بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި، މިތުރު ޞަޙާބީން ޝާމިލުކުރަން.

ގުރައިދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑުމެން އަތޮޅުތެރެއަށް ފަށާ ދަތުރުތަކުގައި އަބަދުވެސް ވާގޮތަށް މިއަދުވެސް ކަން ވެގެން މިދިޔައީ. އަޅުގަނޑުމެން ޕްރޮގްރާމެއް ހަދައިގެން ދިޔަސް، ރައްޔިތުންނާއި އަޅުގަނޑުމެންނާ ދައްކަން ހުންނަ ވާހަކައާއި، އޮންނަ ގާތްކަމުގެ ސަބަބުން އަބަދުވެސް ކޮންމެވެސްވަރެއްގެ ލަސްތަކެއްވަމުން މިދިޔައީ. އަޅުގަނޑުމެންގެ އިންތިޒާރުގައި ގުރައިދޫގެ ރައްޔިތުން އިރުކޮޅަކު ތިއްބަވަން ޖެހުނީތީ، ވަރަށް އިޚްލާޞްތެރިކަމާއެކީ ތިޔަބޭފުޅުންގެ އަރިހުން ދީލަތި މަޢާފަކަށް އެދެން.

ވަރަށް ނަލަ ވަގުތެއްގައި ގުރައިދުއަށް މި އާދެވުނީ. އައިއިރު އަޅުގަނޑަށް ފެނިގެން މިދިޔައީ، ހަމަ ވަރަށް މެހްމާންދާރީ ބޮޑު ރައްޔިތުންތަކެއް އަޅުގަނޑުމެންނާ އިސްތިޤްބާލު ކުރައްވާތަން. ހަމައެހެންމެ، އެހާ ނަލަކަމެއް މިރަށުގައި ނިމިގެންދާތީ، އެ އުފަލުގައިވެސް އަޅުގަނޑުމެންނަށް ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއްވެސްމެ.

އާދެ، ޒަމާނުއްސުރެ ގުރައިދުއަށް ދަތިވެފައި އޮތް ބޮޑު ދެ މަޝްރޫޢެއް މިއަދު ނިމި، އަދި  އެ މަޝްރޫޢުތައް ރަސްމީކޮށް ފަށްޓައިދިނުމުގެ ޝަރަފު އަޅުގަނޑަށް މި ލިބިގެންދަނީ. އެ އުފާ ގުރައިދޫގެ ރައްޔިތުން އަޅުގަނޑާ ތިޔަ ޙިއްޞާ ކުރައްވަނީ. އާދެ، ޝައްކެއްވެސްނެތްގޮތުގައި، ފެނަކީ އަޅުގަނޑުމެންގެ ހުރިހާ ރަށަކަށްވެސް ބޭނުންވާނެ ވަސީލަތެއް. ސާފު ބޯފެން ލިބިގެން މިދަނީ، މިއަދު ހެނދުނު. ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ހުރިހާ ގެތަކަށްވެސް ފެން ލިބިގެން، ކަނެކްޓްވެގެން އެދިޔައީ. ޝައްކެއްވެސްނެތްގޮތުގައި، މިއީ ގުރައިދޫގެ ރައްޔިތުން އެދިއެދި ތިބި އުންމީދަކަށް ކުލަ ޖެހިގެން އައި ކަމެއް.

ދެން މިއޮތީ މި ރަށުގެ ބަނދަރު. ތަފާތު ބަނދަރެއް ކަމަށް ޑޮކްޓަރ މުޢިއްޒުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. މި ތަނުގެ ވެށްޓާ ގުޅޭގޮތަށް އަދި ރައްޔިތުންގެ މަޝްވަރާގެ މަތިން މި ރަށަށް މިއޮތީ ފަރުމާކުރެވިފައި މި ބަނދަރު. ބަނދަރުގެ ފަސޭހަކަން ލިބިގެން ދިޔުމަކީ ހަމަ ޝައްކެއްވެސްނެތްގޮތުގައި، ގުރައިދޫގެ ރައްޔިތުން އެދިވަޑައިގެން ތިއްބެވި ކަމެއް.

ދެން އަޅުގަނޑުވެސް ޙައިރާންވަނީ ބައެއްކަހަލަ ތަފާސް ހިސާބާއި، އަޅުގަނޑުމެން ރަށްރަށަށް ޒިޔާރަތް ކުރީމާ، އަޅުގަނޑުމެންނާ މި ބައްދަލުކުރާ އަޑުއެހުންތައް، އިލްތިމާސްތައް. ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، ގުރައިދޫ، މާލެއާ މިހާ ކައިރީގައި އޮތްއިރުވެސް، ކުރީގައި މިދިޔަ ސަރުކާރެއްގައި، 5 އަހަރުގެ ތެރޭގައި މުޅި ރަށަށް ހޭދަކުރެވިފައި އޮތީ ގާތްގަނޑަކަށް ދޮޅު މިލިއަނެއްހާ ރުފިޔާގެ ވާހަކަ. އެ ދޮޅު މިލިއަންހާ ރުފިޔާގެ ވާހަކަ ދައްކާއިރު، މިއީ ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ތަނެއް. އަދި ހަމައެހެންމެ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހުރިތަންވެސްމެ، ހުރި ރަށްވެސްމެ މިއީ. އެހެންވީމާ، ގުރައިދޫގެ ރައްޔިތުން މުޅި ދައުލަތުގެ ބޭނުމަށް ތިޔަ އުފުއްލަވަނީ ވަރަށްބޮޑު ތަކުލީފެއް. ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބޭތިއްބުމުގެ މަރުކަޒުވެސް މިހިރީ މި ރަށުގައި.

ދެން އެއާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، އެހެންނަމަވެސް، އަޅުގަނޑުމެންނާ ހަމައަށް އައިސް، އަޅުގަނޑުމެން މި ހިންގާ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، އޭގެ 100 ގުނަ މިއޮތީ އިތުރުވެގެން ގޮސްފައި. އެހެންވީމާ، މި ރަށަށް މިހާތަނަށް އަދި ރިޒާ އަޅުގަނޑަށް ދެންމެ ހަނދާންކޮށްދެއްވި ގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެންގެ ތަފާސް ހިސާބުގައި ކިތަންމެ ރަނގަޅަށް ކަންކަން ފުރިހަމަކޮށް އިންސާނުން ކުރަން އުޅުނަސް، އަބަދުވެސް އަޅުގަނޑުމެންގެ ނިކަމެތިކަން އެއިން ފެނިގެންދާނެ. ކޯޓު އިމާރާތުގެ ވާހަކަވެސް ނުލާ ކަމަށް އެވަނީ. އަޅުގަނޑުމެންގެ ފޮތުގައި ޝާއިޢު ކުރެވިފައި އެއޮތީ ސަތޭކަ ފަސް މިލިއަން. މިއީ ޝައްކެއްވެސްނެތްގޮތުގައި، އެއް މިލިއަނުން، ދޮޅު މިލިއަނުން ސަތޭކަ މިލިއަނާ ހަމައަށް ދިޔައިމާ، މިއީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެން ހަމަ ވިސްނާލާފައި، އެއާ ދޭތެރޭގައި ނަޒަރު ހިންގާލަންޖެހޭ ކަމެއް.

ދެން އެކަމަކު އެއީ ގުރައިދުއަށް މި މަޝްރޫޢަށް، ނޫނީ މި މަޝްރޫޢުތަކުގައި ހުރި ކަންތައް. އެކަމަކު އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންޖެހެނީ، މަޢާފް ކުރައްވާތި، ގުރައިދޫގައި ހަމަ ގިނަ ވަގުތު ހޭދަކުރަން އައީ. އެހެންނަމަވެސް، މަޣުރިބު ނަމާދުގެ ވަގުތުޖެހޭތީއާއެކީ، އަޅުގަނޑު ދައްކަން ބޭނުންވާ ވާހަކަ އެބަޖެހޭ ކުރުކޮށްވެސް ކޮށްލަން. އަދި ރައްޔިތުންނާ ބައްދަލުކޮށްލުންވެސް އެބައޮތް، މި ބައްދަލުވުމުގެ އިތުރަށް. އަޅުގަނޑުމެންގެ ސިޔާސީ މަސައްކަތާ ބެހޭގޮތުން. މަސައްކަތް ހިނގާގޮތުގެ ވާހަކަ ދައްކާލަން. ބައެއް ކަހަލަ ތަފްޞީލުދާނެ. އެހެންވީމާ، މަޢާފް ކުރައްވާތި، މިއަދުގެ ޖަލްސާގައި އަޅުގަނޑު ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ނުއެއް ދެއްކޭނެ.

އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މި ރަށަށް މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައި އޮތް ހޭދައަށް ބަލާކަމަށްވަންޏާ، ސަތޭކަ ގުނަ އިތުރުވެގެން ސަތޭކަ ފަސް މިލިއަން ރުފިޔާ، މިއީ ޙައިރާންވާންވީ ކަމެއްނޫނޭ. ޙަޤީޤަތުގައި ރައްޔިތުންނަށް އުންމީދުތަކެއް ގެނެސް، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ކޮށްދެވޭނެކަން، ރައްޔިތުންނާ ހަމައަށް ގެނެސްދިނީ، ވިސްނައިދިނީ މި ސަރުކާރުން. އަޅުގަނޑުމެންނަކީ މާޔޫސްކަމާއި ނާއުންމީދުގެ ތެރޭގައި ތިބި ބައެއް. އެއީ ވަކި މާލެއަކު ނޫން. އަތޮޅުތެރޭގެ ހުރިހާ ތަނެއްގައި.

އެހެންވީމާ، ގުރައިދޫގެ ރައްޔިތުން މިސާލު ނަންގަވާފައި، ގުރައިދުއަށް އައިސްފައި އޮތް ތަރައްޤީ ބައްލަވާފައި. އަދި ތިޔަބޭފުޅުން މި ކޮމްޕެއަރ ކުރަމުން އަޅައިކިޔައިލީމާ، އެހެން ބައެއް ރަށްރަށަށް، ބޮޑެތި ބިޔަ ރަށްރަށުގައި، މިސާލަކަށް ގދ. ތިނަދޫ. ގދ. ތިނަދުއަށް އޮއްސެމުންއެދާ މަޝްރޫޢުތަކަށް ބަލައިފި ކަމަށްވަންޏާ، އެއީ އެއްވެސް ސަރުކާރަކުން ހަތަރު ފަސް އަހަރު ކީއްކުރަންތޯ، ތިން ހަތަރު ދައުރުންވެސް ނުކުރާވަރުގެ މަސައްކަތް ހިނގަމުން އެދަނީ. އެހެން ނޫންތޯ. އެކަމަކު އެއީ އެ ރަށަށް ބޭނުންވެފައި ހުރި ކަންކަން. އަދި އެ ރަށުގެ ރައްޔިތުން އެހާ ހިތްދަތި ދުވަސްތަކެއް މާޒީގައި ކަޑައްތުކޮށްފައި ހުރީމާ، ދެވަނަފަހަރު އާބާދީވުމަށް 50 އަހަރު ފުރޭތީއާއެކީ، ހަމަ ރައީސް ބޭނުންވި ކަންތައްތައް އެއީ. ރައީސް ބޭނުންވީ އެ ރަށަށް ޚާއްޞަ ހަދިޔާތަކެއް ދޭން. އެއީ، އެމީހުންގެ މާޒީ އެމީހުންނަށް ކޮންމެވެސްވަރަކަށް ތަސައްލީއެއް ހޯދައިދިނުމަށްޓަކައި، އެރަށަކީވެސް އަޅުގަނޑުމެންގެ އެޖެންޑާއިން އުނިވެފައި ނެތް ރަށެއްކަން، ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭ ރަށެއްކަން ކަށަވަރުކޮށްދިނުމުގެ ގޮތުން.

އެހެންވީމާ، މި އަންނަ ބަދަލުތަކަށް ބަލާކަމަށްވަންޏާ، އެއަރޕޯޓަކީ ގާތްގަނޑަކަށް ތިރީހަކަށް މިލިއަން ޑޮލަރުން ފެށިގެން އެތައް ޒަމާނެއް ވަންދެން އައި އެއަރޕޯޓެއް. އެ އެއަރޕޯޓުގެ އަގު، އަޅުގަނޑުމެން ތިރީހަކަށް މިލިއަނުން ގޮސްފައި، ހަމަގައިމުވެސް އެއަރޕޯޓް އަގު މިއޮތީ މި ސަރުކާރުގައި ވިއްކާލިއިރު، ފަސްދޮޅަހަކަށް، ހަތްދިހަވަރަކަށް މިލިއަނަށް ވިއްކާލާފައި. އެކަމަކު އޭރު ހުރި، ސަރުކާރުން އޭރު ހޭދަކޮށްގެން، އެތައް އަހަރެއްގެ ތެރޭގައި ހޭދަކޮށްގެން ހަދާފައި ހުރި އެއަރޕޯޓްގެ އަގު، އަނބުރާ އަޅުގަނޑުމެން ގަންނަން ޖެހުނީމާ އަޅުގަނޑުމެންނަށް އެނގޭ، އެއަރޕޯޓްގެ ޙަޤީޤީ އަގަކީ ހަތްދިހަވަރަކަށް މިލިއަން ޑޮލަރު ނޫންކަން. އެއަރޕޯޓް ގަންނަން މިހާރު އަޅުގަނޑުމެން، އަނބުރާ އަޅުގަނޑުމެން ހޯދުމަށްޓަކައި ތިންސަތޭކަ ވިހި މިލިއަނަށްވުރެ ގިނަ ޑޮލަރު އިތުރަށް ކޮށްފިން. މިއީ ހަމަ މޮޅު ވިޔަފާރިއެއް އަޅުގަނޑުމެން ކޮށްލައި މި ނިންމީ. މިވަރުގެ އެއަރޕޯޓެއް ފަސްދޮޅަސް މިލިއަނަށް ވިއްކާލާފައި، އަނބުރާ އެ ހޯދަން ތިންސަތޭކަ އެތައް މިލިއަނެއް އަޅުގަނޑުމެން ހޭދަކޮށްގެން. އެހެންވީމާ، އެއީ ޙަޤީޤަތުގައި އެއަރޕޯޓްގެ އަގު. އެހެންނަމަވެސް، އެ އެއަރޕޯޓް، އެއަރޕޯޓެއް ގޮތަށް މިއަދު މި ތަރައްޤީ ކުރާއިރު، އަޞްލުގައި އިޙްސާސްތައް ޝާޕްކޮށްލަންވީ، ނޫނީ ހައިޑްން ކޮށްލަންވީ، މި ދެންނެވި މިސާލު. ގުރައިދުއަށް އެއް މިލިއަން، ދޮޅު މިލިއަނުން، ސަތޭކަ މިލިއަން އަންނައިރު، ތިރީހަކަށް މިލިއަންގެ އިންވެސްޓްމަންޓް ހަދާފައި އޮތް އެއަރޕޯޓެއް، އެތައް ޒަމާނެއްގެ މަތިން، އަޅުގަނޑުމެން މިހާރު މިދަނީ އެއްހާސް އެތައް މިލިއަން ޑޮލަރަކަށް އެ އިންވެސްޓްމަންޓް. އެއްހާސް އެތައް މިލިއަން ޑޮލަރަކަށް އެ އެއަރޕޯޓްގެ އިންވެސްޓްމަންޓް މި ބަދަލުވެގެން މިދަނީ. ހަމަ 4 އަހަރުގެ ތެރޭގައި ކަންކަން ކުރަން ބޭނުންވާތީ، ރައްޔިތުންނަށް އުންމީދުތަކެއް ބޭނުންވާތީ، އަދި ރައްޔިތުން މިކަހަލަ ރަށްރަށުގައި ތިބެގެން މާލެއަށް ބަރޯސާނުވެ، މި ރަށްރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ވަސީލަތްތައް ޤާއިމުކޮށްދިނުމަށާއި، މިތަންތަނުގެ ޒުވާނުންނަށް، ރަށުން ބޭރަށްނުގޮސް ވަޒަނުގައި ތިބެގެން މަސައްކަތް ކުރެވޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމަށްޓަކައި. މި ހިސާބުގަނޑަކީ ޓޫރިޒަމްގެ މަސައްކަތް ހިނގާ ތަންތަން.

އެހެންވީމާ، މިކަންކަން އަޅުގަނޑުމެންނަށް ކުރެވެން އަންނަނީ، މި ދެންނެވި ގޮތަށް. އަޅުގަނޑުމެންނަކީ އޭރުގައި އޮތް ޙާލަތާއިގެން ތިޔަ ވިދާޅުވާ ކަހަލަ ޤުދުރަތީ ތަރައްޤީއަށް އެކަނި ބަރޯސާވެގެން ތިބެވޭނެ ބައެއްނޫން. އަޅުގަނޑުމެންނަށް އެކަންކަން އޮންނަނީ އެހެނެއްވެސްނޫން. އަޅުގަނޑުމެންނަށް މަޝްހޫރު ޝާޢިރުންވެސް އަދި އަޅުގަނޑަށް އެނގޭ ގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެންނަށް ދީނުގައިވެސް އަންގަވާފައި އޮންނަނީ، އަޅުގަނޑުމެންގެ ޙާލަތު، މިހާރުގެ ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުކުރާނީ، އެ ޙާލަތު ބަދަލުކުރުމުގެ ވިސްނުމާއި، އެ ޚިޔާލާތާއި، އެކަން ކުރަން އަޅުގަނޑުމެން ބޭނުމިއްޔާ. އޭރުން ﷲ އެކަން މިންވަރު ކުރައްވަނީ.

އެހެންވީމާ، އަޅުގަނޑުމެން ބޭނުންވޭ، މި ދެންނެވި ކަހަލަ ތިރީހަކަށް މިލިއަން ޑޮލަރުގެ އެއަރޕޯޓެއް، ބައެއް ބޭފުޅުން ވިދާޅުވާގޮތުން ވެއްޖިއްޔާ ބާލިދީ އެއަރޕޯޓް. އެކަމަކު ބާލިދީ އެއަރޕޯޓް، މިޒަމާނުގެ ބްރޭންޑް ނިއު، އަދި މި ސަރަޙައްދުގެ އެންމެ ވަރުގަދަ އެއަރޕޯޓަކަށް ހެދޭތޯ މި ބަލަނީ ހަމަ މި ހަތަރު ދުވަހުގެ ތެރޭގައި. އެހެންވީމާ، އެ އަދަދަށްދާ ފައިސާއަށް، ގާތްގަނޑަކަށް އެއްހާސް މިލިއަން އެމެރިކާ ޑޮލަރަށްވުރެން އިތުރުވެގެންދާނެ. އެކަމަކު މި ދައްކަނީ އަޅުގަނޑުމެންގެ މުސްތަޤްބަލުގެ ވާހަކަ. މި ދައްކަނީ އިންވެސްޓްމަންޓްގެ ވާހަކަ. މި ދައްކަނީ މިހެންހުރި ރަށްރަށަށް، މާލެ ކައިރި އެކަންޏެއްނޫން. ދުރު ހުރިހާ ހިސާބެއްގައި ހުރި ރަށްރަށަށްވެސް މިއާ ގުޅިގެން މި އަންނަނީ ތަރައްޤީ. މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެތުރިގެން މިދަނީ، އާންމުވެގެން މިދަނީ ޓޫރިޒަމް. އެއާއެކީ ދަތުރުފަތުރު ފަސޭހަވެގެން މިދަނީ. މިހާރު ރާއްޖޭގެ ހަމަ ދެތިން ދިމާއެއް ފިޔަވައި ހަމަ ކޮންމެ ދިމާއެއްގައި މަދުވެގެން އެއް އެއަރޕޯޓް އޮންނާނެ. ޑޮމެސްޓިކް އެއަރޕޯޓް އޮންނާނެ. އަދި މިހާރު އެންމެފަހުން މި ހަދަމުން މިގެންދާ 4 އެއަރޕޯޓް، ހަމަ އެހެން ބައެއް ދިމަދިމާގައި އެއް އެއަރޕޯޓަށްވުރެ ގިނަ. ޤުދުރަތީގޮތުން ބައެއް އަތޮޅުތައް ހުރިގޮތުން، އެ އަތޮޅުތަކަކީ އަތޮޅޭ ބުންޏަސް، އެ އަތޮޅުތަކަކީ ބިޔަ ބޮޑެތި އަތޮޅު. އެހެންވީމާ، ބައެއް އަތޮޅުތަކަށް ދެ އެއަރޕޯޓް، ތިން އެއަރޕޯޓްވެސް ކުޑަ. އެކަމަކު މިއީކީ ކުރީގައި ވިސްނާފައި އަޅުގަނޑުމެން ކުރަން ރާވާފައި ހުންނަ ކަންކަމެއްނޫނޭ. އެހެންނަމަވެސް، އަޅުގަނޑުމެން ބޭނުންވޭ، މި ތަރައްޤީ މުޅި ރާއްޖެއަށް އާންމުވެގެންދާން.

އެހެންވީމާ، މި ތަރައްޤީ އާންމުކުރުމަށް ކުރާ މަސައްކަތުގައި ރިސްކް ނަގައިގެން، ފައިސާ ހޯދައިގެން އަދި ދަރައިގެންވެސް މިކަން ކުރަންޖެހޭ. ދަރަންޏަކީ ދިވެހިރާއްޖެއަކަށް އާކަމެއް ނޫން. ދަރަންޏަކީ ވިޔަފާރިކުރާ މީހުންނަށްވެސް މުޅިން އާ އިޞްޠިލާޙެއް ނޫން. މަފްހޫމެއް ނޫން. އެއްވެސް މީހަކު ނުކުރާނެ، ސަތޭކައިންސަތޭކަ އޭނާގެ ލާރީގައި ވިޔަފާރިއެއް ނުކުރާނެ. މޮޔައަކު ނޫނީވިއްޔާ އެކަމެއް ނުކުރާނެ. އަދި އޭނާގެ ލާރި، އޭނާ ކުރަން ބޭނުންވާ ހުރިހާ ކަމެއް ކުރާކަށް، އަދި އެ ލާރި ދެގުނަ، ތިންގުނަ، ހަތަރުގުނަ ކުރާކަށް، އެ ޖާގައެއް ނުވެސް ލިބޭނެ އޭނާގެ ލާރިން. ލޯނު ނަގައިގެން މިކަންކަން ކުރާނީ.

އެހެންވީމާ، އަޅުގަނޑުމެންވެސް ބޭނުންވަނީ، ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައި މިހިރަ ކަންކަން، ކޮންމެ ރަށަކަށް މި ހުރިހާ ކަމެއް ފުދިގެން އަންނައިރުވެސް، މިއަދު ރަނގަޅުކަންނޭނގެ ޔާމީނަށް، މިރަށުގެ ޔާމީނަށް މި ޕޯޑިއަމުން ފުރުޞަތު ނުލިބުނުކަން. އެހެންނޫންނަމަ، ހަމަ އަޅުގަނޑު ބަލައިގަންނާނަން، ބަލައިގަންނާނަން. އަންނާނެ، މިރަށަށް ދެން ބޭނުންވެފައި ހުރި ކަންތައްތަކުގެ ލިސްޓެއް ދޮގެއްތޯ. އެހެންވީމާ، ރަށްރަށަށް ބޭނުންވާ ކަންތައްތައް އަޅުގަނޑުމެން ކޮށްދިނަސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނީ އަދި އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ޓީމު ހެޔޮހިތުން ބަލައިގަންނަނީ ތިޔައީ ހަމަ ރައްޔިތުން ބޭނުންވާ ކަންކަމޭ. އެކަމަކު މިކަންކަމާ ހަމައަށް އުންމީދުކޮށް ވިސްނައި، ހުވަފެނެއް ދެކި، އެ ހުވަފެން ޙަޤީޤަތަކަށް މި އަންނަން ވިސްނައިދިނީ އަޅުގަނޑުމެން ދޮގެއްތޯ. އޭގެކުރީގައި އަޅުގަނޑުމެން ކުރާ އުންމީދުތަކެއް ނޫން. ދިވެހިރާއްޖެއަކީ ކުޑަކުޑަ ނިކަމެތި ޤައުމެއް. ދިވެހިރާއްޖެއަކީ ވަސީލަތް މަދު ޤައުމެއް. ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި އަޅައިނުލައި ހަމަ އޮޔާއި ރާޅު އެކަނި ޒިޔާރަތްކުރާ، މެހްމާނުން ޒިޔާރަތްކުރާ ކުޑަކުޑަ ޤައުމެއް. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭގޮތުން އެންމެ ފުރަތަމަ ފުންނާބު އުސްކޮށް ލިޔުނު މީހުން ލިޔުނީ ދިވެހިރާއްޖޭގެ ޓޫރިޒަމް އެއްވެސް ހިސާބަކަށް ނުދާނޭ. ޓޫރިޒަމަށް ބޭނުންވާ ހުރިހާ ސާމާނަކީ ރާއްޖެއިން ބޭރުން އެތެރެކުރާ އެއްޗެއްސޭ. ރާއްޖޭގައި ނެތޭ އެ ހަކަތައެއް. އެއަކަށް ފުރުޞަތެއް ނެތޭ. އެކަމަކު މިއަދު ދުނިޔޭގެ ޔުނިވަރސިޓީތަކުގައި، މި ހޮސްޕިޓޭލިޓީ އިންޑަސްޓްރީގައި، ޓޫރިޒަމްގެ ދާއިރާގައި ފިލާވަޅު ނަގައިދޭއިރު، ނަމޫނާ ރަށަކަށް މި ނަގަނީ މިސާލަކަށް ދިވެހިރާއްޖޭގެ ކޭސް ސްޓަޑީ. މިއަދު އަޅުގަނޑު ފަޚުރުވެރިވޭ ދިވެހިރާއްޖޭގައި ޓޫރިޒަމް އޮތީމާ. އޭރު އިސްނަގައިގެން ޓޫރިޒަމްގެ މަސައްކަތް ކުރެއްވި ހުރިހާ ޓޫރިޒަމްގެ ޕްރައިވެޓް އިންވެސްޓަރުންނަށް، އަދި އަޅުގަނޑުމެންގެ ބޭފުޅުން އިސްކޮށް އުޅުއްވި. މިހާރު ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި އިންވެސްޓް ކުރަން، ދުނިޔޭގެ ކޮން ދިމާއަކުންތޯ މީހުން ނާންނަނީ؟ ހަމަ ސަރުކާރަށް މިއުޅެނީ އިތުރު ތަންތަން ނުދެވިގެން. ސަރުކާރަށް އިތުރު ތަންތަން ނުދެވިގެންވެސް މިއުޅެނީ ސަބަބުތަކެއް އޮވެގެން. އަޅުގަނޑު ބޭނުންވަނީ ޓޫރިޒަމް މިހާރު އާންމުވެފައި ނެތް ދިމަދިމާއަށް ޓޫރިޒަމް ގެންދަން. މާލެއަތޮޅު، އަރިއަތޮޅު، މި ތަންތަނަށް ބަލައިފި ކަމަށްވަންޏާ، ޓޫރިޒަމް ހުޅުވާލަން މި ތަންތަނަށް އަންނާނެ. އަޅުގަނޑުމެން ބުނާކަށްވެސް ނުޖެހޭނެ. އެކަމަކު ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ، އެއްވަރުގެ ބައެއް. ނިޢުމަތްތަކާއި، އުފުލަންޖެހޭ ތަކުލީފަށް ބަލައިފި ކަމަށްވަންޏާ، ހަމަ ހުރިހާ ކަމެއް އެއްވަރަކަށް އެއް ހަމައަކަށް ހުންނަން އެބަޖެހޭ.

އެހެންވީމާ، ޓޫރިޒަމް ނެތް ދާއިރާތަކަށް ބަލާކަމަށްވަންޏާ، މިއުޅެނީ އުތުރުގައި ހުރި ރަށްރަށް. އުތުރުގައި ހުރި އަތޮޅުތައް. ހއ. ހދ. ށ. އެހެންވީމާ، އެ ރަށްރަށަށް ޓޫރިޒަމް ގެންދިޔުމަކީ، އަޅުގަނޑުމެންގެ މިއަދުގެ ސިޔާސަތުގައި ހާމަކަންބޮޑުކޮށް އަޅުގަނޑުމެން ފާޅުކޮށްފައި އޮތް ސިޔާސަތު. އެހެންވީމާ، މިހާރު ޓޫރިޒަމަށް މިދޫކުރާ ރަށްރަށުގެ ތެރޭގައި، ހަތްދިހަ ފަސް ޕަސެންޓަށްވުރެ ގިނަ ރަށްރަށް އެހެރީ ށ. ހއ. ހދ. އަށް. އެހެންވެގެން އެތަންތަނަށް އެއަރޕޯޓް އެދަނީ. އެއީކީ ހަމައެކަނި ދަތުރުފަތުރުގެ ފަސޭހައަކަށްނޫން. 

އެއާއެކީ މި ދެންނެވި އެއަރޕޯޓަށް ޒިޔާރަތްކުރާ 7.5، 8 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރީމާ، އެމީހުން ނިންދަވާނެ ތަންތަން އަޅުގަނޑުމެން ބޭނުންވާނެ. ބޭނުންވަނީ ގެސްޓްހައުސް އެކަންޏެއް ނޫން ދޮގެއްތޯ. އެ މެހްމާންދާރީ އަޅުގަނޑުމެންނަށް އަދާކުރެވޭނީ، މި ދެންނެވި ގޮތަށް މުޅި ރާއްޖެއަށް މިކަންކަން ކުރެވިގެން. ވިޔަފާރީގެ ފައިދާ ހޯދުމަށް ކަމެއް ކުރުމަށް، ފުރުޞަތު އޮވެގެން ކަމެއް ކުރުމަކީ، އެއީ އަޅުގަނޑުމެންނަށް ލިބޭ އުފަލަކަށްވާންވާނެ. އެއީ ޝައުޤެއް. އެއީކީ ތަކުލީފެއް ކަމަށް ދެކިގެން ނުވާނެ. ފުރުޞަތު އެބައޮތް ޓޫރިޒަމް ފުޅާކުރަން. އެކަމަކު ހޭދަކުރަން އެބަޖެހޭ. ފުރުޞަތު އެބައޮތް އެއަރޕޯޓްތައް ހަދަން. އެކަމަކު ހޭދަކުރަންޖެހޭ. ފުރުޞަތު އެބައޮތް ބަނދަރު ހަދަން. އެކަމަކު ހޭދަކުރަންޖެހޭ. އެކަމަކު އެކަންކަން ކުރުމަކީ، އަޅުގަނޑުމެންގެ އަތުގައި މިއަދު ލާރި ނެތިގެން އަޅުގަނޑެއް ގަބޫލުނުކުރާނެ، މިއަދުގެ ދިވެހިންގެ ވިސްނުން، މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބަދަލުވެފައި ހުރިގޮތުން، އުއްމީދާއި، އުޖާލާކަމާއި ރޯޝަންކަން ލިބިފައި ހުރި މިންވަރުން މިއަދު ދިވެހި ރައްޔިތުން ގަބޫލުކުރާނެ، މިއިން ކޮންމެ ކަމަކީވެސް ކުރެވޭނެ ކަމެކޭ. އަނެއްކާ އެކަންކަން ކުރާނީ ރައީސް ޔާމީންކަން އެމީހުން ގަބޫލުކުރާނެ. އެއީ މިއަދުގެ ޙަޤީޤަތް. އެއީ މިއަދުގެ ޙަޤީޤަތް.

އަޅުގަނޑުމެން ދަރުމަވަންތަ ހޮސްޕިޓަލްގެ ވާހަކަ ދައްކާއިރު، ނޫނީވިއްޔާ އެމް.ޓީ.ސީ.ސީ އިން ބިން ނެތް ދިމަދިމާގައި ބިން އިތުރުކުރަމުންދާ ވާހަކަ ދައްކާއިރު، ނޫނީވިއްޔާ އެސް.ޓީ.އޯ.ގެ ތެޔޮ އުފުލުމަކީ ނާލުން ބޮޑު ގެއްލުމެއް ލިބޭ ކަމަކަށްވާތީ، ތެލުގެ އަގުހެޔޮކުރަންވީމާ، ޓޭންކަރެއް ގަތުމާ، މިކަހަލަ އެތައް ބައިވަރު ކަންކަމަކީ ހަމަ ކުރިއަށް ވިސްނާފައި، އެއީ އެއްގޮތަކަށްވެސް އޭގެ ޒާތުގައި ކުއްލިއަކަށް ފެނުނު ހުވަފެނެއް ޙަޤީޤަތަކަށްވަނީކީ ނޫން. އެއީ ދުރާލާ ވިސްނާތީ. އެކަންކަން ކުރަންޖެހޭތީ.

މިރަށުގައި މިސާލަކަށް، މި ސްޓެލްކޯ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި މިރަށުގައި ކަރަންޓްގައި މި އުޅުއްވަނީ. ސްޓެލްކޯގެ އަޅުގަނޑާއެކީ އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އެމް.ޑީ މިތާ އެބަ އިންނެވި. މިހާރުގެ ސީ.އީ.އޯ މިތާ އެބަ އިންނެވި. އަޅުގަނޑުމެން އަބަދުވެސް ބޭނުންވާ ކަމަކީ، އަބަދުވެސް ކުރަންޖެހޭ ކަމަކީ، ސްޓެލްކޯ ހިންގުމުގެ ޚަރަދުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބަޔަކީ، ގާތްގަނޑަކަށް ފަސްދޮޅަހަކަށް ޕަސެންޓް އެއީ ތެލުގެ އަގު. އެހެންވީމާ، ސްޓެލްކޯއަކަސް، އޭގެ ޒާތުގައި ޚަރަދު ކުޑަކުރަން، ހޭދަ ކުޑަކުރަން، ނޫނީ ޔުނިޓްގެ އަގުހެޔޮކުރަން ކުރެވޭނެ މާބޮޑު ކަންތައްތަކެއް ނުހުރޭ.

އެހެންވީމާ، އެކަންކަން ކުރެވެން މި އަންނަނީ އަޅުގަނޑުމެން ތެޔޮ ގަންނަން ލިބޭ އަގު ހެޔޮކުރުން. އަދި އެއަށްވުރެ ބޮޑަށް ތެޔޮ ގަންނަން ލިބޭ އަގު ހެޔޮނުވާކަމަށްވަންޏާ، ދެން އޮތީ މި ނާލަށް ހިނގާ ޚަރަދު، ހޭދަ އަޅުގަނޑުމެން ކުޑަކުރުން. އެކަން ކުރަން އަޅުގަނޑުމެން ކުރަންޖެހޭ އިންވެސްޓްމަންޓެއް، އެ ޓޭންކަރު ގަތުން އެއީ. އެހެންނޫނީ އަބަދު މިހާރު އަޅުގަނޑުމެންގެ ސަރުކާރުގައި އެކަންޏަށް ވިސްނިޔަސް، އަދި ކުރިއަށް، އަޅުގަނޑުމެންގެ ސަރުކާރުގައި އެކަންޏަށް ވިސްނިޔަސް، ތެލުގެ ނާލަށް ހޭދަކުރި ހޭދަކުރި މިންވަރު، އަޅުގަނޑުމެންނަށް އެއްފަހަރާ ފައިސާ ލިބިފައި ހުރިނަމަ، މީގެ އެންމެ ޓޭންކަރެއް ނޫން، ދެތިން ޓޭންކަރު ގަންނަހާވަރަށް އަޅުގަނޑުމެން ހޭދަ ކޮށްފީމު.

އެހެންވީމާ، މި އިންވެސްޓްމަންޓްތައް މި ހަދަނީ، ނޫނީ މަހާޖައްރާފާއެއް ހޯދައިގެން، ރާއްޖޭގެ ބިން ހުސްވަމުންދާއިރު، އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު ކަންބޮޑުވަމުންދާއިރު، އަޅުގަނޑު ހަމަ އަބަދުވެސް މި ދަންނަވަނީ ނޫނެކޭ، އަޅުގަނޑުމެން ކަންބޮޑުނުވަމާހެއްޔޭ. އަބަދުވެސް މުސްތަޤްބަލެއް އެބައޮތޭ. އުއްމީދެއް އެބައޮތޭ. އުޖާލާކަން އެބައޮތޭ. ކަންކަން ކުރަން ތިބި ޒުވާނުންނަށް ޖާގަދޭށޭ. ކުރިއަށް ނެރޭށޭ އެމީހުން.

އެހެންވީމާ، އެ ވިސްނުމާއެކީ ކުރިއަށްދާކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހައްލުކުރެވެންވާނެ އެކަންކަން. އަޅުގަނޑުމެން ހަމަ ހުރިހާ ކަމަކީ ޤުދުރަތީ ތަރައްޤީއާއި ވަސީލަތަށް ބިނާކޮށްގެން ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު، ހަމަ މިއަދު އަޅުގަނޑުމެންގެ ޚިޔާލަށް ގެނެސް، އަޅުގަނޑުގެ ވާހަކަ ނިންމާލާނަން. އަޅުގަނޑު ދެންނެވި ގޮތަށް އަޅުގަނޑު ދަންނަވަން ބޭނުންވާ ހުރިހާ ވާހަކައެއް ނުވެސް ނެތް. އެކަމަކު އަޅުގަނޑު ބޭނުންވަނީ، އުއްމީދީ މެސެޖްތަކެއް ދޭން. އެއީ އަޅުގަނޑުވެސް މި ރިޔާސީ އިންތިޚާބަށް މި ކުރިމަތިލަނީ އަޅުގަނޑުގެ ޕާޓީގެ ފަރާތުން. އަޅުގަނޑު ދެކޭގޮތުގައި އަދި އަޅުގަނޑުގެ ޕާޓީގެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، މިއީ އަޅުގަނޑުމެންގެ ޕާޓީން ކުރާ މަސައްކަތެއް ނޫން. މިއީ ދިވެހިރާއްޖޭގެ ޙާލަތު މިއަދު އައިސްފައި އޮތް ހިސާބުން އަދި އަޅުގަނޑުމެންގެ ކަންކަން ނިންމަން ތިބި ސިޔާސީ ބޭފުޅުން، އެ ބޭފުޅުން ދައްކަވާފައި ހުރި މާޒީއާއި، އެންމެފަހުން މި ދެއްކެވި ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޞްލަޙަތާއި، ރައްޔިތުންނަށް ލޯބިކޮށްގެން ކުރާ ކަންތައްތައް، އެބޭފުޅުން ދައްކަވައިދެއްވާފައި ހުރި މިންވަރުން ގަބޫލުކުރެވެނީ، އެބޭފުޅުންނަކީ އަމިއްލަ އެޖެންޑާތަކެއް ހިއްޕަވައިގެން އުޅުއްވާ ބޭފުޅުންކަން. އެބޭފުޅުންގެ ޤައުމިއްޔަތުގައި، ނޫނީ ރަށަށް ކޮށްދެއްވަން ބޭނުންފުޅު ކަންކަމުގެ މެނިފެސްޓޯއެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އޭގެ ބަދަލުގައި ހައްތަހާވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މުޅިން އެހެންކަހަލަ ކަންތައްތަކެއް.

އެހެންވީމާ، ކުރީގައި އަޅުގަނޑު ހީކުރީ އަޅުގަނޑު އެކަނި ކަމަށް އެއްކޮޅުގައި މިހުރީ ޕީ.ޕީ.އެމް. އެހެންނަމަވެސް، ﷲގެ މަގުގައި އަޅުގަނޑު މަސައްކަތް ކުރާކަން އަޅުގަނޑަށް ގަބޫލުކުރެވޭ. ރައްޔިތުން އަޅުގަނޑަށް ތާއީދު ކުރައްވާކަން އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންވީމާ، އެކަނިވެސް މި ހަނގުރާމަ ކުރަން އަޅުގަނޑުމެން ތައްޔާރާ ތިބީ. އޭރު އަޅުގަނޑު ދުށީ، އަޅުގަނޑާ ދެކޮޅަށް، ނޫނީވިއްޔާ އަޅުގަނޑު ހުރި ކޮޅުނޫން އަނެއް ކޮޅުގައި އެތައް ބައިވަރު ސިޔާސީ ލީޑަރުން ތިއްބެވިކަން. އެކަމަކު މިއަދު އެނގިގެން މިދިޔައީ، ނޫނެކޭ އެމީހުންވެސް ތިބީ ހަމަ އެކަނި. އެހެންވީމާ، އެކަނިމާއެކަނި ކުރާ މުޤާބަލާއެއް މިއީ. ހަނގުރާމައެއް މިއީ ދޮގެއްތޯ.

އެހެންވީމާ، މީގައި އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭނީ ހުރިހާ ވާހަކައެއް ދެއްކިނަމަވެސް، އެމީހުންގެ ތެރޭގައި ވެރިކަމާ ހަމައަށް ދިޔައިމާ، ކޭކުފަޅާ ހިސާބަށް ދިޔައިމާ، ހަމަ ކޮންމެ މީހަކުވެސް ބޭނުންވަނީ ނުފަޅަން މުޅި ކޭކު. އެހެންވީމާ، އަޅުގަނޑުމެންގެ ޕާޓީން ނިންމީ އަޅުގަނޑުމެން ކޭކު ނުފަޅާނަމޭ. ކޭކު އެއްކޮށްދޭނީ އަޅުގަނޑުމެންގެ މިހާރުގެ ޒަޢާމަތަށޭ. އެއީ އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން މި ދެކޭކަހަލަ ދިވެހިރާއްޖެއެއް. އަމާން، ޞުލްޙަވެރި، ރައްޔިތުންނަށް އޯގާތެރި އަޅާލާ މުޖުތަމަޢެއް ބިނާކުރުމަށާއި، އިސްލާމީ އުޞޫލުތަކާއި، ދިވެހި ރިވެތި އުސޫލުތައް ގެންގޮސްދިނުމަށް. ޑިމޮކްރަސީއަކީ ޙަޤީޤަތުގައި ކޯއްޗެއްކަން ދައްކައިދިނުން. މިއަދު ޑިމޮކްރަސީ ކަމުނުގޮސްގެން މިއުޅެނީ ކީއްވެގެންތޯ؟ މިއަދު ޑިމޮކްރަސީ ކަމުނުގޮސްގެން މިއުޅެނީ އެބޭފުޅުންގެ ޒާތީ ކަންކަމުގަޔާއި، އެބޭފުޅުން އެދިވަޑައިގަންނަވާ ސިޔާސީ ކަންކަމުގައި، އެބޭފުޅުން ބޭނުންވާ ޙުކުމްތައް އެކި ކޯޓުތަކުން ނުނެރެވިގެން. ދައުލަތް ބަދުނާމުކޮށް، ސަރުކާރުން ކަންކަމާ ބެހޭ ވާހަކަ ދައްކަނީ. ނޫން. ސަރުކާރަކުންނެއް މި ދެންނެވި ކަހަލަ އެއްވެސް ކަމެއްގައި ކޯޓަކަށް އެއްވެސްކަހަލަ ނުފޫޒެއް ނުފޯރުވާނެ. އެކަމަކު ކޯޓަށް ނުފޫޒު ފޯރުވި މީހުން، މިއަދު އެތިބީ އަޅުގަނޑުމެންނަށް ހާމަކަންބޮޑު ގޮތެއްގައި ފަޟީޙަތްވެފައި. އެހެންވީމާ، މިއީ ޑިމޮކްރަސީ ގޮސްފައި އޮތް ހިސާބު. ޑިމޮކްރަސީއަކީ ނިޒާމުތަކެއް. ނިޒާމާ އެއްގޮތަށް އުޅެން ދަސްކުރާ ކުރުން. އެއީ ޑިމޮކްރަސީއަކީ. އެކަމަކު ވަކި ބައެއްގެ، ވަކިކަހަލަ ޙައްޤުތަކަކާ ހަމައަށް ޖެހުނީމާ، އެއްކަލަ ނިޒާމުން ބޭރުން ކަންތައްތައް ކުރަންވީ. އެ ނިޒާމުން ބޭރުން ކަންތައްތައް ނުކުރެވޭ ކަމަށްވަންޏާ، ނިޒާމު ހިފަހައްޓަން ކުރާ މަސައްކަތް ކުރާ މީހަކީ ޚުދު މުޚްތާރު ވެރިޔަކަށްވަނީ.

އެހެންވީމާ، އެކަހަލަ ޙާލަތެއްގައި އަޅުގަނޑުމެން ރައްޔިތުންނަށް އޮޅުންފިލުވައިދޭން ހުރި ފިލާވަޅުތައް މިހިރީ. އަދު އަޅުގަނޑުމެންގެ ޙާލަތު އޮތް ހިސާބުން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، މިކަންކަން އެބަޖެހޭ މާޒީވެ ދޫކޮށްލަން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ރަށްރަށުގައި ތިބެގެން، ޒުވާނުންނަށް ފުރުޞަތުތަކެއް ލިބިގެން، މަސައްކަތް ކުރަން ކެރޭ ބަޔަކަށް ފުރުޞަތު ލިބިގެން ހަމަ ސްކައިޒް ދަ ލިމިޓޭ ބުނާ އުސޫލުން އުދުހެން ބޭނުންވާ ހިސާބަށް މެދު އުޑުގައި ފިޔަޖަހާ ބަޔަކަށް ދިވެހިން އެބަ ވާންޖެހޭ. ދެން އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ވާހަކަ ނިންމަންވީހެން. މިކަހަލަ ޕޯޑިއަމެއްގެ ފަހަތަށް އައިމާ ވާގޮތަކީ ދައްކަން ހުންނަ ވާހަކަ ލައްކަ ގިނަ. އެހެންނަމަވެސް، އަޅުގަނޑު ހަމަ ތުލުސްދޫގެ ރައްޔިތުންނަށް ކޮށްލަން ބޭނުންވާ އިލްތިމާސަކީ، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ބޭނުންވާ ސްޕީޑްގައި ގެންދަން ބޭނުމޭ. ގުރައިދޫގައި. ދެން ވާގޮތަކީ މި ރަށަށް އައިމާ، މިކަހަލަ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ސިކުނޑިއަށް އަންނާނެ. މާދުރަކު ނޫން ދޮގެއްތޯ މަރުކަޒުވެސް މިހިރީ. މަޢާފް ކުރައްވާ. ދެން އެކަމަކު ސަމާސާއަކަށް ދަންނަވާލަން. އަޅުގަނޑާއެކީ ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން މިރަށުގައި ބަހައްޓަންވެސް އަޅުގަނޑު އެބަ ޚިޔާލުކުރަން.

އެހެންވީމާ، އަޅުގަނޑުމެން މިކަހަލަ އެތައް ވާހަކައެއް ދައްކަން ހުންނައިރު، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ރާއްޖޭގެ ކޮންތަނަކަށް، ކޮން ދިމާއަކަށްތޯ މިއަދު ތަރައްޤީ ނައިސް އޮތީ. އަނެއްކާ މި އަންނަ ތަރައްޤީއަކީ 5 އަހަރުގެ ތެރޭގައި 1.5 މިލިއަން ރުފިޔާ ހެއްޔޭ. މި އަންނަ ތަރައްޤީއަކީ އެންމެ މަޝްރޫޢެއް އަޅުގަނޑުމެން މިނެކިރައިލަނީ 30 މިލިއަނުން، 40 މިލިއަނުން ދޮގެއްތޯ. ޒުވާނުންގެ ވަޒީފާއާއި، ޒުވާނުންގެ ހަކަތަ ކުރިއަށް ނެރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެން އުފައްދައިފީމު ވަޒީފާތަކެއް. އެއީ ޓޫރިޒަމްގެ ދާއިރާގައި އުފައްދައިފިން. އަދި ހަމައެހެންމެ، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުން އަޅުގަނޑުމެން ވަޒީފާތަކެއް އުފައްދައިފީމު. ޖުމްލަކުރެވޭގޮތުގައި ގާތްގަނޑަކަށް ހަތްދިހަ ހަހާސް ވަޒީފާ އުފެދިފައި އެހެރީ. މި އަތޮޅަށް އެކަނި ކުރަން ހުރި ހޭދައަށް ބަލާކަމަށްވަންޏާ، 5 ފަޅެއް އެއޮތީ އަޅުގަނޑުމެން ނިންމާފައި. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ ނަޞީބު ރަނގަޅިއްޔާ، އަޅުގަނޑުމެން އެ ފަޅުތައް އިޢުލާނު ކުރާނަން. އެ ފަޅުތަކުން ހަމަ ސީދާ ވަޒީފާއަށް ނުކުންނަ މީހުންގެ އަދަދު އިރާދަކުރެއްވިއްޔާ ތިރީސްހާހަށްވުރެ އިތުރުވެގެންދާނެ.

އެހެންވީމާ، މިކަހަލަ ކަންތައްތަކެއް ވެފައި، އަޅުގަނޑުމެންނަކީ ކުޑަ ޟަޢީފް ނިކަމެތި ޤައުމަކަށްވެފައި، އާމްދަނީ ނުލިބޭ ބަޔަކަށް ވެގެންދާއިރު، އަޅުގަނޑު ހަމަ އެބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ﷲގެ ރަޙްމަތް އަޅުގަނޑުމެންނާއެކީ އެބަވެޔޭ. ﷲގެ ރަޙްމަތް ވާކަމަށްވަންޏާ، އިތުރު ކަންތައްތައް ކުރަން ރައްޔިތުންނަށް ހިތްވަރުދޭން ތިބި ބަޔަކީ ސިޔާސީ ލީޑަރުން. އެކަން ކުރަން އެމީހުން އަންނަނީ. އެހެންވީމާ، ހަތަރުހާސް ފައްސަތޭކަ ރުފިޔާ ބޮލަކަށްޖެހޭ ޤައުމީ ނިސްބަތް، ދިހަވަރަކަށް ހާހާ ހަމައަށް ހަތަރު އަހަރުގެ ތެރޭގައި އުފުލިގެން ދިޔައިމާ، މިކަންކަމާ ދޭތެރޭގައި އެބަޖެހޭ ހުރިހާ ޒުވާނުންވެސް، ޢިލްމީ މީހުންވެސް އަދި ހަރު، ތަންދޮރު ދަންނަ، އިސް ރަށްވެހިންވެސް ވިސްނާވަޑައިގަންނަވަން.

އަޅުގަނޑުމެން ގަބޫލުކުރަނީ، އަޅުގަނޑުމެންގެ ޤައުމަކީ ކުޑަ ޤައުމެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޤައުމަކީ ހަމަ ދުނިޔޭގެ ސަފުތަކުގައި ހިމެނޭ ޤައުމެއް. އަޅުގަނޑުމެންގެ ވަސީލަތާއި، އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރުމަށް، ރަނގަޅު ކުރުމަށް އަޅުގަނޑުމެން ނުކުރާ މަސައްކަތެއް ކޮށްދޭކަށް ކައިރިންވެސް ދުރުންވިޔަސް ހެޔޮ ބޮޑުބޭބެއެއް ނާންނާނެ. މި ޢަޒުމުގައި އަޅުގަނޑުމެން މަސައްކަތްކުރާ ކަމަށްވަންޏާ، މި ރިޔާސީ އިންތިޚާބުގެ މިޞްރާބު، އަޅުގަނޑަށް ޔަޤީން ގުރައިދޫގެ ރައްޔިތުންނަށް ހަމަ ސީދާ އެނގިވަޑައިގަންނަވާނެ. މަޢާފް ކުރައްވާ. ދެންވެސް ވާހަކަ ދައްކާއިރު އަނެއްކާވެސް ތުލުސްދޫގެ ވާހަކަ އައިސްފާނެތީ، އަޅުގަނޑު މިހާ ހިސާބުން ނިންމާލާނަން. އަޅުގަނޑު އަދި ތިޔަބޭފުޅުންނާއެކީ ވަކިން ބައްދަލުކޮށްލާނަން. މަޢާފަށް އެދެން. އެހެންނަމަވެސް، އަޅުގަނޑު ބޭނުންވަނީ ހަމަ މި މަސައްކަތުގައި ޤައުމަށްޓަކައި، އަޅުގަނޑުމެންގެ މުޅި ރައްޔިތުންގެ ހަމަޖެހުމަށްޓަކައި ކޮށްދެއްވާ ޤައުމީ މަސައްކަތެއްގެ ގޮތުގައި ގުރައިދޫގެ ހުރިހާ ރައްޔިތުން މިކަން ބަލައިގަތުން.

       والسّــلام عليــكم ورحـمــة اللّـه وبـركاتـه.