މިދިޔަ އާދީއްތަ ދުވަހުގެރޭ މާލޭގައި ކުއްޖަކު މަރާލުމާ ގުޅިގެން، އެ ޢަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި، އެފަދަ ކަންކަން ހުއްޓުވުމަށް އަޅުއްވަންވީ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ބެހޭގޮތުން މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދެއްވުމަށް މިހާރުން މިހާރަށް އެޅެންހުރި ފިޔަވަޅުތައް އެޅުއްވުމަށް ނިންމެވިއެވެ.

މިއަދުގެ ޖަލްސާގައި، ޞިއްޙީ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ޤައުމީ ނިޒާމުގެ ދަށުން ހިންގަވާ ”މަދަނަ“ ޕްރޮގްރާމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި މިހާރު މިޕްރޮގްރާމް ހިނގަމުންދާ ގޮތުގެ ތަފްޞީލު، ވަޒީރުންގެ މަޖިލީހުގެ ދެން އޮންނަ ޖަލްސާއަކަށް ހުށަހެޅުއްވުމަށާއި، އެއަށްފަހު މި ޕްރޮގްރާމަށް ގެންނަވަން ފެނިވަޑައިގަންނަވާ ބަދަލުތަކަކީ ކޮބައިތޯ ބައްލަވައި، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ނިންމެވިއެވެ.