ކަޅުވަކަރު މިސްކިތް، ރަސްރަނި ބަގީޗާ، (ކުރީގެ ސަލްޓަން ޕާކު) ސަރަޙައްދުގެ ތެރޭގައި ބެހެއްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ، ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ވަޢުދުވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭކަމެކެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކުރިން ބޭއްވެވި ކެބިނެޓްގެ މަސައްކަތު ބައްދަލުވުމުގައި، ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުއްވުމާ ގުޅެގޮތުން ކުރެއްވި މަސައްކަތްތަކުގެ ތަފްސީލު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ  ފަންނީ ބޭފުޅުން ކެބިނެޓް މިނިސްޓަރުންނާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، އެ މިސްކިތުގެ ޚާއްޞަކަމާއި، މިސްކިތް އަލުން ބަހައްޓާނެ ތަނެއް ކަނޑައެޅުމުގައި ވިސްނުން ގެންގުޅުއްވި ކަންކަމާއި، މިސްކިތް އަލުން ބެހެއްޓުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ފަރާތްތަކުން ދެއްވި މަޝްވަރާއާއި، ކަމާބެހޭ ފަންނީ ތަޖުރިބާކާރުން ދެއްވި ލަފައާއި، ޢާންމުންގެ ޚިޔާލު ހޯއްދެވުމަށް ބޭއްވެވި ބައްދަލުވުމުގެ ތަފްޞީލު ފަންނީ ޓީމުން ދެއްވިއެވެ.

ކަޅުވަކަރު މިސްކިތް، ރަސްރަނި ބަގީޗާ، (ކުރީގެ ސަލްޓަން ޕާކު) ސަރަޙައްދުގެ ތެރޭގައި ބެހެއްޓެވުމަށް މި ނިންމެވީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން މި ކުރެއްވި މަސައްކަތްތަކާއި، ކެބިނެޓުގެ ވަޒީރުންނާ ޙިއްޞާ ކުރެއްވި މަޢުލޫމާތުތަކުގެ މައްޗަށާއި، އަދި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ފާޅުކުރެއްވި ޚިޔާލުފުޅުތަކާއި ރައީސަށް އެރުވި ލަފާފުޅުތަކުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ.

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަވާނީ، އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކު، އަދި ބޭނުންވާ ފަރާތްތަކަށް ޒިޔާރަތްވެސްކުރެވޭ ތަނެއްގެ ގޮތުގައި، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ފަދަ ގޮތަކަށެވެ.

ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައިފައި ހުރި، ފާރުތައް ހިރިގަލުން ހަދައި، ބިންވަޅު ނަގައިފައި ހުރި މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ 1779މ. އިން 1799މ. އަށެވެ.

ކަޅުވަކަރު މިސްކިތަކީ އެތައް ޚާއްޞަކަމެއް އެކުލެވިގެންވާ އެހެން މިސްކިތްތަކާ ޚިލާފު މިސްކިތެކެވެ. މުޅިން ކަޅުވަކަރާއި ހިރިގާ ބޭނުން ކޮށްގެން ހަދާފައި ހުރި އެވަރުގެ ދެވަނަ މިސްކިތެއް މުޅި ރާއްޖޭގައި ވެސް ނެތެވެ. މިސްކިތުގައި ބޭނުން ކޮށްފައި ހުރި ލިޔެލާ ޖެހުމުގެ މަސައްކަތް ރަމްޒު ކޮށްދެނީ ދިވެހީންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމެވެ.