بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި ޞަޙާބީން ޝާމިލުކުރަން.

ތުލުސްދޫގެ ލޮބުވެތި އެންމެހާ ރައްޔިތުން، އަޅުގަނޑާއެކީ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނާއި އަދި މި ރަށަށް މި ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިންނަށް، ހުރިހާ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. އާދެ، ތުލުސްދޫއަށް އައިސް މި ހެނދުނު ގަޑީގައި އަޅުގަނޑަށް ތިޔަ ވިދާޅުވި މަރުޙަބާއަށްޓަކައި އިޚުލާޞްތެރިކަމާއެކީ ކުދި ބޮޑު ހުރިހާ ރައްޔިތުންނަށް، ދޮށީ ޢުމުރު، ހުރިހާ ޢުމުރެއްގެ ތުލުސްދޫގެ ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ، ތުލުސްދޫއަށް، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ލިބޭ ކޮންމެ ތަރައްޤީގެ އުފަލެއްގައި ބައިވެރިވުމަކީ، އަޅުގަނޑަށްވެސް ލިބޭ ޚާއްޞަ އުފަލެއް. ތުލުސްދޫގެ ބިން މިވަނީ، ތުލުސްދޫގެ ކުރީގެ ބިމުގެ ސައިޒާ ދާދި އެއްވަރަކަށް ބިން ހިއްކިފައި. އަދި ހަމައެހެންމެ، މިއަދު ރަސްމީކޮށް ހުޅުވިގެން މިދަނީ، ތުލުސްދޫއަށް ނުހަނު ބޭނުންވެފައި އޮތް ބަނދަރެއްގެ ޚިދުމަތް. އެހެންވީމާ، މި ބަނދަރުގެ ފަސޭހަކަން، ތުލުސްދޫގެ ރައްޔިތުންނަށް ލިބި، އަދި، އެކަމުގެ އުފަލުގައި ތިޔަބޭފުޅުން އިޙުތިފާލު ކުރަމުންދާ ވަގުތެއްގައި، ތިޔަބޭފުޅުންނާ ބައްދަލުކޮށް، މި އުފަލުގައި އަޅުގަނޑުވެސް ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް.

 އާދެ، ރާއްޖޭގެ އެކި ހިސާބުގައި އެކި މަޝްރޫޢުތައް، ބޮޑެތި މަޝްރޫޢުތައް ހިނގަމުންދާ ވަރަށްގިނަ ރަށްރަށުގެ މަޝްރޫޢުތައް ހުޅުވައިދިނުމުގެ މަސައްކަތް އަޅުގަނޑު މިހާރު ވަނީ ކުރަން ޖެހިފައި. އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، މި އަހަރުގެ ތެރޭގައި، މިހާހިސާބަށް އައިއިރު، އަޅުގަނޑު ރާއްޖޭގެ އެކި ރަށްރަށުގައި ގާތްގަނޑަކަށް ބަނދަރު ހެދުން، ނަރުދަމާ، މަގު ހެދުން މިކަހަލަ އެތައް މަޝްރޫޢެއް، ގާތްގަނޑަކަށް ސާޅީހަކަށް ރަށުގެ މަޝްރޫޢު ނިމި، ސާޅީހަކަށް ދަތުރު ވާނީ ކޮށް ނިންމާފައި. ތުލުސްދޫގައިވެސް އަޅުގަނޑު މިއައީ ހަމަ އެފަދަ މަޝްރޫޢެއް ނިމިފައިވާތީ، އެ ހުޅުވައިދިނުމުގެ އުފަލުގައި ބައިވެރިވުމަށްޓަކައި.

އާދެ، އެނގިވަޑައިގަންނަވާނެ، މި އަހަރަކީ، ރިޔާސީ އިންތިޚާބުގެ އަހަރަކަށްވާތީއާއެކީ، އަޅުގަނޑު ބޭނުންވޭ އަޅުގަނޑު ފަށާފައި ހުރި މަޝްރޫޢުތައް ނިންމައިދީ، ރައްޔިތުންނަށް އޭގެ ފަސޭހަކަން ލިބިގެންދާތަން ދެކެންވެސް. އެގޮތުން، މި ދެންނެވި ގޮތަށް، މިއަހަރުގެ މިހާ ހިސާބަށް އައިއިރު، މި ދެންނެވި ހުރިހާ މަޝްރޫޢުތަކެއް ހުންނަންވާނީ ހުޅުވިފައި. އެހެންނަމަވެސް، ކަން ދިމާކުރިގޮތުން، ހިފަމުން އައި ހަނދުކޭތަތަކުގެ ކަޅު އަނދިރި ހިޔަނީގައި، އަޅުގަނޑުމެންގެ ނައު ދަތުރުކުރާކަށް މާލިމީ ހުއްދައެއް ނުދޭ، އަލިވީމާ ނޫނީވިއްޔާ. އެހެންވީމާ، އަލިވާން ވަރަށް ދިގު ކަޅުފޮއެ މޫސުމެއް މި ކަޑައްތުކުރީ. އެ ސަބަބަށްޓަކައި އަޅުގަނޑު ހަމަ މަޑުކުރަންޖެހުނީ، ރައްޔިތުންގެ ޙައްޤުގައި، ދައުލަތުގެ ޙައްޤުގައި، އެކަންކަމުން ކޮންމެވެސް މިންވަރެއްގެ ސަލާމަތާ ހަމައަށް އަޅުގަނޑުމެންނަށް ދެވެންދެން. އެހެންވެގެން، އަޅުގަނޑުގެ ދަތުރުތައް ވަރަށް ބޮޑަށް ލަސްވެގެންދިޔައީ، އަދި މި ދަތުރުކުރާއިރުވެސް އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ހޭދަކުރަން ބޭނުންވާ ވަރަށްވުރެން ހޭދަކުރަންޖެހޭ ވަގުތުވެސް ކުރުވެގެން މިދަނީ، މި ދެންނެވިގޮތަށް އަޅުގަނޑުގެ މި ދަތުރުތަކަށް ގެންލިގެން މި ދިޔައީ ގާތްގަނޑަކަށް ހައެއްކަ މަސްދުވަސް.

ކަންކަން ތަދުބީރުކުރާ މީހުން ތަދުބީރު ކުރާގޮތަށް، ކަންކަން ނިމިގެން ނުދިޔުން އެއީ، ﷲ އެކަން، ﷲ ގެ ޙިކުމަތުން ރާއްވަވާފައި އޮންނަ ގޮތް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޚިޔާލަށް މިއަދު އަންނަން މިޖެހެނީ، މިކަހަލަ ބަނދަރުތަކާއި، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ނިމިގެން ދިޔައީމާ، ދެން އެކަންކަމުގެ ފަސޭހަކަން އަޅުގަނޑުމެން ހެޔޮގޮތުގައި ބޭނުންކުރުން. އަދި އެކަންކަމާ ގުޅިގެން، ކުރިއަށް ހުރި ކަންތައްތަކަށް އަޅުގަނޑުމެންވެސް ރާވައި ތައްޔާރުވެގެން ދިޔުން.

ރަށްރަށަށް އަންނަ ތަރައްޤީއަކީ، ދައުލަތުން ޚިދުމަތް ކޮށްދޭން ތިބޭކަމަށްވަންޏާ ކުރެވިދާނެ ކަންކަން. ނިޢުމަތްތައް އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރައްވަނީ، އެ ނިޢުމަތްތައް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރީމާކަން، މިއީ އަޅުގަނޑުމެން ހަމަ ކޮންމެ މުސްލިމަކު، ކޮންމެ އިންސާނަކު ގަބޫލުކުރާނެ ޙަޤީޤަތެއް. އެހެންވީމާ، މި ރަށަށް މިއަންނަ ކަންކަމަކީވެސް، މިރަށުގެ ރައްޔިތުން އެދިވަޑައިގެން، އެކަންކަމަށް މަސައްކަތް ކުރައްވައި، އަދި އެކަންކަމަކީ، މިފަދަ ރަށްރަށަށް ބޭނުންތެރި ކަންކަން ކަމަށް، އަޅުގަނޑަށާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ވަޒީރުންނަށް ގަބޫލުކުރެއްވޭތީ، މިކަހަލަ ކަންކަން ވެގެން މިދަނީ. މީގެކުރީގައިވެސް މި ޙަޤީޤަތަކަށް ބަދަލެއް ނާދޭ. އެހެންނަމަވެސް އަޅުގަނޑުމެންގެ ފުދުންތެރިކަން ހުރި މިންވަރަކުން، ސަރުކާރުތަކުން އެކި ކަންކަމަށް އެކިވަރަށް ފޯރުންތެރިކަން، މީގެކުރީގައި ގޮސްފައި ހުރީ. އެހެންނަމަވެސް، މިއަދު މި ކުރެވޭ މަސައްކަތަކީ ނެތް ފައިސާ ހޯދައިގެންވެސް، ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް، މި ދެންނެވި ކުރު މުއްދަތުގެ ތެރޭގައި، ހަތަރު އަހަރެއް، ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮށްދެވޭތޯ ބެލުން.

މިއާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޚިޔާލަށް މިއަދުވެސް ގެންނަންމި ޖެހެނީ، އަޅުގަނޑުމެންނަކީ މުސްލިމް އަމާން ބައެއްގެ ގޮތުގައި ތިބުމަކީ، ކޮންފަދަ ނިޢުމަތެއްތޯ، މިއަދު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމާތޯއޭ. އަޅުގަނޑުމެންގެ ޚިޔާލަށް މިކަން މި ގެންނަން ޖެހެނީ، ހަރު ޢުމުރުފުރާގެ ބޭފުޅުންނާއި، ދޮށީ ރައްޔިތުން، މިކަންކަން އެއަށްވުރެ ޒުވާނުންނަށް ވިސްނައިދިނުމަށްޓަކައި. އަޅުގަނޑުމެންގެ ރާއްޖޭގެ ކަންކަން ނިންމުމުގައި ޒުވާނުންނަކީ މުހިއްމު ބައެއް. އެ ގިންތިއަކީ ޝައްކެއްވެސްނެތްގޮތުގައި މުހިންމު ބައެއް. އެ ގިންތީގެ ވިސްނުމާއި، އެދޭ ކަންކަމާއި، މިޞްރާބު ތަފާތުވާނެ، އެހެން ޢުމުރުފުރައިގެ މީހުންނަށްވުރެ. އެހެންނަމަވެސް، އެހެން ޢުމުރުފުރައިގެ މީހުން ދަސްކޮށްދޭންޖެހޭ ޙަޤީޤަތަކީ، ދުނިޔެއަށް ދޮށިވީމާ، ރާއްޖޭގައި އެމީހުންނަށް ފެނިފައި ހުރި ކަންތައްތައް. މިއީ ހަމަގައިމުވެސް ޒުވާން ޢުމުރުފުރައިގެ ކުދިންނަކަށް ފެނިފައި ހުންނާނެ ކަންކަމެއް ނޫން، މިރަށްރަށް މީގެކުރިން އޮތް ގޮތާއި، މިއިން ރަށަކަށް، ބަލިމަޑުކަމެއް އައިސްފިއްޔާ އަޅުގަނޑުމެން އުޅެންޖެހޭ ހާލާއި، އަދި އެއަށްވުރެ ކުރީގައި ކަންކަން ދިމާވެފައިހުރިގޮތް. މިއީ އަޅުގަނޑުމެން މިއަދު ނިޢުމަތްތަކުގައި ތިބޭއިރު، އަޅުގަނޑުމެންނަށް ހަނދާނަށް ގެންނަން ފަސޭހަ ކަންކަމަށް ނުވެދާނެ. އެހެންނަމަވެސް މިކަންކަމަކީ، ގަދައަޅައި މަސައްކަތް ކުރުމުގެ ނަތީޖާކަން އެބަޖެހޭ، މި ޒުވާން ރައްޔިތުންނަށްވެސް ވިސްނައިދޭން. މިއިން ކޮންމެ ޒުވާން ރައްޔިތެއްވެސް، ބައްޕައަކާއި މަންމައަކު، ބޭބެއަކާއި ދައްތައަކު، ކޮއްކޮއަކު، މި ހާޒިރީގައިވެސް ތިއްބަވާނެކަން ޔަޤީން.

އެހެންވީމާ، މިރަށުގެ ޒުވާނުންނަށްވެސް، މި ދެންނެވި ފިލާވަޅުތައް އެބަ ނެގެންޖެހޭ. މިރަށުގެ ޒުވާނުންގެ ޚިޔާލަށް އެއްފަހަރުވެސް އައިބާ، ފެބުރުވަރީ އެއްވަނަ ދުވަހު އެ ހިނގައިދިޔައީ ކިހާވަރެއްގެ ކަމެއްތޯ. ސަރުކާރެއްގައި ހިނގުމުގެ ވިންދު ހުރެއްޖެ ކަމަށްވަންޏާ، ސަރުކާރުން ހާސިލު ކުރަން ބޭނުންވާ ކަންތައްތައް ހާސިލު ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާ އެކީގައި މަސައްކަތް ކުރަން ތިބި އާރުކާޓީގެ ޒިންމާއެއް. އެކަން ކުރަން ދެނެގަތުމާއި، އެކަން ކުރުމުގެ ޤާބިލުކަމާއި، އެކަން ކުރަން ބޭނުންވުމާ، މިއީ ސަރުކާރުގެ ޒިންމާ. އަޅުގަނޑު އެއްގޮތަކަށްވެސް ފާޑުކިޔުމުގެގޮތުން ދަންނަވާ ވާހަކައެއް ނޫން. އަޅުގަނޑުމެން ދާދި އިހަށްދުވަހުގެ މާޒީއަށް ޖެހިލާއިރުވެސް، އަޅުގަނޑުމެންނަށް ހަމަ ސަރުކާރުތައް ބަދަލުވެގެންދިޔަތަން ފެނިއްޖެ. ކޮންމެފަހަރަކު ސަރުކާރެއް ބަދަލުވެގެންދާއިރު، ރައްޔިތުންގެ އުއްމީދުތަކެއް އާވެގެންދޭ. ކުރިއަށްވުރެ ރަނގަޅު ދުވަސްތަކެއް ﷲ މިންވަރު ކުރައްވާތޯ. އެކަމަކު، ﷲ ގެ ނިޢުމަތުގައި އަޅުގަނޑުމެން ތިބޭއިރު، އަޅުގަނޑުމެންގެ ހަނދާނަށް ގެންނާކަށް ބޭނުމެއްނުވޭ، އޭގެކުރިން އަޅުގަނޑުމެން ކޮންކަހަލަ ހިތްދަތިކަމެއްގެ ތެރޭގައިތޯ ގެނބިގެން ތިބީ.

އެހެންވީމާ، މިއީ މިހާރުގެ ޒުވާނުންނަށް، ވޯޓުލާން ނުކުންނަ މީހުންނަށް އަދި މި ރަށްރަށުގެ ބަނދަރާއި، ބަނދަރުމަތީގެ ސަރަޙައްދުން ތަރައްޤީގެ މަޝްރޫޢުތަކުން ފައިދާ ލިބެން، މަންފާ ލިބެން ތިބި މީހުންނަށް ނަގައިދޭންޖެހޭ ފިލާވަޅު. ތުލުސްދުއަށް މި އަންނަ ކުރިއެރުންތަކަކީ، ދެންމެ ތުލުސްދޫގެ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭފުޅަކު، ޖަލްސާ ތަޢާރަފު ކުރައްވަމުން ވިދާޅުވިގޮތަށް، ތުލުސްދޫގެ ރައްޔިތުން އެތަކެއް ދުވަހެއް ވަންދެން ނުހަނު އެދިއެދި ތިބި ކަންކަމެއް ނިމިގެން މިދަނީ. މިޒަމާނުގެ ސިޓީއަކަށް، ރަށްރަށުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ސިޓީއަކަށް ބޭނުންވާ ގިނަ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ، ތުލުސްދުއަށް މިދަނީ ފުދެމުން. މިހާރުވެސް ނަރުދަމާގެ މަސައްކަތް އެއޮތީ ފެށްޓިފައި، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި އުއްމީދު ކުރަނީ ނަރުދަމާގެ މަސައްކަތްވެސް، ދާދި އަވަހަށް ނިމިގެން ހިނގައިދާނެކަމަށް.

ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރައްވަންޖެހޭނީ، އެ ރަށެއްގެ ރައްޔިތުން ކަންކަމަށް އެދޭ ފަދައިން، އެފަދަ ކަންކަމަށް އެދޭ ރާއްޖޭގައި، އެ ރަށް ފިޔަވައި 186 ރަށް އޮތްކަން. 186 ރަށް އޮވެގެން، 5 އަހަރުގެ މުއްދަތެއްގެ ތެރޭގައި، ރައީސަކު މަސައްކަތްކޮށްގެން ކަންތައްތައް ކޮށްދޭއިރު، މިއަދުވެސް ޚިޔާލަށް އަންނަންޖެހެނީ، އަޅުގަނޑުމެން ކޮންމެ މީހަކު ޚިޔާލަށް ގެންނަން މި ޖެހެނީ، ކަންކަންވާތީ އުފާކުރަމޭ. ކަންކަން ފުދިގެންދާތީ، ނިޢުމަތްތަކަށް ޝުކުރު އަދާކުރަމޭ. އެހެންނަމަވެސް، އަދިވެސް ކިހާ ބައިވަރު ކަމެއް ނުކުރެވި އެބަހުރިހެއްޔޭ. އަދިވެސް ކުރަންހުރި ކަންތައް އޮތީ. ކުރަންހުރި ކަންތައްތައް، ކުރިއަށް އަދިވެސް ހުރުމާއެކީ އަދި ބިން ހިއްކުމާއި، ބަނދަރު ހެދުމާއި، މަގު ހެދުމާއި، ނަރުދަމާގެ އިތުރުން، ރައްޔިތުންނަށް ބޭނުންވާނެ މާއްދީ ކަންކަމުގެ އިތުރުން ހުރި ރައްޔިތުންނަށް ބޭނުންވާ އެހެން ބައިވަރު ކަންތައްތައް ހުރިކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.

އަޅުގަނޑުމެން ޒުވާން ޖީލެއް ތަރުބިއްޔަތު ކުރަން ބަލާއިރު، އެންމެ ބޮޑަށް ބޭނުންވަނީ، އެ ޒުވާން ޖީލަކަށް ޤައުމިއްޔަތު، ނޫނީ ޤައުމުދެކެ ލޯބިވުން، ޤައުމަށް އިޚުލާޞްތެރިވުން، އެކުދިންގެ ހިތްތަކުގައި ބިންވަޅު ނަގައިދޭނެ ފިލާވަޅުތަކެއް، ތަރުބިއްޔަތުގެ ދަރުސްތަކެއް ނަގައިދިނުން. މިއީކީ ހަމަގައިމުވެސް މުދައްރިސަކު، ސްކޫލްގައި ކެމިސްޓްރީ މާއްދާ ނަގައިދެމުން ކިޔަވައިދޭނެ މާއްދާއެއް ނޫން. މިއީ ހަމަގައިމުވެސް ހިސާބު މުދައްރިސަކު އުނގަންނައިދޭނެ، އޭނާގެ މުޤައްރަރުގެ ތެރެއިން ޖާގަ ހޯދާނެ ކަމެއްނޫން. މިކަމުގައި އިސް ޒިންމާ އުފުއްލަވާ ބޭފުޅުން، މި ރަށަށް ބަލާކަމަށްވަންޏާ، މި ޖަލްސާ ކުރާ މާލަމުގައި އަޅުގަނޑުގެ އަޑު، ދާދި ފަސޭހައިން އިވޭ ހިސާބުގައި ތިޔަ ތިއްބެވީ. މި ފިލާވަޅުތަކަކީ މަންމަގެ އުނގުން ތަރުބިއްޔަތާ ހަމައިން އަންނަ ކަންކަން. މަންމައަށް އެހީތެރިވާން މި ކަންކަމުގައި ތިބީ ބައްޕައިންނާއި ދޮށީ ރައްޔިތުން. އަޅުގަނޑުމެން އެދޭ ކަންކަން، އަޅުގަނޑުމެން ހެޔޮ ނިޔަތުން، އަޅުގަނޑުމެންގެ އެހެން ރަށްރަށަށް އެދޭކަމަށްވަންޏާ އަދި އަޅުގަނޑުމެންގެ ރަށުގައި މިތިބަ ރައްޔިތުންނަށް ބޭނުންވާ ކަންކަން، އެހެން ރަށްރަށުގައި، ހަމަ ދިވެހި އަޚުންނާއި އުޚުތުންނަށް، އަޅުގަނޑުމެން އެދޭކަމަށްވަންޏާ، އަޅުގަނޑުމެން އެންމެބޮޑަށް އިސްކަމެއް ދޭންޖެހެނީ، މި ރަށް ހަމަޖެހުމާއި މަޞްލަޙަތާއެކީ ކުރިއަށް ދިއުމުގެ ރޫޙު އަޅުގަނޑުމެން އަށަގަންނަން ކުރާ މަސައްކަތް.

އަޅުގަނޑުމެންނަށް ހަމަގައިމުވެސް އިޢާދަކުރަން އުނދަގޫވެގެންދާނެ ކަމަކީ، މިހެންހުރި ބޮޑެތި ނަސީބުތައް، މިހެން ހުރި ބޮޑެތި ނިޢުމަތްތައް އަޅުގަނޑުމެންނާ ބީވެގެން ހިނގައްޖެ ކަމަށްވަންޏާ، އެ އަނބުރާ ހޯދުމަކީ ފަސޭހަ ކަމަކަށްނުވާނެކަން. އަޅުގަނޑުމެން މިއަދުވެސް އަޑުއަހާހިތްވާ ފިލާވަޅެއް ގޮތަށް، އަޑުއަހާހިތްވާ ތާރީޚީ ޞަފްޙާތަކެއް އަޑުއަހަމުން، އަޅުގަނޑުމެން މި ދައްކަނީ ބޮޑުތަކުރުފާނުގެ ޖިހާދު، ނޫނީ ޢަލީ ހަވަނައިގެ ޖިހާދު، ނޫނީވިއްޔާ ޢިއްޒުއްދީން ރަދުންގެ ޖިހާދު، މިކަހަލަ ވާހަކަތަކެއް. މިއީ ދުރު މާޒީ. އެކަމަކު މިއީ ކައިރި ޙަޤީޤަތް. މި ޙަޤީޤަތަކީ ދިވެހިރާއްޖެއާ ކޮންމެ ދުވަހަކުވެސް ބައްދަލުވެދާނެ ޙަޤީޤަތެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. ކުރީގައި ހަނގުރާމަކުރާގޮތާއި، މިހާރު ހަނގުރާމައިގައި އިސްކުރާ ހުނަރުތަކާއި އުކުޅުތައް ތަފާތުވެގެން ހިނގައިދާނެ. އެކަމަކު އަބަދުވެސް އަޅުގަނޑުމެންނާ ދޭތެރޭގައި ފާރަވެރިވާ އަޅުގަނޑުމެންގެ އަމިއްލަ ރައްޔިތުންތަކެއް ތިބިކަން، އަޅުގަނޑުމެންގެ ތާރީޚުގައި، ކޮންމެ ޞަފްޙާއަކުން އެ ފިލާވަޅު ހުންނަނީ ނަގައިދީފައި.

ފެބުރުވަރީ އެއްވަނަ ދުވަސް، ތަދުބީރު ކުރި ބަޔަކު ތަދުބީރު ކުރީ އެފަދައިން. އެއީ އަޅުގަނޑުމެން މިއަދު ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކު ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް. އަދި އެ ޙަޤީޤަތާ ދެކޮޅަކަށް، އެކަންކަމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އެއްވެސް އަޑެއް މިހާތަނަކަށް ދިވެހިރައްޔިތުންނަށް އިއްވާފައެއް ނޯންނާނެ. ހައްތަހާވެސް އެކަންކަމުގައި ބައިވެރިވި ކަންކަމާއި، އެކަންކަމުގައި ބައިވެރިވާންޖެހުނު ސަބަބު ބުނެވިދާނެ. އެކަމަކު އެއްވެސް ސަބަބެއް ޙައްޤެއް ނޫން، ޖާއިޒެއް ނޫން، އެފަދަ މުޅި ރައްޔިތުންގެ މައްޗަށް އަތްގަދަކުރުމުގެ ޢަމަލެއް ހިންގާކަށެއް. އެއްވެސް މީހަކަށް އޮތް ހުއްދައެއް ނޫން އެއީކީ. ރައްޔިތުންގެ ކަންކަން ނިންމާނީ އިންތިޚާބަކުން، ރައްޔިތުން ލާ ވޯޓަކުން. ރައްޔިތުންގެ ކަންކަން ނިންމުމުގައި އެއަށްވުރެން ކުރިން، ރައްޔިތުން ބަހެއް ބުނުމުގެ ކުރިން، އެކި ކަހަލަ ނުފޫޒު ހުރި ފަރާތްތަކުން، މަދު ބަޔަކު މެދުވެރިވެގެން މި ދެންނެވި ކަހަލަ ނުރައްކާތެރި ތަދުބީރު ކުރުމަކީ، އެފަދަ ފަރާތްތަކަށް ލިބޭ ޙައްޤެއް ނޫން. އަދި ޚުދު އެމީހުންނަށްވެސް ނޭނގޭކަންނޭނގެ، އެ ދުވަހުގެ ހާދިސާތައް އެމީހުން އެދުނު ގޮތަށް ފުރޮޅިގެން ދިޔަނަމަ، ދިވެހިރާއްޖެ ކިހާ ހިސާބެއްގައިތޯ އޮންނާނީ. ޚުދު އެމީހުންނަށްވެސް ތަދުބީރުކުރަން ޚިޔާލަށްވެސް ނުގެނެވޭކަންނޭނގެ. އަދި އެ ހިސާބަށް ދިވެހިރާއްޖޭގެ ޙާލަތު ދިޔަނަމަ، އެންމެ ފުރަތަމަ، ކަމުން ރެކެން މަސައްކަތް ކުރާނެ މީހުންނަކީވެސް ހަމަ އެމީހުން. ހަމަ އެމީހުންގެ ތެރެއިން ދޮގެއްތޯ އަޅުގަނޑުމެންނަށް އަޑުއިވެމުންދިޔައީ، ބޭރުގެ ލަޝްކަރެއް މިތަނަށް އަރާކަށް، އެކަމުގައި ތިމަންނަ ބައިވެރިއެއްނުވަމޭ. އެއީކީ ތިމަންނަ ތާއީދުކުރާ ކަމެއް ނޫނޭ. އެކަމަކު އެއީ އެމީހުންގެ ތެރޭގައި ކުރެވިފައި ހުރި ޚިޔާލު. އެމީހުންގެ ތެރޭގައި ރޭވިފައި ހުރި ކަންކަން އެއީ. އެހެންވީމާ، ރާއްޖޭގެ ކަންކަން ވޯޓަކާ މިހާ ކައިރިވެފައި، އަދި ރައްޔިތުންގެ ބަހެއް، އެކަމުގައި ބޭނުންވާ ކަންކަން، ތިޔައިން ކޮންމެ ރައްޔިތެއްގެ ޙައްޤަށް އަރައިގެން ބަޔަކު ދިވެހިރާއްޖޭގައި އެބަތިބި. އެއީ އެމީހުން ބޭނުންވާ ދިމާއަކަށް ދިވެހިރާއްޖެ ގެންދަން، މިޞްރާބު ޖަހަން އެމީހުން ބޭނުންވާތީ.

އެހެންވީމާ، މިކަހަލަ ކަންކަމުގައި، ނަތީޖާއަކަށް ވެގެން މި ދިޔައީ، ރައީސް ކުރަންޖެހޭ މަސައްކަތްވެސް، ރައްޔިތުންގެ ތަރައްޤީއަށް ރައްޔިތުން އެދިއެދި ތިބި ކަންތައްތައް ކުރުމުގައިވެސް، ހަމަ ލަސްތަކެއްވެގެންދިޔުން. ތަފާތު އެކި ކަންކަމުގައި އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު ހުއްޓިގެން ދިޔުން. މުޅިން އެހެން ކަމެއްގައި އަޅުގަނޑުމެންގެ ވަގުތުތައް ހޭދަކުރަން، އަޅުގަނޑުމެން މަޝްޣޫލުވާން ޖެހުނު ޖެހުން. އަދި ޚުދު މި ރަށްރަށަށް އައިސް ތިޔަ ބޭފުޅުންނާ މިއަށްވުރެ ގިނައިރު ބައްދަލުކޮށް، މިހެން ދެންނެވިޔަސް މިއަދުވެސް އަޅުގަނޑު މި ޖަލްސާއަށްފަހު، މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުން އެބައޮތް. މި ޖަލްސާގެ އިތުރުންވެސް، ހަމަ ނުރަސްމީ ވާހަކަތައް ދައްކަން. އޭގައި ހަމަ ވަރަށްގިނަ ތަފްޞީލުތައްވެސް، ހަމަ ސުވާލު އައްސަވައިފި ކަމަށްވަންޏާ އަންނާނެ. އެކަމަކު ދަންނަވަން މިއުޅޭ ވާހަކައަކީ، މި ދެންނެވި ހުރިހާ ކަމަކަށް ހިޔަނި އެޅި، އަޅުގަނޑުގެ ދަތުރާއި އަޅުގަނޑުގެ މިޞްރާބާ އޮޅިގެންދާ ހިސާބަށް، ކަންކަން ބަޔަކު ގެންގޮސްފި ނޫންތޯއޭ.

އެހެންވީމާ، އެ ކަންކަމާ ދޭތެރޭގައި، 2018ގެ ރިޔާސީ އިންތިޚާބު، މިއަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ވަޑައިގަންނަވާއިރު، އެއީ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ ކަމެއް. ޤައުމަށް ލިބިފައި އޮންނަ އަމާންކަމަކާއި، ރައްޔިތުންގެ ތެރޭގައި އޮންނަ މަޞްލަޙަތާއި ހަމަޖެހުމުގެ މައްޗަށް މެނުވީ، ރައްޔިތުންގެ އެއްވެސް ކަމެއް ތަރުތީބެއް ނުކުރެވޭނެ. ތަރައްޤީއެއް ނުކުރެވޭނެ. އާމްދަނީ ހޯދާކަށް މަސައްކަތެއް ނުކުރެވޭނެ. މިރަށުންވެސް މިއަދު އަންނަ އިލްތިމާސްތަކުގެ ތެރޭގައި، އަޅުގަނޑަށް ޝައްކެއްވެސްނެތްގޮތުގައި، އަންނާނެ، މި ހިއްކާފައި އޮތް ބަނދަރު ސަރަޙައްދުން ކުރާނީ ކޮން ބޭނުމެއްތޯ. ރީތި ބަނދަރެއް، ބޭނުންހިފޭ ބޮޑު ބަނދަރެއް މިއޮތީ ހެދިފައި. ބޮޑު ބިމެއް މިއޮތީ ހިއްކިފައި. މީގެ ފައިދާ ލިބެން ޖެހޭއިރު، ގެވަޅު ނެގުމުގެ އިތުރަށް، މީގެ އިޤްތިޞާދީ މަންފާ، މިރަށުގެ ކޮންމެ ރައްޔިތަކަށް ލިބެން ޖެހޭނެ. އިޤްތިޞާދީ ގޮތުން ކުރިއަށްދާން އަޅުގަނޑުމެން ކުރާ މަސައްކަތަކަށް ނިމުމެއް ނެތް. އަޅުގަނޑުމެންގެ އުއްމީދަކަށް ވާންވާނީ، މި ދެންނެވި ގޮތަށް ދިޔުމާއެކީ ކުރިއަށް ދިޔުން. އަޅުގަނޑުމެންގެ ޙާލަތު، އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރުން. މިއީ ތުލުސްދޫ އެކަންޏެއްނޫން. މާފުށިވެސްމެ، ގުރައިދޫވެސްމެ. އަދި ގދ. އިން ގައްދޫވެސްމެ. ހއ. އިން އުލިގަމުވެސްމެ. ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ބޭނުން ހުންނަންވާނީ މިގޮތަށް. ދިވެހިރާއްޖެ މިޞްރާބު ޖަހަންވާނީ މިގޮތަށް.

ޒުވާނުންނަށް ވަޒީފާ ނުލިބިފައި ތިބި ބަޔަކަށް ހަތްދިހަ ހަހާސް ވަޒީފާ އުފެދުމުން ނުފުދޭކަން މިއަދުވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ. އެކަމަކު މިއާއެކީ، އަޅުގަނޑުމެންގެ ސުވާލު، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންޖެހޭނީ، ދެން ރައީސް ޔާމީން، އިތުރަށް ތިމަންނާމެން ހޮވައިދީފި ކަމަށްވަންޏާ، ކޮބައިތޯ ދިވެހި އުދަރެހުން ތިމަންނާމެންނަށް ކޮންކަހަލަ އިތުރު ރަނގަޅު ކަންކަމެއްތޯ، ނޫނީ އުޖާލާ ކަންކަމެއްތޯ ފެނިގެންދާނީ؟ އޭގައިވެސް އަޅުގަނޑުގެ ޖަވާބު ހަމަ ވަރަށް ކުރު. ވަރަށް ސާދާ. ދިރުމެއްނެތި، އުއްމީދެއް އަމުދުންނެތި، މާޔޫސްކަންމަތީގައި ގެނބިގެންގޮސް ނޫންތޯ އަޅުގަނޑުމެން ތިބީ. މިއަދު ކީއްވެތޯ މި ރަށަށް އައީމާ، ބަނދަރު ހެދިއްޖެއޭ، ބިން ހިއްކިއްޖެއޭ، ނަރުދަމާ އެޅިއްޖެއޭ، ދެން މިރަށުގެ މަގުތައް ހަދައިދޭށޭ، މިރަށުގައިވެސް ގިނަ ބަޔަކަށް ވަޒީފާ ލިބޭނެގޮތް ހަދައިދޭށޭ. މި ސުވާލުތައް، މި ޚިޔާލުތައް އަޅުގަނޑާ ހަމައަށް މި އަންނަނީ ކީއްވެގެންތޯ. އެއީ މިކަންކަންވެސް ހަމަ ފުއްދައިދޭނީ، މި ރައީސްކަން ދިވެހިރައްޔިތުން މިއަދު ގަބޫލުކުރާތީ.

 މީގެކުރީގައި ނުވެފައި ހުރި ކަންތައްތައް، މިއަދުވެސް އަޅުގަނޑު މިކުރާ މަސައްކަތާ ދޭތެރޭގައި އަޅުގަނޑުގެ އިދިކޮޅަށް ވަކާލާތު ކުރައްވައި، ރައްޔިތުންނަށް ކަންކަން ހޯއްދަވާ ބޭފުޅުން އެންމެ ކަންބޮޑުވުމާއެކީ، ހާސްކަމާއެކީ، އެ ބޭފުޅުންގެ ފިކުރު ހުރިވަރު، އެބަ ހާމަކޮށްދެއްވާ. ހަމަ އެންމެ ޖުމްލައެއް މިކަމުގައިވެސް ދަންނަވާލިޔަދެއްވާ. ރައީސް ޔާމީން ކަންތައްތައް މި ކުރަނީ ހާދަ ބޮޑެތި ދަރަނި، ދެން އަންނަ ބަޔަކާ ހަވާލުކޮށްފައޭ. ކިހިނެއްބާއޭ މި ދަރަނި އަދާކުރާނީ؟ މިއީ އެ ބޭފުޅުންގެ ފިކުރު ހުރިވަރު. މިއީ އެ ބޭފުޅުންގެ ވިސްނުން ހުރިވަރު. ސާޅީސް މިލިއަން ރުފިޔާ، ދައުލަތުގެ ބަޖެޓުން ހޭދަކުރެވެން ނެތިއްޔާ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީން ހޭދަކުރެވެން ނެތިއްޔާ، ލޯނު ނަގައިގެންނަމަވެސް މި ބަނދަރު ނަހަދާ ދޫކޮށްލަން ތުލުސްދޫގެ ރައްޔިތުން މިއަދު ގަބޫލު ކުރައްވާނަންތޯ؟ މިއީ ނޫންތޯ، މިއީ ނޫންތޯ، އަޅުގަނޑުމެންގެ ހާލުގެ ދުލުން އެދޭ ކަމަކީ. އަޅުގަނޑުމެންނަށް ގެއްލޭ ދުވަހަކީ އަނބުރާ ހޯދޭނެ ދުވަހެއް ނޫން. ގެއްލޭ އަހަރަކީ އަޅުގަނޑުމެންނަށް ތަރައްޤީއާއި އަޅުގަނޑުމެންގެ އުއްމީދުތަކާ ދުރަށް 5 އަހަރު ވެދާ ކޮންމެ އަހަރެއް.

އެހެންވީމާ، އަޅުގަނޑުމެންނަށް ކަންކަން ކުރެވެން އޮތްއިރު، ފައިސާ ހޯދައިގެން، އާމްދަނީ ހޯދައިގެން، އާމްދަނީ ހޯދަން އެނގޭ ގޮތަކަށް ހޯދައިގެން، މިކަންކަން ކުރަންޖެހޭ. އެހެންވީމާ، މި ޖުމްލައިންވެސް އެބަ އެނގޭ ދޮގެއްތޯ، އަޅުގަނޑާ މުޤާބަލާ ކުރައްވަން ތިއްބެވި އިދިކޮޅު ބޭފުޅުންގެ ވިސްނުންފުޅު ހުރިވަރު. އެ ބޭފުޅުން އަމިއްލަފުޅަށް އިޢުތިރާފުވެވަޑައިގަންނަވާ ގޮތުން ވެއްޖިއްޔާ، އެ ބޭފުޅުން މި ދަރަނި އަދާކުރާނެ ގޮތެއް، އެ ބޭފުޅުންގެ ޚިޔާލުފުޅަކު ނެތް. އެހެންވީމާ، އެވަރު ކަންކަމާ ހަވާލުވާކަށް އެ ބޭފުޅުންގެ އެ ތަޞައްރުފް ހުރި ކަމަކަށް ގަބޫލެއްނުކުރެވޭ ކަމަށް ދިވެހިރައްޔިތުންގެ ކުރިމަތީގައި އެ ބޭފުޅުން އެ އިއުތިރާފުވަނީ. އަޅުގަނޑުގެ ވިސްނުމަކީ، އަދިވެސް އަޅުގަނޑު ދަރަނި އިތުރުކުރާނަން. އަދިވެސް ދަރަނި އިތުރުކުރާނަން. ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭނަން. ރައްޔިތުންނަށް މަދުވެފައި ހުރި ހުރިހާ ކަމެއް އަޅުގަނޑު ކޮށްދޭނަން. އެކަން އަޅުގަނޑުގެ މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ވިސްނިވަޑައިގަންނަވާވަރަށް ރާއްޖޭގެ އަރި ހުރަހަށް، ހުރިހާ ދިމާއަކުން އެހެރީ ފެންނަން.

މިއާއެކީ އަންނަންޖެހޭ ތަރައްޤީއަކީ މި ދެންނެވިގޮތަށް ނަފްސު ތަރުތީބު ކުރުމުގެ ތަރައްޤީ. ތަރުބިއްޔަތުގެ ތަރައްޤީ. ހަރުދަނާ ކުދިންތަކެއް، ހަރުދަނާ ކުދިންތަކެއް މި ތަރައްޤީއާއެކީ ދިވެހިރާއްޖޭގެ އަމާންކަމާއި، ދިވެހިރާއްޖޭގެ މަޞްލަޙަތާއި، ދިވެހިރާއްޖޭގެ ސިޔާދަތު ވިއްކާނުލާވަރުގެ ދަރިންތަކެއް ތަރުބިއްޔަތު ކުރުން. އަޅުގަނޑުމެންނަށް ދާދި އިހަށްދުވަހު ނަގައިދިން ފިލާވަޅުން، އަޅުގަނޑުމެންނަށް ދަސްކޮށްދިން އެއްޗަކީ، އަތުގައި ފައިސާ ހުރުމަކުން، ސިކުނޑީގައި ޢިލްމާއި ޙިލްމު ހުރުމަކުން، އަދި ޔުނިވަރސިޓީން މަތީ ތަރުބިއްޔަތު ޙާޞިލުވެފައި ހުރުމަކުން، މަސްއޫލިއްޔަތު އަދާކުރާ އެންމެ މަތީ މަޤާމުތަކުގައި ތިބުމަކުންނެއް، އިޚުލާޞްތެރިކަމަކީ އެމީހުން ދަންނަ އެއްޗެއް ނޫންކަން. މި ފިލާވަޅު، ދިވެހިރާއްޖޭގެ މިފަހުގެ ތާރީޚު މި ނަގައިދިނީ.

އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ އެނގޭ، ކޮންމެހެނެއް ބޭރުގެ ކަރަކަރައަށް ޔުނިވަރސިޓީތަކަކަށް ދާކަށްނުޖެހޭ، މި ތަރުބިއްޔަތު ހޯދާކަށް. އެކަމަކު ޝައްކެއްވެސްނެތް، ދުނިޔޭގެ ޢިލްމާއި، ކަންކަން ކުރިއަށްދާނެގޮތް ހޯދުމަށްޓަކައި އަޅުގަނޑުމެން ޖެހޭ، ބޭރު ތަންތަނަށް ދާން. ޔުނިވަރސިޓީތަކަށް ދާން. އެކަމަކު އެންމެ އަސާސީ ތަރުބިއްޔަތު އަޅުގަނޑުމެންގެ ތެރޭގައި ނެތް ވާހަކަ ނޫންތޯ މި ދެއްކެނީ. އެ އަސާސީ ތަރުބިއްޔަތު މި އަންނަނީ އިޚުލާޞްތެރި ބައްޕައަކާއި، އިޚުލާޞްތެރި މަންމައެއްގެ ކުލުނުގެ ތެރެއިން އަންނަ ތަރުބިއްޔަތު އެއީ. އެ ތަރުބިއްޔަތަށް މިއަދު އަޅުގަނޑު ހަމަ ސަމާލުކަން ދޭން ބޭނުންވަނީ. މާއްދިއްޔަތަކީ، ﷲ އެކަން ކަނޑައަޅުއްވާފައިވެސް އޮންނަ ގޮތަކީ ދުނިޔޭގެ ހޭލުންތެރިކަމަށް އުޅޭ މީހުންނަށް އެ މާއްދިއްޔަތު ﷲ ތަނަވަސްކޮށްދެއްވާނެ. އެކަމަކު އިޚުލާޞްތެރިކަމާއެކީ، އިޚުލާޞްތެރިކަމާއެކީ، ގަދައަޅައި މަސައްކަތްކުރާ ބަޔަކަށް ނޫނީވިއްޔާ ﷲ ގެ މަގުގައި ކުރިއަށް ދިޔުމުގެ ތައުފީޤެއް ﷲ މިންވަރެއް ނުކުރައްވާ. މިއީ އަޅުގަނޑުމެންނަށް އެނގޭ ކަންކަން ދޮގެއްތޯ.

އެހެންވީމާ، އަޅުގަނޑުމެންނަށް ނަގައިދިން ފިލާވަޅުތައް މިއީ. މި ފިލާވަޅުތަކުން އަޅުގަނޑުމެން އެންމެ ކުޑަކުޑަ ދަރުސެއް ހޯދާކަމަށްވަންޏާވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، މި ހިސާބަށް ދިޔައީމާ، އަނެއްކާވެސް މިއުޅެނީ ދިވެހި އޮޑީގެ މިޞްރާބު ބަދަލުވާންހެއްޔޭ. ނޫނީވިއްޔާ މި މިޞްރާބުގައި ކުރިއަށް ދިޔުމުގެ ހަކަތަ އަޅުގަނޑުމެންގެ ތެރޭގައި އެބަހުރިހެއްޔޭ. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ވަށައިގެން މިއޮތް ހިންދު ކަނޑަކީ ބޮޑަށް ބިޔަ ރާޅުނަގާ ކަނޑެއް. މި ރާޅުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ އޮޑިދޯނިފަހަރު ޣަރަޤުވާކަށް، ރައްޔިތުންނާއެކީ ޣަރަޤުވާކަށް، އެކަން ބަލާކަށް ތިބޭކަށް އަޅުގަނޑުމެންނަކަށް ފަސޭހައެއްނުވާނެ. އަޅުގަނޑުމެންނަށް ތަންކޮޅެއް ދުރުގެ ހަނދާނަކަށް ވެދާނެކަންނޭނގެ. އެކަމަކުވެސް މިއަދުވެސް ހިންގަވާ ހަނދާން އާކޮށްލަމާ. މީގެ އަހަރުތަކެއް ކުރިން، ދެކުނުގެ ރަށެއްގައި، ގދ. ތިނަދޫގައި އެނަމާ ބޯޓު ބަންޑުން ޖަހާލައި، އެތަކެއް ދިވެހި ލޮބުވެތި ރައްޔިތުންގެ ފުރާނަ ގެއްލުން، މިއަދުވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެނައިމާ، އަޅުގަނޑުމެން ހަމަހިމޭންކަމުގެ ފިޔަވަޅަކަށް އެބަ ގެނޭ ދޮގެއްތޯ. މި ދަންނަވަނީ، ކުރިއަށް އޮތް އިންތިޚާބާއެކީ މި ދެންނެވި ކަހަލަ ބިޔަ ބޮޑެތި ރާޅު ނަގާ ކަނޑެއްގެ ތެރޭގައި، ކިތަންމެ ފައްކާ މާލިމީއަކަސް، ދަތުރުކުރުމުގައި ހުންނާނެ ގޮންޖެހުންތަކުގެ ވާހަކަ މި ދައްކަނީ.

އެހެންވީމާ، އެ ހިސާބަށް އަޅުގަނޑުމެން ދާނީތޯ، އެ ހިސާބަށް ދިޔުމަށް، މީގެކުރިންވެސް ފެނިފައި ހުރި ފިލާވަޅުތަކެއް، އަޖުމަބަލަން އަނެއްކާވެސް އެކަންކަން އިތުރަށް ޚިޔާލުކުރަން، ނޫނީވިއްޔާ އެކަންކަން އަޅުގަނޑުމެންނާ ކުރިމަތިލާން ޖާގަދޭނީތޯ، އަޅުގަނޑުމެން ވިސްނަންޖެހޭ. އަޅުގަނޑުމެންނަށް މިއަދު އުއްމީދުތަކެއް އާލާވެގެން މިއުޅެނީ. އަޅުގަނޑުމެންނަށް މިއަދު އިޙްޞާސްތަކެއް މިއުޅެނީ. އަދި އަޅުގަނޑުމެންނަށް އަތްނުފޯރާ ހިސާބަށް އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ ބޭނުންތަކެއް ގޮސްގެން މިއުޅެނީ. މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ބޭނުންވާ ކަންކަން ކުރެވޭކަން އަޅުގަނޑުމެންގެ ދިވެހިރައްޔިތުންނަށް ގަބޫލުކުރެވުނީމާ. މިއަދުގެ ރައީސް ގަބޫލެއްނުކުރޭ، އަޅުގަނޑު ގަބޫލެއްނުކުރަން، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ރާއްޖޭގައި މި ހަތަރު އަހަރު، ރާއްޖޭގެ އެކި ދިމަދިމާއަށް މިކަންކަން މި ދިޔައީ، އެއީ ބަނދަރެއްވިޔަސް، ނެރެއްވިޔަސް، މަގެއްވިޔަސް، ނަރުދަމާއެއްވިޔަސް، މިކަންކަން މިދިޔައީކީ، އަޅުގަނޑު ގަބޫލެއްނުކުރަން، ރައްޔިތުން ނުކުމެ މުޒާހަރާ ކޮށްގެން، ރައްޔިތުންގެ ބާރު ދައްކައިގެން ކަމަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. ރައްޔިތުންގެ އަޑު އިއްވައިގެން ސަރުކާރުން ކަންކަން ކޮށްދޭ ހިސާބަކަށް ސަރުކާރުގެ ވިސްނުން ގޮސްގެންނުވާނެ. ސަރުކާރަކަށް އިސްވެ އެނގެންޖެހޭނެ، ރައްޔިތުން ބޭނުންވާ ކަންކަން.

އެހެންވީމާ، ރައްޔިތުން ނުޖެހޭ އެކަންކަމުގައި މި ދެންނެވި ގޮތަކަށް އަބަދު މުޒާހަރާ ކުރާކަށް. ރޭދުވާ ނަގާލައި، އަޅުކަން ދޫކޮށްލައި، މިކަންކަން ކުރަން އުޅޭކަށްނުޖެހޭ. އެކަމަކު މިއީ ދާދި އިހަށްދުވަހުގެ މާޒީ. އަޅުގަނޑުމެންގެ ޚިޔާލަށް މި ކަންކަން ނުގެންނަންވީ ކީއްވެގެންތޯ؟ މުޅި ރާއްޖޭގެ އެކި ހިސާބު ހުޅުދާންވެގެންދިޔަ ޚިޔާލު އަޅުގަނޑުމެންނަކަށް ނާދޭތޯ؟ އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެތަކެއް ޒުވާނުން ގޮޅިގޮޅީގައި ބަންދުވެގެންދިޔަކަން، އަޅުގަނޑުމެން ޚިޔާލުކުރާކަށް ބޭނުމެއްނުވޭތޯ؟ މިއީ ހަމަ މިއަދު މި ނަގައިދޭ ފިލާވަޅުތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ޚިޔާލަށް މިއަދުވެސް ގެންނަންޖެހޭ ކަންކަން. އަޅުގަނޑުމެންގެ ޒުވާން ކުދިންނަށް ވިސްނައިދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ޒުވާން ކުދިންނަށް ވިސްނައިދޭންޖެހެނީ، ރާއްޖޭގެ މިޞްރާބު ބަދަލުކުރުމުގައި، ނޫނީ ރާއްޖެ ހެޔޮގޮތުގައި ކުރިއަށް ދިއުމަށް، ކޮންމެ މުޖުތަމަޢަކީ އަމާން ސުލްޙަވެރި މުޖުތަމަޢެއްގެ ތެރޭގައި، މި ބަނދަރުގެ ތަރައްޤީއާއި، މި ބިމުގައި ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ނުކުންނާނީ، މި ތަންތަނަކީ ހަމަހިމޭންކަމާއެކީ ތަރައްޤީއަށް ފެންބޮވާފައި ތިބި ބަޔަކު ތިބޭ ތަނަކަށްވެގެން. އެއްގޮތަކަށްވެސް، މިހާރު ހިއްކާފައި މިއޮތް ތަނުގައި، ކަންކަމެއް ކުރިއަކަށް ނުދާނެ ދޮގެއްތޯ، ހުރިހާ ރައްޔިތުން ނުކުމެ، ކޮންމެ ރެޔަކު އެއްފަހަރު މުޑިނަގައިގެން މުޒާހަރާ ކޮށްގެނެއް. މުޒާހަރާ ކުރާކަމަށްވަންޏާ، އެ ބިމަކު ޖާގައެއް ނޯންނާނެ، އެހެން އިމާރާތެއް ކުރާކަށް.

އެހެންވީމާ، އެއީކީނޫން އަޅުގަނޑުމެންގެ ދިވެހިންނަށް ދަސްވާންވީ ކަމަކީ. އެއީކީނޫން އަޅުގަނޑުމެން ޒުވާނުން ދަސްކުރަންވީ ކަމަކީ. އަޅުގަނޑުމެންގެ ޒުވާނުން މިއަދުވެސް ދަސްކުރަންޖެހޭ ކަމަކީ، ތިޔަ މުޒާހަރާކޮށް، ތިޔަ ހުރިހާ ކަމެއް ކޮށްގެން، ނުއުފެއްދުނު ވަޒީފާތައް، ހަތްދިހަ އަށްހާސް ވަޒީފާގެ ވާހަކަ މި ދެއްކެނީ. އަދި ހަމަ އެހެންމެ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ދުވަހަކުވެސް މިއީ އުޅޭ ބައެއްކަން، އެކުދިންގެ އެ ބުރަ އުފުލާ މަންމަ، ބައްޕަ ފިޔަވައި އެހެން މީހަކު ނުދަނޭ، ނުކުޅެދޭ ކުދިންގެ ޙާލަތެއް. އަދި އެމީހުންނަކީ، ދިވެހި މި ފަސްގަނޑަށް ނޭވާލާ ބައެއްކަމެއް، މި ޖައްވަށް ނޭވާލާ ބައެއް ކަމެއް ދަންނަ ބަޔަކު ނޫޅޭ. އެކަމަކު މި ސަރުކާރުން ދޮގެއްތޯ، އަޅުގަނޑު އިސްކަންދޭ ކަމަކަށްވާތީ، ސަރުކާރުގެ އެކި ކުންފުނިތަކާ ވާހަކަ ދައްކައިގެން، މިދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭ، ނޫން، މިދިޔަ ތިން އަހަރެއްގެ ތެރޭގައި، ނުކުޅެދޭ ކުދިންގެ ތެރެއިން ދުއިސައްތަ ކުދިން އެތިބީ މިއަދު ވަޒީފާގައި. އެކުދިންނަކީ އުއްމީދުތަކެއް ލިބިގެން މަސައްކަތްކުރާ ކުދިންތަކެއް. އެ ކުދިންނަކީވެސް މަތީ ތަޢުލީމު ހާސިލުކޮށްގެން ޝަރަފުވެރިކަމާއެކީ، އާމްދަނީ ހޯދާ ކުދިން ފަދައިން، ހަމަ އެކުދިންނަކީވެސް މިއަދު ނުކުޅެދޭ ކުދިންގެ ގޮނޑިގޮނޑީގައި ތިބެގެން އާމްދަނީ ހޯދާ ކުދިން. ކޮންބައެއްތޯ މީގެ ކުރިން އެމީހުންނަށް އަޅާލީ؟ އެއީ އަޅުގަނޑުމެންގެ ސަރުކާރުގެ މަޝްރޫޢުތަކަކީ، ކުރާ އެއްވެސް ކަމަކުން، އެއްވެސް ބަޔަކު ބާކީނުވެ މަސައްކަތްކުރުން. އެއީ ތަޢުލީމީ ދާއިރާގެ ވިސްނުމަށްވިޔަސް، އަދި ޞިއްޙީ ދާއިރާގެ ސިޔާސަތަށްވިޔަސް އަދި އިޖުތިމާޢީ އޯގާތެރިކަމާއި ރައްކާތެރިކަމަށް ބެލިކަމުގައިވީނަމަވެސް، ކޮންމެ ޢުމުރުފުރައެއް ކުޅެދުނަސް، ނުކުޅެދުނަސް، އެއްވެސް މީހަކު ބާކީނުކޮށް، މުޅި ދިވެހިރައްޔިތުންނަށް އަންނަ ތަރައްޤީއަކީ، އެއްވެސް މީހަކު ބާކީނުކޮށް އަންނަންޖެހޭ ތަރައްޤީއެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ، އެކަންކަން ނިމިގެން އެދަނީ އެގޮތަށް. މިއީކީ މީހުން ކޮށްދޭ ކަންކަމެއް ނޫން. މިއީ ރައީސް ޔާމީން އެކަންކަން ކުރަން ބޭނުންވާތީ، ރައީސް ޔާމީން އެގޮތަށް އެޖެންޑާ ކަނޑައަޅާތީ، ހިނގަމުންދާ ކަންކަން. އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ﷲ ގެ ރަޙްމަތް މިންވަރުކުރައްވާ. ﷲ ގެ ބަރަކާތް އެބަ މިންވަރު ކުރައްވާ. އެއީ ރައްޔިތުންނަށް ހެޔޮއެދިގެން ކުރާ މަސައްކަތްތަކެއް ކަމަށްވާތީ.

އެހެންވީމާ، ކުރިއަށް އޮތް ތަނުގައި ތުލުސްދޫގެ ރައްޔިތުންވެސް، އަދި އެހެން ރަށްރަށުގެ ރައްޔިތުންވެސް ވިސްނައިވަޑައިގަންނަވަންޖެހޭ ކަމަކީ، ތަރުބިއްޔަތާއެކީ، މަޞްލަޙަތަށް ލޯބިކުރުމާއި، ޤައުމާއި އަޅުގަނޑުމެންގެ ފަސްގަނޑުގައި ހަމަޖެހުމަށް އިންތިޒާރު ކުރަމުން، އަޅުގަނޑުމެން ކުރިއަށް ދިޔުމަށް އަދިވެސް އިތުރު މަސައްކަތް ކުރަން. ސަރުކާރަށް ކޮށްދެވޭނެ މަސައްކަތުގެ ތެރޭގައި ރަށްރަށަށް ބޭނުންވާ ބަނދަރު ހެދުން، ނަރުދަމާ، މަގު، މިހެންހުރި ބޮޑެތި ކަންކަން ކޮށްދެވޭނެ. އެހެންނަމަވެސް، އެއާއެކީ ކުރިއަށް ދިއުމުގެ ރޫޙު އެބަޖެހޭ، ކޮންމެ ރަށެއްގެ ރައްޔިތެއްގެ އޮންނަން. ރައްޔިތެއްގެ ހިތުގައި އެކަން އޮންނަން. އެކަމުގައި އިސްނަގައިގެން އެންމެ ކުރީ ސަފުގައި ތިބޭ ބަޔަކަށްވާނީ، މަގުދައްކާ ބައެއްގެ ކައިރީގައި އެންމެ އިސްކޮށް މަސައްކަތްކުރާ ބަޔަކަށްވާނީ، މަސައްކަތަށް ނުކުންނަން ތިބި ޒުވާނުން. އެހެންވީމާ، ޒުވާނުންގެ ތަރުބިއްޔަތު މުހިންމުވެގެން އަންނަނީ. އެހެންވީމާ، މިފަދަ ބިންބިމުގައި ކުރިއަށް ދިޔުމުގެ މަސައްކަތްތަކަށްވެސް ޖާގަ އެބަ ލިބެންޖެހޭ. އިޤްތިޞާދީ ތަރައްޤީ ދޮގެއްތޯ.

މިރަށް ނިންމާފައި، މިރަށުގެ މި މަސައްކަތުގެ އިޙްތިފާލުތައް ނިންމާފައި، އަޅުގަނޑު މިދަނީ މާފުށްޓަށް. މާފުށްޓަކީ މި ދެންނެވި ކަހަލަ އިޤްތިޞާދީ އެތައް މަސައްކަތްތަކެއް ދާތަނެއް. ކުރިއަށް ދިއުމުގެ ރޫޙު އޮތް ތަނެއް. އަދި ކުރިއަށްދާން މަސައްކަތްކުރާ ބަޔަކަށް ﷲ ނަތީޖާ މެދުވެރިކުރައްވާކަން ފެންނަން އޮތް ރަށެއް. އެހެންވީމާ، މިކަންކަމުން އެބަ ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ނަގައިދޭ. އެކަމަކު މި ފިލާވަޅުތައް އަޅުގަނޑުމެންގެ އިސްވެ ތިއްބެވި ބޭފުޅުން އެގޮތަކަށް ނަގައިދެއްވާފައެއް ނެތް. އަބަދުވެސް އެ ބޭފުޅުން ނަންގަވައިދެއްވާފައި ހުރި ފިލާވަޅުތަކުގެ ތެރޭގައި އުޅެނީ، ކޮންމެވެސްކަހަލަ ހަމަނުޖެހުމެއްގެ ތެރެއިން، ހަމަޖެހުމެއް ހޯދަން ކުރާ މަސައްކަތް. މިއީ ކިހިނެއްވާނެ ކަމެއްތޯ؟ ހަމަނުޖެހުން އުފައްދާނީ ހަމަނުޖެހުން. ހަނގުރާމަ އުފައްދާނީ އިތުރު ހަނގުރާމަ. ލޭ އޮހޮރުވުމުން ތަންދޭނީ އިތުރު ލޭ އޮހޮރުވުމަށް. ލޭ އޮހޮރުވުމުގެ ތެރެއިން ހަމަޖެހުމެއް ނާންނާނެ. ލޭ އޮހޮރުވުމުގެ ތެރެއިން ހަމަޖެހުން އަންނަ ކަމަށްވަންޏާ، ފަލަސްޠީނަށް މިހާރު އޮންނާނީ ހަމަޖެހުން އައިސްފައި. އެތަނުގެ ފިދާއިން ކުރާ މަސައްކަތް އަޅުގަނޑުމެންނަށް ކޮންމެ ރެޔަކު ކަހަލަގޮތަކަށް، ދުނިޔޭގެ ޓެލެވިޜަން ސްޓޭޝަންތަކުން އެ ފެންނަނީ. އަމާންކަން ނަގައިލައިގެން ކުރާ މަސައްކަތުގައި ހަމަޖެހުމެއް، އަމާންކަމެއް ނާންނާނެ. ތަންތަން ގޮއްވައިގެން، މީހުން މަރައިގެން މި ކުރެވޭ މަސައްކަތުގައި ހަމަޖެހުމެއް ނާންނާނެ. ކޮންމެ ފުރާނައެއްގެ ފަހަތުގައި، އެ ފުރާނައަކަށް ތާއީދުކުރާ، އެ ފުރާނައެއްދެކެ ލޯބިވާ އެތައް ބައިވަރު ދިރުންހުރި ބަޔަކުވާކަން، މި ދެންނެވި މުޖުރިމުންގެ ޚިޔާލަށް ނާންނާތީ ދެރައީ.

އަޅުގަނޑުމެންގެ ތެރޭގައިވެސް ބޮޑެތި ކުށްތަކަށް އަރައިގަތުމަކީ، އެއްވެސް ކަހަލަ ވިސްނުމެއްނެތި، އަޅުގަނޑުމެން ކުރަމުން އައި ކަންކަން. އެކަމަކު ﷲ ގެ ރަޙްމަތާއެކީ ކޮންމެވެސްވަރެއްގެ ހަމަޖެހުމަކާ ހަމައަށް އަޅުގަނޑުމެންނަށް އެބަ ދެވޭ. ހަމަގައިމުވެސް، ބޮޑެތި ކުށްތައް ކުރާ މިންވަރު މަދުވެގެން ހިނގައްޖެ. އެކަމަކުވެސް ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން، މަދުވި ވާހަކަ ދަންނަވަނީކީ ނޫން. ބޮޑެތި ކުށްތަކަށް މިހާރުވެސް އަރައިގަނޭ. އަދި ބޮޑެތި ކުށްތަކަށް އަރައިގަތުމަށް މަގުފަހިކޮށްދެނީވެސް، ކޮން ބައެއްކަން އެބަ އަޅުގަނޑުމެންނަށް ފިލާވަޅުތަކުން ދައްކައިދޭ. ބަޔަކު ބޭނުންވާ އަމިއްލަ މިޞްރާބަށް ދިޔުމަށްޓަކައި ކޮންމެ ކަމެއް ހެޔޮކަން، ރާއްޖެއަކީ އެމީހުން ކުރާ ކަންތައްތައް ދައްކައިދޭން އޮންނަ ފަސްގަނޑެއްކަން ދައްކަން ޖެހިލުންނުވާ، އެތައް ލީޑަރުންނެއް އަޅުގަނޑުމެންނާއެކީ އެބަ ތިއްބެވިކަން، އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ.

ފެބުރުވަރީ އެކަކުން ނަގައިދިން ފިލާވަޅަކީ، އަޅުގަނޑު މި ދެންނެވިގޮތަށް ދިވެހި ތާރީޚު ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ފިލާވަޅެއްނޫން. އެ ފިލާވަޅުގެ ނުރައްކާތެރިކަމާއި، އެ ފިލާވަޅު ތަދުބީރުކުރި ބައެއްގެ ނުބައި ރޭވުމާއި، އަދި ދިވެހިރައްޔިތުންނާއި މަޞްލަޙަތަށް އެމީހުންގެ ހިތުގައި ކިރިޔާވެސް ކުލުނެއް ނެތްކަން، ކިތަންމެ ރަނގަޅަކަށްވެސް އެއޮތީ ދައްކައިދީފައި. އެހެންނަމަވެސް، މި ތަދުބީރުކުރާ މީހުންނަށްވުރެ، ﷲ ގެ ތަޤުދީރުގައި ކަންކަން ނިންމަވާގޮތް މާމޮޅު ދޮގެއްތޯ. އެކަން މި ދެންނެވި ފާސްތައް ނަންގަވައިގެން ތިއްބަވާ ބޭފުޅުންނަށްވެސް އެނގިވަޑައިނުގަންނަވާކަން އަޅުގަނޑުމެންނަށް އެނގެނީ، އަދި އެ ކިޔަވައިވިދާޅުވި އެއްޗެއް އެއްފަހަރު އެ ހުރިހާ ބޭފުޅުން އެބަ ކިޔަވައިވިދާޅުވާންޖެހޭ. ކިޔަވައިވިދާޅުވާއިރު އެ ބޭފުޅުންގެ ހިތްޕުޅަށް އަންނަ ކަންތައްތައް، އަލުން އެބަޖެހޭ އާކޮށްލަން. އަޅުގަނޑުމެންވެސް ޔުނިވަރސިޓީގައި އުޅުނުއިރު، ބޭރުގައި ކިޔަވަން އުޅުނުއިރު އަޅުގަނޑުމެންގެވެސް ހިތުގައި އަބަދު އޮންނަ ވާހަކައެއް މި ދަންނަވާލަނީ. އަބަދުވެސް ރާއްޖެއަށް އައިސް މަސައްކަތް ކުރާނަމޭ. ރާއްޖޭގެ ޙާލަތު ބަދަލުކުރާނަމޭ. ރާއްޖޭގެ ޙާލަތު ރަނގަޅު ކުރާނަމޭ. އެކަމަކު، ފެބުރުވަރީ އެކެއް ތަދުބީރު ކުރެއްވި ބޭފުޅުން، އެ ބޭފުޅުން އޭރުގައި ވިދާޅުވަމުން ގެންދަވާނެ، ކުރީގައި ކިޔަވާ ވިދާޅުވިއިރު، އެއިން ކޮންމެ ބޭފުޅަކުވެސް އަތުކުރި އޮޅާލައިގެން ތިއްބެވީ ރާއްޖޭގެ ޙާލަތު ބަދަލުކުރަން. ރާއްޖެއަކީ މިއަށްވުރެން ތަނަވަސް، މިއަށްވުރެ ރަނގަޅު ރާއްޖެއަކަށް ބަދަލުކުރަން. އަޅުގަނޑުމެންނަކީވެސް އ.ދ. ގެ ދައުލަތްތަކުގެ ތެރޭގައި ހިމެނޭ ޝަރަފު ލިބިގެންވާ އަބުރާއި ކަރާމާތް ޙައްޤުވެގެންވާ ބަޔަކަށް ހެދުމަށް އެ ބޭފުޅުންވެސް އޭރު ވަކާލާތު ކުރައްވާފައި ހުންނާނީ.

އެކަމަކު، ޝައްކެއްވެސްނެތްގޮތުގައި، މިއަހަރުގެ ފެބުރުވަރީ އެއްވަނަ ދުވަހާ ހަމައަށް އައިއިރު، އެ ހުރިހާ ކަމެއް ހަމަ އެ ބޭފުޅުން އޮޔާލައި ދޫކޮށްލެއްވީ. މި ފިލާވަޅު އަޅުގަނޑު ބޭނުންވޭ، އަޅުގަނޑު ދާ ހަމަ ކޮންމެ ދަތުރެއްގައި، ކޮންމެ ރައްޔިތަކަށް ނަގައިދޭން. އެއީ، މިއީ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ، އަބަދު އަޅުގަނޑުމެންގެ ޚިޔާލުގައި ހުންނަންޖެހޭ ކަމެއް. މި ފިލާވަޅު ނަގައިދިނީމާ އުނދަގޫވާނެ، މި ކަންކަމުގައި އުޅުއްވި ބޭފުޅުންނަށް. އަދި މި ކަންކަމަށް އެއްޗެއް ވިދާޅުވާންވެސް އެ ބޭފުޅުންނަށް ދަތިފުޅުވާނެ. އެއީ އެ ބޭފުޅުންނަށް ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން ދެއްކެވޭނެ އެއްވެސް ކަހަލަ ވާހަކައެއް ނެތީމާ. އެ ބޭފުޅުންނަކަށް ޙައްޤު ލިބިގެންނުވޭ، ދިވެހިރާއްޖޭގެ ކަންކަން، ވަކި ހިސާބެއްގައި އޮތީ ގޯސްކޮށް ކަމަށް ވިދާޅުވެ، އެއްވެސް ކަމެއް ކުރުމުގެ ޙައްޤެއް ނުލިބޭ. ކަންކަން ގޯސްކޮށް އޮތްކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި ތަޙުޤީޤީ އިދާރާތައް އެބަހުރި. އަޅުގަނޑުމެންގެ ތެރޭގައި މައްސަލަ ފައިޞަލާ ކުރެވޭނޭގޮތް އެބައޮތް. އަޅުގަނޑުމެންގެ ތެރޭގައި ހަމަ އެއްވަނަ ދުވަހުގެ ޙުކުމުގެ ކުރިން، އެއަށްވުރެ ވަރުގަދަ ޙުކުމް ގެނެވޭނެ ކޯޓުތައްވެސް އެބަހުރި. ފަނޑިޔާރުންވެސް އެބަތިބި. އެއީ ހަމަ އެ ބޭފުޅުންވެސް ނަންގަވައިދެއްވި ޑިމޮކްރަސީގެ ފިލާވަޅުތަކުން ކަންކަން ތަރުތީބުވެފައި ހުރިގޮތް. އެކަމަކު އެ ބޭފުޅުންގެ ކަމަކާ ޖެހުނީމާ، މުޅި ނިޒާމު އެއްކިބާ ކޮށްލާފައި، މުޅި ނިޒާމު ގާދޫކޮލުން އޮޔާލައި ބޭރަށް އެ ދިޔައީ.

އެހެންވީމާ، މިއީ އަޅުގަނޑުމެން ނަގަންޖެހޭ ފިލާވަޅު. މިއީ އަޅުގަނޑުމެންގެ ޒުވާން ކުދިންނަށް ވިސްނައިދޭންޖެހޭ ފިލާވަޅު. އަޅުގަނޑަށް ހަމަ ޔަޤީން، ޒުވާން ކުދިންގެ ޚިޔާލަކަށް ނާންނާނެކަން. ގެންނާކަށް ފަސޭހައެއް ނުވާނެ، އެރޭގެ ކަންތައްތައް، އެ ތަދުބީރުކުރި ބަޔަކު އެދުނުގޮތަށް ފުރޮޅިގެން ދިޔަނަމަ، އެކަންކަން މެދުވެރިވެގެން ދިޔަނަމަ، ދިވެހިރާއްޖެ ކޮންކަހަލަ ނުރައްކަލަކަށްތޯ ކުރިމަތިލާނީ، އެމީހުންގެ ޚިޔާލަކަށް ނާންނާނެ. އެހެންވެގެން އެ ފިލާވަޅު ނަގަންޖެހެނީ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަދި ތިޔަބޭފުޅުންނާ ވަކިން ބައްދަލުކޮށްލުންވެސް އެބައޮތް. އަޅުގަނޑު ހަމަ ނިންމާލަމުންވެސް ދަންނަވަން އޮތް ވާހަކައަކީ އަޅުގަނޑުމެންގެ ހުރިހާ ދިވެހިންގެވެސް ކުރިއަށް ދިޔުމުގެ ރޫޙު އެބައޮތޭ. ހުރިހާ ދިވެހިންވެސް އަމާންކަމާއެކީ، ޞުލްޙަވެރިކަމާއެކީ، އަޅުގަނޑުމެން ރަށްރަށުގައި ދިރިއުޅެން ބޭނުންވެޔޭ. މި ރަށްރަށަށް އަންނަން ބޭނުންވާ ތަރައްޤީ، ހަމަ ކޮންމެ ރަށަކުން އަޅުގަނޑުމެންނާ ހަމައަށް އަންނާނެ.

އެކަމަކު އެއާއެކީ، ޒުވާނުންނަށް ބޭނުންވެފައި ހުރި ކަންކަމާއި، ވަޒީފާއާއި، ފައިސާގެ ތަނަވަސްކަން އަންނާނެ ކަމަކީ، އަޅުގަނޑުމެން އަބަދުވެސް އުއްމީދުކުރާ ކަންކަމޭ. އެއް ދުވަހަށްވުރެ އަނެއް ދުވަހު. އެއް ދުވަހު އަޅުގަނޑުމެންގެ ހާލަތު ހުރިވަރަށްވުރެ، އަނެއް ދުވަހުގެ ހާލަތު ރަނގަޅުވުމަކީ، އެއްވެސް މީހަކު ނޭނގި ދޫކޮށްލާނެ ކަމެއްނޫން. މިކަންކަމުގައި ކުރިއަށް ދެވޭނީ، މިކަންކަން މި ދެންނެވި ގޮތަށް ބައްޓަން ކުރާނެ ސިޔާސަތުތަކެއް ކަނޑައަޅާނެ ބަޔަކަށް ޖާގަ ލިބިގެން. އަދި ސިޔާސަތުތައް ބައްޓަންކުރަން ކަނޑައެޅިފައި ހުރިގޮތް، މިދިޔަ ކުރު ތާރީޚުގެ ތެރޭގައި، އަޅުގަނޑުމެންގެ ޚިޔާލަށް ގެނައުމަކީ، ވޯޓު ފޮށްޓާ ހަމައަށްދާއިރު، އަޅުގަނޑުމެން ހަމަ ކޮންމެ ދިވެހިރައްޔިތަކު ޚިޔާލަށް ގެންނަންޖެހޭ ސަބަބު.

އަޅުގަނޑު މި ދެންނެވި ބައެއް ދާއިރާތައް، އެނޫން އެހެން ދާއިރާތަކުގެ ވާހަކަ، އަޅުގަނޑުގެ މި ދަތުރުމަތީގައި އުޅޭއިރު، އެކި ރަށްރަށުގައި އަޅުގަނޑު ދައްކަން ޚިޔާލު އެބަކުރަން. އެހެންނަމަވެސް، ހަމަ ދަންނަވާލަން ބޭނުންވަނީ، މިއިން ކޮންމެ ކަމަކީ ދިވެހިރައްޔިތުން ހޭލުންތެރިކުރުވަން، ނޫނީވިއްޔާ މިހާރު ތިބި ހިސާބުން އިތުރަށް ހޭލުމަށްޓަކައި އަޅުގަނޑު އެ ބޭފުޅުންނަށް ހަނދާންކޮށްދޭން ބޭނުންވާ ކަންކަން. ﷲ ގެ ރަޙްމަތާއި ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާއިރު، އަޅުގަނޑުމެންނަށް މި ދެންނެވި ކަހަލަ ޢުމްރާނީ ތަރައްޤީއާއެކީ އަޅުގަނޑުމެންނަށް ކުރިއަށްދެވޭނެ. އެކަމަކު އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަންޖެހެނީ ކޮންމެ މީހެއްގެ އަޚްލާޤު ރަނގަޅު ކުރުމަށާއި، އަދި އަޅުގަނޑުމެން މުޅި ރައްޔިތުންނަށް އެދޭ ކަންކަމަކީ ޞުލްޙައާއި މަޞްލަޙަތާއެކީ ކުރިއަށްދާން ކުރާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެންގެ ހިތުގައި ކަނޑައަޅައިގެން. އަޅުގަނޑުމެންގެ އެއްވެސް މީހެއްގެ އަމިއްލަ އެދުމެއް ބޮޑުވެގެނެއްނުވާނެ، މުޅި ރާއްޖޭގެ މަޞްލަޙަތާއި ޞުލްޙައާއި އަމާންކަމަށްވުރެ. އެހިސާބަށް އަޅުގަނޑުމެންގެ ވިސްނުން ދާކަމަށްވަންޏާ އެހެރީ އަލުން މަގަށް އެނބުރެން ޖެހިފައި ކަމަށް، ހަމަ ކޮންމެ ރައްޔިތަކުވެސް އެމީހަކަށް ވިސްނައިދޭން އެބަޖެހޭ. އެއީ މިއީކީ ވަކި ޢުމުރުފުރައަކަށްނޫން. ވަކި ނަސްލަކަށް، ވަކި ޙަސަބަކުން އައި މީހަކަށް ވާތީކީނޫން. އަދި މިއީކީ ވަކި ފެންވަރެއްގެ ތަޢުލީމު ހުރި މީހަކަށް ވާތީކީނޫން. މިއީ އަޅުގަނޑުމެންގެ އަސާސް. އަޅުގަނޑުމެންނަކީ، އިންސާނުންނަކީ، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން އުޅެންޖެހޭ ބަޔަކަށްވާތީ. މިއީ އަޅުގަނޑުމެންގެ އަސާސް. ކޮންމެ މީހަކުވެސް އުޅެން ޖެހޭނީ، ހުދޫދު ކުރެވިފައި އޮތް ހިސާބެއްގެ ތެރޭގައި. އަނެކާގެ ޙައްޤުތަކަށް އިޙްތިރާމު ކުރުމާއެކީ، މަސައްކަތް ކުރަންވާނީ. އެކަންކަން ނުކުރެވޭތީ، އެކަންކަން ކުރުވުމަށްޓަކައި ބާރު އެޅުވުމަށްޓަކައި އަޅުގަނޑުމެން ހަމަ މި ޤާނޫނުތައް ހަދައިގެން ހިންގޭތޯވެސް މި ބަލަނީ. އެއީ އެންމެންގެ ރައްކަލަކަށްޓަކައި.

ތުލުސްދޫގެ މި ޒިޔާރަތް ނިންމާލާއިރުވެސް، ތުލުސްދޫގެ ރައްޔިތުންނަށް އަޅުގަނޑު އެދެނީ، ހުރިހާވެސް ކުރިއެރުމެއް. އަދި ތިޔަބޭފުޅުން އަޅުގަނޑާ ދޭތެރޭ ތިޔަ ބެހެއްޓެވި ޝައުޤުވެރިކަމާއި އަދި ކުރިއަށް އޮތް މުސްތަޤްބަލުގައި އަޅުގަނޑަށް ތިޔަ ދެއްވާ ތާއީދު، އަޅުގަނޑުގެ ޚިޔާލަށް އެބަ ގެންނަން. އަދި އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަންވަން.

ހަމަ އެއާއެކުވެސް އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ތިޔަބޭފުޅުންގެ ރަށުގައިވެސް އިތުރު މަސައްކަތް ކުރަންޖެހޭ ދިމަދިމައިގައި މަސައްކަތް ކޮށްދެއްވާށޭ. އަދި ތިޔަބޭފުޅުންގެ ރަޙްމަތްތެރިން، ރައްޓެހިން ތިބޭނީ ތުލުސްދޫގައި އެކަންޏެއްނޫނޭ. ތުލުސްދޫގައިވެސް މިހާރުވެސް ހިޖުރަ ކުރައްވައިގެން މިއުޅުއްވާ ރިނބުދޫގެ ބޭފުޅުންވެސް އެބަ އުޅުއްވާ. ރިނބުދޫ ރައްޔިތުންވެސް އެބައުޅޭ. އެހެންވީމާ، އަޅުގަނޑުމެންގެ ފިކުރުތައް މާލެއާ މިހާ ކައިރީގައި އޮންނައިރު، ރާއްޖޭގެ އެކި ހިސާބުގައި މީހުން ދިރިއުޅޭއިރު، ހުރިހާ ދިމާއަކަށްވެސް އަޅުގަނޑުމެންގެ މެސެޖުތައް ގެންދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މި މަސައްކަތަކީ ދިވެހިރާއްޖޭގެ ޙައްޤުގައި، ދިވެހި ޤައުމުގެ ޙައްޤުގައި، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތުގެ ޙައްޤުގައި، އިސްލާމްދީނުގެ ޙައްޤުގައި، އަޅުގަނޑުމެން އެންމެން ކުރަންޖެހޭ މަސައްކަތެއް ކަމަށް އަޅުގަނޑުމެން އެބަޖެހޭ ޢަޒުމު ކަނޑައަޅަން. އެކަން ކަނޑައަޅަން ވަކިން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އަނެއްކާވެސް ދަންނަވާނީ، ފެބުރުވަރީ އެއްވަނަ ދުވަހު އެ ހިންގީ ނުބައި އުދުވާނީ ކަންތައްތައް.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ފައިތިލަތައް ސާބިތުކުރައްވާށި! ﷲ ގެ ރަޙްމަތާއި ބަރަކާތް، އަޅުގަނޑުމެންގެ މި މަސައްކަތްތަކުގައި މިންވަރު ކުރައްވާށި!  

والسّلام عليــكم ورحـمــة اللّـه وبـركاتـه.