައްކަވަމުން އެ ގެންދަވަނީ އެ ބޭފުޅުން. ޢަބްދުއްރަޙީމުގެ ވާހަކަފުޅުގައި ވަރަށް ގިނަ ތަފްސީލުތައް، މީގެތެރޭގައި ދެއްވައިފި. އަޅުގަނޑު ހަމަ އުފަލާއެކީ ޝުކުރު ދަންނަވާލަން ބޭނުންވޭ، މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން މުފީދަށް، ޠާރިޤު އިބްރާހީމަށް އަދި ޢަބްދުއްރަޙީމަށް، އެ ދެއްކެވި ވާހަކަފުޅުތަކަށް އަދި އެހާމެ އޯގާތެރިކަމާއެކީ، އަޅުގަނޑަށް ހަދިޔާކުރެއްވި ބަސްތަކަށް. ހަމަ ތިން ބޭފުޅުންނަށްވެސް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާލަން.

މިލަންދޫގެ ވާހަކަ އެކަނި، މިލަންދޫގައި ދައްކާލާއިރު، ހަމަ ތިޔަބޭފުޅުންގެ ޚިޔާލުފުޅުތައް ތާޒާކޮށްލަން، އަޅުގަނޑު ހަމަ ވާހަކައެއް ދަންނަވާލާނަން. ޚިދްމަތުގެ ވާހަކަ. އަޅުގަނޑުމެން މި ތަފާސް ހިސާބު އެއްކޮށްފައި، ދިވެހި ހުރިހާ ރައްޔިތުންނަށް ފެންނަގޮތަށް ހުރިހާ ޕާޓީތަކަށް އަދި ސިޔާސީ މީހުންނަށާއި، ރިސަރޗް މަސައްކަތުގައި އުޅޭ ކުދިންނަށާއި، ކިޔަވާކުދިންނަށް ފެންނަގޮތަށް އެހުރީ މި ހިސާބުތައް ޢާންމުކޮށްފައި. މި ހިސާބުތަކުގައި ކޮންމެވެސްވަރެއްގެ އުނި އިތުރެއް ނޫޅޭނެއެކޭ އަޅުގަނޑު ނުދަންނަވާނަން. އެއީ އިންސާނުންކުރާ ކޮންމެކަމެއްގައި މިކަހަލަ އުނި ކަންކަން ހުރެދާނެ. އެހެންނަމަވެސް، ހަމަގައިމުވެސް ރަށަކަށް ކޮށްދެވިފައިހުރި ޚިދްމަތުގެ އަގު ޖެހުމުގައި، ނޫނީ ޚިދްމަތްތަކެއް ޖެހުމުގައި، ފަހަރުގައި ކަމެއް ވެއްޓިފައި އޮވެދާނެ. އެކަމަކު އެއްވެސްކަމެއް އިތުރުވެފައެއް ނޯންނާނެ. އެއީކީ ވާނެކަމެއްނޫން. ނުކުރާކަމެއް ކުރެވިފައި އޮތް ކަމަކަށް ނޯންނާނެ ބުނެވިފައެއް. އެހެންނަމަވެސް، މިހުރިހާ ހިސާބުތަކެއް އެއްކޮށް، އެޑިޓްކޮށް، ފޮތެއްގެ ސިފައިގައި ނުކުންނައިރު، ފަހަރުގައި ބައެއް ދިމަދިމައިގައި ކުންފުންޏަކުން ކޮށްފައި ހުންނަ މަސައްކަތެއް، ނޫނީވިއްޔާ އެހެންކޮންމެވެސް ގޮތަކުން ކުރެވިފައި ހުންނަ މަސައްކަތަކަށް އަޅުގަނޑުމެންގެ ޚިޔާލުނުގޮސް ހުރެދާނެ. އެހެންވީމާ، އެ ލިސްޓުން އުނިވެގެން ހިނގައިދާނެ.

ހިންގަވާ، މިރަށަށް ބަލައިލަމާ! އަޅުގަނޑުމެންގެ ޒަޢާމަތުގެ ކުރިން އެދިޔަ ފަސް އަހަރުގެ ތެރޭގައި ދެ ޒަޢާމަތެއްގައި ހިނގައިދިޔަ ފަސް އަހަރު، 2008 އިން 2013 އަށް. މިލަންދޫއަށް ޖުމުލަ ހިންގިފައިހުރި ބޮޑެތި މަޝްރޫޢުތަކުގެ ޖުމުލަ އަދަދަކީ، ސާޅީސް ދެ މިލިއަން ރުފިޔާ. ރަށްރަށުގެ ނިސްބަތުން ރަށަކަށް މިއީ، ވަރަށްބޮޑު އަދަދެއް. އެހެންވީމާ، އެކަމަށް ހަމަ އަޅުގަނޑުވެސް އެޕްރިޝިއޭޓް ކުރަން. އެކަން ފާހަގަވެސްކުރަން. މިލަންދޫއަށް 2013 ވަނަ އަހަރުގެ ކުރީގައި 2008 އިން 2013 އަށް މި ހިނގި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ސާޅީސް ދެ މިލިއަން ރުފިޔާ މިއޮތީ ހޭދަކުރައްވާފައި، ބޮޑެތި މަޝްރޫޢުތަކެއް ހިންގުމުގައި. އަޅުގަނޑުމެންގެ ފޮތްތަކުން ފެނޭ. ހިސާބުތަކުން ފެނޭ.

އެކަމަކު މިއާއެކީ، ދަންނަވާލާނަން! މި ސަރުކާރު އައިސް، މި ސަރުކާރުން މިކުރާ މަސައްކަތުގައި ޠާރިޤު އިބްރާހީމަކީ، އެންމެ ފަރިތަކޮށް މިތަނަށް ވަޑައިގެންނެވި ބޭފުޅެއްކަން އަޅުގަނޑަށް މުފީދުގެ ވާހަކަފުޅުންވެސް އެނގިއްޖެ. އަދި ޠާރިޤުގެ ވާހަކައިގައި އަޅުގަނޑުމެންނަށް ތަފްޞީލުތައްވެސް ދެއްވައިފި. މިއިން ކޮންމެ ރަށަކަށް އަޅުގަނޑުމެން ޒިޔާރަތްކުރީމާވެސް ރައްޔިތުން، ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތަކުގެ ވާހަކަ ދައްކާނެ. ފެނާއި، ނަރުދަމާއާއި، މަގުތަކާއި، ބަނދަރާއި މިހެންގޮސް ސްކޫލް އިމާރާތްތަކާއި މިކަހަލަ އެތައްކަމެއްގެ ވާހަކަ އަންނާނެ. ސްކޫލް އިމާރާތަކަށް ބެލިއަސް، އަތޮޅުތެރޭގައި ރަށެއްގައި މިލަންދޫގައި މިހުރިވަރުގެ ސްކޫލް އިމާރާތެއް ހުންނާނެއެކޭ އަޅުގަނޑެއް ނުދަންނަވާނަން. މިހާރުގެ ވެށްޓަށް ފެތޭގޮތަށް އެންމެ ޒަމާނީ، ކިޔެވުމަށް ބޭނުންވާ ސާމާނާއި، އާލާތާ އެއްކޮށް ސްކޫލް ހުޅުވިގެންދާއިރު، އެ ޝަރަފުވެސް މިއޮތީ މިލަންދޫ ޙާޞިލުކޮށްފައި. އަޅުގަނޑު ކުރީގައި ދަންނަވާލިގޮތަށް، 2013ގެ ކުރިއާ ހަމައަށްދިޔައިރު މިލަންދުއަށް މިއޮތީ، ދައުލަތުން ބަޖެޓުގެ 42 މިލިއަން ރުފިޔާ ހޭދަކޮށްފައި. 2013 ވަނަ އަހަރުން ފެށިގެން، އަޅުގަނޑުގެ ޒަޢާމަތުގެ މިހިނގާ ހަތަރު އަހަރުގެ ތެރޭގައި 182 މިލިއަން ރުފިޔާގެ ހޭދަ އިންވެސްޓްމަންޓް މިއޮތީ މިރަށަށް ކޮށްފައި. އަދި މިހާރު އެ ހިނގަމުންދާ، ފެނުގެ ނިޒާމަށް ދާނެކަމަށް ދެންމެ ޠާރިޤު އިޢްލާނު އެ ކުރެއްވީ ސާޅީސް މިލިއަން، ނޫނީ އެއަށްވުރެ މަދެއްނުވާނެއޭ.

އެހެންވީމާ، މި މަޝްރޫޢު ނިމުނީމާ، މިއަހަރުގެ ނިޔަލަށް އެކަނިވެސް އެބައަރާ 222 މިލިއަން ރުފިޔާގެ ހޭދަ، މަޝްރޫޢަށް. މިލަންދުއަށް އެކަނި. އެހެންވީމާ، ސާޅީސް މިލިއަނުން 222 މިލިއަނަކީ ފަސްގުނަ. އެހެންވީމާ، މިލަންދޫގެ ރައްޔިތުން މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ. މިއިން ދައްކައިދެނީ، ރައްޔިތުންނަށް ޚިދްމަތްކުރުމުގައި ރަށްރަށަށް ދަތިވެފައިހުރި ކަންތައްތައް ފުއްދައިދިނުމުގައި، މި ސަރުކާރު އިސްކަންދޭ މިންވަރު. މިއިން ދައްކައިދެނީ، މަޝްރޫޢުތައް ރަށްރަށަށް ބޭނުންވާ މިންވަރަށް ގެންދިޔުމުގައި މި ސަރުކާރުގެ ވަޒީރުންގެ މުރާލިކަމާއި، އެ ބޭފުޅުންގެ ހަކަތަހުރިވަރު ދައްކައިދޭ މިންވަރު. މިއިން މިދައްކައިދެނީ، މި މަޝްރޫޢުތައް ހިންގުމަށް ހަވާލުވެ، ނޫނީވިއްޔާ މި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ހަވާލުވެފައި ތިބި ކުންފުނިތަކުގައި މި ހަކަތަ ހުރިކަމާއި އަދި ކުންފުނިތައް ހިންގަވަން ތިބި ބޭފުޅުންގެ އިޚުލާޞްތެރިކަން، އިޙްސާންތެރިކަން ރައްޔިތުންނާ ދޭތެރޭގައި އޮތް މިންވަރު. އެހެންނޫނީ މިކަހަލަ ބައެއް މަޝްރޫޢުތައް އަޅުގަނޑުމެން ހުންނާނެ، ބޭރުގެ ފަރާތްތަކަށް ދީފައި. އެއީ، އަޅުގަނޑުމެންގެ ކުންފުނިތަކަށް އެވަރުގެ ކެޕޭސިޓީ، ހުރިހާ ރަށެއްގައި އެއްފަހަރާ އެތައް ބައިވަރު މަޝްރޫޢެއް ހިންގުމުގެ ކެޕޭސިޓީ، ޤާބިލުކަން ނެތީމާ. އެއީ، ފައިސާ ނެތިގެނެއްވެސްނޫން. މީހުންވެސްނެތީ. ނޫނީވިއްޔާ ބައެއް ސާމާނުވެސްނެތީ.

އެހެންވީމާ، ހުރިހާކަމެއް ހަމަކޮށްގެން ކުރާއިރު، ވަރަށްގިނަ ވަގުތުގެއްލޭތީ، އެ ގެއްލޭ ވަގުތު އެއީ، އަޅުގަނޑަށް ގަބޫލުކުރެވޭ ކަމަކަށްނުވާތީ، ބޭރުގެ ފަރާތްތަކަށް ދީފައިހުންނާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި އެ ބޭފުޅުން ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުން ވިދާޅުވާނެ، މިހެން ބޭރުގެ ފަރާތްތަކަށް އަޅުގަނޑުމެން ކޮންޓްރެކްޓަށް ދޫކޮށްލާފައި ހުރި ބޮޑެތި މަސައްކަތްތައް ގޮސްފައިހުރި ހިސާބު. ނޫނީވިއްޔާ ވަކި ހިސާބަކުން މަޝްރޫޢުތައް ދޫކޮށްލާފައި ދިޔައީ ކިތައް ރަށުގައި، ކިތައް ބޮޑެތި މަޝްރޫޢުތަކުގައިތޯ؟ ޒުވާނުންނަށް އެންމެ ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި ޒުވާނުން މިހާރުވެސް ބުނަމުންގެންދާނެ. އަޅުގަނޑު މިދަންނަވާ ޒުވާނުންނަކީ، ގާތްގަނޑަކަށް 18 އަހަރު ނޫނީ އެއަށްވުރެން ހަގު އުމުރުފުރައިގެ ކުދިން ފެށިގެންގޮސް ގާތްގަނޑަކަށް 35 އަހަރާ ދެމެދުގެ ކުދިންގެ ވާހަކަ އަޅުގަނޑު މިދައްކަނީ. މި ކުދިން އެންމެ ފުރަތަމަވެސް ބުނާނީ ރަށުގެ ބަނދަރުގެ ވާހަކައެއްނޫން. މި ކުދިން އެންމެ ފުރަތަމަވެސް ދައްކާ ވާހަކަތަކުގެ ތެރޭގައި މިހާރު ދައްކާނީ، ފުޓްސެލްދަނޑުގެ ވާހަކަ. އޭގެކުރީގައި އަޅުގަނޑުމެން ނުދައްކަމޭ ފުޓްސެލްދަނޑުގެ ވާހަކައެއް. އަބަދުވެސް ބަނދަރުހަދަން ބަޔަކުއައިސް މަސައްކަތްކުރާއިރު، އެމް.ޓީ.ސީ.ސީ. ނޫނީ ހައުސިންގ މިނިސްޓްރީން މިކަންކުރާއިރު، ރައްޔިތުން އެދިވަޑައިގަންނަވާނީ، ތިމަންނާމެންގެ ރަށުގެ ބިންގަނޑު ލެވެލްކޮށްލަދޭށޭ، ފުޓްބޯޅަ ކުޅޭ ދަނޑުގެ ބިންގަނޑު ލެވެލްކޮށްލަދޭށޭ. އެއަށްވުރެން އިތުރު ވާހަކައެއް ބުނާކަމަށްވަންޏާ، އެ ފަސްގަނޑުން ހިލެމުންއެދާ ގާތައް ނަގައިދޭށޭ. އެ ހިސާބުން އަޅުގަނޑުމެންނަށް ފުދިގެން ބޯޅަދަނޑެއް ހެދިއްޖެކަމަށް އަޅުގަނޑުމެން ގަބޫލުކުރަމޭ. ސަރުކާރުން ޚަރަދުކޮށްގެން ހޭދަކޮށްގެނެއް ނުހުންނާނެ ދަނޑުތަކުގައި ވިނަ އިންދައިދީ، ދަނޑުތައް މިގޮތަށް ބަލަހައްޓާފައެއް. ދެން އިތުރަށް އަންނަން ފެށި ކަމަކީ، ދަނޑު ބެލެހެއްޓުމަށްޓަކައި ދަނޑުގެ ވަށާފާރު ނުވަތަ ފެންސެއް ޖަހައިދޭށޭ. އަޅުގަނޑުމެން ސަރުކާރާ ހަވާލުވީއިރު، ފުޓްސެލްދަނޑަކީ އާ ކޮންސެޕްޓެއް. އެކަމަކު މިއަދު މި ދައްކަނީ، ހަމަ ޒުވާނުންނަށް އެންމެބޮޑަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ފުޓްސެލްދަނޑު. ފުޓްސެލްދަނޑުތައް ރާއްޖޭގެ އެތަންމިތަނުގައި އެޅެމުން އެބަދޭ. އެކަމަކު ރާއްޖޭގައި އެބަހުރި، ފުޓްސެލްދަނޑު ނޭޅިހުރި ތަންތަންވެސް. އެކަމަކު މި ދަނޑުތައް ނޭޅި މިހުރީވެސް ކީއްވެގެންތޯ އަޅުގަނޑު މިއަދު ހަމަ ޒުވާނުންނަށް ދޭ މެސެޖެއްގައި ދަންނަވާލާނަން.

އިރާދަކުރެއްވިއްޔާ މިހުރިހާ ދަނޑުތަކެއްވެސް އަޅައިނިމޭނެ. އެ މަސައްކަތްތައް މިހާރު ފުރަތަމަ ކުރަން ހަވާލުވި ފަރާތްތަކުން ނުކުރެވިގެން، ތަފާތުގޮތަކަށް މިކަން ކުރެވޭތޯ އަޅުގަނޑުމެން ބަލަމުން އެބަގެންދަމު. ފުޓްސެލްދަނޑުތައް އަޅަން ހަވާލުވީ ހަމަ ދިވެހި އެކިފެންވަރުގެ ކޮންޓްރެކްޓަރުން، މަސައްކަތްކުރާ މީހުން. ސަރުކާރުން ކޮށްދޭންޖެހޭ ކަމަކީ، ދަނޑުތަކަށް ބޭނުންވާ ސާމާނު، ބޮޑު އަދަދެއްގެ ސާމާނު ހޯލްސޭލްކޮށް ގެނެސްފައި، ސަރުކާރުގައި ބަހައްޓާފައި، ބޭނުންވާ ރަށްރަށަށް ފޮނުވައިދީފިން. މި ރަށްރަށުގައި ތިއްބަވާނެ ބޭފުޅުން އެކި ރަށްރަށުގައި ފުޓްސެލްދަނޑު އަޅަން ބޭނުންވާ ސާމާނު، ކިތައް ރަށުގައި އެބަހުރިތޯ، އެކަމަކު މަސައްކަތް ނުހިނގާ އެހުރީ މަސައްކަތް ހުއްޓާލެވިފައި. އެއީ އެ ކޮންޓްރެކްޓަރުންނަށް އެ މަސައްކަތް ނުކުރެވިގެން. ދެން ސަރުކާރުގެ އުސޫލުތައް ނިޔާކުރާގޮތުން އަނެއްކާވެސް، ޓެންޑަރުކޮށްގެން ބަޔަކު ހޯދަން މިޖެހެނީ. މީގައި ވަރަށްގިނަ ވަގުތު ގެއްލިގެން މިދަނީ. އެހެންވީމާ، ފުޓްސެލްދަނޑުތައް އެޅުމުގެ އުންމީދު، ނޫނީވިއްޔާ އެ ޝައުޤުވެރިކަން ރައްޔިތުންނަށް އެ އޮންނަ ބޭނުންތެރިކަން އެ ޝައުޤުވެރިކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އެކަން ކޮށްދެވޭތޯ އަޅުގަނޑު ބަލަމުން މިގެންދަނީ.

އެހެންނަމަވެސް، އަޅުގަނޑު މި ދަންނަވާލި ވާހަކައަކީ، ކަންކަން ކުރުމުގައި ލަސްވާ ސަބަބުތައް އެބަހުރޭމެޔޭ. އެކަމަކު މި ސަބަބުތަކާއެކީވެސް، މީހުންގެ އުންމީދުތައް ރާއްޖޭގެ ކޮންމެ ދިމާއަކަށް އަޅުގަނޑުމެން ދަތުރުކުރިއަސް އުންމީދުތަކެއްވާކަން އަޅުގަނޑުމެންނަށް އެބަ އެނގިގެންދޭ، މިލަންދޫން އެކަނި ބަލައިލީމާ. މި ދެންނެވީ މިލަންދުއަށް ބޮޑެތި މަޝްރޫޢުތަކަށް ހޭދަކުރެވިފައިހުރި އަދަދު ފަސްގުނަ، 500 ޕަސެންޓް މިއޮތީ އިތުރުވެފައޭ.

ދެން ޤައުމުގެ ޖުމުލަ ރައުސްމާލުގެ ވާހަކަ ދައްކާއިރު، މުޅި ޤައުމަށް ބޭނުންވާ ކަންކަމަށް ބަލާއިރު، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ ވާހަކަ ޢަބްދުއްރަޙީމުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. އެހެން ނަޒަރިއްޔާއަކުން އަޅުގަނޑު އެ ވާހަކަ ދަންނަވާލާނަން.

އަޅުގަނޑުމެންގެ އެއަރޕޯޓް އަޅައި، އެހިސާބަށް ގެނެސް އޭރުގައި ކުރެވުނު ހޭދަތަކުގެ ތެރޭގައި ތިރީހަކަށް މިލިއަން ނޫނީ ސާޅީހަކަށް މިލިއަން ޑޮލަރުކަންނޭނގެ އެކި ޒަމާނުގައި ލޯނު ނަގައިގެން އެކަން ކުރެވިފައި ހުރީ. އެހެންނަމަވެސް، އެއަރޕޯޓް ހިންގުމަށް، ކުންފުނި ހިންގުމަށް ލިބުނު ފައިސާއެކީ އިންވެސްޓްކޮށް ބޮޑެތި މަސައްކަތްތަކެއް އެހުރީ ކުރެވިފައި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެބަ އެނގޭ، އެއަރޕޯޓަކީ ފުރި ބާރުވެފައި އޮތް ތަނެއްކަން. އަދި ސަރުކާރުން އެއަރޕޯޓް އިތުރަށް ތަރައްޤީ ނުކުރެވޭނެކަން އެނގޭތީ، އެ އެއަރޕޯޓަކީ، ބާލިދީ އެއަރޕޯޓެއް ގޮތަށް، ނަންވެސް ބަދަލުވެގެންދިޔަކަންވެސް އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހޭނެ މިއަދު. އެހެންވީމާ، އަޅުގަނޑުމެންނަކަށް އޭރަކު ހަކަތައެއް ނެތް، ސަރުކާރުގެ ވިސްނުމެއް ނެތް، އެއަރޕޯޓުގެ ފުރާޅު ބަދަލުކޮށްލައިގެން އަޅުގަނޑުމެންގެ މިލްކިއްޔާތުގައި އޮތްއެއްޗެއް، އަޅުގަނޑުމެންގެ ތަރިކައެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ވަސީލަތެއްގެ ގޮތުގައި އޮތްއެއްޗެއްގެ އިތުރު ފައިދާ، ނަފާ ހޯދުމުގެ ވިސްނުމެއް ނެތް. ފަސޭހަގޮތަކީ، ވިއްކާލުން. އޭރު ތިރީހަކަށް މިލިއަން ޑޮލަރުން ފެށިގެން އައި އެއަރޕޯޓް، ޝައްކެއްވެސްނެތްގޮތުގައި ވިއްކާލިއިރު، އެއަށްވުރެ މާ އަގުބޮޑު އެއަރޕޯޓެއް އެއީ. އެ އެއަރޕޯޓުގެ އަގަކީ، 70 މިލިއަން ޑޮލަރެއްނޫން. ނުއަގުގައި އެ އޮތީ އެއަރޕޯޓް ހަވާލުކޮށްފައި.

މިއަދު، މިއަދު މިދެންނެވިހެން މުޅި ޤައުމުގެ ރައުސްމާލުގެ ތެރޭގައި ހިމެނޭ މިކަހަލަ ބައެއް މުދާ. މުދަލުގެ އަގު ކުރެވޭގޮތަށް ބަލާކަމަށްވަންޏާ، ތިރީހަކަށް މިލިއަން ޑޮލަރުން ފެށި އެއަރޕޯޓުގެ އަގު، އަޅުގަނޑުމެންގެ މި އެއަރޕޯޓް ނިމިގެންދާއިރު، ﷲގެ ރަޙްމަތުން އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި އެއަރޕޯޓުގެ ހުރިހާ ވަސީލަތްތަކެއް ޤާއިމުވެގެން، އެއަރޕޯޓަށް އެންމެބޮޑެތި މަރުކާގެ މަތިންދާބޯޓުވެސް ޖައްސަން ފަށާނެ. އޭރު މި އެއަރޕޯޓުގެ އަގު އުޅޭނީ، 1000 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިކޮށް. 1000 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިކޮށް.

އަޅުގަނޑުމެން ދައްކަމު، އަޅުގަނޑުމެންނަކީ، ކުޑަކުޑަ ޤައުމެކޭ. ޝައްކެއްވެސްނެތްގޮތުގައި، މިއީ، ދެބަސްވެވޭނެ ވާހަކައެއްނޫން. ވަސީލަތްތައް މަދު ވާހަކަ، ދެބަހެއްނުވަން. އެކަމަކު ތިރީހަކަށް މިލިއަން ޑޮލަރުން ފެށި އެއަރޕޯޓް، އަޅުގަނޑުމެންގެ ޙަޔާތުގައި މިތާ ތިއްބެވި އެތަކެއް ބޭފުޅުން، އޭރުވެސް އުޅުއްވާނެ. ކަންކަމަށް ވިސްނަވާނެ. ވިސްނުންފޯރާވަރުގެ އެބަ ތިއްބެވި. ހަމަގައިމުވެސް އަޅުގަނޑަށް އެކަން ހިނގާފައި އޮތްގޮތް އެނގޭ. އެކަންކަން ހިނގިއިރު، އަޅުގަނޑު އުޅެން ހަމަ. ހަމަ ހޭލުންތެރިކަމާއެކީ، މި ހިނގާ ކަންތައްތައް އަޅުގަނޑަށް އެނގޭ ހިސާބުގައި އަޅުގަނޑު ހުރީ. އެކަމަކު މިއަދު މި އަންނަ ބަދަލަކީ، އަޅުގަނޑުމެންނަކަށް ނުފުދުނު، 30 މިލިއަން ޑޮލަރުގެ އެއަރޕޯޓެއް، އަޅުގަނޑުމެންގެ ބޭނުންތަކަކަށް ނުފުދޭ. އެހެންވެގެން، އެއަރޕޯޓު އެ ދިޔައީ، ގުނަވެގެން، އަގުތައް ގުނަވެގެންގޮސް، 1000 މިލިއަން އެމެރިކާ ޑޮލަރަށްވުރެން ބޮޑު ހޭދަ އަޅުގަނޑުމެން މިކުރަނީ. ދެން އޭގެ ފައިދާގެ ވާހަކަ އަޅުގަނޑު ދައްކާކަށްނެތިން. އަޅުގަނޑުމެންގެ މި ދަތުރުގައި، މީގެކުރީގައި އަޅުގަނޑު ދަތުރުކުރި ރަށްރަށުގައި މި ވާހަކަވެސް ދެއްކީމު. އެކަމަކު އަޅުގަނޑު ހަމަ މި އަންނަ ތަރައްޤީއާއެކީ ދަންނަވާލަން ބޭނުންވާ ވާހަކަތައް ފަސޭހަވެގެން ހިނގައްޖެ. ޢަބްދުއްރަޙީމް އެ ގެންނެވި ތަޢާރުފުގެ ތެރޭގައި. އަޅުގަނޑުވެސް ޒުވާނުންނަށާއި، ތަންދޮރު ދަންނަ މީހުންނަށާއި، ޤައުމުދެކެ ލޯބިވާ މީހުންނާ މުޚާޠަބުކޮށް ދައްކާ ވާހަކައެއް މިއަދު ދަންނަވާލަން މިއުޅެނީ. އަޅުގަނޑު ދައްކަން މިއުޅެނީކީ، ސިޔާސީ ވާހަކައެއް ކަމަށް ގަބޫލުނުކުރައްވާ! އެކަމަކު އަޅުގަނޑު ދައްކަން މިއުޅެނީ، ޙަޤީޤީ ވާހަކަތަކެއް. މި ޙަޤީޤީ ވާހަކަތަކުގެ މެސެޖުތަކަށް ބަލާކަމަށްވަންޏާ، މިއީ، ސިޔާސީ ބަޔަކު ދައްކާފައި، ނޫނީ ސިޔާސީ ބައެއްގެ ފަލްސަފާ، ވިސްނުންކަމުގައި ގަބޫލުކުރެވިދާނެ. އެ މިންވަރަށް އެއީ ސިޔާސީ ވާހަކަ. އެކަމަކު އަޅުގަނޑު މި ދައްކަން މިއުޅެނީކީ ސިޔާސީ ވާހަކައެއްނޫން.

އަޅުގަނޑު ދައްކަން މިއުޅެނީ، ޤައުމުގެ ވަޠަނިއްޔަތުގެ، ޤައުމިއްޔަތުގެ އަޅުގަނޑުމެންގެ އުސޫލުތަކުގެ، އިސްލާމްދީނާއި، އަޅުގަނޑުމެން މި ދީނާ ދޯޅުވެތިބުމަށް އަޅުގަނޑުމެންގެ ދިވެހި އުސޫލުތަކާއި ސިފަތައް އަޅުގަނޑުމެން ހިފަހައްޓަން ބޭނުންވަނީ، ކިހާ މިންވަރަކަށްތޯ؟ ހިންގަވާށޭ، އަޅުގަނޑުމެން ދިރާސާކޮށްލަން. މިކަން އެންމެ ފަސޭހައިން އަޅުގަނޑުމެންނަށް ދިރާސާކުރެވޭނެ ވާހަކަތައް ޢަބްދުއްރަޙީމް އެ ވިދާޅުވެ ދެއްވީ. އަޅުގަނޑު އެ ވާހަކަތައް އެގޮތަށް ތަކުރާރުކުރާކަށެއް ނޫން. އެކަމަކު އެއީ އަޅުގަނޑު ހަމަ ސަތޭކައިން ސައްތަ ޢަބްދުއްރަޙީމުގެ ވާހަކަފުޅާ ހިއްސާކުރާ ވާހަކަތަކެއް އެ ދެއްކެވީ. އަޅުގަނޑުމެންނަށް އަންނަ އެންމެބޮޑު ގޮންޖެހުންތަކުގެ ތެރޭގައި މި އަންނަނީ، ރަށްރަށުގެ ތަރައްޤީއަށް މަސައްކަތްނުކުރާ ވާހަކައެއްނޫން. ރަށްރަށް ކުރިއަށް ނާރާ ވާހަކައެއްނޫން. ދެހާސް ރުފިޔާ ތިމަންނާމެން ދިން ބަޔަކަށް، ފަސްހާސް ރުފިޔާއަށްވުރެ މައްޗަށްޖެއްސި ވާހަކައެއްނޫން. އަދި ހުސްނުވާ އާސަންދަ ހުސްވިއިރު، މިހާރުގެ އާސަންދަ ހުސްނުވާ ވާހަކައެއްވެސްނޫން. ރާއްޖޭގައި ލިބެންނެތް ފަރުވާ ރާއްޖެއިން މިހާރު ލިބޭކަމާއި، އެތަކެއް ބައެއްގެ ފުރާނަ ސަލާމަތްކުރެވިގެންދާ ކަމާއި އަދި ބަނދަރުގެ ދަތިކަމުން މި ނުކުންނަ ނުރައްކަލުން އެތަކެއް ދޯނި ސަލާމަތްކުރެވޭކަމާއި، މީހުންގެ މުދަލާއި، މީހުންގެ ޖިސްމު ސަލާމަތްކުރެވޭ ވާހަކައާއި، މި ވާހަކަތަކުގެ ވާހަކައެއްނޫން. މި ވާހަކަތަކެއް ނާންނާނެ އަޅުގަނޑާ ހަމައަކަށް. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ނަމުގައި 25 ބުރީގެ އިމާރާތެއްކޮށް، މި ސަރަޙައްދުގައި ލިބެންހުރި އެންމެ ރަނގަޅު ފަރުވާ ލިބޭނެ ވާހަކަ. މިއަކަށް ޖަދަލެއްނުކުރާނެ. އަދި މިކަންކަމުގައި އަޅުގަނޑުމެންނާ ވަކާލާތު ކުރައްވާ ބޭފުޅުންވެސް މި ފަރުވާގެ ބޭނުންފުޅު ހިއްޕަވާނެ.

އެހެންވީމާ، މިކަހަލަ ވާހަކައެއްނޫން އަޅުގަނޑާ ހަމައަށް އަންނާނީ. އަޅުގަނޑާ ހަމައަށް އަންނާނީ، ހާލަތު ނިޔާކުރިގޮތުން، ބަޔަކު ކަންކުރިގޮތުން، ކަންކަންވެފައި އޮވެގެން އެކަންކަމުން ނުކުތް ނުބައި ނަތީޖާއިގެ ވާހަކަ އަޅުގަނޑު ދައްކާނީ. އެއީ، އަޅުގަނޑުގެ މައްޗަށް އަންނާނެ އިލްޒާމުތަކަކީ. އެ އިލްޒާމުތަކުގެ ސަބަބުން، އަޅުގަނޑަށް ކިތަންމެވަރަކަށްވެސް ދަތިވެއްޖެ. ދައުލަތް ހިންގުމަށް ދަތި ކިތަންމެ ކަމެއް އަޅުގަނޑު ކުރިމަތިލައިފީމު. އަދި މިހާރުވެސް އެތެރެއާއި ބޭރުން މި އަންނަ ޕްރެޝަރަކީ، ހަމަ މިކަންކަމުގެ ސަބަބުން އަންނަ ޕްރެޝަރު.

އަޅުގަނޑުމެންގެ ސަރުކާރު އައިއިރު، އަޅުގަނޑުމެން އަޑުއަހަމުންދިޔަ ވާހަކަތަކެއް ދޮގެއްތޯ، ޢަބްދުއްރަޙީމް އެ ދެއްކެވީ. މިއަދުވެސް އަޅުގަނޑާ ހަމައަށް މި އަންނަނީ މި ވާހަކަ. ދިވެހިރާއްޖެ ވަކި އުސޫލުތަކެއް ގަބޫލުކޮށްގެން، ވަކި ނިޒާމުތަކެއް ގަބޫލުކޮށްގެން އަޅުގަނޑުމެން ކުރިއަށްދާތީ، މި ދައްކާ ވާހަކައަކީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީ ނެތް ވާހަކަ. އެކަމަކު، ރައީސް މައުމޫން ވެރިކަމުގައި ހުންނެވިއިރު، ޑިމޮކްރަސީ ނެތް ވާހަކަ އެބޭފުޅުން ދެއްކެވި. އެއްވެސްކަހަލަ ޑިމޮކްރަސީގެ ކުލައެއް، ސިފައެއް، ވަހެއްވެސް ދަންނަ ބޭފުޅެއް ނޫންކަމަށް އެބޭފުޅުން ވަކާލާތު ކުރައްވަމުން، އަޑު އުފުއްލަވަމުން ގެންދެވި. އެކަމަކު ސަރުކާރާ ދެކޮޅަށް ހަދާ ކޯލިޝަނެއްގައި ބައިވެރިވެގެން ކުރިއަށްދާއިރު، ހަމަ އެންމެ ޝަރަފުވެރިކަމާއެކީ ބަލައިގަންނަ ބޭފުޅަކަށް އެއްކަލަ ޑިމޮކްރަސީގެ ކުލައެއް، ސިފައެއް، ވަހެއް ނުދަންނަ ބޭފުޅަކު، ހަމަ އެބޭފުޅުންގެ ޓީމުގެ އިސްބޭފުޅަކަށް ހަދަން، އެއްވެސްކަހަލަ ދެބަސްވުމެއްނެތް. ޝައުޤުވެރިކަމާއެކީ ބަލައިގެންފި.

މިއަދު މި ދައްކާ ވާހަކައިގެ ތެރޭގައި، ޑިމޮކްރަސީ ނެތިގެން މި ދައްކާ ވާހަކައިގެ އެންމެ ބޮޑަށް ދައްކާ މި އޮންނަނީ ދެ ވާހަކައެއް. ތިމަންނާމެން ކަންކަން ކުރާކަށް މިނިވަންކަމެއްނެތޭ. ތިމަންނާމެންނަށް ވާހަކަ ދެއްކުމުގެ މިނިވަންކަމެއްނެތޭ. ނޫސްތައް ބައްލަވައިލެއްވީމާ، ސޯޝަލް މީޑިއާ ބައްލަވައިލެއްވީމާ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވާހަކަ ދެއްކުމުގެ މިނިވަންކަން ކިހާފުޅާކަން، ކިހާވަރަކަށް އޮތްކަން. ނުދައްކަނީ ކޮންވާހަކައެއްތޯ؟ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް، އަދި ވެރިކަމުގެ ތެރޭގައި ތިއްބެވިއިރުވެސް، އެ ފަލްސަފާއަކަށް، ނޫނީ އެޚިޔާލުތަކަށް ތާއީދުކުރައްވާ ބޭފުޅުން މިއަދުވެސް މި އަޅުގަނޑުމެންނާ ކުރިމަތިލައްވަނީ. އޭރުވެސް އެޚިޔާލުތަކަށް ތާއީދުކުރައްވާ. ތާއީދުކުރައްވައޭ މިދެންނެވީ، އެޚިޔާލުތަކަށް ތާއީދު ނުކުރައްވާ ކަމަށްވަންޏާ، އެ ޚިޔާލުތަކަށް ތާއީދު ނުކުރައްވާ ވާހަކަ އިޢުލާނު ކުރެއްވެންވާނެ. ކިހާވަރަކަށްތޯ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންވީ؟ އަޅުގަނޑުމެން ދެކެފީމު ދޮގެއްތޯ، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ އޮންނަންވާނެތޯ، ޖާގަ އޮވެދާނެތޯ، ޖާގަ ބޭއްވިދާނެތޯ، އިސްލާމިކް މިނިސްޓްރީއަށް، އޭރު ހުންނެވީ، ހަމަ ދީނީ ޢިލްމުވެރިއެއް މިނިސްޓްރީގައި. ރަސްމީ ސިޓީއެއް ރައީސް އޮފީހުން ފޮނުއްވި. އެސިޓީ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި، ރައްޔިތުން މަޖިލީހުގައި އެސިޓީ ގެނެސް ސުވާލު ކުރީން. އިސްލާމްދީން ނޫން އެހެން ދީންތަކުގައި، ފާޅުގައި އަޅުކަން ކުރުމަށް ޗަރޗް ހެދުމާއި، އަދި މިނޫންވެސް ބިނާތައް ހެދުމުގެ ޖާގައޮތްތޯ ސުވާލު ކުރެއްވި ނޫންތޯ؟ މި ހަނދާން އަޅުގަނޑުމެން ނެތީތޯ؟

އަޅުގަނޑު ދޮގެއްތޯ ބުނަމުން މިގެންދަނީ، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގައެއް ނޯންނާނެއޭ. އަޅުގަނޑު މިއަދުވެސް މި ބުނަނީ އެ ވާހަކަ. ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް، އަޅުގަނޑުމެންގެ ޒަޢާމަތު އޮތްހާ ދުވަހަކު ޖާގައެއް ނޯންނާނެ. އެކަމަކު އެހެންތޯ، އަޅުގަނޑުމެންނާ ވާދަކުރައްވާ ބޭފުޅުން މިހާތަނަށް ވިދާޅުވަމުން ގެންދެވީ؟ އެބޭފުޅުންގެ ރަސްމީ ސިޓީގައި، ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ މުއައްސަސާގެ ލެޓަރހެޑްގައި އެއޮތީ ފޮނުއްވާފައި އޮތް ސިޓީ. އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަ އޮތްތޯ. ދެން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ކިހިނެއްތޯ؟ އަޅުގަނޑުމެން ޚިޔާލަށް ގެންނަވާ!

ކީއްކުރަންތޯ ޢަރަބި، އިސްލާމް މިހާރު މަޖުބޫރުވެގެން މި ކިޔަވައިދެނީ؟ އޭގެ ކުރީގައި މިކަން އޮތީ ކިހިނެއްތޯ؟ ޢަރަބި އިސްލާމް މަޖުބޫރުތޯ؟ ޢަރަބި، އިސްލާމް މަޖުބޫރުނުވެ، ރީތި އުސޫލުތައް އަޅުގަނޑުމެން ދަސްކޮށްނުދިނީމާ، އަދި މައިންބަފައިންގެ އެވަރުގެ ތަރުބިއްޔަތުގެ ޤާބިލުކަން ނެތީމާ ނޫންތޯ، ދިވެހިރައްޔިތުންގެ ތެރެއިން ހަމަ ދިވެހި ކުދިންތަކެއް ނޫންތޯ ރަސޫލާއަށް ފުރައްސާރަ މިކުރަނީ. ރަސޫލާއަށް ހަޖޫ މިޖަހަނީ ކޮންބައެއްތޯ؟ ޣައިރު މުސްލިމުންވެސް ނުކުރާވަރަށް އަޅުގަނޑުމެންގެ މުސްލިމް ދިވެހި ކުދިން، ދިވެހިރާއްޖޭގެ މުސްލިމް ދިވެހި ކުދިން މިކަން އެބަކުރޭ ނޫންތޯ؟ މިއީތޯ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަރު ދަމާލެވޭ ދުރުމިނަކީ މިއީތޯ؟

އަޅުގަނޑުގެ ސަރުކާރެއްގައި އަޅުގަނޑު ބޭނުންވަނީ، ޤާނޫނުން ދެވެންއޮތް އެންމެ ހަރުކަށި އަދަބު، މިފަދަ މީހުންނަށް ދޭން. އަދި ޤާނޫނު ނެތްކަމަށްވަންޏާ، ޤާނޫނު ހަދައިގެންވެސް މިކަން ހުއްޓުވަން އެބަޖެހޭ. އަދި މިފަދަ މީހުންނަކަށް ދިވެހިރާއްޖެއިން އެއްވެސްކަހަލަ މަންފާއެއް ލިބޭކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. 23 ވަނަ ދުވަހު އޮންނަ ވޯޓާ ހަމައަށްދާއިރު، މިއީ އަޅުގަނޑުމެން ޚިޔާލަށް ގެންނަންޖެހޭ ކަންކަން. ކީއްކުރަންތޯ އަޅުގަނޑުމެން ބަލަންވީ ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގައޮތްތޯ؟ އެއީ ބަލަންޖެހޭ ކަމެއްތޯ؟ މިލަންދޫގެ ރައްޔިތުން އެކަމާ އެއްބަސްތޯ؟ އެއްބަހެއްނުވާނެ. މިލަންދޫގެ ރައްޔިތުން ބޭނުންތޯ މިތާހުރި މިސްކިތުގެ ކުރިމަތީގައި އެހެން ދީނެއްގެ ފައްޅިއެއް މިތާ ހުންނަން؟ އަޅުގަނޑުމެން އެއްބަހެއްނުވާނެ އެކަމަކަށް. މިލަންދޫގެ ރައްޔިތުންނެއް، ޒުވާން ކުދިންވެސް ބޭނުމެއްނުވާނެ، އަޅުގަނޑުމެންގެ މާތް ރަސޫލާއަށް ހަޖޫޖެހޭތަން އަޑުއަހާކަށް، ފެންނާކަށް، ބޭނުމެއްނުވާނެ. އެކަމަކު ބައްލަވާ ބައެއް މީހުންގެ ފޭސްބުކް ޕޭޖްތައް. ބައެއް މީހުން އެ ކުރާ ޓްވީޓްތައް ބައްލަވާ! އަދި މިމީހުންގެ ސިޔާސީ ފިކުރު ގުޅިފައި އޮތީ ކޮން ޕާޓީއަކަށްތޯ ބައްލަވާ! ﷲގެ އެއްކައުވަންތަކަން ގަބޫލުނުކުރާ، ނޫނީ ސުވާލު އުފައްދާ މީހުން ނެތްތޯ ބައްލަވާލައްވާ! އެ ލިސްޓުގައި ތިބި ބައެއްގެ ސިޔާސީ ވިސްނުމާއި ފިކުރުގޮސް ޖެހެނީ ކޮން ޕާޓީއަކާ، ކޮން ގުޅުމެއް އޮތް ބަޔަކާތޯވެސް ބައްލަވާ، ދިރާސާ ކުރައްވާ! އަޅުގަނޑު ބުނާތީއެއްނޫން. އަމިއްލަ ދިރާސާއެއް ކުރައްވާ!

އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި މިކަހަލަ އުސޫލުތަކެއް ދަމަހައްޓާތީ މައްސަލައަކަށްވަނީ. އަޅުގަނޑެއް ގަބޫލެއްނުކުރަން، މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ލިބެންވާނެ ޙައްޤުތަކެއް ކަމަކަށް. މި ޚިޔާލުފާޅު ކުރުމަކީ އޮންނަންޖެހޭ ކަމެއްކަމަށްވަންޏާ، އަޅުގަނޑުގެ ސަރުކާރެއްގައި ހަމަ އެންމެ ހަރުކަށި އަދަބުދެވޭނެ ބަޔަކީ، މިދެންނެވި ގޮތަށް ދީނަށް ހަޖޫޖަހާ، ރަސޫލާއަށް ފުރައްސާރަކޮށް މިކަންކަން ކުރާ މީހުން. މިއީކީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢު ގަބޫލުކުރާނެ ކަންކަމެއް ނޫން. އަޅުގަނޑުމެން ގަބޫލެއްނުކުރަން، އަޅުގަނޑުމެންގެ ދަރިންނާއެކީ، އަޅުގަނޑުމެންގެ ތަރިކައިންބެހޭ މީހުންގެ ތެރޭގައި ހިމެނޭ މީހުން، މިކަހަލަ ކަންތައްތައް ކުރާކަށް އަޅުގަނޑުމެން ގަބޫލެއްނުކުރަން. އެހެންވީމާ، މިއަދު ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ވާހަކަ، މި ވިދާޅުވާ ބޭފުޅުން މި ވިދާޅުވަނީ މިކަހަލަ ކަންކަން ހުރީމާ.

ދިވެހިރާއްޖެއަށް ބޭރުގެ އަސްކަރިއްޔާއެއް އައިސް، ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކުރަން ގޮވާލާ ގޮވާލުމަކީ، އެއްވެސް މީހަކަށް، ވެރިކަން ކޮށްފައި ހުއްޓަސް، އަދި ވެރިކަމުގެ ޝައުޤުވެރިކަން ހުއްޓަސް، އެ މަސްތުން ނުފިލައި ހުރި މީހަކަށްވެސް، އެއީ ކުރެވޭނެ ކަމެއްނޫން. އޭނާއަށް އޮތް ޙައްޤެއް ނޫން އެއީ. އެއީ މުޅި ރައްޔިތުންގެ ޙައްޤެއް. އެންމެ މީހަކަށް ޚިޔާލުފާޅުކުރުމުގެ ތެރެއިން، ރައްޔިތުންނަށް ހެޔޮއެދިގެން ގޮވާލާ ގޮވެލިފަތީގެ ތެރޭގައި އަމުނައިލެވޭނެ އެއްޗެއްނޫން އެއީކީ. އެ ހުންނަނީ ޤައުމަށް ޣައްދާރުވުން. އެ ހުންނަނީ ޤައުމަށް ޚިޔާނާތްތެރިވުން. އެ ހުންނަނީ ހަވާލުކުރެވިފައި ހުރި އަމާނާތަށް ފުރަގަސްދިނުން. އެ ހުންނަނީ ވެރިކަން ކުރެވުނީމާ، އޭގެ ކުފޫ ހަމަނުވާކަން ދައްކައިދޭ ކަންކަން އެ ހުންނަނީ. އެހެންވީމާ، އެވަރުގެ ފިލޯސަފީއެއް، ނޫނީ އެވަރުގެ ފަލްސަފާއެއް ހިފައިގެން އުޅޭ ބަޔަކާ އަޅުގަނޑުމެން މި ވާދަކުރަނީ. އެހެންވީމާ، މިދެންނެވީ، އަޅުގަނޑު މި ދައްކަނީކީ ސިޔާސީ ވާހަކައެއް ނޫނޭ.

އަޅުގަނޑު މި ދައްކާ ވާހަކައަކީ، ޤައުމިއްޔަތުގެ ވާހަކަ. އަޅުގަނޑު މި ދައްކާ ވާހަކައަކީ ދީނުގެ، އަޅުގަނޑުމެން އިސްލާމީ ހިދާޔަތުގައި ތިބެން އަޅުގަނޑުމެން ކުރާ މަސައްކަތުގެ ވާހަކަ. އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ރަސޫލާއަށް އަޅުގަނޑުމެންގެ ކިޔަމަންތެރިކަމާއި، އަދި އޮތް ޝައުޤުވެރިކަމުގެ ވާހަކަ. އެހެންވީމާ، ހިތަށް ނުތަނަވަސްކަން އާދޭ، ދެރަވޭ، މޮޅިވޭ އަޅުގަނޑުމެން ހުރިހާ ރައްޔިތުންވެސް މިކަހަލަ ވާހަކަތައް، އެހެން ފަރާތްތަކުން މިކަހަލަ ވާހަކަތައް ދެއްކީމާ. އެ މިނިވަންކަމެއް ނުލިބޭނެ ދިވެހިރާއްޖެއަކު. އެ މިނިވަންކަމެއް ނުދޭނަން އަޅުގަނޑުގެ ސަރުކާރަކު. އަދި އޭގެ ބަދަލުގައި އެމީހުންނަށް ލިބެންވާ އަދަބުވެސް ހަރުކަށިވެގެންދާނެ. އެހެންވީމާ، އެވާހަކަތޯ މި ދައްކަނީ މިނިވަންކަން ނެތިގެން؟ ދެން މިނިވަންކަން ނެތީ ކޮން ކަމެއްގައިތޯ؟

ކޯޓުތަކުގެ ތެރެއަށް ވަދެގެން، ކޯޓުތަކުގެ ތެރެއަށް އަތް ބާނައިގެން، ޤާނޫނާއި ޝަރީޢަތުން ބޭރުން މީހުން ހިފާ ހައްޔަރުކުރި ވާހަކަ ޢަބްދުއްރަޙީމް އެ ވިދާޅުވީ. އަދި ހިފާ ހައްޔަރުކުރި މީހުންގެ ތެރޭގައި، ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު، އެބޭފުޅުންގެ ވެރިކަމަށް އެންމެ ވަރުގަދަޔަށް ޖަދަލު ކުރަމުން އަންނަ މީހުން އެއީ، ޤާނޫނުގެ އިމުގެ ތެރޭގައި ޖަދަލުކުރަމުން އައި މީހުން، އެއްވެސް ސުވާލުކުރުމެއްނެތި، ތަޙުޤީޤެއްނެތި، އަމްދުން ޝަރުޢީ މަރުހަލާއެއް ނުހިންގައި، ހިފާ ހައްޔަރު ކުރުމަކީ، ޑިމޮކްރަސީ ފައްކާވުން ދޮގެއްތޯ!

ދައުލަތުގެ ނިޒާމުތައް ހިންގުމަށް ހުރަސްއެޅުން، ކޯޓުތަކުގައި ތަޅުއެޅުވުން، ކޯޓުތަކުގައި ތިބި ފަނޑިޔާރުން ވަގަށް ނެގުން، މިއީތޯ ޑިމޮކްރަސީ ހިންގަން ލިބުނީމާ އަޅުގަނޑުމެންނަށް ފެނިފައިހުރި ފިލާވަޅުތަކަކީ. އެބޭފުޅުންގެ ފަލްސަފާގައި، އެ ބަދަލެއް ނާދޭ. އޭރުވެސް ތިއްބެވި ބޭފުޅުން މިހާރުވެސް ތިއްބެވި ބޭފުޅުންނަކީ. އޭރުވެސް އިސްކޮށް ތިއްބެވި ބޭފުޅުން، މިހާރުވެސް އެޕާޓީއަށް ބަސްކިޔަނީ. އެހެންވީމާ، އެބޭފުޅުންނަށްތޯ ދިވެހިރާއްޖޭގައި ޑިމޮކްރަސީ ހިންގެވޭނީ. ދިވެހިރާއްޖޭގައި ޑިމޮކްރަސީ ނުހިނގައިގެން އުޅޭކަމަށް މި ވިދާޅުވަނީ، ކޮންމެ ކަމެއް ބޭނުންގޮތަށް ކުރުމުގެ ޖާގަ، މި ސަރުކާރުން ނުދޭތީ. މި ސަރުކާރަކު ކޮންމެ ކަމެއް، ކޮންމެ ގޮތަކަށް ދިޔުން ހެވެއްނޫން. މި ސަރުކާރު ބޭނުންވަނީ، އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކަކާއި ހަމަތަކުގެ ތެރެއިން މިކުރާ މަސައްކަތެއް ކުރަން. އެއީ އަދި ޑިމޮކްރަސީގެ މަސައްކަތް ކަމަށްވީނަމަވެސް، ވެރިކަމަށް އަންނަން ފަށާ ދަތުރު ކަމުގައިވީނަމަވެސް، އަދި ރައްޔިތުންނަށް ހެޔޮއެދިގެން ކުރެވޭ މަސައްކަތެއް ކަމުގައިވީނަމަވެސް، މިނޫން ކަމެއްވީނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކެއްގެ ތެރެއިން އެކަން ކުރާށޭ!

އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކަކީ ޕީ.ޕީ.އެމުން ގަބޫލުކުރާ އުސޫލުތަކެއް ނޫން. އެއީ ދިވެހިރައްޔިތުން ބަލައިގަނެފައި އޮތް ޤާނޫނުއަސާސީއާއި، އަދި އޭގެފަހުން ކަންކަން ނިންމައި ކަނޑައަޅާފައި ހުންނަ ޤާނޫނުތަކުގައި އެކަންކަން ކުރަން ބުނާ އުސޫލުން އެކަންކަން ކުރަން. އިދިކޮޅު ފަރާތްތަކުން އެއްވެއުޅުމުގެ ޙައްޤު ވަކާލާތު ކުރަމުން ގެންދާއިރު، އެބޭފުޅުންގެ ޙައްޤު އެބަ ގެންދަވާ! މިސްކިތްތަކުގެ ކައިރީގައިވެސް ކޮންމެ ވަގުތަކުވެސް މިކަން ކުރަންވީ. އެއްވެ އުޅެވެންވީ. މަދަރުސާ ކުދިން މަދަރުސާއަށް ދާއިރު، އެތާ މަގުމަތީގައިވެސް ކުދިންނަށް ނުދެވޭވަރަށް އުނދަގޫ ކުރަންވީ. ރޭގަނޑު މީހުން ނިދި ގެއްލޭއިރުވެސް ހަމަ ކޮންމެ ދިމާއެއްގައިވެސް އެއްވެ ހަރަކާތްތެރިވާންވީ. ހަޅޭއްލަވަންވީ. އަޑުގަދަކުރާ ބަހައްޓަންވީ. ބަލަ ކޮބައިތަ އެހެން މީހުންގެ ޙައްޤު؟

އެހެންވީމާ، ޙައްޤުތަކެއް ހޯދައިދޭން މަސައްކަތްކުރާ ބަޔަކު ކަމަށްވަންޏާ، އެހެން ބައެއްގެ ޙައްޤު އޮތްކަން ފުރަތަމަ އެނގެންވާނެ. ނެތްކަމަށްވަންޏާ، ކޮން ޙައްޤެއް އެހެން ބަޔަކަށް ހޯދައިދެވޭނީ؟ އެހެންވީމާ މިއީތޯ ޑިމޮކްރަސީ ނެތުމަކީ؟ އެހެންވީމާ، ޑިމޮކްރަސީ ފައްކާ ކުރިކަން އަޅުގަނޑުމެންނަށް އެއޮތީ ފެނިފައި. ދެން އޮތީ މި ރަށްރަށަށް އަންނަ ތަރައްޤީ. މި ރަށްރަށަށް އަންނަ ތަރައްޤީގެ ވާހަކައިގައި، އަޅުގަނޑު އެއްވެސް ބޭފުޅަކަށް ނިސްބަތްކޮށް ބޭފުޅެއްގެ ނަންފުޅު ދަންނަވާފައި، ވާހަކަ ދައްކާކަށް ބޭނުމެއްނޫން. އެކަމަކު ހިނގާފައިހުރި ޙަޤީޤަތްތަކުގެ ވާހަކަ އަޅުގަނޑު ދަންނަވާލަން މިއުޅެނީ. މިކަންކަމާ ދޭތެރޭގައި ތިޔަބޭފުޅުން ވިސްނަވައިލައްވާ!

އަޅުގަނޑުމެންނަކީވެސް އިދިކޮޅުގައި ތިބި ބަޔަކީމު. އަޅުގަނޑަކީވެސް ރައްޔިތުންގެ މަޖިލީހުގައި، އިދިކޮޅުގައި މަސައްކަތްކުރި މީހަކީމު. އެކަމަކު ރައްޔިތުންގެ ތަރައްޤީއަށް އަންނަން އޮތް އެއްވެސް ކަމަކަށް އަޅުގަނޑުމެން ނޯންނާނެ ހުރަސްއަޅާފައެއް. އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ ކަންކަމުގެ ތެރެއިން، އެ ވިދާޅުވި ގޮތަށް އެއަރޕޯޓް، ބޭރު ބަޔަކަށް ވިއްކާލުމާއި، މިހެން ހުރި ކަންކަމަށް އަޅުގަނޑުމެން ހުރަސްއެޅީމު. އަދި މިހެން ހުރި ކަންކަމުގައި، އިހުތިޖާޖު އަޅުގަނޑުމެން މަގުމައްޗަށްވެސް ނުކުތީމު. އަދި ފަނޑިޔާރަކު ނަގައި ހިފާ ހައްޔަރުކޮށް، ޤާނޫނާއި ޝަރީއަތުން ބޭރުން، އުސޫލުތަކުގެ ބޭރުން، ޗާޓުން ބޭރުން ކަންކަން ކުރީމާވެސް އަޅުގަނޑުމެން އެކަމާ އިހުތިޖާޖު ކުރީމު. އެކަމަކު ދައުލަތުން ބަޖެޓުގެ ތެރެއިން، ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމުގައި އަޅުގަނޑުމެން އެއްބާރުލުން ދިނީމު. އަޅުގަނޑުމެންނަކީވެސް 16 ވަނަ މަޖިލީސްވެސް 17 ވަނަ މަޖިލީހުގައިވެސް އަޅުގަނޑުމެން ހަރަކާތްތެރިވީމު. އެކަމަކު އެއްވެސް ބަޖެޓެއް ނޯންނާނެ، އަޅުގަނޑުމެން ވޯޓުނުދޭ ބަޖެޓެއް.

މިލަންދޫއަށް އަންނަން އޮތް ތަރައްޤީގެ މަޝްރޫޢެއްވެސް، އެ މަޝްރޫޢު ހިންގަނީ އަޅުގަނޑުމެންނާ އިދިކޮޅު ސަރުކާރަކުން ކަމަށްވީނަމަވެސް، އަޅުގަނޑުމެން އޮންނާނީ ބަޖެޓަށް ވޯޓުދީފައި. އެކަމަކު މި ހިނގާ ފަސް އަހަރު ތިޔަބޭފުޅުން ބައްލަވާ! ޒިންމާދާރުކަމާއެކީ، ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ބުނާއިރު، އަޅުގަނޑު މި ދަންނަވާލީ މިލަންދުއަށް މި ފަސް އަހަރުގެ ތެރޭގައި 222 މިލިއަން ރުފިޔާ ހޭދަކޮށްފީމޭ. މި 222 މިލިއަނުގެ ތެރެއިން އެންމެ ލާރިއެއް ހޭދަކުރުމުގެ ހުއްދަވެސް، އިދިކޮޅުގައި ތިއްބެވި ބޭފުޅުން އަޅުގަނޑުމެންނަށް ދެއްވިތޯ؟ ނޯންނާނެ ބަޖެޓަކަށް ވޯޓުދީފައެއް. މުފީދު، އެބޭފުޅުން ދެއްވިތޯ ވޯޓު؟ ނޯންނާނެ ދީފައެއް.

އެހެންވީމާ، ރައްޔިތުންގެ ތަރައްޤީއަށް އެބޭފުޅުންގެ އިޙްސާންތެރިކަން، ނޫނީ ޝައުޤުވެރިކަން އޮތް މިންވަރު، އެކަމުން އެބަ ދައްކައިދޭ. ޢަބްދުއްރަޙީމް ވިދާޅުވި ގޮތަށް، އޭގެވެސް ޒިންމާ އުފުލަންޖެހޭ މީހުންތަކެއް އެބަތިބޭ. އެންމެ މީހަކުނޫން ޕާޓީގެ ހުރިހާކަމެއް ނިންމާނީ. ޕާޓީގެ ހުރިހާކަމެއް ނިންމަނީ އެންމެމީހަކު ކަމަށް ބުނެ، ތިޔަކަންކަމާ ތިމަންނާމެން ދެކޮޅޭ ބުނާ މީހުންނަށް، އެކަންކަން ހުއްޓުވެންޖެހޭނެ. މީހުން ހިފާ ހައްޔަރު ކުރިއިރު، އެޕާޓީގެ ދެން ތިބި މީހުންނަށް އެކަން ހުއްޓުވެންޖެހޭނެ. ޤާނޫނާއި ޝަރީޢަތުގެ ބޭރުން ބޮޑެތި ކަންކަން ކުރީމާ، ރައްޔިތުންގެ މަޞްލަޙަތާއި، ރައްޔިތުންގެ ލާބައަށް ލޮޅުންއަރާވަރުގެ ކަންތައް ކުރީމާ، އެކަންކަން ހުއްޓުވެންޖެހޭނެ. ނުއަގުގައި އެއަރޕޯޓް ކަހަލަ ތަންތަން ވިއްކާލާއިރު، އެކަންކަން ހުއްޓުވެންޖެހޭނެ. އެއީ ކޮންމެ ޕާޓީއެއްގެވެސް ޤާނޫނީ ޒިންމާ އުފުލަން ހަވާލުކޮށްފައި ތިބި ރައްޔިތުންގެ މަންދޫބުން ކުރަންޖެހޭ ކަންކަން އެއީ. އަދި އެބޭފުޅުންނާއެކީ މަސައްކަތް ކުރައްވާ އެ ސަރުކާރެއްގެ ވަޒީރުންވެސް ކުރަންޖެހޭ ކަންކަން އެއީ. މިއަދު ވިދާޅުވެގެންނުވާނެ އެއިން އެއްވެސް ބޭފުޅަކު، އޭރު ރައީސް ނަޝީދު މިކަންކަން ކުރެއްވިއިރު، ތިމަންނާ އެކަމާ ދެކޮޅުހެދީމޭ. އެހެންނަމަވެސް، ކީއްހޭ ކުރާނީ އެކަން ކުރެއްވިއްޔޭ. އެހެނެއްނުވާނެ.

މިތިބީ އަޅުގަނޑު ޕާޓީގެ މެންބަރުން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. މި ތިއްބެވީ އަޅުގަނޑުގެ ވަޒީރުން. ބޮޑެތި ކަންކަމުގައި، އަޅުގަނޑު ނުހުންނާނެ، މިބޭފުޅުންގެ މަޝްވަރާގެ ބޭރުން ކަންކަން ކޮށްފައެއް. އަބަދުވެސް އަޅުގަނޑުމެންގެ ސަރުކާރުގައި ހިންގާ ކަންކަމަށް އަޅުގަނޑުމެންގެ ޕާޓީން ބަސް ބުނެވޭނެ. މިހާރު މިއޮތީ ޕާޓީގެ ވެރިކަމެއް. އެހެންވީމާ، ޕީ.ޕީ.އެމް. ގެ ކައުންސިލުން، ޕީ.ޕީ.އެމް. ގެ ވެރިންނަށް، ޕީ.ޕީ.އެމް. ގެ ތެރޭގައި އޮންނަ ރައުޔެއް އަޅުގަނޑާ ހަމައަށް ގެނެވޭނެ. އަދި އެ ރައުޔަކީ ޞައްޙަ ގޮތުގައި، ޤައުމަށް ފައިދާހުރި ގޮތުގައި، ދެއްވާ ރައުޔު ކަމަށްވަންޏާ އަޅުގަނޑަކަށް އިޚްތިޔާރެއް ނޯންނާނެ، އެ ރައުޔުގައި ހިފުން ނޫން. އެއާ އެއްގޮތަށް އަޅުގަނޑު އަމަލުކުރާނެ. އެއީ އަޅުގަނޑަކީ ޓީމެއްގެ ތެރޭގައި ހިމެނޭ މީހެއް. އަޅުގަނޑަކީ އަޅުގަނޑު ޕާޓީގެ ބޭފުޅުން އަޅުގަނޑަށް ދެއްވި އިތުބާރާއެކީ އެބޭފުޅުންގެ އިތުބާރު ދަމަހައްޓަން ހުރި މީހެއް. އަޅުގަނޑަށް އެ އަމާނާތާއި އިތުބާރު ދެއްވީމަކާ، އަޅުގަނޑު މަޤާމަށް އައިސް އެބޭފުޅުންގެ ރައުޔު ދޫކޮށްލާފައި، ޚިޔާލު ދޫކޮށްލާފައި އަމިއްލައަކަށް ކަންކަމެއް ނުކުރެވޭނެ. އަޅުގަނޑާއެކީ ތިއްބެވި މެންބަރުންނަށް މިއަދުވެސް އަޅުގަނޑު ދަންނަވާ ވާހަކައަކީ، އަޅުގަނޑު ކުރާ ކަންކަމުގައި ދިވެހިރާއްޖޭގެ މަޞްލަޙަތަށް ބޮޑެތި ގެއްލުން އަންނަކަމަށްވަންޏާ، އެބޭފުޅުން އަޑު އުފުލަންވާނެ. ވިދާޅުވެގެންނުވާނެ، ތިމަންނާ އޭރުވެސް ދެކޮޅުހެދީމޭ. މިހާރުވެސް ދެކޮޅުހަދަމޭ. ވިދާޅެއް ނުވެވޭނެ.

މިހާރު ބައްލަވާ! ދިވެހިރާއްޖޭގައި މިހިނގައިދިޔަ ކަންކަމުގައި، ފެބްރުވަރީ 1 ވަނަ ދުވަހު އެހިނގައިދިޔަ ކަންކަމާ ގުޅިގެން، ބޭރުގެ އަސްކަރިއްޔާއެއް މިތަނަށް އަރަން ގޮވާލި ގޮވާލުމަށް ޕާޓީގެ ފަރާތުން އެކަން ކުށްވެރިކުރިތޯ؟ ޕާޓީގައި ރައްޔިތުން މަޖިލީހުގައި ހިމެނޭ މެންބަރުންގެ ފަރާތުން އެކަން ކުށްވެރިކުރިތޯ؟ ބޭރުގެ އަސްކަރިއްޔާއެއް އައިސް ދިވެހިރާއްޖެއަށް ވެރިވެގަތީމާ، ނޫނީ ދިވެހިރާއްޖޭގެ އޭރު ހިނގާ ކަންތައްތައް ބަޔަކު އެދޭގޮތަށް ބަދަލުކޮށްދިންނަމަ، ނޫނީވިއްޔާ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ނެތިގެން ބޭރުގެ އެކި ދޮރުތަކުގައި ޓަކިޖަހަމުން ގޮސް ބޭރުގެ ނުފޫޒުގަދަ ޤައުމުތަކާއި، ނުފޫޒުގަދަ މުއައްސަސާތަކުން، އަޅުގަނޑުމެންނަށް މިހާ ފިއްތުންތައް ފިއްތާއިރު، ރައްޔިތުންނަށް އެނގިވަޑައިގަންނަންޖެހޭ ޙަޤީޤަތަކީ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަށް އުނދަގޫތަކެއް އެބަ އުފުލަންޖެހޭ. އަޅުގަނޑުމެން މިދާ ހިސާބުން ބައެއްކަހަލަ މުދާ ގަތް ޤައުމުތަކަށް އެކްސްޕޯޓް ކުރުމުގައިވެސް އަޅުގަނޑުމެންނަށް ލިބުނު ޢިނާޔަތްތައްވެސް އެހުރީ ހުއްޓިފައި. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެންތޯ؟ އެންމެ ބޮޑު މައްސަލައަކަށްވަނީ، އެންމެ ބޮޑު މައްސަލައަކީ، އެހާ ފާޅުގައި ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގައެއް ނޯންނާނެއޭ ބުނާ މައްސަލަ. އެއީ އެންމެ ބޮޑު މައްސަލައަކީ. އޭގެކުރިން ދޭން އޮތް ޢިނާޔަތްވެސް، އަޅުގަނޑުމެން ދަޅުމަހުން އެކްސްޕޯޓް މިކުރާ ޢިނާޔަތްވެސް، އޭރު ކުރިން ދޭން އެއްބަސްވެފައި އޮތް ޢިނާޔަތްވެސް، ހަމަ އެސަބަބާހެދި އެކަނި ހުއްޓާލާފައި އެއޮތީ. ކޮންބައެއްތޯ އެކަމާ ވަކާލާތުކުރީ؟ އެ ޢިނާޔަތް ހުއްޓާލާން ވަކާލާތުކުރީ؟ މިއަދު ހެޔޮއެދިގެން މަސައްކަތް އެކުރައްވާ ބޭފުޅުން.

މިހާރު މި ހިނގާ ކަންކަމުގެ ތެރޭގައި، ޑިމޮކްރަސީ ނެތިގެން މިހިނގާ ކަންކަމަކީ ކޮބައިތޯ؟ ޑިމޮކްރަސީ ނެތިގެން ހިނގާ ކަންކަމުގެ ތެރެއިން މި ފަހަކަށްއައިސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، އިވެމުންދިޔަ އަޑުތަކަކީ، ރައީސް ނަޝީދަށް ކުރިމަތިނުލެއްވޭ ކަމަށްވަންޏާ މިތާ ޑިމޮކްރަސީއެއް ނެތޭ. ބޭރުގެ ފަރާތްތަކުންވެސް އަޅުގަނޑަށް މަޖުބޫރު ކުރަމުންދިޔަ. އަޅުގަނޑަށް ޕްރެޝަރު ކުރަމުންދިޔައީ، މިކަން މިގޮތަށް ކުރަން. އެކަމަކު އަޅުގަނޑަކީ އަޅުގަނޑު ބޭނުންހާ ކަމެއް، އަޅުގަނޑު އަމިއްލަކޮށް ކުރެވެންހުރި މީހެއް ނޫން. އަޅުގަނޑު އެކަން އެބޭފުޅުން އެ އެދިވަޑައިގެންނެވި ގޮތަށް ކުރެވޭތޯ މަގުކޮށައިދިނީމު. ރައީސް ނަޝީދު ފުރަތަމަ އެދިވަޑައިގަތީ، އޭނާގެ ޝަރީއަތް އަވަސްކޮށްދޭން. އޭރުން އޭނާއަށް އަންނަ ޙުކުމަކުން ސަލާމަތްވެގެން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާން. އެކި ފަހަރުމަތިން ރައީސަށް ސިޓީ ފޮނުވީމާ، ރައީސް އެ މައްސަލަ އަވަސްކުރަންވެސް ދެންނެވީ. އެއީ އިސްނަގައިގެން އަޅުގަނޑު ކުރިކަމެއް ނޫން. މިއަދު ދިވެހި ރައްޔިތުންނަށް އެކަން އެނގިވަޑައިގަންނަވަންވާނެ.

އަދި ހަމައެއާއެކީ، ރައީސް ނަޝީދު އެހުންނެވި ޙުކުމަކީ، ތަންފީޛުވަމުންދާ ޙުކުމަކީ ޤާނޫނުގައި މިހާރު އޮތްގޮތުން، އެ ޙުކުމް އެހެން އޮއްވައެއް އަޅުގަނޑަކަށް އެ ޙުކުމަކަށް ބަދަލެއް ނުގެނެވޭނެ. ޙުކުމްތައް ބަދަލުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ކުރާ ކަމެއްނޫން. ޙުކުމްތައް ކުރުމަކީ، ޙުކުމްތައް ބަދަލުކުރުމަކީ، އަދި ރައީސުލްޖުމްހޫރިއްޔާ ހިފާ ހައްޔަރުކުރުމާއި، ދައުލަތް ނިމުމަކަށް ގެންނަ ޙުކުމަކީވެސް އަޅުގަނޑުމެންނަށް ފެބުރުވަރީ 1ން ދައްކައިދީފި، އެއީ ކޯޓުތަކުން ކުރާކަމެއްކަން. ޖާއިޒްކޮށް ކުރިއަސް، ނާޖާއިޒްކޮށް ކުރިއަސް އެއީ ކޯޓްތަކުން ކުރާ ކަންތައް. އެކަމަކު ނާޖާއިޒްކޮށް ކުރީމާ، ޙުދޫދުން ބޭރުންކުރާ ޙުކުމްތައް ކުރީމާ، އަޅުގަނޑެއް ގޮސް ކޯޓަކު ތަޅެއް ނާޅުވާނަން. އެކަމަކު އެ މައްސަލަ ހިނގާފައި އޮތް ގޮތެއް އަޅުގަނޑު ބަލާނަމު. އަދި އެބޭފުޅުން އެ ވިދާޅުވާގޮތަށް އެ ތަކުލީފު އަޅުގަނޑަށް އުފުލޭނީ ކިހާވަރަކަށްތޯވެސް އަޅުގަނޑު ބަލާނަމު. އެބެލި ބެލުމުގެ ތެރޭގައި، މިކަން ހިނގާފައި ދިޔަގޮތް އެއޮތީ ފެންނަން.

އެހެންވީމާ ޢަލީ ޙަމީދާއި، ޢަބްދުﷲ ސަޢީދާ، މިބޭފުޅުން ބަންދުވެގެން މިއުޅެނީ އަމުރެއް ނެރެގެނެއް ނޫން. އެ އަމުރު ނެރުނީމާ، އެ އަމުރު ނެރެންޖެހުނު ސަބަބުތައް ދެނެގަންނަން ރައީސް ބޭނުންވީ. އެ އަމުރަކީ ފެށުނު ހިސާބުން، ނިމުނު ހިސާބަށް ދިޔައިރުވެސް ޤާނޫނާ ޚިލާފު އަމުރެއް. އެ އަމުރު ޞައްޙަނޫންކަން ސުޕްރީމް ކޯޓުގެ ދެން ތިއްބެވި ތިން ފަނޑިޔާރުން އެއޮތީ ބަޔާންކޮށްދެއްވާފައި ރައްޔިތުންނަށް. އެއީ ހަމަގައިމުވެސް ރައީސް ކުރިކަމެއް ނޫން. އެކަމަކު އެ އަމުރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މައްޗަށް ތަންފީޛުކުރަން ބޭރުގެ ފަރާތްތަކުގެ ޝައުޤުވެރިކަން މިހުރީ ކީއްވެގެންތޯ؟ އެއީ މި ދެންނެވި ފިއްތުންތައް އަޅުގަނޑަށް އަންނަ މިންވަރު. އަދި އެކަންކަން ނުކުރެވިއްޖެ ކަމަށްވަންޏާ، އެއަށްވުރެން ބޮޑެތި ފިއްތުންތައްވެސް އަންނާނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއްނުކުރަން. އަދި އަތުވެދާނެކަމުގެ އިންތިޒާރުވެސް ކުރަން. އެކަމަކު މިއީ ދައުލަތަކަށް ހެޔޮއެދިގެން މަސައްކަތް ކުރާ ބަޔަކު، ކުރާނެ ކަމެއްތޯ. ދައުލަތުގެ މުއައްސަސާތައް ތިބެންވީތޯ ކަންފަތިވެފައި. އަޅުގަނޑުމެންގެ ވެރިން ތިބެންވީތޯ ކުޑަކަކޫ ޖަހާލައިގެން، ބޭރުން ބުނާހާގޮތެއް ހަދަން. އަޅުގަނޑުމެން ތިބެންވީތޯ، ދިވެހިރާއްޖޭގެ މަޞްލަޙަތު ގެއްލިގެންދާއިރު، ބޭރުގެ އަސްކަރިއްޔާތަކަށް ދަޢުވަތު ލިބިގެންދާއިރު، މިކަން ހަމަ ހެޔޮހިތުން ބަލައިގަނެގެން، އަތްޖަހަޖަހާތޯ، ދިވެހިރާއްޖޭގެ ރައްޔިތުން ތިބެންވީ. މިއީ ފަލްސަފާގައި ހުރި ތަފާތު. އަޅުގަނޑުމެންގެ ޕާޓީގައި، ނޫނީ އަޅުގަނޑުމެންގެ ސަރުކާރުގައި ހުރި ކެރުންތެރިކަމަކާއި، ހުރި ނުކެރުންތެރިކަމަކާއެކުވެސް، އަޅުގަނޑު މި ދަންނަވަނީ، ދިވެހިރާއްޖޭގެ އުސޫލުތަކުގެ މައްޗަށް ބަސްކިޔާނީ ދިވެހިންނޭ. ދިވެހިރާއްޖޭގައި ހުރި އުސޫލުތަކަކަށް ބޭރުގެ ފަރާތުން ނުފޫޒު ނުފޯރުވާށޭ.

އެހެންވީމާ، އެ ވާހަކަ ބުނުން ދޮގެއްތޯ، އަޅުގަނޑުގެ ކުށަކަށް މިވަނީ. އެކަމަކު ދިވެހި ޤައުމުގައި ދިވެހި ސިފަތަކެއް އެކުލެވިގެން ކުރިއަށްދާ ކަމަށްވަންޏާ، މި ވާހަކަ ބުނަންޖެހޭ. މި ވާހަކަ ބުނާނީ، އެ ވަގުތު ރައްޔިތުންގެ ކަންކަމާ ހަވާލުވެހުރި އެންމެ އިސްމީހާ. މިއަދުވެސް އެ ވާހަކަ ބުނާނީ، އަޅުގަނޑު. އަދި ސެޕްޓެންބަރު 23 ގައި ތިޔަ ބޭފުޅުން އަޅުގަނޑު އިޚްތިޔާރު ކުރައްވައިފި ކަމަށްވަންޏާ، ދެންވެސް އެ ވާހަކަ ބުނާނީ، އަޅުގަނޑު. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، އަޅުގަނޑު ހަމަ އަމިއްލަ އާދައިގެ ފަރުދެއްގެ ހައިސިއްޔަތުން، ދިވެއްސެއްގެ ހައިސިއްޔަތުން ވިސްނާއިރުވެސް، އަޅުގަނޑު ގަބޫލުނުކުރާ އުސޫލުތައް މިހުރީ. ކޮންމެހެން ވެރިކަމަށް އައިމައެއް ނޫން. އަޅުގަނޑު އެއްއިރަކުވެސް ގަބޫލެއް ނުކުރަން، ގަބޫލެއް ނުވެސްކުރާނަން. އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގައި ބޮޑެތި މައްސަލަތަކުގައި ބަސްބުނެ، އެ ބަޔަކު ބުނާގޮތަށް ބަރޯސާވެ، ކަންކަން އަޅުގަނޑުމެން ނިންމަންޖެހޭނެކަމަށް. އެއީ، އަޅުގަނޑު ގަބޫލުކުރާނެ ކަމެއްނޫން. އެހެންވީމާ، މި ވިސްނުން، ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ. އެގޮތަށް އަޅުގަނޑުމެން ކަންތައް ކުރަންވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ކަންތައްތައް، މާޒީގައި ދިމާވެފައި ހުރިގޮތް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ އެއަރޕޯޓެއް ނުއަގުގައި ވިއްކާލައިފީމު. ޢަބްދުއްރަޙީމް އޭގެ ތަފްޞީލު އެ ދެއްވީ. ދެން، މި ދެންނެވިގޮތަށް ކަންތައް ފުރޮޅިގެން ހިނގައްޖެ ކަމަށްވަންޏާ، ދެން ކުރަންހުރީ ކޮން ކަންތައްތަކެއްތޯ. ދެން، އަޅުގަނޑު ބޭނުމެއްނުވޭ، ބޮޑު ދަރަނި އަޅުގަނޑުމެން އުފުލައިގެން، މި ހަދާ އެއަރޕޯޓަކީވެސް އަނެއްކާވެސް އެ މަގުން ހިނގާނެ އެއަރޕޯޓަކަށް ވާކަށް. އަޅުގަނޑު ބޭނުމެއްނުވޭ.

އެހެންވީމާ، މިއަދު އިދިކޮޅު ފަރާތްތަކުން، ވާދަކުރައްވާ ފަރާތްތަކުން، އަޅުގަނޑުމެން މި ދައްކާ ވާހަކަތަކަށް، އޭރު ކަންކަން ހިނގީ ކިހިނެއްތޯ ވިދާޅުވެދެއްވަންވީ ނޫންތޯ. ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވައި، އޭރު އެ ބޭފުޅުންނަށް ނުއުފުއްލެވުނު ޒިންމާއެއް، ދެން ފަހުން ވަޑައިގެން އުފުއްލާނީ ކޮން މަސްއޫލިއްޔަތެއްގެ ސިފައެއްގައިތޯ، އެބަ ވިދާޅުވެދެއްވަންޖެހޭ އެ ވާހަކަ. އޭރު ރައްޔިތުންގެ ތަރައްޤީއަށް ނުދެއްވުނު ވޯޓެއް، ދެން ރައްޔިތުންގެ ތަރައްޤީއަށް ޢަމަލީ ސިފަ، ކުލަ ޖައްސައިދޭނީ، ކޮން ގޮތަކަށްތޯ ވިދާޅުވެދެއްވަން އެބަޖެހޭ. އަދި އެ ބޭފުޅުން އެދިވަޑައިގަންނަވާތޯ، އެ ބޭފުޅުން ސުވާލު އެބަ ކުރައްވަންޖެހޭ ރައްޔިތުންގެ ކުރިމަތީގައި، ސަރުކާރު ހިންގަން ލިބުނަސް، އަދިވެސް 2019 އަންނަންދެންވެސް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިއޮތީ، ޕީ.ޕީ.އެމް. ގައި. ޕީ.ޕީ.އެމް. އާއި އެމް.ޑީ.އޭ. ގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމް.ޑީ.ޕީ، ޖޭ.ޕީ. ގެ މެންބަރުން ރައްޔިތުންގެ ތަރައްޤީއަށް ވޯޓު ނުދެއްވި ގޮތަށް، އަޅުގަނޑުމެން ވޯޓު ނުދޭންވީތޯ. އެ ސުވާލުވެސް ރައްޔިތުންގެ ދަރުބާރަށް އެބަ ހުށަހަޅުއްވަންޖެހޭ. އަޅުގަނޑުމެން ވޯޓު ނުދީފިއްޔާ ކިހިނެއްތޯ ވާނީ. އެއްވެސް މަޝްރޫޢެއް ނުހިނގާނެ. އެކަމަކު، އެއީކީ އަޅުގަނޑުމެން ކަންކަން ކުރާނެ ގޮތެއްނޫން. އަޅުގަނޑުމެން ދައްކައިދީފީމު، އަޅުގަނޑުމެން އިދިކޮޅުގައި ތިބެގެންވެސް، ރައްޔިތުންގެ މަޝްރޫޢުތަކަށް ރައީސް ނަޝީދުގެ 3 އަހަރުވެސް ހުރިހާ ބަޖެޓަކަށް އަޅުގަނޑުމެން ވޯޓު ދިނިން. އެ ކެރުންތެރިކަމެއް، އެ ޤާބިލުކަމެއް، އެ އިޚުލާޞްތެރިކަމެއް، އިދިކޮޅުގައި ތިއްބެވި ބޭފުޅުންގެ ނެތް. ދައްކުވައެއްނުދެއްވުނު. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ވޯޓާ ހަމައަށްދާއިރުގައި، އަޅުގަނޑުމެން ވިސްނަންހުރި ކަންކަން.

އެހެންވީމާ، ޑިމޮކްރަސީ ނެތިގެން އުޅޭ ވާހަކަ، އަޅުގަނޑާ ހަމައަށް އަންނާނީ، އަދި ޑިމޮކްރަސީ ނެތިގެން އުޅޭ ވާހަކަ، އަޅުގަނޑަށް އަމާޒުކޮށް މިހެން ދައްކަވާނެ. އެކަމަކު، ޑިމޮކްރަސީ ނެތިގެން މި އުޅެނީ ކޮންކަމެއްގައިތޯ؟ އިސްލާމްދީނުގެ ވާހަކަ މިހާ ވަރުގަދައަށް އަޅުގަނޑު ދައްކާތީތޯ. ނޫނީވިއްޔާ ރަސޫލާއަށް ފުރައްސާރަކުރުމާއި، ހަޖޫ ޖެހުމާއި، ކާޓޫނު ކުރެހުމާ، މިއީ އަޅުގަނޑު ގަބޫލުކުރާނެކަމެއްނޫނޭ އަޅުގަނޑު ބުނާތީތޯ. ނޫނީވިއްޔާ ބޭރުގެ އިސްތިއުމާރުގެ ބާރުތަކުން އަޅުގަނޑުމެން ސަލާމަތްވެ ތިބެންޖެހޭނޭ، އަޅުގަނޑު ބުނާ ބުނުންތޯ އަޅުގަނޑުގެ ކުށަކީ. ދިވެހިންގެ މަގު އިޚުތިޔާރު ކުރާނީ، ދިވެހިންނޭ. އަދި ދިވެހިން ކުރިއަށްދާން ބޭނުންވާ ޖަންގަލިވެސް ސާފުކުރާނީ، ދިވެހިން ބޭނުންވާ ގޮތަކަށޭ. މިހެން ބުނާތީތޯ އަޅުގަނޑާ ދޭތެރޭގައި ޑިމޮކްރަސީ ނެތް ވާހަކަ މި ދައްކަނީ.

ޑިމޮކްރަސީ ހުރި ބޭފުޅުން، ޑިމޮކްރަސީ އޮވެގެން ކަންތައް ކުރިގޮތް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. ރާއްޖޭގެ އެކި ހިސާބުގައި އަހުލީ ހަނގުރާމަތައް ރަސްމީ ސިފައެއްގައި އިޢުލާނު ނުކޮށް ތަންތަން ތަޅާ، ސުންނާފަތިކޮށް، ތަންތަން ރޯކޮށްހެދީ، އަޅުގަނޑުމެންގެ ލޯމަތީގައި ނޫންތޯ. ބޭރުގެ އަހުލީ ހަނގުރާމައެއް ހިނގަންޏާވެސް، ހަމަ ހިނގާނެ ހުރިހާކަމެއް ހިނގައިދިޔަ. އެހެންވީމާ، ތަންތަން ބަންދުކުރުން، މަދަރުސާތައް ބަންދުކުރުން، މަސްއޫލިއްޔަތު އުފުލާ މީހުންނަށް ގެއިން ނުނުކުމެ އުޅެވޭނެގޮތް، ބިރު ދެއްކުން، މިކަހަލަ ކިތައް ކަންތޯ ހިނގާފައި ހުރީ. އެއީތޯ ޑިމޮކްރަސީ ފައްކާވުމަކީ. ޑިމޮކްރަސީއަކީ އެއްބަޔަކު ވިސްނާގޮތަކަށް، އެ މީހުން އެކަށައަޅާ ނިޒާމެއް ނޫން. ޑިމޮކްރަސީގެ އަސާސްތައް އެހެރީ ޤާނޫނުއަސާސީގައި. އޭރު ތިއްބެވި ބޭފުޅުންނާއި، މިހާރު ތިބި މީހުން އެއޮތީ ލިޔެފައި. އަދި މިހާރު ޙައްޤު ގެއްލިގެން އުޅޭ ވާހަކަ އެ ދައްކާ ބައެއް، ބޮޑެތި ކަންތައްތަކުގެ ޤާނޫނުތައްވެސް ހަދާފައި އެހެރީ، ހަމަ އޭރު، މިހާރު އިދިކޮޅުގައި ތިއްބެވި މީހުން، އެ ބޭފުޅުންގެވެސް ވޯޓު ހޯދައިގެން.

65 އަހަރުން މަތީ މީހުންނަށް ރައީސް ކަމަށް ކުރިމަތިނުލެވޭ މައްސަލަ. މިއީ ބައެއް އިސް ރަށްވެހިންގެ ތެރޭގައި އުފައްދާ ސުވާލެއް. މި މައްސަލަ އަޅުގަނޑުމެން ފާސްކުރީ، ޤާނޫނުއަސާސީ އިޞްލާޙު ގެނައީ، ހަމަގައިމުވެސް ޕީ.ޕީ.އެމް.ގެ އެކަނި މެންބަރުންނަކަށް އިޞްލާހެއް ނުގެނެވޭނެ. ހަމަ އިދިކޮޅު ވޯޓާއެކީ، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، 70 ވޯޓު ހޯދައިގެން. ދެން، މިއަދު ކީއްވެތޯ ނުކުމެ، އެއީ، ޑިމޮކްރަޓިކް ހަމައެއް ނޫނޭ ބުނަންވީ. އެ މީހުންގެ ވޯޓު ނުލިބޭތޯ މިއަށް. އެ މީހުންގެ ވޯޓު ލިބުނު މިއަށް. މަޖިލިސްތެރެ ގަޑުބަޑުކޮށް، ރިޝްވަތު ދީގެން މަޖިލިސް މެންބަރުން އަނބުރާ، އަދި އެ މީހުން ހޮވި ދާއިރާތަކުގެ ރައްޔިތުންނަށް އެ މީހުން ދޯކާ ދިނީމާވެސް، އަޅުގަނޑުމެންވީ އެ މައްސަލަތައް ނުބަލަންތޯ. އެ މައްސަލަ ބެލޭނެ. އެހެންނަމަވެސް، ޤާނޫނާއި، ޝަރީޢަތާއި ހަމަތަކުގެ ބޭރުން މިކަހަލަ އެއްވެސް ކަމެއް އަޅުގަނޑެއް ނުކުރަމު. އަޅުގަނޑާ ދިމާއަށް އަންނަންހުރި ވާހަކަތަކުގެ ތެރޭގައި، މިއަދުވެސް ވިދާޅުވާނެ، ރައީސް ނަޝީދު ސުޕްރީމް ކޯޓުގައި ތަޅު އެޅުވި ވާހަކަ ތިޔަ ބުނަނީއޭ. ރައީސް ޔާމީން ކީއްހޭ ކުރީ. އުއްތަމަ ފަނޑިޔާރުވެސް ހައްޔަރު ކުރީއޭ. ދެން ހުރި އިސް ފަނޑިޔާރުވެސް ހައްޔަރު ކުރީއޭ. އުސޫލުން ބޭރުން ކަންތައްތައް ހިނގާ ކަމަށްވަންޏާ، ވަލިއްޔުލްއަމުރެއްގެ ދައުރު، ހަމަ ހުރިހާ އެންމެންވެސް ދަންނަންވާނެ.

ދައުލަތަށް ދިމާވާ ބޮޑެތި މައްސަލަތަކާއި، އަދި މުއައްސަސާތަކުގައި އަތް ނުފޯރާ ހިސާބުން ދުރުންދާ މައްސަލަތަކުން ރައްޔިތުންނަށް ނުރައްކާތެރިކަމާއި، ދައުލަތް ހިނގުމަށް، ނޫނީ ދައުލަތް އޮތުމަށް ނުރައްކާތެރިކަން އައިސްފި ކަމަށްވަންޏާ، އެ އަމާނާތާއި، މަސްއޫލިއްޔަތާއި، ޒިންމާ ހަވާލުކޮށްފައި އޮތީ ސުޕްރީމް ކޯޓަކަށެއް ނޫން. އެ ޒިންމާ ހަވާލުކޮށްފައި އޮތީ ރައީސުލްޖުމްހޫރިއްޔާއާ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާ އެކަން ކުރާނެ. ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކޮށްދޭންޖެހެނީ، ހަމަ އެ ބުނާ ޤާނޫނުއަސާސީގެ ދަށުން، މުއައްސަސާތަކުން ކުރާ ކަންކަން އެ ކުރަނީ ޤާނޫނާއި ޤާނޫނުގެ ޙުދޫދުގެ ތެރޭގައިތޯ. އެހެންވީމާ، އެކަން ރައީސް ކަށަވަރުކުރީ. އެހެންވީމާ، މި ރައީސަކަށް ކޮންމެ ކަމެއް، ކޮންމެ ގޮތަކަށް ދާކަށް ހެވެއްނުވާނެ.

އެހެންވީމާ، ދިވެހި ސިފަތަކެއް އަޅުގަނޑުމެންގެ މުޞްތަޤުބަލުގައި ޖެހެން ބޭނުންކަމަށްވަންޏާ، ދިވެހި ޒުވާނުންގެ ތަރުބިއްޔަތަކީ މި ދެންނެވި ކަހަލަ އުސޫލުތަކުގެ މައްޗަށް ބިނާވާ ތަރުބިއްޔަތު ކަމަށްވަންޏާ، އެއީ ދީނަށް ހުރުމަތްތެރިކޮށްހިތުމާއި، އަޅުގަނޑުމެން ރަސޫލާއަށް ކަމޭހިތުމާއި، މިކަހަލަ ކަންތައްތަކަކީ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ހިތުން އިޚުލާޞްތެރިކަމާއެކީ ޖާގަދޭ ކަންކަމަށް، އަޅުގަނޑުމެން ވާން ބޭނުންވާނެ. އަޅުގަނޑުމެންގެ މައިންބަފައިން މިކަން ކުރަންވާނެ. މި ކަންކަން ނުކުރެވުނު މައިންބަފައިންނަކީ ތަރުބިއްޔަތުގެ ފިލާވަޅުން، ފިލާވަޅު ނަގައިނުދެވުނު މައިންބަފައިން. އެހެންވީމާ، އެ މީހުން އެތިބީ، އެ މީހުންގެ މަސްއޫލިއްޔަތުން ފެއިލްވެފައި. އެހެންވީމާ، އެކަހަލަ މުޖުތަމަޢެއް، އެކަހަލަ ޒުވާން ޖީލެއް ބިނާކުރާކަށް ޖާގައެއް، މި ސަރުކާރުގެ މުޤައްރަރަކުންނެއް ޖާގައެއް ނުދޭނެ. އެހެންވެގެން، ދިވެހި، އިސްލާމްވެސް މަޖުބޫރުވާން މި ޖެހެނީ. އެހެންވެގެން، މި ދެންނެވި ކަހަލަ ސިފަތައްވެސް އަންނަން މި ޖެހެނީ. އެހެންވެގެން، މި ދެންނެވި ޑިމޮކްރަސީގެ ހުރިހާ ވާހަކަތަކެއް ދައްކާއިރުވެސް އަޅުގަނޑުމެންގެ ސިފަތަކެއް ހުންނަންޖެހޭނެކަމަށް، އަޅުގަނޑު މި ދަންނަވާ ވާހަކައެއް މި ދަންނަވަނީ.

އަޅުގަނޑު ހަމަ ވާހަކަކޮޅު، ނިންމާލާނަން. އަޅުގަނޑު މިއަދު ނެތިން އިޤްތިޞާދީ ކުރިއެރުވުމުގެ ވާހަކަ ދައްކާކަށް. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެން ދައުލަތެއް ބިނާކުރުމުގެ ވާހަކައޭ މި ދައްކަނީ. ސިޔާސީގޮތުން ދައުލަތެއްގެ މިޞްރާބު ޖަހަންވީ އަމާޒު ކަނޑައަޅާނެ ގޮތެއްގެ ވާހަކައޭ މި ދައްކަނީ. އެހެންވެގެން ދައުލަތެއްގައި ހުންނަންވާ ސިފަތަކެއްގެ ވާހަކަ މި ދެއްކީ. އެހެންވެގެން، ދައުލަތެއްގައި ހުންނަންވާ ސިފަތަކާއި ރުކުންތަކުގެ ތެރޭގައި އިދިކޮޅުގައި ތިއްބެވި ބޭފުޅުން، އޭރު އެ ބޭފުޅުން މަޤާމުގައި ތިއްބެވިއިރު، ބާރުގައި ތިއްބެވިއިރު އެކަން ކިހާ ފައްކާކޮށް އަދާކޮށްދެވުނުތޯ. އެ، އަޅުގަނޑު ދައްކައިދެވޭތޯ މި ބެލީ.

އެހެންވީމާ، ހަމަ ދަންނަވާލަން ބޭނުންވަނީ، އޭރު އެ ބޭފުޅުންނަށް ނުއުފުއްލެވުނު އަމާނާތެއް، އޭރު އެ ބޭފުޅުންނަށް ނުއުފުއްލެވުނު ޒިންމާއެއް، އޭރު އެ ބޭފުޅުންނަށް ކެރިފޯރުންތެރިކަން ނެތް ކަމެއް، އެ ބޭފުޅުން މިއަދު ކިހިނެއްތޯއޭ އެކަން ކޮށްދެއްވަން އަޅުގަނޑުމެންނަށް ކަށަވަރު ކޮށްދެއްވާނީ. އެކަންކަމެއް ނުކޮށްދެވޭނެ. އަދިވެސް ރައްޔިތުން، 23 ސެޕްޓެންބަރުގައި، ރައްޔިތުން ރައީސް ޔާމީނަށް ވޯޓު ދެއްވައިފި ކަމަށްވަންޏާ، ވިދާޅުވާނީ، ރައީސޭ ވަރަށް ގިނަ ކަންތައް ކޮށްދީފީމޭ. އަޅުގަނޑު ހަމަ ތިޔަބޭފުޅުންނާ ޖަދަލުކޮށްލާފައި މި ދަންނަވަނީ، ގޮން ޖަހާލާފައި މި ދަންނަވަނީ، ހަމަ ތިޔަ ބޭފުޅުން ދެންވެސް އަޅުގަނޑު ދާ ރަށަކުން ވިދާޅުވާނީ، ރައީސޭ ދެން ކޮންކަމެއްހޭ ކޮށްދެވޭނީ. ހަމަ އެކަން ނިންމާއިރަށް ވިދާޅުވާނީ، ދެން ކޮންކަމެއްހޭ ކޮށްދެވޭނީ. އެހެންވީމާ، މި ރައީސް އަދިވެސް ޓެސްޓު ކޮށްލައްވާ. މި ރައީސް ކަންތައް ކޮށްދޭނެ. މި ރައީސް ކަންތައް ކޮށްދީފީމު. އެހެންވީމާ، ނޭޅުނު ބުރިޖު އެއޮތީ އަޅާފައި އިރާދަކުރެއްވިއްޔާ.

އެހެންވީމާ، ދެންވެސް އައްސަވާނީ، ރައީސޭ ތިމަންނަމެންނަށް މިހާ، މިހާ ކަންތައް އެބަހުއްޓޭ ކޮށްދޭން. ރައީސޭ މި ހިސާބުން ނިމުނީހޭ. ދެން އިތުރު ކަމެއް ކޮށްދެވޭނެހޭ. ހަމަ އަޅުގަނޑު ބުނާނީ، ادآم اللّـه، ހަމަ ތިޔަ ކަންވެސް ކޮށްދޭނީ މި ރައީސޭ.        

والسّــلام عليــكم ورحـمــة اللّـه وبـركاتـه.