ސިއްޙަތަށް ރަނގަޅު ނޫން ބާވަތްތަކާމެދު ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ އިތުރުކުރުމުގެ ވަޢުދުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފުތިތާޙުކޮށްދެއްވައިފިއެވެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، މި ހަރަކާތްތައް އިފްތިތާހު ކޮށްދެއްވުން އޮތީ މިއަދު ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ސިއްޙަތަށް ރަނގަޅު ނޫން ބާވަތްތަކާމެދު ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ އިތުރުކުރުމުގެ ވަޢުދުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން، އެ ހަރަކާތްތަކަށް ލަފާދިނުމަށް އެކުލަވައިލައްވާފައިވާ "ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު" ގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މެންބަރުކަމުގެ ލިޔުން ހަވާލު ކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، މިއަދު އިފްތިތާހު ކޮށްދެއްވި ޕްރޮގްރާމްގެ ދަށުން ހިންގާ ހަރަކާތްތަކަކީ، މީގެ ކުރީގައި ދިވެހި ސަރުކާރުން ހޭދަ ނުކުރާ ވަރުގެ ހޭދައެއް ކޮށްގެން ކުރިއަށް ގެންދަވާ މުހިންމު މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ. އަދި، މިފަދަ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކޮށް، އެކަމުގެ ނަތީޖާ ނެރެވޭނީ އެންމެހައި ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިހާތަނަށް ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޮޑު ހޭދައެއް ކުރަންޖެހިފައި އޮންނަނީ ސިއްހަތަށް ރައްކާތެރި ނުވެވި، ދިރިއުޅުމުގައި ނުރަނގަޅު އާދަތައް ހަރުލާފައި ހުރުމުންކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަ ކުރެއްވިއެވެ. އަދި މިކަން ބަދަލުކުރުމަށްޓަކައި ޅަފަތުގައި ކުދިން ހޭލުންތެރި ކުރުވުމުގެ މުހިންމު ކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން މި ޕްރޮގްރާމް ކާމިޔާބު ކަމާއެކު ހިންގުމުގައި ޤައުމުގެ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ.