بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އެކަލޭގެފާނުގެ އާލުންނާއި، މިތުރު ޞަޙާބީން ޝާމިލުކުރަމުން.

ކަނޑިތީމުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން. އަޅުގަނޑާއެކީ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ޢިއްޒަތްތެރިން. އަދި މި ދަތުރަށް މި ރަށަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑު ކަނޑިތީމަށް މި ކުރާ ދަތުރަކީ، ކަނޑިތީމުގެ ރައްޔިތުންނަށް ތިޔަ ލިބިވަޑައިގެންނެވި އުފަލުގައި ބައިވެރިވުމަށް ކުރާ ދަތުރެއް. އާދެ! ކަނޑިތީމަށް ދަތިވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، އެންމެ ބޮޑަށް ދަތިވެފައި އޮތް އެއް ކަމަކީ، ބަނދަރު ކުޑަވެ، ބަނދަރު ތިލަވެ، އާ ބަނދަރެއް ބޭނުންވި ބޭނުން. އެހެންކަމާއެކީ، ސަރުކާރުން އެކަމާ ދޭތެރޭގައި ވިސްނާ، ކަނޑިތީމަށް މިވަނީ މި ޒަމާނުގެ ތަނަވަސް، ފަސޭހަ ބަނދަރެއް ހަދާދީފައި. އެހެންވީމާ، ކަނޑިތީމު ރައްޔިތުންގެ މި އުފަލުގައި ބައިވެރިވުމަށް އަޅުގަނޑަށް މި ދަތުރު މި ކުރެވެނީ.

ހަމަމިއާއެކީ ދަންނަވާލާނަން. ކަނޑިތީމަށް މިއަދު އައިސް އަޅުގަނޑު މިތާ ހުއްޓި ވާހަކަ ދައްކާއިރު އަޅުގަނޑަކީ މި ވަގުތު ތިޔަ ހުރިހާ ބޭފުޅުންގެ ކަންތައްތަކާ ހަވާލުވެ ހުރި އެންމެ އިސް މީހާ. އަޅުގަނޑުގެ ޚިޔާލަށް އަންނަ ސުވާލެއް، ޚިޔާލަށް އަންނަ ކަމެއް ތިޔަ ބޭފުޅުންގެ ސަމާލުކަމަށް އައިސްފައި އޮތްތޯ ދަންނަވާލާނަން.

2008 ވަނަ އަހަރުން 2013 ވަނަ އަހަރާ ހަމައަށް، މި ޒަޢާމަތާ ހަމައަށް އައިއިރު، ކަނޑިތީމު ދާއިރާގައި، މި ރަށުގައި، ޚާއްޞަކޮށް ކަނޑިތީމުގައި، އަޅުގަނޑުމެން މި ކިޔާ ކަހަލަ ބޮޑެތި މަޝްރޫޢުތައް ހިނގާފައި ހުރީ ކިހާވަރަކަށްތޯ ތަފާސް ހިސާބު ފޮތްތައް އަޅުގަނޑު ބަލައިލީމު. އެއީ، މި ރަށަށް ދެން ބޭނުންވެފައި ހުރި ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑު ޚިޔާލު ކުރަން ބޭނުންވާތީ. އަޅުގަނޑު ބަލައިލިއިރު، 2008 ވަނަ އަހަރުން 2013 ވަނަ އަހަރަށް ހިނގައިދިޔަ ދެ ޒަޢާމަތުގައި، މި ރަށަކަށް ޕީ.އެސް.އައި.ޕީ.، ނޫނީވިއްޔާ ކެޕިޓަލް ޚަރަދު، ނޫނީ ބޮޑު ޚަރަދު، ހިނގާފައި ހުރި މަޝްރޫޢުތަކުގެ އަދަދު އަޅުގަނޑު ހިތަށްއަރާ ކޮން ބޭފުޅަކުބާއޭ ވިދާޅުވެދެއްވާނީ. އަޅުގަނޑު ބަލައިލި ބަލައިލުމުން ތަފާސް ހިސާބުގައި ހަމަ އެންމެ މަޝްރޫޢެއްވެސް، މި ދެންނެވި 5 އަހަރުގެ ތެރޭގައި ހިނގާފައެއްނެތް މި ރަށަކު. މި ރަށުގައި ތަފާސް ހިސާބު ފޮތުން ފެންނަން މި އޮތީ އަލަށް ވިހާ ކުދިންނަށް ނިއު ބޯރން ސެންޓަރެއް ހަދާފައި ހުރި ވާހަކަ. ނޫނީވިއްޔާ ނިއު ބޯރން ކޯނަރ އެއް މިތާ ޞިއްޙީ މަރުކަޒުގައި ހަދާފައި ހުރި ވާހަކަ. ދެން އެ ނިއު ބޯރން ކޯނަރ ހުރީ ކޮންތާކުތޯ އަޅުގަނޑުމެންވެސް ބަލައިލަން ދާންވެސްޖެހޭ. އެއީ، މިލިއަނެއްހާ ރުފިޔާގެ ވާހަކަ. އަޅުގަނޑު އެ ސުވާލު، ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޙުސައިންގެ އަރިހުން ސާފުކޮށްލިން. މުޙައްމަދު ޙުސައިނަކަށް އެ ވާހަކައެއް އެނގިވަޑައިގެންފައެއް ނެތް. އެހެންވެ، އެ ގޮތަށް މި ދަންނަވާލީ. ދެން، ކައުންސިލްގެ ރައީސާ، އާމިނަތު އަޙްމަދުގެ އަރިހުގައިވެސް އަޅުގަނޑުމެން ސާފުކޮށްލިން. އެހެންނަމަވެސް، އެ ނިއު ބޯރން ސެންޓަރަކީ އަދި އަލަށް އުފަންވާން ވެފައިހުރި ތަނެއްކަމަށްކަންނޭނގެ އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ.

އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެންމެންނަކީ މި ދުރު ރަށްރަށުގައި ތިބޭއިރު، އާބާދީ ބޮޑަސް ކުޑަޔަސް، އަޅުގަނޑުމެންގެ ހާލަތު ނިޔާކުރާގޮތުން އެތަކެއް ކަމަކަށް އިންތިޒާރުކޮށް، އެތަކެއް ކަމެއް ބޭނުންވާ ބައެއް. ކަނޑިތީމުގެ ފަރާތުން ޖަލްސާ ހުށަހަޅުއްވައި ދެއްވަމުން ވަރަށް ދީލަތިކަމާއި އޯގާތެރިކަމާއެކީ އަޅުގަނޑަށް ހަދިޔާކުރެއްވި އިޙްސާންތެރި ބަސްފުޅުތަކަށް ކަނޑިތީމު ކައުންސިލުގެ ކުރީގެ ރައީސް، ނަޞްރަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ހަމަ އެހެންމެ، ކަނޑިތީމު ރައްޔިތުންގެ ޝުޢޫރު ހާމަކޮށްދިނުމުގެގޮތުން މިހާރުގެ ރައީސާ އާމިނަތު އަޙްމަދު ތިޔަ ދެއްވި ފިލަޔަށްވެސް ކަނޑިތީމުގެ ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ހަމަ ޝުކުރު ދަންނަވަން.

އެއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މި ހުރިހާ ކަންކަމަކީ، ރާއްޖޭގައި ދުރުގައި ރަށްރަށުގައި މީހުން ތިއްބަސް، އާބާދީ ކުޑަޔަސް، ބޮޑަސް އަޅުގަނޑުމެންގެ ހާލަތު ނިޔާކުރާގޮތުން ކަންކަން ބޭނުންވާ ބައެކޭ. އެހެންވީމާ، ކަނޑިތީމުން ޖަލްސާ ހުށަހަޅުއްވައި ދެއްވަމުން، ކަނޑިތީމުގައި އަދިވެސް ކުރިއަށް ހުރި ދުވަސްތަކުގައި ބޭނުންވާ ކަންތައްތައް ނެތީއެއްނޫން. އަދި މިދަނީ ތަންކޮޅެއް ލުއިކޮށް، މުޙައްމަދު ޙުސައިން އެކަމަށް އިލްތިމާސް ކުރެއްވި، އެކަހަލަ ލިސްޓެއް އަތުވެދާނެކަމަށް. އެހެންނަމަވެސް، ޖަލްސާ ހުށަހަޅުއްވައި ދެއްވިއިރުވެސް، އަޅުގަނޑާ ދޭތެރޭގައި ވަރަށް އޯގާތެރިކޮށް ގެންދެވީ. އެވަރުގެ ލިސްޓެއް އަދި އަޅުގަނޑާ ހަމައަކަށް ނާދޭ.

ދެން އަޅުގަނޑުމެން ބަލައިލީ، އަޅުގަނޑުމެންގެ ދައުރުގައި، އަޅުގަނޑުގެ ދައުރުގައި މި ޒަޢާމަތުގައި މި ހިނގާ ކަންކަން. މި ރަށުގައި ޝައްކެއްވެސްނެތް، މިއަދު މި އުފާ، އަޅުގަނޑުމެން އިޙުތިފާލު މިކުރަނީ، މިތަނަށް އާ ބަނދަރެއް ލިބިގެން. ހަމަ އެއާއެކީ، ނަރުދަމާ ނިޒާމު ނިމުނީ. އާ މިސްކިތެއް، ރީތި މިސްކިތެއް ލިބިގެން ދިޔައީ. ދެން މި ކަންކަމަށް ބަލައިލާއިރު، ފައިސާގެ އަދަދަށް ބަލާއިރު ކަނޑިތީމަށް މި އަހަރު، މި ފަސް އަހަރު، މި ހިނގާ ފަސް އަހަރުގެ ތެރޭގައި 105 މިލިއަން ރުފިޔާގެ ބަޖެޓު މިއޮތީ ހޭދަކޮށްފައި. އެއީ ކުރީގެ ދެ ސަރުކާރުގައި، 2008 ން 2013 އަށް، ބަދަލުވެގެންދިޔަ ދެ ޒަޢާމަތުގައި އަޅުގަނޑު ބަލައިލި ބަލައިލުމުން، ހަމަ އެންމެ މަޝްރޫޢެއްވެސް ހިނގާފައި ނެތް ރަށެއް ކަނޑިތީމަކީ. އެކަމަކު، މި ފަސް އަހަރު ތެރޭގައި ކަނޑިތީމަށް 105 މިލިއަން ހޭދަކުރެވިފައި އޮތް ވާހަކަ އަޅުގަނޑު މި ދަންނަވާލީ.

އަޅުގަނޑުމެން ބަލައިލިއިރު، އޭރު ރައްޔިތުންގެ މަޖިލިސް މެންބަރުން ހިމެނިފައި ތިބި ގޮތުންނާއި، އަދި އެ ބޭފުޅުންގެ ވިސްނުމާއި، ފިކުރާއި، އަދި އެ ބޭފުޅުން ޢަމަލީ މަސައްކަތުގައި ކިހާވަރަކަށްތޯ ރައްޔިތުންގެ ޙައްޤުގައި، ނޫނީ އަޅުގަނޑުމެން ބަލައިގެން ތިބި ފިކުރެއްގައި، އަޅުގަނޑުމެން ޖިހާދުކޮށްފައި ތިބީ. މިކަންކަމަށް ބަލައިލާއިރު، އެ ފަސް އަހަރު ތެރޭގައި، ނޫނީ އެ ފަސް އަހަރުގެ ކުރީ ތިން އަހަރުގެ ތެރޭގައި އިހުމާލުވެފައި ހުރި، ނޫނީ އިހުމާލު ކޮށްލާފައި ހުރި ރަށްރަށް ހުރި. އޭގެތެރޭގެ ރަށެއް ކަމަށް އަޅުގަނޑަށް ކަނޑިތީމު މި ފާހަގަކުރެވުނީ. އެހެންވެގެން، ކަނޑިތީމުގައި އެއްވެސް ކަހަލަ މަޝްރޫޢެއް ހިނގާފައިނެތީ. އެހެންވީމާ، ކަނޑިތީމުގެ ރައްޔިތުން ރިޕޯޓު ދެއްވާ ދުވަހު މިކަންކަމާ ދޭތެރޭގައި ވިސްނައިވަޑައިގަތުމަކީ، އަޅުގަނޑު ހިތަށްއަރަނީ ބޭނުންތެރިކަމަކަށް ވެގެންދާނެއޭ.

މިއަދު އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ޝުޢޫރުތައް ހިމެނޭގޮތަށް ތިޔަ ދެއްވި ފިލައަކީވެސް އަޅުގަނޑު ގަބޫލުކުރަނީ ކަނޑިތީމުގެ ރައްޔިތުންގެ ޝުޢޫރުތައް ހިމެނިގެން، މަދަރުސާ ކުއްޖަކަށްނަމަ ދެއްވާނެ ރިޕޯޓު ފޯމޭ. ދެން، އެ ރިޕޯޓު ފޯމު ބަލައިލާއިރު، އޭގައި އޮންނާނެ އަދިވެސް room for improvement އޭގެ މާނައަކީ، އަދިވެސް މި ރަށުގެ ރައްޔިތުން އެދޭ ކަންކަން އެބަ ހުއްޓޭ.

އެކަމަކު އެއީ ދޮގެއްތޯ، އަޅުގަނޑުގެ ސަރުކާރަކުން، ޚާއްޞަކޮށް ރިޔާސީ، ޕްރައިމަރީއިން ފެށިގެން އަޅުގަނޑު ރައްޔިތުންނާ ހަމައަށް ދަންނަވަމުން މި އަންނަ ވާހަކައަކީ. އަޅުގަނޑުމެންނަކީ ނާއުއްމީދާއި މާޔޫސްކަމުގެ ތެރޭގައި ގެނބިގެން ތިބި ބަޔަކަށް ވާކަށް ނުޖެހެޔޭ ދިވެހިންނަކީ.  ދިވެހިންނަކީ ޝައްކެއްވެސްނެތްގޮތުގައި، މީސްކޮޅު މަދު އަދި އެތައް ރަށެއްގެ ތެރޭ އިންޑިއާގެ ބޮޑު ކަނޑުގެ ތެރެއަށް ބަހާލެވިފައި ހުރި ޖަޒީރާ ޤައުމުތަކެއްގެ ތެރޭގައި ދިރިއުޅެމުންދާ ބައެއް. ވަސީލަތްތައްވެސް ހަމަ މަދުވެސްމެ. އެހެންނަމަވެސް، ވަސީލަތް އުފެއްދުމާއެކީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންތައްތައް ކުރުމުގެ ހިކުމަތާއި، އެ ކަންކަން ކުރުމުގެ ޤާބިލުކަމާއި، ކުރުމުގެ ކެރުން އަޅުގަނޑުމެންގެ ތެރޭގައި ހުންނަންވާނެ. އެއީ ސިޔާސީ ލީޑަރުން އެ މީހުންގެ ފިކުރަށް ގެންނަންޖެހޭ ކަންކަން. މިއަދުގެ ޒުވާނުން ބޭނުންވާ ކަންތައްތަކަކީ، އަޅުގަނޑުމެންނަށް ތިޔަ ކަންކަން ކޮށްދެވޭކަށްނެތޭ ބުނަން ބޭނުންވާ ކަންކަމެއް ނޫން. މިއަދުގެ ޒުވާނުންނަށް އަޅުގަނޑުމެން ދޭން ބޭނުންވާ ހިތްވަރަކީ މިހާރު ތިޔަ ވިސްނާ ކަންކަމަށްވުރެން އިތުރު ކަންތައްތަކަށް ވިސްނާށޭ. ރައީސް ޔާމީން ޒުވާނުންނާ ހަމައަށް އައީ، އަދި ދިވެހި މުޖުތަމަޢާ ހަމައަށް، ޚިދުމަތުގެ އެންމެ ފުންނާބު އުސް ހިސާބަށް އައީ، އަޅުގަނޑުވެސް އުއްމީދުތަކެއް ކުރަމުން. އަޅުގަނޑުގެ ތަޞައްވުރުގައި ދިވެހިރާއްޖެ އެކުލަވައިލެވިގެންދާނެ ގޮތާ ދޭތެރޭގައި ވިސްނަމުން. އަޅުގަނޑުގެ ތަޞައްވުރެއްގައި ދިވެހިރާއްޖެއަށް އަންނަންވާނީ ކޮންކަހަލަ ބަދަލެއްތޯ، ކޮންކަހަލަ ތަރައްޤީއެއްތޯ އަދި އަޅުގަނޑުމެންގެ އަޚްލާޤާއި، އަޅުގަނޑުމެންގެ ސުލޫކަށް އަންނަންވާނީ ކޮންކަހަލަ ބަދަލުތަކެއްގެ ވިސްނުންތަކެއްތޯ އަޅުގަނޑުވެސް ވިސްނަމުންއައީ. އަޅުގަނޑު މި ވިސްނުން ވިސްނާކަށް، އަޅުގަނޑު ނުޖެހޭ ފޮތްތަކެއްގެ ތެރެއަށް ފީނާކަށް. އަޅުގަނޑަކީ ސަރުކާރުގައި އެތަކެއް އަހަރެއް ވަންދެން ޚިދުމަތްކުރި މީހެއް. ރައްޔިތުންގެ މަޖިލީހުގައި ހަމަ އެހާމެ ދިގު މުއްދަތެއްގައި ޚިދުމަތްކުރަމުން އައި މީހެއް.

އެހެންވީމާ، ރާއްޖޭގެ ވެށި އޮތްގޮތާއި، ރާއްޖޭގެ ރައްޔިތުންގެ ބޭނުންތައް ހުރި މިންވަރާއި، އަދި ރާއްޖޭގެ ރައްޔިތުންގެ ބޭނުންތައް ނުފުދިދިޔަ މިންވަރު، ނޫނީ ފުއްދައިދިނުމަށް ސަރުކާރުތަކަށް ދަތިވެފައި ހުރި ކަންކަން އަޅުގަނޑަށް ހަމަ ވަރަށް ކައިރިން ފެނި، އިޙްސާސް ކުރެވެމުންދިޔަ މީހެއް. އެހެންވީމާ، އަޅުގަނޑު މެނިފެސްޓޯއެއް ލިޔާކަށެއް ޖައްވަކުން އެއްޗެއް ޑައުންލޯޑް ކުރާކަށް ނުޖެހޭ. އަޅުގަނޑު ބެލީ ދިވެހިންނަށް ބޭނުންވާ ކަހަލަ ޢަމަލީ ތަރައްޤީއަކީ ކޮބައިތޯ. އަޅުގަނޑެއް ނުބަލަން، ވުޖޫދުގައި ނެތް ކަންތައް، ނޫނީ ޚިޔާލުގެ ތެރޭގައި ހުރި ކަންކަން، އެއަށް ސިފަ ގެންނާކަށް އަޅުގަނޑު މަސައްކަތެއް ނުކުރަން. އެއީ އަޅުގަނޑުމެންގެ ހާލަތާ ބީރައްޓެހި މީހުން ކަންތައް ކުރާނެގޮތް. އަޅުގަނޑުމެންގެ ހާލަތު ދަންނަ މީހުންނަށް އެނގޭނެ ރައްޔިތުންނަށް ބޭނުންވެފައި ހުރީ ކޮންކަހަލަ ކަންތައްތަކެއްތޯ. އެހެންވީމާ، އެ ކަންތައްތަކެއް ލިޔާކަށެއް، އަޅުގަނޑުމެން ނުޖެހޭ ބޮޑެތި ފަންނުވެރިންނެއް ހަޔަރ ކުރާކަށް، ނޫނީ ފަންނުވެރިން ހޯދާކަށް. މިއަދުވެސް އަޅުގަނޑުމެން އެންމެ ބޮޑު ވާހަކައެއްގެ ގޮތުގައި މި ދައްކަނީ، ރާއްޖެއަށް ބޭނުންވަނީ ހަމަޖެހުމުގެ އިތުރަށް ރައްޔިތުންނަށް ބޭނުންވާ ތަނަވަސްކަން އިތުރުކޮށްދިނުމޭ. ރައްޔިތުންނަށް ބޭނުންވާ ތަނަވަސްކަން އިތުރުކުރާ ވާހަކަ ދައްކާއިރު، މި ތަނަވަސްކަން މި އަންނަނީ ރާއްޖޭގެ ރަށްރަށަށް ބޭނުންވެފައި ހުރި އެންމެ ބޮޑެތި އުމްރާނީ މަސައްކަތްތަކާއެކީ، އެ އުމްރާނީ މަސައްކަތްތައް ބޭނުންކޮށްގެން، ދެން ރައްޔިތުން އާމްދަނީ ހޯދަން ކުރާ މަސައްކަތް އިތުރުވެގެންދިއުން.

އެހެންވީމާ، އަޅުގަނޑުމެން ބުރިޖު އަޅާ ވާހަކަ ދެއްކިން. އެއީ އުނދަގޫ ކަމަކަށްވަނީ. އެއީ ކުރެވޭނެ ކަމެއް ނޫންކަމަށްވަނީ. އެކަމަކު މިއަދުވެސް އަޅުގަނޑު ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ، އަޅުގަނޑުމެންގެ ވިސްނުން ހަމަ ގެންދާށޭ މެދު އުޑާ ހަމައަށް. އަޅުގަނޑުމެން ބޭނުންވާ ކަންތައް ގެންދާށޭ އެ ހިސާބަށް. އެކަމަށް ބޭނުންވާ ޒުވާން ޖީލެއް ތައްޔާރުކުރުން، އަޅުގަނޑުމެންގެ އެންމެބޮޑު ޒިންމާއަކީ. އަޅުގަނޑުމެން ވިސްނާ ފިކުރު ކުރާއިރު، މިއަދު ހަމަ ދައްކާނީ، ހަމައެކަނި، ބަނދަރާއި، މަގުހަދާ ވާހަކައެއްވެސް ނޫން. އަޅުގަނޑުމެން އެބަޖެހޭ އެއަށްވުރެން ދުރަށް އަޅުގަނޑުމެން ވިސްނަން. ދުރަށް ވިސްނާއިރު، އަޅުގަނޑުމެންނަށް މިކަހަލަ ރަށްރަށުގައި ކުރަންހުރި ވަކިވަކި ކަންތައްތަކުގެ އިތުރަށް ސަރަޙައްދުގައި ކުރަން ހުރި ކަންތައްތަކެއް ހުންނާނެ. އަދި މާލޭގައި، ވެރިކަންކުރާ ރަށުގައި، ނޫނީ މާލޭގެ ސަރަޙައްދުގައި މުޅި ރާއްޖެ ކުރިއަށް ގެންދިއުމަށްޓަކައި، މުޙައްމަދު ޙުސައިން ވިދާޅުވިހެން، ގިޔަރު މައްޗަށް ޖެއްސުމަށްޓަކައި ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުންނާނެ. މުޅިން އާ އީޖާދުތަކަށް އަޅުގަނޑުމެން ޖާގަ ދޭންވާނެ، ވިސްނަންވާނެ. އެކަންކަން އަންނާނީކީ އެއްގޮތަކަށްވެސް ބޮޑު ފަޅެއް ފެނިއްޖިއްޔާ، ފަޅު ގޮވާން ކޮށްގެނެއް ނޫން. އެކަންކަން އަންނާނީ އެއަށްވުރެން ދުރަށް، އަޅުގަނޑުމެންގެ ވިސްނުން ގެންދަން އެނގިގެން. އަޅުގަނޑުމެންގެ ވިސްނުން އެއަށްވުރެން ދުރަށް ގެންދިޔައިމާ، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް، މިހާރު 21 ވަނަ ޤަރުނުގެ ތެރޭގައި ދުނިޔޭގެ އެހެން ޤައުމުތަކާ ފައިހަމަކޮށްލެވޭނީ، އެ ހިސާބަށް އަޅުގަނޑުމެންގެ ޚިޔާލު ގެންދިޔައިމާ. އަޅުގަނޑުމެންގެ ޚިޔާލު ނެތިއްޔާ، ކޮންކަމަކަށްތޯ ޢަމަލީ ސިފަ ގެންނާނީ؟ ޚިޔާލެއް، ތަޞައްވުރެއް، ފޮތެއްގައި ނަމަވެސް ކުރަހާލެވިފައި އޮންނަންޖެހޭ. އެއިރަށް އެ ޚިޔާލާ އެއްގޮތަށް މަސައްކަތްކުރަން ކަންތައްތައް ކުރެވޭނީ.

އަޅުގަނޑުމެންގެ ޒުވާނުންނަކީ ޤާބިލު ބަޔަކަށްވާން އެބަޖެހޭ. އަޅުގަނޑުމެންގެ ޒުވާނުންނަކީ ޤާބިލު ބަޔަކަށްވާއިރު، އަޅުގަނޑުމެންގެ މަދަރުސާތަކުގައި މި ކިޔަވައިދޭ ރަސްމީ އިބްތިދާއީ ތަޢުލީމުގެ އިތުރަށް، ބޭރު ކަރަކަރައަށް ފޮނުވައިގެން ޔުނިވަރސިޓީއަކުން ނަގާ ޑިގްރީ އެއީ އެއްބައި. އެއާއެކީ މުޅި ޖީލަށް އަންނަންޖެހޭ އާރޯކަން، ނޫނީ މުޅި ޖީލަށް އަންނަންޖެހޭ ބަދަލުވެސް އަންނަން އެބަޖެހޭ. މި ވިސްނުމުގައި، މި ކަހަލަ ޒުވާން ޖީލެއް ބިނާކުރެވުނީމާ، އަޅުގަނޑުމެންނަށް އެނގޭނީ އަޅުގަނޑުމެން ގެންނަން ބޭނުންވާ ތަރައްޤީގައި މަސައްކަތް ކުރާނެ، ޤާބިލުކަން ހުރި ކޮމްޕިޓެންޓް، ނޫނީ ހުނަރުވެރި ޒުވާން ޖީލެއް އޮތްކަން. އެ ޖީލެއް ނުކުމެ އަޅުގަނޑުމެން ބޭނުންވާ ހިސާބަށް ދިވެހިރާއްޖެ ގެންދެވޭނީ. އޭގެ މާނައަކީ އެއްވެސް ގޮތަކަށް ދިވެހިރާއްޖެއަށް މި ފަހުގައިވެސް އަދި މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އިސް ރަށްވެހިން ޚިދުމަތްކޮށްދެއްވި، ޚިދުމަތާ ދޭތެރޭގައި އެއްޗެއް ދަންނަވަނީކީއެއް ނޫން، އަޅުގަނޑުމެން ޝުކުރު ދެންނެވުން ފިޔަވައި ހަމަ އެހެން ކަމެއް އެ ބޭފުޅުންނަކަށް ނެތް. އެކަމަކު މިއަދުގެ ދުނިޔެ، މިއަދުގެ ޙަޤީޤަތް އަޅުގަނޑުމެން ގަބޫލުކޮށް، އެ ޙަޤީޤަތާ އެއްކޮށް އަޅުގަނޑުމެން ކުރިއަށް ދާން އެބަޖެހޭ.

މި ވިސްނުމުގައި، މީގެ ކުރީގައި އަޅުގަނޑުމެން ތެރޭގައި އުޅުނު ޚިޔާލެއް ނޫން މިއީކީއެއް. އަދި ފަޒާއިން ޖައްވުން މެނިފެސްޓޯތައް ތިރިއާ ހަމައަށް ގެނައިއިރުވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅުނު ޚިޔާލެއް ނޫން. އެކަމަކު މިކަހަލަ ހުނަރުވެރި ލިޓަރޭޓް ޖީލެއް އުފެއްދުމަށްޓަކައި އަޅުގަނޑުމެންގެ ސްކޫލް ސިސްޓަމް، ސްކޫލް ނިޒާމު ޑިޖިޓަލައިޒް މިކުރީ. ކޮންމެ ކުއްޖަކު މި ގެންދާ ފޮތް ބޮނޑިތައް ގެންދިއުމުގެ ބަދަލުގައި އަދި ކޮންމެ ފަހަރަކު ފޮތް ބޮނޑިތަކުގައި ހުންނަ ފިލާވަޅު، މުޤައްރަރު ބަދަލުވީމާ، އެ ބަދަލުތައް ގެނެސް، އާ ފޮތްތަކެއް ޗާޕުކޮށްގެން އެކަން ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން މިކުރި ކަމަކީ، ޑިޖިޓަލައިޒް ކޮށްފައި، ޕޯޓަލްއެއް ކޮންމެ ކުއްޖަކަށް ދެނީ. ޓެބެއް ކޮންމެ ކުއްޖަކަށް މި ދެނީ. މި އަންނަނީ ރާއްޖޭގެ ހުރިހާ ރަށަކާ ހަމައަށް. މާލޭގައި އަޅުގަނޑުމެން މި މަސައްކަތް ފެށީ. މީގެ ބޭނުމަކަށްވަނީ، މި ދެންނެވި ޓެކްނޮލޮޖީއަށް އަހުލުވެރި، ޓެކްނޮލޮޖީއަށް ފަރިތަ ޒުވާން ޖީލެއް ބިނާކުރުން. މި ޒުވާން ޖީލު ބިނާކުރަންޖެހޭ ސަބަބު މި ދަންނަވާލީ. މިހާރު އަޅުގަނޑުމެން، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ވިސްނަނީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ޚިދުމަތްކުރާއިރު، އަޅުގަނޑުމެން ވިސްނަނީކީ ހަމައެކަނި ބަނދަރާއި، ނެރު ފައިކަށި ޖެހުމާއި، މަގު ހެދުމާއި، މި ކަންކަމެއް ނޫން. މިއީ އެއްބައި.

ޝައްކެއްވެސްނެތްގޮތުގައި، ކޮންމެ ރަށަކަށްވެސް ބޭނުންވާނެ ކަންކަން. އެކަމަކު، މުޅި ރާއްޖެއަށް އަންނަ ތަރައްޤީއަށް، މި ދެންނެވި ޒުވާން ޖީލެއް ބިނާކުރަމުންދާއިރު، ޓެކްނޮލޮޖީއަށް ފަރިތަ، ނޫނީވިއްޔާ އަހުލުވެރި ޖީލެއް އަޅުގަނޑުމެން އުފައްދަންޖެހޭ. އެ ޖީލުގެ ބިންގާ އެޅުމުގެ ގޮތުން، މި ދެންނެވިގޮތަށް ސްކޫލް ސިސްޓަމް، ނޫނީވިއްޔާ ތަޢުލީމީ ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި ފެށްޓީ. އެއާއެކީ، އަޅުގަނޑުމެންގެ ވިސްނުމުގައި މިހުރީ ދެން ކުރަންހުރި ބޮޑެތި މަޝްރޫޢުތަކަށް ވިސްނާށޭ. އެއީ، މުޅި ރާއްޖެއަށް ފައިދާހުރި މަޝްރޫޢުތައް. އެ މަޝްރޫޢުތައް ފުރިހަމަވޭތޯ ކުރާ މަސައްކަތުގެ ބޭނުމަކަށް މިވަނީ، އިޤްތިޞާދު މުޅިން އެހެން ލެވެލަކަށް ބަދަލުވެގެންދާ ބަދަލުވުން. އެއީ ދެން އެއްގޮތަކަށްވެސް، މުޙައްމަދު ޙުސައިން ވިދާޅުވި އެއްޗަކަށް ވާހަކައެއް ދަންނަވާކަށެއް ނޫން. އެއީ، ގިޔަރު މައްޗަށް ޖެއްސެނީކީއެއްވެސް ނޫން. އެ ޖައްސަންވާވަރަށް ގިޔަރު ޖައްސައިފިއްޔާ ގިޔަރު ކެނޑޭނީ. އެއީ، މުޅިން އެހެން ގިޔަރު ސިސްޓަމެއް ހޯދުން. އެހެންވީމާ، އާންމުކޮށް ކާރެއްގައި ވެއްޖިއްޔާ މި ގެންގުޅޭ ތިން ގިޔަރެއް ނޫން އެއީކީ. އެ ތިން ގިޔަރުގެ ކުރިއަށް ޖެއްސުން ދޫކޮށްލާފައި، އަޅުގަނޑުމެން މިދަނީ އެއަށްވުރެން ހަޔަރ ލެވެލެއްގެ ގިޔަރުތަކަކަށް. އެއީ އިޤްތިޞާދު މުޅިން އެހެން ދިމާއަކަށް ބަދަލުވެގެންދާ ދިއުން. ޚިޔާލަށް ގެންނަވާ! މި ރަށުގައި ކުރީގައި އޮތް ބަނދަރު، މިހާރު މިއޮތް އާ ބަނދަރަށް ބަދަލުވެގެން ދިޔައީމާ، އެއީ އާ ބަނދަރެއް ހެދުނީ. އެ ބަނދަރު މަރާމާތު ކުރެވުނީކީނޫން. އެއީ މުޅިން އާ ބަނދަރެއް. ރާއްޖޭގައި މިއޮތް ރާއްޖޭގެ މައި ދޮރާށި، ވައިގެ ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ކުރީގައި ވަރަށްގިނަ މަސައްކަތްތަކެއް ކޮށްގެން އޭރުގައި އޮތް ފެންވަރުގައި އެ އޮތީ. އެކަމަކު، މިއަދު އެ އެއަރޕޯޓް ބަދަލުވެގެން އެދަނީ އެއްހާސް މިލިއަން އެމެރިކާ ޑޮލަރު، ނޫނީ އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓަކަށް. މިހާރު ރާއްޖެއަށް އެ އެއަރޕޯޓް ތެރެއިން ދަތުރުކުރާ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 1.5، ދޮޅު މިލިއަން ފަސިންޖަރުން ކަމަށްވަންޏާ، އަޅުގަނޑުމެން މި ހަދާ އެއަރޕޯޓް ނިމިގެން އަޅުގަނޑުމެން އުއްމީދު މި ކުރަނީ، ހަމަގައިމުވެސް، އޭގެ ކެޕޭސިޓީ ހޭންޑްލް ކުރުމުގެ ކެޕޭސިޓީއަށް ބަލާ ކަމަށްވަންޏާ، 7.5، 8 މިލިއަން، މިހާރުގެ 7 ގުނަ ހުންނާނެ. އެއީ، އިޤްތިޞާދު އެހެން ގިޔަރަކަށް ދިއުން. ނޫނީ މުޅިން އެހެން ގިޔަރު ސިސްޓަމަކަށް ދިއުން އެއީ.

އެހެންވީމާ، އެއަރޕޯޓް ހަދާ ނިންމެންވާއިރަށް، އަޅުގަނޑުމެން އެބަޖެހޭ މި ނޫން، އެހެން ބޮޑެތި ކަންކަމާ ދޭތެރޭގައި ވިސްނަން. ދެން، އެއަރޕޯޓެއް، އެއަރޕޯޓުގެ ޒާތުގައި ހެދުނީމާ، މިއިން އަންނަނީ ކޮންކަހަލަ ފައިދާތަކެއްތޯ. އަޅުގަނޑުމެން މިކުރާ ކަމެއް ވަށާޖެހެންވާނެ. ދެކޮޅުޖެހެންވާނެ. އަޅުގަނޑުމެން އެ އެއަރޕޯޓް ހަދާތިއްޔާ، އަދި މުޙައްމަދު ޙުސައިން އެ ވިދާޅުވިގޮތަށް، ކުރީ ދުވަހެއްގައި ކަނޑިތީމަށް އައިސް އަޅުގަނޑުމެން ދެއްކި ވާހަކައިގައި އަޅުގަނޑު ދެންނެވިން، މި ދާއިރާއާ ދޭތެރޭގައި އަޅުގަނޑުގެ އުއްމީދުތަކެއް އެބަހުއްޓޭ. މިއީ ވަކިވަކި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ހިމެނުނުނަމަވެސް، މިތަނަކީވެސް މުސްތަޤުބަލު އޮތްތަނެއް ކަމުގައި ގަބޫލުކުރަންޖެހޭ. އެހެންވެގެން، މިއަދު އިޢުލާނުކުރީ ބިލެތްފަހީގައި އެއަރޕޯޓެއް ހެދުމާއެކީ، ބިލެތްފައްސަކީ ތަރައްޤީގެ ނާރެހަކަށް، މި ހިސާބުގެ، މި ބިތުގެ ތަރައްޤީގެ ނާރެހަކަށް ބަދަލުވެގެންދާނޭ. ހަމަ އެއާއެކީ، ށ.ފުނަދޫގައި އެއަރޕޯޓެއް ހެދެމުން އެދަނީ. އެ ހިސާބުން މި ތަނަށް، ށ. އަތޮޅުގެ، މި ދެ ބިތަށް މި އަންނަނީ ޓޫރިޒަމްގެ ފަސޭހަކަން، ޓޫރިޒަމްގެ ތަނަވަސްކަން. އަދި މީހުންގެ ޖީބުގެ ފުންކަން، އިތުރުވެގެންދާ މިންވަރު އެ ހިސާބަށް އެ އަންނަނީ. އެއާއެކީ އަންނާނެ އެހެން މަސައްކަތްތައް.

އެހެންވީމާ، އަޅުގަނޑުމެން ބައިނަލްއަޤްވާމީ އެއަރޕޯޓެއް ހަދާ، 8 މިލިއަން ޕަސިންޖަރުންނާ ހަމައަށް ދަތުރުކުރާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހެނީ، ރާއްޖޭގެ ހުރިހާ ދިމާއެއްގައި އެއަރޕޯޓް އެބަ ހެދެންޖެހޭ. މިކަމުގައި އަޅުގަނޑަށް ފާޑުކިޔާ މީހުން ނެތީކީނޫން. އަޅުގަނޑަށް ފާޑުކިޔާ މީހުން އެބަ ތިބި. އޭގެ ތެރޭގައި އެބަ ބުނޭ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއަރޕޯޓެއް ހެދުންތޯ މިހާރު އެންމެ މުހިންމީ، ނޫނީވިއްޔާ ޞިއްޙީ ދާއިރާގެ ކޮންމެވެސް ކަމެއް މަދުވެފައި ހުރީމާ، އެކަމެއް ފުރިހަމަ ކުރުންތޯ. ޝައްކެއްވެސްނެތްގޮތުގައި، އެއީވެސް ފުރިހަމަކުރަންޖެހޭ ކަމެއް. އެކަމަކު، އެކަން ފުރިހަމަ ކުރުމަކުންނެއް، އެއީކީ އެއަރޕޯޓުގެ ބަދަލުގައި ކުރެވޭ ކަމަކަށްނުވޭ. އެއަރޕޯޓަކީ އޭގެ ޒާތުގައި މި ދެންނެވިގޮތަށް އިޤްތިޞާދީ އާ ވިސްނުމެއްގެ ތެރެއިން އަންނަ ކަންކަން. މުޅި ރާއްޖެއަށް ޓޫރިޒަމް އާންމުވެގެން މިދަނީ މި ސަބަބަށްޓަކައި. ށ. އަތޮޅުގައި، މި އަތޮޅުގައި، ކަނޑިތީމު ކައިރީގައި ބިލެތްފަހި ނާރެސްއެއް ގޮތަށް ތަރައްޤީވެގެން ދިޔައީމާ، ހަބެއްގެ ގޮތުގައި، މަރުކަޒެއްގެ ގޮތުގައި ދިޔައީމާ، އަޅުގަނޑުމެން މި ހިސާބަށް އަންނަ ކުރިއެރުމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭ. މި ދެންނެވި ކަންކަން ކުރާއިރު، ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކު އަންނައިރު، އަޅުގަނޑުމެން، އަނެއްކާވެސް އުފައްދާ ސުވާލަކީ، ރަނގަޅޭ، ބުރިޖުވެސް ތިޔަ ހެދެނިއްޔޭ، ބައިނަލްއަޤްވާމީ އެއަރޕޯޓުވެސް ތިޔަ ހެދެނިއްޔޭ، މީގެ ކުރީގައި އެކަމާ ދޭތެރޭގައި، އަޅުގަނޑާ ދޭތެރޭގައި ޝައްކު އުފެއްދި. ދެން އެހެންވީމާ ކޮންކަމެއްހޭ. ދެން ހުރި ކަންތައްވެސް އިމްތިޙާނު ކޮށްލަންވީ ނޫންތޯ. އަޅުގަނޑު އޭރުވެސް ވާހަކަ ދައްކަމުން ދެންނެވިން، އަޅުގަނޑާ ދޭތެރޭގައި ގޮތް ނުނިންމަވާށޭ. އަޅުގަނޑު ދައްކާ ވާހަކަތަކެއްވެސް ދައްކަނީ، އަޅުގަނޑަށްވެސް ލިބިފައި ހުރި މަޢުލޫމާތަކާއި، ސަރުކާރުގައި އެތައް ޒަމާނަކު އުޅުނީމާ، ހުރި ތަޖުރިބާއާއި، އަދި އަޅުގަނޑުގެ އަމިއްލަ ތަޞައްވުރެއްވެސް، ރާއްޖެ ކުރިއަށްދާންޖެހޭ ގޮތާއި، ރާއްޖެއާ ދޭތެރޭގައި އަޅުގަނޑު ދެކޭ ހުވަފެންތަކެއްވެސް ހުންނާތީ. އެހެންވީމާ، އޭރުވެސް އަޅުގަނޑު ދެންނެވީ، އަޅުގަނޑު އިމްތިޙާނު ކޮށްލާށޭ. އަޅުގަނޑު އިމްތިޙާނު ކޮށްފައި، އަޅުގަނޑު ކޮށްދޭން ދެންނެވި ކަންތައްތަކުގައި، ރައްޔިތުންނަށް ގެންނަން ބޭނުންވި ތަރައްޤީގައި، ނޫނީވިއްޔާ ޤައުމު ކުރިއަށްދާން ބޭނުންވި މިންވަރުގައި، ގިޔަރުގައި ކުނިޖެހުމެއް، ނޫނީވިއްޔާ އަޑީ ތެލުގައި ކުނިޖެހުމެއް އުޅޭކަމަށްވަންޏާ، ތިޔަ ބޭފުޅުން އެ ވާހަކަ ވިދާޅުވާނެ. އެކަމަކު އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ޓީމަކުން އަޅުގަނޑަށް ހިޔެއްނުވޭ އެކަން ގަބޫލުކުރާހެނެއް. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑު ހަމަ ދަންނަވާލާނީ، އަޅުގަނޑުގެ އަޖުމަ އަނެއްކާވެސް ބަލާލަންވީނޫންހޭ.

ބައިނަލްއަޤްވާމީ އެއަރޕޯޓެއް ހެދިގެންދާއިރު، ރާއްޖެއަށް މި ވަގުތު އެންމެ ބޮޑަށް ދަތިވެފައި އޮތް އަނެއްކަމަކީ، މިއީ މުޅި ރާއްޖޭގެ ވިޔަފާރިއަށް އެންމެ ބޮޑު ދަތިވެފައި އޮތް ކަމެއް. މިހާރު ރާއްޖޭގެ ވިޔަފާރިއަށް މި އެތެރެކުރެވޭ އެއްޗެތި އެތެރެ ކުރާއިރު، 1.5 ނޫނީވިއްޔާ ދޮޅު މިލިއަން ޓޫރިސްޓުންނަށާއި، ރާއްޖޭގެ އާބާދީއަށް ބޭނުންވާ ސާމާނު އެތެރެކުރަމުން  މި ގެންދަނީ. މާލޭގެ ބަނދަރު ސަރަޙައްދުގައި އުޅޭ މީހުންނަށް، ނޫނީވިއްޔާ ވިޔަފާރީގައި މިކަމުގައި އުޅޭ މީހުންނަށް އެނގޭނީ ބަނދަރު ތޮއްޖެހިފައި އޮތް މިންވަރު. އަޅުގަނޑުމެންގެ ވައިގެ ބަނދަރު އެކަންޏެއްނޫން ތޮއްޖެހިފައި އެ އޮތީކީ. އެހެންވީމާ، އަޅުގަނޑުމެންނަށް ވިޔަފާރީގައި ފުރުޞަތު ގެއްލިގެން މިދަނީ ކިހާ މިންވަރަކަށްކަން އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. އަޅުގަނޑުމެންނަށް ވިޔަފާރީގައި މި ފުރުޞަތު ގެއްލިގެންދާއިރު މި މިޞްރާބު ޖަހަނީ، މި ހުރިހާ ވިޔަފާރީއެއް މިޞްރާބު ޖަހަނީ އަވަށްޓެރި ޤައުމުތަކުގައި މި ކަންކަމަށް މަގު ފަހިވެ، މަގު ތަނަވަސްވެފައި ހުރި ދިމަދިމާއަށް. އެކަމަކު، ކީއްވެގެންތޯ އެހެން ދިމާއަކަށް މުދަލުގެ މިޞްރާބު ބަދަލުވާންވީ؟ އަޅުގަނޑުމެންގެ އެއަރޕޯޓާއެކީ، އަޅުގަނޑުމެން މި ދައްކަނީ، އަޅުގަނޑުމެންގެ ޑޮމެސްޓިކް ޕޮޕިއުލޭޝަން، އެއީ ޓޫރިސްޓް ޕޮޕިއުލޭޝަނާއެކީ، މިހާރު އޮތް ޕޮޕިއުލޭޝަންގެ ހަތްގުނަ އިތުރުވެގެންދާ ވާހަކަ. ހަތްގުނައަށް އިތުރުވެގެންދާއިރު، ތިޔަ ބޭފުޅުންގެ ޚިޔާލަށް ގެންނަވާ، މިހާރު ދޮޅު މިލިއަނެއް، ރާއްޖޭގެ އާބާދީ 4 ލައްކަ، ގާތްގަނޑަކަށް 2 މިލިއަނެއްހާ މީހުންގެ އަދަދު އިތުރުވެގެންދަނީ، އަށެއްކަ މިލިއަނާ ހަމައަށް. އެހެންވީމާ، އެންމެ ސީދާ ސާދާ ހިސާބެއް ހަދާލި ނަމަވެސް އަޅުގަނޑުމެންގެ ބަނދަރުގެ ތޮއްޖެހުން ނޫނީވިއްޔާ ބަނދަރު ތަނަވަސްވުން 4 ގުނައަށް އެބަ އިތުރުވާންޖެހޭ ނޫންތޯ. މާލޭގެ ބަނދަރެއް އިތުރެއް ނުކުރެވޭނެ. ބޮޑެއްނުކުރެވޭނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުމުގައި އޮތް މަޝްރޫޢުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ އެއަރޕޯޓް ނިމުމާއެކީ، އެބަޖެހޭ މި ސަރަޙައްދުގައި އޮތް އެންމެ ވަރުގަދަ ސީ ޕޯޓުވެސް ހަދަން. އެހެންވީމާ، އެ ސީ ޕޯޓް، ނޫނީވިއްޔާ ކަނޑުމަގުން މި ދަތުރުކުރާ ޕޯޓަކީ ބައިނަލްއަޤްވާމީ ސީ ޕޯޓަކަށްވާނެ. އަދި މި ސަރަޙައްދުން ދަތުރުކުރާ އެކިއެކި ވިޔަފާރި އުޅަނދުފަހަރު މިޞްރާބުޖަހާ އެއަރޕޯޓަކަށް، މިޞްރާބުޖަހާ ކަނޑު ބަނދަރަކަށް މި ބަނދަރު އެބަ ވާންޖެހޭ. އެހެންވީމާ، އެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވެން މިއޮތީ. ތިލަފުށީގައި އަދި ތިލަފުށްޓާއެކީ ގުޅީފަޅުގައި. މިކަން ކުރާއިރު، އެއަރޕޯޓަށް ބޭނުންވާ ވަސީލަތްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ، މީގައި ހުންނާނީ ހަމައެކަނި މުދާ އުފުލާ ކްރޭނާއި، މުދާ ޕެލެޓު ކުރަން ބޭނުންވާ ސާމާނާއި، ނޫނީވިއްޔާ މުދާ ސްޓޯޑައުން ކުރަން ބޭނުންވާ ލޮރީތައް އެކަންޏެއްނޫން. މިއާއެކީ، މި މަސައްކަތުގައި އުޅޭނެ ޒުވާން އަދި އައި.ޓީ ފްރެންޑްލީ، ނޫނީވިއްޔާ އައި.ޓީ ފަރިތަ ޒުވާން ޖީލެއް އަޅުގަނޑުމެން ބިނާކުރަންޖެހޭނެ.

އެހެންވީމާ، މިދާ ތަރައްޤީގެ ތެރޭގައި ތިލަފުށްޓާއި، ގުޅީފަޅުގައި މިކުރާ މަސައްކަތުގެ ތެރޭގައި، މިހާރު މި ފެށުނު ޑިޖިޓަލައިޒް ޕްރޮގްރާމާއެކީ، އަޅުގަނޑުމެންގެ ޚިޔާލުގައި އޮތީ އަޅުގަނޑުމެންގެ ދެން އަންނަ ފަސް އަހަރެއްގެ ތެރޭގައި އައި.ޓީ ޕާކެއް ހެދުމާއެކީ، އަޅުގަނޑުމެންގެ އައި.ޓީ. އަށް ބޭނުންވާނެ ހުރިހާ އިންފްރާސްޓްރަކްޗަރއެއް މި ސަރަޙައްދުގައި ހަމަ ހުރިވަރަށް އަޅުގަނޑުމެންވެސް ޤާއިމުކުރަން. އޭގެ ބޭނުމަކަށްވާނީ، މި ދެންނެވި ޒަމާނީ ތަރައްޤީއާއެކީ ހިނގާނެ ޒުވާން ޖީލެއް ބިނާވުމުގެ އިތުރަށް، އަޅުގަނޑުމެން މިހާރު އިންޓަރނެޓް މެދުވެރިކޮށް މި ބޭނުންކުރާ ހުރިހާ ވަސީލަތްތަކެއްގެ ޚަރަދު، އަޅުގަނޑުމެން އުއްމީދު ކުރަނީ، ގާތްގަނޑަކަށް 100 ން %30 ލުއިވެގެންދާނެކަމަށް. އިންޓަރނެޓް މެދުވެރިކޮށް މި ގެންނަ ހުރިހާ މަޢުލޫމާތާއި، ފޮނުވާ ހުރިހާ މަޢުލޫމާތާއި، ބޭނުންކުރާ ހުރިހާ ޑޭޓާ ޓްރެފިކެއްގެ އަގު، އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން ބޭނުންވޭ މިހާރުގެ އަގަށްވުރެން %30 ކުޑަވެގެން ދިއުން. އެއީ، އެއިން އުފެދޭ ސިނަރޖީއިން އިތުރު އިޤްތިޞާދީ މަސައްކަތް ކުރުމުގެ އިތުރަށް މިހާރުން މިހާރަށް ކުރަންޖެހޭ ޚަރަދަށް ބަލާކަމަށްވަންޏާ ކުޑަވެގެންދާ މިންވަރު. މީގެ ފައިދާ ކުރާނީ ހަމައެކަނި ސަރުކާރަކަށްނޫން. މީގެ ފައިދާ ކުރާނީ ހަމައެކަނި ކިޔަވާ ކުދިންނާއި ރިސަރޗް ކުރާ ކުދިންނަކަށް ނޫން. މީގެ ފައިދާ ކުރާނެ ހަމަ ދިވެހި އެންމެންނަށް. ވިޔަފާރީގެ ބޭނުންތައްކުރާ މީހުންނަށްވެސް މީގެ ފައިދާ ކުރާނެ.

އެހެންވީމާ، އަޅުގަނޑު ހައިރާނެއް ނުވާނެ. އަޅުގަނޑު، އިރާދަކުރެއްވިއްޔާ، ރައްޔިތުން އަޅުގަނޑަށް ފުރުޞަތު ދެއްވައިގެން ﷲގެ ތަނަވަސް ރަޙްމަތާއެކީ އަނެއްކާވެސް ޚިދުމަތް ކުރުމުގެ ދައުރެއްގައި، 4 ވަނަ އަހަރު އައިސް، އެ ދައުރުގެ 4 ވަނަ އަހަރު އައިސް، ކަނޑިތީމުގައި މި ޕޯޑިއަމް ކައިރީގައި ހުންނައިރު، ދެން އަޅުގަނޑުގެ ކައިރީގައި ކަނޑިތީމުގެ ރައްޔިތުން އެދިވަޑައިގަންނަވާނީ، އެއްގޮތަކަށްވެސް މަގުހަދާ ވާހަކައެއް ނޫންކަންނޭނގެ. ބައެއް ރަށްރަށުން އަޅުގަނޑުގެ ކައިރީގައި އެދޭނީ، ދެ ރަށް ގުޅުވައިދޭން ބްރިޖް އަޅާ ވާހަކަ. އެ ހިސާބަށް އަޅުގަނޑުމެންގެ ވިސްނުންދާނެ. އެއީ، އެކަން ކުރެވޭ ކަމެއްކަމަށް އަޅުގަނޑުމެންނަށް އެބަ އެނގޭ. އަދި ތިލަފުށްޓާއި ގުޅީފަޅާއެކީ ގުޅިގެން ދިޔައީމާ، މި ދެންނެވި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގާއިރު، އެ ބްރިޖް އައިސް މާލޭގެ ބްރިޖާވެސް އެބަ ގުޅެންޖެހޭ ނޫންތޯ. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް. މީގެ ނަތީޖާ ވެގެންދާނެ، ޙަޤީޤަތުގައިވެސް، އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަކީ، ހަމަ މި ސަރަޙައްދުގައިވެސް، ހަމަ އަޅުގަނޑުމެންނާ ކައިރިކުރާވެސް އެހެން ޤައުމެއް ނެތްވަރުގެ ޤައުމަކަށް ވެގެންދިއުން. އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުން، އިރާދަކުރެއްވިއްޔާ، މިކަހަލަ އިޤްތިޞާދީ މަޝްރޫޢުތަކާއި، ތަރައްޤީގެ މަޝްރޫޢުތަކުގައި އެ ވާހަކައެއް ނުދައްކަވާނެ. އެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި، އެ ބޭފުޅުން ދައްކަވާނީ، މުޅިން އެހެން ވާހަކައެއް. އެ ވާހަކައިގެ ދީބާޖާ މުޙައްމަދު ޙުސައިން މިއަދު އެ ވިދާޅުވެދެއްވީ.

އެހެންވީމާ، މިއަދުވެސް މުޙައްމަދު ޙުސައިންގެ އަރިހުން މަޢާފަށް އެދެމުން، އަޅުގަނޑު ދަންނަވާލަންޖެހެނީ، މުޙައްމަދު ޙުސައިން ފޮތް ލައްޕާލެއްވި ހިސާބުން އެއަށް އަޅުގަނޑު އަނެއްކާވެސް، ފޮތް ހުޅުވާލާފައި އަނެއްކާވެސް އެއްޗެއް ދަންނަވާލަން އެބަޖެހެއޭ. މިއަދު އަޅުގަނޑާ އިދިކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުން، އަޅުގަނޑު މި ދެންނެވި ކަހަލަ ވާހަކަތަކެއް، ތަރައްޤީގެ އެ ބޭފުޅުންގެ ވިސްނުންފުޅުތަކެއް، ނޫނީވިއްޔާ އެ ބޭފުޅުންގެ ޚިޔާލުފުޅުތަކެއްގެ ވާހަކައެއް ނުދައްކަވާނެ. އޭގެ ބަދަލުގައި އެ ބޭފުޅުން ދައްކަވާނީ، މުޅިން އެހެން ވާހަކައެއް. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް އިވޭ ވާހަކަތަކުގެ ތެރޭގައި، މުޙައްމަދު ޙުސައިން އެ ވިދާޅުވެދެއްވީ، ވަރަށް ސާދާކޮށް އަޅުގަނޑުމެންގެ ސަރުކާރާއި، ދައުރާއި، މީހުންގެ ވިސްނުން ބަދަލުވެގެން އައީ، ގާތްގަނޑަކަށް 40 ވަރަކަށް އަހަރު ތެރޭގައި ކަންކަން ނިއުޅިގެން ދިޔަގޮތް. އިވޯލްވް ވެގެން ދިޔަގޮތް އެއީ. އައިސް އެންމެ ފަހުން މިއައީ، އެންމެފަހުގެ އަހަރުތަކުގައި، 2000 ގެ ކުރީކޮޅުން ފެށިގެން މި އަންނަނީ. ތޮށިގަނޑު ފަޅާލާފައި މި ނުކުންނަނީ، އަމިއްލަ ވިސްނުމަށް ފެންނަ އެއްޗެއް، އަމިއްލަ ފިކުރަށް ފެންނަ އެއްޗެއް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ، ޑިމޮކްރަސީގެ ވާހަކަ. އޭގެ ކުރީގައި، ތެދުފުޅެއްމެ، ކޮންމެ މީހަކަށް ބޭނުންވާ ކޮންމެ އެއްޗެއް ބުނާކަށް ފަސޭހައެއްވެސް ނޫން. އަޅުގަނޑުމެންގެ ޤާނޫނުތައްވެސް ޖާގައެއްނުދޭ. އަދި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަންވެސް، އަޅުގަނޑުމެންގެ ސުލޫކީ މިންގަނޑުތައްވެސް އެއަކަށް ޖާގައެއް ނުދޭ. އެ މަސައްކަތް އަޅުގަނޑުމެން ކުރިން. އެ މަސައްކަތް ކުރުމުގެ އެންމެ އިސް މޭސްތެރިއަކަށް ހުންނެވީ، އޭރުގެ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް. ރައީސް މައުމޫނުގެ ވިސްނުންފުޅަކަށްވީ، އެ ކުރާ ޚިޔާލުތަކާއި، ނެރޭ މަޝްވަރާތަކަކީ، ރައްޔިތުންނަށް އެ ކޮނޑު އަޅުވައިގެން ހިނގައިލެވޭވަރުގެ އަދި އެ ކުރާ މަޝްވަރާތަކުގެ ފައިދާ ރައްޔިތުންނަށް ދައުލަތަކަށް ލިބޭ ކަހަލަ ޚިޔާލުތަކަކަށް ވެގެންދިއުން. އަޅުގަނޑުމެން ފަރުދުންގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރު، މިއީ އަޅުގަނޑާ ދިމާއަށް އަންނާނެ ވާހަކައަކީ މިހާރުވެސް. އަޅުގަނޑުމެން ފަރުދުންގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރު، މި ދައްކަނީ އެމެރިކާގައި އޮންނަ ކަހަލަ ފަރުދުންގެ މިނިވަންކަމުގެ ވާހަކައެއްނޫން. އެ ހިސާބަށް އަޅުގަނޑުމެން ދާއިރު، އަޅުގަނޑުމެންގެ ވިސްނުމަށާއި، އަޅުގަނޑުމެންގެ ފިކުރަށް، އެ މެޗުއަރިޓީ، ނޫނީވިއްޔާ އެ ހުނަރާއި، ނޫނީވިއްޔާ އެ ޤާބިލުކަންވެސް އަންނަން އެބަޖެހޭ. އެއީ ޖަމާޢަތެއްގެ ގޮތަށް އަންނަން އެބަޖެހޭ. އަދި ދިވެހި ނަސްލަށް އެ ވިސްނުން އަންނަން ޖެހޭ.

މިއަދު ތިޔަބޭފުޅުން ބައެއް ޓުވީޓްތައް ބައްލަވައިލައްވާ. ބައެއް ފޭސްބުކް ޕޭޖުތައް ބައްލަވާލައްވާ. މި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އައި އައުމުން، އަދި ޚިޔާލުފާޅުކުރުން ހިފަހައްޓައިނުލެވުނީމާ، އޭގެތެރޭގައި ކޮންކަމަކަށްތޯ ފާޑުނުކިޔަނީ. އަޅުގަނޑުމެންގެ ދީނުގައި ހުރި ބައެއް ކަންތައްތަކަށް ފާޅުގައި ފާޑުކިޔާފައި ތިބި މީހުން މަދުތޯ. ހަމަ ދިވެހި މަންމަގެ، ދިވެހި ބައްޕަގެ ދަރިން، ރާއްޖެއިން ބޭރުގައި ތިބެގެން، އަޅުގަނޑުމެންގެ ދީނީ ކަންކަމާ ދޭތެރޭގައި، ނޫނީވިއްޔާ ދީނަށް ފުރައްސާރަކުރާ މީހުން މަދުތޯ. ދީނުގައި ހުރި ބައެއް އުޞޫލީ ބޮޑެތި ކަންކަމަށް ފާޅުގައި ގޮންޖަހާލާފައި، ވާހަކަ ދައްކާ މީހުން މަދުތޯ. މިއީކީ އިސްލާމީ އުއްމަތަކަށް އަޅުގަނޑުމެން ކަހަލަ އެއްބައިވަންތަ، ވަކި ކަހަލަ އުޞޫލުތަކެއް ގަބޫލުކޮށްގެން ތިބޭ ބަޔަކަށް އުފުލާކަށް ފަސޭހަ ކަންކަމެއް ނޫން. އެކަންކަން އެ ގޮތަށް އެހެން ޖާގަ ދެވުނީމާ، އަޅުގަނޑުމެންގެ ތެރޭގައި މަޞްލަޙަތު ގެއްލޭ އެތައްކަމެއް އައިސްގެން މިއުޅެނީ. ފަރުދުންގެ މިނިވަންކަން، ކޮންމެ ފަރުދަކުވެސް ވިސްނަންވާނެ، އެ މިނިވަންކަން ޖާގަދޭންޖެހެނީ، ނޫނީ އެ މިނިވަންކަން ވަކި ހިސާބަކުން ކުރުނީސް ކުރަންޖެހޭ ކަމަކީ، މުޅި ޤައުމުގެ މިނިވަންކަން. މުޅި ޤައުމަށް އެވަރުގެ ތަކުލީފެއް އުފުލޭވަރުގެ އިޙްސާސްތަކަށް ޖާގަދޭންޖެހޭނެ. ފަރުދުންގެ މިނިވަންކަމުގެ ތެރޭގައި ގޮވައެއްނުލެވޭނެ، ވަކި ގޮތަކަށް ޢަމަލުކުރުމަށް ސިފައިންނާއި ފުލުހުން ނުކުމެ، މިވެނިގޮތަކަށް ކަންތައް ކުރާށެކޭ، ނޫނީވިއްޔާ ސިފައިންނާއި ފުލުހުންނާ، ހަނގާކޮށް ޖަދަލުކުރަން ރައްޔިތުން ނުކުންނާކަށް ފަރުދުންގެ މިނިވަންކަން ޖާގައެއް ނުލިބޭ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ޖާގައެއް ނުދޭނެ. އަޅުގަނޑުމެންނަށް ފެނޭ ދޮގެއްތޯ، އަވަށްޓެރި ބައެއް ބޮޑެތި ޤައުމުތަކުގައިވެސް ޑިމޮކްރަސީ، ނަން މަޝްހޫރު ޤައުމުތަކުގައިވެސް، ބައެއްކަހަލަ މުޒާހަރާތަކާއި، އެއްވުން އެއީ، ފަރުދުން އެއްވާ އެއްވުމަށް ޖާގަދޭއިރުގައި، ޤާނޫނުން ބޭރުން، ހުދޫދުން ބޭރުން ކަންކަން ނިމިގެން ދިޔައިމާ، ރާއްޖޭގައި ޢަމަލުކުރާ ގޮތަށްތޯ އެތަންތަނުގައި ޢަމަލުކުރަނީ. ރާއްޖޭގެ އަމަން ބަލަހައްޓަން ތިބޭ މީހުން ވަރަށް ކެތްތެރިކަމާއެކީ ކަންކަން ކުރަނީ. އެކަމަކު، އެ ތަންތަނުގައި ކިހިނެއްތޯ. އަޅުގަނޑުމެންނަށް އެބަ ފެނޭ ދޮގެއްތޯ، ޓީ.ވީ.އިން މިހާރު ޓީ.ވީ.އިން ފެންނަ އެ ކަންކަން ޙައްލުކުރަމުން ދާގޮތް.

އެހެންވީމާ، ފަރުދުންގެ މިނިވަންކަމާ ހަމައިން ޑިމޮކްރަސީ ފެށިގެން އަންނައިރު، މި ޑިމޮކްރަސީގެ ބޭފުޅުން ނުދައްކަވާ ވާހަކައަކީ، ޑިމޮކްރަސީގެ އަޞްލު ނިޒާމުގެ ވާހަކަ. ފަރުދުންގެ މިނިވަންކަން ނިމޭ ހިސާބެއްގެ ވާހަކައެއް، އެ ބޭފުޅުން ނުދައްކަވާނެ. ފަރުދުންގެ މިނިވަންކަމުގެ ތެރޭގައި އަޅުގަނޑުމެންގެ ޤާނޫނުއަސާސީވެސް، އަޅުގަނޑުމެން ގަބޫލުކޮށްގެން މި ތިބަ އުސޫލުތަކަށްވެސް ޖާގަނުދޭ ކަންކަން އެބަހުރި. އޭގެ ތެރޭގައި މި ދެންނެވި ކަހަލަ، އިސްލާމީ އުސޫލީ މައްސަލަތަކާ ބެހޭގޮތުން ފަރުދުންގެ މިނިވަންކަން، އެ ޚިޔާލުފާޅުކޮށް، އެ ކަންކަން ކުރުމުގެ އެ ޖާގައެއް ނުލިބޭ.

ދީނީ ސްކޮލަރުންނަށް ކަންކަން ޑިބޭޓް ކުރެވިދާނެ. އެކަމަކު، ދީން ނުދަންނަ މީހުންނަށް، ފަރުދުންގެ މިނިވަންކަމުގެ އެ ޝިޢާރުގެ ދަށަކުން ނުކުރެވޭނެ ކަންކަން ހުންނާނެ. އަދި އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ހަމަޖެހިފައި ހުރި އުސޫލުތަކެއް އެބަ ހުރޭ. އެ އުސޫލުތައް، ހަމަޖެހޭ އެހެން އުސޫލުތަކެއްނެތި ނިއުޅާލާގޮތަށް ފަރުދުން ވަކާލާތުކުރާ ކަމަށްވަންޏާ ނުކުންނާނެ ނަތީޖާތަކެއްވެސް ހުންނާނެ. އެކަންކަން އަޅުގަނޑުމެންނަށް އެބަ ފެނޭ. ޑިމޮކްރަސީގެ ނިޒާމެއްގެ ތެރޭގައި އަޅުގަނޑުމެން ވާހަކަ ދައްކާއިރު، އަޅުގަނޑު އެ ވާހަކަ ހަމަ މި ދަންނަވާލާ ސަބަބަކީ ތަރައްޤީގެ ވާހަކަ ކޮންމެވެސްވަރަކަށް ދެއްކިއްޖެ. އެ ވާހަކަ ދެން އެ ހިސާބަށް ހުއްޓާލާފައި، މިހާރުގެ މިއޮތް މޫސުމުގެ ތެރޭގައި ރިޔާސީ އިންތިޚާބަކަށް ކުރިމަތިލައިގެން އުޅޭއިރު ފަރުދުންގެ މިނިވަންކަން، ނޫނީވިއްޔާ ޑިމޮކްރަސީގެ ވާހަކަ ދައްކަވާ ބޭފުޅުންގެ ވާހަކަ، އެ ބޭފުޅުން އެ ގެންނަވާ އެޖެންޑާ، ހަމަ ތިޔަ ބޭފުޅުންނާ އަޅުގަނޑު ހިއްސާ ކޮށްލަން ބޭނުންވާތީ. ރާއްޖޭގައި ޑިމޮކްރަސީ ނެތިގެން ވާހަކަ ދައްކަވާ ބޭފުޅުން، ނޫނީ އެއްވެ އުޅުމުގެ މިނިވަންކަން ނެތިގެން، ނޫނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތިގެން ވާހަކަ ދައްކަވާ ބޭފުޅުންނަށް ޙަޤީޤަތުގައިވެސް އެ ބޭފުޅުން ހާމަކޮށްދެއްވަން އެބަޖެހޭ ނޫންތޯ، ދިވެހިރައްޔިތުންނަށް މިނިވަންކަމުގެ ކޮން ޙައްޤެއްތޯ ގެއްލިގެން މި އުޅެނީ؟ މިނިވަންކަމުގެ ކޮންމެ ޙައްޤަކީވެސް ޤާނޫނުއަސާސީގެ ހުއްދަ ދޭ ހުދޫދުގެ ތެރެއިން ޤާނޫނަކުން ހަނިކުރެވޭ ކަންކަން. އެހެންވީމާ، އެބަ ގަބޫލުކުރަން، ވިހުރުވޭ ދިދައެއްވެސް މި ހުންނަނީ، ވަކި ހިސާބަކުން ދިދަ ދަނޑިއަށް ބައިންޖެހި ހިފެހެއްޓިފައި. އެ ނުޖެހޭކަމަށްވަންޏާ، ވިހުރުވޭ ދިދައެއް އަޅުގަނޑުމެންގެ ލޯމަތީގައި އެއްތަނެއްގައި ފެންނާކަށް ނުހުންނާނެ. ދައުލަތުގެ ސިޔާދަތާއި، އިސްތިޤުލާލު ރަމްޒުކޮށްދެނީ، ދިވެހި ދިދަ ކަމަށްވަންޏާ، ދިވެހި ދިދައިގެ މިނިވަންކަމާއި ދޭތެރޭގައި ވިސްނާވަޑައިގަންނަވަން ދެންނެވި ވާހަކައެއް. ޑިމޮކްރަސީގެ މިނިވަންކަމާއި، ވާހަކަ ދެއްކުމުގެ މިނިވަންކަން އޮންނަ ހުދޫދު މި ދެންނެވީ.

އެހެންވީމާ، މިކަންކަން ކުރާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް، އަޅުގަނޑުމެން އެބަ ސުވާލުކޮށްލަންޖެހޭ ޑިމޮކްރަސީގެ ކޮންކަމެއްތޯ ނެތިގެން މިއުޅެނީ؟ އަޅުގަނޑު ބިލެތްފަހީގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދައްކަމުންވެސް އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ވިދާޅުވެދެއްވާށޭ. ހުރިހާ ބޭފުޅުންވެސް ވިދާޅުވެދެއްވާ ޑިމޮކްރަސީގެ ކޮން ޙައްޤެއްތޯ ގެއްލިގެން މިއުޅެނީ. ވާހަކަދެއްކޭ އުސޫލުތަކެއްގެ ތެރެއިން މަޖިލީހުގައި ނުދެއްކޭނެ އެއްވެސް ވާހަކައެއް ނޯންނާނެ. ޤާނޫނުއަސާސީ ހުއްދަކުރާ ހުރިހާ ވާހަކައެއް ދެއްކޭނެ، މަޖިލީހުގެ ތެރޭގައިވެސް. ވެގެންމިއުޅޭ ކަންތައްތައް އަޅުގަނޑުމެންނަށް އެބަ އެނގޭ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޕާޓީ ޓިކެޓް ދީގެން، އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ރައްޔިތުން ގަބޫލުކުރައްވާތީ، އަޅުގަނޑުމެން ދެއްކި ބަޔަކަށް ރައްޔިތުން ތިޔަ ތިއްބެވީ ވޯޓު ދެއްވައިގެން. އެމީހުން އެތިބީ ހަމަ ދިވެހި ދިދަ ބަނދެވޭގޮތަށް ބަނދެވިފައި. އެމީހުން އެތިބީ، އެމީހުން ހޮވައިދިން ރައްޔިތުންނާއެކީ ޢަހުދެއްވެފައި. އެމީހުންގެ ޕާޓީއާއެކީ، އޮނަރަބްލް ޢަހުދެއްވެފައި އެއޮތީ. ކޮންމެ އެގްރީމެންޓަކީ ލިޔެފައި އޮންނަންޖެހޭނެ އެގްރީމެންޓެއް ނޫން. ކޮންމެ އެގްރީމެންޓަކީ، ލިޔާނެ އެއްޗެއްނޫން. އެއަށްވުރެން ރައްޔިތުންގެ ފަރާތުން ބަސްބުނަން އިޚްތިޔާރު ކުރާ މީހުންނަކީ، އެއަށްވުރެން އަގުހުރި ބަޔަކަށްވާން އެބަޖެހޭ.

އެހެންވީމާ، އެގޮތަށް ހޮވުނު މީހުންތަކެއް އަޅުގަނޑުމެންގެ ޕާޓީގައިވެސް ސިފަވަރު ބަދަލުކޮށް، އެހެން ދިމާއަކަށް، އެހެން މިސްރާބަކަށް ބަދަލުވެގެންދާއިރު، އެއާ ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅު އަޅާނެ. އަޅުގަނޑުމެންގެ ޕާޓީން ފިޔަވަޅު އަޅާނެ. އަދި އަދުލު އިންސާފުގެ ތެރެއިން އެއަށް ހައްލެއް ހޯދަންޖެހޭ ކަމަށްވަންޏާ، ޤާނޫނުގެ ތެރެއިން ނުލިބޭ އިންސާފެއް، އަޅުގަނޑުމެން ޢަދުލުއިންޞާފުގެ ތެރެއިން ހޯދަންޏާ، އަޅުގަނޑުމެން އެކަން ހޯދާނަން. އެހެންވީމާ، އޭގެތެރޭގައި އެމީހުންގެ ގޮނޑި ގެއްލިގެން މަޖިލީހަށް ނުވަދެވޭ ނުވަދެވުން އެއީކީ މަޖިލިސް މެންބަރުންގެ މިނިވަންކަން ގެއްލުނީކީނޫން. މަޖިލިސްގެ އެ ވިދާޅުވާ މެންބަރުންގެ މިނިވަންކަން ގެއްލުވައިލެއްވި ބޭފުޅުންނަކީ، އެ ބޭފުޅުން. އެއީ، އެ ބޭފުޅުންގެ ވިސްނުން. އެ ބޭފުޅުންގެ ވިސްނުން ކުރީގައި ހުރި ހިސާބުން ދުރަށްދާން ދޫކޮށްލެއްވީމާ. ރައްޔިތުން އެ ބޭފުޅުން އިންތިޚާބުކުރީކީ، އަޅުގަނޑުމެންގެ ޓިކެޓުދީގެން އެ ބޭފުޅުން އެ ކަންތައް ކުރެއްވިގޮތަށް ކަންތައްކުރާކަށެއްނޫން. އަދި އެ ބޭފުޅުންނަށް ނަސޭހަތްތެރިވެގެން މިކަންކަމުގައި ނާޖާއިޒު އެތައް ހަތިޔާރެއް ބޭނުންކުރައްވައިގެން، ނޫނީ އެތައް ކަމެއް ބޭނުންކުރައްވައިގެން އެތައް އުކުޅެއް ބޭނުންކުރައްވައިގެން ކަންކަން ކުރެއްވި ބޭފުޅުންނަކީ، އެއްގޮތަކަށްވެސް ޑިމޮކްރަސީގެ ރީތި އުސޫލުގެ ވާހަކަ ދައްކަވަން ލާއިޤު ބޭފުޅުންނެއްނޫން. ޙައްޤު ބޭފުޅުންނެއްނޫން. އެ ބޭފުޅުންނަކަށް ނުދެއްކޭނެ އެ ވާހަކައެއް. މި ކަހަލަ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން މުއައްސަސާތަކުގެ ތެރެއިން އެއީ، އެންޓި-ކޮރަޕްޝަން ކޮމިޝަން ކަމަށްވީނަމަވެސް، އޮޑިޓް އޮފީސް ކަމަށްވީނަމަވެސް، ރައްޔިތުންގެ މަޖިލިސް ކަމަށްވީނަމަވެސް އަދި ފަހުބަސް ބުނާ އަޅުގަނޑުމެން އެންމެންގެ ޝަރަފެއް ކަމަށްވާ ސުޕްރީމް ކޯޓުގެ ތެރެއިން ކަމަށްވީނަމަވެސް، ޤާނޫނާއި އުސޫލުތަކުގެ ޚިލާފުން މިދެންނެވި ކަހަލަ ނުފޫޒުތައް ވަދެގެން، ސްޓްރެޓީޖީތައް ބޭނުންކޮށްގެން ކުރާ ކަންކަމަކީ، ހަމަ ޤާނޫނާ ޚިލާފު ކަންކަން. އެކަންކަމާ ދޭތެރޭގައި ފިޔަވަޅު އެޅީމާ، އެއީކީ ޑިމޮކްރަސީ ނެތީކީނޫން. ކޮން ޑިމޮކްރެސީގެ ހަމައެއްތޯ އޮތީ، ފެބުރުވަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ދޭތެރޭގައި؟ ގައިމު އޭގެ އަސާސެއް ނެތީމާ ދޮގެއްތޯ، ހަމަ އެ ސުޕްރީމް ކޯޓުން އެ އަމުރުގެ ގިނަ ބައިތައް އެހުރީ ބާޠިލުކޮށްފައި. މިހާރު އަޅުގަނޑުމެންނަށް އަންނަ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގައި މިދެންނެވި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިއޮތީ ދިވެހިރާއްޖެއާ ހަމައިގައި ހިފެހެއްޓިފައިތޯ، އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ ދޮގެއްތޯ. މިއަދުވެސް، އަޅުގަނޑުމެންނަށް މަގު ދެއްކެވި، އިސް ބޭފުޅެއް، ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވެސް ވަމުންގެންދާ ބޭފުޅެއްގެ ޓްވީޓެއް އަޅުގަނޑު ދުށިން. މިއަދުވެސް އެ ޓްވީޓުގައި ވިދާޅުވަނީ، ދެން ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގެ ކުރިން ތަރުތީބު ކުރަން ހަމަޖައްސަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ވަރުގަދަ އިއްތިހާދަކުން ރާއްޖެއަށް ނުފޫޒު ފޯރުވޭވަރުގެ ބާރުއޮތް ފަރާތަކުން، މިވެނި، މިވެނި ކަންތައްތަކެއްގެ ވާހަކަ ބުނާނޭ. ތިން ކަމެއް އެބައޮތް ބުނެފައި.

އެހެންވީމާ، އަޅުގަނޑުމެންނަށް ޚިޔާލުފާޅުކުރެވިއްޖެތާ! އަޅުގަނޑުމެންގެ ޚިޔާލުތައް ހަމައެކަނި އަޅުގަނޑުމެން މިތިބޭ ތޮށިން ބޭރުކޮށްލީކީނޫން. އަޅުގަނޑުމެންގެ ދުލި، އަޅުގަނޑުމެންގެ ރާއްޖެއަކުވެސްނޫން މިއޮތީ. ރާއްޖެއިން ބޭރުގައި. މިހާރު މިކުރެވެނީ ކީއްތޯ؟ މިހާރުކުރާ ކަންތައް ކިހާވަރަކަށްތޯ ތަފާތީ ޙަސަން ތާޖުއްދީނުގެ ދެ ދަރިން ކުރިކަންތަކާ. ބޭރުގެ އެހީތެރިކަން ހޯދައިގެން މިއުޅެނީ ކީއްކުރަންތޯ؟ ދިވެހިރާއްޖޭގެ ރައްޔިތުން ނޫންތޯ ނިންމާނީ ދިވެހިރާއްޖޭގެ މަޞްލަޙަތު އޮތީ ކޮން ގޮތަކަށްތޯ؟

އަޅުގަނޑުމެން މުދާ އެކްސްޕޯޓް ކުރާ ޤައުމުތަކުން، އަޅުގަނޑުމެން އެބައެއްގެ ފަންނީ އެހީތެރިކަމާއި އެކިކަހަލަ ކަންކަމުގައި ކުޑަ ޤައުމަކުން އެހީތެރިކަމަށްދާ ފަރާތްތަކުން، އެކިކަހަލަ މަޖުބޫރީއާއި، ފިއްތުންތައް އައިސްގެނެއް ނޫނޭ، ސަރުކާރުގެ ސިޔާސަތު ބަދަލުކުރަންޖެހޭނީ. ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރަންވީ ވަކިގޮތަކަށް ވަކިކަމެއް ކުރަން ވެއްޖިއްޔާ، އެ ސިޔާސަތު ބަދަލުކުރަންވީ ރައްޔިތުން ވާހަކަ ދައްކައިގެން ރައްޔިތުންގެ މަންދޫބުން. މަޖިލީހުން ބަދަލުކުރަންވީ. ސަރުކާރުގެ ޚާރިޖީ ސިޔާސަތެއް އެއޮތީ، އިޢުލާނުކޮށްފައި. ޚާރިޖީ ސިޔާސަތުގައި ހުންނާނެ، ބައެއް ޤައުމުތަކުން އަޅުގަނޑުމެންނާ ދޭތެރޭގައި ހިތްހަމަނުޖެހޭ ކަންތައް. ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކުގެ ތެރޭގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށްޓަކައި ބައިނަލްއަޤްވާމީ މުޢާހަދާތަކުން އިސްލާމްދީނުގެ އަޞްލާ ޚިލާފު ކަންކަމުގައި އަޅުގަނޑުމެން އެކަންކަމުން ރެކެން، ނޫނީ އެކަންކަމަށް އިޢުތިރާޒުކޮށްފައި އަޅުގަނޑުމެން ހުންނާނެ، މުޢާހަދާތަކުގައި ބައިވެރިވެފައި.

އެހެންވީމާ، އެކަންކަމަށް އަޅުގަނޑުމެންގެ ބޯލަންބާކަށް އެއްވެސް ބަޔަކު މަސައްކަތްކުރާނެ ކަމެއްނެތް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް އެ ހިސާބަށް ގޮސްފިއްޔާ އެދަނީ ހުދޫދުން ބޭރަށް. އެހެންވީމާ، މިހާރު ދެން އަޅުގަނޑު މި އިންތިޒާރު ކުރަނީ، މި ބޭބޭފުޅުންގެ ޓްވީޓާ ގުޅިގެން. މި މަސައްކަތްތައް ކުރާކަން އަޅުގަނޑަށް އެބައެނގޭ. ހިނގާކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑުމެންވެސް އަޅުގަނޑުމެންނާ މި ދެންނެވި ކަހަލަ ފިއްތުން އަންނާނެ ދިމަދިމާއަށް އަޅުގަނޑުމެންގެ ވަފްދެއް މިދިޔަ ހަފްތާގައިވެސް ވަފްދެއް ޒިޔާރަތްކޮށްފައި އެ ވަޑައިގަތީ. ދެއްކުނު ވާހަކަތަކަކާއި މި ބޭބޭފުޅުންގެ ޓްވީޓުތަކުގައި ހުރި ވާހަކަތަކަކާ ތަފާތެއްނެތް.

އެހެންވީމާ، ރާއްޖެއަށް ވަކިކަމެއް ކުރުމަށް، ވަކިކަމެއް ނުކޮށް ދޫކޮށްލުމަށް ވަކި ކަހަލަ މިނިވަންކަމެއްގެ ޙައްޤަށް ހުރަސްއަޅާ، ވަކި ކަންތައްތަކެއް ކުރަން މަޖުބޫރުކުރަން ބޭރުގައި ތިބެގެން، ބޭރު ބަޔަކު ލައްވައި ބޭރުގެ ވަރުގަދަ ނުފޫޒުހުރި ޤައުމުތަކެއް ލައްވައި އަޅުގަނޑުމެންނަށް މަޖުބޫރު ކުރުމަކީ، ދިވެހިރާއްޖޭގެ މުސްތަޤުބަލާ ދޭތެރޭގައި ހަމަ ވިސްނާ، ކޮންމެ މީހަކު ޚިޔާލަށް ގެންނަންވާނެ، މި ހިސާބުން މިކަން ނިމޭނެބާއޭ. މިހާރު އެ މަޖުބޫރުކުރުން. މާދަމާ އެހެން މަޖުބޫރުކުރުމެއް. އަންނަ އަހަރު އެއަށްވުރެން ބޮޑެތި ކަންކަމެއް. އެ ހިސާބުން ދެން އަޅުގަނޑުމެންގެ ސުވާލު ހިތަށް އަންނަންވީ، އެކަންކަމަށް ފަހިކުރާ ސަރުކާރެއް މިތަނަށް އައިސްފި ކަމަށްވަންޏާ، އަޅުގަނޑުމެން އެންމެ މަނާވެގެން ތިބި ކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން އަލުން ވިސްނަންނުޖެހޭނެބާއޭ، މިކަހަލަ މަޖުބޫރިއްޔަތަށް ދާންޖެހެންޏާ.

ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީންތަކަށް ޖާގަދޭން ވަކާލާތުކުރެވިފައި ހުރި ކަންކަން މިއީ. މިސްކިތް ނޫން އެހެން އަޅުކަންކުރާ ތަންތަން، ރާއްޖޭގެ ފަސްގަނޑުގައި އެޅުމަށް ވަކާލާތު ކުރެވިފައި ހުރި ކަންކަން މިއީ. އެހެންވީމާ، މި ޚިޔާލުތައް އަޅުގަނޑުމެން ހިތަކަށް އަރާކަށް ނުޖެހޭނެތޯ، މިދެންނެވި ކަހަލަ ނުފޫޒުގެ ތެރެއަށް ދާންވެއްޖިއްޔާ. އަޅުގަނޑުމެންގެ ވައިގެ ބަނދަރުގެ ވާހަކަ ދައްކާ، އެއަށް އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީ، އަޅުގަނޑުމެންގެ ޒުވާނުން އުންމީދުތައް ގުޅިފައި އޮތް ވާހަކަ މި ދައްކާއިރު، އަޅުގަނޑުމެންގެ އެއަރޕޯޓަށް ވެގެންދިޔަގޮތްވެސް އަޅުގަނޑުމެންގެ ހަނދާނުގައި ހުންނަންވާނެ، ދޮގެއްތޯ؟ އަލުން އަނެއްކާވެސް، އެކަހަލަ ކަންތައްތަކަށް ޖާގަދޭންވީތޯ؟ އެހެންވީމާ، މިއީ ޑިމޮކްރަސީގެ ވާހަކަ ފެށޭ ހިސާބުން އަޅުގަނޑު ހަމަ ސުވާލަކަށް ދަންނަވާލަން ބޭނުންވަނީ. އަޅުގަނޑުމެން އެންމެންނަށް ގަބޫލުކުރެވޭކަހަލަ ވާހަކަތަކެއް، ނޫނީވިއްޔާ ސުވާލުތަކެއް އުފައްދާށޭ.

މާލޭގައި އެއްވެއުޅޭނެ ތަންތަން މަދުވެގެން މިއުޅެނީ، ކީއްވެގެންތޯ؟ މާލޭގައި އެއްވެއުޅޭނެ ތަންތަން މަދުވެގެން އުޅޭކަމަށް މި ގަބޫލުކުރެވެނީ، ކުރީގައި އަޅުގަނޑުމެން އުސޫލުތަކުގެ ތެރޭގައި ފުލުހުންގެ ގަވާއިދުގައި ކަންނޭނގެ މި ލިޔެފައި އޮންނާނީ. ފުލުހުން ހުއްދަދޭ ތަންތަން، އެއްވެ އުޅުމަށް ހުއްދަދޭ ތަންތަން، މިސްކިތްތަކާ ވަކި ދުރުމިނެއްގައި ނޫނީވިއްޔަކާ އެއްވެ ނޫޅެވޭނެ. އެކަމަކު އިދިކޮޅަށް ވާހަކަ ދައްކާ މީހުންނަކަށް މިސްކިތުގެ ކަރާމާތެއް އަދި އަޅުކަންކުރާން ތިބޭ މީހުންގެ ޙައްޤެއް، އޮތްކަމަކަށް ގަބޫލެއްނުކުރެވޭ. އެހެންވީމާ، އެތަންތަންވެސް ހުއްދަވާންވީ. މާލޭގެ މަގުތަކުގައިވެސް ހުރިހާ ވަގުތެއްގައި މީހުން އެއްވެ އުޅެންވީ. އަވަށްޓެރިންނަށް ދަތިވާނެކަމެއް، މަދަރުސާއަށް ދާ ކުދިންނަށް ކިޔަވާއިރު، ދަތިވާނެކަމެއް. ނޫނީވިއްޔާ ވިޔަފާރިތަކަށް ދަތިވާނެކަމެއް، އާންމު އުނދަގުލަކީ، އޮންނަ އެއްޗެއްކަމެއް، މި މީހުންގެ ވިސްނުމުގައި، މަފުހޫމުގައި ގެންގުޅޭ އެއްޗެއްނޫން މިއީކީ. އެއީކީނޫން މިނިވަންކަމަކީ. އެއީ މިނިވަންކަމެއްނޫން. އެއްވެއުޅޭނެ މިނިވަންކަން މާލޭގައި ނެތްކަމަށް އެ ވިދާޅުވަނީ. މާލޭގައި އެއްވެއުޅޭނެ ތަންތަން އެހެރީ ކަނޑައަޅައިދީފައި. އެތަންތަނުގައި އެއްވެއުޅެންވީ. ޚިޔާލުފާޅުކުރަންވީ. އެކަމަކު އެއްވެއުޅޭކަށް ހުއްދައެއް ނުލިބޭނެ، ފުލުހުންގެ މައި މަރްކަޒު ކުރިމައްޗަކުއެއް. އެއްވެއުޅެ، ބޭނުންހާގޮތަކަށް މަސައްކަތްކުރާކަށް ޖާގައެއް ނުލިބޭނޭ، ބަންޑާރަކޮށީގެ ކުރިމައްޗަކުއެއް. އެއީ ހުއްދަކުރާނެ ކަންކަމެއްނޫން. އެއީ ޤައުމުގެ ދިފާޢީ ބާރުތައް. އެތަންތަނުގައި މިކަންކުރާކަށް ހުއްދައެއް ނުދޭނެ. އެންމެވަރުގަދައަށް ޑިމޮކްރަސީ ހުންނަ ތަންތަނުގައި މިކަންހުރިގޮތް ބައްލަވާ. އެއްވެނޫޅެވޭނެ ތަންތަން ހުންނާނެ. އެއްވެއުޅެގެން ވަކިކަހަލަ ކަންތައްތަކެއް، ވަކިކަހަލަ ހިސާބަކުން ހުދޫދުން ނެއްޓިގެން ދިޔައިމާ، ކަންކުރާގޮތް އެހެރީ ފެންނަން. ކިތައް ޤައުމުގައިތޯ، އެއްވެއުޅޭ ކިތައް ޤައުމުގައިތޯ ފުލުހުންނާ ކުރިމަތިލީމާ، މުޒާހަރާކުރާ ކިތައް މީހުންނަށް ފުރާނައަށް ނުރައްކާތެރިވާ ކަންތައްތައް އެބަހުރިތޯވެފައި.

އެހެންވީމާ، މި މިނިވަންކަމުގެ ވާހަކަ ދައްކާއިރު، އިދިކޮޅުގައި ތިއްބަވައިގެން ވާހަކަ ދައްކަވާ ބޭފުޅުންނާއި، އަޅުގަނޑުމެންނާ އެއްކޮޅުގައި ތިއްބަވާފައި އިދިކޮޅަށް ވަޑައިގެންނެވި ބޭފުޅުންވެސް މިހާރު ދައްކަވާ ވާހަކައާ، ޅެމާއި ފަރިއްސާ ހުރި ތަފާތުކަންނޭނގެ ހުންނާނީ. އެ ބޭފުޅުންނަށް އޭރު، ވަރިހަމަނޫން ކަންކަން، މިއަދު ވަރިހަމަކަންނޭނގެ.

އެހެންވީމާ، މީގައި ޤައުމީ މަސްލަޙަތާއި، މުޅި ރައްޔިތުންގެ މަސްލަޙަތު އޮތީ ކިހާވަރަކަށްތޯ ވިސްނާލަންޖެހޭނެ. އަޅުގަނޑު ރައްޔިތުންނާ ހަމައަށް އައީ، އެއްގޮތަކަށްވެސް، ސިޔާސީ މަސައްކަތްތަކެއް ކުރާކަށެއްނޫން. އަޅުގަނޑު ރައްޔިތުންނާ ހަމައަށް އައިސްފައި، ދެ ވާހަކައެއް މި ދެންނެވީ އަޅުގަނޑުގެ އިޤްތިޞާދީ ތަޞައްވުރެއްގެ ވާހަކަ. ރައްޔިތުންނަށް ދަތިވެފައިހުރި ކަންކަމާއި، ރައްޔިތުންގެ ޖީބު ތަނަވަސްކުރަން، ނޫނީވިއްޔާ ދިވެހިރާއްޖެ ސަލާންނުޖަހާ އުޅޭ ހިސާބަކަށް، ދިވެހިރާއްޖެ ކަރާމާތްތެރިކަމާއެކީ އުޅެވޭނެ ހިސާބަކަށް ގެންދިޔުން އެއީ އަޅުގަނޑުގެ އެއްވާހަކަ.

ދެވަނަ ވާހަކައަކީ، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ހުރިހާ ރައްޔިތުންނަށްވެސް ނޭވާލުމާއި، އުފަލާއެކީ، ހިތްހަމަޖެހުމާއެކީ، އެއްވެސް ނުރައްކަލެއްނެތި އުޅެވޭނެ ޔަޤީންކަން ހޯދައިދިނުން. ސަލާމަތްކަން ހޯދައިދިނުން. އަޅުގަނޑުމެންގެ ސަރުކާރު އައިއިރު، ރާއްޖޭގެ އެކި ހިސާބުގައި ކަންކަން އޮތީ އެހެނެއްނޫން. ނުރައްކާތެރިކަމުގެ ތެރޭގައި ރާއްޖެ އޮތީ. އެކަން ކުރުމަށްޓަކައި، ޤާނޫނުތަކަށް ގެންނަންޖެހުނު ބަދަލު ގެނައީ. އެކަން ކުރުމަށްޓަކައި އުސޫލުތަކަށް ބަދަލުގެންނަން ޖެހުނީ. އެކަމަކު، އެކަމެއް، އެއިންކަމެއް، މެދުވެރިއެއްނުވާނެ، ޞުލްޙަވެރިކަމާއެކީ ކަންކަން ކުރަން އުޅޭމީހުންނަކަށް. ޤާނޫނާޚިލާފަށް، ޞުލްޙައަށް ލޯބިނުކޮށް، އެހެންމީހުންގެ ޙައްޤުތަކަށް އިޙްތިރާމުނުކޮށް، ކަންކަން ކުރަން ބަޔަކާއެކީ ސިޔާސީ ލީޑަރުން ނުކުމެވަޑައިގަތަސް، އެ ބޭފުޅުންނަށް އެ ދަތުރު ޖެހިވަޑައިގަތީ.

އެހެންވީމާ، މިކަންކަން ކުރާއިރު، ރައްޔިތުންނަށް ކަށަވަރުވާންޖެހޭ ކަމަކީ، ކުރީގައި އަޅުގަނޑުމެން ކުރަމުންއައި، އެތައް މިކަހަލަ ވިޔާނުދާ ކަންކަމެއް މިހާރު ދޫކޮށްލައިފީމު. މިހާރު ރައްޔިތުން ގަބޫލުކުރޭ ރައްޔިތުންގެ، ބޮޑު އަޣްލަބިއްޔަތު އެބަ ގަބޫލުކުރޭ، ޞުލަޙަވެރިކަމާއެކީ ރާއްޖެ ތަރައްޤީކުރެވޭނެކަން. މުޒާހަރާއެއްގެ ތެރެއިން ގެނެވުނު މަޝްރޫޢެއް ނޯންނާނެ. މުޒާހަރާއެއްގެ ތެރެއިން، މިތަނަށް އައި ތަރައްޤީއެއް ނޯންނާނެ. މުޒާހަރާއެއްގެ ތެރެއިން ކަނޑިތީމަށް އުފަންވީ މަޝްރޫޢެއް މިތަނަކުން ނުދެއްކޭނެ. މިއީ، ދިވެހިރާއްޖޭގެ އާންމު ހާލަތު، މިދެންނެވީ ތިން ހަތަރު އަހަރެއްގެ ތެރޭގައި އޮތްގޮތް.

އަޅުގަނޑު ހަމަ ވާހަކަކޮޅު ނިންމާލާނަން. ވާހަކަކޮޅު ނިންމާލާނީވެސް، މިކަންކަމަކީ، އަޅުގަނޑުމެން ކުރިއަށްއޮތްތަނުގައި މިއޮތް ދެ މަހެއްހާދުވަހުގެ ތެރޭގައި ހުރިހާ ރައްޔިތުން ވިސްނާވަޑައިގަންނަވަންހުރި ކަންކަން. މިކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންވީ. އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކާއި، ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަށްޓަކައި ބޭނުންވާ މިނިވަންކަމާއި، އިސްތިޤުލާލާއި ސިޔާދަތު، އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވީ މިންވަރާ ދޭތެރޭގައި، އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާ، ބޭރުގެ ފަރާތްތަކަށް ދަޢުވަތުދީގެން އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތައް މި އުފަންކުރަނީ. އެގޮތުގައި ރާއްޖެ އޮންނަކަމަށްވަންޏާ، ރާއްޖޭގެ ސަލާމަތެއް ނޯންނާނެ. އެއްވެއުޅޭނެ ތަންތަން ނެތިގެން އުޅުއްވާ ޑިމޮކްރެޓިކް ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާނީ، ނޫނެކޭ. އެއްވެއުޅޭނެ ބައިވަރު ތަންތަން އަޅުގަނޑުގެ އިޤްތިޞާދީ މަޝްރޫޢުގެ ތެރެއިން އަޅުގަނޑު އުފައްދައިދީފީމު. އެ އުފައްދައިދިން ތަންތަނުގެ ތެރޭގައި ބިން ހިއްކައިގެން، ބިން ބޮޑުކޮށްގެން ރާއްޖޭގެ އާބާދީގެ މެދު ސައިޒުގެ ރަށްތަކަށް ބަލާކަމަށްވަންޏާ، ރާއްޖޭގެ އެކި ހިސާބުގައި އާ 20 ރަށަށްވާވަރުގެ ބިން އުފައްދައިދީފިން. އެއީ ޚިޔާލުފާޅުކުރައްވާ ބޭފުޅުންނަށް އަޅުގަނޑު އެރުވި ހަދިޔާ. އެހެރީ އެއްވެއުޅޭނެތަނެއް އުފައްދައިދީފައި. އެތަންތަނުގައި އެއްވެ އެ ބޭފުޅުން ޚިޔާލުފާޅުކުރައްވަންވީ. އަޅުގަނޑުމެން އެއާއެކީ އެތަންތަނުން އަޅުގަނޑުމެން ބަލާނަން ތަރައްޤީގެ މަޝްރޫޢު ކުރިއަށް ގެންދެވޭތޯ. އެތަންތަނަށް ދިވެހި ޒުވާނުން ބޭނުންވަނީ، ފްލެޓް އަޅަން. އެތަންތަނުގައި ދިވެހި ޒުވާނުން ބޭނުންވަނީ، އާމްދަނީ ލިބޭނެ ވަޒީފާތަކެއް އުފައްދަން.

ކަނޑިތީމުގައި ބޭނުންވާނީ، މިއަދު ހުޅުވިގެންމިދާ ބަނދަރުގެ އިޤްތިޞާދީ މަންފާތަކެއް ލިބޭނެ ގޮތްތަކެއް ކަނޑިތީމަށް ވެގެންދާއިރު، އަދި ބިލެތްފަހީގައި ޓޫރިޒަމުގެ ނާރެހެއް ހެދިގެންދާއިރު، މި ރަށުގެ ޒުވާނުންނާއި، މި ރަށުގެ ތަނަވަސްކަމާއި، އިތުރުވެގެންދާނެ ތިޔާގިކަމާ ދޭތެރޭގައި ކަނޑިތީމު ރައްޔިތުން އިންތިޒާރު ކުރައްވާނެ.

ﷲ ގެ ރަޙްމަތާއެކީ، އެ އިންތިޒާރަށް މާގިނަ ދުވަހެއް ނުނަގާނެ. އެކަމަކު އެ އިންތިޒާރު ޙަޤީޤަތަކަށް ހެދުމަށްޓަކައި، ކަނޑިތީމު ރައްޔިތުންނާއި، ބިލެތްފަހީގެ ރައްޔިތުންނާއި، މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ އަތްޕުޅުގައި މިހާރު އޮތް އަމާނާތަކީ، މަސްއޫލިއްޔަތު އުފުއްލަވަން ޖެހޭއިރު، މި އަމާނާތާ ދޭތެރޭގައި އަމާނާތްތެރިކަމާއެކީ ކަންތައްތައް ކުރައްވައިފި ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ، އެ ފުރުޞަތު ސެޕްޓެންބަރު 23 ގައި ރައްޔިތުން އަޅުގަނޑަށް ދެއްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.

އަޅުގަނޑުމެންގެ މަސައްކަތުގައި މާތް ﷲ ގެ ބަރަކާތް މިންވަރުކުރައްވާށި!

والسّــلام عليــكم ورحـمــة اللّـه وبـركاتـه.